ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު ވަށައިގެންވާ މާހައުލު ހިމޭންކަމުގެ ސުކޫތެއް ގެނެސްފި އެވެ. މިޝްއަލްގެ ފުން ލޮލުގެ ތެރެއަށް ޒޭބާ ގެނބެމުން ދިޔައެވެ. ފުރާޅުގައި އައިސް ބީހެމުންދިޔަ ވާރޭ ތިކިތަކުގެ އަޑެއް ޒޭބާގެ ކަންފަތާއި ހަމައަކަށް ނުފޯރައެވެ. އަދި ކުޑަ ދޮރުތަކުން ވަންނަމުން ދިޔަ ވައިރޯޅިތައް ވެސް އެއީ ވުޖޫދަށް ނާންނަ އެއްޗެހިތަކެއް ފަދައެވެ. އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ތިބިވަރުން އެތަނަށް އިތުރު މީހަކު އައިކަން އެކަކަށް ވެސް އިހްސާސެއް ނުވިއެވެ. ލޫސީ ކަރުކެހިލި އަޑަށް ހަމަހޭވެރިކަން ވެގެން ޒޭބާއަށް ވުރެ ކުރިން މިޝްއަލް ފަސްއެނބުރި ބަލައިލި އިރު ލޫސީ ލާނެތް ހިނިތުންވުމަކާއި އެކު އެދިމާއަށް އާދެއެވެ. އެވަގުތު މިޝްއަލް ފެނިފައި ލޫސީގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. ހިނިތުންވުމާ އެކު އެމޫނުން ސާފުކޮށް ހައިރާންކަން ފާޅުވިއެވެ. ލޫސީ އައިސް ކައިރިއަށް ހުއްޓިފައި މިޝްއަލް އަށް ނުފެންނާނެހެން ލޯ ބޮޑުކޮށްލައިފައި "ވާވް" އޭ ބުނާގޮތަށް އަނގަ ވަށް ކޮށްލިއެވެ. ޒޭބާއަށް އެމަންޒަރު ފެނިގެން ހެވުނެވެ. މިޝްއަލް ސުވާލު ކޮށްފާނެތީ ޒޭބާ އަވަސް އަވަހަށް ތުންފަތުގައި ދަތްއަޅައި ހުނުން ކޮންޓްރޯލް ކޮށްފައި ސޮއި ކުރާ ފޮތް ދިއްކޮށްލައިފި އެވެ. ލޫސީ އައުމުން މިޝްއަލް ހުރީ ކުރިއަށް ވުރެ ދުރުގަ އެވެ. 

"ހައެ. އަހަރެންނަށް ކިޔަނީ ލޫސީ." މިޝްއަލް ޖީބުން ގަލަން ނަގާ ސޮއިކޮށްފައި ފޮތް އަނބުރާ ދޭންވެގެން އެދެމީހުންނާއި ކުރިމަތިލުމާ އެކު ލޫސީ ބުނެލިއެވެ. "އަހަރެންނަށް އިނގޭ." މިޝްއަލް ހިނިތުންވި ތަން ފެނިފައި ދެ އަންހެންކުދިން ގަނޑުވިއެވެ. އެހާ ހިތްގައިމު ހިނިތުންވުމެއް އެމީހުން މީގެ ކުރިން ދެކެފައެއް ނުވެއެވެ. ކޮންފަދަ ރީތި، ހުދު ދަތްތަކެއް ހެއްޔެވެ؟ އެހާމެ ރަތް ރީތި ތުންފަތެކެވެ. "މީ މިޝްއަލް." މިޝްއަލްގެ ވާހަކައިން ދެއަންހެންކުދިންގެ ގަނޑު ފިލައިފިއެވެ. "ކިހިނެއް އަހަރެން އެނގެނީ؟ މީގެކުރިން މީޓެއް ވެސް ނުވެއެއްނު." ލޫސީ އެހާ އަވަހަށް ޖާސޫސް ކުރަން ފެށިއެވެ. "ދެންމެ ތައާރަފ ވީމަ މިހާރުއޭ އިނގޭ ވާހަކަ މިބުނީ." މިޝްއަލް ޖަވާބު ދިނީ ނިކަން ހަމަޖެހިލައިފަ އެވެ. ލޫސީ ކޮނޑު އަރުވާލައިފައި ޒޭބާގެ ކައިރިއަށް ޖެހިލި އެވެ.

"މިރޭވެސް ބޭރުގައި ތަ މަޑުކުރަނީ؟ ވާރޭ ވެހެނީއެއްނު. ހަފީ މަންމައަށް އަންޑަސްޓޭންޑް ވާނެ މިޝްއަލް މިރޭ އެތެރޭގައި ހުއްޓަސް." ޒޭބާ މިޝްއަލް ހިނގައިގަތުމުން ގޮވައިލި އެވެ. "މިތާ އަސްކަނި ދޮށުގައި އިންނާނީ. އެތާގައި ހުންނާނީ ގޮނޑިވެސް ބަހައްޓާފަ. ތޭންކްސް." މިޝްއަލް އެނބުރި ބަލައިލުމެއްނެތި ނިކުމެގެން ދިޔައެވެ. "އައުޗް!" ލޫސީ ކުއްލިއަކަށް ޒޭބާގެ އަތުގައި ވިކައިގެންފައި ތަދުކޮށްލުމާ އެކު ޒޭބާއަށް ހަޅޭއްލަވައި ގަނެވުނެވެ. ވީ ތަދުން ލޯ ފެންކަޅިވި އެވެ. 

"ވަޓް ދަ ހެލް ވޯޒް ދެޓް؟" ޒޭބާ ލޫސީގެ ބުރަކަށީގައި ތަޅައިގަތެވެ. "މިއުޅެވެނީ ހުވަފެނެއްގައި ނޫންކަން ޔަޤީންކޮށްލީ." ލޫސީ ހީގަތެވެ. "ހުވަފެނެއްކަން ޔަޤީންކުރަން އަމިއްލަ އަތުގައޭ ވިކާނީ. ތީ ހާދަ ނުލަފާ ކުއްޖެކޭ." ޒޭބާ ރުޅިއައިސްގެން އަނެއްކާ ތަޅައިގަންނަން އުޅުމުން ލޫސީ ހީގެންފައި ކޮޓަރި އާއި ދިމާއަށް ދުއްވައިގަތެވެ. 

އެހެން ރޭ ތަކާއި ހިލާފަށް ލޫސީ އިނުމުން މިރޭ ކާމޭޒު ދޮށް ފަޅުފިލި އެވެ. އަނގަ ގަދަކަމުން ލޫސީ އިންނަނީ އަބަދުވެސް ކޮންމެވެސް ވާހަކައެއް ދައްކާށެވެ. މިފަހަކުން ގޭގައި ހިނގި ހާދިސާގެ މަތިން އެކަކުވެސް ހަނދާނެއް ނެތެވެ. މާވިން ހިމޭނުން އިނދެގެން އިރު އިރުކޮޅާ ލޫސީއަށް ބަލައިލައެވެ. ދޭތެރެއަކުން ކޮންމެވެސް އެއްޗެއް ބުނެލިއަސް އޭނާ ގިނަ ވަގުތު ހޭދަ ކުރީ އެވާހަކަތައް އެހުމުގަ އާއި ކެއުމުގަ އެވެ. ލޫސީ އިނުމުން އައި ބަދަލެއް ކަމަށް ވެދާނެއެވެ. 

"އަވަހަށް އޭނާގެ ވާހަކަ ކިޔައި ދީ!" ކޮޓަރީގައި ދެމީހުން އެކަނި ވުމާއެކު ލޫސީ ފުރަތަމަ ވެސް ފެށީ މިޝްއަލްގެ ވާހަކައެވެ. "ކާކުގެ ވާހަކައެއް؟" ޒޭބާ ނޭނގޭ ކަމަށް ހަދާފައި ލެޕްޓޮޕް އޮންކޮށްލައިގެން އެނދުގައި ބަންޑުން އޮށޯވެލި އެވެ. "ހޫމ ދެން ވަރަށް މޮޅު އެކްޓް ކުރަން... ޒޭބްއަށް ހަމަ ރަނގަޅަށް އެނގޭނެ މިދައްކަނީ މިޝްއަލްގެ ވާހަކަ ކަން." ލޫސީ ކައިރިވެފައި ބަންޑުން ޖެހިލިއެވެ. ޒޭބާ އިތުރު ބަހަނާއެއް ނެތި އެކަން ވީ ގޮތް އޮޅުން ފިލުވައި ދިނެވެ. 

"މިޝްއަލްއަށް އެނގޭތަ އަންވަރު މަރުވެފައި އޮއްވާ ފެނުނުކަން؟" ލޫސީގެ ހިޔާލުތައް ދަތުރު ކުރީ އެ ހާދިސާއާއި ދިމާއަށެވެ. ޒޭބާ ލެޕްޓޮޕުން ނަޒަރު ވަކިކޮށްލައިފައި ހައިރާންވެގެން ލޫސީއަށް ބަލައިލި އެވެ. "އެމީހާ އަށް ކިޔާ ނަން އަދި ކިރިޔާ މިއެނގުނީ. މިޝްއަލް އަށްވެސް ދެން އެނގިފައެއްނު އޮންނާނީ އެހާބޮޑު ކަމެއް ހިނގާއިރު. އެކަމަކު އޭނަ ބިރެއް ނުގަނޭބާ؟" ޒޭބާގެ ހިތުގައި ސުވާލު އުފެދުނެވެ. އެކަންތައްތައް ހަނދާންވެފައި ބިރުގަންނަ ގޮތް ވެގެން ޒޭބާ އަށް ވަށައިގެން ހޯދައިލެވުނެވެ. "ޒޭބް ހިތަކަށް ނާރާތަ އެކަން ހިނގައި ދިޔައީ ކިހިނެއްބާއޭ؟ ވެދާނެ އޭނަ ވެއްޓުނީ އިއްތިފާގަކުން ކަމަށް ވެސް. ހުރިހާ ކުދިންތައް ކިޔާ އެއީ ޖައްސާ މީހެކޭ. އިޓްސް ޕޮސިބަލް އެރޭ އޭނަ ހުރީ ހަމަހޭގައި ނޫންކަމަށް. އެކަމަކު އަމިއްލައަށް ވަޅުލެވޭނެތަ؟" ލޫސީގެ އެ ސުވާލަކީ ޚުދު ޒޭބާއަށް ވެސް ޖަވާބު ނުހޯދިފައިވާ ސުވާލެކެވެ. ޒޭބާ ބަސް ހުސްވެގެން އިނދެފައި ދެން ކިޔައިދިނީ ރޭ ފެނުނު ބިރުވެރި ހުވަފެނުގެ ވާހަކައެވެ. 

" މީ އަދި ފެށުމޭ އެބުނި ބަހުގެ މާނައަކީ ކޮބައިބާ؟ އަނެއްކާ ކަމެއް ގޯސްވާން އުޅެނީތަ؟" ލޫސީ އަނެއްކާ ވެސް ޒޭބާ ބިރު ގަންނަވައިލި އެވެ. "ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ؟ ދެން ހުއްޓާލާ! އަހަރެން ބިރުގަންނަން ފަށައިފި." ކަތި ނަޒަރަކުން ފަރާތް ފަރާތަށް ލޯ ހިންގައިލި އިރު ޒޭބާގެ ނިއްކުރިމަތިން ދާ ހިލިއްޖެ އެވެ. "ހުއްޓާލާފަ ހުރީމަ އެ ދެން ހުރިހާ ކަމެއް ނިމުނީތަ؟ ޒޭބް ވެއްޖެއެއްނު ތިއަށްވުރެ ހިތްވަރު ގަދަވާން. އިނގޭތަ އަހަރެން ކުރީރެއަކު ނިދަން އޮވެގެން ހިތަށް އަރަނީ މި ގެ އަށާރަ އަހަރު ވާންދެން ފަޅަށް ހުރީ ކީއްވެބާވައޭ؟ ބިލީވްއެއް ނުކުރެވޭ މިފަދަ ޒަމާނެއްގައި މިގޮތަށް ގެއެއް ކުއްޔަށް ނުދީ ހުސްކޮށް ބަހައްޓަފާނެ ކަމަކަށް. މީ ރާއްޖެތެރޭގައި ހުރި ތަނެއް ނޫންވިއްޔަ." ލޫސީ ހުއްޓާނުލައި ކުރިއަށް ގެންދިޔަ އެވެ. "ބައްޕަ ބޭނުން ނުވީ ކަންނޭނގެއެއްނު." ޒޭބާގެ ހިޔާލު ހުރީ މުޅިން ތަފާތު ކޮށެވެ. އެގެއާއި އެހެންކަހަލަ ކަމަކާއި ގުޅުވަން އޭނާ ބޭނުމެއް ނޫނެވެ. ލޫސީއަށް އިތުރަށް ފުރުސަތު ނުދޭންވެގެން ޒޭބާ ލެޕްޓޮޕުން ލަވައެއް ޖަހައިލައިފައި ކަންފަތުގައި ހެޑްފޯނު އެޅިއެވެ. އިރުކޮޅަކުން ލޫސީ އެއަތުގައި ހިފައި ތަޅުވައިގަތުމުން ޒޭބާ ދިޔައީ ސިއްސައިގެންނެވެ. ޒޭބާއަށް ބަލައިލެވުނު އިރު ލޫސީގެ މޫނުމަތިން ވެސް ފެނިގެން ދިޔައީ ނުތަވަސްކަމެވެ. 

"ކިހިނެއްވީ؟" ޒޭބާ ހެޑްފޯން ދަމައިގެންފައި ދެލޯ ބޮޑުކޮށްގެން ވަށައިގެން ހޯދަން ފެށިއެވެ. "އަހަރެން މިއަހަނީ ދެން މާވިން އަށް ވާނީ ކިހިނެތްހޭ؟" ލޫސީގެ ދެލޮލުގައި ކަރުނަ ގިނަވެފައި ހުއްޓެވެ. ޒޭބާއަށް އެކަން ފާހަގަ ކުރެވުމުން ހައިރާން ވެފައި ބަލަން އިނދެވުނެވެ. އެއް މިނިޓްގައި ދެމީހުން ހަތުރުންގެ ގޮތުގައި ތިބެފައި އެކަކު އަނެކަކަށް ޓަކައި އެހާބޮޑަށް އަޅައިވެސްލައެވެ. އަޖައިބެއް ފަދަ ދެ ޒުވާނުންނޭ ހިތަށް އެރިއެވެ. "ޕޮލިހުން އޭނަގެ ބަޔާން ނަގައިފައި ފޮނުވައިލީ. އެކަމަކު އަދިވެސް ހަމަ ގުޅައިލާއިރަށް ދާން ޖެހޭނެ ވާހަކަ ބުނި." ޒޭބާ ޖަވާބު ދިނެވެ. ފިލްމެއް ބަލަން އޮވެގެން ފުރަތަމަ ނިދުނީ ޒޭބާއަށެވެ. ލޫސީ ނިދަން އުޅެފައި ކަރު ހިއްކައިގަނެގެން ބަލައިލި އިރު ޒޭބާ ހުރީ ފެންފުޅި ހުސްކޮށްލައިފަ އެވެ. ލުއި ކާނާ ކާން އިނދެގެން ޒޭބާ ކުރި ކަމަކީ އެއީއެވެ. އެއްޗެއް ކަންޏާ އެ ކާއެއްޗަކަށް ވުރެ ގިނައިން ފެން ބޯނެ އެވެ. އާފުރެމުން ލޫސީ ހުސްފުޅި ހިފައިގެން ތިރިއަށް ދާން ނިކުތެވެ. ސިޓިންރޫމްގައި ދިއްލައިފައި ހުރީ ފަނޑު ރަތް އައްޔެއްގެ ބޮއްކެކެވެ. ސިޑީގެ ހަރުފަތްތައް ގިރާކޮށްފައި ފޭބިއިރު ވާރޭ ވެހޭއަޑު ރީތިކޮށް އިވެއެވެ. ޒޭބާގެ ކޮޓަރީގެ ދޮރުތައް ބަންދުކޮށްފައި ހުންނައިރު ބޭރުގައި އަޑުތައް އިވޭލެއް މަޑުވާނެއެވެ. ސިޓިންރޫމަށް ނުނިކުމެވެނީސް ބަދިގެތެރެއިން އަޑުފަށްގަނޑެއް އިވުނެވެ. ލޫސީގެ ގައިން ހީބިހި ނަގައިގަތެވެ. އޭނާ ދިޔައީ ރަނގަޅަށް ސިހިގެންނެވެ. ބިމުގައި ދެފައި ތަތްލިހެން ހީވިއެވެ. ކުރިއަށް ނުދެވިފައި ސިކުންތުކޮޅަކު ހުރެވުނެވެ. އެކަމަކު ފަހުން އިތުރު އަޑެއް ނައުމުން ލޫސީ ހިތްވަރުކޮށްފައި ކުރިމަތި ލިއެވެ. ފިޔަވަޅުގެ އަޑު ނީވޭހާ މަޑުންމަޑުން ބަދިގެއާއި ގާތްވަމުން ދިޔަ ވަރަކަށް ހިތުގެ ތެޅުން އަވަސްވަމުން ދިޔަކަން އެނގުނެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ބަދިގެ ތެރޭގައި އެއްވެސް އަލިކަމެއް ނެތުމުންނެވެ. ލޫސީ ހަމަ ރަނގަޅަށް ވެސް ބިރުގަނެއްޖެ އެވެ. ދޮރާއި ކައިރިވި ވަރަކަށް އޭނާ ދިޔައީ ފާރާއި ގާތަށް ޖެހެމުންނެވެ. އޭރުން އެތެރޭގައި ހުންނަ މީހަކަށް އޭނާ ނުފެންނާނެ އެވެ. 

ދޮރާއި ހަމައަށް ދެވުމުން ލޫސީ ނޭވާ ހިފަހައްޓައިލި އެވެ. އަނެއް އަތުން މޭގައި ހިފަހައްޓައިލައިފައި ދޮރުން ބޯ ދިއްކޮށްލި އެވެ. ލޫސީގެ ނިއްކުރިން ދާހިލި ދެއަތުގައި އުފެދުނު ތުރު ތުރު މުޅި ހަށިގަނޑަށް ފެތުރެން ސިކުންތެއް ވެސް ނުނެގިއެވެ. ބަދިގެ ތެރެއިން ފެންނަން ހުރީ ކަޅު ބޮޑު ހިޔަންޏެކެވެ. އިސްކޮޅުން ދިގުކަމުން ސީލިންގް ގައި ބޯ ނުޖެހޭ ކަމެއްވެސް ނޭނގެއެވެ. ލޫސީ ބޯ ދިއްކޮށްގެން ހުއްޓާ އެމީހާ ލޫސީއާ ކައިރިއަށް އަންނަން ހިނގައިގަތެވެ. ފަހަތަށް ދެމިގެންފައި ލޫސީ ގޮސް ވަނީ އެތާ ހުރި ސޯފާތަކުގެ ބިއްދޮށަށެވެ. އެމީހަކު ބަދިގެއިން ނިކުމެފައި ދެން ދިޔަ ތަނެއް ވެސް އެނގޭނީ ހިނގާ އަޑު އިވޭނަމަ ނޫން ހެއްޔެވެ؟ ވާރޭ ވެހޭ އަޑާއި ހެދި އިތުރު އެހެން އަޑެއް އިވޭ ވަރެއް ނޫނެވެ. އެމީހަކަށް ފެނިދާނެތީ އަދިވެސް ބޮޑަށް ކުރުގެޅިލި ތަނާ އިސްތަށިތައް މޫނަށް ފައިބައިގެން ދިއުމުން ލޫސީއަށް ތެޅިގަނެވުނެވެ. އަތުގައި އޮތް ހުސްފުޅި ވެއްޓި ޖެހުނީ ޓައިލްސްތައް މަތީގައެވެ. ލޫސީ ފުންމައިގެން ތެދުވެފައި ދާންވެގެން ހީކޮށްލިތަނާ ފަހަތުން މީހަކު އަންނަހެން ހީވެގެން އެނބުރި ބަލައިލައިފައި ބާރަށް ހަޅޭއްލަވައިގަތެވެ. ދެވަނަ ސިކުންތުގައި އޭނާ އަނބުރައި ގަނެގެން ހުރި ދިމާއަށް ވެއްޓެން ދިޔައެވެ. 

މާވިން ނިކަން ހުޝިޔާރު ކަމާއިއެކު ކުރިއަށް ޖެހިލައިފައި ލޫސީގެ އަތުގައި ހިފެހެއްޓިތަނާ އެހަށިގަނޑު އައިސް ތަތްވީ މާވިންގެ މޭގައެވެ. ލޫސީގެ ދެލޯ ވަނީ މެރިފައެވެ. އެ ދޮން ނިއްކުރީގައި މުތީތަކެއް ފަދައިން ވިދަ ވިދާ ހުރީ ދާ ތިކި ތަކެވެ. މާވިން ލޫސީގެ ހަށިގަނޑު އުފުލައިލައިގެން ގެންގޮސް ސޯފާގައި ދިގަށް ބޭއްވިއެވެ. ދެލޮލަށް ނިވާ އަޅާފައިވާ އިސްތަށިތައް އެއްފަރާތް ކޮށްލައިފައި އެ ކުޑަ މޫނުގައި ދެއަތުން ހިފައިލައިގެން ގޮވަން ފެށިއެވެ. 

މާވިން ފެން ބޯންވެގެން ބޭރަށް ނިކުމެފައި ބަދިގެއަށް ވަންއިރު އެތެރޭގައި ހުރި ބޮކި ހުރީ އަނދާފައެވެ. މާވިން އަޅައެއް ނުލައެވެ. ފެންފުޅި ނަގައިގެން ކަރުހިއްކުން ފިލުވައިލައިފައި ބަހައްޓަން އުޅެނިކޮށް ފެންފުޅި އަތުން ދޫވެގެން ވެއްޓުނެވެ. ފުޅި ނަގައި އަނބުރާ ފްރިޖަށް ލާފައި އެނބުރިލިތަނާ ދޮރާއި ދިމާއިން މީހެއްގެ ހިލަން ވީހެން ހީވުމުން އެދިމާއަށް ދާން ހިނގައިގަތެވެ. ނިކުމެފައި ބެލިއިރު މީހަކު ފެންނަން ނެތުމުން އޭނާ ކޮޓަރިއަށް ވަންނަން ދަނިކޮށް އަޑު އައީ ސޯފާތަކުގެ ފުރަގަހުންނެވެ.

އިރުކޮޅެއް ފަހުން މާވިންއަށް ހިޔާލެއް އައެވެ. އެނބުރި ގޮސް ބަދިގެއަށް ވަދެފައި އޭނާ އައީ ފެން ފުޅިއެއް ހިފައިގެންނެވެ. މާވިން އަތަށް ފެންފޮދެއް އަޅައިލައިފައި ލޫސީގެ މޫނުގައި އުނގުޅައިލިތަނާ ލޫސީ އެސްފިޔަތައް ތަޅުވައިލިއެވެ. "ލުސީ. ޔޫ އޯކޭ؟" މާވިންގެ އަޑުގައި ވަނީ ހާސްކަމެވެ. ފެންފުޅި ތިރީގައި ބަހައްޓައިފައި އޭނާ ލޫސީގެ އަތްތިލަ މުށުތެރޭގައި ބޮނޑިކޮށްލައިގެން ހިފަހައްޓައިލިއެވެ. "މާވިން." ފުންމައިގެން ތެދުވެ އިށީންދެފައި މާވިން ފެނިގެން ލޫސީއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. "ލޫސީ މިއޮތް ދަންވަރު ބޭރުގައި ކީއްކުރަނީ؟" މާވިން ސުވާލު ކުރިއެވެ. "އަހަރެން ފެންފުޅިއެއް ބަލައި ތިރިއަށް އައީ. އެކަމަކު ބަދިގެއިން..." ލޫސީގެ ނަޒަރު ބަދިގެއަށް ހުއްޓުމާ އެކު ބިރުން ވާހަކައެއް ނުދެއްކުނެވެ. "ތިހާ ބިރުގަންނާކަށް ނުވާނެ. ބަދިގޭގައި އުޅުނީ މަށޭ. ލައިޓް އަނދާފަ ހުރީމަ ފެންބޯން އުޅެފައި ފުޅި ބަހައްޓަން އުޅެނިކޮށް ވެއްޓުނު އަޑު އެއިވުނީ." މާވިން ކިޔައިދިނެވެ. ލޫސީ އަށް ހަމަޖެހި ނުލެވިގެން އުޅެނިކޮށް ނުހަނު ބާރަށް ގުގުރައިގަތެވެ. ތެޅިގެންފައި ލޫސީއަށް މޫނު ފޮރުވައިލެވުނީ މާވިންގެ މޭގައެވެ. އެވަގުތު މާވިންގެ ހަށިގަނޑުން ދުވި ލުއި މީރުވަހަކުން ލޫސީގެ ހިތް ފުރި ބަންޑުންކޮށްލިއެވެ. މިއޮތް ފިނި ރޭ ވެސް މާވިން ހީވަނީ ދެންމެ ފެންވަރާލައިގެން ހުރި ހެންނެވެ. ނޫނީ ޖަހައިގެން ހުރި ބޮޑީ ސްޕްރޭގެ ވަސް އަދިވެސް ނުފިލަނީ އެވެ. 

ލޫސީގެ ސިކުނޑި މަސައްކަތް ކުރަން އިރުކޮޅެއް ނެގިއެވެ. އަވަސް އަރުވައިލައިފައި ހުރިވަރުން ފެންފުޅި މަތިން އޭނާ ހަނދާނެއް ނުވިއެވެ. ލޫސީ ގޮސް އެނދަށް ވެއްޓިގެންފައި ބޯދަށަށް އަތް ލައްވައިލި އިރު ދެލޯ ވަނީ ކަރުނުން ފުރިފައެވެ. އަނެއް ފަރާތަށް އެނބުރިފައި ބާލީހުގައި މޫނު ފޮރުވައިލި ތަނާ އެކަރުނަތައް ހޯސްލާފައި އޮހެން ފެށިއެވެ. މަޑު މަޑުން ގިސްލެވޭ ގޮތް ވުމުން ލޫސީ އަވަހަށް ބްލޭންކެޓް ދަށަށް ވަދެ ފިލިއެވެ. ޒޭބާއަށް އެނގިއްޖެއްޔާ ހާސް ސުވާލު ކުރިމަތި ކުރުވާނެއެވެ. އެ ސުވާލުތަކުގެ ޖަވާބު އޭނާ ޒޭބާއަކަށް ނުދޭނެއެވެ. އެހާ ހިތްވަރެއް ނެތެވެ.

ލޫސީއަށް ނިދޭހާ އިރު ފަހުން ޒޭބާ ކުއްލިއަކަށް ތެދުވެ އިށީންދެފައި އެނދުން ތިރިއަށް ދެފައި އެލުވައިލި އެވެ. އޭނާގެ ދެލޯ ހުރީ ހުޅުވިފައެވެ. އެކަމަކު އެއްވެސް ފަރާތަކަށް ކަޅިއެއް ނުހިންގަ އެވެ. ދެފައިމައްޗަށް ކޮޅަށް ތެދުވެފައި ޒޭބާ ނޭފަތް ދަމައިލި އެވެ. ހުވަނދުމާ ފޮޅޭ ހިތްގައިމު ވަހުން މުޅި ކޮޓަރި ތެރޭގައި ސެންޓް ލެވިފައި ވެއެވެ. ޒޭބާގެ މިސްރާބު ހުރީ ކޮޓަރީގެ ދޮރާއި ދިމާއަށެވެ. ޗާބީ ދީފައި ހުރި ބުދެއްހެން ގޮސް ދޮރާއި ހަމަވުމާ އެކު އެދޮރު ހުޅުވިގެން ދިޔައީ އޭގެ އަމިއްލަ ޒާތުގައެވެ. ޒޭބާގެ އަމުރަށް ކިޔަމަންވި ކަހަލައެވެ. ކޮޓަރިން ނިކުމެފައި ސިޑީގެ ހުރިހާ ހަރުފަތެއް ގިރާކޮށް ސިޓިން ރޫމާއި ހަމައަށް ދެވުނު ފަހުން އެވަސް ކުރިއަށްވުރެ ވެސް ގަދަ ވެއްޖެ އެވެ. ބޭރުން ކުޑަ ފިރިހެން ކުއްޖަކު ހީގަތް އަޑުއަހާފައި ޒޭބާ ކުރިއަށްވުރެ ވެސް ހިނގުން ބާރުކޮށްލައިފައި އަވަހަށް ގޮސް ދޮރާއި ހަމަވީ އިރަށް އެދޮރު ވެސް ހުޅުވުނެވެ. 

ވެހެމުންދާ ވާރެއަށް ބަލައިލުމެއް ނެތި ގޯތިތެރޭގައި ހެމުން ދެކޮޅަށް ދުވެފައިދާ ކުޑަ ފިރިހެންކުއްޖަކީ ޒޭބާގެ އެންމެ ގާތް އެކުވެރިޔާ އެވެ. ހަމަ އެ ފަންއިސްތަށި ކޮޅާއި ރީތި ދޮން މޫނެވެ. ހުދުކަމުން އެކޯފްރެޝް އިޝްތިހާރެއް ފަދަ އަންނާރު އޮށްތަކެއްހާ ކުދި ރީތި ދަތްތަކެވެ. އެކުއްޖާ ފެނުމުން ޒޭބާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެވަގުތު އެކުއްޖާ ކުއްލިއަކަށް ދުވުން ހުއްޓައިލައިފައި އައިސް ޒޭބާގެ ކުރިމައްޗަށް ހުއްޓިއްޖެ އެވެ. ޒޭބާ ބަލަހައްޓައިގެން ހުއްޓެވެ. ވާރޭއާއި އެކު އައިސް އޭނާގެ މޫނާއި ހަށިގަނޑުގައި ބީހެން ފެށި ފިނި ވައިރޯޅިތަކުން ހިތާއި ރޫހަށް ލިބިގެން ދިޔައީ ބަޔާން ނުކުރެވޭ ފަދަ އަރާމެކެވެ. އެ އަރާމަށް ޒޭބާ ބޮޑަށް ބޭނުން ވެގެން އެކުއްޖާގެ ގާތަށް ދިއުމަށްޓަކައި އަތް ދިއްކޮށްލި އެވެ. "މިޝްއަލް!" ޒޭބާ އެކުއްޖާއަށް ގޮވައިލި އެވެ. އެވަގުތު ލޯމަތީގައިވި ހުރިހާ މަންޒަރެއް ފުސްވެގެން ގޮސް އަނދިރިވި އެވެ. ޒޭބާއަށް އިހްސާސް ވީ އޭނާއަށް އެ އޮވެވުނީ އެނދުމަތީގައި ބްލޭންކެޓް ދަށަށް ވަދެ ކަމެވެ.

ކޮމެންޓް 0