އާ ދުވަހަކަށް އިރު ފެނުން ތޮޅެލި އިރު މާވިން ހުރީ ވިލިމާލެއަށް ދަތުރުކޮށްފައި ދިޔަ ފެރީއެއްގައެވެ. އެމޫނު ތާޒާވެފައި ނުހަނު އުފާވެރިއެވެ. ފޯންގެ ސްކްރީނަށް ބަލަން އިނދެފައި ފެރީ ކައިރިކޮށްލުމުން މާވިން އިސްއުފުލައިލިއެވެ. އެވަގުތު ދެފަރާތުގައި ތިބި އަންހެން ކުދިންތަކެއް ގެ ނަޒަރު ހުއްޓިފައި ވަނީ އޭނާއަށް ކަން އެނގިގެން ރަކިވާ ގޮތްވިއެވެ. ފިރިހެނަކަށް ވިއަސް އެހުރިހާ ލޯ އެއްފަހަރާ ހުއްޓިފައި ހުރުމުން ދެއަތް ދާ ހިއްލާލި އެވެ. މާވިން ވިސްނާލައިފައި ފޯން ވައިބްރޭޓްވި ކަމަށް ހެދިގެން ކަންފަތުގައި ޖަހާފައި ވާހަކަދައްކަން ފެށިއެވެ. ތެދުވެގެން ފައިބަން ދިޔައިރު އެކުދިންތައްވެސް ފަހަތުން ދިޔައެވެ. ފޯން ރިންގްވީ ވާޓަރު މައްޗަށް ފޭބިތަނާއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް މާވިންގެ މޫނަކީ ޗެރީއަކަށްވުރެވެސް ރަތް އެއްޗަކަށް ވެގެންދިޔައެވެ. ދުވަހަކު އެހާ ލަދުގަތް ހަނދާނެއް މާވިން ނެތެވެ. ފޯން ނަގާފައި ހަލޯއޭ ބުނެލި ގޮތަށް މާވިން ބެލީ އަވަސްއަވަހަށް ގޮސް އެންމެންގެ ލޯމައްޗަށް ގެއްލޭށެވެ. 

ޑަބަލް ތަޅުދަނޑިން ގޭގެ މައި ދޮރު ހުޅުވައިގެން މާވިން އެތެރެއަށް ވަނެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް އެއްވެސް މީހަކު ހޭލާ އުޅޭތަން ނުފެނުމުން އޭނާ ހިސާބަކަށް ހައިރާންވިއެވެ. ޒޭބާމެން ފަތިސް ނަމާދަށް ތެދުވެފައި ގިނަ ދުވަސް ދުވަހު އަލަކުން ނުނިދާނެއެވެ. އެކަމަކު މިއަދު ހީވަނީ އެންމެން ނިދާފައި ތިބިހެންނެވެ. މާވިންގެ ނަސީބުވެސް ރަނގަޅީ ކަންނޭނގެއެވެ. އެހެންނޫންނަމަ މިއަދު މީ ސުވާލުތައް ކުރިމަތިވާނެ ދުވަހެކެވެ. ފުން ނޭވައެއްލާފައި ޖިންސްގެ ޖީބަށް އަތް ޖަހައިގެން ކޮޓަރިއަށް ވަންނަން ދަނިކޮށް މާވިންއަށް ހުއްޓެވުނެވެ. ޒޭބާގެ ކޮޓަރިން އަދިވެސް ހޮޅި ބުރި އަލި އެބަ ފެނެއެވެ. ކައިރިކޮށްލިއިރު ދޮރުވެސް ހުރީ ހުޅުވައިފައެވެ. މާވިން ސިކުނޑިން މޮޅުގޮތެއް ރާވައިލާފައި އެތެރެއަށް ވަނެވެ. 

"ގުޑް މޯނިން ރައިސް އެން ޝައިން." މާވިން ހިނިއައިސްފައި ހުރެގެން ޒޭބާގެ އެނދާއި ދިމާއަށް ހިނގަ ހިނގާ ހުއްޓާ ގަނޑުވިއެވެ. ދެވަނަ ސިކުންތުގައި އޭނާ މަންމާއޭ ކިޔާ ހަޅޭއްލައިގެންފައި އަވަސްއަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. ކޮޓަރިން ނިކުންނަން އައި ހަފީޒާގެ ކަންފަތުގައި އެއަޑު ޖެހިގެން ދުވެފައި އައެވެ. ދޮރާއި ހަމައިން ހަފީޒާ އަންތަރީސް ކޮށްލިއެވެ. މާވިން އުޑަފައިން އިށީންދެ ތިރި ބަލަހައްޓައިގެން އިންއިރު ހޯސްލާފައި ލޮލުން ކަރުނަ އަންނަނީއެވެ. "މަންމާ! ޒޭ....ބް...ޒޭބް..." މާވިންއަށް ވާހަކައެއް ނުދެއްކުނެވެ. އަޑު ބެދިގެން ބޭރަށް ނިކުންނަގޮތް ނުވީއެވެ. ތުން ފިއްތާލާފައި ދެއަތްތިލަ ތެރޭގައި މޫނު ފޮރުވާލިގޮތުން ހަފީޒާގެ ހިތަށްވެސް ފުން އަސަރުތަކެއް ކޮށްފިއެވެ. މާވިން އެހާ ދެރަވެފައި ހުއްޓާ ހަފީޒާ މީގެ ކުރިން ދުވަހަކުވެސް ނުދެކެއެވެ. "ޒޭބްއަށް ކިހިނެތްވީ؟" މާވިން ކައިރީ މަޑުކުރަން އުޅެފައިވެސް ހަފީޒާ ވަނީ ޒޭބާއަށް ވީގޮތެއް ބަލާށެވެ. ކުޑަ ތަންކޮޅަކަށް ގޮސްފައި ޒޭބާ ފެނިގެން ހަފީޒާ ދުއްވައިގަތެވެ. ރަޖާ އަޅަންވެގެން އުޅެނިކޮށް ޒޭބާގެ ކޮނޑުގައި ހަފީޒާގެ އަތް ޖެހުނެވެ. އެވަގުތު ހަފީޒާއަށް ތެޅިގަނެވުނެވެ. ޒޭބާގެ ހަށިގަނޑު ގަނޑުފެންކޮޅެއްހާ ފިންޏެވެ. ގުރުޑުވެލައިގެން އޮތްއިރު މުޅި ކުއްޖާ އެކީއަކަށް ތުރު ތުރު އަޅަމުން ދިޔައެވެ. ހޭވެސް ހުރި ހެނެއް ހިއެއްނުވެއެވެ. ބޮނޑި ބޮނޑިވެފައިވާ ބެޑްޝީޓާއި އެތަން މިތަނަށް އުކާލެވިފައިވާ ބާލީސްތަކުގެ އިތުރަށްވެސް އެހެނިހެން ފަރުނީޗަރ ތަކަށް ގެއްލުން ދީފައި ހުރިކަން ފާހަގަ ކުރެވެއެވެ.

"މާވިން. އެމްބިއުލާންސަށް ގުޅާ." ހަފީޒާ އަލަމާރިން ހެދުމެއް ނަގައިގެން އައިސް ޒޭބާގެ ހަށިގަނޑު ނިވާ ކުރުމުގެ މަސައްކަތް ފެށިއެވެ. "ޕޮލިހަށްވެސް ގުޅަން ޖެހޭނެ އެއްނު." މާވިން ތެދުވެ ހިންދެމިލި ނަމަވެސް އަދިވެސް ހުރީ ފުރަގަސްދީގެންނެވެ. "ނޫން. ނޫން. ޕޮލިހަށް ނުގުޅާތި!" ހަފިޒާއަށް ހަޅޭއްލަވައި ގަނެވުނެވެ. "ކީއްވެ ނުގުޅަންވީ. މަމް ޝިޒް ބީން ރޭޕްޑް." މާވިންގެ ލޮލުން އަނެއްކާވެސް ކަރުނަތައް އޮހިގަތެވެ. "މާވިންއަށް ނުވިސްނެނީ. ޕޮލިހަށް ގުޅައިގެން މިމައްސަލަ އިތުރަށް ފުޅާވުން ނޫންކަމެއް ނުވާނެ. ބަދުނާމު ވާނީ ޒޭބާ. މީހުން ލެބަލް ކުރާނީވެސް ޒޭބާ." ހަފީޒާގެ ޖުމްލަ ފުރިހަމަނުވެ އުޅެނިކޮށް މާވިން އެމްބިއުލާންސަށް ގުޅަންވެގެން މޯބައިލް ނެގިއެވެ. އަފްލާކްއަށް ހޭލެވުނީ އެމްބިއުލާންސްގެ އެލާމް އަޑަށެވެ. އަވަސްއަވަހަށް ތެދުވެފައި ޓީޝާޓެއް ބޮލަށް މަހަމުން އޭނާއަށް ނިކުމެވުނީ މާވިންމެން ކުރިމައްޗަށެވެ. "ޒޭބްއަށް ކިހިނެތްވީ؟" މާވިންގެ އަތް ދަނޑިމަތީގައި ދެމިފައި އޮތް ޒޭބާ ފެނިގެން އަފްލާކްގެ ހޭބުއްދި ފިލައިނުދިޔައީ ކިރިޔާއެވެ. "އަފްލާކް. މިހާރަކު ނޫން." މާވިން އަވަސް އަވަހަށް ނިކުންނަން ދިޔައެވެ. އަފްލާކްވެސް ނިދަންލާ ހަރުވާޅާއި ޓީޝާޓާއެކު އެހުރި ގޮތަށް ހުރެގެން އެމީހުން ފަހަތުން ގޮސް އެމްބިއުލާންސަށް އަރައިފިއެވެ. 

"މަންމާ. ޑޮކްޓަރ ބަލާއިރަށް އެނގޭނެ މީ ކޮންކަހަލަ ކަމެއްކަން. ދެން އެމީހުން ޕޮލިހަށް ގުޅައިފިއްޔާ އޯ." މާވިން ކަންބޮޑުވެފައި ހަފީޒާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. "ހާސްނުވޭ. މަންމަ މިގުޅަނީ މިކަން ހައްލުކުރެވޭފަދަ މީހަކަށް." ހަފީޒާ ފޯން ކަންފަތުގައި ޖަހައިގެން ހުރެފައި މާވިންއަށް ޖަވާބުދިނެވެ. އަފްލާކް އެދެމީހުންގެ އަނެއް ފަރާތުގައި އިންއިރު ޒޭބާގެ ކަނާ އަތްތިލަ އޮތީ އަފްލާކްގެ މުށުތެރޭގައެވެ. އަފްލާކްއަށް އަސަރު ކުރާނެވަރު ވިސްނޭތީވެ ހަފީޒާ ވެސް ކޮންމެހެން އެކަން ހުއްޓުވާކަށް ނޫޅެއެވެ. 

ޑޮކްޓަރގެ ފަރުވާއަށްފަހު ޒޭބާ ހޭއެރި ނަމަވެސް ލޯ ހުޅުވާކަށް ބޭނުމެއް ނުވެއެވެ. މުޅި ދުނިޔެ ދެކެވެސް ފޫހިވެފައިވާ ކަހަލައެވެ. މާވިން އާއި ހަފީޒާ ބައްދަލު ކުރަން ބޭނުންވެ އެދިގެން އެކަމަށް ޒޭބާ ކުރީ އިންކާރެވެ. ގޮނޑި ބަރީގައި އިށީންދެލައިގެން އިންއިރު މާވިންގެ ދެލޮލުގައި ކަރުނަތައް ގިނަވެފައި ވެއެވެ. އެސްފިޔަޖަހާލާ ކޮންމެ ފަހަރަކު އެކަރުނަތައް އޭގެ މަގާމުގައި ކެތްނުވެގެން އޮހިގެންފާނެ ކަހަލައެވެ. ޖެހިގެން އިން ގޮނޑީގައި ހަފީޒާވެސް ހަމައެފަދައެވެ. ބަނޑު އަޅައި ވިހޭ ދަރިއަކަށް ނުވިއަސް ޒޭބާ ދެކެ އޭނާ ލޯބި ވަނީ އުފަން ދަރިއެއް ފަދައިންނެވެ. އަފްލާކްގެ ހާލު އަދި މާބޮޑުހެން ހީވެއެވެ. އޭނާ އެންމެ ހިނދު ކޮޅަކަށްވެސް ތަނެއްގައި ފޫޖައްސައެއް ނުލައެވެ. އަފްލާކް ގެ ކަމަކީ ދެކޮޅަށް ހިނގުމެވެ. ޒޭބާއަށް ވީ ގޮތް ބުނެދިން ވަގުތު އަފްލާކް ހަމައިން ނެއްޓިގެން ފާރުގައި ގޮށްމުށުން ޖެހިލެއް ބާރުކަމުން ހިސާބުގަނޑުގައި ތިބި އެންމެންގެ ސަމާލުކަން އެމީހުނަށް ހުއްޓުނެވެ. 

ދިހައެއް ޖަހަން އުޅެނިކޮށް ސައިފުﷲ އާއި ލޫސީ ވަދެގެން އަންނާތީ ފެނުނެވެ. ސައިފުﷲ ހަފީޒާގެ ކައިރިއަށް ހުއްޓި ވާހަކަ ދައްކަން ފެށުމުން ލޫސީ އައިސް އިށީންދެލީ މާވިން އާއި ޖެހިގެން ހުރި ގޮނޑީގައެވެ. "ޒޭބް ކިހިނެތް މިހާރު؟" ލޫސީ މާވިންގެ އަތުގައި ހިފަހައްޓާލުމުން މާވިން އިސްއުފުލައިލިއެވެ. ލޫސީގެ ދެލޮލުގައިވެސް ކަރުނަތައް ބޮނޑިވެފައި ވެއެވެ. "ޒޭބް ބޭނުމެއްނުވޭ އެކަކާއިވެސް ބައްދަލު ކުރާކަށް." މާވިން ގަދަ ހިތްވަރުން ޖަވާބު ދިނެވެ. "ހަގީގަތެއްތަ މީ؟ ގަބޫލެއް ނުކުރެވޭ. ކީއްވެ ޒޭބްއަށް މިގޮތަށް ވާންވީ؟ ކިހިނެތްވީ ކަމެއް މީ؟" ލޫސީގެ ސުވާލުތަކުން މާވިންގެ ހިތަށް ތަދުވުން ނޫންކަމެއް ނުވިއެވެ. މާވިން ގަބޫލު ކުރާ ގޮތުގައި އެހެން އެވީ އޭނާގެ ފަރުވާ ކުޑަކަމުންނެވެ. އަޅައިލާންވީ މިންވަރަށް ޒޭބާއަށް އަޅައިނުލެވުނީމައެވެ. ރޭވެސް ޒޭބާ އާއި މަންމަ އެކަނި ދޫކޮށްލާފައި އޭނާ އޮތީ ލޫސީގެ ކައިރީގައެވެ. ޒޭބާ އެހީއަށް އެދި ހަޅޭއްލަވައި ސަލާމަތް ވާން ތެޅިފޮޅުނު އިރު އޭނާ އޮތީ ލޯބިވެރިޔާގެ ކައިރީގައި އަރާމުކޮށް ނިދާލައިފައެވެ. ހެޔޮވާނީ ކިހިނެތް ހެއްޔެވެ؟ މާވިންގެ ހިތަށް އަސަރުކުރިވަރުން ފުންމައިގެން ތެދުވެފައި އެތަނުން ނިކުންނަން ދިޔައެވެ. ފަހަތުން ލޫސީ ވެސް ހިނގައިގަތެވެ. 

"މާވިން ކޮންތާކަށް ތިދަނީ؟ ޓޭކް މީ ވިތް ޔޫ!" ލޫސީ މަގުމައްޗަށް ނިކުމެފައި ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. މާވިން ހުއްޓިފައި ފަސްއެނބުރި ބަލައިލި ނަމަވެސް އެއްޗެކޭ ނުބުނެއެވެ. ލޫސީ ދުވެލާފައި ގޮސް އަރާ ހަމަވިފަހުން މާވިން އެހެންދިޔަ ޓެކްސީއެއް މަޑުކުރުވާފައި ދޮރުފަތް ހުޅުވާލިއެވެ. "ލޫސީ. އަހަރެން ބޭނުމީ އެކަނިވެލަން." މާވިން ލޫސީއަށް ބަލައިނުލައި ހުރެ އެހެން ބުނެލާފައި އަރައި އިށީންދެ ދޮރުފަތް ޖަހައިލިއެވެ. ކާރު ގޮސް އޮބައިލަންދެން ލޫސީއަށް ހުރެވުނީ ގުޑިލަން ނޭނގިފައެވެ. އެމޫނުގެ ކުލަވަރުން ލޫސީ ބިރު ގަންނަވާލިއެވެ. އަނެއްކާ މާވިން އެކުށްވެރި ކުރަނީ އަމިއްލަ ނަފްސް ބާވައޭ ހިތަށް އަރައިގެން އޭނާ ކަންބޮޑުވެއްޖެއެވެ. "އަހަރެން ޒޭބް އާއި ވާހަކަ ދައްކާނަން. އޭނަ އަހަރެންގެ ވާހަކަ އަޑުއަހާނެ." ލޫސީ ކުއްލިއަކަށް އެނބުރިލާފައި ޒޭބާ ކައިރިއަށް ދާންވެގެން ހިނގައިގަތެވެ. 

ލޫސީއަށް ދެވުނުއިރު ޒޭބާ ކޮޓަރިއަށް ބަދަލު ކޮށްފިއެވެ. އެކަމަކު އަދިވެސް ލޮލެއް ނުހުޅުވައެވެ. ހަފީޒާ އާއި ސައިފުﷲގެ އިތުރުން އަފްލާކްވެސް ކޮޓަރި ތެރޭގައި ޒޭބާގެ ކައިރީގައި ތިއްބެވެ. ލޫސީ ވަންތަނާ އަފްލާކް ބޭރަށް ނިކުމެއްޖެއެވެ. އިރުކޮޅަކުން ސައިފުﷲވެސް ދާން ޖެހިގެން ލޫސީ ބަހައްޓާފައި ނިކުތެވެ. ލޫސީ އިންތިޒާރު ކުރީ ޒޭބާ އާއި އެކު އެކަނިވާނެ ވަގުތަކަށެވެ. އެއިންތިޒާރު މާ ދިގުލައިގެނެއް ނުދިޔައެވެ. ހަފީޒާ ބޭސް ސިޓީ ހިފައިގެން ނިކުތީ ލޫސީ އާއި ޒޭބާ ހަވާލުކޮށްފައެވެ. 

"ޒޭބް. އަހަންނަށް އިނގޭ ޒޭބް ތިއޮތީ ނިދާފައި ނޫންކަން. ޒޭބްއަށް އަހަރެންގެ ވާހަކަ އަޑު އިވޭނެ." ލޫސީ ގޮނޑި ކައިރިކޮށްލާފައި ލަސްލަހުން ވާހަކަދައްކަން ފެށިއެވެ. ޒޭބާގެ ފަރާތުން ހޭލާ އޮތް ކަމުގެ އިޝާރާތެއް ނުފެނެއެވެ. އެކަމަކު އޭނާއަށް ލޫސީގެ ވާހަކަތައް އެންމެ ސާފުކޮށް އިވެމުން ދިޔައެވެ. "ޒޭބް. އައިމް ސޯ ސޮރީ. ވަރަށް ދެރަވޭ ޒޭބްއަށް ތިހެން ދިމާވީމަ. އެކަމަކު ތިގޮތަށް އެހެންމީހުންނާއި އެކަހެރިވެގެން ލިބޭނީ އިތުރު ދެރައެއް. މާބޮޑަށް ޓެންޝަނަށް ގޮސްގެން ހައްލުނުކުރެވޭ މައްސަލައެއް ދިމާވެއްޖެއްޔާޔޯ. ޒޭބް. އަހަރެމެން އެންމެން މިތިބީ ޒޭބް އާއި އެކު. މާވިން އާއި ހަފިއްތަ އާއި އަފްލާކްވެސް އެހުރީ ޒޭބް އާއި އެކުގައި. ހެޔޮނުވާނެ ޒޭބް ލޯ ހުޅުވާފަ ވާހަކަ ދައްކަބަލަ. ޒޭބް އަބަދުވެސް ބުނަމެއްނު ހިތުގައި ހުންނަ އެއްޗެހި ޝެއަރ ކުރީމައޭ ފަސޭހަވާނީ." ލޫސީ ވާހަކަދައްކަމުން ދަނިކޮށް ޒޭބާ ކުއްލިއަކަށް ލޫސީގެ އަތުގައި ހިފަހައްޓާލުމުން ސިހިފައި މެދުކަނޑާލިއެވެ. 

"ލޫސީ. އަހަރެން ތި އެއްވެސް ކަމަކާއި ނުވިސްނަން. އަހަރެންގެ ހަމައެކަނި މައްސަލައަކީ މިޝްއަލް. އަހަރެން މިޝްއަލްއަށް ދައްކާނީ ކޮން މޫނެއް. އޭނަ އެނބުރި އަންނައިރު އަހަރެން އެހެން މީހެއްގެ ދަރިއަކަށް ބަނޑުބޮޑު ވެއްޖެއްޔާއޯ." ޒޭބާ ލޯ ހުޅުވައިލައިފައި ވާހަކަދައްކަމުން ގޮސް ކުއްލިއަކަށް އަނގަމަތީ އަތްއަޅާފައި ރޮއިގަތެވެ. ލޫސީގެ ހިތަށް އެއްފަހަރާ އެތައް ގޮތެއްވިއެވެ. ޒޭބާގެ ހާލާއިމެދު ހިތްދަތިވި ވަރަށް މިޝްއަލް އާއި ހެދި ޒޭބާ އުޅޭވަރުން ރުޅިވެސް އައެވެ. އެކަމަކު ކިތަންމެ ބޭނުންވިއަސް މިޝްއަލް އާއި ދެކޮޅަށް އެއްޗެއް ބުނުމުގެ ހިތްވަރެއް ލޫސީއަކަށް ނުލިބުނެވެ. އެހާލަތުގައި ވެސް ޒޭބާގެ ހަމައެކަނި ހިތާމަ ގުޅިފައި ވަނީ މިޝްއަލް އާއި އެވެ. ލޫސީ ހައިރާން ވެއްޖެއެވެ. ޒޭބާ އަދިވެސް އުންމީދު ކަނޑައެއް ނުލައެވެ. މިޝްއަލް އަންނާނެ ދުވަހަކަށް އިންތިޒާރު ކުރެއެވެ. މިޝްއަލް ހަމަ ރަނގަޅަށްވެސް ޒޭބާ މޮޔަކޮށްފިއެވެ. އެހެން ނޫންނަމަ އިންސާނަކު ޖިންނި އަކު ދެކެ އެގޮތަށް ލޯއްބެއް ނުވާނެއެވެ. ލޫސީއަށް ފަހަރެއްގައިވެސް އެކަން ގަބޫލެއް ނުކުރެވެއެވެ. ޒޭބާގެ ވާހަކަ ހުރިގޮތުން އަނގައިން ނުބުނެވިފައި ލޫސީ ހުއްޓާ ޒޭބާ އަނެއްކާވެސް ލޯ މަރައިފިއެވެ. ހަފީޒާ އައުމަށްފަހު ލޫސީ އެތަނުން ނިކުންނަންދެންވެސް އެދެމެދުގައި އިތުރު ވާހަކައެއް ނުދެކެވެއެވެ. 

އިރު އޮއްސުނުފަހުން ޒޭބާ ގެއަށް ދޫކޮށްލިއެވެ. ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލި ގޮތަށް ޒޭބާ އޮތީ ނިދަންވެގެންނެވެ. އެކަމަކު އެއީ އެގޭގެ އެހެން މީހުންގެ ނަޒަރުގައެވެ. އޭނާ ނުނިދާތާ ވީ ދުވަހެއް އެނގޭނީ ޒޭބާއަށް އެކަންޏެވެ. ކިތަންމެ ވަރަށް މަސައްކަތް ކުރިއަސް މިހާރު އޭނާއަކަށް ނުނިދެއެވެ. މޫނުމަތީ ރަޖާ އަޅާލުމާއެކު ޒޭބާގެ ލޮލަށް ސިފަވި އެބިރުވެރި ހަނދާނުން ސިހިގެން ދިޔައެވެ. "ރަޖާ ދުރަށް ހޫރާލަމުން ޒޭބާއަށް ގޮވާލެވުނީ ކައިލްގެ ނަމެވެ. "ކައިލް!" ޒޭބާ ތެދުވެ އިށީންދެފައި އެނަން ތަކުރާރުކޮށްލީ ވިސްނުމަކަށް ގެނބިގެންދަމުންނެވެ. އެގަޑީގައި ކައިލް ވަނީ ކޮންތާކަށް ހެއްޔެވެ؟ އޭނާ ރައްކާތެރި ކުރުމުގެ ޒިންމާ ކޮނޑުގައި އަޅައިގެން އުޅެފައި އެންމެ މުހިންމު ވަގުތު ކައިލް އޭނާ ދޫކޮށްލާފައި ދިޔައީ ކީއްވެ ހެއްޔެވެ؟ ޒޭބާ ހައިރާން ވެއްޖެއެވެ. ހިޔާލުތަކުން ސިކުނޑި ހާސް ކުރުވިއެވެ. އޭނާގެ ރައްކާތެރި ކަމަށްވުރެ ކައިލްއަށް މުހިންމުވި އެހެން ކަމަކީ ކޮބައި ހެއްޔެވެ؟ އެވަރުގެ ކަމެއް ހިނގާދިޔަ އިރު ކައިލްއަށް ހަމަ ނޭނގުނީ ބާވައެވެ؟ ނޫނެކެވެ. ނޫނެކެވެ. ކައިލްއަށް އެނގޭނެއެވެ. ނޭނގެންވީ ސަބަބެއް ނެތެވެ. ވީއިރު ކައިލް އެކަން ނުހުއްޓުވީ ކީއްވެ ހެއްޔެވެ؟ ޒޭބާގެ ވިސްނުމުގެ ދާއިރާ އިތުރަށް ފުޅާވެ މާޒީގެ ދުވަސްތަކާއި ވެސް ގުޅިގެން ދިޔައެވެ. ކައިލް މިހާތަނަށް ދީފައި ވަނީ ހަމައެކަނި އަނިޔާއެވެ. އެކަމަކު މިޝްއަލް ވަކިވުމާއެކު އެއްދުވަހަކު ކުއްލިއަކަށް ކައިލް ބަދަލުވީއެވެ. އަމިއްލައަށް އައިސް ރައްކާތެރި ކުރާނަމޭ ބުނެ އޭނާގެ ޒިންމާ ކޮނޑުގައި އެޅީއެވެ. ޒޭބާ ހަނދާން ކުރިއެވެ. ކައިލް އެދުވަހު އައިސް ބުނެލި ޖުމްލައިން އެނގުނީ ކައިލް މަސައްކަތް ކޮށްފައިވަނީ ޒޭބާ މަރާލަން ކަމެވެ. އެކަމަކު މިޝްއަލްދެކެ ވާ ލޯބިން މިޝްއަލްއަށް ޓަކައި އެކަން އެގޮތަށް ނުކުރާން ނިންމިކަމެވެ. މިހާރު އެވީގޮތުން ކައިލް އޭނާ މަރާލި ކަމަކަށް ނުވާނެއެވެ. ބަދަލުގައި ކައިލް ބޭނުންވާ ގޮތަށް މިޝްއަލް އާއި އޭނާގެ މެދަށް ބޮޑު ހުރަހެއް ކުރިމަތިވީއެވެ. ދެރަވިވަރުން ޒޭނާގެ ލޮލުން ކަރުނަތައް އޮހިގަތެވެ. އޭނާއަށް އޮޅުންފިލައިފިއެވެ. އެއީ ކައިލްގެ އަމަލެކެވެ. ކައިލް އެރޭ މާ ހެޔޮއެދިގެން ހަނދުވަރު ބަލަން ގެންގޮއްސައި ހަމަ އެރޭ އޭނާގެ ހުރިހާ އުފަލެއް ފުނޑު ފުނޑުކޮށްލީއެވެ. ޒޭބާ އެތައް އިރެއް ވާންދެން ރޮއި ރޮއިފައި ގޮސް ކޮޓަރީގެ ދޮރު ތަޅުލައިފިއެވެ. ކައިލް އާއި ދިމާއަށް ހިތަށް އައި ހުރިހާ ނުބައި އެއްޗެއް ގޮވަމުން ކޮޓަރީގައި ހުރި އެއްޗެހިތައް ހަލާކު ކުރަން ފެށީ މޮޔައެއް ހެންނެވެ.ހަފީޒާ އާއި މާވިންއަށް އަޑު އިވިގެން އައިސް ދޮރުގައި ތަޅަންފެށިއެވެ. 

ވަރުބަލިވެގެން ޒޭބާ އެންމެފަހުން އެއްޗެހި ހަލާކު ކުރުން ހުއްޓާލައިފައި ގޮސް އެނދަށް ވެއްޓިގަތެވެ. ރަތްވެ ދުޅަވެފައިވާ ދެލޯ މަރާލައިގެން އެނދުމަތީ އޮތް ހަމައެކަނި ބާލީހުގައި މޫނު ފޮރުވާލިއެވެ. ހުޅުވާފައިވާ ކުޑަ ދޮރުން ވަދެގެން އައި ބާރު ވައިރޯޅިއެއް އައިސް ދޮރު ފޮތިތަކާއި ހަމަލަދީފައި ގޮސް ޒޭބާގެ އިސްތަށިގަނޑު އުދުއްސާލި ތަނާ ސިހިގެން ދިޔައެވެ. ޒޭބާ ކުޑަ ކުޑަކޮށް ބޯ ހިއްލައިލި ތަނާ ހުވަނދުމާ ފޮޅޭ ކަހަލަ ވަހެއް ނޭފަތުގައި ޖެހިއްޖެއެވެ. އެވަސް މިޝްއަލް ހަނދާންކޮށްދިނެވެ. ފުންމައިގެން ތެދުވެ އިށީންދެފައި ދެލޯ ބޮޑުކޮށްގެން ކުޑަ ދޮރާއި ދިމާއަށް ބަލަން އިންދާ އަނެއްކާވެސް އިތުރު ވައިރޯޅިއެއް އައިސް ޓައިލްސްމަތީ އުކާލެވިފައިވާ ކަރުދާސްތައް ވެސް އެގޮތް މިގޮތަށް އުދުއްސާލިއެވެ. "މިޝްއަލް!" ޒޭބާ މަޑުމަޑުން އެ ނަން ކިޔާލިއެވެ. އިތުރަށް އެންމެ ފަހަރަކު އެސްފިޔަޖަހާލާފައި ބަލައިލިއިރު މިޝްއަލް ހުރީ ޒޭބާގެ ކުރިމަތީގައެވެ. 

ކަޅު ކުލައިގެ ޓީޝާޓާއި ޖިންސްގައި ނުހަނު ހިތްގައިމު ގޮތަކަށް ފާރުގައި ލެނގިލައިގެން ހިނިތުންވެފައެވެ. އެ ސާފު ދެލޮލުން ހުރަހެއް ނެތި ޒޭބާއަށް ލޯބި ފެންނަމުން ދިޔައެވެ. ކޫރުމެއް ނެތް ހިތުގެ ސާފުކަން ފާޅުވަމުން ދިޔައެވެ. ޒޭބާ ތެދުވީ ކުއްލިއަކަށެވެ. އަދި ފުރަތަމަވެސް މޫނުގައި އަތް އަޅައިގެން ރޯން ފެށިއެވެ. އިރުކޮޅަކުން ދެއަތްތިލަ މޫނުން ވަކިކޮށްލިތަނާ ރުއިމާއި ހުނުމާއި ދިޔައީ އެކުވެގެންނެވެ. ކުރިއަށް އެންމެ ފިޔަވަޅެއް އަޅާފައި ޒޭބާ ދުއްވައިގަތެވެ. އެދިޔަ ބާރުމިނުގައި ގޮސް މިޝްއަލް އާއި ދިމާއަށް ފުންމައިގަތެވެ. މިޝްއަލް ޒޭބާ އުރައިލީ ކުޑަ ކުއްޖަކުވެސް އުރައިލާނެހާ ފަސޭހައިންނެވެ. ޒޭބާގެ ރުއިމުގެ އަޑު އިތުރަށް ގަދަވެގެން ދިއުމާއެކު މިޝްއަލްގެ ކަރުގައި ބާރަށް ދެއަތުން ވަށާލައިފައި ކޮނޑުގައި މޫނުޖެހިއެވެ. އެބާރުގަދަ ދެއަތުގެ ތެރޭގައި ޒޭބާގެ ހަށިގަނޑު ހިފަހައްޓާލައިގެން ހުރިގޮތުން މިޝްއަލް ވެސް ހީވަނީ ދުވަހަކު ދޫކޮށްނުލާން ނިންމައިގެން ހުރި ހެންނެވެ. 

ކޮމެންޓް 0