ރަނީން ފިހާރައަށް ވަދެފައި ހަރުގަނޑުގައި ހުރި ސެންޓްފުޅިތަކަށް ބަލަމުން ދިޔައީ ޝައުގުވެރިކަމާއި އެކުގައެވެ. އެންމެފަހުން އަތް އަރްމާނީ ކޯޑު ސެންޓް ފުޅީގައި އަތް ޖައްސާލެވުމާއިއެކު އެރީތި ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ އިޒްޔަންގެ މަތިން ހަނދާންވެފައެވެ.

"އިޒްމަތިން ހަނދާންވާވަރު އެނގޭނެނަމަ. އިޒްއާއި ގުޅުން ހުރި އެއްޗެހިދެކެވެސް ލޯބިވެވެން މިފެށީ......." ރަނީން ހިތާހިތުން ކިޔާލިއެވެ. ރަނީންގެ ގައިގާ ޖެހޭ ހިސާބުގައި މީހަކު ހުއްޓުނުހެން ހީވެފައި ރަނީން އެމީހެއްގެ މޫނަށް ބަލާލުމާއިއެކު އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނެވެ. އެއީ އޭނަގެ މަންމަ މަތިން ހަނދާންވާ ފަދަގޮތެއް ހުރި ސްޓައިލިޝް އަންހެނެކެވެ. ލުއިކޮށް މޭކަޕްކޮށްލާފައިވާ ގޮތާއި ހެދުން އަޅާފައިވާގޮތްވެސް މާބޮޑު ތަފާތެއްނެތެވެ. ދެ ބީރައްޓެހިންނަށް ވިޔަސް ހަތަރުކަޅި ހަމަވި ސިކުންތުކޮޅުގައި ރަނީން ކުޑަކޮށް ހީލިއެވެ. ރަނީންއަށް އެވަގުތު ރޭކާ ނުލީ މިއީ އޭނަ އެމީހެއްގެ ލޯބީގައި ދީވާނާވެފައިވާ އިޒްޔަންގެ ލޯބިވެރިޔާ ނަތާލީ ކަމެވެ.

"މަންމަގެ ރިލޭޓިވްއަކަށްވެސް ވެދާނެ، އެއީ ކާކުތަ؟ ކުޑައިރު ވަރަށް ރީތި މީހަކަށްވާނީ، އިޒްއަށް މީނަ ފެނިއްޖެއްޔާ ލައިކްވާނެކަން ނޭގޭ، މިކަހަލަ މީހުން އަހަރެންގެ ލޯތްބަށް ތްރެޓަކަށް މިވަނީ، އިޒް އަހަރެންދެކެ ލޯބިވާނެނަމަ، އަހަންނާއި ރައްޓެހިވާނެނަމަ، މިހާރު އަބަދު ހުންނަން މިޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައި. ފެންނަ ކޮންމެ އަންހެންކުއްޖަކީ ވާދަވެރިއެއްކަމަށް ދެކެވެނީ، އެހެންވާންވީ ކީއްވެތަ؟ ހިތަށް ނާރާހާ ގޮތްގޮތް މިހިރަވަނީ....... " ރަނީން ތުންފަތުގައި ދަތްއަޅާލައިގެން ހުރެ ވިސްނާލިއެވެ.

ރަނީން އެއްކޮށްފައިވާ ފައިސާއަށް މިފަހަރު ސެންޓް ފުޅި ގަނެލީ އިޒްޔަންގެ އަރްމާނީ ކޯޑަށްވެސް ހިތް ކިޔާފައިވާވަރުންނެވެ. އިޒްޔަން ބޭނުންކުރާ ކޮންމެ އެއްޗެއްވެސް ރަނީންއަށް އެހާ ޚާއްސަވެފައިވެއެވެ. ރަނީން ފައިސާ ދައްކާފައި ނުކުމެގެން އަންނަމުން އެނބުރި ބަލައިލިއިރު ނަތާލީ ހުރީ ރީތިވާ ސާމާނު ހުރި ބައިގައެވެ.

"އަހަރެން ރިޗްނަމަ ލަންޑަނަށް ނޫނީ ޕެރިހަށް ޖައްސާލާނީ. އެކަމަކު މިހާ މުއްސަދިފާޑު ޖަހާ މީހަކު މިތާގައި ޝޮޕިންކުރާތީ ހައިރާންވެއްޖެ، އަހަރެން މުއްސަދިކަމެއްވެސް ބޭނުމެއްނޫން، އަހަރެންގެ ހެޕިނެސް ގުޅިފައިވަނީ އެކަނި އިޒްއާއި، އިޒް ލިބިއްޖެއްޔާ އެހެން އުފަލަކަށް ބޭނުމެއްނުވާނެ، ކީއްވެ އިޒް އެންމެ ފަހަރަކުވެސް މިހިތުން ނުފިލަނީ، އަބަދާއަބަދު އިޒް އަހަރެންގެ ސިކުނޑިއަށް ވެރިވެގެންފައިވަނީ އެކަމަކު އިޒްއަށް އެކަމެއް ނޭގޭތަ؟" ރަނީން ދުވާރުމަތިން ހިނގާލާފައި ދިޔައިރުވެސް ހުރިހާވެސް ޚިޔާލަކީ އިޒްޔަންއެވެ.

އިޒްޔަން ނިކީވިލާއަށް ދިޔަގޮތަށް ނަތާލީ ފެނުމާއިއެކު އުޅެގަތްގޮތުން ހީވީ ލޯބީގައި ދީވާނާވެފައިވާ ހެންނެވެ. އިޒްޔަންގެ އެ މޮޔަކަން ނަތާލީގެ ހިތަށް ބުނަން ނޭގޭފަދަ ފިނިކަމެއް ގެނެސްދިނެވެ. ދެމީހުން ކޮފީ ހަދައިގެންގޮސް ބެލްކަނީގައި ވާހަކަދައްކާލަން ތިބިއިރު އިޒްޔަންވަނީ ނަތާލީއާއި ދުވަހަކު ވަކިނުވާނެކަމަށް އެތައް ވަޢުދެއްކޮށްފައެވެ. ވީހާ އަވަހަކަށް ކައިވެނިކުރަންވެސް އޭނަ ވަޢުދުވިއެވެ. އެކިވާހަކަތަކެއް ދެކެވެމުންގޮސް އިޒްޔަންގެ ޢާއިލާއާއި ބެހޭގޮތުން ނަތާލީ ވާހަކަދައްކަން ފެށިއެވެ.

"އިޒްގެ މަންމައާއި ބައްޕަ ވަކިވެގެން ދިޔައީތަ؟ އެހާވަރުން އުޅެފައި އެހެން ހަދާކަށް ނުވާނެ...." ނަތާލީ މާނަވީ ހިނިތުންވުމަކާއިއެކު ބުނެލިއެވެ.

"ނަތާއަށް ބައްޕަ އެނގޭތަ؟ "އިޒްޔަން ސިހިފައި އަހާލިއެވެ.

"އެނގޭނެއްނު. އިޒްގެ މަންމައާއި ބައްޕައަކީ ޤަރުނުގެ ލަވްސްޓޯރީ، ހެހެ......." ނަތާލީ ބުނެލިއެވެ.

"ލައިކް ރޯމިއޯ ޖޫލިއަޓްތަ؟ " އިޒްޔަން ހީލިއެވެ.

"އެއަށް ވުރެ ކުރީގައި އުޅުނީ، އެފެމިލީ މީހުންނާއި އެކަށީގެންނުވާ އަންހެންކުއްޖަކަށްވީމަ ނާޒްލީއާއި ގަބޫލުނުވެގެން އުޅުނުއިރުވެސް ބައްޕަ ފަހަތުން ދުވާ ސުއިސައިޑްވާން އުޅެ ކަންތަކެއް ހުރި، އަދި އޭރު އެންމެ ރީތި ކަޕްލްއަކީވެސް އެއީ، ތިބުނާ ރޯމިއޯއަށްވުރެ އިޒްގެ ބައްޕަ ފިރިހެންވަންތަވެފައި ޗާމިން މީހެއްވީމަ އަންހެންކުދިންނަށް ވަރަށް ކަމުދިޔަ، އޭނަގެ ޗާލަކީ ކަމުގައި ޖެހިގެން ކިތަންމެ އަންހެންކުދިންނެއްގެ ހަޔާތް ބަރުބާދުވާނެކަމާއިމެދު ޝައްކެއް ނެތް....." ނަތާލީ މަޑުމަޑުން ބުނެލިއެވެ.

"އަހަންނަށް އަދިވެސް ބައްޕައަކާ ބައްދަލެއްނުވޭ، އެނގޭހާވެސް އެއްޗަކީ އެއީ ބައްޕަގެ ނަން، އަދި އެއީ މާލޭ މީހެއްކަން، ބައްޕައަކީ ކާކުކަން އެހުން އަހަންނަށް މުހިއްމު ނުވެފައި ހުރެ އެހީމަވެސް މަންމަ ބުނާކަށް ބޭނުމެއްނުވި......" އިޒްޔަން ނަތާލީގެ މޫނުގައި އަތް ބީއްސާލަމުން ބަލަހައްޓައިގެން އިންގޮތުން ނަތާލީގެ ހިތް ނަށާލިއެވެ. އެދެލޮލުން ލޯބި ނޫން އެހެން އެއްޗެއް ނުފެނެއެވެ.

"އަހަރެން ބޭނުމެއްނޫން އިޒް އަނދިރީގައި ބަހައްޓަން، އިޒްގެ ބައްޕައަކީ ކާކުކަން އަހަންނަށް ރަގަޅަށް އެނގޭ، އަދި އިޒްގެ ބައްޕައާއި އަހަރެންގެ އޮތް ގުޅުން ފޮރުވާހިތެއް ނެތް، ހުރިހާ ހަގީގަތެއް އެނގިހުރެ އިޒް އަހަރެންގެ ކައިރިއަށް އަންނާނެކަން ގެރެންޓީ އޮތީމަ މިކިޔާދެނީ....." ނަތާލީ މާޒީގެ ތެރެއަށް ފީނައިގަތްއިރު އިޒްޔަން އިނީ ދެއަތްތިލަ ގުޅުވާލައިގެން ހައިރާންކަމާއިއެކު އަޑުއަހާށެވެ. އިޒްޔަންގެ ބައްޕަ ވީ އިޒްޔަން ހީކުރިކަހަލަ މީހަކަށް ނޫނެވެ. އެހާވަރުން މަންމައާއި ހެދި މޮޔަވެގެން އުޅެފައިވެސް ހާސިލުކުރެވުމުން ބޭނުން ކެނޑުނީއެވެ. އަދި ކުށެއްނެތް ނަތާލީގެ އިއްފަތްތެރިކަމަށް އަރައިގަތީއެވެ. ނާޒްލީމެން ގޭގައި އޭރު ކިޔަވަން ހުރި އަންހެންކުއްޖަކާއި އޮތް ރައްޓެހިކަމުގެ ސަބަބުން އެގެއަށް ދަނިކޮށް ނަތާލީއަށް އެގެއިން އެ ލިބުނީ ހީނުކުރާފަދަ ވޭނާއި އަނިޔާއެވެ. އެ އަނިޔާވެރި އިންސާނާ އެނާޒުކް މާ ފޮޅުމުގެ ކުރިން ފައިދަށުލާފައި ޗިސްކޮށްލީއެވެ. ބައްޕައަކީ އޭނަ ހީވެސް ނުކުރާފަދަ ފަރާތަކަށްވުމުން ޙައިރާންކަމެއް ލިބި ގަބޫލުކުރަން ދަތިވެފައި އިނދެލާފައި އިސްޖަހައިލިއެވެ. ނަތާލީ އިޒްޔަންގެ ފަން އިސްތަށިގަނޑާއި ކުޅުނެވެ.

"މާޒީގައި ކަމެއް ހިނގާފައި އޮތީމަ އަހަންނާއި އިޒް ރުޅިވާން ޖެހޭތަ؟ ބުނެބަލަ....އިޒް ނިންމާގޮތް އަހަންނަށް ވަރަށް މުހިއްމު......." ނަތާލީ އިޒްޔަންގެ ދަތްދޮޅީގައި މަޑުމަޑުން ހިފާލިއެވެ. ރަތްކުލައިން ނިފަތިތައް ޕެއިންޓްކޮށްލާފައިވާއިރު އަދިވެސް އެއަތްތިލަ ރީތިކަމުން ޒުވާން އަންހެންކުއްޖެއްގެ އަތަށް ދޫނުކުރެއެވެ. އެންމެ ރުލެއް ނެތް އޮމާން އަތްތިލައެކެވެ.

"އަހަރެން ނަތާ ދޫކޮށެއްނުލާނަން....." އިޒްޔަން ނަތާލީގެ އަތްތިލައިގާ ހިފަހައްޓަމުން އިނގިލިތަކުގައި ބޮސްދިނެވެ.

އިޒްޔަން ނިކީވިލާގައި ހުއްޓާ މަންމަ ގުޅަންފެށިއެވެ. އާދައިގެމަތިން ބޭބީ ގާލްއާއި ރަނީންގެ މެސެޖްތައް އަންނަންފެށިއެވެ. އެއީ މިހާރު އޭނަގެ ދިރިއުޅުމުގެ އެއްބައި ކަމުގައި ވެފައިވެއެވެ. ހަތަރު އަންހެންކުދިން ލޯބިވާކަން އެނގުމުން ފޮނިނުވާނީ ކާކުހެއްޔެވެ؟ އެހެން ނަމަވެސް އޭނަ ހުންނަނީ ނުތަނަވަސްވެފައެވެ. ރަނީންއާއި ޒޯޔާގެ މައުސޫމްކަމާއި ރަގަޅުކަމުން އެކުދިންނަށް ދެރައެއް ލިބޭކަށް އޭނަ ނޭދެއެވެ. ބޭބީ ގާރލްއަކީ ކާކުކަމެއް އަދިވެސް އެނގޭނެ ގޮތެއްނުވިއެވެ. އެކުއްޖާ އިނގިރޭސިން ނޫނީ މެސެޖެއް ނުކުރެއެވެ. ގިނައިން ހުންނަނީ ކޮންމެވެސް ތާކުން ނަގާފައި ހުންނަ އިނގިރޭސި ޢިބާރާތްތަކުން ލޯބިވާ ވަރު ބުނެދީފައެވެ. ދެން ހުރީ ނަތާލީއެވެ. އޭނަގެ ބައްޕަގެ ހަޔާތަށް އައިސްފައިވާ އަންހެނެއްކަން އެނގުމަށްފަހުގައިވެސް އެކަމާއި އިޒްޔަންގެ ފަރުވާލެއްނެތެވެ. އިޒްޔަންއާއި ނަތާލީ ކައިވެނި ކުރުމަށް ހުރަސް އެޅޭނެ އެއްވެސް ބާރެއް ދެން ދުނިޔެއަކު ނެތެވެ. ބައްޕަގެ ގޮތްކުޑަކަމާއި ލަދުކުޑަކަން އެނގުމަށްފަހުގައި އިޒްޔަން ބޭނުންވަނީ އެމީހަކަށް ދައްކަން ނަތާލީއާއި އިންނާށެވެ. އޭރުން ލަދުގަންނާނީ ކާކުކަން އިޒްޔަންއަކަށްވެސް ނޭގެއެވެ.

އިޒްޔަންގެ ހިތުގައި އޭނަގެ މަންމައާއިމެދު އޮތްހާ ޝަކުވާއެއް އެއްފަހަރާ ފިލައިގެން ދިޔައެވެ. މަންމަ ޙަޤީގަތް ސިއްރުކޮށްފައިވަނީ ބައްޕައާއިމެދު އިޒްޔަންގެ ހިތުގައި ނަފްރަތު އުފެދިދާނެތީއެވެ. މަންމަގެ މާތްކަމާއި ރަގަޅުކަމުން ބައްޕަގެ ހަޔާތުން ދުރަށް ދިޔައީއެވެ. އިޒްޔަންވެސް އެ ނުލަފާ އިންސާނާގެ ފަރާތުން ސަލާމަތްކޮށްދިނީއެވެ. އިޒްޔަން ޢުމުރުދުވަހުވެސް ބައްޕައަށް މާފެއް ނުދޭނެއެވެ. އޭނަގެ މަންމަގެ ދިރިއުޅުން ބަރުބާދުކޮށްފައިވާ މީހަކަށް އޭނަގެ ފަރާތުން ކުޑަވެސް އޯގާތެރިކަމެއް ނުފެންނާނެއެވެ. އެކަމަކު ނަތާލީގެ ކުށެއްނެތި މަންމަ އެހާވަރަށް ރުޅި އަންނަނީ ކީއްވެހެއްޔެވެ؟

އިޒްޔަން ސައިކަލް ޕާކްކޮށްލާފައި ދުވެލާފައިކަހަލަ ގޮތަކަށްގޮސް އަޒީޒުގެ އެޕާޓްމެންޓަށް ވަނުމާއިއެކު ފޫހިވާގޮތްވިއެވެ. މިގެވެސް ބީރައްޓެހި ފަޅުތަނެއްގެ ގޮތުގައި ފެންނަން ފެށިއެވެ. ގެއަށް ވަންނައިރަށް އިވުނީ އެމާ އާއި މާމަ ކޮންމެވެސް ސަކަރާތެއް ޖަހާއަޑެވެ. މަންމަ ކެއްކުމާއިގެން އަވަދިނެތި އުޅޭއިރު ޒޯޔާ ވާހަކަފޮތެއް ހިފައިގެން ސޯފާގައި ބުރަކަށި ޖައްސާލައިގެން ދޫލަމަތީގައި ދެފައި ދަމާލައިގެން އިނެވެ. ދޮރު ހުޅުވާލާފައި ބޯ ދިއްކޮށްލި ރަނީން އެތެރެއަށް ދެމިގަތުމުގެ ކުރިން ދެމީހުންގެ ހަތަރުކަޅި ފަޅިސިކުންތު ކޮޅަކަށް ނަމަވެސް ބައްދަލުވިއެވެ.

"ހައި އިޒް، ހާދަ ޓޭންވެލާފައި، މޫދުގައި ގެއެއް އަޅައިގެންތަ ނުފެނި ތިއުޅެނީ....." ޒޯޔާ ފޮތް އެއްފަރާތަކަށް އެއްލާލާފައި ތެދުވެ ހިންދެމިލިއެވެ. އަދި ބޮލަށް ސްކާފް މަހާލުމަށްފަހު ހިނގައިގަތީ ދޮރާއި ދިމާލަށެވެ. ނާޒްލީ އަހާލުމުން ބުނެލީ ކައިރީގައި ހުރި ފިހާރައަކަށް ވަދެލާފައި އަންނާނެ ކަމުގައެވެ.

"އިޒްޔަން ދާންވީނު ޒޯޔާއާއި އެކީގައި..."ނާޒްލީ ބުނެލިއެވެ.

"ނޫން، ބޮޑީގާޑެއް ބޭނުމެއްނުވޭ، އިޒްޔަން ލަދުގަންނާނެ އަހަންނާއިއެކު ދާން...." ޒޯޔާ ބަހުގެ ޙަމަލާއެއް ދީފައި އަވަހަށް ދޮރު ލައްޕާލައިފިއެވެ.

"އިޒްޔަން، ޒޯޔާއާއި އިންނަންވީނު. އިޒްޔަން ރައްޓެހިވެގެން އުޅޭ މީހާއަށްވުރެ ޒޯޔާ ހާސްބައި ރަގަޅުވާނެ، ކަންނެތްކަމެއް ދެއްވާފައި ހުއްޓަސް ގޯސްކުއްޖެއް ނޫން....." ނާޒްލީގެ ޖުމްލައިން އިޒްޔަންގެ ގައިގާ ހުޅުހިފިކަހަލަ ގޮތެއްވިއެވެ. މަންމަ އޭނަ ފެންނައިރަށް ކޮންމެވެސް އަންހެނެއްގެ ވާހަކަ ދައްކައިގެން މޫޑު ޚަރާބުކުރުވަނީއެވެ. މަންމައަށްޓަކާ ހިތްމަޑުވެ މާފަށް އެދެން އައުމާއިއެކު މަންމަ އޭނަ މީހަކާއި ދެވާ ވާހަކަ ފެށީއެވެ.

"މަންމާ، އަހަންނަށް ނަތާލީ ހުރިހާ ވާހަކައެއް ކިޔާދީފި، ނަތާލީގެ ކުށެއްނެތްކަމާއި އަނިޔާވެރި ރަޙުމްކުޑަމީހަކީ ކޮބާކަން ރަގަޅަށް އޮޅުން ފިލައިފި، މަންމަ ހުރިހާކަމެއް ސިއްރުތިކުރަނީ މަންމަ އެއްއިރެއްގާ ލޯބިވި މީހާ ޕްރޮޓެކްޓްކުރަން ކަންވެސް އެނގިއްޖެ، އެކަމަކު އަހަރެން ނިންމައިފިން، ނަތާލީ އާއި އިންނާނަން، މަންމަ މަލާއިކަތެއްކަމަށް ހަދަން އުޅެނީ މޮޅުއާއިލާ އަކުން އައި މީހަކަށްވީމަތަ؟ އެމީހާ އަތުޖެހިއްޖެއްޔާ މިދެއަތުން މަރާލާނަން...." އިޒްޔަންގެ ޖުމްލައާއިއެކު މޫނަށް އަރައިގެން ދިޔަ ދިލަ އެތިފަހަރުގެ ސަބަބުން އިޒްޔަންއަށް މޫނުގައި ފިރުމާލެވުނެވެ.

"އިޒްޔަން....." ނާޒްލީގެ އަޑު އެކުޑަ ހޯލުގައި ގުގުމާލިއެވެ.

"އެވަރު މީހެއްގެ ދިފާޢުގައި އަހަންނަށްތަ ރުޅި ބާލަނީ....." އިޒްޔަން އަދަބުކުޑަ ރާގަކަށް ބުނެލިއެވެ.

"އިޒްޔަން ހާދަ ގޮތްކުޑަވެގެންނޭ ތިއުޅެނީ؟ އެއަންހެނާގެ ކުށެއްނެތިއެއް ނޫން އެކަމެއް ހިނގާނީ، އަހަންނަށް އެނގޭ، އެ އަންހެނާގެ ގޮތެއްފޮތެއް ނެތްކަން އެންމެ ގާތުން ދެކެފައި ހުރި މީހަކީ ބަލަ މަށޭ، އިޒްޔަންގެ ސިކުނޑި ދޮވެލައިގެން ބޮލަށް އެރިގެން އުޅޭއިރު އިޒްޔަން ވިސްނާލަބަލަ. ތި އަންހެންމީހާގެ މަޅީގައި ޖެހިއްޖެއްޔާ އިޒްޔަންއަށް ވާނެގޮތް ނުވިސްނެން ތީ ކުޑަކުއްޖެއްނޫން........" ނާޒްލީ ތެލީގެ މަތި ޖަހާލާފައި ސިންކުން އަތް ދޮވެލިއެވެ. އިޒްޔަން ކަތި ފިޔަވަޅެއް އަޅާފާނެތީ އޭނަގެ ހިތަށް ބިރުވެރިކަން ވަދެފައިވަނީ އިންތިހާއަށެވެ.

"އަހަރެންގެ ޚިޔާލު ދެން ބަދަލެއްނުވާނެ، އަހަރެން ނަތާލީއާއި ކައިވެނިކުރާނަން...." މަންމަ އެކަމާއި ރުޅިގަދަވެ އަލިފާން ވެފައިވާތަން ފެނުނަސް އޭނަ ހާމަކުރީ ތެދެވެ.

"ދަރިފުޅާ ހެޔޮނުވާނެ......" އިޒްޔަން ގޮތްދޫނުކުރާނެހެން ހީވުމުން ނާޒްލީ ބަލި ގަބޫލުކޮށް އާދޭސްކުރަންފެށިއެވެ.

"މަންމަ ކޮންމެ އެއްޗެކޭ ކިޔަސް އަހަރެންގެ ހިތް ބަދަލެއްނުވާނެ، އަހަރެންގެ ހަޔާތް ވޭތުކުރާނެ މީހެއް އެނގޭނީ މަންމައަކަށް ނޫން. ރޮއިގެން އަހަރެންގެ ޚިޔާލު ބަދަލުކުރެވޭނެހެން ހީވަންޏާ ބޭކާރުކަމެއް ތީ މަންމާ.....ސޮރީ...." އިޒްޔަންގެ އެ ނިންމުމަކީ އެތައް ބަޔަކަށް އޭގެ އަސަރުކޮށްފާނެކަމެއް ކަން ރޭކާނުލިއެވެ. ނާޒްލީ އެތައް ގޮތަށް ވިސްނައިދިނެވެ. އެންމެފަހުން އޭނަވެސް އިޒްޔަންއަށް ޙަޤީގަތް ކިޔައިދިނެވެ. އިޒްޔަންގެ ބައްޕައާއި ބައްދަލުކުރުވާނެކަމަށް ބުނެލިއެވެ. މިހުރިހާ ދުވަހު އެމީހެއްގެ ނަން އެކަނި އެނގުނަސް އޭނައަށްވަނީ އެއީ ކާކުކަން އޮޅުން ނުފިލައެވެ.

"މިހުރިހާ ދުވަހުވެސް އެމީހާގެ ނަން އެނގޭ، ފޭސްލެސް މީހެއްގެ ގޮތުގައި އަހަރެންގެ ޙަޔާތުގައި ބައްޕައެއް ހުރީ، ބައްޕައަކީ ޓީވީއަށް އަރާ ފެންވަރުގެ ޤަދަރުހުރި މީހެއްގެ ގޮތުގައި މުޅި ރާއްޖެ ދަންނައިރު އަޑިއަޑިން ހުރިހާ ވިޔާނުދާކަމެއްގެ ބައްޕަގެ ގޮތުގައި ހުރި މީހެއް، ވީއިރު އަހަރެން އޭނައަށް ރެސްޕެކްޓްކުރަންވީ ކީއްވެތަ؟ މަންމަ ބުނެބަލަ، އަހަރެން އެމީހާއަށްޓަކާ އަހަރެންގެ ލޯބި ޤުރުބާން ކުރަންޖެހޭތަ؟ އަމިއްލަ ފިރިހެންދަރީގެ އަންހެނުން ގަޔަށް އަރާ ބަފައިންވެސް އުޅޭ، އޭގެ މީހެއް އެއީ، އަހަރެން ނަތާލީ ދޫކޮށެއްނުލާނަން، ހަގީގަތް އެނގުމަށްފަހު އަހަރެން އަމިއްލަ ނަފުސަށް ވަޢުދުވިން، އެމީހާގެ ސަބަބުން ހަޔާތް ބަރުބާދުވެފައިވާ ނަތާލީއަށް އަހަރެން ދިރިއުޅުމެއް ހޯދަދޭނަން، އެކަކަށްވެސް އަހަރެން ނުހުއްޓުވޭނެ......" އިޒްޔަން ވާހަކަދެއްކީ މަޑުންނެވެ.

"އެ އަންހެނާގެ ސަބަބުން އަހަރެންގެ ހަޔާތް ބަރުބާދުވީ، އިޒްޔަން އަމިއްލަ މަންމައާއިމެދު އެންމެ ފަހަރަކުވެސް ވިސްނާނަމަ ތިހެނެއް ނުބުނާނެ، މިހާރު އިޒްޔަން ތިހިރީ ރަގަޅަށްވެސް ބުއްދިފިލާފައި ވާނުވާ ނޭގިފައި. އިޒްޔަން ހަނދާންކުރާތި، އެ އަންހެނާއާއި އިނުމަށްފަހު އަހަރެން ދުވަހަކު ހިތްހެޔޮ ނުކުރާނަން، އަހަރެންގެ އިޒްޔަން ކިޔާ ދަރިއަކު ހުރިކަންވެސް ހަނދާން ނައްތާލާނަން، އިޒްޔަން ކޮންމެވެސް އެކަކު ހޮވާ، މަންމަ ނޫނީ އެ އަންހެނާ........" ނާޒްލީ ތަންކޮޅެއް ހަރުކަށިކަމާއިއެކު ވާހަކަ ދެއްކިއެވެ. އޭރު އެމާވެސް ދޮރުމަތީގައި ދެލޯބޮޑުކޮށްގެން ބަލަން ހުއްޓެވެ. އިޒްޔަން ބަލައިލުމުން އެމާ ދެރަވެފައިވާގޮތަކަށް ހީލުމުން އިޒްޔަންއަށް އުދަގޫގޮތެއްވިއެވެ. އެމާއަކީ "ސްވީޓް"ކަމުގެ ދެވަނައެއްނެތް ކުއްޖެކެވެ. މަންމައާއި ދޮންބެ އަރައިރުންވުމުން އެހެރީ ނިހާޔަތަށް ދެރަވެ އަސަރުކޮށްފައެވެ.

"މަންމަގެ ބްލެސިން ބޭނުމެއްނުވޭ، ސޮރީ...." އިޒްޔަން އެތަނުން ދާން ހިނގައިގަތެވެ.

"އިޒްޔަން....." ނާޒްލީގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ.

"މަންމަ ދޫކޮށްލާފައި ހިލޭ އަންހެނެއްގެ ކައިރިއަށް ދާއިރު މަންމަގެ މަޤާމު ނޭގެނީތަ؟ މިއަދުވެސް އެމީހާ ދޫކޮށްލައިފިއްޔާ އިޒްޔަން އަންނާނީ ކޮންތާކަށް؟ ހަމަ މިމަންމަ ކައިރިއަށް އަންނަން ޖެހޭނީ، އިޒްޔަން މިބުނީ ތިކަން ހުއްޓާލާށޭ......" ނާޒްލީ އަނެއްކާވެސް އާދޭސްކުރާކަހަލަ ގޮތަކަށް ބުނެލިއެވެ. އިޒްޔަން ޖަވާބެއް ނުދީ ދާން ހިނގައިގަތީ އެމާގެ އިސްތަށިގަނޑުގައި ފިރުމާލާފައި ކޮލަށް ދޮނެއް ދެމުންނެވެ. އެމާ މަޑުމަޑުން އެއްޗެކޭ ބުނެލިއެވެ.

ބޭރުގައި ދެކެވުނު ވާހަކަތައް އަހަން ދޮރުފަތުގެ ނިވަލުގައި ހުރި ރަނީންގެ ލޮލުގައި މުތީތައް ވިދަންފެށިއެވެ. ދޮރުފަތުގައި ބުރަކަށިޖައްސާލައިގެން ހުރެ ބިންމައްޗަށް ތިރިވިގޮތަށް ދެއަތުން މޫނު ފޮރުވާލެވިއްޖެއެވެ. އިޒްޔަން މިގޮތަށް ގެއްލިގެން ހިނގައިދާނެކަމުގައި އޭނަ ފަހަރެއްގައިވެސް ހިޔެއްނުކުރެއެވެ. އިޒްޔަންގެ ރަގަޅުކަންތައްތަކާއި އެކުގައި ގޯސް ސިފަތައްވެސް ކުރިމަތިން ފެންނަންފެށީއެވެ. އޭނަގެ މަންމައާއި ޒުވާބުކުރުމުން ހާމަކޮށްދިނީ މައިމީހާއަށް އިޙުތިރާމް ނުކުރާވަރެވެ.

ބޭރުގައި އަޑުގަދަވެގެން އަޒީޒުވެސް ކޮޓަރިން ނުކުމެގެން އައެވެ. އޭނަ ހުރީ ވާނުވާ ނޭގިފައެވެ.

"އިޒްޔަން މިގެއިން ބޭރަށް ގޮސްގެން ނުވާނެ، މިބުނަނީނު ނުދާށޭ........" ނާޒްލީ ދޮރުމަތީގައި ހުއްޓެމުން ބުނެލިއެވެ.

"ނޫން މަންމާ، އަހަންނެއް ނުހުއްޓުވޭނެ....."އިޒްޔަން ގެ ބޮލުގައި ރިއްސަންފެށިއެވެ.

"އަހަންނަކީ އިޒްޔަންގެ މަންމަ ކަމަށްވާނަމަ ތިކުރަން އުޅޭކަންތައް ހުއްޓާލަން ޖެހޭނީ. އަހަރެންގެ ފުރާނަ ހުރެގެން އިޒްޔަންއަކަށް އެ އަންހެނާއާއި އިންނަން ލާހިކެއްނޫން...." ނާޒްލީ ދަތްތަކަށް ބާރުލާފައި ކިޔާލިއެވެ.

"ބަލަ، އަހަންނަކީ ކުޑަކުއްޖެއްނޫނޭ، ތިވައްތަރަށް މަންމައިންނެއް ނޫޅޭނެ، ތިއީ އަހަރެންގެ މަންމައެއް ނޫން، މަންމައިން ދަރިންގެ އުފާތަކަށް އިސްކަންދޭނީ، ދަރިން ތިމާގެ ސާވެންޓަކަށް ހަދައިގެން އަމުރުކުރަމުންނެއް ނޫޅޭނެ، މަގޭ މަންމައެއް ނުހުންނާނެ، ބޯ ހަލާކު....." އިޒްޔަން ރުޅިގަދަވެގެންގޮސް ދަތްތައް ޖައްސާ ބާރުކޮށްލައިގެން ހުރިއިރު ދެލޯވަނީ ހަނިކޮށްލާފައެވެ. އިޒްޔަންގެ ޓީޝާޓުގައި ނާޒްލީ ހިފާ ދަމައިގަތުމުން ވީއްލުވާލާފައި ނުވީތާކަށް ކޮނޑުގައި ހިފާލާފައި ދުރަށް ކޮށްޕާލީއެވެ. ވަރުގަދަ ފިރިހެނެއްގެ ކައިރީގައި ނާޒްލީއަށް ދެއްކޭނީ ކޮން ބާރެއްހެއްޔެވެ؟ އޭނަ ވިއްސައިގެންގޮސްފާ އަޒީޒުގެ ފައި ކައިރިއަށް ގުޅައަކަށް ޖެހުނުތަން ފެނިފައިވެސް އިޒްޔަންއަށް އަސަރެއްނުކުރިއެވެ. އަޒީޒު ނާޒްލީއަށް ގޮވަމުންގޮސް ނާޒްލީ ބިންމަތިން ނެގިއިރު އޭނަގެ ރުޅިވެރި ދެލޯވަނީ އިޒްޔަންގެ މޫނަށް ހުއްޓިފައެވެ. އަޒީޒުފަދަ މަޑުމައިތިރި މީހަކަށްވެސް އެމަންޒަރުން ކެތްތެރިކަން ކޮޅުންލައިގެން ދިޔައީއެވެ. އަމިއްލަ މައިމީހާއަށް ހަމަލާދޭނީ ނުބައި ފިރިހެންދަރިއެކެވެ. އެއްވެސް ހާލެއްގައި އަތްއިސްކޮށްގެން ވާނެކަމަކަށް އޭނަ ނުދެކެއެވެ.

"އިޒްޔަން، ކަލޭ ތީ ކޮންކަހަލަ މީހެއްތަ؟ އާދަމުގެ ދަރިއަކަށްވެސް ނުވިއެއްނު، ހަމަ މިހާރު މިގެއިން ނުކުމެގެން ދޭ. ތިކަހަލަ މީހަކަށް އަހަރެން ދިރިއުޅޭތަނަކުން ހިޔާވަހިކަމެއް ދުވަހަކު ނުލިބޭނެ، ކަލޭތިހިރީ އިންސާނެއްގެ ގިންތިން ބޭރުވެފައިކަން މިހާރު މިފެނުނު މަންޒަރުން ހާމަކޮށްދީފި، ލަދެއްނުގަނޭތަ؟ ހިތެއްގެ ބަދަލުގައި އޮތީ ހަމަ ހިލަގަނޑެއް، ނުކުމޭ ހަމަ މިހާރު ނުކުމޭ....." އަޒީޒު ދޮރު ހުޅުވާލާފައި އިޒްޔަން އަށް ނިކުންނަން އެންގިއެވެ.

"ނޫން ހެޔޮނުވާނެ، އަޒީޒު އޭނަ ހުއްޓުވާ. އިޒްޔަން އެހެރީ ހަމައިގައެއްނޫން، އޭނަ ކައިރީ ބުނެބަލަ ނުދާށޭ، ހެއްދެވިފަރާތަށްޓަކާވެސް....އާދޭސްކޮށްފައި މިބުނަނީ....." ނާޒްލީގެ ރުއިމުގެ އަޑު ގޭތެރޭގައި ގަދަވިއެވެ. އިޒްޔަން ދޮރު ހުޅުވާލާފައި ނުކުތްއިރު އޭނައަށްވެސް މަންމަގެ ރުއިމާއި އާދޭހުގެ އަޑު އިވުނެވެ. އޭނަ ހުއްޓުވަން ތަކުރާރުކޮށް އަޒީޒުގެ ކައިރީގައި ކިޔާއަޑު އިވުމުން އިޒްޔަންއަށް އަސަރެއްނުކުރިއެވެ. އަޒީޒުބުނީ ރަގަޅަށެވެ. އޭނަގެ ހިތް ހިލައަށްވުރެ ހަރުވެއްޖެއެވެ. އެއްވެސް މީހަކު ކިޔާ އެއްޗަކުން ދެން އޭނައަކަށް އަސަރެއްނުކުރާނެއެވެ.

އިޒްޔަން ގޯޅިގަނޑަށް ނުކުތްއިރު ހުރެވުނީ ދެޚިޔާލެއްގައެވެ. އޭނަ ބެލްކަންޏާއި ދިމާލަށް ބަލައިލީ ކޮންމެހެން ރަނީން ހުރެދާނެ ކަމަކަށް ނޫނެވެ. ކަރުނުން ފުރިފައިވާ ދެލޮލުން ބަލަން ހުރި ރަނީން ފެނުމުން އިޒްޔަން އަދި ވަކިން ފޫހިވާގޮތްވިއެވެ.

"އިޒް، ޕްލީޒް މަޑުކޮށްބަލަ...." ރަނީން މެސެޖެއްކޮށްލިއެވެ. އިޒްޔަން ޖަވާބެއް ނުދިންނަމަވެސް ރަނީން އަންނަންދެން އެތާ ހުންނަން ނިންމިއެވެ. އޭރު އިރުއޮއްސުމުގެ ނިޝާންތައް ހުރިހާ ދިމާލަކުން ފެންނާން ފަށައިފިއެވެ. އަނދިރިކަން ހަތަރުފަރާތުން ވަށާލަމުން އަންނައިރު އޭނަގެ ހަޔާތަށްވެސް ވެރިވެފައިވަނީ އެފަދަ ބަނަކަމެކެވެ. ސައިކަލަށް ލެނގިލައިގެން ހުއްޓިގެން ހުއްޓާ ރަނީން ފެނުނީ ދިމާކުރިމަތިންނެވެ.

"ކީކޭ ބުނަން ތިއައީ؟ "އިޒްޔަން ފަރުވާކުޑަގޮތަކަށް އަހާލިއެވެ.

"އިޒް، އަހަރެމެން ދޫކޮށްލާފައި ނުދޭ، ނޫނީ ޔޫ ވިލް ރިގްރެޓް...." ރަނީން ޖެހިލުމެއްނެތި އިޒްޔަންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލަމުން އެދެލޮލަށް ބަލައިލިއެވެ.

"ތިހެން ބުނަން ތިއީ އަހަރެންގެ ކާކުތަ؟ "އިޒްޔަން ގެ މޫނުމަތިން އިތުރު ޝުޢޫރުތަކެއް ނުފެނެއެވެ.

"ސްޓެޕް ބްރަދަރއަށްވީމަ ކަމަށް ބަލާ، އެހެންގޮތަކަށް ދެކެން ބޭނުން ނޫނިއްޔާ، މަންމަ ރޮއިރޮއި އަނބުރައިގެންފި، ޝީ ލަވްސް ޔޫ، އިހަށްދުވަހު އިޒްގެ ހަޔާތަށް އައި އަންހެނަކަށްޓަކާ މަންމައާއި އޮތް ގުޅުން ކަނޑާލާކަށް ނުވާނެ، އެއީ ހަމަ ހިލޭވެގެން ހިނގައިދާނެ މީހެއް، އެހެން މަންމައެއް ނުލިބޭނެ، މަންމަ މަރުވިޔަސް ހެޔޮތަ؟ "ރަނީން ކިތަންމެ ޅަވިޔަސް އެވަގުތު ދެއްކީ ހަރުމީހަކު ވެސް ބުނެލާނެފަދަ އެއްޗެކެވެ.

"އެންމެން މަރުވިޔަސް އަހަންނަށް ހެޔޮ، ތިބުނާހާ ސެލްފްލެސް ލޯތްބެއް ވާ މީހެއް އަހަންނަކަށް ނުފެނޭ، ޔޫ އާރ ވޭސްޓިން ޔޯ ޓައިމް ރަނީން، އަހަރެންގެ ހިތް ބަދަލެއްނުވާނެ......" އިޒްޔަން ރަނީންގެ އަތް ދުރުކޮށްލާކަށް ނޫޅުނެވެ.

"އިޒް. ޑޯންޓް ލީވް، ޕްލީޒް......" ރަނީން ބަލިކަށި ގޮތަކަށް ބުނެލިއެވެ.

"ރަނީން، ބޭކާރު ހުވަފެންތައް ދެކޭނެކަމެއްނެތް، އަހަރެން ކިތައްފަހަރު ބުނާނީ އަހަންނެއް ނުލިބޭނެއޭ، ރަނީންގެ އުމުރުގެ ކުއްޖެއް ހޯދާށޭ، ނޫނީ އަހަރެންގެ އަތުން ގޯހެއް ހެދިދާނެ، އަހަންނަށް ކަމެއްކޮށްދެންޏާ އަހަރެންގެ މަތިން ހަނދާން ނައްތާލާ އޯކޭ؟ " އިޒްޔަން ރަނީން ދުރުކޮށްލަން އުޅުނުވަގުތު ރަނީން ޖެހިލުމެއްނެތި ކޮށްލިކަމަކުން އިޒްޔަންވެސް ހައިރާންކުރުވިއެވެ. އޭނައަށްވެސް އެކަމުގައި ބައިވެރިވެވުނެވެ. މިތިބެވުނީ މަގުމަތީގައިކަންވެސް ހަނދާނެއްނެތެވެ. އިރުކޮޅެއްވާންދެން އަމިއްލަ ދުނިޔެއެއްގައި ތިއްބާ އިޒްޔަންއަށް ރަނީންގެ މޫނަށް ބަލާލެވުމާއިއެކު ފޫހިކަމާއިއެކު ދުރަށް ޖައްސާލެވިއްޖެއެވެ.

"ލަވް ޔޫ އިޒް......." ރަނީން ކަރުނުން ފުރިފައިވާ ދެލޮލުން ވަދާޢީގޮތަކަށް ބަލާލިއިރު އެމޫނުމަތިން ފެނުނު ހިތްހަލާކުވާފަދަ އަސަރަކުން އިޒްޔަންގެ ހިތްވެސް ތެޅިލިއެވެ. ރަނީން ހަމަ އެހާ ބޮޑަށް އޭނަދެކެ ލޯބިވަނީހެއްޔެވެ؟ އޭނައަށްޓަކާ އެކުއްޖާ އެވަނީ ހާދަ ވަރެކެވެ.

"ސޮރީ ގާލް، އަހަންނެއް ލޯތްބެއް ނުވޭ، މިހާރު އަހަންނަށް ހީވާގޮތުން އަހަންނަށް ރަނީންދެކެ ރުޅި އާދެވެން ފަށައިފި، ގުޑްބައި ރަނީން......" އިޒްޔަން ނުރުހުމާއިއެކު އަމިއްލަ ނަފުސަށް އެކަން ޔަގީންކޮށްދިނެވެ.

އިރުއޮއްސުނުކަން ޔަގީންވީ ބަންގީގެ އަޑުއިވެން ފެށުމުންނެވެ. ކައިރީގައި މިސްކިތެއްހުރިއިރުވެސް ވަންނަން ޚިޔާލުނުކޮށް ސައިކަލް ދުރަށް ދުއްވާލިއިރު އިޒްޔަން އަޒުމްކަނޑައެޅީ އެންމެ ކަމަކަށެވެ.

ފިރިހެންދަރިފުޅު އެގޮތަށް މޫނުމަތީގައި ޒުވާބުކޮށް އޭނައަށް އަނިޔާކޮށްފައި ދިޔަސް އަލުން އަނބުރާ އަންނާނެކަމުގައި ނާޒްލީ ހީކުރިއެވެ. އަޒީޒުއަށް އާދޭސްކޮށްގެންވެސް އޭނަ އިޒްޔަން އެގެއަށް ވައްދާނެއެވެ. ކަންވެގެން ދިޔައީ ނާޒްލީ ހީކުރިގޮތަކަށް ނޫނެވެ. އިޒްޔަން އެގެއަށް އައުން ހުއްޓާލަފާނެކަމަކަށް ކުރިން ނާޒްލީ ހީކޮށްފައެއްނުވެއެވެ. އިޒްޔަންއަށް ގުޅަން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. ފޯނު އޮންނަނީ ނިވާލާފައެވެ. ނާޒްލީގެ ހިތް ހަލާކުވާވަރުވިއެވެ. އެވަރުންވެސް އުއްމީދު ކަނޑާނުލާ އިޒްޔަން ހޯދަންވެގެން ނާޒްލީ މަސައްކަތްކުރިއެވެ. ހިތަށް ކެތްނުވެގެން އޭނަ ނިކީވިލާއަށް ދިޔައީ އިޒްޔަންގެ ހައްގުގައި ނަތާލީއަށް މާފުކުރަން ނިންމައިގެންނެވެ. ނަތާލީގެ ކެހިވެރިކަމާއި ނުބައިކަން އެނގިހުރެވެސް ދަރިފުޅުދެކެ ވާ ލޯބި ކުރިހޯދީއެވެ. އެގެ ފެނުމުން ނާޒްލީގެ ހިތަށް ނުބައި ގޮތެއްވިއެވެ. ކުޑަކުޑަ ބަގީޗާކޮޅެއް ހައްދާލާފައިވާއިރު ގޭގެ ބޮޑުކަމާއި ޝާހީކަމުން މުއްސަންޖެއްގެ ތަނެއްކަން ހާމަކޮށްދެއެވެ.

"އެންމެފަހުން އަހަރެންގެ ލޯބީގެ ދުޝްމަން ކައިރިއަށް ސަލާމް ޖަހަން އަންނަން މިޖެހުނީ. ދަރިޔަކަށްޓަކާ މަންމައަކު ކޮށްފައިވާ ހުވައެއްވެސް އަނބުރާ ގެންދަފާނެ....." ނާޒްލީގެ ލޮލުގައި ގިނަވެގަތް ކަރުނަތައް އޭނަ ފޮހެލިއެވެ. ދޮރުގެ އެއްކައިރީގައި ހުރި ޖަޕާނު ރޯޒް ވަށިގަނޑެއްގެ ރީތިކަމުން ބަލަން ހުއްޓާ މީހަކު ކަރުކެހިލިހެން ހީވެގެން އިސްއުފުލާފައި ބަލައިލިއިރު ހަތަރެސްފައި ފިނިވެލައިފިއެވެ.

ކޮމެންޓް 0