ބްލޭންކެޓް އެއްފަރާތް ކޮށްލާފައި ޒޭބާ ފުންމައިގެން ތެދުވެ އިށީނެވެ. ދެއަތުން މޫނު ފޮރުވާލައިގެން އިނދެ ސިކުންތުކޮޅެއް ދިޔައެވެ. އެ ދެއަތްތިލަ މޫނުން ވަކިކޮށްލުމާ އެކު ލުއި ލުއި ހުނުމެއްގެ އަޑުން ކޮޓަރީގެ ހިމޭންކަން ނަގާލައިފި އެވެ. ޒޭބާ ހެނީއެވެ. އެ ދޮން މޫނަށް ވެރިވެފައި ވަނީ މަޑު ރަތްކުލަ އެކެވެ. އެ އަޑަށް ނިދިން ހޭލެވުނު ލޫސީ މޫނު ކުނިކޮށްގެން އޮވެ ބްލޭންކެޓް ދުރުކޮށްލާފައި ބަލައިލިއެވެ. "ގްގްގްރްރްރްރް....." ލޫސީ ދެ ދަތްޕިލާ ޖައްސައި ބާރުކޮށްލަމުން ރުޅިއައިކަން އަންގައިލިއެވެ. ޒޭބާގެ އަޑު ކުރިއަށްވުރެ ވެސް ގަދަވެގެން ދިއުމުން ލޫސީއަށް ނޯވެވިގެން ޒޭބާގެ ބުރަކަށީގައި ތަޅައިގެންތަނާ އަޑު ކެނޑިއްޖެއެވެ. ލޫސީއަށް ހީވީ ދެން އެކަން އެ ނިމުނީ ކަމުގައެވެ. އެހެންވެގެން އަނެއްކާވެސް މޫނާއި އެކު ބްލޭންކެޓް އަޅައި ފޮރުވާލަމުން ނިދޭތޯ ލޯމަރައިލިއެވެ.

"ލޫސީ. ލޫސީ. އިޓްސް މިޝްއަލް. އަހަރެންނަށް މިހާރު އޮޅުންފިލައިފި. އަހަރެންގެ ކުޑައިރުގެ އެކުވެރިޔަކީ މިޝްއަލް. ޑޭ އެން ނައިޓް އަބަދު ހިޔާލަށް ފެންނަ ކުޑަ ފިރިހެންކުއްޖާ އަކީ އޭނަ. ރާއްޖެ އައިފަހުން އަހަރެންގެ ހަނދާންތަކާއި ގުޅިފައިވާ މީހަކީ މިޝްއަލް." ޒޭބާ ލޫސީގެ ގައިމަތީ އޮތް ބްލޭންކެޓް ދަމައިގެންފައި ދުރަށް ހޫރައިލިއެވެ. އުފަލުން އޭނާ މޮޔަވަނީއެވެ. ހެމުން ހެމުން ގޮސް ލޮލުން ފެން އަންނަން ފަށައިފިއެވެ. ހޭވިފައިވާ އިސްތަށިގަނޑު މޫނު މައްޗަށް ފޭބުމުން އެ އިސްތަށިތައް އެއްފަރާތް ކޮށްލާކަށްވެސް ނޫޅެއެވެ. "އަދިވެސް ތިއުޅެވެނީ ހުވަފެނެއްގައި ކަންނޭނގެ. ހަމަ ކުއްލިއަކަށް ކިހިނެއް އެނގުނީ އެއީ މިޝްއަލް ކަމެއް؟" ލޫސީ ގަބޫލު ނުކުރެވޭ ރާގަކަށް ބުނެލިއެވެ. "ގަބޫލުކުރޭ ލޫސީ. އައި ޖަސްޓް ނޯ." ޒޭބާގެ ހިނިގަނޑު މަތަވެ ހިޔާލުތަކުގެ ތެރެއަށް ގެނބުނެވެ. ވިސްނި ވަރަކަށް މިޝްއަލްގެ ހަނދާންތައް ސިކުނޑީގެ ވަށައިގެން އެނބުރެމުން އޮޅުން ފިލަމުން ދާން ފެށިއެވެ. 

ޒޭބާ އާއި މިޝްއަލް ފުރަތަމަ ބައްދަލުވި ދުވަހަކީ ޒޭބާގެ ފަސްވަނަ އުފަންދުވަހެވެ. ތަނބިކަށްޓާއި ހަމައަށް އަންނަ ހުދު ކުލައިގެ މެކްސީގައި ޒޭބާ ހީވަނީ ކުޑަ ޕަރީއެއް ހެންނެވެ. އެންމެ ރީތިވަރަށް މަސްޖަހާފައިވާ ކޯތާފަތާއި މޫނު ދޮންކަމުން ޖަޕަނީސް ޑޯލް އެއްފަދައެވެ. މަންމަ އެއްބަނޑުގައި ހުންނަ ޒުލްފާ ދައްތަގެ ކުރީގައި ހުރެގެން ސިޑިން ފޭބިއިރު ސިޓިން ރޫމް ތެރޭގައި އެންމެން އިންތިޒާރުގައި ތިއްބެވެ. ޒުލްފާގެ ފިރިމީހާ ސައިފުﷲ އާއި އެމީހުންގެ ދެއަހަރު ވީ ދަރިފުޅު ލޫސީގެ އިތުރުން ޒޭބާގެ ކުލާސް ކުދިންތައް އެތަނަށް ޖަމާވެފައި ވެއެވެ. އެކަމަކު ޒޭބާ އެތަނުން އެންމެ ދެކެން ބޭނުންވި މޫނެއް ނުފެނުނެވެ. 

"މަންމީ. ކޮބާ ބައްޕި؟" ޒޭބާ ދުވެފައި ގޮސް މަންމަގެ ދެފައިގައި އޮޅުލައިގަނެފައި ސުވާލުކުރިއެވެ. ކުޑަ ކުޑަ ޒޭބާގެ ސުވާލުން ނާދިޔާގެ މޫނުމަތި ބަނަވެއްޖެ އެވެ. އޭނާއަށް ބަލައިލެވުނީ ޒުލްފާމެން ދެމަފިރިންނަށެވެ. "ޒޭބް. ދޫނި އާދެބަލަ! ބައްޕި ވަރަށް ބޮޑަށް ބިޒީވެގެން ނާދެވޭނެ ކޭކު ފަޅާކަށް. އެކަމަކު ބައްޕި ނިމިގެން އަންނަން ވާއިރަށް ކޭކު ކޮޅެއް ފޮރުވާފަ ބާއްވާނީ ދޯ. އޭރުން ބައްޕި އާއި ޒޭބް އާއި ދެކުދިން ވެގެން ކާލާނީ. މިއަށްވުރެ ލަސްކޮށްފިއްޔާ ވާނެ ގޮތަކީ ޒޭބްގެ ހުރިހާ އެކުވެރިންތައް ގެއަށް ދާން ޖެހޭނީ. އެހާ ދަން ވާންދެން ކުޑަކުދިން ބޭރުގައި އުޅޭކަށް ނުވާނެއެއްނު ދޯ" ޒުލްފާ އެދެމައިންގެ ކައިރިއަށް ޖެހިލާފައި ޒޭބާ ގެނެސް ކައިރިކޮށްލަމުން ނުހަނު ލޯބިން ވާހަކަދެއްކިއެވެ. "ނޫން. ނޫން. ބައްޕި ނާންނަނީސް ކޭކު ނުފަޅާނަން." ޒޭބާ ރުޅި މޫނު ހަދާފައި ހަށަން ބަނދެލިއެވެ. ޒުލްފާއަށް ފަހު ސައިފުﷲ އާއި ނާދިޔާ ވެސް ޒޭބާ ރުއްސަން އެތައް މަސައްކަތެއް ކުރިއެވެ. އެހެނަސް ޒޭބާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އެންމެފަހުން އެކުއްޖާ ރޮއިގެންފައި ދުއްވައިގަތީ ގެއިން ބޭރަށް ނިކުންނާށެވެ. އިރު އޮއްސި އަނދިރިވެފައިވާ އެވަގުތު ގޯތިތެރޭގައިވާ ގަސްތަކު ތެރެއަށް ވަދެގެން ދުވެގޮސް އެތާހުރި ހުވަނދުމާ ގަހެއްގެ ދަށަށް ވަދެ އުޑަފައިން އިށީނެވެ. ޒޭބާގެ މަގުސަދަކީ ފަހަތުން ދުވަމުން އައި ޒޭބާގެ މަންމަމެންނަށް ފިލުމެވެ. ހުވަނދުމާ ގަސް، ވަށައިގެން ފެތުރިފައި އޭގެ އޮފިތައް ބިންމަތީގައި ކޭއްތޭ ވަރަށް ދިގުވެފައިވުމުން ޒޭބާކަހަލަ ކުޑަ ކުއްޖަކު އެގަސް ދަށުގައި ފިލާކަށް އެއްވެސް ކަމެއް ނޫނެވެ. އެތާ އިންނައިރު، ސައިފުﷲގެ ދެމަފިރިންނާއި ނާދިޔާ ބާރަށް ގޮވަމުން ދެކޮޅަށް ދުވާ މަންޒަރު ޒޭބާއަށް ރަނގަޅަށް ފެނެއެވެ. 

އިރުކޮޅަކުން އެމީހުން ދުރަށް ދިޔަ އަޑު އިވިގެން ޒޭބާ ތެދުވަން ހީކޮށްލިތަނާ ކަނާތު ކޮނޑަށް ހޫނުވެގެން ދިޔައެވެ. ހީވީ މީހެއްގެ ހޫނު ނޭވާ އެޅުނުހެންނެވެ. ކުޑަ ކުޑަ ޒޭބާ ތެޅިގެންފައި އެނބުރި ބަލައިލިއިރު މިޝްއަލް އިނީ ހިނިއައިސްފައެވެ. ހަތަރުކަޅި ހަމަވުމާއެކު ޒޭބާގެ ބިރުފިލައި ދިޔައެވެ. ހީވީ އެލޮލުން ސިހުރެއް ޖެއްސިހެންނެވެ. "އަހަންނަށް ކިޔަނީ މިޝްއަލް. ތީ ޒޭބާ ދޯ؟" މިޝްއަލް ފުރަތަމަ ވާހަކަދެއްކިއެވެ. ޒޭބާ ބޯޖަހާލިތަނާ އަނެއްކާވެސް ނާދިޔާގެ އަޑު އިވިގެން ދިޔައެވެ. "ޒޭބާގެ މަންމަ އެހުރީ ވަރަށް ކަންބޮޑުވެފައި. ދެން އަވަހަށް ދޭ!" މިޝްއަލް ނަސޭހަތުގެ ރާގެއްގައި ބުނެލިއެވެ. "ޒޭބާ ތިގޮތަށް ކަންތައްކުރީމަ މަންމަ ދެރަވާނެ. އަދި އެއަށްވުރެ ބޮޑަށް ދެރަވާނެ މީހަކީ ބައްޕަ. ޒޭބާ ބާތްޑޭ ކޭކު ނުފަޅައި ބޮޑާ ހޭކިކަން އެނގުނީމަ ބައްޕަގެ ހިތް ހަލާކުވާނެ." މިޝްއަލްގެ ބަސްތަކުން ޒޭބާގެ ހިތް މަޑު ކަފަކޮޅެއް ފަދައިން މަޑުވިއެވެ. އޮފިތައް ދުރުކޮށްލާފައި ތެދުވެގެން ހިނގައިގަތް ތަނާ އަނެއްކާ މިޝްއަލް ގޮވާލި އަޑަށް ފަސްއެނބުރުނު އިރު މިޝްއަލް ހުރީ ހުވަނދުމަލެއް ދިއްކޮށްލައިގެންނެވެ. "މީ އަހަރެންގެ ފަރާތުން ދޭ ހަދިޔާއެއް. ހެޕީ ބާތް ޑޭ." މިޝްއަލް ހިނިއައިސްފައި ހުރެގެން މުބާރަކްބާދު ދިނެވެ. ޒޭބާ މަލުގައި ހިފާފައި ގޮސް ގެއަށް ވަންއިރު ދެންތިބި މީހުން ހާސްވެގެން ޕޮލިހަށް އަންގަން ތައްޔާރުވަނީ އެވެ.

ދެއަންހެން ކުދިން ސައިބޯންވެގެން ތިރިއަށް ފޭބިއިރު މާވިން އާއި ހަފީޒާ މޭޒުދޮށުގައި ތިއްބެވެ. އިސްއުފުލާލިތަނާ މާވިންގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ ލޫސީ އަށެވެ. މަޑުފެހިކުލައިގެ ހަރުވާޅަކާއި އެކު ހުދު ޓޮޕްކޮޅު ގަޔަށް ހިފާފައި ހުރުމުން އެހަށިގަނޑުގެ ލޫޅާފަތިކަމާއި އުނގަނޑުގެ ހިމަކަން ފާޅުވެއެވެ. އަދި އެޓޮޕްކޮޅުގެ މޭމަތީގައި ރަތް އަކުރުން "ކިސް" ލިޔެލާފައިވާތަން ފެނިގެން މާވިންގެ ނަޒަރު އެހެން ދިމާއަކަށް އަނބުރައިލަން ދަތިވެފައި ބަލަން އިނދެވުނެވެ. މާވިން ބަލާހެން ހީވެގެން ލޫސީއަށް ވެސް ބަލައިލެވިއްޖެއެވެ. ހަތަރުކަޅި ހަމަވެފައި އަވަސް އަވަހަށް އިސްޖަހާލި ގޮތުން ކަމެއް ސިއްރުކުރަން ދެމީހުންވެސް މަސައްކަތް ކުރާ ކަހަލައެވެ.

ސައިމޭޒު ދޮށުގައި ދެކެވުނީ ޒޭބާގެ ބިއުޓީ ސެލޫން ފަށައިގަތުމުގެ ވާހަކައެވެ. އިންވެސްޓްކުރަން ބޭނުންވާ ވަރަށް އޭނާގެ އެކައުންޓަށް ފައިސާ ޖަމާކޮށްދީފައި ވަނީ މަރުހޫމު ބައްޕައެވެ. އޮސްޓްރޭލިޔާގައި އިމްރާން ކުރި ކާމިޔާބު ވިޔަފާރީގެ ގޮތްޕެއް މިހާރުވެސް ސައިފުﷲގެ ބެލުމުގެ ދަށުން މާލޭގައި ހިންގައެވެ. މާވިން މާލެ ބަދަލުވުމާއެކު އެތަނުން ފުރުސަތު އޮތްކަން ސައިފުﷲ ހާމަކުރިއެވެ. އެކަމަކު މާވިންގެ ޝައުޤުވެރިކަން ހުރީ އެހެން ދިމާއަކަށެވެ. އޭނާ ކުރިއަށް ދާން ބޭނުންވަނީ ކުޅިވަރުގެ ރޮނގުންނެވެ. ކިޔަވަން އުޅުނު ދުވަސްވަރު މާވިން ވެފައިވަނީ ކޮލެޖް މުބާރާތްތަކުގައި އެންމެ ގަދައަށް ވިދާލި ބާސްކެޓް ޝޫޓަރ އަށެވެ. އެނބުރި އައުމަށްފަހު މާވިން މިހާރު އުންމީދު ކުރަނީ ރާއްޖޭގެ މަޝްހޫރު ޓީމަކުން ޖާގައަކަށެވެ. އޭލެވެލްއަށް ފަހު ޒޭބާގެ ހުވަފެނަކަށް ވީ ބިއުޓިޝިއަންއަކަށް ވުމެވެ. އެރޮނގުން އޭނާ ކިޔެވިއެވެ. އަދި އެމީހުން ދިރިއުޅުނު ސިޓީގައި ހުރި މަޝްހޫރު ސެލޫން އެއްގައި ދެއަހަރު ވާންދެން ވަޒީފާ އަދާކޮށްފައި ވެއެވެ. މިހާ ހިސާބަށް ދިއުމުން ޒޭބާގެ މިހާރުގެ އުންމީދަކީ ގޭގައި ސެލޫނެއް ހުޅުވައިގެން އާންމުންނަށް ޚިދުމަތް ދިނެވެ.

"ލޫސީގެ އެމްބިޝަންއަކީ ކޮބައިތަ؟" ވާހަކައިގެ ތެރެއިން ޒޭބާ އަހައިލިއެވެ. މާވިން އާއި ހަފިޒާގެ ނަޒަރުވެސް ލޫސީއަށް ހުއްޓުނެވެ. އެމީހުން ތިބީ ލޫސީ ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. "އަހަރެން މުއްސަންޖަކާއި އިނދެގެން ދާނީ." ލޫސީ ލޮލުކޮޅުން މާވިން އަށް ބަލައިލިއެވެ. ހަފީޒާ ފާޑަކަށް ހިނިއައިސްފައި ހުރެގެން ތެދުވެފައި އެތަނުން ނިކުތެވެ. "ސަމާސާ ނުލައި ރީތިކޮށް ބުނެބަލަ!" ތިންމީހުން އެކަނިވުމާއެކު ޒޭބާ އެވާހަކަ ކުރިއަށް ގެންދިޔައެވެ. "ސީރިއަސްކޮށޭ މިބުނީ. ބައްޕަ ކުރީ ދުވަހަކު ދެއްކި އަހަރެން މެރީ ކުރަން ވަރަށް ރަނގަޅު ފިރިހެންކުއްޖަކު ހުރި ވާހަކަ. މުއްސަނދިވެފައި ވަރަށް ރީތި ޒުވާނެއް ކަމަށް ބައްޕަ ބުނަނީ. ދެން އެހެންނޫނަސް އަހަރެން މިހާރު ބޭނުމެއްނުވޭ ލަވް މެރިއޭޖްއެއް ކުރާކަށް. ލަވް ސަކްސް." ލޫސީ އަނގައަށް ނުބައި ވައްތަރެއް ޖައްސާލިއެވެ. "ޕިސް.ޕިސް.. އަދިވެސް އެކްސް ބޯއިފެރެންޑްގެ ކަންތައް ދޯ ތިއުޅެނީ. ކިތައް ފަހަރު އަހަރެން ބުނާނީ ހުރިހާ ފިރިހެނުން އެއްގޮތެއް ނުވާނޭ." ޒޭބާ ކެއުން ހުއްޓާލާފައި ލޫސީއަށް ބަލައިލިއެވެ. "ޒޭބާ ބުންޏަސް ތީ އަހަރެން ބިލީވް ކުރާނެ ވާހަކައެއް ނޫން. އޯލް މެން އާ ސޭމް. ޔޫސްކޮށްލާފަ އެއްލާލީމަ އެ ނިމުނީ. ބޭނުމަކާއި ނުލައި އަންހެންކުއްޖަކަށް ބަލައިވެސް ނުލާނެ މިހާރު މިއުޅޭ ޒުވާނުން." ލޫސީ ގެ ޖުމްލަ ނިމުމާއެކު މާވިން ފުންމައިގެން ތެދުވެފައި ބާރުބާރަށް ގޮސް އެތަނުން ނިކުމެގެން ދިޔައެވެ. "މާވިންއަށް ކިހިނެއް އެވީ؟" ޒޭބާ ފަސްއެނބުރި މާވިން ނިކުތް ދޮރާއި ދިމާއަށް ބަލާލާފައި އެނބުރުނުތަނާ ލޫސީވެސް ގޮނޑި ދުރަށް ޖައްސާލާފައި ދުވެފައި ގޮސް ބަދިގެއިން ނިކުތެވެ. ޒޭބާ އިނީ ވާނުވާ ނޭނގިފައެވެ. މާވިން އާއި ލޫސީގެ މެދުގައި ކަމެއް ހިނގަނީ ބާވައޭ ހިތަށް އެރިއެވެ. އެ މައުޟޫ އާއި މެދު ޒޭބާ ވަރަށް ވިސްނިއެވެ. މާވިން އާއި ޒޭބާ އަކީ ކުޑައިރުން ފެށިގެންވެސް ނުހަނު ގާތްކޮށް އުޅުނު ދެކުދިންނެވެ. އެކުގައި ސަމާސާކޮށް ސަކަރާތް ޖަހައެވެ. އެކަކު އަނެކަކަށް ޖެއްސުންކޮށް ރުޅިއަރުވާނެއެވެ. އެކަމަކު މިހާރު ކުއްލިއަކަށް މިފެންނަނީ މުޅިން ބަދަލުވެފައިވާ ދެޒުވާނުންނެވެ. އަނގައިން ބުނުން އެއްކިބައިގައި އޮއްވާ ހަތަރުކަޅި ހަމަކޮށްލަންވެސް ނޭދޭކަހަލައެވެ. އެބަދަލެއް އައިސްގެން އުޅެނީ ލޫސީ އެންމެފަހުން އޮސްޓްރޭލިޔާއަށް ގޮސް އެގޭގައި މަޑުކޮށްފައި އެނބުރި އައި ފަހުންނެވެ. ރަނގަޅަށް ވިސްނާލުމުން ޒޭބާއަށް އެކަން ޔަގީންވިއެވެ. ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވުމަށްޓަކައި އޭނާ ޖެހޭނީ ލޫސީ އާއި ވާހަކަ ދައްކާށެވެ. މާވިންގެ އަނގައިން ބަހެއް ބޭރު ކުރުމަކީ ވާނެ ކަމެއް ނޫނެވެ. އެހިތު ތެރޭގައި ފޮރުވާފައި ހުންނަ ވާހަކަތަކަކީ ބޭރުވުމެއް ނެތް ވާހަކަތަކެކެވެ. 

ކޮޓަރިއަށް ވަދެ ދޮރުލައްޕާލާފައި ލޫސީ އަލަމާރިން އަތްދަބަސް ނަގައި އެނދުމައްޗަށް އެއްލާފައި އެގެއަށް ގެނައި ހުރިހާ ސާމާނެއް އެތަން މިތަނުން ހޯދައިގެން ގެނެސް ދަބަހަށް އަޅަން ފެށިއެވެ. ލޮލުން ކަރުނަ އައީ ލޫސީގެ އަމިއްލަ އިޚުތިޔާރަކު ނޫނެވެ. މާވިން ކަންތައް ކުރިގޮތުން ޒަހަމްވެފައިވާ ހިތަށް އިތުރު އަނިޔާއެއް ލިބުނީއެވެ. އެފަރުވާ ކުޑަ އަމަލުން ލޫސީއަށް އެއްކަމެއް ގަބޫލުކުރަން މިއަދު މަޖުބޫރު ވެއްޖެއެވެ. މާވިންގެ ހިތުގައި އޭނާއަށްޓަކައި އެއްވެސް މަގާމެއް ނުވެއެވެ. 

ހެނދުނު ހޭލީއްސުރެ ދުވަސް ދިގުވެފައި ޒޭބާ ހުއްޓާ ލޫސީ އެހާ އަވަހަށް ގެއަށް ދިއުމުން އިތުރަށް ފޫހިވާގޮތްވި އެވެ. މިޝްއަލް އާއި ބައްދަލު ނުވަނީހެއް ދެން ޒޭބާގެ ހިތަށް ހަމަޖެހުމެއް ނެތެވެ. އެކަން ވާން އޮތީ އަދި އިރު އޮއްސުމަށް ފަހުގައެވެ. ޒޭބާ އިންތިޒާރު ކުރިއެވެ. ފޫހިވެގެން ވަގުތު ކުރު ކުރަން ނުކުރާކަމެއް ނެތެވެ. ޓީވީ ބެލިއެވެ. ލަވަޖަހައިގެން ނެށިއެވެ. އޮންލައިން ސައިޓްތަކަށް ވަދެ އާޓިކަލް ތަކަކާއި އެކު ފަންސާސް އެޕިސޯޑުގެ ދިވެހި ވާހަކައެއް ކިޔައި ނިންމާލިއެވެ. މާވިންވެސް ކޮޓަރިއަށް ވަންގޮތަށް ނިކުތީއެއް ނޫނެވެ. ޒޭބާ އެންމެ ފޫހިވި އެއްކަމަކީ އެއީއެވެ. މީގެ ކުރިން ޒޭބާ ފޫހިވެއްޖެއްޔާ މާވިން އަބަދުވެސް އެ ފޫހިކަން ދުރުކޮށްދޭން މަސައްކަތް ކުރެއެވެ. އެކަމަކު މިއަދު އެހެން ހުރިހާ ދުވަހަކާއި ތަފާތެވެ. 

މަޣްރިބް ނަމާދު ކޮށްލައިގެން ޒޭބާ އަވަހަށް ތައްޔާރުވާން ފެށިއެވެ. އެވަގުތަށް ހާއްސަކޮށްގެން އިސްތިރިކޮށް ތައްޔާރު ކޮށްފައިވާ މަޑުފެހިކުލައިގެ މެކްސީ ލައިގެން ނުހަނު ފަރިކޮށް އިސްތަށިގަނޑު ހަދާލިއެވެ. ދޮން މޫނުގައި ކްރީމް އުނގުޅައި އެފިޔާތޮށި ތުންފަތުގައި ލިޕް ގްލޯސް ހާކާލާފައި ބޮޑު ބޮޑު ދެލޮލުގައި އަނދުން އަޅައި އިތުރަށް ކަޅުކުލަ ގަދަކޮށްލިއެވެ. ފަށު ފުލަކަށް ހިތް ބަށްޓަމަށްވާ ޖަވާހިރެއް އެލުވާފައިވާ ހިމަ ފަށަކުން ކަރާއި ކަނދުރާ ފަޅުފިލުވައި ކަންފަތުގައި ވެސް ހަމަ އެކަހަލަ ކުޑަ ދެއެސް ހަރުކޮށްލިއެވެ. ތައްޔާރުވެ ނިމިގެން ލޯގަނޑަށް ބަލައިލިތަނާ ޚުދު ޒޭބާވެސް ލަދުގަތެވެ. މިހާވަރަށް އޭނާ ފަރިވި ދުވަހެއް ހަނދާންވެސް ނެތެވެ. ހިތަށް އެރިއެވެ. އެހާ ވަރަށް އޭނާ އެ ތައްޔާރުވީ ކުޑައިރުގެ އެކުވެރިޔާ އާއި ބައްދަލުކުރަން ހެއްޔެވެ؟ ގޭގެ ބެލް ޖަހާލި އަޑަށް ޒޭބާގެ ހިތް ތެޅިގަތް ގޮތުން ބޭރަށް ފުންމާލަން އުޅުނުހެން ހީވިއެވެ. އަވަސްއަވަހަށް ތެޅިގެންފައި ކޮޓަރިން ނިކުމެވުނު އިރު މިޝްއަލް ސޮއިކޮށްފައި ދޮރުން ބޭރަށް ނިކުންނަނީ އެވެ. ޒޭބާ އުޅުނީ މިޝްއަލްގެ ނަމުން ގޮވައި ހުއްޓުވާށެވެ. އެކަމަކު ތިރީގައި ހަފީޒާ ހުއްޓާ ފެނުމުން ހިޔާލު ބަދަލުވިއެވެ. ޒޭބާ މަޑުކުރީ ހަފީޒާ އެތަނުން ދާންދެންނެވެ.

ކުދި ފިޔަވަޅުތަކެއްގައި ސިޑީގެ ހަރުފަތްތައް ގިރާކޮށްފައި ގޮސް ޒޭބާ ދޮރު ހުޅުވާލިއެވެ. މޫނުގައި އައިސް ބީހިލި ފިނި ވައިރޯޅީގައި ވަނީ ހުވަނދުމާ ވަހެވެ. އެކަމަކު ދުރު ދުރަށް ދާންދެން އެއްވެސް ހިސާބަކުން މިޝްއަލް ފެންނާކަށް ނެތެވެ. ޒޭބާ ހިނގައިގަތީ ކުރިއަށެވެ. ގަސްތަކު ތެރޭގައި ހިނގަމުން ވަށައިގެން ލޯ ހިންގަމުން ގޮސް ހުވަނދުމާ ގަސް ހުންނަ ހިސާބަށް ބަލާލިއިރު މިޝްއަލް ހުއްޓެވެ. އަނދިރިވެފައި ވާތީ އެއީ ދުރުން ފެންނަ ކަޅުކުލައިގެ ބޮޑު ހިޔަންޏެއް ފަދައެވެ. ޒޭބާގެ މެޔަށް ފިނިވެލިއެވެ. ހިތުގެ ތެޅުން ކުރިއަށްވުރެ އަވަސްވި އެވެ. ޖިންސްގެ ޖީބަށް ދެއަތް ޖަހައިގެން ފުރަގަސްދީގެން ހުންނައިރު މިޝްއަލް ވަރަށް ރީއްޗެވެ. ފިރިހެން ވަންތަ ވެފައި ޝަހުސިއްޔަތު ވަރުގަދަ ގޮތެއް ހުރެއެވެ. ކައިރިވަމުން ދިޔަވަރަކަށް ޒޭބާގެ ހިތު ތެރޭގައި އެތަކެއް ހިޔާލު ދައުރުވަމުން ދިޔައެވެ. އެ ހިތުގެ އެއް ކަނަކުން އެދެމުން ދިޔައީ ކައިރިއަށް ހުއްޓިފައި މިޝްއަލްގެ ފުރަގަހުން އެ ބިޔަހަށިގަނޑުގައި ބައްދާލުމަށެވެ. އެކަމަކު ސިކުނޑި ކުރިމަތި ކުރުވީ ސުވާލެކެވެ. ދުވަސް ވީ އެކުވެރިޔަކާއި އަލުން ބައްދަލުވުމުން އިސްތިޤްބާލު ކުރަން ޖެހޭ ގޮތަކީ އެއީ ހެއްޔެވެ؟ 

މިޝްއަލްގެ ފުރަގަހަށް ހުއްޓިފައި ޒޭބާ ފުން ނޭވައެއް ދޫކޮށްލިއެވެ. ތެޅި ތެޅި އޮތް ހިތާއި ދިމާއިން މޭގައި އެއްއަތުން ހިފަހައްޓައިލި އެވެ. އިރުކޮޅަކުން ޒޭބާ ހިތްވަރުކޮށްފައި ކަނާއަތް އުފުލާލާފައި މިޝްއަލްގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

ކޮމެންޓް 0