ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ލޭތައް ފެތުރި ލޫސީ ލައިގެން އޮތް ވައިލެޓް ހެދުމުގެ ބައެއްވެސް ކަޅިވެގެން ދިޔައެވެ. ޒޭބާ ޝޮކްގައި ހުރެގެން ދެފިޔަވަޅެއް ކުރިއަށް އަޅާފައި ދެން ފެނުނީ ދުއްވައިގަތްތަނެވެ. ލޫސީގެ ކައިރީގައި ކުޑަ ކަކޫ ޖަހައިލަމުން ލޭތަކާއެކު ލޫސީގެ ބޮލުގައި ދެއަތުން ހިފާ ނަގާފައި އުނގުގައި ބާއްވާލިއެވެ. އެ ދެއަތް ތުރު ތުރު އަޅަން ފެށިއެވެ. ލޮލުން ކަރުނައިގެ ކޯރު ދެމިގަތެވެ. ކުރެހިފައިވާ އަޑަކުން ލޫސީ އޭ ގޮވަމުން ދަނިކޮށް ފަހަތުން މީހަކު އައިސް ކޮނޑުގައި ހިފަހައްޓައި ލުމުން ޒޭބާ ސިއްސައިގެން ދިޔައެވެ. 

"ބަލާބަ... ލޫސީއަށް ވީގޮތެއް.... އަހަރެން ގަސްތުގައެއް ނޫން އޭނަ ކޮށްޕާލީ... ނޭނގެ... މިހެންވާނެ ކަމެއް..." އެއީ ކާކުތޯވެސް ބަލައިނުލައި ޒޭބާ ރޮވިފައިވާ އަޑަކުން ވާހަކަދެއްކިއެވެ. "އަހަންނަށް އިނގޭ... އެކަމަކު ތިކަން އެހެން މީހަކަށް އެނގިއްޖެއްޔާ ޒޭބާގެ ފުރާނައަށް ނުރައްކާވާނެ..." އެއިވުނީ ކައިލްގެ އަޑެވެ. ޒޭބާގެ ހިތަށް ހިތަށް ތިނޯސްތަކެއް ހަރައިލިކަހަލަ އިހްސާސެއް ކުރެވިގެން ދިޔައެވެ. ލޮލުން ކަރުނަ އައުން ހުއްޓިއްޖެއެވެ. ލޫސީ ތިރީގައި ބާއްވާފައި ޒޭބާ ފުންމައިގެން ތެދުވެ ކައިލް އާއި ކުރިމަތިލިއެވެ. "އަހަރެންގެ ފުރާނައަށް އޮތް ހަމައެކަނި ނުރައްކަލަކީ ތީ." ޒޭބާ ރުޅިއައިސްގެން ދަތްކުނޑި ވިކައިލިއެވެ. އެކަމަކު މީހަކަށް އަޑު އިވިދާނެތީ ބާރަށް ހަޅޭއްލަވާކަށް ނުކެރުނެވެ. 

"ޒޭބް. ފަހުންވެސް ތިވާހަކަ ދެއްކިދާނެ މިގަޑީ އެންމެ މުހިންމު ކަންތައް ކުރަން ހިނގާ. އެހެންމީހަކު ނާންނަނީސް މިތަނުން ނިކުންނަން އުޅޭ." ކައިލް ވަށައިގެން ހޯދައިލައިފައި ފާރުކައިރީ ހުރި ބިއްލޫރި ފޮތް އަލަމާރި ވައްޓާލިއެވެ. އަލަމާރި ތިރީގައި ގޮސް ޖެހުމާއެކު އޭގައި ހުރި ބިއްލޫރި ދޮރުފަތް ކުދިކުދިވެގެން ފޭބިއެވެ. ފޮތްތައްވެސް އެތަން މިތަނަށް ފެތުރިގަތެވެ. ކައިލްގެ މަގްސަދު ޒޭބާއަށް ނަގައިގަނެވުނެވެ. ފެންނަ މީހަކަށް ހީވާނީ ލޫސީއަށް އެހެން ދިމާވީ ހަރުގަނޑު ވެއްޓިގެން ދިމާވި ހާދިސާއަކުން ކަމުގައެވެ. "ލޫސީ އެހާލުގައި ބާއްވާފައެއް ނުދާނަން މަށެއް." ޒޭބާ ހަމަ ފާޅުގައި ދެކޮޅު ހެދިއެވެ. "ލޫސީއަށް އެހީވާން މާވިންމެން އެބަ އާދޭ. އެކަމަކު އެމީހުން އަންނައިރު ޒޭބާ މިތާ ހުރެއްޖެއްޔާ މައްސަލަ ވަރަށް ގޯސްވާނެ." ކައިލް ޒޭބާ އާއި ކައިރިވާން ފެށުމުން ޒޭބާ ޖެހިލީ ދުރަށެވެ. "ދެން ނުބުނާތި އަހަރެން ވިސްނައެއް ނުދެއޭ." ކައިލް ވިދުވަރެއްފަދައިން ކައިރިއަށް ޖެހިގެންފައި ޒޭބާގެ އަތުގައި ހިފެހެއްޓިއެވެ. ދެން ހަމަ ޖެހިލި ވައިރޯޅިއެއްހެން ދެމީހުން އެއްކޮށް އެތަނުން ޣައިބު ވެއްޖެއެވެ.

އެންމެ ފުރަތަމަ ދޮރުމައްޗަށް ހުއްޓެވުނީ މާވިން އަށެވެ. ހަފީޒާއަށް އާދެވުނު އިރު މާވިން ދުވެފައި އެތެރެއަށް ވަންނަނީއެވެ. އަރައިގެން ހުރި ބޫޓާއެކު ޓައިލްސްމަތިން ސްކީކޮށްލާފައި ގޮސް ލޫސީގެ ކައިރިއަށް މާވިން ވެއްޓިގަތެވެ. ލެއިން ތަތްތެޅިފައިވާ އަނބިމީހާގެ މޫނުގައި ދެއަތުން ހިފަހައްޓާލެވުނުއިރު ހިފެހެއްޓެމުއްނެތި ލޮލުން ކަރުނަ އަތުވެއްޖެއެވެ. މާވިން ފިރިހެނަކަށް ވިއަސް ހަފީޒާއަށްވުރެ ބޮޑަށް ހިތަށް އަސަރު ކޮށްފިއެވެ. ފަހަތުން ވަން ޝިނީ އާއި އެހެން ކޮންމެ މީހެއްގެ މޫނުންވެސް ފެނިގެންދިޔައީ ހާސްކަމެވެ. އަފްލާކް އަވަސްއަވަހަށް އެމްބިއުލާންސަށް ގުޅާފައި މާވިން ހަމައަކަށް އެޅުވޭތޯ ވާހަކަދައްކަން ފެށިއެވެ. ޝިނީއަށް އެމަންޒަރު ފެނިގެން ބޮލަށް އެނބުރުން އަރާގޮތްވެ އަވަހަށް ނިކުނަން ދިޔައެވެ. ލިބިފައިވާ ހާސްކަމެއްގެ ބޮޑުކަމުން ކަންނޭނގެއެވެ. އެކަކުވެސް ޒޭބާ މަތިން ހަނދާނެއް ނުކުރެއެވެ. އިރުކޮޅަކުން ސައިފުﷲ ބޭރަށް ނިކުމެފައި އެމްބިއުލާންސް އައި ޚަބަރާއިގެން އެތެރެއަށް ވަނުމުން މާވިން ސިޑިން ފައިބައިގެން އައީ ލެއިން ތަތްތެޅިފައިވާ ލޫސީ އަތްދަނޑިމައްޗަށް ލައިގެންނެވެ. އެއްބަޔަކު އެމްބިއުލާންސަށް އަރާފައި ދެން ތިބިމީހުން ފެރީ ޓާމިނަލަށް ދިޔައީ ވޭނެއް ގެނެސްގެންނެވެ. ލޫސީ އޮތް ހާލު ދެކެފައި އެންމެންވެސް ބޭނުންވީ ވަގުތުން މާލެ ގެންދާށެވެ.

ލޯ ހުޅުވުނުއިރު ޒޭބާއަށް ހުރެވުނީ ރޯޔަލް ބީޗް ކޯނަރ ގައެވެ. ތަނަށް ފެތުރިފައިވާ އަނދިރިކަމުގެ ތެރެއިން ހުޅުވާފައިވާ ކުޑަ ދޮރުން ވަދެފައިވާ ހަނދުވަރުގެ އަލި ފެނެއެވެ. ޒޭބާ ހާސްކަމާއެކު ވަށައިގެން ހޯދާލިތަނާ ކައިލް ފެނިއްޖެއެވެ. ކައިލް މިޝްއަލްގެ ކޮޓަރި އާއި ޖެހިގެން ހުރި ކޮޓަރިން ނިކުންނަނީއެވެ. "ކަލޭ ކޮންކަމެއްތަ ބޭނުންވެގެން ތިއުޅެނީ؟" ޒޭބާ ބަލާކަށް ނުހުރެ ބާރުބާރަށް ގޮސް ކައިލްގެ ޓީޝާޓުގައި ދެއަތުން ހިފާ ބޮނޑިކޮށްލާފައި ރުޅިވެރި އަޑަކުން ސުވާލު ކުރިއެވެ. "ހާދަ ރުޅިގަދައޭ މިހާރު." ކައިލް ލާނެތް ހިނިތުންވުމަކާއެކު ޒޭބާގެ ދެއަތުގައި ހިފަހައްޓާލުމުން ފާޑަކަށް ފިނިވެގެން ދިޔައެވެ. ޒޭބާ އަވަސް އަވަހަށް ދެއަތް ދަމައިގެންފައި ދުރަށް ޖެހިލިއެވެ. އެކަމަކު އަދިވެސް އެމޫނުގައިވި ރުޅިވެރި ކަމަކަށް ބަދަލެއް ނާދެއެވެ. "ހަމަ ތެދެއް މިބުނީ އަހަރެންނަށް ކައިލް ދަހެއްނުވި. އެއްފަހަރު އުޅޭނެ އަހަރެން މަރާލަން. އަނެއްފަހަރު އަހަރެންގެ ފުރާނައިގެ ރައްކާތެރިއަކަށް ވެގެން އުޅެފާނެ. ދެން އަހަރެން ރޭޕް ކުރަން މީހުން ފޮނުވާފައި ދެން ބައްދަލުވީ ފަހަރު އަނެއްކާވެސް އަހަރެންގެ ފުރާނައަށް ނުރައްކާވެދާނެތީ މިތަނަށް ތިގެނައީ... ސީރިއަސްލީ އައި ކޭންޓް ގެޓް ޔޫ... ސައިކޯ ގޮތެއް ހުންނަނީތަ؟" ޒޭބާ ކުޑަކޮށް ރާގު ބަދަލުކޮށްފާއި ވާހަކަ ދައްކަމުން ހަށަށް ބަނދެލިއެވެ. ކައިލްގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. "ވެދާނެ." ކައިލް ހަމައެކަނި އެހެން ބުނެލާފައި ކުރިއަށް ދާން ހިނގައި ގަތުމުން ޒޭބާ އަނެއްކާވެސް ކައިލްގެ ކުރިމައްޗަށް އެރިއެވެ. 

"އަހަރެންގެ ސުވާލު ތަކަށް ޖަވާބު ދީފައި ނޫނީ ނުދެވޭނެ. ކައިލް މަރާލާނަމޭ ކިޔައިގެން ބިރުދެއްކިއަސް މަ ދެން ބިރެއް ނުގަންނާނެ. އެނގޭ ނުކެރޭނެކަން މަރާލާކަށް. އެހެން ނޫންނަމަ އަހަރެން މިއަދު ހުންނާނީ މިހެން ދެފައިމައްޗަށް ތެދުވެ ކޮޅަކަށް ނޫން." ޒޭބާ ހަމަ ގަސްތުގައި ކައިލްގެ ހިތުގެ ސިއްރު އޮޅުންފިލުވަން ފާޑު ފާޑުގެ ވާހަކަ ދައްކަމުން ދިޔައެވެ. ރުޅިއައި ކަމުގައިވިއަސް މައްސަލައެއް ނެތެވެ. އެގޮތަށް އަނދިރީގައި ތެރޭގައި ހުރުމަށްވުރެ ނުރައްކަލާއި ކުރިމަތިލައިގެންވެސް ހަގީގަތް އޮޅުންފިލައިފިއްޔާ ރަނގަޅެވެ.

"ހޭއި މިޝްއަލް. ޔުއަރ ވެލްކަމް!" ޒޭބާ ކައިލްގެ ޖަވާބަކަށް އިންތިޒާރުކޮށްގެން ހުއްޓާ ކައިލް އެއް އަތް އުފުލާލައިފައި ދެފަހަރެއްގެ މަތީން އިނިގިލިތައް ލަނބައިލަމުން ފަހަތުގައި އައިސް ހުއްޓުނު މިޝްއަލްއަށް ބުނެލިއެވެ. އެވަގުތު ޒޭބާ ވެސް ހައިރާންވެފައި އެނބުރި ބަލައިލިއެވެ. މިޝްއަލްގެ މޫނުމަތީގައި ވީ ނުރުހުމުގެ ކުލައެވެ. އެކަމަކު އަނގައަކުން ނުބުނެއެވެ. ޒޭބާ އަވަސް އަވަހަށް ގޮސް މިޝްއަލްގެ ކައިރިއަށް ހުއްޓިފައި ކައިލް ކަންތައް ކުރި ގޮތް ކިޔައިދޭން އުޅެން ފެށުމުން އަހަންނަށް އެނގެއޭ ބުނެ އެކަން ހުއްޓުވިއެވެ. "ތީގެ މާނައަކީ މިޝްއަލް ބުނެގެންނޭތަ ކައިލް ދިޔައީ؟" ޒޭބާ ހިތްހަމަނުޖެހިފައި މިޝްއަލް ކުރެން އަހާލިއެވެ. "އޭނަ ކުރާ ކޮންމެކަމެއް ކުރާނީ އަމިއްލައަށް ފެނިގެން." މިޝްއަލް ބަލަހައްޓައިގެން ހުރީ ކައިލްއަށެވެ. ޒޭބާ ފަދައިން މިޝްއަލްވެސް އެހުރީ ކައިލްގެ ފަރާތުން ޖަވާބު ތަކެއް ބޭނުންވެފައެވެ. 

"ޒޭބް މަޑުކުރޭ. އަހަރެން އަހަރެންގެ ކޮއްކޮ އާއި ވާހަކައެއް ދައްކަން އެބަޖެހޭ." ކައިލް ދުރުބަލަން ހުރެފައިވެސް މިޝްއަލްގެ ޖުމްލަ އިވިގެން ހިނިތުންވެލިއެވެ. ރުޅިގަދަވެފަ ތިބޭ މީހުން އިތުރަށް ހޫނުކޮށްލާފަދަ ހިނިތުންވުމެކެވެ. މިޝްއަލް ކިތަންމެ ވަރަށް ކައިލް ދެކެ ލޯބިވިއަސް ޒޭބާގެ ކަންތަކުގައި ކައިލްގެ ނިންމުންތަކާއި މެދު ފަހަރެއްގައިވެސް ހިތްހަމައެއް ނުޖެހެއެވެ. ޒޭބާއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ކައިލް އަނެއްފަރާތަށް އެނބުރިފައި މިޝްއަލްގެ ކޮޓަރި އާއި ދިމާއަށް ދާން ފެށުމުން މިޝްއަލްވެސް ފަހަތުން ގޮސް ވަދެ ދޮރުލައްޕާލިއެވެ. 

ދެން ހީވީ އެތަނަށް ބިންހެލުމެއް އައި ހެންނެވެ. އެތެރެއިން ތަޅާފޮޅުމުގެ އަޑާއި އެއްޗެހި ވެއްޓި ހަލާކުވާ އަޑު މެދުކެނޑުމެއްނެތި އިވެން ފެށިއެވެ. ޒޭބާ ދެލޯބޮޑުވެފައި ބަލަހައްޓައިގެން ހުންނަތާ އިރުގަނޑެއްފަހުން ކުއްލިއަކަށް އެހުރިހާ އަޑެއް ކެނޑި ހިމޭންވެގެން ދިޔައެވެ. 

އިތުރު އަޑެއް އިވޭތޯ ޒޭބާ އިންތިޒާރު ކުރިއެވެ. "އަނެއްކާ މިޝްއަލްއަށް ދެރަގޮތެއް ވީ ހެއްޔެވެ؟ ކައިލް މިޝްއަލް މަރާލީ ބާވައެވެ؟" ހިތަށް އެރި އެއްޗަކުން މޭގަނޑު ތުރު ތުރު ލައިގަތެވެ. ޒޭބާ ބިރުން ހުރެގެން ސިއްރު ފިޔަވަޅުތަކެއްގައި ދޮރާއި ގާތަށް ދާން ފެށިއެވެ. ދެތިން ފޫޓެއްވަރު ކައިރިވި ތަނާ އެތެރޭގައި ވާހަކަދައްކާ އަޑު އިވެން ފެށިއެވެ. ޒޭބާ ކަންފަތް ކޮޅަށް ޖަހާލައިގެން ހުރެ މިޝްއަލްމެންގެ ވާހަކަތައް އަހަން ފެށިއެވެ. 

"ގަބޫލެއް ނުކުރެވޭ." މިޝްއަލް އަޑަށް ބާރުލާފައި ދެކޮޅުހެދިއެވެ. "އަހަރެން މިބުނީ ތެދު. އޭގެ ހެކިވެސް އެބައޮތް. ހެއްކަކީ ޒޭބާގެ ބަޑި." ކައިލް މިޝްއަލްއަށް ކަމެއް ސާބިތުކޮށްދޭން އުޅެނީއެވެ. އެކަމަކު މިޝްއަލް އެކަން ގަބޫލުކުރަން ދެކޮޅުހަދަމުން ދިޔައެވެ. "މިޝްއަލްއަށް ވެސް ފެނެއެއްނު ޒޭބާއަށް އަންނަމުން ދާ ބަދަލުތައް. އެއީ އިންސާނަކަށް ކުރެވޭނެ ކަންތައްތަކެއް ނޫން. އިންސާނުންނަކީ ބަލިކަށި ބައެއް. އެމީހުން ނިދިނުލިބި ސައުވީސް ގަޑިއިރުވިއަސް މުޅިހަށިގަނޑު ބަލިވެދޭ. ވަރުބަލިވެ ސިކުނޑިއަށް އޭގެ އަސަރު ފޯރާ. އެކަމަކު ޒޭބާ.... މިޝްއަލް ޒޭބާ އަކީ އަހަރުމެންފަދަ މަހުލޫޤެއް.... އަހަރުމެނަށް ވުރެވެސް ބާރުގަދަ ޖިންނިއެއް. އިންސާނަކާއި ޖިންނިއަކަށް ލިބިފައިވާ ދަރިއެއް. މިއޮތް ހާދުވަހު ޒޭބާގެ އަތުގައި އަޅާފައި އޮތީ އޭނާގެ ހަށިރައްކަލަށް އަޅާފައިވާ ބަޑިއެއް ނޫން. އެއީ ޒޭބާގެ ރޫޚާނީ ބާރުތަކުން އޭނާގެ އިންސާނީ ހަޔާތް ސަލާމަތް ކުރަން އަޅާފައި އޮތް އެއްޗެއް. އެބަޑި އޮންނަހާ ހިނދަކު ޒޭބާއަށް ޖިންނީންގެ ބާރެއް ބޭނުމެއް ނުކުރެވޭ. އެކަމަކު އެނެގި ދުވަހުން ފެށިގެން މަޑުމަޑުން ބާރުތައް އައިސް ޒޭބާގެ އަސްލުގޮތަށް ބަދަލުވަމުން އެދަނީ. މިޝްއަލް ޒޭބާ ބަދަލުވަމުން ދާ މިދުވަސްވަރު އިންސާނުންގެ ތެރޭގައި ބެހެއްޓުން އެއްގޮތަކަށްވެސް ރައްކާތެރިއެއް ނޫން. އެއްގޮތަކީ އެމީހުންނަށް ލިބޭނީ އަނިޔާތަކެއް. އަނެއް ގޮތަކީ ޒޭބާގެ އާދަޔާހިލާފްކަން ފެނި އެމީހުން ފަންޑިތަވެރި އަކަށް އަންގައިފިއްޔާ ޒޭބާ އާއި އެކު އަހަރެމެން އެންމެންގެ ދިރިއުޅުންވެސް ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދާނެ." ކައިލް އެހުރިހާ ވާހަކައެއް ދައްކާ ނިމުމުން މިޝްއަލް މިނިޓެއްވާން ދެން ހިމޭނުން ހުރެލާފައި ސުވާލު ކުރީ ޒޭބާގެ ބައްޕައަކީ ކާކުކަން ކައިލްއަށް އެނގޭތޯއެވެ. 

"ނޭނގެ. އެކަމަކު ފަންޑިތަވެރިޔާގެ ވާހަތަކުން އަހަރެންނަށް ކަމެއް އެނގުނު. އެއީ އަހަރެމެން ކަހަލަ އާދައިގެ ޖިންނިއެއް ނޫން. ވަރަށް ބާރުގަދަ ޖިންނިއެއް. އެހެން ޖިންނީންގެ ނުވާ އެތަކެއް ބާރެއް ލިބިފައިވާ މަހުލޫޤެއް. އެހިސާބުން އަހަރެންގެ ވިސްނުން ގޮސް ހުއްޓެނީ އަރްޖްއަށް. އަރްޖް އިންސިއަކާއި އޮތް ގުޅުމުގައި އެދެމީހުންނަށް ދަރިއަކު ލިބިފައިވުން އެކަށީގެންވޭ." ކައިލް ޖަވާބު ދިނެވެ. ދެޒުވާނުންގެ ވާހަކަ އެހިސާބަށް ދިޔަތަނާ ބޭރުން އެއްޗެއް ވެއްޓި ޖެހުނު އަޑު ރީތިކޮށްވެސް އިވުނެވެ. ދޮރާއި ދިމާއަށް ދުއްވައިގަތީ ދެމީހުން އެކުގައެވެ. ދޮރު ހުޅުވާލިއިރު ޒޭބާ އޮތީ ޓައިލްސް މަތީގައި ޚަބަރު ހުސްވެފައެވެ. 

ކައިލް ހުއްޓިލައިގެން ހުއްޓާ މިޝްއަލް ގޮސް ޒޭބާ ނަގައިގަނެގެން ގެނެސް އެނދުގައި ބާއްވާލިއެވެ. ކައިލް އަދިވެސް ހުރީ ދޮރުމަތީގައެވެ. މިޝްއަލް ޒޭބާގެ މޫނަށް ނިވާއަޅާފައިވާ އިސްތަށިކޮޅުތައް އެމޫނުން އެއްކައިރިކޮށްލި ތަން ބަލަން ހުރެފައި ކައިލް ދޮރުކަނީ އަތް ވިއްދާލިއެވެ. "ލޫސީއަށް ވީގޮތް ހިތަށް އަރާފައި މާބޮޑަށް ދެރަވީ ކަންނޭނގެ." މިޝްއަލް ވާހަކަދައްކަމުން ޒޭބާގެ މަގަތުގައި އިށީންދެފައި އަތުގައި ހިފާލިތަނުން ސިހިގެން ދިޔައެވެ. މިޝްއަލް އަވަސްއަވަހަށް ޒޭބާގެ އަތުން ދޫކޮށްލާފައި ހެދުންމަތިން ޒޭބާގެ ބަނޑުގައި އަތްޖައްސާލިއެވެ. އެތަން ފެނިގެން ކައިލްވެސް ވާނުވާ ނޭނގިފައި ހުއްޓެވެ. މިޝްއަލް ޒޭބާގެ ބަނޑުގެ އެކިހިސާބުގައި އަތްލައިގެން ބަލާފައި އިރުކޮޅަކުން ތެދުވިއިރު އެމޫނުގައި ވަނީ ބަޔާން ނުކުރެވޭފަދަ އުފާވެރިކަމެވެ. ލުއި ހީގަތުމަކާއެކު ލޮލުން ނީރާލި ކަރުނަ ތިކި ފުހެލިތަން ކައިލް ރަނގަޅަށް ބެލިއެވެ. "ކިހިނެތްވީ؟" ކައިލްގެ ހިތް ޝައްކުން ފުރިފައިވިއަސް ޖަވާބު ހޯދަން ބޭނުން ވީ މިޝްއަލްގެ ފަރާތުންނެވެ. "ޒޭބާ ބަނޑުބޮޑު." މިޝްއަލް އުފާވިވަރުން ކައިލްގެ ކައިރިއަށް އައިސް ކޮނޑާއި ކޮނޑުޖައްސާ ކުޑަކޮށް ބައްދާލައިފިއެވެ. ދާދި ދެންމެ ކައިލް ދެކެ ރުޅިން ހުރިކަން މިހާއަވަހަށް ހަނދާންނެތުނީއެވެ.

ލޫސީގެ ސިކުނޑިއަށް ލިބުނު ގެއްލުން ތަކާއެކު ހޭނާރައި އޮވެފައި ކޯމާއަކަށް ދިޔައީއެވެ. ހިތާމައިން އެންމެންގެ ހިތްވެސް ފޯވިއެވެ. ހާއްސަ ގޮތެއްގައި މާވިންގެ ހާލު ބޮޑެވެ. އުފާވެރި ކައިވެނީގެ ރޭ އެގޮތަށް ނިމިގެންދާނެ ކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟ ހަފީޒާމެން އާދޭސް ކުރަން ފެށުމުން އެހެން ގޮތެއް ނެތިގެން މާވިން ލެއިން ފެވިފައިވާ ގަމީސް ބަދަލު ކުރަންވެގެން ގެއަށް ދާން ނިކުތްއިރު އެރޭ މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ. މާވިން ފެރީއަށް އެރީއްސުރެވެސް އެތައްބައެއްގެ ލޯތައް އޭނާއަށް ހުއްޓިފައި ހުއްޓެވެ. އެކަމަކު މާވިންއަށް އެއީ ކަމަކަށް ނުވިއެވެ. ހޭވިފައިވާ އިސްތަށިގަނޑާއި ކުލަ އޮއްސިފައިވާ މޫނަކާއެކުވެސް އަންހެންކުދިންތައް އޭނާއަށް ބަލަމުން ދިޔައީ ޝައުޤުވެރި ކަމާއެކުގައެވެ. އެރީތި ޒުވާނާގެ ހިތާމައިގައި ބައިވެރިވުމަށް ޓަކައި ކޮންމެ ކުއްޖަކުމެ އެދިއެދި ތިއްބެވެ. މާވިން ކަރުނަ އޮއްސަން ބޯ އަޅާލުމަށްޓަކައި އެއިން ކޮންމެ ކުއްޖެއްގެ ކޮނޑުވެސް ތައްޔާރެވެ. އެހެނަސް މާވިންއަށް އެތަނުން އޭނައަށް ހުއްޓިފައިވާ ލޯތައް އެއީ ނުފެންނަ އެއްޗެކެވެ. 

ކޮޓަރިއަށް ގޮސް ވަނުމާއެކު ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. އާކައިވެނީގެ ރެއަށްޓަކައި އެހާރީތިކޮށް ތައްޔާރު ކުރެވިފައިވާ ކޮޓަރިތެރޭގައި އޮތީ ލޫސީގެ ހަށިގަނޑުން ގެއްލިފައިވާ ލެޔެވެ. މާވިން އެނދު ކައިރިއަށް ލެފިލާފައި ބެޑްޝީޓްމަތީ ޑިޒައިން ޖައްސާފައިވާ ފިނިފެންމާ ފިޔަތަކެއް ނަގާ މުށުތެރޭގައި ހިފަހައްޓާލައިގެން ގެނެސް ނިއްކުރީގައި ޖައްސާލެވުނެވެ. "ކީއްވެ؟... ކީއްވެ ލޫސީއަށް އެހެން ދިމާވާންވީ؟ ޝީ ޑޯންޓް ޑިޒާވް އިޓް...." މާވިން ރޮމުން ކަނޑާ ވައްޓާލި ރުއްގުޅިއެއްހެން އެނދު ހުރަހަށް އުއްޑުން ވެއްޓިގަތެވެ. އިސާހިތަކު ލޮލުތެރޭ ހުރި ކަރުނައިން މަންޒަރު ފުސްވެގެން ދިޔައެވެ. ޒޭބާ މަތިން މާވިން ހަނދާންވީ އެހެން އޮތްވައެވެ. ހޮސްޕިޓަލު ތެރޭގައި އުޅުނުއިރު ކޮންމެވެސް މީހަކު ޒޭބާ ނުފެނިގެން ސުވާލު ކުރުމުން ޝިނީ ބުނީ ޒޭބާ ގުޅާފައި ތަބީއަތު ރަނގަޅު ނޫން ވާހަކަ އެންގި ކަމަށެވެ. މާވިން ކުއްލިއަކަށް ތެދުވެފައި ހަމަ އެގަމީހާއެކު ގޮސް ޒޭބާގެ ކޮޓަރިއަށް ވަނެވެ.

ޒޭބާ އޮތީ ރީތިކޮށް ނިދާލައިފައެވެ. މޫނުމައްޗަށް ބަލައިލުމުން ވަރުބަލި ކަމުގެ އަސަރުތައް ފައުޅުވާން ހުއްޓެވެ. ފަންކާ ޖަހާފައި ހުއްޓާވެސް ނިއްކުރިމަތީގައި ދާ ތިކި ހަރުލާފައި ހުރިހެން މާވިންއަށް ހީވިއެވެ. ބަލަހައްޓައިގެން ހުރެލާފައި ޒޭބާއަށް އުދަނގޫ ނުކުރަންވެގެން މާވިން ނިކުތެވެ. މާވިންގެ ފިޔަވަޅު އަޑު އަހާފައި ބޭރުގައި މަޑުކޮށްގެން ހުރި މިޝްއަލް އެނބުރި ވަންނަން އުޅެނިކޮށް ކައިލްވެސް އަތުވެއްޖެއެވެ. "މިޝްއަލް އަހަރެންމެން މިހާހިސާބުން ހުއްޓާލައިގެން ނުވާނެ. ޒޭބާގެ ކަންތައް މަޝްވަރާނުކޮށް ތިބެވޭކަށް ނެތް." ކައިލް އައިސް ބުނެލި ވާހަކައަށް ސަމާލުކަމެއް ނުދީ މިޝްއަލް އެތެރެއަށް ވަދެފައި ބަލާލި ތަނުން ސިއްސައިގެން ދިޔައެވެ. ޒޭބާގެ އެނދު އޮތީ ހުހަށެވެ. ފަހަތުން ވަން ކައިލްއަށް ފެނުނީ މިޝްއަލް ވައިރޯޅިއެއްހެން ގޮސް ފާޚާނާ ބަލާފައި އެނބުރި އައިސް މަޑުކޮށްލި ތަނެވެ. އަހަރެން ބޭރުގައި ހުއްޓާ އަހަންނަށްވެސް ނޭނގި ޒޭބާ އެދިޔައީ ކޮންތާކަށް؟" މިޝްއަލް ދެލޯ ބޮޑުވެފައި ހުރެގެން ކައިލް އާއި ސުވާލު ކުރިއެވެ. މިޝްއަލްގެ ސުވާލުން ޚުދު ކައިލްވެސް އަޖައިބުވެފައި އެކަކު އަނެކަކަށް ބަލަހައްޓައިގެން ހުއްޓެވެ. ހިނދު ކޮޅަކަށް އެ ދެ ސިކުނޑިވެސް ހުހަށް ދިޔައެވެ.

ކޮމެންޓް 0