"ޒޭބާ. ނޫން. ޒޭބާ ދުރަށް ދޭ!" މިޝްއަލްގެ އަޑު އައީ ޒޭބާގެ ފުރަގަހުންނެވެ. އެ އަޑުގައި އިންތިހާ ދަރަޖައިގެ ހާސްކަމާއި އިންޒާރު ވިއެވެ. މިޝްއަލްގެ ކޮނޑުގައި ހިފަހައްޓައި ލައިގެން އެ ހުރި ގޮތަށް ހުރެފައި ޒޭބާ ފަސްއެނބުރި ބަލައިލިއެވެ. އަސްތާ މިޝްއަލް އެއަންނަނީ ފަހަތުން ނެވެ. ދެން އެހެން ވީއިރު ކުރީގައި މިހުރީ ކާކު ހެއްޔެވެ؟ ޒޭބާގެ ހިތުން އަޑު އައެވެ. އޭނާ އަވަސް އަވަހަށް އަތް ތިރި ކޮށްލިތަނާ އެމީހަކު ފަސް އެނބުރިލައިފިއެވެ. އެވަގުތު ޒޭބާގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓާލިއެވެ. ހަށީގައިވާ ހުރިހާ ނާރެއްގައި ލޭހިނގުން ހުއްޓި މަރުވެފައިވާ ގަބުރެއް ފިނިވެގެން ދާހެން އެހަށިގަނޑު ފިނިވެގެން ދިޔައެވެ. ކުރިމަތީގައި އެހުރީ މިޝްއަލް އެވެ. އެއްވެސް ތަފާތެއް ނެތް އެއިސްކޮޅާއި ހަށިގަނޑެވެ. މޫނާއި އިސްތަށިގަނޑެވެ. އެކަމަކު އެދެލޮލުގައި ވަނީ ޒޭބާ މީގެ ކުރިން ދެކެފައި ނުވާ ކުލައެކެވެ. މިޝްއަލްގެ ދެލޮލުގައި ވަނީ އަނގުރު އަލިފާނަށް އަރާ ރަތްކުލައެވެ. ޒޭބާ ބަލަހައްޓައިގެން ހުއްޓާ އޭނާ ބާރު ހަޅޭކަކާއެކު އުޑާއި ދިމާއަށް މޫނު އުފުލާލިހިނދު ހުޅުވާލެވުނު އެ އަނގައިގައި ހުރި ކޮޅު ތޫނު، ނުހަނު ދިގު އެހާމެ ހިމަ ދަތްތައް ފާޅުވިއެވެ. އަދި އޭނާގެ ހަޅޭކުގެ އަޑާއިއެކު ބިންގަނޑަށް ލޮޅުން އަރައި ކައިރީގައިވާ ހުރިހާ ގަސްތަކެއް ހެލިގަތް އިރު ހީވީ ބާރުގަދަ ވައިރޯޅިއެއް އައިސް މުޅި ހިސާބުގައި ތޫފާނެއް އުފައްދާލި ހެންނެވެ. ގަހަކުން ވަކިވެގެން ފަސްގަނޑަށް ވެއްޓެން ދިޔަ ދޮން ފަތެއްހެން ޒޭބާގެ ހަރަކާތް ހުއްޓިފައިވާ ހަށިގަނޑު ވެއްޓެން ދިޔައެވެ. އެސްފިޔަތައް މެރުނު ވަގުތު ޒޭބާއަށް އިހްސާސްވީ ނުހަނު ބާރުގަދަ އަތަކުން އެހަށިގަނޑު ވަށާލާފައި ވެއްޓުނަ ނުދީ ހިފެހެއްޓިކަމެވެ. އެހިސާބުން ޒޭބާ ހޭނެތުނީއެވެ. 

އަތުތެރޭގައި ޒޭބާ ހިފަހައްޓާލަމުން މިޝްއަލް ބަލައިލީ ކުރިމަތީގައި ހުރި ބިރުވެރި މަހުލޫޤަށެވެ. އެވަގުތު އޭތި މޫނު ތިރިކޮށްލައިފައި މިޝްއަލް އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އަދި ހަމަ އެސިކުންތު ތެރޭގައި ދުންގަނޑަކަށް ވެގެން މިޝްއަލްގެ ލޯމަތިން ގެއްލިއްޖެއެވެ. ހޭނެތިފައިވާ ޒޭބާ އަތްދަނޑި މައްޗަށް އުފުލައިލައިގެން މިޝްއަލް އަވަސް އަވަހަށް ގޮސް ގެއަށް ވަނެވެ. ސިޑީގެ މެދު ތެރެއިން ހަރުފަތެއްގައި ފައި އަޅަން ތައްޔާރުވެފައި ހުރި މާވިންއަށް އެތަން ފެނިގެން އެއްފަހަރާ ދެހަރުފަތް ގިރާކޮށްލައިފައި ސިޑިން ފައިބައިގެން ދުވެފައި އައެވެ. "ޒޭބް އަށް ކިހިނެތްވީ؟ ކޮންތާކުން އޭނަ ތިގެނައީ؟" މިޝްއަލް ޒޭބާ ގެންގޮސް ސޯފާގައި ދިގު ދިގަށް ބާއްވާލައިފައި ހިންދެމިލުމާއެކު މާވިންގެ ސުވާލުތަކާއި ކުރިމަތިލާން ޖެހުނެވެ. "ޑޯން ވޮރީ. އޭނަ ރަނގަޅު ވެދާނެ. ދޭ ފެންތައްޓެއް ގެންނަން." މާވިން ހަމަޖެހިލައިފައި ބުނެލިއެވެ. "ތީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫން. ބުނޭ. ޒޭބްއަށް ކިހިނެތްވީ؟ ކަލޭ ޒޭބްއަށް ކިހިނެތް ހެދީ؟" މިޝްއަލްގެ ޖަވާބު އަހާފައި މާވިން ރުޅިއައިސްފައިވާ ސިންގާއެއް ފަދައިން ކުރިމައްޗަށް ޖެހިގެންފައި މިޝްއަލްގެ ގިރުވާނުގައި ދެއަތުން ހިފިއެވެ. ހަފީޒާއަށް އެތަނަށް ނިކުމެވުނުއިރު އެމީހުން ތިބި ގޮތަކީ އެއީއެވެ. "ކިހިނެތް ވެގެން ތިއުޅެނީ؟ ޒޭބްއަށް ކިހިނެތް ވީ؟" ހަފީޒާގެ އަޑަށް މާވިން މިޝްއަލް ދޫކޮށްލައިފައި ފެންތަށި ބަލައި ހިނގައިގަތެވެ. އެވަގުތު ހަފީޒާ ދުވެފައި އައިސް ޒޭބާގެ މަގަތުގައި އިށީންދެފައި އެމޫނުގައި ދެއަތުން ހިފަހައްޓާލަމުން ގޮވަން ފެށިއެވެ. މާވިން ފެންތަށި ގެނެސް ހުއްޓުނުތަނާ މިޝްއަލް އެތަށި އަތުލައިގެން އަތަށް ފެންގޮށްޓެއް އަޅައިފައި ޒޭބާގެ މޫނުގައި ދެފަހަރަކު އުނގުޅާލިއެވެ. އެކަން ކުރި އިރު މިޝްއަލް ތުން ތަޅުވާލިހެން މާވިންއަށް ހީވިއެވެ. 

"ޒޭބާ ބޭރަށް ދާން ތައްޔާރުވެގެން ނިކުތް ގަޑިއަށް އަހަރެންނަށް އައިސް ކުރިމައްޗަށް ހުއްޓެވުނީ. ކުއްލިއަކަށް ފެނުނީމަ މާބޮޑަށް ސިހުނީހެން ހީވަނީ. މިފަހުން މިގޭގައި ދިމާވި ހާދިސާއަށްފަހު ލިބިފައިވާ ހާސްކަން އަދިވެސް ނުފިލަނީ ކަންނޭނގެ." މިޝްއަލް ދުރަށް ޖެހިލައިފައި މާވިން އަތަށް ފެންތަށި ދިނެވެ. މިޝްއަލްގެ ވާހަކަ އެމީހުންނަށް ގަބޫލު ކުރެވުނެވެ. އަންވަރުގެ މަރާއި ގުޅޭގޮތުން ހިނގާ ދިޔަ ހާދިސާއަށްފަހު ޒޭބާއަށް ވަނީ ނަފްސާނީ ގޮތުން ގެއްލުން ލިބިފައެވެ. މާވިން އެގޮތް ބޭނުން ވެގެން، ޒޭބާ ކޮޓަރިއަށް ގެންދިޔައެވެ. އެންމެ ފުރަތަމަ ކަމަކަށް މިޝްއަލް ޒޭބާގެ ހަށިގަނޑުގައި އަތްލި ކަމަށްޓަކައިވެސް މާވިން ހުރީ ހިތްހަމަ ނުޖެހިފައެވެ. ދާދި ފަހުން ދިމާވި ހާދިސާއަށްފަހު މާވިން މިހާރު މާބޮޑަށް ޒޭބާއަށް އަޅާލަން ބޭނުންވެއެވެ. އޭނާއަށް ލިބިދާނެ ހުރިހާ ގެއްލުމަކުން ސަލާމަތް ކުރަން މާވިން ހުރީ އަޒުމް ކަނޑަ އަޅައިގެންނެވެ. އޭގެ އިރުކޮޅެއް ފަހުން ހޭވެރިކަން ވެގެން ޒޭބާއަށް ހީވީ ބިރުވެރި ހުވަފެނަކުން ހޭލެވުނު ހެންނެވެ.

"ޝިޓް. އަހަރެންނަށް ހަމަ ރަނގަޅަށްވެސް ނިދުނީތަ؟" ދެލޯ އުނގުޅަމުން ތެދުވެ އިށީންދެފައި މާވިން ފެނިގެން ޒޭބާ ސުވާލު ކުރިއެވެ. މާވިން ޖަވާބު ދޭން އުޅެނިކޮށް ޒޭބާ އެބުނި އެއްޗަކުން ހިޔާލު ބަދަލުވިއެވެ. ތެދު ބުނެފިއްޔާ ޒޭބާ ކަންބޮޑު ވެދާނެ ކަމަށްޓަކައި މާވިން އާއެކޭ ބުނެ ބޯޖަހާލިއެވެ. "އޯހ ގޯޑް. ކޮންފަދަ ނައިޓްމެއަރސް ތަކެއް މިހާރަކަށް އައިސް ފެންނަނީ. ހީވަނީ ހަގީގަތެއްހެން." ޒޭބާ އެނދުން ފައިބައިގެން ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓިފައި އިސްތަށިގަނޑު ރީތި ކުރަން ފެށިއެވެ. "ތިއުޅެނީ ބޭރަށް ދާންތަ؟ ލޫސީއެއް ވެސް ނެތެއްނު." މާވިން ހިތްހަމަނުޖެހިފައިވާ ރާގެއްގައި ވާހަކަދެއްކިއެވެ. ޒޭބާ ކުރަން ހުރި ކަންތައް ހުއްޓާލައިފައި ލޯގަނޑުން މާވިންއަށް ބަލައިލިއެވެ. އެ ސުވާލަށް ތެދު ޖަވާބު ދޭން އޭނާގެ ހިތެއް ނުރުހުނެވެ. މިޝްއަލްގެ ވާހަކަ މާވިން ކައިރީ ބުނެފިއްޔާ ގޯސް ނަތީޖާއެއް ނިކުމެދާނެތީ ޒޭބާ ނުހަނު ބިރުގަތެވެ. "ޒޭބް. އަހަރެންނަކަށް ނުފެނޭ ޒޭބް އަދި ރޭގަނޑު ބޭރަށް ދާކަށް. އަދިވެސް މުޅިން ހަމައަކަށް ނޭޅިގެން އުޅޭތީ އޭ އެކަހަލަ ބިރުވެރި ހުވަފެން ފެންނަނީ. ރޭގަނޑު ބޭރަށް ނިކުމެ އުޅެންޏާ އެކަހަލަ ހުވަފެން ފެންނަލެއް ގިނަވާނެ." މާވިން އެދިނީ ނަސޭހަތަކަށްވުރެ ބޮޑު އިންޒާރެއް ހެން ޒޭބާއަށް ހީވިއެވެ. އިތުރަށް ދެބަސް ނުވާން ވެގެން ޒޭބާ ބޯޖަހާލިއެވެ. އެކަމަކު މާވިން ނިކުތް ފަހުން ޒޭބާ އަދިވެސް މަސައްކަތް ކުރިއެވެ. އެހެނަސް ގޭ މީހަކަށް ނޭނގި ސިއްރު ސިއްރުން މިޝްއަލްގެ ކުރިމައްޗަށް ދާނެ ފުރުސަތެއް ނުލިބުނެވެ.

ބާލީހެއްގައި ބޯ އަޅާލައިގެން އޮތް އިރު ލޫސީގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގެން ގޮސް ދަތްދޮޅިން ތިކި ތަޅަމުން ދިޔައެވެ. ކުއްލިއަކަށް އެހާ ހިތްދެރަ ކުއްޖަކަށް ވީ ސަބަބާއި މެދު މިއަދުވެސް ލޫސީ ހައިރާންވެއެވެ. އިރެއްގައި އޭނާއަކީ ރޯން ނުދަންނަ ކުއްޖެކެވެ. ގާތްމީހުންގެ ޖަނާޒާތަކަށް ގޮސް އުޅޭއިރުވެސް މީހުން ގިނަވެ ލޫސީއަކަށް ރޯކަށް ނުކެރެއެވެ. އެ ލޮލުން ކަރުނަ ނުވެސް އަންނަނީއެވެ. ލޫސީ ހިތާމަ ކުރަނީ ހިތުންނެވެ. ކަރުނަ އަކީ އޭނާ އާއި ރުޅި އެއްޗެކެވެ. އެކަމަކު މިހާރަކަށް އައިސް ކިރިޔާ ކަމެއް ވާއިރަށް ލޮލުން ކަރުނަ އަތުވެދެއެވެ. ލޯއްބަކީ މިހާ ވޭންދެނިވި އެއްޗެއްކަން ލޫސީއަށް ކުރިން އެނގިފައެއް ނުވެއެވެ. މީގެ ކުރިން އޭނާއަށް ވެވުނީ ލޯއްބެއް ނޫނެވެ. ލޫސީ ކުދިންނާއި ރަތްޓެހިވީ އެކުދިން ކަމުގޮސް ގެންނެވެ. އެކުދިންގެ ކިބައިގައި އޭނާ ގަޔާވާ ކޮންމެވެސް ސިފައެއް ހުރެގެން ގަޔާވެގެންނެވެ. ނޫނީ އެކުއްޖަކަށް އޭނާ ކަމުގޮސްގެން ރައްޓެހިވާން އެހުމުން އޭނާއަށްވެސް އެކުއްޖަކު ކަމުހިނގައްޖެއްޔާ އާއެކޭ ބުނަނީއެވެ. ލޫސީގެ ޝަކުވާ އަކީ އޭނާއަށް މާވިން ދެކެ ލޯބި ވެވުނުކަމެވެ. ލޯބި އެއީ ކަނު އެއްޗެކޭ ބާރެއް ނުފޯރުވޭ އެއްޗެކޭ ބުނެ އުޅޭ ބަހުގެ ހުރި ދޮގު ތެދު މިއެނގުނީ އަދި ކިރިޔާއެވެ. އޭނާގެ ކުޑަވެސް ބާރެއް އޮތްނަމަ މާވިންއަކަށް އެ ހިތެއް ނުދިނީހެވެ. އަދި މީގެ ހަމަސް ކުރިން އޮސްޓްރޭލިޔާގައި ހިނގައިދިޔަ ހާދިސާ އަކީ ނުވާކަމެއް ކަމުގައި ހަދައިފީހެވެ.

އެއީ ފިނި ރެއެކެވެ. ޒޭބާ ހުންގަނޑެއް އައިސްގެން ތިން ރޭ ވަންދެން ނުނިދާ އުޅެފައި އެރޭ ނިކަން ފުން ނިންޖަކުން ނިދާލައިފިއެވެ. އެކަނިވެ ނިދި ނައިސްފައި އޮތީ ލޫސީ އެވެ. އިރުކޮޅަކުން އޭނާ ތެދުވެގެން ބޭރަށް ނިކުތް އިރު މާވިން ސިޓިން ރޫމް ސޯފާގައި ފިލްމެއް ބަލަން އޮތެވެ. ލޫސީ ނިކުތްތަން ފެނިގެން މާވިން ހިނިތުންވެލައިފައި އަނެއްކާވެސް ޓީވީގެ ސްކްރީނަށް ނަޒަރު ހުއްޓާލިއެވެ. ކުރާނެ އިތުރު ކަމެއް ނެތުމުން ލޫސީ ވެސް ޓީވީން އައި ފިލްމަށް ޝައުޤުވެރިކަން ހުއްޓާލެވޭތޯ މަސައްކަތް ކުރިއެވެ. ލޫސީ ލަދުގަތީ އެއިން މާ ގައިގޯޅި މަންޒަރުތަކެއް ދައްކަން ފެށުމުންނެވެ. ދާން ބޭނުންވެފައި ، އެހެނަސް ތެދުވަން ނުކެރިފައި އިންދާ ލޫސީއަށް އޯގާވެރިވީ ފޯނެވެ. ހަމަ ވައިބްރޭޓް ވެލާ އިރަށް ލޫސީ ފޯން ނަގާފައި ހަލޯއޭ ބުނެލިއެވެ. ފޯން ކަންފަތުގައި ޖަހައިގެން ލޫސީ ނިކުތީ ބެލްކަންޏަށެވެ. 

"ހަލޯ. ލޫސީ. އައިމް ބްރޭކިން އަޕް. ސަބަބު ހޯދަން ބޭނުމިއްޔާ އަހާ. އަހަރެން ލޫސީ ދެކެ ލޯއްބެއްނުވޭ. އަހަންނަށް ލޫސީ ރީއްޗެއްވެސް ނޫން. އެއްވެސް ގާރލީ ކަމެއް ނުހުރޭ. އެންމެ ފޫހިވީ ފިޒިކަލް ރިލޭޝަންއެއް ބާއްވަން ބޭނުން ނުވާތީ. އަހަރެން ހީކުރީ ކޮންމެވެސް ދުވަހަކުން އެއްބަސް ވާނެކަމަށް. އެ ގޮތަށް ހޯޕްކޮށްގެން އެކު އުޅޭތާ އަހަރެއް ވީ. އަހަރެން ހީކުރީ ލޫސީއަށް އަހަރެން ދަސްވީމަ ގަބޫލު ވާނެ ކަމަށް. އެކަމަކު މިހާރު ވިސްނިއްޖެ ލޫސީ އަހަރެންނާއި ދުރުން އުޅެނީ ވަކިވާން ހިތު އަޅައިގެން އުޅޭތީކަން. ވަރަށް ކެތްކުރުމަށްފަހު މިއަދު މިގޮތަށް ނިންމީ މިހާރު އަހަރެން އެހެން ކުއްޖަކާއި ރައްޓެހިވެފަ. އަދި އެއް ވާހަކަ، އައި ހޭޓް ވެން ޔޫ ކިސް. އެއްވެސް ޕެޝަނޭޓް ކަމެއް ނުހުރޭ. އިޓް ސަކްސް. ސޯ ގުޑް ބައި." އިފާން ބުނަންވީ ހުރިހާ އެއްޗެއް އަޑު އިއްވާލައިފައި ފޯން ކަނޑާލިއެވެ. އަމިއްލަ ދިފާއުގައި އެންމެ ބަހެއް ބުނެލާނެ ފުރުސަތެއްވެސް ލޫސީއަކަށް އިފާން ނުދިނެވެ. މިނިޓެއް ވާންދެން ލޫސީ ހުރީ ޝޮކެއްގައެވެ. އޭނާއަށް ހޭވެރިކަން ވީ ތިރިއަށް އެލުވާލި އަތުތެރޭގައި ވާ ފޯން ވެއްޓި ބިންމަތީގައި ޖެހުނު އަޑަށެވެ. އެއަޑަށް މާވިންގެ ނަޒަރު ސްކްރީނުން ވަކިވެ ލޫސީއަށް ހުއްޓުނެވެ. ލޫސީގެ މޫނުމަތިން ފާޅުވަމުން ދިޔަ ކުލަވަރަށް ބަލައިފައި މާވިންއަށް ވިސްނުނީ ކޮންމެވެސް ބޮޑުކަމެއް ވެއްޖެ ކަމެވެ.

"ލޫސީ. ކިހިނެތްވީ؟" މާވިން ތެދުވެގެން ގޮސް ލޫސީގެ ކައިރިއަށް ހުއްޓިފައި ސުވާލު ކުރިއެވެ. "އޭނަ ބުނީ އަހަރެންދެކެ ލޯއްބެއް ނުވެއޭ. ބުނީ އަހަރެން ރީއްޗެއް ނޫނޭ. ހީ ސެޑް މައި ކިސް ސަކްސް. އޭނަ ބުނީ އަހަރެން އެއްވެސް އަންހެން ވަންތަ އެއް ނޫނޭ. ހީ ބްރޯކް އަޕް." ލޫސީ ވާހަކަދެއްކީ އިސްޖަހައިގެން ހުރެއެވެ. ދެލޯ ފެންކަޅިވެފައި ވިއަސް ލޫސީއަކަށް ނުރޮވުނެވެ. ފުރަތަމަ ފަހަރަށް ފިރިހެންކުއްޖަކު އޭނާ ދޫކޮށްލި ފަހަރެވެ. އެކަމަކު ލޫސީގެ ހިތުގެ ވޭން ފާޅު ކުރާނެ ގޮތެއް ނޭނގުނެވެ. ލޫސީ ބޮޑަށް ދެރަވީ ކޮންމެހެން އިފާން ދޫކޮށްލައިގެނެއް ނޫނެވެ. އެކަހަލަ ކިތަންމެ އިފާންއެއް އޭނާއަށް ލިބިދާނެއެވެ. އެކަމަކު ވަކިވުމުގެ ބަހަނާއަކަށް އިފާން އޭނާ ބޭޒާރުކޮށްލި ކޮށްލުން އޭނާއަށް ބަރުދާސްތު ކުރަން ދަތިވެއްޖެއެވެ. އަންހެން ކުއްޖަކަށް ވެ ހުރެ އެފަދަ ބަސްތަކެއް އަހަން ކެތްވާނީ ކޮން ހިތަކަށް ހެއްޔެވެ؟

"އޭނަ އެބުނީ ތެދެއް ނޫން. ލޫސީ ވަރަށް ރީތި." މާވިން މަޑުމަޑުން ބުނެލިއެވެ. ލޫސީ އަނގައަކުން ނުބުންޏެވެ. "ސީރިއަސްކޮށް. އައި މީން އިޓް." މާވިން ކުރިއަށް ފިޔަވަޅެއް އަޅާލައިފައި ލޫސީގެ ކޮނޑުގައި ހިފަހައްޓާލިއެވެ. ލޫސީ އިސްއުފުލައިލީ ދެނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެފައި އެދެމެދަށް ނޭނގޭ ބާރެއް ވެރިވިކަހަލައެވެ. އެސްފިޔަޖަހާނުލައި މާވިން ޖެހިލީ އަނެއްކާވެސް ކައިރިއަށެވެ. ޖެހިލި ލުއި ވައިރޯޅިއެއްގެ އެހީގައި ލޫސީގެ މޫނަށް ނިވާ އެޅި އިސްތަށިތައް އެއްފަރާތް ކޮށްލަދޭން މާވިންގެ އިނގިލިތައް ހަރަކާތް ކުރިއެވެ. މާވިން ދައްކަން މަސައްކަތް ކުރީ އޯގާތެރި ކަމެވެ. މަގްސަދަކަށް ވީ އެހިތުގައި އުފެދުނު ހަމްދަރްދީން ލޫސީގެ ހިތުގެ ވޭން ލުއިކޮށްދިނުމެވެ. އޭނާއަށް ނުވިސްނުނީ އެފަދަ ކޮންމެ ހާލަތަކަށް ހުޝިޔާރުވެގެން ޝައިތާނާ ހުންނާނެ ކަމެވެ. މާވިންގެ އެ ކުޑަ ކުޑަ ބީހިލުމުން ލޫސީގެ ނާރުތަކުގައި ނޭނގޭ ކަރަންޓެއް ދުވެލިއެވެ. އިޙުތިޔާރަކާ ނުލާ ލޯ މަރާލެވުނެވެ. 

ފުރަތަމަ ފަހަރަށް އެހާ ކައިރިން ލޫސީގެ މޫނަށް ބަލާލުމުގެ ފުރުސަތު މާވިންއަށް ލިބުނެވެ. ލޫސީގެ ހަށިގަނޑުގައިވާ ހުރިހާ ލެޔެއް މޫނަށް ޖަމާވެފައިވާ ކަހަލައެވެ. އެންމެ ބީހިލުމަކުން ލޫސީއަށް ވެގެން ދިޔަގޮތް ދެކެފައި މާވިންގެ ހިއްސުތަކުގައި ރޯވެފައިވާ އަލިފާންގަނޑު އިތުރަށް ހުޅުފަޅާ ގޮތްވިއެވެ. ލޫސީ އެގޮތަށް ލޯމަރައިގެން ހުރި ހުރުން މާވިންއަށް މާނަ ކުރެވުނީ ދެވުނު ފުރުސަތެއް ކަމުގައެވެ. ހިމޭނުން ހުންނަން މާވިން ބޭނުން ނުވީ ފިރިހެނަކަށް ވީތީއެވެ. ނޫނީ އޭނާ ހިމޭނުން ހުރެއްޖެނަމަ ހިތް ހަލާކު ވެފައިވާ ލޫސީގެ އިހްސާސްތަކުގައި ކޮޅުފައިން ޖެހުން ފަދައެވެ. ހާލަތާއި ގުޅޭގޮތުން ފުރަތަމަ އިސްނެގީ މާވިންއެވެ. ލޫސީއަށް ސިހިފައި ލޯހުޅުވާލެވުނު އިރު އޭނާއަށް މާވިންގެ ދެލޯ ނޫން ތަނެއް ނުފެނެއެވެ. ލޫސީއަށް ދެކޮޅެއް ނުހެދުނެވެ. ދުރުވާން ހިތެއް ނުރުހުނެވެ. އެއަށްވުރެ ބޮޑަށް އޭނާ ދިޔައީ އުފާ ހާސިލް ކުރަމުންނެވެ. ޖަޒްބާތުގެ އޮއެގައި ޖެހިގެން ލޫސީ ވެސް މާވިން އާއި ބައިވެރިވިއެވެ. ނޭވާކޮޅަށް ދިޔައިރުވެސް އެމީހުނަށް ހުއްޓައެއް ނުލެވުނެވެ. 

"ބޭބް. ޔުއަރ އެމޭޒިން." އެން އައި ލަވް ސްޓޯބެރީ." ނޭވައަކަށް ހުއްޓާލައިފައި މާވިން ބުނެލިއެވެ. ލޫސީއަށް ހެވިއްޖެއެވެ. އަދި މާވިންވެސް އެ ހުނުމުގައި ބައިވެރިވިއެވެ. ދެމީހުން ނިއްކުރި ޖައްސާލައިގެން އަވަސް ނޭވާތަކެއް ލައި ލައި ސިކުންތުކޮޅެއް ވާންދެން ހުއްޓެވެ. އެއަށްފަހު ދެން އިސްނެގީ ލޫސީއެވެ. މިފަހަރު ދެމީހުންވެސް ހުރީ ނުހަނު އަވަސް އަރުވާލައިފައެވެ. މާވިންގެ ބާރުގަދަ ދެއަތުން ވަށާލައިފައި ލޫސީ ބިމުން މައްޗަށް ހިއްލާލައިގެން ގޮސް ދެމީހުން އެއްފަހަރާ ސޯފާމައްޗަށް ޖެހިގަތެވެ. ރޭގެ ފިނިކަމަށްވުރެ ބޮޑަށް އެދެމީހުންގެ ހަށިން ބޭރުވަމުން ދިޔަ އުދާސްގަނޑު މާހައުލަށް އަތް ގަދަ ކޮށްފައި ވެއެވެ. އިހްސާސްތައް ފުންވެ އެކަކު އަނެކަކަށް އިތުރަށް ބޭނުންވި ހިނދު ވަގުތު އެމީހުނަށް ކެހި ދިނީއެވެ. ގޭގެ ދޮރުގައި ތަޅުދަނޑި ޖެހިއަޑަށް މާވިން އާއި ލޫސީ ދިޔައީ ސިއްސައިގެންނެވެ. އެވަގުތު މާވިން އަވަހަށް ސޯފާއިން ފުންމާލައިފައި ދުރުގައި އޮތް ޓީޝާޓް އަތުތެރޭގައި ބޮނޑި ކޮށްލަމުން ސޯފާގެ ފުރަގަހަށް ވަނެވެ. ލޫސީ ވެސް އަވަހަށް ތެދުވެ އިށީންދެފައި އިސްތަށިގަނޑު ރީތިކުރަން ފެށިތަނާ ހަފީޒާ ވަދެއްޖެއެވެ. 

ލޫސީއަށް ޖެހުނީ މާވިން ދޫކޮށްލައިފައި އެތެރެއަށް ދާށެވެ. ހަފީޒާގެ އެދުމަށް ދެކޮޅު ހަދާނެހައި ހިތްވަރު ނެތުނީއެވެ. އެނބުރި ދަމުން ބަލާލިތަނާ މާވިން ފެނިފައި ލޫސީއަށް ވިސްނުނެވެ. އެދެލޯ ހުރިހާ ވާހަކައެއްވެސް ބުނެދިނެވެ. ޖަޒުބާތުގެ އޮއިގައި ޖެހިގެން މާވިން އެ ކުރީ އޭނާ ބޭނުންވި ކަމެއް ނޫނެވެ. މައްސަލަ ޖެހުނީ އެހިސާބުންނެވެ. ދެމީހުން އެކަކު އަނެކަކާއި ކުރިމަތިލާން ފަސްޖެހުނެވެ. ހާއްސަކޮށް މާވިން އުޅެނީ ލޫސީގެ ކުރިމައްޗަށް ނާންނަން ކަމުގައި ލޫސީއަށް ހީކުރެވެން ފެށިއެވެ.

ހިޔާލީ ކަނޑެއްގައި އޮޔާއި ވަޔާ ބެހެމުންދިޔަ ލޫސީއަށް ހޭވެރިކަންވީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ދޭ އަޑަށެވެ. އަވަސް އަވަހަށް ތެދުވެފައި އިސްތަށިގަނޑު ރީތިކުރަމުން ލޫސީ ގޮސް ދޮރު ހުޅުވާލިއެވެ. އެވަގުތު ލިބުނު ހައިރާން ކަމަކުން އަނގަ ހުޅުވިފައި ބަލަން ހުރެވުނެވެ.

ކޮމެންޓް 0