އެސްފިޔަޖަހާލަން ޒޭބާ ހަނދާނެއް ނުވިއެވެ. ފޮޓޯ ލޯގަނޑަކަށް ބަލާހެން އެރީތި ޒުވާނާއަށް ބަލަހައްޓައިގެން ހުއްޓާ ލޮލުން އައީ ފެނެވެ. އެ ޒުވާނާގެ އިސްކޮޅުގައި ހަ ފޫޓު ހުންނާނެއެވެ. ބައިމަތި ފުޅާވެފައި ބިޔަ ހަށިގަނޑެކެވެ. ލައިގެން ހުރި ގަމީހުގެ ބޭރުން ފާޅުވާން ހުރި ދެއަތަށް އެކަނި ބަލާލުމުން ވެސް ބާރުގަދަ ވާނެވަރު ލަފާ ކޮށްލެވެއެވެ. އެންމެ ރީތި ވަރަށް ލޯލި ފަޅައިފައިވާ ނުހަނު ފިރިހެންވަންތަ ދެއަތެވެ. ބާ ޖިންސަކާއި ގަމީހެއްގައި ހުއްޓަސް އޭނާގެ ރީތިކަން އެހެން ހުރިހާ ކަމަކަށް ފަރުދާ އަޅައިފައި ވެއެވެ. ތުނިކޮށް ހުރި ތުނބުޅި މަތިމަހުގެ އިތުރަށް އެޒުވާނާގެ އިސްތަށިގަނޑު ފަންވެފައި ކަޅެވެ. އެންމެ ވަރުގަދަ ދެބުމައާއި ރީތި ދެލޮލެވެ. 

"ކަލޭގެ ޝަކުވާއެއް ނެތިއްޔާ އަހަރެން ހަމަ ޤަބޫލު. އެހެންވީމަ ކޮންއިރަކުން މަސައްކަތް ފަށާނީ؟" ހަފީޒާ ވާހަކަދެއްކި އަޑަށް ޒޭބާ ސިހިފައި އަވަސް އަވަހަށް ދެލޯ ފުހެލިއެވެ. "ތިފަރާތުން ބޭނުންވާ އެންމެ އަވަހަކަށް." ޒުވާނާ ޖަވާބު ދިނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ހަފީޒާއަށެވެ. "މާދަމާއިން ފެށިގެން އައިސްދިނިއްޔާ ރަނގަޅީ. އެހެންވީމަ މާދަމާ އިރުއޮއްސި ނަމާދުން ފައިބައިގެން އާދޭ! ދެން އެހެން ކަންތައްތައް ހަމަޖައްސާނީ އެއަށްފަހު." ޖަވާބު ދީފައި ހަފީޒާ ޒޭބާގެ މޫނަށް ބަލައިލިއެވެ. ބޮލުގެ އިޝާރާތުން ޒޭބާ އަންގާލީ އެނިންމުން ރަނގަޅު ކަމުގައެވެ. 

"އެންމެ ރަނގަޅު. މާދަމާ ރޭ އަންނާނަން. ދެން ދަނީ. ބާއްޖަވެރި ރެއަކަށް އެދެން." އެ ޒުވާނާ ކުޑަކޮށް ހިނިތުންވެލާފައި ދާންވެގެން އެނބުރިލިއެވެ. ޒޭބާ އަދިވެސް ހުރީ ބަލަހައްޓައިގެންނެވެ. އޭނާ ދުރުވަމުން ދިޔަ މަންޒަރު ބަލަން ހުރެގެން ދޮރު ލައްޕަން އުޅެ ރަނގަޅަށް ނުލެއްޕިގެން އުޅެނިކޮށް ޒުވާނާ ކުއްލިއަކަށް ހުއްޓިފައި ފަސްއެނބުރި ބަލައިލިއެވެ. އެ ޒުވާނާގެ ރީތި ދެލޯ ޒޭބާއަށް ހުއްޓުނުތަން ދެކެފައި މެޔަށް ފިނި ފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ. ޒޭބާ ކުރަން އުޅުނު މަސައްކަތް އެހިސާބުން ހުއްޓުނީއެވެ. ޒުވާނާ ފަރި ހިނގުމެއްގައި އައިސް ކައިރިއަށް ހުއްޓެންދެން ޒޭބާ އެއީ ހިލައިގެ ބުދެއް ފަދަ އެވެ. 

"އައިމް ސޮރީ. އެކަމަކު ކުޑަމިނުން އަމިއްލަ ނަންވެސް ބުނެ ނުލާ ނިކުމެގެން މިދަނީ. އަހަރެންނަށް ކިޔަނީ މިޝްއަލް." މިޝްއަލް ތައާރަފް ވިއެވެ. ޒޭބާ އަދިވެސް އެހުރިގޮތަށް އަނގައިން ނުބުނެވިފައި ހުއްޓެވެ. މިޝްއަލްގެ ދެލޮލުގައި ކޮންމެވެސް ކަހަލަ ބާރެއް ވާކަން ގައިމެވެ. މިނޫނަސް ޒޭބާއަށް ރީތި މީހުން ފެނުނެވެ. އެކަމަކު ދުވަހަކު މިއަދު މިވާ ފަދަ ގޮތެއް ނުވެ އެވެ.

"ހައެ. އައިމް މިޝްއަލް." ޒުވާނާ އަނެއްކާ ގޮވާލާފައި ކުޑަކޮށް އަތް އުފުލައިލަމުން ޒޭބާގެ މޫނުގެ އެއްކޮޅުން އަނެއްކޮޅަށް ވާގޮތަށް ދެފަރާތަށް ހޫރާލިއެވެ. ހޭވެރިކަންވެގެން ޒޭބާގެ މުޅި މޫނު ރަތްވިއެވެ. އަމިއްލަ ނަން ބުނެފައި އަވަސްއަވަހަށް އިސްޖަހައިލެވުނެވެ. މިޝްއަލް އިތުރު އެއްޗެއް ނުބުނެ ގިނައިރުވާން ފެށުމުން ބަލައިލިއިރު ފެންނަންވެސް ނެތެވެ. ދޮރު ލައްޕާފައި އެތެރެއަށް ވަންނަން ދިޔައިރު ޒޭބާގެ މޫޑު ކުރިއަށްވުރެ ވެސް ގޯހެވެ. މިޝްއަލް ފެނިފައި ފުރަތަމަ ފަހަރަށް އޭނާގެ ހިތް އަމިއްލަ އިޚުތިޔާރުން ނެއްޓިއްޖެއެވެ. މިޝްއަލް ހީކުރާނީ ވަކި ކީކޭ ހެއްޔެވެ؟ އޭނާ އުޅުނުގޮތުން މޮޔައެކޭ ހީކޮށްފާނެ ބާވައެވެ؟

ލޫސީ ނެތްކަމުގެ ފަޅުކަން ޒޭބާގެ ހިތަށް ދަތިކުރަން ފެށީ ދެނެވެ. ވާހަކަދައްކާލަން އެންމެ ބޭނުންވި ވަގުތު އެކުވެރިޔާއެއް ނެތެވެ. ހިނގައިދިޔަ ހާދިސާއަށް ފަހު ލޫސީ އެގެއަށް ނާންނަތާ ހަފްތާއެއް ވީއެވެ. ޒޭބާ އެތައް ފަހަރަކު ގުޅައި، އެތަކެއް މެސެޖް ކޮށްގެން ވެސް ލޫސީގެ ހިތް ހަމަޖައްސައި ދެވޭގޮތެއް އަދި ނުވެއެވެ. ދެދުވަސް މަތިން ގޮސްގެން ބައްދަލުކުރަން އުޅެ އެކަމެއް ވެސް ނުވިއެވެ. 

ކުޝަންއެއް ނަގައި ބައްދައިލައިގެން ސޯފާގައި ޒޭބާ އިންނަތާ އިރުކޮޅެއް ފަހުން އެތަނަށް މާވިން އައެވެ. "ހޭ ބަޑީ! ހުރިހާކަމެއް ރަނގަޅުތަ؟" މާވިންއަށް ޒޭބާގެ ހިމޭންކަން ފާހަގަ ކުރެވިގެން އަހާލިއެވެ. "މިހާރު ހަފްތާއެއް ވީ. އަދިވެސް ލޫސީ އެހުންނަނީ އަހަރެން ފެންނަ ހިސާބަށް ވެސް ނައިސް. ގުޅީމަ ފޯނެއް ނަގަނީއެއް ނޫން. އެސްއެމްއެސް އަށް ރިޕްލައިއެއް ނުކުރޭ. މާވިން އަޅެ އެވަރު ކޮށްނުލިއްޔަކާ ނުވާނެތަ؟ އަހަރެންނަކަށް ނުވިސްނުނު މިފަހަކަށް އައިސް މާވިން ލޫސީ އާއި ދޭތެރޭ ތިހާ ރަހުމް ކުޑަކޮށް ކަންތައް ތިކުރަނީ ކީއްވެކަމެއް." ޒޭބާގެ މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވިއެވެ. މާވިން އަޑުއިވޭ ކަމަށް ވެސް ނުހަދައި އިނދެފައި ރިމޯޓް ނަގައި ޓީވީގެ އަޑު ގަދަ ކޮށްލިއެވެ. ޒޭބާ ގާތަށް އައި ރުޅިން ތެދުވެފައި މާވިންގެ އަތުން ރިމޯޓް އަތުލައިގެން ޓީވީ ނިއްވައިލިއެވެ.

"ދެން އަހަރެން ކިހިނެއްތަ ހަދަންވީ؟" މާވިން ފުންމައިގެން ތެދުވެފައި ބާރުބާރަށް ހަޅޭއްލަވައިގަތެވެ. ބަދިގޭގައި ފާތިންގެ ފަހަތުގައި އުޅުނު ހަފީޒާ ދެލޯ ބޮޑުވެފައި ހުރެގެން އައިސް އެތަނަށް ނިކުތްތަން ފެނިފައި މާވިން ދިޔަގޮތަށް ގޮސް ދޮރުހުޅުވާލާފައި ގެއިން ނިކުމެގެން ހިނގައިގަތެވެ. "ރުޅި އަންނަ ކޮންމެފަހަރަކު އެގޮތަށް ގެއިން ނިކުމެގެން ދިޔައީމަ އެދެން ނިމުނީ." ޒޭބާ ރުޅިއައިސްގެން ރިމޯޓް ސޯފާއަށް ޖަހާފައި ސިޑިއާއި ދިމާއަށް ދުއްވައިގަތެވެ. 

ދެން އައި ހެނދުނު ސައިމޭޒު ދޮށުން ބައްދަލުވީ އިރު ދެޒުވާނުންގެ މޫޑު ހުރީ ރަނގަޅަށެވެ. ސައިބޯން އިނދެގެން ޒޭބާ ދެއްކީ ގަސް އިންދުމުގެ ވާހަކައެވެ. މާވިން ވެސް އެވާހަކަ އާއި ގުޅޭގޮތުން ދެތިން އެއްޗެއް ބުނެލިއެވެ. އިރުކޮޅެއް ފަހުން ޒޭބާ ގޯތިތެރެއަށް ނިކުތްއިރު ފޮށިގަނޑެއްގައި، މުޑުވަށް ކޮށްފައިވާ މާގަސްތަކެއް ހުއްޓެވެ. ޒޭބާ އެދިގެން ގަސްކާނާ ޕެކެޓް އެތަނަށް ގެންގޮސް ދިނީ މާވިންއެވެ. ހިޔާލެއް ފިކުރެއްނެތް ޅަކުއްޖެއް ފަދައިން މާގަސް އިންދަން ބެޑް ތައްޔާރު ކުރަން އިންއިރު ޖެހެމުންދިޔަ ލުއި ރޯޅިތައް ޒޭބާގެ އިސްތަށިގަނޑާއި ސަމާސާ ކުރަމުން ދިޔައެވެ. ފިޔާތޮށި ކުލައިގެ ޓީޝާޓްކޮޅާއި ހުދު ހަރުވާޅުގައި ޒޭބާ ނުހަނު ލޯއްބެވެ. އެމަގުން ހިނގާފައި ދިޔަ ބައެއް މީހުންނަށް އޭނާ ފެނިގެން ދަހިވެތި ނަޒަރެއް ދީފައި ގޮސް ލޯމަތިން އޮބައިލައެވެ. 

މަސައްކަތުގައި ޒޭބާ އިންނަތާ އިރުކޮޅެއް ފަހުން އާދަޔާ ހިލާފު ބާރު މިނުގައި އައި ވައިރޯޅިއެކެވެ. ގޯތިތެރޭގައި ހުރި ހުރިހާ ގަސްތަކާއި ތޮޅެލާފައި އައިސް ޒޭބާގެ މޫނުގައި ބީހިލުމާއެކު ނޭފަތުގައި ޖެހުނީ ކުނި ވަހެކެވެ. ވަގުތުން ޒޭބާ އޯކަށް ދެމިގަތެވެ. ތަންކޮޅެއް ހޮޑު ތިލަ ކުއްޖެއްނަމަ ހޮޑު ނުލައިވެސް ސަލަމާތް ނުވީހެވެ. ގަދަކަމުން އަމިއްލަ ނަފުސު ކޮންޓްރޯލް ކޮށްފައި ޒޭބާ ތެދުވެގެން ދުވެފައި އެތެރެއަށް ދިޔައެވެ. އަންގި ބާލާފައި އަތް ދޮވެލައިގެން އޭނާ އަވަހަށް ފެންފޮދަކުން ކަރު ތެންމާލިއެވެ. 

ދެން އަލުން ބޭރަށް ނިކުތްއިރު ޒޭބާގެ މަޤްސަދަކަށް ވެފައި އޮތީ އެއީ ކޮންތާކުން އައި ކުނިވަހެއްތޯ ބެލުމެވެ. އެހާ ނުބައި ވަހެއް އޭނާ މީގެކުރިން ދުވަހަކުވެސް އިހްސާސް ކުރި ހަނދާނެއް ނެތެވެ. ބެޑް ތައްޔާރުކުރަން އިން ހިސާބަށް ހުއްޓިފައި ވަށައިގެން ނަޒަރެއް ދިންތަނާ އަނެއްކާވެސް އިތުރު ވައިރޯޅިއެއް އައެވެ. ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް އެކުނިވަސް ދުވިއެވެ. އަދި މިފަހަރު ޒޭބާއަށް އެއްކަމެއް ފާހަގަވިއެވެ. އެވަސް އަންނަނީ އޭނާގެ ކޮޓަރީގައި ހުރެފައި ކުޑަދޮރުން ބަލައިލާއިރު ދިމާއަށް ފެންނަގޮތަށް ހެދިފައިވާ ހުވަނދު މާ ގަހާއި ދިމާއިންނެވެ. ވެޔޮގަނޑެއްހެން ވަށްކޮށް ފެތުރިފައިވާ ގަހުގެ ކުދި އޮފިތަކުން ބިންގަނޑާއި އެއްކޮށް ފޮރުވާލާފައި ވާތީ ހުވަނދުމާ ގަހުގެ ގަސްގަނޑު ފެންނާކަށް ނުހުރެއެވެ. ޒޭބާ ހިސާބަކަށް ޖެހިލުންވެފައި ހުރެގެން ގޮސް ހުވަނދުމާ ގަހުގެ ކައިރިއަށް ހުއްޓިފައި ވަށައިގެން ބުރެއް އަޅައިލިއެވެ. އެގަހާއި ކައިރިއަށް ދެވުމުން ކުރިއަށް ވުރެ ވަސް ގަދަވެއްޖެއެވެ. އެއްއަތުން ނޭފަތުގައި ހިފަހައްޓާލާފައި އެއްލި ކަޅިއަކުން އޭނާއަށް އެއްޗެއް ފެނުނުހެން ހީވިއެވެ. ނޫނެކެވެ. އެއީ ހީއެއް ނޫނެވެ. އޮފިތަކުގެ ހާވިޔާ ދޭތެރެއިން ކޮންމެވެސް އެއްޗެއް ފެންނަން އެބައޮތެވެ. އެ އެއްޗެއް އޮތީ ހުވަނދުމާ ގަހުގެ ފަލަ ގަސްގަނޑު ކައިރީގައެވެ. 

ތެޅިތެޅި އޮތް ހިތަކާއި އެކު ޒޭބާ ނޭވާ އެތެރެއަށް ހިފަހައްޓާލައިގެން ގުދުވެފައި ދެއަތުން ހުވަނދުމާ ގަހުގެ އޮފިތަކުގައި ހިފައި އެއްފަރާތް ކޮށްލާފައި އެއެއްޗަކާއި ދިމާއަށް ބަލާލިއެވެ. ޒޭބާގެ މޭގަނޑު އަނގަޔަށް އައިކަހަލައެވެ. ތޫލި ހަޅޭކަކާއިއެކު އޭނާއަށް ފަހަތަށް ޖެހިލެވުނެވެ. ފަސްގަނޑު ތެރެއިން ބޭރަށް ނިކުމެފައި އެ އޮތީ އިންސާނެއްގެ އަތްތިލައެވެ. 

މާވިންއަށް އާދެވުނުއިރު ޒޭބާގެ ދެފައިކޮޅުން ވާގި ހުސްވެއްޖެއެވެ. އަރި އަޅާލައިގެން ވެއްޓެން ދިޔަ އެހަށިގަނޑު ހިފަހައްޓާލަމުން ވީ ކީއްތޯ އަހާލަން އުޅެނިކޮށް ޒޭބާ އަތް ދިއްކޮށްލީ ހުވަނދުމާ ގަހާއި ދިމާ ބިންގަނޑަށެވެ. ދުވަމުން އައި ފާތިން އާއި ހަފީޒާއަށް ވެސް ޒޭބާގެ މިއިޝާރާތް ނަގައިގަނެވުނެވެ. ހަފީޒާ އާއި ފާތިން ކައިރީ ޒޭބާ ހިފަހައްޓަން ބުނެފައި މާވިން ގޮސް ގަހާއި ކައިރިވެފައި ޒޭބާ ކަންތައްކުރި ގޮތަށް ބިންމަތީގައި ކޭއްތިފައިވާ އޮފިތަކުގައި ހިފައި އެއްކައިރި ކޮށްލިއެވެ. ފާތިން އާއި ހަފީޒާ އެއްއަޑުން ހަޅޭއްލަވައިގެންފައި އަނގަމަތީ އަތްއެޅިއެވެ. މާވިންއަށް ވެސް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. 

އެންމެ ފުރަތަމަ ކަމަކަށް ޒޭބާ ގެއަށް ވައްދާފައި މާވިން ޕޮލިހަށް ގުޅިއެވެ. މަދު ވަގުތު ކޮޅެއްގެ ތެރޭގައި އެގެއަށް ޕޮލިހުން އައިސް ތަހުޤީޤު ފެށިގެން ކުރިއަށް ދާން ފަށައިފިއެވެ. ހުވަނދުމާ ގަހުގެ ދަށުގައިވާ ފަސްގަނޑު ކޮނެލުމުން އެއީ ހަމައެކަނި އަތެއް ނޫންކަމާއި މަރުވެފައިވާ އިންސާނެއްގެ ހަށިގަނޑުކަން އެނގިގެން ދިޔައެވެ. ގޭގައި ތިބި އެންމެންނަށް ކުއްލި ސިހުމެއް ލިބުނީ މަރުވެފައިވާ ޒުވާނާއަކީ މީގެ ހަފްތާއެއް ކުރިން ޒޭބާގެ އިއްފަތްތެރިކަން ނަގާލަން މަސައްކަތް ކުރި ފަރާތްކަން އެނގުމުންނެވެ. މާވިން ނޫން މީހަކު ފަހުން އެތަނާއި ކައިރިވެސް ނުވިއެވެ. އެންމެންގެ ހިތްތަކުގައި ވަނީ ބިރުވެރި ކަމެވެ.

ހަފްތާއެއް ކުރިން ހިނގާ ދިޔަ ހާދިސާއާއި ބެހޭގޮތުން ސުވާލު ކުރުމަށްޓަކައި އެޕާޓީގައި ބައިވެރިވި ގިނަ އަދަދެއްގެ ޒުވާނުން ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރެވުނެވެ. އޭނާ ޒޭބާގެ ކޮޓަރިއަށް ދިޔަ މަންޒަރު އެތަނުން ގިނަ ބަޔަކަށް ފެނިފައިވެ އެވެ. ފަހުން ކަން ހިނގާދިޔަ ގޮތް ލޮލުން ފެނުނީ ހަމައެކަނި މާވިން އާއި ޒޭބާއަށެވެ. އެކަމަކު އެރޭ މާވިން އަނިޔާކުރި ފަހުން އެޒުވާނާއަށް ވީނުވީއެއް އެމީހުންނަކަށް ވެސް ނޭނގެއެވެ. ކޮންމެ މީހެއްގެ ހިތުގައި ވެސް އުފެދެން ފެށީ ޖަވާބު ނެތް ސުވާލު ތަކެކެވެ. އޭނާ ވެއްޓުނު ކަމުގައި ވާނަމަ ވެއްޓެން ދިމާވި ސަބަބަކީ ކޮބައި ހެއްޔެވެ؟ އަދި އެއަށްފަހު ފަސްގަނޑު ދަށުގައި އޭނާގެ ފުރާނަ ނެތް މަސްގަނޑު އޮންނަންވީ ކީއްވެ ހެއްޔެވެ؟

އިރު އޮއްސިގެން އައިއިރު ގޭތެރެއަށް ވެރިވެފައި ވަނީ ފުން ހިމޭންކަމެވެ. ބަންގި ގޮވާ ނިމުމާއެކު މާވިން މިސްކިތަށް ދާން ނިކުތުމުން ޒޭބާ ވެސް ވުޟޫ ކޮށްލައިގެން ނިކުމެ ނަމާދަށް އެރިއެވެ. ފަހަކަށް އައިސް އޭނާއަށް ނަމާދާއި މެދު ފަރުވާކުޑަ ކުރެވިފައި ވެއެވެ. ނަމާދު ކޮށްލުމުން ޒޭބާގެ ހިތަށް ހަމަޖެހުން ލިބި ހާސްކަން ދުރުވި އެވެ. 

ތިރިއަށް އައި ތަނާ ބެލްޖަހާ އަޑު އިވިގެން ޒޭބާ ހީކުރީ މާވިން ނަމާދުކޮށް ނިމިގެން އެނބުރި އައީ ކަމުގައެވެ. ކައިރިއަށް ގޮސް ދޮރު ހުޅުވާލި އިރު ކުރިމަތީގައި ހުރީ މިޝްއަލްއެވެ. ޒޭބާގެ ހަތަރެސްފައި ފިނިވެލިއެވެ. ކަޅުކުލައިގެ ޓީޝާޓާއި ޖިންސްގައި މިޝްއަލް ފެންނަލެއް ފުރިހަމަ ކަމުން ބަލަހައްޓައިގެން ހުރެވުނެވެ. އިސްތަށިގަނޑުގައި ތެތްކަމެއް ހުރެފައި މޫނު ތާޒާކަމުން ހީވަނީ ދެންމެ ފެންވަރާލައިގެން އައިސް ހުއްޓުނު ހެންނެވެ. އެވަގުތު ބޭރުގައި ވައިގަދަ ވެގެން ގަސްތައް ހޫރެން ފެށި އަޑާއި، ވައިރޯޅިތަކުގެ ބޫން އަޑާއެކު ޒޭބާގެ ނޭފަތުގައި އައިސް ޖެހުނީ ހުވަނދުމާ ފޮޅޭ ވަހެވެ. ދެމީހުން އަނގައިން ނުބުނެވިފައި އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބާ ހަފީޒާ އެތަނަށް ނިކުމެފައި މިޝްއަލްގެ ނަމުން ކިޔާލިއެވެ. އެވަގުތު ޒޭބާ އަވަސްއަވަހަށް އަނެއްފަރާތަށް އެނބުރިފައި ކޮފީއެއް ހަދަންވެގެން ބަދިގެއަށް ވަނެވެ. 

މިޝްއަލް އާއި ހަފީޒާގެ ވާހަކަތަކަށް ފަހު ޑިއުޓީ ގަޑި ރޭގަނޑު ހަތަކުން ފަތިސް ނަމާދު ބަންގި އާއި ހަމައަށް ހަމަޖެހުނެވެ. ކޮންމެ ރެއަކު އެހާ ގިނަ ވަގުތު ހޭލާ ހުންނަން އުދަނގޫ ވެދާނެތީވެ، ވަގުތު ކުޑަ ކުރަން އުޅެން ފެށުމުން އެކަން މަނާ ކުރީ މިޝްއަލްއެވެ. އަދި އޭނާ ޗުއްޓީ ރެއެއް ވެސް ބޭނުން ނުވާކަމުގައި ބުނެލިއެވެ. މިޝްއަލްގެ ވާހަކައިން އޭނާއަށް ނިންޖަކީ މާ މުހިންމު އެއްޗެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އޭނާ އެވަޒީފާ އަދާކުރަން ބޭނުންވެއެވެ. ހަފީޒާ އާއި އޭނާގެ އާއިލާއަށް ރައްކާތެރިކަން ހޯދައިދޭން އެދޭކަން ހާމަ ކުރިއެވެ. އެމަގާމަށް އެދިގެން އަންނާނެ މީހަކު ނުވާނެއޭ ހިތަށް އަރައިގެން ހުއްޓާ ހަފީޒާއަށް މި ލިބުނީ ހާދަ ރަނގަޅު ޒުވާނެކެވެ. މިޝްއަލް އެހުރީ މަސައްކަތަށް އިހްލާސްތެރި ވުމަށްޓަކައި ރޭތަކުގެ ނިދި ހަރާމް ކުރަން ވެސް ތައްޔާރަށެވެ. 

މާވިން އިޝާ ނަމާދުކޮށްގެން ގެއަށް އައުމާއެކު ދެޒުވާނުން އެއްކޮށް ކައިގެން ޒޭބާ ގޮސް ވަނީ ކޮޓަރި އަށެވެ. ލޫސީގެ ނަންބަރަށް ޑައިލް ކޮށްލާފައި މޯބައިލް ހިފައިގެން އެނދުގައި އޮށޯވެލިއިރު ދެލޮލުގައި ނިދީގެ އަސަރު ހުއްޓެވެ. އެކަމަކު ހިތު ތެރޭގައި ރަސްކަން ކުރަމުން ދިޔަ ބިރުވެރި އިހްސާސްތަކުން ނިދޭ ގޮތެއް ނުވިއެވެ. އިރު އިރުކޮޅާ ކުޑަ ދޮރަށް ކަޅިއެއް އެއްލައެވެ. އަނެއް ސިކުންތަކު ވަށައިގެންވާ މާހައުލަށް ނުސީދާ ނަޒަރެއް ދެއެވެ. ދެފަހަރެއްގެ މަތިން ތިރިއަށް ގޮސް މިޝްއަލް ކޮބައިތޯ ވެސް ބަލާލައިފިއެވެ. ނިންޖާއި ހެދި އެސްފިޔަތަކަށް ބަރުވެ އަރާމަށް ހަށިގަނޑު އާދޭސް ކުރާ ހިސާބަށް ދިޔަފަހުން ޒޭބާ ހަފީޒާގެ ކޮޓަރިއަށް ވަދެ އެތާހުރި ސޯފާގައި އޮށޯވެލި އެވެ. ހަފީޒާ އޭރު އޮތީ ނިދިފައެވެ. އަދި މާވިން ވެސް ކޮޓަރިއަށް ވަންތާ އިރުކޮޅެއް ވެއްޖެއެވެ. 

އިރުގަނޑެއް ފަހުން ޒޭބާގެ ލޯމެރުނެވެ. އެކަމަކު ހަމަ ނިދި ޖެހުނުއިރަށް ސިއްސައިގެން ގޮސްފައި ލޯ ހުޅުވައިލިއިރު މުޅި ކޮޓަރި ތެރޭގައި ރަސްކަން ކުރަމުން ދިޔައީ ކަނު އަނދިރިކަމެވެ.

ކޮމެންޓް 0