ލޮނުގެ އަސަރު އެކުލެވޭ ތެތް ވައިރޯޅިތަކުގެ ހަމަލާތައް މިޝްއަލްގެ މޫނަށް އަމާޒުވެފައި ވިއެވެ. ދުރުން ކަނޑުވެސް ފެންނަނީ ރުޅިއައިސްފައިވާ އެއްޗެއްގެ ގޮތުގައެވެ. އެއްއަތުން ދޮރުފޮތިގަނޑާއެކު ދޮރުކަނީގައި އަތް ވިއްދާލައިގެން މިޝްއަލް ހުރީ ކަނޑާއި ދިމާއަށް ބަލާށެވެ. އެމޫނުގައި ވީ ވަރުބަލި ކަމެވެ. ލޮލުގައި ވޭނެވެ. ރޭގަނޑުގެ އެއްދަން ފާއިތުވެގެން އެދިޔައީ ޒޭބާ ހޯދަން މިޝްއަލް ކުރި ބުރަ މަސައްކަތުގެ ނަތީޖާ އޭގެ އެންމެ ހިތިގޮތަށް ލިބިގެންނެވެ. މިޝްއަލް މާޔޫސްވެއްޖެއެވެ. ޒޭބާ ހަމަ ހުރެލާފައި ވައިގެ ތެރެއަށް ޣައިބު ވީ ހެއްޔެވެ؟ އަނެއްކާ ކައިލްގެ ޝައްކު ރަނގަޅީ ހެއްޔެވެ؟ ޒޭބާ ގެންދިޔައީ އަރްޖް ކަމަށްވިއްޔާ އެހެން އެކަކަށްވެސް ނުފެންނަ ގޮތަށް ވަންހަނާކޮށްގެން ގެންގުޅިލުމުގެ ބާރު އަރްޖްގެ ވެއެވެ. މިޝްއަލް ހިތަށް އެރި އެއްޗަކުން ދާންވެގެން އެނބުރިލިތަނާ ކައިލް ފެނިގެން ސިހިއްޖެއެވެ. 

"މިޝްއަލް ބޭނުމިއްޔާ އަހަރެން އެހީވެދީފާނަން." ކައިލް ނުހަނު މަޑުމައިތިރި އަޑަކުން ބުނެލިއެވެ. "ޒޭބާ އެއީ ހަމައެކަނި އަހަރެންގެ މައްސަލައެއް. އަހަރެން އޭނަ ހޯދަފާނަން." މިޝްއަލް އަނެއްފަރާތަށް މޫނު އަނބުރާލައިފައި ކައިލް ފަސްދީ ހިނގައިގެންފިއެވެ. އެވަގުތު ކައިލް ބުނި އެއްޗަކުން ހުއްޓެވުނެވެ. "އަހަރެންނަށް އިނގޭ ޒޭބާ ހޯދާނެ ގޮތް." ކައިލްގެ އަޑުގައި ޔަގީންކަން ވެއެވެ. "ކިހިނެތް؟" މިޝްއަލް ބޭނުންނުވެ ހުރެފައިވެސް އެންމެފަހުން ހަތިޔާރު ބެހެއްޓިއެވެ. "އަހަރެމެން ދެމީހުންގެ ބާރު އެއް ބާރެއްގެ ގޮތުގައި ބޭނުންކޮށްގެން ޒޭބާގެ ސިކުނޑި އާއި ހަމައަށް މެސެޖް ފޯރުކޮށްދެވިދާނެ." ކައިލްގެ ޖަވާބު މިޝްއަލްއަށް ކަމުދިޔައެވެ. ކޮންމެ ގޮތެއްވިއަސް ގޮތެއް އޮތްވާ އަތް އުރާލައިގެން މާޔޫސްވެފައި ހުންނާކަށް މިޝްއަލް ބޭނުމެއް ނުވެއެވެ. 

ސުވަރުގޭގެ ބަގީޗާއެއްފަދަ ތަނެއްގައި ޒޭބާ އޮންނަތާ އިރުގަނޑެއްފަހުން ފިޔަވަޅުގެ އަޑު އިވެންފެށިއެވެ. ޒޭބާ ތެދުވެފައި ވަށައިގެން ލޯ ހިންގަމުން ހިތާއި ދިމާއިން މޭގައި އަތް އަޅައި ހިފަހައްޓާލިއެވެ. ހަފަރާތުގައި ވަނީ ބޯ ޖަންގައްޔެވެ. މާމެލާމެލީގެ މީރުވަހާއި ގުދުރަތީ ރީތިކަމެވެ. ޒޭބާ އޮތީ މަޑު ފަތްތަކެއްގެ މެދުގައި ނުހަނު ރީތިކޮށް ބާއްވާލައިފައެވެ. މާވިން ގެއަށް އަންނަކަން އެނގިގެން މިޝްއަލް ޒޭބާ ގެންގޮސް އެނދުގައި ބާއްވާފައި އޮވެފައި މާވިން ދިޔަފަހުން ތެދުވަން އުޅެނިކޮށް މީހަކު އައިސް އަތުގައި ހިފާލިކަން އެނގުނެވެ. އެއަށްފަހު ދެން ލޯ ހުޅުވާލެވުނީ އެތަނުގައި އޮތްވައެވެ. ހީވެސް ނުވާފަދަ ފައްތަރަކަށް ދިރިއުޅުން ބަދަލު ވެގެން ހިނގައްޖެއެވެ. ކައިލްގެ ވާހަކަތަކުން ޒޭބާ އަމިއްލަ ނަފްސް ދެކެވެސް ބިރުގަނެއްޖެއެވެ. ދެން އަނެއްކާ މިހާރު އޭނާއަށް އާދެވިފައި އެވަނީ ސަރުދާރުގެ ވަކިތަކުގެ ތެރެއަށް ކަމަށްވެސް ވެދާނެއެވެ. 

ކުރިމަތިން ގަސްތައް ދުރުކޮށްލާފައި ވަނީ ދެ އަންހެން ކުދީންނެވެ. ހުދު ހެދުމުގައި ތިބި ދެކުދީންގެ ކަޅިރަވަ ރީތިވެފައި ކަޅުކުލައިގެ ފަންއިސްތަށިގަނޑު ތަނބި ކަށްޓާއި ހަމައަށް ހުއްޓެވެ. ޒޭބާ އަޖައިބުވެ އަނގަ ހުޅުވުނެވެ. ހޫރަލީނުންނޭ ކިޔަނީ މިފެންނަފަދަ ކުދިންނަށް ބާވައޭ ހިތަށް އެރިއެވެ. އެހާ ރީތިކޮށް ހިނިތުންވެގެން ހުރެ ކައިރިއަށް އަންނަން ފެށުމުން ޒޭބާ މިފަހަރު ގަތީ ބިރެއް ނޫނެވެ. އެމޫނުތައް އެއަށްވުރެ މާ މާތް ގޮތެއް ހުއްޓެވެ. ދެ އަންހެން ކުދިން އައިސް ކައިރިވެފައި ޒޭބާގެ އަތުގައި ހިފައިގެން ނެރުނީ ފެންގަނޑެއްގެ ކައިރިއަށެވެ. ހަނދުވަރުގެ އަލި އެޅިފައި ވާއިރު ރިހިފަތްގަނޑެއްހެން އެ ފެންގަނޑު ވިދައެވެ. ކުޑަވަރެއްގެ ސްވިމިން ޕޫލެއް ފަދައެވެ. ފެންގަނޑުގެ ވަށައިގެން ފެހިވިނައިން ބިންގަނޑު ފޮރުވިފައި ވާއިރު ހުދު މުތީތަކެއް ފަދައިން ކުދި ވިނަގަނޑުގެ އެކިހިސާބުން ބޯދިއްކޮށްގެން އެތައް ސަތޭކަ ކުދި މާތަކެއް އޮތެވެ. 

ދެއަންހެންކުދިން ޒޭބާގެ ގެންގޮސް ފެންގަނޑަށް އެރުވާފައި އިރުކޮޅަކުން ފެންގަނޑުމަތީގައި އޮޔާ ދެމެމުން ދިޔަތަން ފެނުނީ ރަތް ފިނިފެންމާ ފިޔައެވެ. ހުރިހާ މަންޒަރެއް ކުއްލިއަކަށް ބަދަލުވާއިރު ހީވަނީ ޖާދޫގަރެއްގެ މޮޅު އުކުޅުތަކެއް ބަލަމުންދާ ހެންނެވެ. ނޫނީ ކޮންމެވެސް ހުވަފެނެއް ފެންނަނީއޭ ހީވެއެވެ. އެކުދިން ޒޭބާ ފެންވަރުވަމުން ދިޔައިރު އަތްފޯރާ ހިސާބު މަތީގައި ސައިބޯނި ބޮކިތަކެއް ކޮޅުކޮޅަށް ދަތުރު ކުރަމުން ދިޔައެވެ. މީރުވަހުން ހުރިހާ ހިއްސެއް މަސްތުކޮށްލާފައި ވެއެވެ. ފެންގަނޑުގެ ފިނިކަމުން މުޅިމީހާ ގަނޑުވަމުން ދިޔަހެން ހީވެއެވެ. 

ފެންވަރުވާ ނިމިގެން ޒޭބާގެ ލޫޅާފަތި ހަށިގަނޑަށް މަހާލި ހުދު ހެދުން ފައިގެ ތަންބާއި ހަމައަށް ދެމިފައިވެއެވެ. އެއިސްތަށިގަނޑު ނިއުޅާލިއިރު ބުޑާއިހަމައަށް ހުރުމުން ޚުދު ޒޭބާވެސް ހައިރާންވާން ޖެހުނެވެ. އެއިސްތަށިގަނޑު އެހާ ވަރުގަދަވެފައި ދިގުކަމެއް އޭނާއަށް ކުރިން ފާހަގައެއް ނުކުރެވެއެވެ. ޒޭބާގެ ކަޅުކުލަގަދަ ދެލޮލުގެ ވިދުން ގަދަވެ ރީތިކަން އެތައް ގުނައެއް އިތުރުވެފައި ވެއެވެ. އެންމެ ބަލައިލުމަކުން އެތައް ސަތޭކަ ހިތްތައް ކަތިލެވިގެންދާހައި ތޫނެވެ. ރޫޚާނީ ބާރު ލިބެން ފެށުމާއެކު ސޫރައަށްވެސް ބޮޑެތި ބަދަލުތަކުން އަންނަމުން އެބަދެއެވެ. ޒޭބާގެ ހިތުގައި އެތައް ސުވާލެއް ބޮނޑިވެފައި ހުއްޓާވެސް ދޫ ހަރަކާތެއް ނުކުރެވެއެވެ. 

އަންހެންކުދިންތައް އޭނާ ތައްޔާރު ކޮށްފައި ނިކުމެގެން ދިޔަފަހުން އަނެއްކާ ފިޔަވަޅުގެ އަޑު އިވިގެން ބަލައިލިއިރު އަނދިރީގެ ތެރޭގައި ހުއްޓި ހުރީ ނިކަން އިސްކޮޅުންދިގު ބިޔަ ފިރިހެނެކެވެ. ބާމަތި ފުޅާވެފައި އެހަށިގަނޑު ވަރުގަދަވާނެ ވަރު އެންމެ ބަލައިލުމަކުން ޒޭބާއަށް ވަޒަން ކޮށްލެވުނެވެ. ޒޭބާ ބަލަހައްޓައިގެން ހުއްޓާ އޭނާ ފިޔަވަޅެއް ކުރިއަށް އަޅާލި ތަނާ ހަނދުވަރުގެ އަލި އެޅިފައި އެމޫނު ފާޅުވެގެން ދިޔައެވެ. މާޝަﷲ! ކޮންފަދަ ފުރިހަމަ މޫނެއް ހެއްޔެވެ؟ ޔަގީނުންވެސް އެއީ އިންސިއެއްގެ ސޫރައެއް ނޫނެވެ. ވިދުންގަދަވެފައި އެހާމެ ކަޅު ދެލޮލެވެ. ބޯކޮށް އިސްތަށިފަޅާފައިވާ ދެ ބުމަ އާއި ހަތަރެސްކަން ބައްޓަމަށްވާ މޫނެކެވެ. ބޮލުގެ އިސްތަށިގަނޑު ކަނދުރާ އާއި ހަމައަށް ހުއްޓަސް ހާދަ ހަރުދަނާ ޝަހުސިއްޔަތެކެވެ. ޖެހިލުން ކުޑަވެފައި ފެންނަމީހުންގެ ހިތްތައް ވިރުވާލާފަދަ ތޫނުކަމެއް އެބެލުމުގައި ވިއެވެ.

ހަތަރުކަޅި ހަމަވެފައި ޒޭބާއަށް އެސްފިޔައެއް ނުޖެހުނެވެ. ހިތާއި ރޫޚުން ނޭނގޭ ޖަޒުބާތެއްގައި ބަނދެވިގެން ދާންފެށިއެވެ. ދަމާބާރަކުން އޭނާ އެމީހާ އާއި ދިމާއަށް ގެންދަން އުޅޭހެން ހީވިއެވެ. މަޑުމަޑުން ކުރިއަށް އެޅެމުން ދިޔަ ފިޔަވަޅުތައް އޭނާ އާއި ކައިރިއަށް ގެންގޮސް ކުރިމަތީ ހުއްޓުނުހާއިރުން ޒޭބާ ސިއްސައިގެން ދިޔައެވެ. "ޒޭބް؟ ކޮންތާކު ތިއުޅެނީ؟" އަހަރެމެން ވަރަށް ކަންބޮޑުވެފައި މިހުރީ ޒޭބް ވީތަނެއް ނޭނގިގެން. ހެޔޮހާލުގައި ހުރިއްޔާ އެކަން ވަރަށް އަވަހަށް އަންގާލަ ދީ." މިޝްއަލް އާއި ކައިލް އެއްއަޑުން ވާހަކަދެއްކީ ކޮންތާކު ހުރެ ބާވައޭ ހިތަށް އަރައިގެން ޒޭބާއަށް ވަށައިގެން ހޯދާލެވުނެވެ. "އެމީހުންނަށް މިތަނަކަށް ނާދެވޭނެ." އަރްޖް މަޑުމައިތިރި އަޑަކުން ބުނެލިއެވެ. ޒޭބާ އަނެއްކާވެސް އިސްއުފުލައިލި ތަނާ ލޮލުން ކަރުނަ އަތުވެއްޖެއެވެ. ކިހިނެތް ކަމެއް ނޭނގުނަސް އެއީ ކާކުކަން ހަމަ ކުއްލިއަކަށް އިހްސާސްވެގެން ދިޔައެވެ. ގަބޫލުކުރަން ބޭނުން ނުވިއަސް ހަގީގަތާއި ދެކޮޅެއް ނުހެދޭނެއެވެ. އޭނާ ޖިންނި އަކަށް ވީ ކިހިނެއް ކަންވެސް މިއޮތް އެނގުނީއެވެ. 

"ތިޔަ ހީވީ ރަނގަޅަށް. މީ ޒޭބާގެ ބައްޕަ." އަރްޖްގެ ބަރު އަޑުން އިތުރަށް ބުނެލިއެވެ. "މީގެ ތޭވީސް އަހަރު ކުރިން އަހަރެން ޒޭބާގެ މަންމަ ދޫކޮށްލާފައި ދިޔައީ ތި ދެމައިންގެ ސަލާމަތަށް ޓަކައި. ތިދެމައިންނަށް އާދައިގެ ދިރިއުޅުމެއް ހޯދައިދިނުމަށް ޓަކައި. އެހެން އިންސާނުން ފަދައިން ދުނިޔޭގައި އުޅެ މަރުވެގެން ދާން އެދެވުނީތީ. އަހަރެން އަމުރާއި ހިލާފުވެގެން އޭގެ ސަޒާއެއްގެ ގޮތުން ޒޭބާގެ މަންމައަށް މަރުގެ ނިޔާ އިއްވުމަށްފަހުވެސް މަރައެއްނުލެވޭ. އެކަން އެނގެނީ ހަމައެކަނި އަހަރެންނާއި ޒޭބާގެ މަންމަ މަރާލަން ހަވާލުވި ޖިންނިއަށް. އެޖިންނި ވަފާތެރިވީ އަހަރެންނަށް. ނާދިޔާ ބަނޑުބޮޑުކަން އެނގުމާއެކު އަހަރެންނާއި އަހަރެންގެ ވަފާތެރި ޖިންނިއަށް އެނގުނު ކަންތައްވާނެގޮތް. ޒޭބާގެ ޚަބަރު އެނގިއްޖެނަމަ ހުރިހާ ޖިންނިންގެ ފައުޖްއެއްކޮށް ޒޭބާއަށް ޓަކައި އަންނާނެކަން އެނގޭތީ އަހަރެމެންނަށް ފެނުނު އެންމެ މޮޅު ގޮތަށް ކަންތައް ކުރީ. ނާދިޔާ ޒޭބާ ކުޑައިރު އެބަޑި އެޅުވީ ޒޭބާ މުޅި އުމުރު އިންސާނެއްގެ ގޮތުގައި ހޭދަކުރިޔަދޭން ވެގެން. އެކަމަކު ތަގްދީރަކީ އެއަށް ފިލޭނެ އެއްޗެއް ނޫން." 

އަރްޖްގެ ވާހަކައިން އެނގުނީ އަރްޖް ޒޭބާދެކެ ވާ ލޯއްބެވެ. ތޭވީސް އަހަރުވާންދެން އެހެން މީހަކަށް ބައްޕަ ކިޔައިގެން އުޅުނެއްކަމަކު ހަގީގަތް ހަމަ އެނގޭއިރަށް އެހިތް އަރްޖްއަށް ޓަކައި ކުލުނުން ފުރިއްޖެއެވެ. މީހުންނަށް އަބަދުވެސް ހީވެފައި އޮންނަނީ މައިންބަފައިން ދަރިން ދޫކޮށްލަނީ އެކުދިންގެ މައްޗަށް ކުލުނު ނެތިގެން ބޭނުން ނެތިގެން ކަމަށެވެ. އެކަމަކު އަރްޖް އެދައްކައިދިނީ އޭގެ އިދިކޮޅެވެ. ލޯބިވާ ދަރިފުޅާއި އަނބިމީހާއަށް ޓަކައި އަރްޖްގެ މުޅި ދިރިއުޅުން އަނދިރި ޖަލެއްގައި ހޭދަ އެކޮށްލީ ކޮންފަދަ ވަރުގަދަ ގުރުބާނެއް ދީފައި ހެއްޔެވެ؟ އިންސީންނާއި ޖިންނީންނަށް އެއީ ވަރުގަދަ މިސާލެކެވެ. 

އެ ހުރިހާ ދުވަހު އަރްޖް ހިތުގައި ހިލަ ބާއްވައިގެން އުޅެނިކޮށް މިޝްއަލް އާއި ބައްދަލުވެ މިޝްއަލްގެ ވާހަކަ އިވުމުން އަނެއްކާވެސް މާޒީ ހަނދާންވެ ހިތް ބަލިކަށި ކަމުގެ ވަގުތުކޮޅެއް އިޚުތިޔާރު ކުރީއެވެ. އެހެން ނޫންނަމަ އަރްޖް ދުވަހަކުވެސް އެނބުރި އެބިމަށް ނައީހެވެ. ނާދިޔާގެ މަރަށްފަހު އަރްޖް ބޭނުންވީ ޒޭބާގެ ދިރިއުޅުން ކުރިއަށް ދާ ގޮތް ބަލާށެވެ. އެކަމަކު މިޝްއަލްއަށް ވެސް އެދަރިފުޅުގެ ޚަބަރު އެނގިދާނެތީ އަނބިމީހާ މަރުވި ވާހަކަ ބުނެފައި އެނބުރި ދިއުމުގެ އެކްޓް ޖެއްސީއެވެ. އަރްޖް ޒޭބާއަށް ފާރަލަމުން ދަނިކޮށް މިޝްއަލްގެ ބައިވެރިޔަކީ ޒޭބާކަން އެނގިއްޖެއެވެ. ޒޭބާގެ ބަޑި ނެތްކަން އެނގުމުން އަރްޖް ނިންމީ އެކަކަށްވެސް ނޭނގި ސަލާމަތީ ފިޔަވަޅު އަޅާށެވެ. އެކަން މާ ފަސޭހައެއް ނުވިއެވެ. މިޝްއަލް އާއި ކައިލް އަކީ ވެސް ބާރުތަކެއް ލިބިފައިވާ ދެ ޖިންނީންނަށް ވުމުން އެމީހުންނަށް ޝައްކެއްނުވާނެ ގޮތަކަށް ކަންކުރަން ޖެހުނެވެ. ދެން ކަންތައްވީ ޚުދު އަރްޖްވެސް އުންމީދު ނުކުރާ ގޮތަށެވެ. މިޝްއަލްމެނަށްވެސް ޝައްކު ނުވެ ހުއްޓާ ޒޭބާއަށް އެނގިއްޖެއެވެ. އިންސާނަކާއި ޖިންނިއަކަށް ލިބޭ ދަރިއަކަށް ލިބިގެންދާނެ ބާރުތަކަކީ ކޮބައިކަން އަރްޖްއަށްވެސް މުޅިއަކުން ނޭނގެއެވެ. ޔަގީންވާ އެއް ކަމަކީ ޖިންނިއެއްގެ ބާރުތަކާއި އެކު އިންސިއެއްގެ ސިކުނޑި ލިބިއްޖެ މަހުލޫޤަކީ މުޅި ދުނިޔެއަށް ގޮންޖަހާލާނެ މަހުލޫޤަކަށް ވާނެ ކަމެވެ. 

ޒޭބާއަކީ އަރްޖްގެ ދަރިއެއްކަން އެނގޭއިރަށް ސަރުދާރުގެ ޖިންނީން ޒޭބާ މަރާލަން ބޭނުންވާ މިންވަރު އެތައް ގުނައެއް އިތުރުވެގެން ދާނެއެވެ. ޒޭބާ ދިރި ބަހައްޓައިގެން އެބައިމީހުން ފަހަރެއްގައިވެސް އަމިއްލަ ދިރިއުޅުން ނުރައްކަލަކަށް ވައްޓައެއް ނުލާނެއެވެ. 

އަރްޖް އަކީ ބައްޕަ ކަން އެނގިގެން ޒޭބާ ދައްކަން ބޭނުންވި އެތައް ވާހަކައެއް ވިއެވެ. އެބައްޕަ ރަނގަޅަށް ދަސް ކުރަން ބޭނުންވިއެވެ. އެ އުންމީދުގައި ވާހަކަދައްކަން ވެގެން އަނގަ ހުޅުވަން އުޅެނިކޮށް ބަނޑުގައި ވޭން އަޅައިގަތީ މިހެނަކުން ނޫނެވެ. ދިރިހުއްޓާ ގޮހޮރު ދަމައިގަތް ކަހަލައެވެ. ޒޭބާގެ ކަރުތެރޭން ނިކުތް ވޭނީ ހަޅޭކުގެ އަޑާއިއެކު ހުރިތަނަށް ވެއްޓެން ދަނިކޮށް އަރްޖް ކައިރިވެލާފައި ޒޭބާ ހިފަހައްޓާލިއެވެ. ޒޭބާގެ ހަޅޭކުގެ އަޑަށް ދުވެފައި އައި އަރްޖްގެ ދެ ވަފާތެރީންނަށް ފެނުނު އިރު ޒޭބާ އޮތީ އަރްޖްގެ އަތުތެރޭގައި ލޯމެރިފައެވެ. 

"ޒޭބް އާއި ހަމައަށް އަހަރެމެންގެ މެސެޖް ނުފޯރަނީތަ؟" މިޝްއަލް ކަންބޮޑުވެފައި ހުރެގެން ސުވާލު ކުރިއެވެ. މިޝްއަލް ހާސް ކަމާއެކު ދެކޮޅަށް ހިނގަމުން ދިޔައިރު ކައިލް ހުރީ ދުރުގައި ހަށަން ބަނދެލައިގެން ހުއްޓި ބޭރު ބަލާށެވެ. ކައިލްގެ ސިކުނޑީގައި އެނބުރެމުން ދަނީ ކޮން ހިޔާލުތަކެއްކަން ހޯދަން ދައްޗެވެ. އެކަމަކު ސިކުނޑީގެ ވަރުގަދަ ރޭވުންގަނޑެއް ކުރިއަށް ދާ ހެން ހީވެއެވެ. "ވެދާނެ ޒޭބާ ޖަވާބު ދޭން ބޭނުން ނުވަނީ ކަމަށް." ކައިލް ދުރު ބަލަން ހުރެގެން ފަރުވާކުޑަ ޖަވާބެއް ދިނެވެ. "ކީއްވެ ޖަވާބު ދޭން ބޭނުން ނުވާނީ. ތީ ކައިލްގެ ކުށްހީއެއް. އަހަރެންނަށް އިނގޭ ޒޭބާ." ކައިލްގެ ޖަވާބު މިޝްއަލް އަކަށް ކަމަކު ނުދިޔައެވެ. "އެކަމަކު އެ މެސެޖް އޭނަ އާއި ހަމައަށް ނުފޯރާނެ ގޮތެއް ނޯންނާނެ. މަށަށްވެސް އެވަރު ޔަގީން." ކައިލް ހަމަ އެރާގުގައި ވާހަކަދެއްކިއެވެ. "ވެދާނެ އެއްނު ޒޭބާ އޮތީ ހެޔޮހާލުގައި ނޫން ކަމަށް." މިޝްއަލްއަށް ބުނެވުނު އެއްޗަކުން މޫޑް ހަރާބުވެގެން ދިޔައެވެ. 

"ކައިލް ކޮންކަމަކާ ތި ވިސްނަނީ؟" މިޝްއަލް ބޮލުގައި ހިފަހައްޓައިގެން ހުރެފައި ބަލައިލިތަނުން ކައިލްގެ ހިމޭންކަން ފާހަގަ ކުރެވުނެވެ. މިޝްއަލްއަށް އެނގެނީ ކައިލް އެގޮތަށް ހިމޭނުން ހުރެގެން އާދައިގެ ކަމެއް ނުރާވާނެ ކަމެވެ.

"ލޫސީ އާއި މެދު މި ވިސްނަނީ." ކައިލް ފާޅުގައި ބުނެލިއެވެ. "ލޫސީ އާއި މެދު ކީއްވެ؟" މިޝްއަލް ހާސްވެފައި ހުރިވަރުން އެއްވެސް ކަމެއް ހަނދާންނެތެވެ. " ލޫސީ ހޭ އަރައިފިއްޔާ ހުރިހާ ކަމެއް ހަނދާންވާނެ. އޭރުން ޒޭބާއަށް އެކުރިމަތިވަނީ އިތުރު ނުރައްކަލެއް. ލޫސީ ޒޭބާގެ ސިއްރުތައް ގޭމީހުނަށް ކިޔައިދޭ ހިސާބުން މިދޭތެރެއަށް ފަނޑިތަ ނުވައްދާނެ ހަމަ އެއްގޮތް ނޯންނާނެ. އިންސާނުން..." ކައިލް އެންމެފަހު ޖުމްލަ ފުރިހަމަ ނުކޮށް މަލާމާތުގެ ގޮތަކަށް ހިނިތުންވެލާފައި ދެފަރާތަށް ބޯ ހޫރުވާލިއެވެ. 

"ކައިލް ނޫން. ނޫން. ލޫސީއަށް ގޮތެއް ނުހަދާތި!" މިޝްއަލް ވިސްނަން ހުއްޓާ ކައިލް ނިކުމެގެން ދާން ފެށުމުން ބާރަށް ގޮވާލިއެވެ. އެކަމަކު ކައިލް އެއަޑެއް ނާހައެވެ. މިޝްއަލްއަށް އެއްވެސް ފުރުސަތެއް ނުދީ ވިދުވަރެއްހެން ލޯމަތިން ގެއްލުނެވެ. 

މެންދަމުގެ ހިމޭން ވަގުތެވެ. އަލިފަނޑު ކޮށްފައިވާ ބޮކިތަކުގެ އަލީގައި މުޅި އޭޑީކޭވެސް ނިދާފައި ވާކަހަލައެވެ. މާވިން އިނީ ލޫސީ އޮތް އެނދާއި ގޮނޑިއެއް ކައިރި ކޮށްލައިގެންނެވެ. ލޫސީގެ ހިމަ ހޯލި އިނގިލިތައް މާވިންގެ މުށުތެރޭގައި ހިފަހައްޓާލައިގެން އިނދެ އެރީތި ލޮލުން ކަރުނަ އޮއްސަމުން ދިޔައެވެ. ނިދާފައިވާ ތުއްތު ކުއްޖެއްހާ ލޫސީގެ އެމޫނު މައުސޫމެވެ. މާވިން ބަލަން އިންދާ ހަމަ ކޮންމެ ވަގުތެއްގައިވެސް ލޯ ހުޅުވާލަފާނެ ކަހަލައެވެ. ތެދުވެފައި މާވިންގެ ކަރުނަތައް ފުހެދެމުން ނޮރޯށޭ ބުނެލަން އުޅޭހެން މާވިންއަށް ހީވި ކިތަންމެ ވަގުތެއް އައެވެ. އެހާ އުފާވެރިކޮށް ހުރިހާކަމެއް ވެފައި ދިމާވި ކުއްލި ހާދިސާއިން މާވިންގެ ހިތްވަނީ ކުދި ކުދި ވެފައެވެ. ހިތާއި ދުލުން އަބަދާއި އަބަދު ކުރެވެނީ ލޫސީ ރަނގަޅު ވެގެން އެނބުރި ތެދުވޭތޯ ކުރާ ދުޢާއެވެ.

ނިދި އަންނަ ގޮތްވެގެން އެނދުގެ ކައިރިފަށުގައި ބޯ އަޅާލައިގެން މާވިން އޮތްވާ ކުޑަކޮށް ނިދުނު ފަހުން މީހަކު ކޮށްޓައިލިއެވެ. މާވިން ބޯ ހިއްލާލާފައި ބަލައިލިއިރު ނަރުސް ކުއްޖެކެވެ. މާވިން އެކުއްޖާއަށް ފުރުސަތު ދީފައި ތެދުވެގެން ދުރަށް ޖެހިލައިފިއެވެ. ކުރު ފިޔަވަޅުތަކެއްގައި ކުޑަ ދޮރާއި ދިމާއަށް ގޮސް ހުއްޓި ބޭރު ބަލަހައްޓައިގެން ހުއްޓާ ހިތަށް އެރި އެއްޗަކުން ނިއްކުރިއަށް ރޫ އަރައިގެން ދިޔައެވެ. މާވިން އަވަހަށް އަތުކުރީ ގަޑިއަށް ބަލައިލިއެވެ. ނަރުސް ކުއްޖާ އައިސް ކުރަން ހުރި ކަމެއްވިއްޔާ ކޮށްފައި ދިޔަފަހުން އަދި ބައިގަޑިއިރުވެސް ނުވެއެވެ. ނިދިފައި ހޭލެވެމުން ބައިގަޑިއިރުވެސް ދެތިން ގަޑިއިރުހެން ހީވީއެވެ. މާވިން ކަންބޮޑުވެފައި އަވަސްއަވަހަށް އެނބުރި ބަލައިލުމާއެކު ހަޅޭއްލަވައި ގަނެވުނެވެ. ނަރުސް ކުއްޖާއެއް ނެތެވެ. އޭނާ ޣައިބުވީ ވައިގެ ތެރެއަށް ނޫން ކަމެއްވެސް ނޭނގެއެވެ. މާވިންއަށް ފެނުނީ ލޫސީގެ ހަށިގަނޑަށް ގުޅާފައިވާ މެޝިންތަކުގެ ވާގަނޑުތައް ކަރަންޓް ބޯޑާއި ވަކިކޮށްލާފައި ވާތަނެވެ. އެވަގުތު ލޫސީ ލަމުން ދިޔައީ ފުން ނޭވާ ތަކެކެވެ.

ކޮމެންޓް 0