ޒޭބާ ޒުވާނާގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގައިލިއެވެ. އޭނާ މާ ދިގެއް ނޫނެވެ. ހަށިގަނޑު ހިކި އަނަރޫފަ ވެފައި ކަރުގެ ދެ ކަށިގަނޑު ވެސް ހުރީ އުފުލިފަ އެވެ. ލައިގެން ހުރި ސައިޒަށް ނުފެތޭ ބޮޑު ޓީޝާޓާއި ދެ ކަކުލާއި ދިމާއިން ކަފާލާފައިވާ ޖިންސް ތިރިއަށް ސޮހިފައި ހުރުމުން އެއީ އެއްވެސް ތާކުން ތާކު ޖެހޭ ޒުވާނެއް ނޫންކަން ދޭހަވެ އެވެ. ބޮލުގެ އިސްތަށިގަނޑުގައި ވެސް އެއްވެސް ތަރުތީބެއް ނެތެވެ. 

"ތީ ކާކު؟ މިތާ ކީއްކުރަނީ؟" ޒޭބާ ދެބުމަ ގޮށް ޖަހާލާފައި ސުވާލު ކުރިއެވެ. "ނޭނގުނުތަ؟ މީ ލޫސީގެ ފްރެންޑެއް. އޭނަ ދައުވަތު ދިނީމަ މިގެއަށް އައީ." ޒުވާނާ ހިނި އައިސްފައި އައިސް ޒޭބާގެ ކުރިމައްޗަށް ހުއްޓުނެވެ. "މިގެއަށް ތިނޫނަސް މީހުން އައޭ. އެކަމަކު އެއިން އެކަކުވެސް މިކޮޓަރިއަކަށް ނުވަދެއެއްނު. " ޒޭބާ ހުރީ ނިކަން ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. "މަށަށް ޒޭބާ ހާދަ ރީއްޗޭ!" އޭނާ ކަނާއަތް އުފުލާލާފައި ޒޭބާގެ ކޯތާފަތުގައި ހިފަހައްޓާލަން އުޅުނެވެ. އެކަމަކު އެއަށްވުރެ ކުރިން ޒޭބާ ފަހަތަށް ޖެހިގަތެވެ. "ހަމަ މިހާރު ނިކުމޭ!" ޒޭބާ ހަޅޭއްލަވައިގަތެވެ. ރުޅި އައިސްގެން އޭނާ ތުރުތުރު އަޅައެވެ. 

"އަހަރެން ނުނިކުތިއްޔާ ކިހިނެއް ހަދާނީ؟" ޒުވާނާ ޖެހިލީ އަނެއްކާވެސް ކުރިއަށެވެ. "މިބުނީނު ނިކުންނާށޭ! ހާދަ ހަޔާތްވެސް ކުޑައޭ ދޯ." ޒޭބާ ޒުވާނާގެ ފަރާތުން ރެކިގަނެގެން ދޮރާއި ދިމާއަށް ދާން ހިނގައިގަތެވެ. އެވަގުތު ޒުވާނާ ޒޭބާއަށްވުރެ ކުރިން ފުންމައިގެން ގޮސް ދޮރުލައްޕައި ތަންޑު އަޅުވައިލިއެވެ. އެނބުރި ބަލައިލުމާ އެކު އޭނާގެ ދެލޮލުގައި ވި ވިދުވަރަކުން ހީވަނީ ޒޭބާ ކައިލާން ތައްޔާރަށް ހުރިހެންނެވެ. ބިރުން ޒޭބާގެ މޭގަނޑު އަނގަޔަށް އައެވެ. ކުރިއަށް ނެގި ފިޔަވަޅުތައް ފަހަތަށް ޖައްސާލަން މަޖުބޫރުވިއެވެ. "ދޮރު ނުހުޅުވައިފިއްޔާ ނަތީޖާ މާ ރަނގަޅެއް ނުވާނެ!" ނިއްކުރިން ދާހިލެމުން ދިޔައިރު ވެސް ޒޭބާ ހިތްވަރު ކުރިއެވެ. މޫނުމަތިން އެއްވެސް ހާސްކަމެއް ނުދައްކަ އެވެ. 

"މިހާރު ދޮރުވެސް ލައްޕާފައެއްނު އެހުރީ. ދެން ލަދުން ނުހުރެ އާދެބަލަ!" އޭނާ ހީގެންފައި ޒޭބާގެ ކައިރިއަށް ދާން ފެށިއެވެ. ނޫނެކޭ ބުނާފަދަ ގޮތަކަށް ދެފަރާތަށް ބޯހޫރުވަމުން ޒޭބާ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ފަހަތަށް ޖެހެމުން ދިޔައެވެ. ތިރީގައި އަޑުގަދަކޮށް ލަވަ ޖަހާފައި ހުރުމުން ހަޅޭއްލެވިއަސް އެތާއުޅޭ މީހަކަށް އަޑު ނީވޭނެކަން އިނގޭތީ ޒޭބާ އެ ބޭކާރު މަސައްކަތެއް ނުކުރެއެވެ. ނޫނީ ޖެހިލުންވެފައި ހުރިވަރުން އަޑު ބޭރު ނުވީއެވެ. 

"ހާދަ ލަދެކޭ ތިގަންނަނީ؟ ނިއުލީ މެރިޑް އަންހެންކުދިން ވެސް ނޫޅޭނެ ތިހެން. މައްސަލައެއް ނެތް. ޒޭބްއަށް ނުކެރެންޏާ ފުރަތަމަ އަހަރެން ދޯ." ޒުވާނާ މަކަރުވެރި ގޮތަކަށް ހިނިއައިސްފައި ހުރެ ލައިގެން ހުރި ޓީޝާޓް ދަމައިގެންފައި އެއްލައިލިއެވެ. ދެން ފެނުނީ ބެލްޓް ދަމައިގެންފައި ޖިންސްގެ ގޮށް ނެއްޓިތަނެވެ. ޒޭބާއަށް މޫނުގައި ދެއަތް އަޅައި ފޮރުވައިލެވުނެވެ. އެކަމަކު އޭރުން އަދި މާ ގޯސްވާނެކަން ވިސްނިފައި އަތްނެގިއިރު އޭނާ ޖިންސް ވެސް ބާލައިފައި ހަމައެކަނި ބޮކްސާއަށް ހަދާލައިފި އެވެ. 

"ދުރަށް ދޭ! ނުލަފާ މީހާގަނޑާ!" އަތްފޯރާ ފަށަށް އޭނާ ކައިރިވުމާ އެކު ޒޭބާ ދަތްކުނޑި ވިކާފައި ކޮޅުފައިން ޖަހަން ވެގެން ފައި ހޫރާލިއެވެ. އެކަމަކު އެހަމަލާ ދިޔައީ ހުހަށެވެ. ޒޭބާ ހީކުރިވަރަށް ވުރެ ޒުވާނާ ހުޝިޔާރެވެ. ޒޭބާގެ ހަމަލައިން ރެކެން ވެގެން އޭނާ އެއްކައިރިވި ވަގުތު ޒޭބާ އެ ފުރުސަތުގެ ބޭނުން ހިފިއެވެ. އަޅާއިތިކޮށް ދުވެފައި ދޮރު ހުޅުވަންވެގެން ޒޭބާ ދިޔައެވެ. އޭނާއަށް ތަންޑު ވެސް ނެއްޓުނެވެ. އެކަމަކު ދޮރުން ބޭރަށް ފިޔަވަޅު ނޭޅިގެން އުޅެނިކޮށް ޒުވާނާ އައިސް ފަހަތުން ބައްދައިފި އެވެ. ކިތަންމެ އަނަރޫފަކޮށް ހުއްޓަސް އޭނާގެ މުލައްދަނޑީގައި ނުހަނު ބާރު ހުއްޓެވެ. އަމިއްލަ ބާރެއް ނެތް ކަމާއި މެދު ޒޭބާ ހިތާމަކުރިއެވެ. ދެއަތުގެ ތޫނު ނިޔަފަތިތަކުން އޭނާގެ އަތުގެ ހަންގަނޑު ހަލާކު ކުރަމުން އެއަތް ނެއްޓޭތޯ ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ހަންގަނޑުގެ އެތަންމިތަން ހަލާކުވެ ލޭ ހިލުނުއިރު ވެސް އެޒުވާނާ ހިތްވަރު އެލުވައެއް ނުލައެވެ. ޒޭބާގެ ކިބައިން އޭނާ ހިފަން އެމަސައްކަތް ކުރަނީ ކޮންފަދަ ނުބައި ބަދަލެއް ހެއްޔެވެ؟ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެތައް ހާސް ސުވާލެއް ޒޭބާގެ ސިކުނޑީގައި އެނބުރި ގަތެވެ. އެންމެ ގިނައިން ކުރެވުނު ސުވާލަކީ އޭނާއަށް ކުރެވުނީ ކޮން ކުށެއް ހެއްޔޭ އެވެ.

"ހޫމްމްމް...ޔޫ ސްމެލްސް ގުޑް..." ޒުވާނާ ޒޭބާގެ އިސްތަށިގަނޑާ އެކު ކަނދުރާއިން ވަސްބަލައިލައިފައި ދިގު ނޭވައެއް ދޫކޮށްލިއެވެ. އަދި އެހަށިގަނޑު ބިމުން މައްޗަށް ހިއްލައިލައިގެން ގެންގޮސް ނިދާ އެނދަށް ވައްޓައިލިއެވެ. ޑަންލާފައި ގޮސް އެނދުގައި ޖެހުމާއެކު ހަމަ އެސިކުންތުގައި ޒޭބާ ތެދުވަން އުޅުނެވެ. އެކަމަކު މިފަހަރުވެސް އޭނާ މާ ހުޝިޔާރެވެ. ޒޭބާއަށް ނުތެދުވެވޭނެހެން ދެފަރާތުން އެނދުގައި އަތްވިއްދާފައި ޝިކާރަވެރި މިނިކާވަގެއް ފަދައިން ޒޭބާގެ ގައިމައްޗަށް ޒުވާނާ ޖެހިގަތެވެ. "މަންމާ..........!" ލޮލުން އޮހިގަތް ކަރުނަތަކާއި އެކު ޒޭބާގެ ތުންފަތް ފޫދުއްވައިލައިފައި ނިކުތެވެ. 

ފެރީން ފައިބައިގެން ގެއާއި ދިމާއަށް ދިޔަ މާވިން އަށް މާދުރުން މިއުޒިކްގެ އަޑު އިވުނެވެ. ފޯނުގެ ސްކްރީނަށް ބަލަމުން އޭނާ ހިނގާފައި ގޮސް ގޭގެ ފޫޓުން އެތެރެއަށް އެޅި ފިޔަވަޅާ އެކު މަތިން އުދުހިގެން އައިސް ކުރިމައްޗަށް ވެއްޓުނީ ވީދިފައި އޮތް ހުދު ފޮތި ކޮޅެކެވެ. ވަކި ހިޔާލެއް ނެތި އެފޮތިކޮޅު ވެއްޓުނު ދިމާއަށް މޫނު އުފުލައިލުމާއެކު އޭނާއަށް ފެނުނީ ޒޭބާގެ ކޮޓަރިން ހުޅުވައިފައިވާ ކުޑަ ދޮރެވެ. މާވިންގެ ސިކުނޑި މަސައްކަތް ކުރަން ސިކުންތެއް ނެގިއެވެ. ދެވަނަ ސިކުންތުގައި އޭނާ ފޯނު ޖީބަށް ކޮށްޕައިލައިފައި ގެއަށް ވަންނަން ދުއްވައިގަތެވެ. 

"ހެޔޮނުވާނެ އަހަރެން ދޫކޮށްލާ!" ޒޭބާ ބާރަށް ރޮމުން އާދޭސް ކުރިއެވެ. އެހެނަސް ޒުވާނާގެ ހިތުގައި ރަހުމްގެ ކަންފުޅެއް ވެސް ނުވެއެވެ. އެދުންވެރިކަމުގެ އަލިފާނުން އަނދަމުން ދިޔަ ހަށިގަނޑުގެ މުރާދު ހާސިލު ކުރުމަށްޓަކައި ނުހަނު އަވަސް ހަރަކާތް ތަކާއި އެކު ކުރިއަށް ދިޔައެވެ. ޒޭބާ ލައިގެން އޮތް ޓޮޕްގެ ލޭސް ދެއަތް ވީދައި ކުދިކޮށްލެވުމުން ދެން ހިފީ އޭގެ ކަރުވަޅުގައެވެ.

މާވިން ދުވެފައި ސިޑިއާއި ދިމާއަށް ދާތަން ފެނުމުން ލޫސީ ހައިރާންވި އެވެ. ބާރުބާރަށް ގޮސް ލަވަ ނިއްވައިލައިފައި އޭނާ ވެސް މާވިންގެ ފަހަތުން ދުއްވައިގަތެވެ. ދެން ތިބި މީހުން ވެސް އެމީހަކު ކުރަން ހުރި ކަމެއްވިއްޔާ ހުއްޓައިލައިފައި އެދެމީހުންނަށް ބަލަން ފެށިއެވެ. 

"އޭ.........!!!" ދޮރާއި ހަމައިން މާވިން އަޑުގެ ކޮޅަށް ހަޅޭއްލަވައި ގަތެވެ. އެރީތި ދެލޮލުން އަލިފާން ކަނި ބުރައެވެ. ޒުވާނާ ސިހިފައި ތެދުވެ ހިންދެމިލަމުން ކައިރިއަށް ދާންފެށި މާވިންގެ ހަމަލާއިން ސަލާމަތް ވުމަށްޓަކައި ތައްޔާރުވެލި އެވެ. ޒޭބާ އޭރު ގިސްލަމުން ތެދުވަނީއެވެ. އަތްފޯރާ ފަށަށް ދެވުމާއެކު މާވިން ތަނެއް ދޮރެއް ނުބަލައި އެޒުވާނާގެ މޫނަށާއި ހަށިގަނޑުގެ އެތަން މިތަނަށް ގޮށްމުށުގެ އެތިފަހަރުތައް ދޫކުރަން ފެށިއެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި ޒުވާނާގެ އެތަން މިތަން ޒަޚަމްވެގެން ލޭ އަންނަން ފެށިއެވެ. ފިރިހެނަކަށް ވެ ހުރެވެސް މާވިންއާއި ޖެހިފައި އޭނާ ބަލިކަށި އަންހެންކުއްޖެއް ފަދައެވެ. 

"މާވިން! އޭނަ މަރުވެދާނެ." ޒޭބާ ރޮވިފައިވާ އަޑަކުން ގޮވައިލި އެވެ. އެއަޑު އަހާފައި މާވިންގެ ދެއަތް ހީވީ ގަނޑުވި ހެންނެވެ. އެނބުރި ބަލައިލުމާ އެކު ޒޭބާ ހުރި ހާލު ފެނިފައި ޒޭބާގެ ކައިރިއަށް ދާންވެގެން މާވިން ޒުވާނާ ދުރަށް ކޮށްޕާލިއެވެ. ވަޔާއި އެއްކޮޅަށް ދިޔަ ހިކިފަތެކޭ އެއްފަދައިން އޭނާ ވިއްސައިގެން ގޮސް ކުޑަދޮރުގައި ޖެހުމާއެކު ބޭރަށް ވެއްޓެން ދިޔަގޮތުން ހީވީ ކުޑަދޮރާއި ހަމައިން ނުފެންނަ އަތެއް އައިސް އޭނާގެ އިސްތަށިގަނޑުގައި ހިފައި ކުޑަ ދޮރުން ބޭރަށް ދަމައިގަތް ހެންނެވެ. އެކަމަކު އެތަން އެކަކަށް ވެސް ނުފެނެއެވެ. މާވިން އާއި ޒޭބާގެ ސަމާލުކަން ހުއްޓިފައި ހުރީ އެކަކު އަނެކަކަށެވެ. ފަހަތުން ދުވަމުން އައި ލޫސީއަށް ދޮރާއި ހަމައަށް އާދެވުނު އިރު މާވިން ގޮސް ޒޭބާގެ ގައިގައި ބައްދައިލަނީއެވެ. 

"ޒޭބް. އައިމް ސޯ ސޮރީ. އައިމް ސޯ ސޮރީ." މާވިންގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. އަނެއްކޮޅުން ޒޭބާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް މާވިންގެ ކޮނޑު ތެންމަމުން ދިޔައެވެ. "ޒޭބް!" ލޫސީ ކުރިއަށް ފިޔަވަޅެއް އަޅައިލުމާ އެކު މާވިން އަތްދިއްކޮށްލައިފައި އެކަން މަނާކުރިއެވެ. ދޮރާއި ފުރަގަސްދީގެން ހުރުމުން ޒޭބާއަކަށް އެމަންޒަރެއް ނުފެނެއެވެ. ކަރުނުން ފުރިފައިވިއަސް މާވިންގެ ލޮލުން ލޫސީއަށް ރުޅިވެރިކަން ފެނުނެވެ. ކިޔަމަންތެރި އަޅެއްހެން އޭނާ އަވަސްއަވަހަށް ފަހަތަށް ޖެހިލައިފައި ފާރާއި ނިވައިވެލިއެވެ. ދެލޮލުން ކަރުނަ ފައިބަން ފެށުމާ އެކު ލޫސީ އަޑު ބޭރުވެދާނެތީ އަނގަމަތީ އަތް އެޅިއެވެ. އަދި ދުވެފައި ގޮސް ސިޑީގެ ހަރުފަތްތައް ގިރާކޮށްފައި ތިރިއަށް ފޭބިއިރު ހުރިހާ ޒުވާނުންގެ ލޯ ހުއްޓިފައި ހުރީ ލޫސީއަށެވެ. 

"ޕާޓީ ނިމުނީ. އެންމެން ގެއަށް ދޭ!" ލޫސީ ދެލޯ ފުހެލާފައި މޫނުމަތިން ހަމަޖެހޭގޮތް ދައްކައިލި އެވެ. ހިމޭންވެފައި ތިބި އެންމެން އަތުގައި ހުރި ހުސްތަށިތައް އެކި ތަންތާ ބަހައްޓައިފައި ނިކުމެގެން ދިޔައެވެ. އެންމެފަހުން ނިކުތް ކުއްޖާ ޒޭބާގެ ބަޑި ހިފައިގެން އައިސް ލޫސީ ލައިގެން ހުރި ހެދުމުގެ އަރިމަތީ ޖީބަކަށް ލައިފައި ނިކުތެވެ. ލޫސީއަށް ކެތްކުރެވުނީ އެހާ އިރު ވަންދެންނެވެ. ސޯފާއަށް ޖެހިގެންފައި ކުޝަންއެއް ނަގާ މޫނުގައި ޖައްސައި ބާރުކޮށްލަމުން އޭނާ ރޮއިގަތެވެ. 

ޒޭބާގެ ރުއިން މެދުކެނޑި ހަމަޖެހުމުން އެޒުވާނާ އާއި މެދު ކަންތައްކުރާނެ ގޮތަކާއިމެދު ވިސްނައިލައިފައި މާވިން ކުޑަދޮރާއި ވީ ފަރާތަށް އެނބުރުނެވެ. އޭނާއަށް ލިބުނީ ހައިރާންކަމެކެވެ. އެޒުވާނާއެއް އެތާކު ނެތެވެ. "ކޮބާ އޭނަ؟" މާވިންއަށް ބުނެލެވުނެވެ. އެއަޑު އިވިގެން ޒޭބާވެސް އެނބުރި ބަލައިލިއެވެ. ޒޭބާއަށް ވެސް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. "އަނެއްކާ ވެއްޓުނީބާ؟" ޒޭބާގެ ހިތް ކުރިއަށްވުރެ ވެސް ބާރަށް ތެޅިގަތެވެ. އޭނާ ވެއްޓި ކަމެއް ވެއްޖެއްޔާ އެލިބޭ ގެއްލުމެއްގެ ޒިންމާ އުފުލަން ޖެހޭނީ މާވިން ކަމުގައި ޒޭބާއަށް ހީކުރެވުނެވެ. މާވިން އަވަސްއަވަހަށް ކުޑަ ދޮރާއި ގާތްވެލާފައި ތިރި ބަލައިލި އެވެ. އެއްވެސް ހިސާބަކުން އެޒުވާނާގެ އިޝާރާތެއް ނުފެނުމުން މާވިން ހިސާބަކަށް ކަންބޮޑު ވިއެވެ. "ހިނގާބަލަ ތިރިބަލަން!" ޒޭބާ އެހެން ބުނުމުން މާވިން ފާޑަކަށް ބަލައިލިއެވެ. "އަހަރެން އޯކޭ އޭ." ޒޭބާ ޔަޤީންކޮށްދިނެވެ. ދެޒުވާނުން ހަލުވި ފިޔަވަޅު ތަކެއްގައި ސިޑިން ތިރިއަށް ފައިބައިގެން ދޮރާއި ދިމާއަށް ދިޔައިރު ސޯފާގައި އޮތް ލޫސީ އެމީހުންގެ ލޮލަކު އަޅައެއް ނުގަތެވެ. އެކަމަކު ލޫސީއަށް އެދެމީހުންގެ ފިޔަވަޅު އަޑުއިވިގެން ކުޝަން ދުރުކޮށްލާފައި ދެލޯ ފުހެލި ގޮތަށް ތެދުވެގެން ފަހަތުން ނިކުތެވެ. 

"ފިލައިގެން ދިޔައީ ކަންނޭނގެ." އެއްވެސް ހިސާބަކުން އޭނާގެ އިޝާރާތެއް ނުފެނުމުން މާވިން ބުނެލިއެވެ. ޒޭބާގެ ސިކުނޑި ވެސް ސުމަކަށް ދިޔައެވެ. ދެވަނަބުރިން ވެއްޓުމަށްފަހު މަރުން ސަލާމަތްވިއަސް މީހެއްގެ އެހީއެއް ނެތި އެގޮތަށް ފިލައިގެން ދެވިދާނެ ބާވައޭ ހިތަށް އެރިއެވެ. 

"ޒޭބް! އަހަންނަށް މާފުކުރޭ!" ލޫސީ ވާހަކަދެއްކީ ތިންމީހުން އެއްކޮށް ގެއަށް ވަދެފައެވެ. "ނޯ. އިޓްސް އޯކޭ. އެއީ ލޫސީގެ ފޯލްޓެއް ނޫން." ޒޭބާ ދެފަރާތަށް ބޯހޫރުވާލާފައި ޖަވާބު ދިނެވެ. "އިޓްސް ނޮޓް އޯކޭ. އެފިރިހެންކުއްޖާ އެދިޔައީ ގާތްގަނޑަކަށް ޒޭބް ރޭޕްކޮށްފަ. ތީ ކޮންކަހަލަ ކުއްޖެއްތަ؟ ޒޭބްއަށް ހަމަ ރަނގަޅަށް އެބަ އެނގޭ އޭނާއަށް މިގެއަށް ވަދެވުނީ ލޫސީ ދައުވަތު ދިނީމަކަން. ދެން ކީއްވެ އޭނަގެ ފޯލްޓަކަށް ނުވާންވީ. މިހުރިހާ ކަމެއް ވެސް މިވީ ހަމަ ލޫސީގެ ސަބަބުން. "މާވިންގެ ފަހު ޖުމްލަ އާއިއެކު ލޫސީގެ މޫނަށް ބަލައިލިއެވެ. ހިނދުކޮޅަކަށް ނަމަވެސް ކަރުނަ ހިކިފައިވާ ލޫސީގެ ދެލޮލަށް އަނެއްކާ ކަރުނަތައް ޖަމާވެގަތެވެ. ޒޭބާ ދެރަވެގެން ލޫސީގެ އަތުގައި ހިފައިލައިފައި ދެފަރާތަށް ބޯހޫރުވާލީ އެވާހަކަ އަޑު ނާހާށޭ ބުނާފަދަ ގޮތަކަށެވެ. "އަދިވެސް ތި ވީވަރު ކުޑައީ. ތިޔަކަހަލަ އެކުވެރިން ގެންގުޅެންޏާ އަދި ތިއަށްވުރެ ބޮޑެތި ހާދިސާތަކާއި ވެސް ދިމާވާނެ." ޒޭބާ ކަންތައް ކުރިގޮތުން މާވިން އިތުރަށް ނުރުހުންވެގެން ބުނެލިއެވެ. "ދެން ހުއްޓާލާ މާވިން. ލޫސީއަކީ ހަމައެކަނި އަހަރެމެންގެ އެކުވެރިއެއް ނޫން. މީ އަހަރެމެންގެ ކަޒިންއެއްކަން ހަނދާންކޮށްބަލަ." ޒޭބާވެސް މިފަހަރު ހިތްހަމަ ނުޖެހިގެން ހަރުކަށިވި އެވެ. "އަހަރެންގެ ކަޒިންއެއް ނޫން." މާވިން އަނެއް ފަރާތަށް މޫނު އަނބުރައިލައިފައި ގޮސް ސިޑިން އަރަންފެށިއެވެ. ޒޭބާ ވާހަކަދައްކަން ވެގެން ބަލައިލިތަނާ ލޫސީވެސް އަތްފޮޅުވާލާފައި ދުވެ ގޮސް އެގެއިން ނިކުތެވެ. 

ކޮޓަރިއަށް ދާން ނުކެރިގެން ޒޭބާ ދިޔައީ މާވިންގެ ކޮޓަރި އަށެވެ. މާވިން އޭރު ލެޕްޓޮޕް ހުޅުވައިލައިގެން އެނދުގައި އޮތެވެ. ހަފީޒާއަށް އާދެވުނުއިރު ހުރިހާކަމެއް ނިމި ޒޭބާވެސް ހުރީ ހަމަޖެހިފައެވެ. އެކަމަކު އެކަނިވާން ހިތަށްއަރާ އިރަށް މިހާރުވެސް އޭނާ ބިރުން ތުރުތުރު އަޅައިގަނެއެވެ. ޒޭބާ އެރޭ ނިދީވެސް ހަފީޒާގެ ކޮޓަރީގަ އެވެ. 

އިތުރު ހާދިސާއެއް ނުހިނގައި ހަފްތާއެއް ވޭތުވެގެން ދިޔައެވެ. ޒޭބާއަށް ޤަބޫލު ކުރެވުނު ގޮތުގައި ކުރިން އޭނާ ދުށް މީހަކީ ވެސް ހަމަ އެރޭ ދިމާކުރި ޒުވާނާއެވެ. އެންމެ ފުރަތަމަ ފާރައަށް ހުރެފައި އެންމެފަހު ވަގުތު ޝިކާރަކުރަންވެގެން ކުރިމަތިލީއެވެ. ގަސްކޮށަން ގެންނަ ގޮތަށް ހަމަޖެހުނު ބަންގްލަދޭޝް ކުދިންކޮޅަށް މަސައްކަތްތަކާއި ހެދި އާދެވުނީ ބުނި ވަގުތަށްވުރެ ލަހުންނެވެ. ޒޭބާ އެކަމާއި ޝަކުވާއެއް ނުކުރެއެވެ. އެކުދިން މަސައްކަތް ކުރިއަށް ގެންދިޔައިރު އޭނާވެސް ދޭތެރެއަކުން ނިކުމެ ބަލަހައްޓައިގެން ހުރެއެވެ. ހުވަނދުމާ ގަސްކޮށާނަންތޯ ކުރި ސުވާލަށް ޒޭބާ ޖަވާބު ދިނީ ނޫނެކޭ ބުނެފައެވެ. އެގަހުގައި ހުދު މާތައް އަޅައި ފުރިފައި އޮތް މަންޒަރު ފެނިފައި އެގަސް ކޮށުމުގެ ހިޔާލު ހިތުންފިލައިގެން ދިޔައީއެވެ. 

އެއްރެއެއްގެ ރޭގަނޑެވެ. ޒޭބާ އިނީ ސިޓިން ރޫމް ސޯފާގައި ޓީވީ ޕްރޮގުރާމެއް ބަލަން އިށީންދެ އެވެ. ޒޭބާއަށް ފެންނަ ހިސާބު ބަދިގޭގައި ފާތިން ކޮންމެވެސް ކާއެއްޗެއް ތައްޔާރު ކުރުމުގައި އަވަދިނެތި އުޅެއެވެ. ގޭގެ ދޮރުގައި ޓަކި ދިން އަޑަށް ޒޭބާ ތެދުވަން ހީކޮށްލިއެވެ. އެވަގުތު އެތަނަށް ނިކުތް ހަފީޒާ އެދިމާއަށް ދާން ފެށުމުން ޒޭބާ އެހިޔާލު ދޫކޮށްލާފައި އަނެއްކާ ސޯފާގައި ހަމަޖެހިލިއެވެ. 

"ސެކިއުރިޓީ އެއް ހޯދަން އުޅޭ ވާހަކަ އަޑުއިވިފައި އޮތީމަ. އަޅުގަނޑު މިއައީ އެ މަޤާމަށް ކުރިމަތިލައިގެން ވަޒީފާ ހަމަޖެހޭތޯ." ބޭރުން ފިރިހެނަކު ވާހަކަދެއްކި އަޑު އިވުނެވެ. ޓީވީ އަޑު މަޑުކޮށްލައިފައި ޒޭބާ ދޮރާއި ދިމާއަށް ކަޅިއެއް އެއްލީ އެމީހަކު ދެކެލުމުގެ ޝައުޤުވެރިކަން އުފެދިގެންނެވެ. "ގިނަ ވަގުތު ހޭދަކުރަން ޖެހޭނެ. އެކަމަކު ތިޔަ އުމުރުގެ ޒުވާނަކަށް އަހަރެމެން ހުށަހަޅައިފައިވާ މުސާރަ ކުޑަވެދާނެ." ހަފީޒާ އެޒުވާނާއަށް ބުނެލިއެވެ. "އަޅުގަނޑު މިއައީ ހުރިހާ ޝަރުތެއް ރަނގަޅަށް ކިޔައިފައި. އަޅުގަނޑުގެ ނަޒަރުގައި އެއްވެސް ވަޒީފާއަކީ ދެރަ ވަޒީފާއެއް ނޫން. އަޅުގަނޑު އަނެއްކާވެސް ބުނެލަން އޮތީ ހަމައެންމެ ވާހަކައެއް." ޒުވާނާ އެހިސާބަށް ބުނެފައި ކުރިންވެސް ބުނި ޖުމްލަތައް ތަކުރާރު ކޮށްލިއެވެ. އޭނާގެ ވާހަކަ އަހާފައި ޒޭބާއަށް ނީނދެވިގެން ތެދުވެފައި އެމީހެއްގެ މޫނު ދެކެލުމަށްޓަކައި ދޮރާއި ދިމާއަށް ގޮސް ހަފީޒާގެ ފުރަގަހަށް ހުއްޓުނެވެ.

ކޮމެންޓް 0