ލޫސީއަށް ބަލައިލެވުނު އިރު ޒޭބާ އަނެއްކާވެސް ބަލަހައްޓައިގެން ހުރި ގޮތުން ކަމެއް ހޯދަން އުޅޭ ކަހަލައެވެ. އެބެލުން ލޫސީ ބިރުގަންނަވައިލިއެވެ. ލޫސީ ގަދަކަމުން ހިނިތުން ވެލައިފައި އަނެއްކާ ދުވެ ގޮސް އެނދުމައްޗަށް ޖެހިގަތެވެ. ބާލީހުގައި މޫނު ޖެހިގޮތަށް ލޫސީ ފެށީ ހޭށެވެ. އެކަމަކު އެބާލީސް ތެމުނީ ލޫސީގެ ދެލޮލުން އޮހޮރިގަތް ކަރުނަ ތަކުންނެވެ. ހިތާމަތައް ފޮރުވަން ކިހާ މޮޅު ގޮތެއް ހެއްޔެވެ؟ އަނގައިން ހެމުން ކަރުނަތައް އެ ހިންދައިލީ ބާލީސް ތެރެއަށެވެ. ލޫސީ ހީކުރީ އެއަޑު އަހަން ޒޭބާ ހުންނާނެ ކަމަށެވެ. އޭނާ ބޯ ހިއްލައިލީ އަދިވެސް ބޮޑަށް ބާލީހުގައި މޫނު ޖައްސައި ހުރިހާ ކަރުނައެއް ފުހެވުނުކަން ޔަގީން ވީމައެވެ. ތެދުވެ ބަލައިލިއިރު ޒޭބާއެއް ނެތެވެ. ލޫސީއަށް އަނެއްކާވެސް ރޮވުނެވެ. ދެވަނަ ފަހަރަށް ވެސް އޭނާ ބާލީހުގެ އެހީތެރިކަން ހޯދިއެވެ.

ޒޭބާއަށް ދެވުނު އިރު މާވިން ތުވާލި ހިފައިގެން ފާޚާނާއަށް ވަންނަން ދިޔައެވެ. ފިޔަވަޅުގެ އަޑު އިވިފައި މާވިން ބަލައިލިއެވެ. ޒޭބާ ފެނިގެން އަޅައިލުން ކުޑަ ގޮތަކަށް މޫނު އަނބުރައި ލައިފައި ފާޚާނާގެ ދޮރު ހުޅުވައިލިއެވެ. "މާވިން!" ޒޭބާ ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. މާވިން އަޑު އިވުނު ކަމަށް ނުހަދައެވެ. ދޮރުން އެތެރެއަށް ދެމިގެންފައި ލައްޕަންވެގެން އަނެއް ފަރާތަށް އެނބުރުނު ތަން ދެކެފައި ޒޭބާ ރުޅިއައިސްގެން ކުރިއަށްވުރެ އަދި މާބާރަށް ގޮވައިލިއެވެ. މާވިން ހުއްޓުނެވެ. އެކަމަކު އަނގައިން ނުބުނެ ރުޅި މޫނު ހަދައިގެން ހުރީއެވެ. 

"މާވިންއަށް އެކަނިތަ ރުޅި އަންނަން އެނގެނީ؟ މަށަށްވެސް އެނގޭ ރުޅި އަންނަން. މިހާރު ކިހިނެތް ވެގެން ތަ ތިއުޅެނީ؟ މިރޭ އަހަރެންނަށް ބުނެދޭން ޖެހޭނީ ތިދެމީހުން ގެ މެދުގައި ޖެހިގެން އުޅޭ މައްސަލަ. ކިތައްފަހަރުތަ ހަނދާންކޮށް ދޭން ޖެހޭނީ އެއީ އަހަރެންގެ ކަޒިން އެކަނި ނޫންކަން. ޝިޒް މައި ބެސްޓްފްރެންޑް. ލޫސީ އާއިމެދު ތިގޮތަށް ހަރުކަށިކޮށް ކަންތައް ކުރާތަން ބަލާކަށް ނުހުންނާނަން ދެނެއް. ވަރަށް ކެތްކޮށްފިން. ދެން މަށަށް މަޖުބޫރުވާނެ ހަފީ މަންމަ އާއި ހަމައަށް މިމައްސަލަ ގެންދަން." ޒޭބާ އެތިވަރު ގޮވަމުން ބާރުބާރަށް ގޮސް މާވިންގެ ކުރިމައްޗަށް ހުއްޓުނެވެ. "އަވަހަށް މައްސަލަ ހުށައަޅާ. މަށަށް އޯކޭ ކޯޓަށް ގެންދިޔަޔަސް." މާވިން ފަރުވާ ކުޑަ ގޮތަކަށް ބުމަ އަރުވައިލައިފައި ދޮރުލައްޕަން އުޅުނެވެ. "މީ ސަމާސައެއް ނޫނޭ." ޒޭބާ ދޮރުފަތް ލެއްޕިޔަނުދީ ހިފެހެއްޓިއެވެ. އެވަގުތު ފޯނެއްގައި ހުރެގެން އައިސް އެކޮޓަރިއަށް ވަން ހަފީޒާގެ އަޑު އިވިފައި ދެމީހުން ދޮރާއި ދިމާއަށް ބަލައިލިއެވެ. 

"އުފާވެރި ޚަބަރެއް. ލޫސީގެ ކައިވެނި ކުރެވެން އުޅެނީ. ސައިފުﷲ އެ ގުޅީ. އޭނަ އިންނަން އުޅޭ ކުއްޖާގެ އާއިލާ މާދަމާ ހަވީރު ސަޔަށް އެގެއަށް އަންނައިރު މިގޭ މީހުންވެސް އެތާގައި ތިބެން ސައިފުﷲ އެދޭ ވާހަކަ ބުނީ. ކައިވެނީގެ ތާރިހަކާއި އެކަހަލަ ހުރިހާ ޑިސްކަޝަންއެއް ކުރިއަށް ދާނެޔޯ. ދާންވާނެ ދޯ." ހަފީޒާ ހިނިއައިސްފައި ހުރެ ހުރިހާ ވާހަކައެއް ދައްކާ ނިންމައިލިއެވެ. ޒޭބާ އެއްޗެއް ބުނަންވެގެން އަނގަ ހުޅުވާލި ތަނާ މާވިން ނިކަން ބާރަށް ފާޚާނާގެ ދޮރުލައްޕާ ބަންދުކޮށްލިއެވެ. "އަހަރެން ޔަގީނުންވެސް ދާނަން. އާފްޓަރ އޯލް އަހަރެން މީ ލޫސީގެ ބެސްޓް ފްރެންޑް." ޒޭބާ އުފާވެރި ހިނިތުންވުމަކާއި އެކު ބުނެލިއެވެ. ދެމައިން އެ ކޮޓަރިން ނިކުމެގެން ދިޔައިރު ލޫސީ އިނީ ޒޭބާގެ ޑްރެސިންޓޭބަލް ކުރިމަތީ ޓިޝޫއަކުން މޫނު ރީތި ކުރާށެވެ. "ހޫމް... ކުރާނެ ވަރެއްވިއްޔާ ކުރޭ. މާދަން ފިއާންސޭ އަންނައިރު ރަނގަޅަށް ތައްޔާރުވެގެން ހުންނަން ވާނީ." ޒޭބާ ދުވެލައިފައި ގޮސް ލޫސީގެ ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން ލޯގަނޑުން ލޫސީއަށް ހިނިތުންވިއެވެ. ލޫސީ ވެސް ކުޑަކޮށް މޫނު އަރިކޮށްލައިފައި ޒޭބާގެ ބޮލާއި ބޯ ޖައްސާލީ ހިނިތުންވެފައެވެ. 

ސައިފުﷲގެ އާއިލާ އަށާއި ހަފީޒާގެ އިތުރުން ޒޭބާއަށް ވެސް ނައުޝާދު ކަމުދިޔައެވެ. އެއީ ކިޔަވައިގެން ހުރި ހުލްޤު ހެޔޮ ޒުވާނެކެވެ. ނިސްބަތް ވަނީ މުއްސަދި އާއިލާ އަކަށެވެ. އެހާމެ ބަސްމަދުވެފައި ނައުޝާދުގެ ޝަހުސިއްޔަތު ހިތްގައިމެވެ. ލޫސީ ހިތްހަމަ ނުޖެހިފައި އިނީ އެ ބައްދަލު ވުމުގައި މާވިން ބައިވެރި ނުވީމައެވެ. ކުރީއްސުރެ އޭނާ އުންމީދެއްވެސް ނުކުރެއެވެ. މާވިންއަށް އޭނާ މުހިންމު ނުވިއިރު އެބައްދަލުވުން މުހިންމު ނުވާނެކަން އެއީ ޝައްކެއް ވެސް އޮތްކަމެއް ނޫނެވެ. 

"ކޮބާ ހުރިހާ ކަމެއް ހަމަޖެހުނީތަ؟" ޒޭބާމެން ބައްދަލުވުން ނިންމައިފައި އައިސް ގެއަށް ވަންތަނާ މާވިން އަހައިލިއެވެ. އޭނާ ހުރީ މީގެ އެއް ދުވަސް ކުރިން ގޯތިތެރޭގައި ހަރުކުރި ޕޮޓް ކައިރީގައި ބާސްކެޓް ބޯޅައެއް ހިފައިގެންނެވެ. ހަފީޒާ ޖަވާބެއް ނުދީ ގޮސް ގެއަށް ވަނެވެ. މާވިންގެ ސުވާލުން ހައިރާންކަމެއް ލިބިގެން ޒޭބާ ހުއްޓިފައި ފާޑަކަށް ބަލައިލިއެވެ. "ކިހިނެތްވީ؟ އަހަރެން އަހައިގެން ނުވޭތަ؟" މާވިން ބޯޅަ އަތަށް ހެއުވަރު ކޮށްލައިފައި ޕޮޓާއި އަމާޒުކޮށް ހޫރާލިއެވެ. "ތިހާ އޮޅުންފިލުވަން ބޭނުން އިރު ދިޔަ ނަމަ ދޯ." ޒޭބާ ހަށަން ބަނދެލައިފިއެވެ. މާވިން އަނެއްކާ ބޯޅަ ހިފައިގެން އައިސް އެއްލަން ތައްޔާރުވެފައި ޒޭބާގެ ޖަވާބަކަށް އެދިގެން ހުންނަހެން އެމޫނަށް ބަލައިލިއެވެ. "ނައުޝާދު އެއީ ސަޅި މީހެއް. މުއްސަދި، ރީތި، ނުލާހިކު މަޑުމައިތިރިވެފައި ބަސްމަދު. އަހަންނަށް ހަމަ ޔަގީން އޭނަ ލޫސީ އުފަލުގައި ގެންގުޅޭނެކަން. ޓުގެދަރ އެމީހުން ވާނީ ހަމަ ޕަރފެކްޓް ކަޕްލް އަކަށް." ޒޭބާގެ ވާހަކަ އަޑުއަހަން ހުރެގެން މާވިން މިފަހަރު ހޫރާލި ބޯޅަ ދާގަނޑާއި އަމާޒެއް ނުވިއެވެ. "ޝިޓް!" މާވިން އިސްތަށިގަނޑު ތެރެއަށް ދެއަތް މަހައިލައިފައި ތިރީގައި އުޑަފައިން އިށީނެވެ. ޒޭބާ ގޮސް ގެއަށް ވަންފަހުން މާވިން އެދެއަތް ތިރިކޮށްލައިފައި ބިންމަތީގައި ގޮށްމުށުން ޖެހިއެވެ. އިރުކޮޅަކުން ތެދުވެފައި ދުރުގައި އޮތް ބޯޅަ ގެނެސްގެން އަނެއްކާ ކުޅެން ފެށިއެވެ. ނުހަނު އަތްމަތި ހަލުވިކޮށް ބޯޅަ ގެންގޮސް ދާގަނޑު ތެރެއަށް ވައްޓާލުމަށްޓަކައި ފަސް ހަތަރު ފަހަރުމަތިން ކުރި މަސައްކަތްވެސް ދިޔައީ ބޭކާރު ގޮތުގައެވެ. "ޝިޓް...ޝިޓް...ޝިޓް...!!! މާވިން އައި ރުޅީގައި ބޯޅަ ނަގައި އަތުކޮޅަށް ހޫރައިލައިފައި ގޮސް ގެއަށް ވަދެއްޖެއެވެ. 

ޒޭބާ އެރޭ މިޝްއަލް އަންނަ ގަޑިއަށް ތިރިއަކަށް ނުފައިބައެވެ. މާ އާންމުކޮށް އެގަޑިއަށް ތިރިއަށް ފައިބާ ކަމުގައި ވަނީ ނަމަ ހަފިޒާ ނޫނީ މާވިންއަށް ޝައްކެއް ވެދާނެތީ އޭނާ ބިރުގަތީއެވެ. އޭގެ ބަދަލުގައި ޒޭބާ އިންތިޒާރު ކުރަމުން ދިޔައީ މެންދަމުގެ ވަގުތަށެވެ. ގޭމީހުން ނިދައި މުޅިގެ ހިމޭން ވީމައި ހުރިހާ ގޮތަކުންވެސް އަމާން ވާނެއެވެ. އެންމެން ނިދާހައި ވުމުން ޒޭބާ ރަޖާ ދަށުން ނިކުމެފައި އެނދުން ފައިބައިގެން ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. އައްސާލައިފައި އޮތް އިސްތަށިކޮޅު ކޮނޑުމައްޗަށް ދޫކޮށްލައިފައި އަތުން ރީތިކޮށްލިއެވެ. ތުންފަތުގައި ކުޑަކޮށް ލިޕް ގްލޮސް އުނގުޅައިލައި އިތުރަށް އޮފްކޮށްލިއެވެ. އުނގަނޑުން ފެށިގެން ފައިތިލަ އާއި ޖެހެންދެން ވަށް ފަސްބައެއް ހުރި ހުދު ހެދުމަށް ދަމައި އެއްވަރުކޮށްލައިފައި ޒޭބާ ގޮސް ކުޑަދޮރު ހުޅުވައިލިއެވެ. ހުވަނދު ލެވިފައިވާ ފިނިރޯޅިއެއް އައިސް ޒޭބާގެ މޫނުގައި ބޮސްދިނެވެ. ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔަ ފިޔާތޮށި ދެ ތުންފަތް ހުޅުވިގެން ދިޔައީ ފަތިހަށް ފޮޅުނު ފިނިފެންމަލެއް ފަދައިންނެވެ. 

"ޒޭބާ!" މިޝްއަލްގެ އަޑު އައީ ޒޭބާގެ ފުރަގަހުންނެވެ. ވަގުތުން ޒޭބާގެ ހިތް ފުންމަ ފުންމައިގެން ދިޔައެވެ. އެ ހިތް އޭގެ އިޙުތިޔާރުން ބޭރުކޮށްލުމަށްޓަކައި މިޝްއަލްގެ އަޑު އެކަނިވެސް ފުދެއެވެ. ކޮންފަދަ ޖާދުވީ އަޑެއް ހެއްޔެވެ؟ ހާދަ ފިރިހެންވަންތައެވެ. އެއަޑު ކަންފަތުގައި ޖެހުމާއެކު ޒޭބާގެ ހަށިގަނޑު އެއީ ގިޓައެއްގެ ނަރުތަކެއް ކަމުގައި ވެދެއެވެ. ހަތަރެސްފައި ފިނިވެ މަޑުމަޑު ތުރުތުރެއް އެހަށިގަނޑަށް ފެތުރިގެންފިއެވެ. އެހެން އިންސާނެއްގެ ފަރާތުން ޒޭބާއަށް ދުވަހަކުވެސް މިފަދަ އަސަރުތަކެއް ނުކުރެއެވެ. އަނެއްކާ ލޯއްބޭ ކިޔަނީ މިއަށް ހެއްޔެވެ؟ އޭނާއަށް މިޝްއަލްދެކެ ލޯބި ވެވުނީ ހެއްޔެވެ؟ ޒޭބާ އަވަސް އަވަހަށް ދެއަތްތިލަ ގެނެސް މޭގައި ޖައްސާ ބާރުކޮށްލިއެވެ. ހިތުތެރޭގައި ގުގުމާލި އެ ސުވާލުތަކުން އިތުރަށް ފިނިވެ ދެފައިކޮޅުން ވާގި ދޫވާހެން ހީވާންފެށިއެވެ. އެވަގުތު މިޝްއަލް ޒޭބާގެ ފުރަގަހުން ކޮނޑުގައި ހިފަހައްޓާލުމުން ޒޭބާއަށް ހީވީ ގެނބެމުން ދަނިކޮށް ލަކުނޑިގަނޑެއްގައި އަތްޖެހުނު ހެންނެވެ. 

"ޒޭބާ. އަހަރެން ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުން." މިޝްއަލް އައިސް ކުރިމައްޗަށް ހުއްޓުނުއިރު އެމޫނުގައި ވަނީ ސީރިއަސްކަމެވެ. "މިހާރުވެސް މާ ލަސްވެއްޖެ ކަންނޭނގެ މިވާހަކަ ބުނަން." މިޝްއަލް އެހާ ސީރިއަސްވެފައި ހުއްޓާ ފެނުމުން ޒޭބާ ޖެހިލުންވިއެވެ. ދޭން އެއުޅެނީ ނުބައި ޚަބަރަކަށް ނުވުމަށް އެދި ހިތާއިހިތުން ދުޢާ ކޮށްލިއެވެ. "ޒޭބާ އަހަރެން ދާން ޖެހިއްޖެ." މިޝްއަލްގެ ނިތަށް ރޫއަރައި ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ޒޭބާއަށް ކުޑަވެސް ފުރުސަތެއް ނުދީ މިޝްއަލް ކުއްލިއަކަށް އަނެއް ފަރާތަށް އެނބުރިފައި ވިދުވަރެއްފަދައިން ލޯމަތިން ގެއްލުނެވެ. ޒޭބާ ހުރީ ހައިރާން ވިވަރުން ގުޑިލަން ނޭނގިފައެވެ. އެއް ސިކުންތުގައި ސީރިއަސްވެފައި އަނެއް ސިކުންތުގައި އެމޫނަށް ރުޅިވެރިކަން ވެރިވެގެން ދިޔައީ އަޖައިބެއްފަދަ ގޮތަކަށެވެ.

ބިމުގައި ދެފައި ޖެހުމާއެކު މިޝްއަލް ވަށައިގެންވާ މާހައުލަށް އަވަސް ނަޒަރެއް ދިނެވެ. ދުރު ދުރަށް ދާން އަނދިރިކަމުގެ ސާލު އޮޅައިގެން އޮތް ދިގު މަގުގައި ރަސްކަން ކުރަމުން ދިޔައީ ފުން ހިމޭންކަމެވެ. ވައިރޯޅި ހިނދިފައި އޮތުމުން ގަސްތައްވެސް ކޮޅަށް ތިބި ހިލައިގެ ބުދުތަކެއް ފަދައެވެ. މިޝްއަލް ވައިރޯޅިއެއް ހާ ހަލުވިކޮށް މަގުގެ ކޮޅާއި ހަމައަށް ދިޔައެވެ. ދެ ކަންފަތް ކޮޅަށް ޖަހައިގެން ހުރެ ވަށައިގެންވި ހުރިހާ އެއްޗެއް އެކްސްރޭކޮށްލަން އުޅޭކަހަލަ ގޮތަކަށް ފުންކޮށް ބަލައިލިއެވެ. ކިތަންމެ ސިއްރުން އުޅުނަސް މިޝްއަލްއަށް އިހްސާސްވިއެވެ. އޭނާ ހޯދަން އެއުޅޭ މަހުލޫޤު އެދިޔައީ މިޝްއަލްގެ ފުރަގަހުން އެ މަގު ހުރަސްކޮށްފައެވެ. މީ ޔަގީނުންވެސް މިޝްއަލްގެ ފަހަރެވެ. މިފަހަރު އޭނާ ހުއްޓައި ލާނީ އެމަހުލޫޤުގެ ކުރިމައްޗަށް އަރައިފައެވެ. އެއްވެސް އެއްޗަކަށް އަބަދު ފިލައިގެނެއް ނޫޅެވޭނެއެވެ. އަމުދުން މިޝްއަލް އެވަނީ އެސިފައިގައި ޒޭބާގެ ކައިރިއަށް ދިޔަފަހުން އެ މަހުލޫޤު ހޯދުމަށްޓަކައި އަތުކުރި އޮޅައިލައިފައެވެ. މިޝްއަލް ހުއްޓައި ލާނީ ވެސް ޒޭބާއަށް ނުރައްކަލެއް ނެތްކަން ކަށަވަރު ކޮށްފައެވެ. 

"އަހަރެން ކަލޭ ހޯދައިފިން. ދެންވެސް އެންމެ ރަނގަޅު ވާނީ އަމިއްލަ އިޙުތިޔާރުގައި މަގޭ ކުރިމައްޗަށް އައިއްޔާ." މިޝްއަލް އެހުރިގޮތަށް ދުރު ބަލަން ހުރެފައި ޖިންސްގެ ޖީބަށް އަތްޖަހައިލިއެވެ. އެމޫނުމަތީގައި ވީ ކާމިޔާބުގެ ކުލަވަރެވެ. ނުހަނު ހަރުދަނާ ހަމަޖެހޭ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެން އޭނާ ކުރިމައްޗަށް އަންނާނެ އިރަކަށް އިންތިޒާރުގައި ހުއްޓެވެ. އިރުކޮޅަކުން އެމީހަކު އައިސް މިޝްއަލްގެ ފުރަގަހަށް ހުއްޓުނު އަޑު އިވުނެވެ. މިޝްއަލް ކޮންމެހެން އަވަސް އަރުވައިލާކަށް ނޫޅެއެވެ. ނުހަނު ހަމަޖެހިގެން ހުރެފައި ލަސްލަހުން އެނބުރި ބަލައިލިއެވެ. އޭނާ ދެކެފައި މިޝްއަލްގެ ހިނިތުންވުން އުދުހިގެން ދިޔައެވެ. ދެލޯ ބޮޑުވެ އަނގައިން ބަސް ހުސްވިއެވެ. މިޝްއަލްގެ ސިކުނޑި މަސައްކަތް ކުރަން ކުޑަ ވަގުތުކޮޅެއް ނެގިއެވެ. 

"ކައިލް! ކަލޭ.........؟؟؟" މިޝްއަލްއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. "ސަޕްރައިޒް!" ކައިލް އެއްމިޔަކަނުން ހިނިތުންވެފައި ހުރެ ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. ކައިލްގެ މޫނުމަތީގެ ކުލަވަރަށް ބަލައިލުމުން އަމިއްލަ ނަފްސާއިމެދު ފަޚުރުވެރިވެފައި ހުންނަ ފާޑުޖަހައެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެފައި ތޫފާނީ ވައިރޯޅިއެއް އައިސް ވަށައިގެންވާ ގަސްތަކަށް ހަމަލާދީފައި މާހައުލުގައި ހަލަބޮލި ކަމުގެ ރާޅެއް އުފައްދައިފިއެވެ. ލޯގަނޑަކުން ފެންނަ އެއް ސޫރަ ފަދައިން ދެމީހުން އެކަކު އަނެކަކުގެ ކުރިމަތީ ބަލަހައްޓައިގެން ތިއްބެވެ. ކައިލް އެއީ ހަމަ މިޝްއަލްގެ ކޮޕީއެކެވެ. ހަމަ އެންމެ ތަފާތެއް ފިޔަވައި އެހެން އެއްވެސް ބަދަލެއް ފާހަގައެއް ނުކުރެވެއެވެ. އެ ތަފާތަކީ ކައިލްގެ ލޮލެވެ. ކައިލްއަށް ލިބިފައި ވަނީ ލޫސީ ފަދައިން ބްރައުން ލޮލެކެވެ. 

"ކައިލްތަ ޒޭބާ ފަހަތުން އަޅުވާލައިގެން އުޅުނީ؟" މިޝްއަލް ގަބޫލު ނުކުރެވިފައި އަހައިލިއެވެ. "އަހަރެން ފެނިގެން މިޝްއަލް އުފަލެއް ނޫންތަ ވާންވީ؟ އެކަމަކު ތިހުރީ ރުޅި މޫނު ހަދާފައި." ކައިލް ދެއްކީ އެހެން ވާހަކައެކެވެ. "ކޮބާ ކައިލްގެ ބޭނުމަކީ؟" މިޝްއަލް ކުއްލިއަކަށް ކައިލްގެ ކަރުގައި ހިފާފައި ގެންގޮސް އެންމެ ކައިރިއަށް ހުރި ހިރުނދުގަހުގައި ޖައްސާ ފިއްތާލިއެވެ. "އަހަރެން އައީ ބަދަލުހިފަން... ޒޭބާ މަރާލަން." ކައިލް ނިކަން އުދަނގުލުން ޖަވާބު ދިނެވެ. އެކަމަކު މިޝްއަލްގެ ކިބައިން ސަލާމަތްވާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. "މަންމަގެ މަރަކީ ޒޭބާގެ ފަރާތުން ވީ ކަމެއް ނޫން." މިޝްއަލް ރުޅިވެރި ލޮލަކުން ބަލަމުން އަދިވެސް ބޮޑަށް ކައިލްގެ ކަރަށް ބާރުކޮށްލިއެވެ. "ޝިޒް ރެސްޕޮންސިބަލް." ކައިލް އަނެއްކާވެސް ޖަވާބު ދިނެވެ. "ތީ ހުސްދޮގު. ޒޭބާ މަރާލަން އައިނަމަ ކީއްވެ އެކަން ނުކުރީ. ފުރުސަތު ލިބިފައި އޮތްވާ އެ ފުރުސަތުގެ ބޭނުން ނުކުރީ ކީއްވެ؟ އަހަރެން ކައިލްގެ ވާހަކަ ގަބޫލެއް ނުކުރާނަން." މިޝްއަލް ދެއްކި ވާހަކައަށް ކައިލް މިފަހަރު ރައްދެއް ނުދިނެވެ. ކަރަށް ބާރުވެގެން ވާހަކަ ނުދެއްކުނީއެވެ. ކައިލްގެ ދެލޯ ނިކުމެދާނެހެން ހީވިފަހުން މިޝްއަލް ކުއްލިއަކަށް ދޫކޮށްލައިފައި އަނެއް ފަރާތަށް އެނބުރުނެވެ. 

"ބިލީވް މީ. އަހަރެންގެ ބޭނުމަކީ ޒޭބާ މަރާލުން. އެކަމަކު އެއް ސިކުންތު ތެރޭގައި ކަރުކަނޑާ ވައްޓާލީމަ ކޮބާތަ އެއިން ލިބޭ ހިތްހަމަޖެހުމަކީ؟ އަހަރެން ބޭނުމީ ޒޭބާ މަރަށް ތެޅިފޮޅޭތަން ބަލަން. ޖަސް ލައިކް މަމް. މަންމަގެ ލޮލުން ވެއްޓުނު ކޮންމެ ކަރުނަތިއްކެއްގެ ބަދަލު ހިފަން ބޭނުން ވަނީ އިންސާނަކު ހިތަށްވެސް ނާރުވާފަދަ ގޮތަކަށް." ކައިލް ގަމީހުގެ ގިރުވާނުގައި ހިފާ ތިރިއަށް ދަމައިލުމަށްފަހު ދެކޮނޑު ފޮޅައިލަމުން މިޝްއަލްގެ ފަހަތުން ދިޔައެވެ. "ކައިލް. އަހަރެން ކަލޭގެ ވާހަކަ ގަބޫލެއް ނުކުރާނަން. ޒޭބާ މަރާލަން އައި މީހަކު ކީއްކުރަން އަންވަރު މަރާލީ؟ ކޮން ދުޝްމަންކަމެއް އޮވެގެން އޭނަ ދިރިހުއްޓާ ވަޅުލީ؟ ޒޭބާ އާއި މެދު ތިހާ ނަފްރަތު އޮތިއްޔާ އަންވަރު އެކުރި ކަންތަކުގެ ފަހުން ކައިލް އޭނައަށް ދޭންޖެހޭ އެއްޗަކީ ސާބަހެއްނު. ދެން ކީއްވެ އޭނަ މަރާލީ؟" މިޝްއަލް އަނެއްކާވެސް ކައިލް އާއި ކުރިމަތިލައިފައި އެ ސުވާލުތައް އަތުރައިލިއެވެ. ކައިލް ޖަވާބު ދޭކަށް ނޫޅެއެވެ. ލާނެތް ގޮތަކަށް ހިނިތުންވެފައި ބަލަހައްޓައިގެން ހުރީއެވެ. 

ކައިލްގެ އެ އެސިފަދެކެފައި މިޝްއަލް އިތުރަށް ރުޅިގަދަވެގެން ގޮށްމުށުގެ އެތިފަހަރެއް ދޫކޮށްލަން ތައްޔާރުވިއެވެ. އެކަމަކު ކައިލް މިފަހަރު މާ ހުޝިޔާރެވެ. މިޝްއަލްގެ މަގްސަދު ކާމިޔާބު ވުމުގެ ކުރިން ކައިލް އެއަތުގައި ހިފާ ހުއްޓުވިއެވެ. 

ކޮމެންޓް 0