ކައިލް އޮތީ އެދެމެދަށް ވައިރޯޅި އެއްވެސް ނުވަދެވޭހާ ކައިރީގައި ޒޭބާގެ މޫނަށް ބަލަހައްޓައި ގެންނެވެ. މަސްތީ ބެލުމެކެވެ. އެއިން ނަގަންވީ ކޮން މާނައެއް ހެއްޔެވެ؟ ޒޭބާ ސުވާލުކޮށްލީ ހިތާއެވެ. ޖަވާބެއް ނައެވެ. ކައިލް އުޅޭ ގޮތުން ބައެއްފަހަރު ހިތް ސުވާލުން ފުރެއެވެ. އެލޮލުން އެހެން މެސެޖެއް ދޭން އުޅޭހެން ހީވާ ކިތަންމެ ވަގުތެއް އާދެއެވެ. ޒޭބާ ނޭވާ ދޫކޮށްލައިފައި ހިނިތުންވެލަން މަސައްކަތް ކުރިއެވެ. އެކަމަކު ތުންފަތް ހަރަކާތެއް ނުކުރިއެވެ.
"ތީ ހާދަ މޮޔަ ކުއްޖެކޭ..." ކައިލް ކަނާއަތް އުފުލާލައިފައި ދެއިނިގިލިން ޒޭބާގެ ކޯތާފަތް ފުހެލަދިން ވަގުތު އެތެރެހަށީގައި ކަރަންޓްގެ ރާޅެއް ދުވެލިހެން ހީވިއެވެ. "ކީއްވެ ތިހެން ތިބުނީ؟" ޒޭބާއަށް ބުނެވުނީ ހިތުންނެވެ. ވާހަކަދައްކާނެ ހިތްވަރު ނެތީއެވެ. "ތިހެން އެކަނި އޮވެގެން ރޯތީވެ." ކައިލް އެސްފިޔަ ޖެހުމެއްނެތި އަދިވެސް ޒޭބާއަށް ބަލަނީއެވެ. "ދެން އަހަރެން ކިހިނެތް ހަދަންވީ؟ އެކަކުވެސް ބޭނުމެއްނުވޭ އަހަންނާއި ވާހަކަ ދައްކާކަށް....." ޒޭބާ ރޮވިފައިވާ އަޑަކުން ބުނެލިއެވެ. "އެހެންވެއޭ މިބުނީ ތީ މޮޔަ ކުއްޖެކޭ.. އަޅެ ހިއެއްނުވޭތަ ކޮންމެވެސް ކަމެއް ގޯސްކޮށް ހިނގައިގެން އުޅޭހެނެއް... އަހަރެން ބުނެދެންތަ؟ މީ އަރްޖް ބޭނުންވާ ގޮތް..." ކައިލްގެ ވާހަކައިން ޒޭބާ ސިހިއްޖެއެވެ. ދެން ކުއްލިއަކަށް ދެބުމަ ގޮށްޖެހިގެން ދިޔައެވެ.
"ކައިލް ތިއުޅެނީ އަހަރެންނާއި އަރްޖްގެ ގުޅުން ހީނަރުކުރަންތަ؟ ކައިލް ދުވަހަކުވެސް ބަދަލެއްނުވާނެ... އެންމެ ފުރަތަމަ މިޝްއަލްއޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަދައްކައި މަގޭ ހިތް ގޯސްކުރަން އުޅުނީ. ދެން މިހާރު ތިއުޅެނީ އަރްޖް އާއި އަހަރެން ޖައްސަން." ޒޭބާ ނުރުހިގެން އަނެއްފަރާތަށް މޫނު އަނބުރާލައިފައި ތެދުވެ އިށީންދެއްޖެއެވެ. "ޒޭބް... އަޑުއަހާބަލަ! ޕްލީޒް..!" ކައިލް އައިސް ކުރިމައްޗަށް ހުއްޓިފައި ދެއަތުގައި ހިފާލުމުން ޒޭބާއަށް ދެކޮޅެއް ނުހެދުނެވެ. ކައިލް ދެކެ ޒޭބާ ޖެހިލުން ވެއްޖެއެވެ. އެދެލޮލުން ބަލައިލުމުން ކުރަން ބޭނުން ނޫން ކިތަންމެ ކަމެއް އަމިއްލަ އިޚުތިޔާރުން ބޭރުގައިވެސް ކުރެވިދާނެ ކަމާއި މެދު ވިސްނަން ޖެހެއެވެ. ކައިލް އަކީ ސިޚުރުވެރިއެއްބާއޭ ހިތަށް އަރައިފިއެވެ. ޒޭބާ އަވަހަށް އެސްފިޔަތައް ތިރިކޮށްލާފައި އަތް ފޮޅުވާލަން އުޅެންފެށުމުން ކައިލް ދޫކޮށްލިއެވެ.
"ނިކަން ރަނގަޅަށް ވިސްނާލައިފައި ބުނެބަލަ ކީއްވެ ތިރޮނީ؟" ކައިލް ކުރީ ނުހަނު އާދައިގެ ސުވާލެކެވެ. ޒޭބާ ތުންފަތުގައި ދަތް އަޅައިގެން ހުރެލާފައި ކައިލްގެ ސުވާލަށް ޖަވާބުދޭން ވެގެން ވިސްނައިލިއެވެ. "އަހަރެން ޕްރެގްކަން އެނގިގެން މަންމަމެން ރުޅިއައިސްގެން އުޅޭތީ." ޒޭބާ އަނެއްކާ އެނދުގައި އިށީންދެ ދެފައި އެލުވައިލަމުން އުނގުމަތީ އަތް ބާއްވައިލިއެވެ. ކައިލް އައިސް އިށީންނީ ޒޭބާގެ މަގަތުގައެވެ. އެހާ ކައިރީގައި އިށީނުމުން ދެމީހުންގެ ފައި ޖެހިފިތިފައި ހުރުމުން ޒޭބާ ކަންބޮޑު ވި ނަމަވެސް ދުރަށް ޖެހިލާކަށް ނުކެރުނެވެ. ހީވަނީ ކައިލްގެ ހަށިގަނޑުން ކަރަންޓް ތީރުތަކެއް ފޮނުވާހެންނެވެ. އެތީރުތައް އައިސް ޒޭބާގެ ހަންގަނޑު ފޫދުއްވާލައިފައި ވަދެ އެތެރެހަށީގައި ހަލަބޮލި ކަމުގެ ރާޅުތައް ފުމެނަގަނީއެވެ. "އެމީހުން ކީއްވެ ރުޅިއައީ؟" މިފަހަރުވެސް ހަމަ އެހާމެ ފަސޭހަ ސުވާލެކެވެ. ކައިލް ހީވަނީ ސިކުނޑީގެ ބަލިތަކާއި ބެހޭ ޑޮކްޓަރެއް ބަލިމީހަކާއި ބައްދަލުކޮށްގެން އުޅޭހެންނެވެ. އެހާ މަޑުމައިތިރި ވެގެން ވާހަކަދައްކާތީ ކައިލް އަކާއި ނުވެސް ގުޅެއެވެ.
"މިބުނީނު ޕްރެގް ވީމައޭ..." ޒޭބާ އެޖަވާބުދީފައި ކުއްލިއަކަށް ހުއްޓުން އެރިއެވެ. ކައިލް ވިސްނައިދޭން އެއުޅޭ އެއްޗެއް އޭނާއަށް އެނގިއްޖެއެވެ. އޭނާ ބަނޑުބޮޑުވެގެން އެމީހުން ރުޅިއަންނާކަށް ނުޖެހޭނެއެވެ. އެމީހުންގެ ނަޒަރުގައި ބަނޑު ބޮޑުވާން ޖެހޭނީ އިއްފަތްތެރިކަން ނަގައިލި މީހާގެ ދަރިއަކަށެވެ. ލޯބިވެރިއެއް ހުންނަކަން އެނގޭނީވެސް ހަމައެކަނި ލޫސީ އަށެވެ. އަނެއްކާ ލޫސީ ހުރިހާ ވާހަކައެއް ކިޔައިދިނީ ހެއްޔެވެ؟ ޒޭބާއަށް މޭގައި ހިފަހައްޓާލެވުނެވެ. އެހިޔާލުތަކުން ހިތަށް އުދަނގޫވިއެވެ. ލޫސީ އެވަރުގެ ކަމެއް ކޮށްފާނެ ކަމާއިމެދު ޝައްކެވެ. އެކަމަކު ހަނި ފުރުސަތެއް އޮތްކަން ހަނދާން ނައްތައިލައިގެން އިނދެވޭކަށް ނެތެވެ. ލޫސީ ކޯމާއަކަށް ދާންޖެހުނީ ހަމަ އޭނާގެ ސަބަބުންނެވެ.
"ކައިލް އަހަންނަކަށް ނުވިސްނުނު..... ކޮންކަމެއް އަންގައިދޭން ތިއުޅެނީ...؟" ޒޭބާ އެންމެފަހުން ސިކުނޑިއަށް ބާރުލުން ހުއްޓާލާފައި ކައިލް ކުރެން އެހިއެވެ. "ލޫސީ ކިޔައިދިންނަމަ އެމީހުން މިހާރު އުޅޭނީ ބިރުން...." ކައިލް ބުނީ ތެދެއްކަން ޚުދު ޒޭބާވެސް ގަބޫލުކުރިއެވެ. "ކައިލް އަހަރެން ބޯ ހާސްވެއްޖެ... ތިބުނަން އުޅޭ އެއްޗެއް ސާފު ބަހުން ބުނެބަލަ.... ކީއްވެ އެމީހުން އަހްނަނާއި ދޭތެރޭ އެގޮތަށް އެދެކެނީ... ކީއްވެ އަހަރެން ބާކީ ކޮށްލައިގެން މަންމަ ދުރުގައި އެހުންނަނީ؟ އަހަރެން ޕްރެގްވީ ރޭޕްކުރި ފަހުންކަން އެނގޭއިރުވެސް، ޓެލްމީ ވައި އައި ފެލްޓް ގިލްޓީ؟" ޒޭބާ ދެއަތުގެ އިނގިލިތައް އިސްތަށިގަނޑު ތެރެއަށް މަހާލައިގެން އިރުކޮޅަކު އިނދެފައި އިސްއުފުލައިލި އިރު ކައިލް ފެންނަން ނެތުމުން ސިހުނެވެ. "ކައިލް.... ތިގޮތަށް އަހަރެން ސުވާލުތަކެއްގެ ތެރެއަށް ދޫކޮށްލާފައެއް ނުދެވޭނެ... ކަމް ބެކް ޓު މީ ކައިލް... އައި ނީޑް އާންސަސް!" ޒޭބާ ވަށައިގެން ލޯ ހިންގަމުން ހަޅޭއްލަވަން ފެށިއެވެ. ލޮލުން ކަރުނަ އައީ ރުޅިގަދަވެގެންނެވެ. އިރުކޮޅަކުން މޫނުގައި ދެއަތް އަޅާފައި އުނގުމަތީގައި ބޯ އަޅައިލިއެވެ. ތިރިއަށް ވިހުރިގެންދިޔަ އިސްތަށިގަނޑު ރޭގަނޑުގެ ކަޅު ފޭރާންފަދައެވެ. އެއިސްތަށިގަނޑު ޒޭބާގެ މޫނަށް ނިވާ އަޅައި ފޮރުވާލިއެވެ.
"ޒޭބް އަހަރެން ނުދަމޭ... ޒޭބް ކައިރީގައި މިއިންނަނީ..." ކައިލްގެ އަޑު އައީ ދާދި ކައިރިންނެވެ. ޒޭބާ ސިއްސައިގެން ގޮއްސައި ބަލައިލިއިރު ތެދެކެވެ. ކައިލް ކުރިންވެސް އިންތަނުގައި ބަލަހައްޓައިގެން އިނެވެ. "ކައިލް ތީ ހާދަ ނުބައި މީހެކޭ. މަމީ ކައިލް ކުޅެން ހުރި ބުދެއްތަ؟" ޒޭބާ ރުޅިއައިސްގެން ކައިލްގެ މޭގައި ތަޅައިގެންފައި އަނެއްކާ އެނދަށް ވެއްޓިގަނެ މޫނުގައި ބާލީސް އެޅިއެވެ. އޭނަ އުޅުނު ގޮތް ކައިލް އިނީ ބަލާށޭ ހިތަށް އަރާފައި ކުޑަކޮށް ލަދުވެސް ގަނެއްޖެއެވެ. "ޒޭބް.... އަށް ތިފެނުނީ އަހަރެން ޒޭބްގެ ސިކުނޑިއަށް ވެއްދި ވިސްނުމެއް... އަހަރެން ބުނަން މިއުޅޭ ވާހަކަ ޒޭބް ގަބޫލު ނުކޮށްފާނެތީ ކުޑަ ކުޑަ މިސާލެއް މިދައްކައިލީ..." ކައިލްގެ ވާހަކަ އަހާފައި ޒޭބާ ބާލީސް ތިރިކޮށްލިއެވެ. އަރްޖްއަށް އެނގޭ ޒޭބާގެ ރޭވުމަކީ ކޮބައިކަން.. އެހެންވެ އޭނަ ޑައިރެކްޓް ކުރަން ފެށި ޑްރާމާއެއް މީ. އަރްޖްއަށް އެނގޭ ޒޭބް އާއިލާ ދޫކޮށްނުލާނެކަން. އެހެންވެ އަރްޖްގެ މިހާރުގެ ވިސްނުމަކީ ޒޭބްގެ އާއިލީ ގުޅުންތައް ހީނަރުކޮށްލުން. ވެދިޔަ ހުރިހާ ކަމެއް އެނގޭއިރުވެސް މަންމަމެން ޒޭބާ އެކަނިކޮށްލީއޭ ހިތަށް އަރާފައި ޒޭބް އަމިއްލައަށް މިއާއިލާ ދޫކޮށްލަން އަރްޖް ބޭނުންވަނީ... އެހެންވެ އޭނަ ފަތުރައިލި ދަލެއް މީ... އެންމެންގެ ސިކުނޑީގައި އެވަނީ އަރްޖް ވައްދާފައިވާ ނުބައި ވިސްނުމެއް..... ޚުދު ޒޭބާވެސް މިހާއިރު ވިސްނައިގެން ތިހުރީ މުޅިން ތަފާތުކޮށެއްނު...." ކައިލްގެ ކޮންމެ ވާހަކައެއް ދުވާލުގެ އަލިކަން ފަދައިން ސީދަލެވެ. ޒޭބާ ވަދާޢުކިޔަން އަންނަން އެދުމުން އެހާ ފަސޭހައިން އަރްޖް އެއްބަސްވީ އެހެންވެތާއެވެ. އެހެން ނޫންނަމަ ޒޭބާގެ ރޭވުން އެނގިހުރެ އަރްޖް ޒޭބާ ދޫކޮށްނުލީހެވެ.
"ގެޓުވެއްޖެ... އެއީ އަރްޖް ބޭނުން ކުރި ފާޑެއްގެ ސްޕެލްއެއް ދޯ." ޒޭބާ ވިސްނަން އިނދެފައި ބުނެލިއެވެ. "ހޫމ ބުނެވިދާނެ ތިހެން..." ކައިލް ޖަވާދިނެވެ. "ތީގެ މާނައަކީ އަރްޖް ގޯހޭތަ؟" ޒޭބާ ބޭނުންވީ އެކަމުގައި ކައިލްގެ ހިޔާލު ހުރިގޮތް ބަލާށެވެ. "ނުބުނަމެއްނު ތިހެނެއް... އެކަމަކު ތޭވީސް އަހަރުވާންދެން ދުރުގައި ހުރެފައި އައިސް ޒޭބާއަށް އެންމެ ރަނގަޅު ވާނީ ކޮންގޮތެއްކަން ނިންމަންޖެހޭ މީހަކީ އެއީ ކަމަށް ގަބޫލެއް ނުކުރެވޭ. އަހަރެންގެ ނަޒަރުގައި މިއުދަނގޫ ވަގުތު ޒޭބްގެ ކައިރީގައި ތިބެންޖެހޭ ބައެއް ނިންމާނީ ޒޭބް އަމިއްލައަށް." ކައިލްގެ ޖަވާބު އަހާފައި ޒޭބާގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. ކައިލްވެސް އެވިސްނީ އޭނާ ބޭނުން ގޮތަށެވެ. "ތޭންކްސް ކައިލް. ތޭންކްސް ޖަވާބު ދިނުމުގައި ތެދުވެރިވީތީ." ޒޭބާ ހިނިތުންވެލިއެވެ. "ވެދާނެއެއްނު އަހަރެން ޖަވާބު މިދިނީ ޒޭބާ އަހަން ބޭނުންވާ ގޮތަށް ކަމަށް." ކައިލްގެ ލާނެތްވެލާފައި އެއް ލޯ މަރައިލި ގޮތުން ޒޭބާއަށް ހެވިއްޖެއެވެ. "ކައިލް ދުވަހަކުވެސް ބަދަލެއް ނުވާނެ." ޒޭބާ އެހެން ބުނެލީ ހެމުންނެވެ. ކައިލް ދެކެ ޒޭބާ އެހާ ނަފްރަތު ކުރާއިރުވެސް ކޮންމެފަހަރަކު އެހިތް އަތުލުމުގައި ކައިލް ކާމިޔާބު ކުރެއެވެ. އެނަފްރަތު ހަނދާންނެތި ގާތް މީހެއް ފަދައިން ކައިލް އާއި ދޭތެރޭ ވިސްނެއެވެ.
"ދެން އަހަރެން ކިހިނެތްހެދީމަ އެވިސްނުން ޗޭންޖްވާނީ؟" ޒޭބާ އިރުގަނޑެއް ވާންދެން ހިމޭނުން އޮވެފައި އަހައިލިއެވެ. "ޒޭބް އެމީހުންނާއި ވާހަކަ ދައްކަނިކޮށް ވެދާނެ ކަންނޭނގެ. ތީ އެންމެބާރުގަދަ ޖިންނިއެއްނު. އަރްޖްގެ މަސައްކަތް ބޭކާރުކޮށްލުން އެއީ ޒޭބްއަށް ފަސޭހަކަމެއް..." ކައިލް މަޖާވެލާފައި އެހެން ބުނެލުމުން ޒޭބާއަށް ކަމަކު ނުދިޔައެވެ. "ހޫމ ތިހެން ބުނާ އަޑު އިވެނީ. އެކަމަކު ހަރާން މަށަށް އެއްކަމެއް ވާނަމަ..." ކައިލް އާއި ޖެހިގެން ޒޭބާވެސް ސަމާސާ ކުރަންފެށިއެވެ. ހޮސްޕިޓަލުން ދޫކޮށްލިފަހުން މިހާރު ހީ އުޅެލެވޭވަރު ވެއްޖެއެވެ. ކައިލް ކައިރީގައި އިންނައިރު ހުރިހާ ހިތާމައެއް ހަނދާނުން ފިލައި ދަނީ އަޖައިބެއްފަދަ ގޮތަކަށެވެ. ކައިލް އަކީ ހަގީގަތުގައިވެސް ހިތް އަތުލުމުގެ މާހިރެއް ކަންނޭނގެއެވެ. ކައިލް ކުއްލި އަކަށް ބަލައިލިގޮތުން ޒޭބާ ހިތަށް އެރި އެއްޗެއް އެނގުނީ ކަހަލައެވެ. ޒޭބާ ރަކި ގޮތަކަށް ހީލައިފައި ތުންފަތުގައި ދަތް އަޅައިލިއެވެ.
ސައިފުﷲ އާއި އޭނާގެ މަސައްކަތުގެ ބައިވެރިންނާއިއެކު ބައްދަލު ވުމެއްގައި އިނދެފައި މާވިން އައިއިރު އެރޭ އެގާރަ ޖަހަނީއެވެ. ދޮރާށިން އެތެރެއަށް ވަދެފައި ގެއަށް ވަންނަން ވެގެން ދިޔައިރު ދެފަރާތުގައިވާ ގަސްތައް ވަޔާއިއެކު ނަށާތަން ފެނުމުން ހިތަށް ބިރުވެރިކަން ވަނެވެ. ބޭރުގައި ދިއްލާފައިވާ ހޮޅިބުރި އަލީގައި ބައެއް ހިޔަނިތައް ދުވެލާއިރުވެސް ހީވަނީ ރޮލުން ކާއެއްޗެހި ތަކެއް ހެންނެވެ. ލޫސީ ޒޭބާގެ ހަގީގަތް ކިޔައިދިން ފަހުން ސިކުންތަކަށްވެސް އެހިޔާލު ތަކާއި ވަކިވެވޭގޮތެއް ނުވިއެވެ. ފަޅުވެފައިވާ ސިޓިންރޫމް ހުރަސްކޮށްފައި ގޮސް ކޮޓަރިއަށް ވަދެވުނު އިރުވެސް މާވިންއަށް ހުރެވުނީ އެހިޔާލެއްގައެވެ. އެތެރޭގައި ދިއްލާފައިވާ ވައިލެޓް ބޮކި އަލީގައި ހުހަށް އޮތް އެނދު ފެނުމުން މެޔަށް ކަށްޓެއް ހަރައިލި ކަހަލައެވެ. ލޫސީއޭ ގޮވަމުން އަވަހަށް ގޮސް ފާޚާނާގެ ދޮރުފަތުގައި އަތުން ޖަހާ ހުޅުވައިލެވުނެވެ.
ލޫސީ އިނީ ބިލިގާގެ ފެންގަނޑު ތެރޭގައި އިށީންދެލައިގެން ފެންމަތީ ގޮތްގޮތަށް ދެމެމުންދިޔަ ފިނިފެންމާ ފިޔަތަކާއި ކުޅޭށެވެ. ވަށައިގެން އަތުރާފައިވާ އުއްބައްތިތަކުގެ ރަތްއަލީން އެމޫނުގެ ރީތިކަން އެތައް ގުނައެއް އިތުރުވެފައި ވެއެވެ. މުޅި ފާޚާނާގައި ވެސް ދުވަނީ އުއްތައް ވިރޭ ވަހާއި ޝަވަރޖެލް ވަހެވެ. މާވިންގެ ބިރުވެރިކަން ނެތިފިލައި އެހިތް މަސްތުން ފުރައިލާން ސިކުންތެއްވެސް ނުނެގިއެވެ. ކައިރިއަށް އަންނަތަން ފެނިގެން ލޫސީ ލަދުން އިސްޖަހާލި ގޮތްވެސް ހާދަ ހިތްގައިމެވެ. ކައިވެނީގެ ފަހުން އެކުގައި ވަގުތު ހޭދަ ނުކުރެވޭކަން މާވިން ހަނދާންވީ އެހިސާބުންނެވެ. ގޮށްތައް ނައްޓައިލާފައި ގަމީހުގެ ދެފަރާތުގައި ހިފާ ފަހަތަށް ދޫކޮށްލުމާއެކު އެރީތި ހަށިގަނޑު ދެކެފައި ލޫސީގެ ހިތް އިތުރަށް އަވަސްވެގެން ދިޔައެވެ. އެންމެ ރީއްޗަށް މަސްތައް އެތުރިފައިވާ ކަސްރަތީ ހަށިގަނޑެކެވެ. ޖިމް ކުލާހުން އެންމެ ދުވަހެއްވެސް ވައްޓައިލިކަމެއް ނޭނގެއެވެ. ކެތްމަދުވެފައިވާ ގޮތަކަށް މާވިން ކައިރިވެލާފައި ބިލިގާ ކައިރީ ކުޑަ ކަކޫ ޖަހައިލިގޮތަށް އެއްއަތުން ލޫސީގެ ބުރަކަށި ވަށާލައިފައި ފެންގަނޑުން ކުޑަކޮށް ހިއްލައިލުމާއެކު ނޭވާއަކަށްވެސް ހުއްޓުމެއްނެތި ކަރުހިއްކުން ފިލުވަން ފެށިއެވެ.
ސިކުންތުކޮޅެއްގެ ތެރޭގައި ދެޒުވާނުންގެ ނޭވާ ހިނދި މޫނު ދުރުކޮށްލަން މަޖުބޫރުވިއެވެ. މާވިން ބަލައިލިއިރު ލޫސީ އަދިވެސް އިނީ ލޯ މަރައިލައި ގެންނެވެ. ކުރިއަށްވުރެވެސް ރަތްކަން އިތުރުވެފައިވާ ރީތި ތުންފަތުގެ ތިރީގައި ދައިގަތް ގޮތުން އަދިވެސް ބޭނުންވެފައި އިންކަން ދޭހަވިއެވެ. ލޫސީގެ އޮމާން ކަނދުރާމަތިން ތިރިއަށް ދަތުރު ކުރަމުން ދިޔަ ފެންތިއްކެއް ފެނިގެން މާވިން ހަސަދަވެރިވެފައި އަވަހަށް ގުދުވެ ތުންފަތުން އެފެންތިކި ނެތިކޮށްލި ވަގުތު ލޫސީގެ ހަށިގަނޑަށް ކަރަންޓް އައި ކަހަލައެވެ. ނޭނގުމުގެ ތެރޭގައި މާވިންގެ ބުރަކަށީގައި ދެއަތް އަޅުވައިލުމުން އެދެމެދުގައިވި ދުރުމިން ނެތިގެން ދިޔައެވެ. ފިނިފެންގަނޑެއްގެ ތެރޭގައި އިންދާވެސް ލޫސީ ގެ އެތެރެހަށި އުދާސްވެގެން ފިނި ދަލެއް ނިކުންނަން ފެށިއެވެ. ކޮންމެ ބީހިލުމަކުން އިހްސާސްތައް ފުންވެ އަދިވެސް ބޮޑަށް އެކަކު އަނެކަކަށް ބޭނުންވަމުން ދިޔައެވެ. ކޮޓަރިއަށް ވަދެފައި ހިމޭން ލަވައެއް ޖަހައިލުމުން މާހައުލު އިތުރަށް ފުރިހަމަ ވެގެން ދިޔައެވެ. މާވިންގެ ފިރިހެންވަންތަ އަތުތެރޭގައި ވިރެމުންދިޔަ އުއްގަނޑެކޭ ލޫސީއެކޭ އެއްފަދައެވެ. ބައެއްފަހަރަށް އެފޮނި އަޑުން ވިރުވައި އަޅައިލާ ލުއި ހީލުންތަކާއި ބުނެލާ ލޯބިވެތި ބަސްތަކުން މާވިންއަށް ލިބެނީ އިތުރު ޖޯޝެކެވެ. އޭސީގެ ސަބަބުން ގާތްގަނޑަކަށް ގަނޑުވާން ކައިރިވެފައިވާ ކޮޓަރީގައިވެސް އެދެހަށިގަނޑަށް މިރޭ ފިނިކަމެއް ނުލިބެއެވެ. ވައިގެތެރޭގައި އުޅެލެވުނުހެން ހީވި ވަގުތުކޮޅެއްވެސް އައެވެ. ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗެއް އެމީހުންގެ ވިސްނުމުގެ ދާއިރާއިން ފަހަނަ އަޅައި ގޮސް މުޅިން އަމިއްލަ ދުނިޔެއެއް ގާއިމު ކުރިއެވެ.
އެދުނިޔެއިން އެނބުރި އާދެވުނު އިރު ނިންޖާއިގެން އެސްފިޔަ ދުރުކޮށްލާނެ ހިތްވަރެއް ނެތެވެ. ގަޑިންވީ އިރެއްވެސް ނޭނގެއެވެ. ލޯމަރައިލާނެ ވަގުތެއް ވުމުން ނިންޖާއި ދިމާއަށް ދަތުރު ކުރީ ދެ ރޫޚު އެކުގައެވެ.
އަނދިރީގެ ތެރެއިން ފައުޅުވާން ހުރި އެންމެ ގެއެކެވެ. ފުރާޅުގައި ރަތް އީޓުލައި ފާރުގައި އުވަޖަހައިފައެވެ. ފުރާޅާއި ހަމައިގައި މަދު އަދަދަކަށް އުވަ ހަރުލާފައި ހުރިނަމަވެސް ފާރުގެ ތިރިން ބިންގަނޑާއި ޖެހޭންދެން އުވަ ފައިބައިފައެވެ. ގޭގެ އެއްކޮޅުން އަނެއްކޮޅަށް ދޮންވެލި ރޮގެއް އަޅާފައި ހުރިހެން ހީވަނީ މިއުވައިގެ ސަބަބުންނެވެ. ފެންނަ ފެނުމަށް ދުވަސްވީ ގެއެއްކަން އިނގެއެވެ. ވަށައިގެން އެއްވެސް ހިސާބެއްގައި މީހުން އަބަދުވެފައިވާ ކަމުގެ ނިޝާނެއް ނެތިފައި މުޅި އެހިސާބަށްވެސް އަލި ފޯރާފައިވަނީ އެގޭގެ ކުރިމަތީ ދިއްލާފައިވާ އެންމެ ބޮއްކަކުންނެވެ. ޖެހިލާ ކޮންމެ ވައިރޯޅި އަކާއި އެކު ބިންމަތީ އެއްވެފައިވާ ހިކިފަތްތައް ފަރާތް ފަރާތަށް މިސްރާބު ޖަހާފައި ހިމޭންވެދެއެވެ.
މިޝްއަލް އައިސް އެގޭގެ ކުރިމަތީ ހުއްޓި މިނެޓެއް ވާންދެން ހުރެފައި ކުރިއަށް ފިޔަވަޅެއް އެޅިތަނާ ގޭގެ ދޮރު ހުޅުވިއްޖެއެވެ. ތަންތަންކޮޅުގައި ފޮތި އަޅާފައިވާ ނުހަނު ބާ ލިބާހެއްގައި ހުރި މުސްކުޅި އަންހެނަކު އަސާގަނޑެއްގެ އެހީގައި ދޮރުން ބޭރަށް ބޯ ދިއްކޮށްލާފައި މިޝްއަލް ފެނިގެން ބޮލުގެ އިޝާރާތުން އެތެރެއަށް ދާން އަންގައިލިއެވެ. އަންހެން މީހާ އެތެރެއަށް ވަދެ ނިވާވުމާއެކު މިޝްއަލް ގޮސް ފަހަތުން ވަދެއްޖެއެވެ. ވަށައިގެން ނަޒަރު ހިންގާލުމުން ކުރީގެ ހަނދާނެއް އާވެގެން ދިޔައެވެ. މިޝްއަލް ކުރިއަށް ފިޔަވަޅެއް އަޅާލައިފައި ގޮސް ހުސް ގޭތެރޭގައި ހުރި އެންމެ މޭޒެއްގެ ދެފަރާތުގައި ހުރި ދެގޮނޑީން ކުރެ އެއް ގޮނޑީގައި އިށީންތަނާ މުސްކުޅިޔާ ގޮސް ޖެހިގެން ހުރި ކޮޓަރިއެއް ކަހަލަ ތަނެއްގެ ކުރިމަތީ ދަމާފައިވާ ފޮތިގަނޑު ހިއްލާލައިފައި އެތެރެއަށް ވަނެވެ. މުޅިގޭގައިވެސް ވަނީ ކުޑަ ދޮރުމަތީ ބަހައްޓާފައިވާ ފުޅިބައްތީގެ އޮރެންޖް އައްޔެވެ. ބޭރުގައި އުވަޖަހާފައި ހުއްޓަސް އެތެރޭގައި ވަނީ، ތެޅިގަލުން ރާނާފައިވާ ވުމުން އޭގެ ޑިޒައިނެވެ.
މިޝްއަލް އިންތިޒާރުގައި އިނދެގެން ކުޑަކޮށް ފައި ހަލުވާލި ތަނާ މުސްކުޅިޔާ ނިކުތީ ފޮތްބޮނޑިއެއް ހިފައިގެންނެވެ. ލޮލުގައި ނަންބަރު އައިނެއް އޮތެވެ. މުސްކުޅިޔާ ރޫޖެހިފައިވާ މޫނުގައި އަތް އުނގުޅާލައިފައި މިޝްއަލްއަށް ބަލައިލީ ދަންނަ މީހަކަށް ބަލައިލާ ހެންނެވެ. އެކަމަކު އެ ދެލޮލުގައި މާ ހިތްހަމަޖެހޭ ކުލަވަރެއް ނެތެވެ.
"ވިސްނައެއް ނުލަންތަ ތިކަމުން ލިބެން އޮތް ގެއްލުމާއި މެދަކު؟ މިއޮތް ހުރިހާ ދުވަހު މިޝްއަލް ސިއްރުކޮށްގެން އުޅުނު ކަންތައް ފަޅާއަރައިފާނެތީ ޖެހިލުމެއް ނުވޭތަ؟" މުސްކުޅިޔާ ހަތަރުކަޅި ހަމަކޮށްލާފައި އެހިއެވެ.