ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުތަކުގެ އަޑު މިއުޒިކެއް ފަދައިން އެއް ރާގަކަށް އިވެމުން ދިޔައިރު ޖެހެމުންދިޔަ ލުއި ރޯޅިތައް އެއީ ނާނާއެއް ފަދައެވެ. ދިމާ އުޑުގައި ފަރިއަށް ހިނިތުންވެފައިވާ ހަނދުގެ ރިހި އަލިން ފެވިފައިވާ ކަނޑުގެ ސަތަހަ އެއީ ފަތުރާލެވިފައިވާ ދޫލައެއްހާ ހިމޭނެވެ. ޒޭބާ އިށީންދެގެން އިން އޮނުފީނި ހޮޅީގައި ދެފަރާތުން ހިފަހައްޓާލައިގެން އިނދެ ފައިދަށުގައި އޮތް ދޮންވެލިގަނޑާއި ކުޅެމުން ދިޔައީ ބޮޑުވައި އިނގިލީންނެވެ. އެފަސްގަނޑު ފިނިވެފައި ސްނޯކޮޅެއްހާ ފަޔަށް އަރާމެވެ. ކަނާތު ކޮނޑުމަތިން ގެނެސް ކުރިމައްޗަށް ވައްޓާލައިފައި އޮތް ރޭގަނޑެއްފަދަ ކަޅު އިސްތަށިގަނޑު ވައިރޯޅިތަކުގެ އެހީގައި މައްޗަށް އަރަމުން އެދޮން މޫނާއި ތުންފަތުގައި ބޮސްދެވޭތޯ މަސައްކަތް ކުރަން ފެށުމުން އަތް އުފުލާލައިފައި ހިމޭން ކުރުވައެވެ. ދުރުން ހިނގާފައި އައި ފިރިހެނަކު ގަސްތަކު ތެރެއިން ނިކުމެފައި ޒޭބާ އިން ހޮޅީގެ ވާތް ފަރާތުގައި ފޫޓެއްހާ ދުރުމިނުގައި ހުރި ރުކެއްގެ ކައިރިއަށް ހުއްޓިފައި ޖިންސްގެ ޖީބަށް ދެއަތް ޖަހައިލިއެވެ. ލައިގެން ހުރި ޓީޝާޓްގެ ހުޑް ބޮލުގައި އަޅުވާފައި ހުރުމުން މޫނާއެކު ހިޔަނި އެޅިފައިވެއެވެ. ދިގު އިސްކޮޅަކާއި އެހާމެ ބިޔަ، ވަރުގަދަ ހަށިގަނޑެކެވެ. ދުރު ބަލަހައްޓައިގެން އިންދާވެސް ޒޭބާއަށް އިހްސާސްވިއެވެ. ހިނިތުންވެފައިވާ މޫނަކާއެކު އެނބުރި ބަލައިލުމާއެކު އަނދިރީގެ ތެރެއިންވެސް އެލޮލުގެ ވިދުވަރު ޒޭބާގެ ހިތާއި ކުޅެލިއެވެ. ޒޭބާ ތެދުވެގެން އައިސް ކައިރިއަށް ހުއްޓި ޒުވާނާގެ މޭމަތީގައި ދެއަތް ތިލަ ބާއްވާލަމުން އެރީތި ލޮލަށް ބަލަންފެށީ ބޮސްދޭން ބޭނުންވާފަދަ ގޮތަކަށެވެ. ހަތަރުކަޅި ބައްދަލުވިހިނދު އެލޮލު ތެރެއިން މާޒީގެ އެތާރީޚީ ދުވަސް ސިފަވެގެން އައެވެ.
*****
ފަންޑިތަވެރިޔާގެ ކުރިމަތީގައި އަނދައަނދާ ހުރި އަލިފާންގަނޑާއި ދެމެދުގައި އަތުރާފައިވާ ހުދު ކަރުދާސްކޮޅުތަކެއްގެ ތެރޭގައި ރަތް ކުލައިގެ ކުނޑިއަކާއި ބޮނބި ނަރު ފާޑުޖަހާ މުށި ކުލައިގެ އެއްޗެހި ތަކެއް ހުރެފައި ކުޑަ ބޯތައްޓެއްގައި ކަޑި ފާޑުގެ އޮލަ އެއްޗެއް ހުއްޓެވެ. ޝޭން އޮތީ ޒޭބާ ނިދާ އެނދުމަތީގައެވެ. އެތުއްތު އަޑުން މެދުކެނޑުމެއްނެތި ރޮމުން ދިޔައިރު ޒޭބާގެ އެތެރެހަށީން އެއްޗެހިތަކެއް ފުނޑުފުނޑުވަމުން ދިޔަ ކަހަލައެވެ. އެކަމަކު އޭނާ ހުރީ ކުޑަ ބުރެއްގެ ތެރޭގައި ހައްޔަރުވެފައެވެ. ވަށައިގެން ރަތް ކުލައިގެ ކުނޑިން ކުރެހުން އަޅައި ވަށްބުރެއް ހަދައިފައެވެ. ޒޭބާ އެތަކެއްފަހަރު އެބުރު ހުރަސްކުރަން މަސައްކަތް ފަށާއިރަށް އެކުނޑިތަކުން ދިލަ އާތްވެއް އަރައި މުޅިރޫޚުވެސް ފިއްސަމުންދާހެން ހީވެގެން ހުއްޓާލަނީއެވެ.
ޝޭންގެ ކައިރީގައި ނުބައި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެން ސަރުދާރު ހުރީ ޒޭބާގެ މޫނަށް ބަލާށެވެ. މުސްކުޅިޔާ ތުންތަޅުވަމުން ބޯތަށިތެރޭ އޮތް ސަމުސަލަށް އެތިފޮދެއް އަޅާފައި ޓައިލްސް މަތީ ކުރެހުމެއް އަޅަން ފެށިއެވެ. އަނެއް އަތުން ކުނޑި ވިއްސަމުން އެކުރެހުމަށް ސޫރަ ގެންނަން މަސައްކަތް ކުރަނީއެވެ. ދޭތެރެއަކުން އަލިފާންގަނޑަށް އެއްލާ ނަރުތަކާއިއެކު އަލިފާންގަނޑު ބަނޑިޖަހައިގަތުމުން ޒޭބާގެ ހަށިގަނޑަށް ވާންވެލާފައި ވަރުބަލިވާ ގޮތުން ގައިން ބައިން ނެތިގެންދާ ކަހަލައެވެ. މެދުކެނޑުމެއްނެތި ނިއްކުރިމަތިންނާއި އެތަން މިތަނުން ފައިބަމުން ދިޔަ ދާތިކިތައްވެސް ލޮލުގައި ހުރި ކަރުނައަށްވުރެ ގިނައެވެ.
"ކަލޭ ކޮންކަމެއްތަ ބޭނުންވެގެން ތިއުޅެނީ؟" ތިގޮތަށް މަގޭ ދަރިފުޅަށް އަނިޔާ ނުކުރިއަސް ތި ބޭނުންވެގެން އުޅޭ އެއްޗެއް ބުނީމަ އަހަރެން އެކަން ކޮށްދޭނަމޭ." މުސްކުޅިޔާ އެއް ކުރެހުން އަޅައި ނިމިގެން ދެވަނަ ކުރެހުން އަޅަން ތައްޔާރުވާތަން ފެނިފައި ޒޭބާ ހަޅޭއްލަވައިގަތެވެ. ކުރާނެ ކަމެއްނެތި ހިތްވަރު އެލިފައިވިއަސް އެކަން ދައްކާކަށް ބޭނުމެއް ނުވިއެވެ. މުސްކުޅިޔާ އަނގައިންވެސް ނުބުނެ އިނދެގެން ދެވަނަ ކުރެހުންވެސް ނިންމައިލިއެވެ. އެއީ ޒޭބާ އާއި ޝޭންގެ ކުރެހުމެވެ. ހީވާގޮތުން އެދެފުރާނަ ނައްތައިލަން އެއުޅެނީ އެކުރެހުންތަކުގެ ޒަރީއާއިންނެވެ. ކުޑަ ދޮރު ފުރަގަހުން ހިޔަންޏެއް ހުރަސް ކުރިތަން ފެނުނީ ޒޭބާ އަށެވެ. ސަރުދާރު އެހާ ސަމާލުވެ ޒޭބާއަށް ބަލަން ހުރީތީވެ އެކަން ސިއްރެއް ނުވިއެވެ. އެވަގުތު އަރްޖް އެތެރެއަށް ދެމިގަތީ ވައިރޯޅިއެއްހާ ހަލުވިކޮށެވެ.
ސަރުދާރުގެ ކަރުގައި ބައްދާފައި ދެޖިންނިއެއްކޮށް ކުޑަދޮރުން ބޭރަށް ވެއްޓިގަތީ ވިދުވަރެއްފަދައިންނެވެ. މުސްކުޅިޔާއަށް އެތަން ފެނިގެން ފުންމައިގެން ތެދުވެފައި ޝޭން އާއި ދިމާއަށް ދަނިކޮށް މިޝްއަލް ފައުޅުވެއްޖެއެވެ. އެހާލުގައި ހުރެވެސް ޒޭބާއަށް ހިނިތުންވެލެވުނީ އުފަލުންނެވެ. މިޝްއަލް އެއައީ އޭނާ އާއި ދަރިފުޅު ސަލާމަތް ކުރަންވެގެންނެވެ. މުސްކުޅިޔާ ހިޔާލު ބަދަލުކޮށްލާފައި އަނެއްކާވެސް ކުރެހުމާއި ކައިރިވެލިގޮތަށް ނިކަން އަތްމަތި ހަލުވިކޮށް ބާކީ ހުރި ކުޑިތައް ދެއަތަށް އަޅާފައި ކުރެހުމުގެ މައްޗަށް ވިއްސަމުން ތުންތަޅުވާލުމާއެކު ދެކުރެހުމުގައި ހުޅުހިފައިފިއެވެ. ޒޭބާ ކަރުގައި ނޭވާ ތާށިވެ ވަގުތުން ޓައިލްސްމައްޗަށް ބަންޑުން ވެއްޓުނެވެ. ޝޭންގެ ރުއިމުގެ އަޑު ކުރިއަށްވުރެވެސް ގަދަވެގެން ދިއުމުން މިޝްއަލްގެ ދެފައިގައި ކަސްތޮޅު އެޅުނުފަދައެވެ. އެއްފަހަރު ޝޭންއަށް އަނެއްފަހަރު ޒޭބާއަށް އޭނާ ބަލައިލީ ދެން ހަދަންވީ ގޮތެއް ނޭނގިފައި ހުރި މީހަކު ފަދައިންނެވެ. ދެވަނަ ސިކުންތުގައި މިޝްއަލްގެ ދެބުމަ ގޮށްޖެހި ބަނޑުހައިގެންފައިވާ ސިންގާއެއްފަދައިން ފަންޑިތަވެރިޔާގެ ކުރިމައްޗަށް ޖެހިގަތީ އަމިއްލަ ފުރާނައަށް ވިސްނާލުމެއްނެތިއެވެ. ފަންޑިތަވެރިޔާ ކިތަންމެ ކުޅަދާނަކަމެއް ހުރިކަމުގައިވިއަސް އަމިއްލަ ދިފާޢުގައި ތުންތަޅުވާލާނެ ސިކުންތެއްވެސް ނުލިބުމުން މިޝްއަލްގެ ކުރިމަތީގައި ބާރެއްނެތް މީހަކަށް ވެގެންދިޔައެވެ. މިޝްއަލް އޭނާގެ ބޮލުގައި ދެއަތުން ހިފާ ބާރުކޮށްލާފައި ނުއަތަށް އަނބުރައިލިހިނދު އަޑު ކިޔައިގެންފައި މަރުވެގެން ވެއްޓިއްޖެއެވެ.
ކައިލް އާއި އަރްޖް އާދެވުނީ ފަންޑިތަވެރިޔާ މަރުވެގެން ވެއްޓުނު ތަނަށެވެ. އެވަގުތު ތިންމީހުންގެ ނަޒަރުވެސް ހުއްޓުނީ ހުޅުހިފައިގެން އަނދަމުންދިޔަ ކުރެހުމަށެވެ. ތިންމީހުން އެއްކޮށް އެދިމާއަށް ޖެހިގެން ނަމަވެސް މިޝްއަލް އާއި ކައިލްއަށްވުރެ ކުރީން އަރްޖް ގޮސް އެހުޅުގަނޑު ނިއްވަންވެގެން ފައިން އެރުމުން ކުޑަތަންކޮޅެއް ނިވިފައި އަރްޖްގެ ފައިގައި ހުޅުހިފައިފައި މާދުރަށް ވިއްސައިގެން ދިޔައެވެ. އެވަގުތު ކައިލް އަށާއި މިޝްއަލްއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނީ އެއްފަހަރާއެވެ. ޒޭބާ ބަންޑުން އޮވެވެސް ބޯ ހިއްލައިލި ވަގުތު އަރްޖްއަށް ވީގޮތް ފެނިގެންދިއުމުން މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. ހުޅުގަނޑުގެ ތަންކޮޅެއް ނިވުމުން ހަށިގަނޑަށް ފަސޭހަވީހެން ހީވިނަމަވެސް އަލިފާންގަނޑަށް ޖެހިގަންނަން ދިޔަ ކައިލް އާއި މިޝްއަލް ފެނިފައި ދެލޯ ބޮޑުވިއެވެ. އިޚުތިޔާރެއްނެތި އެދެނަން ދުލަށް އައީ ބާރު ހަޅޭކަކާއެކުގައެވެ. ކައިލް ދެފަރާތަށް ބޯ ހޫރާލާފައި މިޝްއަލްގެ ކޮނޑުގައި ހިފާ ދުރަށް ކޮށްޕާލަން އުޅުމުން މިޝްއަލް އެހަމަލާއިން ރެކުނެވެ. ޒޭބާއަށް ފެނުނީ ދެމީހުން އެކުގައި ހުޅުގަނޑުމައްޗަށް ޖެހިގަންތަނެވެ. ނަމަވެސް މިޝްއަލް ހުޝިޔާރުވެފައި ކައިލްގެ މޭގައި ޖަހާ ދުރަށް ކޮށްޕައިލުމުން ވިއްސައިގެން ގޮސް ފާރުގައި ޖެހިފައި މަތަވިއެވެ. ކައިލް އެހާ އަވަހަށް ފުންމައިގެން ތެދުވިނަމަވެސް މިޝްއަލް ސަލާމަތް ކުރާނެ ފުރުސަތެއް ނުލިބި އެހަށިގަނޑުގައި ހުޅުހިފުމާއިއެކު އަނދައިގެންފައި ކައިރީގައި ހުރި އަލިފާންގަނޑާއެކު އެހުޅުގަނޑުވެސް ނިވުނެވެ. އެކަމަކު މިޝްއަލް އޮތީ ސިފަ ވަކިނުވާވަރަށް މުޅިމީހާ އެކީ ކަޅުވެފައެވެ. ޒޭބާ ހަށިގަނޑަށް ބާރު ލިބުމުން ދެފައި ކުރިއަށް ބާރުލާފައި މިޝްއަލްގެ ކައިރިއަށް ދާން ދުއްވައިގަތެވެ. ކައިލް މަރުވެފައިވާ ދެފައިން ހިނގާފައި އައިސް މިޝްއަލްގެ ކައިރީގައި ދެކަކޫ ޖަހައިލިއިރު ޒޭބާ އަޑުން އަޑު ނަގައި ރޮނީއެވެ. ފަހަތުން ދޮރު ހުޅުވުނު އަޑާއެކު ލޫސީ އާއި މާވިން އެތެރެއަށް ވަނީ އެވަގުތެވެ.
"މިޝްއަލް. ކީއްތިކުރީ؟ މިޝްއަލް އާއި ނުލައި އަހަރެން ކިހިނެތް ދިރިއުޅޭނީ؟" ލޫސީ އައިސް އެދެމީހުންގެ ފުރަގަހަށް ހުއްޓުނު ވަގުތު ޒޭބާ ރޮއިގެންފައި އެނަން ކިޔާލުމުން މުޅިގައިން ހީބިހި ނަގައިގަތެވެ. ދެފަރާތަށް ބޯ ހޫރައިލެވުނީ އިޙުތިޔާރަކާ ނުލައެވެ. މިޝްއަލްގެ ބަދަލުގައި އެމަޤާމުގައި އޮންނަންވީ މީހަކީ ކައިލް ކަމުގައި ހިތްވެސް ބުނެލިއެވެ. "ޒޭބާ... އަހަރެންގެ ބަދަލުގައި ކައިލް މަރުވެގެންދިޔަ ނަމަ ދުވަހެއްގެ ކޮޅުންވެސް އަމިއްލަ ނަފްސަށް މާފެއް ނުކުރެވޭނެ... ޒޭބާ އަހަރެން ކޮންމެހެން ހާމަކުރަންޖެހޭ ވަރަށް ބޮޑު ސިއްރެއް އެބައޮތް. އެސިއްރު އެނގުމުން ޒޭބާވެސް އަހަރެންގެ މިނިންމުމާއި ދެކޮޅެއްނުހަދާނެ." މިޝްއަލް ނުހަނު އުދަނގުލުން ދެއްކި ވާހަކަތައް ޒޭބާގެ ކަންފަތަށް އިވުނުހެނެއް ހިއެއްނުވެއެވެ. ޒޭބާ ހަމަ ބާރަށް ގިސްލާފައި ރޮމުން ދިޔައީ އެންމެ ލަފްޒެއް ތަކުރާރު ކުރަމުންނެވެ. "ކީއްވެ؟" މި ލަފްޒެވެ. " ތިގޮތަށް ކަންތައް ކުރީ ޝޭން އާއި ދޭތެރޭ ވިސްނާފައިތަ؟ ޝޭންއަށް އުފަން ބައްޕަގެ ލޯބި ދޭންތަ؟ ޝޭންއަށް ބައްޕައެއްގެ ލޯބިދޭން އަހަރެން ބޭނުމީ މިޝްއަލް. ޝޭން ބޮޑުވަމުން އަންނައިރު އަހަރެން ބޭނުމީ މިޝްއަލްފަދަ މާތް މީހަކަށްވާން... އެހެންނޫނަސް މިޝްއަލް އަށް އެނގެއެއްނު އަހަރެން ލޯބިވަނީ މިޝްއަލް ދެކެކަން. އަހަރެންގެ މުޅި ހަޔާތުގައިވެސް އަހަރެން އެދުނީ ހަމައެކަނި މިޝްއަލްގެ ލޯއްބަށް. ދެން ކީއްވެ ތިގޮތަށް ކަންތައް ކުރީ؟" ޒޭބާއަށް ގިސްލެވޭވަރުން ވާހަކަދައްކަން އުދަނގޫވަމުން ދިޔައެވެ.
ލޫސީގެ ލޮލުން ކަރުނަ ހިލޭގޮތްވުމުން ތިރިވެފައި ޒޭބާގެ ކޮނޑުގައި އަތް ބާއްވައިލީ ހިތްވަރުދޭ ފަދަ ގޮތަކަށެވެ. އެހާ ކައިރީގައި އިނދެވެސް ކައިލް ހުރީ ޒޭބާގެ މޫނަށް ބަލައިލާނެ ހިތްވަރެއް ނުލިބިފައެވެ. މިޝްއަލްގެ ޤާތިލަކީ ޚުދު އޭނަ ކަމުގައި ބޮލުގައި އަޅައިގެން އިސްއުފުލަންވެސް ނުކެރިފައެވެ. އެރީތި ދެލޮލުން ހޯސްލާފައި ފައިބަމުންދިޔަ ކަރުނަތައް ހުއްޓުވާކަށް ކައިލްވެސް މިއަދު މަސައްކަތެއް ނުކުރެއެވެ.
"ޒޭބާ! އެންމެ ފަހަރަކުވެސް އަޑުއަހާބަލަ. ޒޭބާ ލޯބި ވަނީ އަހަރެންދެކެ އެއް ނޫނޭ. ހަނދާންކޮށްބަލަ ކުޑައިރު އަހަރެމެން ދެމީހުންނަކީ ހަމައެކަނި ގާތް އެކުވެރިން. އެގުޅުމަށް ލޯބީގެ ނަން ދިނީ އަށާރަ އަހަރުފަހުން ދެވަނަ ފަހަރަށް ޒޭބާގެ ހަޔާތަށް ކައިލް އައުމުން.... އަހަރެންގެ ސިފައިގައި ކައިލް އައިކަމުގައިވިއަސް ޒޭބާގެ ހިތުގައި ލޯބި އުފެދުނީ ކައިލްއަށް ޓަކައި... ހަނދާންކޮށްބަލަ އަހަރެން އެނބުރި އައީ ކައިލް ޒޭބާގެ ގޭގައި ސެކިއުރިޓީއެއްހެން އުޅޭތާ އެތަކެއް ދުވަސްފަހުން... އަހަރެން އައުމުގެ މާކުރިން ކައިލް އެވަނީ ޒޭބާގެ ހިތުގައި ލޯބީގެ އޮށް އިންދާފައި. ޒޭބާ ޖެހޭނީ ގަބޫލުކުރަން. އެއީ ހަގީގަތަކީ. ޒޭބާ. އަހަރެން ބުނަން ޖެހޭ އެންމެ މުހިންމު ވާހަކަ އަދި އޮތީ. އަހަންނަށް އެނގޭ ކައިލްގެ މެލީސާ އަކީ ޒޭބާކަން..." މިޝްއަލްގެ ވާހަކަ އެހިސާބަށް ދިއުމުން ޒޭބާގެ ރުއިން މެދުކެނޑިގެން ދިޔައެވެ. ޚުދު ކައިލްވެސް އެއަޑު އަހާފައި ހައިރާންވެގެން ބަލަން އިނެވެ.
"މިއަދަކު ނޫން. މާކުރިން އެނގޭ... އަހަރެންނަށް ޒޭބާ ފުރަތަމަ ފެނުނު ދުވަހުވެސް އެކަން އެނގޭ... ޒޭބާ އަހަރެންނަކީ ކުށްވެރިއެއް. އަހަރެން އަމިއްލަ އެދުން ކުރިއަށް ނެރެފައި ކައިލްގެ ލޯބި ޖަހައިގަތީ. މިއޮތްހާދުވަހު ޒޭބާއަށް ތިއުޅެވެނީ އޮޅުންގަނޑެއްގެ ތެރޭގައި. ބޭނުމެއްނޫން ޒޭބާގެ ހަޔާތުގައި ބާކީ އޮތް ދުވަސްތައް އޮޅުންގަނޑެއްގައި ބަހައްޓާކަށް. ޒޭބާއަކީ އަބަދުވެސް ކައިލްގެ މީހެއް. އަހަރެންނަށް ހަގީގަތް އެނގޭއިރުވެސް ނޭނގޭ ކަމަށް ހެދިގެން މިއޮތްހާދުވަހު ކައިލްގެ ދުނިޔެ ނަރަކައަށް ހަދައިގެން އުޅެވުނީތީ ހިތާމަކުރަން. އަހަރެން އެދުވަހު އަމިއްލަ އެދުން ކުރިއަށް ނުނެރުނުނަމަ ޒޭބާއަށް ކައިލް ފެންނާނީ މިހާރުގެ ކައިލް ގޮތަކަށް ނޫން. ތަފާތު މިޒާޖެއް ލިބިފައިވިއަސް ކައިލް އަނިޔާވެރިއަކަށް ހެދީ އަހަރެން... ޒޭބާއަށް ޓަކައި ކައިލްގެ ހިތުގައިވާ ލޯބި ކައިލް ބަދަލުކޮށްލި އެއްޗަކީ. ކޮންމެފަހަރަކުވެސް އަހަރެންނާއި ޒޭބާ ދުރުކުރަން ކައިލް، ޒޭބާ މަރާލަން ކުރާ މަސައްކަތް ހުއްޓުވީ އެލޯބި. ކައިލްއަކަށް ނުކެރޭނެ ޒޭބާ މަރާލާކަށް. އަހަރެންނަށް އެކަން އެނގޭތީ ކޮންމެ ފަހަރަކު ކައިލްގެ އަތްމައްޗަށް ޒޭބާ ދޫކޮށްލާފައި ދަނީ... އަހަންނަށް އިނގޭ ކައިލްއަށްވުރެ ރަނގަޅަށް ޒޭބާ ބަލަހައްޓާނެ ދެވަނަ މަހުލޫޤެއް ނުވާނެކަން. އަހަރެން އެނބުރި އައުމަށްފަހުވެސް ޒޭބާގެ އިހްސާސްތައް ކައިލްއަށް ޓަކައި ބަދަލުނުވާކަން ޚުދު ޒޭބާވެސް ގަބޫލުކުރާނެ. ބުނެބަލަ ކައިލް ފެނުމުން އާދަޔާޙިލާފް ގޮތްތަކެއް ނުވޭތަ؟ ކައިލްގެ ބީހުންތަކުން ޒޭބާއަށް ހިތްހަމަޖެހުމެއް ނުލިބޭތަ؟ ޒޭބާ ކިތަންމެ ވަރަށް އަމިއްލަ ނަފްސަށް ވިސްނައިދޭން އުޅުނަސް ކައިލް އާއިމެދު ތިހިތުގައިވާ ނޭނގޭ އިހްސާސްތައް ނިއްވައިނުލެވުނެއްނު.... އަހަރެންނަށް ހުރިހާކަމެއްވެސް އެނގޭ. ޒޭބާ އަހަރެންދެކެ ލޯބިވި ނަމަ އެކަން އެގޮތަކަށް ނުވީސް... ޒޭބާ އަހަރެންދެކެ ލޯބިވިނަމަ ކައިލްއަށް ޓަކައި ތިހިތުގައި އިހްސާސްތަކެއް ނުހިނގާނެ... ޒޭބާ އަހަރެންގެ ވާހަކަ ގަބޫލުނުކުރަންޏާ އެންމެފަހަރަކުވެސް އަމިއްލަ ހިތާއި ސުވާލު ކޮށްބަލަ. ތިހިތް އަހަރެންގެ ހުރިހާ ވާހަކައެއް ތެދުކުރާނެ... ޒޭބާ އަހަރެން މިއަދު މިކުރީ އަހަރެން ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް. ތިދެމެދަށް ހުރަހެއްކަމުގައި އަބަދުވެސް ހުރީ އަހަރެން. މިއަދު އަހަރެން ނެތިދިއުމަށްފަހު ޒޭބާ ގުޅެންޖެހޭނީ ކައިލް އާއި. އެއީ ތަޤްދީރުގެ ނިންމުން. ޒޭބާގެ ހިތަކީ މާކުރިންވެސް ކައިލް އެއްޗެއް." މިޝްއަލްގެ ދައްކަމުންދިޔަ ވާހަކަތަކުގެ އަޑު މަޑުވަމުން ގޮސް ހިނދުނު ހިނދު އެހަށިގަނޑުވެސް ހިމޭންވެގެން ދިޔައެވެ.
ޒޭބާ މިއޮތްހާއިރު ހިމޭނުން އިނދެފައި ދެންވެސް އަނގައަކުން ނުބުނެވުނެވެ. ދެލޮލުން ފައިބަމުންދިޔަ ހިމޭން ކަރުނަތައް ފުހެލާނެ ހިތްވަރެއްވެސް އަތަކު ނެތެވެ. ލޫސީ ޒޭބާގެ ކޮނޑަށް ބާރުކޮށްލުމުން ބާރަށް ރޮއިގެންފައި ވަދެވުނީ ލޫސީގެ އަތުތެރެއަށެވެ.
ކުއްލިއަކަށް ދޮރާއި ދިމާލުން ހަފީޒާގެ ހަޅޭކުގެ އަޑުއަހާފައި އެންމެންގެ ނަޒަރު އެދިމާއަސް ދަތުރު ކުރިއެވެ. ހަފީޒާ މޮޔައެއްހެން ކޮޓަރީގެ ހަތަރުފަރާތަށް ނަޒަރު ހިންގަމުން ދުވެފައި އައިސް މާވިންގެ އަތުގައި ހިފާ ބާރުކޮށްލީ ދެލޯ ބޮޑުކޮށްލަމުންނެވެ. ވެގެން އުޅޭ އެއްވެސް ގޮތެއް ހަފީޒާއަކަށް ނޭނގެއެވެ. އެކަމަކު ކަޅުވެފައިވާ ކޮޓަރީގެ ސީލިންގާއި ކޮޓަރީގެ މެދުގައި އަލިފާންނިވިފައި ހުރި ދެލިބުރިތައް ފެނިގެން އެތާ ހިނގީ އާދައިގެ ކަމެއްނޫންކަން ސާފުވެއްޖެއެވެ. "މަންމާ ހިނގާ ތިރިއަށް ދާން! އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން." މާވިން ވިސްނާލައިފައި ހަފީޒާ ގޮވައިގެން ދޮރާއި ދިމާއަށް ދަމުން ލޫސީ ކައިރީ ފަހަތުން އައުމަށް އަންގާލިއެވެ. ލޫސީ ގެ އެހީގައި ކޮޅަށް ތެދުވެފައި ޒޭބާއަށް ހޯދައިލެވުނީ ކައިލް ކޮބައިތޯއެވެ. ކައިލް ފެންނަން ނެތްތާގައި މިޝްއަލްގެ ހަށިގަނޑުވެސް ނެތެވެ. ކައިލް އެދިޔައީ މިޝްއަލްއަށް އަދާކޮށްދޭން ޖެހޭ އެންމެފަހުގެ އިޙުތިރާމް އަދާކޮށްދޭން ކަންނޭނގެއެވެ. އަރްޖް އައިސް ފަންޑިތަވެރިޔާގެ ހަށިގަނޑާއި ކައިރިވިތަން ފެނުނީ ޒޭބާއަށް އެކަންޏެވެ. ޒޭބާ ނޭނގޭ ކަމަށް ހެދިފައި ލޫސީ އާއި އެކު ކޮޓަރިން ނިކުމެގެން ދިޔައެވެ.
ހަފީޒާއަށް ހަގީގަތް އެނގުމުން އެތައް އިރެއް ވާންދެން އަނގައިން ނުބުނެވިފައި އިނެވެ. ލޫސީ އާއި މާވިން އާއި ޙިލާފަށް ޒޭބާ އާއި ޝޭން ދެކެ ހަފީޒާ ޖެހިލުންވިއެވެ. އެމީހުންގެ ފަރާތުން ގެއްލުމެއް ނެތްކަން އެނގުނަސް އިންސާނަކަށް ވީތީވެ، އެކަމަށް އާދަވާން ވަގުތު ބޭނުން ވަނީ އެވެ.
ހަފީޒާ މާވިން އާއެކު ކޮޓަރިއަށް ފޮނުވާލާފައި ޒޭބާ ދިޔައީ ލޫސީ ގޮވައިގެން މާވިންގެ ކޮޓަރިއަށެވެ. މެންދަމުގެ ވަގުތަށްވިއަސް ދެމީހުންވެގެން ޝޭން ފެންވަރުވައި ރީތިކޮށްލިއެވެ. އެކުޑަ ހަށިގަނޑުގައި ހިފާފައިވާ ދެލިތަކާއި ދާތައް ދޮވެ ތޯޙިރު ކުރުވިއެވެ. ޒޭބާ ފެންވަރަން ވަންނަން ދިޔައީ އެއަށްފަހުގައެވެ. ތުވާލި ހިފައިގެން ދޮރާއި ދިމާއަށް ދަނިކޮށް ލޫސީ ގޮވައިލިއެވެ. "ބައެއްފަހަރު ލޮލަށް ފެންނަ ކަންތައްތަކަކީ ހަގީގަތަކަށް ނުވެދާނެއޭ ބުނެއެއްނު. އަހަރެން ކުރިން ގަބޫލެއް ނުކުރަން. އެކަމަކު މިރެއިން ފެށިގެން ގަބޫލުކުރާނަން. އަހަރެން ކައިލް ދެކުނީ ވިލަންއެއް ގޮތަށް. ހީރޯ އަކީ އަބަދުވެސް މިޝްއަލް. އެކަމަކު ބަލާބަ ހުރިހާކަމެއް ބަދަލުވެގެން ދިޔަތަން... ޒޭބް އަހަރެން ބުނެލަން އޮތްހާވެސް އެއްޗަކީ... މިޝްއަލްގެ ޤުރުބާނީ ހުހަށް ދިޔަނުދޭށޭ. ކައިލް ޑިޒާވް ލަވް. ހީ ޑިޒާވް ޔޫ.... ޖަސް ތިންކް އެބައުޓް އިޓް އިނގޭ." ލޫސީގެ ވާހަކަ ނިމުމުން ޒޭބާ ފެންވަރަށް ހުރެގެން އެކަމާއި ވިސްނަމުން ދިޔައެވެ.
ލޫސީގެ ކޮންމެ ޖުމްލައެއް އެހިތުގެ ފުނުން ތެދުކުރިއެވެ. މިޝްއަލްގެ ވާހަކަތައްވެސް މެއެވެ. މިހާރު އޮތް ހުރަހަކީ ލަދުވެތިކަމެވެ. ހަގީގަތް ނޭނގިހުރެ ކައިލް އާއި ދޭތެރޭ ކަންތައް ކުރެވިފައިވާ ގޮތުން އަމިއްލަ ނަފްސް ކުށްވެރި ކުރެވެނީއެވެ. ކައިލް އާއި ކުރިމަތިލާން ފަސްޖެހެވެނީއެވެ.
ޒޭބާ ކަކުލާއި ހަމައަށް އަންނަ ރޯބްގައި ފާޚާނާއިން ނިކުތްއިރު ލޫސީ ފެންނަން ނެތުމުން ހިސާބަކަށް ނުތަނަވަސްވިއެވެ. އިތުރު ނުރައްކަލެއް ނެތްކަން ހަނދާންވެފައި ހިތްހަމަ ޖައްސައިލަމުން ލޯގަނޑު ކުރިމައްޗަށް ހުއްޓިފައި ބޮލުގައި އޮޅާފައި ތުވާލި ނައްޓައިލި ވަގުތު ސިހުނެވެ. ކައިލް ފެނުނީ ލޯގަނޑުންނެވެ. އަވަސްއަވަހަށް އެނބުރި ބަލައިލިއިރު ކައިލް ކުޑަ ދޮރުމަތީ އިސްޖެހިފައި އިނެވެ. ޒޭބާއަށް ފެނުނުކަން އެނގުމުން ކައިލް ތެދުވެފައި ޖިންސްގެ ޖީބަށް ދެއަތް ޖަހައިލި ނަމަވެސް އަދިވެސް އިސް އުފުލައެއް ނުލައެވެ. ޒޭބާ ބުނަން ބޭނުންވި ވާހަކަތައް ހިނގައިލީ ހިތުގައެވެ. ދުލާއި ހަމައަށް ގެންނާނެ ހިތްވަރެއް ނެތެވެ. "ޒޭބާ އަހަރެން މިއައީ ހަމަ އެންމެ ވާހަކައެއް ބުނެލަން." ކައިލްގެ އަޑުވެސް ހުރީ ކުރެހިފައެވެ. ޒޭބާގެ ހިތުގައި ކޫރު އެޅިގެން ދިޔައެވެ. ލޮލުގައި ކަރުނަ ހިނގާލިއެވެ. އެކަމަކު ބުދެއްހެން ހުއްޓުން އަރާފައި ހުރެވުނީއެވެ.
"ޒޭބާ އަހަރެން މިޝްއަލް ކުށްވެރިއެއް ނުކުރަން. އެއްވެސް މަހުލޫޤަކީ ކުށުން ތޯޙިރުވެފައިވާ މަހުލޫޤަކަށް ނުވޭ. އަހަރެންވެސް އަމިއްލަ އެދުން ހާސިލް ކުރަން އެތައް ގޯސްކަމެއް ކުރިން. ހަމައެގޮތަށް މިޝްއަލް އަށްވެސް ކުށެއް ކުރެވިދާނެ... އެކަމަކު އެއީ އެކަމަށްޓަކައި މިޝްއަލް ދުނިޔެއިން ނިމިގެންދާވަރު ކަމެއް ކަމަކަށް ގަބޫލެއް ނުކުރަން. ޒޭބާއަށް ޒޭބާގެ ލޯބި ގެއްލުނީތީ ހިތާމަކުރަން.... މިޝްއަލް އެދިޔައީ އަހަރެންގެ ލޯބި ހޯދައިދޭން ކަމަށްވިއަސް އަހަރެން އެލޯތްބެއް ބޭނުމެއް ނޫން. މިހާދުވަހުވެސް އެލޯތްބާއި ނުލައި އުޅެވުނުފަދައިން އަދިވެސް އުޅެވޭނެ. މީގެ ފަހުން ޒޭބާއަށް އަހަރެންގެ އުދަނގުލެއް ނުފޯރާނެ. އަހަރެން ވަޢުދުވަން މިސޫރަވެސް ދައްކައިނުލާނަން. ޒޭބާ ނުޖެހޭނެ ލޯބިނުވާ މީހަކާއި ގުޅިގެން އުޅޭކަށް. މިޝްއަލްގެ އެޤުރުބާނީން އަހަރެންނަށް އެނގުނީ ޒޭބާއަށް މިޝްއަލްގެ ހިތުން ދެވިފައިވާ ހާއްސަކަން. ވީއިރު މިޝްއަލް ޒޭބާ ސަލާމަތްކުރަން ފުރާނައިން ވި ޤުރުބާނީ ހުހަށް ދުއްވައިލުމުގެ ބާރެއް އަހަރެންގެ ނެތް. އުންމީދުކުރަން އަހަރެންގެ ކުށްތަކަށް ޒޭބާ މާފު ކުރާނެ ކަމަށް." ކައިލް އިސްޖަހައިގެން ހުރެ އެހުރިހާ ވާހަކައެއް ދައްކާފައި ދާންވެގެން އެނބުރިލިއެވެ.
"ހަމަ މިހާރު ހުއްޓޭ!" ޒޭބާގެ ހަޅޭކުގެ އަޑު އަހާފައި ކައިލްގެ ފިޔަވަޅު ގަނޑުވެއްޖެއެވެ. އެކަމަކު ފަސްއެނބުރި ބަލައިނުލައި ފުރަގަސްދީގެން ހުރީއެވެ. "ބަލާބަލަ ހުރި ނުބައިކަން. އަމިއްލަ އެދުމުން ފޯވެފައިވާ މަހުލޫޤެއް ތީ. އަބަދުވެސް ވިސްނާނީ އަމިއްލަ ނަފްސާއި ދޭތެރޭގައި. އެންމެ ފަހަރަކުވެސް މަށާއި ދޭތެރޭ ވިސްނާލިންތަ؟ އެހިންތަ އަހަރެން ބޭނުން ވަނީ ކޮންގޮތެއް ތޯ؟" ޒޭބާ ހަޅޭއްލަވަމުން ގޮސް ކައިލްގެ ކުރިމައްޗަށް ހުއްޓި ދެއަތުން މޭގައި ތަޅަން ފެށިއެވެ. "މިޝްއަލް ޤުރުބާންވީ އަހަރެން ސަލާމަތް ކުރާކަށް ނޫން. އަހަރެންގެ ލޯބި އަހަންނަށް ދޭން. ކައިލް އަހަރެންގެ ލޯއްބަކީ މިޝްއަލްއެއް ނޫނޭ... އަހަރެން ލޯއްބަކީ ތީ. އިވިއްޖެތަ؟ މިއޮތްހާ ދުވަހު އަހަރެން އޮޅުންގަނޑެއްގައި ހުރެ މިއިހްސާސް ތަކާއި ހަނގުރާމަ ކުރަމުން ދިޔައިރު ކައިލް އަހަރެންގެ ފަހަތުން ނުނައްޓައި އެހަނގުރާމަ އިތުރަށް އުދަނގޫ ކުރުވާފަ މިއަދު ހުރިހާ މަގެއް ސާފުވެ އަލިވީމަ ތިހެން ފުރަގަސްދީފައެއް ނުދެވޭނެ. މިބުނީއެއްނު ނުދެވޭނެ އަހަރެން ދޫކޮށްލާފައެއް. ކައިލް ކުރި ކުށްތަކުގެ ސަޒާއަކީ މުޅި އުމުރަށް އަހަރެންނާއި އަހަރެންގެ ދަރިފުޅުގެ ޒިންމާ ބޮލުގައި އަޅައިގެން އުޅުން. އަހަރެންނާއި ޝޭންއަށް ކުޑަވެސް ގެއްލުމެއް ލިބިއްޖެއްޔާ މަރާލާނަން. އަހަންނަށް އެކަން ނުވިއްޔާ އަހަރެންގެ ބައްޕަ އަރްޖް އައިސް ކަލޭ މަރާލާނެ. އަޑު އިވިއްޖެތަ؟" ޒޭބާ ތަޅަތަޅާފައި އެންމެފަހުން އެމޭގައި ބޯއަޅައިލުމާއެކު ރޮއިގެންފިއެވެ. ހޯސްލާފައި އޮހިގަތް ހޫނު ކަރުނަތައް ކައިލްގެ މޭމަތި ތެންމަމުން ދާން ފެށުމުން ކައިލްއަކަށްވެސް އިތުރަށް ކެތެއްނުކުރެވުނެވެ. އެބާރުގަދަ ދެއަތުން ޒޭބާ ވަށައިލީ ދުވަހަކު ދުރުކޮށްލަން ބޭނުންނުވާފަދަ ގޮތަކަށެވެ.
"އައިމް ސޯ ސޮރީ ކައިލް... އައިމް ސޯ ސޮރީ. އެން އައި ލަވް ޔޫ މޯރދޭން. އެނީތިން." ޒޭބާ ރުއިމުގެ ތެރެއިން ބުނެލިއެވެ. ކައިލްގެ ތުންފަތަށް ވެރިވި ހިނިތުންވުމާއެކުވެސް އެރީތި ލޮލުން ކަރުނަ ހިލުނީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. އަށާރަ އަހަރުފަހުން ކައިލްގެ ހިތުވެރިޔާ މިއަދު މިލްކްވެއްޖެއެވެ.
*****
ޝޭންގެ ތުއްތު އަޑުން މަންމާއޭ ގޮވާލި އަޑަށް ޒޭބާ ސިހިގެންދިޔައިރު އަދިވެސް ހުރެވުނީ ކައިލްގެ އަތުތެރޭގައެވެ. ފަސް އަހަރުގައި ޝޭން ހީވަނީ ހަމަ ކައިލްހެންނެވެ. އެފަން އިސްތަށިކޮޅާއި އަންނާރު އޮށްފަދަ ހުދު ދަތްތަކުން ފެށިގެން ޝޭންގެ އުޅުމާއި ވާހަކަދެއްކުންވެސް ހުންނަނީ ކައިލް އާއި އެއްގޮތަށެވެ. ޝޭން އައިސް އަރާ ހަމަވުމާއެކު ކައިލް ޝޭން ނަގައި އުރައިލުމާއެކު އިރުކޮޅަކުން އެކުޑަ އާއިލާ ތިބީ ސިލްވަރ ބީޗް ކުރިމަތީގައެވެ. ކުލަބޮކިތަކުން ޒީނަތްތެރި ކުރެވި އެކިހިސާބުގައި ފުއްޕާހަންތައް ހަރުކުރެވިފައިވާ ރީތި ޑެކަރޭޝަންއަށް އެކަނި ބަލައިލުމުންވެސް އެނގިގެން ދަނީ ރޭގެ ހާއްސަ ކަމެވެ. ޒޭބާގެ އާއިލާ އެތެރެއަށް ވަންއިރު ލޫސީގެ ތިން އަހަރުގެ ދަރިފުޅު ލީން ކުޑަ ޕަރީއެއްހެން ހެދިލައިގެން ކޭކު ފަޅަން ތައްޔާރުވެ ހުއްޓެވެ. ލޫސީ އާއި މާވިން އަދި ހަފީޒާގެ އިތުރުން ޝިނީ އާއި އަފްލާކް އަދި އައިކުގެ އިތުރަށް ލީންގެ ކާފަ އާއި މާމަ ތިއްބެވެ.
ޝޭން ކައިލްގެ އަތުތެރެއިން ސޮހިގަނެގެން ތިރިއަށް ފައިބާފައި ސްޓައިލިޝްކޮށް ހިނގާލައިފައި ގޮސް ލީންއަށް ދިއްކޮށްލީ ހުވަނދު މަލެކެވެ. އެމާ ޝޭން ގެނައިކަން ޒޭބާމެންނަކަށްވެސް ނޭނގެއެވެ. ޝޭންގެ ލޯބި ހަރަކާތުން އެންމެންގެ މޫނަށް ހިނިތުންވުން ގެނެސްފިއެވެ. ޒޭބާ ކައިލްގެ އަތުގައި ވިކައިގެންފައި ސިއްރުން "ބައްޕަގެ ފްލާޓީކަން ހުންނާނޭ" ބުނުލެމުން ކައިލް އެހެން މީހުނަށް ނޭނގޭނެހެން އެއްލޯ މަރައިލިއެވެ. ކޭކު ފަޅަންވެގެން ލީން ތައްޔާރުވުމުން އެންމެން ކައިރިވެލާފައި ކޭކު ބަހައްޓާފައި ހުރި މޭޒު ވަށައިލިއެވެ.
ހަފީޒާއަށް ވަގުތު ދޭންވެގެން ޒޭބާ ޝޭން ގޮވައިގެން ކައިލް އާއި އެކު ގެއާއި ދުރަށް ދިޔަގޮތަށް ހިޔާލު ބަދަލުވެގެން ދިރިއުޅުން އެކޮޅަށް ބަދަލުކުރި ނަމަވެސް ގިނަގިނައިން އާއިލާ އާއި ބައްދަލުކުރަން އައިސް އުޅެއެވެ. ޒޭބާގެ އެނިންމުން ގުޅިފައި ވަނީ ދަރިފުޅާއެވެ. ޝޭން އަކީ ވެސް ޒޭބާފަދަ ޖިންނިއަކަށް ވާތީވެ، އެނަސްލުގެ ތެރޭގައި ގެންގުޅެން ބޭނުންވީ ސަބަބުތަކެއް ނެތިއެއްނޫނެވެ. ޝޭން އަކީ ތުއްތު ކުއްޖަކަށްވާތީ އިންސާނުންގެ ތެރެއިން ޖެހިދާނެ ނުރައްކަލެއް ނޭނގޭނެއެވެ. އަމިއްލަ ބާރުތައް ފޮރުވައިގެން އުޅުމުގެ ބުއްދިއެއްވެސް ނުހުންނާނެއެވެ. ހަމައެކަނި ޝޭންއެއް ނޫނެވެ. ޒޭބާގެ މުސްތަޤްބަލް ވެސް މިހާރު އޮތީ ޖިންނި ނަސްލުގެ ތެރޭގައެވެ. އިތުރަށް ޒޭބާ ބޭނުންވާ އާއިލާގެ ގާތްކަން ހިތް ފުރޭވަރަށް ލިބެމުން ދެއެވެ. މިހާރު ހަފީޒާވެސް ބިރުކެނޑި ޒޭބާމެންނާއި މެދު ކުރިއެކޭ އެއްގޮތަށް ކަންތައް ކުރަން ފަށައިފިއެވެ.
ސަރުދާރު މަރުވުމުން ޖިންނީންގެ ވެރިކަން ލިބުނީ އަރްޖްއަށެވެ. ޒޭބާމެންގެ އާއިލާއަށާއި ކުޑަ ކުޑަ ޝޭން އެދުނިޔޭގައި ރަސްކަލެއްގެ ދަރިންގެ ދަރަޖައިގައި އުޅެނީ ނުހަނު އުފަލުގައެވެ. ޒޭބާވެސް އަރްޖް އާއި މެދު އޮތް ދުރުކަން ކެނޑި ބައްޕަ ކިޔަން ފަށައިފިއެވެ. ޒޭބާގެ ހަގީގަތް އެނގެނީ ހަމައެކަނި ލޫސީމެން ދެމަފިރިންނަށާއި ހަފީޒާގެ އިތުރުން އަފްލާކްއަށް އެކަންޏެވެ. އެހެންމީހުންނަށް އެނގިފައި އޮންނަ ގޮތުން ޒޭބާ އުޅެނީ މީހަކާއި އިނދެގެން ރާއްޖެއިން ބޭރުގައެވެ.
ކޭކު ފަޅައި ނިމިގެން ކުދިވެރިން ކުޅެ މަޖާ ނަގާފައި ލޫސީ އިރުކޮޅަކުން ލީން ނިންދަވަން ދިޔައެވެ. ކައިލް، ޝޭން އޮންނަން ހަމަޖެހުނު ކޮޓަރިއަށް ނިންދަން ދިއުމުން ޒޭބާ އައީ މައްޗަށެވެ. ޝޭން ޅައިރު ނުނިދާ އުޅުނެއް ކަމަކު ޖިންނީންގެ ތެރެއަށް ދިރިއުޅުން ބަދަލު ކުރިފަހުން ރޭގަނޑު ނިދައެވެ. ޒޭބާއަށްވެސް ކުރިން ނުނިދެނީ ބާރުތައް ލިބި ފުރިހަމަ ނުވާތީއެވެ. ޝޭން އާންމުކޮށްވެސް ކައިލް އާއި އެކު ނިދަން ބޭނުންވާތީ ޒޭބާ އެކަމާއި ވިސްނާކަށް ނުޖެހެއެވެ.
ކޮޓަރިއަށް ވަދެފައި ބަލައިލިއިރު އަދިވެސް ހުރިހާ އެއްޗެއް ހުރީ އޭނާ ބަހައްޓާފައި ދިޔަ ގޮތަށެވެ. މިޝްއަލް މަރުވިރޭގެ ފަހުން ސީލިންގްގެ ކުލަ އާކޮށް އަލުން މުށި ބަދަލުކޮށްފައި ހުއްޓަސް އެހެން ހުރިހާ އެއްޗެއް ހުރީ ޒޭބާ ތަރުތީބު ކުރި ގޮތަށެވެ. ދޭތެރެއަކުން އައިސް އެކޮޓަރިއަށް ވަދެލާއިރަށް މާޒީ އަލުން ހަނދާންވެގެން ދަނީ މިސަބަބަށް ޓަކައެވެ. ފަސް އަހަރު ތެރޭގައި އެގޭގެ އިމާރާތަށް ބޮޑު ބަދަލެއް އައިސް ޒޭބާ ކުރިން ސެލޫން ހުޅުވަން ކުރި އިމާރާތްވެސް ގެއާއި ގުޅުވައިފައި އިތުރަށްވެސް ބައިތަކެއް ހެދުމުން ގަނޑުވަރެއްހާ ބޮޑެވެ. ހަމައެކަނި ބަދަލުނުވާ ތަނަކީ އެކޮޓަރިއެވެ. ޒޭބާ ކުޑަދޮރު ހުޅުވައިލުމުން މޫނުގައި އައިސް ބީހިލި ލުއި ވައިރޯޅިން ހީކަރުވައިގަތެވެ. ބުރުހަމަ ހަނދު މެދުއުޑުގައި ރަސްކަން ކުރަމުންދިޔައިރު އެހަނދުގެ ރިހިއަލި އެހިސާބަށްވެސް އެޅިފައި ހުއްޓެވެ. ފަހަތުން ފިޔަވަޅުގެ އަޑު އިވިފައި ޒޭބާ ހިނިތުންވެލިއެވެ. ހޭވިފައިވާ ޒޭބާގެ އިސްތަށިގަނޑު އެއްފަރާތް ކޮށްލާފައި ކޮނޑުގައި ކައިލް ދަތްދޮޅި އަޅުވައިލުމުން މަންޒަރު އިތުރަށް ފުރިހަމަވިއެވެ. ހަނދުގެ ރިހިއަލިން ފެންވެރިފައިވާ ނުހަނު ރީތި ޖޯޑެކެވެ. ކައިލްގެ ކުރިއަށްވުރެވެސް ކައިރިވެލާފައި ޒޭބާ އެހަށިގަނޑުގައި ލައްކޮށްލުމުން ދެހިތުގެ މިސްރާބު އެއްދިމާލަކަށް ދަތުރު ފަށަން ހިނދުކޮޅެއްވެސް ނުނެގިއެވެ.
ކައިލްގެ ލޯބި ފުރިފައިވާ ކުދި ގޯނާތަކުން ޒޭބާ ކެތްމަދު ކުރުވިއެވެ. އިރުކޮޅަކުން ކުޑަ ދޮރާއި ފުރަގަސްދީފައި ދެޒުވާނުން ހިނގައިގަތީ އަތުގުޅާލައިގެންނެވެ. ހަނދުވެސް އެމީހުނަށް ފުރުސަތު ދީފައި ވިލާގަނޑެއްގެ ތެރޭގައި މޫނު ފޮރުވައިލިއެވެ. ލުއިވައިރޯޅިތަކުގައި ތެތްކަމެއް އެކުލެވި އިރުކޮޅަކުން ފުރާޅުގައި ބޮސްދޭން ފެށީ ވާރޭތިކިތަކެވެ.
ނިމުނީ