މިޝްއަލް ހުރީ ދޮރުކަނީގައި އަތް އަޅުވައިލި ގޮތަށް އިސްޖަހައިގެންނެވެ. އެފަން އިސްތަށިގަނޑުގެ ބޮޑުބައެއް ނިއްކުރިމައްޗަށް ފައިބައިފައި ވެއެވެ. ކަޅު ޓީޝާޓާއި ޖިންސެއް ލައިގެން ހުރި އިރު ވެސް މިޝްއަލްގެ އެ ހުންނަ ޝާހީ ގޮތްގަނޑެއް ނުކެނޑެ އެވެ. ލޫސީއަށް ބަލަހައްޓައިގެން ހުރެވުނެވެ. ބަލައިލައިފި ނަމަ ނަޒަރު ހުއްޓައިލައިގެން ހުންނަން މަޖުބޫރު ކުރުވާފަދަ ދަމާބާރެއް މިޝްއަލްގެ ކިބައިގައި ވެއެވެ. "ޒޭބާގެ ބަޑި ބަލައި މިއައީ." މިޝްއަލް ވާހަކަދެއްކީ އެ ހުރި ގޮތަށް އިސް އޮބައިލައިގެން ހުރެއެވެ. "އޯހ. އެހެންތަ؟" ލޫސީ ކުޑަކޮށް ސިހޭގޮތްވެފައި އަނެއްފަރާތަށް އެނބުރި ހިނގައިގަތެވެ. "ޕާޓީ ނިމިގެން ދަމުން އައިންތު އެބަޑި މަގޭ ޕޮކެޓަށް ލީ. މަންމަ އެއްޗެހި ދޮންނަން އުޅެނިކޮށް އެ ފެނިގެން ބުނީމަ މަވެސް ހަނދާންވީ. އެހެންވެ އޮންނާނެ ފޮރުވާފަ. އެކަމަކު އެއްދުވަހު ވެސް ހަނދާނެއް ނުހުރޭ ގެންދާކަށް." ލޫސީ ވާހަކަ ދައްކަމުން ގޮސް ޑްރެސިންޓޭބަލް ޑްރޯވަރ ހުޅުވައިލި އެވެ. ބަޑި އޭނާ ބޭއްވިތާގައި އޮތެވެ. ލޫސީ ބަޑި ނަގައިގެން އެނބުރިލައިފައި ކުރިއަށް ދެފިޔަވަޅު އެޅިގޮތަށް ކުއްލިއަކަށް ހުއްޓުނެވެ.

"ކިހިނެއްވީ؟" މިޝްއަލް އިސްއުފުލައިލި އެވެ. "ޒޭބްއަށް ކިހިނެއް އެނގުނީ މިބަޑި އަހަރެން އަތުގައި އޮތް ކަމެއް؟ އައިންތު އަކީ ޒޭބްގެ ފްރެންޑެއް ނޫން. އަދި އަހަރެން ވެސް ނުބުނަން މިބަޑި އޮތް ވާހަކައެއް." ލޫސީގެ އަޑުގައި ވަނީ ސީރިއަސް ކަމެވެ. މިޝްއަލްގެ މޫނުން ސުވާލުގެ ޖަވާބު ހޯދަން މަސައްކަތް ކުރާ ފަދަ ގޮތަކަށް ބަލަން ހުއްޓާ މިޝްއަލް ބާރަށް ހީގަތެވެ. ނުހަނު ފިރިހެންވަންތަ، ހިތްގައިމު ހުނުމެކެވެ. " ލޫސީގެ ބޭނުމަކީ ޒޭބާއަށް މިރައްދު ކުރުން. އެކަން އަހަރެން ކޮށްދޭނަން. ދެން ކޮންހާ ސުވާލު ތަކެއް؟" މިޝްއަލް ކުރިއަށް ފިޔަވަޅެއް އަޅައިލިތަނާ ލޫސީ އެބަޑި ފުރަގަހަށް ލައި ފޮރުވިއެވެ. "އޯހ ކަމް އޯން ލޫސީ. ޔޫ ޑޯން ވޮނަ ޑޫ ދިސް." މިޝްއަލް ޖެހިލީ އަނެއްކާ ވެސް ކުރިއަށެވެ. "ޓްރައި މީ!" ލޫސީ ދެލޯ ބޮޑުކޮށްލައިގެން މިޝްއަލްގެ މޫނަށް ބަލަން ހުއްޓާ މިޝްއަލް އައިސް ކައިރިވެފައި ހަތަރުކަޅި ހަމަކޮށްލި ގޮތަކުން ލޫސީ ބިރުގަނެއްޖެ އެވެ.

"އަން. މި ގެންދޭ!" ލޫސީ ފަހަތަށް ޖެހިލައިފައި ބަޑި ދިކޮށްލިއެވެ. ޖިންސްގެ ޖީބުން މިޝްއަލް ނެގީ ރަތްކުލައިގެ މަހުމާ ފާޑުގެ ހަތަރެސްކަން ފޮތިކޮޅެކެވެ. އަދި އެ ފޮތިކޮޅު އަތްތިލަ މަތީ ފަތުރާލައިފައި ލޫސީއަށް ދިއްކޮށްލީ ބަޑި އަތަށް ލައިދޭށޭ ބުނާފަދަ ގޮތަކަށެވެ. ލޫސީ ބަހެއް ވެސް ނުބުނެ މިޝްއަލް ބޭނުންވި ގޮތަށް ކަންތައް ކުރުމާއެކު މިޝްއަލް ނިކުމެގެން ހިނގައްޖެއެވެ. ލޫސީއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. މިޝްއަލް ކުއްލިއަކަށް ބަދަލުވެއްޖެ ހެން އޭނާއަށް ހީވިއެވެ. މީގެ ކުރިން އޭނާއަށް ހީވެފައި ވަނީ މިޝްއަލް އަކީ ވަރަށް ހަރުދަނާ އެހާމެ މަޑުމައިތިރި ވެފައި އެހެން މީހުންގެ އިހްސާސް ތަކަށް ޤަދަރު ކުރާ ޒުވާނެއް ކަމުގައެވެ. އެކަމަކު މިހާރު މިފެނުނީ އޭނާ އުންމީދު ނުކުރާ ކުލައެކެވެ. އެ ދެލޮލުން އޭނައަށް ފެނުނީ ޖެހިލުން ކުޑަ ކަމެވެ. ކޮންމެފަދަ ކަމެއް ކޮށްގެން ވެސް ބޭނުން ކަމެއް ކޮށްފައި ނޫނީ ހުއްޓާނުލާނަމޭ ބުނާފަދަ އަސަރެކެވެ. މިޝްއަލް ދިޔަފަހުންވެސް ލޫސީ އިރުކޮޅެއް ވާންދެން އެހިޔާލުގައި ހުއްޓެވެ. އޭނާ ސުވާލު ކުރީ އަމިއްލަ ހިތާއެވެ. މިޝްއަލް އެ އައީ ހަމަ ރަނގަޅަށް ވެސް ޒޭބާ ފޮނުވައިގެން ބާވައެވެ؟ އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެދެމެދުގައި އެވަރުގެ ގާތް ގުޅުމެއް އުފެދުނީ ހެއްޔެވެ؟ އެބަޑި އަކީ ޒޭބާގެ މަންމަ އޭނާ ކުޑައިރުއްސުރެ އަޅުވާފައި އޮންނަ އެއްޗެކެވެ. އެވަރުގެ ހާއްސަ އެއްޗަކާއި މެދު މިޝްއަލްއަށް ޒޭބާ އިތުބާރު ކުރާނީ ގައިމު ވަރެއް ވެފަ ހުރީމަތާ އެވެ. 

ޖެހެމުން ދިޔަ ވައިރޯޅިތައް ގަސްތަކުގައި ބީހެމުން ހުވަނދުމާ ވަހުން މާހައުލު ހުވަނދު ކުރަމުން ދިޔައެވެ. މެދު އުޑުގައި ރަނިކަން ކުރަމުންދާ ހަނދުގެ ރިހިއަލީން ފެންވެރިފައިވާ ގަސްތަކުގެ މެދުގައި މިޝްއަލް ހުރީ ޖިންސްގެ ޖީބަށް އަތް ޖަހައިލައިގެންނެވެ. އެ ފިރިހެންވަންތަ ހަށިގަނޑަށް ފިޓްވެފައިވާ ކަޅުކުލައިގެ ޖިންސާއި ޓީޝާޓްގައި ދެކޭ މީހުން ލޯބިން މޮޔަވާނެހާ ފުރިހަމައެވެ. އެކަމަކު މިޝްއަލްގެ ދެލޮލުގައި ވަނީ މުޅިން ތަފާތު އަސަރެކެވެ. އެސްފިޔަތަކުގެ ފުރަގަހުގައި ފޮރުވިފައިވީ ކަރުނަ ތަކެކެވެ. މިޝްއަލް ބަލަހައްޓައިގެން ހުރީ ޒޭބާ ނިދާ ކޮޓަރީގެ ކުޑަ ދޮރަށެވެ. އެތެރޭގައި ދިއްލާފައިވާ ނިދާ ބޮކީގެ ފަނޑު އަލި އެ ހިސާބަށް ވެސް ފެނެއެވެ. އިރުކޮޅަކުން މިޝްއަލް ލޯމަރާލާފައި ލޯ ހުޅުވައިލީ ޒޭބާގެ ކޮޓަރި ތެރެއަށެވެ. ނިދާ ބޮކީގެ ފަނޑު އަލީގައި ޒޭބާ ފެންނަނީ ނުހަނު ހިތްގައިމު ކޮށެވެ. ލައިގެން އޮތް ކުރު ޕައިޖާމާ ކޮޅުގެ ސަބަބުން ދޮން ދެފަޔާއި ދެއަތުގެ އިތުރަށް ބަނޑުންވެސް ބޮޑު ބައެއް އޮތީ ހާމައަށެވެ. ބާލީސް މައްޗަށް ފެތުރިފައިވާ އިސްތަށިގަނޑު ފެހިއަލީގައި ފެންނަނީ ތަފާތު ގޮތަކަށެވެ. އަދި ފަންކާގެ ވަޔާއެކު ބައެއް އިސްތަށި ކޮޅުތައް އައިސް އެމޫނުގައި ބޮސްދީފައި އޭގެ މަގާމަށް އެނބުރި ދާ މަންޒަރު ދެކެފައި މިޝްއަލްގެ ކެތްތެރިކަން ކޮޅުންލިއެވެ. އެއިސްތަށިކޮޅު ވެސް ޒޭބާގެ މޫނުގައި ބީހެން ވާނީ އޭނާގެ ހުއްދަޔާއި ލައިގެންނޭ ހިތަށް އެރިއެވެ. ޒޭބާ އަކީ ހަމައެކަނި އޭނާގެ ހައްގެކެވެ. އެ ހިތާއި ހަށިގަނޑަކީ އޭނާގެ މިލްކެކެވެ. މީގެ އަށާރަ އަހަރު ކުރިން ޒޭބާ ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ. 

މިޝްއަލް ދިގު ފިޔަވަޅު ތަކެއްގައި ގޮސް ޒޭބާގެ މަގަތުގައި އިށީންދެފައި އެމޫނަށް ބަލަން ފެށިއެވެ. ޒޭބާގެ ދޮން މޫނުގައި ހިތް ފުރޭންދެން ބޮސް ދޭން މިޝްއަލް ބޭނުން ވިއެވެ. އެ ތުންފަތުގެ މީރުކަން ތަޖުރިބާ ކޮށްލަން ހިތް ތެޅިގަތެވެ. އެ ރީތި ހަށިގަނޑު ގެނެސް މިޝްއަލްގެ ބާރުގަދަ ދެއަތުގެ ތެރޭގައި ބޮނޑިކޮށްލަން ކެތްމަދުވި އެވެ. އެކަމަކު މިޝްއަލް ޖެހޭނީ ކެތްކުރާށެވެ. ޒޭބާގެ އަމިއްލަ އިޚުތިޔާރުން ބޭރުގައި އެހަށިގަނޑު ގައި އިނގިލި ކުރި ވެސް ޖައްސައިނުލާން މިޝްއަލް ވަނީ އަމިއްލަ ނަފްސަށް ވަޢުދު ވެފައެވެ. އެ ވަޢުދު އުވާލައިފިނަމަ ޒޭބާއަށް ދެވުނު ކެއްސަކަށް ނޫނީ ނުވާނެއެވެ. ކޮންމެ ގޮތަކަށް ކަންތައް ވެގެން ދިޔަޔަސް މިޝްއަލް ވީ ވަޢުދު މަތީ ދެމި ހުންނާނެ އެވެ. މިޝްއަލް ބަލަހައްޓައިގެން އިންދާ ޒޭބާ ފުން ނިދީގައި އޮވެ ހިނިތުންވެލި އެވެ. މިޝްއަލްގެ އެސްފިޔަތައް ފުރަގަހުގައި ފޮރުވިފައިވާ އުފާވެރިކަމުގެ ކަރުނަތައް އޭގެ މަގާމުގައި ކެތް ނުވެގެން އޮހެންފެށީ އެވަގުތުއެވެ. އަދި އެތަނުން ކަރުނަ ތިއްކެއް އައިސް ޒޭބާގެ ކޯތާފަތުގައި ޖެހިފައި މުތީއެއްހެން ބަބުޅައި ގަތުމަށްފަހު ތިރިއަށް ރޮނގު ދެމިގެން ދިޔައެވެ. 

"މިޝްއަލް!" ޒޭބާ ލޯ ހުޅުވައިލިއެވެ. އެވަގުތު މިޝްއަލްގެ ތެމިފައިވާ ކޯތާފަތް ދެކެފައި ޒޭބާ ފުންމައިގެން ތެދުވިއެވެ. "މިޝްއަލް. ކިހިނެއްވީ؟" ޒޭބާގެ އަޑުގައި ހުރީ ނުތަނަވަސްކަމެވެ. އެކަމަކު އޭނާ ވާހަކަ ދެއްކި ރާގުން، މިޝްއަލް އެތާގައި ހުރެގެން ހައިރާންވި ހެނެއް ހިއެއް ނުވެއެވެ. "އައި މިސްޑް ޔޫ." މިޝްއަލް ކުޑަކޮށް ހިނިތުންވެލައިފި އެވެ. ޒޭބާގެ ހިތް ލޯބިން ފުރުނެވެ. އެރީތި ހިނިތުންވުމުގެ ވެރިޔާގެ ތުންފަތުގައި ބޮސްދޭން ހިތް އެދުނެވެ. "މިޝްއަލް. އައި މިސްޑް ޔޫ ޓޫ. އަށާރަ އަހަރު މިވީ." ޒޭބާ މަލެއްހެން ފޮޅިފައިވާ އުފާވެރި މޫނަކާއެކު ވާހަކަ ދެއްކިއެވެ. "ހަނދާން އެބަހުރިތަ؟" މިޝްއަލް ހައިރާންވި އެވެ. "ހޫމ..ވަރަށް ގިނަ ކަންތައްތައް ހަނދާންވެއްޖެ. އެކަމަކު އަހަރެން އޮޅުން ފިލުވަން ބޭނުން މިޝްއަލް އާއި އަހަރެން މިހާ ދުވަހު ދުރުގައި އުޅުނު ސަބަބު. އެންމެ ފަހަރަކުވެސް މިޝްއަލްގެ ހަނދާން މިހިތަށް ނުވަނީ ކީއްވެކަން އެނގެން ބޭނުން. ކީއްވެ އަހަރެންނާއި ވަކިވީ؟ އެއީ ކިހިނެއް ވީ ކަމެއް؟" ޒޭބާ ކަޅި ޖަހައިނުލައި މިޝްއަލްގެ މޫނަށް ބަލަމުން ސުވާލުތައް ބަންޑުން ކޮށްލިއެވެ. "ލޯންގް ސްޓޯރީ." މިޝްއަލް ވާހަކަ ކުރުކޮށްލި އެވެ. ޒޭބާގެ އަނގަޔަށް ވީ ގޮތުން އެޖަވާބު ކަމުނުދިޔަ ކަން އެނގެއެވެ. އެކަމަކު މިޝްއަލް އިތުރު އެއްޗެއް ނުބުނެ ތެދުވެފައި ކުޑަ ދޮރާއި ދިމާއަށް ހިނގައިގަތެވެ. ޒޭބާ އިނީ އެނދުގައި ދެފައި ވަށްކޮށްލައިގެން މިޝްއަލް ވާހަކަ ދައްކާތޯ އެވެ. އެމީހުންގެ ހަރަކާތްތަކަށް ބަލައިލުމުން އެނގެނީ އަށާރަ އަހަރު ފަހުން ބައްދަލު ވުމަށް ފަހު ވެސް އެދެމެދު ގައި ވަނީ ނުހަނު ވަރުގަދަ ގުޅުމެއް ކަމެވެ.

ކުޑަދޮރުން ބޭރު ބަލަން ހުރެގެން މިޝްއަލް އެކި ފަރާތް ފަރާތަށް ވިސްނުން ހިންގިއެވެ. މިއަދު ނޫނީ މާދަން ޒޭބާއަށް ހުރިހާ ހަގީގަތެއް ކިޔައިދޭން ޖެހޭނެކަން އިނގޭއިރު ވެސް ބިރުގަންނަނީ އެވެ. އެ ހަގީގަތް ޒޭބާއަށް ބަރުދާސްތު ކުރެވޭނެ ހެއްޔެވެ؟ އެހެން ވެއްޖެނަމަ އެދެމެދުގައި އަނެއްކާ ވެސް ލެވިގެން ދާނީ އިތުރު ފާރެކެވެ. މިޝްއަލްގެ ހިތް ހަލާކު ވެދާނެއެވެ. ވޭނުން މީހާ ފިހި ހަނާ ވެދާނެއެވެ. އަށާރަ އަހަރަށްފަހު ކޮންމެ ގޮތަކަށް އެނބުރި އަންނަން ޖެހުނު ކަމުގައިވިއަސް ދެން އަލުން ދޫކޮށްފައި ދިއުމަކީ މިޝްއަލް އަށް ވާނެ ކަމެއް ނޫނެވެ. އެކަމަކު އެހުރިހާ ކަމަށްވުރެ ކުރިން މިޝްއަލް ކުރިމަތިލާން ޖެހިފައިވާ އެހެން ކަމެއް މިހާރު އެބަ އޮތެވެ. ޒޭބާ ރާއްޖެ އައީއްސުރެ އޭނައަށް ފާރަލަމުން އައިސް އެންމެފަހުން އޭނާއަށް ވެގެން ޒޭބާގެ ކުރިމަތީގައި އުޅެފައިވާ ދެވަނަ މީހަކު އެބަވެއެވެ. އެމީހެއްގެ މަގްސަދަކީ ޒޭބާ ނެތިކޮށްލުން ކަމަށް ވާނަމަ މިހާރު އެކަން ކުރާނެތާ ކިތަންމެ ދުވަހެކެވެ. އެކަމަކު ކަން ހިނގާފައިވާ ގޮތަށް ބަލައިލުމުން މިޝްއަލްއަށް އެނގުނީ އޭނާގެ ކޮންމެވެސް އެހެން މަގްސަދެއް އޭގައި ފޮރުވިފައި ވާކަމެވެ. ނޫނީ އެއަށްވުރެ ވެސް ބޮޑު ރޭވުމެއް އޭނާގެ ސިކުނޑީގައި ވަނީ އެވެ. 

މިޝްއަލް ބަލަހައްޓައިގެން ހުއްޓާ ހުވަނދުމާ ގަހާއި ދިމާއިން އައްޔެއް ފާޅުވިއެވެ. ދެވަނަ ސިކުންތުގައި އެތަނަށް މިޝްއަލްގެ ދެވަނަ ސޫރަ ފައުޅުވިއެވެ. ހަމަ އެއިސްކޮޅާއި ތަފާތެއް ނެތް މިޝްއަލްގެ ސިފަތަކެވެ. އޭނާ ބަލަހައްޓައިގެން ހުރީ މިޝްއަލް އަށެވެ. އަދި ނުބައި ގޮތަކަށް ހިނިތުންވެލައިގެން ހުރެލާފައި ކުއްލިއަކަށް ލޯމަތިން ޣާއިބު ވިއެވެ. މިޝްއަލް ކުޑަދޮރުން ދުރަށް ޖެހިލައިފައި އެނބުރި އައިއިރުވެސް ޒޭބާ އެ އިންގޮތަށް އެނދުމަތީ އިނެވެ. 

ކައިރިއަށް އައިސް ހުއްޓިފައި ޖިންސްގެ ޖީބުން މިޝްއަލް ނެގީ ހުވަނދުމަލެކެވެ. މިޝްއަލް އެމާ ދިއްކޮށްލުމާ އެކު ޒޭބާ ބަލަން އިނދެފައި ލަސްލަހުން މަލުގައި ހިފައިލިތަނާ ބާރު ވައިރޯޅިއެއް މޫނުގައި ބީހިފައި ލޯމަރާލެވުނެވެ. ކުއްލިއަކަށް މިޝްއަލް ދުރަށް ދިޔަކަން ޒޭބާއަށް އިހްސާސްވިއެވެ. އަވަސް އަވަހަށް ލޯ ހުޅުވައިލި އިރު މިޝްއަލް ފެންނާކަށް ނެތެވެ.

"މިޝްއަލް!" ޒޭބާ ވަށައިގެން ހޯދާލަމުން ގޮވާލިއެވެ. ކުޑަދޮރުން ފިރިހެންކުއްޖަކު ބޯ އަރުވައިފިއެވެ. އެވަގުތު ޒޭބާ ކުރިއަށް އަޅަ އަޅާ ހުރި ފިޔަވަޅު ޖައްސައިލެވުނީ ފަހަތަށެވެ. އެއީ މިޝްއަލް ފަސް އަހަރުގައި ހުރި ސޫރައެވެ. ޒޭބާ ފާޑަކަށް ހުއްޓުން އަރައިފައި ހުއްޓާ އޭނާގެ ފަހަތުން ނިކުމެގެން ކުޑަދޮރާއި ދިމާއަށް ގޮސް ހުއްޓުނީ ކުޑަ އަންހެން ކުއްޖެކެވެ. ޒޭބާއަށް އެކުއްޖާވެސް އެނގިއްޖެއެވެ. އެވަގުތު ލޮލަށް ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވިގެން ދެފަރާތަށް ބޯ ހޫރުވާލެވުނެވެ. އެ މަންޒަރު ބަދަލެއް ނުވިއެވެ. ހައިރާންވި ވަރުން ޒޭބާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. 

"ޒޭބާ. އަހަރެން ދާން ޖެހިއްޖެ." މިޝްއަލް ކަންބޮޑުވެފައިވާ އަޑަކުން ބުނެލިއެވެ. "އެއީ ކީއްވެ ދާން ޖެހުނީ؟ ކޮންތާކަށް ދަނީ؟" ކުޑަ ކުޑަ ޒޭބާ އަވަސްއަވަހަށް ސުވާލު ކުރިއެވެ. "ޒޭބާ. އަހަރެންގެ، ގެ އަހަރެން އަތުން ނިގުޅައިގަނެވިއްޖެ. އެގެ ހަލާކުކޮށްލައިފި. އަހަރެން ދެން ޖެހޭނީ ދާން. ޒޭބާގެ ބައްޕަ ބޭނުންވަނީ އަހަރެން މިގެ ދޫކޮށް ދާން. އަހަންނަށް މާފު ކުރޭ ޒޭބާ. އަހަރެން މަޖުބޫރު." މިޝްއަލް ކިޔައިދިނެވެ. "އެކަމަކު ކީއްވެ؟ ކީއްވެ ބައްޕަ މިޝްއަލްގެ ގެ ހަލާކު ކޮށްލީ؟ ބައްޕަ ހާދަ ގޯހޭ." ޒޭބާ ސުވާލުން ފުރިފައިވާ ބެލުމަކުން މިޝްއަލް އަށް ބަލައިލިއެވެ. "ނޫނޭ ޒޭބާ. އެއްވެސް މަންމަ އާއި ބައްޕައަކު އެމީހުންގެ ދަރިންނަށް ދެރަ ގޮތެއް ނޭދޭނެ. ޒޭބާވެސް ބައްޕަދެކެ ރުޅިނައިސް މީ ބައްޕަ ކޮށްދޭ ހެޔޮކަމެއްގެ ގޮތުގައި ބަލާތި." މިޝްއަލްގެ ހިތުގައި ރުޅިވެރިކަމެއް ނުވެއެވެ. ޒޭބާގެ ބައްޕަ އަށް ޓަކައި އެ ހިތް ސާފެވެ. "ދެން ކިހިނެއް ވާނީ؟ އަހަންނާއި މިޝްއަލް ދިމައެއް ނުވާނެތަ؟ މިޝްއަލް ދެން ކޮންތާކު އުޅެނީ؟ އަހަރެން ބައްޕަ އަށް ސިއްރުން މިޝްއަލް ކައިރިއަށް ދާނަން." ޒޭބާ ފެންކަޅިވެފައި ހުރެ ބުނެލިއެވެ. "ނޫނޭ. ދެން އަހަރުމެން ދިމައެއް ނުވާނެ. ޒޭބާއަށް ނޭނގޭ އެތައްކަމެއް ވޭ. އަހަރެންނާއި އަހަރެންގެ އާއިލާއަށް ވަނީ އިންޒާރު ދީފައި. އެނބުރި އަތުވެއްޖެއްޔާ ދެން ވާނެ ގޮތެއްވެސް ނޭނގެ. މިހާރުވެސް މަންމަގެ ހާލު ވަރަށް ދެރަ. އެހެންވެ އަހަރެން މިއައީ އެންމެފަހު ފަހަރަށް ޒޭބާ ދެކިލަން."މިޝްއަލް ވާހަކަދައްކައި ނިމިގެން ކަނާއަތް ދިއްކޮށްލި އިރު ހުވަނދުމަލެއް އޮތެވެ. "ގުޑްބައި." ޒޭބާ މަލުގައި ހިފާލިތަނާ މިޝްއަލް ބުނެލިއެވެ. މިޝްއަލް ތިރިވާންވެގެން އުޅުނު ވަގުތު ޒޭބާ ވާހަކަދައްކަން އުޅުނެވެ. ކޮންމެވެސް އެއްޗެކޭ ބުނެގެން މިޝްއަލް ހުއްޓުވަން ހީކޮށްލިއެވެ. އެކަމަކު މިޝްއަލް ބަލައިލި ގޮތަކުން އޭނާ ބުނަން އުޅުނު ޖުމްލަތައް ހަނދާންނެތިފައި ހުއްޓާ މިޝްއަލް ތިރިވެއްޖެއެވެ. އިރުކޮޅަކުން ކުޑަދޮރާއި ބޮޑަށް ކައިރިވެލާފައި ބޭރު ބަލައިލިއިރު ޒޭބާ އަށް ފެނުނީ ހަމައެކަނި ބުޑުގަނޑަށް ހަދައިލައިފައިވާ ހުވަނދުމާ ގަހެވެ. އެވަގުތު ޒޭބާގެ ކުޑަ ކުޑަ ދެލޮލުން ކަރުނަތައް އޮހިގަތީ ހޯސްލާފައެވެ. 

"ހަނދާންވެއްޖެތަ؟" މިޝްއަލްގެ އަޑުން ޒޭބާ ހޭލައްވާލިއެވެ. މިޝްއަލް ހުރީ ކުރިމަތީގައެވެ. އޭނާ އެއްވެސް ތާކަށް ނުދެއެވެ. މާޒީގެ ތެރެއަށް ދަތުރު ކުރީ ޒޭބާގެ ހިޔާލު ތަކެވެ. "އަހަރެން ޓައިމް ޓްރެވަލް ކުރީތަ؟" ޒޭބާގެ މޮޔަ ސުވާލުން މިޝްއަލްއަށް ހެވުނެވެ. "އެއީ އަހަރެން ޒޭބާއަށް ހަނދާންކޮށްދިނީ. ތިހީކުރި ކަހަލަ ކަމެއް ނޫން." މިޝްއަލް އޮޅުން ފިލުވައިދިނެވެ. "އަހަރެންނަކަށް އަދިވެސް ނޭނގުނު. މިޝްއަލްގެ ގެ އަހަރެންގެ ބައްޕަ ހަލާކު ކޮށްލީއޭ. އަހަރެންގެ ބައްޕަ އަކީ އެހާ ގޯސްމީހެއް ނޫން. އަހަރެންނަކަށް ނުވިސްނުނު." ޒޭބާ ސިކުނޑިއަށް ބާރުލަމުން ސުވާލުތައް އަތުރާލިއެވެ. މިޝްއަލް އަދިވެސް ހުރީ ހިނިތުންވެފައެވެ. ވާހަކަ ދައްކާއިރު ޒޭބާގެ ލޮލަށާއި އަނގަޔަށް ޖައްސާ ވައްތަރުތަކުން ރީތިކަން އިތުރު ވާހެން މިޝްއަލް އަށް ހީވިއެވެ. މޫނަށް ގެންނަ ކޮންމެ ހަރަކާތަކާ އެކު މިޝްއަލްގެ ހިތުގައި އޮތް ލޯބި ކެކި އުތުރި އަރައެވެ. އަށާރަ އަހަރަށްފަހު ބައްދަލު ވުމަށްފަހު މިޝްއަލް އަދިވެސް އެހުރީ އިންތިޒާރު ގައެވެ. ޒޭބާގެ ހިތާއި ރޫހު ހަމައެކަނި އޭނާގެ މިލްކަކަށް ވާނެ ދުވަހަކަށް ކެތްމަދު ވެފައެވެ. 

"ޒޭބާ. އަހަރެންނަކީ އިންސާނެއް ނޫން." މިޝްއަލް ކުއްލިއަކަށް ބުނެލައިފި އެވެ. ހިޔާލުތަކު ތެރެއަށް ގެއްލިފައި ހުރިވަރުން ޒޭބާއަށް ފުރަތަމަ އެއަޑު އިވޭގޮތެއް ނުވިއެވެ. "މިޝްއަލް ކީކޭ ތިބުނީ؟" ޒޭބާ އެނދުން ފައިބައިފައި ދެފައިމައްޗަށް ކޮޅަށް ތެދުވިއިރު އެދެމެދުގައި އިންޗިއެއްހާ ދުރުމިން ވެސް ނެތެވެ. ޒޭބާ މިޝްއަލްގެ ރީތި ދެލޮލަށް ބަލަހައްޓައިގެން ހުއްޓާ މިޝްއަލް އަނެއްކާވެސް ކުރިން ބުނި ޖުމްލަ ތަކުރާރު ކޮށްލިއެވެ.

ކޮމެންޓް 0