ފޮށި ހުޅުވަން ތައްޔާރުކޮށްލި ތަނާ ކައިލް ގޮވާލިއެވެ. ޒޭބާ ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް އެފޮށި ބަހައްޓާފައި ދޮރާއި ދިމާއަށް އޭނާ ދިޔައީ ދުވެފައެވެ. ބޭރަށް ނިކުމެފައި ޒޭބާއަށް އަނގަމަތީ އަތް އަޅައިލެވުނީ އުފަލުންނެވެ. ކައިލް ހުރީ މުޅި ބަދިގޭގައި އުއްބައްތި ދިއްލައިފައެވެ. "ކައިލް ހާދަ ރޮމޭންޓިކް އޭ...." ޒޭބާ ހިނިތުންވުމަކާއި އެކު ގޮސް މޭޒާއި ކައިރިވިތަނާ ކައިލް ޒޭބާ އިށިންނަން ގޮނޑި ދަމާލަދިނެވެ. ޒޭބާގެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. ތަށީގެ މަތި ނެގުމާއެކު އެއޮތް އަރައިގެން މީރު ވަހެކެވެ. ވަގުތުން ކުޅު ދިޔާވެ ކާހިތުން ކެތްމަދުވިއެވެ. ޒޭބާ އަވަހަށް އެއްފަރާތުގައި އޮތް އޫ ނަގައިފައި ތަށިން އެތިކޮޅެއް ނަގައިގެން ކާލިއެވެ. "ވާއު... ދިސް އިޒް ވަޓް އައި ކޯލް ޑިލީޝަސް." ޒޭބާ އުފަލުން ވަރެއް ނެތެވެ. ކައިލް ކުރިމަތީގައި އިނދެގެން ކަޅިވެސް ޖަހައިނުލައި ޒޭބާގެ މޫނާއި ހަށިގަނޑަށް ބަލަމުން ދިޔައީ އަލަށް ފެނިގެން އުޅޭހެންނެވެ. ޒޭބާ ކެއުމާއިގެން މަޝްއޫލްވެފައި އިންވަރުން ކައިލް އެވަރަށް ބަލާކަމެއް ފާހަގައެއް ނުކުރެވެއެވެ. 

"ކައިލް ކީއްވެ މެލީސާގެ ވާހަކަ ނުދައްކަނީ؟" ޒޭބާ ކައި ނިމިގެން އޫ ބާއްވާފައި މޭޒުގައި ދެއަތް އަޅުވައިލިއެވެ. ކައިލްގެ މޫނު ރީނދޫވެ ފުންމައިގެން ތެދުވިލެއް ބާރުކަމުން އިށީންދެގެން އިން ގޮނޑި މާދުރަށް ވިއްސައިގެން ދިޔައެވެ. ކުރެވުނީ މޮޔަ ކަމެއްކަން ވިސްނިގެން ޒޭބާ ބިރުން ގޮތެއް ނެތެވެ. އަވަހަށް ދެއަތް މުށްކަވާލަމުން މޭގައި ހިފަހައްޓާލެވުނެވެ. ޒޭބާ އެހާ ބިރުގަތްތަން ދެކިގެން ކައިލްގެ ހިތް ހަމްދަރްދީން ފުރުނެވެ. އެއަސަރުތައް ކަނޑުވައިލަން ބޭނުންވި ވަރުން އަވަހަށް ހިނިތުންވެލައިފިއެވެ. "ޒޭބް. ބިރުނުގަނޭ....!" ކައިލް ފުރަތަމަ ފަހަރަށް ދެވަނަ މީހެއްގެ އިހްސާސްތަކަށް ޤަދަރުކުރުމުގެ ގޮތުން އަމިއްލަ ނަފްސް މައިތިރިކުރިއެވެ. ޔަގީނުންވެސް ޒޭބާ އެއީ ހާއްސަ ފަރާތެކެވެ. މިނޫނީ ކައިލް އެހެން އިންސާނެއްގެ ކުރިމަތީގައި ބޯލެނބި ދުވަހެއް ނާދެއެވެ. "ތޭންކްސް ކައިލް." ޒޭބާ އަނެއްފަރާތަށް އެނބުރިފައި އަވަހަށް ދާންވެގެން ހިނގައިގަތެވެ. އެކަމަކު ކުރިއަށް އެޅުނު އެންމެ ފިޔަވަޅަކާއެކު ހަތަރެސްފައި ފިނިވެގެން ދިޔައީ ކައިލްގެ ބާރުގަދަ އަތުތެރޭގައި ޒޭބާގެ އަތްތިލަ ތާށިވުމުން ނެވެ. "ކައިލް!" ޒޭބާއަށް ގޮވާލެވުނެވެ. އެއަޑު ނިކުތީ ޒޭބާގެ ހިތުންނެވެ. 

ކައިލް އެއަތަށް ބާރުކޮށްލާފައި ކައިރިއަށް ގެންނަން ވެގެން ޖެހިލި ކުއްލި އާއި އެކު ޒޭބާ އައިސް ތަތްވީ ކައިލްގެ މޭގައެވެ. ދޫކޮށް ޖަހާފައި ހުރި ހުޅި މޮހިގެން އިސްތަށިގަނޑު ނިއުޅިގެން ދިޔައީ ހަމަ އެސިކުންތުގައެވެ. ޒޭބާގެ ކޮނޑަށް އެޅިގެންދާން ފެށި ކައިލް ހޫނު ނޭވާތައް ގަމީސް މަތިންވެސް ހަންގަނޑަށް ވާންކުރަން ފެށިއެވެ. ޖެހިލި ވައިރޯޅިއަކާއެކު އެރޭގަނޑެއްފަދަ އިސްތަށިގަނޑު ކައިލްގެ މޫނަށް ފެތުރިގެން ދިއުމާއެކު ކްރީމްގެ ހިތްގައިމުވަސް ކައިލްގެ ހިއްސުތަކާއި ކުޅެލިއެވެ. ކެތްކުރެވޭނީވެސް ވަކި ވަރަކަށް ނޫން ހެއްޔެވެ؟ ކައިލް ޒޭބާގެ އަތުން ދޫކޮށްލައިފައި ދެކޮނޑުގައި ހިފާ މަތިން ތިރިއަށް އަތް ހިންގާލުމުން ޒޭބާއަށް ހީވީ ހިނދުކޮޅަކަށް ވަށައިގެންވި ދުނިޔެވެސް ހުއްޓުނު ހެންނެވެ. ނޭނގޭ ބާރަކުން އޭނާގެ ހަށިގަނޑު ކައިލްގެ ކުރިމަތީ އަޅުވެތި ކުރަން މަސައްކަތް ކުރަނީއެވެ. ކައިލް އޭނާގެ ސިކުނޑިއަށް ވަދެގެން ހައްލަން އުޅެނީ ނޫންކަމެއްވެސް ނޭނގެއެވެ. މޫނުމަތިން ޒޭބާގެ އިސްތަށިތައް އެއްފަރާތް ކޮށްލައިފައިވެސް ކައިލް އަދިވެސް އެހަށިގަނޑުގެ ހުވަނދުން އުފާ ލިބިގަންނަމުން ދިޔައެވެ. 

ކޮނޑަށް އެޅެމުންދިޔަ ނޭވާގެ ހޫނުކަން އިތުރުވުމުން ކައިލް ކުރިއަށްވުރެވެސް ބޮޑަށް މޫނު ކައިރިކޮށްލިކަން އިހްސާސްވިއެވެ. ޒޭބާ ދުރުވާން ބޭނުންވި ނަމަވެސް ހަށިގަނޑުގައި ހަރަކާތެއް ނެތެވެ. ބާރަށް މަރައި ބާރުކޮށްލެވުނު ލޮލުން ހިމަ ކަރުނަ ތިއްކެއް ވެއްޓިގެން އައިސް ކޯތާފަތުން ތިރިއަށް ރޮނގު ދަމައިލީ ކޮން މާނައެއްގައި ކަން ޚުދު ޒޭބާއަށްވެސް ނޭނގުނެވެ. މިހާވަރަށް ސިކުނޑި އަރައިރުންވި ވަގުތުކޮޅެއް އައިކަމެއް ހަނދާނެއް ނުވިއެވެ. ކައިލްގެ ބީހުމުން ހަގީގަތުގައި އޭނާއަށް ލިބެމުން ދަނީ އުފަލެއްކަން ނޫނީ ނުތަނަވަސް ކަމެއްކަން ނުނިންމުނެވެ. ޒޭބާގެ އެހިމޭން ކަމަކީ ފެހި ސިގްނަލެއްކަމުގައި ނިންމައިގެން ކައިލް ބޯ ގުދުކޮށްލައިފައި އެއޮމާން ކޮނޑުގައި ބޮސްދިނެވެ. ޒޭބާ ތެޅިގެންފައި ހިފާލެވުނީ ކައިލްގެ ދެއަތުގައެވެ. އެވަގުތު ފުރާޅަށް ވާރޭވެހިގަތީ އިންޒާރެއް ފަދައިންނެވެ.

"ކައިލް! މީ ރަނގަޅު ގޮތެއް ނޫން.." ޒޭބާ ދުރަށް ޖެހިލަން އުޅުމުން ކައިލްވެސް ދޫކޮށްލައިފިއެވެ. ހިނދުކޮޅެއް ކުރިން ލިބިފައި ހުރި ޖޯޝް ވާރޭގެ އަޑުން ނެތި ގެއްލުވައިލީ ކަހަލައެވެ. ކައިލް އެއްޗެއް ނުބުނެ ހިމޭނުން ހުރެފައި ކޮޓަރިއަށް ވަންނަން ދާން ފެށުމުން ޒޭބާ ފަހަތުން އަޅުވައިލިއެވެ. އަލަމާރި ކައިރިއަށް ހުއްޓިފައި ދޮރު ހުޅުވާލިތަނުން ޒޭބާގެ ހިތް އަވަސްވެއްޖެއެވެ. ކައިލްއަށް ނޭނގިވެސް މެލީސާގެ ސިއްރު އޭނާއަށް ހޯދުނީހޭ ހިތަށް އެރިއެވެ. ކައިލް ނެގީ ހަމަ އެފޮށްޓެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ޒޭބާ ނެގި ފޮށްޓެވެ. ފޮށި ހިފައިގެން ކައިލް އެނބުރި ލުމުން ޒޭބާ ގަދަކަމުން ހިނިތުންވެލިއެވެ. "ދެން ނުބުނައްޗޭ އަހަރެން ޒޭބް އެދުނު އެއްވެސް ކަމެއް ނުކޮށްދެއޭ.. ޒޭބާ ސުވާލު ނުކުރިނަމަ މިސިއްރު އޮންނާނީ އަބަދުގެ އަބަދަށްވެސް މިގޮތުގައި." ކައިލް އެފޮށި ދީފައި ކޮޓަރިން ނިކުންނަން ދާން ފެށުމުން ޒޭބާ އިތުރަށް ޖެހިލުންވާ ގޮތްވިއެވެ. ޑްރެސިންޓޭބަލް މަތީ ދިއްލާފައި ހުރި އުއްބައްތީގެ އައްޔާއި ބޮޑަށް ކައިރިވެލާފައި ފޮށީގެ މަތިގަނޑު ހިއްލައިލިއިރު އަތްވެސް ތުރު ތުރު ލާން ފަށައިފިއެވެ. ދެލޯ މަރައި ތަގުޅިކޮށްލެވުނީ އަމިއްލަ އިޙުތިޔާރަކު ނޫނެވެ. މިހާވަރަށް އޭނާ ހާސްވާންވީ ސަބަބެއް ސިކުނޑިއަކަށް ނުވަނެވެ. ޒޭބާ ލޯމަރައިގެން ހުރެ ފުން ނޭވާތަކެއްލައި ނަފްސް ހަމައަކަށް އެޅުމުން މަޑުމަޑުން އެސްފިޔަތައް ދުރުކޮށްލިއެވެ. 
***************

ރޭގަނޑުގެ ކަޅުފޭރާމުގެ ތެރެއިން ބޯދިކޮށްގެން ބުރުހަމަ ހަނދު ދުނިޔެއަށް އަލިކުރަނީއެވެ. މޫސުން ނަލަ ރޭގަނޑު އިތުރަށް ފުރިހަމަކޮށްދެނީ ދިމާކުރިމަތިން ދިހަވަރަކަށް ފޫޓު ދުރުން ފެންނަމުންދިޔަ ބިއްލޫރިހާ ސާފު ރީތި މޫދާއި ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުތަކުގެ މިއުޒިކީ އަޑެވެ. އުމުރުން ފަސްއަހަރަށް އަޅާފައިވާ ކުޑަ ކުޑަ ޒޭބާ ދޮންވެލިގަނޑުމަތީ ދެފައި ވަށްކޮށްލައިގެން އިނދެ އެކުވެރި ކުއްޖަކާއި އެކު ފަސްއޮށް ކުޅެނީއެވެ. ދާދި ކައިރީގައި ޖަހާފައިވާ ޓެންޓް ކައިރީގައި ނާދިޔާ އާއި އަދިވެސް ދެއަންހެނަކު ރޭގަނޑުގެ ކާނާ ތައްޔާރު ކުރަންވެގެން އުޅެއެވެ. ގަސްތަކުގެ އެއްފަރާތުގައި ވައި ނިވާލާ ހިސާބުގައި ޖަހާފައިވާ އުނދުންމަތީގައި ތެއްޔެއް ހުއްޓެވެ. އަލިފާންގަނޑުގެ އަލި ގަސްތަކުގެ ތެރެއަށް ފެތުރިފައި ވާތީ ބަލައިލަން ހިތްގައިމެވެ. ފަޅު ރަށަށް ދަތުރު އައިސް އުޅޭ ޓީމުގެ އެހެން ބައިވެރިން ވީ ތުނޑީ ފަރާތަށް މަސްބާނަން ގޮހެވެ. 

ޒޭބާ ކުޅުން މެދުކަނޑައިލީ އެކުވެރިކުއްޖަކު ގޮވައިލި އަޑަށެވެ. ތެދުވެ ދެއަތުން ވެލި ފޮޅައިލައިފައި އަޑު އައި ދިމާއަށް ހިނގައިގަތެވެ. އެކުއްޖާ ހުރީ ގަސްތަކުތެރޭގައި ހުއްޓިލައި ގެންނެވެ. ޒޭބާ ދުވެފައި ގޮސް އަރާ ހަމަވިތަނުން އޭނާ ދުއްވައިގަތީ ހައްތަހާ އެތެރެއަށެވެ. ޒޭބާއަށް މަޖާވިއެވެ. އެކުއްޖާ އެއުޅެނީ ޒޭބާއަށް އަތުނުވާން ކަމަށް ހީކޮށްގެން ކުރިއަށްވުރެ ދުވެލި ބާރުކޮށްފައި ފަހަތުން ދުވިއެވެ. ހަނދުވަރުދީފައި ވުމުން ގަސްތަކު ތެރެވެސް އަނދިރިއެއް ނޫނެވެ. ވަރުބަލިވެ ގުނބުހިލުނުފަހުން ހާމަ ތަނަކަށް ނިކުމެވުނެވެ. އެފިރިހެންކުއްޖާ ހުރީ ޒޭބާއަށް ފުރަގަސްދީގެން ދުރުން ފެންނަމުންދިޔަ މޫދަށް ބަލަހައްޓައިގެންނެވެ. ރަށުތެރެ ކުޑަކަމުން މާދުރަށް ދާންނުޖެހި ކޮންމެ ފަރާތަކުންވެސް ގޮނޑުދޮށަށް ނިކުމެވެއެވެ. އެއްފަރާތެއްގައި ހުރި ރުކަކާއި ޖެހިގެން ބިންމަތީގައި ޖަހާފައިވާ އޮނުފީނު ދެހޮޅީގެ މަތިންވެސް ހުރަހަށް ފަލަ ހޮޅިއެއް ހަރުކޮށްގެން ހަދާފައިވާ ތަނެއް ފެނިގެން އިށީންދެލާ ހިތްވި އެވެ. 

ޒޭބާ ކުރިއަށް ޖެހިލާފައި ގޮސް އެހޮޅީގައި އިށީންދެ އިނދެގެން ދެފައި ހަލުވަމުން ދަނިކޮށް ފިރިހެންކުއްޖާ ފަހަތުގައި ހުރެ ގޮވައިލުމުން ބަލައިލިއެވެ. ޒޭބާގެ ޅަމޫނުން ހައިރާންކަން ފެނިގެން ދިޔައެވެ. ކައިރީގައި ހުރީ އޭނާ ދަންނަ ކުއްޖެއް ނޫނެވެ. އެއީ ދަތުރުގެ ބައިވެރިއެއް ނޫނެވެ. އެކަމަކު އެންމެ ބަލައިލުމަކުން އެޅަހިތުގައި އެކުއްޖާގެ ރީތިކަން ބިންވަޅު ނެގިގެން ދިޔައެވެ. ވަޔާއެކު ހަރަކާތް ކުރަމުންދިޔަ ފަންއިސްތަށިކޮޅު ކަޅުކަން ގަދައެވެ. ރީތި ރަތް ތުންކޮޅަކާއި ބްރައުން ދެލޮލެވެ. އެމޫނު އަލިކަމުން ބަލާ ފޫހިނުވިއެވެ. ޒޭބާ ސުވާލެއްވެސް ނުކޮށް ބަލަހައްޓައިގެން ހުރި ނަމަވެސް ހިތުތެރޭ ސުވާލުތައް އިތުރުވިއެވެ. މިހާއިރު އެކުވެރިއެއް ކަމަށް ހީކޮށްގެން އެކުގައި އެއާދެވުނީ ކޮންތަނަކުން އައިސް ހުރި ކުއްޖަކާއި އެކުގައި ހެއްޔެވެ؟ އެކުއްޖާއަށް އޭނާގެ ނަން އެނގުނީ ކިހިނެތް ހެއްޔެވެ؟

"ވަރަށް ގިނައިރުވެއްޖެ އަހަރެން ޒޭބާ އުޅޭގޮތް ބަލަން ހުންނަތާ. އިރުއޮއްސެން އުޅެނިކޮށް ޒޭބާމެން މިރަށަށް އައީއްސުރެ އަހަރެން މިހުންނަނީ ބަލަން. ދެން ހިތަށް އެރީ ވާހަކަ ދައްކައިލަން ގޮވާލާނީއޭ." ފިރިހެންކުއްޖާ ރީތި ހިނިތުންވުމަކާއި އެކު އައިސް ޒޭބާގެ ނުހަނު ގާތުގައި އިށީންދެލިއެވެ. "ކީއްވެ؟" ޒޭބާ ވިސްނަން އިނދެފައި އަހައިލިއެވެ. "މަށަށް ޒޭބާ ވަރަށް ރީތިވެއްޖެ." އެކުއްޖާ ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލުމުން ރީތިކަން އިތުރުވިއެވެ. ޒޭބާގެ ޅަސިކުނޑިއަށް އެބަސް ފަހުމުވާގޮތެއް ނުވިއެވެ. އެބަހުން އޭނާ ދޭން ބޭނުންވަނީކޮން މެސެޖެއްކަން ސިކުނޑި ނަގައެއް ނުދިނެވެ. ބަލަހައްޓައިގެން އިނދެފައި ކުޑައިރުކޮޅަކުން ޒޭބާވެސް ހިނިތުންވެލިއެވެ. އެކުއްޖާ ހިތްހެޔޮ ވައްތަރު ޖަހާފައި އެހާރީތިވުމުން އެކުވެރިކަން ބަދަހިކުރަން ބޭނުންވިއެވެ. ދުރުން ނާދިޔާގެ އަޑު އައީ ދެކުދީންނަށްވެސް ސިހުމެއް ގެނުވާފައެވެ. ނާދިޔާގެ ފަހުން ފަހަރަކު މީހަކު ޒޭބާއަށް ގޮވަމުން އެދިމާއަށް އަންނަ އަޑު އިވުނެވެ. 

"އަހަރެން ދަނީ... މަންމަމެން ނުފެނިގެން ހޯދަނީ ކަންނޭނގެ." ޒޭބާ ހޮޅިން ތިރިއަށް ފުންމާލައިފައި އަވަހަށް ދާންވެގެން ހިނގައިގަތެވެ. "އިހަށް މަޑުކުރޭ!" ފިރިހެންކުއްޖާގެ އަޑުން ޒޭބާގެ ދެފައިގައި ކަސްތޮޅު އެޅުވި ކަހަލައެވެ. ކުރިއަށް ނެގި ފިޔަވަޅުވެސް ޖައްސައިލެވުނީ ފަހަތަށެވެ. "އަހަރެންނާއި ޒޭބާ ބައްދަލުވި ކަމުގެ ހެއްކެއްގެ ގޮތުން... ނޫނީ މިބައްދަލުވުމުގެ ހަނދާނެއްގެ ގޮތުން ކޮންމެވެސް އެއްޗެއް ދީފައި ދާންވީނު." ފިރިހެންކުއްޖާ އެހާ އާދޭހާ އެކު އެދުމުން ދެކޮޅެއް ނުހެދުނެވެ. ޒޭބާ ދޭނެ އެއްޗެއް ނޭނގިގެން ވަށައިގެން ހޯދައިލައިފައި ކުއްލިއަކަށް ހަނދާންވެގެން ބޮލުގައި ޖަހާފައި ހުރި ރީނދޫ ކުލައިގެ ފުނާގަނޑުދަތި ނަގައި އެކުއްޖާއަށް ދީފައި އެނބުރި ދާންވެގެން ދުއްވައިގަތެވެ.
***************

ލޯމަތިން މާޒީގެ އެފްލޭޝްތައް ނެތިގެން ދިޔައިރު ޒޭބާއަށް ހުރެވުނީ ފޮށިތެރޭ އޮތް ދަތި ނަގައި ނުހަނު ކައިރިން އެއަށް ބަލަހައްޓައި ގެންނެވެ. ދަތީގައި ޖަހާފައިވާ ކުދި ތިންމަލާއި އިސްތަށިގަނޑު ތެރެއަށް ޖެހޭގޮތަށް ހުރި ފުނާގަނޑުގެ ކުދިދައްތަކުންވެސް ވިދުން އަރައެވެ. ކައިލް އެހާ ފަރުވާތެރިކަމާއެކު ގެންގުޅުނީތީވެ ހިރަފުސްކޮޅެއްވެސް ޖެހިލައިފައި ނެތެވެ. ޒޭބާގެ ހިތަށް އެއްފަހަރާ އެތައް ހާސް އަސަރުތަކެއް ވެރިވަމުން ދިޔައެވެ. ބޮލުތެރޭ ހިޔާލުތައް ބުރުޖަހަނީއެވެ. މިޝްއަލްއަށް ވުރެވެސް ކުރިން ކައިލް އޭނާގެ ހަޔާތާއި ގުޅިފައިވާކަން މިއެނގުނީ މިއަދެވެ. އެކަމަކު މެލީސާ އެއީ ކާކު ހެއްޔެވެ؟ ޒޭބާ ސުވާލު ކުރަން ބޭނުންވިއެވެ. އޮޅުންފިލުވަން ހިތް އެދެން ފެށިއެވެ. އެކަމަކުވެސް ނޭނގޭ ހައިޖާނުގަނޑެއް އެތެރެހަށީގައި ހަނގުރާމަ ހަދައިފިއެވެ. ކައިލްގެ ޖަވާބު ވަރަށް ސާފެވެ. ކައިލް ކުރިން ބުނެފައިވާ ހުރިހާ ވާހަކަތަކާއި އެފޮށި ގުޅުވައިލުމުން މެދުގައި އެއްވެސް ރެނދެއްނެތި ވާހަކަ ހަމަޖެހެއެވެ.

ޒޭބާ މަރުވެފައިވާ ގަބުރެއްހެން ހިނގާފައި ކޮޓަރިން ނިކުތްއިރު ކައިލް ހުރީ ގޭގެ ދޮރުކަނީގައި އަތް ވިދެލައިގެން ވެހެމުންދިޔަ ވާރެއަށް ނަޒަރު ހިންގާށެވެ. ޒޭބާ ގޮސް ކައިރިއަށް ހުއްޓުނުކަން އެނގިގެން ކައިލް ބަލައިލިއެވެ. ހަތަރުކަޅި ބައްދަލުވުމުން ދައްކަން އައި ވާހަކަ ޒޭބާގެ ހިތާއި ހަމައަށް ނައިސް ތާށިވެއްޖެއެވެ. ކައިލްގެ ދެލޮލުން ސިހުރެއް ޖެއްސި ކަހަލައެވެ. "މެލީސާ އަކީ ޒޭބްއަށް ދިން ފުރަތަމަ ނަން. ޒޭބް ބަލިވެއުޅޭތީއޭ ކިޔާފައި ނަން ބަދަލުކުރީ." ކައިލް ބަލަހައްޓައިގެން ހުރެފައި ބުނެލިއެވެ. ދެން އަނެއްކާވެސް އައީ ހިމޭންކަމުގެ ވަގުތު ކޮޅެކެވެ. ޒޭބާއަށް ދައްކާނެ ވާހަކައެއް ނޭނގުނެވެ. ސިކުނޑި ހުސްވެ ހިޔާލުތަކަށް މަގު ބަންދުވިއެވެ. ކައިލްދެކެ ރުޅިއެއްވެސް ނާދެވުނެވެ. އަމުދުން ރުޅިއައިސްގެން އެއީ އިންސާފަކަށްވެސް ނުވާނެއެވެ. ކައިލް އޭނައަށް ހިތްދިނީ މިޝްއަލްއަށްވުރެ ކުރީންނެވެ. ކުށަކަށް ވާނީ މިޝްއަލްގެ ލޯބިވާކަން އެނގިހުރެ ކައިލް ޒޭބާ ފަހަތުން އަޅުވާލިނަމައެވެ. ކޮންމެގޮތެއްވިއަސް އެއީ އަޅާކިޔަންވީ ވަގުތެއް ނޫނެވެ. ޒޭބާ ބޭނުންވީ ކައިލްގެ ކުރިމަތިން ދުރަށް ދާށެވެ. ހަގީގަތް އެނގުމުން އޭނާއަށް އުދަނގޫ ވަނީ އެވެ. އެހާ ގާތްކޮށް އުޅެވުމުން ކައިލް އާއި މެދު މާބޮޑަށް ހަމްދަރްދީ ވެވެނީ ކަމަށްވެދާނެއެވެ. 

"ކައިލް.... ދިސް ޑަޒަންޓް ޗޭންޖް އަ ތިންގް. އަހަރެން އަބަދުވެސް ލޯބި ވަނީ މިޝްއަލް ދެކެ... އަހަރެންގެ ބަނޑުގައި މިއޮތީ އޭގެ ހެކި." ޒޭބާ ކައިލްގެ ޖަވާބަކަށް އިންތިޒާރު ކުރުމަކާ ނުލައި ގޮސް ކޮޓަރިއަށް ވަދެފައި ބާރަށް ދޮރު ޖަހައިލިއެވެ. ދޮރުފަތުގައި ބުރަކަށި ޖައްސާލުމާއެކު ދެލޮލުން ކަރުނަ އައީ ހިފެހެއްޓުމެއް ނެތި އެވެ. އަޑު ބޭރުވާން ފެށުމުން އަނގަމަތީގައި އަތް އަޅައިލެވުނެވެ. މިހާ ވަރަށް މިރޮވެނީ ކީއްވެހެއްޔެވެ؟ އޭނާއަކީ ގައިމުވެސް ބޭވަފާތެރިއެއް ނޫނެވެ. ކައިލްއަށް އޭނާ ބޭވަފާތެރިވި ކަމަކަށް ނުވާނެއެވެ. އެކަމަކު އަމިއްލަ ނަފްސް ކުށްވެރި ކުރެވެނީ ކީއްވެބާވައެވެ؟

ޒޭބާ ރޮއިރޮއި ހަމައަކަށް އެޅުނުފަހުން އެނދާއި ދިމާއަށް ދާންހިނގައިގަތްތަނާ ބަނޑަށް ތަދެއް އަރައިފިއެވެ. ދެއަތުން ބަނޑުކޮޅުގައި ހިފާ އޮއްބާލެވުމާއެކު މަންމާއޭ ކިޔާ ރޮއިގަނެވުނެވެ. ދެފައިކޮޅުން ވާގި ހުސްވެ، ޓައިލްސްމައްޗަށް ތިރިވެދާނެހެން ހީވެގެން ކައިރީގައި ހުރި ގޮނޑިއެއްގެ ލެނގޭބައިގެ އެހީ ހޯދަން އެއްއަތް ދިއްކޮށްލި ނަމަވެސް ނުހިފުނެވެ. ވަށައިގެންވި މަންޒަރު ފުސްވެ މޫނުމަތިން ކޮކާ ބުރާހެން ހީވާންފެށީ ވޭންގަދަވެގެންނެވެ. ހިނދިކޮށް ހުރި ބަނޑު ފުފިގެން އެރީ ޒޭބާ ބަލަން ހުއްޓައެވެ. ބިރުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ޒޭބާ ގައިގައި ހުރިހާ ބާރެއް ދުލަށް ހުސްކޮށްލައިގެން ކައިލްއަށް ގޮވަން ތައްޔާރުވިއެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑާއެކު ކުރިމަތިން މިޝްއަލް ފެނިގެން ދިޔައެވެ. ވޭންވަރު އަންނަނީ ކުއްލި ކުއްލި އަށެވެ. އެވަގުތު ތަކުގައި ތަންދޮރު އޮޅުމެއް ނުފިލައެވެ. މޫނާއި ހަށިގަނޑުން އޮށްދާހިއްލައި މުޅިމީހާ އާވިން ކެކެމުންދާހެންވެސް ހީވެއެވެ. 

މިޝްއަލް އޭނާ ނަގައިގަނެގެން ގެއިން ބޭރަށް ނެރުނުފަހުން ތަންދޮރު ވަކިވީއިރު އެނދެއްގައި ބާއްވައިގެން ހޮސްޕިޓަލަށް ވައްދަނީއެވެ. އެއްފަރާތުގައި ހަފީޒާ ހުރެފައި ދެން ހުރި މީހަކީ މިޝްއަލްއެވެ. ކައިލް ނެތުމުން ހިތަށް ލިބުނީ ނޭނގޭ ނުތަނަވަސްކަމެކެވެ. އެހާލަތުގައި އޮވެވެސް ކައިލްގެ ހިތުގައި ހިނގާނެ ކަންތައްތަކާއިމެދު ހިޔާލުކޮށްލެވުނެވެ.

ދުރުދުރުން ފެށިގެން އައި ރިހުން ކައިރިވެ ދިގު ދެމިގެންދާންފެށީ ވިއްސާކޮޓަރިއަށް ވެއްދިފަހުންނެވެ. ޒޭބާ ކެތްކުރަން މަސައްކަތް ކުރަމުން ދިޔަނަމަވެސް ހިފެހެއްޓުމެއްނެތި ދެލޮލުން ކަރުނަ އާދެއެވެ. ދުވަހަކުވެސް މިހާ ވޭނެއް އެހަށިގަނޑު ތަހައްމަލް ކޮށްފައެއްނެތެވެ. ދުލަކުން ބުނެލިއަކަސް ދަރިއަކު އުފަން ކުރުމަކީ ކިހާބޮޑު ތަކްލީފެއްކަން އިހްސާސް ކުރެވުނީ މިއަދެވެ. ޒޭބާ އެވޭނާއި ހަނގުރާމަ ކުރަމުން ދިޔައިރު މިޝްއަލް ނުހަނު ކައިރީގައި ހުރެގެން ޒޭބާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ. އެހެން އެކަކަށް ނުފެނުނަސް ޒޭބާއަށް މިޝްއަލް ފެނެއެވެ. އެރީތި ހިނިތުންވުން ތުންފަތަށް ވެރިކޮށްގެން ހުރީ ޒޭބާއަށް ހިތްވަރުދޭންކަން އެނގުނެވެ. އެވަރުންވެސް މިޝްއަލްގެ ލޮލުތެރޭގައިވި ކަރުނަތައް ޒޭބާއަށް ސިއްރެއްނުވިއެވެ. އިރުގަނޑެއްފަހުން އެހަނގުރާމަ ހުއްޓުމަކަށް އައީ ކަންފަތުގައި ޖެހިގެންދިޔަ ނިކަން ތުއްތު ރޯލުމަކާއި އެކުގައެވެ. އަނެއްކާވެސް ޒޭބާގެ ލޮލުން ކަރުނައިގެ މުތީތައް ފައިބައިގަތެވެ. މިފަހަރު އެއީ އުފާވެރިކަމުގެ މުތީތަކެކެވެ. ތުއްތު ދަރިފުޅު ދެކިލުމަށްޓަކައި ހިތް ތެޅިގަތީ ކެތްކުރަން ދަތިވާ މިންވަރަށެވެ. 

ނަރުހުން އެކުއްޖާ ސާފުކޮށްފައި ގެނެސް ދައްކައިލުމުން ޒޭބާ އަށް އޮވެވުނީ އެސްފިޔަޖަހާލަންވެސް ހަނދާންނެތިފައެވެ. ކޮންފަދަ ލޯބި މޫނެއް ހެއްޔެވެ؟ މުށްކެވިފައިވާ ކުދިކުދި އިނގިލި ތަކުގައި ފިރުމައިލެވުމުން ހިތަށް ފިނިކަން ލިބުނެވެ. ފަންވެފައި ކަޅުކުލަގަދަ އިސްތަށިކޮޅެކެވެ. އަދި އެހާ ކުޑަ ތުންކޮޅެކެވެ. މޫނު ވަށްވެފައި ދޮންކަމުން ރުއްކުރިކޮޅެއް ފަދައެވެ. ޒޭބާ އެދިގެން ނަރުސްކުއްޖާ އެދަރިފުޅު ކައިރީގައި ބާއްވާލަދިނުމުން ކުޑަކޮށް އަރިއަކަށް ޖެހިލައިގެން ބަލަން އޮތެވެ. އިރުކޮޅަކުން އެކުއްޖާ ހިނިތުންވެލިއެވެ. ޒޭބާގެ އެތެރެހަށީގައި ފިނި ރާޅެއް ދުވެލިހެންހީވިއެވެ. އިޚުތިޔާރެއްނެތި ހީގަނެވިއްޖެއެވެ. މިޝްއަލް ކައިރީގައި ހުރެފައި ދަރިފުޅު ނެރެންވާއިރަށް ހަފީޒާގެ ކައިރީގައި ހުންނަން ވެގެން ދޮރާއި ދިމާއަށް ދިޔައެވެ. މިޝްއަލް އެތަނަށް ވަނީވެސް ބޭރަށް ދިޔަކަމަށް ހަދާފައެވެ.

ޒޭބާ އަތް އުފުލާލައިފައި އެތުއްތު މޫނުގައި ޝަހާދަތް އިނގިލި ހިންގާލި ތަނާ އެދަރިފުޅު ލޯ ހުޅުވައިލިތަން ދެކެފައި އެތެރެހަށީގައި ބާރުގަދަ އެއްޗެއް ގޮވިހެން ހީވިއެވެ.

ކޮމެންޓް 0