އިތުރަށް ވާހަކަ ދައްކަން ވެގެން އަނގަ ހުޅުވާލި ތަނާ މާވިން ލޫސީގެ އަނގަމަތީގައި އަތް އެޅިއެވެ. ސިކުންތުކޮޅެއް ފަހުން ލޫސީ ހުރީ ފާރަށް ތަތްކޮށްލައިފައި ހުރި ތަސްވީރެއްހެން ގެންގޮސް ފާރުގައި ޖައްސާ ފިއްތާލައިފައެވެ. ލޫސީއަށް ސަލާމަތް ނުވެވޭނެހެން މާވިން ކުރިމަތީގައި ހުއްޓި އަނެއް އަތް ފާރުގައި ވިއްދާލައިގެން ހުރިއިރު އެދެމެދުގައި އިންޗިއެއްހާ ދުރުމިންވެސް ނެތެވެ. ދެ ހަށިގަނޑުގެ ހުވަނދުން ހިއްސުތަކަށް ބާރު ފޯރުވަން މަސައްކަތް ކުރަމުން ދާއިރު ލޫސީގެ ހޫނު ނޭވާތައް މާވިންގެ އަތްތިލައަށް އެޅެމުން ދިޔައެވެ. މާވިން އެހާ ކައިރިން ބަލާތީވެ ލޫސީއަށް ލިބިފައިވާ ނުތަނަވަސްކަމާއި އެއްވަރަށް ލަދުވެސް ގަތެވެ. ކޯތާފަތަށް މަޑުމަޑުން ރަތް ކުލަ ވެރިވަމުން ދިޔައެވެ. "ދެން އަތް ނަގަނީ އިނގޭ. އެކަމަކު ނުވާނެ ހަޅޭއްލަވައި ގެނެއް." މާވިން އެހެން ބުނެފައި ލޫސީގެ އެއްވެސް އިޝާރާތެއް ނުލިބުމުން ލަސްލަހުން އަތް ނެގިއެވެ. އެވަގުތު ލޫސީ ވާހަކަދައްކަން ވެގެން އަވަސްވެގަތެވެ.

"ޝްޝްޝް......!!! ލޫސީގެ އަނގައިން ބަހެއް ބޭރުނުވަނީސް މާވިން އެކަން މަނާކުރިއެވެ. ލޫސީގެ ސިކުނޑިއަށްވުރެ ކުރިން ހިތް އެކަމަށް އިޖާބަދިނެވެ. ބުނަން އުޅުނު ވާހަކަތައް ހިތުން ފިލައިގެން ދިޔައީ އަޖައިބެއްފަދަ ގޮތަކަށެވެ. އަނެއްކާ މާވިން އަކީވެސް މިޝްއަލް ކަހަލަ ޖިންނި އެއްހެއްޔެވެ؟ އަމިއްލަ ޅަކަމާމެދު ލޫސީ ހިތާއި ހިތުން މަލާމާތް ކޮށްލިއެވެ. މާވިން ކަނާ އަތް ތިރިކޮށްނުލައި ލޫސީގެ ނިއްކުރިން ތިރިއަށް ޝަހާދަތް އިނގިލި ހިންގަން ފެށުމުން ލޫސީގެ ހިތް ތެޅެންފެށީ އަދި މިހެންނަކުން ނޫނެވެ. ލައިލައި ހުރި ނޭވާތައް ނޭފަތާއި ހަމައިން ހުއްޓިގެން ދިޔައެވެ. ލޭ ނާރުތަކުގައި ގަނޑުފެނުގެ ތޫފާނެއް އުފެދުނު ކަހަލައެވެ. ހަތަރެސްފައި ފިނިވެ މުޅި ހަށިގަނޑަށް ފެތުރެން ފެށިއެވެ. މާވިން އިނގިލި ހިންގަމުން އައިސް ލޫސީގެ ތުންފަތާއި ހަމަވެފައި ތަންކޮޅެއް ބާރަށް ދަތްދޮޅި އާއި ހަމައަށް ގެންދިޔައެވެ. ތުންފަތަށް ކުޑަކޮށް ތަދުވުމުން ލޫސީ ރުޅިއައެވެ. މާވިން އެއިނގިލި ލޫސީގެ މޫނުން ވަކިކޮށް ނުލައި އަނެއްކާ ތުންފަތާއި ދިމާއަށް މައްޗަށް ގެންދަން ފެށުމުން ލޫސީ ހުރީ ތައްޔާރަށެވެ. ދެވަނަ ފަހަރަށް ތުންފަތުގައި އިނިގިލި ޖެހޭއިރަށް ލޫސީ އަނގަ ހުޅުވައިލައިފައި އެތޫނު ދަތްތަކު ތެރޭގައި އިނގިލި ފިއްތާލީނުން ކަނޑާލައިފިއެވެ. 

"އައުޗް!" މާވިން އަތް ދަމައިގެންފައި ބަލައިލިއިރު އިނގިލިން ލޭ އަންނަނީއެވެ. "މްމްމް...ޓޭސްޓީ...!" ލޫސީ ނުލަފާ ގޮތަކަށް ހިނިތުންވެލިއެވެ. މާވިންއަށް ތަދު ކޮށްލެވުމުން ލިބުނު ފަތަޚައިގެ މައްޗަށް އުފާކުރިއެވެ. "ތީ ލޭ ބޯ ކުއްޖެއްތަ؟" މާވިން މޫނު ކުނި ކޮށްލައިފައި އިނގިލި އަނގަޔަށް ލިއެވެ. އެވަރުންވެސް ލޫސީ ދިޔަ ދޭކަށް ނޫޅުނެވެ. "މާވިން ކޮންކަމެއްތަ ބޭނުންވެގެން ތިއުޅެނީ؟ ކިހާ ދެރަކަމެއް މީ ދެން. ޕްރައިވެސީ ރަނގަޅު ތަނަކަށޭ ކިޔާފައި ގެނެސް ވާހަކަދައްކާނެ ފުރުސަތެއްވެސް ނުދެމެއްނު. ވަޓް ޔޫ އަޕް ޓު؟" ފުރުސަތު ލިބުމުން ލޫސީ ފެށިއެވެ. "އެއީ ބޭރުގައި ހުރެފަ ބުނި ވާހަކައެއް. މިތަނަށް ވަނީމަ އޮންނާނީ އެހެން ރޫލްއެއް. އަހަރެން ހުއްދަ ނުދެނީސް އެއްވެސް ވާހަކައެއް ނުދައްކާތި. މަބޭނުން ކަންތައް އެނގިދާނެ ނިކަން އަވަހަށް." މާވިން އިނގިލި ނަގާފައި ލޭ މަނާވިކަން ޔަގީން ވުމުން ލޫސީއަށް ޖަވާބު ދިނެވެ. "ދެން އަހަރެން އަނގަ ހިމޭނުން ނުލައިފިއްޔާޔޯ؟ މަގޭ އަމިއްލަ އަނގަ. ކޮންމެގޮތެއްވިއަސް މާވިން ޖެހޭނީ ހަމަ އަޑު އަހަން." ލޫސީ ވެސް ގަދަކޮށްލިއެވެ. 

"އަނގަ ހިމޭނުން ނުލައިފިއްޔާ ހިމޭން ކުރުވާނެ ގޮތްތައް އެބަހުއްޓޭ. ރިމެމްބަރ އަވަރ ސްޓޯބެރީ ކިސް؟؟؟؟ އެއީވެސް ގޮތެއްނު." މާވިން ވާހަކަ ދައްކަމުން އެއްލޯ މަރައިލިއެވެ. އެވާހަކަ އަހައިފައި ލޫސީ ވަގުތުން އަނގަ ބެދިއްޖެއެވެ. އެސްފިޔަތައް ތިރިކޮށްލި ގޮތަށް ހަތަރު ކަޅި ހަމަކުރާކަށްވެސް ނުކެރުނެވެ. އިރުކޮޅަކުން މާވިން ދުރަށް ޖެހިލައިފައި ގޮސް ދޮރުފަތުގައި ލެނގިލައިގެން ހުއްޓުނެވެ. ދޮރު ތަޅުލައިގެން ހުރުން މައްސަލައަކަށް ވީ އެހިސާބުންނެވެ. ކުޅުން ނިންމާފައި އައި ކުޅުންތެރިންތައް ޗޭންޖިން ރޫމަށް ވަންނަން ބެލިއިރު ދޮރު މިހުރީ ތަޅުލާފައެވެ. މާވިން ކުޑަވެސް ހާސްކަމެއްނެތި ލޫސީއަށް ބަލަހައްޓައިގެން ހުއްޓެވެ.

ދަލުން ފެންވެރިފައިވާ މާވިންގެ ހަށިގަނޑުގައި ބެނިއަމް ތަތްލައިފައި އޮތްއިރު ތެމިފައިވާ އިސްތަށިގަނޑު ނިއްކުރި މައްޗަށް ފައިބާފައެވެ. އެހެން ހުއްޓި ހަށަން ބަނދެލައިގެން ހުންނައިރު ފޮޓޯ ޝޫޓަކަށް ތައްޔާރުވެފައި ހުރި މޮޑެލްއެއް ފަދައެވެ. އެގޮތަށް މާވިން އާއި އެއްތަނެއްގައި ބަންދުވެފައި ހުރުން ލޫސީ ހިތުން އެދޭ އެދުމަކަށް ވެފައި ވިއަސް، އެ ވަގުތު ހުރިހާ ގޮތަކުންވެސް ތަފާތެވެ. ބޭރުގައި ތިބީ އެތަނަށް ވަންނަން އައިސް ތިބި އެތައްބައިވަރު ކުޅުންތެރިން ތަކެވެ. އެކުދިން ވަންނައިރު މާވިން އާއި އެކު ދޮރު ތަޅުލައިގެން އުޅުނީ އަންހެން ކުއްޖެއްކަން އެނގިއްޖެއްޔާ އަނބުރާއި އިއްޒަތް ވެއްޔާއި މޮޑެވުނީއެވެ. އަނެއްކޮޅުން ނައުޝާދު އޭނާ ހޯދަމުން އެހިސާބަށް އަތުވެއްޖެއްޔާ އެދެމީހުންގެ ގުޅުމުގައި ކުނި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ނިކުމެވޭކަށްވެސް ނެތެވެ. އެކަމަކު ނުނިކުމެ ހުއްޓާ ނައުޝާދުއަށް ފެނުމަށްވުރެ އެހުރިހާ ކުޅުންތެރިންގެ ކުރިމަތިން ނިކުމެގެން ދިއުންވެސް ލޫސީއަށް ރަނގަޅެވެ. 

"މާވިން ޕްލީޒް. ދޮރު ހުޅުވަބަލަ!" ލޫސީގެ ކެތްތެރިކަން ކޮޅުންލާގޮތް ވެގެން ބުނެވުނެވެ. މާވިން ގުޑިވެސް ނުލައި ހުރެފައި ލޫސީގެ ފޯން ރިންގް އަޑަށް އަވަހަށް އައިސް ކައިރިއަށް ހުއްޓުނެވެ. "ބަލާބަލަ ކާކުގެ ފޯނެއްތޯ؟" މާވިން އަވަސްއަވަހަށް ބުނެލިއެވެ. "ނައުޝާދު." ފޯން ބަލައިލައިފައި ލޫސީއަށް ކަންބޮޑުވެފައި އެނަން ކިޔާލެވުނެވެ. "ޔޭ ދެޓްސް ހިމް. ގެނޭ މަގޭ އަތަށް." ލޫސީ ނުވިސްނައި ހުއްޓާ މާވިން ފޯން ޖަހައިގެންފައި ކަންފަތުގައި ޖަހައިގެން އަނެއްފަރާތަށް އެނބުރުނެވެ. ލޫސީ ބޭރަށް ނިކުންނަން ބޭނުންވެފައި ހުރެ އެ ފުރުސަތު ލިބުނަސް ހިނގައެއް ނުގަނެވުނެވެ. މާވިން ނައުޝާދުގެ ފޯނެއްގައި ހުންނަން ދޫކޮށްލާފައެއް ނުދެވޭނެއެވެ. 

"ލޫސީ މިހުރީ ޗޭންޖިން ރޫމް ތެރޭގައި. ނައުޝާދު ކޮންތާކު؟ އާދޭ މިތަނަށް ލޫސީ މިއޮތް ނިކުންނަނީ." މާވިންގެ ވާހަކަ އަހާފައި ލޫސީއަށް ދެފަރާތަށް ބޯހޫރުވާލެވުނެވެ. ފޯން އަތުލަންވެގެން ކައިރިވާން އުޅެންފެށުމުން މާވިން ޖެހިލީ ފަހަތަށެވެ. "އޯހ އެހެންތަ؟ ދޮރުކައިރީގަ ތިހުރީ؟ އޯކޭ." މާވިން ފޯން ކަނޑާލައިފައި ގޮސް ދޮރު ހުޅުވާލިއިރު ކުޅުންތެރިންތަކުގެ ފަހަތުގައި ނައުޝާދު ހުއްޓެވެ. އެއްފަހަރާ އެތައް ލޯތަކެއް ލޫސީއަށް ހުއްޓިގެން ދިޔަތަން ދެކެފައި ލޫސީ ލަދުން ނުވިރުނީ ކިރިޔާއެވެ. އަވަސްއަވަހަށް މާވިންގެ އަތުން ފޯން ދަމައިގެންފައި ލޫސީ ނިކުމެގެން ހިނގައިގަތެވެ. ކުޅުންތެރިންތައް ކުދި ކިޔަމުން ވަދެގެން ދާން ފެށުމުން މާވިން ހުރީ ދޮރުކަނީގައި އަތް ވިދެލައިގެން ލާނެތް ގޮތަކަށް ހިނިތުންވެފައެވެ. ނައުޝާދުގެ ކުރިމައްޗަށް ހުއްޓުނުއިރު ލޫސީގެ މޫނަކީ ކޮށިގަނޑަށް ހާޒިރު ކުރެވިފައިވާ ކުށްވެރިއެއްގެ މޫނެކޭ ތަފާތެއް ނެތެވެ. 

ދެމީހުން ކުރެ އެކަކުވެސް އަނގައިން ނުބުނެ އެނބުރިލައިފައި އެތަނުން ނިކުންނަން ދާން ހިނގައިގަތެވެ. މާވިން ގޮވައިލީ އެވަގުތެވެ. ނުބަލަން ހުރެފައިވެސް ނައުޝާދު އެއްޗެކޭ ހީކޮށްފާނެތީ ލޫސީ ހުއްޓިފައި ބަލައިލިއެވެ. "ލޫސީ. މިތާނގައި ލިޕްސްޓިކް." މާވިން އަމިއްލަ ތުންފަތުގެ ތިރީގައި އިނގިލި ޖައްސާލައިފައި އަންގާލިއެވެ. އެވަގުތު ލޫސީގެ މުޅި މޫނު ރަތްވެގެން ދިޔައެވެ. ގަތްލަދުންނާއި އައި ރުޅިންނެވެ. މާވިން ކުރި ކަމަކީ އެއީތާއެވެ. ނައުޝާދު ހީކުރާނީ އެންމެ ނުބައި ގޮތަށްކަން ޔަގީނެވެ. ވާނީވެސް އެހެންނެވެ. މާވިން ހަމަ ރަނގަޅަށްވެސް ޑްރާމާ ކުޅެލީއެވެ. ދުއްވައިގެންފައި ގޮސް މާވިންގެ ގައިމައްޗަށް ޖެހިގެންފައި ވައްޓާލީނުން ގައިމައްޗަށް އަރާފައި އެމޫނު ނޮޅައި ކުދިކޮށްލަން ލޫސީގެ ހިތް އެދުނެވެ. އެކަމަކު ވަގުތުގެ ގޮތުން އޭނާއަށް ޖެހުނީ އެ ރުޅިގަނޑު ހިންދައިލާށެވެ. ދަތްކުނޑި ވިކައިގެން ހުރެފައި ލޫސީ އަތުން ތުންފަތުގެ ތިރި ފުހެލާފައި އަނެއް ފަރާތަށް އެނބުރި އަނެއްކާ ހިނގައިގަތެވެ. އެމީހުން ގޮސް ލޯމަތިން ގެއްލޭންދެން މާވިން ހުރީ ހިނިތުންވެފައެވެ. މަގްސަދު ކާމިޔާބުވުމުން މާވިން ނުހަނު އުފާވިއެވެ. ލޫސީގެ ކިބައިން އެ ހިފާލެވުނީ ރަނގަޅު ބަދަލެކެވެ. ދެން ވާގޮތް ދެކެން ހުންނާށެވެ. ދެވަނަ ފަހަރަށް ނައުޝާދު ގޮވައިގެން އައިސް އޭނާގެ ކުރިމައްޗަށް އަރާނެ ހިތްވަރެއް ނުހުންނާނެއެވެ. 

މެންދަމުގެ ވަގުތެވެ. ޒޭބާ ނިދިން ހޭލެވިގެން ދެލޯ ބޮޑުކޮށްފައި ވަށައިގެން ހޯދާލިއެވެ. ހަފީޒާ އޮތީ ޖެހިގެން ހުރި އެނދުގައި ނިދާފައެވެ. ފަނޑު އަލީގެ ތެރެއިންވެސް ދޮރުފޮތިގަނޑު ފުރަގަހުގައި މީހަކު ހުރިކަން ޒޭބާއަށް އެނގިއްޖެއެވެ. "މިޝްއަލް." ޒޭބާ މަޑުމަޑުން އެނަން ކިޔާލިއެވެ. ދޮރުފޮތިގަނޑު ފުރަގަހުން ނިކުމެގެން އައިސް ކުރިމައްޗަށް ހުއްޓުނީ ދެވަނަ އެހެންމީހެއް ނޫނެވެ. ކަޅުކުލައިގެ ޓީޝާޓާއި ޖިންސްގައި މިޝްއަލް ހިތާމައިގެ ކަޅު ސާލު އޮޅައިގެން ހުރިކަހަލައެވެ. މިޝްއަލްގެ އުޖާލާ ރީތި މޫނުގައި މިރޭ ދިރުމެއް ނެތެވެ. އެދެލޮލުން ޒޭބާއަށް ކަރުނަ ފެންނަން ހުއްޓެވެ. އިސާހިތަކު ޒޭބާގެ ލޮލުގައިވެސް ކަރުނަ ގިނަވެގެން އޮހެން ފަށައިފިއެވެ. "މިހާރު ކިހިނެއް؟" މިޝްއަލް ނިކަން ހިތްވަރު ކޮށްގެން ކައިރިއަށް ނައިސް ހުރެފައި ސުވާލު ކޮށްލިއެވެ. "މަޗް ބެޓަރ." ޒޭބާ ރޮމުންވެސް ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވައިފިއެވެ. ނުވާވަރަށްވެސް ގަދަކަން ދައްކަން މަސައްކަތް ކޮށްފިއެވެ. ޒޭބާ ހެދީ ދޮގެއްކަން މިޝްއަލްއަށް އެނގުނެވެ. މާބޮޑަށް އަސަރު ކޮށްގެން މިޝްއަލް އަވަހަށް ފުރަގަސްދީގެން ގޮސް ކުޑަ ދޮރު ކައިރިއަށް ހުއްޓިފައި ޖިންސްގެ ޖީބަށް ދެއަތް ޖަހައިލިއެވެ. 

"މިޝްއަލް. ޕްލީޒް އަހަރެންނަށް ކިޔައިދީ. އަހަރެން ހުރިހާކަމެއް އޮޅުންފިލުވަން ބޭނުން. ލޮލަށް ފެނުނަސް ހިތެއް އެއްބަހެއް ނުވޭ މިއަނިޔާ ދިނީ މިޝްއަލް ކަމަކަށް. މީ ކޮން ކަންތައްގަނޑެއް. މިޝްއަލްގެ މަޖުބޫރީއެއް އޮތްނަމަ އަހަރެންނަށް ބުނެދީ. އަހަރެންނަކަށް ވިސްނާނެ އެއްޗެއްވެސް ނޭނގެ. އައިމް ކޮންފިއުޒްޑް." ޒޭބާ ކަރުނަ ފުހެމުން ތެދުވެ އިށީނެވެ. މިޝްއަލް ފަސްއެނބުރުނީ ކުޑަ އިރުކޮޅެއް ފަހުންނެވެ. "ޒޭބާ. މިކަން ހިނގުމުގެ ކުރިން އަހަރެން އުޅުނީމެއްނު ވާހަކައެއް ބުނަން." މިޝްއަލް އައިސް ޒޭބާގެ ކުރިމައްޗަށް ހުއްޓިފައި ހަނދާން ކޮށްދިނެވެ. ޒޭބާ ބޯ ޖަހާލަމުން ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށް ބަލަހައްޓައިގެން އިނެވެ. "އަހަރެންގެ ޓްވިން ކޮއްކޮ އެއް ހުރޭ." ޒޭބާގެ ހުރިހާ ސުވާލެއްގެ ޖަވާބަކަށް މިޝްއަލް ބުނެލި އެ ކުރު ލަފްޒް ފުދެއެވެ. ޒޭބާގެ ދެލޯ ބޮޑުވެ ކުއްލިއަކަށް އަނގަމަތީގައި ދެއަތް އެޅިއެވެ. "އަހަރެން އައީ ޒޭބާއަށް ކައިލްގެ ނުބައި ސިފަ ފެނުނު ރޭ. ޒޭބާ ހީކުރީ ހުވަފެނެއްކަމަށް. އެކަމަކު އެއީ ހިނގައިދިޔަ ހަގީގަތެއް. އަދި އެވަގުތާއި ޖެހެންދެން ޒޭބާގެ ކުރިމަތީގައި އުޅުނީ ކައިލް." މިޝްއަލް ނިކަން ފަރުވާވެ ހުރެގެން ލަސްލަހުން ބުނެލިއެވެ. "އޯހ ގޯޑް..." އަނގަމަތިން އަތްނެގިފަހުން ޒޭބާ އަށް ބުނެލެވުނީ ހަމައެކަނި އެހެންނެވެ. މިޝްއަލްގެ ޖަވާބު ލިބުމަށްފަހު ސިކުނޑި ވަނީ ހުސްވެފައެވެ. 

"ޒޭބް އަހަރެން ޖެހޭނީ ދާން. އައި ކޭންޓް ސްޓޭ. މިތާ ހުރެގެން ޒޭބާއަށް އިތުރު އަނިޔާތަކެއް ލިބޭތަން ބަލަން ކެތެއްނުވާނެ. އަހަރެން އެނބުރި ދާނީ ކައިލްވެސް ގޮވައިގެން. އެންމެފުރަތަވެސް އަހަރެން ޒޭބާގެ ހަޔާތަށް އަންނަން ގަސްތު ނުކުރިނަމަ މިއަދު މިހެނެއް ނުވީސް. އަށާރަ އަހަރުކުރިން އަހަރެންގެ އާއިލާގެ އަމުރާއި ޙިލާފު ނުވެވުނުނަމަ...." މިޝްއަލް ޖުމްލަ ފުރިހަމަ ނުވަނީސް ޒޭބާ ތެޅިގެންފައި މިޝްއަލްގެ އަތަށް ދަމައިގަތެވެ. މިޝްއަލް ބަލައިލުމުން ނޫނެކޭ ބުނާފަދަ ގޮތަކަށް ދެފަރާތަށް ބޯ ހޫރުވާލިއެވެ. "މިޝްއަލް އާއި ވަކިން ދެން ނޫޅެވޭނެ. ބުނޭ ނުދާނަމޭ. ޕްލީޒް." ޒޭބާގެ ކަރުނަތައް އިތުރުވެ ރޯން ފެށިއެވެ. މިޝްއަލްގެ އަތުގައި ހިފައިފައި ގެނެސް މޫނުގައި ޖައްސައިގެން އިންގޮތުން ދެން ދޫކޮށްނުލާން ނިންމައިގެން އިން ކަހަލައެވެ. މިޝްއަލް އެހާވަރުން އެއްކުރި ހިތްވަރުކޮޅު ނެތި ހިނގައިދާނެތީ ބިރުން ޒޭބާގެ އަތް ފޮޅުވާލައިފައި ދުރަށް ޖެހިލިއެވެ. އެންމެ ފަހު ވަގުތު ދިއުމުގެ ހިޔާލާއި ހިތް ދެކޮޅު ހަދައިފިއްޔާ ހަދާނީ ކިހިނެތް ހެއްޔެވެ؟ ޒޭބާގެ ޅަ ސިކުނޑިއަށް އިހްސާސް ވެސް ނުކުރެވޭފަދަ އެތަކެއް ކަމެއް މިޝްއަލް ދެނެހުއްޓެވެ. ކައިލް ކުރަން ނިންމައިފި ކަމެއް ހާސިލް ނުވަނީސް ހުއްޓައެއް ނުލާނެއެވެ. އަނެއްކޮޅުން ސަރުދާރުގެ އަރިސް މީހާއަށް ޒޭބާގެ ކަންތައް ފަޅާއެރުން އެއީ އަންނަން އޮތް ނުރައްކަލަށް ދޭ ހަނި އެންމެ އިޝާރާތެކެވެ. އެއާއިލާ ދުރު ދުރަށް ދާންދެން ފެތުރިފައިވާ މިންވަރު ޒޭބާގެ ހިޔާލަށްވެސް ނުގެނެވޭނެއެވެ. ސަރުދާރުގެ އެންމެ އިޝާރާތަކަށް ބަލަބަލާ އެތައް ސަތޭކަ ޖިންނިއެއް ތިބެއެވެ. މިޝްއަލް އާއި އޭނާގެ އާއިލާ އަކީ އެމީހުންގެ ތެރޭގައި ހިމެނޭ މަދު މެމްބަރުން ކޮޅެކެވެ. 

ޒޭބާ ރޮއިރޮއި އިންދާ މިޝްއަލް ލޯމަތިން ގެއްލުނެވެ. އިރުކޮޅަކުން ވިދާ ގުގުރާފައި ބޯކޮށް ވާރޭވެހެން ފެށިއެވެ. ވިދުވަރުގެ އައްޔާއެކު މުޅި ތަން އަލިކޮށްލާއިރު ރޭގަނޑު ދުވާލަށް ހަދާލާ ކިތަންމެ ވަގުތެއް އާދެއެވެ. ޒޭބާ ބާލީހުގައި ބޯ އަޅައިލައިގެން އޮތްއިރު ދެލޮލުން ފައިބަމުން ދިޔަ ކަރުނައިން ބާލީސް ތެމެމުން ދިޔައެވެ. މުޅި ކައިނާތުވެސް ޒޭބާގެ ފުން ހިތާމައިގައި ބައިވެރިވަނީ ކަހަލައެވެ. ހަފީޒާއަށް ހޭލެވިގެން ދުވެފައި އައިސް ސުވާލު ކުރުމުން ހުވަފެނެއް ފެނުނީ ކަމުގައި ބުނެ ޒޭބާ ވާހަކައެއް ހަދައިލިއެވެ. 

ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ ގެއަށް ދިޔަ ގޮތަށް ޒޭބާ ފުރަތަމަވެސް މިޝްއަލް ސޮއިކުރާ ފޮތް ނަގައިގެން އެޑްރެހެއް އޮޅުންފިލާތޯ މަސައްކަތް ކުރިއެވެ. ޒޭބާގެ ނަސީބު މާބޮޑަށްވެސް ރަނގަޅީއެވެ. މިޝްއަލް އެމަޖެންސީ ކޮންޓެކްޓެއްގެ ގޮތުގައި ޖަހާފައި ވަނީ އަބްދުލް ހަމީދު ކިޔާ މީހެއްގެ މައުލޫމާތެވެ. އެއީ ކައިލްގެ ކަމެއް ނޫންކަން ޔަގީން ކުރުމަށްޓަކައި ހަފީޒާ ކައިރީ އަހައިލުމުން ލިބުނީ ޒޭބާ ބޭނުންވި ޖަވާބެވެ. މިޝްއަލް އެ މައުލޫމާތު ދިނީ މީގެ ދެދުވަހެއްވަރު ކުރިންނެވެ. ހަފީޒާ އެވަރަކުން އެދުމުން އެ މައުލޫމާތު ޖެހިއެއް ކަމަކު އެއީ މައްސަލައަކަށް ވެދާނެ ކަމާއިމެދު މިޝްއަލް ވިސްނާފައި ނުވަނީއެވެ. ޒޭބާ ބޭނުންވި މައުލޫމާތު އޮޅުންފިލުވީ ލޫސީގެ އެހީގައެވެ. ލޫސީ ފޯންކޮށްފައި އެކަން ވީގޮތް ކިޔައިދިނެވެ. އަބްދުލް ހަމީދު ކައިރިއަށް ޒުވާނަކު ގޮސް ވިލިގިނލީގައި ހުންނަ ގެ ވަރަށް ބޮޑު އަގަކަށް ކުއްޔަށް ނެގި ވާހަކައަކީ ތެދު މައުލޫމާތެއްކަން ޔަގީން ކޮށްދިން ވާހަކަ ލޫސީ ބުންޏެވެ.

ޒޭބާ އުންމީދުގެ އެންމެ ފަހު ދޯދި ފަށުގައި ހިފައިގެން ހުރެ "ރޯޔަލް ބީޗް ކޯނަރ" އަށް ދިއުމަށްޓަކައި ތައްޔާރުވާން ފެށިއެވެ. ނިއްކުރިމަތީގައި ހުރި ބޭސްގަނޑު ފޮރުވަންވެގެން އެއްފަރާތުން އިސްތަށިތައް ނިއްކުރިމައްޗަށް ވައްޓާލިއެވެ. ކަޅު މެކްސީ ގަޔަށް ފިޓްވެފައި ހުރުމުން އެހަށިގަނޑު ލޫޅާފަތި ކަމާއި ވަނާތަކުގެ ފަރިކަމުން ފެންނަ މީހުންގެ ލޯތައް ހުއްޓިގެންދާހައި ވެއެވެ. ހަފީޒާ އާއި މާވިން މަޣްރިބް ނަމާދަށް އެރި ގަޑީގައި ޒޭބާ ގެއިން ނިކުމެގެން ނައްޓާލިއެވެ. ހަލުވި ފިޔަވަޅުތަކެއްގައި ހިނގާފައި ދިޔައިރު އެހަށިގަނޑުގައި ފަސޭހަ ނުވާ ޒަޚަމްތަކެއް ހުރިކަން ޒޭބާ ހަނދާންވެސް ނެތް ކަހަލައެވެ. ނޫނީ މިޝްއަލް ހޯދަން ބޭނުންވެފައި ހުރިވަރުން ތަދު އިހްސާސް ނުވަނީއެވެ. 

ކޮމެންޓް 0