ލޫސީ ވާހަކަދައްކަން ވެގެން އަނގަ ހުޅުވާލައިފައިވެސް ފަސްޖެހެވުނެވެ. ސިއްރު ސިއްރުން ކުޑަ ދޮރާއި ދިމާއަށް ބަލައިލި ތަނާ ކައިލް ފެނުނުހެން ހީވިއެވެ. ހަގީގަތަކަށް ވުރެ ބޮޑަށް ވަހުމަކާއި ވައްތަރުވިއެވެ. އެކަމަކުވެސް ހަށިގަނޑުގައި ތުރު ތުރެއް އުފެދި ފެތުރެން ފެށިއެވެ. "އަހަރެން މިތަނުން ދޫކޮށްލީމަ ދާން ބޭނުމީ ގެއަށް." ލޫސީ ހުއްދައަށް އެދޭފަދަ ގޮތަކަށް ހިތުގެ އެދުން ހާމަކޮށްލިއެވެ. ގެއަށޭ ބުނެ ލޫސީ އެ އިޝާރާތް ކުރީ އުޅެބޮޑުވި ގެއަށްކަން މާވިން ދެނެގަތެވެ. "ޝުއަރ....." މާވިންގެ ތުންފަތަށް ވެރިވެގެންދިޔަ ހިނިތުންވުމާއެކު އެއްބަސްވެ ބޯ ޖަހައިލިއެވެ. އިރުކޮޅަކުން ނަރުސްކުއްޖާގެ ކުރީގައި ވަދެގެން އައި ޑޮކްޓަރ ލޫސީ އާއި ވާހަކަދައްކަން ފެށުމުން މާވިން އެމީހުނަށް ފުރުސަތު ދީފައި ދުރަށް ޖެހިލިއެވެ. ލޫސީގެ ހާލަތު ރަނގަޅު ކަމަށް ފެންނާތީވެ ޑޮކްޓަރ ވަގުތުން އުފާވެރިކަމުގެ ޚަބަރު ދީފިއެވެ. އިތުރު މައްސަލައެއް ނުނިކުންނަ ކަމުގައި ވަނީނަމަ ޖެހިގެން އަންނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގެއަށް ދޫކޮށްލާނެ ކަމުގެ ޚަބަރެވެ. 

ހަފީޒާ ގެއަށް ވަންއިރު ސިޓިންރޫމްގައި މާވިންގެ އެކުވެރިޔާ އިނެވެ. ހަފީޒާ އަހައިލުމުން ޒޭބާ ނިދިފައި އޮތްވާހަކަ ބުނެފައި ހުއްދަ އަތުލައިގެން އޭނާ ނިކުތެވެ. ހަފީޒާ ފުރަތަމަވެސް ގޮސް ޒޭބާގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. ފުންނިދީގައި އޮތްއިރުވެސް އެމޫނުން ވަރުބަލިކަމުގެ އަސަރުތައް ފާހަގަވިއެވެ. ހަފީޒާ އެތެރެއަށް ވަދެފައި ކުޑަ ދޮރުތައް ލައްޕާ ބަންދު ކޮށްލިއެވެ. ނިދިފައި އޮތް ޒޭބާގެ ގައިމަތީ ރަޖާގަނޑު ރީތިކޮށް އަޅާފައި ތިރިއަށް ގޮސް ކާން ވެގެން ބަދިގެއަށް ވަނެވެ. 

ޒޭބާ ލޯ ހުޅުވައިލީ ހަފީޒާ ނިކުތްކަން ޔަގީންވީމައެވެ. ތެދުވެ އިށީން ތަނާ އަނެއްކާވެސް މޭ ބޮޑުކުރާ ގޮތްވިއެވެ. އެކަމަކު އެނދުން ފޭބި ތަނާ މޫނުމައްޗަށް އަނދިރިވިއެވެ. ފާރުގައި އަތް ޖައްސާލި ނަމަވެސް އަތުގައިވެސް ބާރެއް ނެތެވެ. އަމިއްލަ ހަށިގަނޑުވެސް ހިފަހައްޓާލާނެ ހިތްވަރެއް ނެތެވެ. ކަރުނުން ޒޭބާގެ ލޯ ފުރުނެވެ. ސިއްރުކުރަން ކިތަންމެ ބޭނުންވިއަސް އެކަނި ހާލަށް ނޫޅެވެންޏާ އެކަން ކާމިޔާބުވާނެ ހެއްޔެވެ؟ މާގިނައިން މިކަން ތަކުރާރުވަންޏާ ހޮސްޕިޓަލާއި ހަމައަށް ނުގޮސް ފަރުޖެހޭނެ ގޮތެއް ނޯންނާނެއެވެ. އެހިސާބުން ދެން ކުރިމަތިލާން ޖެހޭނީ ބޮޑު ސުވާލާއެވެ. 

އެދަރިފުޅުގެ ބައްޕައަކީ ޖިންނިއެއް ކަމުގައި ބުނެގެން ދުނިޔެވެސް އޭނާއަށް މަލާމާތް ކުރާނެއެވެ. ފާފަކޮށްފައި ސަލާމަތްވާން ވެގެން ވާހަކައެއް ހަދައިލީއޭ ބުނާނެއެވެ. އަނެއްކޮޅުން މިޝްއަލްއަށް ކުރިމަތިލާން ޖެހޭނީ ކޮންފަދަ ކަންތައްތަކެއް ކަމެއްވެސް ނޭނގެއެވެ. ޚުދު ޒޭބާ އަކީ ޖިންނިއެއްގެ ދަރިއެއްކަން ފަޅާ އަރާ ދުވަހަކުން މުޅި އާއިލާވެސް ބިރުން ފިލާނެއެވެ. ހިޔާލު ތަކުން ސިކުނޑި ތޮރުފަން ފެށުމުން ޒޭބާއަށް ރޮވިއްޖެއެވެ. ހަށިގަނޑު ކޮޅަށް ނުހިފޭއްޓިގެން ތިރިވަމުން ދަނިކޮށް ކައިލް ހިފެހެއްޓިއެވެ. އެބާރުގަދަ ދެއަތުން ޒޭބާގެ އުނަގަނޑު ވަށައިލުމުން ފިނިވާގޮތްވިއެވެ. ކައިލް ލުއި ފަތެއް އުފުއްލާލައިހެން ޒޭބާ އަތްދަނޑި މައްޗަށް އުފުލާލައިގެން ފާޚާނާއި ދިމާއަށް ގެންދަން ފެށުމުން އެމޫނަށް ޒޭބާ ބަލައިލީ ރަކިވެފައި އޮވެގެންނެވެ. ދާދި ދެންމެއަކު އެހުރިހާ އެއްޗެއްކިޔައި ދެރަކޮށްލީމައިވެސް އޭނާއަށް އެހީވާން އައީއެވެ. ކައިލް އެހާ ސީރިއަސްވެފައި ދުރުބަލަމުން ދިޔަގޮތުން މުޅިން އެހެން މީހެއްފަދައެވެ.

ފާޚާނާ ދޮރުންވަދެފައި ތިރީގައި ބެހެއްޓި ތަނާ ޒޭބާއަށް އޯކާ ދެމެވިއްޖެއެވެ. ޓައިލްސް މަތީގައި ދެކަކޫ ޖަހައިލަމުން ފާޚާނާ ތަށި ތެރެއަށް ބޯ ލަފައި ލެވުމާއެކު ހޯސްކިޔާފައި ހޮޑުއައެވެ. ބަނޑުގައި ހުރި ހުރިހާ އެއްޗެއް ހުސްވިފަހުންވެސް އޯކާ ދެމެވުނެވެ. ކައިލް އެހުރިހާ އިރު ޒޭބާގެ ނިއްކުރީގައި ދެއަތުން ހިފަހައްޓާލައިގެން ހުރުމުން ހޮޑުލާން ފަސޭހަވިއެވެ. އެނބުރި ކޮޓަރިއަށް ވަންނަން ވެގެން އަނެއްކާވެސް ކައިލްގެ އަތުތެރެއަށް ޒޭބާލިއެވެ. އެނދުގައި ބައިންދާފައި ބުރަކަށިޖެހޭ ގޮތަށް ބާލީސް ތައް އަތުރައިދިނީވެސް ކައިލްގެ ދެއަތުންނެވެ. ފެންތަށީގައި ތުންޖަހައިގެން އިނދެފައި ކައިލްގެ މޫނަށް ބަލައިލެވުނީ ނޭނގުމުގެ ތެރޭގައެވެ. އެވަގުތު އެމޫނަށް ކައިލް ބަލަން އިން ގޮތް ޒޭބާ ރަނގަޅަށް ދުށްޓެވެ. ވަގުތުން ހަތަރެސްފައި ފިނިވެ ހިތްއަވަސްވިއެވެ. އެއީ ކޮންކަހަލަ ތޫނު ބެލުމެއް ހެއްޔެވެ؟ ކައިލްގެ ލޮލަކީ ތޫނު ހަންޖަރެއްފަދައެވެ. މާގިނައިން އެލޮލަށް ބަލަންވެއްޖެއްޔާ ހިތް އިޚުތިޔާރުން ނެއްޓިދާނެއެވެ. ޒޭބާ ބިރުން އެސްފިޔަތައް ތިރިކޮށްލާފައި އިތުރަށް އެއްކޯވަރު އަރުން އެތެރެކޮށްލިއެވެ. ހޮޑު ލެވިދާނެ ކަމަށް ބިރުން ފެންބޯންވެސް މިހާރު ޖެހިލުންވެއެވެ. 

"މަންމައަށް ގޮވަންތަ؟" ކައިލް ފެންތަށި ސައިޑްޓޭބަލް މަތީ ބަހައްޓާފައި ލިޔާމޭޒު ކައިރީ ހުރި ގޮނޑި ދަމާލައިގެން އިށީންދެފައި ލެނގޭބައިގައި ދެއަތް އަޅުވާލިއެވެ. ޒޭބާ ލަސްލަހުން ބޯ ހޫރުވާލާފައި ބާލީސްތަކުގައި ރަނގަޅަށް ލެނގިލިއެވެ. "ދެންވާނީ ކިހިނެތް؟" ޒޭބާގެ ހިތަށް އުދަނގޫ ކުރަމުންދިޔަ ސުވާލު ބޭރުކޮށްލިއެވެ. ކޮންމެވެސް މީހަކާއި އެކަން ހިއްސާކުރަން އޭނާ ބޭނުމެވެ. ކައިލް ޖަވާބެއް ނުދީ ބަލަހައްޓައިގެން އިނދެފައި އެއް ބުމަ އަރުވައިލިއެވެ. ޖަވާބު ޒޭބާއަށް އެނގޭނެއޭ ބުނެލި ކަހަލައެވެ. "އަހަރެން ވަރަށް ބިރުގަނޭ.... މަންމަމެން ކައިރީ މިވާހަކަ ބުނަންވީތަ... އެކަމަކު އޭރުން ދެން ޖެހޭނީ ހުރިހާ ވާހަކައެއް ކިޔައިދޭން. މިޝްއަލްގެ ވާހަކަވެސް. އެއީ ވަރަށް ބޮޑު ރިސްކަކަށް ވެގެންދާނެ... މަންމަމެން އަހަރެން މޮޔަވީއޭ ކިޔާފައި ޑޮކްޓަރަށް ދައްކަން އުޅެފާނެ. ނޫނީ ފަންޑިތަވެރިއަކު ގެންނަން ރާވަފާނެ.... ދެން އަދި މާ ނުރައްކާވާނެ... އަހަރެން އާއިލާ ދޫކޮށްލަންވީތަ؟" ޒޭބާ ވާހަކަދައްކާފައި ހިމޭންވުމުން ކައިލް ތެދުވިއެވެ. "ތިވާހަކަތައް ހިއްސާކުރަން އެންމެ އެކަށީގެންވާ މީހަކީ މިޝްއަލް." ކައިލް ހަމަ ގަސްތުގައި ޖަވާބު ނުދޭންވެގެން ދުރަށް ދިޔަކަހަލައެވެ. ޒޭބާއަށް ފުރަގަސްދީގެން ކުޑަ ދޮރުކައިރިއަށް ހުއްޓި ބޭރު ބަލަން ފެށުމުން ޒޭބާ ނެތް ހިތްވަރާއެކުވެސް އެނދުން ތިރިއަށް ދެފައި އެލުވާލައިފައި ފައިބަން އުޅުނެވެ. އެކަމަކު ހަމަ ދެފައި މައްޗަށް ކޮޅަށް ތެދުވެވުނު އިރަށް މޫނު މައްޗަށް އަނދިރިވެފައި ދެފައި ތުރު ތުރު ލާން ފެށިއެވެ. ޒޭބާ ކައިލް ތެދުވެގެން ދިޔަ ގޮނޑީގެ ލެނގޭބައިގެ އެހީ ހޯދިއެވެ.

"ކައިލް އޭރު ބުނީ ތެދެއްތަ؟" ޒޭބާ ނޭވާ ހަމައަކަށް އަޅުވާލަން ސިކުންތެއްވާންދެން ހުރެފައި އެހިއެވެ. "ޒޭބާ ކީކޭތަ ހިތަށް އަރަނީ؟ އަހަރެންގެ އަނގައިން އެންމެ ތެދެއްވެސް ނުނިކުންނާނެ ކަމަށްތަ ހީކުރަނީ؟ ގަބޫލުކުރަން އަހަރެން އެކަންތައްތަކާއިމެދު ފަޚުރުވެރިނުވާ އެތައް ކަމެއް ކުރެވިފައި ހުރިކަން. މިޝްއަލް ކަހަލަ މާތްމީހެއް ނޫން މަށަކީ. އެކަމަކު މެލީސާ އެއީ އަހަރެން އަނބުރާ މިތަނަށް އައި ސަބަބު. ހަޔާތުގެ ދެވަނަ މަޤްސަދު މެލީސާ ހާސިލް ކުރުމަކީ. އޭނަ މަރުވެފައި އޮތްނަމަ ކީއްކުރަން އަހަރެން ބޭކާރު ދުވަސްތަކެއް މިބިމުގައި ހޭދަކުރަންވީ؟ އެވަރެއް ނުވިސްނޭތަ ތިސިކުނޑި އަކަށް... އަހަރެމެން ބޭނުމެއް ނެތި ވަގުތު ބޭކާރެއް ނުކުރަން... އެއަށްވުރެ ދިރިއުޅުމުގެ އަގު މާމަތި އަހަރެމެންގެ ކުރިމަތީގައި... ދެރަކަމަކީ އަލުން އޭނާ ފެނުނު އިރު އެއީ އަހަރެންނަށް ގެއްލިފައިވާ ނަސީބެއްކަމުގައި ވީކަން...." ކައިލް ފޯރީގައި ދައްކަމުން ދިޔަ ވާހަކަ މެދުކަނޑައިލީ ކުއްލިއަކަށެވެ. ހީވީ ބުނަން ނުވާ ސިއްރެއް ފާޅުކުރެވިގެން ހުއްޓުނު ހެންނެވެ. އެރީތި ދެލޮލުން ޒޭބާއަށް ނުތަނަވަސްކަން ފެނުނެވެ. ކައިލް އެހާ ބިރެއްގަތީ ކީކޭ ބުނެވިގެންބާވައޭ ހިތަށް އަރާފައި ދެއްކި ވާހަކަތަކަށް އަނެއްކާ ސިކުނޑި ހިންގާލަން ޖެހުނެވެ. ކައިލް ބަލަން ހުރެފައި އަވަސްއަވަހަށް ހިންދިރުވާލި ގޮތާއި ނިއްކުރީގައި އަތް ހާކާލިގޮތުންވެސް ހާސްވެފައިވާ މިންވަރު ހާމަވިއެވެ. 

"އަހަރެން ކުރި ސުވާލަކީ ތިއެއްނޫން ކައިލް... އަހަރެން އެހީ މިޝްއަލް ބުނެގެންހޭ ކައިލް މިތަނަށް ތިއައީ؟" ހިމޭންކަމުގެ ތެރެއިން ޒޭބާގެ އަޑު އިވިގެން ދިޔައެވެ. "ޒޭބާގެ ކަންތައްތަކުގައި މިޝްއަލް އަހަރެންނަށް އިތުބާރެއް ނުކުރޭ... އެކަމަކު ތިހާލުގައި އިންދާ ޒޭބާ އެކަނި ދޫކޮށްލެވެން ނެތީމަ އަހަރެން ކައިރީ ބުނީ. މިޝްއަލް އެހީއަށް އެދޭނެ އެހެން މީހަކު ނެތް. ހުރީ ހަމައެކަނި އަހަރެން." ކައިލް ޖަވާބު ދިންއިރު އެއަޑުގައި މިފަހަރުވީ މަޑުމައިތިރި ކަމެވެ. "ދެން ދޭ އަރާމު ކުރަން... އެއްވެސް ކަމެއް ބޭނުންވަންޏާ އަންގާލާ. އަހަރެން ހުންނާނީ އަޑުފޯރާ ހިސާބުގައި." ކައިލް އެހެން ބުނެލާފައި ގެއްލުނެވެ. ޒޭބާ އިތުރު ސުވާލެއް ކޮށްފާނެތީ އަވަހަށް ދިޔައީ ކަމަށްވެދާނެއެވެ. 

ހަފީޒާ ކައި ނިންމާލައިފައި ނިދުމުގެ ކުރިން ޒޭބާއަށް ކިރުތައްޓެއް ގެނެސްދިނެވެ. ނިދިން ހޭލެވުނު ކަމަށް ހަދާފައި ޒޭބާ އެތަށިން އެތިފޮދެއް ބޯން މަސައްކަތް ކުރިއެވެ. ބަނޑު ހުސްވެފައި ހުރުމުން ކޮންމެވެސް އެއްޗެއް ބަނޑަށްލާން ބޭނުންވީއެވެ. އެކަމަކު ބޯންވެގެން ތަށި ކައިރިކުރި ތަނާ އޭގެ ވަސް ޖެހިފައިވެސް މޭބޮޑު ކުރިއެވެ. ވަސްޖެހިގެން ސަކަރާތްވިކަން ހަފީޒާއަށް ނާންގަންވެގެން ގަދަކަމުން އެތިފޮދެއް ރަހަ ބަލާލައިފައި އަވަހަށް ތަށި ދުރުކޮށްލިއެވެ. ސައިޑް ޓޭބަލް މަތީ އޮތް ކިއްލި ގޮއްޓެއް ނަގައި އެތިކޮޅެއް އަނގައަށް އަޅައިލުމުން ނަސީބަކުން މިފަހަރު ހޮޑު ނައިސް ސަލާމަތްވިއެވެ. ހަފީޒާގެ ސުވާލު ތަކާއި ކުރިމަތިވީ އެހިސާބުންނެވެ. "ކަމުނުދާ އެއްޗެއް ކެވުނީތަ މާވަރަކަށް ތި ހޮޑުލަވަނީ؟" ހަފީޒާ ޝައްކުގެ ނަޒަރަކުން ބަލަމުން ސުވާލު ކުރިއެވެ. ހީވަނީ އެމޫނު ދިރާސާ ކުރަން އުޅޭހެންނެވެ. "މިއަދު މާ ހުތް އޮރެންޖްތަކެއް ކެވުނީމަ ވީގޮތެއް ކަންނޭނގެ. ކުރިންވެސް އެސިޑިޓީ ހައިވާ ކަހަލަ އެއްޗެއް ކެވޭއިރަށް ހޮޑު ލެވެއެއްނު." ޒޭބާ ވަރަށް ހަމަޖެހިލާފައި ވާހަކައެއް ހަދައިލިއެވެ. "ބޭނުންތަ ޑޮކްޓަރަށް ދާން." ޒޭބާ ދޭނީ ކޮން ޖަވާބެއްކަން އެނގި ހުރެވެސް ހަފީޒާ އެސުވާލު ކުރިއެވެ. "ނޫނޭ.... ނުދާނަން. ނިދާލަނިކޮށް ރަނގަޅު ވެދާނެ..." ޒޭބާ އަވަހަށް ދެކޮޅުހެދިއެވެ. "މާވިންއަށްވެސް އެކަން އެނގޭތީހެން ހީވަނީ ހޮސްޕިޓަލަށް ގެންދަން ނުބުނީ." ހަފީޒާ އެހެން ބުނެފައި ނިކުމެގެން ދަމުން ޒޭބާ އެނދުގައި ބާއްވާފައި ރަޖާ ރީތިކޮށްދިނެވެ.

ޖެހިގެން އައި ހެނދުނު އަދި ރަނގަޅަށް ބަލިގަނޑު ފެށުނީއެވެ. ޒޭބާ ހެނދުނު ފާޚާނާއަށްވަދެ ދަތް އުނގުޅަން އުޅެނިކޮށް ހޮޑުލާން ފެށިގޮތަށް މެންދުރު ވީއިރުވެސް ހަމަ އެފަދައެވެ. ފެންފޮދެއްވެސް އަރުން އެތެރެވާއިރަށް އޯކާދެމިގަނެއެވެ. ހަފީޒާ ހާސްވެގެން އެންމެފަހުން މާވިންއަށްވެސް ގުޅައިފިއެވެ. ލޫސީ މައިންބަފައިންނާއި ހަވާލުކޮށްފައި މާވިން އައިއިރު ކަމަކުދާކަށް ނެތެވެ. ޒޭބާ ހޮޑުލައިލައި އަވަދިވެއްޖެއެވެ. މާވިން އައިސް ވަންއިރު ކިރިޔާ އެސްފިޔަތައް ދުރުކޮށްލެވޭ ކަމެވެ. އެހާލުގައިވެސް ކިޔަނީ ހޮސްޕިޓަލަށް ދާން ބޭނުން ނުވާ ވާހަކައެވެ. ހޭ ހުއްޓާ ހޮސްޕިޓަލަށް ދާން ޒޭބާ ފަހަރެއްގައިވެސް އެއްބަސް ނުވާނެކަން އެމީހުނަށް އެނގެއެވެ. ކުޑައިރުއްސުރެވެސް ހޮސްޕިޓާދެކެ ޒޭބާ މާބިރެއް ގަނެއެވެ. "އެމްބިއުލާންސަށް ގުޅިންތަ؟" ކަންބޮޑުވެފައި ހުރެ ދެކޮޅަށް ހިނގަ ހިނގާފައި މާވިން ފެނިގެން ހަފީޒާ ހުއްޓުނެވެ. މާވިން ބޯ ޖަހައިލާފައި ގޮސް ޒޭބާގެ މަގަތުގައި އިށީންދެ އެމޫނަށް ނަޒަރު ހުއްޓައިލިއެވެ. 

ހުދުވެފައިވާ ހަތަރެސްފައި ވަރަށް ފިންޏެވެ. އެދިގު އެސްފިޔަތަކުގައި ކަރުނަ ހަރުލާފައި ހުއްޓެވެ. ފިޔާތޮށި ދެތުންފަތް ހިކި ނޫވެފައި ވެއެވެ. ޒޭބާއަށް އެވަރުވީއިރު ހަފީޒާ ކުރިން ނުގުޅީ ކީއްވެތޯ މާވިން އަހައިލީ ޝަކުވާގެ ރާގެއްގައެވެ. "ލޫސީ ވެސް ދޫކޮށްލީ މިއަދު. އެހެންވެ މަންމަ ނުގުޅީ. އަނެއްކޮޅުން ޒޭބާ ގަބޫލެއްނުވި އެކަކަށްވެސް ގުޅާކަށް..." ހަފީޒާ ވާހަކަދައްކަމުން މާވިންގެ މޫނަށް ބަލައިލި ތަނާ އެދެލޮލުން މާވިންއަށް އެހެން ކަމެއް ފާހަގަވިއެވެ. ޒޭބާ ބަލިވެގެން ވެފައި ހުރި ދެރައަށްވުރެ ބޮޑަށް ހަފީޒާ ކަމަކާއި ބިރުން ހުރިހެން މާވިންއަށް ހީވިއެވެ. "ކިހިނެތްވީ؟" މާވިންއަށް ސުވާލު ނުކޮށެއް ނީނދެވުނެވެ. ހަފީޒާ އިސްޖަހާލިތަން ފެނިގެން މާވިން ތެދުވެގެން ގޮސް ހަފީޒާގެ ކޮނޑުގައި އަތް ބާއްވައިލުމުން ކުއްލިއަކަށް ތެޅިގަތެވެ. "މާވިން.. .މަންމައަށް ހީވަނީ ޒޭބާ...." ހަފީޒާ ވައިއަޑުން ބުނަން އުޅުނު ޖުމްލަ އެއްކޮށް ފުރިހަމަނުވަނީސް އަޑު ކުރެހިގެން މެދުކެނޑުނެވެ. އެމްބިއުލާންސްގެ އަޑު އައީ އެވަގުތެވެ. މަންމަގެ ޖުމްލަ ފުރިހަމަ ނުވިއަސް މާވިންއަށް ވިސްނުނެވެ. އެއީ ތެދަކަށް ނުވުމަށް މާވިން ހިތާއިހިތުން ދުޢާ ކުރަމުން އަވަހަށް ޒޭބާ ގޮވައިގެން ބޭރަށް ނިކުމެފައި ދެމައިން އެމްބިއުލާންސަށް އަރައިގެން ވިލިމާލެ ޞިއްޙީމަރުކަޒަށް ގެންދިޔައެވެ. 

ޓެސްޓްގެ ނަތީޖާ އައީ މުޅި އާއިލާއަށް ތޫފާނަކައިގެންނެވެ. ހަފީޒާ ހުރިގޮތަށް ހުރެފައި ގޮނޑިއަށް ވެއްޓިގެން ގޮތަށް އެތައް އިރެއް ވީއިރުވެސް ގުޑި ނުލިއެވެ. އަނެއްކޮޅުން މާވިން އެތަނުން ނިކުމެގެން ދިޔަ މީހާ އިރު އޮއްސުނުއިރުވެސް ވީތަނެއް ނޭނގުނެވެ. ޒޭބާ އެކަނިމާއެކަނި އެނދުގައި އޮވެގެން ރޮއިރޮއި ވަރުބަލި ވެއްޖެއެވެ. މިދުވަސް އަންނާނެކަން އެނގުނަސް ރިޕޯޓް ބަލައިފައި އެކަކުވެސް ދެކިލަން ނައުމުން މާބޮޑަށް އަސަރުކުރީއެވެ. ކުޑަމިނުން ސުވާލު ކޮށްލިނަމަ ކީއް ހެއްޔެވެ؟ ޔަގީނުންވެސް ވީގޮތް އޮޅުންފިލުވައިދޭން އެއް ފުރުސަތު ލިބެން ވާނެއެވެ. 

މާވިން ގެއަށް އައީ އެރޭ އަށެއް ޖަހަން ކައިރިވެފައި ހުއްޓައެވެ. ލޫސީ އެނދުގައި އިށީންދެލައިގެން ފިލްމެއް ބަލަން އިނދެފައި މާވިން ފެނިގެން ޓީވީ އަޑު މަޑުކޮށްލިއެވެ. "އަހަރެން ވަރަށް ގިނައިން ގުޅިން. މަންމަވެސް ފޯނެއް ނުނަގާ. ޒޭބް ކިހިނެތްތަ؟" ލޫސީ ފަރުވާތެރިކަމާއެކު މާވިންގެ މޫނަށް ބަލަމުން ދިޔައެވެ. މާވިން އެއްވެސް ޖަވާބެއް ނުދީ އައިސް މަގަތުގައި އިށީންދެފައި ކުއްލިއަކަށް ލޫސީގެ އުނގުގައި މޫނު ފޮރުވާލިއެވެ. ލޫސީގެ ހިތަށް ކުއްލިއަކަށް ވެގެން ދިޔަ ތަދާއެކު ލޮލުން ކަރުނަ ހިނގާލިއެވެ. ލޫސީ އިތުރު ސުވާލެއް ނުކޮށް މާވިންގެ އިސްތަށިގަނޑުގައި ފިރުމަން ފެށިއެވެ. މާވިން އިރުކޮޅަކުން ބޯ ހިއްލައިލިއިރު އެދެލޯ ފެންކަޅިވެފައި ހުއްޓެވެ. ވީގޮތް ކިޔައިދިނުމުން ލޫސީ ނުސިހެއެވެ. މާވިންއަށް އެކަން ވީ އަޖައިބަކަށެވެ.

"މިދުވަސް އަންނާނެކަން މަށަށް މާކުރިންވެސް އެނގޭ.... މާވިން އަހަރެން ރޭގަ ބުނަން އުޅުނީ ޒޭބާގެ ވާހަކައެއް.... އަހަރެންނަށް އިނގޭ ޒޭބްގެ ބަނޑުގައި ވަނީ ކާކުގެ ދަރިއެއްކަން..." ރަނގަޅު ވަގުތު ޖެހުމުން ލޫސީ މިފަހަރު އެއްވެސް ވާހަކައެއް ސިއްރު ކުރާކަށް ބޭނުމެއް ނުވިއެވެ. މިހާރު އެވީގޮތުން ސިއްރު އެއޮތީ ލޫސީ ނުބުނަނިސް ފާޅުވެފައެވެ. ދެން އޮތީ އެކަން ވީގޮތް އަންގައިދިނުމެވެ. ލޫސީ ނުބުންޏަސް ޒޭބާވެސް ޖެހޭނީ މިހާރު ދެން ހުރިހާ ވާހަކައެއް ކިޔައިދޭށެވެ.

ދިހައެއް ޖަހަން އުޅެނިކޮށް ޒޭބާ ދޫކޮށްލިއެވެ. ގެއަށް ގެންދިޔަފަހުން އަނެއްކާވެސް އޮންނަން ޖެހުނީ އެކަންޏެވެ. ހަފީޒާ ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް ނޫނީ ނުދައްކައެވެ. ކާންދީ ބޭސް ދީފައި ނިކުމެގެން ދިޔަގޮތަށް އެކަކުގެވެސް ޚަބަރެއް ނުވިއެވެ. ޒޭބާ ލޯމަރާލައިގެން އޮތްއިރުވެސް މެދުކެނޑުމެއްނެތި ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ނިދާ ބޮކީގެ އަލި ފަނޑު ނޫންނަމަ އެމޫނުގައިވާ ހުރިހާ އަސަރެއް ރީތިކޮށް ފެންނާނެއެވެ. އެހެން އޮންނަތާ އިރުގަނޑެއްފަހުން ކުއްލިއަކަށް މޫނަށް ހޫނުވެލިއެވެ. ނުހަނު ގާތުން އެޅުނު ނޭވައެއްހެން ހީވިއެވެ. ޒޭބާ ލޯ ހުޅުވައިލާފައި ވަށައިގެން ނަޒަރު ހިންގާލި ނަމަވެސް މީހަކު ނުފެނުނެވެ. ކަމަކަށް ނުހަދައި އެއީ ހީވިގޮތެއް ކަމަށް ނިންމާފައި އަރިއަކަށް އެނބުރިލި ތަނާ ބޭރަށް ލާން ތައްޔާރުވި ނޭވާ ކަރުތެރޭގައި ތާށިވެއްޖެއެވެ. 

ކޮމެންޓް 0