"ދައްކަން މިއައީ އަހަރެމެން ދެމީހުންގެ ވާހަކައެއް." މާވިން ފަހަތަށް ފިޔަވަޅެއް އަޅާލައިފައި ލޫސީގެ އަތުގައި ހިފާލުމުން ލޫސީ ސިހިގެން ދިޔައެވެ. ގަބޫލު ނުކުރެވިފައި މާވިންގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. ހީނުކުރާފަދަ ހިތްވަރެއް މާވިން ދެއްކުމުން ހާސްވެފައި ހުއްޓާވެސް ހިތަށް އުފާވެރިކަން ލިބުނެވެ. ސައިފުﷲގެ މޫނުން ތަފާތު އަސަރެއް ފާޅެއް ނުވިއެވެ. ކުޑައިރުއްސުރެ އެދެކުދިންގެ އެކުވެރިކަން ފެނިފައި ވާތީ އެގޮތަށް އަތުގައި ހިފާލުމުން އެއީ މައްސަލައެއް ކަމަކަށް ނުދެކެވުނެވެ. އެކަމަކު ނައުޝާދު ހުރީ އަނދައަނދައެވެ. ދެންމެ ދެންމެ އައިސް މާވިންގެ މޫނުގައި ޖަހައިފާނެ ކަހަލައެވެ. ލޫސީ ބިރުން ނައުޝާދުގެ މޫނުން ނަޒަރު ވަކިކޮށްލާފައި އިސްޖަހައިލިއެވެ. "ބުނެބަލަ!" ސައިފުﷲ ގަލަން މޭޒުމައްޗަށް ދޫކޮށްލައިފައި ފަޓްލޫނުގެ ޖީބަށް ދެއަތް ޖަހައިލަމުން ހުރިހާ ސަމާލުކަމެއް އެދެމީހުންނަށް ހުއްޓައިލިއެވެ. 

"ބޭބޭ. އަހަރެމެން ދެމީހުން ކައިވެނިކުރަން ބޭނުން." މާވިން ސީދާ ސައިފުﷲގެ ލޮލަށް ބަލަން ހުރެ އިއްވައިލިއެވެ. އެވަގުތު އެތަނުގައި ބޮމެއް ގޮއްވާލިއަސް ކަޅުވެގެން ނުދާފަދަ ގޮތަކަށް ސައިފުﷲގެ މޫނު ކަޅުވެގެން ދިޔައެވެ. ނައުޝާދު ހީވީ ޝިކާރައެއް ފެނިގެން ފުންމައިގެން ހެންނެވެ. އައިގޮތަށް އައިސް މާވިންގެ ގިރުވާނުގައި ހިފައިފައި ގެންގޮސް ފާރުގައި ތަތްކޮށްލިއެވެ. "ކަލެއަށް އެބަ އެނގޭތަ ތި ކިޔޭއެއްޗެއް؟" ނައުޝާދު ދޫކޮށްލި ގޮށްމުށުގެ އެތިފަހަރުތައް މާވިންގެ މޫނަށް އަރައި ތުންފަތުގެ ކަނުން ލޭ ފެނިއްޖެއެވެ. އެވަގުތު ލޫސީ ރޮއިގެންފައި ގޮސް ނައުޝާދުގެ ފުރަގަހުން ގަމީހުގައި ދެއަތުންހިފާ ބޮނޑިކޮށްލައިގެން ހުރެ ދުރުކުރަން މަސައްކަތް ފެށިއެވެ. "ހުއްޓާލާ!" އިރުކޮޅަކުން ސައިފުﷲގެ ބަރުއަޑުން އެންމެން ހިމޭން ކުރުވައިފިއެވެ. 

ނައުޝާދުގެ ހިތް ނުފުރެނީސް ދޫކޮށްލަން ޖެހުނު ކަމަށްޓަކައި ސައިފުﷲދެކެ ވެސް ރުޅި އާދެވުނެވެ. ދުރަށް ޖެހިލަމުން މާވިންގެ މޫނަށް ނައުޝާދު ބަލައިލީ ފުރާނަ ސަލާމަތްވި ކަމަށްޓަކައި ޝުކުރު ކުރާށޭ ބުނާފަދަ ގޮތަކަށެވެ. ލޫސީ ލޮލުން ކަރުނަ ފުހެމުން މާވިންގެ އަތުގައި ހިފަހައްޓާލައިގެން ސައިފުﷲގެ މޫނަށް ބަލަން ފަށައިފިއެވެ. 

"އެއީ ތެދެއްތަ ލޫސީ؟" އެންމެން ހިމޭންވި ތަންވަޅުގައި ސައިފުﷲ ސުވާލު ކުރިއެވެ. ލޫސީއަށް ބަލައިލެވުނީ މާވިންގެ މޫނަށެވެ. މާވިން އެއްއަތުން ތުންފަތުގެ ކަނުގައިވާ ލޭކޮޅު ފުހެލާފައި ލަސްލަހުން ދެލޯ އެއްފަހަރާ މަރާލާފައި ހުޅުވާލި ގޮތުން ލޫސީ ބޭނުންވި ޖަވާބު ލިބުނެވެ. "މާވިން އެބުނީ ތެދެއް." ލޫސީ ޖަވާބު ދިނީ އިސްޖަހައިލަމުންނެވެ. ބައްޕަ އާއި ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް ނުލިބުނެވެ. ނައުޝާދުގެ ކުލަވަރު ރީނދޫވެއްޖެއެވެ. ލޫސީ އެހާ ހިތްވަރުގަދަ ވެދާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ. "ދެން ކީއްވެ ކުރިން ނުބުނީ؟" ސައިފުﷲގެ ހަރުދަނާ މޫނުމަތިން ހިތާމައިގެ ކުލަވަރު ފާޅުވެގެން ދިޔައެވެ. ދަރިފުޅާއި މެދު އޭނާ ހަމްދަރްދީ ވެއްޖެއެވެ. "ލޯންގް ސްޓޯރީ." ލޫސީ ކުރުކޮށްލިއެވެ. މާވިން އާއި ދެމެދު ކަންތައް ހިނގާފައިވާ ގޮތް ބައްޕައަށް ކިޔައިދޭނެ ހިތްވަރެއް ނެތެވެ. 

"އަހަރެން މިބުނަނީ ނައުޝާދު ލޫސީ އާއި އެކަށީގެންނުވާ ވާހަކައެއް ނޫން. އެކަމަކު ލޫސީ ބޭނުންނުވާ ފަރާތަކާއި ގުޅިގެން އުޅެން އުދަނގުވާނެ ވާހަކަ. ކައިވެނީގެ ގުޅުމަކީ އުމުރަށް ޖަހައިލެވޭ ގޮށެއް. ބައްޕަވެސް ބޭނުމެއް ނުވާނެ ކަންނޭނގެ އެއީ ވަގުތީ ކަމަކަށްވެގެން ރާއްޖޭގެ ރިކޯޑަށް އިތުރު ވަރިއެއް އަންނާކަށް." މާވިން އެހާ ބުއްދިވެރި ވާހަކައެއް ބުނެލުމުން ސައިފުﷲއަށްވެސް ވިސްނާލަން މަޖުބޫރުވިއެވެ. އަނެއްކޮޅުން ނައުޝާދުގެ ރުޅިގަނޑު ގަދަވެ އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން ދަތިވަމުން ދިޔައެވެ. "އެންމެ ރަނގަޅު. ބައްޕަ ވިސްނާނަން ތިކަމާ. އިހަށް މިވަގުތު ތިގުޅުން ކުރިއަށް ނުގެންދިއުން އެދެން." ސައިފުﷲގެ ޖަވާބު ލިބުމުން ލޫސީގެ ލޮލުގައި އުންމީދުގެ ހުޅުކޮޅު ދިއްލުނެވެ. އޭނާއަށް ނިކަން ރަނގަޅަށް ބައްޕަ އެނގެއެވެ. އެބައްޕައަކީ ދުވަހަކުވެސް ދަރިން ލައްވައި ގަދަކަމުން އެއްވެސް ކަމެއް ކުރުވި މީހެއް ނޫނެވެ. އެއަށްވުރެ މާބޮޑަށް ސައިފުﷲ ދަރިން ދެކެ ލޯބިވެއެވެ. ދިއުމުގެ ހުއްދަ އަތުލައިގެން އެދެމީހުން ނިކުތް އިރު ނައުޝާދު އަދިވެސް ހުރީ މޭޒު ކަނުގައި އަތް ވިއްދާލައިގެން ރުޅިގަދަވެފައެވެ. 

"ލޫސީއަށް އަދި ނުވިސްނެނީ. އޭނަގެ ސިކުނޑި އަދި ޅަ ވާނެ. އެ މާވިން އަދި ލޫސީއަށްވުރެ ދެއަހަރު ހަގު. އެއުމުރުގެ ފިރިހެންކުދިންގެ ހިޔާލު ބަދަލުވާނެ މިނިޓެކު ދެފަހަރު. ކާކަށް އެނގެނީ އޭނަ އެބުނިހެން ކައިވެނިކޮށްފަ މާދަމާ ވަރިވާން ބޭނުން ނުވާނެ ކަމެއް؟" ނައުޝާދު ތަޖުރިބާކާރެއް ފަދައިން ވާހަކަދެއްކިއެވެ. ސައިފުﷲގެ ހިތް ފަތަޚަކުރަން ބޭނުންވާތީވެ، އޭނާ ރުޅިގަނޑު ދިރުވައިލައިފިއެވެ. ނައުޝާދު ގަބޫލު ކުރާ ގޮތުގައި ހުރިހާ ގޮތަކުންވެސް މާވިން ނާޤާބިލެވެ. އުމުރާއި ސިކުނޑީގެ ވިސްނުމުން ފެށިގެން އަދާ ކުރާ ވަޒީފާއަށް ބެލިއަސް ނައުޝާދު އުޅެނީ މާވިންއަށްވުރެ ކުރީގައެވެ.

އަފްލާކް ވެޑިން ހޯލްގެ ޑިޒައިންތަކެއް ދައްކައިގެން އެތަނުން ސަލާމަތްވިއިރު އެގާރަ ޖަހައިފިއެވެ. މާވިން ވެސް މާ ގަޔާވެފައި އެތާގައި އިނުމުން ޒޭބާ ބޭނުންވިއަސް ތެދުވަން ނުކެރިފައި އިނީއެވެ. ކައިވެނީގެ ވާހަކަ ދެއްކުމުން ހަގީގަތުގައި ހިތަށް ލިބެނީ މިހާރު ހާސް ކަމެކެވެ. އަފްލާކްގެ ބީހުންތަކުން ފޮނިކަމެއް އިހްސާސް ކުރެވުނަސް ނޭނގޭ ނުތަނަވަސްކަމެއް ވެއެވެ. މިހާރަކަށް އައިސް އެއްގޮތަކަށް ނިދި ނުލިބި އުޅެންޖެހޭތީ ލިބިގެން އުޅޭ ނުތަނަވަސް ކަމަކަށްވެސް ވެދާނެއެވެ. ޒޭބާ އެކަމަށް ހައްލެއް ބޭނުންވެގެން އަފްލާކް ކައިރީ ބުނަން އުޅެފައިވެސް ހިޔާލު ބަދަލުވިއެވެ. އެންމެފަހުން އަމިއްލައަށްވެސް ކައުންސެލިން ބޭނުންވާކަމަށް އެއްބަސްވެގެން އެޕޮއިންޓްމެންޓެއް ހައްދައިފިއެވެ. 

ޒޭބާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި ތަނާ ފުރަގަހުން ހިޔަންޏެއް ހުރަސްކޮށްލިހެން ހީވިއެވެ. ހިތް ތެޅިގަތީ ބިރުގަންނަހާ ބާރަށެވެ. ޒޭބާ އުދަނގޫ ގޮތަކަށް ހިންދިރުވައިލައިފައި ހިތާއި ދިމާއިން މޭގައި ހިފަހައްޓައިލިއެވެ. އިރުކޮޅަކުން އަނެއްފަރާތަށް އެނބުރިފައި ވަށައިގެން ހޯދާލައިފިއެވެ. އެއީ ހުޅުވާފައި ހުރި ކުޑަ ދޮރުން ވަދެގެން އައި ވައިރޯޅިއެއްގެ ސަމާސާއަކަށްވެސް ވެދާނެއެވެ. ސިކުނޑި ހަމަޖައްސާލައިފައި ޒޭބާ ގޮސް ކުޑަ ދޮރު ބަންދުކޮށްލިއެވެ. ރޭގެ ދެން އޮތްބައި ހޭދަ ކުރަންޖެހޭނީ އާދައިގެމަތިން ވަގުތު ގުނަން ކަންއެނގޭތީވެ ފެންވަރަން ތައްޔާރުވާން ފެށިއެވެ. ހޫނު ދުވަހަކަށްވުމުން ކޮޓަރިތެރެއިން އަދިވެސް އުދާސްކަމެއް ނުކެނޑެއެވެ. ޒޭބާ ފާޚާނާއަށް ވަދެ ބިލިގާއަށް ފެންއަޅާ ފުރާލައިފައި މީރުވަސްދުއްވާލިއެވެ. ސްޓޭންޑްގައި މީރުވަސްދުވާ ދެތިން އުއްބައްތިއެއް ރޯކޮށްފައި ބަހައްޓައިލިއެވެ. މޯބައިލުން ހިތްގައިމު އިގިރޭސި ލަވައެއް ޖަހާފައި ހެދުން ބާލައިގެން ގޮސް ބިލިގާއަށް އެރުނެވެ. އެހާ ފިނިފިނި އަރާމު ފެންގަނޑު ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން އެތައްހާސް ސައިބޯނި ބޮކިތައް ފޭރާމަކަށް ހަދައިގެން އޮވެ ޒޭބާ ލޯ މަރައިލިއެވެ. އުއްތައް ވިރިގެން ފައިބަން ފެށުމުން މީރުވަސް އިތުރުވިއެވެ. އެންރިކްގެ ހިތްގައިމު އަޑުން ސިކުނޑިވެސް މަސްތުކޮށްލިއެވެ. 

މިޝްއަލް އައިސް ދޮރުކަނީގައި އަތް އަޅުވާލައިގެން ހުއްޓިފައި ޒޭބާއަށް ބަލަން ފެށިއެވެ. ހަމައެކަނި އުއްބައްތި އަލި ވެރިވެފައި ވާތީ ޒޭބާގެ އޮމާން މޫނުވެސް ބަބުޅަމުން ދިޔައީ އޮރެންޖް އައްޔަކުންނެވެ. މެރިފައިވާ އެދިގު އެސްފިޔަތަކުގައި ބޮސްދޭން ހިތް އެދުނެވެ. އެއިސްތަށިގަނޑު ކުރިއަށްވުރެ ކަޅުކަން ގަދަވެ ވަރުގަދަވަމުން އަންނަކަން ފާހަގަ ކުރެވެއެވެ. މޫނުގެ ވިދުވަރު އިތުރުވެ ހައިރާން ކުރުވާފަދަ ބެބުޅުމެއް ޒޭބާގެ ހަންގަނޑަށް ވެރިވަމުން އާދެއެވެ. ކުރިން ހުރި ރީނދޫކަން ކެނޑި ހުދު ދޮންކުލައެއް ވެރިވާން ފަށާފައިވެއެވެ. ޒޭބާއަށް އެކަން އިހްސާސް ނުކުރެވުނަސް މިޝްއަލްއަށް އިހްސާސްވެއެވެ. ޒޭބާ ރޭގަނޑު ހަތަރުދަމު ނުނިދާ އޮވެ އެނދުގައި ފުރޮޅޭތީ ޚުދު މިޝްއަލް ވެސް އަޖައިބުވެއްޖެއެވެ. ނޭނގިހުއްޓާ ބޮޑު ބަދަލެއް އެއަންހެންކުއްޖާއަށް އަންނަން ފަށައިފިކަން ގަބޫލު ކުރެވުނެވެ. މިޝްއަލް ރެއާއި ދުވާލު ހޯދައި ބަލައިގެންވެސް އެއީ ކޮންބަދަލެއްކަން އަދި އޮޅުންފިލާފައެއް ނުވެއެވެ. 

މިޝްއަލް ބަލަހައްޓައިގެން ހުއްޓާ ޒޭބާ ލޯ ހުޅުވައިލީ ކުއްލިއަކަށެވެ. އޭނާ އައިސްހުރިކަން ޒޭބާއަށް އެނގުނު ގޮތެއްވެސް ނޭނގެއެވެ. ހަމަ ފެންނައިރަށް އެމޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. އަވަހަށް ތެދުވެ އިށީންދެލިއެވެ. ކޮޅަށް ތެދުވަން ހިޔާލު ކޮށްލާފައި ޒޭބާ ބަލައިލީ ދުރުގައި އަޅުވާފައި ހުރި ތުވާއްޔަށެވެ. ކޮންމެ ގޮތެއްވިއަސް އެ ތުވާއްޔާއި ހަމައަށް ދެވޭނީ ބިލިގާއިން ތެދުވެގެންނެވެ. މިޝްއަލް ކުރިމަތީ ހުއްޓާ އެގޮތަށް ތެދުވެގެން ދާކަށް ބޭނުމެއް ނުވިއެވެ. ލަދުވެތިކަމުގެ ކަސްތަޅު އެޅިފައިވާ ދެފައިތިލަ ހަރަކާތެއް ނުކުރިއެވެ. މިޝްއަލް އެންމެ ބޭނުންވިފަދަ ފުރުސަތެކެވެ. ދޮރުކަނިން އަތް ދޫކޮށްލާފައި މިޝްއަލް އައިސް ބިލިގާގެ ކައިރިފަށުގައި ކުޑަކޮށް އިށީންދެލައިފިއެވެ. ކަޅި ޖަހާނުލައި ޒޭބާގެ މޫނަށް ބަލަން އިނދެ ހިތް ފުރާލަން ބޭނުންވިއެވެ. ހިމޭންކަން އެއީ ބަސްމޮށުން ތެރިކަމަށް ވީ ފަދައިން މިޝްއަލްގެ ހުރިހާ ސިއްރުތަކެއް ޒޭބާގެ ހިތާއި ހަމައަށްވެސް ގެންގޮސްދޭނެ ނަމައޭ ހިތަށްއެރިއެވެ.

"މިޝްއަލް. ކީއްކުރަން މިތަނަށް ތިއައީ؟" ޒޭބާ ބޭނުންވި ނަމަވެސް އަޑަށް ހަރުކަށިކަމެއް ނުގެނެވުނެވެ. މިޝްއަލް ފެންނައިރަށް ހިތް އަމިއްލަ ބާރުދަށުން ވީއްލިގެން ދަނީ އަޖައިބެއްފަދަ ގޮތަކަށެވެ. އެހާ ކައިރިން އެތޫނު ދެލޯ ފެނިގެން މިހާރުވެސް ޒޭބާގެ ދޮން ކޯތާފަތް އެކީއެކަށް ރަތްކުލަ ވެރިވެފައިވެއެވެ. ފިނި ފެންގަނޑެއްގައި މުޅިހަށިގަނޑު ގެނބިލައިގެން އިންދާވެސް ނިއްކުރިން ދާ ހިލެން ފަށައިފިއެވެ. "ޒޭބް! އަހަރެން ބޭނުން ހުރިހާ ވާހަކައެއް ކިޔައިދޭން." މިޝްއަލްގެ އަޑުގައި ރިހުމެއް ވިއެވެ. ދެކޮޅު ހަދައިގެން ޒޭބާއަށް ކުރެވޭނެ ކަމެއް މިރޭ ނެތެވެ. އޭނާ އެއިނީ މިޝްއަލްގެ އަތުތެރޭގައި ފާޑަކަށް ހައްޔަރުވެފައެވެ. "ޓެލް މީ!" ފުން ނޭވައަކާއެކު ޒޭބާ އިސް އޮބައިލިއެވެ. މިޝްއަލްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެފައިވެސް ދާދި އަވަހަށް ނެތި ފިލާއްޖެއެވެ. ޒޭބާ އަކީ މިއަދު އެހެން މީހެއްގެ ހައްގަކަށް ވާން ތައްޔާރުވެފައިވާ ކުއްޖެއްކަން ހަނދާންވެފައި ހިތަށް ކަށިތަކެއް ހަރައިލި ކަހަލައެވެ. ދެލޮލުން ކަރުނަ ފާއްދައިލުމުން މިޝްއަލްއަށްވެސް އިސްޖަހައި ލެވިއްޖެއެވެ. މޯބައިލުން އަންނަމުން ދިޔަ ލަވަ ނިމި މާހައުލު ހިމޭންވުމުން މިޝްއަލް ފުރުސަތުގެ ބޭނުން ކުރަން ފަށައިފިއެވެ. އެ ހަގީގަތް އަހާހިތުން ޒޭބާގެ ހިތް ތެޅެމުން ދިޔައިރުވެސް މޫނުމަތިން ޝައުޤުވެރިކަމެއް ނުދައްކައެވެ. 

"ޒޭބް. އަހަރެން ސަލާމަތްވީ އަރްޖްގެ ސަބަބުން." މިޝްއަލްގެ ފުރަތަމަ ޖުމްލަވެސް ޒޭބާއަށް ސިހުމެއް ގެނުވިއެވެ. އަރްޖް އެއީ އޭނާ ދަންނަ ނަމެކެވެ. ކައިލް ކިޔައިދީފައިވާ ގޮތުން ނަމަ އެއީ އެމީހުންގެ ކުރީގެ ސަރުދާރެވެ. މިޝްއަލް ފަދައިން އިންސިއެއް ދެކެ ލޯބިވެވުމުން އޭގެ ސަޒާ ލިބިލިބި ތޭވީސް އަހަރު ވާންދެން ޖަލުގައި އޮތް ޖިންނިއެވެ. 

"އެރޭ އަހަރެން އެނބުރި އައިސް އަރްޖް އާއި ވަކިވިހިސާބުން ޒޭބާއަށް ނުރައްކަލެއް އަންނަން އޮތްކަން އިހްސާސް ވެއްޖެ. އަހަރެންގެ ހުރިހާ ބާރެއް ބޭނުންކޮށްފައި އައިއިރު ވަގުތު ކުޑަތަންވެ، ޒޭބާގެ އިއްފަތްތެރިކަން ނަގާލުމަށް ޓަކައި ތައްޔާރުވެގެން ހުރި އިންސާނަކު ކޮޓަރިއަށް ވަންނަން ތައްޔާރުވެއްޖެ. ކައިލް ހުރީ ބޭރުގައި. އޭނަގެ މަގްސަދަކީ އެއިންސާނާ އެކަން ނުކޮށްފިނަމަ އޭނަ އަމިއްލައަށްވެސް ވަދެ ޒޭބާގެ އިއްފަތް ނަގައިލުން. ޒޭބާ އަހަރެން އެހާ ދުވަހު ޖަލުގައި އޮވެފައި އައިއިރު ކައިލް އާއި ހިފައިގެން މޮޅުވާވަރަށްވުރެ ހަށިގަނޑު ބަލިކަށި. އަރްޖްގެ އެހީ ހޯދަން ބެލިއިރު އެހާ ވަގުތެއް ނެތް. އެއިންސާނާ ފުން ނިންޖަކުން ނިންދަވާފައި އޭނާގެ ސިފައަށް ބަދަލު ވުމަށްޓަކައި ހުރިހާ ބާރެއް ބޭނުން ކުރުމުން ކުރިއަށްވުރެވެސް ބޮޑަށް ބަލިކަށިވެގެން ދިޔަ. ކައިލް ހުރީ އަޑުއަހަން. ޒޭބާ ވޭނުން ރޮއި ހަޅޭތްލަވާއަޑު އިވި އޭނަގެ މަގްސަދު ހާސިލް ވީމަ ނޫނީ އެތަނުން ގުޑިވެސް ނުލާން ހުވާކޮށްގެން. އަހަރެންގެ ސިކުނޑިއަށް އައި ހަމައެކަނި ވިސްނުމަކަށްވީ އަހަރެންގެ އަމިއްލަ އަތުން ލޯބިވެރިޔާގެ އަބުރު ވެއްޔާއި މޮޑެލުން. ޒޭބާ ބަނޑުބޮޑުވާއިރު އެދަރިފުޅުގެ ބައްޕައަކީ އެހެން މީހަކަށް ވާކަށް ދުލެއް ނުކޮށްލެވުނު. ޒޭބާ އަހަރެންގެ ހަމައެކަނި އަމިއްލަ އެދުމަކަށްވީ އެންމެފަހުން މިބުނި ވާހަކަ. އެކަކުވެސް ބޭނުންވާނެތަ ތިމާގެ އަނބިމީހާގެ ބަނޑުގައި ހިލޭ ފިރިހެނެއްގެ ދަރިއަކު އަށަގަންނަން؟" މިޝްއަލް އެންމެ ފަހު ވަގުތު އަނބިމީހާއޭ މުޚާތަބުކުރުމުން އުއްގަނޑެއް ވިރިގެންދާ ފަދައިން ޒޭބާގެ ހިތް ވިރިގެން ދިޔަހެން ހީވިއެވެ. ދެލޮލުން ކަރުނަ އައީ ހިފެހެއްޓުމެއް ނެތިއެވެ. މިޝްއަލްގެ އަންބެއްގެ ދަރަޖަ ލިބުމަކީ ޒޭބާ މިދުނިޔެމަތިން އެދޭ އެންމެ ބޮޑު އެދުމެވެ. އެކަމަކު އަދިވެސް ހަތިޔާރު ބަހައްޓާފައި އަމާން ދޭކަށް އެއްބަހެއް ނުވެވުނެވެ. 

"ކީއްވެ އެންމެ ފަހަރަކުވެސް ކައިލް އާއި ވާހަކަދައްކަން މަސައްކަތް ނުކުރީ؟ އޭނަ މިޝްއަލްގެ ވާހަކަ ގަބޫލެއް ނުކުރާނެތަ؟ އެއީ މިޝްއަލްގެ ކޮއްކޮއެއްނު." ޒޭބާ އަދިވެސް މިޝްއަލް ކުށްވެރިކުރަން އުޅޭކަހަލައެވެ. "ޒޭބާ. ކައިލް އެވަގުތު އަހަރެން ބުންޏަސް އެކަމެއް ނުހުއްޓާނެ. އަހަރެން އޭނަ ދަންނަން. ޒޭބާއަށް ހީވަނީތަ އޭނާ ކޮންމެ ފަހަރަކު ޒޭބާގެ ފުރާނަ އާއި ކުޅެން އެމަސައްކަތް ކުރަނީ ޒޭބާ ދެކެ އަންނަ ރުޅިއަކުންނޭ؟ އެހެނެއްނޫން. ކައިލް ބަދަލުހިފަން މަސައްކަތް ކުރަނީ އަހަރެންގެ ކިބައިން. އޭނަ ހިތުން ފިލުވައިނުލައި އެހިފަހައްޓަނީ މާޒީގެ ހާދިސާއެއް. ކައިލް ބަދަލުހިފަނީ އެހާދިސާގެ ސަބަބުން. އެކަމަކު އޭގައި ކައިލްގެ ކުށެއްވެސް ނެތް. އެކަން އެގޮތަށް ހިނގީ އަހަރެންގެ ސަބަބުން." މިޝްއަލްގެ މޫނުމަތިން އެވާހަކަ ކުރިއަށް ގެންދަން ބޭނުންނުވާފަދަ އަސަރެއް ފައުޅުވެގެން ދިޔައެވެ. 

ޒޭބާ އިރުކޮޅަކަށް ހިމޭންވެފައި އިސްއުފުލައިލިއިރު މިޝްއަލް އިނީ ބަލަހައްޓައިގެންނެވެ. "ޒޭބްއަށް ހީވޭތަ އަހަރެން ގަސްތުގައި އެވަރުގެ އަނިޔާއެއް ދޭނެހެން. ތީ އަހަރެންގެ ދެދުނިޔެ. އަހަރެންގެ ލޯބިވާ އަނބިމީހާ." މިޝްއަލް ފެންގަނޑުތެރޭ އޮތް ޒޭބާގެ އަތް ނަގާފައި ހިމަހޯލި އިނގިލަކާއި ކުޅެންފެށިއެވެ. އެވަގުތު ޒޭބާގެ ހިތުގައި އުފެދުނު ސުވާލުގެ ޖަވާބުވެސް މިޝްއަލް ދިނެވެ. "ޒޭބް އަހަރެން ކުރިންވެސް ބުނީމެއްނު އަހަރެމެންގެ ދުނިޔޭގައި ހުރިހާކަމެއްވެސް ތަފާތޭ. އަހަރެމެންގެ ތެރޭގައި ކައިވެންޏަކީ ދެފަރާތުގެ ރުހުން. ޒޭބާ މީގެ އަށާރަ އަހަރު ކުރިން އަހަންނަށް ރުހުން ދިން ހިސާބުން ފެށިގެން އަހަރެމެންގެ މެދުގައި އޮތް ހުރަސް ނެތިގެން ހިނގައްޖެ. އެދުވަހަށްފަހު އަހަންނަށް ތީ އަނބިމީހާ." މިޝްއަލްގެ ޖަވާބުން ޒޭބާގެ ހިތުގައި ފިނިރާޅެއް ދުވެލިހެން ހީވެއެވެ. ހިތުގެ ހުރިހާ ނުތަނަވަސް ކަމެއް ނެތިފިލައި ހަމަޖެހުން ލިބިގެން ދިޔައެވެ. ހަމައެވަގުތުވެސް މިޝްއަލްގެ މޭމަތީގައި ބޯއަޅާލައިގެން އޮވެ މަޢާފަށް އެދެން ބޭނުންވިއެވެ. ޒޭބާގެ ހިތުގެ އަޑު މިޝްއަލްއަށް އިވުނީ ކަންނޭނގެއެވެ. މަޑުމަޑުން ދެއަތް އުފުލައިލާފައި އެރީތި މޫނުގެ ދެފަރާތުން ހިފަހައްޓާލާފައި ޒޭބާ އާއި ދިމާއަށް މިޝްއަލް ގުދުވާން ފެށިއެވެ. ޒޭބާގެ ހިތުގެ ތެޅުން އަވަސްވެ އަތްފައި އިތުރަށް ފިނިވެގެން ދިޔައިރު މިޝްއަލްގެ ނޭވާގެ މީރުވަސް ހުރަހެއްނެތި އެމޫނަށް އެޅެން ފަށައިފިއެވެ. 

ކޮމެންޓް 0