ޒޭބާ އާއި ވަކިވެގެން މިޝްއަލް ގޮސް ހުއްޓުނީ ވަށައިގެން އުސްކޮށް ވަށާފާރު ނަގައިފައިވާ ނިކަން ބޮޑު ގޮވައްޗެއްގެ ކުރިމައްޗަށެވެ. އެތެރޭގައި ގިނަ އަދަދެއްގެ ގަސް ހުރެފައި ގޭގެ އިމާރާތް ބިނާކޮށްފައި ވަނީ އެންމެ ބިތްދޮށުގައި ޖައްސާފައެވެ. ގޭޓުން އެތެރެއަށް ވަދެފައި ބިންގަނޑަށް ބަލައިލުމުން ކުނި ނުކަހާތާ ގަރުނެއް ވެދާނެހެން ހީވެއެވެ. މުޅި ހިސާބަށް ބޯކޮށް ދުންފިނި ފައިބާފައި އޮތުމުން ގޭގެ އިމާރާތް ފާހަގަވަނީ ކިރިޔާއެވެ. މިޝްއަލް ޖިންސްގެ ޖީބަށް އަތް ޖަހައިގެން ދުރުދުރުގައި ފިޔަވަޅު އަޅާލައިފައި ގޮސް ގެއަށް ވަނެވެ. މިޝްއަލް ޒޭބާގެ ހަޔާތަށް އެނބުރި އައީއްސުރެ އުޅެމުން ދަނީ އެގޭގައެވެ. ގޭގެ ވެރިފަރާތުން އެގެ ކުއްޔަށް ނެގީއްސުރެ މިޝްއަލް ޝަރުތު ކުރި ފަދައިން ފޮޅާއި ސާފު ކުރުމުގެ މަސައްކަތަށް ވެސް އެގެއަށް އިތުރު މީހަކު ނުވަދެއެވެ.
"ބީން ހިއުމަން ސަކްސް. އެމީހުންގެ ތެރޭގައި އުޅެންޏާ އެމީހުން އުޅޭހެން ހެދުން ބަދަލުކޮށް ފެންވަރައިގެން އުޅެން ޖެހެނީ. މިޝްއަލް ފޫއްސެއްވެސް ނުވޭތަ؟" މިޝްއަލް ކޮޓަރިއަށް ވަންއިރު ކައިލް ހުރީ އަލަމާރި ހުޅުވައިލައިގެން އޭގައި ހުރި ޓީޝާޓުތަކަށް ބަލާށެވެ. އައިރުޅިން މިޝްއަލްގެ ދެއަތް މުށްކެވުނެވެ. އެކަމަކު އެކަން ނުދައްކައި ގޮސް އެނދުގައި އިށީންދެފައި އުޑުތިލަމަތިން ހުރަހަށް ވެއްޓިގަތެވެ. "މިޝްއަލް ރުޅިއެއްވެސް ނާދޭތަ؟" ކައިލް ބޭނުންވި ގޮތަށް ނުވުމުން ހައިރާންވެފައި މިޝްއަލްއަށް ބަލައިލިއެވެ. "ކޮން ކަމަކާ؟" މިޝްއަލް އެނގޭކަމަށްވެސް ނުހެދިއެވެ. "ފޯ އޯލްމޯސްޓް ކިލިން ޒޭބާ." ކައިލް އަލަމާރި ލައްޕާލައިފައި ދޮރުފަތުގައި ލެނގިލިއެވެ. މިޝްއަލް އެއްވެސް ޖަވާބެއް ނުދީ ސީލިންގަށް ބަލަހައްޓައިގެން އޮތެވެ.
"އަހަރެން ވަރަށް އުންމީދު ކޮށްގެން މިހުރީ މިޝްއަލް އައިސް ރުޅިގަނޑު ބާލާނެކަމަށް. އެހެންވެ ބޭރުގައި ހުރި ޓީވީން ބަލައިގެން ކުޑަކޮށް ކަރާޓީވެސް ދަސްކޮށްފިން." ކައިލްއަށް ހެވިއްޖެއެވެ. ކައިލްގެ ހިނިގަނޑު މަތަވާންދެން މިޝްއަލް އޮތީ އަނެއްކާވެސް ހިމޭންކަން އިޙުތިޔާރު ކޮށްގެންނެވެ.
"އަހަރެން ނޫޅެން ބޭކާރު ކަންތައްތައް ކުރާކަށް. އަހަރެން ކިތަންމެ ރުޅިއައިސްގެން ކައިލްއަށް އަނިޔާ ކުރިއަސް ކައިލް ރަނގަޅެއް ނުވާނެ. އޭގެ ބަދަލުގައި ޒޭބާއަށް އިތުރު އަނިޔާތަކެއް ލިބޭނީ. އެއަށްވުރެ ރަނގަޅު ހިމޭނުން ހުރުން ވެސް. އެކަމަކު ދެން ކައިލް ނުޖެހޭނެ ޒޭބާއަށް އަނިޔާ ކުރާކަށް. އަހަރެން ގަސްތު މިކުރަނީ އެބުރި ދާން. އަހަރެން ދާނީ ކައިލްވެސް ގޮވައިގެން. އެއަށްފަހު ޒޭބާއަށް އަރާމު ނޯމަލް ދިރިއުޅުމެއް އުޅެ މަރުވެގެންދާނެ ފުރުސަތު ލިބޭނެ." މިޝްއަލް ކުއްލިއަކަށް ތެދުވެފައި ބަލައިލިއިރު އެދެލޮލުގައި ވޭނުގެ އަސަރު ފެންނަން ހުއްޓެވެ. ޒޭބާ އަކީ މިޝްއަލްގެ ލޯއްބެވެ. އޭނާގެ ހަޔާތުގެ މަޤްސަދެވެ. ވީއިރު އެގޮތަށް އުމުރަށް ވަކިވެގެން ދާން ޖެހުމުން ކިހާ ރިހުމެއް ލިބޭނެ ހެއްޔެވެ؟
"ހާދަ އަވަހަކަށް ގިވްއަޕް ކޮށްލަނީ. މިޝްއަލްގެ ހާދަ ހިތްވަރެއްނެތޭ." ކައިލް މަލާމާތް ކޮށްލިއެވެ. "ބިލީވް ވަޓް ޔޫ ވޯންޓް. އެކަމަކު އަހަރެން ނިންމުން ބަދަލެއް ނުވާނެ އަދި އަހަރެން އެނބުރި ދާނީ ކައިލްވެސް ގޮވައިގެން." މިޝްއަލް ކައިލް ބަލައިލުމުން އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. "މްމްމްމްމް....ގޯހެއް ނޫން.. ދެވަނަ ފަހަރަށް އަހަރެންގެ އަތުން ޒޭބާއަށް ލިބޭނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއްވެސް ނޭނގެ. މިރޭވެސް އޭނަ އޮތީ ކިރިޔާ މަރުނުވެ. މިޝްއަލް އެންމެ ސިކުންތެއް ލަސްވި ނަމަވެސް.... އޭނާގެ ފުރާނަ..." ކައިލްގެ ޖުމްލަ ފުރިހަމަ ނުވަނީސް މިޝްއަލް ފުންމައިގެން ތެދުވެފައި ކައިލް އާއި ދިމާއަށް ޖެހިގަތް ގޮތުން ދެމީހުން އެކުގައި ގޮސް އަލަމާރި ފަޅާލާފައި ގުޅައަކަށް ޖެހުނެވެ. މިޝްއަލް ކައިލްގެ ގައިމަތީ އޮވެފައި ކައިލް ތެދުވަންވާއިރަށް އެމޫނަށް އެތައް ގޮށްމުށުގެ އެތިފަހަރެއް ދޫކޮށްލިއެވެ. މިޝްއަލް ތެދުވެގެން ދާން ފެށުމުން ކައިލް ފުރަތަމަވެސް އިށީންދެފައި ލައިގެން ހުރި ގަމީސް ފޮޅައިލިއެވެ.
"ވެދާނެ އަހަރެން މީ އެންމެ ރަނގަޅު ކޮއްކޮ ނޫންކަމަށް. އެކަމަކު އަހަރެން ކުރި ކަމެއްވިއްޔާ ކުރީ މިޝްއަލްއަށް ޓަކައި." މިޝްއަލް ނިކުމެގެން ދަނިކޮށް ކައިލްގެ އަޑު އިވިފައި ދެފައި ބިމުގައި ތަތްލި ކަހަލައެވެ. މިޝްއަލް އެނބުރި ބަލައިލިއިރު ކައިލް ސީރިއަސްވެފައި ބަލަހައްޓައިގެން ހުއްޓެވެ. "މިޝްއަލް ވިސްނަނީ ސިކުނޑީގެ އެއް ފަޅިންތަ؟ އަޅެ އެންމެ ފަހަރަކުވެސް ހިތަކަށް ނާރާތަ ދެވަނަ ފަހަރަށް ލިބުނު ފުރުސަތުގައިވެސް އަހަރެން ޒޭބާ މަރާނުލީ ކީއްވެބާއޭ؟" މިޝްއަލް ބަލަހައްޓައިގެން ހުއްޓާ ކައިލް ވާހަކަދައްކަމުން ކައިރިއަށް ގޮސް ހުއްޓުނެވެ. "އަހަރެން ޒޭބާ މަރާލަން ބޭނުންވާ ގޮތަކީ އަދި އެއީއެއްނޫން. ސަރުދާރުގެ އެންމެ އަރިސް ޖިންނިއަށް މިޝްއަލް އިންސިއަކާއި ގުޅިގެން އުޅޭކަން އެނގިގެން އޭނަ އައީ އަހަރެން ކައިރިއަށް. އިޝާރާތެއް ނުދީ މިޝްއަލް ހައްޔަރު ކުރުމުގެ ބާރު އޮތްވާވެސް އޭނަ އަހަރެން ކައިރިއަށް އައީ އަހަރުމެންގެ ބައްޕަ އާއި އޮންނަ ގުޅުމެއްގެ ސަބަބުން. އަދި މިކަންތައްގަނޑު ތެރެއަށް ބައްޕަވެސް ވައްދަން ބޭނުން ނުވާތީ އަހަރެން ކައިރީ އެދުނީ މިޝްއަލްގެ ކުޅިގަނޑު ހުއްޓުވާލަން. އޭނައަށް އަހަރެން ދައްކަން ބޭނުންވީ ޒޭބާ މަރުވެއްޖެކަން. މިކުޅިގަނޑު ހުއްޓިއްޖެކަން. އެން ވަޓް ޔޫ ޑިޑް؟ އެހުރިހާ މަސައްކަތެއް ބޭކާރުކޮށްލީ. އަހަރެން އޭނާ ގޮވައިގެން ދިޔައިރު މިޝްއަލް ޒޭބާގެ ހަށިގަނޑު ގެންގޮއްސި." ކައިލްގެ ވާހަކަ ނިމުމުން މިޝްއަލް އަނގައިން ނުބުނެވިފައި އިރުކޮޅަކު ހުއްޓެވެ.
"އަހަރެންނަށް އިނގޭ މިޝްއަލް ތިވިސްނަނީ ކީކޭކަން. ޒޭބާއަށް އަނިޔާ ނުކޮށް ފޭކެއް ހެދުނީސް. އެކަމަކު އައި ހޭޑް ޓު މޭކް އިޓް ރިއަލް. އަރިސް މީހާ އަކީ ނިކަން ރަނގަޅަށް ކަންތައްތައް ބަލާމީހެއް. އޭނައަށް ފެންނައިރު އެ ޒަޙަމްތައް އެއީ ފޭކްކަން އެނގުނުނަމަ ދެން ވާނެގޮތަކީ އަހަރެންގެ ހުރިހާ މަސައްކަތެއް ބޭކާރުވެ މިޝްއަލްގެ ބާކީ އޮތް ދުވަސްތައް އަރްޖް ފަދައިން އަނދިރި ޖަލެއްގައި ހޭދަކުރަން ޖެހޭނީ. އެއީ އަހަރެން ދުވަހެއްގާވެސް ދެކެން ބޭނުން ކަމެއްނޫން." ކައިލް ވާހަކަދައްކަމުން މިޝްއަލްގެ ކޮނޑުގައި އަތް ބާއްވާލިއެވެ. "ދެން މިހާރު ކިހިނެތް ވާނީ؟" މިޝްއަލް ކައިލްގެ އަތް ފޮޅުވައިލާފައި ސުވާލު ކުރިއެވެ. އަދިވެސް މިޝްއަލްގެ މޫނުމަތީގައިވާ ނުރުހުމުގެ އަސަރު ފިލާގޮތެއް ނުވެއެވެ. "އަދިވެސް އަހަރެންނަށް މިކަން ހަމައަކަށް އެޅުވިދާނެ. އަރިސް މީހާ ނޫން އިތުރު މީހަކަށް އަދި މިކަމެއް ނޭނގޭ. އެހެންވީމަ އޭނަ މަރާލަނިކޮށް މައްސަލަ ހައްލުވީ. އެގޮތުންވެސް އަހަރެން މިހުރީ މިޝްއަލް ސަލާމަތް ކުރަން ތައްޔާރަށް. ޑޯން ވޮރީ." ކައިލްގެ މޫނުމަތިން ހާސްކަމެއް ނުފެނެއެވެ. ބޭބެ ސަލާމަތް ކުރުމަށްޓަކައި ކޮންމެފަދަ ކަމެއް ކުރަންވެސް ތައްޔާރަށް ހުރިކަހަލަ އަޒުމް ވަރުގަދަ ކަމެއް އެމޫނު ގައި ވެއެވެ. "ބުނަން ކައިލް. އަހަރެންނަށް ތިހާ ހެޔޮއެދެންޏާ ޒޭބާ މަރާލުމުގެ ހިޔާލު ދޫކޮށްލާ. އަހަރެންގެ އަމިއްލަ ފުރާނައަށްވުރެ ޒޭބާ މުހިންމު. ޒޭބާ ހިމާޔަތް ކުރޭ. އޭނަ ރައްކާތެރިކުރޭ. ކައިލްގެ ފަރާތުން އަހަރެން އެދޭ އެދުމަކީ އެއީ." މިޝްއަލް ކައިލްގެ ކޮނޑުގައި ހިފާ ބާރުކޮށްލާފައި އެވާހަކަތައް ނިންމާލުމަށްފަހު ނިކުމެގެން ދިޔައެވެ. މިޝްއަލް ގޮސް ގެއްލޭންދެން ކައިލް ހުރީ ހިމޭންވެފައެވެ.
ހެނދުނު ދިހައެއް ޖަހަން ކައިރިވެފައި ހުއްޓައި މާވިން އެނބުރި އައިއިރު ހުރީ ޖޯޒީގައެވެ. ޓީމާއި ގުޅުނުފަހުން މާވިން ކުޅޭ ފުރަތަމަ މެޗް ކުޅެނީ މިއަދެވެ. ޒޭބާ ޖޫސްތަށްޓެއް ބޯން އިނދެފައި މާވިން ފެނިގެން ތަށި ދުރުކޮށްލިއެވެ. ކައިރީގައި ހުރި ދެ ގޮނޑީގައި ލޫސީ އާއި ހަފީޒާ ތިއްބެވެ. "ޒޭބް. ކިހިނެތް މިހާރު؟" މާވިން އައިސް މަގަތުގައި އިށީންދެފައި ޒޭބާގެ ކޮނޑުގައި ފިރުމާލިއެވެ. "ހީވޭ ކުރިއަށްވުރެ ރަނގަޅުހެން. އެކަމަކު މާވިންގެ މެޗް ބަލަން ނުދެވޭތީ ދެރަވެފައި މިއިންނަނީ. ހަފީ މަންމަ ކައިރީވެސް މަބުނެފިން ދާށޭ." ޒޭބާ ދެރަވެލައިފައި ވާހަކަދެއްކިއެވެ. "ސޮރީ ދަރިފުޅާ. އެކަމަކު ޒޭބް އެކަނިކޮށްލާފައެއް ނުދެވޭނެ." ހަފީޒާ މާވިންއަށް ބުނެލިއެވެ. "އަހަރެންނަށް އަންޑަސްޓޭންޑް ވެއޭ. އެވަރުކަމެއް ނޫނެއްނު މީ ދެން. ގާތް މީހަކު ނެތަކަސް އަހަންނަށް ޔަގީން މެޗް ކާމިޔާބު ކުރެވޭނެކަން." މާވިން ވަށްކަޅިން ލޫސީއަށް ބަލައިލިއެވެ. "އަހަރެން ހިނގައިދާނަން. އަހަރެން މީ ގާތްމީހެއްނު. އިންފެކްޓް އަހަރެން ވާރަށް ބަލާހިތްވޭ ބާސްކެޓް ކުޅޭތަން." ލޫސީ ފުރުސަތުގެ ބޭނުން ހިފިއެވެ. ހަފީޒާމެން ތިބުމުން މާވިން ދެކޮޅަށް އެއްޗެއް ނުބުނާނެކަން ލޫސީއަށް ޔަގީނެވެ. "އަސްލު ވެސް ތަ؟" ޒޭބާ ގަބޫލުނުކުރެވޭ ގޮތަކަށް ލޫސީއަށް ބަލައިލިއެވެ. "ހޫމް. މާވިން އެން މީ، ވީ އާރ ގުޑް ނައު. ދޯ މާވިން؟" ލޫސީ ދެއްކުންތެރި ހިނިތުންވުމަކާއިއެކު މާވިންއަށް ދޯދިނެވެ. މާވިން އެއްޗެއް ނުބުނެ އިނދެފައި ނިކުމެގެން ދާން ފެށުމުން ލޫސީވެސް ތެދުވެގެން ފަހަތުން ދިޔައެވެ.
"ކޮންތާކަށް ތިދަނީ؟ އެތަނުން ނިކުންނަން ބަހަނާއެއް ނުފެނިފަ ދޯ ތިއިނީ؟" ލޫސީ މާވިންގެ ފަހަތުން ދިއުމުގެ ބަދަލުގައި އެހެން ދިމާއަކަށް ދާން ފެށުމުން މާވިން ރުޅިއައެވެ. "ވަރަށް ބޭނުންތަ އަހަރެން ގެންދަން؟" ލޫސީ ފަސްއެނބުރިލިއިރު ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ގަދަކުރުމުގެ ބަހަނާގައި ދެކޮޅަށް އެއްޗެއް ބުނަން އުޅެފައިވެސް މާވިން ހުއްޓާލިއެވެ. އޭނާއަށް ބުނެވޭ އެންމެ އެއްޗަކުން ލޫސީ މެޗް ބަލަން ނުގޮއްސާނެތީ ކަންބޮޑުވެއްޖެއެވެ. "މިދަނީ ޗޭންޖް ކުރަން. މެޗް ފެށޭއިރު ހުންނާނީ އެތާގަ. އޯކޭއެއްނު." ލޫސީ ކުޑަކުއްޖެއްހެން ހީލައިފައި އަނެއްފަރާތަށް އެނބުރި ހިނގައިގެންފިއެވެ.
ހަމަޖެހިފައިވާ ވަގުތަށް ކުޅުންތެރިންނާއި ސަޕޯޓަރުންތައް ސޯޝަލް ސެންޓަރަށް ޖަމާވަމުން ދިޔައެވެ. ފެންފުޅިއެއް އަތަށް ލައިގެން ބެންޗްގައި އިން މާވިންގެ ދެލޯ ހޯދަމުން ދިޔައީ ލޫސީއެވެ. ޓީމާއި އަލަށް ބައިވެރިވި ރީތި ކުޅުންތެރިޔާ ފެނިގެން އަންހެން ސަޕޯޓަރުންތައް އެހެން ދިމާއަކަށް ބަލައިވެސް ނުލައެވެ. ހުދާއި ރަތުގެ ބެނިއަމްގައި މާވިންގެ ވަރުގަދަ މުއްލައްދަނޑިއާއި އެކު އެރީތި ދެއަތް އެކުއެކީ ހާމަވެފައިވާތީ ފިރިހެންވަންތަކަން އިތުރުވެފައި ވެއެވެ. ތެމިފައިވާ އިސްތަށިގަނޑު ނިއްކުރި މައްޗަށް ފައިބާފައި އޮތެވެ. ރެފްރީ ކަށިގަނޑު ފުންމާލުމާއެކު އެހެން ކުޅުންތެރިންނާއި ބައިވެރިވެގެން ކޯޓަށް އަރަން ދަމުން މާވިން ފަހު ފަހަރަށް ވަށައިގެން ހޯދައިލިއެވެ. ލޫސީ އާއި ނައުޝާދު ހުރީ މަތީގައެވެ. މާވިންގެ ލޭ ކެކިގަތެވެ. އިޙުތިޔާރަކާއި ނުލައި ދެއަތް މުށްކަވާލެވުނެވެ. ލޫސީ އާއި ހަތަރުކަޅި ހަމަވެފައި މާވިން ވީ ފޫއްސަކުން އަނެއްފަރާތަށް މޫނު އަނބުރާލައިފައި ހުރިހާ ސަމާލުކަމެއް މެޗަށް ހުއްޓާލިއެވެ.
ޒޭބާއަށް ނިދިފައި އޮތްވާ ހަފީޒާ ގޮވާލުމުން ލޯހުޅުވާލިއިރު ކުރިމަތީގައި ދެފުލުހުން ހުއްޓާ ފެނުމުން ދެލޯ ބޮޑުވިއެވެ. ޒޭބާ އަވަހަށް ތެދުވަން އުޅެން ފެށުމުން ހަފީޒާ އެހީތެރިވެދިނެވެ. ބާލީހުގައި ބުރަކަށި ޖައްސާލަމުން ކުރިއަށް ހުރި ޒުވާނާގެ މޫނަށް ޒޭބާ ބަލައިލީ ކަންބޮޑުވެފައި އިނދެއެވެ. "މާވިން ކުރި ރިޕޯޓްއަކާއި ގުޅިގެން ޒޭބާގެ ބަޔާން ނަގަން އަޅުގަނޑުމެން މިއައީ." ކުރިއަށް ހުރި ފުލުސް ވާހަކަދެއްކިއެވެ. "މާވިން ކޮންކަމަކާއި ބެހޭގޮތުން ރިޕޯޓް ކުރީ؟" ޒޭބާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. "ރޭ ޒޭބާއަށް ލިބިފައިވާ ޖިސްމާނީ އަނިޔާތަކާއި ބެހޭގޮތުން. ޝައްކު ކުރެވޭ މީހެއްގެ ގޮތުގައި މާވިން ބުނެފައި ވަނީ މިޝްއަލް ކިޔާ ޒުޥާނެއްގެ ނަން. އަދި އެއީ ޒޭބާ އުޅޭ ގޭގައި ސެކިއުރިޓީ ބަލަހައްޓަން ހުންނަ ޒުވާނެއް ކަމަށްވެސް މާވިންގެ މައުލޫމާތުން އޮޅުން ފިލައިފައި ވަނީ. ޒޭބާގެ ފަރާތުން އަޅުގަނޑުމެން އޮޅުންފިލުވަން ބޭނުން އެއީ ކިހާވަރެއްގެ ހަގީގަތެއް އެކުލެވޭ ވާހަކައެއްތޯ." ފުލުސްމީހާގެ ވާހަކަ ނިމުމުން ޒޭބާ ހިނދުކޮޅަކަށް ބަސް ހުއްޓުނެވެ. އެހާދިސާމަތިން ހަނދާންވެފައި މޭގަނޑު ތުރުތުރު ލައިގަތެވެ. ޝައްކެއްވެސް ނެތެވެ. އެއީ މިޝްއަލްގެ ފަރާތުން ޒޭބާއަށް ލިބުނު އަނިޔާ ތަކެކެވެ. ޒޭބާގެ ދެލޯ އެކަމަށް ހެކިވެއެވެ. އެކަމަކު ހަގީގަތް ހާމަކޮށްގެން ހިތާއި ދެކޮޅުވާނެ ހިތްވަރެއް ނުލިބުނެވެ. އަނެއްކޮޅުން ލޫސީގެ ވާހަކަތަކުން ޒޭބާއަށް ހީވަނީ ނޭނގޭ ހައިޖާނުގަނޑެއް އުޅޭހެންނެވެ.
"ބިރުނުގަނޭ ޒޭބާ. ހަގީގަތާއި ކުރިމަތިލައިގެން ލިބޭނީ ފައިދާ. އަހަރެމެން އެމީހަކު ހިފާ ހައްޔަރު ކުރާނަން. އަދި ޒޭބާ ބޭނުންވާ ރައްކާތެރިކަން ހޯދައިދޭނަން." ފުލުސްމީހާއަށް ޒޭބާ ބިރުން އުޅޭހެން ހީވެގެން އިތުރަށް ބުނެލިއެވެ.
"ނޫނޭ. މާވިންގެ ޝައްކު މުޅިން ގޯސް. މީ މީހެއްގެ ފަރާތުން އަހަރެންނަށް ލިބުނު އަނިޔާތަކެއް ނޫން. އަހަރެން ރޭގައި ކުޑަ ދޮރުކައިރީ ހުއްޓާ ތިރިއަށް ވެއްޓުނީ. މިޝްއަލް އަކާއި މިކަމަކާއި އެއްވެސް ގުޅުމެއްނެތް." ޒޭބާ ބެޑްޝީޓް ތެރޭއޮތް ދެއަތްތިލަ ގުޅުވައިލައިގެން އިނދެ ޖަވާބުދިނެވެ. ޒޭބާގެ ބަސް ލިބުމުން ފުލުހުންގެ ދެމީހުން ނިކުމެގެން ދިޔައެވެ. ޒޭބާ އަނެއްކާވެސް ތިރިއަށް ޖެހިލައިފައި އޮށޯތްއިރު އެދެލޮލުގައި ކަރުނަ ގިނަވެފައި ހުއްޓެވެ. "މިޝްއަލް ހެޔޮނުވާނެ. އަހަރެން ކުރިމައްޗަށް އައިސްދީ. އަހަރެން ހުރިހާކަމެއް އޮޅުންފިލުވަން ބޭނުން..." ޒޭބާ ހިތުން ރޮމުން ބުނެލިއެވެ.
މާވިން ކުރި ގިނަ ސްކޯރ ތަކާއިއެކު މެޗް ނިމިގެން ދިޔައީ އެޓީމު މޮޅުވެގެންނެވެ. ސަޕޯޓަރުންތައް ކެކިއަރާވަރުން އޮބި ނޯވެއެވެ. އެންމެންގެ ދޫ މަތީގައި ވީ މާވިންގެ ނަމެވެ. އެންމެ މެޗަކުން ހުރިހާ ސަޕޯޓަރުންގެ ހިތްތައް މާވިން މިލްކު ކޮށްފިއެވެ.
"ކޮންގްރޭޓްސް." މާވިން މެޗު ނިންމާފައި ގޮސް އެއްފަރާތެއްގައި ކަރު ހިއްކުން ފިލުވައިލަން ހުއްޓާ ލޫސީގެ އަޑު އިވިގެން އެނބުރި ބަލައިލިއެވެ. ލޫސީ ރީތި ހިނިތުންވުމަކާއިއެކު ފަހަތުގައި ޖައްސާފައި ހުއްޓެވެ. ދާދި ކައިރީގައި ނައުޝާދު ވެސް ހުއްޓެވެ. "ތީ ދޯ ޒޭބާގެ ކޮއްކޮ. މީ ނައުޝާދު. ވަރަށް އުފާވެއްޖެ ބައްދަލުވީމަ." ނައުޝާދު އުފާވެރި ހިނިތުންވުމަކާއި އެކު ސަލާމަށް އަތް ދިއްކޮށްލިއެވެ. "ސޭމް ހިއަރ." މާވިން ނައުޝާދު އަށް ބަލައިވެސް ނުލައި ބެންޗާއި ދިމާއަށް ހިނގައިގަތެވެ. ލޫސީގެ އިތުރަށް ނައުޝާދުގެ މޫނުވެސް ބަނަވެގެން ދިޔައެވެ. ލޫސީ ނައުޝާދު އަށް ހިނިތުންވުމެއް ދީފައި އެބަ އަންނަން ކަމުގައި ބުނެ މާވިންގެ ފަހަތުން ދިޔައެވެ. އެވަގުތު ނައުޝާދުއަށް ފޯނެއް އައިސްގެން މީހުންގަނޑު ތެރެއިން ނިކުމެގެން ދޮރާއި ދިމާއަށް ދިޔައެވެ. ލޫސީ ގޮސް މާވިންގެ ފަހަތުގައި ހުއްޓިފައި އެއް އިނގިލިން މާވިންގެ އަތުގައި ކޮށްޓައިލިއެވެ. "އަހަރެން ބޭނުން ވާހަކައެއް ދައްކަން." ލޫސީ ބާރަށް ބުނެލިއެވެ. މީހުންގެ ހަޅޭކާއިހެދި ދައްކާ ވާހަކަ އެކަކު އަނެކަކަށް އޮޅުންފިލަން ނުހަނު އުދަނގުލެވެ.
މާވިން ބަލަހައްޓައިގެން ހުރެލާފައި ކުއްލިއަކަށް ލޫސީގެ އަތުގައި ހިފައިފިއެވެ. ލޫސީ ދިޔައީ ސިއްސައިގެންނެވެ. ފަސްއެނބުރި ނައުޝާދު ފެންނަން ހުރިތޯ ބަލާލިއިރު ނައުޝާދު ދޮރު ކައިރީ ފުރަގަސްދީގެން ފޯނެއްގައި ހުއްޓެވެ. ލޫސީއަށް އެއްވެސް ފުރުސަތެއް ނުދީ މާވިން ލޫސީ ދަމަމުން ޗޭންޖިން ރޫމާއި ދިމާއަށް ދާންފެށިއެވެ. "މާވިން. ކިހާ ދެރަކަމެއް. ކޮންތާކަށް ތިގެންދަނީ އަހަރެން؟" ލޫސީ މާވިންގެ އަތްފޮޅުވާލަންވެގެން ބޭކާރު މަސައްކަތްތަކެއް ކުރަމުން ދިޔައެވެ. "ލޫސީއެއްނު ތިބުނީ ވާހަކައެއް ދައްކަން ބޭނުމޭ. މިހާ މީހުން ގިނަ ތަނެއްގަ ވާހަކަ ދެއްކޭތަ؟ އެހެންވެގެން ތަންކޮޅެއް ޕްރައިވެސީ ރަނގަޅު ތަނަކަށް މިގެންދަނީ." މާވިން ދިޔަގޮތަށް ގޮސް ޗޭންޖިން ރޫމްގެ ދޮރު ހުޅުވައިލައިފައި ލޫސީ އާއި އެކު ވަދެ އެތެރެއިން ދޮރު ތަޅުލިއެވެ.