ޒޭބާގެ އަޑެއް ނީވި ގިނައިރުވުމުން ހަފީޒާ އާއި މާވިން ނިންމީ ވަރުބަލިވެގެން ނިދީ ކަމަށެވެ. ދެން އެންމެ ރަނގަޅު ވާނީ އުދަނގޫ ނުކޮށް ދޫކޮށްލުން ކަމަށް އެއްބަސްވެފައި ދެމީހުން ދެފަރާތަށް ގޮސް އެމީހެއްގެ ކޮޓަރިއަށް އެމީހަކު ވަދެ ދޮރު ލައްޕައިލިއެވެ.
ޒޭބާގެ ރުއިމުގެ އަޑު މެދުކެނޑި ހިނދުކޮޅަކަށް ލޯމެރުނެވެ. މިޝްއަލްގެ ތަނަވަސް ކޮނޑުގައި ބޯއަޅައިގެން އޮވެ މުޅި އުމުރު ނިދާލަން ހިތް އެދުނެވެ. އެއަތު ތެރޭގައި އަގު ނުކުރެވޭ ވަރަށް ލޯއްބާއި ރައްކާތެރިކަން ވެއެވެ. ޒޭބާ އެންމެ ބޭނުންވާ އޯގާތެރިކަމާއި އުފާވެރިކަން ވެއެވެ. އިތުރަށް އިންސާނަކު ބޭނުންވާނީ ކޯއްޗެއް ހެއްޔެވެ؟ މިޝްއަލް އަކީ މިއަދު ޒޭބާގެ މުޅި ދުނިޔެއެވެ. އެހިތުގައި ހިނގާ ލެއާއި ދިރުމެވެ. ޒޭބާގެ ހިތުގައި ޖަހާ ކޮންމެ ވިންދެއްމެ އެދިގޮވަނީ މިޝްއަލް އަށެވެ. އެ ހިތުގެ ވެރިޔާއަށެވެ.
އިރުކޮޅަކުން ކަންފަތުގައި ޖެހުނީ ކޮވެއްޔެއްގެ ފޮނި ފޮނި އަޑެވެ. ކަންފަތަށް މާމުއިގެ ފައްވާރާއެއް އޮހިގެން ދިޔަހެން ޒޭބާއަށް ހީވިއެވެ. ލަސްލަހުން ލޯ ހުޅުވައިލައިފައި މިޝްއަލް އާއި ދުރަށް ޖެހިލަން އުޅެނިކޮށް ސިހިގެން ދިޔައެވެ. އޭނާއަށް އެހުރެވުނީ ކޮޓަރި ތެރެއަކު ނޫނެވެ. މިޝްއަލްގެ ފަހަތުގައި ފެންނަން ހުރީ މާމެލާމެލިން ބަރާވެފައިވާ ފެހިކަންގަދަ ގަސްތަކެކެވެ. ޒޭބާ ކުއްލިއަކަށް އަނެއް ފަރާތަށް އެނބުރިފައި ވަށައިގެން ނަޒަރު ހިންގާލިއެވެ. ހައިރާންވި ވަރުން އެސްފިޔަޖަހާކަށް ޒޭބާ ހަނދާނެއް ނުވިއެވެ. އެ ހުރެވެނީ ސުވަރުގޭގެ ބަގީޗާއެއްގައި ބާވައޭ ހިތަށް އަރައިފިއެވެ.
ފައިދަށުގައި އޮތީ މަޑު ކާޕެޓެއްހެން ފެތުރިފައިވާ ފެހި ވިނަގަނޑެވެ. ވިނަ ތަކުތެރޭގައިވާ ހަރުލާފައިވާ ކުދި ފެންތިކިތައް ހީވަނީ އެތަނަށް އުކާލެވިފައިވާ އެތައް ބައިވަރު ޑައިމަންޑްތަކެއް ހެންނެވެ. ދެފަރާތުގައި ކުދި ބޮޑު ގަސްތަކުގައި ކުލަ ކުލައިގެ މާތަކެވެ. ތިން ކުލައިގެ ފިނިފެންމަލާއި ސަންފްލާވަރއެވެ. މަތަރެސްމަލާއި ތައުޒަން ފްލާވަރއެވެ. ހުދާއި ވައިލެޓް އޯކިޑްގެ އިތުރުންވެސް އެތައް ވައްތަރެކެވެ. ރާއްޖެއިން ޒޭބާ ނުދެކޭފަދަ މާވެސް ހުއްޓެވެ. މޫނުގައި އައިސް ބޮސްދިން ވައިރޯޅިއާއެކު ޒޭބާއަށް ހޭވެރިކަންވެގެން އެސްފިޔަ ތަޅުވައިލިއެވެ. އެވައިރޯޅީގައި ވެސް އެކުލެވިފައިވީ މާމެލީގެ މީރު ވަހެވެ. އެތައް ހިސާބު ދުރަށް ފެތުރިފައިވާ ހިމަ މަގުން ޒޭބާ ހިނގައިގަތެވެ. އަޅާ ކޮންމެ ފިޔަވަޅަކާއެކު މަޑު ކާޕެޓްގަނޑެއްގެ ތެރެއަށް ފައިތިލަ ވަންނަހެން ހީވެއެވެ. އިރުއިރުކޮޅާ ޖެހިލާ ވައިރޯޅިތަކުން ޒޭބާގެ ދޮން މޫނުގައި ބޮސްދީފައި އެރީތި އިސްތަށިގަނޑާއި ސަމާސަކޮށްލައެވެ. ހާމަވެފައިވާ ދޮން ކަނދުރާއަށް ހަނދުގެ ރިހި އަލި އެޅިފައިވާތަން ފެނިގެން މިޝްއަލްގެ ހިތްވެސް އޮބި އޮންނަވަރެއް ނޫނެވެ.
ވަކި ހިސާބަކުން ފެންގަނޑެއް ފެނިގެން ޒޭބާ މަޑު ޖެހިލިއެވެ. ވައިރޯޅިތަކުގެ ގޯނާއިން ކުދި ބާނިތަކެއް އުފެދެމުން ދިޔަ އެފެންގަނޑުން އަމިއްލަ ހިޔަނި ފެނިގެން ޒޭބާ ތިރިވިއެވެ. މަޑުމަޑުން އަތްތިލަ ހުޅުވާލައިފައި ފެންގަނޑުގައި އިނގިލިތައް ބީއްސާލިހާއިރުން ހިޔަނި ފިލައިފިއެވެ. ޅަކުއްޖެއްހެން ޒޭބާ ހީލިއެވެ. ތެދުވެ ހިންދެމިލާއިރަށް ދުރުން އުދުހެމުން ދިޔަ ކޮކާތަކެއް ފެނިއްޖެއެވެ. ޒޭބާގެ މިސްރާބު އެކޮކާ ތަކާއި ދިމާއަށް ބަދަލުކޮށްލާފައި އަނެއްކާ ހިނގައިގަތެވެ. ޔަގީނުންވެސް މި އުޅެވެނީ ހުވަފެނެއްގައެވެ. މީ ކުލަ ރީތި ހުވަފެނެކެވެ. ޒޭބާގެ ޒަމީރު ވައިއަޑުން ހަނދާންކޮށްލަ ދިނެވެ. "ދެން ނުބުނައްޗޭ އަހަރެން ޒޭބާއަށް ކަމެއް ނުކޮށްދެއޭ." ލޯމަތީ އުދުހެންފެށި ލޭ ކޮކާލެއް ހިފަންވެގެން އަތް އުފުލާލިތަނުން މިޝްއަލް އައިސް ކަންފަތް ދޮށުގައި ބުނެލިއެވެ. ޒޭބާ މަޑުމަޑުން ހީލައިފައި އަތް ތިރިކޮށްލި ގޮތަށް މިޝްއަލްގެ މޭގައި ލައްވެލައިފިއެވެ.
ޖެހެމުންދިޔަ ވައިރޯޅިތަކުގައި ތެތް ފިނިކަމެއް އެކުލެވިގެން ދިއުމުން ޒޭބާ ހީކަރުވަން ފެށިއެވެ. އަދިވެސް ބޮޑަށް އެމޭގައި ބޮނޑިވެލެވުނެވެ. މިޝްއަލް ދެއަތް އުފުލާލައިފައި ބައްދާލުމުން ޒޭބާއަށް އިތުރަށް އަރާމުވިއެވެ. މަޑުމަޑުން ހިއްސުތަކުގައި ނުސިޔާނު ކަމެއް އުފެދި ހިތުގެ ދޮރުފަތުގައި ޓަކިދޭން ފެށިއެވެ. ޒޭބާ އެގޮވައިލުމަށް އިޖާބަދޭން ބޭނުންވެފައި ހުއްޓާ މިޝްއަލް އިސްނެގިއެވެ. ޒޭބާގެ ހަށީގައިވާ ކޮންމެ ކަށިކޮޅެއްމެ މިޝްއަލްއަށް މަރުހަބާ ކިޔެވެ. މުޅިހަށިގަނޑުވެސް މިޝްއަލްއަށް ޓަކައި ފިދާވާން ފެށިއެވެ. އެވަގުތު ހަނދުވެސް ލަދުން ވިލާގަނޑެއްގެ ތެރޭގައި މޫނު ފޮރުވައިލިއެވެ. ޖަޒުބާތުގެ އޮއެވަރު އެންމެ ގަދަވީ ވަގުތު މޫނަށް އެޅެންފެށި މިޝްއަލްގެ ހޫނު ނޭވާގައިވެސް ވަނީ ހުވަނދެއްގެ ވަހެވެ. އެރީތި ދެލޮލަށް ބަލަހައްޓައިގެން އޮވެ އުމުރު ހުސްކޮށްލަން ޒޭބާގެ ޒަމީރު ގޮވާލިއެވެ. ލޮލުގެ ކަނުން ފޭދެންފެށި ކަރުނަ ތަކަކީ އުފާވެރިކަމުގެ މުތީތަކެވެ.
ދުވަސްތަކަކަށްފަހު ފުރަތަމަ ފަހަރަށް ވަރުބަލިކަމެއް އިހްސާސް ކުރެވި އެސްފިޔަތައް ކައިރިކޮށްލެވުނެވެ. އެންމެ ސިކުންތެއްގެ އަނދިރިކަން ޒޭބާގެ ހިޔާލުތަކާއި ކުޅެލައި މާޒީގެ އެހިތި ރެއާއި ހަމައަށް ގެންދިޔައެވެ. އެރޭ ޒޭބާ ކުރި އިހްސާސްތަކާއި ދެކުނު މަންޒަރުތަކުން އަނދިރީގެ ފަރުދާ ކެހި ލޯމައްޗަށް ފާޅުވެގެން ދިޔަ ހިނދު ފުރާނަ އުދުހިގެން ނުދިޔައީ ކިރިޔާއެވެ. ޝޮކެއްލިބި ހިނދު ކޮޅަކަށް މުޅި ހަށިގަނޑުވެސް ގަނޑުވިއެވެ. ބައެއް ކަންތައްތައް ހިނގަނީ ހިޔާލަށްވެސް ނުގެނެވޭފަދަ ހައިރާން ކުރުވަނިވި ގޮތްގޮތަށެވެ.
"ނޫން. ނޫން. ނޫން......!!" މިޝްއަލްއަށް ހޭވެރިކަން އައީ ޒޭބާގެ ހަޅޭކުގެ އަޑަށެވެ. އެވަގުތު މިޝްއަލްއަށް ކިރިޔާ ދުރަށް ޖެހިލެވުނު އިރަށް ޒޭބާ ފުންމައިގެން ތެދުވިއެވެ. އެރީތި ދެލޮލުން ހޯސްލާފައި ކަރުނަ އަންނަނީއެވެ. މިއޮތްހާއިރު އުޅެވުނީ ކޮޓަރި ތެރޭގައިކަން ވެސް ޒޭބާއަށް އެނގުނީ ދެނެވެ. ގިސްލަމުން ޒޭބާ ރަޖާނަގައި ހަށިގަނޑު ފޮރުވާލިއިރު މިޝްއަލްވެސް ނިވާވެގެން އައިސް މަގަތުގައި އިށީންދެލައިފިއެވެ. "ކީއްވެ މިޝްއަލް؟ ކީއްވެ؟" މިޝްއަލް ދެރަވެގެން ޒޭބާގެ ކޮނޑުގައި ހިފަހައްޓާލަން އުޅެނިކޮށް ޒޭބާ އެހެން ބުނެލުމުން ހުއްޓުން އެރިއެވެ. "އަހަރެން ދުވަހެއްގާވެސް ހިއެއް ނުކުރަން މިޝްއަލް އެކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް. މިޝްއަލްއަށް އެނގެއެއްނު އަހަރެން ލޯބިވާވަރު. ދެން ކީއްވެ ގަދަކަމުން އެވަރުގެ ކަމެއް ކުރަންވީ؟ މިޝްއަލް ބޭނުންވާ ގޮތް އަހަރެން ކައިރީ ބުނެލިނަމަ...." ޒޭބާއަށް ރޮވޭވަރުން އިތުރަށް ވާހަކައެއް ނުދެއްކުނެވެ. ހީކުރި ގޮތާއި ހިލާފަށް ހުރިހާ ކަމެއްވުމުން ޒޭބާގެ ހިތަށް ނުހަނު އަނިޔާވެއްޖެއެވެ. ޒޭބާ އިސްޖަހާލި ގޮތުން މިޝްއަލްގެ ހިތަށް ތަދުވިއެވެ. އިތުރަށް އެމޫނަށް ބަލަން ބޭނުންނުވާ ފަދަ އަސަރެއް އެއަމަލުން ފައުޅުވެގެން ހިނގައްޖެއެވެ.
ހަގީގަތް ފަޅާއެރުމުން މިޝްއަލް ވެސް ދެން ކޮންމެހެން ސިއްރު ކުރާކަށް ނޫޅުނެވެ. އެކަމަކު އޭނާ އެންމެ އަޖައިބުވީ ޒޭބާއަށް އެކަން އެނގުނު ސަބަބަކާއި މެދުގައެވެ. "ޒޭބް. އަހަންނަށް އިނގޭ އަހަރެން ދައްކާ ވާހަކަ ގަބޫލު ކުރަން ޒޭބްއަށް ދެން ފަސޭހައެއް ނުވާނެކަން. އެކަމަކު އަހަންނަށް އިތުބާރު ކުރޭ. އަހަރެން ކުރި ކަމެއްވިއްޔާ ކުރީ ހަމައެކަނި ޒޭބްއަށް ޓަކައި. ޒޭބްއަށް ރަނގަޅަކަށް. ހަމަ އެންމެ ފުރުސަތެއް ދީ. އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން." މިޝްއަލް އަތް ތިރިކޮށްލި ގޮތަށް ބެޑްޝީޓް ބޮނޑިކޮށްލަމުން ވާހަކަ ދެއްކިއެވެ. ޒޭބާ މިވަގުތު އިސް އުފުލާލައިފިނަމަ މިޝްއަލްގެ ދެލޮލުގައިވާ ވޭން އިހްސާސް ކުރެވޭނެއެވެ. އެކަމަކު ޒޭބާ އެއިނީ ދެން ދުވަހަކުވެސް ހަތަރުކަޅި ހަމަކޮށްފައި މިޝްއަލްއަށް ނުބަލަން ހުވާކޮށްގެން ކަހަލައެވެ.
"ދެން ކީއްވެ ސިއްރު ކުރީ؟ ކީއްވެ އަހަރެން ކައިރީ ނުބުނެވުނީ؟" ޒޭބާގެ ސުވާލުތައް ގިނައެވެ. މިޝްއަލް އެސުވާލުތަކަށް ޖަވާބު ދީގެން ހުރިހާ ކަމެއް ކުރީގެ ގޮތަށް ބަދަލުވާން ޚުދު ޒޭބާވެސް ބޭނުންވެއެވެ. އެކަމަކު މިއަދަކީ ހަގީގަތް ހަނދާން ނައްތާލާފައި ދޫކޮށްލެވޭފަދަ ދުވަހެއް ނޫނެވެ. "ޒޭބް. އަހަރެން...." މިޝްއަލް ވާހަކަދައްކަން އުޅެނިކޮށް ޒޭބާ އަނެއްކާވެސް ރޯން ފެށިއެވެ. "މިޝްއަލް ޕްލީޒް. އަހަރެން ބޭނުމީ އެކަނިވެލަން. މިތަނުން ދޭ!" ޒޭބާ ރޯން ފެށުމުން މިޝްއަލްއަށް މުހިންމުވީ އެވާހަކަތައް ކިޔައިދިނުމަށްވުރެ ޒޭބާ ބޭނުންވާ ގޮތަށް ކަން ކުރުމެވެ. ނިކުމެގެންދާން ހިތް ނޭދުނަސް މިއަދު މަޖުބޫރެވެ.
މިޝްއަލް އެއީ ޒޭބާގެ ކުށްވެރިއެކެވެ. ނިކުމެގެން ދަމުން މިޝްއަލް އެނބުރި ބަލައިލިއިރު ޒޭބާ އެނދަށް ވެއްޓިގެންފައި ބާލީހުގައި މޫނު ފޮރުވައިފިއެވެ. އިރުކޮޅަކުން އިސްތަށިގަނޑު ހާވާލި ކުޑަ ދޮރުން ވަދެގެން އައި ވައިރޯޅިއެކެވެ. ރޮއިރޮއި އިން ހާލު ޒޭބާ ތެދުވެފައި ރަޖާގަނޑާއެކު ގޮސް ކުޑަ ދޮރުތައް ލައްޕާ ބަންދުކުރިއެވެ. އެނބުރި އައިސް އެނދަށް ވެއްޓިގަތް ގޮތަށް ފަތިސް ވަންދެން ޒޭބާގެ ލޮލުން ކަރުނައެއް ނުހިކެއެވެ.
އަފްލާކް ހެނދުނު ހޭލައިފައި ފުރަތަމަވެސް ޒޭބާ މަތިން ހަނދާން ކޮށްލެވުނެވެ. ކޮންމެ ގޮތަކަށް ކަންތައް ހިނގާފައި ވިއަސް ޒޭބާދެކެ އަފްލާކް ވާ ލޯއްބަކަށް އަދިވެސް ބަދަލެއް ނައެވެ. ފުރަތަމަ ދުވަހެކޭ އެއްގޮތަށް މިއަދުވެސް ހިތާއި ފުރާނައިން އަފްލާކް ޒޭބާއަށް އެދެއެވެ. ބައެއްފަހަރު އެއީ ނުވާނެ ކަމެކޭ ހީކުރެވުނަސް ހިތުގެ ކޮންމެވެސް ކަނަކުން އެއީ އަންނާނެ ދުވަހެއް ކަމުގައި ބުނެލައެވެ. ފެންވަރާލައިގެން ނިކުމެ އަފްލާކް ފުރަތަމަވެސް ޒޭބާގެ ކޮޓަރި ކައިރިއަށް ދިޔައެވެ. ދޮރު ތަޅުލައިފައި ހުރުމުން މަޑުމަޑުން ޓަކި ޖަހާލިއެވެ. އިރުކޮޅަކުން ދޮރު ހުޅުވައިލާފައި ޒޭބާ ނިކުތެވެ. އެމޫނަށް ބަލައިލުމުން ދެންމެ ނިދާ ހޭލި ވައްތަރެއް ނުޖަހައެވެ. އިސްތަށިގަނޑު ވޫލް ކޮޅަކުން އައްސާލާފައި ކަނާތު ކޮނޑުމަތިން ކުރިމައްޗަށް ވައްޓާލާފައި އޮތެވެ. ލައިގެން ހުރި އަތްދިގު ރަތް ޓޮޕާއި ލެޕާރޑް ޓައިޓްގައި ރީތިކަމުން އަފްލާކް ހިނދުކޮޅަކަށް އެސްފިޔަ ޖަހާލަން ހަނދާންނެތުނެވެ. ގިނައިން ފެނުނު ވަރަކަށް ޒޭބާގެ ރީތިކަން ބޮޑަށް އިހްސާސް ކުރެވޭކަމާއިމެދު އަފްލާކް އަމިއްލައަށްވެސް އެއްބަސްވެއެވެ. ގިނައިން ފެނުނު ވަރަކަށް ލޯބި ގަދަވެގެން އިތުރުވެގެން ދަނީ ކަމަށްވެދާނެއެވެ.
އަފްލާކް ބަލަހައްޓައިގެން ހުއްޓާ ޒޭބާ ކުޑަކޮށް ހީލައިފައި ސިޑިން ފައިބަން ދިޔައެވެ. ހާލު ކިހިނެތްތޯ އަފްލާކް އެހީ ޒޭބާގެ ފަހަތުން ސިޑިން ފައިބަމުންނެވެ. "ނެވަރ ބެޓަރ." ޒޭބާގެ ޖަވާބު ކުރުކޮށްލިއެވެ. އެދެމީހުންނަށް ދެވުނުއިރު ހަފީޒާ އާއި މާވިންވެސް މޭޒު ދޮށުގައި ތިއްބެވެ. ޒޭބާމެން ފެނިގެން އެދެމީހުންގެ މޫނުން ހައިރާންކަން ފެނިގެން ދިޔައެވެ. ޒޭބާ ހެނދުނު ނާސްތާއަށް އަންނާނެ ކަމަށް އެކަކުވެސް އުންމީދު ނުކުރަނީ ކަންނޭނގެއެވެ.
ނާސްތާ ފެށިއްޖެއެވެ. އެކަމަކު ތަނަށް ވެރިވެފައި ވަނީ ހިމޭންކަމެވެ. އެކަކަށްވެސް ދައްކާނެ ވާހަކައެއް ނޭނގިގެން ތިބި ކަހަލައެވެ. އެންމެ ފުރަތަމަ ނިންމައިލީ މާވިން އެވެ. މާވިން ތެދުވެގެން ދިޔަފަހުން ހަފީޒާ އެވެ. އަފްލާކް ވާހަކަ ދެއްކީ ދެމީހުން އެކަނި ވީމައެވެ. "ޒޭބް. އައެމް ސޮރީ. ކުރީ ދުވަހު ގަޑި ކިޔާ ބަހައްޓާފަ މަސައްކަތުގައި އުޅެން ޖެހިގެން ކެންސަލް ކުރަން ޖެހުނީ. ޒޭބް ނުވެސް އަހަމެއްނު." އަފްލާކް އެހެން ބުނެލުމުން ޒޭބާ އިސްއުފުލައިލިއެވެ. އެމޫނުން ތަފާތު އަސަރެއް ފާޅެއް ނުވިއެވެ. މިޝްއަލްގެ ހަގީގަތް އެނގިގެން ޒޭބާގެ އިހްސާސްތައް ވަޅުޖެހިފައި ވަނީ ހެއްޔެވެ؟ ނޫނީ އުންމީދު ކުރުން ހުއްޓާލީއެވެ. ކަމަކަށް އުންމީދުކޮށްގެން ހުރެ އެކަމެއް ނުވުމުން ލިބޭ އަނިއްޔާއަށްވުރެ އުންމީދު ނުކޮށް ހުރުންވެސް ރަނގަޅެވެ. "ކިހިނެއް ވާނެ މިރޭ؟" ޒޭބާ އަނގައިން ނުބުނުމުން އަފްލާކް އިތުރަށް ބުނެލިއެވެ. "ޕަރފެކްޓް ވާނެ." އަފްލާކްގެ މެޔަށް ފިނިވެލިއެވެ. ޒޭބާ މިފަހަރުވެސް އެވާހަކަ ދެއްކީ ނުހަނު އާދައިގެ ގޮތަކަށެވެ. ކުޑަވެސް ހިތްބުރަކަމެއް ޝަކުވާއެއް ނެތިއެވެ.
އެދުވަހު ހަތަރު ދަމުހެން އަފްލާކް އުޅުނީ ބައްދަލުވުމުގެ ކަންތަކުގައެވެ. މާލެއާއި ވިލިމާލޭގައި ހުރި ހުރިހާ ރެސްޓޯރެންޓެއް ބަލައިގެންވެސް އެ ބައްދަލުވުން ބާއްވަން އަފްލާކް ހިތްހަމަ ޖެހޭ ތަނެއް ނުފެނުނެވެ. އެއީ ޒޭބާ ހާސިލް ކުރަން އަފްލާކްއަށް ލިބިފައިވާ ހަނި އެންމެ ފުރުސަތެކެވެ. އަފްލާކް ބޭނުންވަނީ ޒޭބާދެކެ އަފްލާކް ވާ ލޯބި ހަމައެކަނި ޑެކަރޭޝަނަށް ބަލައިގެންވެސް ޒޭބާއަށް އިހްސާސްވުމެވެ. ޒޭބާއަށް ޓަކައި އޭނާ ކޮންމެފަދަ ކަމެއްވެސް ކުރާނެކަން އަނގައިދިނުމެވެ. އެތެރެއަށް ވަންނަން ނަގާ ފުރަތަމަ ފިޔަވަޅާއެކު ޒޭބާގެ ހިތް ފުރި ބަންޑުންވެގެން އަފްލާކްއަށް އާއެކޭ ބުނެފިއްޔާ ކިހާ ރަނގަޅު ހެއްޔެވެ؟ އަފްލާކްގެ ހިތާއި ދުލުގައިވާ ދުޢާއަކީ އެއީއެވެ. ކޮންމެވެސް ގޮތަކުން ޒޭބާގެ ހިތް ބަދަލުވެ އޭނާއަށް މާފު ކުރުމެވެ. އެއަށްފަހު އެދެމީހުން ގުޅުނު ނުދޭން ހުރަސް އެޅޭނެ އެކަކުވެސް ނުހުންނާނެއެވެ.
އިރު އޮއްސުނުތަނާ މިޝްއަލް އައެވެ. އެކަމަކު ޒޭބާ ހަމަ ގަސްތުގައި ކޮޓަރިއަށް ނައިސް ހަފީޒާ އާއި އަނގަތަޅަން އެކޮޓަރީގައި މަޑު ކުރީއެވެ. އަށެއް ޖަހަންދެން ޒޭބާ އުޅުނީ އެހެންނެވެ. އެއްފަހަރު މާވިން ކައިރީ އިނިއްޔާ އަނެއްފަހަރު ހަފީޒާ ފަހަތުން އުޅެއެވެ. ނޫނީ ކައްކަން އުޅޭ އަންހެން މީހާ ކައިރީ ކޮންމެވެސް ވާހަކައެއް ދައްކާނެއެވެ. ހިނގާދިޔަ ހާދިސާއަށްފަހު ޒޭބާ އެގޮތަށް ވާހަކަދައްކާ އުޅޭތީ އެންމެންވެސް އޭނާގެ ވާހަކައަށް ސަމާލުވެ އަޑުއެހިއެވެ. ފަހަރެއްގައި ވެސް ޒޭބާ އެކަނިކޮށްލާފައި ދާކަށް ނޫޅެއެވެ. އަށެއް ޖެހިފަހުން ޒޭބާ ކޮޓަރިއަށް ދިޔައެވެ. ދޮރު ހުޅުވައިލި ތަނާ މިޝްއަލް ކުޑަ ދޮރުކައިރީ ހުރެފައި އެނބުރިލިއެވެ. ޒޭބާ ފެންނަކަމަކަށް ނުހަދައެވެ. އިސްޖަހައިގެން ގޮސް ފާޚާނާއަށް ވަދެ ފެންވަރަން ތައްޔާރުވިއެވެ. ހެދުން ބާލައިގެން މާގަނޑުދަށުގައި ހުރެފައި ޒޭބާ ލޯމަރައިލިއެވެ. ބަންދު އެސްފިޔަތަކުތެރޭން މިޝްއަލްގެ މޫނު ފެނިގެން އަވަސްއަވަހަށް ލޯ ހުޅުވައިލިއިރު ހުރީ ކުރިމަތީގައެވެ. ވަގުތުން ޒޭބާގެ ބުމަ ގޮށްޖެހި މޫނުމައްޗަށް ރުޅިވެރިކަން ފެތުރުނެވެ. އަވަސްއަވަހަށް އެއްފަރާތަކަށް ޖެހިލައިފައި ތުވާލި ދަމައިގަނެގެން ގައިގައި އޮޅާލިއެވެ.
"ޒޭބާ. އަހަރެން ބޭނުން ކިޔައިދޭން." މިޝްއަލްގެ ދެލޮލުން ކަރުނަތައް ވިދަމުން ދިޔައެވެ. ހިތާމަވެރިކަމުގެ ސާލެއް އޮޅައިގެން ހުރި ކަހަލައެވެ. ޒޭބާގެ ހިތަށް ތަދުވެ ހިތް ގުޑަން ފެށުމުން އަމިއްލަ އިހުތިޔާރުގެ ދަށަށް ގެނައެވެ. "މިވަގުތު އަހަރެން ބޭނުމެއް ނޫން އަޑު އަހާކަށް." ޒޭބާ އިސް ޖަހައިލީ މިޝްއަލްގެ މޫނަށް ނުބަލަން ވެގެންނެވެ. އެމޫނަށް ބަލައިގެން ބަލިކަށިވާކަށް ބޭނުމެއް ނުވިއެވެ. މިޝްއަލް ނިކުތްފަހުން ޒޭބާ ފެންވަރާލައިގެން ނިކުމެފައި ރީތި ވާން ހުއްޓާ ފޯނަށް މެސެޖެއްއައެވެ. އެއީ އަފްލާކްގެ މެސެޖެކެވެ. ބައްދަލު ވާންވީ ތަނާއި ގަޑި އަނެއްކާވެސް ހަނދާންކޮށްލަ ދިނީއެވެ. އަފްލާކް ކެތްތެރިކަން ކުޑަވެފައިވާ މިންވަރާމެދު ޒޭބާއަށް ވިސްނައިލެވުނެވެ. ތައްޔާރުވެ ނިމިގެން އަދިވެސް އެއްފަހަރު ލޯގަނޑަށް ބަލައިލާފައި ޒޭބާ ނިކުންނަން ދިޔައެވެ. މިޝްއަލް އޭރުވެސް ހުރީ ކުޑަ ދޮރު ކައިރީގައެވެ.
ޒޭބާ މަގުމައްޗަށް ނިކުތްއިރު ކޯޓް ފަޓުލޫނުގައި ހުރި ފިރިހެނަކު ހުއްޓެވެ. ޒޭބާ ފެނުނުއިރަށް އޭނާ އައިސް ދިއްކޮށްލީ ރަންކުލައިގެ ސިޓީ އުރައެކެވެ. ޒޭބާ ސިޓީއުރަ ކަނޑާލައިފައި އެތެރޭގައި އޮތް ކާޑު ނަގައި ކިޔާލިއެވެ. އެއީ އިގިރޭސި ބަހުން ލިޔެފައިވާ ޖުމްލަކޮޅެކެވެ. "އަހަރެއްހާ ދުވަސް ކުރިން އަހަރެންގެ ހިތަކީ ހަމައެކަނި އަހަރެންގެ އެއްޗެކެވެ. އެކަމަކު ހަމަ އެންމެ ފަޅި ސިކުންތެއްގެ ތެރޭގައި އެހެން މީހަކު އެ ހިތް ވަގަށް ނަގައިފިއެވެ. ލޯއްބަކީ ކޯއްޗެއްކަން ދަސްކޮށްދިނީ ތި ރީތި ދެލޮލެވެ." ޒޭބާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
ހިނގައިގަންނަން ވެގެން ބަލައިލިއިރު މަގުގެ ކަނާތްފަޅިއަށް ދާން ކުރަހާފައި ހުރި ތީރު ހަދާފައިވަނީ ރަތް ފިނިފެންމާ ފިޔައިންނެވެ. ޒޭބާ އެ ތީރުގައިވާ ގޮތަށް ހިނގަމުން ގޮސް ތަންކޮޅަކަށް ދެވުނު ތަނާ އިތުރު މީހަކު ފެނިގެން ކުރިން ލިބުނު ކަހަލަ ރަން ސިޓީއުރައެއް ދީފިއެވެ. ޒޭބާ އެސިޓީ އުރައިގައިވާ ކާޑްވެސް ނަގައި ހުޅުވާލައިފައި ކިޔާލިއެވެ.