"ކާކުތަ؟ " ރަނީން ރުންކުރުވެފައި ތަންކޮޅެއް ބާރަށް ކިޔާލިއެވެ. ޖަވާބެއް ނުލިބުނެވެ. އެންމެފަހުން ރަނީން ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ އެމާއެވެ.

"ނިންނި، ވަރަށް ބޮޑުކަމެއްވެގެން އުޅެނީ....." އެމާ ހުރީ ދެރަވެ ރޮވޭގޮތްވެފައެވެ.

"ވަޓް ހެޕެންޑް...." ރަނީންގެ ހިތް ސިކުންތުކޮޅަކަށް ނަމަވެސް މަޑުޖެހިލިއެވެ. އެމާ އެތެރެއަށް ވަދެފައި ދައްކަން ފެށީ އާދަޔާ ޚިލާފު ވާހަކައެކެވެ. މާމައަށް ކޮޓަރިތެރެއިން ފާޑު ފާޑު އެއްޗެހި ފެނިގެން އޭނައަށް ދައްކަނީ ކަމަށާއި އެކަމާ ބިރުން ރޭގައި އެމާއަށް ނުނިދުނު ކަމަށެވެ. މާމަ ދޫކޮށްލާފައި އެހެން ކޮޓަރިއަކަށް ދާކަށް އޭނަ ބޭނުންނުވާ ކަމަށާއި އެކަމަކު މާމައަށް ކޮޓަރިން މީހުންނާއި އެއްޗެހި ފެންނާތީ އެކަމާއި އޭނަ ދެރަވަނީ ކަމުގައެވެ. މިގޭތެރޭގައި އެހާ ގިނައިން ބަޤަރާ ސޫރަތް ޖަހާއިރު ގޭތެރެއިން ޝައިތާނީ ކަންތައް ފެންނަން ޖެހޭ ސަބަބަކާއިމެދު ރަނީންވެސް ވިސްނާލިއެވެ.

"ދެން މަންމަ ކައިރިއަކު ނުބުނަންތަ؟ ވަރަށް ވިއާރޑް........." ރަނީން ޕެއިންޓްކުރާ ފުޅި އެއްފަރާތެއްގައި ބެހެއްޓިއެވެ.

"މަންމަ ކައިރީގައިވެސް މާމަ ކިޔައޭ، މަންމަ އިގްނޯކޮށްލައިގެން ހުންނަނީ. މާމަ ބޭބީއަކަށް ބަދަލުވަނީއޭވެސް ހިތަށް އަރާ، ނޫނީ ގޯސްޓެއްގެ ކަމެއް ބާ، މިގެ ހޯންޓެޑް ނޫންކަން ޔަގީންތަ؟ "އެމާ ކުރަން ފެށި ސުވާލުތަކުން ރަނީން ހިނި އައެވެ. ރަނީން ބުނީ އަދި ދުވަހަކުވެސް ރޫޙާނީ އެއްޗެއް އަވަލީކަމުގެ ހެއްކެއް ނުފެންނަކަމުގައެވެ.

"އަހަންނަށް ޕެއިންޓްކޮށް ދީފާނަންތަ؟ "އެމާ އެންމެފަހުން އަހާލިއެވެ.

"ކޮން ކުލައެއްގެ ހެދުމެއް އީދަށް ލާނީ؟ އޭރުން ކުލަ ގުޅުވިދާނެ......." ރަނީން ބުނެލިއެވެ. އެމާބުނީ ވައިލެޓް ކުލަކަމުގައެވެ. އެކުއްޖާގެ ހުވަފެންތަކުގެ ތެރޭގައި ޑޮކްޓަރަކަށް ވުމާއި ބިއުޓީ ސެލޫންއެއް ހިންގާނެ ވާހަކަ ބުނުމުން ރަނީން އިނީ މަޖާވެފައެވެ. އެއްގޮތަކަށްވެސް ގުޅުމެއް ނެތް ދެ ޕްރޮފެޝަން ޚިޔާރު ކުރެވިދާނެހެއްޔެވެ؟ ރަނީން އެމާގެ ނިޔަފަތިތައް ޕެއިންޓްކޮށްލަދޭން އިންއިރު ދޭތެރެއަކުން ޒޯޔާ ބޯ ދިއްކޮށްލާފައި ކޮންމެވެސް އަނގައެއް ތަޅާލައެވެ. އޭނަ ފެންނަނީ އަބަދު އަނގަޔަށް ކޮންމެވެސް އެއްޗެއް ލައިގެން އުޅެނިކޮށެވެ. ޒޯޔާވެސް ހުރީ ސްޓްރައިޕް ޓޮޕަކާއި ޓައިޓެއްލައިގެން ކުޑަ ސްކާފެއް އޮޅާލައިގެންނެވެ. އޭނަ ހުރީ ބޭރަށް ދާން ތައްޔާރުވެލައިގެންނެވެ. ނުކުންނަން ވުމުން ޖިންސް ޖެކެޓްކޮޅު ގަޔަށް މަހާލަންވީއެވެ.

ރަމަޟާން މަސް ނިމުމާއިއެކު އިޒްޔަން މުޅިންހެން ބަދަލުވިއެވެ. ނަމާދަށް ފަރުވާކުޑަވާން ފެށިގޮތަށް ފަތިހަށް ހޭލުމުގެ އާދަ މުޅިން ގެއްލުނެވެ. މިސްކިތަށް ވަނުމަށް ބުރަވާންފެށިއެވެ. ނަމާދުގަޑީގައި އުޅެވެނީ ކޮންމެވެސް އަމިއްލަ ކަމެއްގައި އަވަދިނެތިއެވެ. ރޭގަނޑު އުޅެވެނީ ބިލިއާޑްފަދަ ކުޅިވަރެއްގައެވެ. ހިތްހަމަޖެހޭފަދަ ވަޒީފާ ލިބެމުން ދާއިރުވެސް އިޒްޔަން ބޭނުންވާ ޝަރުތުތައް ފުރިހަމަނުވެގެން އޭނަ ވަޒީފާއަށް ދާކަށް ނޫޅުނެވެ. ގެއަށް ވަންނައިރަށް އޭނަގެ މަންމަގެ ފަރާތުން ނަސޭހަތުގެ ބަސްތައް އިވެން ފަށާތީ ގެއަށް ވަންނަ ހިތެއްނުވެއެވެ. އީމާންތެރިކަންވެސް ބައެއްފަހަރު ގަދަވެ ބަލިކަށިވަނީ އެމީހެއްގެ ޢަމަލުތައް ބަހައްޓާގޮތަކުންނެވެ. އިޒްޔަން ހެއްދެވިފަރާތާއި އޮތް ގުޅުން ދުރުވީވަރަކަށް އަނެއްކާވެސް ޝައިތާނީ ވަސްވާސްތަކުގެ އުދަގޫތައް ބޮޑުވިއެވެ. އެހެން އުޅެމުން ދިޔައިރު ދޭތެރެއަކުން ރަނީން ފެނިފައި ހަނދާންތައް އާވެ އެހަނދާންތަކުގެ ތެރެއަށް ފީނައިގަންނަން މަޖުބޫރުވާފަހަރު އާދެއެވެ. ކުދި ކުދި އެކްސިޑެންޓްތައްވެސް ހިނގާލައެވެ. ބައެއްފަހަރު ސިޑިން އަރައިގެން އަންނަ ވަގުތު ރަނީންގެ ގައިގާ އަޅައިގަނެއެވެ. ސިއްރު ސިއްރުން ރަނީން އޭނައަށް ބަލަން ހުންނަކަން ފަޅާއަރާ ފަހަރުވެސް މަދެއްނޫނެވެ. އެފަދަ ކޮންމެ ވަގުތެއްގައި އެ ބޮޑު ރީތި ދެލޮލުން އިޒްޔަންއަށް ފެނުނީ ލޯތްބެވެ.

ނާޒްލީގެ އެދުމުގެ މަތިން ރަނީން ޓިއުޝަން ކްލާހަށް ލާން ދަނިކޮށް ރަނީންގެ އަތުން ކޮންމެވެސް އެއްޗެއް ވެއްޓުމުން އިޒްޔަންގެ އަތުގައި ކޮށްޓާލާފައި މަޑުކޮށްލަން އެދުނެވެ. އެ ގޯޅިގަނޑު އޮތީ ފުދޭވަރަކަށް އަނދިރިކޮށެވެ.

"ރަނީން، ކްލަމްޒީކަމުން އަތުގައި އެއްޗެއް ހަރުނުލަނީތަ؟" އިޒްޔަން ފޯނުން އަލިކޮށްލުމުން ރަނީން ގުދުވެފައި އެއެއްޗެއް ނެގިއެވެ. ރަނީން މުށް ހުޅުވާލާފައި އަތުގެ ތެރޭގައި އޮތް ކެވެލިކޮޅު ދައްކާލިއެވެ.

"މްމްމް........ބޯއިފްރެންޑް ދިން އެއްޗެއްދޯ، ޕްރިޓީ........." އިޒްޔަން އެއްމިޔަކަނުން ހީލިއެވެ. އެހިސާބަށް ވެރިވެފައިވާ ފަނޑު ހަނދުވަރުގެ އަލިކަމުގެ ތެރެއިން އެރީތި މޫނާއި މުށި ދެލޯ ފެނުމުން ރަނީންގެ ހިތް ހުއްޓޭވަރުވިއެވެ. އާޝޯޚުވެފައި ބަލަން ހުރެވުނުއިރު ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.

"އަހަރެން ލޯބިވަނީ ކާކުދެކެ ކަމާއި އަހަރެންގެ ބޯއިފްރެންޑެއް ނެތްކަން ރަގަޅަށް އެނގޭނެ، މިވަރަށް ބުނާއިރުވެސް އިޒް ދުވަހަކު ގަބޫލުނުކުރާނެކަން އެނގޭ، އެކަމަކު މިހިތުގައި ތިޔަ ނޫން ނަމެއްނުވޭ، އަހަރެން ދެރަކޮށްލަން ހުރިހާ އެއްޗެއްސެއް ކިޔާއިރުވެސް އިޒްއަށް އެނގޭނެ، ދުވަހަކު ތިނޫން މީހަކާއި ރައްޓެއްސެއް ނުވާނަން، ދުވަހަކު އެހެން މީހަކާއި ނީންނާނަން، މިއީ މާތް ﷲ ގަންދީ ކުރާ ހުވައެއް، ދެން އިޒް ބުނާނީކީ ނޫން ކުޑަކުއްޖަކަށްވީމައޭ، ފަހުން ޚިޔާލު ބަދަލުވާނެއޭ. އެކަމަކު އެއަށްވުރެ މާ ބޮޑަށް ލޯބިވޭ........." އިޒްޔަންގެ ލޮލަށް ސީދާ ބަލަހައްޓައިގެން ހުރެ ރަނީން ދެއްކި ވާހަކަތަކުން އިޒްޔަންއަށްވެސް އިސްޖަހާލަން މަޖުބޫރުވިއެވެ. އެދެލޮލުން ފެނުނު ލޯތްބާއި ތެދުވެރިކަން އަދި މަޢުސޫމްކަން އިޒްޔަންއަށް ފަސޭހައިން ހަނދާން ނައްތާލެވޭނެކަމެއް ނޭގެއެވެ. އިޒްޔަންވެސް އެވަގުތު އިނީ ދުވަހަކު ނުވާހާ ސީރިޔަސްވެފައެވެ. އެތޫނު ދެލޮލުން ބަލަހައްޓައިގެން އިންގޮތަކުން ރަނީންގެ ގައިން ހީބިހި ނަގާލިއެވެ.

އޭނަ ދުރަށް ބަލަން ފެށީ އޭނަގެ ނަޒަރުން ރަނީންގެ ހިތަށް ވީވަރު އިހުސާސްކުރެވިފައިބާވައޭ ރަނީންގެ ހިތަށްއެރިއެވެ. އެވަގުތު އެހެންލާފައި ދިޔަ ޒުވާން ޖޯޑެއް އެނބުރި އެނބުރިފައިވެސް ބެލިއެވެ. އިޒްޔަން އިނީ ހިމޭންވެފައެވެ. ބުނާނެ އެއްޗެއް ނޭގުމުން ފޯނުން ގޭމެއް ކުޅެންފެށުމުން ރަނީން ކުޑަކޮށް ހިނި އަންނަގޮތްވިއެވެ. ބޮޑު ފިރިހެނެއްކަމަށް ހެދެން އުޅުނަސް އިޒްޔަންގެވެސް ޅަގޮތެއް އެބަހުރިތާއެވެ. ބޮޑު ފިރިހެނުން ގޭމް ކުޅޭހެއްޔެވެ؟ އެވެސް ސައިކަލް މަތީގައި މިކަހަލަ ގަޑިއެއްގައެވެ. ރަނީންއަށް ވާހަކައާއިގެން ކުރިއަށް ދިޔުމުގެ ހިތްވަރު ލިބުނީ އިޒްޔަންގެ ޢަމަލު ހުރިގޮތް ފެނިފައެވެ.

"އިޒް، ޕްރޮމިސްކުރީމެއްނު މީހަކާއި ނީންނާނަމޭ. ކިރިޔާވެސް ހިތަށް ހަމަޖެހުމެއް ލިބެނީ އެހެންވެ......" ރަނީން ހަނދާންކޮށްލަދިނެވެ.

"ވެލް....ތިވާހަކަ ދައްކާނީ ވަގުތެއްވީމަ، އަހަރެންވެސް ތަނަކަށް ދާން އެބަޖެހޭ، ޓިއުޝަނަށް ދާން ބޭނުމިއްޔާ އަރާ............" އޭރު އިޒްޔަންގެ ހިތްވެސް ތަންކޮޅެއް އަވަސްވެ ހުންގާނުގައި ތަންކޮޅެއް ބާރަށް ހިފަހައްޓާލެވުނެވެ.

"އިޒް މީހަކާއި އިންނަ ދުވަހަކުން ފެށިގެން އަހަރެން ދުނިޔޭގައި ހުއްޓަސް މަރުވިކަމަށް ބަލާތި....." ރަނީން ސައިކަލަށް އެރިގޮތަށް އިޒްޔަން ދުއްވާލުމުން ވިއްސައިގެންގޮސް ބުރަކަށީގައި މޫނު ޖެހުނެވެ. އިޒްޔަންގެ ޓީޝާޓުގައި ހިފާފައިވާ މީރުވަސް ރަނީންގެ ސިކުނޑިއަށް ދިރުން ގެނުވިއެވެ. އަރްމާނީ ކޯޑަކީ އިޒްޔަންގެ ރީތިކަމުގެ ބަޔެއް ހެއްޔެވެ؟ އެފިރިހެންވަންތަ ވަހުގެ ސަބަބުން އިޒްޔަންދެކެ ވާ ލޯބި ހައްތަހާ އިތުރުވަނީއެވެ. އަބަދަށް އެގޮތަށް އިޒްޔަންގެ ގައިގާ ޖެހޭ ހިސާބުގައި އިނދެވޭނީ ކޮންފަދަ ނަސީބުވެރިޔަކަށް ހެއްޔެވެ؟ ބައްދާލަންވެސް ހިތަށް އެރިއެވެ. ދެން މިފަދަ ފުރުސަތެއް ލިބޭނެކަން އެނގޭނީ ކާކަށް ހެއްޔެވެ؟ ދުނިޔޭގެ ކަންތައް ބަދަލުވާން ނަގާނީ ހިނދުކޮޅެކެވެ. އިޒްޔަންއާއިއެކު ސައިކަލްގައި އެހާ ކައިރީގައި އިންނަން ވުމުން ރަނީންގެ ހަށިގަނޑުގައި ކަރަންޓުގެ އަސަރު ހިނގާލާފައިވިއެވެ. އެރީތި ހަނދާންތަކުގެ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ. ދާން އުޅޭ އިމާރާތާއި އަރާ ހަމަވުމުން ރަނީން ސައިކަލުން ފައިބާފައި "ތެންކިއު" އޭ ބުނެލުމުން އިޒްޔަން ބަލާވެސް ނުލާ ސައިކަލް ދުއްވާފައި ގޮސް ގޯޅިން ލަނބާލަންދެން ހިލައިގެ ބުދެއްހެން ހިނގައިގަންނަން ނޭގިފައި ރަނީން ހުއްޓެވެ. ފޮތްތައް މޭގައި ޖައްސާލައިގެން ހުރެފައި ރަނީން ކޯތާފަތް ފޮހެލިއެވެ.

"ގޯޑް، ޕްލީޒް ދުނިޔެއިން ބޭނުންވަނީ އެންމެ ކަމެއް، އެއީ އެކަނި އިޒްޔަން ލިބުން، އެނޫން އިތުރު އެކައްޗެއްވެސް ބޭނުމެއްނޫން، ޕްލީޒް މޭކް ހިމް މައިން......." ރަނީން ހިނގައިގަތްއިރުވެސް ހީވީ ފައިގާ ކުރިއަށް ދާނެ ވާގިނެތް ހެންނެވެ. އެއްވެސް ކަމެއްކުރާނެ ހިތްވަރެއް އޭނަގެ ނެތީއެވެ. ދުވަސްތައް ވޭތުވަމުންދާ ވަރަކަށް އިޒްޔަންގެ ހަނދާންތަކާއި ދުރުވުމުގެ ބަދަލުގައި އިޒްޔަންއަށްޓަކާ އެހިތް ދީވާނާވާވަރު އިތުރުވީއެވެ. އޭނަގެ ހިތަށް އަނިޔާދިން ލޯބިވެރިޔާ ފެނިލާފައި ހީލައިފިއްޔާ ރަނީންގެ ފާރުވެފައިވާ ހިތަށް ލިބޭ ފަރުވާއަކަށްވިއެވެ.

އިޒްޔަން ބަންޑުން ކަހަލަގޮތަކަށް އެނދުގައި އޮށޯވެލައިގެން އޮތްތަން ފެނިފައި ނާޒްލީ އަހާލުމުން ބުނީ ކުޑަކޮށް ބޮލުގައި ރިއްސަނީ ކަމުގައެވެ. ނާޒްލީ އިޒްޔަންއަށް ސައި ތަބައް ގެނެސްދިނެވެ. އިޒްޔަންއަށް މަޖުބޫރުކުރާވަރުން ތެދުވެ ކުޑަކޮށް ސައި ބޯލި ނަމަވެސް މޫނުމަތިން ވޭނެއްގެ އަސަރު ފާޅުވެއެވެ. އެސާފުދެލޮލުގައި ކުޑަ ރަތްކަމެއްވިއެވެ.

"އިޒްޔަން، އަދިވެސް ރަގަޅެއް ނުވޭތަ؟ " ބާރަޖެހިއިރުވެސް އިޒްޔަން ނުތެދުވެ އޮންނަން ފެށުމުން ނާޒްލީ ސުވާލުކޮށްލިއެވެ.

"ދެން އިރުއިރުކޮޅާ މަންމަ ތިހެން ނައަހާފާނަންތަ؟ މަންމައަށް ހުރިހާކަމެއް އެނގިހުރެ ތި ސުވާލުކުރަނީ........ " އިޒްޔަން ރުންކުރުވެފައި ތަންކޮޅެއް ބާރަށް ވާހަކަދެއްކިއެވެ. އިޒްޔަންގެ އެމިޒާޖުން ނާޒްލީގެ ހިތަށް އަސަރުކުރިއެވެ. ދަރިފުޅު އުޅޭ ހާލު ފެނިފައި އަސަރުކޮށްގެން އަޅާލާން ފެށުމުން ދުރުކޮށްލުމުން މައިމީހާގެ ހިތަށް ކުރާނެ އަސަރު އިޒްޔަންއަށް ވަޒަން ނުކުރެވުނީއެވެ. އިޒްޔަންގެ ރީތި ދެލޮލުގައި ކުޑަ ރަތްކަމެއްވާތަން ފެނިފައި ނާޒްލީ ތަދުކަނޑުވާކަހަލަ ބޭސްގުޅައެއް ގެނެސްދިނެވެ. އިޒްޔަން ނުތެދުވާން އޮވެފައިވެސް ބޭސްގުޅަ ކެއީ ކެތްނުކުރެވޭ ވަރަށް ރިއްސާތީއެވެ. ބޭސް ކެއުމުން ކުޑަ ލުޔެއް ނުލިބުނުތާގައި ހައްތަހާ ތަދު ވީ އިތުރުވުން ނޫން ކަމެއް ނުވިއެވެ. އެމާ ދޭތެރެއަކުން އައިސް ބޯ މަސާޖްކޮށްލަދެއެވެ. ގަނޑުފެން އަޅާލަދިނެވެ. އިރުއޮއްސުނުފަހުން ނޭވާލާން ދަތިވެ އޭނައަށް ތަނެއްގައި ބުރަކަށި ޖައްސާލަން އުދަގޫވިއެވެ. ނާޒްލީ އުޅެ އުޅެ އޭނަ ހޮސްޕިޓަލަށް ދާން ދެކޮޅުހެދިއެވެ. ވަށައިގެން ބާލީސްތައް ޖައްސާލާފައި ހުރިއިރުވެސް އިޒްޔަން އުޅުނީ އުދަގޫވެގެންނެވެ.

"އިޒްޔަން ޑޮކްޓަރަކަށް ދައްކަންވީނު....." ނާޒްލީ ހޫނުފެން ބޯތަށްޓެއް ކައިރީގައި ބެހެއްޓީ އާވި ނަގައިގެންވެސް ރަގަޅުވާތޯ ބަލާށެވެ.

"އިޒްޔަން ކުޑައިރު އެސްމެޓިކް ކުއްޖެއްތަ؟ "އަޒީޒުވެސް އިނީ ކަންބޮޑުވެފައެވެ.

"ދުވަހަކު ބަލިކޮށް އުޅުނު ކުއްޖެއްނޫން، ކުޑައިރުވެސް ނޭވާއަށް އުދަގޫވެގެންނެއް ނޫޅޭ، އެވަރަށް ކިޔަކިޔާ އިޒްޔަން ބޭނުމެއްނުވި ހޮސްޕިޓަލަށް ދާކަށް، ބޮލުގައި ރިއްސުމުގެ އިތުރަށް ސިނގު ރުޅިއެއްވެސް އައިސްފަ އެހެރީ، ސީޓީ ސްކޭނެއް އެއްޗެއް ހަދައިގެން ނޫނީ ބޮލުގައި މައްސަލައެއް ހުއްޓަސް އެނގޭނެތަ؟ ނޭގޭނެ، މީހަކު ބުނާ އެއްޗެއް އަޑުއަހާކަށްވެސް ނޫޅޭ، އިޒްޔަން ވަރަށް ޗޭންޖްވެއްޖެ........" ނާޒްލީ އާއި އަޒީޒު ސިޓިންރޫމްގައި ޓީވީ ޚަބަރު ބަލައިލަން ތިބިއިރު ޓީވީއަށް އެހާ ސަމާލުކަމެއް ނުދެވެއެވެ. ޓީވީ ހުޅުވާލާއިރަށް ދައްކަނީ ސިޔާސީ ވާހަކައެކެވެ. އަންހެނުންނާއި ކުޑަކުދިންނަށް ލިބޭ އަނިޔާތަކުގެ ވާހަކައެވެ. ތޫފާނެއްގައި އެތައް ބަޔަކު މަރުވުންފަދަ ކާރިސާއެއް ހިނގައިގެން އުޅޭ ވާހަކައެވެ. ނާޒްލީގެ ސަމާލުކަން އަތުލައިގަތީ ގެނެސްދިން ރިޕޯޓެއްގައި ދެއްކި މޫނަކުންނެވެ. އެއީ މުޅި ރާއްޖެ ދަންނަ ވިޔަފާރި އާއިލާއަކަށް ވިޔަސް އެގޮތަށް ޓީވީއިން ފެނި މާޒީގެ ހަނދާންތަކެއް އާކުރުވަފާނެ ކަމަކަށް ނާޒްލީ ހިޔެއްނުކުރެއެވެ. ބައްޕަގެ ފިޔަވަޅުމަތިން ހިނގި ޒުވާނާ އެހާ މަޝްހޫރުކަން ހޯދަފާނެ ކަމަކަށްވެސް އޭނަ ހިތަކަށް ނާރައެވެ. ނާޒްލީ އަވަހަށް އެތަނުން ދުރަށް ދާން ހިނގައިގަތީ ފެންކަޅިވެ ކަރުނަތިއްކެއް ކޯތާފަތްމަތިން ދަތުރުކުރަން ފެށީމައެވެ.

އަޒީޒު ނިތްކުރީގައި ފިރުމާލިއެވެ. އޭނަ ހީކުރީ ނާޒްލީ އެހާ ބޮޑަށް ހިތާމަކޮށް ކަރުނަ އޮއްސަނީ އިޒްޔަން އެހާ ބަލިވުމާއި ގުޅިންކަމަށެވެ. ވާނުވާއެއް ނޭގި ޒުވާން ފިރިހެން ދަރިއަކު އެގޮތަށް ބަލިވުމަކީ އެއްވެސް މަޔަކަށް ދެކެން ކުޅަދާނަވާނެ މަންޒަރެއްނޫނެވެ.

"ނާޒް މާ ހާސްވަނީ ކަމަށްވާނީ؟ ވެދާނެ މައިގްރެއިންކަމަށް، ނޫނީ ހަމަ ހިއްލަންފެށީ ކަމަށްވެސް، ކާކަށް އެނގޭނީ އިޒްޔަން އެންމެނަށް ސިއްރުން ސިގްރެޓް ނުބޯކަމެއް، އެހެން އުޅެގެންވެސް ފުއްޕާމޭ ހަލާކުވެދާނެ، ނޫނީ އެކުއްޖާ ޑްރަގް ނަގަނީތަ؟ އަހަންނަށް އެނގެނީ ނާޒްލީހާ ދީނަށް އުޅޭ މީހެއްގެ ދަރިއަކު އުޅޭގޮތަކަށް ނޫންކަން އިޒްޔަންގެ އުޅުން އެހެރީ....." އަޒީޒު ޚިޔާލުތައް އެއްފަރާތްކޮށްލާފައި ޓީވީގެ ސްކްރީނުން ފެންނަން ހުރި މާތްފާޑު ޖަހާ މީހާ ދައްކާ ވާހަކައަށް ސަމާލުކަން ދިނެވެ. ކޮންމެވެސް ތަނަކުން ދެނެ ފަރިތަ މޫނެއްހެން ހީވިއެވެ. ކޮންތަނަކުން ބާވައެވެ.

އިޒްޔަން ކިރިޔާވެސް ހަމަޔަކަށް އެޅުނީ މެންދަމުން އަލިވެ ބާރަޖެހި ފަހުންނެވެ. ނޭވާލުމަށް ތަންކޮޅެއް ފަސޭހަވެ މޭމައްޗަށް ކޮށްފައިވާ ބާރު ކުޑަވާގޮތްވިއެވެ. އޭރު ބޮލުގެ ރިހުންވެސް ފިލައިގެން ހިނގައްޖެއެވެ. އޭނަ ލޯ ހުޅުވާލާފައި ބަލައިލިއިރު މިރޭ މާމަގެ ބަދަލުގައި އެނދުގައި އޮތީ މަންމައާއި އެމާއެވެ. މާމަ ކޮބާހެއްޔެވެ؟ ބަލިވެގެން އެޑްމިޓްކުރީކަން ނޭގެއެވެ. ނަސީބަކުން ކޮޓަރީގެ ބޮކިތައް ހުރީ ނިވާލާފައެވެ.

އިޒްޔަން ފާޚާނާއަށްވަދެ މޫނު ދޮވެ ދަތް އުނގުޅާލާ ހެދިއިރުވެސް އޭނަ ހަނދާންވަނީ ނަތާލީގެ މަތިންނެވެ. ނަތާލީގެ ކައިރިއަށް ދާހިތުން ކެތްވަނީއެއް ނޫނެވެ.

"މިހުރިހާކަމެއްގެ އަސްލަކީ އެއީ، އަހަންނަށް ނަތާއާއި ވަކިން އުޅެން އުދަގޫވަނީ، އައި ވޯންޓް ހާރ އިން މައި އާރމްސް، ހަމަ މިވަގުތު......މި މިނިޓްގައި...." އިޒްޔަންގެ ހަށިގަނޑުގައި އާދަޔާ ޚިލާފަށް ވިންދު ޖަހައިލިއެވެ. ލޭ ދައުރުކުރުން އަވަސްވެލިއެވެ. އަތްފައި ފިނިވެލުމުން ދެއަތް ދެއަތާ އުނގުޅާލަމުން ފުން ނޭވަޔެއް ދޫކޮށްލިއެވެ. ދުރުގައި އުޅެން ވުމުން ހަނދާންވާގޮތް ބޮޑުވީ ހާދަ އަވަހަކަށެވެ. މުޅި ރޯދަމަސް އެއްކޮށް އޭނަ ނަތާލީއާއި ދުރުން އުޅުނީ ކޮންތާކުން ހޯދި ކެތްތެރިކަމަކުންހެއްޔެވެ؟ އޭނައަށް މިރޭ ނަތާލީ ފެންނަ ހިސާބަށް ނުގޮސް ނިދުމަކީ އެކަށީގެންވާކަމެއް ނޫނެވެ. އިތުރަށް ކެތްކުރަން ވެއްޖެއްޔާ އޭނަގެ ސިކުނޑި ފަޅައިގެން ހިނގައިދާނެއެވެ. އަމިއްލަ ނަފުސަށް ބާރު ފޯރުވޭވަރަށްވުރެ ބޮޑަށް ނަތާލީ އެހިތުން ޖާގަ ހޯދާފައިވާކަން މިރޭ ޔަގީންވެއްޖެއެވެ. ބޭރަށް ނުކުމެ އޭނަ ހަރުގައި އަޅުވާފައިވާ މެރޫންކުލައިގެ ޓީޝާޓުނެގިއެވެ. ނާޒްލީ ނިދިމަޑުކަމުން އެހާ ކުޑަ ހަރަކާތަކުންވެސް ހޭލެވޭގޮތްވިއެވެ.

"އިޒްޔަން. ކޮންތާކަށް ދާން މިގަޑީގައި؟ " ނާޒްލީ ތެދުވެފައި ނިދާ ބޮކި ދިއްލާލިއެވެ.

"ރެސްޓޯރެންޓަށް....." އިޒްޔަން ފޫހިވިއެވެ. އޭނަކުރާ ކޮންމެ ކަމަކާއިމެދު މަންމަ ސުވާލުކުރަން ޖެހޭހެއްޔެވެ؟

"ދަންވަރު ރެސްޓޯރެންޓަށް ދާންވީ ސަބަބެއް ނެތޭ އިޒްޔަން. އަދިވެސް ނިދާފައި ދޯ ތިހިރީ، ކާން ހަދާފާނަން، ކޯންޗެއް އިޒްޔަންއަށް ކެވޭނީ؟ " ނާޒްލީ ތެދުވެ އެނދުގެ ކުރިމަތީގައި ހުރި ފައިވާނަށް ފައި ކޮށްޕާލިއެވެ.

"އަހަރެން ކުރާ ކޮންމެ ކަމަކާއި މަންމަ ސުވާލުކުރާތީ އޭ މިހުރިހާ ކަމެއްވަނީ؟ މަންމަ ބުނާހާގޮތަށް ހަދަން ޖެހުނީމަ އަހަރެންގެ އުފާވެރިކަން ގެއްލިއްޖެ. ކޮންމެ ކަމެއް ބޮޑު މައްސަލައަކަށް، ޕްލީޒް ލީވް މީ އެލޯން...ޕްލީޒް..." އިޒްޔަން އަޑުގަދަކޮށްލިއިރު ގޭތެރޭގައި ވާ އެހެން މީހުންގެ ކަންފަތަށް އިވިދާނެކަމާއިމެދު އޭނަގެ ފަރުވާލެއްނެތެވެ.

"އިޒްޔަން މާ އަދަބުކުޑަކޮށްލާފައި ތިވައްތަރަށް އުޅެނީ ކާކު ކައިރިން ދަސްކޮށްގެންތަ؟ ތިއީ ކުރިން ތިހެން އުޅުނު މީހެއްނޫން، މާވަރެއްގެ އަންހެނަކާއި ޖެހިގެން އިޒްޔަން ދުނިޔެއިން މޮޔަވީތަ؟ " ނާޒްލީ ބުމަ ކައިރިކޮށްލިއެވެ. އޭނަ މިހާވަރުން ބަލާބޮޑުކުރި ފިރިހެން ދަރިފުޅު އޭނަގެ މޫނުމަތީގައި ބަސްބުނަން ޖެހިދާނެ ދުވަހެއް އައިސްދާނެކަމަކަށް އޭނަ ހީކޮށްފައެއްނެތެވެ. އެހެން ކޮންމެ އަންހެންކުއްޖަކަށްވި ނަމަވެސް އޭނައަށް އެންމެ ރަގަޅެވެ. އިޒްޔަންއަށް އެތައް މިލިޔަން އަންހެންކުދިންނެއްގެ ތެރެއިން ފެނުނު އަންހެނަކީ އޭނަގެ ދުޝްމިނެކެވެ. އޭނަގެ ޙަޔާތަށް ވިހަލާފައިވާ އަންހެނެކެވެ. އެ އަންހެނާގެ ޗާލަކީ ކަމުގައި ޖެހި އިޒްޔަންގެ ދިރިއުޅުން ބަރުބާދުވެގެން ހިނގައިދާނެއެވެ.

"ނަތާލީގެ ވާހަކަ ނުދައްކަމެއްނު......" އިޒްޔަން ބުމަގޮށްޖަހާލިއެވެ.

"ހާދަ ބޮޑަށް ބަދަލުވެފައި ތިހިރީ. މަންމަ އިޒްޔަންއަށް ރަގަޅަށޭ މި ވާހަކަ ދައްކަނީ. މީހުން ކިޔާފާނެ އެއްޗަކާއިމެދުވެސް ވިސްނަންވާނެ............" ނާޒްލީ ފެންކަޅިވާގޮތްވިތަން ފެނިފައި އިޒްޔަންގެ ހިތް މަޑުވާން އުޅުނެވެ. ތަންކޮޅެއް މައިތިރިވެލާފައި ފޯނާއި ކުޅެން އިންތަން ފެނިފައި ނާޒްލީ އަވަހަށް ކޮފީއަކާއި ލުއި ކާނާ ގެނެސް މޭޒުމަތީގައި އަތުރާލިއެވެ. އިޒްޔަން ރުޅިގަނޑު ހިލިދާނެތީ އޭނަ ވާހަކަދެއްކީ ވަރަށް ވިސްނައިގެންނެވެ.

"މަންމަ ކަންބޮޑުވަނީ އަހަރެން ނަތާ އާއި ވާހަކަ ދެއްކީމަތަ؟ އެންމެ ރަގަޅު، އަހަރެން ބޭނުމެއްނޫން މަންމައަށް ފޮރުވައިގެން މިކަންތައް ކުރިއަށް ގެންދާކަށް، އަހަރެން ދާން މިއުޅެނީ ނަތާލީގެ ގެއަށޭ، މިގެއަށް ވަނީމަ އަހަރެންގެ ބޮލުގައި ރިއްސާ އުދަގޫ ގޮތްތައްވަނީ، މަންމަ ރުހުނަސް ނުރުހުނަސް އަހަރެންގެ އަންބަކަށްވާނީ ނަތާލީ، އަހަންނަށް އެނޫންގޮތެއް ނުފެނުނު، ނޫނީ ނަތާލީ ކުރި ގޯސްކަމެއް މަންމަ ބުނެދީފާނަންތަ؟ އެހާ ނުބައި މީހަކަށް ވެއްޖެއްޔާ އެކަން ސިއްރުކޮށްގެން ނުވާނެއްނު މަންމާ، އަހަންނަށް އެކަން އެނގުމުގެ ހައްގު އޮންނަންވާނެ..." އިޒްޔަން ކޮފީތަށީގައި އަތް ނުލާ މޭޒުމަތީގައި އެއް އަތް ލުއިކޮށް ބާއްވާލައިގެން އިންއިރު އެ ރީތި ދެލޮލުން ފެނުނީ އެ ސުވާލުގެ ޖަވާބު އަޑުއަހަން އެދި އެދި އިން މިންވަރެވެ.

ނާޒްލީއަށް ލިބުނު ޝޮކްގައި އަނގަ ހުޅުވުނެވެ. އޭނަގެ ފިރިހެން ދަރިފުޅު އޭނައާއި ޖަދަލުކޮށް ވާހަކަދައްކާ ހިސާބަށްވެސް ދިޔައީއެވެ. އޭނަ ރުހުނަސް ނުރުހުނަސް އިންނާނަމޭވެސް ބުނެލީ ކިހާ އަދަބުކުޑަގޮތަކަށް ހެއްޔެވެ؟ އޭނަ އިޒްޔަންއަށް ދަސްކޮށްދިން ރީތި އާދަތަކާއި އަދަބުތައްވެސް އެކުއްޖާ ހަނދާން ނައްތާލައިފިއެވެ. މާޒީގެ ވާހަކަ ދައްކައިފިއްޔާ އިޒްޔަންގެ ބައްޕަގެ އަގުވެސް ވެއްޓިގެން ހިނގައިދާނެއެވެ. އެއީ ވަފާތެރި ފިރިޔަކަށް ނުވިޔަސް ނާޒްލީގެ އަލަތު ލޯތްބެވެ.

"އިޒްޔަންގެ ބައްޕައާއި ގުޅުމެއް އޮތް މީހެއްކަމަށް ބަލާ......" ނާޒްލީ އެއަށް ވުރެ އިތުރަށް ބުނެދޭކަށް ބޭނުމެއްނުވިއެވެ.

"އަހަރެންގެ ބައްޕައޭ؟ އެއީ ކާކުތަ؟ "އިޒްޔަން އަހާލާއިރަށް ނާޒްލީ ހިމޭންވިއެވެ. ޙަޔާތުގައި ފުރަތަމަ ފަހަރަށް އިޒްޔަން އެސުވާލުކުރީއެވެ. އެ ސުވާލަށް ޖަވާބުދޭކަށް އޭނައަށް ފަސޭހައެއް ނޫނެވެ. އިޒްޔަންއަށް ބައްޕައަކީ ކާކުކަން ބުނެދިނުމުގެ ވަގުތު ޖެހުނުކަމަކަށްވެސް ނާޒްލީ ނުދެކުނެވެ. ނާޒްލީ ހިކިފައިވާ ކަރުތެރެ ތެންމާލަންވެގެން ފެންފޮދެއް ބޯލުމަށްފަހު ސޯފާއަށް ތިރިވިއެވެ.

"އިޒްޔަންއަށް މިއަދު އެކަން އެނގުމުގެ މާނައެއްނެތް........" ނާޒްލީ އެންމެފަހުން އިޒްޔަން އިން ދިމާލަށް ބަލައިލަމުން ބުނެލައިފިއެވެ. އިޒްޔަންގެ ދެލޮލުން ފެންނަން ފެށި ނުރުހުމުގެ ކުލަވަރު އިންތިހާ ދަރަޖައިގެ ރުޅިވެރިކަމަށް ބަދަލުވާން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. މުށްކަވާލެވުނު އަތްތިލައިން ކޮފީތަށީގައި ޖެހިލެއް ބާރުކަމުން އަޑުފަށްގަނޑަކާއިއެކު ތެޅުނެވެ. އެއަށްފަހު ފުން ހިމޭންކަމުގެ ތެރެއަށް މުޅިގެ ވެސް ގެނބިގެން ދިޔައެވެ.

ރަނީން ފިހާރައަށް ވަދެފައި ހަރުގަނޑުގައި ހުރި ސެންޓްފުޅިތަކަށް ބަލަމުން ދިޔައީ ޝައުގުވެރިކަމާއިއެކުގައެވެ. އެންމެފަހުން އަތް އަރްމާނީ ކޯޑު ސެންޓް ފުޅީގައި އަތް ޖައްސާލެވުމާއިއެކު އެރީތި ތުންފަތް މައްޗަށް ހިނިތުންވުމެއްވެރިވީ އިޒްޔަންގެ މަތިން ހަނދާންވެފައެވެ.

"އިޒްމަތިން ހަނދާންވާވަރު އެނގޭނެނަމަ. އިޒްއާއި ގުޅުން ހުރި އެއްޗެހިދެކެވެސް ލޯބިވެވެން މިފެށީ......." ރަނީން ހިތާހިތުން ކިޔާލިއެވެ. ރަނީންގެ ގައިގާ ޖެހޭ ހިސާބުގައި މީހަކު ހުއްޓުނުހެން ހީވެފައި ރަނީން އެމީހެއްގެ މޫނަށް ބަލާލުމާއިއެކު އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނެވެ.

ކޮމެންޓް 0