މާވިން ކަންބޮޑުވެފައި ޒޭބާގެ އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބޭންދިއެވެ. ޒޭބާ އެހާ ހިތްދަތިވެފައި ރޯތަން ފެނުމުން އޭނާގެ ހިތަށްވެސް ފުން އަސަރުތަކެއް ކުރިއެވެ.

"ޒޭބް! ކާމް ޑައުން. ނެތެއްނު އެތާކު މީހަކު. އެވާނީ ޒޭބްއަށް ހީވިގޮތެއް ކަމަށް." މާވިން ދެކޮޅަށް ހިނގާލުމަށްފަހު ހުއްޓިފައި ބުނެލިއެވެ. "ހަފީ މަންމަވެސް ބުނީ ތިހެން. އަހަރެން އެވާހަކަ ޤަބޫލުވެސް ކުރިން. އެކަމަކު އެއީ ހީވިގޮތެއް ނަމަ ދެން އަނެއްކާ ފެންނަންވީ ކީއްވެ؟" ޒޭބާ ރުއިމުގެ ތެރެއިން ވާހަކަދެއްކިއެވެ. ޖަވާބު ދޭން ނޭނގިގެން މާވިން ތުންފަތުގައި ދަތްއަޅާލިއެވެ. އެވަގުތު އެތަނަށް ހަފީޒާ ވަނެވެ. "ކިހިނެތްވީ؟" ހަފީޒާ އަވަސް ފިޔަވަޅުތަކެއް ގައި ގޮސް ޒޭބާގެ މަގަތުގައި އިށީންދެފައި މާވިން އާއި މުހާތަބު ކުރިއެވެ. "އޭނައަށް ކުޑަދޮރު ކައިރިން މީހަކު ފެނުނީއޯ." މާވިންގެ އަޑުގައި ޔަޤީންކަމެއް ނެތެވެ. ޒޭބާގެ ވާހަކަ އޭނާ އަށް ޤަބޫލެއް ނުކުރެވެއެވެ. 

"ތީ ދެން އެކަމަކު ރޯވަރުކަމެއް ނޫނެއްނު. އަވަހަށް ހުއްޓާލާ!" ހަފީޒާ ޅަކުއްޖަކު މަސަލަސް ކުރަން އުޅޭހެން ޒޭބާ މަސަލަސް ކުރަން މަސައްކަތް ކުރިއެވެ. "އަހަރެން ދެރަވަނީ އެހެން މީހަކަށް ދެއްކޭނެ ހެއްކެއް ނުފެންނާތީ. އެކަކަށްވެސް އަހަރެންގެ ވާހަކަ ޤަބޫލެއް ނުކުރެވޭނެ. އެންމެން ހީކުރާނީ މަ މީ މޮޔައެކޭ." ޒޭބާ ބުނި ފަހު ޖުމްލައިން މާވިންއަށް ހެވުނެވެ. އެވަގުތު ހަފީޒާ މާވިންއަށް ބަލާލައިފައި ދެފަރާތަށް ބޯހޫރުވާލިތަން ފެނިގެން މާވިން ގަދަކަމުން ހިނިގަނޑު ބަނޑަށް ހިންދާލިއެވެ. "ގޭގައި ސެކިއުރިޓީއެއް ބަހައްޓަން ވީނު. އޭރުން ތިމީހަކު އަތުލެވިދާނެ." މާވިންގެ މަޤްސަދަކީ ޒޭބާ ހިތްހަމަޖެއްސުމެވެ. ހަފީޒާވެސް އެހިޔާލަށް ތާއީދު ކުރިއެވެ. ޒޭބާ ހަމައަކަށް އެޅުނީ ސެކިއުރިޓީއެއް ބަހައްޓާ ގޮތަށް އެންމެން އެއްބަސް ވިފަހުންނެވެ. 

އެރޭ ނިދަން އޮވެގެން ޒޭބާއަށް ބެލެނީ ކުޑަ ދޮރާއި ދިމާއަށެވެ. އެތެރެއިން ބަންދުކޮށްފައި ހުއްޓާވެސް ކޮންމެވެސް މީހަކު އެދޮރު ހުޅުވާލާފައި ވަދެފާނެ ކަމުގައި އޭނާގެ ހިތް ބުންޏެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި ވަރުބަލިވެގެން ޒޭބާ ތެދުވިއެވެ. ކުދި ފިޔަވަޅުތަކެއްގައި ގޮސް ކުޑަ ދޮރު ކައިރިއަށް ހުއްޓިފައި ކުދަ ދޮރު ހުޅުވާލުމާއެކު ބޭރުން އައި ފިނިވައިރޯޅިއެއް އެމޫނުގައި ބީހިލާފައި ޒޭބާގެ ހިޔާލުތައް މާޒީގެ ތެރެއަށް ގެންދިޔައެވެ. 

"ޒޭބް!" ކުޑަ ދޮރުން ބޯދިއްކޮށްގެން ހުރި ކުޑަ ފިރިހެންކުއްޖާގެ އަތުގައި އޮތީ ހުވަނދު މަލެކެވެ. އެމަލާއެކު އެކުއްޖާ އަތް ދިއްކޮށްލައިގެން ހުރީ ޚުދު ޒޭބާއަށެވެ. އޭނާގެ އިސްތަށިކޮޅު ފަންވެފައި ނުހަނު ރީއްޗެވެ. ތަންމިނަށް ހިނިތުންވެފައި ހުރިއިރު ކުދި އަންނާރު އޮށްތަކެއްފަދަ ހުދު ދަތްޕިލާ އެއީ އެކޯފްރެޝް އިޝްތިހާރެއް ފަދައެވެ. ހެއުވަރަށް މަސްޖަހާފައިވާ ދެކޮލާއި އެކު އެމޫނު އުޖާލާވެފައި ދޮންކަމުން ބޭރު ކުއްޖެއްފަދައެވެ. ޒޭބާ ބަލަހައްޓައިގެން ހުއްޓާ އެފިރިހެންކުއްޖާ ހީގެންފައި އަތް ތަޅުވާލި ގޮތަކުން މަލުގައި ހަރުލާފައިވާ ޝަބްނަމް ތިއްކެއް ވިއްސައިގެން އައިސް ޒޭބާގެ މޫނުގައި ޖެހުނެވެ. 

ބާރަށް ހީގެންފައި ޒޭބާ އެއް އަތުން މޫނު ފޮރުވާލަމުން އަނެއްފަރާތަށް އެނބުރުނެވެ. އެވަގުތު ކަންފަތުގައި ޖެހުނީ ވާރޭވެހެންފެށި އަޑެވެ. ސިހޭގޮތްވެފައި އަނެއްކާވެސް ކުޑަދޮރާއި ދިމާއަށް މޫނު އަނބުރާލުމާއެކު ވަޔާއެކު އައި އެތައްބައިވަރު ވާރޭތިކިތަކެއް ޒޭބާގެ މޫނުގައި ބީހިލާފައި ތިރިއަށް ދަތުރު ފެށިއެވެ. އޭނާއަށް ވިސްނުނެވެ. މޫނުގައި އައިސް ޖެހުނީ ޝަބްނަމް ތިއްކެއް ނޫނެވެ. އެއީ ވާރޭ ފެންތިއްކެކެވެ. އަވަސްއަވަހަށް ކުޑަ ދޮރު ލައްޕާ ބަންދުކޮށްފައި ޒޭބާ ގޮސް އެނދަށް އަރައި އޮށޯތެވެ. ރަޖާގަނޑު މޫނުގައި އަޅައިގެން އޮތްއިރުވެސް ވެހޭ ވާރޭގެ އަޑު އެންމެ ސާފުކޮށް އޭނާގެ ކަންފަތާއި ހަމައަށް އައިސް އައިސް ހުއްޓެވެ. އެއަށްފަހު މާގިނަ އިރުތަކެއް ނުވެ ޒޭބާއަށް ނިދިއްޖެއެވެ. 

"މޯނިން ޒޭބް!" މާވިން ހެނދުނު ހޭލައިގެން ލޯއުނގުޅަމުން އައިސް ސިޓިންރޫމް ސޯފާއަށް ވެއްޓިގަތެވެ. ޒޭބާ އިނީ ޓައިލްސް މަތީގައި ދެފައި ވަށްކޮށްލައިގެން ކަރުދާސް ފޮށިގަނޑެއް ހާވާށެވެ. "ފާތިން! ކޮފީ ތައްޓެއް!" މާވިން ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ޒޭބާ ކުރަން އިން ކަމަކާއި ދޭތެރޭ އޭނާ ވިސްނައިލީ އެއަށް ފަހުގައެވެ. "ތީ ކޮންކަމެއް؟ އަހަރެމެން ކުޑައިރުގެ ފޮޓޯ އަލްބަމްތައް ތިބަލަނީ ކީއްކުރަން؟" ޒޭބާ ކުރަން އިން ކަމެއް އެގިގެން މާވިން ލޯ ބޮޑުކޮށްލިއެވެ. ޒޭބާ އެވަރުންވެސް ޖަވާބެއް ނުދިނެވެ. ފަހަރަކު އަލްބަމެއް ނަގާ ގަނޑުތައް އުކާ ނިންމާލާފައި އަނެއް އަލްބަމް ނަގައެވެ. އަވަސް އަރުވާލާފައި އިންވަރުންނާއި އެމޫނު މަތީގައިވާ ނުތަނަވަސް ކަމަކުން މާވިންއަށް ވިސްނުނީ ކަމެއް ގޯސްވެއްޖެ ކަމުގައެވެ. 

"ޒޭބް. އަހަރެން ކައިރީވެސް ބުނެބަލަ. އަހަރެން ހެލްޕް ވެދޭނަމޭ." މާވިން ތެދުވެގެން އައިސް ޒޭބާގެ ކައިރީގައި ޓައިލްސްމަތީ އިށީނދެފައި ޒޭބާގެ އަތުގައި ހިފެހެއްޓިއެވެ. "އަހަރެން މިހޯދަނީ އަހަރެންގެ އެކުވެރިޔެއް." ޒޭބާ މާވިންގެ އަތް ފޮޅުވާލާފައި މަސައްކަތް ކުރިއަށް ގެންދިޔައެވެ. "ކާކު؟" މާވިން ސުވާލުކުރިއެވެ. "ނޭނގެ." ޒޭބާގެ ޖަވާބު ކުރެވެ. "ކޮންނަމެއް ކިޔަނީ؟" މާވިން އަނެއްކާ އެހިއެވެ. "ނޭނގެ ކިޔާ ނަމެއްވެސް." ޒޭބާ އިތުރު އަލްބަމެއް ނަގާފައި ފުރަތަމަ ގަނޑު އެއްލިގޮތަށް ހުއްޓުން އެރިއެވެ. 

"ނަމެއް ނޭނގޭ. ކާކު ކަމެއް ނޭނގޭ. ވަރުގަދަ ފްރެންޑެއްނު ތީ." މާވިން ވާހަކަ ދައްކަމުން ބަލާލިއިރު ޒޭބާ ހިމޭންވެފައި އިނުމުން ކުރިއަށްވުރެ ކައިރިއަށް ޖެހިލާފައި ޒޭބާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން ފޮޓޯ އަލްބަމަށް ބަލާލިއެވެ. ޒޭބާގެ ނަޒަރު ހުއްޓިފައި ވަނީ ހަތަރު ވަނަ އުފަންދުވަހު ބޭއްވި ޕާޓީގައި ނަގާފައިވާ ފޮޓޯ ތަކަށެވެ. ކޮންމެ ފޮޓޯއެއްގައިވެސް އޭނާގެ އަތުގައި ހުވަނދު މަލެއް އޮވެއެވެ.

"ފެނުނީތަ؟" މާވިންގެ އަޑުން ޒޭބާ ސިހޭގޮތްވިއެވެ. "ނޫނޭ." ޒޭބާ އަލްބަމް ލައްޕާލައިފައި ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލިއެވެ. ދޮރާއި ދިމާއިން ފިޔަވަޅުގެ އަޑު އިވިގެން ބަލާލިއިރު ލޫސީ އާދެއެވެ. އެވަގުތު މާވިން ތެދުވެގެން އެތެރެއަށް ވަންނަން ދާން ފެށުމުން ލޫސީގެ ހިތަށް ތަދުވިއެވެ. ތުންފަތުގައި ދަތް އަޅާލާފައި އޭނާ އައިސް ސޯފާއަށް ޖެހިގަތެވެ. ފުން ނޭވައެއް ދޫކޮށްލާފައި ޒޭބާ ވެސް އައިސް ލޫސީގެ ކައިރީގައި އިށީންދެލިއެވެ. 

"އިނގޭތަ އަހަރެންގެ ފޭވަރިޓް ފްލާވަރ؟" ޒޭބާ އަހާލިއެވެ. "ހެހެ ތި ސުވާލު ކުރަންތަ އަހަރެން ގެނައީ؟" ލޫސީ ހޭންފެށިއެވެ. ޒޭބާ ހިތްހަމަ ނުޖެހިގެން އަތުގައި ވިކައިގަތުމުން ޒޭބާ ހިނިގަނޑު މަތަކޮށްފައި އެއީ ފިނިފެންމަލޭ ބުނެލިއެވެ. "ދެން ކޮންއިރަކު އަހަރެންނަށް ހުވަނދުމާ ކަމުދިޔައީ؟" ޒޭބާގެ ސުވާލުތައް ވީ އިތުރެވެ. "އަހަންނަކަށް ނޭނގެ ޒޭބާއަށް ޖޭސްމީން ފޭވަރިޓްވެގެން އުޅުނުކަމެއް." މިފަހަރު ލޫސީގެ އަޑުގައިވެސް ހިސާބަކަށް ސީރިއަސްކަން އެކުލެވިގެން ދިޔައެވެ. "ތިއޭ މަށަށްވެސް ނޭނގިގެން މިއުޅެނީ. އެފިރިހެންކުއްޖާ ފެންނަ ކޮންމެ ފަހަރަކު ހުންނަނީ ހުވަނދު މަލެއް ދިއްކޮށްލައިގެން. އަހަރެންނަށް ކަމުދާތީއެއްނު އޭނަ އެހެން ކަންތައްކުރާނީ." ޒޭބާ ސިކުނޑިއަށް ބާރުލަމުން ވިސްނިއެވެ. އެކަމަކު ޖަވާބަކާއި ހަމައަށް ދަތުރު ކުރުންވީ ނުކުޅެދުނު ކަމަކަށެވެ. 

"އަހަންނަށް އިނގޭ ތިހުރިހާ ހާސް ކަމެއްގެ ސޮލިއުޝަން. ބޭބީ! ޔޫ ނީޑް އަ ޕާޓީ." ލޫސީ ހަށިގަނޑު ތެދުކޮށްލާފައި ޒޭބާގެ މޫނާއި މޫނުޖެހޭ ހިސާބަށް ކައިރިކޮށްލަމުން ލޯ ހަދާލިއެވެ. "ހޫމ... މަ ނޫޅެން ޕާޓީ ކުރާކަށް." ޒޭބާ ލުސީގެ މޫނުގައި އަތްއަޅާފައި ދުރަށް ޖައްސާލިއެވެ. "އަޅެ ނޫން. ޒޭބް ޕްލީޒް. އާއެކޭ ބުނެބަލަ ހަމައެންމެ ފަހަރަކު." ލޫސީ އާދޭސް ކުރަން ފެށިއެވެ. "މިކޮޅުގައި ނުތިބޭނެ އަހަރެންގެ ފްރެންޑުންނެއް." ޒޭބާ ބުނެލިއެވެ. "ޑޯން ވޮރީ. އަހަރެންގެ ފްރެންޑުން ތިބޭނެއޭ. އެއީ ޒޭބްގެވެސް ފްރެންޑުންނެއްނު. އެހެންވީމަ އިޓްސް އަ ޔެސް ދޯ." ލޫސީ ސޯފާއިން ފުންމާލައިގެން ތިރީގައި އިށީންދެފައި ޒޭބާގެ ދެކަކުލުގައި ހިފާލިއެވެ. ޒޭބާ އެންމެފަހުން އެއްބަސްވިއެވެ.

ހަވީރުވެގެން އައިއިރު ދެއެކުވެރިން އުޅުނީ ޕާޓީއަށް ބޭނުންވާނެ ބައެއް އެއްޗެހި ގަނެލަން ގޮހެވެ. ގަންނަ ސާމާނު އުފުލަން ގެންގުޅުނީ ލޫސީގެ އެކުވެރި ފިރިހެން ކުއްޖެކެވެ. ގެއަށް އައިސް ވަންގޮތަށް ލޫސީ ކޮންމެވެސް މޮޅު ރޭވުމަކުން ހަފީޒާ ބޭރަށް ފޮނުވާލާ ގޮތަށް ހުރިހާކަމެއް ހަމަޖެއްސިއެވެ. ޕާޓީގައި ބޯން ބަހައްޓާނެ ބުއިމުން ފެށިގެން ޖަހާނެ މިއުޒިކަށް ދާންދެން ހަމަޖެއްސީ ލޫސީ ބޭނުންވާ ގޮތަށެވެ. އެކުވެރިޔާ ޝައުޤުވެރި ވެގެން އުޅޭތަން ފެނުމުން ޒޭބާ އިތުރަށް މައްސަލަ ޖައްސަން ބޭނުމެއް ނުވިއެވެ. 

ހަމަޖެހިފައިވާ ގަޑިއަށް ޤުރޫޕްތައް އަންނަން ފެށިއެވެ. ފުރަތަމަ އެތެރެއަށް ވަދެގެން އައި ދެ ޤުރޫޕް ފެނިފައި ޒޭބާ ނިންމީ އެންމެން ހަމަވީ ކަމަށެވެ. އިރުކޮޅެއްނުވެ ކުރިއަށްވުރެ ގިނަ މީހުންތައް ވަންނަން ފެށިއެވެ. "ލޫސީ! މީ ކޮންކަމެއް؟" ލޫސީގެ އަތުގައި ހިފާ އެއް ކައިރިއަކަށް ގެންގޮސްފައި ޒޭބާ ސުވާލު ކުރިއެވެ. "އަހަރެންގެ އެކުވެރިން." ލޫސީ ހިނިގަނޑެއް ޖަހާލާފައި ޖަވާބު ދިނެވެ. 

"އޭ. ޒޭބާ. ލޫސީ ބުނި މިގޭގައި މީހަކު ނޫޅޭތާ އަށާރަ އަހަރުވެއްޖެއޭ. ޒޭބާ ބިރެއްވެސް ނުގަނޭތަ އަށާރަ އަހަރުފަހުން މިގޭގައި ދިރިއުޅޭކަށް." ދުރުގައި އިން އަންހެންކުއްޖަކު އެންމެންނަށް އިވޭވަރަށް ސުވާލު ކުރުމުން ޒޭބާ ކަންބޮޑުވިއެވެ. "މީހަކު ނޫޅުނޭ ކިޔާފަ ބިރުގަންނަން ޖެހޭތަ؟" ޒޭބާ މޫނުން ހަމަޖެހޭ ގޮތް ދައްކާލިއެވެ. "ބޭރުގައި އެހާ ގަސްވެސް ގިނަ. އަހަންނަކަށް ނުކެރޭނެ ގައިމުވެސް." އެކުއްޖާ އިތުރަށް ބުނެލިއެވެ. ޒޭބާ އެއްޗެއް ބުނަން އުޅެނިކޮށް ކައިރިން ދިޔަ ކުއްޖަކު ފައި ފުރޮޅާލައިގެން ވެއްޓެންދިޔަ ވަގުތު އަތުގައި ހުރި ކޯކްތަށި ބަންޑުންވީ ޒޭބާގެ ހެދުމަށެވެ. 

ހެދުން ދޮންނަންވެގެން ގޮސް ކޮޓަރިއަށް ވަންއިރު ފާޚާނާ ތެރޭގައި އިތުރު ކުއްޖަކު އުޅެއެވެ. ފާޚާނާ ދޮރު ހުޅުވާފައި ހުރުމުން ޒޭބާ ބޯ ދިއްކޮށްލިއެވެ. އަންހެންކުއްޖާ ލޯގަނޑު ބަލަން ހުރެގެން ތުންފަތުގައި ލިޕް ގްލޯސް އުނގުޅަނީއެވެ. އެތެރެއަށް ވަދެފައި ޒޭބާ ފުރަތަމަ ހެދުމުގެ މަތިން ލައިގެން ހުރި ޓީޝާޓްފޮތީގެ ޖެކެޓްކޮޅު ބޭލިއެވެ. އެކުއްޖާ ނިކުމެގެން ދިއުމާއެކު ޒޭބާ ހެދުން ބަދަލުކޮށްގެން އަނެއްކާ ތިރިއަށް ދިޔައެވެ. އޭރުވެސް އެތާގައި ދެކެވެމުން ދިޔަ އެއް ވާހަކައަކީ އަށާރަ އަހަރު ވަންދެން އެގެ ފަޅަށް ހުރި ވާހަކައެވެ. 

"ޒޭބާގެ އަތުގައި ބަޑިއެއް އަޅާފައި އެއޮތީ ހަށި ރައްކަލަކަށް ދޯ." އެންމެންގެ ވާހަކަ އާއި ގުޅުވައިގެން އަންހެންކުއްޖަކު ބުނެލިއެވެ. އެއަޑަށް ޒޭބާ ވެސް ސިހުނެވެ. އޭނާ ބަލާލިއިރު އެއީ ފާޚާނާ ތެރޭގައި ހުރި އަންހެން ކުއްޖާއެވެ. "ހެހެ އެކަމަކު ޒޭބާ ދެންމެ ބުނި އޭނަ ބިރެއް ނުގަނެއޭ." އެހެން ކުއްޖަކު ހީގެންފައި ބުނެލިއެވެ. ދެން ތިބި ކުދިންވެސް އެ ހުނުމުގައި ބައިވެރިވިއެވެ.

"އެއީ އަހަރެންގެ މަންމަ އަހަރެންދެކެ ލޯބިން އަޅާފައި އޮންނަ ބަޑިއެއް. އެއީ ތިބުނާކަހަލަ ހަށި ރައްކަލެއް ނޫން." ޒޭބާއަށް ނުހުރެވިގެން ރައްދު ދިނެވެ. "އަހަރެމެން ތިވާހަކަ ޤަބޫލު ކުރާނީ ގޮތެއްގެ މަތިން. ޒޭބާ އަހަރެމެން ކުރިމަތީގަ ތިބަޑި ބާލާފައި ދުރުގައި ބާއްވާ." ފުރަތަމަ ވާހަކަދެއްކި ކުއްޖާ ހުށައެޅިއެވެ. އެހެން ކުދިންވެސް އެވާހަކަ އާއި ތާއީދު ކުރުމުން ޒޭބާއަށް ބަލާލެވުނީ ލޫސީގެ މޫނަށެވެ. ލޫސީ ލޮލުން އިޝާރާތްކޮށްލީ އެކުދިންގެ ބަސް ޤަބޫލު ކުރުމަށެވެ. އެހެން ނޫނީ އެދައްކާ ވާހަކަ ނުނިމޭނެކަން ޒޭބާއަށް ވެސް ވިސްނުނެވެ. ހިތާއި ދެކޮޅަށް ޒޭބާ އަތުގައި އޮތް ބަޑި ނަގާފައި އެ އަމުނާފައި އޮތް ފަށާއެކު ގެންގޮސް ކައިރީގައި ހުރި މޭޒެއްގެ މަތީގައި ބާއްވާލިއެވެ.

"އެކަނި ބޭލިއަކަސް ނިމުނީއެއް ނޫން. ޒޭބާ ޖެހޭނީ ޕާޓީ ނިމޭންދެން މި ނާޅައި އުޅެން." އެތަނުން އެއް ކުއްޖަކު ތެދުވެފައި އެބަޑި ނަގާ މުށުތެރެއަށް ލިއެވެ. ޒޭބާ އެކަމާއިވެސް އެއްބަސްވިއެވެ. ވާހަކަ ގިނަވާހެން ހީވުމުން ލޫސީ ގޮސް ޖަހާފައި ހުރި ލަވައިގެ އަޑު ގަދަކޮށްލުމާއެކު ވާހަކަދެއްކުން ހުއްޓިއްޖެއެވެ. އެއްލި ކަޅިއަކުން ޒޭބާއަށް ފެނުނީ އޭނާގެ ކޮޓަރިއަށް ވަންނަން ދިޔަ ފިރިހެނެކެވެ. ފުރަގަސްދީގެން ހުރުމުން ކާކު ކަމެއް ނޭނގުނެވެ. ދެފައި ކުރިއަށް ބާރުލާފައި ޒޭބާ ހިނގައިގަތެވެ. އޭނާގެ މަޤްސަދަކަށް ވީ އެޒުވާނާ ކޮޓަރިއަށް ވަނަނުދީ ހިފެހެއްޓުމެވެ. އެކި މިޒާޖުގެ ޒުވާނުންތަކެއް އެއްވެގެން އުޅޭއިރު އެއިން އެކަކަށްވެސް އިތުބާރު ކުރުމަކީ ކޮށްގެން ވާނެކަމެއް ނޫނެވެ. 

ޒޭބާއަށް ދެވުނުއިރު އެމީހަކު އެތެރެއަށް ވަދެއްޖެއެވެ. ދޮރު ހުޅުވާލިއިރު އެތެރޭގައި ރަސްކަން ކުރަމުން ދިޔައީ ކަނު އަނދިރިކަމެވެ. ފާރުގައި އަތް ކާއްތަމުން ސްވިޗް ބޯޑް ހޯދާލާފައި ޒޭބާ ލައިޓް ޖެއްސިއެވެ. ހުދު އައްޔަކުން މުޅި ކޮޓަރި ތެރެ އަލިވެގެން ދިޔައެވެ. އެކަމަކު އެތެރޭގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. 

ހައިރާންވެގެން ދެފަރާތް ހޯދަމުން ޒޭބާ އެތެރެއަށް ވަނެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ހުޅުވާފައި ހުރި ކުޑަ ދޮރެވެ. ހިތުގެ ތެޅުން އަވަސްވީ ދެނެވެ. ޖެހިލުންވެ ހުރެވެސް ޒޭބާ އާދައިގެ ހިނގުމެއްގައި ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓިފައި ތިރި ބަލާލިއެވެ. ޖެހެމުންދިޔަ ވަޔާއި އެއްވަރަށް ގަސްތައް ހަރަކާތްތެރި ވަމުންދިޔައެވެ. 

"ހައެ ޒޭބާ!" އަޑު އައީ ފަހަތުންނެވެ. ފަސްއެނބުރި ބަލާލުމާއެކު ޒޭބާއަށް ފެނުނީ ފާރާއި ދޮރުފަތާއި ދެމެދުން ނިކުމެގެން އައިސް ކުރިމައްޗަށް ހުއްޓުނު ޒުވާން ފިރިހެނެކެވެ. 

ކޮމެންޓް 0