ލޫސީގެ ދެލޯ ވަނީ ދުޅަވެފައެވެ. އިސްތަށިގަނޑު ހޭވި ތަރުތީބު ގެއްލިފައެވެ. ނިއްކުރިމަތިން ހަލާކުވެފައިވާ ތަންކޮޅަކުން ލޭ އޮހޮރެނީ އެވެ. އޭނާ ހުއްޓިގެން ހުރިތާ ޓައިލްސް މަތީގައި އެގޮތް މިގޮތަށް އުކާލެވިފައިވާ އެއްޗެހިތަކެއް ހުއްޓެވެ. ނައުޝާދު އެދިޔައީ ކުޑަވަރެއްގެ ތޫފާނެއް ގެނެއްސައި ކަހަލައެވެ. މާވިންގެ ސިކުނޑި މަސައްކަތް ކުރަން ފެށުމުން ލޫސީގެ ކައިރިއަށް ދިޔައީ ދުވެފައެވެ. 

"ކިހާ ދެރަކަމެއް މާވިން. ނިކުންނާށޭ ބުނީމަ ނިކުންނަންވީ. އެހުރީ އޭ ދޮރު." ލޫސީ ހަޅޭއް ލަވަން ހުއްޓާ މާވިން އައިގޮތަށް އައިސް ލޫސީ އުފުލާލައިގެން ގެންގޮސް އެނދުގައި ބައިންދާފައި ފަސްޓްއެއިޑް ބޮކްސް ހޯދަން ވެގެން އެއްތަނަކަށް ދުވެލާފައި އަނެއް ތަނަކަށް ދުވެލާފައި އުޅެންފެށިއެވެ. ލޫސީ ރުޅިގަދަވެގެން ތެދުވިތަނާ މާވިން އެނބުރިއައެވެ. ފަސްޓް އެއިޑް ބޮކްސް ހުޅުވާފައި އެނދުމަތީ ބަހައްޓަން ވާއިރަށް ލޫސީ ހިނގައިގަތެވެ. މާވިން ފަސްއެނބުރި ނުލައި ހުރި ގޮތަށް ހުރެފައި ފަހަތަށް އަތް ފޯރުވާލިގޮތަށް ލޫސީގެ އަތުގައި ހިފާލައިފިއެވެ. ގަދަ ދައްކަން އުޅެގެން ކާމިޔާބު ނުވާނެކަން އެނގިހުރެވެސް ލޫސީ މަސައްކަތް ކުރީ މާވިންގެ އަތް ފޮޅުވައިލާށެވެ. މާވިން ކުރިއަށްވުރެ ބޮޑަށް ލޫސީގެ އަތަށް ބާރުކޮށްލާފައި ގެނެސް އެނދުގައި ބައިންދާފައި އެއްފަރާތެއްގައި ހުރި ގޮނޑިއެއް ކައިރިކޮށްލައިގެން ކުރިމަތީ އިށީނެވެ. 

ލޫސީ ބޭނުންވިއަސް ދެން އެތަނުން ދެވޭނީ މާވިން ތެދުވެގެންނެވެ. "މާވިން ކޮންކަމެއްތަ ބޭނުންވެގެން ތިއުޅެނީ؟ ތިގޮތަށް އަހަރެންގެ ދިރިއުޅުމާއި ކުޅެގެން ކޮން އުފަލެއް ލިބެނީ؟" ލޫސީ ވާހަކަދެއްކީ ދުރު ބަލަމުންނެވެ. މާވިން ސްޕްރިޓް އަޅައިގެން ކަފަ ކޮޅެއް ތެންމާލައިފައި ނިއްކުރީގައި ޖައްސާލިއިރަށް ލޫސީއަށް ހަޅޭއްލަވައި ގަނެވުނެވެ. ލޮލުން ފެން އައީ ނަގަންފެށި ދިލަ އަކުންނެވެ. މާވިން ކުއްލިއަކަށް ނިއްކުރިއަށް ފުމޭން ފަށައިފިއެވެ. އެވަގުތު ނޭނގުމުގެ ތެރޭގައި ލޫސީގެ ނަޒަރު މާވިންގެ މޫނަށް ހުއްޓުނެވެ. ލޫސީއަށް މާކުރިންވެސް އެނގުނެވެ. އެމޫނަށް ބަލައިލައިފިނަމަ އެހެން ދިމާއަކަށް ނަޒަރު ބަދަލު ކޮށްލުމަކީ ނުވާނެ ކަމެކެވެ. ކަންތައްވީވެސް ހަމަ އެހެންނެވެ. އެހާ ކައިރިން އެދެލޯ ފެނިފައި ލޫސީގެ ނިއްކުރިން ނަގަމުން ދިޔަ ދިލަވެސް ފިލައިގެން ދިޔަކަހަލައެވެ. އެސްފިޔަޖަހާލަންވެސް ނޭނގިފައި ބުދެއްފަދައިން ލޫސީ އިނެވެ. ދާދި ދެންމެއަކާއި ޖެހޭންދެން އެތެރެހަށީގައި އަނދަމުން ދިޔަ ރުޅިވެރިކަމުގެ އަލިފާންގަނޑަށް މީހަކު ފެންއަޅާ ފިނިކޮށްލިހާ ފަސޭހައިން އޮބިއްޖެއެވެ. 

އިރުކޮޅަކުން މާވިން ލޫސީގެ ނިއްކުރި ސާފުކޮށް ލޭއައުން ހުއްޓުވާފައި ބޭސް އަޅައިފިއެވެ. އެހުރިހާއިރު ލޫސީ އިނީ އެމޫނަށް ބަލާށެވެ. ކިތަންމެ ވަރަށް ބެލިއަސް ހިތް ނުފުރޭނެފަދަ ރީތި މޫނެކެވެ. އެ ނޭވާއިން ލޫސީއަށް ދުވަނީ މީރު ސެންޓެއްގެ ވަހެވެ. މާވިންގެ ދެލޯ ކަޅުކުލަ ގަދަވެފައި ފުންކަމުން ބެލިބެލިހެން ގެނބެމުން ދެޔެވެ. 


މާވިން ފަސްޓް އެއިޑް ބޮކްސް ލާންވެގެން ތެދުވެފައި އެނބުރި އައިއިރު ލޫސީ އިނީ އިސްޖަހައި ގެންނެވެ. އެތައް ދުވަހަކަށްފަހު މާވިންގެ ފަރާތުން އެފަދަ އޯގާތެރިކަމެއް ލިބުމުން މާބޮޑަށް އަސަރު ކުރީއެވެ. މާވިންއަށް ހީވާނީ ލޫސީ އެރޮނީ ހިނގާދިޔަ ހާދިސާގެ ސަބަބުން ކަމަށެވެ. މާވިން އައިސް ބަލަހައްޓައިގެން ހުރެލާފައި އަނެއްކާވެސް ހަމަ އެގޮނޑީގައި ލޫސީ އާއި ކުރިމަތިލައިގެން އިށީންދެއްޖެއެވެ. "ނުކިޔައިދޭނަންތަ ވީ ގޮތެއް؟" މާވިން ވާހަކަ ފަށާނެ ގޮތެއް ނޭނގިގެން އެހެން މައުޟޫއަކަށް ދިޔައެވެ. "ބޭނުމެއް ނޫން ކިޔައިދޭކަށް. ހަމައެކަނި ބުނެލަން އޮތީ މިހުރިހާ ކަމެއް މިވަނީ މާވިންގެ ސަބަބުންނޭ." ލޫސީ އިސްޖަހައިގެން އިނދެ ކޯތާފަތް ފުހެލާފައި ބުނެލިއެވެ. މާވިންއަށް ހިންދިރުވައި ލެވުނެވެ. ހިތަށް ހީވީ ތޫނު ކަށްޓެއް ހަރައިލި ހެންނެވެ. ދެލޯ ފެންކަޅިވެ ދެއަތް ދެއަތާއި މޮޑެލެވުނެވެ. ކެތްތެރިވާން ނުހަނު އުނދަނގޫ ވަގުތުކޮޅެކެވެ. މާވިން އެންމެ ލޯބިވާ އަންހެން ކުއްޖާ އެރޮނީ ހިތް ހަލާކުވާފަދަ ވޭނީ އަޑަކުންނެވެ. ކުއްލިއަކަށް ލޫސީގެ އަތުގައި ހިފާ ދަމައިގެންފައި ގެނެސް އޮޅުލައިގަންނަން ކިތަންމެ ފަހަރަކު ހިތައް އެރިއެވެ. 

"އައިމް ސޮރީ." މާވިން ހިތުގައި ހިލަ ބާއްވާލަމުން އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދަން މަސައްކަތް ކުރިއެވެ. ލޫސީ ދިޔައީ ސިއްސައިގެންނެވެ. އިސްއުފުލާލައިފައި ދެލޯ ބޮޑުކޮށްގެން މާވިންއަށް ބަލަން ފެށިއެވެ. "އައި މީން އިޓް." މާވިން އިތުރަށް ޔަގީންކޮށްދިނެވެ. "އެނިމުނީ؟" ލޫސީ ހިތުގައި ހިފަހައްޓާފައި ފަރުވާކުޑަ ވައްތަރު ދައްކައިލިއެވެ. މާވިން ހަމަ އެންމެ ބަހެއް ބުނެލާއިރަށް މާފު ކުރަން ހިތް އެދުނަސް މިފަހަރު އޭނާ ހުންނާނީ ސިކުނޑި އާއި އެއްކޮޅަށެވެ. އެހާ ފަސޭހައިން މާފު ދީފިއްޔާ ދެވަނަ ފަހަރަށްވެސް އަނިޔާ ދޭލެއް އަވަސް ވާނެއެވެ. "ލޫސީ އަހަރެން އެގޮތަށް ކަންތައް ކުރީ ނައުޝާދު އާއި ލޫސީގެ ކައިވެންޏަށް ހުރަސް އަޅަންވެގެން. އެހެންވެ އެދުވަހު ކުރި ކަންތަކާމެދު ހިތާމައެއް ނުކުރަން. ހަމައެކަނި ދެރަވަނީ އޭގެ ސަބަބުން ނައުޝާދު ލޫސީއަށް އަނިޔާ ކުރީމަ. އަހަރެން އޭނަ ދޫކޮށެއް ނުލާނަން. އެނުލަފާ މީހާގެ ހަށީގައިވާ އެންމެ ފަހު ކަށިކޮޅާއި ޖެހޭންދެން ފުނޑު ފުނޑު ކޮށްލާނަން. ދުވަހަކުވެސް އަންހެންކުއްޖަކަށް އަނިޔާ ކުރަން ހިތަށް ނާރުވާނެ އޭނަ." ނައުޝާދުގެ ނަން ބުނެވިގެން މާވިންގެ ރުޅިގަދަވިވަރުން ކިޔޭނުކިޔޭވެސް އެނގޭހެނެއް ހިއެއްނުވެއެވެ. މާވިން ކައިވެނި ހުއްޓުވާ ވާހަކަ ބުނެގެން ލޫސީ އިނީ އަޖައިބުވެފައެވެ. އަނެއްކޮޅުން އޭނާއަށް އަނިޔާ ލިބިގެން މާވިން ހަމަ އެހާ ރުޅިގަދަވެއްޖެއެވެ. މާވިން އަކީ އަރަތެކެވެ. ގާވިހަ މަހެއްވެސް އެހާ އަވަހަށް ކުލަ ބަދަލުކޮށްލާނެ ކަމެއް ނޭނގެއެވެ.

"މާވިން ހުއްޓާލާ! ހަމަ މިހާރު ހުއްޓާލާ!" ލޫސީ ދެދަތްޕިލާ ޖައްސާ ބާރުކޮށްލަމުން އެހެން ބުނެލި އަޑަށް މާވިން ސިހިފައި ބަލައިލިއެވެ. ލޫސީ އަވަހަށް އެހެން ދިމާއަކަށް ބަލަން ފަށައިފިއެވެ. މާވިންގެ މޫނަށް ބަލައިގެން ހިތް ބަދަލުވެދާނެތީ އޭނާ ނުހަނު ބިރުގަނެއެވެ. "ވަޓް؟" މާވިން އަކަށް ވެސް މިފަހަރު ލޫސީ ބުނި ޖުމްލައިގެ މަތުލަބެއް ނުވިސްނުނެވެ. "ތިގޮތަށް އަހަރެންނަށް ކެއަރ ކުރާ ކަމަށް ހެދިގެން ފޭކް ޖެއްސުން ހުއްޓާލާ. އެޓްލީސްޓް އަހަރެން ނުފެންނަ ހިސާބުގައި އުޅެވޭނެ އެއްނު އަހަރެން ކައިވެނި ކޮށްގެން ދިޔައީމަ. ތިވަރަށް ރުޅިއަންނަންޏާ އަހަރެން ނުފެނުނިއްޔާ ކަންނޭނގެ މާވިންއަށް ފަސޭހަ ވާނީ." ލޫސީގެ ވާހަކަ އިވިގެން މާވިން ނޫނެކޭ ބުނާފަދަ ގޮތަކަށް ދެފަރާތަށް ބޯހޫރުވާލިއެވެ. "ލޫސީ އަޑެއް ނީވުނުތަ؟ އަހަރެން ބުނީ އަހަރެން ތިކައިވެނި ހުއްޓުވަން ބޭނުން ވާހަކަ." މާވިން ތަކުރާރުކޮށް އެވާހަކަ ބުނެލައިފިއެވެ. ލޫސީ ހިމޭންވެފައި ބަލައިލިތަނާ ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. "ލޫސީ ޕްލީޒް. ހަމައެންމެ ފަހަރަކު އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ!" މާވިން ލޫސީގެ އަތްތިލައިގައި ހިފަހައްޓާލުމުން ލޫސީއަށް ބަލައިލެވުނީ އެއަތަށެވެ. އިސްއުފުލާލިއިރު މާވިންގެ ދެލޮލުން ފައުޅުވާން ހުރި އާދޭހުގެ ކުލަވަރަކުން ލޫސީއަށް މިފަހަރު ދެކޮޅެއް ނުހެދުނެވެ. ލޫސީގެ ހިމޭންކަމުން، މާވިން ބޭނުންވި ޖަވާބު ލިބުމުން މާވިން ފެށިއެވެ.

"ލޫސީ. އަހަރެން ދުވަހަކުވެސް ލޫސީއަށް ނަފްރަތެއް ނުކުރަން. ބައެއްފަހަރު އެގޮތަށް ރޫޑްކޮށް ކަންތައް ކޮށްފައިވިއަސް އެއީ ފަހަރެއްގައިވެސް ނަފްރަތެއް ނޫން." މާވިން ބަލަން އިނީ ސީދާ ލޫސީގެ ދެލޮލަށެވެ. "އަހަރެމެން ދެމީހުން ވެސް ހަނދާން އެބަހުރި އެދުވަހު އޮސްޓްރޭލިޔާގައި ކަން ހިނގިގޮތް. އެދުވަހު އިސްނެގީ އަހަރެން. އެކަމަކު ހިނގައިދިޔަ އެއްވެސް ކަމަކާއި ލޫސީވެސް ދެކޮޅެއް ނުހަދަމެއްނު. އަހަރެން ބުނަން މިއުޅޭ ވާހަކައަކީ އެކަން ހިނގީ ދެމީހުންވެސް ބޭނުންވެގެންނޭ. ދެމީހުންނަށްވެސް އެކަކު އަނެކަކުގެ ފަރާތުން ހިތްހަމަޖެހުން ލިބުނު ވާހަކަ. ދެން ކީއްވެ އެއީ ރިގެރެޓަކަށް ވާންވީ؟" މާވިން އެހެން ބުނެލާއިރަށް ލޫސީއަށް ނީދެވިގެން ފެށިއެވެ. "އަހަރެންތަ އެކަން ރިގްރެޓަކަށް ހެދީ؟ ކިހާ ފަސޭހަ އެހެން މީހުން ބޮލުގަ ބްލޭމް އަޅުވަން. މާވިން އޭގެފަހުން ރުހުމުގެ ލޮލުން ބަލައިނުލާ. އަހަރެންވެސް ދެރަވިއޭ. ލަދުވެސް ގަތް. މާވިން ކަންތައްކުރި ގޮތުން އަހަންނަށް އިހްސާސްވީ އެއީ ހަމައެކަނި އަހަރެންގެ ކުށެއްކަމަށް." ލޫސީގެ ދެލޮލުން އަނެއްކާވެސް ކަރުނަ ފާއްދާލިއެވެ. 

"ލުސީ. ލޫސީ. ލޫސީ. އަޑު އަހާބަލަ!" މާވިން ލޫސީގެ ދެއަތުގައި ހިފާ މުށުތެރޭ ބޮނޑިކޮށްލާފައި ލަސްލަހުން ތަކުރާރު ކުރިއެވެ. ލޫސީ ނޭފަތް ދަމާލައިފައިވެސް މާވިން ބުނަން އުޅޭ އެއްޗެއް އަހަން ހިމޭންވިއެވެ. "އަހަރެން ރުޅި އައީ ލޫސީ އެއީ ރިގްރެޓަކަށް ދެކުނު ކަމަށް ނިންމައިގެން. އަހަރެންނަށް އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ވަގުތުކޮޅަށް އެވަގުތުކޮޅު ވީފަދައިން ލޫސީއަށް ވެސް އެ ވަގުތުކޮޅު ހަމަ އެހާ ސްޕެޝަލްވާން އަހަރެން ބޭނުންވީ. އެކަމަކު އެދުވަހަށްފަހު ލޫސީ ފެންނަ ކޮންމެ ފަހަރަކު ތިލޮލުން އަހަންނަށް ލަދުވެތިކަން ފެނޭ. އައި ފެލްޓް ބޭޑް. ވަރަށް ހާޓްވި ލޫސީ އަހަރެން ދެކޭ ގޮތަށް ނުދެކޭކަން އެނގުނީމަ. އަހަރެމެންގެ ފްރެންޑްޝިޕްވެސް އެހިސާބުން އުވުނީ." މާވިން ޖުމްލަތައް ބުނެ ނިންމައިލި އިރު ލޫސީ އިނީ އަނެއްކާވެސް ގަބުވެފައެވެ. "ބޭބް. އަހަރެން މިއޮތް ހުރިހާ ވާހަކައެއް މިދެއްކީ ހަމަ އެންމެ ވާހަކައެއް ނުބުނެވިގެން... އައި... ލަވް.. ޔޫ.." މާވިން ދުރުދުރުގައި އަކުރުތައް އަތުރައިލިއެވެ. 

ލޫސީ އަނގައިން ނުބުނެ އިނދެފައި ކުއްލިއަކަށް މާވިންގެ އަތުތެރޭ އޮތް ދެއަތްތިލަ ދަމައިގެންފައި މޫނު ފޮރުވައިގެން ރޯންފެށިއެވެ. "ދޮގެއް ތީ. ތީ ހުސް ދޮގު. ނޫނީ އަހަރެންނަށް ހޭލާ ހުއްޓާ ހުވަފެން ފެންނަނީ." ރުއިމުގެ ތެރެއިން ލޫސީ ބުނެލި ޖުމްލައިން މާވިންގެ ލޮލުގައި ހުރި ކަރުނަތަކާއި އެކުވެސް ހެވިއްޖެއެވެ. "އޯހ ބޭބް... ދެން ހުއްޓާލާފަ ބުނޭ ލޯބިވެއޭ.... އަހަންނަށް ދެން އެންމެ ސިކުންތަކުވެސް ކެތެއް ނުކުރެވޭނެ.... އައިމް ކްރޭވިން ޓު ހިއަރ އިޓް." މާވިން ލޫސީގެ ދެއަތްތިލައިގައި ހިފާ ތިރިކޮށްލިއެވެ. ލޫސީ ރޮމުން ރޮމުން ގޮސް ހީގެންފައި ކުއްލިއަކަށް ބޯ ޖަހައިލަމުން މާވިން އާއި ދިމާއަށް ވެއްޓިގަތެވެ. މާވިން އެބާރުގަދަ ދެއަތުގެ ތެރޭގައި ލޫސީ ހިފަހައްޓާލައިގެން ބާރަށް ފިއްތާލިއެވެ. އެންމެ ސިކުންތެއްގެ ތެރޭގައި ދެހިތުގައިވި ހުރިހާ ކިލަބުކަމެއް ނެތިގެން ގޮސް ގުޅި ލާމެހުނީއެވެ. އުފާވެރިކަމުގެ ކޮޅެއް ނެތެވެ.

އިރުގަނޑެއްފަހުން ދޮރާއި ދިމާއިން ކަރު ކެހިލި އަޑަށް ދެމީހުން ސިއްސައިގެން ގޮއްސައި ދުރަށް ޖެހުނެވެ. "ދެން ނިކަން ބުނެބަލަ އަހަރެމެން ދެމީހުންގެ މެދުގައި އެއްވެސް ގުޅުމެއް ނެތޭ." ޒޭބާ އެތެރެއަށް ވަދެގެން އައިއިރު އެމޫނުން ނުރުހުމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. "ހޭ އަހަރެން ކުއްލިއަކަށް މި ހަނދާންވީ މިރޭ ޕްރެކްޓިސް އޮންނާނެ." މާވިން ނިކުމެގެން ދިޔަތަން ބަލަން ހުރެފައި ދެއަންހެން ކުދިން އެއް އަޑުން ހީގެންފިއެވެ. "ލޫސީ. ހަގީގަތުވެސް ވަރަށް އުފާވާނެ ތިދެމީހުން މެރީކޮށްފިއްޔާ. އޭރުން އަހަރެމެން ދެމީހުން އުޅެނީ އެއް ގެއެއްގައި." ޒޭބާ ލޫސީގެ ކައިރީގައި އިށީންދެލައިފައި އެހެން ބުނެލުމުން ލޫސީ ލަދުން ރަތްވިއެވެ. "އޭ ސީރިއަސް ކޮށްވެސް ކަމެއް ދޯ؟" ޒޭބާ އިތުރަށް ޔަގީން ކުރަން ބޭނުންވެގެން އަހައިލިއެވެ. ލޫސީ ދެކޮޅެއް ނުހަދައެވެ. މިހާރު ދެން ސިއްރު ކުރުމުގެ މާނައެއް ނެތެވެ. "އަހަރެން މިއައީ އަދި އެހެން ވާހަކައެއް ދައްކަން. ލޫސީ އަހަރެން މޮޔަވެދާނެ. ކޮންމެވެސް ހިޔާލެއް ދޭންވާނެ މިވާހަކަ ކިޔައިދިނީމަ." ޒޭބާ ފުން ނޭވައެއް ލާފައި ފެށިއެވެ. 

ކުރީ ފަހަރު ތަކެކޭ އެއްގޮތަށް މިފަހަރުވެސް ލޫސީ އިނީ އަޖައިބުވެފައެވެ. ޒޭބާއަށް އޭނާއަށް ގެނެސްދެނީ އިންސާނަކު ނުވެސް ދައްކާ ޒާތުގެ ވާހަކަތަކެވެ. "އެހެންވީމަ އެދުވަހު ޒޭބްގެ ބަޑި ހޯދަން މަގޭ ކައިރިއަށް އައީ މީހަކީ ތިބުނާ ކައިލް. މަށަށް މިހާރު ޔަގީންވެއްޖެ." ލޫސީ ގެއްލިފައި އިނދެ ބުނެލިއެވެ. "ދެން އަހަރެން ކިހިނެތް ހަދަންވީ؟" ޒޭބާ ގޮތް ހުސްވެފައިވާ މީހެއް ފަދައިން އަހައިލިއެވެ. "އޭނަ ކައިރީ ރީތިކޮށް ބުނޭ ދާށޭ! ދެން އޭރުން ތި ޖިންނިންތައް ކައިރިން ޒޭބް ސަލާމަތްވީ އެއްނު. މަ އޭރުވެސް ވަރަށް ބިރުން ހުރީ މިޝްއަލް ޒޭބް މޮޔަކޮށްލައިގެން އޭނަދެކެ ޒޭބް ލޯބިވެދާނެތީ." ލޫސީ ހަގީގަތް ނޭނގި އިނދެ ބުނެލައިފިއެވެ. "އަހަންނަށް ހީވަނީ މިޝްއަލްދެކެ ލޯބިވެވިއްޖެހެން." ޒޭބާ ކުއްލިއަކަށް ބުނެލިއެވެ. ލޫސީ ދެލޯ ބޮޑުކޮށްފައި ދެފަރާތަށް ބޯހޫރުވާލަމުން ފުންމައިގެން ތެދުވިއެވެ. 

"ކައިލް އައީމަ މިޝްއަލް އުޅުނީ އަހަރެން ދޫކޮށްލާފަ ކައިލް ގޮވައިގެން އެނބުރި ދާން. އަހަރެން އެދުނީ އޭނަ ކައިރީ މަޑުކުރަން. އެކަމަކު އެންމެފަހުން އޭނައަށް ވަންނަން ޖެހުނީ ޖަލަށް. މިޝްއަލްއަށް އެހެންވީ އަހަރެންގެ ސަބަބުން." ޒޭބާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. "ތީ ޒޭބްގެ މައްސަލައެއް ނޫން. އެންމެ ފުރަތަމަވެސް މިޝްއަލް ޒޭބްގެ ހަޔާތަށް ނައިނަމަ އެހެން ނުވީހެއްނު. ޒޭބް މީ ރަނގަޅު ފުރުސަތެއް. ކައިލް ފޮނުވާލީމަ އެއިރުން ހުރިހާ ކަމެއް ނިމުނީ. ކައިލް ތިދައްކާ އެއްވެސް ވާހަކައެއް އެއީ ތެދެއްހެން ހިއެއްނުވޭ. އޭނަ ޖިންނިން ހޯދައޭ ކިޔައިގެން ޒޭބްގެ ދުވަސް ދުއްވާލަން ކަންނޭގެ އައިސް އެއުޅެނީ." ލޫސީ ބިރުން މޭގައި އަތް އަޅާލައިގެން ހުރެ ވާހަކަދެއްކިއެވެ. "ކައިލްގެ ގޮތެއް ނޭނގެ އެކަމަކު މިޝްއަލް އަކީ ގޯސް މީހެއް ނޫން." ޒޭބާ ފުރިހަމަ ޔަގީންކަމާއެކު ބުނެލިއެވެ. ހަފީޒާ ގުޅައިގެން ޒޭބާއަށް ގެއަށް ދާން ޖެހުމުން އިތުރަށް އެވާހަކަ ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ. އެވަގުތު ޒޭބާ ނިކުމެގެން ދިޔަ ދޮރާއި ދިމާއަށް ބަލަން ހުރެފައި ލޫސީ ތެދުވެގެން ގޮސް މޯބައިލް ހޯދާލައިގެން ބެލްކަންޏަށް ނިކުމެ ނަންބަރަކަށް ޑައިލް ކޮށްލިއެވެ. "ހޭއި އަވަހަށް މިކޮޅަށް އަންނަން އުޅޭ. ކަންތައްތައް ވަރަށް ގޯސްވެއްޖެ." ފޯން ކަންފަތުގައި ޖައްސާލުމަށްފަހު އެކޮޅުން ހެލޯއޭ ބުނެ ނިމޭއިރަށް ލޫސީ ވާހަކަދެއްކިއެވެ. 

ގެއަށް ދިޔައިރު ހަފީޒާ ފާޚާނައަށް ވެއްޓި ފަޔަށް ތަދުވެގެން އުޅެއެވެ. ޒޭބާއަށް ގުޅީ އެހެންވެގެންނެވެ. ޒޭބާ ހަފީޒާގެ ފައިގައި ބޭސް އުނގުޅައިދީ ނިންދަން ބާއްވާފައި ކޮޓަރިއަށް ދިޔައިރު އެއްވެސް ދިމާއަކުން ކައިލްގެ އިޝާރާތެއް ނުވެއެވެ. ހެދުން ބަދަލު ކުރަން ފާޚާނާއަށް ވަދެ ހުރެގެން ބިރުން ވަށައިގެން ހޯދިއެވެ. އެހެން ރޭތަކާއި ހިލާފަށް ނިދަންލީވެސް ދިގު ހަރުވާޅަކާއި އަތްދިގު ޓީޝާޓެކެވެ. ނިދަން އޮވެ ފުރޮޅިލެވޭ ގޮތަކުންވެސް ކައިލްއަށް އެހަށިގަނޑުން ތަންކޮޅެއް ފެންނާކަށް ޒޭބާ ނޭދެއެވެ. 

އެރޭ ނިދަން އެނދަށް އަރައި އޮވެ ޒޭބާގެ ލޮލަށް ނިދިވެސް ނައެވެ. ކައިލް އައިސް ކުރިމައްޗަށް ހުއްޓޭނީ ކިހިނެތް ކޮންއިރަކު ކަން އެކަކަށްވެސް ނޭނގޭނެއެވެ. ނޫނީ އޭނާއަށް ނުފެންނަ ގޮތަށް ކުރާ ހުރިހާ ކަމެއް ބަލަން އެތާ ހުރީ ނޫންކަމެއްވެސް ނޭނގެއެވެ. ކޮންމެއަކަސް ކައިލް މިވީ ޒޭބާގެ ހަމަޖެހުން ނަގައިލި ފަރާތަކަށެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި ނުނިދިގެން ޒޭބާ އެންމެފަހުން ތެދުވެފައި ކުޑަ ދޮރު ހުޅުވާލިއެވެ. ގަސްތަކު ތެރޭގައިވެސް ކައިލް ހުރެދާނެއެވެ. އެކަމަކު މިފަހަރު އެތަނުން އަނދިރިކަން ނޫން އެހެން އެއްޗެއް ޒޭބާއަކަށް ނުފެނުނެވެ. ސިކުނޑި ހަމަޖައްސާލަން އެންމެ ރަނގަޅު ވާނީ ކޮފީ އެކޭ ހިތަށް އަރާފައި ޒޭބާ ތިރިއަށް ފޭބިއެވެ. ފަނޑު އަލިކަމެއް ވެރިވެފައިވާ ސިޓިންރޫމް މެދުންލައިފައި ގޮސް ބަދިގެއަށް ވަދެ ކޮފީ ހަދަން ފެށިތަނާ އަޑެއް އިވުނުހެން ހީވިއެވެ. 

ޒޭބާ އަޅައިނުލައި ހުރެފައި ކޮފީ މަގު ހިފައިގެން ނިކުންނަން ދަނިކޮށް އަނެއްކާވެސް އަޑެއް އިވިއްޖެއެވެ. މިފަހަރު ޒޭބާއަށް އެއަޑު ފާހަގަ ކުރަން އެނގުނެވެ. އެއީ ގޭގެ ދޮރުފަތުގައި ކޮންމެވެސް މީހަކު ޓަކި ދޭ އަޑެވެ. ޒޭބާ ގަޑި ބަލައިލިއެވެ. އެކެއް ޖަހަން ކައިރިވެއްޖެއެވެ. މިހާ ލަސްވެފައި ހުއްޓާ ދޮރުމަތީ އެހުރީ ކާކުބާވައޭ ހިތަށް އެރިއެވެ. ދެފިކުރެއްގައި ހުއްޓާ އަނެއްކާ ޓަކި ޖަހައިފިއެވެ. ޒޭބާ ދިގު ފިޔަވަޅު ތަކެއްގައި ގޮސް ދޮރާއި ހަމަވެފައި ހުޅުވައިލިއެވެ. އެވަގުތު ދޮރުމަތީ ހުރި މީހާ ފެނިގެން ލިބުނު ސިހުމުގައި ކޮފީ މަގު ދޫކޮށްލެވިއްޖެއެވެ. މަގު ތިރިއަށް ގޮސް ޖެހުމާއެކު ކުދިކުދިވެ ބުރަބުރައިގެން ގޮސް ޖޯޑުގައި ހުރި ހޫނު ކޮފީއެތިވެސް ޓައިލްސް މައްޗަށް ފެތުރިގެން ދިޔައެވެ.

ކޮމެންޓް 0