އަފްލާކްގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތެވެ. އުފަލުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. ކޮޅަށް ތެދުވި ގޮތަށް ޒޭބާ ގެނެސް ކައިރިކޮށްލާފައި އެރީތި ތުންފަތުގައި އަފްލާކް ބޮސްދިނެވެ. މަޑުމަޑުން ޒޭބާގެ ދެއަތްވެސް އުފުލި އަފްލާކްގެ ބުރަކަށީގައި ހިފަހައްޓާލި އިރު މިޝްއަލް ހުރީ އަދިވެސް އެދެމީހުންގެ ފަހަތުގައި ޖައްސާފައެވެ. ގަބުވެފައެވެ. ކޮޅަށް ހުއްޓަސް ދިރުމެއް ނެތެވެ. ކުރެވުނު އެންމެ ކަމަކުން ހުރިހާ ކަމެއް ބަދަލުވެގެން ދަނީ ހެއްޔެވެ؟ މިޝްއަލްއަށް ގަބޫލެއް ނުކުރެވުނެވެ. ޒޭބާ އެހާ ފަސޭހައިން އެހެން މީހެއްގެ އަތުތެރެއަށް ދާން ރުހިދާނެ ކަމަށް ދުވަހަކުވެސް އުންމީދެއް ނުކުރެވެއެވެ. މިއުޅެވެނީ ނުބައި ހުވަފެނެއްގައި ކަމަށް ހީކޮށްގެން ދެފަރާތަށް ބޯ ހޫރުވާލި ނަމަވެސް ނުހޭލެވުނެވެ. 

އިރުކޮޅަކުން ލޯންޗް އެނބުރި އައިސް ބީއްސާލުމާއެކު ދެމީހުން އަތު ގުޅުވައިލައިގެން އަރަން ދިޔައެވެ. މިޝްއަލް އަނެއްފަރާތަށް މޫނު އަނބުރައިލީ އެމަންޒަރު ނުބަލަންވެގެންނެވެ. ހަލާކުވެ ކުދި ކުދިވެފައިވާ ހިތުގެ އެތިކޮޅުތައް އެއް ކުރުމަށްޓަކައި ހާސް އަހަރު ދުއްވާލަންވެސް ތައްޔާރެވެ. އެކަމަކު އަލުން ގަދަ ބާރު ދައްކައިގެން ޒޭބާގެ ފަރާތުން އަމިއްލަ ބޭނުމެއް ހާސިލް ކުރުމުގެ އެދުމެއް ނެތެވެ. އެއީ މިޝްއަލްގެ ލޯއްބެވެ. މިޝްއަލްގެ އުފަލަކީ ޒޭބާގެ އުފަލެވެ. އަފްލާކް އާއި ގުޅިގެން ކުރިއަށް ދާން އެދޭ ނަމަ އެގޮތާއިވެސް މިޝްއަލް ރުހިފާނެއެވެ. ހަމައެކަނި ޝަކުވާއަކަށް ވެގެންދާނީ ހަގީގަތް ކިޔައިދިނުމަށްޓަކައި ފުރުސަތެއް ނުލިބުނު ކަމެވެ. އެކަމަކު އަދިވެސް މިޝްއަލްގެ ހިތަށް ކަށި ހަރަމުން ދިޔަ އެއް ސުވާލުވިއެވެ. ހަގީގަތް އެނގޭނަމަ އަފްލާކްއަށް ޖަވާބު ދިނުމުގައި ޒޭބާގެ ބަސްތައް ތަފާތުވީސް ބާވައެވެ؟

ލޯންޗް ވިލިމާލެ އާއި ކައިރިވަމުން ދިޔައެވެ. އަފްލާކް އަދިވެސް އިނީ ޒޭބާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ދުވަހަކުވެސް ދޫކޮށްލަން ބޭނުންނުވާފަދަ ގޮތަކަށެވެ. ޒޭބާ އިސްޖަހައިލައިގެން އިންއިރުވެސް އަފްލާކް ބަލާކަން އިހްސާސްވިއެވެ. ހީވަނީ އަލަށް ފެނިގެން ބަލާހެންނެވެ. ނޫނީ ކިތަންމެ ވަރަށް ބެލިއަސް ހިތް ނުފުރެނީއެވެ. ޒޭބާ އެގޮތަށް ލަދުން އިންނައިރު އަފްލާކްއަށް ވަނީ ރަނުގެ ފުރުސަތަކަށެވެ. ހާސްވެގެން ދެއަތްތިލަ މޮޑެމުން ބައެއްފަހަރަށް މޫނަށް ހަދާލާ ލުއި ގޮތްތަކުން ރީތިކަން އިތުރުވާހެން ހީވެއެވެ. އެގޮތުގައި ކިތަންމެ އިރަކު އިންނަން ޖެހުނަސް އަފްލާކް ފޫއްސެއް ނުވާނެއެވެ. ގިނަ ފަހަރަށް ވާ ގޮތަކީ ބެލިވަރަކަށް އަމިއްލަ ނަފްސް ކޮންޓްރޯލުން ނެއްޓެނީއެވެ. ލޯންޗް ދުއްވަން މީހަކު ނެތްނަމަ އަފްލާކް މިހާރު ޒޭބާގެ ގެނެސް އަތުތެރެއަށް ލާނެތާ ކިތަންމެ އިރެކެވެ. 

އަފްލާކްމެނަށް ގެއަށް އާދެވުނުއިރު ދިހަގަޑި ބައިވަނީއެވެ. ހީކުރި ގޮތާއި ޚިލާފަށް ފިނޮޅުގައި މާގިނަ ވަގުތު ތަކެއް ހޭދަވެގެން ނުދިއުމުން މާ އަވަހަށް ގެއަށް އާދެވިއްޖެއެވެ. ދެމީހުން ގެއަށް ވަނުމާއެކު ސިޓިންރޫމްގައި ތިބި ހަފީޒާ އާއި މާވިންގެ ނަޒަރު ހުއްޓުނީ ލާމެހިފައިވާ ދެޒުވާނުންގެ އަތަށެވެ. "މަންމާ! މިއަދު އިރު އެރީ ހުޅަނގު ފަރާތުންތަ؟" މާވިން ލާނެތް ހިނިތުންވުމަކާއި އެކު ތެދުވެފައި ބުނެލިއެވެ. އެއަޑު އަހާފައި ޒޭބާ އަވަސް އަވަހަށް އަފްލާކްގެ އަތް ފޮޅުވާލައިފިއެވެ. "ހުޅަނގުފަރާތުން އިރު އަރާނީ ޤިޔާމަތްވާ ދުވަހެއްނު. މީ އަދި ޤިޔާމަތުގެ އަލާމަތެއް ނޫން. މީ އަދި ހަމަ ފެށުން." އަފްލާކްގެ އުފާވެރިކަން އަޑުން އެކަނިވެސް ފާޅުވެގެން ދިޔައެވެ. "މަންމާ. މަށަށް ހީވަނީ ވީ އަވަހަށް ހޯލެއް ބުކްކޮށް ޑެކަރޭޝަންއަށް އެއްޗެހި ގަންނަންވީހެން. އަނގައިގަ ރަހަ ލާން ދެން މާ ގިނަ ދުވަހެއް ނެތް ކަންނޭނގެ. ދޯ އަފްލާކް." މާވިންގެ މާވަހަކަ ނިންމައިލަމުން އަފްލާކްއަށް ދޯދިނެވެ. އަފްލާކް ގޮސް ހުސްކޮށް ހުރި ސޯފާގައި އިށީނުމުގެ ކުރިން ޒޭބާއަށް އިޝާރާތް ކޮށްލާފައި އިށިންނަން ތަންދެއްކިއެވެ. އެކަމަކު ޒޭބާ ރަކި ގޮތަކަށް ހީގެންފައި ދެފަރާތަށް ބޯ ހޫރުވައިލަމުން ދުވެފައި ގޮސް ސިޑީގެ ހަރުފަތްތައް ގިރާކޮށްފައި ކޮޓަރިއަށް ހިނގައްޖެއެވެ.

ދޮރުފަތުގައި ބުރަކަށި ޖައްސާލައިގެން ހުރިއިރު ޒޭބާ ލަމުން ދިޔައީ ފުން ނޭވާ ތަކެކެވެ. އިރުކޮޅަކުން އެސްފިޔަތައް ތަޅުވާލުމާއެކު ދެލޮލުން އޮހިގަތީ ކަރުނައެވެ. "އައިމް ސޯ ސޮރީ. މިޝްއަލް." ޒޭބާ އަމިއްލަ ހިތަށް އިވޭހާ މަޑުން ބުނެލި ޖުމްލަތައް ވައިރޯޅިތަކަށް ވެސް ސިހުމެއް ގެނުވައިފިއެވެ. ނުލާހިކު ހިމޭންކަމާއެކު ކޮޓަރި ތެރެއަށް ވަންނަމުން ދިޔަ އެ ވައިރޯޅިތައް ގަދަވެ ދޮރު ފޮތި ތަކަށް ހަމަލަދޭން ފެށީ ކުއްލިއަކަށެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އެތަން ދެކޭ ކޮންމެ މަހުލޫޤެއްމެ ހައިރާންކަމުގެ އަމާޒުފަތްގަނޑަކަށް ވެގެންދާނެއެވެ. ދާދި ދެންމެއަކު ޒޭބާ އެއައީ މިޝްއަލްގެ ލޯބީގައި ކޮޅުފައިން ޖަހާފައެވެ. ދެން ކުއްލިއަކަށް މިޝްއަލްގެ ކިބައިން މަޢާފަށް އެދެންވީ ސަބަބެއް ކޮބައި ހެއްޔެވެ؟ އަނެއްކާ ޒޭބާގެ ސިކުނޑީގެ މައްސަލައެއް ހިލުނީ ހެއްޔެވެ؟

މަރުވެފައިވާ ދެފައިން ހިނގާލައިފައި ގޮސް އެނދާއި ހަމަވި ހިސާބުން ޒޭބާ ވެއްޓިގަތެވެ. ބާލީސްތައް ގެނެސް ކައިރިކޮށްލާފައި މޫނު ފޮރުވާލައިގެން އޮވެ މާޒީގެ ރެއަކާއި ދިމާއަށް ހިޔާލުތައް ގެންދިޔައެވެ. 

"ހޭއި! ދާންވެއްޖެތަ؟" ކައިލްގެ އަޑުން ޒޭބާ ސިއްސުވައިލިއެވެ. އެނބުރި ބަލައިލިއިރު ކައިލް ހުރީ ކައިރީގައި ޖައްސާފައެވެ. "މިތަނުން ދާހިތެއްނުވޭ. ހާދަ ރީއްޗޭ. ހާދަ ހިތްގައިމޭ. ކައިލް ކައިރީގައި ވާހަކައެއް ބުނަންތަ؟" ޒޭބާ އަނެއްކާވެސް އެނބުރިފައި ރާޅުގަނޑު ތެރެއަށް ދެފައި ދޫކޮށްލިއެވެ. އެއް އަތް އުނގުމަތީ ބާއްވައިގެން އަނެއް އަތުން ދޮންވެލިގަނޑާއި ކުޅެމުން ދިޔައިރު ކުދި ކުދި ރާޅުތައް އައިސް އެ ދޮން ދެފައިތިލައިގައި ބޮސްދެމުން އުފާކުރަމުން ދިޔައެވެ. "ބުނެބަލަ!" ކައިލްވެސް ތިރިވެފައި ޒޭބާގެ ކައިރީގައި އިށީންދެއްޖެއެވެ. "ކައިލް ތީ އެހާ ގޯސްމީހެއް ނޫންހެން އަހަންނަށް ހީވަނީ." ޒޭބާ އެހެން ބުނެލުމުން ކައިލް ފާޑަކަށް ބުމަ އަރުވައިލިއެވެ. "ތިހެން ތިބުނީ ހަމަ ޒޭބާތަ؟ އަހަރެން އެހުރިހާ އަނިޔާއެއް ކުރިފަހުން ކިރިޔާ ފުރާނަ ސަލާމަތްވެފަ ހުރި ކުއްޖާތަ؟" ކައިލްގެ ޖުމްލަތަކުގައި ސީރިއަސްކަމެއް ނުވެއެވެ. "އައި ނޯ. އަދިވެސް އެކަން ހަނދާން އެބަހުއްޓޭ. އަހަރެންނަށް ހީވާއެއްޗެއް ބުނަންތަ؟ ކައިލް އަމިއްލައަށް ގޯސްވެގަނެގެން އުޅޭހެން ހީވަނީ. އެކަމަކު ކައިލްގެ ހިތް އެހާ ގޯހެއް ނޫން ކަންނޭނގެ." ޒޭބާ މޫނު އަނބުރައިލައިފައި ކައިލްއަށް ލޯ ހުއްޓާލިއެވެ. އެވާހަކަތަކުން ކައިލްއަށް މާބޮޑު އަސަރުތަކެއް ކުރި ވައްތަރެއް ނުޖަހައެވެ. ކައިލްގެ ތުންފަތް މަތީގައިވަނީ ލާނެތް ހިނިތުންވުމެކެވެ. 

"އެހާ އަވަހަށް ޖަޖްކުރާކަށް ނުވާނެ. އަދި އެއްވެސް ކަމެއް ހީކުރާ ގޮތަކަށް ނުވާނެ." ކައިލް މޫނު އަނބުރާލުމާއެކު ހަތަރުކަޅި ބައްދަލުވިއެވެ. ހިނދުކޮޅަކަށް ވައިރޯޅިވެސް ހިނދި ދުނިޔެމަތި ހިމޭންވިހެން ހީވިއެވެ. އެސްފިޔަޖަހައި ނުލައި ތިބެގެން ދެމީހުންވެސް އެކަކު އަނެކަކުގެ ދެލޮލުގައިވާ ހުރިހާ ސިއްރެއް ނެރެލަން އުޅޭކަހަލައެވެ. 

"ޒޭބާ ކައިރީ އަހަރެން ބުނަންވެފައި އޮތް ވާހަކައެއް އެބައޮތް." ހިމޭންކަން ނަގާލީ ކައިލްގެ އަޑުންނެވެ. ޒޭބާ އަވަސްއަވަހަށް އެސްފިޔަތައް ތިރި ކޮށްލައިފައި ދުރު ބަލަން ފެށިއެވެ. ނޭނގި ނަމަވެސް ކައިލްގެ ތޫނު ބެލުން ދެކެ އޭނާ ޖެހިލުން ވެއްޖެއެވެ. "މިޝްއަލް އާއި ޒޭބާއަށް މުސްތަޤްބަލެއް ނެތް." ކައިލްގެ ވާހަކަ އަހާފައި ޒޭބާ ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުކޮށްފައި އެމޫނަށް ބަލަން އިނދެވުނެވެ. ކައިލް އިނީ މިފަހަރު ޒޭބާއަށް ނުބަލަން ހުވާކޮށްގެން ކަހަލައެވެ. "ވިސްނާލަބަލަ ޒޭބާ. ތީ އިންސިއެއް. މިޝްއަލް އަކީ ޖިންނިއެއް. ތިދެމެދުގައިވާ ޖީލުގެ ފަރަގަކީ ދުވަހަކުވެސް ހުރަސް ކުރެވޭނެ އެއްޗެއް ނޫން. އަހަރެމެންގެ ދުނިޔެއިން ޒޭބާއަށް މަރުހަބާ ކިޔާނެ އެކަކުވެސް ނުހުންނާނެ. ދެން އޮތްގޮތަކީ މިޝްއަލް ޒޭބާގެ ގޭގައި އިންސީންގެ ތެރޭގައި ދިރިއުޅުން. އޭރުން ނިކުންނާނެ ކިތަންމެ މައްސަލައެއް ހުންނާނެ. މިހާރުވެސް ފަންޑިތަވެރިޔަކަށް ޝައްކުވެއްޖެ. އެކަހަލަ މީހަކަށް އެނގޭއިރަށް ތަނެއް ދޮރެއް ނުބަލާ ފުރަތަމަވެސް ބޭނުން ވާނީ ނައްތާލަން. އެމީހުން ނުބަލާނެ ޖިންނީންގެ އިހްސާސްތަކެއް އެދުންތަކެއް ވޭތޯއެއް. އަހަރެން މިވާހަކަ މިދައްކަނީ އަހަރެން މިޝްއަލްއަށް ހެޔޮއެދޭތީ. އަހަރެން ނުހުންނާނަން މިޝްއަލްއަށް ދެރަގޮތެއް ވާތަން ބަލާކަށް. އުންމީދުކުރަން ޒޭބާއަށް ވިސްނޭނެކަމަށް." ކައިލްގެ ވާހަކަތައް ނިންމާލައިފައި ތެދުވެގެން ގޮސް ދުރުގައި ހުއްޓުނެވެ. 

ޒޭބާގެ ދެލޮލަށް ކަރުނަތައް ޖަމާވެފައިވިއަސް ތުންފަތުގައި ދަތް އަޅާލައިފައި އެކަރުނަތައް ކޮންޓްރޯލް ކުރިއެވެ. ކައިލްގެ ވާހަކަތައް ގަބޫލުކުރަން ހިތް ދެކޮޅު ހަދަމުން ދިޔައިރުވެސް ހަށިގަނޑުގެ ކޮންމެވެސް ހިސާބަކުން އެވާހަކަތަކާއި އެއްބައިވަމުން ދިޔައެވެ.

ޒޭބާ އިސްޖަހައިގެން އިންދާ އައި ނައިތަނެއް ނޭނގި މޫދުލޮނު އެއްޗަކުން މޫނު ތެންމާލިއެވެ. ސިހިގެން ގޮއްސައި ބަލައިލިއިރު ކައިލް ހުރީ ނުލަފާ ގޮތަކަށް ހިނިތުންވެފައެވެ. ޒޭބާ ހަމަ ބަލައިލިއިރަށް އަނެއްކާ ގުދުވެފައި ޒޭބާގެ މޫނައް ލޮނުތައް ބުރުއްސާލިއެވެ. ޒޭބާގެ މޫޑު ބަދަލުވެގެން ދިޔައީ އަޖައިބެއްފަދަ ގޮތަކަށެވެ. ފުންމައިގެން ތެދުވެފައި ކައިލް އާއި ދިމާއަށް ދުވެފައި ދަނިކޮށް ފައިދަށުގައި އޮތް ގާކޮޅަކަށް އެރިފައި ވެއްޓެންދާން ފެށުމުން ކައިލްގެ އަތުގައި ހިފާލެވުނުކަމުން ލޮނުގަނޑު ތެރެއަށް ޖެހުނީ ދެމީހުން އެއްކޮށެވެ. ޒޭބާ ހަޅޭއްލަވަމުން ކައިލްގެ މޫނަށް ލޮނުތައް ބުރުއްސަމުން ދިޔައިރު އަނެއްކޮޅުން ކައިލްވެސް ބައިވެރިވަމުން ދިޔައެވެ. 

ދެމީހުން އެސަކަރާތެއްގައި ތިއްބާ ވާރޭ ވެހިގަތީ ކުއްލިއަކަށެވެ. ޒޭބާ އަޖައިބުވެގެން މަތި ބަލައިލިއެވެ. ހަނދުވެސް އެބަހުއްޓެވެ. ވީއިރު ވާރޭ އެވެހެނީ ކޮންފަދަ މުއުޖިޒާތެއް މެދުވެރިވެގެން ހެއްޔެވެ؟ ދެވަނަ ސިކުންތުގައި އޭނާ ހިނިތުންވެލިއެވެ. ކުރިމަތީގައި އެހުރީ މުއުޖިޒާތަކަށްވުރެ ވަކި ދެރަ މަހުލޫޤެއް ހެއްޔެވެ؟ އެއީ ކައިލްގެ ކަންތަކެވެ. "ކައިލްއަށް އެނގޭތަ އަހަރެން މިނޫނީ ދުވަހަކުވެސް ވާރޭ ވެހެނިކޮށް މޫދަކަށް ނޭރެން." ޒޭބާ ލޮނު ބުރުއްސުން ހުއްޓާލާފައި ލޮނުގަނޑު ތެރެއަށް ހަށިގަނޑު ދޫކޮށްލިއެވެ. އެހެން އޮވެފައި ބަލައިލެވުނު ގޮތަކުން ފާޑަކަށް ހުއްޓުން އަރާގޮތްވިއެވެ. ކައިލްގެ ތެމިފައިވާ އިސްތަށިގަނޑާއި ރީތި މޫނު ހަނދުވަރުގެ އަލީގައި ފެންނަނީ އަޖައިބެއްފަދަ ގޮތަކަށެވެ. އެއިސްތަށިގަނޑުން ތިރިއަށް ވެއްޓި މޫނުމަތިން ފިރުކިގެންދާ ފެންތިކިތައް ކުދި މުތީތަކެއް ފަދައިން ވިދާ ބަބުޅައެވެ. ބައެއް ފެންތިކިތައް ކައިލްގެ ރަތް ތުންފަތާއި ހިސާބުން ޤުރުބާން ވެގެން ދާ މަންޒަރު ފެންނަ މީހަކުވެސް މޮޔަކޮށްލާހައިވެއެވެ. ކައިލް އެހާ ރީތީ ކީއްވެ ހެއްޔެވެ؟ ހިތަށް އެރި ސުވާލުން ޒޭބާ ހިނިވެސް އައެވެ. ކައިލް ބަލައިލި ގޮތުން އޭނާ ވިސްނި އެއްޗެއް އެނގުނީހެން ހީވެގެން ޒޭބާ ވަރަކަށް ރަކިވިއެވެ. އަވަހަށް ކުރި ކަމަކީ ލޮނުގަނޑު ތެރޭގައި މޫނު ފޮރުވައިލީއެވެ. 

ފޯން ރިންގް ވާން ފެށި އަޑަށް ޒޭބާގެ ހިޔާލީ ދުނިޔެ ފުނޑު ފުނޑު ވެގެންދިޔައެވެ. ބާލީސްތައް ދުރުކޮށްލާފައި މޫނު އުފުލައިލިއިރު ސްކްރީނުގައި އޮތީ ޝިނީގެ ނަމެވެ. "ޝިނީ. ތޭންކް ގޯޑް. އަހަރެން މިއިނީ ޝިނީއަށް ގުޅަން ވަރަށް ބޭނުންވެފަ." ޒޭބާ ފޯން ނަގާ ކަންފަތުގައި ޖައްސާލައިފައި ފުރަތަމަވެސް ބުނެލިއެވެ. ދެން މަޑުމަޑުން ކަރުނަ އޮއްސަމުން އަފްލާކްގެ ޕްރޮޕޯސަލްގެ ވާހަކަތައް ކިޔައިދޭން ފެށިއެވެ.

އާއިލާގެ ރުހުން ލިބުމުން އަފްލާކްގެ މަގްސަދަކަށް ވީ ކައިވެނި އަވަސް ކުރުމެވެ. އޭނާ ކުރަން އައި ކަންތައްތައް ފަހަށް ޖައްސާލައިފައިވެސް ކައިވެނީގެ ތައްޔާރީ ތަކާއިގެން މަޝްއޫލު ވެއްޖެއެވެ. ހަފީޒާ އާއި މާވިންވެސް އަފްލާކްއަށް އެހީތެރިވާން ފެށިއެވެ. އެކަމަކު ޒޭބާ އަބަދުހެން އިންނަނީ ހިމޭންވެފައެވެ. އެންމެންނަށްވެސް ހީވަނީ އަދިވެސް ހިނގައިދިޔަ ހާދިސާގެ ހަނދާންތައް ޒޭބާގެ ހިތުން ނުފިލައިގެން އުޅެނީހެންނެވެ. 

ހެނދުނުގެ ވަގުތެވެ. މާވިން މާލެ ފައިބައި ސައިކަލް ނަގައިގެން ފުރަތަމަވެސް ލޫސީ ބަލައި ދާން ނައްޓާލިއެވެ. މާވިންއަށް ދެވުނުއިރު ލޫސީ ތައްޔާރުވެލައިގެން ގެއިން ނިކުންނަނީއެވެ. ނޫކުލައިގެ ޓޮޕާއި ޖިންސްގައި އެމޫނު ތާޒާވެފައި ނުހަނު ހިތްގައިމެވެ. ބްރައުން އިސްތަށިކޮޅު ހައްޔަރުކޮށްފައި ނިއްކުރިމައްޗަށް ކޮށާލެވިފައިވާ ބައި އެއްފަރާތަކުން ކަންފަތް ކައިރިއަށް ލައްވާލައިފައި ވުމުން ޅަގޮތެއް ހުއްޓެވެ. މާވިން އެސްފިޔަޖަހާލަން ނޭނގިފައި ހުއްޓާ ލޫސީ އައިސް މާވިންގެ ބުރަކަށީގައި ޖަހާލައިފައި ސައިކަލުގެ ފަހަތަށް އަރައިފިއެވެ. މާވިންގެ ތުންފަތައް ވެރިވެގެންދިޔަ ލުއި ހިނިތުންވުމާއެކު ސައިކަލް ދުއްވާލިއެވެ.

ހަތް ބުރިއަށް ހަދާފައިވާ އިމާރާތުގެ ކުރިމައްޗަށް ސައިކަލު މަޑުކޮށްލާފައި ދެމީހުން އެތެރެއަށް ވަދެގެން ދިޔައިރު އެރީތި ޖޯޑަށް ކަޅި ނުހުއްޓޭ ހަމަ އެކަކުވެސް ނުވެއެވެ. މާވިންވެސް ހުރީ ކަނޑުނޫ ޓީޝާޓަކާއި ހުދު ޖިންސެއްގައެވެ. ބައެއް މީހުން އެދެމީހުން ފެނިގެން ހީކުރީ ރާއްޖެއިން ބޭރުން އައިސްގެން އުޅޭ ބައެއް ކަމަށެވެ. އަންހެން ކުދިންތައް ބަލާތަން ފެނިގެން ލޫސީ ރުޅިގަދަވެގެން މާވިންގެ އަތާއި އަތް ޖޯޑުކޮށްލުމުން މާވިން ގާތަށް އައީ ނުލަފާ ހިންޏެކެވެ. ރިސެޕްޝަން ކައިރިއަށް ހުއްޓި ސައިފުﷲއާއި ބައްދަލު ކުރުމުގެ ހުއްދަ ހޯދައިގެން ދެމީހުން އެތެރެއަށް ވަދެގެން ދިޔައެވެ.

ލޫސީގެ ހިތް ތެޅިގަތީ ސައިފުﷲ އިންނަ ކެބިން ކުރިމައްޗަށް ދެވުނު ފަހުންނެވެ. އެއަތްތިލަ ފިނިވެގެން ދިޔަވަރު މާވިންއަށް ވެސް އިހްސާސް ކުރެވުނެވެ. "ރިލޭކްސް ބޭބީ. ހުރިހާ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް." މާވިން ލޫސީގެ އަތްތިލައަށް ބާރުކޮށްލިއެވެ. ލޫސީ ނުތަނަވަސްވެފައި ހުރެވެސް ކުޑަކޮށް ހިނިތުންވެލައިފިއެވެ. ކެބިންގެ ދޮރު ހުޅުވާލައިފައި ދެޒުވާނުން އެއްފަހަރާ އެތެރެއަށް ވަދެ އިސް އުފުލައިލުމާއެކު ކުލަވަރު ރީނދޫވެގެން ދިޔައެވެ. ހައިރާންކަން އެލިބުނީ އެދެމީހުންނަށެވެ. ހީވެސް ނުކުރާ ގޮތަކަށް ނައުޝާދު އައިސް ސައިފުﷲއާއި ވާހަކަތަކެއް ދައްކަން ތިއްބާ ފެނުމުން ލޫސީއަށް މާވިންގެ އަތް ފޮޅުވާލެވުނެވެ. ދެފިޔަވަޅެއް ފަހަތަށް ޖެހިލާފައި އެތަނުން ފިލައި ރައްކާވާން ލޫސީގެ ހިތް ގޮވައިލިއެވެ. އެވަގުތު ސައިފުﷲ ތެދުވެފައި ހިނިތުންވެފައިވާ މޫނަކާއިއެކު ވާހަކަދައްކަން ފެށުމުން ނިކުންނަން ދައްކާނެ ބަހަނާއެއް ނޭނގުނެވެ. ނައުޝާދު ހުރީ ސީދާ ލޫސީއަށް ބަލާށެވެ. އެދެލޮލުން ލޫސީއަށް އިންޒާރުގެ ތީރުތައް ފެނުނެވެ. އެތީރުތައް އައިސް ލޫސީގެ ހިތް ޒަޚަމްކޮށްލައި ފުރާނަ ނެރެލަން ސިކުންތެއްވެސް ނުނަގާނެކަން ވިސްނުނެވެ.

ކޮމެންޓް 0