މަގުމައްޗަށް ނިކުމެފައި މާވިން ޖިންސްގެ ދެޖީބަށް އަތް ޖަހާލިއެވެ. ކުރިއަށް ހިނގައި ގެންފައި ލޫސީ ނެގީ މޯބައިލް ފޯނެވެ. އޭގެ ސްކްރީނަށް ބަލާކަމަށް ހެދިފައި އޭނާ ސިއްރުން މާވިންއަށް ބަލައިލި އެވެ. ކޮންފަދަ ރީތި ކަމެއް ހެއްޔޭ ހިތާހިތުން ބުނެލެވުނެވެ. ކިތަންމެ ވަރަށް ބެލިއަސް އެސޫރަ ދެކެ ލޫސީ ފޫހިވާނެ ހެނެއް ހިއެއް ނުވެއެވެ. ދިގު އިސްކޮޅާއި ބާމަތިފުޅާ ބިޔަ ހަށިގަނޑުގައި ބީހިލަން ނޭދޭނީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟ އަށާރަ އަހަރުގައި ވެސް މާވިންގެ ފިރިހެންވަންތަ ކަން ސައުވީސް އަހަރުގެ ޒުވާނެކޭ އެއްފަދަ އެވެ. ލޫސީ އަކީ ޒޭބާގެ މަންމަ ފަރާތު މީހެއްގެ ދަރިއަކަށް ވުމުން މާވިން އާއި ތިމާގެ ކަމުގެ ގުޅުމެއް ނޯވެއެވެ. އެކަމަކު އެންމެން އެއްކޮށް އުޅޭއިރު އެކަން އެކަކުވެސް ފާހަގަ ކުރާހެނެއް ހިއެއް ނުވެއެވެ. ގޭގެ ބޮޑެތި މީހުންގެ ނަޒަރުގައި މާވިން އާއި ލޫސީގެ ގުޅުމަކީ ޒޭބާ އާއި މެދުގައި ވެސް އޮންނަ ގާތްތިމާގެ ކަމުގެ ގުޅުމެވެ. އެކަމަކު އެކަން އެގޮތަށް ޤަބޫލުކުރަން ލޫސީގެ ހިތެއް ނޭދެއެވެ.
"ކިހިނެއްވީ؟" އެހާ ސިއްރުން އުޅެނިކޮށް ވެސް މާވިން އަށް ލޫސީ ބަލާކަން ފާހަގަ ކުރެވިއްޖެ އެވެ. ހަތަރުކަޅި ބައްދަލު ވުމާ އެކު ލޫސީގެ މެޔަށް ފިނި ވެލިއެވެ. އޭނާއަށް ކުރެވުނުހާ ވެސް ކަމަކީ އަވަސް އަވަހަށް އިސް ޖަހައިލުމެވެ. އެވަގުތު މާވިން ވެސް އަނެއްކާ ކުރިއަށް ބަލަން ފެށިއެވެ. އެހާ ކައިރީގައި ތިބި އިރުވެސް ދައްކާނެ ވާހަކައެއް އެމީހުންގެ ހިތުގައި ނެތީ ކަހަލައެވެ. ޓާމިނަލް ކައިރިއަށް ދެވުމާ އެކު މާވިންއަށް ވުރެ ކުރިން ޓިކެޓް ނަގައިގެން ފެރީއަށް އަރާފައި ލޫސީ އިށީނީ ދުރުގަ އެވެ.
"ޒޭބް. މިތާގައި ކީއްކުރަނީ؟" ހަފީޒާ ހައިރާން ކަމާއިއެކު ޒޭބާގެ ކޮނޑުގައި ހިފާ މަގަތަށް އަނބުރައިލި އެވެ. ޒޭބާއަށް ހީވީ އަލުން ފުރާނަ އެޅުނު ހެންނެވެ. ފުން ނޭވާ އެއް ދޫކޮށްލަމުން އޭނާ ހަފީޒާގެ އަތުގައި ހިފައިގެން އަވަސް އަވަހަށް ގެއާއި ދިމާއަށް ދިޔައެވެ. އެތެރެއަށް ވަދެފައި ޒޭބާ ގޮސް ސޯފާގައި އިށީންދެ ދަތްދޮޅި ދަށަށް ދެއަތް ލައްވާލިއެވެ. އެވަގުތު ހަފީޒާ އަލަމާރި ހުޅުވާލާފައި ފެންފުޅިއެއް ނަގައި ތަށްޓަކަށް އަޅައިގެން އައިސް ޒޭބާގެ ކައިރީގައި އިށީންދެފައި ކުރީގެ ސުވާލު ތަކުރާރު ކުރިއެވެ. ޖަވާބު ދިނުމުގެ ކުރިން ޒޭބާ ހަފީޒާގެ އަތުގައި ހުރި ފެންތަށިން ކޯވަރެއް ބޯލާފައި ކަރު ތެންމާލިއެވެ. އެއަށްފަހު ކަންތައް ހިނގައިދިޔަ ގޮތް ކިޔައިދިނެވެ.
"ތި ވާނީ ޒޭބްއަށް ހީވި ގޮތެއް ކަމަށް. ދެން އެކަމާ ނުވިސްނާ ނިދާލެވޭތޯ ދޭ. އޭރުން ހުރިހާ ކަމެއް ރަނގަޅު ވެދާނެ." ހަފީޒާ ހިނިތުން ވެފައި ޒޭބާ ގެނެސް މޭގައި ޖައްސައިލި އެވެ. ދޮންމަންމަގެ ވާހަކަ ޒޭބާ ޤަބޫލު ކުރިއެވެ. އެހެން މީހެއްގެ ދުލުން އެއަޑު އަހާފައި ހިތަށް ހަމަޖެހުން ލިބުނެވެ. ޒޭބާގެ ފަހަތުން ކޮޓަރި އާއި ހަމައަށް ގޮސްފައި ހަފީޒާ ވަކިވީ އެވެ. އެތެރެއަށް ވަދެ ހެދުން ބަދަލު ކޮށްގެން ޒޭބާ އައިސް އެނދުގައި އޮށޯވެ ލޯމަރައިލި އެވެ. ތަންމަތި ބަދަލު ވުމުން އެއީވެސް ނިދަން ދަތިވި ސަބަބަކަށް ވިއެވެ. ޒޭބާއަށް ނިދުނީ ދެފަރާތަށް ފުރޮޅޭތާ އިރުގަނޑެއްވީ ފަހުންނެވެ.
ފަތިސްވާން ކައިރިވެފައި ހުއްޓާ ޒޭބާއަށް ހުވަފެނެއް ފެންނަން ފެށިއެވެ. ގޯތިތެރޭގައި ހައްދާފައިވާ ގަސްތަކު ތެރޭގައި ދެކޮޅަށް ދުވަމުން ދިޔަ ފަސްއަހަރުގެ ދެކުދީންނެވެ. ހެމުން ސަކަރާތް ޖަހަމުން އުފާކުރަމުން ދިޔައެވެ. އަންހެން ކުއްޖާއަކީ ޚުދު ޒޭބާއެވެ. އެކަމަކު އޭނާގެ ފަހަތުން ދުވަމުން ދިޔަ ފިރިހެން ކުއްޖާގެ މޫނު ޒޭބާއަކަށް ވަކިވާ ވަރެއް ނުވިއެވެ. ހަމައެކަނި ފާހަގަ ކުރެވުނީ އެކުއްޖާގެ ފަންއިސްތަށިކޮޅާއި ދުވެފައި ދަމުން ބިމުގައި ފައި އަޅާއިރު އެކުއްޖާގެ އެއްފައިގައި އައިބު ގޮތެއް ހުންނަކަމެވެ.
ހެނދުނު ޒޭބާ ކޮޓަރިން ނިކުމެގެން ތިރިއަށް އައި އިރު ހަފީޒާ ބަދިގޭގައި އުޅެއެވެ. ޕޭން ކޭކް ފިހެވޭ ވަސް ނޭފަތުގައި ޖެހުމާ އެކު އޭނާ ކުޅު ދިޔާވި އެވެ. ކުޑަ ކުއްޖެއްހެން އިނގިލި ތަކުގެ ކުރިޖައްސައިގެން ދުވެލާފައި ގޮސް ހަފީޒާގެ ފަހަތުގައި ހުއްޓިފައި ޕޭން ކޭކް އަޅާފައި ހުރި ތަށިން އެކަތި ޖަހައިގަނެގެން އައިސް ގޮނޑިއަކަށް ޖެހިގަތެވެ. ޒޭބާގެ އެ އަމަލުން ހަފީޒާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެކަމަކު އޭނާ އެއްޗެކޭ ނުބުނެއެވެ.
"ރޭގަ ނިދުނުތަ؟" ކުޑައިރުކޮޅެއް ފަހުން ހަފީޒާ ސުވާލު ކުރިއެވެ. ޒޭބާ ހޫމ އަޅުވާލާފައި ހަފިޒާ ގެނެސް މޭޒުމަތީ ބެހެއްޓި ތަށިން އިތުރު ޕޭން ކޭކެއް ނަގައިގެން ކާން ފެށިއެވެ. ހުވަފެނުގެ މަތިން ޒޭބާ ހަނދާންވީ އަދި މާފަހުންނެވެ. "ހަފީ މަންމަ އަށް އެނގޭތަ އަހަރެންގެ ކުޑައިރުގެ ފްރެންޑުންގެ ތެރޭގައި ފަޔަށް ތަދުވެގެން ކުއްޖަކު އުޅުނުކަން؟" ކުރެވުނު ސުވާލުގެ މޮޔަކަމާއި މެދު ޒޭބާ ހިނިވެސް އައެވެ. "ކީއްވެ ކުރި ސުވާލެއް؟" ހަފީޒާ ތަށްޓަކަށް ޖޫސް އަޅާ ފުރާލާފައި ޒޭބާގެ ކައިރިއަށް ޖައްސައިލިއެވެ. އަދި އޭނާ ވެސް ގޮނޑީގައި ހަމަޖެހިލައިގެން ހެނދުނުގެ ނާސްތާ ނަގަން ފެށިއެވެ. ލޯއުނގުޅަމުން އެތަނަށް ނިކުތް މާވިންއަށް ވެސް ޒޭބާގެ ސުވާލު އިވުނެވެ. އޭނާ ހުރީ ހޭލިގޮތަށް މޫނުވެސް ނުދޮވެ އެވެ. ލައިގެން ހުރި ދޫ ހަރުވާޅު ކިރިޔާ އުނުގައި ހަރުލާފައި ވާކަމެވެ.
"ޒޭބް ކުޑައިރު ބެސްޓް ފްރެންޑަކަށް ގެންގުޅުނީ ކޮރު އިބިލީސް." މާވިން އައިގޮތަށް އައިސް ޕޭން ކޭކެއް ނަގައިގެން އިށީންދެފައި ކާން ފެށިއެވެ. ޒޭބާގެ ގާތަށް އައި ރުޅިން މާވިންގެ ބުރަކަށީގައި ބޮނޑިއެއް އެޅިއެވެ. "ބްރަޝް ވެސް ނުކޮށް މީހުން ބްރޭކްފާސްޓް ނަގާތަ؟ ބަލާބަ ތިހިރަ ހަރުވާޅެއް. ނޭކެޑް ވާއިރުވެސް ނޭނގޭނެ މިހާރު އުޅޭ ކުދިންނަކަށް." ޒޭބާ މޫނު ހަދާފައި ދެފަރާތަށް ބޯ ހޫރުވާލިއެވެ. "ނަން އޮފް ޔޯ ބިޒްނެސް." މާވިން އަޅައެއް ނުލިއެވެ. އެވަގުތު ދުރުން ސަލާމް ގޮވާލި އަޑަށް ތިންމީހުންގެ ނަޒަރު ގޭގެ ދޮރާ ދިމާއަށް ދަތުރު ކުރިއެވެ. އެތެރެއަށް ވަދެގެން އަންނާތީ ފެނުނީ ބޭރު އަންހެނެކެވެ. ބަލާބެލުމަށް ވައްތަރީ ތައިލެންޑް ހިސާބު މީހަކާއެވެ.
"ފާތިން މީ މިގޭގައި ކައްކަން ގެނައި މީހެއް." ހަފީޒާ ތެދުވެގެން އެމީހާގެ ކައިރިއަށް ޖެހިލާފައި ތައާރަފް ކޮށްދިނެވެ. ޒޭބާ އާއި މާވިން އަނެއްކާ ވެސް ނާސްތާއާއިގެން ކުރިއަށް ދާން ފެށިއެވެ.
މެންދުރު ވާން އުޅެނިކޮށް ލޫސީ އައީ ޒޭބާ ބުނެގެން ގަސްކޮށާ ކަތުރެއް ގަނެގެންނެވެ. ގަޔަށް ފަސޭހަ ޓީޝާޓަކާއި ހަރުވާޅެއް ލައިގެން ނިކުމެފައި ޒޭބާ ފެށީ ގަސް ކޮށުމުގެ މަސައްކަތެވެ. ގުދަނުން ހަރުގަނޑެއް ގެނެސް އެއަށް އަރައިގެން، އެގޮތް މިގޮތަށް މައްޗަށް އަރާފައިވާ ދުގެތިތައް ކަތުރުން ކޮށައި އެއްވަރު ކުރަން ފެށިއެވެ. ލޫސީ ހުންނަން ޖެހުނީ ހަރުގަނޑު ހިފަހައްޓާށެވެ. މެންދުރު އަވި ގަދަކޮށްލަން ވާއިރަށް ޒޭބާއަށް ކޮށުނީ ކުޑަ ތަންކޮޅެކެވެ. ދުގެތިތައް ވަރުގަދަ ކަމުން ކޮށަން ނިކަން އުދަނގުލެވެ.
"ދެން އަނެއްކާ ހަވީރުން ކޮށާނީ." ނިއްކުރިން ދާ ފުހެލާފައި ޒޭބާ ފުން ނޭވައެއް ދޫކޮށްލިއެވެ. ދަތި ހިފައިގެން ތިރިއަށް ފައިބާފައި ދާން ވެގެން އެނބުރުނު ތަނާ އޭނާގެ ނަޒަރު ދުރުގައި ހުރި ހުވަނދުމާ ގަހަށް ހުއްޓުނެވެ. ބަލަހައްޓައިގެން ހުއްޓާ ކުޑަ ފިރިހެން ކުއްޖަކު ޒޭބާގެ ކަންފަތް ދޮށުގައި ވައިއަޑުން ގޮވާލިހެން ހީވިއެވެ. ސިހޭގޮތް ވެފައި ޒޭބާއަށް ވަށައިގެން ހޯދައިލެވުނެވެ. ލޫސީއަށް އެމަންޒަރު ފެނިގެން ސުވާލު ކުރިއެވެ.
"ލޫސީ. އަހަރެން މިގެއަށް އައީއް ސުރެ އިރު އިރުކޮޅާ ހަނދާނަށް އަންނަނީ ކުޑައިރު އަހަރެން ކޮންމެވެސް ފިރިހެން ކުއްޖަކާއި އެކު މިގޭތެރޭގައި ދުވެފައި އުޅޭ މަންޒަރު ތަކެއް. ވިސްނާ ވިސްނާ ވެސް އެއީ ކާކު ކަމެއް ހަނދާން ނުވެގެން މިއުޅެނީ. އެހެންވެ ކުރީ ދުވަހަކު ލޫސީ ކައިރީވެސް ސުވާލުކުރީ." ޒޭބާ ދުރު ބަލަހައްޓައިގެން ހުރެ ކިޔައިދިނެވެ. "އެ އުމުރުގައި ކިތަންމެ ފިރިހެން ކުދިންނަކާއި އަންހެން ކުދިންނެއް ޒޭބް އާއި އެކު ކުޅެންވެގެން މިގެއަށް އައިސް އުޅުނު." ލޫސީ ބުނެލިއެވެ. "އެކަމަކު އަހަރެންނަށް ފެންނަނީ ހަމައެންމެ ކުއްޖެއް. ހީވަނީ އެއީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއްހެން." ޒޭބާ ހިނގައިގެންފައި ގެއަށް ވަންނަން ދިޔައެވެ.
ހަވީރު ބޭރަށް ނިކުތުމުގެ ބަދަލުގައި ޒޭބާ ފެށީ އަނެއްކާ ވެސް ގަސް ކޮށުމުގެ މަސައްކަތެވެ. އޭނާގެ މަޤްސަދަކީ އެންމެ ފުރަތަމަ ގޯތިތެރެ ރީތި ކުރުމެވެ. ދުގެތިތައް އެއްވަރުކޮށް ނިމުމުން ބޭނުން ނެތް ބޭކާރު ގަސްތައް ނައްތާލާފައި ހުސްތަނުގައި މާ ބަގީޗާއެއް ހައްދާ ގޮތަށް ނިންމައި އިންދާނެ ވައްތަރު ތައްވެސް ރާވައިފި އެވެ. އެކަމަކު އެ ހުރިހާ ކަމެއް ޒޭބާ އެކަންޏެއް ނުކުރެވޭނެ އެވެ. ބޮޑެތި ފިތުރޯނު ގަސްތައް ކޮށައި އެހެނިހެން ބޭކާރު ގަސްތައް ނައްތާލުމަށް ޓަކައި އޭނާ ބަންގްލަދޭޝް ކުދިން ކޮޅަކާއި މަސައްކަތް ހަވާލުކުރަން ހުރިހާ ކަމެއް ހަމަޖެއްސި އެވެ. އެމީހުން އަންނަން ހަމަޖެހުނީ އަދި ދެދުވަހެއް ފަހަށެވެ. އެހާއިރަށް ޒޭބާ އަމިއްލައަށް ވީވަރެއް ކުރާނެ އެވެ. ޒޭބާ ގަސް ކޮށަން އުޅުނުއިރު މާވިން ވެސް ދޭތެރެއަކުން ނިކުމެ ކޮންމެވެސް އެއްޗެކޭ ކިޔަން ކައިރީގައި ހުރެއެވެ.
އިރު އޮއްސެން ކުޑަ ވަގުތު ކޮޅަކަށް ވީއިރު ދުނިޔެމަތި އަނދިރިވާން ފަށައިފިއެވެ. ޖެހެމުން ދިޔަ ވައިރޯޅިތައް ބާރުވެ އޭގައި ތެތް ފިނިކަމެއް އެކުލެވެން ފެށިއެވެ. ޒޭބާ ހުރީ އަދިވެސް ހަރުގަނޑަށް އެރިގޮތަށް މަސައްކަތުގަ އެވެ. ޝައުޤުވެރި ވެފައި ހުރިވަރުން އަނދިރިވަމުން އަންނަކަން ވެސް ޒޭބާއަށް އިހްސާސް ކުރެވޭ ހެނެއް ހިއެއް ނުވެ އެވެ. ކުއްލިއަކަށް ނޭފަތުގައި އައިސް ޖެހުނީ ހުވަނދުމާ ފޮޅޭ ވަހެވެ. ވައިރޯޅި ތަކުގެ އެހީގައި މާހައުލުގައި ހުވަނދު ލެވިއްޖެއެވެ. ދެފަހަރަކު އެތެރެއަށް ނޭފަތް ދަމާލާފައި ޒޭބާ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. ފަހަތުން މީހަކު ހިނގާފައި އަންނަ އަޑު އިވިގެން އޭނާ ހީކުރީ މާވިން އަންނަނީ ކަމަށެވެ. ފިޔަވަޅުގެ އަޑު ނުހަނު ކައިރިވެފައި ކުއްލިއަކަށް ހުއްޓުނެވެ. އެވަރުން ވެސް ޒޭބާ މަސައްކަތް ހުއްޓާކަށް ނޫޅެ އެވެ. އަދި ފަސްއެނބުރި ބަލައެއް ނުލި އެވެ.
"ހޭ ޒޭބް. އަދިވެސް ނިންމާކަށް ނުވޭތަ؟ މިހާރު އެއޮއް އިރު އޮއްސުނީ." ދުރުން މާވިންގެ އަޑު އިވިފައި ޒޭބާގެ ދެއަތް ގަނޑުވެއްޖެ އެވެ. އޭނާއަށް ފެނުނީ މާވިން ދިމާކުރިމަތިން ހިނގާފައި އަންނަ ތަނެވެ. ޒޭބާއަށް ހިންދިރުވައެއް ނުލެވުނެވެ. ދެއަތުގައި މަޑު ތުރުތުރެއް އުފެދި މުޅި ހަށިގަނޑަށް ފެތުރެން ފެށިއެވެ. ތިރިއަށް ފައިބާނީ ކިހިނެތް ހެއްޔެވެ؟ ކުޑަމިނުން ހަށިގަނޑަށް ގުޑުމެއް އަރުވާލާނެ ހިތްވަރެއް ވެސް އޭނާގެ ނެތެވެ. ޒޭބާ އެހުރިގޮތަށް ހުއްޓާ މާވިން އައިސް ކައިރިއަށް ހުއްޓިފައި ބުރަކަށީގައި އަތް ޖައްސާލުމުން ސިއްސައިގެން ދިޔަ ކުއްޖާ އަރިއަޅާލައިގެން ތިރިއަށް ދިޔައެވެ. އެވަގުތު މާވިންއަށް ނުހިފެހެއްޓުނު ނަމަ ޒޭބާ އޮންނާނީ ބިންމަތީގައެވެ.
"ކިހިނެއް ތިހެދީ؟" މާވިން ހުޝިޔާރު ކަމާއިއެކު ޒޭބާ ތެދު ކުރުވި އެވެ. "ހިނގާ އަވަހަށް ދާން." ޒޭބާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. ދޮރާއި ހަމައަށް ދެވުނު ފަހުން އޭނާ ފަސްއެނބުރި އެދިމާއަށް ބަލައިލި އެވެ. ގަސްތަކުގެ ތެރޭގައި މީހަކު ބަލަހައްޓައިގެން ހުއްޓެވެ. ނޫނީ އެއީ ޒޭބާއަށް ހީވި ގޮތެކެވެ. ބިރުގެންފައި ހުރުމުން ހިތުގައި އުފެދުނު ވަސްވާހެވެ.
ފެންވަރަން ވަދެ މާގަނޑު ދޮށުގައި ހުއްޓި ހުރެގެން ޒޭބާ ހިޔާލު ކުރިއެވެ. ބޮލަށް އެޅެމުން ދިޔަ ފިނި ފެނާއެކު އޭނާގެ ހިތުގެ ނުތަވަސްކަން ވެސް ދުރުވިއެވެ. ޒޭބާ ނިންމީ އެއީ އަނެއްކާ ވެސް ކުރެވުނު ކުށްހީއެއް ކަމުގައެވެ. މެޔާއި ހަމައިން ތުވާލި އޮޅައިލައިގެން ކޮޓަރިއަށް ނިކުމެފައި ޒޭބާ ފަންކާ އޮން ކޮށްލިއެވެ. އަދި އިތުރު ތުވާއްޔެއް ނަގައިގެން ބޮލުގެ އިސްތަށިގަނޑު ހިއްކަމުން ދަނިކޮށް އޭނާގެ ނަޒަރު ލޯގަނޑަށް ހުއްޓުނެވެ. ލޯގަނޑުން ފެންނަމުންދާ އަމިއްލަ ސޫރައަށް ބަލައިލުމުން ޒޭބާގެ ސަމާލުކަން ދަމައިގަތީ އަތުގެ އުޅަބޮށްޓަށް ވުރެ މަތީގައި އަޅާފައި އޮތް ރިހި ފަށެވެ. ފެންހިއްކުން ހުއްޓައިލާފައި ތުވާލި އެނދުމައްޗަށް ދޫކޮށްލަމުން ޒޭބާ ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓިފައި އެއަތް އުފުލައިލިއެވެ.
އަތުގެ ނުފުށަށް ވާ ހިސާބުގައި އެފަށުގައި އޮތީ ބަޑިއެކެވެ. ރިހި ބަޑިއެކެވެ. އަނެއް އަތް އުފުލައިލާފައި ޒޭބާ އެބަޑީގައި އިނގިލި ޖައްސާލިއެވެ. އޭނާ ހަނދާން ހުންނަން ފެށީއްސުރެ އެބަޑި އޮވެއެވެ. ބޮޑުވާން ފެށުމުން ފަށް ބާރުވެގެން ފަހުން އެބަޑި އެއޮތީ އެހެން ފަށަކަށް އަމުނާފައި އަތުގައި އަޅާފައެވެ. ބައްޕަ ކައިރީ ސުވާލު ކުރުމުން ބައްޕަ ބުނީ އެއީ މަންމަ ޒޭބާދެކެ ވާ ލޯބިން އެމަންމަގެ ހަނދާނަކަށް ޒޭބާ ކުޑައިރު އަޅާފައިވާ ބަޑިއެއް ކަމަށެވެ. ދުނިޔޭގައި ހުރިހާ ދުވަހަކު ސިކުންތަކަށް ވެސް އެބަޑި ހަށިގަނޑުން ވަކި ނުކުރަން ޒޭބާ އެދުވަހު ނިންމިއެވެ. އަދި އަދަށް ދާންދެން ވެސް އެކަން އޮތީ އެގޮތަށެވެ.
ދެއަތް ތިރިކޮށްލާފައި އަނެއްކާ ވެސް ލޯގަނޑަށް ބަލައިލުމާ އެކު ޒޭބާ ސިހުނެވެ. ހުޅުވާފައިވާ ކުޑަ ދޮރުން ބޯދިއްކޮށްގެން ހުރި މީހަކު ތިރިވީ ކުއްލިއަކަށެވެ. ސީދާ ނަޒަރެއް ނުދެވުނު ކަމުގައި ވިއަސް ޒޭބާއަށް އެއްކަމެއް ފާހަގަ ވިއެވެ. އެއީ އެމީހަކު ލައިގެން ހުރި ކަޅު ގަމީސް ނޫނީ ޓީޝާޓުގެ ފަހަތުގައި އޮތް ފޮތިގަނޑުން ބޯ ނިވާކޮށްފައި ހުރިކަމެވެ. އަޑުގެ ކޮޅަށް ހަޅޭއްލަވައިގެންފައި ޒޭބާ އަނެއް ފަރާތަށް އެނބުރުނެވެ. އެމީހަކު މިހާރު ތިރިއަށް ފުންމާލައިފާނެ އެވެ. އެއްއަތުން ތުވާލީގައި ހިފަހައްޓާފައި ޒޭބާ ކުޑަ ދޮރާއި ދިމާއަށް ދުވެފައި ދިޔައެވެ. ޒޭބާގެ ހަޅޭކުގެ އަޑު އަހާފައި ދުވަމުން އައި މާވިން އަށް އެކޮޓަރިއަށް ވަދެވުނު އިރު ޒޭބާ ކުޑަދޮރުން ތިރި ބަލައިލަނީ އެވެ. މާވިން ވައިރޯޅިއެއްހެން ގޮސް ޒޭބާގެ ކައިރީގައި ޖައްސާފައި ދެމީހުން އެއްކޮށް ކުޑަދޮރުން ބޭރުބަލައިލިއެވެ.
"ކޮންތާކަށް އެދިޔައީ؟ އަހަރެން... އަހަރެން ދުށިން އެމީހާ.." ޒޭބާގެ އަޑުގައި ތުރުތުރެއް އުފެދިއްޖެ އެވެ. މާވިން އޭނާގެ ކޮނޑުގައި ހިފަހައްޓާލުމުން އިތުރަށް ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. ދެލޮލުން އޮހިގަތް ކަރުނަތަކާއި އެކު ޒޭބާ ރޮއިގެންފައި މޫނުގައި ދެއަތް އަޅައި ފޮރުވައިލި އެވެ.