ފާރަށް އެޅިފައިވާ ދެ ހިޔަނި އެކައްޗަކަށްވެފައި ހިނދު ކޮޅަކަށް ދުރުވެލިއެވެ. މިޝްއަލްގެ ވިދުންގަދަ ދެލޯ ޒޭބާގެ ހަނދެއްފަދަ މޫނަށް ހުއްޓައިލިއެވެ. ޒޭބާ ޖަޒްބާތުން ބަރުވެފައިވާ އެސްފިޔަތައް އުފުލައިލަން ބޭނުން ނުވެފައި އިނެވެ. ލޯ ހުޅުވާލައިފިނަމަ އެރީތި ހުވަފެން ހަލާކުވެދާނެތީ ބިރުން އިން ކަހަލައެވެ. އެތުންފަތުގެ ރަތްކަމާއި އޮފްކަން އިތުރުވެ އުއްބައްތި އަލީގައި ބަބުޅަމުން ދިޔައީ މާމުއި ކޯރެއްގައި ފޯވެފައި އޮތް ފިނިފެންމަލެއް ފަދައިންނެވެ. މިޝްއަލްގެ ހިއްސުތަކުގައި ދިލަ އާތްވެއް އުފެދި ކެތްތެރިކަން އޭގެ އިމުން ނައްޓާލައިގެން ދިޔައެވެ. ޒޭބާ ގެނެސް އަތުތެރެއަށްލީހިނދު އަލިފާންގަނޑު ހުޅުފަޅައިގަތެވެ. ޖަޒުބާތުގެ ކަނޑަކަށް ދެ ހިތް އެކުގައި ގެނބިގެން ދިޔައެވެ. ދުނިޔޭގެ އެހެން ހުރިހާ ކަމެއް ހަނދާން ނެތިފައި ތިބެ ދެރޫޚުގެ ކަރުހިއްކުން ފިލުވަމުން ދިޔައިރު ވަގުތު ހޭދަވަމުން ދިޔަވަރެއް އިހްސާސެއް ނުވެއެވެ. 

އިރުކޮޅަކުން މިޝްއަލް ޒޭބާ އުރާލައިގެން ގޮސް މާގަނޑު ދަށަށް ހުއްޓުމާއެކު އޭގެ އަމިއްލަ ބާރުގައި ބޮލަށް ފައިބަންފެށި ފެނުން ދެހަށިގަޑު އެކުގައި ތެމެމުން ދާން ފެށިއެވެ. ވިއްސާރަ ދުވަހެއްގައި ގަދަވަޔާއެކު އައި ބޯ ކެރިގަނޑެއްގެ މިސާލުގައެވެ. އެކަމަކު ޖެހިފިތިފައިވާ ދެހަށިގަނޑުގެ އުދާސްކަން ފެންތިކިތަކުގެ ފިނިކަމަށް ހުރަސް އަޅަމުން ދިޔައެވެ. ކޮޓަރި އާއި ހަމައަށް ފޯރިފަހުން ފުރާޅުގައި އައިސް ބީހެންފެށި ވާރޭ ތިކިތައް މިއުޒިކެއް ވިރުވާ އަޅާހެން ހިމޭންކަން ނަގާލައިފިއެވެ. މުޅި ކާއިނާތުވެސް އެދެލޯބިވެރިންގެ ޚިދުމަތުގައި ކުރުނީސްކޮށްލައިގެން ތިބި ކަހަލައެވެ. މަސްތުވެ އުތުރިއަރަމުން ދިޔަ ކަނޑުގެ ރާޅުތައް ހަފަރާތުން އައިސް އެމީހުން ވަށާލައިފިއެވެ. އިހްސާސްތައް އިތުރަށް ވަރުގަދަވެ އެހަށިތަކުގައިވާ ކޮންމެ ކަށި ކޮޅެއްމެ އެކަކު އަނެކަކަށް ޓަކައި އެންމެމަތީ ދަރަޖައިގައި ފިދާވާން ފެށިއެވެ. މިޝްއަލްގެ ބާރުގަދަ އަތުތެރޭގައި ޒޭބާ އެއީ ވައިރޯޅިއަކަށް ވުރެވެސް ލުއި އެއްޗެއް ކަހަލައެވެ. މިއުޅެވެނީ ބިމާއި މާ ދުރުގައި ވައިގެ ތެރޭގައޭ ޒޭބާއަށް ހީވި ކިތަންމެ ވަގުތެއް އައެވެ. މިޝްއަލްގެ ރީތިކަން އެހާ ކައިރިން ފެންނަ ހިނދު ލޯބިން ގޮސް މޮޔަވާވަރުވެއެވެ. އުފާވެރިކަމުގެ މުތީތައް ޒޭބާގެ ދެލޮލަށް ޖަމާވެފައިވާ އިރު މިޝްއަލްގެ މޫނު ފެންނަނީ ތަރިތަކެއްގެ ތެރެއިން ސާދަވިލޭރޭގެ ހަނދު ފެންނަ ހެންނެވެ. 

ރޭގަނޑުގެ ދެދަން ފާއިތުވެ ގޮސް ފަތިސް ދަމަށް އެޅުނުއިރު ވާރޭ ހުއްޓައި މުޅި ދުނިޔެވެސް ހިމޭންކަމުގެ ސާލު އޮޅައިފިއެވެ. ޒޭބާ މިޝްއަލްގެ މޭގައި ދަތްދޮޅި އަޅުވާލައިގެން އޮވެފައި މަޑުމަޑުން ތެދުވެ އެނދުގެ ފަޑީގައި ބުރަކަށި ޖައްސާލައިފިއެވެ. ގައިމަތީގައި އޮތް ރަޖާގަނޑު ތިރިއަށްދާ ގޮތްވުމުން ކުޑަކޮށް ގާތަށް ދަމައިލައިފައި މެޔާއި ހަމައިން ހިފަހައްޓައިލިއެވެ. އިރުކޮޅަކުން މިޝްއަލް ލޯ ހުޅުވައިލާފައި ބަލައިލިއިރު ޒޭބާ އިނީ ވިސްނުމަކަށް ގެއްލިފައެވެ. "ހޭއި!" މިޝްއަލް އަރިއަކަށް ޖެހިލާފައި ޒޭބާގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. އަދިވެސް އެއަޑުގައި މަސްތުކަންވިއެވެ. ނޫނީ ގިނަ އިރު ވާހަކަ ނުދައްކާ ހުރެފައި އަނގައިން ބުނުމުން ކުރިއަށްވުރެ ބަރުހެން ހީވަނީއެވެ. "އަހަރެން އޮޅުންފިލުވަން ބޭނުން ބައެއް ވާހަކަ އެބަހުރި." ޒޭބާ ހިނިތުންވެލާފައި މިޝްއަލްގެ އަތުގައި މަޑުމަޑުން ފިރުމާލިއެވެ. "އަހާބަލަ!" މިޝްއަލް ދެކޮޅެއް ނުހަދައެވެ. މިއަދު ނޫނީ މާދަން ޒޭބާގެ ހުރިހާ ސުވާލެއްގެ ޖަވާބު މިޝްއަލް ދޭން ޖެހޭނެއެވެ. 

"ސުވާލުތައް ގިނަކަމުން ފުރަތަމަ އަހަންވީ ކޮން ސުވާލެއް ކަމެއްވެސް ނޭނގެ." ޒޭބާ ފުން ނޭވައެއް ދޫކޮށްލިއެވެ. އިރުކޮޅަކުން ތިރިވެލާފައި މިޝްއަލްގެ ނިއްކުރީގައި ކޯތާފަތް ޖައްސާލައިގެން އޮތެވެ. އެބުޅި އިސްތަށިގަނޑުގެ އިސްތަށިކޮޅުތައް މިޝްއަލްގެ މޫނުމައްޗަށް ފެތުރިގެންފައި ދުވި މީރުވަހަކުން މިޝްއަލް ނޭވާ އެތެރެއަށް ދަމައިލިއެވެ. އެއިސްތަށިގަނޑު ތެރެއަށް މިޝްއަލް އިނގިލިތައް ވައްދާލާފައި ކުޅެން ފެށުމުން ޒޭބާއަށް ހިތްގައިމުވިއެވެ. މިޝްއަލްއަށް ޖެހުނީ އަނެއްކާވެސް އަހާ ބަލާށޭ ކިޔައިގެން ޒޭބާ ސަމާލުކަމަށް ގެނުވާށެވެ.

"ބުނީމެއްނު އަހަރެން ރޭޕްކުރަން ވެގެން އުޅުނު އިންސާނެއްގެ ވާހަކަ...." އެހިސާބަށް ބުނިތަނާ މިޝްއަލް ކުއްލިއަކަށް އަތްތިރިކޮށްލުމުން ޒޭބާ ސިހުނެވެ. "ހަޤީޤަތް ކިޔައިދީގެން އަހަރެންނަށް ވާން އޮތް ގެއްލުމެއް ނެތް. އެކަމަކު ޒޭބާގެ ހިތަށް އަނިޔާ ލިބޭފަދަ އެއްވެސް ވާހަކައެއް ދައްކާ ހިތެއް ނުވޭ." މިޝްއަލް ސަބަބު ބުނެދިނެވެ. އެކަމަކު އެއީ އެކަން ހުއްޓުވުމުގެ އުކުޅަކަށް ނުވިއެވެ. ބަދަލުގައި ޒޭބާގެ ޝައުޤުވެރިކަން އިތުރުވެ އެމީހަކު ހޯދާހިތުން ހިތް ތެޅެން ފެށިއެވެ. "އަފްލާކް." ޒޭބާ ދޫ ނުކުރުމުން މިޝްއަލް އަށް މަޖުބޫރުވެގެން ހާމަކޮށްލިއެވެ. "ވަޓް؟" ޒޭބާގެ އަނގައިން ނިކުތެވެ. އިތުރު އެއްޗެއް ނުބުނެވިފައި މިނިޓެއް ވެގެން ދިޔައެވެ. ހަފަރާތުން ސުވާލުތަކުގެ ސިލްސިލާ އައިސް ޒޭބާގެ ސިކުނޑި ފުރާލައިފިއެވެ. ބޯ ހާސްވެގެން އޭނާއަށް ދެފަރާތަށް ހޫރުވާލެވުނެވެ. އިރުކޮޅަކުން ދެލޮލަށް ޖަމާވެގަތެވެ. 

އަފްލާކް އެވަރުގެ ކަމެއް ކޮށްފާނެ ކަމަށް ހުވަފެނުގައިވެސް ޒޭބާ އުންމީދެއް ނުކުރެއެވެ. އަމުދުން ކައިލް ބުނެގެން ހެއްޔެވެ؟ އަފްލާކްއަށް ކައިލް އެނގެނީ ކިހާ ވަރަކަށް ހެއްޔެވެ؟ ޒޭބާ އެލިބުނު ޝޮކްގައި ހިމޭންވެފައި އިންދާ މިޝްއަލް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ލޫސީގެ އެދުމަށް އަފްލާކް އެނބުރި އައި ކަމާއި ފަންޑިތަވެރިއެއްގެ އަތުން ކުއްޔަށް ގެނަ ފޮތްތަކަކުން ބަލައިގެން ވަގުތީ ގޮތުން ބައެއް ފަންޑިތަ ދަސްކުރިއެއް ކަމަކު އަފްލާކް އަކީ ޒޭބާ ފަދައިން އާދައިގެ އިންސާނެއް ކަމެވެ. އެކަން ޚުދު ޒޭބާއަށްވެސް ގަބޫލު ކުރެވުނެވެ. އެހެންނޫންނަމަ ބާރުލިބިފައިވާ ފަންޑިތަވެރިޔަކު ބާރުގެ ބޭނުން ނުކޮށް ޖިންނިއެއްގެ އަމުރަށް ކިޔަމަންވެދާނެ ހެއްޔެވެ؟ އަފްލާކްގެ ހާއްސަ ކަމަކީ ޖެހިލުން ކުޑަކަމެވެ. އެންމެފުރަތަމަ ކައިލް އާއި ބައްދަލުވި ރޭ އެހާ ޖެހިލުން ކުޑަކޮށް މުއާމަލާތު ކުރީ އަފްލާކްގެ ކެރޭ ކަމާއި ހިތްވަރުގަދަ ކަމުންނެވެ. ލޫސީގެ ވާހަކަތަކަށްފަހު މިޝްއަލް ހައްޔަރުވެފައިވާ ކަން އެނގޭތީ ދެން އިތުރަށް ހުންނާނީ ކައިލްކަން ދެނެގަންނަން އަފްލާކްއަށް އުދަނގުލެއް ނުވިއެވެ. އެކަމަކު އެރޭ ޒޭބާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި މާއަވަހަށް ހަތިޔާރު ބެހެއްޓުމުން ކައިލްއަށް ހަގީގަތް އޮޅުންފިލައިފިއެވެ. 

އަފްލާކް އަކީ ހަގީގަތުގައި ފަންޑިތަވެރިއެއް ނޫން ކަމާއި ކައިލް އާއި ދެކޮޅަށް ދެއްކޭނެ ބާރެއް ނެތްކަން އެނގުމުން ފުރުސަތުގެ ބޭނުން ހިފާލީއެވެ. އަފްލާކް އެމަޅީގައި ރަނގަޅަށްވެސް ހައްޔަރުވެ ކައިލް ބުނިފަދައިން ކަންތައް ކުރަން އެއްބަސްވިއެވެ. އެކަމަކު ތަޤްދީރުގައި ވަނީ މުޅިން އެހެން ރޭވުމެކެވެ. 

"ދެން ބުނީމެއްނު އަދި ކައިލްގެ ވާހަކައެއް. ކައިލް ބަދަލުހިފަން އެމަސައްކަތް ކުރަނީ މާޒީވެފައިވާ ކަމެއްގެ ވާހަކައޭ ބުނީމެއްނު... އެއީ ކޮން ސަބަބެއްތަ؟" ޒޭބާ ހީވަނީ ހުރިހާ ސިއްރެއް ހޯދަން ނިންމައިގެން އިންހެންނެވެ. މިޝްއަލް ހިމޭންވިތަން ދެކެފައި ޒޭބާ ތެދުވެއްޖެއެވެ. މިހާރު އޭނާ ރަނގަޅަށްވެސް ޝައުޤުވެރި ވެއްޖެއެވެ. "މިޝްއަލް. ޓްރަސްޓް މީ." ޒޭބާ ތިރިއަށް ޖެހިލާފައި ބާލީހުގައި ބޯ އެޅިއެވެ. "ކައިލް ކުޑައިރު ފެނުނު އަންހެންކުއްޖަކު ރީތިވެގެން އުޅެނިކޮށް އެނގުނީ އެއީ އިންސާނެއްކަން. އެދުވަހު އަހަރެން ވަރަށް ނަސޭހަތްދީގެން ކައިލް އެކުއްޖާގެ ހިޔާލު ދޫކޮށްލިފަހުން ޒޭބާ އާއި އަހަރެންގެ އެކުވެރިކަން ފެށިގެން އައީ. އަހަރެން ގޮތަށް ކައިލްވެސް ނަސޭހަތްދިން. އެކަމަކު އަހަރެން ހުރިހާ އަމުރެއް މުގުރާލާފައި ގުޅުން ކުރިއަށް ގެންދަންފެށީމަ ކައިލްވެސް އަލުން އަނބުރާ އެކުއްޖާ ހޯދަން ނިންމައިގެން ދިޔައިރު... ކައިލް ދިޔައިރު އެއަންހެންކުއްޖާއެއް ނުފެނުނު. އެގެއްލުމުގެ ސަބަބެއް ކަމުގައި ކައިލް ދެކެނީ އަހަރެން. ހަގީގަތުގައިވެސް އެއީ އަހަރެންގެ ކުށް." މިޝްއަލްގެ އަޑުގައި ރިހުމެއް ވިއެވެ. 

ޒޭބާ ކައިލްއާއި ކިތަންމެ ހިތްހަމަ ނުޖެހުނުކަމުގައި ވިއަސް އެހަގީގަތް އަހާފައި ހަމްދަރްދީ ވެވިއްޖެއެވެ. "ގެއްލުނީއޭ ބުނީމަ ދެން ވަރަށް ބޮޑު އަޖައިބަކަށް ވަނީ. ދެން ހަމަ އެއްގޮތަކަށްވެސް ނުފެނުނުތަ؟ އަނެއްކާ އޭނަ މަރުވީތަ؟" ޒޭބާ މިޝްއަލްގެ ލޮލަށް ބަލަން އޮވެގެން ސުވާލު ކުރިއެވެ. "ވެދާނެ މަރުވީ ކަމަށްވެސް. ބޮޑަށް ލަފާ ކުރެވެނީ އެހެން. ދެން އެހެންނޫނީ އެވަރަށް ހޯދާ އިރު ފެންނަން ވާނެ އެއްނު." މިޝްއަލްވެސް ޒޭބާގެ ވާހަކައަށް ތާއީދު ކުރިއެވެ. "ކައިލް ހާދަ ދެރަވާނެއޭ ދޯ. ޒޭބާ އަމިއްލައަށް ވެސް ކައިލް އާއި މެދު ދެރަވެގެން ބުނެލެވުނެވެ. "ޒޭބް.... އަހަރެން ދައްކަންޖެހޭ އެންމެ މުހިންމު ވާހަކަ އަދި އޮތީ." މިޝްއަލްގެ ޖުމްލައިން ޒޭބާގެ ހިތް ތެޅިލިއެވެ. "ޒޭބް ވިސްނަންތަ އަހަރެމެންގެ މުސްތަޤްބަލާމެދު؟" މިޝްއަލް އަޑު ވަރަށް ސީރިއަސްއެވެ. އިރުގަނޑެއް ވީއިރުވެސް ހިމޭންކަން ފިޔަވައި އިތުރު އަޑެއް ނެތެވެ. ޒޭބާ ރަނގަޅަށްވެސް ގަނޑުވެއްޖެއެވެ. މިޝްއަލް އެކުރީ މިދުނިޔެމަތީގައިވާ އެންމެ އުދަނގޫ ސުވާލު ކަހަލައެވެ.

މުޅިން ތަފާތު ދެ ޖީލެއްގެ ދެ މަހުލޫޤުންނެވެ. އެދެމެދަށް ހުރަސްވެފައިވާ އަދަދު ނުކުރެވޭ ހުރަސްތަކެއްވެއެވެ. މިޝްއަލްގެ ދުނިޔެއިން ޒޭބާ ގަބޫލު ކުރުމަކީ ނާދިރު ކަމެކެވެ. އިންސީންގެ ތެރޭގައި މިޝްއަލް އުޅޭ އިރު އަދި މާގިނަ އުދަނގޫތައް ކުރިމަތިވާނެއެވެ. ދުވާލުގެ އަލިކަމުގައި ޒޭބާގެ ފިރިމީހާ ހޯދަން މީހުން އެދެފިނަމަ ދެން ވާނީ ކިހިނެތް ހެއްޔެވެ؟ ސަރުދާރުގެ ޖިންނީން އަދިވެސް އެތިބީ ޒޭބާގެ ފުރާނަ ދުއްވާލަން އަޒުމް ކަނޑައަޅައިގެންނެވެ. އަބަދަށް ވަންހަނާވެގެން އުޅެވެން އޮތީ ކޮން ދުނިޔެއެއްގައި ހެއްޔެވެ؟ ކައިލްގެ ސިކުނޑި މިނިޓެކު ދެފަހަރު ބަދަލުވާގޮތަށް ހަމަ ކުއްލިއަކަށް އަންނަ ހިޔާލަކުން އެޖިންނީންނަށް ޒޭބާ ހުރިތަން ބުނެދީފިއްޔާ ދެން ވާނީ ކިހިނެތް ހެއްޔެވެ؟ މުސްތަޤްބަލާއިމެދު ހިޔާލު ކޮށްލާއިރަށް ކުރިމަތިން ފެންނަން އޮންނަނީ ކަޅު އަނދިރި މަގެކެވެ. އެމަގުގައި އެދެމީހުނަށް ޓަކައި ތައްޔާރުވެފައިވަނީ ކޮންފަދަ ހައިރާންކުރުވަނިވި ކަންތައްތަކެއްކަން އެކަކަށްވެސް ނޭނގެއެވެ.

"ޒޭބް. އަހަރެން ވަރަށް ހައިރާންވެފަ މިހުންނަނީ ޒޭބްއަށް މިހާރު ތި އަންނަމުންދާ ބަދަލުތަކުން. ތީ ކޮންއިރަކު ވާންފެށި ގޮތްތަކެއް؟" މިޝްއަލް މައުޟޫ ބަދަލުކޮށްލިއެވެ. މިރެއަށްފަހު އެދެމެދުގައި އެއްވެސް ސިއްރެއް ނުބާއްވަން ދެމީހުންވެސް ގަސްތުކޮށްފައިވާ ކަހަލައެވެ. ގިނަ ފަހަރަށް ސިއްރު ފާޅުކުރުމުގެ ނަތީޖާ ހިނދުކޮޅަކަށް ހިތިވިނަމަވެސް ވަންހަނާ ކޮށްގެން މާބޮޑެތި ގެއްލުންތައް ލިބިފައި ހުރެއެވެ. "ނޭނގެ ބުނާކަށް. މިހާރު އެއްގޮތަކަށްވެސް ނުނިދޭ. އެހެންވެ ކައުންސެލިން ހޯދަންވެގެން މިއުޅެނީ. ވެދާނެ މިހާރަކަށް އައިސް އެބްނޯމަލް ބައެއްގެ ތެރޭގައި އުޅެވޭތީ ސިކުނޑިއަށް އައި ޗޭންޖެއް ކަމަށް." ޒޭބާ ވާހަކަދައްކަމުން ލާނެތްގޮތަކަށް އެއްލޯ މަރައިލިއެވެ. މިޝްއަލްގެ ރީތި ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލާފައި ޒޭބާ ގެނެސް މޭގައި ޖައްސާލިއިރު އެމޫނުން ހިސާބެއްގެ ނުތަނަވަސްކަމެއް ފާޅުވަމުން ދިޔައެވެ. ފަތިސް ނަމާދު ބަންޤި ގޮވަންވާއިރަށް މިޝްއަލް ތެދުވެގެން ދިއުމުން ޒޭބާ ވަނީ ފެންވަރާށެވެ.

ހަގީގަތް އެނގުމުން ކައިވެންޏާއި ދެކޮޅު ހަދަން އުޅެފައިވެސް ޒޭބާގެ ހިޔާލު ބަދަލުވިއެވެ. ސަބަބެއް ދައްކަން ޖެހުމުން ދޭނެ ޖަވާބެއް އޭނާއަކަށް ނޭނގޭނެއެވެ. އަފްލާކްއަށް ވިސްނުނަސް ހަފީޒާ އާއި މާވިންއަށް ޒޭބާގެ ބަހަށް އިތުބާރެއް ނުކުރެވޭނެއެވެ. އެކި ގޮތްގޮތަށް ހިޔާލު ކުރުމަށްފަހު ޒޭބާ ގޮތެއް ނިންމިއެވެ. އެކަމަކު އެވާހަކަ އެކަކަށްވެސް ނާންގައެވެ. ކައިވެންޏަށް ދުވަސް ކައިރިވަމުން ދިޔަވަރަކަށް އެންމެންގެ ހަރަކާތްތައް އަވަސްވަމުން ގޭތެރެ ހަލަބޮލި ވަމުންއައެވެ. ޚުދު ޒޭބާ ވެސް ނިކަން ހިނިތުންވެފައި ކޮޅުކޮޅަށް ދުވެ އުޅޭތީ ފެނެއެވެ. ލޫސީ އާއި މާވިން އޭރުވެސް ތިބީ ސައިފުﷲގެ ޖަވާބަކަށް އިންތިޒާރު ކޮށްކޮށެވެ. 

ސައިފުﷲ އޮފީސް ދަތުރެއްގައި ކުއްލިއަކަށް ފުރައިގެންދާން ޖެހުމުން ނިންމުން ގޮތެއް ނިންމާނެ ފުރުސަތު ނުލިބުނީއެވެ. އެއީ ނައުޝާދުއަށް ލިބުނު ރަނުގެ ފުރުސަތަކަށްވިއެވެ. ނައުޝާދު ކުރިއަށްވުރެވެސް ގިނައިން ލޫސީ އާއި ބައްދަލުކޮށް އެކުގައި ވަގުތު ހޭދަކުރަން މަސައްކަތް ކުރަމުން ދިޔައެވެ. ލޫސީ އިތުރަށް ރުޅިގަދަވެ ފޫހިވާން ފެށިއެވެ. އެކަމަކު މާވިން އާއި ބައްދަލު ކުރުން މިހާރަކަށް އައިސް ކުރިއަށް ދަނީ ސިއްރިޔާތުގައެވެ.

ހެނދުނުގެ ވަގުތެވެ. އަފްލާކް ގޯތިތެރޭގައި ދެކޮޅަށް ހިގަމުން ފޯނެއް ކުރަނީއެވެ. ގަސްތަކުގެ ތެރެއަށް އަވި އަރަމުން އަންނައިރު ރަނުން ގިރިޓީ ކުރަމުންދާ ކަހަލައެވެ. ފަރިޔަށް ފޮޅިފައިވާ މާތަކުގައި ވައިރޯޅި ބީހިލާފައި ސަމާސާކޮށްލުމުން ތެޅިލާއިރު ބަލާލަން ނުހަނު ރީއްޗެވެ. އެމާތަކުގެ މެދުން އަފްލާކް ދެކޮޅަށް ހިނގާ މަންޒަރު ފެންނަ މީހަކުވެސް ފިޔަވަޅުތައް ހުއްޓިފައި ބަލަހައްޓައިގެން ހުންނާނެއެވެ. އަފްލާކްގެ ފަން އިސްތަށިގަނޑަށްވެސް އިރުގެ އަލި އެޅިފައި ވާތީ ޔޫރަޕް މީހެއް ފަދައެވެ. ހުދު ޓީޝާޓް ގަޔަށް ހިފައިފައި ޖިންސްގެ ޖީބަށް އެއްއަތް ޖަހާލައިގެން އުޅޭތީ ވަކިން ފިރިހެންވަންތައެވެ. އަފްލާކުގެ އަދާތަކުގައިވެސް ވަނީ ހިތްދަމައިގަންނަ ގޮތެކެވެ. ގޭގެ ޕޯޓިކޯގައި ހުރި ކުޑަ މޭޒެއްގެ މަތީގައި ދުން އަރައަރާ އެހުރީ އަފްލާކް ބޯން ފަށާފައި ބެހެއްޓި ކޮފީ ތައްޓެވެ.

އަފްލާކް ފޯންކޮށް ނިމިގެން ޖިންސްގެ ޖީބަށް ކޮށްޕާލާފައި ކޮފީ ތައްޓާއި ދިމާއަށް ހިނގަ ހިނގާ ހުއްޓާ ގޭގެ ދޮރުމައްޗަށް ވޭން މަޑުކޮށްލިތަން ފެނުނެވެ. ކޮފީ ތަށި ނަގާފައި އެއިން ކޯވަރެއް ބޯނުލެވިގެން އުޅެނިކޮށް ވޭނުން ބޭރަށް ފުންމާލި އަންހެންކުއްޖަކު ފެނިގެން ފާޑަކަށް ސިހިގެން ދިޔައެވެ. ކޮފީތަށިން އެއްބައި އަތަށް ބަންޑުން ވެއްޖެއެވެ. އަފްލާކް މަޑު އާހެއްގެ އަޑު އިއްވާލައިފައި ކޮފީތަށި އެހުރިތަނަށް ދޫކޮށްލަމުން އަނެއްކާވެސް މަގުމައްޗަށް ބަލަން ފަށައިފިއެވެ. 

އިސްކޮޅުން މެދުމިނަކަށް ހުރެފައި ދޮން ކުއްޖެކެވެ. ފިޔާތޮށި ޝޯލްއެއްގެ ތެރެއިން ފާޅުވާން ހުރި ހަނދެއްފަދަ މޫނެކެވެ. އެހާމެ ވަށްވެފައި އެމޫނު ކުޑައެވެ. ހުދު ޖިންސާއެކު އަތްދިގު ކުރުތާއެއްގައި ހަށިގަނޑު ނިވާކަން ބޮޑެވެ. އަވިއައިނުން ފޮރުވާލާފައި ވާ ބޮޑު ދެލޯ އަފްލާކްއަށް ހުއްޓުނު ތަނާ އެރީތި ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އަފްލާކް ގަބުވެފައި ހުއްޓާ ޒޭބާ ގެއިން ނިކުމެގެން ދުވެފައި ގޮސް އަންހެންކުއްޖާގެ ކައިރިއަށް ހުއްޓިފައި އުފާވެރި އަޑަކުން ގޮވާލައިފިއެވެ. "ޝިނީ" އަފްލާކް ވައިއަޑުން އެނަން ތަކުރާރުކޮށްލިއެވެ. ޝިނީގެ ފަހަތުން ފައިބައިގެން އައިސް އެދެމީހުންގެ ކައިރިއަށް ހުއްޓުނު އަންހެންމީހާގެ އުރާލައިގެން ހުރި ކުޑަ ފިރިހެންކުއްޖާ ފެނިފައި އަފްލާކްގެ ހިތުގައި ނޭނގޭ ނުތަނަވަސްކަމެއް ދައުރުވެލިއެވެ. ދޮންކަމުން އޮސްޓްރޭލިޔާ ކުއްޖެއްފަދަ އެކުޑަ ފިރިހެންކުއްޖާގެ އިސްތަށިކޮޅަށްވެސް އަރަނީ މުށިކުލައެކެވެ. އަދި ރަނގަޅަށް ކަޅު ނުވަނީ ކަންނޭނގެއެވެ. ފުށްކަމުން މޮޑެލާހިތްވާފަދަ ކުއްޖެކެވެ. ނިކަން ސިއްހަތު ރަނގަޅުވެފައި ލޯއްބެވެ. އައިކުގެ ކަޅު ދެލޮލުން ވަށައިގެން ބަލަމުން ދިޔައީ އާ ތަނަކަށް އާދެވިގެން ހައިރާންވެފައިވާ ގޮތަކަށެވެ. އަޑު އިވޭ ހިސާބުގައި ހުރެވެސް އަފްލާކްގެ ކަންފަތް ޒޭބާމެންގެ ވާހަކައަކަށް ނުހުއްޓުނެވެ. އައިކު ފެނުނީއްސުރެ އެތުއްތު މޫނުން އަފްލާކްގެ ނަޒަރު ވަކިވާގޮތެއް ނުވިއެވެ.

އިރުކޮޅަކުން އެންމެން އެތެރެއަށް ވަންނަން އައިއްސައި ޒޭބާއަށް އަފްލާކް ފެނިގެން ގޮވާލިއެވެ. "ޒޭބް. ޝިނީ ކޮންއިރަކު އައިސްގެން މިއުޅެނީ؟" އަފްލާކް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްފައި ވާހަކަދެއްކިއެވެ. "ހަމަ މިއަދު. ޝިނީ އުފާވެރި ހީލުމާއެކު ޖަވާބުދިނެވެ. އަފްލާކް އިތުރު އެއްޗެއް ނުބުނެ ފޯން ނަގާފައި މަގުމައްޗަށް ނިކުންނަން ކަމަށް ހަދާފައި އެމީހުން ފަސްދީ ހިނގައިގެންފިއެވެ. 

މަގުމައްޗަށް ނިކުމެފައިވެސް އަފްލާކް އެނބުރި ބަލައިލީ ގޭގެ ދޮރާއި ދިމާއަށެވެ. ޝިނީމެން ގެއަށް ވަދެގެން ގޮސް ގެއްލުމާއެކު އަނެއްފަރާތަށް މޫނު އަނބުރާލިއިރު ސުވާލުތަކުން އެސިކުނޑި ފުރިބާރު ވަމުންދިޔައެވެ. ޝިނީއަށް ޒޭބާ މާފުކުރީ ކޮންއިރަކު ހެއްޔެވެ؟ އަފްލާކްގެ ކުރިމަތީގައި ޒޭބާ އަކީ އަރަތަކަށް ވެއްޖެއެވެ. 

ކޮމެންޓް 0