ހަފީޒާ އިޝާރާތް ކޮށްލުމުން ޒޭބާ ގޮސް އެދެމީހުންގެ ކުރިމައްޗަށް ހުއްޓުނެވެ. "މީ އަހަރެންގެ އަންހެން ދަރިފުޅު ޒޭބާ." ދެން ހުންނާނީ މާވިން." ހަފީޒާ އެދެމީހުނަށް ޒޭބާ ތައާރަފް ކޮށްދިނެވެ. ޒޭބާ ކުޑަ ކޮށް ހިނިތުންވެލައިގެން ހުރެ ދެމީހުންނާއި ހަތަރު ކަޅި ހަމަކޮށްލައިފައި މަންމަގެ ބަސްއަހާ ދަރިފުޅަށް ވެގެން ހިމޭނުން ހުއްޓެވެ. އިރުކޮޅަކުން، ހަފީޒާ ބުނެގެން ސައި ތައްޔާރު ކުރުމަށްޓަކައި ގޮސް ބަދިގޭ ދޮރުން ވަންއިރު ކައިލް ހުރީ ކުރިމަތީގައެވެ. ސިހުނު ވަރުން ޒޭބާގެ މޭގަނޑު އަނގަޔަށް އަންނަން އުޅުނެވެ. އެރީތި ދެލޯ ބޮޑުކޮށްލައިގެން ހުއްޓިފައި އިރުކޮޅަކު ހުރެވުނެވެ. 

ކައިލް ދުރަށް ޖެހިލިފަހުން ޒޭބާ އެތެރެއަށް ވަދެފައި ސައި ތައްޔާރު ކުރަން އުޅުނުއިރު ކައިލް ހުރީ އަނެއްކާވެސް ފަހަތުގައި ޖައްސާފައެވެ. ޒޭބާ ހިތާއިހިތުން ޝަކުވާ ކުރިއެވެ. މިޝްއަލް ވިއްޔާ ވަކި އެހެން ހަދަން ހެޔޮވާނެ ހެއްޔެވެ؟ އޭނާގެ ފުރާނައަށް ޓަކައި ފެންބޮވައިގެންފައިވާ މީހަކު ފޮނުވާއިރަކު މިޝްއަލް އަކަށް ހަމަ ނޭނގޭނެ ހެއްޔެވެ؟ ކައިލްއަށް އަރިސް ޖިންނި ހަވާލުކޮށްފައި އޭނާ ލާން މިޝްއަލް ނައީ ކީއްވެ ހެއްޔެވެ؟ އެހެންނަމަ މިއަދު މިޝްއަލް އޮންނާނީ އެގޮތަށް ހައްޔަރުވެފައެއް ނޫނެވެ. 

ސައި ތައްޔާރު ކޮށް ނިމިގެން ސައިތަށިތައް ތަބަކަށް ލައިފައި އެނބުރިލިއިރު ކައިލްގެ ނިއްކުރިއަށް އަރާފައިވާ ރޫތަކަށް ބަލައިލުމުން ކައިލް ހިތްހަމަނުޖެހިފައި ހުރިކަން އެނގެއެވެ. ޒޭބާގެ ހިތުގެ އަޑު ކައިލްއަށް އިވުނީ ނޫންކަމެއްވެސް ނޭނގެއެވެ. ޒޭބާ ބިރުން ހިންދިރުވައިލައިފައި ނުފެންނަ ކަމަށް ހަދައިގެން ނިކުންނަން ދިޔައެވެ. އެވަގުތު ކައިލް ގޮސް ޒޭބާއަށް ހުރަސް އަޅައިގެން ދޮރުކަނީގައި އަތް އަތް ވިދެލައިފިއެވެ. ރޫރޫ އަޅަމުންދިޔަ އެސްފިޔަތައް އުފުލާލައިފައި ޒޭބާ ކައިލްއަށް ބަލައިލިއެވެ. ކައިލްގެ ބެލުން ސިހުރެއް ފަދައެވެ. އެންމެ ފަހަރަކު ހަތަރުކަޅި ހަމަވާއިރަށް ހިތާއި ފުރާނައިން އެޒުވާނާއަށް ފިދާ ނުވާނެ އެއްވެސް އަންހެން ކުއްޖަކު ނުހުންނާނެއެވެ. އެހާ ފިރިހެންވަންތަ ވެފައި ރީތި ސިފައެއް ލިބިފައިވާ މަހުލޫޤަކު އެއީ ބިރެއް ކަމަށް ދެކޭނީ ކާކު ހެއްޔެވެ؟ އެފަދަ ސޫރައެއް ދެކެ ލޯބިނުވާނެ އެކަކުވެސް ނުހުންނާނެއެވެ. ދާދި އިހަކަށް ދުވަހާއި ޖެހޭން ދެން ޚުދު ޒޭބާވެސް ކައިލްއަށް ބެލީ ލޯބިންނެވެ. ކޮންމެ ރެއަކު ސެކިއުރިޓީ ބަލަހައްޓަން އައިސް ވަދެ ބެލް ޖަހާފައި ޒޭބާ ފެނިގެން ހަމައެގޮތަށް ހުއްޓި ހުރެގެން އެރީތި ދެލޮލުން ކައިލް ބަލައެވެ. މީގެ ކުރިން ޒޭބާ ގަންނަނީ ލަދެވެ. ކޯތާފަތަށް ވެރިވަނީ މަޑު ރަތްކުލައެކެވެ. 

ވިސްނާލުމުން ޒޭބާއަށް މިހާރު ފާހަގަ ކުރެވިއްޖެއެވެ. އެއް ސިފައެއްގައި ހުއްޓަސް މިޝްއަލް އާއި ކައިލް ވަރަށް ތަފާތެވެ. ހާއްސަކޮށް ދެޒުވާނުން ގެ ބެލުމުގައި ހުންނަ ތަފާތު ކަމެވެ. ކައިލްގެ ބްރައުން ދެލޯ އެއީ ނުސިޔާނު ކަމުގެ މިސާލެކެވެ. ލޮލަކީ ހިތުގެ ލޯގަނޑޭ މީހުން ބުނެ އުޅުނަސް ކައިލްގެ ލޮލަކީ ސިއްރުވެރިކަމުގެ މަރުކަޒެކެވެ. އެދެލޮލުން އެއްޗެއް އޮޅުން ފިލުމުގެ ބަދަލުގައި އޮޅުން ތަކެއްގައި ބަނދެވި ނިމުމެއްނެތް ހައިޖާނުގަނޑަކަށް ވެއްޓުން ނޫންކަމެއް ނުވާނެއެވެ. ކުއްލި އަކަށް ކައިލް ހުރެފައި ކޮށްލާނީ ކޮންކަމެއްކަން އެކަކަށްވެސް ނޭނގެއެވެ. މިޝްއަލްގެ އެއްމާބަނޑު ކޮއްކޮއަށްވެ ހުރެ މިޝްއަލްއަށް ވެސް ސިއްރުން އެސިފައިގައި ޒޭބާގެ ކައިރިއަށް އައުން އެއީ އެކަމުގެ ހެއްކެކެވެ. ޒޭބާގެ ކަރަށް މަޅިގަނޑު ވައްޓާލަން ރަނގަޅު ވަގުތަކަށް ބަލަން ހުރެ ކައިލް އާއި ނުވެސް ބެހޭ މީހަކު ދިރިހުއްޓާ ވަޅުލުމުގެ އިތުރަށް ޒޭބާއަށް ދިން އަނިޔާތަކަކީވެސް ކައިލް ކުއްލިއަކަށް ނިންމައިގެން ކޮށްފައި ހުރި ކަންތައްތަކެއް ކަމަށް ލަފާ ކުރެވެއެވެ. ހިތަށް ހަމަ އެރުމާއި އަމަލު ކުރުމެވެ. ފަހުން ވިސްނަން ކައިލް އެއްވެސް ކަމެއް ލަސް ނުކުރާ ކަހަލައެވެ. 

"އެއީ ކޮންބައެއްތަ؟" ކައިލް ފާޑަކަށް އެއްބުމަ އަރުވައިލިއެވެ. "އަހަންނަކަށް ނޭނގެ. ހަފީމަންމަގެ ރަށްޓެއްސަކާއި ވައްތަރީ އެ ފިރިހެންމީހާ." ޒޭބާ އަދަބުވެރި ކަމާއެކު ޖަވާބުދިނެވެ. ކައިލް އާއި ހަތަރުކަޅި ހަމަވެދާނެތީ ޒޭބާ ޖަވާބު ދިންއިރު އެމޫނަކަށް ނުބަލައެވެ. ޒޭބާއަށް ހީވަނީ ކަހަލައެވެ. ހަތަރުކަޅި ހަމަވެއްޖެނަމަ ކައިލް އޭނާގެ ސިކުނޑި އާއި ކުޅެލަފާނެއެވެ. ކައިލް އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުއްޓެވެ. ޒޭބާގެ ހަށިގަނޑު އުދާސްވެ ނިއްކުރިން ދާހިލިއްޖިއެވެ. ކައިލްގެ އެބެލުމުން އުދަނގޫ ވެގެން ނޭވާ ހާސްވިއެވެ. މުޅި މޫނު ރަތްވެ ހަތަރެސްފައި ގަނޑުވާހެން ހީވާން ފެށިއެވެ. އެމައުސޫމު މޫނަށް އަންނަމުން ދިޔަ ބަދަލުތަކަށް ކައިލް ބަލަން ހުރިއިރު އެހިތުގައި ހަމްދަރްދީގެ ކަންފުޅެއްވެސް ނެތްފަދައެވެ. އެހެން އިންސާނަކު ނަމަ ހިތަށް ތަދު ވެގެންވެސް ޒޭބާ ދާން ތަން ދައްކައިފީހެވެ. އެހާ ނާޒުކް ލޯބި އަންހެން ކުއްޖަކަށް އުދަނގޫކޮށް ގެން ހިތަކަށް ލިބޭނެ އުފަލެއް އޮންނާނެ ހެއްޔެވެ؟ ޒޭބާގެ މައުސޫމު ކަން އިންސާނީ ހިތްތައް މަޑު ފުށް ކޮޅަކަށް ހަދާލައި ހަމްދަރްދީން ފުރާލާހައި ވެއެވެ.

ކައިލް ބަލަން ހުރެފައި ޒޭބާއަށް ރޮވިދާނެހެން ހީވުމުން ތަން ދެއްކިއެވެ. ސައި ތަބަކާއެކު ސިޓިން ރޫމަށް ނިކުތްއިރު އެ އެސްފިޔަތަކުގެ ފުރަގަހަށް ޖަމާވެ ގިނަވެފައިވާ ކަރުނަތައް ކޮންޓްރޯލް ކުރަމުން ދިޔައީ ކިހިނެއް ކަން އެނގޭނީ ޚުދު ޒޭބާ އަށެވެ. ދަތްއަޅައިގެން ހުރިލެއް ބާރުކަމުން އެ ފިޔާތޮށި ތުންފަތަށް ލޭއަރައިފިއެވެ. ހަފީޒާގެ ހުއްދަ ހޯދައިގެން އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަންތަނާ ބަނޑި ފަޅައިގެން ދިޔައެވެ. ކައިލްއަށް ވެގެންވިއްޔާ އޭނާގެ ދުނިޔެ ދިރި ހުރި ނަރަކައަކަށް ހަދާލާނެކަން ކަށަވަރެވެ. ކައިލްގެ އަތުން މަރުގެ އަޒާބު ދިނުމުގެ ބަދަލުގައި ރާވައިގެން އެއުޅެނީ ޒޭބާއަށް ކެތްނުވާ ވަރަށް އުދަނގޫކޮށްގެން އަމިއްލަ އަތުން ކަރަށް މަޅިގަނޑު ވައްޓާލާ ވަރު ކުރަން ހެއްޔެވެ؟ ޒޭބާ އެތައް އިރެއް ވާންދެން ރޮމުން ކަރުނަ އޮއްސިއިރު ކައިލްގެ ހަބަރެއް ނުވިއެވެ. ބޭނުންވާ ގޮތްވުމުން ފިލާ ހުރެގެން އެމަންޒަރު ބަލަނީ ނޫންކަމެއްވެސް ނޭނގެއެވެ.

އިރުގަނޑެއްފަހުން ޒޭބާ ތެދުވީ ވީ އެންމެ އަވަހަކަށް ލޫސީގެ މޫނު ދެކެން ނިންމައިގެންނެވެ. ލޫސީ އާއި ވާހަކަ ނުދައްކައި ދެން އެންމެ މިނިޓެއް ވެސް ހޭދައެއް ނުކުރެވޭނެއެވެ. ނޫނީ އޭނާ މޮޔަވެދާނެއެވެ. ޓިޝޫ އަކުން ލޯ ކައިރި ފުހެމުން ޒޭބާ ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓުނު އިރު ކައިލް ހުރީ އަލަމާރި ދޮރުފަތުގައި ލެނގިލައި ގެންނެވެ. ޒޭބާ ސިހޭގޮތްވެފައި އެނބުރި ބަލައިލުމާއެކު ކައިލް ހަށަން ބަނދެލައިފިއެވެ. މޮޑެލްއެއްވެސް އެހާ ރީތިކޮށް ހުއްޓިލައިގެން ހުރެ އެގޮތަށް ނުބަލާނެއެވެ. އެކަމަކު އެސޫރަދެކެ ލޯބި ވުމުގެ ބަދަލުގައި ޒޭބާ އައީ ރުޅިއެވެ. އެކަމަކު މިފަހަރުވެސް އެއްޗެކޭ ނުބުންޏެވެ. އަމިއްލަ އިހްސާސްތައް އިއްވުމުގެ މާނައެއް ނެތެވެ. ކައިލްގެ ކުރިމަތީގައި އެއީ އެއްވެސް އަގެއް ނެތް އިހްސާސް ތަކެކެވެ. 

"އަހަރެން ދެންތަ ރަނގަޅު ނަސޭހަތެއް. އަރިސް މީހާ ނޫން އެހެން މީހަކަށް ޒޭބާއެއް ނުފެނޭ. އޭނާ މިވަގުތު އޮތީ ކަލޭމެން ކިޔާ ގޮތުން ނަމަ ކޯމާއެއްގައި. އެކަމަކު މިވަގުތުވެސް އެތައް ބައިވަރު ޖިންނިއެއް ޒޭބާ ހޯދަމުން އެބަދޭ. އެމީހުންނަށް ޒޭބާގެ ނަމާއި ސޫރަ އެނގިފައި ނެތަސް އެމީހުން ކަންތައްތައް ދެނެގަންނަލެއް ވަރަށް އަވަސްވާނެ. ތިގޮތަށް ބޭރަށް ގޮސް އެހެން މީހުން ކައިރީ މިޝްއަލްގެ ނަން ނުގަތިއްޔާ ރައްކާތެރިކަން އޮތީ ހަމަ ޒޭބާއަށް." ކައިލްގެ ޖުމްލަ ނިމުމާއެކު ޒޭބާއަށް ދަތްކުނޑި ވިކާލެވުނެވެ. ކައިލްއަށް އެވޯޑެއް ދިނުން ހައްޤެވެ. އެއް މިނެޓްގައި ވިލަން އެއްގެ ރޯލް ކުޅެފައި ދެވަނަ މިނެޓްގައި ހީރޯއަކަށް ބަދަލުވާން ކައިލް ވަރަށް މޮޅެވެ. އެކަމަކު އެވާހަކަ ތަކަކީ ޒޭބާ ގަބޫލު ކުރާނެ ވާހަކަ ތަކެއް ނޫނެވެ. 

"އަހަރެން މީ ދެ މަހުގެ ބޭބީއެއް ނޫން. އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސް ރައްކާތެރި ކުރެވޭނެ. އެކަމަށްޓަކައި އެހެން މީހެއްގެ އެހީއެއް ބޭނުމެއް ނޫން." ޒޭބާ ހިތްވަރު ކޮށްލާފައި ބުނެލިއެވެ. "އޯހ އެހެންވެތަ މިޝްއަލް ސައުވީސް ގަޑިއިރު ދެމަހުގެ ބޭބީއެއްގެ ބައްޕައެއް އުޅޭހެން ކަމަނާގެ އަރިހުގައި ހުންނަނީ؟ އެއީ އަދި ނުރައްކަލެއް ނެތްއިރު. އެކަމަކު އަހަރެން ބުނެލަން އޮތީ ތީ މިވަގުތު މިދުނިޔެމަތީގައި ހުރި އެންމެ ބިރުގަންނަން ޖެހޭ އިންސާނާއޭ." ކައިލް މަލާމާތުގެ ހިނިތުންވުމެއް ވެރިކޮށްގެން ހުރެ ރައްދު ދިނެވެ. 

"ޓުއެންޑީ ފޯރ އަވަރސް؟ ތީ އަދި އަހަރެންނަށް ނޭނގޭ ކަމެއް. އަހަރެން ހީކުރީ ޖިންނިން އުޅެނީ ހަމައެކަނި ރޭގަނޑު ކަމަށް." ޒޭބާ އަޅައިގަތީ އެ ތަންކޮޅުގައެވެ. "މިޝްއަލް ނުބުނޭތަ؟ މްމްމްމްމް... އޭނާގެ ވިސްނުން ގޯހެއް ނޫން... ބުނެގެން އުޅޭނަމަ ބައެއްފަހަރު އެފެންނަ ރީތި މަންޒަރުތަކެއް ނުފެންނާނެ ކަންނޭނގެ." ކައިލްގެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. "ކޮންކަހަލަ މަންޒަރު ތަކެއް؟" ޒޭބާގެ ނިތައް ރޫއެރިއެވެ. "ދުވާލު ގަޑީގައި ކޮޓަރިތެރޭގައި ހެދުން ބަދަލެއް ނުކުރަންތަ؟ ފެންވަރައިގެން ހުރެ ކޮޓަރިއަށްވެސް ނިކުންނަމެއްނު. ހުރިހާ އަންހެން ކުދިންވެސް އުޅޭގޮތް އެއީ. އެހެންވީމަ ޒޭބާވެސް...." ކައިލްގެ ވާހަކަ އެހިސާބަށް ދިޔަތަނާ ޒޭބާ ވާހަކަދައްކައި ގަތީނުން ހުއްޓުވާލިއެވެ. 

"މިޝްއަލް އަކީ ތިބުނާ ކަހަލަ ގޯސް މީހެއް ނޫން. ކީއްވެތަ ހަމައެކަނި ކޮޓަރިން ފެނިގެން ބަލަންވީ؟ ބޭނުންނަމަ ރޭގަނޑު ފާޚާނާ ތެރޭގައި ހުއްޓާވެސް ބަލަންވީނު. އެހެންނޫނަސް ކައިލްއަށް ކިހިނެއް އެނގުނީ އަހަރެން ރޭގަނޑު ޗޭންޖް ކުރަން ފާޚާނާއަށް ވަންނަ ކަމެއް؟ ފެންވަރައިގެން ޑްރެސް ނުކޮށް ކޮޓަރިއަށް ނުނިކުންނަ ކަމެއް؟" ޒޭބާ ހިތްވަރު ލިބިގެން ހަރުކަށި އަޑަކުން ބުނެލިއެވެ. 

"ގަބޫލުކުރޭ ޒޭބާ. މިޝްއަލް އަހަންނަށް އެއްވެސް ކަމެއް ސިއްރެއް ނުކުރޭ." ކައިލް ހަށަން މޮހާލައިފައި ޒޭބާގެ ކައިރިއަށް އަންނަން ހިނގައިގަތެވެ. "ކައިލް މިތަނަށް އައިސް ތިއުޅެނީ އަހަރެން ރައްކާތެރި ކުރަންތަ ނޫނީ ދޭތެރެ ޖައްސަންތަ؟" ޒޭބާ ޖެހިލުމެއްނެތި އަހައިލިއެވެ. ވާހަކަދެއްކި ވަރަކަށް ޒޭބާގެ ބިރު ދިޔައީ ކެނޑެމުންނެވެ. "ބޯތް." ކައިލް އެއްލޯ މަރައިލިއެވެ. ޒޭބާ އެއްޗެއް ބުނަން އުޅެފައިވެސް ރުޅިއައިސްގެން ބާރު ބާރަށް ގޮސް ކޮޓަރިން ނިކުމެއްޖެއެވެ. 

ރުޅިގަނޑު ބޭލީ ސީޑިގެ ހަރުފަތް ތަކަށެވެ. ހީކުރި ވަރަށްވުރެ އަވަހަށް ޒަޚަމްތައް ފަސޭހަވަމުން އަންނާތީ ޒޭބާއަށް މިހާރު އުދަނގުލެއް ނެތި އެކަނި ހާލަށް އުޅެވެއެވެ. ބޮލުގެ ބެންޑޭޖްގަނޑު ނެގީ މެންދުރެވެ. މިހާރު ފަސޭހަ ނުވެ ހުރީ ހަމައެކަނި ބުރަކަށީގެ ޒަޚަމެވެ. ޒޭބާ ނިކަން ބާރަށް ފިޔަވަޅު ނަގަމުން ތިރިއަށް ފައިބައިގެން އަންނަނިކޮށް ފައި ކައްސާލިގޮތަށް އަމިއްލަ ހަށިގަނޑު ދިފާޢެއް ނުކުރެވުނެވެ. ބާރު ހަޅޭކަކާއެކު ދެލޯ މަރައި ތަގުޅިކޮށްލި ތަނާ ބާރުގަދަ އަތަކުން ޒޭބާގެ އުނގަނޑުގައި ހިފާ އެހަށިގަނޑު ތެދު ކުރުވައިފިއެވެ. ހަފީޒާމެނަށް ބަލައިލެވުނު އިރު ޒޭބާ ހުރީ ރަނގަޅަށް ހަރުފަތުގައި ހުއްޓިލައިގެންނެވެ. 

"ކިހިނެތްވީ؟" ހަފީޒާގެ އަޑަށް ސިހިގެން ލޯހުޅުވާލި ޒޭބާ ފުރަތަމަވެސް ހޯދައިލީ ކައިރީގައި ހުރި މީހާއެވެ. ކައިލް ހުރީ ހިނިތުންވެފައެވެ. އަބަދުހެން އެ ތުންފަތަށް ވެރިވެފައި ހުންނަ ލާނެތް ހިނިތުންވުމެވެ. ޒޭބާ ކަމެއް ނުވެއޭ ބުނެފައި ދެލޯ އަޅައިގެން އުނަގަނޑުގައި ކައިލް ހިފަހައްޓައިގެން ހުރި ހިސާބަށް ބަލައިލުމުން ކައިލް ދޫކޮށްލައިފައި ސިޑިން އަރައިގެން ދިޔައެވެ. 

"މިގޭގައި ކޮންމެވެސް ގޯހެއް އުޅޭހެން ހީވޭ." މުސްކުޅިޔާ ވާހަކަ ދެއްކީ ޒޭބާ އެމީހުން ފަސްދީފައި ދިޔަ ފަހުންނެވެ. އެއަޑަށް ޒޭބާގެ ދެފައި ބިމުގައި ތަތްލި ކަހަލައެވެ. ކުއްލިއަކަށް އަނެއް ފަރާތަށް އެނބުރިފައި ޒޭބާ އެ މުސްކުޅިޔާއަށް ބަލައިލިއެވެ. އޭނާ އެހުރިހާ އިރު އަނގައިން ނުބުނެ އިނދެފައި ފުރަތަމަވެސް އެޒާތުގެ ވާހަކައެއް ދެއްކުމުން ހަފީޒާ ވެސް ކަންބޮޑު ވެއްޖެއެވެ. "ވެދާނެ ކުރީގައި މިގޭގައި ރޫޚާނީ ކަމެއް ހިނގާފައި ވަނީ ކަމަށް. ނޫނިއްޔާ މިހާރު ކަންތައްގަނޑެއް ހިނގަމުން އެބަދޭ." މުސްކުޅިޔާ ކޮޅަށް ތެދުވެފައި ހަފީޒާއަށް ބަލައިލިއެވެ. އޭނާގެ އެހެން އެބުނަނީ ނުހަނު ސާބިތު ކަމާއެކުގައެވެ. ޒޭބާ ދެލޯ ބޮޑުވެފައި ހުރެގެން މުސްކުޅިޔާއަށް ބަލަމުން ދިޔައެވެ. "ނޫނޭ. ތީ އޮޅުމެއް ކަންނޭނގެ." ހަފީޒާ ގަބޫލު ކުރަން ދެކޮޅު ހެދިއެވެ. "މީ އޮޅުމެއް ނޫން. އެކަމަކު މީ ކިހިނެތް ހިނގާ ކަމެއްކަން ބުނެދޭން އެނގެނީ އަދި ރަނގަޅަށް ބަލައިފައި. އަދި އަންނާނަން މިގެއަށް. ދަރިފުޅާ ދާންވީއެއްނު." މުސްކުޅިޔާ އެހެން ބުނެފައި އެތާހުރި އަނެއް ފިރިހެން މީހާއަށް ގޮވާލުމުން އޭނާ އެއްބަސްވެފައި ދާންވެގެން ތެދުވިއެވެ. ހަފީޒާ އާއި ޒޭބާ ހާސްކަމެއްގެ ތެރެއަށް ދޫކޮށްލާފައި އެދެމީހުން ނިކުމެގެން ދިޔަފަހުން ޒޭބާއަށް ބަލައިލެވުނު ގޮތަކުން މަތީގައި ހުރި ކައިލް ފެނުނެވެ. އެދެލޮލުން ޒޭބާއަށް ނުތަނަވަސްކަން ފެނުނު ފުރަތަމަ ފަހަރަށް އެވަގުތުކޮޅު ވެގެން ދިޔައެވެ. 

ފެންމާގަނޑު ދޮށުގައި ހުރި މާވިންގެ ބޮލަށް އެޅެމުން ދިޔަ އެތަށްހާސް ފެންތިކިތައް އެބިޔަ ހަށިގަނޑުގައި ބޮސްދީފައި ތިރިއަށް ފިރުކެމުން ދިޔައެވެ. ޓައިލްސް ޖަހާފައިވާ ހުދު ފާރުގައި އެއް އަތް ވިއްދާލައިގެން ހުންނައިރު ތެމިފައިވާ އިސްތަށިތަށް އެރީތި ދެލޮލަށް ނިވާ އަޅައިފައި ވެއެވެ. މާވިންގެ ހިޔާލު ތަކުގައި ވަނީ ލޫސީއެވެ. ލޫސީ ކައިވެނީގެ ކާޑް ދައްކާފައި ދިޔަފަހުން އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ކުރިއަށް ވުރެ ބޮޑަށް ނުތަނަވަސްކަން އިތުރު ވެފައިވިއެވެ. މީގެ ކުރިން މާވިން ކަންބޮޑުވީ ލޫސީގެ ހިތް އޭނާއަށް ނުލިބިދާނެތީއެވެ. މާވިންގެ ހިތެކޭ އެއްގޮތަށް ލޫސީގެ ހިތުގައި ލޯބީގެ ވިންދު ޖަހަމުން ދާ ކަމެއް ނުވަތަ ނޫންކަމެއް ނޭނގިގެންނެވެ. އެކަމަކު މިހާރު މާވިން ބިރުގަންނަނީ ލޫސީ ގެއްލިދާނެތީއެވެ. ކަންތައްތައް ހިނގާފައިވާ ހިސާބަށް ދިއުމުން މާވިންއަށް ވިސްނުނު އެންމެ މޮޅު ގޮތަކީ ލޫސީއަށް ހަގީގަތް ކިޔައިދިނުމެވެ. ދުވަސްތަކެއް ކުރިން އޮސްޓްރޭލިޔާގައި ހިނގާފައިވާ ހާދިސާއަށްފަހު މާވިންގެ ހިތުގައި ލޫސީއަށް ދެވިފައިވަނީ ލޯބިވެރިއެއްގެ ދަރަޖަ ކަން އަންގައި ދޭށެވެ. އެދުވަހަށްފަހު މާވިން ހަރުކަށިކޮށް ކަންތައްކޮށްފައިވާ ލޫސީ އެ ހާދިސާއަށްފަހު އެކަމާއި ދެރަވެގެން އުޅޭހެން ހީވެގެންނެވެ. މާވިންއަށް ހީކުރެވެނީ ލޫސީ އެކަމާއި ލަދުގަނެ އެއީ ނުވާކަމެއް ކަމުގައި ހަދަން ބޭނުންވާ ކަމަށެވެ. މާވިންއަށް ރުޅި އާދެވުނީ އެހެންވެއެވެ. މިހާރު ކަންތައްވެފައިވާ ގޮތުން މާވިން ކޮންމެހެން އެ ހަގީގަތް ފާޅުކުރަން އެބަޖެހެއެވެ. އެ ކުޑަ ވަގުތުކޮޅުގެ އުފަލަކީ މާވިންގެ މުޅި އުމުރުގައި އައި އެންމެ އުފާވެރި ވަގުތު ކޮޅު ކަމުގައި ލޫސީއަށް ބުނެދޭށެވެ. 

ފެންވަރައި ރީތި ވެލައިގެން މާވިން ގޮސް ލޫސީމެންގޭ ދޮރާށިން އެތެރެއަށް ވަންނައިރު ނައުޝާދު ނިކުންނަނީ އެވެ. އެވަގުތު މާވިން ފެނިގެން ނައުޝާދު ފުރަތަމަ ފަހަރަށް ރުޅި މޫނު ދައްކާލި ގޮތުން މާވިން ހައިރާނެއް ނުވިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް މާވިން އިސްޖަހައިލިއެވެ. ޖިންސްގެ ޖީބަށް އަތް ޖަހައިގެން އެ ފިރިހެންވަންތަ ހިނގުމުގައި ގޮސް އެތެރެއަށް ވަންއިރު މީހަކު ފެންނާކަށް ނެތެވެ. އެއްލި ކަޅިއަކުން މާވިން އަށް ފެނުނީ ހުޅުވާފައިވާ ލޫސީގެ ކޮޓަރީ ދޮރެވެ. މާވިން ގޮސް ދޮރު މައްޗަށް ހުއްޓުނުއިރު ލޫސީ ދޮރާއި ފުރަގަސްދީގެން ކުޑަ ދޮރު ކައިރީ ހުއްޓެވެ. އެހެން ދުވަސްތަކާއި ހިލާފަށް މާވިން މިއަދު ގަސްތުކޮށްގެން ހުރީ ވީހާވެސް ހަރުދަނާ ގޮތަކަށް އަމަލުތައް ބަހައްޓާށެވެ. މާވިން ކަނާއަތް އުފުލާލައިފައި ދޮރުފަތުގައި މަޑުމަޑުން ޓަކި ޖަހާލިއެވެ. އެއަޑަށް ލޫސީ ފަސްއެނބުރި ބަލައިލިއެވެ. 

"ހަމަ މިހާރު ނިކުމެގެން ދޭ! އަހަރެން ބޭނުމެއް ނޫން ކަލޭފެ ސޫރަވެސް ދެކޭކަށް." މާވިންގެ ދެލޯ ބޮޑުވެ ހިނދު ކޮޅަކަށް ހުއްޓުން އެރިއެވެ. އެކަމަކު އޭނާ ހައިރާންވީ ލޫސީ ހަޅޭއްލަވައި ގަނެގެނެއް ނޫނެވެ. 

ކޮމެންޓް 0