ލޫސީ އަލި ދީދީގެ ގެއިން ނިކުމެގެން ކާރާއި ދިމާއަށް ދިޔައިރު މަރުވެފައިވާ މައްޔިތެއް ފަދައެވެ. ކުރިވެސް ބަލައިނުލާ ޝޮކްގައި ހުރެގެން ގޮސް ކާރާއި އަރާ ހަމަވިތަނުން މޫނުމައްޗަށް އަނދިރިވެގެން ހުރިތަނަށް ތިރިވިއެވެ. ކައިލް އަވަސް އަވަހަށް ކައިރިވެލާފައި ލޫސީގެ ހަށިގަނޑު ހިފަހައްޓައިލިއެވެ. ފަހަތު ސީޓުގައި ލޫސީ ބާއްވާފައި ކުރީ ސީޓަށް އަރައި ކާރު ސްޓާޓް ކޮށްލިއިރު ކައިލްވެސް އިނީ ހިމޭންވެފައެވެ. ކައިލް ކާރު ގެންގޮސް އޭގެ ވެރިފަރާތުން ބޭއްވިތާގައި ބާއްވާފައި ލޫސީ އަތްދަނޑިމައްޗަށް ނަގައިގެން ގޮސް އަނދިރިގަނޑަކަށް ވަދެ ގެއްލުނެވެ. އިރުކޮޅަކުން ލޫސީގެ ކޮޓަރިތެރޭގައި ހުރެފައި ލޫސީ ގެންގޮސް އެނދުގައި ބާއްވާލިއެވެ. ހޭނެތިފައި އޮތްވާވެސް ލޫސީގެ ހިތަށް ކޮށްފައިވާ އަސަރު އެ މައުސޫމު މޫނުން ފައުޅުވަމުން ދިޔައެވެ. މޫނު ހުދުވެ އެސްފިޔަތަކުގައި ކަރުނަ ހަރުލައިފައި ހުއްޓެވެ. ޒޭބާދެކެ ލޫސީ ލޯބިވާވަރު އެކަކަށްވެސް އޮޅިފައެއް ނޯންނާނެއެވެ. އެކަން ކައިލްވެސް ދަނެއެވެ. ކައިލް ބަލަހައްޓައިގެން ހުރެފައި ފެނުނު އެންމެ ރަނގަޅަށް ކަންތައް ކުރަން ނިންމިއެވެ. ލޫސީ ހޭ އަރާއިރު ވެދިޔަ ކަންތައް ހަނދާން ހުރެއްޖެނަމަ ދެން ކަންތައް ވާނީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. ކައިލް ނިކުމެގެން ދަމުން ލޫސީގެ ބޮލުގައި އަތް ބާއްވާލައިފައި އިރުކޮޅަކުން އެމޫނުގެ ހުދުކަން ކެނޑި ކުރީގެ ސޫރައަށް އަތުވެއްޖެއެވެ.
ކައިލް ރޯޔަލް ބީޗް ކޯނަރއަށް ވަދެފައި ދެކޮޅު ހޯދާލިއެވެ. އަނދިރިކަން ނޫން އިތުރު އެއްޗެއް ނުވެއެވެ. މިޝްއަލް ވީ ޒޭބާގެ ކައިރީގައި ކަމަށް ލަފާކޮށްލެވުނެވެ. ކައިލް ހަމަޖެހުމުގެ ނޭވައެއް ލާފައި ކޮޓަރިއަށް ވަދެ ޓީޝާޓްތަކާއި ގަމީސްތައް އަޅުވާފައި ހުރި އަލަމާރި ހުޅުވާފައި އެތަނުން ގަމީހެއްގެ ޖީބަށް ޒޭބާގެ ބަޑި ލިއެވެ. އެތައް ދުވަހަކަށްފަހު ކައިލް އެބަޑި ނެގީވެސް ހަމަ އެގަމީހުގެ ޖީބުންނެވެ. އެންމެ ފުރަތަމަ ދުވަހު އެބަޑި އަތުތެރެއަށް ލީ ހިނދުވެސް ކައިލްއަށް ކަމެއް އިހްސާސްވިއެވެ. ފޮތިކޮޅެއްގެ ތެރޭގައި އޮތަސް އެއިން ކޮންމެވެސް ވަރެއްގެ ބާރެއް ޖިންނިންނަށް ކުރާނެއެވެ. އެކަމަކު ކައިލް ހައިރާންވާން ޖެހުނީ އެބަޑިން އެފަދަ އެއްވެސް ބާރެއް ނުކުރީމައެވެ. ކައިލް ބަޑި ފޮރުވާފައި އޮންނަތާ އެތައް ދުވަހެއްފަހުން ޒޭބާއަށް އަންނަންފެށި ބަދަލުތަކާއި މެދު ވިސްނަމުން ގޮސް މިއަދު ކުއްލިއަކަށް އޭގެ މަތިން ހަނދާންވިއެވެ. ފަހަރެއްގައި އެބަޑީގެ ހަގީގަތް ހޯދައިގެންވެސް ވެގެން އުޅޭގޮތް ސާފުކުރަން އެހީއެއް ލިބިދާނެ ކަމުގައި ކައިލް އުންމީދު ކުރިއެވެ. ނޭނގުމުގެ ތެރޭގައި ކައިލްއަށް ހަގީގަތާއި ހަމައަށް ވާސިލް އެވެވުނީ ބަޑީގެ ސަބަބުންނެވެ. މިޝްއަލްއަށް ވުރެވެސް ކުރިން ޒޭބާގެ މައްސަލަ ކައިލް ދެނެގެންފިއެވެ. ދެން އުފެދޭ ސުވާލަކީ އެހަގީގަތް ސާފުވެގެން ކައިލް އަޅާނީ ކޮން ފިޔަވަޅެއް ކަމެވެ. މިޝްއަލްގެ ކަންފަތާއި ހަމައަށް ކައިލް އެސިއްރު ގެންދާނެ ބާވައެވެ؟
ޒޭބާ މިޝްއަލް އާއި އެކު ބޭރަށް ދާންވެގެން ޝިނީ ކައިރީ ގައި ވާހަކައެއް ހަދައިލިއެވެ. ބާރަ ޖަހަން އުޅެނިކޮށް ގުޅާފައި ލޫސީމެން ގޭގައި ނިދާ ވާހަކަ ބުނުމުން ޝިނީ ވެސް ކޮޓަރި ތަޅުލައިގެން އޮށޯވެއްޖެއެވެ. އައިކު ބުއްފުޅި ހަދަން ހޫނު ފެން ޖަގު ކޮޓަރިއަށް ނުލެވޭކަން ހަނދާންވީ ނިދެމުން ދަނިކޮށެވެ. އަވަހަށް ތެދުވެފައި ނިދާ ހެދުމާއި އެކު ތިރިއަށް ފައިބަން ދިޔައެވެ. އަފްލާކްގެ ކޮޓަރި ހުރަސް ކެނޑިއިރު އެތެރެއިން ހިމޭން މިއުޒިކެއްގެ އަޑު އިވުނެވެ. ޝިނީގެ ދެފައިތިލަ ހުއްޓެން އުޅެންފެށުމުން ބާރުލާފައި ކުރިއަށް ހިނގައިގަތެވެ. ތިރިއަށް ފޭބިއިރު ބަދިގެއިން އަލި ފެނިގެން ޝިނީ ކަންބޮޑުވިއެވެ. ކަށިމައްޗާއި ހަމައަށް އަންނަ ނިދާ ހެދުމާއިއެކު އޭނާ ފޭބީ އެންމެން ނިދީކަމަށް ހީކޮށްފައެވެ. އެކަމަކުވެސް މައްސަލައެއް ނެތްކަމަށް ހީކޮށްލިއެވެ. މިރޭގަނޑު ހަފީޒާ ނޫން މީހަކު ބަދިގެއަކަށް ނުވަންނާނެއެވެ. ޝިނީ އަމިއްލަ ހިތަށް ވިސްނައިދީފައި ގޮސް ދޮރުމައްޗަށް އެރިހާއިރުން ސިހިގެން ދިޔައެވެ.
އަފްލާކްވެސް ކޮފީ ގިރަން ހުރެފައި ފިޔަވަޅުގެ އަޑު އިވިގެން އެނބުރިލީ ހަމަ އެވަގުތުއެވެ. އަފްލާކް ހަމައެކަނި ޖިންސާއެކު ހުސްގަޔާ ހުންނައިރު ވަކިން ބިޔަކަމަށް ދައްކައެވެ. އެންމެ ރީއްޗަށް މަސްތައް އެތުރިފައިވާ ރީތި ހަށިގަނޑެކެވެ. ޝިނީގެ ހަށިގަނޑުން ފިނި އުދާހެއް ބޭރުވާން ފެށިއެވެ. އަފްލާކް އެސިފައިގައި ފެނުމުން ހިތުގެ ތެޅުން އަވަސްވެއްޖެއެވެ. ހަތަރުކަޅި ބައްދަލުވެފައި ހިމޭންކަމުގެ ސުކޫތެއް ދިޔައެވެ. ފިޔާތޮށި ކުލައިގެ ނިދާ ހެދުންކޮޅާއިއެކު ޝިނީގެ ދޮން ދެއަތާއި ފައިގެ ބޮޑުބައެއް ހާމަވެފައި ވެއެވެ. ނިއުޅާލެވިފައި އޮތް އިސްތަށިގަނޑުގެ ބައެއް ކަނާތު ކޮނޑުމަތިން ކައްސާލައިގެން އެރީތި މޫނަށް ހިޔަނިއަޅަން އުޅޭއިރު ހީވަނީ ބުރުހަމަ ހަނދުގެ ކައިރިއަށް ކަޅުވިލާ އެއްވާން މަސައްކަތް ކުރާހެންނެވެ.
އަފްލާކްގެ ނަޒަރު ހުއްޓިފައި ހުރުމުން އެމޫނުމައްޗަށް ހުރިހާ ލެޔެއް ޖަމާވެފައި ވާކަހަލައެވެ. އަވަހަށް އެސްފިޔަތައް ތިރިކޮށްލާފައި ޝިނީ މޯޅިވެފައި ހުރެގެން ގޮސް ކަރަންޓް ކުރައަށް ފެންއަޅާފައި ހޫނުކުރަން ޖައްސައިފިއެވެ. އަފްލާކްވެސް އަނެއްފަރާތަށް އެނބުރިފައި ކޮފީ ގިރައި ނިމިގެން ނިކުންނަން ދިޔައެވެ. އެކަމަކު އެދެފައި ހަރަކާތް ކުރީ ދޮރާއި ހަމައަށް ދެވޭންދެންނެވެ. އެހާ ރަނގަޅު ފުރުސަތެއް ދޫކޮށްލާފައި ދާނީ މޮޔައެއް ނޫނީ ކާކު ހެއްޔެވެ؟ އަފްލާކްގެ ޝައްކުތައް ފިލުވާލުމަށް ޓަކައި މީ އެންމެ އެކަށީގެންވާ ފުރުސަތެކެވެ. އަފްލާކް ހިތުގެ އަޑު އަހާފައި އަނެއް ފަރާތަށް އެނބުރި ޝިނީއަށް ބަލައިލިއެވެ.
"ޝިނީ!" އަފްލާކް ގޮވައިލި އަޑަށް ޝިނީ ސިހިއްޖެއެވެ. ފަސްއެނބުރި ބަލައިލަން އުޅެނިކޮށް އަފްލާކް އައިސް ޝިނީގެ ކުރިމައްޗަށް ހުއްޓުނެވެ. ފިރިހެނަކަށް ވިއަސް އަފްލާކް ހިސާބަކަށް ޖެހިލުންވާ ގޮތް ވެއްޖެއެވެ. އެދެމެދުގައި ހިނގާދިޔަ ހާދިސާއަށްފަހު އެތައް ދުވަހެއްފަހުން ކުއްލިއަކަށް ކުރިމައްޗަށް އަރާފައި ހުރިހާ ވާހަކައެއް ފާޅުގައި އަހާކަށް ނުކެރުނެވެ. "އެހާ ދުވަސްފަހުން ފެނުނީމަ ހާލުވެސް އަހައިނުލެވި މިއުޅެނީ؟ ކިހިނެތްތަ ހުރިހާ ކަމެއް؟" އަފްލާކް އަޑުގައި އާދައިގެ ގޮތެއް ބަހައްޓަން އުޅެމުން ކޮފީ މަގުގެ ކައިރިފަށުގައި ޝަހާދަތް އިނގިލި ހިންގާލިއެވެ. "ގޯހެއް ނޫން." ޝިނީ އަފްލާކްއަށް ނުބަލައި ހުރެގެން ދުންއަރަން ފެށި ފެންކުރާ ނިއްވާލައިފައި ޖަގަށް އަޅަންވެގެން ތައްޔާރުވެލިއެވެ. ދޭން އެންމެ ބޭނުންވި ޖަވާބު ޖެހުނީ ހިތުތެރޭގައި ފޮރުވައިލާށެވެ. އަފްލާކް ފަދައިން ޝިނީއަށްވެސް ނުކެރުނީއެވެ. އެތައް ދުވަހަކަށް ފަހު މިއަދު އެދެމެދުގައި ކުރިއަށްވުރެވެސް ބޯ ފާރެއް ލެވިފައިވާކަހަލައެވެ.
"އަމް...ޝިނީ!" އަފްލާކް ހިމޭނުން ހުރެލާފައި އަނެއްކާވެސް ގޮވައިލިއެވެ. އަފްލާކް އެއްޗެކޭ ބުނަން ދަތިވެގެން އުޅޭކަން ޝިނީއަށް ރަނގަޅަށްވެސް އޮޅުންފިލިއެވެ. "އަހަރެން ކޮންމެހެން މާޒީގެ ވާހަކަ ދައްކާކަށް ނޫން. އެކަމަކު މިހާދުވަސްފަހުން ދިމާވީމަ ހިތަށް އަރަނީ ޝިނީ އަހަރެން ކައިރީ ބުނެލަން ބޭނުންވެފައި އެއްވެސް ވާހަކައެއް އޮތްބާވައޭ. އެހެންކަމަށް ވާނަމަ ހަމަ... ޔޫ ނޯ ވަޓް އައި މީން.... އަސްލު އެހެން މިބުނީ ހުރިހާ މައްސަލައެއް ހައްލުވެ ޒޭބް އާއި އަހަރެން އަލުން ގުޅުމަށްފަހު ދެން އެންމެ ރަނގަޅު ވާނީ މާޒީ ހަނދާން ނައްތާލާފަ އެންމެންވެސް އާ ފެށުމަކުން ފެށިއްޔާ ކަންނޭނގެ. ޒޭބްވެސް އުފާވާނެ އަހަރެމެން ދެމީހުން އެކުވެރިވީމަ." އަފްލާކް ކުޑަ ކޮށް ހުއްޓަ ހުއްޓާފައި ޖުމްލަތައް އަތުރައިލިއެވެ. ޅެމުގެ މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑުގައޭ ބުނާހެން އެ ޖުމްލަތަކުގެ ހަގީގީ މަތުލަބް އޮތީ އަފްލާކްގެ ހިތުގައެވެ. އެހެނަސް ޝިނީގެ ތޫނުފިލި ސިކުނޑި އެހިތުގެ ފުނަށް ފީނައިލާކަށް ކުޑަ ހިނދުކޮޅެއްވެސް ނުނެގިއެވެ. އަފްލާކް އޮޅުންފިލުވަން ބޭނުންވެ، ކުރަން ނުކެރިގެން އެއުޅޭ ސުވާލަކީ ކޮބައިކަން ޝިނީއަށް ވިސްނިއްޖެއެވެ.
"ސާފު ބަހުން އަހަން ނުކެރިގެން ތިއުޅެނީ ކީއްވެ؟ އަފްލާކް ކުރި ކޮންމެ ސުވާލަކަށް އަހަރެން ތެދުބަހުން ޖަވާބު ދީފާނަން." ޝިނީ ޖަގުން ދެއަތް ދޫކޮށްލައިފައި އަފްލާކްގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. މިފަހަރު އެމޫނުން ހިސާބެއްގެ ކެރުންތެރިކަމެއް ފެނިގެން ދިޔައެވެ. "އަހަރެން އޮޅުންފިލުވަން ބޭނުންވަނީ އައިކު އާއި ބެހޭ ގޮތުން. އޭނަގެ ބައްޕައަކީ ކާކުކަން ބުނެދީފާނަންތަ؟" އަފްލާކް ޝިނީ ހިތްހަމަނުޖެހިދާނެތީ ކަންބޮޑުވިއެވެ. އެކަމަކު އެސުވާލުގެ ޖަވާބު ނުލިބެނީސް ދެން އޭނާއަށް ހަމަޖެހުމެއް ނެތެވެ. "އައިކުގެ ބައްޕައަކީ ތިއޭ ބުނެފިއްޔާ އަފްލާކް ގަބޫލުކުރާނަންތަ؟" ޝިނީގެ ލޮލަށް ކަރުނަ ޖަމާވަމުން އައިތަން އަފްލާކް ދުށްޓެވެ. "ސީރިއަސްކޮށްތަ؟ ވާއު!" އަފްލާކް އަށް ހީގަނެވިއްޖެއެވެ. އެފިރިހެންވަންތަ އަޑު މާހައުލުގެ ހިމޭންކަން ނަގާލިއިރު ޝިނީ ހުރީ ކަޅި ޖަހައިނުލާ އަފްލާކްގެ މޫނަށް ބަލާށެވެ.
ޝިނީ އިތުރަށް އެއްޗެއް ބުނަން އުޅެފައިވެސް އަޑު ކެނޑިގެން ދިޔައެވެ. އަފްލާކް އެހާ ފަސޭހައިން އެއްބަސްވެދާނެ ކަމަށް ހީވެސްނުވެއެވެ. ޝިނީއަށް ކުޑަ ވަރެއްގެ ޝޮކެއް ލިބިފައިވެސް ހިތުތެރޭގައި އުފާވެރިކަމުގެ ރާޅެއް ދުވެލިއެވެ. އަފްލާކް އާއިމެދު ހިތުގައި ހާއްސަ ޤަދަރެއް އުފެދިގެން ދިޔައެވެ. އެގޮތަށް އަމިއްލަ ކުށް ގަބޫލުކޮށްގެން ޒިންމާ ބޮލުގައި އަޅަން ތައްޔާރުވާނީ އަފްލާކްފަދަ ކިތައް ޒުވާނުން ހެއްޔެވެ؟ "ޝިނީ ކީއްވެ ތިކަން ކުރިން ނޭންގީ؟ ޝުއަރ އައި ކުޑް ހޭވް ޑަން ސަމްތިންގް. ޝިނީ އެކަނި އައިކުގެ ބުރަ އުފުލަން އަހަރެން ފަހަރެއްގައިވެސް އެއްބަހެއް ނުވީމުސް." އަފްލާކް ޝިނީގެ ދެއަތުގައި ހިފަހައްޓާލައިގެން ހުރެ އެވާހަކަތައް ދެއްކި އިރު އަމިއްލަ ހައިސިއްޔަތުގެ މަތިން ހަނދާން ހުރި ވައްތަރެއް ނުޖަހައެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ކުޑަ ހިނދުކޮޅަކަށް ނަމަވެސް އެހެން ހުރިހާ ކަމެއް ހަނދާން ނެތިގެންދިޔަ ކަހަލައެވެ.
"އަފްލާކް. އައިކު އުފަންވުމުގެ ފަހަތުގައި އަފްލާކްގެ ހިއްސާވިއަސް އެއީ ހަމައެކަނި އަހަރެންގެ ދަރިއެއް. އައިކުގެ މައްޗަށް އެހެން އެކެއްގެވެސް ހައްގެއް ނޯންނާނެ." އަފްލާކް ހިނިތުންވަމުން ދަނިކޮށް ޝިނީ ބުނި އެއްޗަކުން ސިހިފައި ހަގީގީ އާލަމަށް އެނބުރި އާދެވިއްޖެއެވެ. މަދު ސިކުންތުކޮޅެއް ކުރިން އެމޫނުގައިވި އުފާވެރިކަން ވަޅުޖަހައި ރޭގަނޑުގެ ކަޅުފޭރާންފަދަ އަނދިރިކަމެއް ވެރިވެގެން ދިޔައެވެ. "އަހަރެން އެކަކަށްވެސް ނާންގައި އޮތް ސިއްރު ހަމައެކަނި އަފްލާކްއަށް މިއެންގީ ތީ އައިކުގެ ބައްޕައަށްވީތީ. އެއީ ދުވަހެއްގެ ކޮޅުންވެސް އަފްލާކްއަށް އެކަން ނާންގައި އޮވެގެން އަހަރެންގެ ހިތަށް ލިބިދާނެ ހިތްހަމަނުޖެހުމަށްޓަކާ. އެކަމަކު އައިކު ބައްޕަ ކިޔާނީ އަހަރެން ބުނާ މީހަކަށް." އަފްލާކް އަތުގައި ހިފަން އުޅެނިކޮށް ޝިނީ އަނެއްފަރާތަށް އެނބުރިފައި ހޫނު ފެން ޖަގު ނެގުމުން އަފްލާކްއަށް މަޖުބޫރުވީ ދުރުގައި ހުންނާށެވެ. އަފްލާކް ދެކޮޅުވުމުގެ ގޮތުން އިތުރަށް ވާހަކަދައްކަން މަސައްކަތް ކުރި ނަމަވެސް ޝިނީ އެއަޑު ނާހައި ނިކުމެގެން ދިޔައެވެ.
ސައިފުﷲ އޮފީސް ދަތުރު ނިންމާފައި އައީ މާވިން އާއި ލޫސީ އެންމެ ބޭނުންވި ޖަވާބު ހިފައިގެންނެވެ. ބައެއް ކަންތައް ހީވެސް ނުކުރާހައި ފަސޭހައިން ހަމަޖެހިގެން ދެއެވެ. އެތައް ދުވަހެއްގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސާލުމަށްޓަކައި ހަމަ ކުޑަވެސް ހިތްވަރެއް ކުރަން ނުޖެހި ކާމިޔާބާއި ދިމާއަށް ދަތުރު ފެށީއެވެ. އަފްލާކް އާއި ޒޭބާގެ ކައިވެންޏާއި އެއްދުވަހެއްގައި މާވިންމެންގެ ކައިވެނި ކުރާގޮތަށް ހަމަޖެހިގެން ދިއުމުން ދެޢީދު އެއްފަހަރާ އަންނަން އުޅޭކަހަލައެވެ. އެކަމަކު ދުވަސް ކައިރިވީހެން މާވިންމެނާއި ޚިލާފަށް އަފްލާކް އާއި ޒޭބާގެ ހިތުތެރޭގައި ނުތަނަވަސްކަން އުފެދި ބޮޑުވަމުން އައެވެ. ޝިނީ ދުރު ދުރުން އުޅޭތީ އަފްލާކް ދައްކަން ބޭނުން އެއްވެސް ވާހަކައެއް ނުދެއްކުނެވެ. އަނެއްކޮޅުން ޒޭބާ އާއި މެދުވެސް އަފްލާކް ވިސްނަން ޖެހިފައިވެއެވެ. އެހާ މަސައްކަތުން ޒޭބާގެ ހިތުން ދެވަނަ ފަހަރަށް ޖާގައެއް ލިބިފައި ހުއްޓާ އައިކުގެ ހަގީގަތް އެނގިގެން ހުރިހާ މަސައްކަތެއް ފެނަށް ވެދާނެތީ ބިރުގަންނަން ޖެހެއެވެ. އެކަމަކު އައިކު ފެނިގެން އެ އެކުޑަ ކުޑަ ފުރާނައަށްޓަކައި ހިތް އުތުރިއަރާވަރު އެނގޭނީވެސް ޚުދު އަފްލާކް އަށެވެ.
އަފްލާކް ޒޭބާވެސް ބޭނުމެވެ. ހަމައެގޮތަށް އައިކު ދޫކޮށްލާކަށްވެސް ނޭދެއެވެ. ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް ހަތަރު އަނގޮޅިއެއްގެ ކަންމައްޗަށް އާދެވިފައިވާހެން އަފްލާކްއަށް އިހްސާސްވަމުން ދިޔައެވެ. ކުރިމަތީގައި އޮތީ ދެމަގެވެ. އެއް މަގުން ހިނގައްޖެނަމަ ދެވަނަ މަގުގައި ތައްޔާރުވެފައިވާ އުފާވެރިކަމަށް ވަދާޢު ކިޔަން ޖެހެއެވެ. ކޮންފަދަ ދަތި ވަގުތެއް ހެއްޔެވެ؟ އަފްލާކް ރަނގަޅަށްވެސް ބޯ ގޮވަން ކައިރިވެއްޖެއެވެ.
ކައިވެނި ކުރާ ދުވަހަށް އަފްލާކްގެ އާއިލާގެ ފަރާތުން މަންމަ އާއި ބައްޕަ އައެވެ. ހެނދުނު އިރު އެރީއްސުރެ ހަލަބޮލިވެފައިވާ ގޭތެރޭގައި ކޮންމެ މީހަކުވެސް ފެންނަނީ ކޮންމެވެސް މަސައްކަތެއްގައި މަޝްއޫލްވެގެން އުޅެނިކޮށެވެ. އަފްލާކް ބޭރުގައި އުޅެފައި އައިސް ގެއަށް ވަނީ ފޯނެއްގައި ހުރެގެންނެވެ. ހަފީޒާ އާއި ޒޭބާ ސިޓިންރޫމްގައި ތިބެގެން ދައުވަތު ދިން މީހުންގެ ލިސްޓުން އުނިވެފައިވަނީ ކޮން ނަންތަކެއްތޯ ޗެކް ކުރަމުން ދިޔައެވެ. އަފްލާކްގެ މަންމަވެސް އެމީހުން ކައިރީގައި އިނެވެ. ބައްޕަ ވީ ކޮންމެވެސް ބޭނުމަކު ގެއިން ބޭރުގައެވެ. ޑެކަރޭޓް ކުރުމަށްޓަކައި ކުއްޔަށް ގެނެސްގެން އުޅޭ ޓީމުގެ ކުދިންތައް އެކިހިސާބުގައި ހަރަކާތްތެރިވަމުން އެބޮޑު ގެއާއި ގޯތިތެރެ އަލަތު އަންބެއްހެން ޒީނަތްތެރިކުރަމުން ދިޔައެވެ. ވާހަކަދައްކާ އަޑާއި ހީސަމާސާ ކުރުމުގެ އިތުރަށްވެސް މާވިންގެ ކޮޓަރިން އަންނަމުން ދިޔަ އިގިރޭސި ލަވައެއްގެ އަޑުން މާހައުލުގެ ހިމޭންކަން ނަގާލައިފައިވެއެވެ.
އަފްލާކް ފޯނުން ވާހަކަދައްކަމުން ގޮސް ޝިނީމެން ކޮޓަރި އާއި ހަމަވިތަނާ މެއަށް ކަށްޓެއް ހަރައިލިހެން ހީވިއެވެ. އެތެރެއިން އައިކުގެ ކުއްލި ރުއިމުގެ އަޑާއި އެކު ކޮންމެވެސް އެއްޗެއް ވެއްޓުނު އަޑު ކަހަލަ އަޑެއް އަހާފައި ފޯނު ތިރިކޮށްލެވިއްޖެއެވެ. އަފްލާކް ތެޅި ތެޅި އޮތް ހިތަކާއެކު އެކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ހުރިހާ ލޯއްޔެއް ކޮޅަށް ޖެހިގެން ދިޔައެވެ. ކުޑަ ކުޑަ އައިކު އޮތީ އެނދުން ވެއްޓި ދޫލަމަތީގައި ބަންޑުންނެވެ. ޝިނީ ވީ ތަނެއްވެސް ނޭނގެއެވެ. "ކޮންފަދަ ރަހުމްކުޑަ މަންމައެއް ޝިނީ އަކީ.... ތުއްތު ދަރިފުޅު އެކަނިކޮށްލާފައި ތަންތަނަށް ދާން ހެޔޮވާނެތަ؟..." އަފްލާކް ހިތާއިހިތުން އެތިވަރު ގޮވައިގެންފައި ގޮސް އައިކު ނެގި އިރު ދެއަތްތިލައިގައި ތުރުތުރެއް އުފެދިއްޖެއެވެ. އައިކުގެ ރީތި ދެލޮލުން ކަރުނަ ދެކެފައި އަފްލާކްގެ ހިތްވެސް ވިރިގެންދިޔަ ހެން ހީވިއެވެ. "ޑެޑީގެ ޕަމްޕްކިން... އަވަހަށް ހުއްޓާލާ!" އަވަހަށް ދަރިފުޅު މޭގައި ޖައްސާ ފޮރުވާލަމުން އަފްލާކް ބުނެލިއެވެ.
އެވަގުތު ފާޚާނާގެ ދޮރުހުޅުވާލާފައި ނިކުތް ޝިނީ ހުރީ މެޔާއި ހަމައިން ތުވާލި އޮޅާލައިގެންނެވެ. ޝިނީ އައިކުއަށް ނިދިފައި އޮތުމުން ފެންވަރަން ވަދެހުއްޓާ ރޮއިގަތް އަޑަށް އަވަހަށް ތުވާލި އޮޅައިގެން ނިކުތީއެވެ. "އައިކުއަށް ކިހިނެތްވީ؟" ޝިނީ އަމިއްލަ ހާލާއިމެދު ވިސްނުމެއްނެތި އަވަހަށް އަހައިލިއެވެ. އޭނާ އައިގޮތަށް އައިސް އަފްލާކްގެ އަތުން އައިކު ޖަހައިގެންފައި އުރާލައިގެން މަސަލަސް ކުރަން މަސައްކަތް ފެށިއެވެ. ޝިނީގެ އަތުތެރެއަށް ދެވުމުން އައިކު ދާދި އަވަހަށް ހުއްޓާލިއެވެ. އަފްލާކްގެ ފަރާތުން ޖަވާބު އައުމުން ޝިނީގެ ހިތް ކުދިކުދިވިއެވެ. ހިފެހެއްޓުމެއްނެތި ލޮލުން ކަރުނައައެވެ. ނަސީބަކުން އައިކުއަށް އެއްވެސް އަނިޔާއެއް ނުވެއެވެ. ޓައިލްސް މަތީ އޮތް މަޑު ދޫލައިގެ އޯގާވެރިކަން އެކުއްޖާއަށް ލިބުނީއެވެ.
އަފްލާކް އެ ދެމައިން ދޫކޮށްލާފައި ނިކުމެގެން ދިޔައިރުވެސް ދެއަތުން ތުރު ތުރެއް ނުފިލައެވެ. ހިތްވެސް މަޑު ޖެހުމެއްނެތި އެއްވަރެއްގައި ނެގި ނެގިފައި ޖެހެމުން ދިޔައެވެ. އައިކުއަށް އެވަރުގެ ކުޑަ އަނިޔާއެއް ލިބިގެން އޭނާއަށް އެހާވަރުވެއްޖެއެވެ. މިހާރު އުފެދޭ ސުވާލަކީ ކައިވެންޏަށްފަހު ހަޔާތުގެ ދެން އޮތްބައި އައިކު އާއި ވަކިން އުޅެވިދާނެ ހެއްޔެވެ؟ ގޮތްހުސްވެފައިވާ މީހަކުހެން އަފްލާކްއަށް ނިއްކުރީގައި އަތް ހާކާލެވިއްޖެއެވެ.
ރޭގަނޑެވެ. ގަޑިން އޭރު އަށްގަޑި ބައިވާން އުޅެނީއެވެ. ގޭގެ ސިޓިންރޫމްގެ ތަރުތީބު ބަދަލު ކޮށްލާފައި މެދުގައި ހުރި ބޮޑު މޭޒެއްގެ މަތީގައި ހުދު ފޮތި އަޅާފައި ވަށައިގެން ގޮނޑި އަތުރާފައި ހުއްޓެވެ. ހުދު ލޭސް ފޮތިތަކާއެކު ހުދު ބޮކިފަތިތައް ވަށައިގެން ހަރުކުރެވި ޒީނަތްތެރި ކުރެވިފައިވާ ސިޓިންރޫމްގެ ދޮރުން ވަން އަފްލާކްގެ ބައްޕަ ހަންނާނުގެ ފަހަތުން ކައިވެނި ކުރާ މީހުންގެ ޓީމު އައިސް މޭޒުގެ ވަށައިގެން ގޮނޑިތަކުގައި އިށީންދެ ހަމަޖެހުމާއެކު ހަފީޒާ ގޮސް ޒޭބާގެ ކޮޓަރި ދޮރުން ބޯ ދިއްކޮށްލާފައި އެކަން އަންގާލިއެވެ. ހަފީޒާ ބުނެގެން އަފްލާކް އާއި މާވިން ހޯދަން ދިޔައީ ޝިނީއެވެ. ކުޑަ ކުޑަ އައިކުވެސް ހުދު ގަމީހެއްގެ މަތިން ކުޑަ ކުޑަ ކަޅު ޓަކްސިޑޯއެއްގައި ނިކަން ލޯއްބެވެ. އައިކުގެ ވަރުގަދަ ކަޅު އިސްތަށިގަނޑު އަފްލާކްހެން ނިއްކުރިމަތިން ކޮޅަށް ޖަހައިފައި ހުރުމުން އަދި ވަކިން ވައްތަރުވާހެން ހީވެއެވެ. އެވާހަކަ ނުބުންޏެއް ކަމަކު އަފްލާކްގެ މަންމަ އާއި ބައްޕައަށްވެސް އައިކު ފެނިގެން ތަފާތު ޝައްކުތައް ކުރެވެން ފަށައިފިއެވެ. އެކަމަކު އެހާ ނާޒުކް ވަގުތެއްގައި ދެކެވޭ އެންމެ ވާހަކައަކުން ގޯސް ނަތީޖާއެއް ނިކުމެދާނެތީ އެމީހުން ހިމޭނުން ތިބީއެވެ.
ދޮރު ހުޅުވާލާފައި އަފްލާކް ފެނިގެން ޝިނީގެ އަޑު ކަރުތެރޭގައި ތާށިވެފައި ސުކޫތެއް ދިޔައެވެ. އަތް ދިގު ހުދު ގަމީހުގެ މަތިން ކަޅު ޓަކްސިޑޯ އާއި ކަރުގައި ބައްދާލާފައި އޮތް ސިލްކް ޓައީގައި އަފްލާކް ސްމާޓްކަމުގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ. އެފަން އިސްތަށިގަނޑު ރީތި ސްޓައިލަކަށް ހަދާލާފައި ހުއްޓެވެ. އަތުކުރީ އޮތް ގަޑިން ފެށިގެން އަރާލާފައިވާ ބޫޓަށް ދާންދެން އަފްލާކްގެ ޝަހުސިއްޔަތަށް މިރޭ ގެނެސްދެނީ އިތުރު ފުރިހަމަކަމެވެ. ލޯގަނޑު ކުރިމަތީ ޓައީ ހެއުވަރު ކުރަން ހުރެފައި ޝިނީ ދޮރު ހުޅުވާލިއަޑަށް ކުއްލިއަކަށް އެނބުރި ބަލައިލިގޮތް ހާދަ ހިތްގައިމެވެ. ތޫނު ހަންޖަރެއްފަދަ ދެލޮލުން ޝިނީގެ ހިތުގައި ކޫރުން އަޅުވާލައިފިއެވެ. ޒޭބާ އާއިމެދު އެހިތުގައި ހަސަދަވެރިކަމުގެ ހުޅުކޮޅެއް ރޯކޮށްލައިފިއެވެ.
"ކައިވެނި ކޮށްދޭ މީހުން އަތުވެއްޖެ." މާވިން ބަލައިލުމުން ޝިނީ އަވަހަށް އެހެން ބުނެލާފައި ނިކުމެގެން ދިޔައެވެ. އިރުކޮޅަކުން ހަތަރު މީހުން މޭޒު ދޮށަށް ހަމަވެފައި ކައިވެނީގެ ރަސްމިއްޔާތު ފެށިގެން ހިނގައްޖެއެވެ. އެންމެ ފުރަތަމަ މާވިން އާއި ލޫސީގެ ކައިވެނިކޮށްދީފައި އެއަށްފަހު އަފްލާކް އާއި ޒޭބާގެ ކައިވެނި ލައިދެމުން ގާޟީގެ ނަޒަރު އަފްލާކްގެ މޫނަށް ހުއްޓާލިއެވެ. އެއީ އަފްލާކްގެ އަނގައިން އަނބި ގަބޫލު ކޮށްފީމޭ ބުނެ ކައިވެނި ފުރިހަމަ ކުރަންވީ ވަގުތެވެ. ގާޟީ އެކޭ އެއްގޮތަށް އެވަގުތު އެތާގައި ތިބި އެހެން އެންމެންގެ ނަޒަރުވެސް ހުއްޓިފައި ހުރީ އަފްލާކްގެ މޫނަށެވެ.