"ވަޓް އިފް އައި އެގްރީ....." ދާނަޝް ގެ ތޫނު ދެލޯ އަނދިރީގެ ތެރެއިންވެސް ވިދުންގަދަކަމާއެވެ. ޙަޤީގަތުގައިވެސް ރީތި ރީތި ދެލޮލެވެ.

"އެނގޭ އާއެކޭ ނުބުނާނެކަން..." ރަނީން ޔަގީންކަމާއިއެކު ބުނެލާފައި ހިނިތުންވެލިއެވެ. އެދެލޯ ހޯދީ އިމާން ވީ ދިމާލެއް ބަލާށެވެ. އޭރު ކިތަންމެ ބަޔެއްގެ ސިއްރު ނަޒަރު ރަނީންމެން ތިބި ދިމާލަށް ހުއްޓިފައިވިއެވެ.

"އެއީ ކީއްވެގެންނޯ....." ދާނަޝް ބުމަ އަރުވާލިއެވެ.

"އެއީ...އެއީ....." ރަނީން އަޅައަޅައިގެންފާ ދެން ބުނެލި އެއްޗަކުން ދާނަޝް ސިހޭނެކަމަށް ރަނީން ހީކުރިއެވެ. ދާނަޝްގެ މޫނުމަތިން ތަފާތު ޝުޢޫރުތަކެއް ނުފެނުނެވެ.

"އިމާންއާއި އަހަންނަކީ ކަޕްލްއެއްހެން ރަނީންއަށް ހީވިތަ؟ މީހުން ގޮސިޕްކުރުން ނޫންކަމެއް ނޯވޭ ދޯ........" ދާނަޝް ހުރީ ހަމަޖެހިލާފައެވެ. ދާނަޝް ރުޅި ނައީ އެއީ ޙަޤީގަތެއްވީމަކަށް ވެދާނެއެވެ. މުއްސަދިކަމާއި އާރާއި ބާރު ލިބިފައިވުމުން ފާފަކުރިޔަސް ވަރިހަމައީ ކަމަށް ދެކެނީހެއްޔެވެ؟ ނޫނީ ދީން ގަބޫލުނުކުރާ ބަޔަކީހެއްޔެވެ؟ ދާނަޝްގެ ފަރާތުން އެއީ ޙަޤީގަތެއް ނެތްކަމެއް ކަމަށް ބުނެދޭނެކަމަށް ރަނީން ހީކުރިއެވެ.

"ރަނީން. މެރީ މީ.........." ދާނަޝް ވަރަށް ހަމަޖެހިލާފައި ކައިވެންޏަށް އަހާލައިފިއެވެ.

"ވަޓް؟ "ރަނީން ދެލޯ ބޮޑުކޮށްލިއެވެ.

"ޕޭރެންޓުން ބުނާގޮތަށް ހަދަން ނިންމައިގެން މިހިރީ، ތެދަށް ބުނަންޏާ ހަޤީގީ ލޯބީގެ ފޮނިކަމެއް އަދި ހާސިލެއް ނުކުރެވޭ، އެހެންވެ ހިތަށް އެރީ މިފަހަރު ތަފާތުކަމެއް ކޮށްލާނީއޭ، އެކަމަކު ރަނީން އެގޮތް ބޭނުމިއްޔާ، ރަނީން އާއެކޭ ބުންޏަސް ނޫނެކޭ ބުންޏަސް ފަރުވާލެއްނެތް. އެކަމަކު އޭރަށް މަންމަމެން ނުބުނާނެއްނު އަހަރެން ނޫޅުނީއޭ، މިހާވަރަށް ދޯ ކަމެއް ކުރަން އުޅެވޭނީ.........." ދާނަޝް ސީރިޔަސްވެލާފައި ހުރެ ވާހަކަދެއްކިއެވެ. އެ އަޑުގައި ސަމާސާގެ އެއްވެސް ކުލައެއް ނެތެވެ. އޭނަ ރަނީންގެ ކައިރީގައި ނުބުނީ ޒޯޔާ އޭނައަށް ބޭވަފާތެރިވީ ވާހަކައެވެ. އެއީ ލޯބިކަމުގައި ހީކުރެވުނަސް ޒޯޔާ ވަކިވުމުން ފަރުވާލެއްނެތެވެ. އޭނަގެ ދައްތަ މީޝާގެ ފިރިމީހާއާއި ޒޯޔާ ރައްޓެހިވިކަން އެނގުމުން އައީ ރުޅިއެވެ. އަންހެންކުދިންނަކީ ކެހިވެރި މަކަރުވެރި ބަޔެއްކަމަށް ނިންމިއެވެ. ނަމަވެސް ފަހުން ވިސްނުނެވެ. ހުރިހާ އިންސާނުންނަކީ އެއްކަހަލަ ބަޔެއް ނޫނެވެ. ހުރިހާ އެންމެންނަކީ ޒޯޔާ ކަމުގައި ނުވެ ހިނގައިދާނެއެވެ.

"ސޮރީ، ޑޮކްޓަރ ދާނަޝް، ގޮޓް އެ ބޯއިފްރެންޑް....." ރަނީން ކިތަންމެ ޖެހިލުންވެފައި ހުރެވެސް އަވަސްއަވަހަށް އެހެން ބުނެލާފައި ދުރަށް ދާން ހިނގައިގަތްއިރު ހިތަށް އުދަގޫތަކެއްވިއެވެ. ސަބަބަކީ އެގޮތަށް މީހަކު ހުށަހެޅިހެޅުމެއްގައި ކޮޅުފައިން ޖަހަން ބޭނުންނުވާތީއެވެ.

އޭނަގެ މަޤާމުގައި އެހެން އަންހެންކުއްޖަކު ހުރިނަމަ ދޭނީ އެ ޖަވާބުހެއްޔެވެ؟ ދާނަޝްއަށް ބޭނުންނުވާނީ ކޮން ކުއްޖެއްހެއްޔެވެ؟ އޭނަގެ ނެތީ ކޮން ސިފައެއްހެއްޔެވެ؟ ކަރުގައި ރިހިފަށެއް އަޅައިގެން އިސްތަށިގަނޑު ހައިލައިޓްކޮށްފައި އޮތަސް މާތްފާޑު ޖަހައެވެ.

ދާނަޝް އިރުކޮޅެއްވާންދެން ރަނީންއާއި ދިމާލަށް ބަލަންހުރިއިރު އޭނަ ވިސްނަމުން ދިޔައީ ކޯންޗެއްކަމެއް ނޭގެއެވެ. ޖޫސްތަށި ތުނބުގައި ޖަހަމުން އޭނަ ގޮސް އިށީނީ މީހުންނާއި އެކަހެރި ތަނެއްގައެވެ. ފައިރޫޒާ ތަންކޮޅެއް ދުރުގައި ހުރެވެސް އެމަންޒަރު ބެލިއެވެ. އެދެމީހުން ދޭތެރޭގައި ދެކެވުނު ވާހަކައެއް އަހާހިތުން ކެތްތެރިކަން ކޮޅުން ލާ ގޮތްވިއެވެ. ސުލްތާންއަށް އެކަން ވިސްނިފައި ބުނީ ހަމަޖެހިގެން ހުރުމަށެވެ. ތަޤުދީރުގައި ކައިވެންޏެއް ލިޔުއްވާފައިވާކަމަށް ވާނަމަ އެކަން ހަމަޖެހޭނެކަމުގައެވެ. ފައިރޫޒާއަށް އެވަރުންވެސް ނުފުދިގެން ދާނަޝްގެ ކައިރިއަށްގޮސް އަހާލުމުން ބުނީ ރަނީން އެކަމާއި ވިސްނާކަމުގައެވެ. ފުރަތަމަ ކައިވެންޏަށް އަހާލާއިރަށް ބައެއް އަންހެންކުދިންނަށް އާއެކޭ ބުނުން ފަސޭހަ ނުވާނެކަމުގައި ބުނެ ދާނިޝް އޭނަގެ މަންމަގެ ހިތް ހަމަޖައްސާދިނެވެ.

ކޮންމެގޮތެއްވިޔަސް އެފަހުން ދާނަޝް އިނީ އެކަނިވެރިކަމަށް ބޭނުންވެފައެވެ. ހިނިތުންވެ އުޅޭތަނެއް ނުފެނުނެވެ. ރަނީންގެ އެ ޖަވާބުން އޭނައަކީ ނާކާމިޔާބު މީހެއްކަމަށް ނިންމީކަމަށް ވެދާނެއެވެ. ނޫނީ ނޭގިނަމަވެސް އޭނަގެ ހިތުގައި ރަނީންއަށްޓަކާ އެހެން ކަހަލަ ވިންދެއް ޖަހަން ފެށީއެވެ.

އެރޭގެ ހަފްލާ އޮމާންކޮށް ކުރިއަށްދިޔައިރު ހިތާމަވެރި ހާދިސާއެއް ހިނގާފާނެކަމަށް އެކަކުވެސް ހިޔެއްނުކުރެއެވެ. އިޒްޔަންއާއި ނަތާލީ ވާހަކަދައްކަން ތިއްބާ އިޒްޔަންގެ ބޮލުގައި ރިއްސައިގަތީ ހަމަ ކުއްލިއަކަށެވެ. އިންޒާރަކާއި ނުލައެވެ. ހަމަހޭވެރިކަން ނެތޭހާ ގަދައަށެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިގެން ބިމަށް ތިރިވިއިރު ނަތާލީ ކަންބޮޑުވެފައި އިޒްޔަންގެ ގައިގާ ހިފަހައްޓަން މަސައްކަތްކުރިއެވެ. އޭނަ އެހީއަށް އެދި ހަޅޭއްލަވައިގަތުމުން ކައިރީގައި ތިބި މީހުންތައް އެއްވިއެވެ. އެއީ ހޮސްޕިޓަލުގެ އިމާރާތުގެ ތެރެކަމުން އޭނައަށް ފަރުވާދޭން އެންމެން އަވަސްވެގަތެވެ. ނާޒްލީ ހުރީ ބިރުވެރިކަމާއިއެކު އެމަންޒަރު ދެކޭށެވެ. ކުރީގެ ހަނދާންތައްވެސް އޭނަގެ ސިކުނޑީގައި ޖެހިގަތެވެ. ކުރިންވެސް އިޒްޔަން ދޭތެރެއަކުން އެހާ ގަދަޔަށް ބޮލުގައި ރިއްސާތީ އުޅުނެވެ. މިފަހަރު މިވީ ހާދަ ބޮޑުވަރެކެވެ. އެބަލި ގޯސްވީހެއްޔެވެ؟ އެމާއަށް ކެންސަރު ޖެހުނުކަން ހަނދާންވުމުން ހިތަށް ބުނެދޭން ނޭގޭފަދަ ގޮތެއްވެ ދެލޯ ކަރުނުން ފުރުނެވެ. ދެވަނަ ދަރިއަކު އެ ޙާލުގައި އެޅޭތަން ދެކެން ހިތަށް ކެތްވާނެހެއްޔެވެ؟ ކެންސަރުގެ ބަޔެއް ވައްތަރުތައް ވާރުތަކުރާގޮތްވާތީ އެކަމާއިވެސް ހާސްވީއެވެ. ނާޒްލީ ހިތާހިތުން ދުޢާކުރީ ނުރައްކާތެރި ކަމަކަށްނުވެ ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވުމެވެ.

އިޒްޔަން ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް މަންސޫރު ހުރީ ސުލްތާންއާއި ކޮންމެވެސް ވާހަކައެއް ދައްކާށެވެ. އިޒްޔަންއަކީ ދޮންދަރިއަށް ވިޔަސް އެހާވަރުން އުޅޭތަނެއް ނުފެނެއެވެ. ނާޒްލީވެސް ހުރީ އިޒްޔަންއާއިއެކު އެހާ ދާހިތަކުންނޫނެވެ. މަންމައަކަށްވިޔަސް ނަތާލީ އަމިއްލަ ދަރިފުޅަށް އެގޮތަށް ގަދަކޮށްލައިގެން އުޅޭތަން ދެކެން ހިތަކަށް ކުޅަދާނައެއް ނުވެއެވެ. ބޮޑު ހިތާމައެއް ކުރިމަތިވުމުން އިޒްޔަންގެ ހިތާމައާއި ބައިވެރިވާން ދިޔަސް އޭނަ ހުރީ އިޒްޔަން އޭނަގެ ކައިރިއަށް އަންނާންދެން ދެން ނުދާށެވެ. މިފަހަރު އަނެއްކާ އިޒްޔަން ބަލިވީއެވެ. މަންސޫރު އަޅާނުލުމުން އެކަމާއި ހިތަށް އަސަރުކޮށްފައި ހުރި ވަރުން ދަމުން ދަމުން އެނބުރި ބަލާވެސް ނުލެވުނެވެ. ފަހަތުން އަންނާނެކަމަށް ހީކުރެވިފައެވެ.

އިޒްޔަން އާއިއެކު އިމަރޖެންސީ ރޫމަށް ވަނުމުގެ ފުރުސަތު ލިބުނީވެސް ނަތާލީއަށެވެ. ނާޒްލީ ޖެހުނީ ބޭރުގައި މަޑުކުރާށެވެ. ނާޒްލީ އިސްޖަހާލައިގެން ކޮޅަށްހުރިއިރު ހިތަށް އެތައް އެއްޗެއް އަރާ ފޭބިއެވެ.

"މަންސޫރުވެސް އަޅާލިނަމަ، ކޮންމެގޮތެއްވިޔަސް ނިއުރޯސާޖަންއެއްގެ އޮޕީނިއަން ކިހާ މުހިއްމު، އެތަނުން ބަލާނީވެސް އާދައިގެ މެޑިކަލް އޮފިސަރެއް، ނުގުޅޭ ބޭހެއްދީގެން ބަލި އިތުރުވެއްޖެއްޔާ ކިހާ ދެރަ، މަންސޫރުއާއި ވާހަކަ ދެއްކޭނެ ރަގަޅު ފުރުސަތެއްވެސް ނުލިބުނު، އިފް ހީ ލަވްސް މީ ދެން ކީއްވެ އިޒްޔަން އެހާ ދުރުކޮށްލީ؟ އެހެން ޕޭޝަންޓުންނެކޭ އެއްގޮތަށް ރިފަރ ކުރީމަތަ އޭނަ އަންނަން ޖެހެނީ؟ މަންސޫރުވެސް ހީކުރިހާ ކެއަރިންއެއް ނޫން، އެކަމަކު އެހެންވެސް ވިސްނާކަށްނުވާނެ. މަންސޫރަށް އެނގޭނެ އަހަންނާއި އިޒްޔަންގެ ގުޅުން ރަގަޅުނޫންކަން. އަދި އިޒްޔަންގެ މަންމައަސް ވުމުން އަޅާލަން މަޖބޫރުވިޔަސް މަންސޫރު އެގޮތަކަށް ނުދެކޭނެއްނު........" ނާޒްލީގެ ޚިޔާލު އެކި ދިމަ ދިމާލަށް ދާންފެށިއެވެ.

އިރުކޮޅެއް ނުވަނީސް ނަތާލީ ނިކުމެގެން އައީ ބޭސް ސިޓީއެއް ހިފައިގެންނެވެ. ތެޅިފޮޅެމުން ދަމުންވެސް ނާޒްލީ ދިޔައީ ނުރުހުމުގެ ނަޒަރަކުން ބަލާލާފައެވެ. އެތަނުން ސީޓީ ސްކޭނެއް ހަދަން ދިންނަމައެވެ. އިޒްޔަން މީގެ ހަތަރު އަހަރުކުރީއްސުރެން ފެށިގެން އެހާ ގަދަޔަށް ބޮލުގައި ރިއްސާތީ އުޅުނެވެ. އެކަހަލަ މަޢުލޫމާތެއް ނަތާލީއަކަށް ދޭކަށް ނޭގޭނެއެވެ. އޭނައަކީ އިޒްޔަންގެ މަންމައެވެ. ކެތްނުކުރެވިގެން އެތެރެއަށް ވަދެ ބަލައިލިއިރު އިޒްޔަންގެ ހާލު އެހާ ރަގަޅުކަމަކަށް ނުފެނެއެވެ.

"ކީއްވެތަ ސީޓީ އަކަށް ރިފަރ ނުކޮށްގެން ތިއުޅެނީ؟ " ނާޒްލީއަށް އަހާލެވުނެވެ.

"އަންހެނުން ރިފިއުޒްކުރީ ޑޮކްޓަރ މަންސޫރުއަށް ރިފަރކުރާކަށް، އެބޭފުޅާއަށް ސީޓީ ސްކޭން ހަދަން ފޮނުވެވޭނީ.........." އެތާހުރި ޑޮކްޓަރ ވެގެން އުޅޭގޮތް ކިޔާދިނުމުން ނާޒްލީގެ މޫނުމައްޗަށް ރަތްކުލަ ވެރިވެގެން ދިޔައެވެ. ނަތާލީ އޭނަގެ ދަރިފުޅުގެ ފަރާތުން ބަދަލު ހިފަން އުޅެނީހެއްޔެވެ؟ ނަތާލީއާއި މަންސޫރުގެ ދޭތެރޭގައި ރުޅިވެރިކަމެއް އޮތަސް އަދި އިޒްޔަން އެދޭތެރެއަށް ވެއްދުމުގެ މާނައެއްނެތެވެ. ހުރިހާވެސް ކަމަކީ އިޒްޔަން ބަސްނާހާ ދަރިއަކަށްވީތީއެވެ. މިދުވަސް ދެކެން ޖެހިދާނެކަމަށް ހީނުކުރީއެވެ. އޭނަ ފަހަރެއްގައިވެސް ދަރިފުޅަށް ބަދު ދުޢާކުރީއެއް ނޫނެވެ. ނަމަވެސް އިޒްޔަންއަށް މިހާރު މިފެންނަނީ ބަސްގަބޫލު ނުކުރުމުގެ ނަތީޖާކަމުގައި ނާޒްލީގެ ހިތް ބުނަން ފެށިއެވެ.

ނާޒްލީ ރުޅިގަދަވެފައި ހުއްޓަސް އިޒްޔަންގެ އިސްތަށިގަނޑުގައި ފިރުމާލިއިރަށް ފެންކަޅިވިއެވެ. އަމިއްލަ ދަރިފުޅު އެފަދަ ޙާލެއްގައިވާތަން ފެނުމުން ވަރަށް އަސަރުކޮށްފިއެވެ.

"އިޒް، ލޯ ހުޅުވާފައި ވާހަކަދައްކަބަލަ، އިޒް ބޭނުމެއްނުވޭތަ ރަގަޅު ޑޮކްޓަރަކަށް ދައްކަން؟ ސީޓީ ސްކޭނެއް ހައްދަން ރިކުއެސްޓްކޮށްބަލަ. އަމިއްލަ ކަންތައް އަމިއްލައަށް ކުރާވަރުގެ ބޮޑުކުއްޖެއްނު ތިއީ......" ނާޒްލީ ބުނެލިއެވެ. އިޒްޔަންދެލޯ ހުޅުވާލާފައި މަންމައާއި ހަތަރުކަޅި ހަމަކުރިއިރު އެދެލޮލުން ފެން އައިސްފާވިއެވެ. އެކަމުންވެސް އެނގުނީ އެރިހުމަށް ކެތްނުކުރެވިގެން އުޅުނުވަރެވެ.

ނާޒްލީ ބޮލުގައި މަސާޖްކޮށްލަދޭން އުޅުމުން އިޒްޔަން އަތްދުރުކޮށްލިއެވެ. މަސާޖުކުރުމުންވެސް ލުއިވުމުގެ ބަދަލުގައި ތަދު އިތުރުވުން ނޫންކަމެއްނުވިއެވެ. ނަތާލީ ތެޅިފޮޅެމުން އައިތަން ފެނިފައި ނާޒްލީ ބޭރަށް ނުކުތްއިރު ރަނީން އައިސް ދޮރާއި އަރާ ހަމަވީއެވެ.

"ނަތާލީ ބޭނުމެއްނުވޭ އިޒްޔަންގެ ސީޓީ ސްކޭނެއް ހައްދަން، އޭނަ ބޭނުންވަނީ ގެއަށް ގެންދާށޯ، މަންސޫރުއާއި ނަތާލީގެ ދޭތެރޭގައި ކުރިން ޖެހުނު މައްސަލައެއްގެ ސަބަބުން އޭނަ މަންސޫރަށް ދައްކަން ބޭނުންނުވީކަން ނޭގޭ. ދެން އޭނަވެސް އުޅޭ ވައްތަރެއް ދޯ، އެ އަންހެނާ އިޒްޔަންގެ ހަޔާތަށް ވިހަލައިފި، ނޭގޭ ހަދަންވީގޮތެއްވެސް.......... ނާޒްލީ ރަނީން ހީވީ އަމިއްލަ ނަފުސާއި ވާހަކަ ދެއްކިހެންނެވެ. ނަތާލީގެ ސަބަބުން ނާޒްލީ ހުރީ ވަރަށް ރުޅިގަދަވެފައިކަން ރަނީން ދެނެގަތެވެ.

"މިތާ ތިބުމުގެ މާނައެއްވެސް ނެތް، ގެއަށްދާންވީކަން ނޭގޭ....." ނާޒްލީ ރަނީންއަށް ބަލާލާފައި ހީވީ އޭނައާއިއެކު އައުމަށް ދަޢުވަތު ދިންހެންނެވެ. ރަނީން ފަހަތުން ނުދިޔަސް އޭނަ މިތާހުރުމުގެ މާނައެއް ނެތްކަން ވިސްނުނެވެ. ނަތާލީގެ ކުޅަދާނަކަމުން ވަނީ އިޒްޔަންގެ ޢާއިލާއާއި އޭނަ ވަކިކޮށްފައެވެ. ވީއިރު އޭނައަށް އޮންނާނީ ކޮން ފުރުސަތެއް ހެއްޔެވެ؟

ރަނީން ގެއަށް ވަންއިރު ދަންވަރު ބާރަވެސް ޖަހައިފިއެވެ. އިޒްޔަން ބަލިވުމުގެ ސަބަބުން ހިތަށް ކޮށްފައިވާ އަސަރުގެ ސަބަބުން ކެތްކުރެވުނީއެއް ނޫނެވެ. ކޮޓަރިއަށްވަން އިރު ޒޯޔާ ގަދަ ނިދީގައި އޮތްތަން ފެނުނެވެ. ހެދުން ބަދަލުކުރުމެއްނެތި އެނދަށް ބަންޑުން ވެއްޓިގަތްގޮތަށް ދެލޮލުން ކަރުނަ އޮހިގަތީ ހިފެހެއްޓުމެއް ނެތިއެވެ. ރޮއިގެން ހިތުގެ އުދާސްގަނޑު ބޭރުކޮށްލުމަށްފަހު އޭނަ ނިދަން މަސައްކަތްކުރިއެވެ. ދެލޮލާއި ނިދިވަނީ ރުޅިވެފައި ކަމުން އެކަމެއް ނުވިއެވެ. ތެދުވެގެންގޮސް ބައްޕައަށް މަންމަ ފޮނުވި ސިޓީ ކިޔަން ހިތްއެދުނީ ކީއްވެކަމެއް ނޭގުނެވެ. ސިއްރުތަކުން ފުރިފައިވާ ދިރިއުޅުމެއްކަމުން ކޮންމެވެސް ކަހަލަ ކަމެއް އެސިޓީއިންވެސް އޮޅުން ފިލާފާނެކަމަށް އޭނަ ހީކުރިއެވެ. ވީވެސް އެހެންނެވެ. ސިޓީ ކިޔަންފަށާފައި ރަނީންގެ ކަރުނަތައް ހިކުނެވެ. ވަށައިގެންވާ ފާރުތައް ކާރިވަމުންއައިސް އޭނަ ފިތާލިފަދަ އިހުސާސްތަކެއް ކުރެވުނެވެ.

"ގޯޑް، ނޯ.........އެހެނެއްނުވާނެ، ދިސް އިޒް ނޮޓް ޕޮޒިބަލް........." ރަނީންއަށް ބުނެވުނެވެ. ޔަގީންކުރަން ދެފަހަރުވެސް ކިޔާލީ ނިދީގައި ހުރެ އޭނައަށް އެގޮތަށް ފެނުނީކަމުގައި ހީވެފައެވެ. ދެތިންފަހަރު ކިޔާލުމަށްފަހު ރަނީން ބޭނުންވީ އަޑުކޮޅަށް ހަޅޭއްލަވައިގަތުމަށެވެ. މިއެނގުނު ކަންތަކަށްފަހު ދުނިޔެއަށް އެންމެ ނޭވާއެއްލާންވެސް ރަނީން ބޭނުމެއްނުވިއެވެ.

ކޮމެންޓް 0