އަނދިރި ދެކެ ޒޭބާ މީގެ ކުރިން ބިރެއް ނުގަނެއެވެ. އެކަމަކު މިރޭ އެހެން ހުރިހާ ރެއަކާއި ތަފާތެވެ. ތެދުވެ އިށީން ތަނާ ފުރަތަމަވެސް ސިކުނޑިއަށް އައީ ހުވަނދުމާ ގަސް ދަށުގައި މަރުވެފައި އޮތް ޒުވާނާ އެވެ. ޒޭބާ ތުރުތުރު އަޅައިގެން ދިޔައެވެ. ނިއްކުރި މަތިން ދާތިކި ހިލުނެވެ. ހިތް ތެޅެން ފެށިލެއް ބާރުކަމުން އަމިއްލަ ކަންފަތަށް އިވޭހާ ވެއެވެ. 

"މާ..ވިން...! ހަފީމަންމާ...!" ކޮޅަށް ތެދުވެފައި އަނދިރިކަމުން ހިނގައިގަންނަން ނޭނގިގެން ޒޭބާ ގޮވައިލިއެވެ. ދެއަތް މުށްކަވާލުމަށްފަހު ހިތާއި ދިމާއިން މޭގައި އަޅައި ބާރުކޮށްލައިފައި ވަށައިގެން ލޯހިންގަމުން ދިޔައިރު ހިމޭންކަން ޒޭބާގެ ހިތް ތޮރުފަމުން ދިޔައެވެ. މަރު ދެކެވެސް އިންސާނަކު ބިރުގަންނާނެ މިންވަރަށް ޒޭބާގެ ހިތުގައި ބިރުވެރިކަން ވެއެވެ.

މަދު ސިކުންތުކޮޅެއް ފަހުން އަނދިރީގެ ތެރެއަށް ޒޭބާގެ ލޯ ހޭނުނެވެ. ކޮޓަރިތެރޭގައި ހުރި ފަރުނީޗަރާއި އެހެނިހެން ސާމާނު ހުރި ތަންތަނަށް ފާހަގަވާން ފެށިއެވެ. އެނދާއި ދިމާއަށް ބަލައިލިއިރު ހަފީޒާއެއް ނެތެވެ. ގޭގައި ކަރަންޓް ނެތީސް މާވިން އާއި ހަފީޒާ އޭނާ އެކަނިކޮށްލައިފައި ދިޔައީ ކޮންތާކަށް ހެއްޔެވެ؟ ގޮތްހުސްވެފައިވާ ކުއްޖެއް ފަދައިން ޒޭބާއަށް ރޮވުނެވެ. ލޮލުން ކަރުނަ އޮހެން ފެށުމުން އަތުގެ ނުފުށުން ފުހެލާފައި އަނެއްކާ ވެސް އެހީއަށް އެދި ގޮވަން ފެށިއެވެ. 

މިނިޓެއްހާ އިރު ހޭދަވެގެން ދިޔައެވެ. އެއްވެސް ހިސާބަކުން ޖަވާބެއް ނައެވެ. ގޭގައި މިވަގުތު އޭނާ ނޫން ދިރޭ ފުރާނައެއް ނެތްކަމުގައި ޤަބޫލުކުރަން ޒޭބާއަށް މަޖުބޫރުވިއެވެ. ބިރުގަނެފައި ހުއްޓަސް ގޮތް ހުސްވުމުން ޖެހޭނީ ހިތްވަރު ކުރާށެވެ. ޒޭބާއަށްވެސް ވީ އެހެންނެވެ. ރޫރޫ އަޅަމުން ދިޔަ ދެފައިން ހިނގަމުން ކޮޓަރީގެ ދޮރާއި ހަމައަށް ދެވުނު ތަނާ ބޭރުން އަންހެނަކު ހަޅޭއް ލަވައިގަތެވެ. ވިސްނުމުގެ ބައި ފަހަށް ޖައްސައިލައިފައި ޒޭބާގެ ދެފައި ހަރަކާތް ކުރިއެވެ. ދުވަމުން ގޮސް ސިޓިންރޫމަށް ނިކުތެވެ. 

ހުޅުވައިފައިވާ ދޮރުތަކުން ވަންނަމުން ދިޔަ ބާރު ވައިރޯޅިތައް ދޮރުފޮތިތަކަށް ހަމަލާދެމުން ދިޔައެވެ. ޒޭބާއަށް ފެނުނީ ޓައިލްސް މަތީގައި ބަންޑުން އޮތް އަންހެނެކެވެ. މޫނު ފެންނަން ނެތުމުން އެއީ ހަފިޒާކަމެއް ޔަޤީނެއް ނުވެއެވެ. ބިރުން ހުރެވެސް ޒޭބާ މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. އަންހެން މީހާގެ ކޮނޑުގައި ހިފަހައްޓާލަންވެގެން ގުދުވިތަނާ އޭނާ ކުއްލިއަކަށް ޒޭބާއާއި ވީ ފަރާތަށް މޫނު އަނބުރައިލި އެވެ. ޒޭބާގެ މޭގަނޑު އަނގަޔަށް އައި ކަހަލައެވެ. ތޫލި ހަޅޭކަކާއިއެކު ފަހަތަށް ފުންމައިގަނެވުނެވެ. ހަފީޒާގެ ދެލޯ ހުރީ ރަތް އައްޔަކުން ދިއްލިފައެވެ. އިސްތަށިގަނޑު ވައިގެތެރޭގައި އެގޮތް މިގޮތަށް އުދުހެމުން ދިޔައެވެ. ހަފީޒާ ކޮޅަށް ތެދުވެފައި މަރުވެފައިވާ މައްޔިތެއްހެން ކައިރިއަށް އަންނަން ފެށުމުން ޒޭބާ އަނެއް ފަރާތަށް އެނބުރިފައި ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ. އެތެރެއަށް ވަދެ ދޮރުފަތުގައި ބުރަކަށި ޖައްސައިލެވުނު އިރު ޒޭބާއަށް ގިސްލެވިއްޖެއެވެ. އަވަސް ނޭވާތަކެއް ލަމުން ދެލޯ ފުހެން ފެށިތަނާ މޫނަށް ފިނިވެގެން ދިޔައެވެ. ހުރިހާ ހިއްސެއްގައި ގަނޑުފެނުގެ ރާޅެއް ދަތުރުކޮށްލި ކަހަލައެވެ. އަތްފައި ދިޔައީ ތުރުތުރު ލައިގެންނެވެ. ޒޭބާ ބަލައިލި އިރު ކޮޓަރީގެ ކުޑަ ދޮރުތައް ހުރީ ހުޅުވައިފައެވެ. 

މަރަށް ފުރާނައަށް ބިރުން ހުރެގެން ޒޭބާ ކުޑަ ދޮރުތައް ލައްޕަންވެގެން ދުވެފައި ދިޔައެވެ. އެއް ދޮރު ލައްޕާފައި ތަންޑުވެސް އެޅުވުނެވެ. ދެވަނައަށް ހުރި ދޮރާއި ދިމާއަށް ގެންދިޔަ އަތުގައި މީހަކު ހިފެހެއްޓީ ކުއްލިއަކަށެވެ. ޒޭބާއަށް ހަޅޭއްލަވައި ގަނެވުނެވެ. އެމީހަކު ހުރީ ކުޑަ ދޮރުން ބޯދިއްކޮށްގެންނެވެ. ބޮލާއިއެކު އަޅައިފައިވާ ކަޅުފޮތިގަނޑުގެ ސަބަބުން އެމޫނަށް ވަނީ ހިޔަނި އެޅިފައެވެ. ރޮމުން ހަޅޭއް ލަވަމުން ޒޭބާ އެމީހާގެ އަތްދަށުން ސަލާމަތްވާން މަސައްކަތް ކުރަމުން ދަނިކޮށް އެމީހާ އަނެއް އަތުން ބޮލުގައިވާ ފޮތިގަނޑު ފަހަތަށް ވައްޓައިލިއެވެ. ވަގުތުން މަރުވެގެން ވެއްޓޭނެ ނަމައޭ ޒޭބާގެ ހިތަށް އެރިއެވެ. ނުލަފާ ހިނިތުންވުމަކާއިއެކު އެމޫނަށް ބަލަހައްޓައިގެން ހުރީ މީގެ ހަފްތާއެއް ކުރިންވެސް އެކޮޓަރިއަށް އައި މީހާ އެވެ. އެއީ ހަމަ އެޒުވާނާއެވެ. ޒޭބާގެ އިއްފަތްތެރިކަން ނަގައިލަން އުޅުނު ނުލަފާ މީހާއެވެ. އެކަމަކު މިހާރު އޭނާ ފެންނަން ހުރީ ކުރިއަށްވުރެ ވެސް ނުލަފާ ސިފައެއްގަ އެވެ. ދެލޮލުގެ ބަދަލުގައި ހުރީ ދެ ވަޅުގަނޑެވެ. ހިނިއައިސްފައި ހުންނައިރު ހުރިހާ ދަތެއް ހީވަނީ އެކުވެފައި ހުރި ހެންނެވެ. އެ ދަތްތައް ހުދުކަމުން ވިދައެވެ. ޒޭބާ ބަލަހައްޓައިގެން ހުއްޓާ އޭނާގެ ދެލޯ ރަތް އައްޔަކުން ދިއްލިފައި ފޮނުވާލި އަލި ޒޭބާގެ ދެލޮލަށް އެޅިފައި ހީވީ އަލިފާން ރޯވިހެންނެވެ. ޒޭބާ ރޮއިގަތީ ކަރުތެރޭންނެވެ. ސަލާމަތުން އޮތް އަތުން ލޯމަތީގައި އަތްއެޅިއެވެ. އެވަގުތު އެޒުވާނާ ޒޭބާގެ ކަންފަތާއި އަނގަ ކައިރިކޮށްލާފައި ބުނެލި އެވެ... "މީ އަދި ހަމަ ފެށުން." 

ލޯ ހުޅުވައިލެވުނު އިރު ޒޭބާގެ ކައިރީގައި މާވިން އާއި ހަފީޒާ ތިއްބެވެ. ފެނުނީ ހުވަފެނެއްކަން ޒޭބާއަށް އެނގުނީ އަދި ކިރިޔާއެވެ. އެކަމަކު އެއީ ހުވަފެނަކަށް ވުރެ ބޮޑަށް އަންނަން އުޅޭ ނުރައްކަލުގެ އިންޒާރެއް ކަމުގައި ހިތް ބުނި އެވެ. ކުޑަ ކުއްޖެއްހެން ރޮއިގެންފައި ޒޭބާ ތެދުވެ ހަފީޒާގެ އަތު ތެރެއަށް ވަނެވެ. ހުވަފެނުގައި ހިނގައި ދިޔަ ކަންތައްތައް އެމީހުނަށް ކިޔައިދެވުނީ އިރުގަނޑެއް ވާންދެން ރޮއެފަ އެވެ. 

ޒޭބާ ބިރުން އުޅޭތީ އެރޭގެ ދެން އޮތްބައި އެގޭ މީހުން ތިބީ ނުނިދައެވެ. މާވިން ލެޕްޓޮޕް ހިފައިގެން އައިސް ހަފީޒާގެ ކޮޓަރި ތެރޭގައި ހުރި ސޯފާއަކަށް ވެއްޓިގަނެގެން އިނެވެ. ހަފީޒާ އޮތީ ޒޭބާ ނިދަން ބާއްވައިގެން އޭނާގެ ކައިރީގައެވެ. ލޯމެރިލާއިރަށް ޒޭބާ ސިހިފައި ލޯހުޅުވައިލަ އެވެ. އެކަމަކު ހަފީޒާ އާއި މާވިން ފެންނަ ހިސާބުގައި ތިބުމުން އޭނާގެ ހިތަށް ހަމަޖެހުން ލިބެއެވެ.

ގަދަ ނިދީގައި އޮތް ލޫސީއަށް ހޭލެވުނީ ކޮޓަރީގެ ދޮރުފަތުގައި ޓަކި ޖަހާ އަޑަށެވެ. އެހާ ހެނދުނާ އެގޮތަށް ގޮވާނެ ހަމައެކަނި މީހަކަށް ހުންނާނީ މަންމައެވެ. ލޫސީ ރުޅިއައިސްގެން ކުދި ކިޔަމުން ތެދުވެ ބްލޭންކެޓް އެއްލައިލައިފައި ގޮސް ދޮރު ހުޅުވައިލި އެވެ. ދޮރުމަތީގައި ހުރި މާވިން ފެނިފައި ލޫސީގެ މުޅިމޫނު ދިޔައީ ރަތްވެގެންނެވެ. ލައިގެން ހުރި ނިވާކަން ކުޑަ، ކުރު ޕައިޖާމާކޮޅުގައި ލޫސީގެ ހަށިގަނޑުގެ ބޮޑުބައެއް ވަނީ ހާމައަށެވެ. އެފަދަ ވަގުތެއްގައި މާވިން އަތުވެދާނެ ކަމަށް ހީކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟

"މާވިން. މިތާ ކީއްކުރަނީ؟" ލޫސީ އިސްތަށިގަނޑު ގެނެސް ކޮނޑުމައްޗަށް ވައްޓާލައިފައި ބަނޑުން ހާމަވަމުން ދިޔަ ހިސާބުގައި ދެއަތް އަޅައި ހިފަހައްޓައިލަމުން ސުވާލުކުރިއެވެ. މާވިން އަށް ފުރަތަމަ ޖަވާބެއް ނުދެވުނެވެ. އޭނާއަށް ހުރެވުނީ ލޫސީ އެސިފައިގައި ފެނުމުން ފާޑަކަށް ހުއްޓުން އަރައިފައެވެ. ލޫސީގެ ހަގީގީ ރީތިކަން މިފެންނަނީ އެގޮތަށް މޭކަޕާއި ނުލައި ހުންނައިރުގަ އެވެ. އެހާ ރަތް ތުންފަތުގައި ވެސް އަބަދު ހުންނާނީ އަނދިރި ކުލަތައް ޖައްސައިފަ އެވެ. ނިއްކުރި މައްޗަށް ފައިބައިފައި އޮންނަ އިސްތަށިތަކުން ދެލޮލަށް ނިވާ އަޅައިފައެވެ. ލޫސީގެ ދެލޮލަކީ ނުހަނު ރީތި ދެލޮލެވެ. އެސްފިޔަތައް ދިގުވެފައި ބްރައުން ކަޅިއެކެވެ. އިސްކޮޅުން ކުރުވެފައި ހިމަތޮޅިކޮށް ހުންނާތީ ކުޑަ ކުއްޖެކޭ ކިޔައިގެން މާވިން އަބަދު ލޫސީ ރުޅިއަރުވަ އެވެ. 

"އައިމް ސޮރީ." މާވިން އެންމެ ފުރަތަމަ ވެސް މާފަށް އެދުނެވެ. ލޫސީ ކަންބޮޑުވެފައި ހުރިކަން އެނގިގެން މާވިން އަނެއް ފަރާތަށް މޫނު އަނބުރައިލައިފައި ދުރު ބަލަން ފެށިއެވެ. "ނުބުނެވުނެއްނު ތިއައީ ކީއްކުރަން ކަމެއް؟" ލޫސީ އެތެރެއަށް ވަދެފައި އަލަމާރިން ނެގި ސެޓިން ފޮތީގެ ފައިތިލަ އާއި ހަމައަށް އަންނަ ރޯބް ދެއަތަށް މަހައިލައިފައި ކުރިމަތިން ވާފަށް އައްސާލިއެވެ. ލޫސީ ފުރަގަސްދީގެން ހުއްޓާ މާވިން އެތެރެއަށް ވަދެގެން އަންނަ ކަމެއް ނޭނގި ފަސްއެނބުރި ބަލައިލިތަނާ ހުރެވުނީ އަނެއްކާ ވެސް މާވިންގެ ކުރިމަތީގަ އެވެ. 

"ލޫސީ. އަހަރެން މިއައީ ލޫސީ ބަލައި. ޒޭބާއަށް މިވަގުތު ލޫސީގެ އެހީތެރިކަން ބޭނުން." މާވިން ބުނެލި ވާހަކަ ލޫސީއަށް ގަބޫލު ނުކުރެވިފައި ބަލަހައްޓައިގެން ހުއްޓެވެ. "އަހަރެން ހަމަ އަންތަރީސް ވެއްޖެ. މާވިންގެ ސިފައިގައި ހުރި ގޯސްޓެއްތަ އެރޭ އަހަންނާއި ދިމާއަށް އެހުރިހާ އެއްޗެއް ކީ؟" ލޫސީ އެދުވަސް މަތިން ހަނދާންކޮށްދިނުމުން މާވިންއަށް އިސްޖެހުނެވެ. "އަހަރެން ގަސްތުގަ ދެއްކި ވާހަކަތަކެއް ނޫން އެއީ. އެހެންނޫނަސް އަހަރެން އެގޮތަށް ޤަބޫލެއް ވެސް ނުކުރަން. އައި ވޯޒް އެންގްރީ. އޯކޭ؟ ރުޅިއައީމަ ބުނަން ނުވާ ކިތަންމެ ވާހަކައެއް ދުލުން ބޭރުވާނެ. އެކަމަކު އޭގެ މާނައަކީ އެއީ އަހަރުމެންގެ ހިތުގައި އޮތް ގޮތެކޭ ނޫން." މާވިން މަޑުމައިތިރި އަޑަކުން ލޫސީއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. " އެކަމަކު މީހުން ބުނޭ އިންސާނާ އެންމެ ފަސޭހައިން ތެދުބުނަނީ ޑްރަންކް ވެގެން ހުންނައިރުގަ އާއި ރުޅިއައިސްފަ ހުންނަ އިރު ގައޭ." ލޫސީ އަނެއްކާވެސް މާވިންއަށް ފުރަގަސްދީފައި ގޮސް ދުރުގައި ހުއްޓުނެވެ. 

"ލޫސީ ޕްލީޒް. ދެން އެކަން ހަނދާން ނައްތާލަފާނަންތަ؟ އެހެންނޫނަސް އަހަރެމެން ދެމީހުން ދޭތެރޭގައި ޖެހިފައި އޮތް މައްސަލަ އަކާއި ޒޭބާ ގުޅުވަންވީ ކީއްވެ؟ ތި ދެމީހުންގެ އެކުވެރިކަމާއި މެދު އަހަރެން ދުވަހަކުވެސް ޝައްކެއް ނުކުރަން. އަހަރެން މިއައީ ޒޭބާއަށް ޓަކައި. ޝީ ނީޑްސް ޔޫ. ލޫސީ ތީ ޒޭބްގެ އެންމެ ގާތް އެކުވެރިޔާ. އެންމެ ރަނގަޅަށް އޭނާގެ ކަންތައްތައް އިނގޭނީވެސް ހަމަ ލޫސީއަށް. އެހެންވީމަ ހަމައެކަނި ޒޭބްއަށް ޓަކައި ފިނިހިތަކުން ވިސްނާލުން އެދެން." މާވިން އެހެން ބުނެފައި ހިމޭންވިއެވެ. ލޫސީ ހުރީ ދޭނެ ޖަވާބެއް ނޭނގިފައި ކަމެއް ނޫނީ ޖަވާބު ދޭން ބޭނުން ނުވެފައި ކަމެއް ނޭނގެއެވެ. އިރުކޮޅަކުން ލޫސީ ވާހަކަދައްކަން ވެގެން އެނބުރިލި އިރު މާވިން ފެންނާކަށް ނެތެވެ. މާވިން އެދިޔައީ ލޫސީ ކަންތައް ކުރިގޮތުން ހިތް ހަމަނުޖެހިގެންނޭ ހިތަށް އަރާފައި ލޫސީ އިތުރަށް ކަންބޮޑުވެއްޖެއެވެ. މިހާރު އެދެމެދުގައިވާ ގިލަންވެރިކަން އަދި ކުރިއަށް ވުރެވެސް އިތުރުވެގެން ދާކަށް ލޫސީ ބޭނުމެއް ނުވެއެވެ. އެހެންނޫނަސް މާވިން ކިހާ ރަނގަޅު ހެއްޔެވެ؟ އޭނާ އެދިޔައީ ކުށް ޤަބޫލުކޮށް މާފަށްވެސް އެދިފަ އެވެ.

އިރު އޮއްސުމާއި ގާތްވި ވަރަކަށް ޒޭބާގެ ހިތުގެ ތެޅުން އަވަސް ވަމުން ދިޔައެވެ. ދެފަހަރު ގޮސް ކޮޓަރީގެ ކުޑަ ދޮރުތައް ޗެކް ކުރިއެވެ. ދެން ފެނުނީ ބަދިގެއަށް ވަދެ މޭޒު ދޮށުގައި އައިސް ކްރީމް ކާން އިންދައެވެ. ޒޭބާ ކަމަކާއި ހާސްވެއްޖެނަމަ އެންމެ ފަސޭހައިން ފާހަގަ ވާނެ ގޮތަކީ އެއީއެވެ. 

"ޒޭބް!" މާވިން ބަދިގެއަށް ވަދެފައި ގޮވައިލިއެވެ. ޒޭބާ ޖަވާބެއް ވެސް ނުދީ ދުރު ބަލަހައްޓައިގެން އިނދެ ފަހަރަކު ސަމްސަލެއް އަނގައަށްލައިފައި ބޯލައެވެ. "ޒޭބް!" މާވިން ގޮސް ޒޭބާގެ ފަހަތުގައި ހުއްޓި ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ. ޒޭބާ ދިޔައީ ސިއްސައިގެންނެވެ. އޭނާ ބިރުން ހަޅޭއްލަވަން ފެށިއެވެ.

"ކާމް ޑައުން! ޒޭބް. މީ މާވިންއޭ." މާވިން ކަންބޮޑުވެގެން ޒޭބާގެ ކުރިމައްޗަށް ހުއްޓިފައި ވާހަކަދައްކަން ފެށިތަނާ ޒޭބާ ކުއްލިއަކަށް ހަޅޭއްލެވުން ހުއްޓައިލައިފައި ހިމޭންވި އެވެ. ޒޭބާގެ އެ ހާލު ދެކެފައި މާވިން އަށް ދޫކޮށްލެވުނީ ފުން ނޭވައެކެވެ. އެންމެ ބޭނުންވި ވަގުތު ލޫސީ ނެތުމުގެ ފަޅުކަން މާވިން އަށް މާބޮޑަށް އިހްސާސް ކުރެވުނެވެ. ލޫސީ ހުރިނަމަ މިހާރު ޒޭބާ ހުންނާނީ ހަމައަކަށް އަޅުވައިލައިފަ އެވެ. 

ބެލް ޖަހައިލި އަޑަށް ދެޒުވާނުން އެއްފަހަރާ ދޮރާއި ދިމާއަށް ބަލައިލި އެވެ. ފާތިން ކޮންމެވެސް ދިމާއަކުން ނިކުމެގެން ގޮސް ދޮރު ހުޅުވި އަޑު އިވިފައި ދެން ފެނުނީ ލޫސީ އެތެރެއަށް ވަދެގެން އައި ތަނެވެ. ޒޭބާގެ ލޮލުން ހިލިގަތީ އުފާވެރިކަމުގެ ކަރުނަ ތަކެވެ. އައިސް ކްރީމް ތަށި ދޫކޮށްލައިފައި އޭނާ ތެދުވެގެން ދުވެފައި ގޮސް ލޫސީގެ ގައިގައި އޮޅުލައިގަތެވެ. އެ މަންޒަރު ބަލަން މާވިން އިނީ ހިނިތުންވެފަ އެވެ.

"ހާދަ ބޮޑަކަށް މިސްވިއޭ. ދެން ދުވަހަކުވެސް އެގޮތަށް ރުޅިއައިސްގެން ނުހުންނާތި. މާވިން އެއުޅެނީ އަހަރެމެން ދެމީހުން މާ އެކުވެރިވީމަ ޖޭވެގެން. އޭނައަކަށް ނުލިބޭނެ ލޫސީ ކަހަލަ ފްރެންޑެއް." ޒޭބާގެ ވާހަކަތަކުން ލޫސީ އަށާއި މާވިންއަށް ހެވުނެވެ. 

"ހޭވް އަ ސަޕްރައިޒް." ޒޭބާ ދުރަށް ޖެހިލިތަނާ ލޫސީގެ އަތުގައި އޮތް ބޮޑު އަތް ދަބަސް ދައްކައިލި އެވެ. އެދަބަހަށް ބަލައިލީމަ ހީވަނީ ލޫސީ އެއައީ އެއްމަހަށް ބޭނުންވާ ވަރަށް ސާމާނު ހިފައިގެން ހެންނެވެ. "ކޯއްޗެއް އަނެއްކާ؟ އަޅެ އަހަރެން ވަރަށް އެކްސައިޓް ވެއްޖެ." ޒޭބާ އުފާވެގެން ކުޑަކޮށް މަންޗަށް ފުމެލާފައި ވާހަކަދެއްކި އެވެ. ލޫސީ ފެނިގެން އޭނާ އެހެންކަމެއް މަތިން ހަނދާން ހުރި ހެނެއް ހިއެއްނުވެއެވެ. "އަހަރެން މިއައީ މިރޭ މިގޭގައި މަޑު ކުރާގޮތަށް ހުއްދަ ހޯދައިގެން." ލޫސީ ފޮނިވެލާފައި އެއް ލޯ މަރާލަމުން ނިކަން ބާރަށް ބުނެލިއެވެ. ޒޭބާ ކުރިކަމަކީ އަނެއްކާވެސް ލޫސީގެ ގައިގައި އޮޅުލައިގަތީ އެވެ.

މަޣްރިބް ނަމާދުން ފައިބާ ގަޑިއަށް މިޝްއަލް އަތުވެއްޖެ އެވެ. އިއްތިފާގުން މިރޭވެސް ދޮރު ހުޅުވައިލެވުނީ ޒޭބާއަށެވެ. ވާރޭ ވެހޭކަން ޒޭބާއަށް އެނގުނީ މިޝްއަލްގެ ނިއްކުރީގައި ހަރުލާފައި ހުރި ފެން ތިކިތައް ފެނިފައެވެ. ބޭރަށް ކަޅިއެއް އެއްލި އިރު ވާރޭ މާ ބޯކޮށެއް ނުވެހެއެވެ. އެކަމަކު އެހާ ރީތި ޒުވާނަކު އެގަޑީގައި ބޭރުގައި ބަހައްޓަން ޒޭބާގެ ހިތް ދެކޮޅު ހެދިއެވެ. ހުދުކުލައިގެ އަތް ދިގު ޓީޝާޓާއި ނޫ ޖިންސެއްގައި، ދޮރުކަނީގައި އެއް އަތް އަޅުވާލައިގެން އެއްފައިމައްޗަށް ހުއްޓި ހުރި ގޮތް ފެނުނު މީހަކުވެސް މޮޔަވާވަރު ވާނެ އެވެ. އެންމެ ފުރަތަމަ އަދި ދެވަނަ ބައްދަލު ވުމަށް ވުރެވެސް މިޝްއަލްގެ ރީތިކަން އިތުރުވެފައި ވާހެން ޒޭބާއަށް ހީވިއެވެ. ހަތަރުކަޅި ހަމަވާ އިރަށް ޒޭބާގެ ހިތަށް އެވެގެންދާ ގޮތްތަކަކީ ވެސް އަޖާއިބެކެވެ. ބައެއްފަހަރު ހީވެއެވެ. އެފަދަ ކޮންމެ ވަގުތަކު ޒޭބާގެ ހިތާއި ސިކުނޑި ކޮންޓްރޯލް ކުރަނީ މިޝްއަލް ބޭނުން ގޮތަކަށެވެ. 

"އަހަރެން އެތެރެއަކަށް ނުވައްދާނަންތަ؟" މިޝްއަލްގެ ޖުމްލައިން ޒޭބާއަށް ހަމަ ހޭވެރިކަން ވެގެން އަވަސް އަވަހަށް ދުރަށް ޖެހިލައިފައި ވަންނަން ތަން ދިނެވެ. މިޝްއަލްއަށް ބަލައިލެވުނު އިރު ޒޭބާގެ މޫނު ވަނީ ރަތް ވެފައެވެ. އޭނާ މަސައްކަތް ކުރީ އެކަން ފޮރުވަން ވެގެންނެވެ. ފުރަގަސްދީފައި ގޮސް މިޝްއަލް ސޮއިކުރާ ފޮތް ނަގައިގެން އެނބުރިލުމާއެކު ޒޭބާގެ ދެލޯ ބޮޑުވިއެވެ. މިޝްއަލް ހުރީ ކައިރީގައި ޖައްސާފައެވެ.

ކޮމެންޓް 0