"ބްރެތްލްސްވެފައި ދޯ، އެހާ ސަކަރާތް ނުޖަހަބަލަ އެމީ ޕްލީޒް، ޔޫ އާރ ސިކް....." ރަނީން އެމާގެ އިސްތަށިގަނޑުގައި ފިރުމާލާފައި އޯގާތެރިގޮތަކަށް ބުނެލިއެވެ. އެމާއަށް ކެންސަރު ޖެހިގެން އުޅޭކަން އެނގުނު ފަހުން ރަނީން އެމާއަށް ޚާއްސަގޮތެއް ބަހައްޓައެވެ. އިޒްޔަންގެ ކޮއްކޮއަށްވީ ކަމަށްޓަކާވެސް މެއެވެ. އިޒްޔަން ވަކިވެގެން ދިޔަފަހުން ދެރަވެގެން އުޅުނަސް އެމާ މިހާރު އުޅެނީ ތަންކޮޅެއް މަޖާވެލާފައެވެ. ކުޑަކުއްޖެއްގެ އުޅުމެވެ.

ކޮންމެވެސް މީހަކު ދޮރުގައި ޓަކި ދިނުމުން ރަނީންގެ ހިތް ތެޅިގަތީ ވަކިގޮތެއް ބަލާފައެއް ނޫނެވެ.

"ޔޭ ޔޭ.........ދޮންބެ....ދޮންބެ އައީޔޯ...އެމީއަށް އެނގޭ ހީ ވިލް ކަމް ވަން ޑޭ ކަން........." އެމާގެ ކުދި ދަތްތައް ފެންނަވަރަށް ހީލަމުން ސޯފާއިން ތެދުވެފާ ކިޔާލިއެވެ. ބަލީގެ އުދަގޫތައް އެއްފަހަރާ ނެތިގެން ގޮސް ގައިގާ ވަރުޖެހުނެވެ. ރަނީން ހިލަ ބުދެއްހެން ގާވެފައި ހުއްޓާ އެމާ ދުވަމުންގޮސް ދޮރު ހުޅުވާލުމާއިއެކު މޫނުގެ ކުލަ ފަނޑުވިއެވެ. މުޅިން މާޔޫސްވާގޮތްވިއެވެ. އެމީހަކު އިޒްޔަންގޮތަށް ޓަކިދިނުމުން އޮޅުނީއެވެ. އެއީ އިޒްޔަން އެއް ނޫނެވެ. އިސްތަށިގަނޑު ދިގުކޮށްލާފައި ހުރި ފިރިހެނެކެވެ. އެމާ ހީކުރި މީހާއަށް ނުވުމުން އައި ރުޅީގައި އެމީހެއްގެ މޫނުމަތީގައި ދޮރު ލައްޕާލިއެވެ. އަދި ބިންމަތީގައި ދެފައި ތަޅައިގެންފާ ސޯފާއަށް ވެއްޓިގަނެގެން ރޯންފެށިއެވެ. ރަނީންވެސް ދެރަވިއެވެ. އެމާ އޭނަގެ ދޮންބެ ނުފެނިގެން ކޮންމެ ދުވަހަކު ރޯ ރުއިމާއި ކުރާ އިންތިޒާރު އެންމެ ގާތުން ދެކޭ މީހަކީ ރަނީންއެވެ.

އެރޭ ރަނީންގެ ކޮޓަރިއަށް އައިސް ރީތި ވާހަކައެއް ކިޔާލަދޭން އެމާ އެދުނެވެ. އޭނަގެ އިސްތަށިގަނޑާއި ކުޅެލަދިނުމުން އުދަގޫތައް ކުޑަވާކަމުގައި ބުނެލިގޮތަކުން ރަނީންގެ ހިތަށް އަސަރުކުރިއެވެ. ވާހަކަ ކިޔާދިންއިރު އެމާ އޮތީ ނިކަން ގަޔާވެފައި އަޑުއަހާށެވެ. އެންމެފަހުން އޭނަގެ ބަލީގެ ވާހަކަ އެނގެން ބޭނުންވެގެން އަހަން ފެށިއެވެ. ރަނީން ބުނީ އެމާގެ ހަށިގަނޑުގައި ހުރި ސަކަރާތް ލޭ ނަގާފައި ރަގަޅު ލޭ އަޅާނީ ކަމުގައެވެ.

"ވަރަށް ހާޓްވާނެތަ؟ "އެމާ ދެލޯ ބޮޑުކޮށްފައި އަހާލައިފިއެވެ.

"މިހާރުވެސް އެމީއަށް އުދަގޫވެއެއްނު، ނޫން، އެހާ ތަދެއްނުވާނެ... ރަގަޅުކުރަންވެގެންނޭ އެގޮތަށް ހަދާނީ........" ރަނީން އެމާގެ މޫނަށް ބަލަން އޮވެފައި ބުނެލިއެވެ. އެމާގެ ރީތި އިސްތަށިގަނޑު ވެރި ހުސްވެދާނެއެވެ. ކީމޯތެރަޕީ އާއި ބެހޭގޮތުން މަޢުލޫމާތު ހޯދިފަހުން ރަނީން އެކަމާއި އިންތިހާއަށް ވިސްނިއެވެ. ބޮޑެތި މީހުންނަށް ކެތްނުކުރެވޭއިރު ކުޑަކުދިންނަށް ވާނެ އުދަގުލާއި އަޅާނެ ވޭން ހިތަށް އަރާފައި ރަނީންގެ ހިތް ހަމްދަރުދީއިން ފުރުނެވެ. އެމާގެ އުފާވެރި ހިނިތުންވުން ގެއްލިދާކަށް އޭނަގެ ހިތެއް ނޭދެއެވެ. ބައްޕަވެސް ވަކިވެގެން ދިޔައީއެވެ. އިޒްޔަން ނެތުމުން އަދި ހިތަށް ލިބިފައިވާ އެކަނިވެރިކަން ބުނެދޭނެ ލަފުޒުތަކެއް ހިތަކަށް ނުގެނެވެއެވެ. ހަޔާތަށް އައިސްފައިވާ ހުސްކަން އެއީ ނިމުމެއްނެތް އެއްޗެކެވެ. ހިތްވަރުދޭން އިޒްޔަން ހުންނާނެނަމައެވެ.

އެރޭ އެމާ ލިޔެފައިވާ ސިޓީއެއް ރަނީން އާއި ޙަވާލުކުރިއެވެ.

"އިޓްސް ފޯރ އިޒްޔަން، ލަވް ވާ ވާހަކަ ބުނެލަންވެގެން. މިސްވާވާހަކަވެސް ބުނެފައި އިންނާނެ، ދޮންބެ އައީމަ އެމީ އޯކޭވާނެ..އައި ލަވް ހިމް ސޯ މަޗް....." ކުޑަ ކުޑަ އެމާގެ އުއްމީދަކީ ސިޓީ ފޮނުވައިގެން އޭނައަށްޓަކާ އިޒްޔަން ގެނައުމެވެ.

"ޑޯންޓް ވޮރީ، އިޒް އަންނާނެ......" ރަނީން ހިތްވަރުދިނެވެ.

"އޭމް އައި ޑައިންގް؟ "އެމާގެ ސުވާލުން ރަނީން ސިހިފައި ބާރަކަށް ނޫނެކޭ ބުނެލިއެވެ. ލޯތްބާއިއެކު ލޯ އަޅާލެވުނެވެ.

"ތިކަހަލަ ވާހަކަ ދެން ނުދައްކާތި އެމީ. ނޫނީ ސްޓޯރީ ކިޔައެއް ނުދޭނަން......." ރަނީން ހަށަން ބަދެލިއެވެ. އެމާއާއި ވާހަކަދައްކަން ހުރެފައި ރަނީން ޖޫސްހަދަން އުޅުނުއިރު އޭނަ ހަނދާންވީ އިޒްޔަންގެ މަތިންނެވެ. އިޒްޔަން ކައިރީގައި ކައުންޓަރުގައި ހުރެ މަސައްކަތް ކުރާ ހަނދާން އާވިއެވެ. ހީ ހީފައި އޭނަގެ މަންމައާއި ސަމާސާކޮށްލާ މަންޒަރު ލޮލަށް ފެނުނުފަދައެވެ. އިޒްޔަންއާއިއެކު އުޅުނު ދުވަސްތައް ހަނދާންވެފައި ފެންކަޅިވެ ދޭތެރެއަކުން ކަރުނައާއި ހަގުރާމަކުރަން މަޖުބޫރުވިއެވެ.

ރަނީން އެމާ އާއިއެކު ހިނގާލަން ދިޔައިރު މަންޒަރުތައް ކިތަންމެހާވެސް ހިތްގައިމެވެ. ރާޅުތައް ހަލަބޮލިވެފައި ވައިގަދަކަމުގެ އިންތިހާއެވެ. ތަފާތު މަންޒަރެއްނެތެވެ. އާއްމުކޮށް ފެންނަ ކަންތައްތަކެވެ. މަދީ އިޒްޔަންއެވެ. އެހެން ހިތަށް އަރާ ކޮންމެ ފަހަރަކު ރަނީންގެ އުފާވެރިކަން ފަނޑުވެ މޮޅިވެރިވާގޮތްވެއެވެ. އެމާ ކުޅެން އުޅޭތަން އިންސްޓަގްރާމް ކުރުމުގައި އުޅެލާފައި ގެއަށް އާދެވުނުއިރު އިރުއޮއްސި އަނދިރިކަން ވެރިވާން ފަށައިފިއެވެ. ރަނީން ކޮޓަރިއަށް ވަދެފައި ކުރާނެކަމެއް ނޭގިގެން ކުރީގެ ފޮޓޯ އަލްބަމެއް ނަގައިގެން ބަލަން އިންދާ ނާޒްލީ ދޮރުމައްޗަށް އެރިއެވެ.

"އެއްޗެއް ކާނަންތަ؟ އެބަހުރި ޕިއްޒާ ހަދާފައި..." ނާޒްލީ ބުނެލިއެވެ.

"ބަނޑުހައެއް ނުވޭ...." ރަނީން އަލްބަމްގެ ގަނޑެއް އުކާލިއެވެ.

"ކޮންމެވެސް އެއްޗެއް ކާންވާނެ، ޕިއްޒާ ފޮތްޗަކާއި ކިރުތަށްޓެއް ނަމަވެސް ބޯލާ އިނގޭ......" ނާޒްލީ އިތުރަށް ބާރުނާޅާ މަޑުމަޑުން ދޮރު ލައްޕާލާފައި ދިޔުމުން ރަނީން ބޭރަށް ނުކުމެ ދޮރުމަތީގައި ހުއްޓުނެވެ. ބައްޕަ އާއްމުކޮށް އިންނަ ސޯފާ މަތީގައި އަދިވެސް ބައްޕަގެ ބާލީހެވެ. ބިއްލޫރި މޭޒުމަތީގައި ދުވަހުގެ ނޫހެވެ. މޭޒުމަތީގައިވާ ބައްޕަގެ ކޮފީ މަގުވެސް އެހަނދާންތައް އާކޮށްދީ އޭނަގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ދިރިއުޅުމުގެ ބޭނުމެއްވޭ ހެއްޔޭ ހިތާ ހިތުން ސުވާލުކުރެވުނެވެ. ދިރި ހުންނަންވީ ކޮންކަމަކަށްޓަކާ ބާވައެވެ. ދެން ލިބޭނެ އުފަލެއް އެބައޮތް ހެއްޔެވެ؟ އެހުރިހާ އެއްޗެއް ހިތަށް އަރާފައިވެސް ހެއްދެވިފަރާތް މަތިން ހަނދާންވެފައި ހިތްވަރު ލިބުނެވެ. ދަންވަމުން ދިޔައިރު ގެއަށް ވެރިވެފައިވާ ހިމޭންކަމުގެ ތެރޭގައި ޤުރުއާނުގެ ރީތި ސޫރަތެއް ކިޔަވައިގެން ރަނީން ހިތަށް ފިނިކަން ހޯދިއެވެ. ނިދުނީވެސް ޤުރުއާން އަޑުއަހަން އޮތްވައެވެ. މިއުޒިކަށްވުރެ ޤުރުއާން އަޑުއެހުމުން ލިބުނު ރޫޙާނީ ހިތްހަމަޖެހުން ހާސްގުނަ ބޮޑެވެ.

ޒޯޔާއަށް ލިބިފައިވާ އުފާވެރިކަމާއި ހިތްހަމަޖެހުން ފަނޑުވާން ފެށީ ދާނަޝް އޭނައާއި ދުރުން އުޅެން ބޭނުންވާވަރު ހާމަވާންފެށުމުންނެވެ. އެއް ގެއެއްގެ ތެރޭގައި އުޅޭއިރު އެހާ ވާހަކަ ދައްކާ ހިތްވާނަމަ ވަގުތު ހޯދޭނެއެވެ. ގާތް މީހުންނަށް ފުރުސަތު ދެވޭނެއެވެ. ދާނަޝްގެ ހިތުގައި އޭނައަށް އެއްވެސް މަގާމެއް ނެތީހެއްޔެވެ؟ އެކުވެރިއެއްކަމުގައިވެސް ނުދެކެނީ ކަމް ޔަޤީނެވެ. ވައިބަރ އޮފްކޮށްލާފައިވަނީ އޭނައާއި ވާހަކަ ނުދައްކަންކަން ޔަގީނެވެ. ޒޯޔާ މާވަރަކަށް އުޅޭހެން ހީވެގެން އޭނަ ދުރުވަނީބާވައެވެ. ދާނަޝްގެ މިޒާތު ތަފާތީކަން ނޭގެއެވެ. ދާނަޝްއަށް ކަމުދަނީ އަދި އެހެން ވައްތަރެއްގެ އަންހެންކުދިން ކަމަށްވެދާނެއެވެ. މާ ލޯބިން އުޅެންޏާ ބައެއް މީހުން ފޫހިވާނެއެވެ.

ފައިރޫޒާ ނެތް ވަގުތެއް ބަލާފައި ޒޯޔާ ދާނަޝްއާއި ވާހަކަ ދައްކާނެ ފުރުސަތެއް ހޯދިއެވެ. ދާނަޝް ކާރުން ފައިބައިގެން ގެއަށް ވަންނަން އައީ ޖިންސްގެ ޖީބަށް އެއް އަތް ޖަހާލައިގެންނެވެ. ފުރަތަމަވެސް ބަލައިލެވުނީ އިރުގެ އަލިއެޅިފައިވާއިރު އިސްތަށިގަނޑަށް ވެރިވެފައިވާ ރަންކުލައަށެވެ. ދާނަޝްގެ ދެލޮލާއި ދިމާލަށް ބަލައިލެވުމުން މުޅިކުއްޖާ ގަނޑުވިހެން ހީވިއެވެ.

"އަހަރެން މިގެއަށް އައީމަ ފްރެންޑަކަށްވެސް ނުވިތަ؟ "ޒޯޔާ މެޔާއި ދިމާލުން ހިފަހައްޓާލަމުން ބުނެލައިފިއެވެ.

"އަހަރެން ފުރަންވެގެން އުޅޭތީ ފުދޭވަރަކަށް ބިޒީކޮށްނޭ މިއުޅެނީ، ޒޯޔާއަށްވެސް އަހަރެން ބުނިކަމެއް ކޮށެއް ނުދެވުނު، ދެން ޝުކުރުކޮށްބަލަ އަހަރެން ޒޯ މިގެއިން ނުނެރެ ހުރީމަ....... "ދާނަޝް ހީވެސް ނުލާ ފާޑަކަށް ބުނެލި ގޮތުން ޒޯޔާއަށް ނުބައިގޮތެއްވިއެވެ. ދާނަޝްގެ މިޒާޖު ދުވަހަކު ދަހެއްނުވާނެއެވެ. ދުވަހަކު ކުލައެއް ދައްކާ ފިރިހެނެކެވެ.

"ފުރަންށޭ؟ ކޮންތާކަށްތަ؟ " ޒޯޔާ ރަގަޅަށް ވިސްނާލާފައި ހިތް ތެޅިގަތީ ވަކިގޮތަކަށް ނޫނެވެ. ދާނަޝް ރަގަޅަށް ދަސްނުވެގެން އުޅެނިކޮށް ފުރާ ވާހަކަ ފެށީއެވެ.

"އެހެން ޕްލެނެޓަކަށް، މާގިނަ ސުވާލުނުކޮށްބަލަ، މިހާރުވެސް ބޯ ގޮވާފައި މިހިރީ........" ދާނަޝް ތަފްސީލް ދޭނީ ކިހިނެއްހެއްޔެވެ؟ ޖަވާބުދޭކަށްވެސް ބޭނުމެއްނުވިއެވެ. ދެރަވެގެންގޮސް ޒޯޔާގެ ހިތް ފަޅައިގެން ދާވަރުވިއެވެ. ދާނަޝް ގެ ކައިރިން އިތުރު އެއްޗެއް އަހާލެވޭވަރު ނުވީ ދާނަޝްގެ ދޮންތަ މީޝާ ކޮތަޅުތަކެއް ހިފައިގެން ކާރުން ފޭބިތަން ފެނިފައެވެ. ދާނަޝް އެހީވާން އަވަސްއަވަހަށް އެދިމާލަށް ދިޔައެވެ.

ދާނަޝްގެ ފަރާތުން ފެންނަ ކަމުދާ ސިފަތަކާއި ނުރުހެވޭ ސިފަތަކަށް ހިތް ލެނބި އިޒްޔަންގެ ހަނދާންތައް ފަނޑުވާންފެށިއެވެ. ދާނަޝްއާއި ގަޔާވާން ފެށިއިރު ދާނަޝްގެ ހިތުގައި އޭނައަށް ޖާގައެއް އޮންނާނެ ނަމައޭ ހިތަށް އެރި ނަމަވެސް އެފަދަ އެއްވެސް އިޝާރާތެއް ނުފެނެއެވެ. ޒޯޔާ އަނގަތަޅާތީ އޭނަ ހުންނަނީ ބޮލަށް އުދަގޫވާގޮތްވެފައެވެ. މިޒާޖުގައި ހުންނަގޮތަކުން ޒޯޔާގެ އަނގަ ހިމޭނުން ލައިގެން އިނުމަކީ އޭނައަށް ފަސޭހަކަމަކަމަށް ނުވިއެވެ. ކުރެވޭ ކަންތައްތަކުން އެކަނި ހަޅޭއްލަވަނީ ފައިރޫޒާއެއް ނޫނެވެ. ދާނަޝްވެސް ދޭތެރެއަކުން އެއްޗެކޭ ބުނެލާއިރު ކިތަންމެ މަޑުން ބުންޏަސް ޒޯޔާގެ ހިތަށް އެވާ ގޮތެއް ބަޔާން ކުރަން ދަތްޗެވެ. ދާނަޝް ރުޅިގަދަވެފައި އޭނަ ދެރަކޮށްލަން ކޮންމެވެސް އެއްޗެކޭ ބުނެލާނެއެވެ. ޖެއްސުމެއް ކޮށްލާނެއެވެ. ދެތިން ދުވަސްވީއިރު ޒޯޔާއަށް އެނގުނީ ދާނަޝް އޭނަދެކެ ވަރަށް ފޫހިވާކަމެވެ.

ޒޯޔާ ސެލޫންއަށް ގޮސް ވެކްސް ކުރުވައިގެން ފޭޝަލް ހެއްދިއެވެ. އިސްތަށިގަނޑު ރަންކުލައިން ހައިލައިޓްކުރުވިއެވެ. މޭކަޕް ސާމާނު ގެނެސް ރީތިވެލައިގެން އިސްތަށިގަނޑު ނިއުޅުވާލައިގެން ނުކުތްއިރު އޭނަ ވައްތަރީ މުޅިން އެހެން ކުއްޖަކާއެވެ. ޒޯޔާ ފެންޑާއަށް ނުކުމެފައި ފަތްތަރު މަތީގައި އިށީދެލިއެވެ. ރަތްކުލައިގެ ޓައިޓްލައިގެން އިންއިރު އޮމާން ފައިކުރި ހާމަޔަށެވެ. އިސްތަށިގަނޑު ވިހުރެން ދޫކޮށްލާފައި އޮތެވެ.

"ކޮބާތަ އެ ދާނަޝް ގަނޑު، ދެން މާ ފޮނިވެގެން އުޅެމުން އަދި މަގޭ ފަހަތުން އަންނާނެ، އަހަރެން ބުނާނަން ނޫނެކޭ، އޭރަށް އަދި ވަރަށް ދެރަވާނެ، އެހާ ފަސޭހައިން އަހަރެންވެސް އެއްބަސްވާންވީ ކީއްވެތަ؟ އަދި ރަނީން ގެނެސްދޭށޭ ކިޔާތީ އެންމެ ފޫހިވަނީ، ރަނީން އެބަޖެހޭ މަ ލޯބިވާ ކޮންމެ މީހަކު މިލްކުކުރަން، ދެން ހާދަ ފޫއްސެއްވެޔޭ..ރަނީން، ރަނީން، އެނޫން އަންހެނަކު މިއޮތް ބޮޑު ދުނިޔޭގައި ނެތީތަ...." ޒޯޔާގެ ދެލޯ ހޯދަމުން ދިޔައީ އެންމެ ފަރާތެކެވެ. އޭނަ އެހެން އިންދާ ދާނަޝް ކާރުން ފޭބުމުން ހިތް އަވަސްވެ އަތުން ދާ ހިއްލާލައިފިއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ ފަހަތުން އައި އިމާން ފެނުނެވެ. އިމާން ދާނަޝްގެ ކައިރީގައި ކޮންމެވެސް އެއްޗެކޭ ކިޔަކިޔާފައި ހެމުން އެތެރެއަށް ވަދެގެން ދިޔައިރު ކަތި ނަޒަރަކުން ބަލާލިއެވެ. ހީވާގޮތުން އޭނަގެ ރީތި އިސްތަށިގަނޑު ހާމަކުރުމުގެ މަގުސަދު ހާސިލު ވެއްޖެއެވެ. އެ ހިތްތައް ފިދާވާފަދަ ނަޒަރުން މިނޫނީ އެގޮތަށް އޭނައާއި ދިމާލަށް ބަލާލާފައެއްނުވެއެވެ. ހިތަށް ގަނޑުފެން އެޅިނަމަވެސް ފިނި ނުވާހާ ފިނިވެ ހިތަށް ހަމަޖެހުމެއް އިހުސާސްވިއެވެ.

ދާނަޝް އާއި އިމާން ކޮޓަރިއަށް ވަދެފައި އިމާން އުޅެގަތީ ދާނަޝްގެ ދަބަސްތައް ޕެކްކުރާށެވެ. ދާނަޝްގެ ޚިދުމަތުގައި ހުރުމަކީ އޭނައަށް ލިބޭ އުފަލެކެވެ. އެންމެ އެކުވެރިންގެ ތެރޭގައި ހިމެނުމުގެ ފަޚުރު ލިބިފައިވާތީ އިމާން ފޮނިވެއެވެ. ދެތިންދުވަސް ކުރިން ޕެކްކޮށްލުން ރަގަޅުވާނެކަމުގައި އަބަދުވެސް އިމާން ކިޔާނެއެވެ. މީހަކު އެހީވާން ނުހުންނަނަމަ ދާނަޝް އަވަސްވެގަންނާނީ އެންމެ ފަހު ވަގުތުއެވެ. އިމާން ދެން ދައްކަން ފެށީ މީރާގެ ވާހަކައެވެ. މީރާ ދާނަޝްއަށް އެންމެ ފަހުން ކުރި ކޮމެންޓުން ލޯބިވާހެން ހީވާވާހަކައެވެ.

"ސީރިޔަސްކޮށްތަ؟ ބަލަ މީރާއަކީ މަގޭ ކަޒިން ކޮއްކޮއެއް، ދެން އަހަރެން ދޮންތައާއި އިނުން ކަހަލަ ކަމެއްނު އެއީ، މީރާ ކައިރީ ބުނެބަލަ މޮޔަނުވާށޭ........." ދާނަޝް ގަމީހުގެ ގޮށްތައް ނައްޓަންފެށިއެވެ. ތަނަވަސްމޭމަތި ހާމަވެގެން ދިޔައިރު އިމާންގެ ހިތް ތަޢުރީފުކުރިއެވެ.

"އެކަނި މީރާތަ؟ ފިރިހެނުންގެ އުދަގޫވެސް ބޮޑުވާހާ ރީއްޗެއް ނު..." އިމާން އެއްލޯ މަރާލިއެވެ.

"ހޫމް ދެޖިންސްގެ މީހުންނާއި ދޯ މަ އުޅެންވީ، އޭ ކޮންމެހެންވެސް މަގޭ ގިޓާ ގެންދަން ހަނދާންކުރައްޗޭ.....އެއާއި ނުލާ ނޫޅެވޭނެ....." ދާނަޝް ހަނދާންކޮށްލަދިނެވެ.

"މާރަގަޅުވާނެ ޕިއާނޯ ޕެކްކޮށްލިއްޔާ......" އިމާންއަށް މަޖާވިއެވެ. ދާނަޝް ގިޓާކުޅޭލެއް ރީތިކަމުން އެކުވެރިން ދީވާނާކުރުވައެވެ. އެންމެންގެ ހިތްތައް އަތުލާހާ އޭނަ މޮޅެވެ. ޕިއާނޯގައި އަތްލައިފިއްޔާ އިމާން ހުންނަނީ އެސްފިޔަޖަހާނުލައެވެ. އެ ޢާއިލާގެ އެންމެނަށް މިއުޒިކްގެ ހުނަރު ލިބިފައިވެއެވެ. ލަވަކިޔަންވެސް ދާނަޝް މޮޅީ ވަކިވަރަކަށް ނޫނެވެ.

"އޭރުން ދޮންތަ ސަލާމަތެއް ނުވާނެދޯ، ކުޑަމީހާ ދުނިޔެއަށް ނޭވާލާއިރުވެސް ލަވަނުކިޔައިފިއްޔާ ވެދާނެ. ވެން އިޒް ހާރ ޑިއު.. އެދުވަހަކަށް މާލެ އަންނަންވާނެއްނު.........." ދާނަޝް އެއްޗެކޭ ނުބުނުމުން އިމާން ކިޔާލައިފިއެވެ.

"ހޫމް...." ދާނަޝް އެހާވަރަށް އިމާންގެ ވާހަކަތަކަށް ސަމާލުކަމެއް ނުދީ ޖިންސްބޭލިއެވެ. ކުރީ ދުވަހު ކުޅެންގޮސްފައި ފަޔަށް ތަދުވެފައި ހުރުމުން އޭނަ އިމާން ކައިރީގައި ފައިގާ ބޭހެއް ލާފައި މަސާޖްކޮށްލަދޭން އެދުނެވެ. އިމާން އެދުނީ އެނދުގައި ބަންޑުން އޮށޯވެލުމަށެވެ.

ޒޯޔާ ކުޑަކޮށް ހުޅުވިފައިވާ ދޮރުން އެތެރެއަށް ބަލާލާފައި ހަޅޭއްލަވައި ނުގަނެވުނީވެސް ކިރިޔާއެވެ. އޭނަގެ ހިތަށް ނުބައިގޮތެއްވިއެވެ. އަވަހަށް ދުރަށް ޖެހިލިއިރު ދެލޮލުން ފެނުނީ މާޔޫސްކަމެވެ.

"ލޮލަށް ފެނުނީމަ ދެން ގަބޫލުކުރާކަށްނު ޖެހޭނީ، އެއީ ކީއްވެތަ؟ އަހަރެން އެހާވަރުން އުޅޭއިރުވެސް ދާނަޝް އެހާ ފިނިކޮށް އުޅޭ ސަބަބަކީ އެއީ، ރަނީން ބޭނުންވެގެން އެހާވަރުން އުޅުނީވެސް މީހުންގެ ލޮލުގައި އަނދުން އަޅުވަންކަމަށް ވާނީ......." ޒޯޔާ ފާރަށް ލެނގިލައިގެން ހުރީ ގާވެފައިވާ ބުދެއްހެން ހަރަކާތެއް ނެތިފައެވެ. އެހާވަރުން ޒީނަތްތެރިވެގެން އޭނަ މިއައީ އެކަހަލަ ފިރިހެނަކަށްޓަކާ ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އޭނަ ވިސްނީ ނުބައިކޮށެވެ. އިމާން އަދި ދާނަޝްގެ ފައިގާ މަސާޖްކޮށްދޭން އިނަސް އެއީ އޭނަ ހިތަށް އަރާކަހަލަ މަސާޖަކަށްނުވެ ހިނގައިދާނެއެވެ. މަސާޖް ޕާލާތަކުގެ އަޑު އިވެމުންގޮސް ޒޯޔާއަށް ވިސްނިފައި އޮތީ އެންމެ ނުބައިކޮށެވެ. އެހެން ހުއްޓާ އަދި ދާނަޝް ނުކުމެގެން އަންނަތަން ފެނިފައި ޒޯޔާ ޖެހިލުމެއްނެތި އެސުވާލު ކޮށްލައިފިއެވެ.

"އަހަންނާއި މާން ކަމެއް ކުރީޔޭ؟ އެކަމާ ރޮވިފައި ތިހިރީ؟ " ދާނަޝް ރޭބަން އައިނުން އެ ރީތި ދެލޯ ފޮރުވާލަމުން ރެއިލިންގައި އަތް އަޅުވާލައިގެން ނިކަން ހިތްގައިމުކޮށް ހުއްޓުނެވެ. ފިރިހެންވަންތަކަމުގެ މިސާލެކެވެ. ފިރިހެން ހޯމޯންގެ ދީލަތި އެހީ ލިބިފައިވާލެއް ކުޑައެއް ނޫނެވެ. އެހާވެސް އަންހެންކުދިން ގަޔާވާފަދަ ގޮތެއް އެބަހުއްޓެވެ.

"ދެން ދެރަވެސް ވޭ، އަހަރެން ހިތަށް ނާރާ ތީ އެކަހަލަ މީހެކޭ....." ޒޯޔާއަށް ބުނެވުނެވެ.

"ހޫމް ބުނަން ވާހަކައެއް، ޒޯޔާއަށް ތިފެނުނީ ހަމަ ރަގަޅަށް، އެހެން ކަހަލަ އުއްމީދުތަކެއް ކޮށްގެން ހުރެގެން ފަހުން ދުވަހަކުން ދެރަވެ ޝޮކެއް ލިބުމުގެ ބަދަލުގައި އެނގުނުކަން ނަސީބެއް، އޭރުން ނުބުނެވޭނެ ތިމަންނައަކަށް ނޭގެއޭ، ހަގީގަތް އެނގި ހުރެ ރައްޓެހިވާން ބޭނުމިއްޔާ އަހަރެން މިހިރީ ވާން..........." ދާނަޝްގެ ދެލޮލުގައި ލާނެތް ވިދުވަރެއްވިއެވެ.

"ޔޫ އާރ ގޭއި ތަ؟ "ޒޯޔާ ހީވީ އަދިވެސް ޔަގީން ނުކުރެވިގެން އުޅޭހެންނެވެ.

"ހެހެ......" ދާނަޝް ހޭންފެށިއެވެ. އެވަގުތަކީ އިމާންވެސް ނުކުތް ވަގުތެވެ.

"ޒޯޔާ އަހަނީ އަހަރެން މިއީ ގޭ މީހެއް ހެއްޔޯ، ތެދެއްތަ މާން، އާނ ތިހެން ބުނީމަ ހަނދާންމިވީ ކުރީ ދުވަހެއްގައިވެސް ޒޯޔާ އަހަރެން ކައިރީ މާން ނާންނަ ރެއަކީ ދޯއޭ ކިޔާފައި ސުވާލު ކުރީ މިހެންވެ ތަ.....އިންޓްރެސްޓިން...." ދާނަޝް ބުމަ އަރުވާލިއެވެ. އިމާންގެ މޫނަށް ކުޑަރަތްކަމެއް ވެރިވިތަން ފެނުނެވެ. ޒޯޔާ އެއްޗެކޭ ބުނަން އުޅެނިކޮށް ފައިރޫޒާގެ އަޑު އިވިފައި ދުމެއް ޖަހާފައިގޮސް އޭނަ އެހެން ކޮޓަރިއަކަށް ދެމިގަނެފާ ދޮރު ތަޅުލައިފިއެވެ. އިމާން ދާނަޝްގެ ކަންފަތް ކައިރީގައި ކޮންމެވެސް އެއްޗެކޭ ކިޔާފައި ހީގަތެވެ.

ދާނަޝް ފުރާތީ އެކުވެރިން އެގޭގައި ބާބެކިއު ހަދަންވެގެން އުޅުނީ ހޭލައެވެ. ޓެރެސްގައި ސަކަރާތްޖަހާ އަޑުގަދަކުރަން ތިބިއިރު ދާނަޝްގެ މައިންބަފައިން ވާނުވާ ބަލާކަށް ނޫޅެ އަރާމުނިދީގައެވެ. އަވަށްޓެރިންނަށް އުދަގޫވެގެން ރިޕޯޓްވެސް ކުރިއެވެ. ދާނަޝްގެ އެކުވެރިންނާއި ލޯބިވެރިން އެތާ ތިބެގެން އެތައް ދަމެއްވާންދެން ޖެހި ސަކަރާތުގައި ޒޯޔާއަށް ބައިވެރިވެވުނެވެ. ދާނަޝް ބަލަން ހުއްޓާ އޭނައަށް އުޅެވުނީ މޮޔައެއްހެންނެވެ. ރެއިލން މައްޗަށް އަރާ ހުރެ ބާރު ބާރަށް ލަވަ ކިޔާފައި ހެދުންވެސް ބޭލިއެވެ. ކޮންމެވެސް މީހަކު ހެދުން ލައްވާދިންކަން އޭނައަށް އެނގުނަސް އެއީ ކާކުކަން އޭނަ ހަނދާނެއްނެތެވެ. ކޮޓަރިއަށް ގެނައި މީހެއް ވެސް ނޭގުނެވެ. ހެނދުނު ތެދުވެފައި ހޮޑުލައިލައި މުޅިކުއްޖާ ހަލާކުވާވަރުވިއެވެ. ކައިރީގައި ނިދާލާފައި މީހަކު އޮތްހެން ހީވެގެން ބަލައިލިއިރު އެމީހަކީ ދާނަޝްގެ އެކުވެރިއެއްކަން އެނގިފައި ވަރަށް ހާސްވިއެވެ. ރޭގައި އެ ޒުވާނާއާއިއެކު އެއްވެސް ކަހަލަ ގުޅުމެއް ހިންގުނުބާވައެވެ.

ދާނަޝް ޒޯޔާއާއި ރައްޓެހިވީ އޭނަގެ ދެބެންގެ ދެދަރި މީރާއަށް ދައްކަންވެގެންނެވެ. ކޮންމެހެން އެހާ ސީރިޔަސްވެ ނޫނީ ޒޯޔާއަށް ހިތް ކިޔައިގެންނެއް ނޫނެވެ. މީރާއާއި ވިޝާމް ރުޅިވުމަށްފަހުގައި އޭނައަށް ލޯބީގެ ނަޒަރަކުން ބަލާފާނެކަމަކަށް ދާނަޝް ހީކޮށްފައެއް ނެތެވެ. އޭނަ އަބަދު މީރާ ރުޅިއަރުވާއިރުވެސް އެހިތުގައި އޭނައަށްޓަކާ ލޯތްބެއް އުފެދިދާނެކަމަށް ހީކުރާނީ ކާކުހެއްޔެވެ؟ އެކަމަކު ނުރަސްމީކޮށް އެކަހަލަ ވާހަކައެއް އިވުމުން ދާނަޝް ސަލާމަތްވާން އަވަހަށް އެހެން ދިމާލަކަށް ދާން މަޖުބޫރުވީއެވެ. ކޮންމެހެން ޒޯޔާއަށްޓަކާ ހިތުގައި އެކައްޗެއްވެސް އޮވެގެނެއްނޫނެވެ. ޒޯޔާ އުފަލުން ފުރޭވަރުވިއެވެ. ކުރިއަށް އަޅާލި ފިޔަވަޅަކާއިއެކު ހަޔާތަށް މިހާ ރީތި އިންޤިލާބެއް އަންނާނެކަމަށް ހީކުރާނީ ކާކުހެއްޔެވެ؟ މިގޭގެ ރަނިއަކަށް ވުމާއި ދޭތެރޭގައި މިހާރުވަނީ މަދު ދުވަސްކޮޅެކެވެ. ޒޯޔާގެ ލޯބިވެރިޔަކަށް ވުމަށްފަހުގައި ދާނަޝް އެހެން ދިމާލަށް ނުދާނެކަމުގައި އޭނަ ޔަގީންކުރިއެވެ.

ޒޯޔާ ސިޓިންރޫމަށް ނުކުތްއިރު ދާނަޝްގެ ދޮންތަ މީޝާއާއި ފިރިމީހާ އަޔާދު ސޯފާގައި ތިބިގޮތް ފެނުމުން އެތެރެއަށް ވަނުމުގެ ބަދަލުގައި އޭނަ ކުރިމަތީގައި ހުރި ސޯފާގައި އިށީދެ ފޯނާއި ކުޅެންފެށިއެވެ. މީޝާ ކައުޗްގެ އަތްގަނޑުގައި ބޯ އަޅާލައިގެން އޮތްއިރު ދެފައި އޮތީ އަޔާދުގެ އުނގުގައެވެ. ލައިގެން ހުރި ކުރު ޓޮޕް ކުޑަކޮށް ހިއްލިފައިވާއިރު ދޮންބަނޑުވަނީ ހާމަޔަށެވެ. އަޔާދު ނިކަން ލޯބިން ފައިތިލަ މަސާޖްކޮށްލަދޭއިރު އެހާ ލޯބި ފިރިޔެއް އޭނައަށް ލިބޭނެނަމައޭ ހިތަށް އެރިއެވެ. ދާނަޝް މިހާ އަޅާލާނެ ހެއްޔެވެ؟ ޒޯޔާ ސިއްރުން ފޮޓޯއެއް ނަގާފައި ދާނަޝް އަށް ވައިބަރކޮށްލިއެވެ.

"ޒޯވެސް ސިއްރުން ކުރާ ކަންތައް ދޯ، ވަރަށް ލޯބި...." ދާނަޝް ވައިބަރކުރިއެވެ.

"މަ ޖޭވެގެން ހަލާކު، ވަޓް އެބައުޓް ޔޫ؟ މިހާ ކެއަރިންވާނެތަ؟ ދުވަހަކު މިހާ ޓަޗިން ފޮޓޯއެއް ނުފެންނާނެ....... "ޒޯޔާ އިނީ އިސްޖަހާލައިގެންނެވެ.

"ލޯބިން މެރީކުރިއްޔާ ހަމަ ތިހާ ލޯބިންނެއްނު އުޅޭނީ. އެއީނު ލަވް މެރިޖްގެ ޚާއްސަކަމަކީ......" ދާނަޝް ލިޔުނެވެ.

"ޑޮކްޓަރުން ކެއަރިން ވާން ޖެހޭނެ، އެމީހުންގެ ތޮބީއަތުގައި އެކަން ނެތިއްޔާ ޕޭޝަންޓުންނާއި އޮންނަ ގުޅުން އެހާ ރަގަޅެއްނުވާނެ އިނގޭ، ހޯޕް އަހަންނަށް ޚާއްސަގޮތެއް ބަހައްޓާނެކަމަށް، އަދި މަސާޖްކޮށްލަ ދޭނެކަމަށް. އެހާ ލޯބިން އުޅޭހިތުން ކެތެއްވެސް ނުވޭ......ހަނދާނަކަށް މި ފޮޓޯ ބައިންދައްޗޭ......." ޒޯޔާ އެދުނެވެ. ދާނަޝް ހިނިގަނޑެއް ޖަހާލާފައި އެވާހަކައަށް އިތުރު ރައްދެއް ނުދިނެވެ. ޒޯޔާ ހަގީގަތުގައިވެސް ނިކަން ހަސަދަވެރިވިއެވެ. މީޝާ ހާދަ ފޮނިވާނެއެވެ. ހެނދުނު ނިދި މޫނާއިގެން ނުކުންނައިރުވެސް އެކުއްޖާ ރީތިކަމުން މީހަކު ހައިރާންވާނެއެވެ. އެހާ ލޯބިވަނީ އެހެންވީމަހެއްޔެވެ؟

ދާނަޝް ފުރިތާ ދުވަސްކޮޅެއްފަހުން ޒޯޔާ ޢާއިލާމަތިން ހަނދާންވެ ޚަބަރު އޮޅުންފިލުވާލަން ހިތްއެދުނެވެ. ހިތަށް ކެތްނުވެގެން އެގެއަށް ދިޔައިރު އެގޭގައި ދިރިއުޅެމުން ދިޔައީ އެހެން ބަޔެކެވެ. ގެ ކުއްޔަށް ދީފައި އެމީހުންވެސް ފުރައިގެން ދިޔައީކަން އެނގުމުން ވަރަށް އަސަރުކުރިއެވެ. އެނބުރި ގެއަށް އައުމަށްފަހު ހަދަންވީގޮތަކާއިމެދު ވަރަށް ވިސްނާފައި ނިންމީ މި އަރާމު ދިރިއުޅުމާއި ވަކިނުވުމަށެވެ. ދާނަޝް ކިޔަވާ ނިމިގެން އަންނަންދެން އިންތިޒާރު ކުރުމަށެވެ. ދިގު އިންތިޒާރުގެ ނިމުން ފޮނިވާނެއެވެ. ކުރީކޮޅު ދާނަޝް ކޮންމެ ދުވަހަކުހެން ގުޅަގުޅާފައި އުޅުނަސް އެގުޅުން ހީނަރުވާންފެށިއެވެ. ދާނަޝް އަވަދިނެތި ކޮލެޖްގައި އުޅެން ފެށީއެވެ. ނޭވާލާނެ ފުރުސަތެއްވެސް ނުލިބޭ ކަމުގައި ބުނެލިއެވެ. އޭރު އެގެއިން އޭނައަށް ލިބިފައިވާ މަޤާމު ބަދަލުވުމުގެ ކޮޅުމަތި ފެންނާން ފަށައިފިއެވެ. ފައިރޫޒާ އޭނައާއި ދޭތެރޭގައި ކަންތައް ކުރަމުން ދިޔަ ނިކަމެތިގޮތް ބަދަލުވެ އެކުވެރިއެއްގެ ގޮތުގައި ބަލަން ފެށިއެވެ. ރޭގަނޑު ދެމީހުން އެކީގައި ފިލްމު ބަލަން ތިބުމުގެ އިތުރުން ކުޅިވަރު ކުޅެ ކަސްރަތުކުރަން ފެށުނެވެ. އެހާ އެކުވެރިކޮށް އުޅެމުން ފައިރޫޒާ އެ ޢާއިލާގެ ނިކަން ބޮޑު ސިއްރެއްވެސް ކިޔާދިނެވެ. އަމިއްލަ ނަފުސަށްވެސް އެކަން ސިއްރުކޮށްދޭން އޭނަ ވަޢުދުކުރުވިއެވެ.

ރަނީންގެ އޯލެވެލް ނުނިމެނީސް އިންޑިއާއަށް ނުގެންދަންވެގެން އޭނަ ދުވަސްކޮޅެއްވާންދެން މާމަގެ ގޭގައި ބަހައްޓަން ނާޒްލީ ނިންމިއެވެ. އިމްތިޙާނު ނިމުނީމަ އޭނަގެ ކައިރިއަށް އާދެވިދާނެތާއެވެ. ދޮންމަންމަ އޭނައަށް ހެޔޮއެދޭވަރާއި ކުރިމަގާއިމެދު ވިސްނާވަރު އެދުވަހު ރަނީންއަށް ޔަގީންވިއެވެ. ހިތާހިތުން ޝުކުރުވެރިވިއެވެ.

ހަތަރު އަހަރު ފަސް

ވިލިމާލޭގެ ގޮނޑުދޮށުގައި ހަވީރުގެ ހިތްފަސޭހަކަމުން އުފާކޮށްލަން ހިނގާ އުޅޭ މީހުން މަދެއްނޫނެވެ. ބެންޗުތަކުގައި ވާހަކަ ދައްކާލަން ބައެއްމީހުން ތިބިއިރު ކުދިންތައް ދުވެދުވެފައި އުޅެނީ އެއްވެސް ޚިޔާލެއް ފިކުރެއްނެތިއެވެ. ރަނީން ކުޑަ އަންހެންކުއްޖެއްގެ އަތުގައި ހިފައިގެން އައިއިރު އެތައްބަޔެއްގެ ނަޒަރު ރަނީންގެ މޫނަށް ހުއްޓުނުކަން އޭނައަކަށް ފާހަގައެއް ނުކުރެވެއެވެ. ކަޅުކުލައިގެ ޖިލްބާބެއް ލައިގެން ހުރިއިރު އެމުށިކުލައިގެ ދެލޮގެ ތޫނު ފިލިކަމާއި މޫނުގެ އޮމާންކަމުން ބޭރުކުއްޖަކާއި ވައްތަރެވެ. އަތުގައި ހިފައިގެން ހުރި ކުޑަކުއްޖާ ހުރީ ރަންކުލައާއި ހުދުގެ ހެދުންކޮޅެއް ގައެވެ. ސްޓޮކިން ލައްވާފައި ހުރުމުން އެހާ ނަލައެވެ. ބަލާބެލުމަށް ހީވަނީ ތިންއަހަރު ވެދާނެހެންނެވެ.

"އައި ނީޑް އިޓް، ބޯލް....." އެކުޑަކުއްޖާ އިނގިރޭސިން ބުނެލިއެވެ. ރަނީން ހިނި އައެވެ. ޔަނާ ކޮންމެ އެއްޗެއް ހޯދަން ވިޔަސް ބުނާނީ އެގޮތަށެވެ. އަދި އެހާ ޤަވާއިދަށް ފައްތައިގެން ވާހަކަ ދައްކަން އޭނައަކަށް ނޭގެއެވެ.

"ގޮސް އެ ބޯއި ކާރީ ބުނެބަލަ ކުޅެން ދޭށޭ......." ރަނީން ގުދުވެލާފައި އެވަށް ކޯތާފަތުގައި ބޮސްދިނެވެ. އެކުއްޖާ ތުއްތު ފިޔަވަޅުތަކެއް އަޅަމުންގޮސް އެތާ ކުޅެން ހުރި ފިރިހެންކުއްޖަކާއި ބައިވެގެން ބޯޅަ ކުޅެންފެށިއެވެ. ކުޑަކުދިން އުޅޭލެއް ކިހާ ލޯބިހެއްޔެވެ؟ ރަނީން ފޯނުން އެމަންޒަރުތައް ރައްކާކުރަން ހުރިއިރު ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. ދެކުދިން ރާޅު ބީއްސާ ހިސާބާއި ކައިރީގައި ތިބެން ހަދައިގެން އެންމެފަހުން އައި ރާޅަކާއިއެކު ބޯޅަ ދަމައިގަތްތަން ފެނިފައި ދެކުދިން ކަންބޮޑުވިއެވެ. އެކުދިންނަކަށް މޫދަށް އެރޭކަށް ނުކެރުނެވެ. ޔަނާ އެކުޑަ ފިރިހެންކުއްޖާގެ އަތުގެ މުލައްދަނޑީގައި ބާރަކަށް ހިފާފައި މޫދަށް އެރެން ބާރު އެޅިއެވެ. ރަނީން އެހީވާން އެއްފިޔަވަޅު ކުރިއަށް އަޅާފައިވެސް ހުއްޓުނީ ކުއްލިއަކަށް އައިނައި ތަނެއް ނޭގި ސްމާޓް ފިރިހެނަކު އެދިމާލަށް ދާތަން ފެނިފައެވެ. ފަހަތުން ބަލާފައިވެސް ރީތި މީހެއްކަން ދެނެގަންނާކަށް އުދަގުލެއް ނުވިއެވެ. އެފިރިހެން ވަންތަ ހިނގުމުން އެކަނިވެސް ރަނީންގެ ހިތުގެ ވިންދު އަވަސްކުރުވިއެވެ. އެމީހަކު ގުދުވެލާފައި ބޯޅަ ނަގާފައި އެނބުރުނެވެ. އަދި ޔަނާއަށް ދިއްކޮށްލީ އޯގާތެރި ހިނިތުންވުމަކާއިއެކު ގައެވެ. އެމޫނަށް ބަލާލުމާއިއެކު ރަނީންގެ ހިތް އޭގެ މަޤާމު ދޫކޮށްލާފައި ދިޔަފަދަ އިހުސާސެއް ކުރެވުނެވެ. ހަތަރެސްފައި ގަނޑުފެނަށް ލިޔަސް ފިނިވާނީ އެހާކަށްހާ ވަރަށެވެ. އެސްފިޔަ ޖަހައިލާކަށްވެސް ނޭގުނެވެ.

ކޮމެންޓް 0