"ނުވޭ ޖެހިލުމެއް. އެކަން ފަޅާ އެރިއަސް އަހަންނަށް ލިބޭނެ ގެއްލުމެއް ނެތް. ޒޭބާ އަހަރެން ދެކެ ލޯބިވޭ. އަދި އޭނާގެ ބަނޑުގައި އޮތީވެސް ހަމަ އަހަރެންގެ ދަރިއެއް." މިޝްއަލް ފޮނިގޮތަކަށް ހިނިތުންވެލައިފިއެވެ. އެތޫނު ދެލޮލުން ފުރަތަމަ ފަހަރަށް އަމިއްލަ އެދުން ފެނިގެން ދިޔައެވެ. "ޔަގީންކަމެއް ނުދެވޭނެ. އެކަމަކު މަސައްކަތް ކުރެވިދާނެ." މިޝްއަލް ބޭނުންވާ ކަންތަކުގެ ވާހަކަ ކިޔައިދީ ނިމުމުން އޭނާ ބުނެލިއެވެ. އިރުކޮޅަކުން އެމުސްކުޅިޔާ އެތެރެ ކޮޓަރިއަށް ވަދެފައި ނިކުތީ ހަތަރެސްކަން ފޮށްޓެއް ހިފައިގެންނެވެ. މަތީގައި ހުދު ފޮތިގަނޑެއް އަޅާއި މައްޗަށް ގޮއްޖަހާފައި ހުއްޓެވެ. މުސްކުޅިޔާ އުދަނގޫ ގޮތަކަށް ފޮށި ގެނެސް މިޝްއަލް އާއި ހަވާލުކޮށްފައި ދެމީހުން އެކުގައި އެގެއިން ނިކުތެވެ.

ހެނދުނު ހެނދުނާ ގޭގެ ދޮރުފަތުގައި މީހަކު ޓަކި ދޭން ފެށިއެވެ. ޒޭބާއަށް އެއަޑު އިވިގެން އެނދުން ތެދުވަން ހީކޮށްލި ތަނާ ހަފީޒާ ކޮޓަރިން ނިކުތް އަޑު އިވުނެވެ. ޒޭބާ އަވަހަށް ދެލޯ މަރާފައި ނިދާ ކަމަށް ހެދިގެން އޮތެވެ. ހަފީޒާ ހޭވިފައިވާ އިސްތަށިގަނޑުގައި ހުޅިއެއް ޖަހައި ބޮލުގެ މަތީގައި ދެއަތުން ކާއްތާލައިފައި ގޮސް ދޮރު ހުޅުވައިލިއެވެ. "ކޮބާ ޒޭބާ؟" މާވިން ފުރަތަމަވެސް ބުނެލީ އެހެންނެވެ. އެނުތަނަވަސް ދެލޮލުން ގޭގެ އެތެރެއަށް ނަޒަރު ހިންގާލި ގޮތުން ހަފީޒާގެ ހިތުގައި ސުވާލު އުފެދުނެވެ. "ހިއެއްނުވޭ ތެދުވި ހެނެއް." ހަފީޒާ ޖަވާބު ދީ ނިމުމާއެކު މާވިން އަވަހަށް ދޮރުން އެތެރެއަށް ދެމިގަތެވެ. ހީވީ އޭގެ ކުރިން ނުވަންނަން ހުރި ހެންނެވެ. 

"ކިހިނެތްވީ؟" މާވިން އެއައީ ޒޭބާގެ ހާލު ދެކެން ނޫންކަން ހަފީޒާއަށް އެނގުނީ ސީދާ ހަފީޒާގެ ކޮޓަރިއަށް ވަންނަން ދިޔައީމައެވެ. މާވިން އެތެރެއަށް ވަދެފައި ހަފީޒާގެ އަލަމާރި ހުޅުވައިގެން ކޮނޑުގައި އަޅުވާފައިވާ ހެދުންތައް ނަގައި އެނދުމައްޗަށް އަޅާލައިފައި އަލަމާރި މަތީ އޮތް ސޫޓް ކޭސް ނެގުމުން ހަފީޒާއަށް ހިމޭނަކުން ނުހުރެވުނެވެ. މާވިންގެ އަތުގައި ހިފާ ހުއްޓުވާފައި ވެގެން އުޅޭގޮތެއް ސާފުކޮށްދޭން އެދުނީ ނިކަން ކަންބޮޑުވެފައި ހުރެގެންނެވެ. "އަހަރެން ބޭނުމެއް ނޫން މަންމަ މިގޭގައި ހުންނާކަށް." މާވިން ސޫޓް ކޭސް ތިރީގައި ބަހައްޓާފައި ހަފީޒާ އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެޖަވާބު އަހާފައި ހަފީޒާއަށް ދެފަރާތަށް ބޯ ހޫރުވާލެވުނެވެ. "އޭރުން ޒޭބާއޯ؟ ޒޭބާ އަހަރެމެންގެ އެހީއަށް އެންމެ ބޭނުންވި ދުވަހު އެކަނިކޮށްލަންވީތަ؟ ދަރިފުޅަށް އެނގެއެއްނު އެއީ ޒޭބާގެ ކުށުން ވީ ކަމެއް ނޫންކަން؟ ހަފީޒާ އެގޮތަށް ވާހަކަދެއްކުމުން މާވިން ހިނދުކޮޅަކަށް ހިމޭންވެފައިވެސް އަނެއްކާ ގޮސް ސޫޓްކޭސް ހުޅުވާފައި އެނދުމަތީ ބާއްވައި ހަފީޒާގެ ހެދުންތައް އެއަށް އަޅަން ފެށިއެވެ. 

"އަހަރެން ބޭނުމެއް ނުވޭ ލޫސީއަށް ލިބުނުފަދަ އަނިޔާއެއް މަންމައަށް ލިބޭކަށް." މާވިން ފަހުން ބުނަން ބޭއްވި ވާހަކަވެސް ދުލާއި ހަމައަށް އަތުވެއްޖެއެވެ. "މާވިންއަށް އެބަ އެގޭތަ ތިކިޔޭ އެއްޗެއް؟ ޒޭބާ ލޫސީއަށް ގެއްލުމެއް ނުދޭނެ. ތިވާނީ ލޫސީ މިގޭގަ ނޫޅެން ވެގެން ދެއްކި ބަހަނާ އަކަށް." ހަފީޒާ އަނެއްފަރާތަށް މޫނު އަނބުރާލައިފައި ހަށަން ބަނދެލިއެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް އެދެމީހުންގެ ގުޅުމާއިމެދު ހިތްހަމަ ނުޖެހިފައި ހުއްޓަސް ނުސީދާ ބަހުންވެސް އެކަން ފާޅުކޮށްފައެއް ނެތެވެ. އެކަމަކު މިއަދު މާވިން ޒޭބާ އާއި ދެކޮޅަށް ލޫސީ ދިފާޢު ކުރަން ފެށުމުން އެކަންވެސް ކުރެވުނީއެވެ. މާވިންއަށް ވީގޮތަކީ ބަސް ހުސްވެފައި ބަލަން ހުރެވުނީއެވެ. ހަފީޒާ އެފަދަ އެއްޗެއް ބުނެފާނެ ކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ. "މަމް ޔޫ ހޭވް ޓު ބިލީވް މީ. ޝިޒް ޑޭންޖެރަސް." މާވިން ފުން ނޭވައެއްލާފައި ސޫޓްކޭސް ބަންދުކޮށްލިއެވެ. "އޭނައަށް ކޮން ގެއްލުމެއްތަ ދެވޭނީ؟ އެއުޅެނީ ބަލިކަމުން އަމިއްލަ ހާލަށް ނޫޅެވިގެން؟" ހަފީޒާގެ ސުވާލުތަކުން މާވިންގެ ސިކުނޑިވީ ހާހެވެ. "މަންމާ އަހަރެން ހުރިހާ ވާހަކައެއްވެސް ކިޔައިދީފާނަން. އޭރުން ގަބޫލު ކުރެވޭނެ. އެކަމަކު އޭގެ ކުރިން ހިނގާބަލަ އަހަރެންނާއެކު ދާން." މާވިން އާދޭސް ކުރިއެވެ. އެކަމަކު ހަފީޒާ އެނބުރުނީ ރުޅި މޫނު ހަދައިގެން އަނެއް ފަރާތަށެވެ. 

ނިކުމެގެން ދާން އުޅެފައި މާވިން އަދިވެސް އެއްފަހަރު ހަފީޒާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އެކަމަކު އެނބުރި ދާން ޖެހުނީ ނާކާމިޔާބު ވެގެންނެވެ. އެހުރިހާއިރު ޒޭބާ ހުރީ ޖެހިގެން ހުރި ކޮޓަރީގެ ދޮރުފަތް ކުޑަކޮށް ހުޅުވާލައިގެން އެމީހުންގެ ވާހަކަ އަޑު އަހާށެވެ. އެނދުގައި އޮވެފައި މާވިންގެ އަޑު އިވުނުހެން ހީވެގެން ޚަބަރު ބަލައިލަން އައީއެވެ. ޒޭބާގެ ލޮލުން ކަރުނަ އައީ ނޭނގުމުގެ ތެރޭގައެވެ. އެހުރިހާ ދުވަހު އެންމެ ގާތް އުޅެފައި މާވިން ކުއްލިއަކަށް ބަދަލުވުމުން ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. އެކަމަކު މާވިންދެކެ ރުޅިއެއްވެސް ނާދެވުނެވެ. ބަދަލުގައި އެވާހަކަ އާއި ހިތާއިހިތުން އެއްބަސްވެވުނީއެވެ. ކައިލް ބުނާގޮތުން ނަމަ ކަންތައް އެވަނީ އަރްޖް ބޭނުންވާ ގޮތަށެވެ. އަރްޖްގެ އެއެދުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ޚުދު ޒޭބާއަށްވެސް ގަބޫލު ކުރެވެން ފެށީ އެހިސާބުންނެވެ. އެންމެ ރަނގަޅު ވާނީ އޭނާ އާއިލާ އާއި ވަކިވިއްޔާއެވެ.

ހަފީޒާ ފާޚާނާއަށް ފެންވަރަން ވަންގަޑީގައި ޒޭބާ ހެދުން ބަދަލުކޮށްލައިގެން ގެއިން ނިކުމެއްޖެއެވެ. ހުދު ސްކިނީ އާއި ހުދާއި ކަޅުން ހުރަސް ރޮނގުތަކެއް ހުރި އަތް ދިގު ޓީޝާޓްކޮޅުގައި ހެނދުނަށް ފޮޅޭ ހުރިހާ މަލެއްގެ ކުލަތައް ފަނޑުކޮށްލާހައި ފުރިހަމައެވެ. އެދިގު އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލާފައި އޮތްއިރުވެސް ބުޑު ފޮރުވޭވަރަށް ދެމިފައިވެއެވެ. ފަހަތަށް ދިޔަހެން ބޯކަމަށް ދައްކައެވެ. ޒޭބާ މަގުގެ އެއްފަރާތުން ހިނގާލާފައި ދިޔައިރު ފެންނަ ކޮންމެ މީހަކުވެސް ބަލައިލަނީ ފުން ނަޒަރަކުންނެވެ. އެކަމަކު ޒޭބާ ހުންނަނީ ކުޑަކޮށް އިސް އޮބައިލައިގެންނެވެ.

މިޝްއަލް އުޅޭ ގޭ ގޭޓު ކުރިމައްޗަށް ހުއްޓިފައި ވަށައިގެން ހޯދައިލަން ޖެހުނެވެ. އެއީ ތަޅުލާފައި ހުރިތަނެއް ތަޅު ހަލާކުކޮށްލައިގެން ވަންނަން ޖެހޭތީއެވެ. ފެންނަ ހިސާބުގައި މީހަކު ނެތްކަން ޔަގީންކޮށްފައި ޒޭބާ ގޭޓުގައި ހިފާ އެތެރެއަށް ކޮށްޕާލިހާއިރުން ތަޅު ހަލާކުވެގެން ގޭޓު ހުޅުވިއްޖެއެވެ. ގުދުވެފައި ބިންމަތީ އޮތް ތަޅުނަގައި މުށުތެރެއަށް ލައިގެން އެތެރެއަށް ވަންނަން ދަމުން ދެފަރާތުގައިވާ ގަސްތަކަށް ބަލައިލެވުނެވެ. ފިނިފެންމާ ގަސްތައް އެކަނި ހުރެވެސް ހާދަ ރީއްޗަކަށް ހެދެމުންދެއޭ ހިތަށް އެރިއެވެ. ތިންކުލައިގެ ފިނިފެންމާތައް ފޮޅި އޭގެ ވަހުން ގޯތިތެރެ ހުވަނދުކޮށްފައިވެއެވެ. ޖެހިލާ ކޮންމެ ވައިރޯޅި އަކާއި އެކު ސެންޓް ބުރުވާ ކަހަލައެވެ. ޒޭބާ ހިކިފަތްތަކުގެ މަތީގައި ހިނގަމުން ފަތްތައް ފުޑުވަމުން ގޮސް އެއްފަރާތެއްގައި ހުރި ބޮޑުހިޔާ ގަހެއްގައި ލެނގިލައިފިއެވެ. އެގަހުގެ ގޮފިތައް ވަށަވަށައިގެން އެތައް ހިސާބު ދުރަށް ފެތުރިފައިވާތީ ގޯތިތެރޭގެ ބޮޑު ބަޔަކަށް ހިޔާވެފައިވެއެވެ. ގަސްތަކުތެރެއަށް ބަލަހައްޓައިގެން އިރުކޮޅެއް ވާންދެން ހުރެފައި ދެން ހަމަ ކުއްލި އަކަށް ތުން ފިތާލުމާއެކު ޒޭބާގެ ލޮލުން އޮހޮރިގަތީ ކަރުނައެވެ. މޫނުގައި ދެއަތް އަޅައި ފޮރުވާލަމުން ގަހުގެ މޫތަކުގައި ފާޑަކަށް އިށީންދެވިއްޖެއެވެ. އެތައް ދުވަހަކަށްފަހު ބައްޕަ މަރުވި ދުވަހުގެ ހަނދާންތައް ޒޭބާގެ ހިތަށް އަނިޔާ ދޭން ފަށައިފިއެވެ. މިއަދު އަނެއްކާވެސް އެއިހްސާސް ކުރެވެމުން މިދަނީ ސަބަބެއް ނެތިއެއް ނޫނެވެ. ޒޭބާ އެއައީ އާއިލާ ދޫކޮށްލާފައެވެ. އެމީހުންގެ އާދައިގެ ރީތި ދިރިއުޅުމަށް ފުރުސަތު ދީފައި ވަކިވެގަނެގެންނެވެ. 

ރޮއެ ރޮއެ ހިތަށް ލުޔެއް ލިބުނީ ކަންނޭގެއެވެ. ރުއިމުގެ އަޑު މަޑުވަމުން ގޮސް އިރުކޮޅަކުން ހިމޭންވެއްޖެއެވެ. ޒޭބާ އަދިވެސް އިނީ މޫނުގައި ދެއަތް އަޅައިގެންނެވެ. އެވަގުތު ޖެހިލި ވައިރޯޅި އާއި އެކު ނޭފަތުގައި ޖެހުނީ ފިނިފެންމަލުގެ މީރުވަހެއް ނޫނެވެ. އެއީ އެހެން ވަހެކެވެ. ޒޭބާ ދެލޯ ފުހެލުމާއެކު ދެއަތް މޫނު ވަކިކޮށްލުމާއެކު ހައިރާންވެގެން އަނގަ ހުޅުވުނެވެ. ދާދިދެންމެ ފޮޅިފައިވި ތާޒާ މާތަކާއެކު ހުރިހާ ފިނިފެންމާގަހެއް ހުރީ ހިކިފައެވެ. މުޅި ގޯތިތެރޭގައިވެސް ފެހި އެންމެ ގަހެއް ނެތެވެ. ހީވަނީ ގަދަ އަވީގައި ހިކިގެން ނޫނީ ކައިރީގައި އަލިފާންގަނޑެއް އަނދައި އޭގެ އާވިން ހިކިފައި ވާހެންނެވެ. އަމިއްލަ ނަފްސް ދެކެވެސް ޒޭބާ ޖެހިލުން ވެއްޖެއެވެ. އެހެން އެވީ އޭނާ ރޮއެގެން ކަމަށްވާނަމަ އިންސާނުންނަށް އަދި ކިހާ ގެއްލުމެއް ވާނެ ހެއްޔެވެ؟ ބަލަހައްޓައިގެން ހުރެފައި ޒޭބާ ދުއްވައި ގަތެވެ. އެދިޔަ ބާރުމިނުގައި އެތެރެއަށް ވަދެގެން ގޮސް ފުރަތަމައަށް ހުރި ކޮޓަރީގެ ދޮރު ހުޅުވާލާފައި ގޮސް އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. ބޯލާކޮޅުގައި އަތުރާފައިވާ ހުރިހާ ބާލީސްތަކެއް ގެނެސް ކައިރިކޮށްލައިގެން އޮވެ މޫނު ފޮރުވައިލީ ބޯ ހިއްލައިނުލައި އޮވެގެންނެވެ. ދެން އައީ އަނެއްކާވެސް ރުއިމުގެ ވަގުތު ކޮޅެކެވެ. ހޯސްލާފައި ދެލޮލުން ފައިބަމުން ދިޔަ ބޮޑެތި ކަރުނަ ތަކަކީ ދުވަހަކު ހުސްވުމެއް ނެތް އެއްޗެއް ފަދައެވެ. އިރުކޮޅެއްވީއިރު މޫނުޖަހައިގެން އޮތް ބާލީސްވެސް ތެމި ފޯވެއްޖެއެވެ.

ހަފީޒާ ފެންވަރައިގެން ތިރިއަށް އައިއިރު ފާތިން ބަދިގޭގައި އުޅެއެވެ. ދޮރު ހުޅުވީ ޒޭބާ ކަމަށް ވެދާނެއެވެ. އެކަމަކު ފާތިން އާއި ސުވާލު ކޮށްލުމުން ޒޭބާ އަދި ނުފެންނަ ކަމަށް ބުންޏެވެ. ފިކުރު ބޮޑުވެފައި ހުރެގެން ހަފީޒާ އަނެއްކާ މައްޗަށް އެރިއެވެ. ޒޭބާ އެވަނީ އެންމެ ބޮޑަށް އަޅައިލާން ބޭނުންވާ ހާލަތެއްގައެވެ. ކާނާއާއި ދުރުގައި އޮވެގެން ހިތާމަ ކުރަންވެއްޖެއްޔާ ބަނޑުގައި އޮތް ދަރިފުޅަށްވެސް ގެއްލުން ވާނެއެވެ. ހަފީޒާ އެގޮތެއް ބޭނުމެއް ނޫނެވެ. އެއީ ކޮންމެ ގޮތަކަށް ލިބެން އުޅޭ ދަރިއެއް ކަމަށް ވިއަސް އެއީ ﷲ ދެއްވާ ނިއުމަތެކެވެ. ފާފައެއް ކޮށްގެން އެކަމުން ސަލާމަތް ވުމުގެ ބަދަލުގައި ހެޔޮ ސިއްހަތެއްގައި އެދަރިފުޅު ދުނިޔެއަށް ގެނައުން ހެޔޮކަން ބޮޑެވެ. 

ދޮރު ހުޅުވާލިއިރު ޒޭބާ ފެންނާކަށް ނެތެވެ. ރޫ ޖެހިފައިވާ އެނދަށް ބަލައިލުމުން ތެދުވީ ދެންމެ ހެން ހީވިއެވެ. އެބުރި ދާން އުޅެފައި ހަފީޒާ އިތުރަށް ޔަގީން ކުރަން ބޭނުންވެގެން ފާޚާނާ އާއި ދިމާއަށް ދިޔައެވެ. ފާޚާނާ އޮތީ ހުހަށެވެ. ޑްރެސިންޓޭބަލް މަތީގައި ބައިންދާލާފައި އިން ސިޓީއުރަ ފެނުނީ ނިކުންނަނި ކޮންނެވެ. އެވަގުތު ހަފީޒާގެ ހިތް ތެޅިގަތީ ބިރުގަންނަހާ ބާރަށެވެ. އަވަސް އަވަހަށް ގޮސް ސިޓީ އުރައިގެ ދެފަރާތުގައި ހިފާ ފުޅާކޮށްލާފައި އެއްއަތާއި ދިމާއަށް ތިރިއަށް ޖަހާލިތަނުން ފަތްޖަހާފައި އޮތް ކުޑަ ކަރުދާސްކޮޅެއް ވެއްޓިއްޖެއެވެ. "މާވިން އެބުނީ މުޅިން ތެދެއް. ލޫސީ ކޯމާއަކަށް ދިޔައީ އަހަރެންގެ ސަބަބުން. އަދި މަންމައަށްވެސް އަހަރެންގެ ފަރާތުން ލިބޭނީ ކޮންގެއްލުމެއް ކަމެއް ނޭނގެ. އެހެންވެ އަހަރެން މިނިންމީ މަންމަ ދޫކޮށްފައި ދާން. އަހަރެން ހޯދަން މަސައްކަތް ނުކުރުމަކީ ވަރަށް ބޮޑު އެދުމެއް." ނޯޓް ކިޔައި ނިމިގެން ހަފީޒާއަށް ދެފަރާތަށް ބޯ ހޫރުވައިލެވުނެވެ. ހިތަށް ކުރި ފުން އަސަރަކުން ލޮލުން ކަރުނަ ހިނގާލިއެވެ. ޒޭބާ އެހާލުގައި އެކަނިމާއެކަނި އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ ހަފީޒާ ބޮލުގައި ހިފަހައްޓާލައިގެން އިރުކޮޅަކު ހުރެލާފައި ދެން އަނެއްކާ ސިޑިން ފައިބަން ދިޔައީ ނިކަން އަވަސް ހިނގުމެއްގައެވެ. އެންމެ ނޯޓަކުން ދުވަސްވީ ގުޅުމެއް ކަނޑައެއް ނުލެވޭނެއެވެ. ޒޭބާ ކޮންމެ ތާކު ވިއަސް ހަފީޒާ ޒޭބާ ހޯދައިގެން ގެންނަން ނިންމިއެވެ.

އިރު އޮއްސިގެން އައިއިރު ޒޭބާ އަދިވެސް އޮތީ އެނދުމަތީ ގައެވެ. ކުޑަ ދޮރުން ވަދެގެން އައި ބާރު ވައިރޯޅި އަކާއެކު އިސްތަށިތައް ވިއްސައިލުމުން އޭނާ ސިހޭ ގޮތްވިއެވެ. ބޯ ހިއްލައިލިއިރު ކައިލް އޮތީ ކުރު އަތްމައްޗަށް އޮށޯވެގެން ޒޭބާއަށް ބަލާށެވެ. "ކައިލް ކީއްކުރަނީ މިތާގަ؟ އަހަރެން ބޭނުމީ އެކަނިވެލަން." ޒޭބާ ތެދުވެފައި މޫނުމައްޗަށް ފައިބާފައިވާ އިސްތަށިތައް އެއްފަރާތް ކުރަމުން އެނދުގެ ފަޑީގައި ލެނގިލިއެވެ. ރަތްވެފައިވާ ދެލޮލާއެކު އެމޫނުން ކައިލްއަށް ނުރުހުމުގެ ކުލަވަރު ފެނުނެވެ. ޒޭބާ ހަމަ ގަސްތުގައި ކައިލް ފޮނުވާލަންވެގެން ނުރުހުންވި ކަމަށް ހެދުނީއެވެ. "އަހަރެން ކަންނޭނގެ ތިހެން ބުނަން ޖެހޭނީ.. މީ އަހަރެންގެ ކޮޓަރި.." ކައިލް ހިނިތުންވެލީ ނިކަން ކުޑަކޮށެވެ. ޒޭބާ މާ ހިތާމަވެރިކޮށް އިނުމުން ސަމާސަ ކުރަން ބޭނުންނުވީއެވެ. "އޯހ." ޒޭބާ ސިއްސައިގެން ގޮއްސައި ވަށައިގެން ހޯދައިލިއެވެ. ތެދެކެވެ. އެހުރިހާއިރު އޭނާއަށް އޮވެވުނީ ކައިލްގެ ކޮޓަރީގައި ކައިލްގެ އެނދުގައި މޫނު ފޮރުވައި ގެންނެވެ. ދެރަވެފައި ހުރިވަރުން ތަނެއް ދޮރެއް ބަލައިނުލެވުނީއެވެ. 

"ތިއިނީ ވަރަށް ބަނޑުހައި ވެފައެއްނު. އަހަރެންނަށް އެނގިދާނެ ވަރަށް މީރުކޮށް ކައްކަން." ކައިލް އަތް ތިރިކޮށްލާފައި ތެދުވެ އިށީންދެލިއެވެ. ހުދު ޓީޝާޓް ގަޔަށް ފިޓްވެފައި ހުރުމުން ވަކިން އަޅައިގަންނަ ގޮތެއް ހުއްޓެވެ. "ސީރިއަސްލީ؟" ޒޭބާ ސުވާލު ކުރީ ކައިލްއަށް ނުބަލާން ވެގެން ކުޑަ ދޮރަށް ކަޅިއެއް އެއްލާފައެވެ. "ހޫމ... ފޮތް ބަލައިގެން." ކައިލް ހަމަޖެހިލާފައި ޖަވާބު ދިނެވެ. ހިނދުކޮޅެއް ވާންދެން ހިމޭންކަމުގައި އޮވެފައި ދެން އިވުނީ ޒޭބާ ހީގަތް އަޑެވެ. ކައިލް ހަމަ މޮޅީއެވެ. ދުވާލު ހަތަރުދަން ކަރުނަ އޮއްސަން އޮވެފައި ކައިލް އައިސް ފަސް މިނިޓް ތެރޭ ޒޭބާ ހެއްވާލުމުގައި ކާމިޔާބު ކޮށްފިއެވެ. "އޯކޭ." ޒޭބާގެ މޫނުން ޝައުޤުވެރިކަން ފެނިގެން ދިޔައެވެ. "ޒޭބް ދޭ ފެންވަރާ ތާޒާވެލައިގެން ނިކުންނަން.... އަހަރެން އެހާވާއިރަށް ކައްކާ ނިންމާލާނަން." ކައިލް އެނދުން ފައިބައިގެން ނިކުމެގެން ދިޔަފަހުންވެސް ޒޭބާ އިރުކޮޅެއް ވާންދެން ބޭރު ބަލަހައްޓައިގެން އިނެވެ. ކައިލް ބުނިހެން ތާޒާވެލަން އޭނާ ނުހަނު ބޭނުންވިއެވެ. 

ފެންވަރަން ވެގެން ޒޭބާ ދިޔައީ މިޝްއަލްގެ ކޮޓަރިއަށެވެ. އެކަމަކު ތުވާލި އޮޅައިގެން ކޮޓަރިއަށް ނިކުމެފައި ބަލައިލިއިރު މިޝްއަލްގެ އަލަމާރީގައި އެކައްޗެއްވެސް ނެތެވެ. ދުވަހުގެ ހަތަރުދަން އެއް ހެދުމެއްގައި އުޅެފައި ދެން އަލުން އެހެދުންލާކަށް ޒޭބާ ހިތް ހަމައެއް ނުޖެހުނެވެ. އެކަމަކު އަލަމާރި ހުސްކޮށް އޮތުމުން އެހެން ގޮތެއް ނެތިގެން ބޭލި ހެދުން ނަގާއި ވަސް ބަލައިލިއެވެ. ފަންކާވެސް ނުޖަހައި ގިނައިރު ވާންދެން އޮތީމައި ކަންނޭނގެއެވެ. ހެދުމުގައި ހުރީ ދާވަސް ހިފައިފައެވެ. ފުން ނޭވައެއް ދޫކޮށްލައިފައި ޒޭބާ ގޮތެއް ނިންމިއެވެ. ކައިލްގެ ކޮޓަރިން ގަމީހެއް ލިބިދާނެ ކަމަށް ވިސްނާފައި އިނގިލިތަކުގެ ކުރި ޖައްސައިގެން ސިއްރުން އެކޮޓަރިއަށް ދާން ހިނގައިގަތެވެ. ދޮރުން ބޯ ދިއްކޮށްލި އިރު ކައިލް ތުން ފުމެމުން ބަދިގެ ތެރޭގައި އުޅޭއަޑު އިވެއެވެ. ޒޭބާ އިރުކޮޅެއް ވާންދެން ބަދިގެއަށް ބަލަން ހުރެފައި އަވަސް އަވަހަށް ގޮސް ކައިލްގެ ކޮޓަރި ދޮރު ހުޅުވާލާފައި އެތެރެއަށް ދެމިގަތުމާއެކު ދޮރު ތަޅުލިއެވެ. 

އަލަމާރި ތެރޭގައި އެތައްބައިވަރު ގަމީހާއި ޓީޝާޓް އަދި ކައިލްގެ ޖިންސް ތަކާއި ސޯޓުވެސް ހުއްޓެވެ. ޒޭބާއަށް އެކަންވީ މަޖަލަކަށެވެ. ޖިންނީން އިންސާނުންގެ ތެރޭގައި އުޅޭއިރު އަންނައުނުވެސް ގަންނަން ޖެހެއޭ ހިތަށް އަރާފައި އެކަނި ހުރެގެންވެސް ހެވުނެވެ. މަޑު ނޫކުލައިގެ ގަމީހެއް ލައިފައި ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓުނު އިރު ކަކުލަށް ވުރެ އިންޗިއެއްހާތަން މައްޗަށް ހުއްޓެވެ. ޒޭބާ ދެއަތަށް އެނބުރި ފަރި ބަލަބަލާފައި ގަމީހުގެ ދެއަތު ކުރި އުޅަބޮއްޓާއި ހަމައަށް އޮޅައި ނިމިގެން އެތަނުން ހުދުކުލައިގެ ކުރު ސޯޓެއްވެސް ނަގައި ލައިފިއެވެ. ލޯގަނޑަށް ބަލަން ހުރެގެން ދެއަތުން މޫނު ފުހެލައި ތުންފަތް އޫކޮށްލުމަށްފަހު ދެތުންފަތް ކުޑަކޮށް ކާއްތައިލައިފައި އިސްތަށިގަނޑުގައި ވެސް އަތުން ފުނާއަޅައި ހުޅިއެއް ޖަހައި ހައްޔަރުކޮށްލިއެވެ. ދެކަންފަތް ކައިރިން ކުރު އިސްތަށިކޮޅުތަކެއް އެލިގެން ދިޔައެވެ. ޒޭބާ އަޅައެއްނުލައެވެ. އެއިސްތަށިކޮޅުތަކަށް ކުރެވޭނެ ގޯނާއެއް ނެތެވެ. 

އެނބުރި ދާންވެގެން ހުޅުވާފައިވާ އަލަމާރި ދެދޮރުފަތް ލައްޕަން ކައިރިކޮށްލިތަނާ އެތެރެއިން ލޮލުގައި އެއްޗެއް އަޅައިގެންފިއެވެ. ދޮރުފަތް އަނެއްކާ ހުޅުވާލާފައި ޒޭބާ ކޮނޑުގައި އަޅުވާފައިވާ ގަމީސްތައް ދެފަރާތަށް ޖައްސާލިއިރު ބިއްދޮށުގައި ހުރީ އޮފްއަރައަރާހުރި ކުޑަ ލަކުޑި ފޮށްޓެކެވެ. ކައިލް އެފޮށީގައި ރައްކާކޮށްގެން އުޅޭ އެއްޗެއް ބަލަން ނުހަނު ކެތްމަދުވިއެވެ. ޒޭބާ ވަގެއްހެން ދެފަރާތަށް ލޯ ހިންގާލައިފައި އެކުޑަ ފޮށީގައި ދެއަތުން ހިފައި ނަގައިފިއެވެ.

ކޮމެންޓް 0