"ދާދި އަވަހަށް އަދި ބައްދަލު ވާނެ." މިޝްއަލްއަށް އެއްވެސް ފުރުސަތެއް ނުދީ ކައިލް ގެއްލުނެވެ. ފުން ނޭވައެއް ލައިފައި މިޝްއަލް ލޯމަރައިލި ގޮތަށް ލޯ ހުޅުވައިލީ ޒޭބާގެ ކޮޓަރި އެތެރޭގައި ހުރެފައެވެ. ޒޭބާ އޮތީ މޫނާއިއެކު ރަޖާލައިގެން ނިދައިފައެވެ. މިޝްއަލް ދެރަވިއެވެ. ޒޭބާ އެހުރިހާއިރު އިންތިޒާރުގައި ހުރެފައި އެންމެފަހުން ނިދުނީއެވެ. މާޔޫސްކަމާއި އެކު އެނބުރި ދާންވެގެން އެނބުރުނު ތަނާ މިޝްއަލް ހަނދާންވިއެވެ. ޒޭބާ އަކީ މޫނުގައި ރަޖާލައިގެން ނިދާ ކުއްޖެއް ނޫނެވެ. ނިދާ ވަގުތު އެގޮތަށް އޮވެފައި ނިދިޔަސް އިރުކޮޅަކުން ނިދީގައި އޮވެފައިވެސް ރަޖާ ތިރި ކުރެއެވެ. މިޝްއަލްއަށް އެކަން އިނގެނީ ވަރަށް ގިނަ ރޭރޭ ޒޭބާ ނިދާފައި އޮންނަ މަންޒަރު ބަލަން އެކޮޓަރީގައި ހުންނާތީއެވެ. ތެޅިތެޅި އޮތް ހިތަކާއިއެކު މިޝްއަލް ގޮސް އެނދުގެ މަގަތަށް ހުއްޓިފައި ރަޖާ ދަމައިގަތެވެ. އެވަގުތު އޭނާ ދިޔައީ ފާޑަކަށް ސިހިގެންނެވެ. ދިގު ދިގަށް ބާލީސް އަތުރައިފައި ވާ އެނދުގައި ޒޭބާއެއް ނެތެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި މިޝްއަލް މުޅިގޭގައި ބުރެއް އަޅައިލިއެވެ. އެކަމަކު އެއްވެސް ތާކުން ޒޭބާއެއް ނުފެނުނެވެ. "ކައިލް. ވަރަށް އަވަހަށް ބައްދަލުވާނެ!" މިޝްއަލް ބޭރަށް ނިކުމެފައި އުޑާއި ދިމާއަށް މޫނު އުފުލައިލިއިރު ރުޅިވެރިކަންވި އެދެލޮލަށް ރަތްކުލަ ވެރިވެފައިވެއެވެ. ޖެހިލި ވައިރޯޅިއެއް ފަދައިން މިޝްއަލް ގެއްލުނެވެ. 

ލޯ ހުޅުވާލުމާއެކު ޒޭބާ ދުށީ މަތިން ތިރިއަށް އެލިފައި ހުރި އެކިވަރުގެ ރަނިކަ އަޅޯތަކެވެ. އެކި ޑިޒައިނަށް ހުރުމުން އެލިފައިވާ ނަންނުގަތިތަކެއް ފަދައެވެ. ބިރުން ޒޭބާގެ މޭގަނޑު އަނގަޔަށް އަންނަވަރު ވިއެވެ. އަވަސް އަވަހަށް ފުންމައިގެން ތެދުވެފައި ވަށައިގެން ހޯދާލެވުނެވެ. ޒޭބާއަށް ހުރެވުނީ ވީރާނާ ވެފައިވާ ގެއެއްގެ ސިޓިންރޫމް ގައެވެ. ގޭގެ ފާރުތަކުގެ މެދުން ފަޅާލައިފައި މައްޗަށް ހެދިފައިވާ ބިޔަ ރަނިކަ ގަހެއް ހުއްޓެވެ. އެގަހުގެ ބޯފަތްތަކަކީ ގޭގެ ފުރާޅުފަދައެވެ. އަދި މުޅި ހިސާބު ހިފައިފައި ވަނީ ރަނކަގަހުން ތިރިއަށް އެލިފައިވާ އެތައް ސަތޭކަ އަޅޯތަކުންނެވެ. ހަނދުވަރު ދީފައި އޮތުމުން ފަތްތަކު ތެރެއިން ފުރޭނިގެން ރިހިއައްޔެއް މުޅި އެހިސާބަށް ފެތުރިފައި ވެއެވެ. ޖެހިލި ވައިރޯޅި އަކާއި އެކު ހިމަ އަޅޯއެއް ޒޭބާގެ ކަނދުރާގައި ބީހިލި ތަނާ ޒޭބާއަށް ހަޅޭތްލަވައި ގަނެވުނެވެ. ބޮޑުކޮށްލެވިފައިވާ ދެލޮލުން ވަށައިގެން ހޯދަ ހޯދާ ހުރިއިރު އެތަނަށް އާދެވުނު ގޮތެއް ނޭނގިގެން ޒޭބާގެ ސިކުނޑި ވަނީ ސުމަކަށް ގޮއްސައެވެ. ފަހަތަށް ފިޔަވަޅެއް އަޅާލިތަނާ ފައިދަށުން ހިކިފަތްތައް މުގުރިގެން ދިޔައަޑަށް އަނެއްކާ ސިހުނެވެ. ޒޭބާ ބަލައިލި އިރު ހިކިފަތް ގިނަކަމުން ބިންގަނޑުވެސް ވަނީ ފޮރުވިފައެވެ. ގޭގެ ބައެއް ފާރުތައް ވެއްޓި ހަމައެކަނި ގާފޮޅަކަށް ވެފައިވާ ހިސާބުވެސް މަދެއް ނޫނެވެ. ވީރާނާ ކިއްލާއެއް ފަދައެވެ. 

ދާނޭ ދިމާލެއް ނޭނގިފައި ޒޭބާ ހުއްޓައި ކޮންމެވެސް މީހަކު ކޮނޑުގައި ހިފަހައްޓައިލިއެވެ. ޒޭބާ ލައިލައި ހުރި ނޭވާވެސް އެހިސާބުން ހުއްޓުނީ އެވެ. އަޑެއް ލައްވައި ނުލައި އެހުރިހާ ހިކިފަތްތައް ކަޑައްތުކޮށްފައި އައިސް ފުރަގަހުގައި އެހުރީ ޔަގީނުން އާދައިގެ މީހެއް ނޫންކަން ޒޭބާއަށް ވިސްނުނެވެ. އެއީ މިޝްއަލްއަށް ވާނެނަމައޭ ހިތަށް އަރާފައި ހިތާއި ހިތުން ދުޢާކޮށްލިއެވެ. 

"މިޝްއަލް!" ޒޭބާ މަޑުމަޑުން ބުނެލިއެވެ. "މުޅިން ގޯސް." ކައިލް ޖަވާބު ދީފައި ޒޭބާ ބަލައިލަން ވާއިރަށް ކޮނޑުގައި ހިފާ ދުރަށް ކޮށްޕާލި ހާއިރުން ޒޭބާ ވިއްސައިގެން ގޮސް ފާރުބުޑަށް ގުޅައަކަށް ޖެހިއްޖެއެވެ. ދެލޮލުން އޮހޮރިގަތް ކަރުނަތަކާއިއެކު ޒޭބާއަށް ރޮވުނެވެ. ބޮލަށާއި ބުރަކަށްޓަށް ވީ ތަދުން ތަނެއް ހަލާކު ނުވާކަމެއްވެސް ނޭނގެއެވެ. ޒޭބާ ގުޑި ނުލެވިފައި އެގޮތަށް އޮތްވާ ކައިލް ގޮސް ކައިރީގައި އުޑަފައިން އިށީންދެއްޖެއެވެ. ހަނދުވަރުގެ އަލީގައި ޒޭބާއަށް ކައިލްގެ މޫނު ފެނުނެވެ. މިޝްއަލް އޭ ގޮވައިލުމުން ކައިލް އެކަމާއި ދެކޮޅު ޖަވާބެއް ދިން ނަމަވެސް ޒޭބާއަށް އެކަން ގަބޫލެއް ނުކުރެވެއެވެ. އެންމެ އަސަރުކުރީ އެހެންވެއެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށްވުރެ ޒޭބާގެ ހިތުގެ ވޭން އިތުރުވިއެވެ. މިޝްއަލް އެފަދަ އަނިޔާވެރި ގޮތަކަށް އޭނާ އާއި މެދު އަމަލު ކޮށްފާނެ ކަމަށް ޒޭބާ ހުވަފެނެއްގައި ހިއެއް ނުކުރެއެވެ. 

އިރުކޮޅަކުން ބޮލުގެ އައްސި ކެނޑި ހަށިގަނޑު އިހްސާސްވާން ފެށުމުން ޒޭބާއަށް އެނގުނީ ނިއްކުރިން ކޮންމެވެސް ދިޔާ އެއްޗެއް ކަނާތު ލޮލާއި އެފަރާތު ކަންފަތާއި ދިމާއަށް ފައިބަމުން ދިޔަ ކަމެވެ. ޒޭބާއަށް ނޭނގުނީ އެއީ ބޯ ފަޅައިގެން ގޮސްފައިވާ ތަނުން ނިއްކުރިއަށް ފައިބަމުން ދިޔަ ތާޒާ ލޭ ކަމެވެ. އަދި ހަމަ އެހެންމެ ޒޭބާ އޮތް ހިސާބު ބިންގަނޑުވެސް ލެއިން ފެވެމުން ދިޔައެވެ. ހަށިން ހަކަތަ ދެރަވަމުން ދިއުމުން ހިރުވައެއް ނުލެވުނެވެ. މަޑުމަޑުން ހަތަރެސްފައި ފިނިވެ މަންޒަރު ފުސްވާހެން ޒޭބާއަށް ހީވިއެވެ. ވާހަކަދައްކަން ވެގެން ޒޭބާ ތުން ތަޅުވައިލި ނަމަވެސް ދޫ އެއްބައެއް ނުވިއެވެ. ފުރާނަ ނިކުންނަން އުޅެނީ ހެއްޔެވެ؟ އޭނާގެ ނިމުން ލިޔެވިފައި ވަނީ މިޝްއަލްގެ އަތްމަތީގައި ހެއްޔެވެ؟ ލޯއްބަކީ ހަމަ އެހާ އަނިޔާވެރި އެއްޗެއް ބާވައެވެ؟ އެކަމަކު ކީއްވެ ހެއްޔެވެ؟ އޭނާއަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟ މިޝްއަލް އެއުޅެނީ ބަދަލު ހިފަން ބާވައެވެ؟ ސިކުންތުކޮޅެއްގެ ތެރޭގައި މިފަދަ އެތައް ހާސް ސުވާލެއް ޒޭބާގެ ސިކުނޑީގައި ބުރު ޖަހައިލިއެވެ. އަދި މަޑުމަޑުން އެސްފިޔަތައް ކައިރިވަމުން ގޮސް އެކީއެކަށް އެދެލޯ މެރުނެވެ. ހިޔާލުތަކުގެ ދޮރު ބަންދުވެ ސިކުނޑިއަށް އަނދިރިކަން ވެރިވެގެން ދިޔައެވެ. 

އިރުގަނޑެއްފަހުން ވައިގަދަވެ އެތަނުގައިވާ ހިކިފަތްތައް އުދުހެން ފެށިއެވެ. އެލިފައިވާ ނަންނުގަތި ތަކެއްފަދަ ރަނިކަ އަޅޯތައް ޖެހެމުންދިޔަ ވައިރޯޅިތަކުގެ ބާރުގައި ހުއްޓުމެއްނެތި ފަރާތްފަރާތަށް ދިޔައެވެ. އަދި އަނގުރު އަލިފާންގަނޑެއްފަދަ ރަތް އައްޔަކާއެކު އެތަނަށް މިޝްއަލް ފާޅުވެއްޖެއެވެ. މިޝްއަލްގެ ރީތި ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ދުރުގައި ލެއިން ތަތްތެޅިފައި އޮތް ޒޭބާގެ ކައިރިއަށް މިޝްއަލް ދިޔައީ ދުވެފައެވެ. ތިރީގައި ކުޑަ ކަކޫޖަހައިލަމުން ޒޭބާގެ މޫނުގައި ދެއަތުން ހިފަހައްޓައި ގެނެސް އޮޅުލައިގަތެވެ. ފާއިތުވެ ދިޔަ ބައިގަޑިއިރު ތެރޭގައި އެކުޑަ ކުޑަ ފުރާނަ ހޯދުމަށްޓަކައި މިޝްއަލް ނުދާ ތަނެއް ނެތެވެ. ނުފުރޮޅާ އެންމެން ގާކޮޅެއް ނުވެއެވެ. އަމިއްލަ ބާރާއިމެދު މިޝްއަލްގެ ހިތުގައި ޝަކުވާ އުފެދުނު ވަގުތު ކޮޅަކަށް އެ ވަގުތުވިއެވެ. އެހުރިހާ ބާރެއް ލިބިހުރެވެސް ޒޭބާގެ ކުރިމަތީގައި މިޝްއަލް ފެއިލްވީއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. 

ޒޭބާއަށް އެހުރިހާ ވޭނެއް އުފުލަން އެޖެހުނީ ހަމަ އޭނާގެ ސަބަބުންނެވެ. އިރުކޮޅަކުން މިޝްއަލް ތެދުވިއިރު ޒޭބާ އޮތީ މިޝްއަލްގެ އަތްދަނޑިމަތީގައެވެ. ލެއިން ކުލަ ގެއްލިފައިވާ އެމޫނަށް މިޝްއަލް ބަލަހައްޓައިގެން ހުއްޓާ އެތަނަށް ބަޔަކު އަންނަކަން އިހްސާސްވެގެން ވިދުވަރެއް ފަދައިން ގެއްލުނެވެ.

ފުން ނިދީގައި އޮތް ލޫސީއަށް ހޭލެވިގެން ދުވެފައި ގޮސް ދޮރު ހުޅުވިއިރު މިޝްއަލް ހުރިގޮތް ފެނިފައި މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. މިޝްއަލް ލައިގެން ހުރި ޓީޝާޓްގެ މޭމަތީގަ އާއި ދެއަތުގައިވެސް އޮތީ ހުސް ލެޔެވެ. ލޫސީ އެންމެ ބޮޑަށް އަޅައިގަތީ ކަރުނުން ފުރިފައިވި މިޝްއަލްގެ ރީތި ދެލޮލެވެ. ހިތާމައިން ފޯވެފައި ހުންނައިރުވެސް މިޝްއަލްގެ ރީތި ކަމަކަށް ބަދަލެއް ނާދެއެވެ. ލޫސީ އެންމެ ހައިރާންވީ އެކަމާއެވެ. "ލޫސީ އައި ނީޑް ޔުއަރ ހެލްޕް." މިޝްއަލް ކުރެހިފައިވާ އަޑުން ބުނެލިއެވެ. ލޫސީ ސުވާލެއް ވެސް ނުކުރެއެވެ. އާނއެކޭ ބުނެ ބޯ ޖަހައިލައިފައި އަވަހަށް ގޮސް ހެދުމެއް ނަގައިގެން ފާހާނާއަށް ވަދެ ބަދަލުކޮށްގެން ނިކުތެވެ. ލޫސީއަށް މިޝްއަލް އަކީ ކާކުކަން އެނގުނަސް އެވަގުތު މިޝްއަލްގެ އަމަލުތައް ބެހެއްޓީ އާދައިގެ އިންސާނެއް ފަދައިންނެވެ. 

ލޫސީ ކާރު ދުއްވަމުން ދިޔައިރު މިޝްއަލް އިނީ އޭގެ ދުވެލި މަޑުކަމާއިމެދު ހިތާއިހިތުން ޝަކުވާ ކުރާށެވެ. އަނެއްކޮޅުން ލޫސީ ބިރުގެންފައި އިނީ ޒޭބާ އާއި މެދުގައެވެ. މިޝްއަލް ނުބުންޏެއްކަމަކު ކަމަކީ ޒޭބާގެ ކަމެއްކަން ލޫސީއަށް ވިސްނުނެވެ. ކާރުން ފައިބަން އުޅެފައި ލޫސީއަށް ހިޔާލެއް އައިސްގެން ފަހަތު ސީޓުގައި އޮތް ސްކާފެއް ނަގައިފައި މިޝްއަލްއަށް ދިނެވެ. އެގޮތަށް ލެއިން ތަތްތެޅިފައި ހުރެގެން އެހެން މީހެއްގެ ކުރިމައްޗަށް ހިނގައްޖެނަމަ ނިކުންނާނެ ކިތަންމެ މައްސަލައެއް ހުންނާނެއެވެ. ހުރި ހާލާއިމެދު މިޝްއަލްއަށް ވިސްނާލެވުނީ ދެނެވެ. "ލޫސީ. ދޭ. އަހަރެން ކުޑައިރުކޮޅަކުން ބައްދަލު ކުރާނަން." މިޝްއަލް ސްކާފްގައި ހިފަން އުޅެފައި ހިޔާލު ބަދަލުވެގެން ބުނެލިއެވެ. ލޫސީ ސްކާފް ކާރުތެރެއަށް ދޫކޮށްލައިފައި މިޝްއަލް ބުނިފަދައިން ނިކުމެގެން ދިޔައެވެ. ނަސީބު ރަނގަޅުކަމުން ލޫސީއަށް ދެވުނުއިރު ފެރީއެއް ނައްޓާލަން ތައްޔާރަށް އޮތެވެ.

މެންދަމުގެ އެ ހިމޭން ވަގުތު މަގުތައް އޮތީ ފަޅުވެފައެވެ. ފެރީން ފޭބި ގޮތަށް ލޫސީ ހަލުވި ހިނގުމެއްގައި ކުރިއަށް ދިޔައެވެ. އެހެން ދުވަސްތަކާއި ހިލާފަށް ލޫސީ މިރޭ ބިރެއް ނުގަތެވެ. އެއަށްވުރެ މާބޮޑަށް އޭނާ އެވަނީ ޒޭބާ އާއި މެދު ކަންބޮޑުވެފައެވެ. ލޫސީއަށް ދެވުނުއިރު މިޝްއަލް ދޮރުމަތީ ހުއްޓެވެ. ގޭގެ ދޮރު ހުޅުވައިލައިފައި ސިޑިން އަރައިގެން މައްޗަށް ދިޔައީ ދެމީހުން އެކުގައެވެ. ކޮޓަރިތެރެއަށް ވަދެފައި ލޫސީއަށް ހަޅޭއްލަވައި ގަނެވުނެވެ. މިޝްއަލް މާކުރިއްސުރެ ހުޝިޔާރުވެ ހުރެފައި ލޫސީގެ އަނގަމަތީ އަތް ނޭޅިނަމަ މަދު ސިކުންތުކޮޅެއް ތެރޭގައި ގޭގެ އެންމެން ހޭލައިގެން އެތަނަށް ޖަމާވީހެވެ. މިޝްއަލް އަތް ނެގިފަހުން ލޫސީ ދުވެފައި ގޮސް ޓައިލްސްމަތީ ދެކަކޫ ޖަހައިގެން ޒޭބާގެ ކައިރީ އިށީނެވެ. ހިފެހެއްޓުމެއްނެތި އެދެލޮލުން ކަރުނަތައް ފައިބައިގަތެވެ. ޒޭބާ އޮތީ ލެއިން ފޯވެފައެވެ. ނިއްކުރިމަތީގައި އަދި ވަކިން ގިނައިން ގަނޑު ލޭތައް ހުއްޓެވެ. 

"ކިހިނެތްވީ؟" ލޫސީ ޒޭބާގެ އަތުގައި ހިފަހައްޓައިލަމުން ތުރުތުރު އަޅާ އަޑަކުން ސުވާލު ކުރިއެވެ. "ލޫސީ. ވާހަކަދެއްކިދާނެ ފަހުންވެސް. މިވަގުތު އަހަރެން ބޭނުމީ ލޫސީ ޒޭބާގެ ހެދުން ބަދަލުކޮށްދީފައި ޒަޚަމްތަކުގައި ބޭސްއަޅައި ދޭން." މިޝްއަލް ގޮސް ކައިރިއަށް ހުއްޓިފައި މަޑުމައިތިރި އަޑަކުން ބުނެލިއެވެ. ލޫސީ ރޮމުން ބޯޖަހައިލައިފައި ފާޚާނާއަށް ވަދެ ފެން ބާލިދީއަކާއި އަލަމާރިން ފޮތިގަނޑެއްގެ އިތުރުން ފަސްޓް އެއިޑް ބޮކްސް އަދި ކަތުރެއް ގެނެސް ޒޭބާގެ ހެދުން މެދުން ކަފާލަން ތައްޔާރުވެލުމުން މިޝްއަލް ފުރަގަސްދީފައި ގޮސް ކުޑަ ދޮރު ކައިރިއަށް ހުއްޓުނެވެ. 

ލޫސީގެ ހިމޭން ރުއިމުގެ އަޑު މިޝްއަލްގެ ކަންފަތުގައި ހަރުލައިފައި ހުއްޓެވެ. އަޑު ބޭރު ނުވިނަމަވެސް މިޝްއަލްގެ ލޮލުންވެސް ހޯސްލާފައި ކަރުނަ އައިސް އައިސް ހުއްޓެވެ. އެވީރާނާ ގޭތެރޭގައި ޒޭބާ އޮތް ހާލު ހިޔާލަށް އައިސްފައި މިޝްއަލްއަށް ދެލޯ މަރައި ތަގުޅި ކޮށްލަމުން ހިތާދިމާއިން މޭމަތީގައި ގޮށްމުށުން ޖަހާލެވުނެވެ. އެގޮތަށް އެތައް ފަހަރު މިޝްއަލް އަމިއްލައަށް މޭގައި ތެޅިއެވެ. ޒޭބާއަށް ލިބުނު އަނިޔާގެ ބަދަލު އަމިއްލަ ނަފްސްގެ ކިބައިން ހިފަން އުޅޭ ކަހަލައެވެ. އެވަރުންވެސް މިޝްއަލްގެ ހިތުގައި އަޅަމުން ދިޔަ ވޭން ކުޑައެއް ނުވިއެވެ. 

ލޫސީ ނިމިގެން ގޮވައިލުމުން މިޝްއަލް އަވަސްއަވަހަށް ލޯ ފުހެލާފައި އެނބުރުނެވެ. ޒޭބާ އޮތީ ސާފުކޮށްފައި ހެދުންވެސް ބަދަލުކޮށްފައެވެ. ނިއްކުރީގައި ބޮޑު ބޭސްގަނޑެއް އަޅައިފައި ބޯވެސް އެއްކޮށް ބެންޑޭޖް ކޮށްފައި ހުއްޓެވެ. އެއީ ހަމައެކަނި ފެންނަން ހުރި ހިސާބުގައިވާ ޒަޙަމެވެ. ބުރަކަށްޓަށް ވެފައި ވަނީ އަދި ކިހާވަރެއް ކަމެއް ނޭނގެއެވެ. ލޫސީގެ މަންމަ ފަރާތު ތިމާގެ މީހަކު ހިންގާ ކްލިނިކެއްގައި ޕާޓް ޓައިމްކޮށް ކުރިން މަސައްކަތް ކޮށްފައިވާތީވެ އެފަދަ ކަންތައް ތަކަށް ލޫސީ އަލެއް ނޫނެވެ. މިޝްއަލް އެވަރަކުން ލޫސީ އެކަން ކުރަން ގެނަ ސަބަބަކީ ވެސް އެއީ ކަންނޭނގެއެވެ. 

މިޝްއަލް ގޮސް ގުދުވެފައި ޒޭބާ އަތްދަނޑި މައްޗަށް އުފުލައިލައިގެން ގެންގޮސް އެނދުގައި ބޭއްވިއެވެ. ފަސްޓް އެއިޑް ބޮކްސް އާއި ސާފުކުރަން ބޭނުން ކުރި އެއްޗެހި އެ ހުރި ތާކަށް ލައިފައި ލޫސީ އައިއިރު މިޝްއަލް އިނީ ޒޭބާގެ މަގަތުގައި އެނދުމަތީގައެވެ. "މިޝްއަލް. އަހަރެން މިކުރި ކަމަކީ ބްލީޑްވުން ހުއްޓުވައި ޒޭބް ސާފުކޮށް ބޭސްއެޅުން. އެކަމަކު މީ އަދި ހައްލެއް ނޫން. ޒަޙަމްތައް މާފުންކޮށް ނެތަސް ފަހަންޖެހޭ ވަރަށް ހަލާކުވެފައި އެބަހުރި. މާގިނައިން ބްލީޑްވުމުން ހަށިގަނޑަށް ލޭވެސް އަޅަން ޖެހިދާނެ. އެހެންވީމަ އެންމެ ރަނގަޅު ވާނީ ޒޭބް އަވަހަށް ހޮސްޕިޓަލަށް ގެންދިޔައިއްޔާ." ލޫސީ އެނދުގެ އަނެއް ފަރާތުގައި ހުއްޓިފައި ވާހަކަ ދެއްކިއެވެ. "އެންމެ ރަނގަޅު. އަހަރެން ދަނީ. ޓޭކް ކެއަރ އޮފް ހަރ" މިޝްއަލް ތެދުވެފައި ޖިންސްގެ ޖީބަށް އަތް ޖަހައިލިއެވެ. ލޫސީ ބޯޖަހައިލީ ޒޭބާއަށް ބަލަން ހުރެގެންނެވެ. އިތުރަށް ސުވާލު ކުރަން އުޅެފައިވެސް ލޫސީ އެހިޔާލު ދޫކޮށްލިއެވެ. މިޝްއަލްގެ ފަރާތުން ނުރައްކަލެއް ނެތްކަމަށް ގަބޫލު ކުރެވުނަސް މިޝްއަލްގެ ކައިރީގައި އެކަނި ހުންނަންވުމުން ލޫސީ ހުރީ ނުތަނަވަސްވެފައެވެ. 

ލޫސީ ގޮސް ހަފީޒާއަށާއި މާވިންއަށް ގޮވައި ނަގައިގެން އެދެމީހުންގެ އެހީގައި ޒޭބާ މާލެ ގެންދަން ތައްޔާރު ވާން ފެށިއެވެ. ލޫސީއަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އުދަނގުލަކަށް ވީ ހަފީޒާ އާއި މާވިންގެ ސުވާލު ތަކެވެ. ދޭނެ ޖަވާބެއް ނޭނގިގެން ލޫސީ ބުނީ ވީގޮތެއް ނޭނގޭ ކަމަށެވެ. އޭނާ އެގެއަށް އައީ މިޝްއަލް ފޯން ކުރުމުން ކަމަށާއި އައިއިރު ޒޭބާ ހުރި ހާލު ފެނިގެން ޒަޙަމްތަކުގައި ބޭސް އެޅީ ކަމަށެވެ. މާވިން ރުޅި އަރައިގަނެގެން ގޭގެ ހުރިހާ ތަނެއް ހޯދައިގެންވެސް މިޝްއަލްއެއް ނުފެނުނެވެ. ޑޮކްޓަރ ބަލައިފައި ޒޭބާގެ ޒަޙަމްތައް ފަހައި ބޭސްއަޅައި ނިމިގެން ދޭންޖެހޭ އިތުރު ފަރުވާތަކަށްފަހު ޕްރައިވެޓް ރޫމަކަށް ބަދަލު ކޮށްދިނެވެ. 

އިރު އަރަން ކައިރިވެފައި ހުއްޓާ ޒޭބާ ތެޅެން ފެށިއެވެ. އެނދުގައި ބޯއަޅައިލައިގެން ގޮނޑިއެއްގައި ނިދިފައި އިން ލޫސީއަށް ހޭލެވިގެން ފުންމައިގެން ތެދުވެފައި ޒޭބާގެ ދެއަތުގައި ހިފެހެއްޓިއެވެ. މާވިން ވީ ފާމަސީއަށް ބޭސް ބަލައި ގޮހެވެ. ހަފީޒާވެސް ކޮންމެވެސް ކަމަކު ބޭރުގައެވެ. ދެފަރާތަށް މޫނު އަނބުރަމުން ޒޭބާ ގޮވަމުން ދިޔައީ މިޝްއަލްގެ ނަމެވެ. ލޫސީ ކަންބޮޑުވެގެން ރޮވެން ކައިރިވިއެވެ. ނުހަނު ބޮޑަށް ބިރުގަތެވެ. ޒޭބާއަށް ގޮތެއް ވެއްޖެއްޔާ ދެން ހަދާނެ ގޮތެއްވެސް އޭނާއަށް ނޭނގޭނެއޭ ހިތަށް އެރިއެވެ. 

"ޒޭބް. ލޯ ހުޅުވަބަލަ! މީ މަށޭ ލޫސީ." ލޫސީ ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ. އެވަގުތު ޒޭބާ ހޭއަރައިގެން ދެލޯ ބޮޑުކޮށްފައި ލޫސީއަށް ބަލަން ފެށިއެވެ. ހިނގާދިޔަ ބިރުވެރި ހާދިސާއަކީ ފެނުނު ހުވަފެނެއްކަމަށް ހިތަށް އަރުވައިލިތަނާ ހަށިގަނޑުގެ އެތަން މިތަނުގައި ވޭން އަޅާކަން އިހްސާސްވިއެވެ. ޒޭބާ މަޑުމަޑުން އަތް އުފުލައިލައިފައި ނިއްކުރީގައި ހުރި ބޭސްގަނޑުގައި އަތް ޖައްސައިލިއެވެ. ދެވަނަ ސިކުންތުގައި އެދެލޯ ފުރިގެން ބަންޑުން ވީ ތާޒާ ކަރުނުންނެވެ. އެއީ ހުވަފެނަކަށް ނުވީ ކީއްވެ ހެއްޔެވެ؟ ހިތާއި ހިތުން ޒޭބާއަށް ޝަކުވާ ކުރެވުނެވެ. މިޝްއަލް އާއިމެދު ގޯސް ނަޒަރަކުން ދެކޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އެއަށްވުރެ މާބޮޑަށް އޭނާއަށް މިޝްއަލް ކަމުދެއެވެ. އެހާ ރީތި ޒުވާނަކު އަނިޔާވެރިއަކަށް ބަދަލުވީ ކޮންއިރަކު ހެއްޔެވެ؟ ނުވެސް ގުޅެއެވެ. 

"ޒޭބް. ހެޔޮނުވާނެ ހުއްޓާލާ!" ވާހަކަދެއްކިއިރު ލޫސީއަށް ވެސް ރޮވިއްޖެއެވެ. އެކުވެރިޔާގެ ކަރުނަތައް ފެނިފައި މާބޮޑަށް އަސަރު ކުރީއެވެ. "ލޫސީ. މިޝްއަލް....." ޒޭބާއަށް ވާހަކަދައްކަން ފަސޭހައެއް ނުވިއެވެ. "ކިހިނެތްތަ ވީ؟ މިޝްއަލްވެސް ނުބުނެދޭ ވީގޮތެއް. އޭނަ ހަމައެކަނި އެދުނީ ޒޭބާގެ ޒަޙަމްތައް ސާފުކޮށްފައި ބޭސް އަޅައިދޭން." ލޫސީ އެހެން ބުނުމުން ޒޭބާ ވާހަކަދައްކަން އިތުރު މަސައްކަތެއް ނުކުރެއެވެ. އަނެއްކާވެސް ނޭނގޭ ހައިޖާނުގަނޑެއްގެ ތެރެއަށް ހިތާއި ސިކުނޑި ގެނބިގެން ދިޔައެވެ. ޖަވާބު ނެތް ސުވާލުތަކުން ފުރުނެވެ. 

ކޮމެންޓް 0