"އެމެރިކާގެ ލިއުންތެރިޔާ ޑޮކްޓަރ ސޫސް ބުނެފައިވާ ބަހެއްގެ މާނައިގައި ވެއެވެ. މީހަކުދެކެ ލޯބިވެވުމުން ނުނިދިގެން އެއުޅޭ އުޅުމުގެ ސަބަބަކީ ދެކޭ ހުވަފެނަށްވުރެ ރީތި އެއްޗެއް ކަމުގައި އެންމެފަހުން ހަގީގަތް ވެގެން ދިއުމެވެ. ބައެއްމީހުންގެ ނަޒަރުގައި އެއްވެސް އޮށްޓަރެއްނެތް ކުރު ޖުމްލައެކެވެ. އެއީ ޚުދު އަހަރެންވެސް ދެކުނު ގޮތެވެ. އެކަމަކު ސޫސްގެ އެބަހުގެ ތެދުކަން އަހަރެންނަށް ގަބޫލު ކުރެވުނީ ޒޭބާ މިހަޔާތަށް އައުމުންނެވެ. ތެދު ތެދަށް ބުނަންޏާ އެސްފިޔަޖަހައިލަންވެސް އަހަރެން ބިރުގަތެވެ. އެންމެ ސިކުންތަކަށްވެސް ލޯމަތިން ކެހިލަން ހިތް ނޭދުނީ ގެއްލިދާނެތީއެވެ. އަގު މާތް ޖަވާހިރަކަށްވުރެ، ވަސްމީރު މާވަހަރަކަށް ވުރެ އަހަންނަށް ޒޭބާ މުހިންމުވިއެވެ." 

ނޭނގުމުގެ ތެރޭގައި ޒޭބާގެ ލޮލުން ކަރުނަ ހިނގައިލިއެވެ. ބޭނުން ނުވިއަސް ހިތަށް އެނގުންވެލިއެވެ. އަފްލާކް އަކީ ޒޭބާ ފޫހިވެގެން އުޅެން ބޭނުން ނުވެގެން ދޫކޮށްލާފައި އައި ލޯބިވެރިއެއް ނޫނެވެ. އެއީ ފާޑަކަށް މަޖުބޫރު ވެގެން ކުރެވުނު ކަމެކެވެ. ހިތް ހަލާކުވެ އިތުރަށް ހިތްދަތި ކަމުގައި ނޫޅެންވެގެން ދޫކޮށްލީއެވެ. މިޝްއަލް އައިސް އެޒަޚަމްތަކުގައި ބޭސް އަޅައިދިނުމާއި ހަމައަށްވެސް ވޭން އެޅިއެވެ. އާވެ ލޭ ހިލުނެވެ. މިޝްއަލްގެ ނޫރު އެހަޔާތަށް އެޅެން ދެން ޒޭބާ ސިއްރު ސިއްރުން އިންތިޒާރުވެސް ކުރިއެވެ. ކޮންމެވެސް ދުވަހަކުން ހުރިހާ ކަމެއް ބަދަލު ވެގެން އަފްލާކް އެނބުރި އަންނާނެ ދުވަހަކަށް އުންމީދު ކުރެވުނެވެ. ދެން މިއަދު ކުއްލިއަކަށް އައިސް ހިތުގައި ފިރުމާލައިފިނަމަ އަފްލާކް އާއި ދުރަށް ނުދެވިދާނެ ކަމަށްޓަކައި މިހާރުވެސް ބިރުގަނެއްޖެއެވެ. ހިތަކީ އަޖައިބެއްފަދަ މަސްކޮޅެކެވެ. ޖެހިލާ އެންމެ ވައިރޯޅި އަކާއި އެކު ހިކި ފަތްތައް ފަރާތް ފަރާތަށް އުދުއްސައިގެންދާހައި ފަސޭހައިން ހިތްވެސް އޭގެ މިސްރާބު ބަދަލު ކޮށްލައެވެ. 

ކައިރީގައި ހުރި ޒުވާނާ ވާހަކަ ދެއްކި އަޑަށް ޒޭބާ ސިހުންވެގެން ބަލައިލިއިރު އޭނާ ހުރީ ދާންވީ މަގު ދައްކައިގެންނެވެ. އަނެއްކާވެސް ފިނިފެންމާ ފިޔައިން ކުރަހާފައިވާ ތީރެކެވެ. ޒޭބާ ހިނގައިގަތެވެ. މާދުރަކަށް ދާކަށް ނުޖެހުނެވެ. ފެރީ ޓާމިނަލާއި ހަމައިން ބައްދަލުވި މީހާ ދިއްކޮށްލީ ރަތްފިނިފެންމަލުން ހަދާފައިވާ މާބޮނޑިއެކެވެ. ހަމަ އެއާއެކުގައިމެ މިފަހަރުވެސް ރަން ކުލައިގެ ސިޓީ އުރައެއް ލިބުނެވެ. ސިޓީއުރައަށް ބަލައިލަން ކެރޭވަރު ވީ ވާޓަރު މައްޗަށް އަރައިފައެވެ. ފެރީގެ އިންތިޒާރުގައި ތިބި މީހުންތައް ފެނިގެން ޒޭބާ ނުތަނަވަސްވީއެވެ. ލޯންޗްވެސް އެއީ ކުޑަ ވަރެއްގެ މާ ފިހާރައެއް ކަހަލައެވެ. ތިންކުލައިގެ ފިނިފެންމަލުން ޒީނަތްތެރިކޮށްފައި އޮތެވެ. ލޯންޗަށް އަރުވަން ވެގެން ކައިރިވެލި މީހާ އަތަށް މާބޮނޑި ފޯރުކޮށްލާފައި ޒޭބާ ސިޓީއުރަ ހުޅުވާލިއެވެ.

"އިންސާނަކީމެވެ. މަލާއިކަތެއް ނޫނީމެވެ. ކުށަށް އިއުތިރާފްވެ ތަޢުބާވުމުން ﷲވެސް އަފޫ ދެއްވައެވެ. ވީއިރު އެންމެ ކުށަކަށް ޒޭބާ އަހަންނަށް މަޢާފު ނުކުރާނުތޯއެވެ؟ ކޮންމެފަދަ އަދަބެއްވެސް ލިބިގަންނަން ތައްޔާރަށް ހުރީމެވެ. ބަދަލުގައި ހަމައެކަނި ބޭނުން އެއްޗަކީ ޒޭބާގެ މަޢާފެވެ. "މަޢާފު" ކޮންފަދަ ކުރު ލަފްޒެއް ހެއްޔެވެ؟ އެކަމަކު އެތިން ލަފްޒް އެއީ މިއަދު އަހަރެންގެ މުސްތަޤްބަލް ކަނޑައަޅަން ތައްޔާރުވެފައިވާ ފަނޑިޔާރެއް ފަދައެވެ." އެ ޖުމްލަތައް ތޫނު ކަނޑިތަކެއް ފަދައެވެ. އަފްލާކް އާއި ދެކޮޅަށް ޒޭބާ ރާނާފައިވާ ބޯ ފާރު އިތުރަށް ތުނި ވެގެން ދިޔައެވެ. 

ކާޑް ސިޓީ އުރައަށް ލައިފައި ޒޭބާ ލޯންޗަށް އަރަން ތައްޔާރުވިއެވެ. ރަތް ހެދުމުގެ ފަސްބައިގައި ހިފާ އެއްފަރާތަކުން އުފުލާލައިގެން އަނެއް އަތް އެޒުވާނާގެ އަތުތެރެއަށް ދޫކޮށްލިއެވެ. "އޯލް ދަ ބެސްޓް. ލަކީ ގާރލް." ލޯންޗްގައި ޒޭބާގެ ދެފައި ހަމަޖެހުމާއެކު ޒުވާނާ ބުނެލިއެވެ. ޒޭބާއަކަށް ޖަވާބެއް ނުދެވުނެވެ. އިށީން ހާއިރުން އެތެރޭގައި ހުރި މީހަކު އައިސް ލޯމަތީގައި ފޮތިކޮޅެއް އައްސާލުމުން ދެން އިންނަންޖެހުނީ ދެވޭ ނުދެވޭ ތަނެއް ނޭނގިފައެވެ. ހިތް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. އަފްލާކް އާއި ބައްދަލު ވުމަށްފަހު ދެން ކަންތައް ވެދާނެ ގޮތަކާއިމެދު މިހާރުވެސް ޒޭބާއަށް ވިސްނެނީއެވެ. އަންނަން މިއުޅެނީ ކޮންފަދަ އިންޤިލާބެއް ހެއްޔެވެ؟ އަފްލާކްއަށް ވެސް ކުށް އިހްސާސް ކުރެވުނީ މިހާރު ހެއްޔެވެ؟ ޒޭބާގެ އެންމެ ބޮޑު ޝަކުވާގެ އަމާޒަކަށްވީ ތަޤްދީރެވެ. މީ ޔަގީނުންވެސް ތަޤްދީރުގެ ވަރުގަދަ ކުޅިގަނޑެކޭ ހިތް ބުނެލިއެވެ. 

ލޯންޗް ބީއްސާލައިފިއެވެ. ޒޭބާއަށް އެކަން އިހްސާސްވިއެވެ. ލޯމަތީ އައްސާލައިފައި ވި ފޮތިކޮޅު ނެގުމުން އަވަސްއަވަހަށް ލޯ ހުޅުވައި ލެވިއްޖެއެވެ. ތަނެއް ފެންނަވަރުވީ ތެދުވެގެން ފައިބަން ދިޔަފަހުންނެވެ. އެހިސާބުން ޒޭބާ ގަނޑުވީއެވެ. ފެންނަމުން މިދަނީ ފިލްމެއްގެ މަންޒަރެއްކަން ޔަގީނެވެ. ނޫނީ ހޭލާ ހުއްޓާ ހުވަފެން ފެންނަނީއެވެ. ލޯންޗް ބީއްސާލައިފައި ވަނީ ކުޑަވަރެއްގެ ފިނޮޅަކަށެވެ. ކެޕްޓަން ފިޔަވައި ދެން ހުރި ކުއްޖާ އައިސް ފައިބަންވީކަމުގައި ބުނެ އަތްދިއްކޮށްލި އިރަށް ޒޭބާ އެކުއްޖާގެ އެހީގައި ފައިބައިފިއެވެ. އެކަމަކު އަދިވެސް އެއީ ހިލައިގެ ބުދެއް ފަދައެވެ. އެމީހުންގެ މަސައްކަތް ފުރިހަމަ ވުމުން ވުމުން ޒޭބާ އާއި އަފްލާކް އެކަނިކޮށްލާފައި ލޯންޗް ނައްޓާލީއެވެ.

ސްނޯހާ ހުދު ދޮންވެލިގަނޑުގެ ވަށައިގެން ޖަހަމުންދިޔަ ކުދި ރާޅުތަކުގެ އަޑު މިއުޒިކެއް ފަދައެވެ. ފިނޮޅުގެ މެދުގައި ވަށް މޭޒެއް ޖަހައި ދެފަރާތުގައި ދެގޮނޑި ބަހައްޓާފައި ހުއްޓެވެ. މޭޒުމަތީގައި މަތި ޖަހާފައިވާ ކާނާއެވެ. މޭޒާއި ދާދި ގާތުގައި ރޯކޮށްފައިވާ އަލިފާންގަނޑުގެ ރަތްއަލިން ފިނޮޅު އެކީއެކަށް އޮރެންޖް ކޮށްލާފައި ވެއެވެ. އަލިފާންގަނޑުން މައްޗަށް ބުރައިގެންދާ އަލިފާން ކަނިތައްވެސް އެހާމެ މަންޒަރު ރީތި ކޮށްދެއެވެ. ނުހަނު ކުދި ބާނިތަކެއް ފިޔަވައި އިތުރު ހަލަބޮލި ކަމެއް ނެތް ލޮނުގަނޑު މަތީ އޮޔާ ދެމެމުން ދިޔަ ވޮށްތައް ފެންނަނީ ލޮނުގަނޑު ތެރޭގައި ދިއްލިފައިވާ ބޮކިތަކެއް ހެންނެވެ. ޒޭބާ ހުއްޓި ހުރި ހިސާބުން މޭޒާއި ހަމައަށް ދެވޭންދެން އެންމެ މީހަކަށް ދެވޭނެހާ ހިމަ ޖާގައެއް ހުރެފައި ދެފަރާތުގައިވެސް ދިއްލާފައިވާ ވޮށް އަތުރާފައެވެ. ފިނިފެންމަލުގެ ވާހަކަ އަދި ހެވީ ނުދެއްކިއްޔާއެވެ. ފޫޓެއްހާ ދިގު ތަނޑިއާއެކު ވެލިގަނޑުގައި ބަރިއަކަށް ޖަހާފައިވާ ރަތް ފިނިފެންމާތައް އެއީ މާކުރިއްސުރެ އެތާ ހެދިފައިވާ ބަގީޗާއެއް ފަދައެވެ. ޒޭބާ ހައިރާންވެއްޖެއެވެ. އަފްލާކް އޭނާއަށް ޓަކައި ނުކުރަނީ ކީއް ހެއްޔެވެ؟

އަފްލާކް ހުރީ އަދި ދުރުގައި ޒޭބާއަށް ފުރަގަސްދީގެންނެވެ. ޖިންސްގެ ޖީބަށް ދެއަތް ޖަހައިގެން ހުއްޓިލައިގެން ހުންނައިރު ހުދު ޓީޝާޓާއި ޖިންސްގައި ފުރަގަހުންވެސް ހާދަ ފުރިހަމައެވެ. ފިރިހެންވަންތަވެފައި އެހާމެ ބިޔަ ހަށިގަނޑެކެވެ. އެހެން އަންހެން ކުއްޖަކު ނަމަ ދުވެލައިފައި ގޮސް އަފްލާކްގެ ފަހަތުން ބައްދާލައިފީހެވެ. ވަގުތުން މަޢާފްކޮށްފީމޭ ބުނެލައިފީހެވެ. އެހެނަސް ޒޭބާގެ ދެފައި އެވަނީ ބިމުގައި ތަތްލައިފައެވެ. ސިކުނޑި ފުރިފައި ވަނީ އެތައް ހާސް ހިޔާލު ތަކުންނެވެ. އެއްކޮޅުން މިޝްއަލްއެވެ. މިއަދު މިޝްއަލް ވެސް އެހުރީ ގާތްގަނޑަކަށް އަފްލާކް އާއި އެއް މަޤާމެއްގައެވެ. މަޢާފް ކުރަންވީ އެތަނުން ކާކަށް ހެއްޔެވެ؟ ބޭވަފާތެރިވެފައި އަލުން ބޭނުންވެގެން އައި ލޯބިވެރިޔާއަށް ހެއްޔެވެ؟ ނޫނީ ވަފާތެރިއެއް ކަމުގައި ވެ ހުރެފައި އަބުރު ނަގައިލި ލޯބިވެރިޔާއަށް ހެއްޔެވެ؟ މިޝްއަލްގެ ކޮންމެވެސް ވަރުގަދަ މަޖުބޫރީއެއް އޮންނާނެއެވެ. އެ އަމަލުގެ ފަހަތުގައި ސަބަބެއް ވާނެއެވެ. ޒޭބާގެ ޒަމީރު ވައިއަޑުން ހަނދާން ކޮށްލަދިނެވެ. ހަމައެގޮތަށް އަފްލާކްގެ ސަބަބަކީ އިންސާނަކަށް ވުމެވެ. ކުށްކުރެވޭނީ އިންސާނުންނަށެވެ. އަފްލާކް ބުނިހެން ތަޢުބާވުމުން ﷲވެސް އަފޫކޮށްދެއްވައެވެ. ވީއިރު އެންމެ ކުށަކަށް މަޢާފު ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟ ސިކުނޑިއާއި ހިތުގެ މިފަދަ ކޯޅުންގަނޑެއްގައި ޒޭބާ ހުއްޓާ އަފްލާކް އެނބުރި ބަލައިލައިފިއެވެ. 

ރަތް ހެދުމެއްގައި ޒޭބާ ރީތިކަމުން ހުރިހާ ފިނިފެންމަލެއްގެ ކުލަ ފަނޑުވެގެން ދިޔަހެން އަފްލާކްއަށް ހީވިއެވެ. ކައިރިއަށް އައިސް ހުއްޓިފައި އަފްލާކްގެ އަމިއްލަ ގޮތުގައި އެއް މިޔަކަނުން ހިނިތުން ވެލުމުން ޒޭބާގެ ހިތަށް ބަޔާން ކުރަން ދަތި ގޮތެއް ވެލިއެވެ. ފާޑަކަށް ވިންދު އަވަސްވެލިއެވެ. އަދިވެސް އެއަސަރުތައް ޒޭބާގެ ހަށިގަނޑުގައި ދިރި އެބަހުއްޓެވެ.

"މޭ އައި؟" އަފްލާކް ކަނާއަތް ހުޅުވާލާފައި ދިއްކޮށްލައިފިއެވެ. ދެ ފިކުރެއްގައި ހުރެފައި ޒޭބާ އަފްލާކް ބޭނުން ވާގޮތަށް ކަންތައް ކުރިއިރު އަތްތިލަ ހީވަނީ ގަނޑު ފެންކޮޅެއް ހެންނެވެ. ޒޭބާ ނުތަނަވަސްވެފައިވާ މިންވަރު ޚުދު އަފްލާކްއަށް ވެސް އިހްސާސް ކުރެވުނެވެ. އެހިމަހޯލި އިނގިލިތަކުގައި ހިފަހައްޓާލައިފައި ގެންގޮސް ތުންފަތް ޖައްސާލި ވަގުތު ޒޭބާގެ މުޅި ވުޖޫދުވެސް ރޫރޫ ލައިގަތެވެ. މިއަދު ކުއްލިއަކަށް މިހާ އަސަރެއް މިކުރަނީ ކީއްވެ ހެއްޔެވެ؟ ޚުދު ޒޭބާވެސް ހައިރާންވެއްޖެއެވެ. އަފްލާކް ކުޑަ ކުއްޖަކު ހިތްހަމަޖައްސައިދޭން އުޅޭހެން އަނެއްކާ ހިނިތުންވެލައިފިއެވެ. މޭޒާއި ހަމައަށް ގޮއްސައި ޒޭބާ އިށީންނަން ގޮނޑި ދަމާލުމުގެ ޝަރަފްވެސް އަފްލާކް ލިބިގެންފިއެވެ. މިއަދު އާސްމާނުގައި ބައިންދާފައި މާދަން ވައްޓައި ލާނީ ކޮންތާކަށް ކަމެއް އެނގޭ ހެއްޔެވެ؟ ޒޭބާގެ ހިތް ގޮވާލިއެވެ. ދުވަހަކު މިހާ ހިޔާލު ތަފާތުވި ދުވަހެއް ޒޭބާ ހަނދާން ނެތެވެ. ގަދަކަމުން ހިތް ހިމޭން ކުރުވާފައި ޒޭބާ އަފްލާކްއަށް ސަމާލުވިއެވެ. 

އަފްލާކްގެ ހާލުވެސް ހަމައެފަދައެވެ. ޒޭބާ ފެނުނީއްސުރެ އޭނާ ވާހަކަ ދައްކަމުން ދިޔައީ ހިތުންނެވެ. އަލިފާންގަނޑުގެ އޮރެންޖް އަލި އެޅިފައި ހުންނައިރު އެމޫނު ރީތި ކަމުން ތައުރީފް ކޮށްލެވުނީ ކިތައް ފަހަރުކަން ބުނަން ދައްޗެވެ. ރަތް ހެދުމާއި ރަތް ލިޕްސްޓިކްގައި ހަރުކުލަ ޖެހި ކުރީގެ ޅަކަން ކެނޑިފައިވާތީ މާ ރީތިހެން ހީވެއެވެ. 

"ލުކިން ގޯޖަސް." އަފްލާކްއަށް ތައުރީފް ނުކޮށްލައެއް ނީނދެވުނެވެ. ޒޭބާގެ މޫނަށް ރަތްކުލަ ވެރިވި ނަމަވެސް އަލިފާންގަނޑުގެ ހިޔަނިން އެކަން ފޮރުވާލިއެވެ. "ތޭންކްސް." ޒޭބާ ރަކިވެގެން ދުރު ބަލަން ފެށިއެވެ. "ކާންވީ އެއްނު." އަފްލާއަށް ވާހަކަ ފަށާނެ ގޮތެއް ނޭނގިގެން ކެއުން ކުރިއަށް ގެންދަން ނިންމިއެވެ. ޒޭބާގެ ހައިރާންކަމަށް އަނެއްކާވެސް އިތުރު ބޮޅެކެވެ. އަފްލާކް ގެނެއްސައި އެހުރީ ޒޭބާއަށް އެންމެ މީރު ކާއެއްޗެއްސެވެ. އަހަރެއްހާ ދުވަސް ފަހުންވެސް އަފްލާކް ހުރިހާކަމެއް ހަނދާން އެބަ ހުއްޓެވެ. ކެއުމުގެ ވަގުތުގައި އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އަފްލާކް ފަދައިން ޒޭބާ އިނީ ވިސްނާށެވެ. 

ފިނޮޅަށް ބީއްސަމުން ދިޔަ ރާޅުތަކުގެ މިއުޒިކުން ހިމޭންކަން ނަގާލައިފައި ވިއަސް އެއީ އަހާލަން ފަސޭހަ އަޑެކެވެ. ދެލޯބިވެރިން އެންމެ އެދޭނެ ފަދަ މާހައުލެކެވެ. އުމުރު ދުވަހަށް ހަނދާނުން ފިލުވައިނުލެވޭފަދަ މަންޒިލެކެވެ. ވަޢުދާއި އަހުދުން ތާރީޚު ލިޔެވޭނެފަދަ ބައްދަލުވުމެކެވެ. އިތުރަށް ފުރިހަމަކަން ގެނެސްދޭން ކާއިނާތުގައިވާ ހުރިހާ ތަރިއެއްވެސް މެދުކެނޑުމެއްނެތި ހިނިތުންވަނީއެވެ. އެތަރިތައްވެސް އަފްލާކް އާއި އެއްބައިވެފައިވާ ކަހަލައެވެ.

"މީ ބަލަން ހުންނަންވީ ވަގުތެއް ނޫން. ފިޔަވަޅު އަޅަންވީ ވަގުތު. އަމިއްލަ ބާރުގެ ބޭނުން ހިފާބަލަ." އަރްޖްގެ އަޑުން މިޝްއަލް ސިހިގެން ދިޔައެވެ. އެދެމީހުން ތިބީ ރާޅުޖަހާ ހިސާބުގައި ހުއްޓިލައިގެންނެވެ. ޒޭބާ އެދެމީހުނަށް ފުރަގަސްވާގޮތަށް އިނުމުން މޫނެއް ނުފެނެއެވެ. "ދެން ބޭނުމެއް ނޫން ބާރުގެ ބޭނުން ކުރާކަށް. މިޝްއަލްގެ އަޑުގައި ރިހުން އެކުލެވިގެން ދިޔައެވެ. އަރްޖް އެރޭ އަހަރެން މިބިމަށް އަލުން ގެނެސްދިން އިރު ތޫފާން އޮތީ ބޯމަތިވެފައި. އަދިވެސް މިފެންނަނީ އޭގެ އަސަރު." އަނެއްކާވެސް ވާހަކަދެއްކީ މިޝްއަލްއެވެ. "އަހަރެންވެސް މިއުޅެނީ އެނބުރި ދާން. އަހަރެން ހޯދަން އައި ފަރާތާއި ބައްދަލެއް ނުވާނެ." އަރްޖްގެ ޖުމްލައިން މިޝްއަލް ހައިރާންވެގެން ބަލައިލިއެވެ. "އޭނަ މަރުވެއްޖެ. އެ ގެ ހުރީ ފަޅަށް." އަރްޖް ކަރުއެލުވާލިއެވެ. "މިޝްއަލް ކައިރީ ބުނެލަން އޮތީ އެންމެ ވާހަކައެއް. ވަގުތު ފާއިތުވެއްޖެނަމަ ދެން ވަރަށް އުދަނގުވާނެ." އަރްޖްގެ އެޖުމްލައިން މިޝްއަލްއަށް އެތައް ވާހަކައެއް ބުނެދީފިއެވެ. މިޝްއަލް ދެރަވެފައި ހިތާމަ ފާޅުކުރަން އުޅެނިކޮށް އަރްޖް އެއަށްވުރެ އަވަހަށް ލޯމަތިން ވަންހަނާވެއްޖެއެވެ. 

އަރްޖް މިއޮތްހާ ދުވަހު ނިންމައިގެން ހުރި ގޮތް ބަދަލުކޮށްލީ މިޝްއަލްއެވެ. ތޭވީސް އަހަރު ޖަލުގައި ހޭދަ ކުރީ ކޮންމެހެން ސަލާމަތް ނުވެވިގެނެއް ނޫނެވެ. އަރްޖް ބޭނުންނަމަ އެކަން އޮތީ ވާގޮތަށެވެ. މިއަދާއި ހަމައަށްވެސް ހަށިފާރަވެރިންތައް ތިބީ އަރްޖްގެ ހިދުމަތުގައެވެ. އެކަން އެނގެނީ އަރްޖްއަށް އެކަންޏެވެ. ހަމައެކަނި ސަބަބަކަށްވީ އަރްޖް ސަލާމަތްވާން ބޭނުންނުވި ކަމެވެ. އަރްޖް ޤުރުބާންވީ ލޯބިވެރިޔާއަށް ޓަކައެވެ. ގުޅިގެން އެލޯބިވެރިޔާގެ ދިރިއުޅުން ނުރައްކަލުގެ ތެރެއަށް ވައްޓާލެވެނީ ކަމުގައި ގަބޫލު ކުރެވޭތީއެވެ. އެކަމަކު މިޝްއަލް އެހިޔާލާއި ދެކޮޅެވެ. މިޝްއަލްގެ ނަޒަރުގައި ދެލޯބިވެރިން އުޅެންޖެހޭނީ އެކުގައެވެ. އަރްޖް ބޭނުންނަމަ ލޯބިވެރިޔާ ގޮވައިގެން އެހެންމީހުންގެ އުދަނގޫ ނުފޯރާ ހިސާބަށް ދެވިދާނެއެވެ. ޚުދު މިޝްއަލްވެސް ރާވާފައިވާ ގޮތަކީ އެއީއެވެ. މިޝްއަލްގެ ވާހަކަތަކުން އަރްޖްގެ ހިތުގައި ނިދާފައިވި އިހްސާސްތައް ހޭލައްވާލިއެވެ. އެކަމަކު އެނބުރި އައިސްގެން އެލިބުނީ އިތުރު އަނިޔާއެކެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. މިޝްއަލްއަށް އަމިއްލަ ނަފްސްވެސް ކުށްވެރިއެވެ. އަމިއްލަ އެދުމަށްޓަކައި އެހެން ފަރާތެއްގެ ހިތް ހަލާކު ކޮށްލެވުނީއެވެ. 

އަރްޖް ދިޔަފަހުން މިޝްއަލް ހުރިތަނުން ގުޑިލާފައި ޒޭބާމެން ތިބި ދިމާއަށް ހިނގައިގަތެވެ. އިސްޖަހައިގެން ކާން އިނދެފައި ޒޭބާ އިސްނެގީ ކުއްލިއަކަށެވެ. އެމޫނުން ތަފާތު އަސަރެއް ފައުޅުވިކަން އަފްލާކްއަށް އިހްސާސްވިއެވެ. ޒޭބާ ވަށްކަޅިން ވަށައިގެން ހޯދާލިގޮތުން ކަމެއް އެނގުނު ކަހަލައެވެ. "ކިހިނެތްވީ؟" އަފްލާކް އުލާއި ސަމުސާ ދޫކޮށްލާފައި ގޮނޑީގައި ބުރަކަށި ޖައްސާލިއެވެ. "އަހަންނަށް ހީވަނީ ގެއަށް ދާންވީހެން." ހިތުގެ ތެޅުން އަވަސްވެފައިވާ މިންވަރު އެނގެނީ ޚުދު ޒޭބާއަށެވެ. "ޒޭބް. އަހަރެން ދައްކަން ހުރި ވާހަކަ." އަފްލާކް ދެރަވެގެން ކަރު އެލުވާލިއެވެ. " މަޢާފުކޮށްފިން. ޔޫ ޑިޒާވް އިޓް." ޒޭބާ ގޮނޑިން ތެދުވިލެއް އަވަސްކަމުން މޭޒު ގުޑައިގެންފައި މޭޒުމަތީ އަފްލާކްއަށް އެކަނި އެތެރެ ފެންނަގޮތަށް ހުރި ކުޑަ މަހުމާ ފޮށްޓެއް ތިރިއަށް ވެއްޓިއްޖެއެވެ. އަފްލާން އިނީ ހައިރާންވެގެން ތެދުވަން ނޭނގިފައެވެ. ހުރިހާކަމެއް މިހާ ފަސޭހައިން މިވަނީ ކީއްވެކަމެއް ނިންމަން އުދަނގޫވިއެވެ. ހަގީގަތުގައިވެސް އޭނާގެ މަސައްކަތުގެ އަގު ލިބެނީ ހެއްޔެވެ؟ ޑެކަރޭޝަންގެ ފުރިހަމަކަން ޒޭބާގެ ހިތް ބަދަލުކޮށްލީ ބާވައެވެ؟

ފޮށި ވެއްޓި ޖެހުމާއެކު އޭގެ އެތެރެއިން ބުރައިގެން ދިޔަ އެއްޗެއް ވެލިގަނޑުމައްޗަށް ޖެހުނެވެ. އެމަންޒަރު ފެނުނީ ޒޭބާ އަށެވެ. އަފްލާކް އަދިވެސް އިނީ ގޮނޑިން ނުތެދުވެ ޒޭބާއަށް ބަލަހައްޓައިގެންނެވެ. ޒޭބާ ކުރިއަށް ފިޔަވަޅެއް އަޅާފައި ގޮސް ވެލިގަނޑަށް ވެއްޓުނު އަނގޮޓި ނަގާ ދެއިނިގިލިން ހިފަހައްޓާލައިގެން ހުރިއިރު މޫނުގެ ކުލަ ރީނދޫވެއްޖެއެވެ. އަފްލާކް ތެދުވެގެން އައިސް ވާހަކަދައްކަން އުޅެފައި ޖިންސްގެ ޖީބަށް އަތް ޖަހައިލިއެވެ. ކަންބޮޑުވިވަރު އެމޫނުން ރީތިކޮށް ފައުޅުވިއެވެ. "ޒޭބް. އަހަންނަށް އިނގޭ އަދި މާ އަވަސްކަން. އެކަމަކު ދެން މިހާރު ޒޭބްއަށްވެސް އެނގުނީމަ ދެން ލަސްކުރާނެ ކަމެއް ނެތެއްނު." އަފްލާކް އަނގޮޓި އަތުލާފައި ވެލިގަނޑުމަތީގައި ކުޑަ ކަކޫ ޖަހައިލިގޮތަށް މޫނު އުފުލައިލިއިރު ޒޭބާގެ ދެލޮލަށް ކަރުނަތައް ޖަމާވަނީއެވެ. "ވިލް ޔޫ...ބީ މައި ވައިފް؟" އަފްލާކް އަކުރުތަކަށް ބާރުލާފައި ދުރު ދުރުގައި އަތުރައިލިއެވެ. މިޝްއަލް އޭރު އައިސް އަފްލާކްގެ ފުރަގަހަށް ހުއްޓެނީއެވެ. 

ޒޭބާގެ ނަޒަރު އެއްފަހަރު އަފްލާކްއަށް އަނެއްފަހަރު މިޝްއަލްއަށް ހުއްޓުނެވެ. ގޮތެއް ނިންމަން އެންމެ އުދަނގޫވި ވަގުތު ކޮޅެވެ. ދެޒުވާނުންގެ ލޮލުގައިވެސް ވަނީ އާދޭހެވެ. އަފްލާކް އެއީ ހުރިހާ ކަމެއް އެނގި ހުރެވެސް އޭނާއާއި ގުޅެން ބޭނުންވި ފަރާތެވެ. އަބުރާއި އިއްޒަތް ވެއްޔާއި މޮޑެވުމަށްފަހުވެސް ދުނިޔޭގެ ނަޒަރުން އޭނާގެ ބޭޒާރު ފިލުވައިދޭން ތައްޔާރަށް ހުރި ޒުވާނާއެވެ. ކުރެވުނު ކުށުގެ ކައްފާރާ އަދާކުރަން އެއަށްވުރެ ރަނގަޅު ފުރުސަތެއް ކޮބައި ހެއްޔެވެ؟ ޒޭބާ އަފްލާކްގެ މޫނުން ނަޒަރު ވަކި ކޮށްލައިފައި މިޝްއަލްއަށް ބަލައިލިއެވެ. އެދެލޮލުގައި ވަނީ ކަރުނައެވެ. ވޭނެވެ. ކުށަށް އިއުތިރާފް ވުމަށްފަހު ކޮށިގަނޑަށް ހާޒިރު ކުރެވިފައިވާ ކުށްވެރިއެއްގެ ބެލުން އެދެލޮލުން ފައުޅުވިއެވެ. ވަގުތުން ޒޭބާ ގޮތެއް ނިންމައިފިއެވެ. 

"ޔެސް.ޔެސް.ޔެސް....!!! ޒޭބާ ހީގެންފައި އަފްލާކްގެ އަތުން އަގޮނޓި އަތުލައިގެން ކަށި އިނގިލީގައި އަޅައިލިއެވެ. އެވަގުތު ދެލޮލުން ކޯރުދެމިގެން ދިޔައީ ތާޒާ ކަރުނައެވެ. 

ކޮމެންޓް 0