މެންދުރުވާން ކައިރިވެފައި ހުއްޓާ ލޫސީ މާ ހަރެއް ކޮށް ހިނގާލައިފައި އައިސް ސިލްވަރ ބީޗްއަށް ވަދެއްޖެއެވެ. ބަދިގެއިން ނިކުތް މާވިންއަށް ފެނިގެން ގޮވާލި ނަމަވެސް ލޫސީ އެއަޑެއް ނޭހިއެވެ. ދެފައި ކުރިއަށް ބާރުލާފައި ސިޑިން އަރަން ދިމާކުރި ތަނާ މާވިން ދެކޮޅު ހޯދާލާފައި ގޮސް ލޫސީގެ އަތުގައި ހިފަހައްޓައިފިއެވެ. "ހޭއި ހޭއި! ވަޓްސް ގޯއިން އޮން؟" މާވިން އެހާ ބާރަށް ހިފެހެއްޓުމުން ލޫސީއަށް ކުރިއަކަށް ނުދެވުނެވެ. "މާވިން. އަހަރެން މިއައީ ޒޭބް ހޯދަން. އިޓްސް އާޖެންޓް." ލޫސީގެ ޖަވާބު ލިބުމުން މާވިން އެއަތުން ދޫކޮށްލައިފައި އެހެން ދިމާއަކަށް ހިނގައިގެންފިއެވެ. އެވަގުތު ލޫސީ ދޫންޏެއް އުދުއްސައިގެންހެން ނިކަން ހަލުވިކޮށް ހަރުފަތްތައް ގިރާކޮށްލާފައި ގޮސް ޒޭބާގެ ކޮޓަރިއަށް ވަދެއްޖެއެވެ. 

"ޒޭބް ތީ ކޮންކަހަލަ ކުއްޖެއް؟ މިހާރު ދެން ހުރިހާ ކަމެއް ރަނގަޅުވެފަ އޮތްވާ ކީއްކުރަން އެ ބިޗް ގެންނަންވީ؟ އަހަންނަށް މިހާރު އޮޅިއްޖެ. ޒޭބް ތިއުޅެނީ ލައިފްއެއް ފަށަންވެގެންތަ ނޫނީ އަމިއްލަ އަތުން އަމިއްލަ ލައިފް ރުއިން ކޮށްލަންތަ؟" ޒޭބާ ފެނުމާއެކު ލޫސީ ތަނެއް ދޮރެއް ނުބަލައި އެތިވަރު ގޮވައިގަތެވެ. އެއަޑު އަހާފައި ޒޭބާ ލޮލަށް ފާޑެއްގެ ގޮތެއް ހަދައިލިއެވެ. އައިކު ގޮވައިގެން ފާޚާނާއިން ނިކުތް ޝިނީ ފެނިފައި ލޫސީގެ މުޅި މޫނު ރަތްވެގެން ދިޔައެވެ. އެގޮތަށް ޝިނީއަށް އަޑު އިވޭ ހިސާބުގައި އެހުރިހާ ވާހަކައެއް ދެއްކުމަކީ ލޫސީ ފަހަރެއްގައިވެސް ބޭނުންވި ގޮތެއް ނޫނެވެ. ޝިނީ ހީކުރާނީ ކީކޭ ހެއްޔެވެ؟ ލޫސީއަށް ފެނުނު އިރު ޝިނީ އިސްޖަހައިގެން ހުރެގެން އައިކު ގެނެސް އެނދުމަތީ ބާއްވާފައި ނެޕީ ޖައްސަން އުޅެގަތެވެ. އެކުޑަކުއްޖާ އަތްފައި ތަޅުވަމުން ކުދިކުދި އަޑު ތަކެއް ލައްވަން ފެށިއެވެ. ލޫސީ ގަބުވެފައި ހުއްޓާ ޒޭބާ އައިސް ކޮނޑުގައި އަތް ބާއްވައިލުމުން އިސްޖަހައިލެވުނެވެ. 

"އެއީ މިހާރު ކުރީގެ ޝިނީއެއްނޫން. އަދި އޭނަ އެއައީ އަހަރެންގެ ލައިފް ރުއިން ކުރާކަށްވެސް ނޫން. ޝިނީއަށް އަހަރެން މާފުކޮށްފިން." ޒޭބާގެ ވާހަކައިން ލޫސީ ސިއްސައިގެން ގޮއްސައި އެމޫނަށް ބަލައިލިއެވެ. "ޔެސް. އައި ޑިޑް. އަފްލާކްއަށް މާފު ކުރެވުނު އިރު ކީއްވެ ޝިނީއަށް މާފު ނުކުރެވެންވީ. ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ." ޒޭބާގެ ވާހަކަތަކާއި ދެކޮޅު ހަދާނެ ހިތްވަރެއް ލޫސީއަކަށް ނުލިބުނެވެ. ޝިނީ އައިކު ރީތިކޮށްލައިގެން ކޮޓަރިން ނިކުންނަން ދަނިކޮށް ލޫސީ ގޮވައިލިއެވެ. އެނބުރި ބަލައިލި ނަމަވެސް ޝިނީ ލޫސީގެ މޫނަކަށް ނުބަލައެވެ. "އައިމް ސޮރީ." ލޫސީ ޝިނީގެ ކައިރިއަށް ޖެހިލާފައި މޮޅިވެރި އަޑަކުން މަޢާފަށް އެދުނެވެ. ޝިނީގެ ޖަވާބު އައީ ލުއި ހިނިތުންވުމަކުންނެވެ. އެވަގުތު ކުޑަ ކުޑަ އައިކުއަށް ލޫސީގެ މޫނު ފެނިގެން އަޑުއިވޭވަރަށް ހީލައިފިއެވެ. އައިކުގެ ލޯބިއަޑުން ތިން އަންހެންކުދިންގެ ހިތްތަކުގައި ލޯބި އުތުރިގަތެވެ. ޒޭބާއަށްވުރެވެސް ކުރިން ލޫސީ ހިނިތުންވެލައިފައި އައިކުގެ ކޯތާފަތުގައި ކޮށްޓާލައިފިއެވެ. "ކޮބާ އައިކު ބޭބީވެސް އުފާވިވަރު. މަންމި ހެޕީ ވީމަ ދޯ އެހާ ވަރަށް އެހެނީ؟" ޒޭބާ އައިކު އާއި ވާހަކަދެއްކި އިރު ކުޑަ ކުއްޖެއްހެން ތުންކޮޅު އޫކޮށްލިއެވެ. "ސޯ ކިއުޓް." ލޫސީއަށް ނުހުރެވިގެން ޝިނީގެ އަތުން އައިކު އަތުލާފައި މޫނުގައި ބޮސްދިނެވެ. އައިކުގެ ވަށް ދެލޯ ހުއްޓުނީ ލޫސީގެ ފަށު ފުލަށެވެ. އެކުޑަ ދެއަތްތިލަ ތެރޭގައި ފަށުފޫ ހިފަހައްޓާލާފައި އަނގައަށް ލާން އުޅެންފެށުމުން ލޫސީ އަވަހަށް އަތުލާފައި ހެދުން ތެރެއަށް ފަށުފޫ ވައްޓާލިއެވެ. 

ތިން އަންހެން ކުދިން އެކުގައި ކޮޓަރިން ނިކުމެގެން ތިރިއަށް ފޭބިއިރު ކެއުން ތައްޔާރުވެއްޖެއެވެ. ހަފީޒާ އާއި ކައްކަން އުޅޭ ފާތިން މޭޒުމައްޗަށް ތަށިތައް އަތުރަން ހުރެފައި އެމީހުން ފެނިގެން ދައުވަތުދިނެވެ. ހަފީޒާ އައިކު އުރާލުމުން ތިން އަންހެންކުދިން ކާމޭޒު ދޮށުގައި އިށީންދެފައި އިންސާފު ކުރަން ފަށައިފިއެވެ. ޝިނީ ރާއްޖެ އައީ ޒޭބާ ދައުވަތުދީގެން ކައިވެނި ޕާޓީއަށްކަން ލޫސީއަށް އެނގުނީ އެހިސާބުންނެވެ. އަފްލާކް އެކަމާއި ހިތްހަމަނުޖެހޭވަރު އެނގޭތީ ލޫސީ ވެސް މުޅިންއަކުން ނުރުހުނެވެ. ޒޭބާ އެކަމާއި އެއްބަސް ނުވިއަސް ލޫސީއަށް ހީވަނީ ކޮންމެވެސް ނުބައެއް އުޅޭހެންނެވެ. މިޝްއަލް އާއި ހެދި ޒޭބާ މޮޔަވެފައި ހުންނަވަރުވެސް އެނގެނީ އޭނާ އަށެވެ. އަނެއްކާ ޒޭބާ އެއުޅެނީ ޝިނީ އާއި އަފްލާކް ގުޅުވަން ހެއްޔެވެ؟ ހިތަށް އެރި އެއްޗަކުން ލޫސީގެ އަރުތެރޭގައި ކާއެއްޗެހި ތާށިވެއްޖެއެވެ. އަވަހަށް ފެންތައްޓެއް އަޅާލައިފައި ކޯވަރެއް ބޯލިއެވެ. އިރުކޮޅަކުން މާވިން މެންދުރުން ނަމާދުން ފައިބައިގެން އައިސް އެމީހުނާއި ބައިވެރިވެއްޖެއެވެ. 

މާވިން ކާން އަރާފައި ފުރަތަމަވެސް ލޫސީއަށް އެއްލޯ މަރައިލިއެވެ. ހަފީޒާ އިނުމުން ލޫސީ ބިރުން ދެލޯ ބޮޑުކޮށްލައިފިއެވެ. "ޝިނީ އަދިވެސް ނުބުނަމެއްނު އައިކުގެ ބައްޕަ ވީތަނެއް؟ އޭނަ ނާދޭތަ؟" ލޫސީ މާވިންގެ ފަރާތުން ސަލާމަތްވާން ވެގެން އަނެއްކާ ވާހަކަފެށިއެވެ. އެވަގުތު ޝިނީގެ މޫނަށް ވީގޮތް އެތާ ތިބި އެންމެންނަށް ފެނުނެވެ. އުޑުމަތި ސާފު ދުވަހެއްގައި ހަފަރާތުން ކަޅުވިލާތަކެއް ވަށައިލި ކަހަލައެވެ. "އައިކުގެ ބައްޕައެއް ނުހުރޭ." ޝިނީ އެހިތި ހަގީގަތް ހާމަކޮށްލިއިރު މޫނުމަތިން ލަދުވެތިކަން ފާޅުވިއެވެ. ޝިނީގެ ދެލޮލުން ކަރުނަ ފާއްދާލުމުން ޒޭބާގެ ހިތަށްވެސް އަސަރު ކުރިއެވެ. އެންމެން ހިމޭންވެފައި ތިއްބާ އައިކު ވިސްނަން އިނދެފައި "ބައްޕު" އޭ ބުނެލި އަޑަށް ޝިނީ ސަމުސާ ދޫކޮށްލާފައި ފުންމައިގެން ތެދުވިއެވެ. "އޯ ގޯޑް. އައިކުގެ ފަސްޓް ވޯޑް" ޝިނީ ހީގެންފައި އަނގަމަތީގައި ދެއަތް އެޅިއެވެ. ދެން ދުވެފައި ގޮސް ހަފީޒާގެ އަތުން އެދަރިފުޅު ޖަހައިގެންފައި މޭގައި ތަތްކޮށްލައިފިއެވެ. އެދެލޮލުން އުފާވެރިކަމުގެ ކަރުނަ އައީ ހިފެހެއްޓުމެއް ނެތިއެވެ. ކާމޭޒު ދޮށުގައި އެވަގުތު ތިބި އެންމެންގެ މޫނުންވެސް އުފާވެރިކަން ފެނިގެން ދިޔައެވެ. އިއްތިފާޤުން އެއީ އަފްލާކްވެސް ގެއަށް އައިސް ވަން ވަގުތެވެ. 

އައިކު ބައްޕުއޭ ބުނެލި އަޑާއި އެއަށްފަހު ޝިނީދެއްކި ވާހަކަވެސް އަފްލާކްގެ ކަންފަތުގައި ހަރުލިއެވެ. އަފްލާކް ހިތަށް ވެގެންދިޔައީ ބަޔާން ކުރަން ދަތި ގޮތެކެވެ. އައިކު ފެނުނީއްސުރެ އެހިތްވަނީ ޝައްކުން ފޯވެފައެވެ. ފާޑު ފާޑުގެ ހިޔާލުތަކުން ސިކުނޑި ހާސްކުރުވަނީއެވެ. އެހެންމީހަކަށް ނުފެންނާނެހެން އަފްލާކް އަވަހަށް ސިޑިން އަރައިގެން ކޮޓަރިއަށް ދިޔައެވެ.

"ހޭއި!" ޒޭބާ ކައި ނިންމާލާފައި ގޮސް އަފްލާކްގެ ކޮޓަރިއަށް ވަދެ އަފްލާކް ފެނިގެން ގޮވައިލިއެވެ. އަލަމާރި ކައިރީގައި އަލްބަމެއްގެ ގަނޑުތައް އުކަން ހުރި އަފްލާކްއަށް އެއަޑު އިވިގެން ސިއްސައިގެން ގޮއްސައި އަވަހަށް އަލްބަމް އެތެރެއަށްލިއެވެ. "ހޭއި." އަފްލާކް ހިނިތުންވުމަކާއި އެކު ކައިރިއަށް އައިސް ހުއްޓިފައި ޒޭބާގެ އަތުގައި ހިފާލައިފިއެވެ. "ކައިފިންތަ؟" ޒޭބާ ނިކަން ލޯބިން ކަމަށް ހެދިގެން އަފްލާކްގެ މޭމަތީގައި ދެއަތް ބާއްވައިލިއެވެ. ހަތަރުކަޅި ހަމަކޮށްގެން ހުރެގެން ޒޭބާ ހޯދަމުން ދިޔައީ ތަފާތު އަސަރެކެވެ. "ރަށްޓެއްސަކު ދިމާވެގެން ބޭރުން ކެއީ." އަފްލާކް ޒޭބާގެ އުނަގަނޑު މަތީގައި ހިފާލައިފައި ގަޔާއި ކައިރިކޮށްލިއެވެ. އެވަގުތު ބޭރުން އައިކުގެ ރުއިމުގެ އަޑު އަހާފައި ދެމީހުނަށްވެސް ދުރަށް ޖެހިލެވުނީ ކުއްލިއަކަށެވެ. ޒޭބާ އެކޭ އެއްގޮތަށް އަފްލާކްއަށް ވެސް ބާރުބާރަށް ދޮރާއި ދިމާއަށް ދެވުނެވެ. ޝިނީ އޭރު އައިސް އެކޮޓަރި އާއި އަރާ ހަމަވަނީއެވެ. 

"ކިހިނެތްވީ؟" ޒޭބާ ކަންބޮޑުވެފައިވާ އަޑަކުން ސުވާލު ކުރިއެވެ. "ނިދި އައިސްގެން އެރޮނީ." ޝިނީ އެދެމީހުންނަށް ބަލައިނުލައި ހުރެގެން ޖަވާބުދީފައި ފަސްދީ ގޮސް ޒޭބާގެ ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ފެންވަރާލަން ގަސްތުކުރާ ވާހަކަ ބުނެފައި އަފްލާކް ހިނގައިގަތުމުން ޒޭބާ ދިޔައީ ޝިނީގެ ފަހަތުންނެވެ.

ރޭގަނޑެވެ. ލޫސީ އާއި ޒޭބާ ފިހާރަތަކުގައި ހިނގަމުން ދިޔައެވެ. ގަނެލަން ޖެހޭ ބައެއް އެއްޗެހި ހުރެގެން ލޫސީ އެދުމުން ޒޭބާ ދެކޮޅެއް ނުހަދައެވެ. ޝިނީ އައިކު ނުނިދައިގެން އުޅޭތީ އެމީހުންނާއި ބައިވެރި ވެވޭގޮތް ނުވީއެވެ. ހެދުން ވިއްކާ ފިހާރައަކަށް ވަދެފައި ޒޭބާ އެތާހުރި ގަމީސްތަކެއްގައި އަތް ހާކަން ހުއްޓާ ލޫސީ ޝޯލްއެއް ނަގައިގެން އައިސް ދައްކާލިއެވެ. "ޝިނީއަށް ރަނގަޅު ވާނެތަ؟" ޒޭބާގެ މޫނުން ހައިރާންކަން ފެނިގެން ދިއުމުން ލޫސީ ބުނެލިއެވެ. "ސަޅި ކުލައެއް. އެކަމަކު ލޫސީ ކީއްވެ އޭނައަށް ޝޯލް ގަންނަން ތިއުޅެނީ؟ މިހާރު މާފުވެސް ލިބިއްޖެއެއްނު." ޒޭބާއަށް އެކަންވީ އަޖައިބަކަށެވެ. "ދެން ހަމަ ރީތި ޝޯލްއެއްވީމަ ގަނެލާ ހިތްވީ. މަވެސް އެބަހިތަށް އަރާ ބުރުގާ އަޅަން. ޒޭބާ ހިތަކަށް ނާރާތަ؟" ލޫސީ ވާހަކަދައްކަމުން އަހައިލިއެވެ. "ހޫމ އަޅަންވީ. ރަނގަޅު ހިޔާލެއް. އެކަމަކު އަހަރެން އަޅަންޏާ އަޅާނީ ޝިނީ ގޮތަށް ދޫހެދުމާއި ނިވާކަން ބޮޑު އެއްޗެހިލާފައި. ބުޑުފެންނަ ޓޮޕާއި އަތްކުރު އެއްޗެހިލަންޏާ އަޅާނެ ކަމެއް ނެތް." ޒޭބާ އަނގަޔަށް ގޮތެއް ހަދައިލިއެވެ. ލޫސީ މަޑުމަޑުން ހީލާފައި އެހެން ދިމާއަކަށް ޖެހިލުމުން ޒޭބާ ގަމީހެއް ނަގައިގެން ޗޭންޖިން ރޫމްގެ ދޮރު ހުޅުވާލާފައި ވަނެވެ. 

ލައިގެން ހުރި ހެދުން މަތިން ގަމީސް ގޮށް އަޅުވާލާފައި ލޯގަނޑަށް ބަލައިލިތަނާ ޒޭބާ ސިހިއްޖެއެވެ. ލޯގަނޑުގެ ކަނާތުން ވާތަށް ހުރަސްކުރި ހިޔަނި އޭނާގެ ލޮލުގައި އަޅައިގަތެވެ. އަޖައިބަކަށްވީ އެކުޑަ ރޫމްގައި އެވަގުތު ޒޭބާ ނޫން އިތުރު މީހަކު ނެތްކަމުންނެވެ. ހާސްވިވަރުން އަވަހަށް ގަމީސް ބާލާފައި ގެނެސް ކޮނޑުގައި އަޅުވާފައި ޒޭބާ ދޮރާއި ދިމާއަށް ދިޔައެވެ. ލޫސީ ކައުންޓަރަށް ފައިސާ ދައްކަން ހުއްޓެވެ. އިރުކޮޅަކުން ލޫސީ ނިކުމެފައި ދެމީހުން ކުރިއަށް ދާން ފެށިއިރު ޒޭބާގެ ހިތް އަދިވެސް ހަމައަކަށް ނޭޅެއެވެ. އަނެއްކާވެސް ކައިލްގެ ކުޅިގަނޑު ފެށުނީ ހެއްޔެވެ؟ ނޫނީ ސަރުދާރުގެ ޖިންނީންނަށް އޭނާ ފެނުނީ ހެއްޔެވެ؟ ޒޭބާ ބިރުން މޫޑް އޮފްވެގެން އެނބުރި ދާން އެދެފިއެވެ. ކާރެއްގައި ގޮސް ފެރީ ޓާމިނަލަށް ފައިބާފައި ޓިކެޓް ކަނޑައިގެން ގޮސް ވިލިމާލެ ފެރީއަށް އެރިއިރު އެރޭ ނުވަގަޑި ބައިވަނީއެވެ. ފެރީ ވިލިމާލެ އާއި ކައިރިވެފައި ހުއްޓައި އެއްލި ކަޅިއަކުން ކަނާތް ފަރާތުގައި މެގަޒިންއެއް ހުޅުވައިގެން އިން ބިޔަ ޒުވާނަކު ފެނުނެވެ. އަރިމަތިން ފެންނަން ހުރެފައި އަޅައިގެން ހުރި ތޮފީގެ ނިއްގަނޑުން މޫނަށް ހިޔަނިއެޅިފައި ހުރުމުން ކާކުކަމެއް ވައްކެއްނުވެއެވެ. އެކަމަކު އިށީންދެލައިގެން އިން ގޮތުންނާއި އެހަށިގަނޑުން ކައިލް އާއި ވައްތަރު ގޮތެއް ހުރިހެން ޒޭބާއަށް ހީވިއެވެ. 

ފެރީން ފައިބައިގެން ގެއަށް ދާން ހިނގައިގެންފައި ތަންކޮޅަކަށް ދެވުނު ފަހުން ޝައްކުވެގެން ބަލައިލިއިރު އެއްކަލަ މީހާ ފަހަތުން އެބަ އާދެއެވެ. އެކަމަކު އޭނާ މިފަހަރުވެސް ހުރީ ކާކުކަން ވަކިނުވާ ހިސާބު ދުރުގައެވެ. ލައިގެން ހުރީ ކަޅު ކުލައިގެ އެއްޗެއްސަށްވެފައި އަޅާފައިވާ ކަޅު ތޮފީގެ ނިތްގަނޑުން އެމޫނަށް ހުންނަނީ ހިޔަނި އެޅިފައެވެ. ޒޭބާ ދެފައި ކުރިއަށް ބާރުލާފައި ގޮސް ގެއަށް ވަންއިރު މައިނޭވާ ލެވިއްޖެއެވެ. ފުރަތަމަވެސް ގޮސް ބަދިގެއަށް ވަދެފައި ފްރިޖުން ފެންފުޅިއެއް ނަގައިގެން ކާމޭޒު ދޮށުގައި އިށީންދެ ފެންފޮދެއް ބޯލިއެވެ. ސިޓިން ރޫމްގައި ޓީވީ ބަލަން އިނީ މާވިން އެކަންޏެވެ. ޒޭބާ ހަމައަކަށް އެޅުމުން ތެދުވެގެން ދިޔައިރު އައިކު ނިންދަވައިގެން ޝިނީ އޮތެވެ. ޒޭބާ ގޮސް ކޮތަޅުތައް ޑްރެސިން ޓޭބަލްމަތީ ބަހައްޓާފައި އެނދަށް ވެއްޓިގަތެވެ. އެތަނުން ކޮތަޅެއްގައި ލޫސީ ހަދިޔާ ކުރި ޝޯލްއެއް އޮތް ވާހަކަ ބުނުމުން ޝިނީ ތެދުވިއެވެ. 

ޝިނީ އަޅައިގެން ހުރި ޝޯލް ނަގާފައި އިސްތަށިގަނޑު ނިއުޅާލުމުން ޒޭބާއަށް ތައުރީފް ކޮށްލެވުނެވެ. ފަންވެފައި ކަޅުކުލަގަދަ އެއިސްތަށިގަނޑު އުނަގަނޑާއި ހަމައަށް ދެމިފައިވެއެވެ. ޒޭބާ ހަނދާން ހުންނަން ފެށީއްސުރެވެސް ޝިނީ އިސްތަށިގަނޑު އޮންނަނީ ބުރަކަށީގެ މެދާއި ހަމައަށް ފޯރާ ވަރަށް ކޮށްލައިފައެވެ. ޝޯލް ފެނިގެން ޝިނީ ހިނިތުންވެލިއެވެ. އެނބުރި އައިސް އައިކުގެ މަގަތުގައި އިށީންދެފައި އެތުއްތު މޫނަށް ބަލަން ފެށިއެވެ. ނިދިފައި އޮންނައިރު އައިކު ވަކިން ލޯއްބެވެ. ޒޭބާގެ ހިތްވެސް ލޯބިން ފުރުނެވެ. ނޫކުލައިގެ ހަރުވާޅާއި އަތްދިގު ގަމީސްކޮޅުގައި އައިކު ހީވަނީ ބޭރުކުއްޖެއް ހެންނެވެ. ބައެއްފަހަރު ނިދީގައިވެސް ބުއްފުޅި ބޯހެން އެރަތް ތުންކޮޅު ހަލުވާތީ ޒޭބާއަށް މަޖާވިއެވެ. "ހުވަފެނުގަވެސް ބުއްފުޅި ދޯ." ޒޭބާ ހީލިއެވެ. ޝިނީ އިސްތަށިގަނޑުގައި އަތްފުނާ އަޅާލައިފައި ފަހަތަށް އެއްލަމުން ފަޚާނާއަށް ވަންނަން ދިޔައެވެ. ދޮރުލެއްޕިތަން ބަލަން ހުރެފައި ޒޭބާ ބަދަލުވީ ވަގަކަށެވެ. 

ސިއްރު ފިޔަވަޅުތަކެއްގައި ގޮސް އަލަމާރި ހުޅުވާލައިފައި ޝިނީގެ ސާމާނުތައް ހާވަން ފެށިއެވެ. އައިކުގެ ބައްޕަ އާއި ބެހޭ އެއްވެސް މައުލޫމާތެއް ޝިނީ ދީފައި ނުވިއަސް އަފްލާކް އާއި އެދަރިފުޅު ވައްތަރުވާހެން ޒޭބާއަށް ހީވެއެވެ. ޝިނީ މިހާތަނަށްވެސް އެހަގީގަތް ފައުޅު ނުކުރަނީ އެހެންވެ ކަމަށް ޒޭބާ ހީކުރެއެވެ. އެކަމަކު އެއީ ހަމައެކަނި ޝައްކެކެވެ. ކައިވެނި ހުއްޓުވަންޏާ ޒޭބާ ޖެހޭނީ އެކަށީގެންވާވަރުގެ ބޮޑު ހެއްކެއް ހޯދާށެވެ.

އެހެން ދުވަހެކެވެ. އިރު އޮއްސިގެން އައިވަގުތު ދުނިޔެމަތި ރަތްވިލާތަކުން ވަށާލައިފައި ވެއެވެ. އިރުގެ ފަހު ދޯދިތައް ކަނޑުގެ ސަތަހަ ރަނުން ގިރިޓީކުރަމުން ދިޔަ ޤުދުރަތީ ރީތި މަންޒަރަށް ލޯ ހުއްޓިފައި ޒޭބާ އޮތީ މިޝްއަލްގެ އެނދުމަތީގައެވެ. ކުޑަ ދޮރުތައް ހުޅުވާލާފައި ހުންނައިރު ދުރުންވެސް އެމަންޒަރު ބަލައިލަން ހާދަ ރީއްޗެވެ. ރޯޔަލް ބީޗް ކޯނަރ ހުންނަލެއް އަތިރި އާއި ކައިރިކަމުން ކަނޑުގަދަ ދުވަސްތަކުގައި ވައިރޯޅީގައިވެސް ލޮނުގެ އަސަރު އެކުލެވޭ ކަމުގައި މިޝްއަލް ބުންޏެވެ. ޒޭބާ އެންމެ ހިތް ހަމަޖެހޭ ހިސާބުގައި ހުރި ގެއެކެވެ. ކޮންމެ ދުވަހަކު ކޮޓަރީގައި އޮވެގެން އިރު އޮއްސޭ މަންޒަރު ބަލައިލަން ލިބޭނީ ނަސީބުގަދަ މީހަކަށެވެ. އެތެރެއަށް ވަންނަމުންދިޔަ ލުއި ވައިރޯޅިތައް ލޭސް ކާޓޭންތަކާއި ސަމާސަކޮށްލާފައި އައިސް ޒޭބާގެ މޫނުގައި ބޮސްދެމުން ދިޔައެވެ. 

މިޝްއަލް ނުހަނު ގާތުގައި އޮވެގެން ޒޭބާގެ ހަނދެއްފަދަ ރީތި މޫނަށް ބަލަހައްޓައިގެން އޮންނަތާ އިރުކޮޅެއް ވެއްޖެއެވެ. ކަޅުކުލަގަދަ އިސްތަށިކޮޅުތައް އެމޫނަށް އުދަނގޫ ކުރަން ފެށުމުން އެހިމަހޯލި އިނގިލިތަކުން ކިޔަމަން ކުރުވާފައި ކަންފަތް ކައިރިއަށް ލައްވާލުމުގައިވެސް ޒޭބާ ކަންކުރިގޮތް މިޝްއަލްއަށް ހިތްގައިމުވިއެވެ. އަބަދުމެ ބެލިއަސް ފޫހިނުވާފަދަ މޫނެކެވެ. އެހެން އިންސާނުންނާއި ޒޭބާ ތަފާތެއް ހުންނަކަމުގައި މިޝްއަލް ގަބޫލު ކުރީ އިއްޔެއަކު ނޫނެވެ. އެހެން ނޫންނަމަ ފުރަތަމަ ނަޒަރުން އެގޮތަށް ޖިންނިއެއްގެ ހިތާއި ހަމައަށް ވާސިލެއް ނުވެވޭނެއެވެ. އަދި ކައިލްވެސް ޒޭބާ މަރާނުލައި އެ ހިފަހައްޓަނީ ޔަގީނުންވެސް އޭގައި ފޮރުވިފައިވާ ސަބަބެއް އޮވެގެން ކަމުގައި މިޝްއަލްއަށް ހީވެއެވެ. އަދި މިހާރަކަށް އައިސް ޒޭބާގެ ފަރާތުން ފެންނަމުން މިދަނީ ޖަވާބު ހޯދަން ދަތިވެފައިވާ އަޖައިބު ކަންތައްތަކެކެވެ. އެއަންހެންކުއްޖާ ލޮލުފިޔައެއް ޖަހައިނުލާތާ މިހާރު މަހެއް ވަނީއެވެ. އެކަމަކު ވަރުބަލިކަމެއް ނުތަނަވަސްކަމެއް އެހަށިގަނޑަކަށް ނާދެއެވެ. ދުވަހަކަށްވުރެ ދުވަހެއް ހަންގަނޑާއި މޫނުގެ ކުލަ ރީތިވެ އިސްތަށިގަނޑާއި ވަނާތައްވެސް ފަރިވަމުން އަންނަކަން މިޝްއަލްއަށް އިހްސާސްވެއެވެ.

"މިޝްއަލް!" އިރު ނިވާވިތަން ބަލަން އޮވެފައި ޒޭބާ ގޮވައިލިއަޑަށް މިޝްއަލް ސިހޭ ގޮތްވިއެވެ. ޒޭބާ އެނދު ހުރަހަށް އޮވެފައި ތެދުވެގެން އައިސް މިޝްއަލްގެ ކައިރީގައި ދިގުދިގަށް އޮށޯވެލިއެވެ. "މިޝްއަލް ބުނީމެއްނު ކައިލް ބަދަލުހިފަން ބޭނުންވަނީ މިޝްއަލްގެ ފަރާތުންނޭ. އެކަމަކު މިޝްއަލްއަށް ފަހަރެއްގައިވެސް ޔަޤީނެއްނޫނެއްނު ކައިލް އަހަރެން މަރައި ނުލާނެ ކަމެއް. ދެން ކީއްވެ ސަރުދާރުގެ އަރިސް ޖިންނި އައިރޭ މިޝްއަލް ހައްޔަރުވާން ފެށުމުން އަހަރެން ގެއަށް ފޮނުވަން ކައިލް ކައިރީ ބުނީ؟ ޒޭބާގެ ހިތަށް އުދަނގޫ ކުރަމުން ދިޔަ އެސުވާލު ހުށައަޅައިލުމުން މިޝްއަލްގެ ނިއްކުރިއަށް ކުދި ރޫތަކެއް އަރައިގެން ދިޔައެވެ. "އަހަރެން ނުބުނަން." މިޝްއަލް ވިސްނަން އޮވެލާފައި ހަގީގަތް ހާމަކުރިއެވެ. ޒޭބާ ދެކޮޅު ހެދުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރުވާލާފައި ތެދުވެ އިށީންދެއްޖެއެވެ. "ނުވާނެ އެހެނެއް. އަހަރެން އަޑު އެހިން. އެއަށްފަހު ހޭއެއިރު އިރު ކައިލް އަހަރެން ގެންގޮސް އެނދުގައި ބާއްވާފަ އޮތީ. މިޝްއަލް ބުނެގެނެއްނޫންތަ ކައިލް އެދުވަހަށްފަހު އަހަރެންގެ ހަށިފާރަވެރިއަކަށް ވެގެން އުޅުނީ؟ ކައިލް ބުނީ މިޝްއަލް ދެކެ ވާ ލޯއްބަކުން އަހަރެން މަރާލާކަށް ނުކެރޭނެއޭ." ޒޭބާ ހައިރާންކަން އެކުލެވިފައިވާ އަޑަކުން ވާހަކަދެއްކިއެވެ. "ޒޭބް އަހަރެން ހައްޔަރުވި ވަގުތު ތިހެން ބުނަންވެގެން އުޅުނީ. އެކަމަކު ކައިލް އާއި މެދު އިތުބާރު ނެތީމަ ހިޔާލު ބަދަލުވެގެން ނުބުނީ. ޒޭބް އަހަރެން ސަލާމަތްވެގެން އައުމާއި ހަމައަށްވެސް އުންމީދެއް ނުކުރަން ދެވަނަ ފަހަރަށް ޒޭބް ދިރިހުއްޓާ ފެނިދާނެ ކަމަކަށް. ކައިލް ތިގޮތަށް ކަންތައް ކުރިވާހަކަ ބުނީމަ ހައިރާންވެއްޖެ." މިޝްއަލް ހަމަ ރަނގަޅަށްވެސް އަޖައިބު ވެއްޖެއެވެ. ކައިލްގެ ފިތުރަތަކީ ތަފާތު އެއްޗެކެވެ. ކައިލްގެ ހިޔާލާއި ވިސްނުން ހިނގަނީ އެކިފަހަރު އެކިގޮތަށެވެ. އެކަމަކު އަދާއި ހަމައަށްވެސް ޒޭބާ މަރާލުމުގެ އެދުން ފާޅުކޮށް އެކަން ކައިލް ނުކުރަނީ ޔަގީނުންވެސް ބޮޑު ސަބަބެއް އޮވެގެންނެވެ. "ތީގެ މާނައަކީ އެރޭ އަހަރެންނަށް އިވުނީ މިޝްއަލްގެ ހިތަށް އެރިއެއްޗެކޭތަ؟" މިޝްއަލް އެހެން ވިސްނުމެއްގައި އޮތްވާ ޒޭބާ ބުނެލިއެވެ. މިޝްއަލްއަށް ފެނުނުއިރު ޒޭބާ ދެލޯބޮޑުކޮށްގެން ހުއްޓުން އަރާފައި އިނެވެ. "އޯ ގޯޑް. އަހަރެންނަށް ކިހިނެތް މިވަނީ؟" ޒޭބާ ހަމަ ރަނގަޅަށްވެސް ބިރުގަނެއްޖެއެވެ. އެދެލޮލުން ކަރުނަ ފާއްދާލިއެވެ. ނިއްކުރިމަތީގައި ދާތައް މުތީތަކެއްފަދައިން ވިދަން ފެށިއެވެ. 

"މިޝްއަލް. އަހަރެންނަށް މިހާރު ހީވޭ ކޮންމެވެސް މީހަކު އަހަންނަށް ފާރަލާހެންވެސް. ކުރިން ރޭ ފިހާރަ ތެރެއިންނާއި އޭގެ ފަހުން ފެރީންވެސް ފެނުނު... ކައިލް އާއި ވައްތަރު ވީ. އެކަމަކު މިހާރު ޔަގީނެއް ނޫން ފެންނަ ކޮންމެ އެއްޗަކީ ހަގީގަތެއް ކަމެއް." ޒޭބާ ވާހަކަދައްކައި ނިމުމުން މިޝްއަލް ހިމޭނުން އޮވެފައި ޒޭބާގެ އަތަށް ދަމައިލަމުން ގެނެސް މޭގައި ޖައްސައިލިއެވެ. "ތިވާނީ ހީވިގޮތެއް ކަމަށް. ކަންބޮޑު ނުވޭ. ކައިލް އެއް ނެތް. އޭނަ ހިނގައްޖެ." މިޝްއަލް ޒޭބާގެ ހިތްހަމަޖައިސައި ދިނުމުގެ ގޮތުން ބުނެލިއެވެ. ކައިލްއަށް ވުރެވެސް ބޮޑަށް ޒޭބާ އެއީ މިހާރު މިޝްއަލް ވިސްނަން ޖެހިފައިވާ މައުޟޫއަކަށް ވެއްޖެއެވެ. 

ލޫސީ އިން ކާރު ހަނި ގޯޅިގަނޑެއް ކައިރިއަށް މަޑުކޮށްލުމާއެކު ފައިބަން އަވަސްވެގަތެވެ. "ހާދަ އަވަހަކަށް؟" ޑްރައިވަރ ސީޓުގައި އިނދެފައި ކައިލް ހިނިގަނޑެއް ޖަހާލިއެވެ. ތަޅުލައިފައި ހުރެގެން ލޫސީއަށް ދޮރެއް ނުހުޅުވުނެވެ. "ކައިލް މީ ކޮން ސަމާސައެއް؟ އަހަރެން ކަލޭ ބުނިހާ ކަމެއް ކުރަން އެއްބަސް ވެގެނެއްނު މިއައީ." ލޫސީ އެނބުރިފައި ނުރުހިގެން ލޯ ހަނިކޮށްލިއެވެ. ކައިލް ހަމަޖެހިލައިގެން ދުރުބަލަން އިނދެފައި ސަރަކައިން އަތް ދޫކޮށްލަމުން ލޫސީ އާއި ދިމާއަށް އަރިވެލިއެވެ. ކައިލް ދޮރުފަތް ހުޅުވަންވެގެން އުޅުނު އިރު ލޫސީ އިނީ ނޭވާ ހިފަހައްޓައި ގެންނެވެ. އެހާ ކައިރިން ކައިލްގެ ދެލޯ ފެނިފައި ލޫސީ އަމިއްލަ ނަފްސާމެދު ބިރުގަނެއްޖެއެވެ. ކައިލްގެ ދެލޮލަކީ ތޫނު ހަންޖަރެއްފަދަ ހަތިޔާރެކެވެ. އެންމެ ފަހަރަކު ބަލައިލާއިރަށްވެސް އެހެން ހުރިހާ ކަމެއް ހަނދާން ނަތްތާލާފައި އެލޮލު ތެރެއަށް ގެނިބިގެން އިންނަހިތްވެއެވެ. 

"ހަނދާން ކުރައްޗޭ. މާވިން ވަނީ އަހަރެންގެ މުށުތެރޭގައި!" ކައިލް އިންޒާރުގެ ބަލައިލުމަކުން ލޫސީ ތަޅުވާލިއެވެ. ބޯ ޖަހައިލައިފައި ކާރުން ފައިބައިގެން ގޮސް ގޯޅިގަނޑަށް ވަންއިރު ލޫސީގެ މުށުތެރޭގައި ޒޭބާގެ ބަޑި އޮތެވެ. ލޫސީ ހަމަ ފެނުނު އިރަށް އަލި ދީދީ ދެނެގެންފިއެވެ. އަލި ދީދީ ފަހަތުން އައުމަށް އިޝާރާތްކޮށްލާފައި ގޭގެ އެންމެ ބިތްދޮށަށް ހުރި ކުޑަ ކޮޓަރި ގަނޑަކަށް ވަނުމުން ލޫސީ އުދާސްވެގެން ހަލާކު ވާވަރުވިއެވެ. ނަސީބަކުން ކުޑަ ދޮރެއް ހުއްޓެވެ. ލޫސީ އަލި ދީދީގެ ހުއްދަ ހޯދައިގެން ގޮސް ކުޑަ ދޮރު ހުޅުވާލުމާއެކު ކައިލް ހުރީ ބަލަހައްޓައިގެންނެވެ. "މީ ހަށިރައްކަލަށް އަޅާ އެއްޗެއްނޫން." އަލި ދީދީ އައިނު އަޅައިގެން އިނދެ ޒޭބާގެ ބަޑި ދެފަރާތަށް ޖަހައި އިރުކޮޅެއް ވާންދެން ބަލާފައި އިސް އުފުލައިލިއެވެ. 

ކޮމެންޓް 0