އެއީ ހަމަ އެދެލޮލެވެ. އެނުސިޔާނު ކަމެވެ. އެބްރައުން ކުލައެވެ. އެއީ ކައިލްގެ ބްރައުން ލޮލެވެ. ޒޭބާގެ ހުރިހާ ނާރުތައް ބުރިބުރިވެ އެތެރެ ހަށީން ލޭ އޮހޮރިގެންފިއެވެ. ރުޅިވެރިކަމާއި ހިތާމައިން ހިތް ކުދި ކުދިވެގެން ފޭބިއެވެ. މިޝްއަލްވެސް އޭނާއަށް ބޮޑު ދޮގެއް ހަދާފައި އޮޅުވައިލީއެވެ. ކައިލްވެސް އޭނާއަށް ކެހިދިނީއެވެ. ދެން އެއަށްފަހު މާ ހެޔޮބޮޑުވެގެން އެއުޅެނީ ކައްފާރާ އަދާކުރަން ހެއްޔެވެ؟

ނަރުސްކުއްޖާ އެނބުރި އައިސް ދަރިފުޅު ބޭރަށް ނެރެން އުޅޭވާހަކަ ބުނުމުން ޒޭބާ އަނެއް ފަރާތަށް އެނބުރިފައި ލޯ މަރައިލިއެވެ. އޭރުވެސް މެދުކެނޑުމެއްނެތި ލޮލުން ކަރުނަ އަންނަނީއެވެ. ހީވަނީ ދަރިފުޅުދެކެވެސް ފޫހިވެފައިވާ ހެންނެވެ. ކައިލް އަކީ އޭނާ ހީކުރިފަދަ މީހަކަށް ނުވިއެވެ. އެއީ އަމިއްލަ އެދުމުން ފޯވެފައިވާ މަހުލޫޤެކެވެ. މިޝްއަލް އާއި އޭނާ ދުރުކުރަންވެގެން ކައިލް އެންމެ ދަށު ދަރަޖައަށް ވެއްޓެންވެސް ފަހެއް ނުޖެހުނެވެ. މިއަދު ދެން މާޒީގައި ހިނގާފައިވާ އެންމެ ހާދިސާއެއް އެނގިގެން ޒޭބާގެ ހިތުގައިވާ ނަފްރަތު ފިލައިދާނެ އެއްގޮތެއް ނެތެވެ. ނަފްރަތުގެ އެހުޅުގަނޑު އިތުރަށް ހުޅުފަޅައިގެން ޒޭބާގެ ހިތާއި މޭވެސް ފިއްސަމުން ދަނީއެވެ. 

ނަރުސް ނިކުއްތާ އިރުކޮޅެއްފަހުން އަނެއްކާ ދޮރު ހުޅުވުނު އަޑު އައެވެ. ޒޭބާ އޮތީ ލޯ ހުޅުވަން ބޭނުން ނުވެފައެވެ. އެގަޑީގައި އަންނާނީ މިޝްއަލްކަން ޒޭބާއަށް ޔަޤީނެވެ. "ޒޭބް... އަހަންނަށް މާފުކުރޭ... އަހަރެންނަށް މަޖުބޫރުވީ ދޮގު ހަދަން.... ހަގީގަތް އެނގިގެން ޒޭބްއަށް ވެދާނެ ގޮތަކާއި މެދު ބިރުގަތީ.... ހިއެއްނުކުރަން މިގޮތަށް ހަގީގަތް ފާޅުވެގެން އަތުވެދާނެ ކަމަކަށް... ކައިލް އާއި ދެމީހުން އެއްސިފައެއްގައި ހުންނާތީވެ އެކަން އޮންނާނީ ސިއްރެއްގެ ގޮތުގައި ކަމަށް ހީކުރީ... އެކަމަކު އަހަރެމެން ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަން މާބޮޑު...." މިޝްއަލް އެނދު ކައިރިއަށް ހުއްޓި ހުރެގެން ވާހަކަދެއްކިއެވެ. އެރީތި ދެލޮލުން ކަރުނަތައް ވިދަމުން ދިޔައެވެ. ހަގީގަތް އެނގުމުން އޭނާއަކީވެސް ޒޭބާގެ ކުށްވެރިއެކެވެ. "އަހަރެން ބޭނުމީ އެކަނިވެލަން.... އަހަރެން ބޭނުމީ މިޝްއަލް ވެސް އަހަރެން ދޫކޮށްލާފައި ދާން." ޒޭބާގެ އަޑުގައިވި ރުޅިވެރިކަން މިޝްއަލްގެ ހިތް ތޮރުފާލިއެވެ. ހަމައެއާއެކު އަމިއްލަ ނަފްސްދެކެ ރުޅިވެސް އާދެވުނެވެ. އެދުވަހު ހަގީގަތް ފާޅުކުރިނަމަ ކަންތައްތައް މިނޫން ގޮތަކަށް ބަދަލުވެގެން ހިނގައިދާނެ ބާވައޭ ހިތަށް އެރިއެވެ. އިތުރަށް ބަހުސް ނުކުރަންވެގެން އެނބުރި ދާން ހިނގައިގެންފައި ފާރުގައި މިޝްއަލް ގޮށްމުށުގެ އެތިފަހަރެއް ވީއްލާލުމުން މުޅިތަނަށްވެސް ބިންހެލުމެއް އައިކަހަލައެވެ. ކޮޓަރިތެރޭގައި ހުރި ހުރިހާ އެއްޗެއް ތެޅިލައިގެން ދިޔައެވެ. 

ޒޭބާ ޕްރައިވެޓް ރޫމަށް ބަދަލުކުރި އިރު ހަފީޒާ ތުއްތު ދަރިފުޅު އުރާލައިގެން ގޮނޑިއެއްގައި އިނެވެ. "ޒޭބާ.. މިކުއްޖާ ހާދަ ލޯއްބޭ... މިހާ ކުޑައިރުވެސް ގިނަ ގިނައިން ލޯ ހުޅުވައިގެން އޮންނަތަން ފެންނަނީ.... މިޝްއަލް އުރާލި ތަނާވެސް ކުއްލިއަކަށް ލޯ ހުޅުވައިފި.. ޒޭބާ! މިޝްއަލް ދިޔައީތަ؟ ފަހަކުން ނުފެނޭ... އެހެންނޫނަސް އޭނައަށް ކިހިނެތް ޒޭބާ ދިމާވީ؟ ޒޭބާ ކޮންތާކު އުޅުނީ މިއަދު ހަތަރުދަމު؟ މިޝްއަލް ވަޒީފާ ދޫކޮށްލާފައި ދިޔަފަހުން އަދި ކިރިޔާ ލޮލަށް ފެނިލީ... އެކަމަކު ވަގުތުގެ ގޮތުން މަންމަ އަކަށް އަހައެއްނުލެވުނު ވަޒީފާ ދޫކޮށްލީ ކީއްވެހޭ ކިޔާފައެއް." ހަފީޒާ ތުއްތު ދަރިފުޅުގެ ހަނދެއްފަދަ ރީތި މޫނަށް ބަލަން އިނދެފައި އިސްއުފުލައިލަމުން އެއްފަހަރާ އެތައް ސުވާލެއް ކުރިއެވެ. ޒޭބާ ވާހަކަދައްކަން ބޭނުންނުވެގެން ނިދާ ކަމަށް ހެދިފައި ލޯ މަރައިލިއެވެ. ހަފީޒާ އެނގޭ ކަމަކަށް ނުހަދައި ޒޭބާއަށް ފުރުސަތު ދީފައި ތުއްތު ދަރިފުޅާއި ވާހަކަދައްކަން އިނެވެ. 

މާވިން ކޮޓަރިއަށް ވަންއިރު ލޫސީ ނިއްކުރިމަތީގައި އަތް ބާއްވާލައިގެން ވިސްނުމަކަށް ގެއްލިފައި އޮތުމުން ހައިރާން ކަމެއް ލިބުނެވެ. "ކިހިނެތްވީ؟" މާވިން ފެންވަރަން ވަންނަންވެގެން ގަމީސް ބާލާފައި ހަމައެކަނި ޖިންސަށް ހަދައިލުމުން ހަށިގަނޑުގެ ރީތިކަން ފައުޅުވިއެވެ. އަބަދު ފެނުނަސް އެވަގުތުވެސް ލޫސީގެ ހިތް އަވަސްވެލީ އެހަށިގަނޑު ދެކެފައެވެ. މާވިން އިސްތަށިގަނޑު ކުރުކޮށް ކޮށާލައިފައި ތުނބުޅި މަތިމަސްވެސް ތުނިކޮށްފައި ހުރުމުން ކުރިއަށްވުރެ ފިރިހެންވަންތަވެފައި ހަރުކުލަ ޖަހައެވެ. ގިނައިން މަޑުމައިތިރިކަން އިޚުތިޔާރުކޮށްގެން ހުންނާތީވެ ގިނަ އަންހެންކުދިންގެ އަމާޒުފަތްގަނޑަކަށް ވަނީ އެއީވެސް ފިރިހެނުންގެ ޝައުސިއްޔަތު އިތުރަށް ވަރުގަދަ ކޮށްދޭ ސިފައަކަށްވާތީއެވެ. ދެމީހުން އެކުގައި މަގުމައްޗަށް ނިކުމެފިއްޔާ ލޫސީ ހުންނަނީ އަނދައަނދައެވެ. އަންހެންކުއްޖަކު އޭނާގެ ފިރިމީހާއަށް ބަލައިލާކަށްވެސް ހިތެއް ނުރުހެއެވެ. 

"މަންމަ ގުޅާފަ ބުނީ ޒޭބްއަށް ބޭބީ ބޯއިއެއް ލިބުނު ވާހަކަ." ލޫސީ ކުއްލިއަކަށް ތެދުވެ އިށީންދެފައި މާވިންގެ ހަށިގަނޑުން ނަޒަރު ވަކިކޮށްލިއެވެ. މާވިން އެވާހަކަ އަހާފައި ކައިރީގައި ހުރި ގޮނޑިއެއްގައި އެއްއަތުން ހިފަހައްޓައިލި ގޮތަށް އިސްޖަހައިލިއެވެ. "މާވިން.. އަހަރެން ހިތަށް އަރަނީ އަހަރެންމީ ހާދަ ގޯސް އެކުވެރިއެކޭ..." މާވިންއަށް ބަލައިލެވުނުއިރު ލޫސީގެ ދެލޯ ފެންކަޅިވެއްޖެއެވެ. "ތީ ތެދެއް ނޫން." މާވިން ގޮސް ލޫސީގެ މަގަތުގައި އިށީންދެފައި އެއަތުގައި ހިފާ މުށުތެރޭގައި ބޮނޑިކޮށްލިއެވެ. އެވަގުތު ލޫސީ މަޑުމަޑުން އަރިވެލާފައި މާވިންގެ ކޮނޑުގައި ބޯ އަޅައިލައިފިއެވެ. "ޒޭބް އަހަރެންނަށް އެއްވެސް ކަމެއް ސިއްރެއްނުކުރޭ.. ފުރަތަމަ ދުވަހުން ފެށިގެން މިޝްއަލްގެ ވާހަކަތައް ކިޔައިދިން... މިޝްއަލް ޒޭބްއަށް އެއްވެސް ގެއްލުމެއްނުދޭ... އެދެމީހުން އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވޭ.. އަހަރެންނަށް އިނގޭ އަހަރެން މަރުން ސަލާމަތްކޮށްދިން މީހަކީވެސް މިޝްއަލްކަން... އައި ސޯ ހިޒް ފޭސް... ބަދަލުގައި އަހަރެން... ލޫސީގެ ލޮލުން ކަރުނަތައް އޮހިގަތުމާއިއެކު ވާހަކަ ނުދެއްކިގެން ޖުމްލަ މެދުކެނޑުނެވެ. "ޒޭބް އަހަރެންނަށް ގެއްލުމެއް ނުދޭނެ... އެއީ ޒޭބް އަމިއްލަ އިޙުތިޔާރުގައި ވީ ކަމެއް ނޫން... މާވިން! އަހަރެންމީ މިވަގުތު ޒޭބްގެ އެންމެކައިރީގައި ހުންނަންވީ ފަރާތް.. ހައު ކުޑް އައި ޑޫ ދިސް ޓު ހަރ... ހައު ކުޑް އައި ލީވް ހަރ އެލޯން..." ލޫސީ ކުޑަކޮށް ރޮއިލުމުން ހިތްވަރު ލިބިގެން އަނެއްކާ ވާހަކަދެއްކިއެވެ. 

"ލޫސީ އެކަންޏެއްނޫން މަވެސް ކުށްވެރި. އަހަރެން މީ ޒޭބްގެ ކޮއްކޮ.... މަންމައަށް ވުރެވެސް ބޮޑަށް އަހަރެންގެ ބޮލުގައި ޒޭބްގެ ޒިންމާ އެޅިފައިވޭ... އައި ހޭވް ޓު ބީ ދެއަރ." މާވިން ލޫސީގެ ބޮލުގައި ފިރުމާލާފައި ގުޅުވައިގެން ވާހަކަދެއްކިއެވެ. އިރުކޮޅަކުން މާވިން ތެދުވެގެން ފެންވަރަން ވަނީ ލޫސީ ކައިރީ ބޭރަށް ދާން ތައްޔާރުވާން ބުނެފައެވެ. 

"ދަރިފުޅާ... މިސޮރު ނުވެސްނިދިއޭ... ކޮންކަހަލަ ކުއްޖެއް މީ...؟ މިހާރުވެސް މާބޮޑުވެގަނެގެން މިއުޅެނީ." ހަފީޒާ ކުޑައެނދު ކައިރީ ގުދަށް އޮވެގެން ލުއި ހުނުމަކާއެކު ވާހަކަދެއްކިއެވެ. ގަޑިން އޭރު އެރޭ އެގާރަ ޖަހަން އުޅެއެވެ. ޒޭބާ އެދަރިފުޅުގެ ބަނޑުހައިހޫނުކަން ފިލުވައިދޭން އުޅުނުއިރުވެސް އެރީތި ބްރައުން ދެލޯ ބޮޑުކޮށްގެން ސީދާ މޫނަށް ބަލަން އޮތެވެ. ހީވަނީ އެހާ ކުޑައިރުވެސް އެކުއްޖާއަށް ހުރިހާ ކަމެއް އެނގޭހެންނެވެ. ޒޭބާ ނުބަލަން އަޒުމް ކަނޑައަޅައިގެން އޮތްވާވެސް އެއަޒުމް ގުޑުވައިލީ ދަރިފުޅު ހީލިއަޑަށެވެ. ހަފީޒާ ބުނާހެން އެއީ އަޖައިބެއްފަދަ ކުޑަ ކުއްޖެކެވެ. އެމޫނަށް ބަލައިލެވޭ ކޮންމެފަހަރަކު ޒޭބާގެ ހިތް ލޯބިން ފުރެނީ އަމިއްލަ އިޙުތިޔާރަކު ނޫނެވެ. މައިވަންތަކަމޭ ކިޔަނީ އެއިހްސާސަށް ކަންނޭނގެއޭ ހިތަށް އެރިއެވެ.

ދޮރުފަތުގައި ޓަކި ޖެހިއަޑަށް ހަފީޒާ ހިންދެމިލާފައި ގޮސް ދޮރު ހުޅުވައިލިއެވެ. ޒޭބާ އޮތީ ސީލިންގަށް ލޯ ހުއްޓާލައިގެންނެވެ. "ޒޭބާ ބަލާބަލަ! ކޮންބައެއް އައިސް މިތިބީ؟" ހަފީޒާގެ އަޑުގައި އުފާވެރިކަން އެކުލެވިގެން ދިޔައެވެ. ޒޭބާ ބަލައިލީ މާބޮޑު ޝައުޤުވެރިކަމެއް ނެތިއެވެ. އެކަމަކު މާވިންއާއި ލޫސީ ފެނިފައި އެނދުން ތެދުވަން އުޅެވުނެވެ. ލޫސީ އެތަން ފެނިގެން އަވަހަށް އައިސް ޒޭބާ ތެދުވިޔަނުދީ ކޮނޑުގައި ހިފާފައި ބާއްވާލިއެވެ. "ޔޫ ނީޑް ޓު ރެސްޓް." ލޫސީގެ އަޑުގައި ލޯއްބާއި އޯގާވަންތަކަން ވިއެވެ. ޒޭބާގެ ހިތަށް ކުރި ފުން އަސަރަކުން ލޯ ރޮތްވާލިއެވެ. "އައިމް ސޯ ސޮރީ... ލޫސީ.." ޒޭބާ ދެއަތް ޖޯޑުކޮށްލާފައި ރޮއިގަތުމުން ލޫސީއަށް ކެތްނުވެގެން އެދެއަތުގައި ހިފާ ތިރިކޮށްލިއެވެ. "ނޫން ޒޭބް. މަޢާފަށް އެދެންވީ ޒޭބްއެއް ނޫން... އަހަރެން." ލޫސީ އެގޮތަށް ވާހަކަދެއްކުމުން ޒޭބާގެ ހުރިހާ ހިތާމަތައް ފިލައި ދިޔަކަހަލައެވެ. މާވިންވެސް އެއްޗެއް ނުބުންޏެއް ކަމަކު އައިސް ކައިރިއަށް ހުއްޓިފައި ޒޭބާގެ އިސްތަށިގަނޑުގައި ފިރުމާލި ގޮތުން ޒޭބާ ބޭނުންވި މެސެޖް ލިބުނެވެ.

"ބޭބީ އަށް ކޮންނަމެއްތަ ކިޔަނީ؟" ލޫސީގެ ދެލޯ ކެތްމަދުވީ ކުޑަ ދަރިފުޅު ދެކިލަން ވެގެންނެވެ. ފަހަތުން މާވިންވެސް ގޮސް ދެޒުވާނުން އެކުގައި ކުޑަ އެނދާއި ދިމާއަށް ގުދުވެލާފައި ހައިރާންވެގެން އެކަކު އަނެކަކަށް ބަލައިލިއެވެ. "މާޝަﷲ!" ލޫސީއަށް ބުނެލެވުނެވެ. "އަހަރެން އުރައިލަންތަ؟" ލޫސީ އެނބުރިފައި ހުއްދައަށް އެދުމުން ޒޭބާއަށް ހެވުނެވެ. ދެލޯ ފުހެލާފައި އޭނާ ހިނިތުންވެފައި އެމީހުންގެ ހަރަކާތްތަކަށް ބަލަން އޮތެވެ. ހަފީޒާ އެދަރިފުޅު ނަގާފައި ލޫސީގެ އަތުތެރެއަށް ލައި ދިނުމުން އިރުގަނޑެއްވާންދެން ބަލަހައްޓައިގެން ހުއްޓެވެ. "ލޫސީ ނަމެއް ދޭންވީނު." ޒޭބާ އެއިޙުތިޔާރު ލޫސީއަށް ދިނުމުން ފޮނިވެގެން ދެލޯ ބޮޑުކޮށްލިއެވެ. "މަށަށް ރީތީ މާވިން ކީމަ...." ލޫސީގެ އެޖުމްލަ އާއިއެކު އެންމެން އެއްއަޑުން ހީގަތެވެ. "ޝޭން ރީތިތަ؟" މާވިން ހިމޭނުން ހުރެލާފައި އަހައިލިއެވެ. "އިޓްސް ޕަރފެކްޓް." ލޫސީއަށް ކަމުދިއުމުން މާވިން ހިތްހަމަޖެހުނެވެ. "ޝޭން ކިހާ ޔުނިކް..." ހަފީޒާއަށް ކަމުނުދިޔަހެން ހީވެގެން ލޫސީ ބަލައިލީ ޒޭބާއަށެވެ. އެމޫނުން އާދޭހުގެ ކުލަވަރު ފެނުނެވެ. "އޯކޭ." ޒޭބާ ހުރީ މާކުރިއްސުރެވެސް ނަން ކިއުމުގެ ޒިންމާ މިޝްއަލްއަށް ދީގެންނެވެ. ދެން މިހާރު އެހިޔާލު ބަދަލުވެފައި އޮތުމުން ލޫސީގެ ހިޔާލާއި ތާއިދުކުރިއެވެ. 

ޖެހިގެން އައިދުވަހު ޒޭބާ ގެއަށް ދޫކޮށްލުމާއި ހަމައަށްވެސް މިޝްއަލްމެންގެ ޚަބަރެއް ނުވެއެވެ. ޒޭބާ އެގޮތް ބޭނުންވެގެން އެދުނީތީވެ މިޝްއަލް ހަމަ ގަސްތުގައި ދުރުގައި އުޅެނީއެވެ. ކައިލްވީ ހިސާބެއް މިޝްއަލް އަކަށްވެސް ނޭނގެއެވެ.

ނިންޖަކީ ޒޭބާގެ ހަޔާތާއި ވަކިވެފައިވާ އެއްޗަކަށްވި ނަމަވެސް ކާންޖެހުނު ބޭސްތަކުގެ ސަބުން ފާޑަކަށް ވަރުބަލިވެ އަރާމުކުރަން ބޭނުންވިއެވެ. ލޯމެރިފައި އޮތަސް ކޮޓަރި ތެރޭގައި ހިނގާ ނުހިނގާ އޮޅުންފިލައެވެ. ބާރަ ޖަހަން ކައިރިވެފައި ހުއްޓާ ހަފީޒާ ރަޖާއަޅައިގެން އެތާހުރި ސޯފާގައި އޮށޯތީ ކަމެއް ބޭނުންވެއްޖެނަމަ ގޮވާލަން ބުނެފައެވެ. ޒޭބާ މަތި ބަލަހައްޓައިގެން އޮންނަތާ އިރުގަނޑެއް ފަހުން ދޮރުފޮތިގަނޑު ވަޔާއި ހެލިލިހެން ހީވިއެވެ. ތެދުވެ އިށީންދެފައި ވަށައިގެން ނަޒަރު ހިންގާލިއިރު އެއްވެސް މީހަކު ނެތެވެ. އެއީ ހީވި ހީވުމަކަށް ވެދާނެއެވެ. އަނެއްފަރާތަށް އެނބުރި ލޯމަރާލާފައި ބާލީހުގައި ބައްދާލިއެވެ. ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. އިރުކޮޅެއްފަހުން ޒޭބާ ތެދުވީ ކުއްލި އަކަށެވެ. އެނދުން ތިރިއަށް ފައި އެލުވާލާފައި ޓައިލްސްމަތީ ދެފައި ޖެހުމާއެކު މަޑުމަޑުން ކޮޅަށް ތެދުވިއެވެ. ކުޑަ އެނދާއި ދިމާއަށް އޭނާ ދިޔައީ ތެޅި ތެޅި އޮތް ހިތަކާއެކުގައެވެ. އެނދާއި ހަމައަށް ދެވުމުން ދަރިފުޅުގެ މޫނު ދެކިލަންވެގެން އުޅެފައި ފުރަތަމަވެސް ހިތާއި ދިމާއިން މޭގައި އަތް އަޅައި ބާރުކޮށްލިއެވެ. އަދި ލަސްލަހުން އަރިވެލައިފައި ކުޑައެނދުގައި ދަމާފައިވާ މަދިރިގެ ހިއްލާލިއެވެ. 

ޒޭބާގެ މެއަށް ފެން އެއްޗެއް އޮއްސާލިފަދައެވެ. ހަތަރެސްފައި ފިނިވެ ގައިން ހީބިހި ނަގައިގަތެވެ. ކުޑަ އެނދުގައި ދަރިފުޅެއް ނެތެވެ. "ކައިލް!" ޒޭބާގެ ހިތަށް އައީ އެނަމެވެ. ކައިލް ނޫން މީހަކު އެފަދަ ކަމެއް ނުކުރާނެއޭ ހިތް ބުނެލިއެވެ. އެނބުރިފައި ހަފީޒާއަށް ގޮވަން އުޅެނިކޮށް ބޭރުން ތުއްތު ހީލުމެއްގެ އަޑު އިވުނުހެން ހީވިއެވެ. ޒޭބާ ހަފީޒާއަށް ގޮވަން ނޫޅި ވިސްނަން ހުއްޓައި ދެވަނަ ފަހަރަށް އަޑު އައީ ކޮޓަރީގެ ދޮރާއި ދިމާލުންނެވެ. ދޮރާއި ދިމާއަށް އޭނާ ދިޔައިރު އެއީ އިއްޔެ ވިހައިގެން އައި ކުއްޖެކޭ ނުބުނާއެވެ. އެހާވެސް ގަދަފަދަވެފައި ފިޔަވަޅުތައް އަވަހެވެ. ދޮރުން ބޭރަށް ނިކުމެފައި ސިޑިއާއި ދިމާލަށް ގޮސް ހުއްޓުނު ހާއިރުން ރުޅިއައިސްގެން ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ސޯފާގައި ދިގުދިގަށް އޮށޯވެލައިގެން ދަރިފުޅު މޭމަތީ ބާއްވައިގެން ކައިލް އޮތެވެ. 

"ކައިލް. އަހަރެން ކަލޭގެ ދެލޯ ދަމައިގަންނާނަން.... މަރާލާނަން..... ދުނިޔެއިން ނައްތާލާނަން....." ހިތަށް އައިހާ އެއްޗެއް ކިޔަމުން ސިޑިން ފައިބައިގެން ގޮސް އަރައި ހަމަވުމާއެކު ކައިލް އަވަހަށް ތެދުވެ އިށީންދެފައި ތުއްތުދަރިފުޅު ޒޭބާއަށް ދިއްކޮށްލިއެވެ. "ކައިލްގެ ތިހިތްވަރު ދެކެފައި އަހަރެން ހަމަ އަންތަރީސްވެއްޖެ؟ ކޮން މޫނަކައިގެން ކަލޭ މިތަނަށް ތިއައީ؟ އަދިވެސް ކުރެވުނު ވަރު ކުޑައީތަ؟" ޒޭބާ ކިތަންމެ ރުޅިގަދަވެފައި ހުއްޓަސް ހަފީޒާ އާއި މެދު ވިސްނާފައި ވާހަކަދެއްކީ މަޑުންނެވެ. ކައިލް އެއްވެސް އެއްޗެއްނުބުނެ އިސްއޮބާލައިފައި ޖިންސްގެ ޖީބަށް އަތް ޖަހައިގެން ނިކުންނަން ދިޔައެވެ. ކައިލްގެ މިއަމަލުން ޒޭބާ އިތުރަށް ރުޅިއައުން ނޫންކަމެއް ނުވިއެވެ. "ޖަވާބުދީފައި ދެވޭނީ... ބުނެބަލަ ކަލޭގެ ހިތަށް އެކައްޗެއްވެސް ނޭރިތަ މިއޮތްހާދުވަހު ބޮޑު ސިއްރެއް ހިތުގައި ބާއްވައިގެން މަފަހަތުން އުޅުނު އިރަކު... ލަދުވެތިކަމޭ ކިޔަނީ ކޯއްޗަކަށްކަން އިނގޭތަ؟ އެވަރު ނުބައި ކަމެއްކޮށްފަ މަގޭ މުޅި ދިރިއުޅުން ބަރުބާދުކޮށްލާފައި އަދި އެކަން ސިއްރުވެސް ކޮށްގެންނޭ އެހުންނަނީ.... މިދަރިފުޅުގެ މައްޗަށް ކަލޭގެ އެއްވެސް ހައްޤެއް ނޯންނާނެ. މީ މިޝްއަލްގެ ކުއްޖެއް.... މިދަރިފުޅު ބައްޕަ ކިޔާނީ ހަމައެކަނި މިޝްއަލްއަށް.... އަހަރެން ކަލެއަށް ދުވަހަކު މާފެއް ނުކުރާނަން... ބޭނުމެއްނޫން ތި ސޫރަވެސް ދެކޭކަށް." ޒޭބާ އެތިވަރު ގޮވައި ހިމޭންވުމުން ކައިލް އެނބުރިފައި ހަތަރުކަޅި ހަމަކޮށްލިއެވެ. 

"ޒޭބާ... އަހަރެން ނޭދޭނަން މަޢާފަކަށް.... އެނގޭ އެއީ އަހަރެންނަށް ހައްޤު އެއްޗެއް ނޫންކަން... އަހަރެންގެ ހަޔާތުގައި މިހާތަނާއި ޖެހޭންދެންވެސް އެތަކެއް ގޯސް ކަންތައް ކުރެވިފައި އެބަހުރި... އަހަރެންނަކީ ހަމައެކަނި ޒޭބާގެ ކުށްވެރިއެއްނޫން. މިޝްއަލްގެވެސް. އަހަރެންގެ މައިންބަފައިންގެވެސް.... އަދި ދުރުދުރަށް ފެތުރިފައިވާ މުޅި އާއިލާގެވެސް ކުށްވެރިއެއް އަހަންނަކީ... އެންމެ ފުރަތަމަ އަހަރެން ބޮޑުވެގެން އައީވެސް ތަފާތު މިޒާޖަކާއިއެކު... އެއީ ފިތުރަތުގެ ކުށެއްނޫން.... އެއީ މާހައުލު އަހަރެންގެ ކިބައިގައި ލެއްވި އެއްޗެއް ކަމުގައި ވެދާނެ..... އަހަރެންނަކީ މިޝްއަލްފަދައިން މައިންބަފައިންގެ ކިޔަމަނުގައި އުޅުނު މަހުލޫޤެއް ނޫން.... މައިންބަފައިންނަށް އަހަރެންގެ ސަބަބުން ލިބުނީ ހުތުރު ނަމެއް.... ވިސްނާނުލައި ކަންކަމުގައި ގޮތް ނިމުމަކީ މާކުރީއްސުރެ ހުންނަ އާދައެއް.... އަހަރެން ވިސްނަނީ އެކަމެއް ނިމޭފަހުން..... ވެދާނެ އެއީ ކަމަށް އަހަރެންގެ އެންމެ އުނި ސިފައަކީ.... އަހަންނަށް ޒޭބާ ފެނި ގަޔާވެގެން އުޅެން ފެށުމުން މިޝްއަލް އަހަރެންނަށް ދިން ނަސޭހަތް އަހަރެން ގަބޫލުކުރީ ފަހުން ވާނެ ގޮތާއިމެދު ވިސްނާނުލައި.... އެއީ އަހަރެންނަށް ހެދުނު އެންމެބޮޑު ގޯސް..... އެކަމާއި ވިސްނުނީ މާފަހުން.... ޒޭބާ މަތިން ހަނދާންވެ ދުރުގައި ނޫޅެވިދާނެހެން ހީވުމުން އަނެއްކޮޅަށް ނިންމުން ބަދަލުކުރީ. އެކަމަކު އެނބުރި ދިޔައިރު އަހަންނަށް ޒޭބާ ގެއްލިއްޖެ... އަހަންނަކީ މިޝްއަލް ކަހަލަ މާތް މަހުލޫޤެއް ނޫން... އަހަރެން އެއްޗެއް ބޭނުންވެއްޖެނަމަ އެއެއްޗެއް ހާސިލް ނުވަނީސް ހަމަޖެހުމުގެ ނޭވައެއްނުލަން... ޒޭބާ އޮސްޓްރޭލިޔާގައި އުޅުނުހާ ދުވަހަކު އަހަރެން ޒޭބާ އުޅޭ ގޮތްބެލިން... ޒޭބާ އެނބުރި ރާއްޖެ އައުމާއެކު އަހަރެންގެ އަމިއްލަ އެދުމުން ފޯވެފައިވާ ހިތް އެދުނީ އަލުން ޒޭބާ ހާސިލްކުރަން.... އެކަމަކު ދެން އަނެއްކާވެސް އެދެމެދަށް މިޝްއަލް ފާވެއްޖެ.... ޒޭބާ އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސް ކޮންޓްރޯލްކުރަން އުދަނގޫވަމުން ދިޔަ.... މިޝްއަލް ދުނިޔެއިން ނައްތާލަން ބޭނުންވި ކިތަންމެ ވަގުތެއް އައި...... ދެން އައީ އަފްލާކް. އަފްލާކް އާއި ޒޭބާ ގުޅުވަން އަހަރެން ބޭނުންވީވެސް އަހަރެންގެ ސަބަބުން މިޝްއަލްއަށް ލިބިދާނެ ގެއްލުމަކަށް ޓަކައި.... އަހަންނަށް ޒޭބާ ނުލިބުނުފަދައިން މިޝްއަލްއަށްވެސް ޒޭބާއާއި ވަކިވާން ޖެހިއްޖެނަމަ ހަޔާތުގެ ދެން އޮތްބައި ހަމަޖެހިގެން ވޭތު ކުރެވިދާނެ ކަމަށް ވިސްނުނު... އެހެންވެ އަހަރެން އަފްލާކްއަށް ބިރުދައްކައިގެން ޒޭބާގެ އިއްފަތްތެރިކަން ނަގާލަން އެންގީ... އެއަށްފަހު ޒޭބާ އަމިއްލަ ނަފްސް ބޭޒާރުން ސަލާމަތް ކުރަން ވެގެން އަފްލާކްގެ މީހަކަށްވެ އެހިސާބުން މިވާހަކަ ނިމިދާނެ ކަމަށް. އެކަމަކު ތަޤްދީރަކީ އަހަރެންނަށް ލިޔެވޭނެ އެއްޗެއްނޫން.... އަފްލާކް އެރޭ އަހަރެންގެ އެދުމާއި ދެކޮޅުހެދުމުން އައި ހުރިހާ ރުޅިއެއް ބޭލީ ޒޭބާއަށް.... ކިތަންމެ ދަށު ދަރަޖައަކަށް ވެއްޓިގެންވެސް ޒޭބާ މިޝްއަލް އާއި ވަކިކުރަން އަހަރެން ބޭނުންވީ.... އެކަމަކު މިހާރު އެނގިގެން ހިނގައްޖެ އަހަރެން އެކަނި ބޭނުންވުމަކުން އެއްވެސް ކަމެއް ނުހިނގާނެކަން.... މިޝްއަލް ޒޭބާދެކެ ލޯބިވާކަން އެނގިގެންދިޔަ އޭނަ އަމިއްލައަށް އަހަރެންގެ ކުށް އޭނާގެ ބޮލުގައި އެޅީމަވެސް.... ޒޭބާއަށް މިޝްއަލްގެ ސޫރަވީ އެއީ ބައްޕަ ވަފާތެރި ފަންޑިތަހަދާ އަންހެންމީހާ ކައިރީ އެދިގެން މިޝްއަލް ކުރިކަމެއްވީމަ.... މިޝްއަލް ބޭނުންވީ މިޝްއަލް ސޫރަވާން... ނޮޓް މީ..." ކައިލް ހިމޭންކަމާއިއެކު އެހުރިހާ ވާހަކައެއް ދައްކައި ނިމުނުއިރު ޒޭބާ ހުރީ ހިމޭންވެފައެވެ. 

"ދެން މިއަދު ތިހުރިހާ ވާހަކައެއް ކިޔައިދިނީމަ ކަލޭގެ ކުށުން ބައެއް އުނިވާނެ ކަމަށްތަ ހީކުރީ؟ ބުނަން ރަނގަޅު ވާހަކައެއް. ކަލޭ ތިމިންވަރަށް އަހަރެން ހާސިލް ކުރަން އެދޭކަމަށް ދަޢުވާ ކުރަންޏާ އަހަރެންނާއި އަހަރެންގެ ލޯބިވާމީހުން ރީތި ދިރިއުޅުމެއް އުޅުނަދީފަ ދުރަށް ދޭ! އޭރުން ގަބޫލު ކުރާނަން އަހަރެންގެ ލޯއްބާއި މައާފު ބޭނުންވާކަމަށް..." ޒޭބާ ހިމޭނުން ހުރުމުން ކައިލްއަށް ހިތްވަރު ލިބިދާނެތީވެ އަނެއްކާވެސް ބުމަ ގޮށްޖަހައިލައިފައި ދަރިފުޅު ގޮވައިގެން އެނބުރިފައި ސިޑި އާއި ދިމާއަށް ހިނގައިގަތެވެ. 

ކައިލް ޒޭބާ ކޮޓަރިއަށް ވަންނާންދެން ބަލަހައްޓައިގެން ހުރެފައި އެގެއިން ނިކުތްއިރު ބޭރުގައި ވައިރޯޅި ގަދައެވެ. މަގުތައްމަތީ އެގޮތް މިގޮތަށް އުދުހެމުންދިޔަ ފަތްތައް ވަކި މިސްރާބެއްނެތި ދަތުރު ކުރަމުން ދިޔައެވެ. ކައިލް އެއްފަރާތެއްގައި ހުރި ގަހެއްގައި ލެނގިލައިގެން ޒޭބާގެ ކޮޓަރިއާއި ދިމާއަށް ބަލަހައްޓައިގެން ހުންނަތާ އިރުގަނޑެއްފަހުން މީހަކު ހިނގާ އަޑު އިވިގެން ބަލައިލި ތަނާ ހައިރާންކަމެއް ލިބުނެވެ. މިޝްއަލްގެ އެދުމުގެ މަތިން އައި ފަންޑިތަވެރިޔާ މަގުގެ ދެފަރާތް ބަލަމުން ހިނގާފައި ގޮސް ޒޭބާމެންގޭ ގޭޓު ކައިރިއަށް ހުއްޓުނުތަނާ އެގޭ ގަސްތަކުތެރެއިން ނިކުތް އެހެން މީހަކު އައިސް އަންހެންމީހާ ކައިރިއަށް ހުއްޓިއްޖެއެވެ. ދުރުންވެސް ކައިލްއަށް ޔަގީންވީ އެއީ މިޝްއަލް ނޫންކަމެވެ. ކައިލް އެމީހަކު އޮޅުން ފިލުވާހިތުން ކެތްމަދުވެގެން ގަހާއި ނިވާވެލާފައި ބަލަން ހުއްޓާ އެމީހަކު ވާހަކަދައްކަން ހުރެގެން މޫނު އަނބުރައިލި ގޮތަކުން އެއީ ކާކުކަން އެނގިއްޖެއެވެ.

ކޮމެންޓް 0