ޒޭބާގެ މޫނު ކަފަކޮޅެއްހެން ހުދުވެގެން ދިޔައެވެ. އެ ތުންފަތުގައި ވި ހިނިތުންވުން ވަޅު ޖަހައިފިއެވެ. ހިލައިގެ ބުދެއްހެން ހަރަކާތެއް ނެތިފައި މިނިޓެއް ހާއިރު ދިޔައެވެ. މިޝްއަލް ބަލަހައްޓައިގެން ހުއްޓާ ޒޭބާގެ ނިއްކުރިން އެތައް ބައިވަރު ދާ ތިކިތަކެއް ހިލިގެން ތިރިއަށް ދަތުރު ފެށިއެވެ. ނެގި ނެގިފައި ޖެހެމުން ދިޔަ ޒޭބާގެ ހިތުގެ އަޑު މިޝްއަލް އަށް ސާފުކޮށް އިވުނެވެ. އަދި އެދެލޮލުން ފައުޅުވަމުން ދިޔަ ބިރު މިޝްއަލްގެ ހިތަށް ތަދު ކުރިއެވެ. ކޮށިގަނޑަށް ހާޒިރު ކުރެވިފައިވާ ކުށްވެރިއެއް ފަދައިން މިޝްއަލް ހުއްޓެވެ. އޭނާ އެސްފިޔަޖަހައިލިއަސް ޒޭބާއަށް ގޮތެއް ވެދާނެތީ ބިރުން އެސްފިޔަޖަހައިލަންވެސް ނުކެރުނެވެ. ޒޭބާ އަރިއަޅައިލައިގެން އެނދާއި ދިމާއަށް ދިޔައިރުވެސް މިޝްއަލް ގުޑުވައެއް ނުލައެވެ. މަޑު ތަންމަތީގައި އެހަށިގަނޑު ޖެހިފައި ޒޭބާގެ އެސްފިޔަތައް މެރުނެވެ. އޭނާ ހަބަރު ހުސްވީއެވެ. ސިކުނޑިއަށް ލިބުނު ޝޮކަކުން މީހާ ހަމައިން ނެއްޓުނީއެވެ. މިޝްއަލް ބަލަހައްޓައިގެން ހުރެލާފައި އިރުކޮޅަކުން ޣައިބު ވެއްޖެއެވެ.

ދެން ޒޭބާ އަށް ލޯހުޅުވުނު އިރު ފަތިސް ވެއްޖެއެވެ. ތެދުވެ އިށީންދެފައި ޒޭބާ ހިތާއި ހިތުން ދުޢާކޮށްލީ ހިނގައި ދިޔަ ހާދިސާއަކީ ފެނުނު ހުވަފެނަކަށް ވުމަށެވެ. އެކަމަކު ޒޭބާގެ ސިކުނޑި ދިޔައީ އެކަމާއި ދެކޮޅަށް ހެކި ދައްކަމުންނެވެ. މިޝްއަލް އާއި ޒޭބާގެ މެދުގައި ހިނގައިދިޔަ ހުރިހާ ހާދިސާއެއް ސިކުނޑި އާއި އެއްކޮޅެވެ. އެންމެ ފުރަތަމަ ހުވަނދުމާ ގަސް ދަށުން ފެނިގެން މިޝްއަލްއަށް އޭނާގެ ނަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އެދުވަހު ގޭގައި ޖެހުނު މައްސަލަ ނުވެސް ދަންނަ މީހަކަށް އެނގުނު ގޮތަކާއިމެދު ވިސްނާލާ ވަރަށް ވުރެ ޒޭބާ އޭރު ޅައެވެ. އެކަމަކު މިހާރު ޒޭބާއަށް ހުރިހާ އެއްޗެއްވެސް ވިސްނެން ފަށައިފިއެވެ. މިޝްއަލް ކުރީ ސަމާސައެއް ނޫންކަން އަންގައިދެނީ އެވާހަކަ ބުނި ވަގުތު އެމޫނުން ފެނުނު ސީރިއަސް ކަމެވެ. ދެން އުފެދުނީ ބޮޑު ސުވާލެވެ. މިޝްއަލް އަކީ އިންސާނަކަށް ނުވަންޏާ އެއީ ކާކު ހެއްޔެވެ؟ ކޮންކަހަލަ މަހުލޫޤެއް ހެއްޔެވެ؟ މިޝްއަލްގެ ހިޔާލުތަކުން ޒޭބާ އަނެއްކާވެސް ދާހިތްލަން ފެށިއެވެ. އެކަމަކު އެސުވާލުގެ ޖަވާބު އޭނާއަށް ވަރަށް މުހިންމެވެ. ދެފިކުރެއްގައި ހުރެގެން ޒޭބާ ތެދުވެފައި ފާޚާނާއަށް ވަންނަން ދިޔައެވެ. ފަތިސް ނަމާދު ބަންގި ގޮވީ ޒޭބާ ފާޚާނާގައި ހުއްޓައެވެ. ފަތިހުގެ ވަގުތަށް ވިއަސް ޒޭބާ ފެންވެރީ ފިނިފެނުންނެވެ. ހަށިގަނޑު އުދާސްވެފައި ހުރުމުން އޭނާ މާބޮޑަކަށް ހިއެއް ނުކަރުވައެވެ. 

ފެންވަރައިގެން ނިކުމެ އިސްތަށިގަނޑު ހިއްކަން ހުރެފައި ޒޭބާއަށް ފަސްއެނބުރި ބަލައިލެވުނެވެ. ޝައްކު ވެގެނެއް ނޫނެވެ. ބިރުންނެވެ. ކުޑަ ދޮރު ހުޅުވިފައި ހުރެދާނެތީއެވެ. މިޝްއަލް އެކޮޓަރި ތެރޭގައި ހުރެދާނެތީއެވެ. އިސްތަށިގަނޑު ހިއްކާ ނިމިގެން ލޯގަނޑަށް ބަލައިލި ތަނާ ޒޭބާގެ މެޔަށް ފިނިވެގެން ދިޔައެވެ. އޭނާގެ ނަޒަރު ހުއްޓުނީ ފަޅުވެފައިވާ ކަނާއަތަށެވެ. ހަނދާން ހުންނަން ފެށީއްސުރެ އެއަތުގައިވާ ބަޑިއެއް ނެތެވެ. އެޕާޓީއަށްފަހު ބަޑިއަށް ވީ ގޮތެއް ޒޭބާއަކަށް ނޭނގެއެވެ. އެންމެ ހައިރާންވީ އެ ނެތްކަން އިހްސާސް ނުވީމައެވެ. އެތައް އަހަރެއް ވަންދެން އަތުގައި އޮތް އެއްޗެއް ކުއްލިއަކަށް ނެތުމުން އެކަން އިހްސާސް ނުވާނީ ކޮންކަހަލަ މީހުންނަކަށް ހެއްޔެވެ؟ ޒޭބާއަކަށް ނުވިސްނުނެވެ. ހަގީގަތުގައިވެސް އޭނާ އަންތަރީސް ވެއްޖެއެވެ. އިސްތަށިގަނޑު ހައްޔަރު ކޮށްލާފައި ޒޭބާ އަވަހަށް ހެދުންލިއެވެ. ފަތިސް ނަމާދު ކޮށްލުމުން އޭނާއަށް ރައްކާތެރިކަން އިހްސާސް ކުރެވުނެވެ. ހިތުގެ ހާސްކަން ފިލައި ހަމަޖެހުނެވެ.

ނަމާދުކޮށް އަވަދިވެގެން ޒޭބާ ކޮޓަރިން ނިކުތެވެ. މަޑުމަޑުން ސިޑީގެ ހަރުފަތްތައް ގިރާކޮށްލައިފައި ފޭބިއިރު ސިޓިންރޫމްގައި ފިނި ހިފާފައި ވިއަސް ޒޭބާ ލައިގެން ހުރި މަހުމާ ފޮތީގެ ޓީޝާޓާއި ޖިންސްގެ ސަބަބުން އެފިނީގެ އަސަރެއް ނުކުރެއެވެ. ލަވައެއްގެ ރާގެއް އަޅުވާލައިގެން ހުރެ ބަދިގެއަށް ވަދެފައި ކޮފީއެއް ތައްޔާރު ކޮށްލައިގެން ބޯން ފެށުމުން އިތުރަށް އަރާމުވިއެވެ. ހަފީޒާ ނިކުތީ ޒޭބާ ސިޓިންރޫމް ސޯފާގައި ޓީވީ ހުޅުވާލައިގެން އިންދައެވެ. "މޯނިން ހަފީ މަންމާ!" ޒޭބާ ހަފީޒާގެ އަޑު އިވިގެން ފަސްއެނބުރިފައި ބުނެލިއެވެ. "ނަމާދު ކުރީތަ؟" ހަފީޒާ ޖެހިގެން ހުރި ސޯފާގައި އިށީން ތަނާ ޒޭބާ ބޯ ޖަހައިލިއެވެ. "މާވިންއަށް ވެސް ގޮވިނަމަ. އޭނަ މިހާރު ހާދަ ފަރުވާ ކުޑައޭ ނަމާދަށް." ހަފީޒާ އެހެން ބުނުމުން ޒޭބާ ކޮފީތަށި ބަހައްޓާފައި ތެދުވިއެވެ. ދޮރުފަތުގައި އޭނާ ކިތަންމެ ވަރަކަށްވެސް ތެޅިއެވެ. އެކަމަކު މާވިން ކޮޓަރި ތަޅުލައިފައި ހުރުމުން ޒޭބާ އެނބުރި އަންނަން ޖެހުނީ ނާކާމިޔާބު ވެގެންނެވެ.

ހެނދުނު އިރު އެރީއްސުރެ ޒޭބާ އުޅުނީ މަސައްކަތުގައެވެ. ހިނދުކޮޅަކަށްވެސް ސިކުނޑިއަށް ލުޔެއް ދޭން ބޭނުން ނުވާ ކަހަލައެވެ. އެވަރުން އުޅޭއިރުވެސް ދޭތެރެއަކުން މިޝްއަލްގެ ހިޔާލުތައް ޒޭބާގެ ހިތަށް އުދަނގޫ ކުރެއެވެ. ގޭގެ އެންމެ ބޭރަށް ހުރި ކޮޓަރި އިތުރަށް ފުޅާކޮށް ބޮޑުކޮށްފައި އެތަން ސެލޫންއަކަށް ބަދަލު ކުރުމަށްޓަކައި ޒޭބާ މާކުރިއްސުރެ އާކިޓެކްޓުންގެ ގުރޫޕަކާއި ޗާޓް ހަވާލުކޮށްފައި ވެއެވެ. ކުރަހާ ނިންމާފައިވާ އެޗާޓް ޒޭބާގެ އަތްމައްޗަށް އެރީ ދިހައެއް ޖެހުމާއި ކައިރިވެފައި ހުއްޓައެވެ. ދެވަނަ ކަމަކަށް ޒޭބާ އެމީހުންނާއި ވާހަކަ ދައްކާފައި ކޮންޓްރެކްޓް ތައްޔާރު ކުރަން ފެށިއެވެ. ހަފްތާއެއް ފަހުން މަސައްކަތުގެ ސާމާނާއި ލޭބަރުންގެ ޓީމެއް އައިސް މަސައްކަތް ފެށިގެން ދާނެއެވެ. އޮސްޓްރޭލިޔާގައި ހުރި އެކުވެރިއަކު މެދުވެރި ވެގެން ގެންނަ ގޮތަށް ސެލޫންގައި ބޭނުން ކުރާނެ ސާމާނުތަކުގެ ލިސްޓް މެއިލް ކުރުމަށްފަހު އޭނާއަށް ގުޅައިގެން އަދި އެތައް އިރަކު ފޯނުންވެސް ވާހަކަތަކެއް ދެއްކިއެވެ. 

އެ ހުރިހާ އިރު މާވިން އުޅުނީ ބޭރުގައެވެ. އޭނާގެ ފުރަތަމަ ބާސްކެޓް މެޗަށް ތައްޔާރު ވުމަށްޓަކައި ހެނދުނުއްސުރެ ޕްރެކްޓިސް ކުރިއަށް ދިޔައެވެ. ޓީމަށް އޭނާ ހޮވޭނީ އަދި އެމެޗުގައި ދައްކާލެވޭ ހުނަރަކުންނެވެ. މާވިންގެ އުންމީދަކީ ކޯޗްގެ ހިތް އަތުލުމެވެ. އެންމެ މެޗަކުންވެސް އޭނާއަށް ޓީމުގެ މަގާމެއް އަތުލެވިދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަމިއްލަ ނަފްސަށް އޮތެވެ. 

ލޫސީ ޒޭބާ ކައިރިއަށް އައީ ހަވީރުވާން ކައިރިވެފައި ހުއްޓައެވެ. ދޮރު ހުޅުވާލިއިރު ޒޭބާ ނަމާދަށް ހުރުމުން ލޫސީ އެތެރެއަށް ވަދެފައި މަޑުމަޑުން ދޮރުލައްޕާލި އެވެ. އަތްދަބަސް އެނދުމައްޗަށް ދޫކޮށްލައިފައި ލޫސީ ބާލީހުގައި ބޯއަޅާލައިގެން އޮވެ ޒޭބާ ނަމާދު ކުރާތަން ބަލަން ފެށިއެވެ. ލޫސީގެ ސިކުނޑީގައި ވަނީ މިޝްއަލްއެވެ. ލޫސީ އެގެއަށް އައި ބޭނުމަކީވެސް މިޝްއަލްގެ ވާހަކަ ދެއްކުމެވެ. ނަމުގައި އޭނާއަކީ ބެސްޓް ފްރެންޑް ވިއްޔާ މިޝްއަލް އާއި ޒޭބާގެ މެދުގައި ހިނގަމުން ދަނީ ކޮން ކަންތައްގަނޑެއްކަން އޮޅުން ފިލުވުމުގެ ހައްޤުވެސް އޭނާއަށް އޮންނަން ވާނެއެވެ. ޒޭބާ ސަލާން ދީފައި ތެދުވިތަނާ ލޫސީ ފެނިގެން ނަމާދު ދޮޅި އާއި އެކު އައިސް އެނދުގެ މަގަތުގައި އިށީންދެފައި ވާހަކަ ދެއްކިއެވެ. "ކިހިނެތްވެފަ ތިއޮތީ؟ ހީވެއޭ ހާދަ މޫޑީ ދުވަހެއްހެން." ޒޭބާ ލޫސީގެ އަތުގައި މަޑުމަޑުން ޖަހާލިއެވެ. "އަދިވެސް މޫޑީވާވަރު ކުޑައީ." ލޫސީ ތުން އަނބުރާލިއެވެ. "އައްދެ. އަހަރެންދެކެ ތަ ރުޅިއައިސް ގެން ތިއުޅެނީ؟ މަށަށް ކީއް ކުރެވުނީ؟" ޒޭބާއަށް ހެވުނެވެ. "ނޮޓް ފަނީ އިނގޭ." ޒޭބާ ހޭން ފެށުމުން ލޫސީ އިތުރަށް ނުރުހުންވިއެވެ. "ހޫމ ދެން ނުހޭނަމޭ. އައިމް ސީރިއަސް. ބުނެބަލަ ތި ވެގެން އުޅޭ ގޮތެއް." ޒޭބާ ހިނިގަނޑު މަތަކޮށްފައި ސީރިއަސްވިއެވެ. 

"މިޝްއަލް އާއި ދެމީހުން ކޮން ގުޅުމެއް އޮންނަނީ؟" ލޫސީ ފުންމައިގެން ތެދުވެ އިށީންދެފައި ސުވާލު ކޮށްލިއެވެ. ޒޭބާ ދިޔައީ ސިއްސައިގެންނެވެ. މިޝްއަލްގެ ނަން އިވިގެންވެސް އޭނާ މިފަހަރު ބިރުގަނެއްޖެއެވެ. "އަހަރެމެން މެދުގައި ދެން ކޮން ގުޅުމެއްތަ އޮންނާނީ؟" ޒޭބާ އަނެއް ފަރާތަށް އެނބުރިފައި ގޮސް ދޮޅި އާއި ސްޓާކިން ބާލައި މުސައްލައަށް ލައިފައި އޮޅާލިއެވެ. "ޒޭބް. އަހަރެން މީ ޒޭބްގެ ބެސްޓް ފްރެންޑެއްނު. އަހަރެންނަށް ސިއްރު ތިކުރަނީ ކީއްވެތަ؟" ލޫސީ އެނދުން ފައިބައިގެން ގޮސް ޒޭބާގެ ފުރަގަހަށް ހުއްޓުމާއެކު ޒޭބާ ތެދުވިއިރު އެދެލޯ ފުރިފައި ވަނީ ކަރުނައިންނެވެ. "ލޫސީ. އަހަރެން ވަރަށް ބިރުގަނޭ." ޒޭބާ ރޮއިގެންފައި ލޫސީގެ ގައިގައި އޮޅުލައިގަތެވެ. މިޝްއަލްގެ ސިއްރު ކިޔައިދޭން އޭނާއަށް ކެރޭނެ ހަމައެކަނި ފަރާތަކީ ލޫސީއެވެ.

ޒޭބާގެ ވާހަކަތައް އަހާފައި ލޫސީ އިނީ ބުދެއްހެން ގަނޑުވެފައެވެ. ބައެއް ފަހަރު އިންސާނާގެ ހިޔާލަށްވެސް ނާންނަ ކިތަންމެ ކަމެއް އޭނާގެ ކުރިމަތީގައ ހިނގައެވެ. ޖިންނި ޝައިތޯނުން އެއީ އުޅޭ ބައެއް ކަމަށް ގަބޫލުކުރިއަސް އެމީހުން އިންސާނުންގެ ތެރެއަށް އައިސް އުޅޭ ވާހަކަ ލޫސީއަށް ގަބޫލެއް ނުކުރެވެއެވެ. އެކަމަކު މިއަދު އެވިސްނުން ބަދަލު ކުރަން މަޖުބޫރު ވެއްޖެއެވެ. ޒޭބާ ޔަގީނުންވެސް ދޮގެއް ނުހަދާނެއެވެ. އެއީ ލޫސީއަށް ކަށަވަރުވާ ތަންކޮޅެކެވެ. 

"ޒޭބް. ލިސަން... އައިންތު ބުނިހެން އެބަޑި އަކީ ޒޭބްގެ ހަށިރައްކަލަށް އަޅާފައިވާ އެއްޗެއްހެން މަށަށްވެސް ހީވާން ފަށައިފި. ޒޭބްގެ ބައްޕަ މިޝްއަލް ފޮނުވާލަން ބޭނުންވުމާއި ތިއަތުގައި ބަޑިއެއް އޮތުމާއި އަދި އޭނަ އަކީ އިންސާނަކަށް ނުވުން، އެހުރިހާ ކަމެއް އެއްކޮށްލީމަ އިޓް މޭކް ސެންސް. ވެދާނެ ބައްޕައަށް އެނގުނީ ކަމަށް މިޝްއަލްގެ ކަންތައް. އެހެންވެ ޒޭބް އާއި ގާތްނުވެވޭ ގޮތަށް އަޅައިފައި އޮންނަ ބަޑިއެއް ކަމަށް." ލޫސީ ވިސްނަން އިނދެފައި ވާހަކަ ދެއްކިއެވެ. "އަދި އެނގޭތަ މިޝްއަލް ރޭގައި އަހަރެން ކައިރިއަށް ގޮސް އެބަޑި ދޭށޭ ބުނީމަ އަހަރެން ވަރަށް ހައިރާންވި. އަހަރެން މަސައްކަތް ކުރިން އެ ހަވާލު ނުކުރަން. އެކަމަކު އޭނަ...." "ވެއިޓް އަ މިނިޓް... މިޝްއަލް ދިޔައީ ބަޑި ބަލައި؟" ޒޭބާ ކުއްލިއަކަށް ލޫސީގެ ވާހަކަ މެދުކަނޑާލައިފައި ސުވާލު ކުރިއެވެ. "ހޫމ. ޒޭބްއަކަށް ނޭނގޭތަ؟ އޭނަ ބުނީ ޒޭބް ފޮނުވައިގެންނޭ. އެހެންވެ އަހަރެން ހިތަށް އެރީ ތިދެމީހުން ކްލޯސް ގުޅުމެއް އޮންނަނީއޭ. އޯ އެމް ޖީ. އެހެންވީމަ އަހަރެންނަށް މިހީވީ ރަނގަޅަށްތާ. މިޝްއަލް އަށް ބަޑި އެހާ މުހިންމު ވީ ހަމަ އެހެންވެ. ދެން ކިހިނެތްވާނީ؟" ލޫސީ ދެލޯ ބޮޑުކޮށްފައި އަނގަމަތީ އަތް އަޅާލިއެވެ. ޒޭބާ ކަންބޮޑުވެގެން ދެކޮޅަށް ހިނގަން ފެށިއެވެ. 

"ހަފީ މަންމައަކަށް ނޭނގޭނެތަ މީން އެއްވެސް ވާހަކައެއް؟" ޒޭބާ ހުއްޓިފައި ލޫސީއަށް ބަލައިލިއެވެ. "އަހަރެންނަކަށް ނުފެނޭ ހަފީ މަންމައަށް އަދި އަންގާކަށް. ހަފީމަންމަ މާބޮޑަށް ބިރުގެންފާނެ. ޒޭބް ބުނީމެއްނު އެކޮޅުގައި އުޅުނުއިރުވެސް ރޭގަނޑު ބުޅަލެއް ފެނިގެން ވީގޮތް." ލޫސީ އެހިޔާލާއި ދެކޮޅެވެ. "އަހަރެން ހިތަށް އަރަނީ މިޝްއަލް ކީއްވެބާއޭ މިޝްއަލްގެ އަސްލު ސިއްރު ކުރަން މަސައްކަތް ނުކުރީ؟ ކީއްވެ އޭނަ އަމިއްލައަށް ބުނީ އެއީ އިންސާނެއް ނޫނޭ." ރޭއްސުރެ ކައްޓެއްހެން ޒޭބާގެ ހިތަށް ހެރެމުން ދިޔަ ސުވާލު ލޫސީ އާއި ކޮށްލިއެވެ. ލޫސީ އަނެއްކާވެސް ހިމޭންވިއެވެ. ދޭނެ ޖަވާބެއް ޚުދު ލޫސީގެ ސިކުނޑިއަކުވެސް ނެތެވެ. "އަހަންނަށް ހީވަނީ އަހަރެން މިޝްއަލް އާއި ބައްދަލު ކުރަންވީހެން. މޭބީ ހީ ވޯނެޑް ޓު އެކްސްޕްލެއިން." އެހެންނޫން ނަމަ ކީއްކުރަން ބުނަންވީ އެއީ އިންސާނެއް ނޫނޭ. މިޝްއަލް ބޭނުންހާ ދުވަހަކު އަހަރެން ފޫލް ހައްދައިގެން އުޅެވުނީހެއްނު." ޒޭބާ ގެ ވާހަކަ އާއި މެދު ލޫސީއަށްވެސް އެއްބަސް ވެވުނެވެ. "އަހަރެން މިޝްއަލް އާއި ބައްދަލު ކުރާނަން." އެހެން ބުނިއިރު އަޑުގައި ކިތަންމެ ޖޯޝެއް އެކުލެވިގެން ދިޔަ ނަމަވެސް ޒޭބާގެ ހިތްވަނީ ބިރުގެންފައެވެ. 

އިރު އޮއްސުމާއި ގާތް ވި ވަރަކަށް ޒޭބާގެ ހާސްކަން އިތުރުވިއެވެ. މަޣްރިބް ނަމާދު ބަންޤިއަށް ފަހު ނަމާދުކޮށް ނިމިގެން ޒޭބާ ސަލާމަތަށް އެދި ހެއްދެވި ފަރާތުގައި ދެންނެވިއެވެ. ކޮޓަރިން ނިކުމެގެން އައިސް ސިޓިންރޫމްގައި ޒޭބާ އިނީ މިޝްއަލްގެ އިންތިޒާރު ގައެވެ. އިރުކޮޅަކުން ބެލް ޖެހި އަޑަށް ފުންމައިގެން ތެދުވިއެވެ. ތެޅި ތެޅި އޮތް ހިތަކާއިއެކު ބާރުބާރަށް ގޮސް ދޮރުމަތީ ހުއްޓިފައި ދޮރު ހުޅުވަން ނުކެރިގެން ހުއްޓާ ފަހަތުން މީހަކު އަންނަ އަޑުއިވުނެވެ. އެމީހަކަށް ޝައްކެއް ވެދާނެތީ ޒޭބާ އަވަސްއަވަހަށް ދޮރުހުޅުވާލިއެވެ. ވަގުތުން އެ ދޮން މޫނަށް މާޔޫސްކަމުގެ ކުލަ ވެރިވެގަތެވެ. ދޮރުމަތީގައި ހުރީ ނުދަންނަ މީހެކެވެ.

"އައްސަލާމް އަލައިކުމް. އަހަރެން މިއައީ މިޝްއަލް ފޮނުވައިގެން. އޭނައަށް ނާދެވޭނެ ވާހަކަ ބުނަން." އެމީހާގެ ޖުމްލަ ނިމުމާއެކު ޒޭބާގެ ފަހަތުގައި އައިސް ހުއްޓުނު ހަފީޒާ ސަލާމް ބަލައިގެންފައި އޭނާއަށް ޖަވާބު ދިނެވެ. އެއަށްފަހު ހަފީޒާ ގޮސް ވަނީ ބަދިގެއަށެވެ. ޒޭބާ ބަލަހައްޓައިގެން ހުއްޓާ އެ ނުދަންނަ މީހާ އެނބުރިފައި މަގުމައްޗަށް ނިކުންނަން ދިޔައެވެ. ދޮރު ލައްޕަން އުޅެފައި ޒޭބާގެ ހިޔާލު ބަދަލުވެގެން ކުއްލިއަކަށް ބޭރަށް ދެމިގަތެވެ. "ކޮބާ މިޝްއަލް؟" ބާރުބާރަށް ހިނގާފައި ގޮސް އެމީހާ އާއި ހަމަކޮށްފައި ޒޭބާ އަހައިލިއެވެ. އެވަގުތު އޭނާ ހުއްޓިފައި ޒޭބާއަށް ބަލައިލިއެވެ. "މިޝްއަލް ކައިރީ ބުނޭ އަހަރެން ބައްދަލު ކުރަން ބޭނުން ވާހަކަ." އެމީހާ ޖަވާބެއް ނުދީ ހުންނަން ފެށުމުން ޒޭބާ އެހެން ބުނެލާފައި އެނބުރި އައިސް ގެއަށް ވަދެ ދޮރު ލައްޕާލިއެވެ. 

އެރޭ ޒޭބާއަށް ނުވެސް ކެވުނެވެ. ކާމޭޒު ދޮށުގައި އިނދެފައި މާވިން އާއި ހަފީޒާ އެކަން ފާހަގަ ކުރިއެވެ. ޒޭބާ ފުރަތަމަ ޖަވާބެއް ނުދެއެވެ. ފަތިހުއްސުރެ ނުނިދާ އުޅުމުން މާބޮޑަށް ނިދި އަންނަނީ ކަމުގައި ބުނެ ވާހަކައެއް ހަދައިލައިފައި އައިސް ކޮޓަރިއަށް ވަދެ އެނދުގައި ދެފައި ވަށްކޮށްލައިގެން ޒޭބާ އިނެވެ. ލެޕްޓޮޕް ހުޅުވައިލައިގެން އެއަށް ސަމާލުކަން ހުއްޓާލެވޭތޯ ކުރި މަސައްކަތް ހުހަށް ދިއުމުން ވާހަކަ ފޮތެއް ނަގައިގެން ކިޔޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ޒޭބާގެ އެހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ކަމެއްގެ ތެރެއަށް ވަދެވޭ ވަރަށްވުރެ ސިކުނޑީގެ ހާސްކަން ބޮޑެވެ. ހިތް ތެޅެނީ އެހާމެ ބާރަށެވެ. މިޝްއަލް އާއި ބައްދަލު ކުރަން ބޭނުންވެފައި ވިއަސް މިޝްއަލް އަތުވެދާނެތީވެސް ޒޭބާ އެ އިންނަނީ ބިރުންނެވެ. މިފަދަ ފައްތަރަކަށް އޭނާ ވެއްޓުނު ދުވަހެއް ހަނދާންވެސް ނެތެވެ. ކޮންފަދަ ދަތި ވަގުތު ތަކެއް ހެއްޔެވެ؟ 

ނިދި އަންނަ ގޮތް ވުމުން ޒޭބާ ޖައްސާލިއެވެ. އެހެން އޮވެގެން އެސްފިޔަތައް މެރެމުން ގޮސް އެންމެފަހުން ނިދުނެވެ. ހުވަފެނުގައި ވެސް ޒޭބާއަށް ފެނުނީ މިޝްއަލް އެވެ. އެކަމަކު އެއީ ހިނގައިދިޔަ ހާދިސާތައް އަލުން ތަކުރާރުވެގެންނެވެ. މެންދަމުން އަލިވެ ހިމޭންވެފައި ވަނިކޮށް ޒޭބާގެ ކޮޓަރި ތެރެއިން މިޝްއަލް ފައުޅުވިއެވެ. އޭރު ޒޭބާ އޮތީ ގަދައަށް ނިދާފައެވެ. މިޝްއަލް ބަލަހައްޓައިގެން ހުންނަތާ އިރުކޮޅެއް ފަހުން ޒޭބާއަށް ހޭލެވުނެވެ. ލޯ ހުޅުވާލުމާއެކު ޒޭބާގެ ނޭފަތުގައި ޖެހުނީ ހުވަނދު މާ ވަހެވެ. ޒޭބާއަށް ވިސްނުނެވެ. މިޝްއަލް އައީއެވެ. ދެފަރާތުގައި އަތް ވިއްދާލައިފައި ޒޭބާ މަޑުމަޑުން ތެދުވެ އިށީނެވެ. ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށްލައިފައި ދެއަތުން ލޯ އުނގުޅައި ލުމަށްފަހު ދިމާ ކުރިމައްޗަށް ނަޒަރު ހުއްޓާލިއިރު މިޝްއަލް ހުއްޓެވެ.

ކޮމެންޓް 0