އަރްޖްގެ ވާހަކަ ނިމުމުން މިޝްއަލް އަޖައިބުވެފައި އިރުކޮޅަކު ހިމޭންކަން އިޙުތިޔާރު ކުރިއެވެ. މިޝްއަލްގެ ހައިރާންކަން ގުޅިފައިވީ އެވާހަކަ އަކާއި ނޫނެވެ. އަރްޖް އެ ކިޔައިދިނީ އޭނަ ކުޑައިރުއްސުރެ އަހާފައިވާ ގޮތަށެވެ. ހަމައެކަނި ތަފާތަކީ އަރްޖްގެ ލޯބިވެރިޔާ ދުނިޔެއިން ނައްތާލި ކަމަށް އިވުނު ވާހަކަ އަރްޖް ދޮގު ކުރިކަމެވެ. ސުވާލުވެސް ނުކޮށް ހުއްޓައި އަރްޖް އެ ވާހަކަތައް މިޝްއަލްއަށް ކިޔައި ދިނީ ހަގީގަތް އެނގިގެން ބާވައެވެ؟ އަރްޖް ފަދައިން އޭނާވެސް އެގޮޅިއަށް ވަންނަން ޖެހުނީ އިންސިއަކާއި ގުޅިގެން އޭގެ ސަޒާ ލިބިގަންނަން ކަން އަރްޖަށް އެނގޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟ އެސުވާލު ތަކުގެ ޖަވާބުވެސް އަރްޖް ދިނެވެ. 

އާދައިގެ އެހެން ޖިންނިންނަށް އެކަކު އަނެކަކުގެ ސިކުނޑިއަށް ވަދެ ވިސްނުމާއި ހަމައަށް ދަތުރު ނުކުރެވުނަސް އަރްޖަށް އެ ޤާބިލުކަން ލިބިފައިވެއެވެ. އަރްޖް އަކީ މިޝްއަލް އަށްވުރެ އެތައް ގޮތަކުން ތަފާތު ޖިންނި އެކެވެ. އުންމީދުގެ އެންމެ ފަހު ދޯދިފަށްވެސް އިތުރަށް ކަނިވެގެން ދިޔައެވެ. އަރްޖް ފަދަ ބާރުގަދަ ޖިންނި އަކަށް ނުވެވުނު މިންޖެއް މިޝްއަލްއަށް ވެވިދާނެ ހެއްޔެވެ؟ އަލުން އަނބުރާ ޒޭބާގެ ހަޔާތަށް ދިއުމަކީ ނުވެދާނެ ކަމެއް ހެން މިޝްއަލްއަށް ހީވެ ލޮލުން ކަރުނަ އައެވެ. އެރީތި އަންހެންކުއްޖާގެ ލޯބިން މިޝްއަލްގެ މުޅި ދުނިޔެ ބަދަލުކޮށްލައިފިއެވެ. ލޯއްބަކީ މިހާ ވޭންދެނިވި އެއްޗަކަށް ވީ ކީއްވެ ހެއްޔެވެ؟

ގެއަށް ދިއުމުގެ ބަދަލުގައި ޒޭބާގެ މިސްރާބު ހުރީ އަތިރިމައްޗަށެވެ. ފިތުރޯނު ގަސްތަކު ތެރެއިން ނިކުމެގެން ގޮނޑުދޮށަށް ފައިބައިފައި ޒޭބާ ފައިވާން ދޫކޮށްލިއެވެ. ކައިލް އެއްޗެއް ނުބުންޏެވެ. ދޮންވެލިގަނޑު މަތީ ހިނގާލައިފައި ޒޭބާ ރާޅު ބީއްސާ ހިސާބުގައި ހުއްޓި ހަށަން ބަނދެލައިފިއެވެ. ޖެހެމުންދިޔަ ލުއި ރޯޅިތައް ހޭވިފައިވާ އިސްތަށިގަނޑާއި ސަމާސާ ކޮށްލައިފައި އެމޫނާއި ހަށިގަނޑުގައި ބޮސްދޭން ފެށީ އުފަލާއެކުގައެވެ. ޒޭބާގެ ހިތާއި ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ ކޮން ހިޔާލުތަކެއްކަން އެނގި ހުރެވެސް ކައިލް ހެދުނީ ނޭނގޭ ކަމަށެވެ. 

ލޫސީގެ ވާހަކަ ހުރި ގޮތުން ޒޭބާއަށް ނުވިސްނައެއްވެސް ނުހުރެވުނެވެ. މުޅިއަކުން އެއީ ދޮގެއްވެސް ނޫނެވެ. ދެވަނަ ފުރުސަތަކީ ޒޭބާ ވެސް ތާއީދު ކުރާ ކަމެކެވެ. އެކަމަކު މިޝްއަލް އެއީ އިންސާނަކަށް ނުވުން އެއީ ލޯތްބަށް ހުރަސް އެޅެންވީ ސަބަބަކަށް ވާންވީ ކީއްވެ ހެއްޔެވެ؟ ނޫނެކެވެ. އެއީ އިންސާފަކަށް ނުވާނެއެވެ. ސިފަ އާއި ޖީލަށް ބަލައިގެން ލޯބިވާން ވެއްޖެއްޔާ އެއީ ލޯތްބަކަށް ނުވާނެއެވެ. ލޯތްބަކީ ކަނު އެއްޗެކޭ މީހުން ބުނެ އުޅެނީ އެލޯބި ދެފަރާތުގެ ތަފާތުތަކަށް ފަސްއަޅާ ފޮރުވާލަ ދޭތީ އެވެ. 

މޫނުގައި އައިސް ޖެހުނު ފެންތިއްކާ އެކު ޒޭބާގެ ހިޔާލީ ދުނިޔެ ފުނޑު ފުނޑުވެ ވިއްސިވިހާލި ވެގެން ދިޔައެވެ. އުޑާއި ދިމާއަށް މޫނު އުފުލައިލި އިރު ހަތަރު ފަރާތުން އައިސް ބައްދާލި ކަޅު ވިލާތަކުގެ ދަށުގައި ހަނދުވެސް ނިދާލައިފިއެވެ. ކުޑަ ދުވަސްކޮޅަކަށް ނަމަވެސް މިޝްއަލްގެ ނޫރު ކެނޑިފައިވާ ޒޭބާގެ ހަޔާތް ފަދައިންނެވެ. ކަރުނުން ފުރިފައިވި ދެލޯ ހުސްކޮށްލުމަށް ޓަކައި އެސްފިޔަ ޖަހާލަމުން ކޯތާފަތް މަތިން ތިރިއަށް ރޮނގު ދެމިގެންދިޔަ ކަރުނަތައް ފުހެލައިފައި ޒޭބާ އެނބުރިލިއެވެ. ކައިލް ހުރީ ދުރުގައި ހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަމަ ކުއްލި އަކަށް ކައިލްއަށް އައިސްގެން އުޅޭ ހިމޭން ކަމަކީ ވެސް ޒޭބާއަށް އަޖައިބަކަށް ވެފައިވެއެވެ. 

"ކައިލް ކީއްވެ އެހާ ޗޭންޖީ ކިހާރު؟ އަނެއްކާ ހާލު ރަނގަޅުތަ؟" ޒޭބާ ކައިލް އާއި އަރައި ހަމަވެފައި ފައިވާނަށް އަރަން ވެގެން އިސްޖަހައިލިއެވެ. "ނޫނޭ. ވަރަށް ބޮޑަށް ބޮލުގައި ރިއްސާފަ، ކެއްސާފަ، އަރިދަފުސް އަޅާފަ، މެއަށް ތަދުވެފަ، ހުން އައިއްސަ، ތަންތާ ރިއްސާތީ މިއުޅެނީ." ކައިލް ނުހަނު ހަމަޖެހިލާފައި ފައްޗަކަށް އަމުނައިލިއެވެ. ޒޭބާގެ ހިނިގަނޑު ފަޅައިގެން ގޮސް ވަގުތުން ހުރިތަނަށް ތިރިވެވުނެވެ. ވެލިގަނޑު މަތީ އަތް ވިއްދާލައިގެން އިނދެ އިރުގަނޑެއް ވާންދެން ހެވުނެވެ. ބަނޑަށް ތަދުވެ، ލޮލުން ފެން އަންނާންދެން މެދުކެނޑުމެއް ނެތިއެވެ. ސިކުންތު ކޮޅެއް ކުރީން ޒޭބާގެ ހިތުގައިވި ހުރިހާ ނުތަނަވަސް ކަމެއް ކައިލްގެ ސަބަބުން ނެތިފިލާ ހިނގައްޖެއެވެ. ހިނދުކޮޅަކަށް ނަމަވެސް ހިތް ހުސްވެ ހަމަޖެހުން އިހްސާސް ކުރެވިގެން ދިޔައެވެ. 

އިރުގަނޑަކުން ހިނިގަނޑު މަތަ ވެގެން ޒޭބާ ތެދުވެފައި ހިނގައި ގަތެވެ. ތަންކޮޅަކަށް ދެވުނު ތަނާ އަނެއްކާ ހަނދާންވެގެން ހީގެންފިއެވެ. ފެންވިލާގަނޑަކުން ބިންގަނޑަށް ވާރޭ ވެހިލި ކަހަލައެވެ. އެހާ ފޮނި ފޮނި އަޑެއް ކައިލްގެ ކަންފަތަށް މީގެ ކުރިން އިވުނު ހަނދާނެއް ނުވެއެވެ. މޯޅިވެ، ހިކިފައިވާ މާމެލާމެލި އަލުން ތާޒާވެ ފޮޅިގެންދާފަދަ ބާރެއް ވާކަން ގައިމެވެ. ކައިލްގެ ސިއްރު ނަޒަރު ޒޭބާގެ މޫނަށް ހުއްޓުނީ އިޙުތިޔާރަކު ނޫނެވެ. އަނދިރީގެ ތެރެއިން އެމޫނު ފެންނަމުން ދިޔަ ގޮތުން ދެންމެ ވިލާތަކު ތެރޭ ފޮރުވުނު ހަނދު ނެތްކަން އިހްސާސެއް ނުވިއެވެ. އެރީތި ލޮލުގެ ވިދުވަރުން ތަރިތަކުގެ މަގާމު ފުރައިދޭނެއެވެ. ކައިލް ގެއްލިފައި ހުއްޓާ ޒޭބާއަށް ބަލައިލެވުނު ގޮތަކުން ހަތަރުކަޅި ބައްދަލުވެއްޖެއެވެ. ޒޭބާގެ ހިނިތުންވުން ފިލައި ބާރުބާރަށް ހިތް ތެޅެން ފެށިއެވެ. އޭނާއަށް ހީވީ ކައިލް ހިތްހަމަނުޖެހުނީ ކަމަށެވެ.

"ވާރޭ ވެހެން އުޅެނީ. ހިނގާ އަވަހަށް ގެއަށް ދާން!" ކައިލް އަނެއް ފަރާތަށް މޫނު އަނބުރާލައިފައި ހިނގައިގަތެވެ. ޒޭބާ ފަސް ފަހަތުން ދިޔައެވެ. ދޮރާއި ހަމައިން ކައިލް އާއި ވަކިވެގެން ޒޭބާ އެތެރެއަށް ވަނެވެ. އަފްލާކް ނިކުތީ ޒޭބާ ގެއަށް ވަން އަޑަށެވެ. އަފްލާކް ކުޑަކޮށް ހިނިތުން ވެލާފައި ހައެ ޖަހާލިއެވެ. ޒޭބާ އުޅުނީ އަވަހަށް ގޮސް ސިޑިން އަރާށެވެ. "ޒޭބް ޕްލީޒް. ކިހާވަރަކަށް އާދޭސް ކޮށްގެންތަ އަހަރެންގެ ވާހަކަ އަޑު އަހާނީ؟" އަފްލާކް ޒޭބާގެ ކުރި ބައްދާފައި ކެތްތެރިކަން ކުޑަ ރާގެއްގައި ވާހަކަދެއްކިއެވެ. ޒޭބާ އެވަރުން ވެސް އަނގައަކުން ނުބުންޏެވެ. އަފްލާކް ބަލައިލުމުން އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. "ޒޭބް ޕްލީޒް. ލެޓް މީ އެކްސްޕްލެއިން!" ދެވަނަ ފަހަރަށްވެސް އަފްލާކް އާދޭސްކުރިއެވެ. ޒޭބާގެ ހިތް ހިލައަށްވީ ކޮންއިރަކު ހެއްޔެވެ؟ އެހާ ރީތި ޒުވާނަކު ކުރިމަތީ ހުރެ އާދޭސް ކުރާ އިރުވެސް އަޑުއިވޭ ކަމަށް ނުހަދައި ހުރެވޭނީ ހާދަ ކެތްގަދަވެގެންނެވެ. އަފްލާކްގެ އެންމެ ބަލައިލުމަކުން އަންހެންކުދިން މޮޔަކޮށްލާނެއެވެ. އެ އަޑު އެހާމެ ހިތްގައިމުވެފައި ފިރިހެންވަންތައެވެ. ބްރޫކް ޑޭވިސް ބުނެފައިވެއެވެ. އަނެކާގެ އިހްސާސަކީ ތެދު އެއްޗެއްކަން ޔަގީން ކުރުމަށްޓަކައި ބައެއް ފަހަރު މީހުން ގޮތުގައި ހިފަހައްޓައެވެ. ޒޭބާވެސް އެ މަސައްކަތް ކުރަނީ އަފްލާކް އިމްތިހާނު ކުރަން ކަހަލައެވެ. "ހަމަ އެންމެ ޗާންސެއް." ވިސްނަން ހުރެލާފައި ޒޭބާ އިސްއުފުލައިލިއެވެ. "އޯކޭ. ވަން ޗާންސް." އަފްލާކް އުފަލުން ހިނިތުންވެފައި ޒޭބާ ދާން ތަންދެއްކިއެވެ. "މާދަމާ ރޭ ނުވައެއް ޖަހާއިރަށް." ޒޭބާ ސިޑިން އަރައިގެން ދާން ފެށުމުން އަފްލާކް އަނެއްކާ ގޮވައިލިއެވެ. އެއަޑު އަހާފައި ޒޭބާ ކުއްލިއަކަށް ހުއްޓި ފަސްއެނބުރި ލައިފިއެވެ. "ހަނދާން ކުރާތި. މީ ޑޭޓް އެއް ނޫން. އަހަރެން ހިތްހަމަނުޖެހޭ އެންމެ ކަމެއް އަފްލާކް ކުރި އަސް އެހިސާބުން ފުރުސަތު ގެއްލުނީ." ޒޭބާ އަފްލާކްގެ ޖަވާބަކަށް އިންތިޒާރު ކުރުމަކާ ނުލާ އަރައިގެން ދިޔައެވެ. 

"ބޭބީ. ޔޫ ވޮން ރިގްރެޓް." އަފްލާކް ޒޭބާ ގޮސް ގެއްލުނު ދިމާއަށް ބަލަން ހުރެފައި ހިތާއި ދިމާއިން މޭގައި ފިރުމާލިއެވެ. ހީވެސް ނުކޮށް ހުއްޓާ ޒޭބާ އެހާ ފަސޭހައިން އެއްބަސް ވުމުން އަފްލާކްގެ ހިތަށް ބުނެދޭން ދަތިވަރަށް އުފާވެރިކަން އިހްސާސް ކުރެވެމުން ދިޔައެވެ. އެހަޔާތަށް ޒޭބާ އަލުން ގެނައުމަށް ޓަކައި އަފްލާކްގެ އުންމީދުގެ ހުޅުކޮޅު އިތުރަށް ބޮޑުވެގެން ހިނގައްޖެއެވެ. 

ކޮޓަރިއަށް ވަދެފައި ބަލައިލި އިރު ކައިލް ކުޑަ ދޮރުމަތީ އެއްފައި ނަގައިގެން އިނެވެ. ޒޭބާ ގޮސް އެނދުގައި އިށީންދެފައި ކައިލްއަށް ބަލައިލި ތަނާ ފުރާޅަށް ވާރޭވެހެން ފެށިއަޑު އިވުނެވެ. "އޭނައަށް ޒޭބާ ޖެހޭތަ ފުރުސަތު ދޭން؟" ކައިލް ސުވާލު ކުރީ ދުރު ބަލަން އިނދެގެންނެވެ. އެކަމަކު އެއަޑުގައިވި ރުންކުރުކަން ޒޭބާއަށް ސިއްރެއް ނުވިއެވެ. "އަހަރެން ހަމައެކަނި ބޭނުން ވަނީ އަފްލާކް ދައްކާ ވާހަކަ އަޑު އަހާލަން. އެއިރުން އޭނަ އަކަށް ނުބުނެވޭނެ އަހަރެން އެފުރުސަތު ނުދެއެކޭ. އެހެންނޫނީ ބޯފަޅައިގެން ދާ ވަރު ކުރާނެ. އައި ނޯ ހިމް. އަފްލާކް ކުރަން ބޭނުން ކަމެއް ވީމަ ނޫނީ ހުއްޓައެއް ނުލާނެ." ޒޭބާ ހަމަޖެހިލައިފައި ކިޔައިދިނެވެ. "ދެން އޭނަ ކޮންމެހެން ކުރަން ބޭނުން ކަމަކީ ޒޭބާ އާއި އަލުން ގުޅުން ކަމަށްވެއްޖެއްޔާ ވާހަކަދެއްކުމުގެ މާނައެއް ނެތެއްނު. ތިޔަ ބުނިގޮތުން ވިއްޔާ ޒޭބާ ނޫނެކޭ ބުންޏަސް އޭނަ ހުއްޓައެއް ނުލާނެ." ކައިލްގެ ވާހަކައިން ޒޭބާ ހިމޭންވިއެވެ. ކައިލް އެބުނީ ރަނގަޅު ވާހަކައެކެވެ. "ޒޭބާ ބޭނުމިއްޔާ އަހަރެން..." ކައިލްގެ ޖުމްލަ ފުރިހަމަ ނުވަނީސް ޒޭބާ ނޫނެކޭ ބުނެ ބާރަށް ހަޅޭއްލަވައިގަތެވެ. "އަފްލާކްއަށް އެއްވެސް ކަމެއް ނުކުރާތި!" ޒޭބާ ފުންމައިގެން ތެދުވިއެވެ. 

"ކަލޭމެން އިންސާނުންނަކީ ހާދަ ގޮތެއް ނެތް ބައެކޭ ދޯ. ކަލޭމެންނަށް އެކަކު ނުފުދޭތަ؟ އަފްލާކް މަރާނުލައި ބެހެއްޓީމަ ކަލޭވީ އޭނަ ގޮވައިގެން މަޖާނަގަން. އެކަމަކު މިޝްއަލް އަންނަ އިރަށް މާ ވަފާތެރި އަކަށް ވެގެން އޭނަގެ އަތުތެރެއަށް ވަންނާނެ. ކަލޭމެން ހިތެއް ނުފުރޭނެ ދުވަހަކުވެސް. އެކަމަކު އަހަރެން ތިކަން ތިގޮތަށް ވިޔަކަ ނުދޭނަން." ކައިލް ފުންމައިގެން އައިސް ޒޭބާގެ ކުރިމައްޗަށް ހުއްޓި ދެކޮނޑުގައި ހިފާ ތަޅުވައިގެންފައި ބުނަން ފެށިއެވެ. އެދެލޮލުން އަލިފާން ކަނި ބުރައެވެ. ކައިލް ރުޅި އައިއްސަ ހުރިވަރުން ޒޭބާގެ ނާޒުކް ދެކޮނޑަށް ވާނެ ތަދާއި މެދުވެސް ވިސްނައެއް ނުލިއެވެ. ޒޭބާ އެވާހަކަ ތަކާއި ދެކޮޅަށް ބޯ ހޫރަމުން ދަނިކޮށް އެދެލޮލުން ކަރުނަ އައީ ކޮނޑުގައި އަޅަންފެށި ވޭނަކުންނެވެ. "ބުނަން ޒޭބާ. އަހަރެން ނުހުންނާނަން ކަލޭގެ ތިކުޅިގަނޑު ބަލަން ހިމޭނަކުންނެއް. ތިހެން ފާޑު ފާޑަށް މިޝްއަލް އަކާއި ނުކުޅެވޭނެ. އެއީ ކަލޭ ކުޅެން ހުރި ބުދެއް ނޫން. އެއީ އަހަރެންގެ ބޭބެ." ކައިލް ޒޭބާ ދޫކޮށްލާފައި ގޮސް ކުޑަ ދޮރު ކައިރީ ހުއްޓިފައި ދާރަ މައްޗަށް ފޮނުވާލި ގޮށްމުށުގެ އެތިފަހަރުން ދާރަ ފޫއަޅުވާލިއެވެ. އެވަގުތު ކޮޓަރި ތެރޭގައި ހުރި ހުރިހާ އެއްޗެއް ތެޅިގަތީ އެތަނަށް ބާރުގަދަ ބިންހެލުމެއް އައިސްގެން ތެޅިގަންނަހެނެވެ. ބައެއް އެއްޗެހި ހުރިތަނުގައި ކެތްނުވެގެން ޓައިލްސް މައްޗަށް ފުންމާލިއެވެ. ޒޭބާ ބިރުން ދެލޯ ބޮޑުކޮށްގެން ކައިލްއަށް ބަލަން ހުރިއިރު ދެއަތް ހުރަސްކޮށްލައިގެން ދެކޮނޑުގައި ފިރުމަމުން ދިޔައެވެ. 

"އެންމެ ފުރަތަމަ ދުވަހުވެސް އަހަންނަށް ކަލޭ މަރާނުލެވުނު ކަމަށްޓަކައި މިހާރު ހިތާމަކުރަން. އެހެންނޫންނަމަ މިޝްއަލް އާއި އަހަރެންގެ މުޅި އާއިލާ ވެސް ހުންނާނީ ރައްކާތެރި ކަމުގައި. ކަލޭ އެހީމެއްނު އަހަރެންގެ ހިމޭންކަމުގެ ސަބަބު. އެނގޭތަ އެއީ ކީއްވެކަން؟ މިއަދު ކަލޭގެ ސަބަބުން އަހަރެންގެ މައިންބަފައިން ވެސް އެތިބީ މިޝްއަލް ފަދައިން ހައްޔަރުކޮށްފައި. މިއަދު އަހަރެން ކިތަންމެ ބޭނުންވިއަސް އެމީހުން ސަލާމަތް ކުރަން ދެވޭކަށް ނެތް. ސަރުދާރާއި އޭނާގެ ބައިވެރިން އެތަން ބަލަހައްޓަމުން ދަނީ ވައިރޯޅިއަކަށް ވެސް އެމީހުންނަށް ސިއްރުން އެތަނަށް ވާސިލްނުވެވޭފަދަ ވަރުގަދަކޮށް. އެމީހުން އެތިބެނީ އަހަރެން މިޝްއަލް ސަލާމަތް ކުރަން ދާނެ ވަގުތަކަށް އިންތިޒާރުގައި. ސަރުދާރުގެ މަޤްސަދަކީ ހަމައެކަނި ކަލެ އާއި ހަމައަށް ވާސިލްވުން. އެކަމަކު އެކަން ކާމިޔާބު ވުމަށްފަހުވެސް އަހަރެންނާއި އަހަރެންގެ އާއިލާ ދާންޖެހޭ ހަމައެކަނި ތަނަކަށް އޮތީ ނަރަކަ." ކައިލް ރުޅިގަދަވެގެން ހުރިހާ ވާހަކައެއް ގޮވާލައިފައި އެނބުރިލުމާއެކު ޒޭބާ ބިރުން ފަހަތަށް ޖެހުނެވެ. އެމައުސޫމުކަން ދެކި ކައިލްގެ ނަފްސް ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ. އިތުރަށް ރުޅިގަދަވެ އަމިއްލަ ނަފްސް ހަމައިން ނެއްޓިއެވެ. ކައިލް ބަލާކަށް ނުހުރެ ބާރު ބާރަށް އައިސް ޒޭބާގެ ކަރުގައި ހިފާ ފިއްތާލީނުން ފުރާނަ އުފުރާލަން ތައްޔާރުވިއެވެ. ރޯމަހެއް ތެޅޭހެން ޒޭބާ ތެޅިގަތެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި ދެލޯ ނިކުމެ ނޭވާ ހުސްވާން ކައިރިވެފައި ވަނިކޮށް ކަރުނުން މަންޒަރު ފުސްވެ ޒޭބާގެ މޫނު މައްޗަށް އަނދިރިވެގެން ދިޔައެވެ.

ވެހޭ ވާރޭގެ އަޑު މިއުޒިކެއް ފަދައެވެ. ބެލްކަނީގައި ބަހައްޓާފައި ހުރި ޕޮޓްތަކުގައިވާ ފިނިފެންމާ ގަސްތައް އެވާރެއިން ތެންމަމުން ދިޔައިރު ބޭރަށް ފޭދިފައިވާ ހޮޅިބުރި އަލީގައި ވިދަމުން ދެއެވެ. ދޮރުކަނީގައި އަތް ވިދެލައިގެން ހުރި ލޫސީގެ ލޫޅާފަތި ހަށިގަނޑު ނިވާކޮށްލެވިފައި ވަނީ މަޑު ފިޔާތޮށި ކުލައިގެ ޕިޖާމާކޮޅަކުންނެވެ. އެ ބްރައުން އިސްތަށިގަނޑު އެއްފަރާތު ކޮނޑުމަތިން ގެނެސް ކުރިމައްޗަށް ވައްޓާލައިފައި އޮތެވެ. ވަޔާއެކު އައި ފެން ތިއްކެއް ލޫސީގެ މޫނުގައި ބީހިލުމާއެކު ތުރުތުރު އަޅައިގަތެވެ. ދެއިނގިލިން މޫނު ފުހެލާފައި ލޫސީ ބަލައިލީ ޖެހިގެން ހުރި ކޮޓަރިއަށެވެ. ދެކޮޓަރިން ނިކުމެވެން ހުންނަނީ އެއް ބެލްކަންޏަކަށެވެ. ކެތްތެރިކަން ކުޑަ ގޮތަކަށް ދެ އަތްތިލަ މޮޑެލާފައި ލޫސީ ދެވަނަ ފަހަރަށްވެސް ބަލައިލައިފިއެވެ. ހީވާގޮތުން ލޫސީ ކޮންމެވެސް މީހަކަށް އިންތިޒާރު ކުރަނީއެވެ. އިރުކޮޅަކުން އެކޮޓަރިން ނިކުމެގެން އައިސް ކުރިމައްޗަށް ހުއްޓުނީ މާވިންއެވެ. 

"ކީއްވެ އެހާ ލަސްވީ؟" ލޫސީ މާވިން ލައިގެން ހުރި ޓީޝާޓުގެ މޭމަތީގައި ދެއަތުން ހިފާ ބޮނޑިކޮށްލާފައި ޝަކުވާކުރިއެވެ. މާވިން ލުއި ހީލުމާއެކު ލޫސީގެ އުނަގަނޑު ވަށާލައިފައި ބިމުން ހިއްލާލައިގެން އެތެރެއަށް ވަދެ ދޮރު ލައްޕައިފިއެވެ. މީން އިރަކު ވާރޭ ހުއްޓާނެ ކަމެއް ނޭނގެއެވެ. ވާރޭވެހެން ތައްޔާރުވެފައި ހުއްޓާ މާވިންއަށް އެގެއަށް އާދެވުނުކަން އެއީ ކޮންފަދަ ބޮޑު ނަސީބެއް ހެއްޔެވެ؟ ދެ ލޯބިވެރިންނަށް އޯގާތެރިވީ ސައިފުﷲގެ ނިންމުމެވެ. އެހާ ތޫފާނީ ރެއެއްގައި މާވިން ވިލިނިގިއްޔަށް ނުގޮސް އެގޭގައި މަޑުކުރަން ސައިފުﷲ ދިން ދައުވަތު މާވިން ގަބޫލު ކުރީ އުފަލުންނެވެ. އެހާ ރީތި މޫސުމެކެވެ. ވައިލެޓް ކުލައިގެ ނިދާ ބޮކީގެ އަލި އެޅިފައި ލޫސީ ފެންނަލެއް ރީތިކަމުން މާވިންއަށް ކެތްކުރަން އުނދަގޫވިއެވެ. މާވިން ބަލަހައްޓައިގެން ހުރެފައި ކުއްލިއަކަށް މޫނު ކައިރި ކޮށްލިތަނުން ލޫސީ މާވިންގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައި މާވިންގެ މަގްސަދު ނާކާމިޔާބު ކޮށްލިއެވެ. 

"އޯހ ބޭބް. ޔުއަރ ޑްރައިވިން މީ ކްރޭޒީ." މާވިންގެ ދެލޯ އެކަނިވެސް އެއީ މަސްތުވެފައިވާ ކަނޑެއްފަދައެވެ. އެހާ ކެތްތެރިކަން ކުޑަވެފައި ވާހަކަ ދެއްކުމުން ލޫސީ ބޭނުންވީ އިތުރަށް އިމްތިހާން ކޮށްލާށެވެ. "ކްލޯސް ވެވޭނީ ޝަރުތެއްގެ މަތިން." ލޫސީ އަނެއްކާ ހީގެންފިއެވެ. "ސޭ އެނީތިން ޔޫ ވޯންޓް. މުޅި ދުނިޔެވެސް މުށުތެރެއަށް ލައިދީފާނަން. ނޫނީ ކާއިނާތުގައިވާ ހުރިހާ ތަރިއެއްތަ ގެނެސްދޭންވީ؟" މާވިން ހައްތަހާ ބޮޑަށް ލޫސީ ގަޔާއި ކައިރިކޮށްލިއެވެ. އެހަށިގަނޑުގެ ހޫނުން މާވިންގެ ހިއްސު ތަކުގައި ހުޅު ރޯކުރަނީއެވެ. މާވިންގެ ބިޔަ ހަށިގަނޑުގައިވާ ކޮންމެ ކަށިކޮޅެއްމެ އެވަގުތު ލޫސީއަށް ބޭނުންވެފައި ވެއެވެ. 

ނިދަންވެގެން ކޮޓަރިއަށް ވަންއިރު އަފްލާކްގެ އަތުގައި ކޮފީ މަގެއް ހުއްޓެވެ. ދޮރު އެތެރެއިން ތަޅުލައިފައި އަފްލާކް ގޮސް އަލަމާރި ތެރެއިން ފޮތްތަކެއް ނަގައިފިއެވެ. އެއީ އެގެއަށް އައި ފުރަތަމަ ދުވަހު ބަންދުކޮށްފައިވާ ކޮތަޅެއްގެ ތެރެއިން އޭނަ ނެގި ފޮތްތަކެވެ. އަފްލާކް އެފޮތްތައް ލިޔާ މޭޒުމަތީ ފަތުރާލައިފައި ޓޭބަލް ލައިޓް ޖައްސާލައިގެން އިށީނދެއްޖެއެވެ. އާވި އަރައަރާ ހުރި ހޫނު ކޮފީގެ ފޮދުވަރުތައް އަރުން އެތެރެ ވަމުން ދިޔަހެން ކުރިމަތީ އޮތް ފޮތްތަކުގެ ގަނޑުތައް އުކަމުން އޭގައިވާ ޒަމާންވެފައިވާ ލިއުންތައް އަފްލާކް ކިޔަމުން ދިޔައެވެ. ބައެއް ފަހަރު އެތަނަވަސް ނިއްކުރިއަށް ރޫ އަރައި ބުމަ ގޮށްޖެހިގެން ދެއެވެ. އަނެއްބައި ފަހަރަށް ކޮފީ މަގު ދުރުގައި ބަހައްޓާފައި ދެއުޅަބޮށި ވިއްދާލައި ދެއަތްތިލައިގައި ދަތްދޮޅި ޖައްސާލައިގެން އިނދެއެވެ. ހުޅުވާފައިވާ ކުޑަ ދޮރުން ވަންނަމުން ދިޔަ ވައިރޯޅިތައް އަފްލާކްގެ ފަން އިސްތަށިގަނޑާއި ސަމާސަކުރާތީ ނިއްކުރި މައްޗަށް ފައިބައިގަންނަން މަސައްކަތް ކުރަނީއެވެ. ފޮތުން ނަޒަރު ވަކި ނުކޮށްލައި އިނދެފައި އަފްލާކް ކޮފީ މަގު ނަގަންވެގެން އަތް ގެންދިޔައެވެ. އިސް އުފުލައިލަން އޭނާއަށް މަޖުބޫރިވީ ކުރިން ބެހެއްޓި ތަނުން މަގުގައި އަތް ނުޖެހިގެންނެވެ. އެވަގުތު ހައިރާންވި ވަރުން އަފްލާކްއަށް ކޮޅަށް ތެދުވެވިއްޖެއެވެ. މޭޒުގެ އެއްވެސް ހިސާބަކު ކޮފީ މަގެއް ނެތެވެ. 

ކޮމެންޓް 0