ޒޭބާ ކޮޓަރިއަށް ވަދެފައި ދަރިފުޅު ގެންގޮސް ކުޑަ އެނދުގައި ބޭއްވިއެވެ. އެތުއްތު މޫނުގައި ފިރުމާލައިފައި އެނދު ކުޑަކޮށް ހެއްލައިލުމުން ލޯމަރައިފިއެވެ. ޒޭބާ ހީކުރީ ނިދީ ކަމަށެވެ. އެހެންވެ މަދިރިގެ ތިރިކޮށްލާފައި ދާންވެގެން އެނބުރިލިއެވެ. އެވަގުތު ޒޭބާ ސިހުނެވެ. އަރްޖް ހުރީ ދިމާ ކުރިމަތީގައެވެ.

"ކީއްތި ކުރަނީ؟" ޒޭބާ ކަންބޮޑުވި ވަރުން ސުވާލު ކޮށްލެވުނީ ތަންކޮޅެއް ބާރަށެވެ. އެއަޑަށް ހަފީޒާ ފުރޮޅިލިތަން ފެނިގެން މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. ނަސީބަކުން ހަފީޒާ ލޯ ނުހުޅުވައި އަނެއްކާ ނިދައިފިއެވެ. "ޒޭބާ! މީ އެވަގުތު. އަހަރެން މިއައީ ޒޭބާ ބަލައި." އަރްޖް މަޑުމައިތިރި އަޑަކުން އެހެން ބުނެލިއިރު ލޯ ހުއްޓިފައި ހުރީ ކުޑަ އެނދަށެވެ. "އެކަމަކު އަރްޖް ބުނީމެއްނު ހަފްތާއެއް ފަހުންނޭ.." ޒޭބާ ދެލޯ ބޮޑުވެފައި ހަނދާންކޮށްދިނެވެ. "ބުނިން ތިހެން. އެކަމަކު ކަންތައް ވަމުންދާ ގޮތް ބަލާފައި އެހާ ދުވަސް ވަންދެން ލަސްކުރެވޭކަށް ނެތް. ޒޭބާ މިކޮޅުގައި ހުރެގެން އަހަރެން ބޭނުންވާ ގޮތަށް ރައްކާތެރިއެއް ނުކޮށްދެވޭނެ." އަރްޖް ކުރިއަށް ފިޔަވަޅެއް އަޅައިލުމުން ޒޭބާ ދެއަތް ދަމާލާފައި އިތުރަށް ކުރިއަށް ދިޔަނުދޭން ހުރަސްއެޅިއެވެ. "އަހަރެން ބޭނުމެއް ނޫން ރައްކާތެރިކަމެއް. އަހަރެން ބޭނުމީ އަހަރެންގެ އާއިލާގެ ގާތްކަން." ޒޭބާ ފުރަތަމަ ފަހަރަށް އަރްޖްގެ ކުރިމަތީގައި ދެކޮޅުހެދިއެވެ. "ތިހެން ބޮޑައި ހާކަން ވަގުތެއް ނެތް ޒޭބާ. ޒޭބާއަށް ނޭނގޭ ކިތަންމެ ކަމެއް ހަފަރާތުގައި އެބަ ހިނގާ... އަހަރެން ބުނާ ގޮތް ހަދައިފިއްޔާ ފަހަރެއްގައި ސަލާމަތްވެވިދާނެ." އަރްޖްގެ ލޮލުން ޒޭބާއަށް ނުތަނަވަސްކަން ފެނުނެވެ. އެވަރުންވެސް އެވާހަކަތައް ގަބޫލު ކުރާކަށް ބޭނުމެއްނުވިއެވެ. ހިތް އަންގަނީ އަރްޖް އެމަސައްކަތް ކުރަނީ އާއިލާ އާއި ވަކިކޮށްލައިގެން ގެންދަން ކަމުގައެވެ. 

"އަހަރެން ތިދައްކާ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރާނަން، ހަމަ މިހާރު މިގެއިން ނިކުމެގެން ދޭ! ދެން އަހަރެން ފެންނަ ހިސާބަށްވެސް ނާންނާތި." ޒޭބާ ހަޅޭއްލަވައިގަތެވެ. އެއަޑު ކޮޓަރިތެރޭގައި ގުގުމާލި ހިނދު މުޅިތަން ގުޑައިގެން ދިޔައީ ބިންހެލުމެއް އައިހެންނެވެ. ބޮކިތައް ނިވި މުޅިތަން އަނދިރިވެގެން ދިޔައެވެ. އަރްޖްއަށް ޒޭބާގެ ބާރު ވަޒަން ކުރެވުނީ ކަހަލައެވެ. އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުރެލާފައި ބާރު ބާރަށް ނިކުމެގެން ދިޔައެވެ. 

ހަފީޒާ ސިއްސައިގެން ގޮއްސައި ހޭލިއިރު ކަރަންޓް ނެތުމުން ޒޭބާ އެތާ ހުރި ކަމެއް ނޭނގުނެވެ. ސޯފާއިން ތެދުވެފައި ތަންތާ އަތްކާއްތަމުން ކުޑަ އެނދާއި ހަމައަށް ދެވުނުތަނާ ބޮކި ދިއްލުނެވެ. ޒޭބާ އޮތީ ރަޖާލައިގެން ނިދާފައެވެ. ހަފީޒާ ބަލައިލިއިރު ތުއްތު ދަރިފުޅުވެސް ނިދާފައެވެ. ހަފީޒާ އެނބުރި ސޯފާ އާއި ދިމާއަށް ގޮސް ހުއްޓިފައި ހިޔާލު ބަދަލުވެގެން ކޮޓަރިން ނިކުތެވެ. ސިޑިން ފައިބަނިކޮށް ކަޅު ހިޔަންޏެއް ސިޓިންރޫމް ހުރަސްކޮށްލިހެން ހީވެއެވެ. ފިޔަވަޅުތައް އަވަސްކޮށްލާފައި ސިޑިން ފައިބައިގެން ގޮސް ބަދިގޭ ދޮރާއި އަރާ ހަމަވީތަނުން އެތެރެއިން ނިކުމެގެން އައިސް ކުރިމައްޗަށް ހުއްޓުނީ އަންހެނެކެވެ. ބޮލުގެ އިސްތަށިތައް ހުދުވެފައި ހުރި މުސްކުޅިއެކެވެ. 

"ތީ ކާކު؟" ހަފީޒާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. މުސްކުޅިޔާ ކަނާއަތްތިލަ އުފުލާލައިފައި ހުޅުވާލިއިރު ފާޑެއްގެ ރަތް ކުނޑިތަކެއް ހުއްޓެވެ. ހަފީޒާ މިވާގޮތެއް ނޭނގި އަޖައިބުވެފައި ހުއްޓާ މުސްކުޅިޔާ އެކުނޑިތަކަށް ފުމެލައި ހަފީޒާގެ މޫނަށް ބުރުއްސާލުމާއެކު ހަފީޒާ ހޭހުސްވެގެން ހުރިތަނަށް ދެމިއްޖެއެވެ. އެނދުގައި އޮތް ޒޭބާގެ ކަންފަތުގައި އެއަޑު ޖެހުނެވެ. ޒޭބާ ފުންމައިގެން ތެދުވެފައި އަވަސް ފިޔަވަޅުތަކެއްގައި އައިސް ކޮޓަރި ދޮރާއި ހަމަވިތަނުން ތުއްތު ދަރިފުޅު ރޮއެގަތީ ކަންފަތް ފަޅާލާ ވަރަށެވެ. ހިތް އެކީ ވިރިގެން ފޭބިކަހަލައެވެ. ވަގުތުން ޒޭބާއަށް ރޮވުނެވެ. އަނެއްފަރާތަށް އެނބުރިފައި ބާރުބާރަށް ގޮސް ބަލައިލިއިރު ކުޑަ އެނދު އޮތީ ހުހަށެވެ.

އުޑުގައިވާ ތަރިތައްވެސް މިރޭ ހީވަނީ ހިތާމައިން ތިބިހެންނެވެ. ފިޔަޖެހުމެއްނެތި ހިމޭން ކަމާއިއެކު މިޝްއަލް އާއި ބައިވެރި ވަނީ ކަހަލައެވެ. މިޝްއަލް ވިނަގަނޑު މަތީ އޮށޯވެލައިގެން އޮތްއިރު ޖެހެމުންދިޔަ ލުއި ވައިރޯޅިތައް އެފަންއިސްތަށިގަނޑާއި ސަމާސަ ކޮށްލާފައި ނިއްކުރިމައްޗަށް ފަތުރުވާލެވޭތޯ މަސައްކަތް ކުރަނީއެވެ. ދުރުގައި ބޮނޑިއަކަށް ހެދިފައިވާ ގަސްތަކު ތެރެއިން ދޫނިތަކެއް ގޮވައިގެންފައި އުދުއްސައިގަތީ ކުއްލިއަކަށެވެ. މިޝްއަލް ކައްޓެއްހެން ކޮޅަށް ތެދުވެފައި އެނބުރިލިއިރު ކައިލް ހުރީ ކުރިމަތީގައެވެ. އެމޫނުން މުޅިން ތަފާތު އަސަރުތަކެއް ފެނުމުން މިޝްއަލްގެ ހިތުގައި ސުވާލު އުފެދުނެވެ. ކައިލް މޮޅިވެފައި ހުއްޓާ ދެކުނު ހަނދާނެއް މިޝްއަލް ނެތެވެ. ސުވާލު ކުރަންވެގެން އަނގަ ހުޅުވާލިތަނާ ކައިލް ވާހަކަދައްކަން ފަށައިފިއެވެ.

"މިޝްއަލް... ޒޭބާ އެވަނީ ނުރައްކަލުގެ ތެރޭގައި. އޭނާއަށް މިޝްއަލްގެ އެހީ ބޭނުން. މިތާ އެކަނި ނީނދެ ޒޭބާއަށް އެހީވާން ދޭ! އޭނަ ކިތަންމެ ބާރު ހުއްޓަސް އެބާރުތަކުގެ ބޭނުން ހިފަން ނޭނގޭހާ ހިނދަކު މިޝްއަލްގެ އެހީ ބޭނުންވާނެ." ކައިލް އެގޮތަށް ވާހަކަ ދެއްކުމުން މިޝްއަލް އިތުރަށް ހައިރާންވެ ބަހެއް ނުބުނެވިފައި އިރުކޮޅަކު ހުއްޓެވެ. "މިޝްއަލް ބުނެގެން އައި އަންހެންމީހާ މިޝްއަލްއަށް ވެސް ކެހިދީފައި ސަރުދާރުގެ ބޭނުން ފުއްދަން އެމަސައްކަތް ކުރަނީ. އަހަރެން މިއައީ އަމިއްލަ ލޮލުން ދެކިފައި. އެހީތެރިންނާއިވެސް ނުލައި ޚުދު ސަރުދާރު އެންމެ ފަހުން ޒޭބާ ހޯދަން އެއައީ. ސަރުދާރުގެ ޖިންނީންނަށް ނުވި ކަންތައް އަމިއްލައަށް ކުރަން އެއައީ. މިޝްއަލް ހަމަތެދެއް މިބުނަނީ މިހާރު ނުގޮއްސިއްޔާ ވަގުތު ފާއިތުވެދާނެ. ޝޭން އާއި ޒޭބާގެ ސަލާމަތް ވަނީ މިޝްއަލްގެ އަތްމަތީގައި." ކައިލް ވާހަކަދައްކަން ހުރެފައި މިޝްއަލްގެ ކޮނޑުގައި ހިފާ ކޮށްޕާލިއެވެ. މިޝްއަލް ދާންވެގެން ހިނގައިގެންފައިވެސް އަދި އެއްފަހަރު ކައިލްގެ މޫނަށް ކަޅިއެއް އެއްލިއެވެ. "ކައިލް ނުދާނަންތަ؟" މިޝްއަލް ބަލައިލީ ކައިލްގެ ލޮލަށެވެ. އެދެލޮލުން މިއަދު މުޅިން ތަފާތު ވާހަކައެއް ކިޔައިދޭ ދުވަހެއްކަން ޔަގީނެވެ. "އަހަރެން މީ މިވަގުތު އެތަނަށް ދާން އެންމެ އެކަށީގެންނުވާ ފަރާތް. ޒޭބާ އުފާވާނީ މިޝްއަލް ފެނުނީމަ." ކައިލް އިސްއޮބައިލައިފައި އަނެއްފަރާތަށް އެނބުރުނެވެ.

މާވިންއަށް ނިދެމުން ދަނިކޮށް ސިއްސައިގެން ދިޔައެވެ. ލޫސީ ތެޅިގެންފައި ތެދުވީ ކުއްލިއަކަށެވެ. މުޅި ކުއްޖާ އިނީ ދާހިތްލާ ފޯވެފައެވެ. މާވިން ލޫސީގެ އަތުގައި ހިފާ ބާރުކޮށްލާފައި ވެގެން އުޅޭގޮތް ސާފު ކޮށްދޭން އެދުމުން ތަކުރާރުކޮށްވެސް ކިޔަނީ އެންމެ ނަމެކެވެ. އެއީ "ޒޭބާ" މިނަމެވެ. މާވިން ކަންބޮޑުވެފައި ތެދުވެގެން ގޮސް ސައިޑްޓޭބަލް މަތީ ހުރި ޖަގުން ފެންތައްޓެއް އަޅާ ފުރާލައިގެން އައިސް ލޫސީއަށް ދިއްކޮށްލުމުން ބަހެއް ނުބުނެ އިނދެފައި ކުޑަ ކުއްޖެއްހެން ތަށީގައި ދެއަތުން ހިފައި އެއްނޭވައިން ހުސްކޮށްލައިފިއެވެ.

"ދެން ބުނެބަލަ! ކިހިނެތްވީ؟" މާވިން ލޫސީގެ ކޮނޑުގައި ފިރުމަމުން ލޯއްބާއެކު ސުވާލު ކުރިއެވެ. "އަހަންނަށް ހީވަނީ ޒޭބްއަށް ކަމެއްވެއްޖެހެން... އައި ކޭން ފީލް އިޓް." ލޫސީ ނޭވައެއް ލާފައި އަމިއްލަ ނަފްސް ހަމައަކަށް އެޅުމުން ވާހަކަދެއްކިއެވެ. "ހުވަފެނެއް ފެނުނީ ދޯ؟ ތީ ކަމެއް ނޫން. ހުވަފެނަކީ ބިލާހެއް." މާވިން ލޫސީއަށް ވިސްނައިދޭން އުޅުމުން ލޫސީ ކުއްލި އަކަށް ރޯން ފަށައިފިއެވެ. "ނޫން މާވިން. އައި ނީޑް ޓު ކޯލް ހަރ.... ޒޭބްގެ އަޑު ނީވެނީހެއް އަހަރެން ނުނިދާނަން." ލޫސީ ގޮތް ދޫ ނުކޮށްގެން މާވިން އެންމެފަހުން ފޯން ހޯދައިގެން ގުޅައިފިއެވެ. "ސައިލެންޓަށް ލާފައި ކަންނޭނގެ." މާވިން ފޯން ކަންފަތުން ނައްޓާލީ ރިންގްވޭވޭ ގޮސް ކެނޑުނުއިރުވެސް ނުނެގީމައެވެ. "ކޯލް މަމް." ލޫސީ އަދިވެސް ހުއްޓާލާކަށް ނޫޅޫނެވެ. މާވިން ހަފީޒާއަށް ގުޅައިގެންވެސް ޖަވާބެއް ނުލިބުމުން ލޫސީ އިތުރަށް ހާސްވެ އެގެއަށް ދާންވެގެން އެދެން ފަށައިފިއެވެ. "ކޯއްޗެއްތަ ފެނުނީ ހުވަފެނުގައި." މާވިން ބޮލަށް އުދަނގޫވެގެން ތަންކޮޅެއް ބާރަށް އެހިއެވެ. "މުސްކުޅިޔަކު ފަންޑިތަ ހަދައިގެން ޒޭބް އާއި ޝޭން މަރާލިތަން ފެނުނީ." ލޫސީގެ ޖަވާބު އަހާފައި މާވިންގެ ގައިން ހީބިހި ނަގައިގަތެވެ. އިތުރަށް ބަހުސް ކުރަން ނޫޅި މާވިން ތެދުވެ ގަމީސް ލައިގެން ބޭރަށްދާން ތައްޔާރުވާން ފެށިއެވެ. ލޫސީވެސް ނިދާ ހެދުން ބާލައިފައި އަތްދިގު ޓީޝާޓަކާއި ޖިންސެއް ލައިގެން އިސްތަށިގަނޑުގައިވެސް އަތުން ފުނައަޅާލައިފައި ވޫލްކޮޅަކުން އައްސާލައިގެން ދެޒުވާނުން އެކުގައި ނިކުތެވެ.

މިޝްއަލް ގެއްލުނު ފަހުން ކައިލް ހުރީ އުޑާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ޖިންސްގެ ޖީބުތެރޭ އޮތް ދެއަތްތިލައިގައި މަޑު ތުރު ތުރެއް އުފެދުނީ ޒޭބާ އަށާއި ޝޭންއަށް ވެދާނެ ގޮތަކާއިމެދު ހިޔާލު ކޮށްލެވުމުންނެވެ. ކައިލް ނުދާން ނިންމައިގެން ހުއްޓަސް ހިތް ތެޅެނީ އޮބި އޮންނަ ވަރަކަށް ނޫނެވެ. ސަރުދާރާއި މުސްކުޅިޔާގެ ކުރިމަތީގައި މިޝްއަލް އެކަނި ހިފަހައްޓާލެވިދާނެ ބާއޭ ހިތަށް އެރުމުން ސިކުނޑިވެސް އެކަމާއި ދެކޮޅުހެދިއެވެ. ޒޭބާއަށް ބާރުގެ ބޭނުން ކުރަން ދަސްވެފައި ނެތަސް އެހަށިގަނޑުގައި އެތައް ބާރެއްވީތީވެ ސަރުދާރަށްވެސް އެޖެހުނީ ޒޭބާ މަރާލަން ފަންޑިތައިގެ އެހީ ހޯދާށެވެ. ކައިލްއަށް ނުވިސްނުނީ ބައްޕައަށް ވަފާތެރި އެއިންސާނާ ސަރުދާރުގެ ބަހަށް ހެއްލެންވީ ސަބަބެކެވެ. ކައިލް ބަލަހައްޓައިގެން ހުއްޓާ ކަޅުވިލާތަކުން އުދަރެސް ވަށާލައި ހުރިހާ ތަރިތަކެއް ބޮނދައިފިއެވެ. އިތުރަށް އެންމެ ސިކުންތެއްވެސް އަމިއްލަ ނަފްސް ކޮންޓްރޯލް ކުރުންވީ ނާކާމިޔާބު ކަމަކަށެވެ. ކައިލްގެ އަޒުމް ގުޑައިގެން ދިޔަހިނދު އަނެއްފަރާތަށް އެނބުރިފައި ޒޭބާގެ ގެއަށް ދާންވެގެން ދަތުރު ފަށައިފިއެވެ. 

ފެރީން ފައިބާފައި ލޫސީ ފެށީ ދުވާށެވެ. މާވިން ނުދުވަން ހުރެފައިވެސް ލޫސީ މާކުރިއަރައިގެން ދާން ފެށުމުން މަޖުބޫރު ވެގެން ދުއްވައިގަތެވެ. ސިލްވަރ ބީޗް ހުންނަ މަގަށް އެޅުނުއިރު ވަރުބަލިވެގެން ކޮޅަށް ހުރުން ދަތިވެއްޖެއެވެ. ލޫސީ އެދިޔަ ބާރުމިނުގައި ކޮންޓްރޯލް ނުވެގެން ވެއްޓެން ދަނިކޮށް މީހަކު ހިފަހައްޓައިލުމުން ސިހިގެން ދިޔައެވެ. "މިޝްއަލް!" ލޫސީ ފަދައިން މާވިންއަށްވެސް ލިބުނީ ސިހުމެކެވެ. "ދެމީހުން މިގަޑީގައި މިތާ ކީއްކުރަނީ؟" މިޝްއަލް ކަންބޮޑުވެގެން އަހައިލިއެވެ. "އަހަރެމެންނަށްވެސް ހަމަ ތިސުވާލު ކުރެވިދާނެ." މާވިން ފާޑަކަށް އެއްބުމަ އަރުވައިލަމުން ހަށަން ބަނދެލިއެވެ. "އަހަރެންނަށް ނުބައި ހުވަފެނެއް ފެނިގެން ގުޅާ ގުޅާ ޒޭބް ފޯން ނުނެގީމަ މިއައީ. ޒޭބްއަށް ކަމެއްވީ ތޯ ބަލަން." ލޫސީ މާވިން އާއި ހިލާފަށް ސުވާލުގެ ޖަވާބު ދިނެވެ. "އަހަރެން މިއައީ ކައިލް ގޮސް ބުނީމަ. ޒޭބާ ވަނީ ނުރައްކަލުގައި." މިޝްއަލްގެ ޖުމްލަ ނިމުނުތަނާ ގޭތެރެއިން ބާރުގަދަ އެއްޗެއް ގޮވި އަޑާއެކު މައްޗަށް އަރައިގެން ދިޔަ އަޑާއެކު މުޅިތަނަށް އޮލަ ދުންތަކެއް ފެތުރި އެކަކު އަނެކަކު ވަކިނުވާވަރު ވެއްޖެއެވެ. 

ލޫސީ އެއްއަތުން ނޭފަތާއި އަނގަ އެއްކޮށް ނިވާކޮށްގެން އަނެއް އަތުން ދުންތައް ފޮޅަން ފަށައިފިއެވެ. މާވިންއަށް ގޮވާ ގޮވާ ޖަވާބެއް ނުލިބުމުން ބިރުން ތުރު ތުރު އަޅަން ފެށިއެވެ. އެވަރުންވެސް ހިތްވަރު އެލުވާ ނުލާންވެގެން ދުންތައް ފޮޅަމުން ކުރިއަށް ގޮސް ގޭގެ ދޮރު ހޯދައިގެން އެތެރެއަށް ވަދެއްޖެއެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ބަދިގެ ދޮރު ކައިރީގައި އޮތް ހަފީޒާ އެވެ. ލޫސީއަށް ރޮވެން ފެށުމުން އަނގަމަތީ އަތް އަޅާލައިފައި އަޑު ބޭރުވިޔަނުދީ ހިފެހެއްޓިއެވެ. ސިޓިންރޫމްގައި ބޮކި ދިއްލާފައި ނެތަސް ޒޭބާގެ ކޮޓަރިން ފޭދިފައިވާ އޮރެންޖް އައްޔެއް މުޅި އެހިސާބަށް ފެތުރިފައިވާތީ ތަންދޮރު އޮޅުންފިލައެވެ. ލޫސީ ކަރުނަތައް ފުހެމުން ސިއްރު ފިޔަވަޅުތަކެއްގައި ގޮސް ހަފީޒާގެ މަގަތުގައި އިށީންދެފައި މޫނުގައި ދެއަތުން ހިފާ އުނގަށް ލައިގެން މަޑުމަޑުން ގޮވަން ފެށިއެވެ. ނަސީބަކުން ނޭވާލައެވެ. އިރުކޮޅަކުން ތެދުވެފައި ބަދިގެއިން ފެންތައްޓެއް ގެނެސް މޫނަށް ވިއްސައިގެންވެސް ހަފީޒާ ލޯ ހުޅުވާގޮތެއް ނުވިއެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިން އެމަސައްކަތް ހުއްޓާލައިފައި ލޫސީ މިސްރާބު ބަދަލުކޮށްލީ ސިޑިއާއި ދިމާއަށެވެ. ކޮޓަރި ތެރޭގައި ޒޭބާ އާއި މެދު ކަންހިނގާ ގޮތެއް ބަލަން އޭނާ ނުހަނު ބޭނުމެވެ. 

ވަގެއްހެން ސިޑީގެ ހަރުފަތްތައް ގިރާކޮށްފައި ކޮޓަރީގެ ދޮރާއި ހަމައަށް ދެވުނުފަހުން ލޫސީ މަޑު ޖެހިލިއެވެ. އެތެރެއިން އަލިފާންގަނޑެއް އަނދާ އަޑު ރީތިކޮށް ފާހަގަ ކުރެވުނެވެ. ބޭރަށް ފޭދިފައި އެހުރީ އެއަލިފާންގަނޑުގެ އަލިކަން ޔަގީނެވެ. ލޫސީ ކޮޓަރީގެ ދޮފަތާއި ކައިރިވެލާފައި ތަޅުގައި ހިފާލަން އުޅެނިކޮށް އެނގުނީ ދޮރު ހުރީ އެއްކޮށް ނުލައްޕާ ކަމެވެ. ހަނި ދާރައިން އެތެރެ ބަލަންވެގެން ލޯ ޖެހިއިރު އަލިފާންގަނޑު ހުރީ ކޮޓަރީގެ މެދުގައެވެ. ލޫސީ ޒޭބާ ފެނޭތޯ ވަށައިގެން ނަޒަރު ހިންގާވެސް ޒޭބާއެއް ނުފެނުނެވެ. ފަހަރުގައި ޒޭބާ އިނީ ދޮރާއި ނިވާވެފައި ކަމަށްވެދާނެއެވެ. ކޮންމެ ގޮތެއްވިއަސް އެދޮރު ހުޅުވުމަކީ އަމިއްލައަށް މަރުވުން ކަހަލަ ކަމެކެވެ. ލޫސީ ކަންތައް ކުރާނެ ގޮތެއް ނޭނގިގެން ހުއްޓާ އެތެރެއިން މުސްކުޅިޔާ ދޫހަލުވި އެއްޗެއް ކިޔާ އަޑު އިވުނެވެ. އޭނާ އިސްޖަހައިގެން އިނީ ތިރީގައި ދެފައި ވަށްކޮށްލައިގެންނެވެ. ލޫސީއަށް އެމީހާ ފެންނަނީ އެއް އަރިމަތީންނެވެ. ޝޭންގެ ރުއިމުގެ އަޑު އަންނަން ފެށީ ދެނެވެ. އެއަޑުގައިވި އިންތިހާ ދަރަޖައިގެ ވޭނަކުން ލޫސީގެ ލޯވެސް ކަރުނުން ތެންމާލައިފިއެވެ. ލޫސީއަށް ނުހުރެވިގެން ތަޅުގައި ހިފާލަން އުޅެނިކޮށް ޒޭބާގެ އަޑު އިވިގެން ފަސްޖެހެވިއްޖެއެވެ.

"ކަލޭ ކޮންކަމެއްތަ ބޭނުންވެގެން ތިއުޅެނީ؟" ތިގޮތަށް މަގޭ ދަރިފުޅަށް އަނިޔާ ނުކުރިއަސް ތި ބޭނުންވެގެން އުޅޭ އެއްޗެއް ބުނީމަ އަހަރެން އެކަން ކޮށްދޭނަމޭ." ޒޭބާގެ އަޑުގައި ރުޅިވެރިކަން ވިއެވެ. ލޫސީއަށް ޒޭބާ ފެންނަން ނެތަސް ޒޭބާ ދެކެ ޖެހިލުން ވެވުނެވެ. މުސްކުޅިޔާ އަނެއްކާވެސް ކޮންމެވެސް ބަނދިވަރެއް ކިޔަން ފެށުމާއެކު ޝޭންގެ ރުއިން ގަދަވިއެވެ. އަލިފާންގަނޑުން ބަޑި ޖަހަން ފެށީ ކުއްލި ކުއްލި އަކަށެވެ. ލޫސީ ކޮންމެފަހަރަކު ސިއްސައިގެން ގޮސް މޭގައި އަތް އަޅައިލެވެއެވެ. އެއްފަހަރު އެގޮތަށް ސިހިގެން ފަހަތަށް ޖެހިލިތަނާ މީހެއްގެ ގައިގައި ޖެހިގެން ހަޅޭއްލަވައި ގަނެވިއްޖެއެވެ. މާވިން އަވަސް އަވަހަށް ލޫސީގެ އަނގަމަތީ އަތް ނޭޅިނަމަ އަޑު ބޭރުވީހެވެ. ލޫސީއަށް ދޫކޮށްލެވުނީ ފުން ނޭވައެކެވެ. "މާވިން... އަހަރެމެން ކިހިނެއް ހަދާނީ؟ މިހެން ބަލަން ތިބެގެން ނުވާނެއްނު." ލޫސީ ކަރުނުން ފުރިފައިވާ ލޮލުން މާވިންއަށް ބަލައިލާފައި ވައިއަޑުން ބުނެލިއެވެ. "އަހަރެން ޓްރައިކޮށްފިން އެތެރެއަށް ވަދެވޭތޯ... އަހަރެމެންނަށް ވާވަރު ކަމެއް ނޫން.... މިޝްއަލްމެންގެ ހުންނަ ކަހަލަ އާދަޔާ ޚިލާފު ބާރެއްނެތް އަހަރެމެންގެ." މާވިންގެ ޖުމްލަ އެހިސާބަށް ދިޔަތަނާ ލޫސީ މާވިންގެ ގަމީހުގައި ހިފާ ތަޅުވައިގަތެވެ. "ތީގެ މާނައަކީ މިޝްއަލް ވީ އެތެރޭގައޭތަ؟" ލޫސީގެ ދެލޯ ބޮޑުވިއެވެ. މާވިން ބޯ ޖަހައިލައިފައި ލޫސީގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. "ލެޓްސް ހޯޕް ހީވިލް ބީ ބެކް ވިތް ޒޭބް... އެން ޝޭން." މާވިންގެ ޖުމްލަ ނުނިމެނީސް ލޫސީ އަނެއްބައި ފުރިހަމަކޮށްލިއެވެ.

"ކައިލް.........!!!!! މިޝްއަލް.........!!!!!!" މާވިން އާއި ލޫސީ އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބާ ޒޭބާ އަޑުގެ ކޮޅަށް ރޮއިގެންފައި ގޮވާލި އަޑު އިވުނެވެ. އެމީހުނަށް އެނބުރި ލެވުނުއިރު ކޮޓަރި ތެރެއިން ފެނުނު އަލިފާންގަނޑު ނިވި މުޅިތަނަށް އަނދިރިކަން ވެރިވެގެންފިއެވެ. ދޮރު ހުޅުވާލެވުނީ ލޫސީގެ އަމިއްލަ އިޙުތިޔާރަކު ނޫނެވެ. އަނދިރީގެ ތެރެއަށް ފެތުރިފައިވާ އޮލަ ދުންތަކުން ތަންދޮރު ވަކިވާގޮތް ނުވުމުން ލޫސީ ކުރިއަށް ދިޔައީ ފާރުގައި އަތް ކާއްތަމުންނެވެ. ފަހަތުން މާވިން ވަނީ ލޫސީގެ އަތުގައި ހިފައިގެންނެވެ. "ޒޭބް؟ ޔޫ އޯލް ރައިޓް؟؟؟؟" ލޫސީ ފަރާތް ފަރާތަށް ލޯ ހިންގަމުން ސުވާލު ކުރިއެވެ. ޒޭބާގެ ރުއިމުގެ އަޑު އައީ ކޮޓަރީގެ ކަނަކުންނެވެ. ޝޭން ފެނުނީ މާވިން އަށެވެ. އެނދުމަތީގައި އެކުޑަ ކުއްޖާ ދެފައި ތަޅުވާލާނެވެސް ބާރެއްނެތިފައި އޮތްވާ ފެނުމުން މާވިން ދުވެފައި ގޮސް ޝޭން ނަގައި އުރާލިއެވެ. އޭރު ދުންތައް ހިނދެމުން ތަނަށް ލޯ ހޭނެމުން ދިޔައެވެ. ލޫސީ ކުރިއަށް ދަނިކޮށް އެއްޗެއްގައި ފައި ޖެހިގެން ބަލައިލިއިރު މުސްކުޅިޔާ އޮތެވެ. ބިރުން ހުރެވެސް ތިރިވެލާފައި އޭނާގެ ވިންދު ޗެކް ކޮށްލިއިރު ވިންދެއް ނުލިބެއެވެ. ލޫސީއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވައެކެވެ. އެކަމަކު ޒޭބާ ގިސްލާފައި ރޯ އަޑު އިވޭތީ އިތުރަށް ހިތް ނުތަވަސްވެގެން އެދިމާއަށް ދެވުނެވެ. ލޫސީ ގޮސް ހުއްޓުނު އިރު ޒޭބާ އާއި އަދިވެސް އެކަކު ދެކަކޫ ޖަހައިގެން ތިބެ، ތިރީގައި އޮތް އެހެން މީހަކުގެ އަތުގައި ހިފައިގެން ޒޭބާ ހަމަ ހުއްޓާނުލައި ރޮނީއެވެ. ފަހަތުން ފެންނަން ހުރުމުން އެއްނިބޫ ދެމީހުން ފާހަގަ ކުރަން ދަތިވިއެވެ. ތިރީގައި އޮތީ މިޝްއަލް ކަމެއް ނޫނީ ޒޭބާގެ ކައިރީގައި އިނީ ކައިލް ކަމެއް ނޭނގުނެވެ. ޔަގީނުންވެސް އެތަނުން އެކަކު އެއޮތީ ޓައިލްސް މަތީގައި ފަހު މިނެޓްކޮޅު ގުނާށެވެ. ދެން އިން މީހަކު ޒޭބާގެ ކައިރީގައި އެއިނީއެވެ. ލޫސީ އޮޅުން ފިލުވަން ބޭނުންވެގެން ކުރިއަށްވުރެވެސް ކައިރިވެލިއެވެ. 

ކޮމެންޓް 0