ރަނީން ފަތިހު ހޭލައިގެން ފަތިސްނަމާދުކޮށްލައިގެން އިރުކޮޅަކު ޤުރުއާން ކިޔަވާލަން އިނެވެ. ބެލްކަންޏަށް ނުކުތްއިރު ފަޖުރުގެ ފަނޑުއަލިން ދުނިޔެ އަލިކޮށްލާފައިވެއެވެ. އޭނަ ކާކޮޓަރިއަށް ވަދެފައި ކާއެއްޗެއް ތައްޔާރުކޮށްލަން ބަލައިލިއިރު ފްރިޖްގައި މާގިނަ އެއްޗެއްނެތެވެ. ޕާނެއްވެސް ނެތެވެ. އެކަނި ކޮފީއަކާއި ބިސްކޯދު ކާލައިގެން އޭނަ ތައްޔާރުވެގެން ނުކުތްއިރުވެސް މުޅިގެ އޮތީ ނިދާލާފައެވެ. ލިފްޓުން ފޭބިގޮތަށް މަޑުމައިތިރި ހިނގުމެއްގައި ދިޔައިރު އެތަނުގައި ތިބި ފިރިހެނުންތަކެއް ބަލަން ތިއްބެވެ. ރަނީން ގަޑިއަށް ބަލާލާފައި ފިޔަވަޅުތައް އަވަސްކޮށްލިތަނާ ދާދި ކައިރިން ކާރެއް ބަރުގޮނު އަޅާލުމުން މޫނު އަނބުރާލީ އެއީ ކާކުކަން ނޭގިފައެވެ.

"ގެޓް އިން. ނައު.. ޔެލޯ އެލާޓް ނެރެފަ އޮތީ.........." ކާރުގެ ބިއްލޫރިތައް ތިރިއަށް ޖައްސާލައިގެން ލިވާން ބޯ ކުޑަކޮށް ނެރެލާފައި ހީލުމުން ރަނީންއަށް އެ ވަރުގަދަ ބުމަ ފާހަގަވިއެވެ. ފަހަތު ސީޓުގައި ފޯނާއި ކުޅެން އިން މީރާ އިސްއުފުލާލާފައި ހިނިގަނޑެއް ޖަހައިލާފައި ރަނީން އަރަން އިޝާރާތްކޮށްލިއެވެ. ރަނީން އަރާ ދޮރު ލައްޕާލާއިރަށް ވާރޭގެ ބޮޑެތި ތިކިތައް ކާރަށް ހަމަލާދޭންފެށިއެވެ.

"ނިންނި، ލިވާން މަންސޫރުއާއި އާއި އަނގައިން ނުބުނައްޗޭ، ހީ ޑަޒް ފްލާޓް ވިދް އެވްރީ ގާލް އަންޑަރ ދަ ސަން......." މީރާ ގެ ވާހަކަތަކުން ރަނީން ހިނި އައެވެ. އަރައިރުންވާވަރުން ދެބެން ބާވައޭ ހިތަށް ނާރާވަރެއް ނޫނެވެ. ހޮސްޕިޓަލާއި ހަމަޔަށް ފޯރަންދެން ދެބެންގެ ބަހުގެ ޙަމަލާތައް ބަދަލުކުރެވުނެވެ. މީރާ ކާރުގެ ދޮރުފަތް ލައްޕާލީ އެހާ ބާރަށެވެ. ރަނީން ކުޑަކޮށްލަދުގަތެވެ. އޭނަގެ ކުރިމަތީގައި އެގޮތަށް ކަންތައް ކުރުމުން ލިވާން ލަދުގަންނާނެކަން ޔަގީނެވެ.

"ނިންނި، ދާނަޝް ވައިބަރއަށް އެޑްކުރިންތަ؟ "މީރާ އަހައިލިއެވެ.

"ނޫން ވީގޮތަކީ...." ރަނީން އެއްޗެކޭ ބުނަން އުޅުމުން މީރާ ފޯނު އަތުލާފައި ދާނަޝްގެ ނަމްބަރު ރަނީންގެ ވައިބަރއަށް ލާދިނެވެ. ރަނީން ހާސްވާގޮތްވިއެވެ. މިތާ ސީނިއަރ ޑޮކްޓަރެއްގެ ފަހަތުން އަޅުވައިގެން އޭނަ ބަދުނާމްވެއްޖެއްޔާ ވާނެގޮތެއް ނޭގެއެވެ. ދާނަޝް ދުރުން ފެނުނަސް އޭނައަކީ ކިހާވަރެއްގެ މީހެއްކަމާއި މިޒާޖު އެނގެނީއެއް ނޫނެވެ.

"ހީ ޕްރިޓެންޑް އޭނަ ގާލްސްއިންނާއި ލައިކްނުވާކަމަށް، ނިންނި ފެއިލްވެއްޖެއްޔާ އަހަރެން އެކަން ގަބޫލުކުރާނަން......" މީރާ ނުވީތާކަށް މެސެޖެއްވެސް ކޮށްލައިފިއެވެ. ރަނީން މީރާގެ އަތުން ފޯނު ޖަހައިގެންފާ ދަބަހަށްލުމުން މީރާ ދެލޯ ބޮޑުކޮށްލިއެވެ.

"ލުކް މީރާ، މިހެން ބުނަން ދެރަވެސްވޭ، އެކަމަކު އަހަރެން....އަހަރެން ލޯބިވާ މީހެއް ހުރޭ...." ރަނީން އަށް މަޖުބޫރުވީ އޭނަގެ ހިތް ވަނީ ހުހަށްނޫން ކަން އަންގާދޭށެވެ. ފޮރުވަން ހަދައިގެން ފަހުން ކުރިމަތިވެދާނެކަމަކާއިމެދު އޭނަ ޖެހިލުންވެއެވެ.

މީރާމެން އޭރު ކައުންޓަރާއި އަރާހަމަވަނީއެވެ. ސިކުންތުކޮޅަކަށް ލަސްވުމެއްނެތި އޭނަ އެހެން އެކުވެރިންނަށް އެ ޚަބަރުދިނުމުން ހުރިހާކުދިން ރަނީންއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

"ތިގޮތަށް ދެލޯބޮޑުކޮށްފައި ބަލާނެކަމެއްނެތޭ، އޭނަ އަހަންނާއި ރުޅިވެއްޖެ، އެކަމަކު އަހަރެން އަދިވެސް......" ރަނީން ގޮނޑިއެއްގައި ޖައްސާލިގޮތަށް ފުން ނޭވަޔެއް ދޫކޮށްލިއެވެ.

"އަދިވެސް ހާޓްބްރޭކްއިން ސަލާމަތް ނުވެފަތަ ނިންނި....." މީރާ ވާހަކަ ދައްކާގޮތުން ހީވަނީ ލޯބީގައި ގިނަ ތަޖުރިބާ ލިބިފައިވާ ފަރާތެއް ހެންނެވެ. ރަނީން ކުޑަކޮށް ބޯ ޖަހައިލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

"އިޓްސް އޯކޭ ނިންނި، އަހަރެންވެސް ނުބުނާނަން ދެރަނުވާށޭ، އެމީހެއްގެ މަތިން ހަނދާން ނައްތާލާށޭ، އެއީ ކިހާ އުދަގޫވާނެކަމެއްކަން އިހުސާސްކުރެވޭ، ނުބުނާނަން ބައިވަރު ފިރިހެނުން އެބަތިއްބޭ، އަޅާނުލާށޭ، ލޯބިވެރިޔާ ގެއްލުމުން ތިފަދަ އިހުސާސްތައް ކުރެވުމަކީ ނޯމަލްކަމެއް، އެކަންތައް ހަނދާން ނައްތާލަން ވަގުތު ނަގާފާނެ، އިޓްސް އޯކޭ އެކަމަކު ނިންނި އެހެން ކަމަކާއި އުޅުނީމަ މާޒީ ހަނދާން ނައްތާލުން ފަސޭހަވާނެ، މިއީ ސީރިޔަސްކޮށް ކުރަންވީކަމެއް ނޫން، ދާނަޝްގެ ހިތް އޮތްގޮތެއް ބަލާލަން ބޭނުންވަނީ، އޭނަ ގޭއިއެއް ނޫންކަން ދުނިޔެއަށް އަންގަން އަހަރެން ބޭނުމީ....." މީރާގެ ވާހަކަތައް އަޑުއަހަމުންގޮސް އެންމެ ފަހު ޖުމްލަ އަހާފައި ރަނީން ހަށިގަނޑު ތެދުކޮށްލާފައި މީރާގެ މޫނަށް ބަލަންފެށިއެވެ.

"ވަޓް؟ އިޒް ހީ ގޭއި؟ " ރަނީން ހީވީ ބިރެއް ފެނިގެން އުޅުނުހެންނެވެ.

"ނޮޕް......ޔެސް، އެކްޗުއަލީ ވީ އާރ ނޮޓް ޝުއަރ، އެހެންވެ މިބުނަނީ ނިންނި އެކަން ޔަގީންކޮށްދޭށޭ، ދާނަޝްއާއިހެދި އުޅޭ އެއްވެސް އަންހެންކުއްޖަކު އޭނައަށް ކަމުދާކަމަކަށް ނުވޭ، އެންމެންދެކެ ހޭޓްކުރޭ. އައި ފައިންޑް ދެޓް އަޔަނިކް އަންހެނުންނަށް އެލާޖިކްވާ މީހަކު އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށްވީމަ ........." މީރާ އިނީ ތުން ވަށްކޮށްލައިގެންނެވެ. ދާނަޝް އަންހެނުންގެ ޑޮކްޓަރަކަށް ވީ ސަބަބު އެންމެ ރަގަޅަށް އެނގެނީ މީރާއަށެވެ. އެކަމަކު އެހެން މީހަކާއި އެކަން ހިއްސާކުރާކަށް އޭނަ ބޭނުމެއްނޫނެވެ.

"މީރާ އުޅެންވީނު....." ރަނީން އަށް ލޯބީގެ ކުޅިގަނޑެއްގައި ބައިވެރިވާކަށް ނުކެރޭނެއެވެ. އޭނަގެ ވަޒީފާއާއިމެދު ވިސްނަން މިއަދު ޖެހިފައިވެއެވެ.

"އައި ފެއިލްޑް...." މީރާ ޖެހިލުމެއްނެތި ބުނެލިއެވެ.

"މީރާއަށް ނުވިކަމެއް އަހަންނަކަށް ނުވާނެ..." ރަނީން އެއްބަސްވާގޮތެއްނުވިއެވެ.

"ބުރުގާ އަޅާކުދިންދެކެ އޭނަ ވަރަށް ރުޅިއާދެޔޯ، އެހެންވީމަ ކޮންމެހެންވެސް ޖެހޭނެ އޭނަގެ ހިތް އަނބުރުވާލަން. ލައިކް ދިސް......" މީރާ ރަނީންގެ ފޯނު ނަގާފައި މެސެޖެއްކޮށްލުމުން ރަނީން އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. މީރާ ކުރާ ކަމަކާއި ދެކޮޅުހަދަން އޭނަ ބިރުގަނެއެވެ. އެހެންކުދިންވެސް މީރާދެކެ ޖެހިލުންވެއެވެ. އޭނަގެ ނުފޫޒުގަދަކަމާއި އޭނަގެ ބައްޕައަކީ ޑޮކްޓަރ މަންސޫރުއަށް ވުމުން އެކުއްޖާ ކުރާކަމަކާއި ފާޑުކިޔާ މީހެއްނެތެވެ. އޭރު އަދި ދާނަޝްއަކީ މަންސޫރަށް ބޮޑުބޭބެ ކިޔާ ޒުވާނެއްކަން އަދި ރަނީންއަށްވަނީ ނޭގިފައެވެ. އޭނައަށް އެކަން އޮޅުން ނުފިލާތީ އެހެން ކުދިން ބުނެނުދިނީ ގަސްތުގައި ރަނީން ލައްވާ ދާނަޝްއަށް ލަނޑެއް ދޭންވެގެންނެވެ.

ރަނީންއާއި މީރާގެ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުން އައެވެ. މީރާ އެންމެ ފޯރި ހުންނަނީ ޕާޓީކުރުމާއި އިނގިރޭސި ސިލްސިލާ ބެލުމަށެވެ. ލަވަކިޔަން އެހާވަރު ހުރެއެވެ. އޭނަ ބުނާގޮތުން ގޭގައި ޕިއާނޯއެއް ހުރެއެވެ. މޫޑު ހުންނަ ގޮތަކުން ލޯބީގެ ލަވައެއް ނޫނީ ހިތާމަވެރި ލަވަވެސް ކިޔަން އޭނަ ލޯބިކުރެއެވެ. ދޭތެރެއަކުން ދަބަސްހުޅުވާލައިގެން ލިޕްގްލޮސް ޖައްސާލާ ނޫނީ އަތުގައި ލޯޝަން ހާކާލާނެއެވެ. އަބަދު އޭނަ ހުންނަނީ ރީތިވެލައިގެން މީރުވަސް ދުއްވާލައިގެންނެވެ.

ރަނީންއާއި މީރާއަށް އެއް ކްލާހެއްގައި ކިޔަވަން ދިމާވީ އިއްތިފާޤުންނެވެ. ދެކުދިން ކޮލެޖްގެ ގޯތިތެރޭގައިވާ ބެންޗެއްގައި ޖައްސާލައިގެން ތިބިއިރު މީރާ އާދައިގެ މަތިން ހުއްޓާނުލާ އަނގަތެޅިއެވެ.

"ނިންނި އުޅެނީ އާންޓްއަކާއި އެކީގަ؟ އާންޓް ރޫމްގަ، އޯ އެމްޖީ ކިހާ ޓަފްވާނެ، އެއްވެސް ޕްރައިވެސީއެއް ނޯވޭ ދޯ، ބުނަން؟ ނިންނި އަހަރެމެންގެ ގެއަށް ޝިފްޓްވާންވީނު، ގެ ބޮޑުކަމުން ގިނަ ކޮޓަރިތައް ހުންނަނީ ފަޅަށް، ނިންނިއަށް މިތަންވަރުގެ ކޮޓަރިއެއް ލިބިދާނެ، ފްރިޖްގައި ޗޮކްލެޓް ބަރާވެފައި އޮންނަނީ، ކާނެ މީހެއް ނުވެފަ......ޔޫ ނޯ....." މީރާ ވާހަކަދައްކަމުން ދިޔައިރު ކައިރީގައި ތިބިކުދިން ތިބީ ފޫހިވެގެން ހަލާކުވާވަރުވެފައެވެ. މުއްސަދިކަން އިޢުލާން ނުކުރިޔަސް އެއީ މަންސޫރުގެ ދަރިއެއްކަން ހުރިހާ ކުދިން ދަނެއެވެ. މަލާމާތުގެ ނަޒަރަކުން ބަލަން ތިބިކަން އެނގުނީ ރަނީންއަށެވެ.

"ސޮރީ ތިގޭގަ ހުންނާކަށް ނުކެރޭނެ....." ރަނީން ހީލިއެވެ.

"އޯކޭ އޯކޭ ތިހާ ފިނޑިވަންޏާ، ޓެރެސް އޮންނާނެ ހުހަށް، އެތާ ހުންނާނެ އަރާމުކޮށް ނިދާލެވޭ ކައުޗަކާއި އުނދޯއްޔެއް، ކުޑަ ގާޑަންއެއްހެން ހީވާނީ، ނޫނީ ޓެރެސްގައި އޮންނަން ނުކެރެންޏާ ބޭސްމެންޓްވެސް އަރާމުވާނެ، އައި ކެން ގެޓް ޔޫ އެ މެޓްރެސް........" މީރާ ހިނިގަނޑެއް ޖަހައިލިއެވެ. މީރާދެން ފާޑު ކިޔަންފެށީ ކޮލެޖްގެ ކަޑަކަމުގެ ވާހަކައެވެ. އެޢާއިލާ ޔޫކޭގައި އުޅުނުއިރު އެތަންތަނުގެ ހިތްފަސޭހަކަމުގެ ވާހަކައެވެ. އެކުދިން ބެންޗުގައި ތިއްބާ އައި ބާރު ވަޔާއިއެކު ގަހުގައި ދޮންވެފައިވާ ފަތްތައް ފައިބަން ފެށުމުން މީރާ ޚަރީފު މޫސުމްގައި އެމީހުން ކުރާކަންތައްތަކުގެ ވާހަކަ ކިޔަންފެށިއެވެ. އޭނައަތުގައި ޚަރީފު މޫސުމްގައި ނަގާފައިވާ ފޮޓޯތައް ހުންނާނެކަމަށް ބުނެ ރަނީންއަށް ފޮޓޯތައް ދެއްކިއެވެ. އެހެން ކުދިން ދުރުގައި ތިބެ ސިއްރު ސިއްރުން މީރާއަށް މަލާމަތްކުރިވަރު އެނގުނީ ރަނީންއަށެވެ. މީރާއެކަން ދެނެހުރިކަމެއް ނޭގެއެވެ. ނޫނީ ގަސްތުގައި އޭނަ ނޭގޭކަމަށް ހެދިގެން ހުންނަނީއެވެ. މީރާގެ މިޒާޖު ދަސްކުރަން ހާދަ އުދަގުލެވެ. އެހެން ތިބެފައި ރަނީންއާއި މީރާ އެތެރެއަށް ވަންނަންވެގެން ދިޔަތަނުން އިޒްޔަން ނުކުމެގެން އަންނަތަން ފެނިފައި ރަނީންގެ ހިތް ފުންމާލަފާނެހެން ހީވިއެވެ.

"ވާއު، ސަޅިކަން......"މީރާއަށް ބުނެވުނެވެ. އެސިކުންތުކޮޅުގެ ތެރޭގައި މީރާ ހިތުތެރޭގައި ރާވާލީ ކޮންފަދަ ކަމެއްވެސް ނޭގެއެވެ. އިޒްޔަންއާއި އަރާހަމަވެފާ އިޒްޔަންގެ ގައިގާ ޖެހިގަތީ ގަސްތުގައި ކަން އެނގުނީ އެކަނި ރަނީންއަށެވެ. މީރާގެ އަތުގައިވިހާ ފޮތްތަކާއި ފައިލްގައިވާ ކަރުދާސްތައް ވެރި އެކި ދިމާލަށް ވިއްސައިގެންދިޔައެވެ. އިޒްޔަންއާއި މީރާއަށް ފޮތްތައް ނަގަން ގުދުވެވުނީ އެކީގައެވެ. ރަނީންއަށް އެމަންޒަރުން ހިތަށްވީ އުދަގުލާއިއެކު މީރާދެކެ ރުޅިއަންނަ ގޮތްވިއެވެ. ހުރިހާ ފިރިހެނުންނާއި މީރާ ބެހުނަސް އެންމެ ރަގަޅެވެ. އިޒްޔަންއަކީ އޭނަގެ މީހެކެވެ. އިޒްޔަންއަށް މީރާ ބަލައިލާކަށްވެސް އޭނަގެ ހިތެއް ނުރުހުނެވެ.

"ސޮ....ސޮރީ...." މީރާގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއްވިއެވެ.

"އިޓްސް އޯކޭ.....ހައި ރަނީން..." އިޒްޔަން ތެދުވެފައި ރަނީންގެ މޫނަށް ބަލައިލުމުން ރަނީންގެ މޫނު ރަތްވެގެން ދިޔައެވެ. އުޑުމަތި ބަނަކޮށް އޮތަސް އެތަން އަނދިރިއެއް ނޫނެވެ. އޭނަގެ މޫނަށް ވެރިވި ކުލަވަރު އިޒްޔަންއަށް ނުފެންނަހާ ބަނައެއް ނޫނެވެ. ކުޑަ ކުޑަ ހިނިތުންވުމެއް ތުންފަތަށް ވެރިވާން އުޅެފައިވެސް ރަނީން ތުންފަތް ފިތާލާފައި މީރާއަށް އެހީވާން އުޅުނެވެ. އޭރު އިޒްޔަން ގޮސް އަވަދިވެއްޖެއެވެ.

"ހީޒް އެ ޓީޗަރ......އެކްޗުއަލީ އެ ޕްރޮފެސަރ...." ރަނީން ބުނެދިނެވެ.

"ބުނެނުދިނަސް އަހަންނަށް އެނގެޔޭ، ޑްރެސްކޮށްފައި ހުރިގޮތުން އެނގޭ. އެންޑް ހީ ލުކްސް ސޯ އިންޓެލިޖެންޓް އަދި ސްމާޓް، ލޮލަށް ފެނުމާއެކު އެޑްމަޔާ ކުރެވިއްޖެ....." މީރާ ފޮތްތައް އެއްކޮށްލާފައި މޭގައި ޖައްސާލަމުން އިޒްޔަންއާއި ދިމާލަށް ބަލަންހުރީ އެހެން ކުދިން ދެކޭނެ ގޮތަކާއިމެދު އެއްވެސް ފަރުވާލެއްނެތިއެވެ. "ކޫލް" ވާންވެގެން އުޅުނަސް ބޮޑުވަރެވެ. ނޫނެކެވެ. މިފަހަރު އޭނަ އިޒްޔަންއަށްޓަކާ އެއްވެސް ކުއްޖަކާއި ހަސަދަވެރިވެ ހިތްނުބައެއް ނުކުރާނެއެވެ. އިޒްޔަންއަކީ އޭނަގެ ޙައްޤެއްކަން އިޒްޔަންވަނީ ސާބިތުކޮށްދީފައެވެ. އެއީ ނަތާލީގެ މީހެކެވެ. އިޒްޔަން ލޯބިކުރަނީ އޭނައަށްވުރެ ދުވަސްވީ އަންހެނުންނަށެވެ. މީރާވެސް ފޫނެތް ފަޔަށް ފެން ފުރަފުރާފައި ނުވެގެން ހުއްޓާލާނެއެވެ. މީރާ ކިތަންމެ ރީއްޗަސް އެއުޅޭގޮތަކުން ދާނަޝް ފޫހިވީގޮތަށް އިޒްޔަންވެސް ރުހުމުގެ ލޮލަކުން ބަލައެއް ނުލާނެއެވެ. ވީއިރު އޭނައަކަށް ބިރެއް ނެތެވެ.

ހުކުރުދުވަހު މީރާ ރަނީންއަށް ގުޅާފައި އެގެއަށް އަންނަން ދަޢުވަތު ދިނުމުން ދާން ކިޔާފައި ރަނީންގެ ޚިޔާލު ބަދަލުވިއެވެ. ލިވާންއާއި ދިމާވެއްޖެއްޔާ ޖެއްސުންފަށެއް ކޮށްލާނެއެވެ. އަދި ޑޮކްޓަރ މަންސޫރުގެ ކުރިމައްޗަށް ދާން ރަނީން ޖެހިލުންވެއެވެ. އެއީ އިޙުތިރާމް ކުރެވޭ ފަރާތެކެވެ. އަދި މުއްސަދިންގެ ދިރިއުޅުމަށް އޭނަ އެހާ ފިޓްކަމަކަށް ރަނީން ނުދެކެއެވެ. މީރާ ގުޅާފައި ނޭވާއަކަށް ހުއްޓާނުލާ ބަވާލިއެވެ. އޭނައާއިއެކު ފިލްމެއް ބަލަން ދަޢުވަތު ދިނީމަ ނައިކަމަށްޓަކާ ދުވަހަކު މާފު ނުކުރާނެކަމަށާއި ގުޅުން ކެނޑުނީކަމުގައި ބުނީ ނިކަން ސީރިޔަސްވެލާފައެވެ. ޒުހާއާއި ލީޒާއާއި އެކީގައި އައިސްކްރީމާއި ޕޮޕްކޯން ކައިގެން އަރާމުކޮށް ބިރުވެރި ފިލްމެއް ބަލަނީކަމަށް މީރާ ބުނެލިއެވެ. ރަނީން އާއި ރަހުމަތް ތެރިކަން ކެނޑުނީކަމަށް ބުނެ ފޯނު ކަނޑާލުމުން ގަބޫލުނުކުރެވިފައި ބަލަން އިނދެވުނެވެ. ރަނީން އިނީ ކުޑަކޮށް ދެރަވެފައެވެ.

"މީރާ މީންކޮށްފައި ކަން ނޭގޭ އެބުނީ....." ރަނީން ދެރަވެގެން މާފަށް އެދެން ގުޅާލާއިރަށް މީރާ ލައިން ބިޒީކޮށްލުމުން ސީރިޔަސްވީ މިންވަރު އެނގި ރަނީން ހިތުގާ ޖެހުނެވެ. އެހާ އެކުވެރިކޮށް އުޅޭކުދިން އެހާ ފަސޭހައިން އޭނައާއި ރުޅިވަނީ ކީއްވެހެއްޔެވެ؟ މީރާގެ ދުޝްމަނަކަށްވެ ހުރެ އެތާ މަސައްކަތްކުރުން ފަސޭހައެއް ނުވާނެއެވެ. ރަނީން ތައްޔާރުވެލާންފެށިއެވެ. މޫނުދޮވެލާފައި މޮއިސްޗަރައިޒަރ އެއް އުގުޅާލުމުން މޫނު ވިދަންފެށިއެވެ. ޚިޔާލެއްގެތެރޭގައި ހުރެ ތައްޔާރުވެގެން ގޮސް އޭނަ ލިފްޓަށް އަރަން ބަލައިލިއިރު ކަރަންޓެއްނެތެވެ.

"ޑޭމިޓް، މުޅިންވެސް ބޭޑް ލަކް....." ރަނީން ސިޑިއާއި ދިމާލަށް ހިނގައިގަތްއިރު ކަޅުހެދުމުގެ ފަސްބައި ބިންމަތީގައި ދެމޭހާ ދިގެވެ. އެހެދުން ދިގުކަމުން ނުލާ އޮވެފައި މިއަދު އަލަށް ލީއެވެ. ރަނީން ވިސްނާނުލާ ހުރެ އަވަސް އަރުވާލައިގެން ސިޑިން ފައިބަން އުޅުނުއިރު ހެދުމާއިމެދު ޚިޔާލެއްނުކުރެއެވެ. ދެތިން ހަރުފަތް ކަޑައްތު ކުރެވުނުތަނާ ހެދުމަށް ފައިން އެރިފައި އަރި އަޅާލިގޮތަށް ހަށިގަނޑު މަތައެއް ނުކުރެވުނެވެ. ރަނީން ހަޅޭއްލަވަން އަނގަ ހުޅުވާލިނަމަވެސް އަޑުބޭރެއްނުވިއެވެ. އޭނައަށް ފެނުނީ ބިންގަނޑު އޭނަ އާއި ދިމާލަށް ކައިރިވަމުން އަންނަތަނެވެ. ދެން ވީނުވީއެއް ނޭގުނެވެ.

ޒޯޔާއާއި ނީރާ އެގޭގެ ބެލްކަނީގައި ތިބިއިރު ދެމީހުންގެ ނަޒަރުވެސް ހުއްޓިފައިވަނީ ކުރިމަތިން ފެންނަން ހުރި ދާނަޝްގެ ކޮޓަރިއަށެވެ. ދާނަޝްގެ މާފު ލިބިދާނެކަމުގެ އުއްމީދުގައި އޭނަ ނީރާމެންގޭގައި އުޅޭތާ އަހަރުތަކެއް ފާއިތުވެގެން ދާއިރުވެސް ދާނަޝްގެ ފަރާތުން އިޝާރާތެއް ނުލިބުނެވެ. ފައިރޫޒާ އެގެއިން އޭނަ ނިކަމެތިކޮށް ނެރެލީ މީޝާއަށް ދިމާވި ހިތާމަވެރި އެކްސިޑެންޓްގެ ސަބަބުންނެވެ. އެކަން އެޅުނީ އޭނަގެ ބޮލުގައެވެ. އެދުވަހު އޭނައާއި މީޝާއާއި ދެމެދު ޒުވާބުގަނޑެއް ނުހިނގަނީ އެއް ނޫނެވެ. ނަމަވެސް ފައިރޫޒާ ބުނިހެން އޭނަ މީޝާ ސިޑިން ކޮށްޕާލީއެއް ނޫނެވެ. އޭނައާއި މީޝާގެ ފިރިމީހާ އަކްސަމްގެ ދޭތެރޭގައި އޮތް ގުޅުންވެސް ބޭޒާރުވީއެވެ. މީޝާ އަމިއްލައަށް ކުށް ގަބޫލުކުރަން ޖެހޭނެއެވެ. އަކްސަމްއަކީ ސިއްޙަތު ސަލާމަތުން ހުރި ފިރިހެނެކެވެ. އޭނަވެސް މީޝާއަށް ބޭނުންވާނެއެވެ. އެކަމަކު ބަނޑު ބޮޑުވީމަ އަކްސަމްއާއިއެކު ގުޅުމެއް ބާއްވަން މީޝާ ބިރުގަންނަކަމުގައި އަކްސަމް ބުނީ ޒޯޔާ ގާތުގައެވެ. އަބަދު ދަރިފުޅު ދަރިފުޅު ވެގެން އުޅުނީމަ އެންމެފަހުން އަކްސަމްއަށް ޒޯޔާގެ ފަރާތުން ހިތްހަޖެހުމާއި އުފާ ހޯދަން ބޭނުންވީއެވެ. ޒޯޔާވެސް އޭރު ހުރީ އަކްސަމް އަތު އަޅުވާނުލެވިފައެވެ. ފުރުސަތަކަށް ބަލަ ބަލައެވެ. އަކްސަމްއަކީ މުއްސަދި މަހުޖަނެއްގެ ހުރި އެންމެ ފިރިހެން ދަރިއަކުކަން އެނގުމަށްފަހު އޭނަ ހުރީ ކޮންމެ ހާލެއްގައިވެސް އަކްސަމްގެ ހިތަށް ވެރިވާށެވެ. އެކިގޮތްގޮތުން އިޝާރާތް ކުރަމުންގޮސް އަކްސަމް އޭނަގެ ކޮޓަރިއަށް ގެނެވުނު ދުވަހަކީ ހަޔާތުގެ އެންމެ އުފާވެރި ރޭކަމުގައި ވިއެވެ. އަކްސަމްގެ ކުޅަދާނަކަން އެރޭ ހާމަވިއެވެ.

ނަމަވެސް އެއުފާތައް ލިބުނީ ދުވަސްކޮޅަކަށެވެ. އުފާވެރިކަމުގެ ގަނޑުވަރު ކުދިކުދިވެ ބިމާއި ހަމަވެގެން ދިޔައީއެވެ.

"އިޒް ދެޓް ޔޯރ މަމް؟ " އެ ޖުމްލަ އިވިފައި ނީރާގެ ޒޯޔާ ރެއިލިންގްގައި ބަނޑު އަޅާލައިގެން އޮވެ ގުދުވެލާފައި ބަލައިލިއެވެ. ނާޒްލީ އެގެއަށް ވަތްތަން ފެނިފައި ޒޯޔާ ހުރީ ހުއްޓުން އަރާފައެވެ. ނާޒްލީގެ އަތުގައި ހިފާލައިގެން ހުރީ ކޮން ކުޑަކުއްޖެއް ހެއްޔެވެ؟ ވަގުތުންގޮސް މަންމައާއި ބައްދަލުކޮށްފަ މާފަށް އެދެން ހިތް އެދުނެވެ. ނަމަވެސް ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ އޭނަ މަންމަ ކައިރީ ދެއްކި ވާހަކަތައް ހަނދާންވެފައެވެ. އޭނަގެ ޢާއިލާ ފެނިއްޖެކަމަށް ބުނެ އެތައް ދޮގުތަކެއް ހަދާފައި އަލުން އެމީހުންނާއި ބައްދަލުކުރަން ދާނީ ކޮން މޫނަކާއިގެން ހެއްޔެވެ؟ ފައިރޫޒާމެންނަކީ އޭނަގެ ޢާއިލާ ނޫންކަން ނާޒްލީއަށް އެނގޭއިރަށް ނާޒްލީ އޭނައާއިމެދު ދެކޭނެ ގޮތެއްވެސް ނޭގެއެވެ. މޮޅުތަކެއް ހޯދަން ޢާއިލާ ދޫކޮށްލުމުން މިއަދު އޭނަ މިވަނީ ޙާލުގައި ޖެހިފައެވެ. އެކަނިވެރިވެފައެވެ. މަންމައެއްގެ އޯގާތެރިކަމުން މަޙުރޫމްވެފައެވެ.

"ހޫމް. ނާޒްލީ ކޭކު އަޅަން މަޝްހޫރުވީމަ ފައިރޫޒާއާއި ރައްޓެހިވީ ކަމަށްވާނީ، ފައިރޫޒާ ހިތް މޮޅުކަމުން އެކުވެރިން ގޮތުގައި ހޯދާނީ އެކަހަލަ މޮޅު މީހުން. މިހާރު ޒޯގެ މަންމަވެސް މަޝްހޫރު އަންހެނެއްނު، ހާދަ މީރޭ އެ ކަޕްކޭކުތައްވެސް، މަ ފަލަވަނީވެސް އެކޭކު ކައިކައި..." ނީރާ ބުނެލިއެވެ. ޒޯޔާ ހުރީ މާޔޫސްވެފައިވާ ކަހަލަ ގޮތަކަށެވެ. ދަތްޕިލައިގެ ދޭތެރޭ އިނގިލިލާ ފިތާލައިގެން ހުރެ އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ.

ރަނީން ހޮސްޕިޓަލުގައި އެޑްމިޓްކުރިކަން އެނގުމާއިއެކު މީރާއާއި އެހެން އެކުވެރިން އޭނަގެ ޙާލު ދެކެލަން އައެވެ. އެކުދިން މަޖާކުރަން ތިބެފާ ދިޔުމުން އެކަނިވެރިކަން އިޙުސާސްކުރެވިފައި އޮތެވެ. ބޮޑުދައިތަ މާހިރާ ޢަސުރު ނަމާދަށް ދިޔަގޮތަށް އަދި ޚަބަރެއްނުވެއެވެ. ރަނީންގެ ހިތް ބާރުބާރަށް ތެޅިގަތީ ދޮރުން ވަދެގެން އައި އިޒްޔަން ފެނުމުންނެވެ. ޖިންސަކާއި އަތްދިގު ޓީޝާޓެއްގައި ހުރިއިރު ހާދަ ސްމާޓެވެ. އަތުކުރި އޮޅާލާފައިވުމުން ފިރިހެންވަންތަ އަތްވަނީ ހާމަޔަށެވެ. އޭނަ އެސްފިޔަ ޖަހާލަން ނޭގިފައި އޮތްވާ އިޒްޔަން ގެނައި އޯކިޑްމާ ރަނީންގެ ކައިރީގައި ބާއްވާފައި ހިނިތުންވެލިއެވެ. އަދި ނިކަން ހަމަޖެހިލައިގެން ހުރެ އޭނަގެ އަތުގައި އަޅާފައިވާ ޕްލާސްޓަރުގައި އިނގިރޭސިބަހުން މެސެޖެއް ލިޔުނުއިރު ރަނީން އޮތީ އެސްފިޔަ ޖަހާލަން ނޭގިފައެވެ. އިރުކޮޅެއްވާންދެން އެ ސިޙުރުވެރި މޫނަށް ބަލަން އޮވެފާ ރަނީން އަތް ދަމައިގަންނަން އުޅުނެވެ. އިޒްޔަން ރަނީންގެ ނިތްކުރީގައި އަތް ޖައްސާލިއެވެ. އެލުއި ބީހިލުމުން ހަށިގަނޑުގައި ކަރަންޓުގެ ކުދި ބާނިތަކެއް ދަތުރުކޮށްލިއެވެ.

"ޑޯންޓް ޓަޗް......" ރަނީން ކުޑަކޮށް ދެލޯ އަޅައިލިއެވެ.

"ރިއަލީ؟ އަހަންނަކީ ގާތް މީހެއްކަމަށް މިހާރު ނުދެކެނީތަ؟ "އިޒްޔަން ގަލަން އެއްލާލާފައި ޖިންސްގެ ޖީބަށް އަތްޖަހައިލިއެވެ. އެ ތުންފަތް މަތީގައި ކުރިން ދާއިމަށް ހުންނަ ހިނިތުންވުން ފަނޑުވެ ސީރިޔަސްކަމެއް ފެންނާން ހުއްޓެވެ.

"ފަހަތުން ނާންނާށޭ ބުނީމަ އަންނާކަށް ނުޖެހޭނެ......" ރަނީން ތުންފަތުގައި ދަތްއަޅާލިއެވެ.

"ޔޫ އާރ ރޯންގް، ފަހަތުން އަންނަން ޖެހޭވަރުގެ ކަމެއް ހިނގާފައި އޮތިއްޔާ ނާދެވެންވީ ސަބަބެއްނެތް. އޮނެސްޓްކޮށް ބުނަންޏާ ކެތްނުވާވަރުވެގެން މިއައީ، އެކުއްޖާ ފެނުނުފަހުން އެހެން ކަމަކަށް ކޮންސެންޓްރޭޓް ވާގޮތެއް ނުވޭ، އެއީ ކޮން ކުއްޖެއްތަ ރަނީން، އަހަރެން ބޭނުން ހަގީގަތް އެނގެން. އެއީ އަހަންނާއި ކިހާވަރެއްގެ ގުޅުމެއް ހުރި ކުއްޖެއްތަ؟ " އިޒްޔަން މަޑުމައިތިރިކަމާއިއެކު އަހާލިއިރު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ހަމަހިމޭންކަމާއިއެކު އެކަކު އަނެކަކަށް ބަލަން ތިބި ހިނދުކޮޅެކެވެ. އެތޫނުކަމުން ޚަންޖަރެއްފަދަ ދެލޮލުގައިވި ބާރަކުން ރަނީންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ސާބިތުކަމާއިއެކު ބަލަން ހުރެވުނީ ފަޅި ސިކުންތުކޮޅަކަށެވެ. އެވަގުތު ރަނީންގެ ނޭފަތާއިއެކު މޫނަށް ރަތްކުލަ ފާއްދާލައިފިއެވެ.

ރަނީން އިޒްޔަންއާއި ނަޒަރު ވަކިކޮށްލަމުން ދުރަށް ބަލަންފެށިއެވެ. ތުންފަތުގައި ދަތްއަޅާލިއެވެ. އިޒްޔަން ދެން އެމީހުންނަށް އުދަގޫކުރުމުގެ މާނައެއްނެތެވެ. އޭނަ މަރާލިޔަސް އޭނަގެ ދުލުން ޙަޤީގަތް ހާމައެއް ނުކުރާނެއެވެ. އިޒްޔަން އެދުވަސް ހަނދާންކޮށްދީފައި އެސުވާލު ކުރާ ސަބަބު ރަނީންއަށް ވިސްނުނެވެ.

"އަހަރެން މިވާހަކަ ދައްކަނީ ރަނީން އާ، ބުނޭ. އެއީ އަހަރެންގެ ދަރިއެއްތަ؟ އަހަންނަށްވެސް އެނގޭ އެދުވަހު އަހަރެން ޕްރޮޓެކްޝަނެއް ބޭނުން ނުކުރާކަން......"އިޒްޔަން ޖެހިލުމެއްނެތި ސީދަލަށް އަހާލިއިރު އަޑު މަޑުނަމަވެސް ހަރުކަށިގޮތެއް ހުއްޓެވެ. ހިތާއި ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގެ ސަބަބުން އޭނައަށް ލިބިފައިވާ ހަމަނުޖެހުން މިނޫންގޮތަކަށް ނައްތައެއް ނުލެވޭނެއެވެ. އޭނަ ޙަގީގަތް އެނގެން ބޭނުމެވެ. އިތުރަށް ކެތެއް ނުކުރެވޭނެއެވެ.

"ރަނީން....." އިޒްޔަން ބޭނުންވީ ރަނީންގެ ގައިގާ ހިފާ ތަޅުވައިގަތުމަށެވެ. މިކުއްޖާ ހާދަ ބޮޑާ ހާކާ ގޮތްދޫނުކުރާ ކުއްޖަކަށް ވެއްޖެއެވެ. ރަނީން އަނެއް ފަރާތަށް މޫނު އަނބުރާލީ އިޒްޔަންއާއި ވާހަކަ ދައްކަން ބޭނުން ނުވާކަން އެންގުމަށެވެ. އެހާވަރަށް ލޯބިވިއިރު އޭނަގެ ހިތް ކަތިލާލާފައި ބަދުނާމްކޮށްފައި ގޮސް އަލުން އައިސް ވާހަކަދައްކަން މި އަނިޔާވެރިޔާއަށް ކެރުނީ ކިހިނެއް ހެއްޔެވެ؟ އަދި ޔަނާއާއި ބެހޭގޮތުން ސުވާލުކުރަން ކެރުނުކަމާއިމެދުވެސް ހައިރާން ހީވިއެވެ. އަދި އެއްވެސް ވަސީލަތެއް ބޭނުންނުކުރަމޭ ބުނެލީވެސް އެހާ ހަމަޖެހިފައެވެ. އިޒްޔަންއަށް އެއީ އެއްވެސް ކަމަކަށް ނުވަނީހެއްޔެވެ؟ އެހާ ކައިރިވެފާ އޭނަ އެއްލާލިއިރު އެހިތަށް އެއްވެސް އަސަރެއް ހަމަ ނުކުރަނީ ހެއްޔެވެ؟ އިޒްޔަންއަށް އެނގޭނެ ނަމައެވެ. އިޒްޔަންގެ ލޮލުން ކަރުނަ އަންނާނެއެވެ. ނަސީބަކުން އެވަގުތު އެކުވެރިކުދިން ތަކެއް އައުމުން އިޒްޔަންއަށް ޖެހުނީ އެއްފަރާތް ވެލާށެވެ. އެކުދިން އެތަނުގައި މަޑުކުރަން ނިންމިހެން ހީވުމާއިއެކު ހިތް ނޭދުނަސް އެތަނުން ދާން އިޒްޔަންއަށް މަޖުބޫރުވިއެވެ.

އެކަނިވުމުން ރަނީން އިޒްޔަން ޕްލާސްޓަރުގައި ލިޔެފައިވާ ލިޔުންކޮޅުގައި ފިރުމާލާފައި އެތައް ފަހަރަކު އެޖުމްލަތައް ކިޔާލިއެވެ. ނަފްރަތުކުރަން މަސައްކަތްކުރާއިރުވެސް ހިތުގައިވާ ލޯބި ފޮހެވިގެން ދާގޮތެއް ނުވިއެވެ. ލޯތްބާއި ނަފްރަތު އޭނަގެ ޖަޒުބާތުތަކުން ކުރި އަތުލަން ވާދަކުރާކަހަލައެވެ. މާހިރާ އެތަނަށް އައިސް އޯކިޑްމާ ރީތިވެގެން އުޅުނެވެ. ގެއަށް ގެންދާ ވާހަކަ ބުނުމުން ރަނީންއަށް އުދަގޫވެގެން އެކަމާއި ދެކޮޅު ހަދަން އުޅުނެވެ. ނަސީބަކުން މާހިރާ ފެންފުޅިއެއްގައި މާތައް ޖަހާފައި މޭޒުމަތީގައި ބެހެއްޓިތަން ފެނުމުން ރަނީންގެ ހިތަށް ހަމަޖެހުން ލިބި އެމާތަކަށް ބަލަން އޮވެވުނެވެ. ލޯ ފެންކަޅިވެގެން ދިޔުމާއިއެކު މުތީތަކެއް ފަދައިން ކޯތާފަތް މަތިން ފައިބަންފެށި ކަރުނަތައް ބާލީހަށް ވަންނަން ފެށިއެވެ.

"އިޒްޔަން އެއައީ ކޮންމެހެން ބަލިވީމަ ގިފްޓެއް ދޭ ހިތަކުން ނޫން، އޭނަ ބޭނުންވެގެން އުޅޭ ސުވާލުގެ ޖަވާބު ހޯދަން ވެގެން ދިން އެއްޗެއް. އެއީ ލޯބީގެ ހަދިޔާއެއްނޫން. ޖަވާބު ހޯދަން ޑިމާންޑް ނުކޮށް ތަންކޮޅެއް ރީތިކޮށް އަހާކަށްވެސް ނޫޅުނު. އޭނަގެ ހިތުގައި އޮތް ފީލިންގްސްތައް މިހާރު އެނގިއްޖެ. އައި ހޭޓް ޔޫ އިޒްޔަން. އިޒްޔަންއަށް އެކަން އަންގާދޭނީ ކިހިނެއްތަ، އަދިވެސް އޭނަ ހީކުރަނީ އަހަރެން އޭނައާއި ހެދި މޮޔަވެގެން އުޅޭކަމަށް....." ރަނީން ތުން ފިތާލައިފިއެވެ. ހިތުގައި ރުޅިވެރިކަން އުފެދިގެން ދިޔުމާއިއެކު އޮތްތަނުން ތެދުވެގެންގޮސް އެމާތައް ޑަސްބިނަށް ލާން ހިތަށް އެރިއެވެ. އެމާތަކުގެ އުފާވެރިކަން ލިބޭނީ އެހެން މީހަކަށެވެ. އޭނައަށް ހަރުފައަށްވުރެ އެމާތަކުގެ ވިހަގަދައެވެ.

މާހިރާ ޢިޝާ ނަމާދުކޮށްލައިގެން ތަށިބަރި ހިފައިގެން އައިއިރު ރަނީން އޮތީ ބަނޑުހައިވެ ހާންތިވާވަރުވެފައެވެ. މާހިރާ މޭޒުމަތީގައި ތަށިތައް އަތުރާލުމަށްފަހު ކާންދޭން އުޅުނުއިރު ހިތްހަމަނުޖެހިފައި ހުރެ ނާޒްލީގެ ވާހަކަދައްކަން ފެށިއެވެ. ރަނީންވެސް ދޮންމަންމަ ދެކެ ފޫހިވާގޮތްވިއެވެ. މާހިރާ ނާޒްލީ ކައިރީގައި ރަނީން ބަލިވިވާހަކަ ބުނުމުން ދެކެލަން ނައީ ކިހާ ނުބައި ވީމަ ހެއްޔެވެ؟ މާހިރާ ބުނީ އެ ޢުމުރުގައި ނާޒްލީ މީހަކާއި އިންނަން ނުޖެހޭކަމުގައެވެ. މުއްސަދި މަހުޖަނެއް ފެންނައިރަށް މަރުޙޫމް ފިރިމީހާގެ މަތިން ހަނދާން ނައްތާލާފައި ފައިސާގެ ފަހަތުން ނާޒްލީ ދުވަންފެށިކަމީ ނާޒްލީގެ އުޅުމެއްނެތްކަން ސާބިތުވިކަމެއް ކަމުގައި ބުނެ ނާޒްލީ ކުށްވެރި ކުރިއެވެ.

ފާއިތުވެގެން ދިޔަ އަހަރު ތަކުގެ ތެރޭގައި އިޒްޔަންވަނީ ރަނީންގެ މަތިން މުޅިން ކަހަލަ ގޮތަކަށް ހަނދާން ނައްތާލާފައެވެ. އެދެމީހުންގެ ދޭތެރޭގައި ހިނގި ހާދިސާ ފަނޑު ހަނދާނެއްގެ ގޮތުގައި ހިތުގައި ހަރުލާފައި ވިނަމަވެސް އޭނަ އަލުން އެކުއްޖާއާއި އެފަދަ ގުޅުމެއް ބާއްވާކަށް ބޭނުމެއް ނޫނެވެ. އެހެން އަންހެންކުދިންނާއި ދޭތެރޭ ފަރުވާކުޑަކޮށްލާފައި އޭނަ ސަމާލުކަން ދިނީ ކިޔެވުމަށެވެ. ނަތާލީގެ ލޯތްބާއި އަޅާލުން އަދި އިޙުސާންތެރިކަމުގެ ތެރޭގައި އޭނަ ގެނބި ބޯ ހިއްލާލެވޭވަރު ނުވިއިރު ނަތާލީއަކަށް ވެސް ހިތް ލެނބޭގޮތެއްނުވިއެވެ. އަނބިމީހާއަށް ވީތީ އަދާކުރަން ޖެހޭ ވާޖިބުތައް އޮތީ ރަގަޅަށް އަދާނުކުރެވިފައެވެ. ކުރީކޮޅު ދީވާނާވިޔަސް ފަހުން އޭނަ ނަތާލީގެ ސޫރަ ފެނުނަސް ފޫހިވާގޮތްވެއެވެ. ނަތާލީއާއި ކައިރިވާކަށް ބޭނުމެއްނުވެއެވެ. އެކަމަކު އިޒްޔަން ނަތާލީއާއިއެކު އުޅެން މަޖުބޫރުކުރަނީ އޭނަގެ ދަރިފުޅެވެ. ބައްޕައެއްގެ ލޯބިން ދަރިފުޅު މަޙުރޫމްކޮށްލާކަށް އޭނަ ބޭނުމެއްނުވީއެވެ. ނަތާލީގެ ލޯބީގައި މޮޔަވެގެން ޢާއިލާ ދޫކޮށްލާފައި އައުމަށްފަހު އެހާ އަވަހަށް އިހުސާސްތައް ފިނިވެ ފޫހިވާން ޖެހޭ ސަބަބެއް އޭނަގެ ވިސްނުމަކަށް ނާދެއެވެ. ބައެއްފަހަރު އޭނަގެ އޮންނަނީ ދެހިތް ބާވައޭ ހިތަށް އަރާފަހަރު އާދެއެވެ.

އިޒްޔަން ފެންވަރާލައިގެން ނުކުތްއިރު ބެލްކަންޏަށް އޮތީ ނިކަން ރީތިކޮށް އަވި ދީފައެވެ. އެކަނި ޖިންސްގައި އެތަނަށް ނުކުތުމުން އެރީތި ހަށިގަނޑަށް ރަންކުލަވެރިވިއެވެ. ޓޭންވެލާފައިވާ ވަރުންނާއި މަސްތައް އެތުރިފައިވާގޮތުން ފިރިހެންވަންތަކަން ފުރިހަމަކޮށްދީފައިވެއެވެ. ނަތާލީ ފަހަތުން އައިގޮތަށް ބައްދާލުމުން އިޒްޔަން އެނބުރުނުގޮތަކުން އޭނަ ވިއްސައިގެން ނުދިޔައީ ކިރިޔާއެވެ. ނަތާލީ އިޒްޔަންގެ ގައިގާ ފިރުމަންފެށިއެވެ.

"އަހަރެން އަންހެނަކަށް ބޭނުމެއްނުވޭ، ކިތައްފަހަރު ބުނާނީ........." އިޒްޔަން ނަތާލީގެ އަތް ދުރަށް ލީގޮތަކުން ނަތާލީގެ ހިތަށް އަސަރުކުރިއެވެ. މިހާ ފާޅުކަން ބޮޑުގޮތެއްގައި އިޒްޔަން މިނޫނީ އޭނަގެ އިޙުސާސްތަކުގައި ކޮޅުފައިން ޖަހާފައެއް ނުވެއެވެ. ނަތާލީ އަޑުއިވުނުކަމަށް ނަހަދާ އަދިވެސް ބޮޑަށް އިޒްޔަންއާއި ކައިރިވެލިއެވެ. މިފަހަރު އިޒްޔަން އޭނަގެ އަތްދުރުކޮށްލީ ހަރުކަށިކަމާއި އެކުގައެވެ. ނަތާލީ ގަތްލަދާއިއެކު ރުޅިވެރިކަމުގެ އިޙުސާސްތައް ހިތުގައި ހޭލައިގަތެވެ.

"އިޒް، އެހެން އަންހެންކުއްޖަކު ފެނުނީތަ؟ "ނަތާލީގެ ހިތަށް ކިތަންމެ ވަރަކަށް އަސަރުކުރިޔަސް އޭނަ އެކަން ނުދައްކަން މަސައްކަތްކުރިއެވެ. ހިތް ފަޅައިގެން ގޮސްދާނެހެން ހީވިއެވެ. އޭނަ އެހާވަރުން އިޒްޔަން ހިފަހައްޓަން މަސައްކަތްކުރާއިރު ނާކާމިޔާބުވަނީ ކީއްވެހެއްޔެވެ؟ އިޒްޔަންއަށް އެހެން އަންހެނަކު މިވަރުގެ ޤުރުބާނީއެއް ވެދާނެހެއްޔެވެ؟ އިޒްޔަންއަށް މިހާވަރަށް ލޯބިދޭނެ އެހެން އަންހެނަކު މި ކައުނުގައި ނުވާނެކަން އޭނަ ބުނެދީ ވަރުބަލިވާވަރުވެއްޖެއެވެ.

ކޮމެންޓް 0