ގޮނޑި ފަހަތަށް ޖައްސާލައިފައި އަފްލާކް ގޮސް ހުއްޓުނީ ކުޑަ ދޮރު ކައިރިއަށެވެ. ވައިރޯޅިތަކުގެ ގޯނާ ތަކަށް ކެތްނުކުރެވިގެން ދެފަރާތަށް ހެއްލެމުން ދިޔަ ގަސްތައް އެއީ އަނދިރީގެ ތެރޭގައި ތިބި ބިރުވެރި ދެޔޯތަކެއް ފަދައެވެ. ގަދަވަޔާއި ވާރޭގެ އަޑުން މާހައުލު ހަލަބޮލިވެފައި ވިއަސް ފަހަތުން މީހަކު ހުރަސް ކުރި ކަން އަފްލާކްއަށް އެނގުނެވެ. ހަމަ އެސިކުންތު ތެރޭގައި އެމީހަކު ދެވަނަ ފަހަރަށްވެސް ހުރަސްކޮށްފިއެވެ. އަފްލާކް ބަލައެއްނުލައެވެ. ހުރިގޮތަށް ހުރެފައި ހަށަން ބަނދެލިއެވެ. އެމޫނުން ކުޑަވެސް ނުތަނަވަސްކަމެއް ފާޅެއް ނުވެއެވެ. 

"ކައިލް! ގޭމް އޯވަރ. އަހަންނަށް އިނގޭ ކަލޭ މިތާ އުޅޭކަން." އަފްލާކް ނުހަނު ހަމަޖެހިލައިފައި ގޮވާލިއެވެ. ކައިލް ދެބުމަ ގޮށް ޖަހައިލި ގޮތަށް ކޮފީ މަގު ތިރިއަށް ދޫކޮށްލައިފިއެވެ. މަގު ގޮސް ޓައިލްސް މަތީ ޖެހިފައި ފުނޑުފުނޑު ވެގެން ދިޔައެވެ. "ކައިލް ކޮންކަމެއް ބޭނުން ވެގެން ތިއުޅެނީ؟" އަހަރެން މަރާލައި ގެން ޒޭބާ ހާސިލް ވާނެ ކަމަށް ހީވަންޏާ ތީ ވަރަށް ބޮޑު ކުށްހީއެއް. ކޯޒް އަހަރެމެން ދެމީހުންނަށްވެސް އެބަ އެނގޭ ޒޭބާގެ ހިތުގައި ކަލެއަށްޓަކައި އެއްވެސް އިހްސާސެއް ނެތްކަން." އަފްލާކް އެނބުރި ބަލައިލި އިރު ހުރީ ހިނިތުވެފައެވެ. "ކޮންކަހަލަ ހަމަނުޖެހޭ ވާހަކައެއް ތިދައްކަނީ؟ އަހަރެން މީ މޮޔައެއް ނޫން. އަހަރެން އަދި ހުރީ ބުއްދި ސަލާމަތުން. ދެނަސްލުގެ ތަފާތު ފާހަގަ ކުރަން އަހަންނަށް އެނގޭ." ކައިލް ކިތަންމެ ރުޅިގަދަވިއަސް ބަލަހައްޓައިގެން ހުރީއެވެ. "ހެހެ... މައްސަލައެއް ނެތް... އަހަރެން ދެން މިވާހަކައެއް ނުދައްކާނަން. ދެން ބުނެބަލަ ކޮންކަމެއް ބޭނުން ވަނީ؟" އަފްލާކް ހީވަނީ ދެކެފަރިތަ ރަތްޓެއްސަކާއި ވާހަކަ ދައްކާ ހެންނެވެ. އިންސާނަކު އެހާ ޖެހިލުން ކުޑަ ވާނީ އަމިއްލަ ނަފްސާމެދު ހާދަ ބޮޑު ޔަގީންކަމެއް އޮވެގެންނެވެ. 

"އަހަންނަށް އެނގޭ އަފްލާކް ތީ ކާކުކަން. އެހެންވެ މިއައީ ޒޭބާ ދެކެ ލޯބިވެއޭ ބުނެ ތިކުރާ ދައުވާގެ ހުރި ތެދު ދޮގު ބަލަން." ކައިލްގެ ޖުމްލަ ނިމޭއިރަށް އަފްލާކް ހީގެންފިއެވެ. "އަހަރެން ނުޖެހޭނެ ޒޭބާ ދެކެ ވާ ލޯބި ކަލެއަށް އަންގާކަށް." އަފްލާކް ބުނެލިއެވެ. "އެންމެ ރަނގަޅު. އެހެންވިއްޔާ އަޅާނުލާ. ޒޭބާ އެކަނި މަރުވާން ދޫކޮށްލާ. އަހަރެން ދަނީ." ކައިލް އެއް ބުމަ އަރުވައިލައިފައި ދާންވެގެން ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. "ޒޭބާއަށް ކިހިނެތްވީ؟ ކޮބާ އޭނަ؟" އަފްލާކް ފުންމައިގެންފައި ގޮސް ކައިލްގެ ކުރިމައްޗަށް ޖެހިގަތެވެ. "ޒޭބާ ވީ ތަން އެނގެނީ މަށަށް އެކަނި. ކުޑައިރުކޮޅެއްގެ ތެރޭގައި ފަރުވާ ނުދެވިއްޖެއްޔާ ޒޭބާ އޮންނަން ޖެހޭނީ ފަސްގަނޑު ދަށުގައި. އެކަމަކު ކަލޭ އަހަރެން ބުނާ ކަމެއް ކުރަން އެއްބަސްވެއްޖެއްޔާ ޒޭބާ ސަލާމަތް ވެދާނެ." އަފްލާކްގެ މޫނުން ނުތަނަވަސްކަން ފެނިގެން ކައިލް ހިތްހަމަޖެހުނެވެ. "އަހަރެން ކަލޭ ބުނި ކޮންމެކަމެއް ކޮށްދޭނަން." އަފްލާކް އަވަސް އަވަހަށް ބުނެލިއެވެ. "ތީ ވަޢުދެއްތަ؟" ކައިލް ބޭނުންވީ އަދިވެސް ޔަގީން ކުރާށެވެ. "އައި ޕްރޮމިސް." އަފްލާކްގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ކައިލް ނިތް އަރުވައިލައިފައި ލޯމަތިން ގެއްލުނު ތަނާ އަފްލާކް ދުއްވައި ގަތީ ކޮޓަރިން ނިކުންނާށެވެ. 

އަވަސްއަވަހަށް ދޮރު ހުޅުވާލައިފައި ދުވެ ގޮސް ޒޭބާގެ ކޮޓަރިއަށް ވަން އިރު ޒޭބާ ފެންނާކަށް ނެތެވެ. "އަފްލާކް!" ކައިލްގެ އަޑު އައީ ފާޚާނާ ތެރެއިންނެވެ. އަފްލާކް ގޮސް ވަން ތަނާ މުޅި މީހާ ރޫރޫއަޅައިގަތެވެ. ޒޭބާ އޮތީ ފެން އަޅާ ފުރިފައިވާ ބިލިގާ އަޑީގައެވެ. އަފްލާކް ބަލާކަށް ނުހުރެ ޒޭބާ ބިލިގާއިން ނަގައި ޓައިލްސް މަތީ މަޑުމަޑުން ބާއްވާލި ގޮތަށް ވިންދު ޗެކްކޮށްލިއެވެ. ވިންދު އެބަހުއްޓެވެ. އަފްލާކް ޒޭބާއަށް ސީޕީއާރް ދޭން ފެށުމުން ކައިލް ނިކުމެގެން ދިޔައެވެ. އަފްލާކްގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. ބިރުން މުޅިމީހާ ފިނިވެފައި ވެއެވެ. އިރުކޮޅަކުން ޒޭބާ ކެއްސާލި ތަނާ އަނގައިން ފޮނުތައް ނިކުމެފައި ފުރަތަމަވެސް ފެށީ ރޯށެވެ. އަފްލާކްގެ ހިތް ކުދިކުދިވިއެވެ. އިޙުތިޔާރެއް ނެތި ޒޭބާ ނަގައި އޮޅުލައި ގަނެވުނެވެ.

"ޒޭބް. ޔުއަރ ފައިން. ދެން ނުރޮއެ ހުއްޓާލާ!" އަފްލާކްގެ އަޑު ޖެހިފައި ޒޭބާއަށް ސިހިފައި ލޯ ހުޅުވައި ލެވުނެވެ. އޭނާއަށް ސީޕީއާރް ދީގެން ފުރާނަ ސަލާމަތް ކޮށްދިނީ އަފްލާކް ކަން އެނގުމުން ލަދުވެސް ގަތެވެ. އެމޫނު ރަތްވެ އަދިވެސް ބޮޑަށް އަފްލާކްގެ މޭގައި ބޮނޑިވެލެވިއްޖެއެވެ. "ޒޭބް. އަވަހަށް ޗޭންޖް ކުރަން އުޅޭ. ފިނި ބޮޑުވެދާނެ." އަފްލާކް ޒޭބާ ދުރުކޮށްލާފައި ނުހަނު މަޑުމައިތިރި އަޑަކުން ބުނެލިއެވެ. ޒޭބާ ބޯޖަހާލުމާއި އެކު އަފްލާކް ނިކުމެގެން ގޮސް ކުޑަ ދޮރުކައިރީ ހުއްޓުނެވެ. އަލާމާރިން ހެދުން ނަގައިގެން ޒޭބާ ފާޚާނާއަށް ވަދެފައި ނިކުންނަން ދެން އަފްލާކް ހުރީ އެތާގައެވެ. ފިޔަވަޅުގެ އަޑު އިވިގެން އެނބުރި ބަލައިލުމާއެކު ޒޭބާ ފެނިގެން އަފްލާކްއަށް ހަށަން މޮހައި ލެވުނީ އިޙުތިޔާރަކާ ނުލައެވެ. 

އަލި ނޫކުލައިގެ ހެދުމެއްގައި ޒޭބާ ރީތިކަމުން އަފްލާކް އެސްފިޔަޖަހާލަން ހަނދާނެއް ނުވިއެވެ. ކުދި ފިޔަވަޅުތަކެއްގައި އައިސް ކުރިމައްޗަށް ހުއްޓިފައި އިސްއޮބައިލި ގޮތުން މާޒީގެ މަންޒަރެއް ފަދައެވެ. ޒޭބާ އެގޮތަށް ލަދުން ހުއްޓާ އެފެނުނީ ވަރަށް ޒަމާން ފަހުންނެވެ. އަފްލާކްގެ ހިތް އިޚުތިޔާރުން ނެއްޓެން އުޅޭހެން ހީވެގެން ދެފަރާތަށް ބޯ ހޫރުވާލިއެވެ. ބޭނުން ވިއަސް އަފްލާކް ޖެހޭނީ އިހްސާސްތައް ހިފަހައްޓާށެވެ. ޒޭބާގެ ރުހުން ލިބެންދެން ކެތްކުރުން ނޫންގޮތެއް ނެތެވެ. ނޫނީ ހެދޭ އެންމެ ގޯހަކުން ހުރިހާ ކަމެއް އަނެއް ފުށުން ޖެހިގެން ހިނގައިދާނެއެވެ. "ޒޭބް. ކިހިނެތްވީ ކަމެއް އެއީ؟" ހުރިހާ ކަމެއް އެނގި ހުރެވެސް އަފްލާކް ހެދުނީ ނޭނގޭ ކަމަށެވެ. ޒޭބާގެ ހުރިހާ ސިއްރެއް އޭނާއަށް އެނގޭކަން އަންގާކަށް ބޭނުމެއް ނުވެއެވެ. 

ޒޭބާ ދިޔައީ ސިއްސައިގެންނެވެ. ހިތަށް އެރިއެވެ. މީގެ ކުރިން އެސުވާލު އަންނާނެ ކަމާއި މެދު ވިސްނާނުލެވުނީ ކީއްވެ ހެއްޔެވެ؟ ޒޭބާ ދޭނެ ޖަވާބެއް ނޭނގިގެން ތުންފަތް ހަފަން ފެށިއެވެ. އެހާ ފިނީގައިވެސް ނިއްކުރިން ދާ ހިލިއްޖެއެވެ. މިޝްއަލް އާއި ކައިލްގެ ހަގީގަތް އަފްލާކްއަށް އަންގާކަށް ޒޭބާ ވެސް ބޭނުމެއް ނުވެއެވެ. "އަހަރެން ޓަބް ގަ އޮތްވާ ނިދުނީ." ޒޭބާއަށް ބުނާނެ އިތުރު އެއްޗެއް ނުވިސްނުނެވެ. އެންމެ ކަންބޮޑުވީ އަފްލާކް ގަބޫލު ނުކޮށްފާނެތީއެވެ. "އޯހ. އެހެންތަ؟ ހާދަ ގަދަޔަކަށޭ ދޯ ތިނިދުނީ. އެނީވޭ، ޒޭބް ސަލާމަތްވި ކަމަށްޓަކައި ﷲއަށް ޝުކުރު ހުރި." އަފްލާކް އަދިވެސް ހުރީ ބަލަހައްޓައިގެންނެވެ. އެހާ ދުވަސްފަހުން އެގޮތަށް ބަލައިލަން ލިބުމުން ނިކުމެގެން ދާކަށް ބޭނުމެއް ނުވިއެވެ. "ތޭންކްސް ޓު ޔޫ." ޒޭބާ އެންމެފަހުން ބުނެލައިފިއެވެ. އަފްލާކްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ހަގީގަތުގައިވެސް އޭނާ އުފާވިއެވެ. "އޯކޭ. ގުޑް ނައިޓް. އެއްވެސް ކަމެއް ބޭނުންވެއްޖެއްޔާ ލެޓް މީ ނޯ އިނގޭ." އަފްލާކް ދާން ހިނގައިގެންފައި ޒޭބާގެ ކޮނޑުގައި މަޑުމަޑުން ފިރުމާލިއެވެ. 

އެނދަށް އަރައި ލޯމަރާލުމާއެކު ކައިލްގެ ހިޔާލުން ޒޭބާ ތުރު ތުރު ލައިގަތެވެ. ހީވީ ކައިލް ކުރިމަތީ ގައި ބަލަހައްޓައިގެން ހުރި ހެންނެވެ. ޒޭބާ ރަޖާ އެއްލާލައިފައި ފުންމައިގެން ތެދުވެއްޖެއެވެ. ވަށައިގެން ހޯދާލައިފައި އެނދުން ފައިބައިގެން ދުވެ ގޮސް ނިކުމެވުނީ ހަފީޒާ ކުރިމައްޗަށެވެ. "މަމް!" ޒޭބާ ހަފީޒާ ފެނިގެން ހަމަޖެހޭ ގޮތް ދައްކައިލިއެވެ. "ކޮންތާކަށް ތިދަނީ؟" ހަފީޒާ އައީ ޒޭބާ ނިދައިފިތޯ ބަލައިލާން ވެގެންނެވެ. "ކޮފީއެއް ހަދަން ވެގެން." ޒޭބާ ވިސްނައިލައިފައި ޖަވާބުދިނެވެ. ހަފީޒާ ތިރިއަށް ދާން ފެށުމުން ޒޭބާ ވެސް ފަހަތުން ދިޔައެވެ.

"އަހަރެން ކީއް ކޮށްދޭންވީ؟" އަފްލާކް އެނބުރި ގޮސް ކޮޓަރިއަށް ވަދެފައި ކައިލް ފެނިގެން ސުވާލު ކުރިއެވެ. ކައިލް ހުރީ ކުޑަ ދޮރުން ބޭރު ބަލަހައްޓައި ގެންނެވެ. އަފްލާކް ވާހަކަ ދެއްކި އަޑަށް އެނބުރި ބަލައިލާފައި އައިސް ކުރިމައްޗަށް ހުއްޓި ޖިންސްގެ ޖީބަށް އަތް ޖަހައިލިއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ހިމޭނުން ތިބެފައި ކައިލް ދިން ޖަވާބުން އަފްލާކްގެ ދެލޯ ބޮޑުވެ މަޑު މަޑުން ދެފަރާތަށް ބޯ ހޫރުވާލިއެވެ. 

ކޮފީ މަގު ހިފައިގެން ކޮޓަރިއަށް ވަދެފައި ޒޭބާ ލެޕްޓޮޕް ހުޅުވައިލިއެވެ. ހިތް ނުތަނަވަސްކަން ފިލުވާލުމަށް ޓަކައި އޭނާ އިޚުތިޔާރު ކުރީ އިގިރޭސި ޑްރާމާ ސީރީސް އެކެވެ. އިރުކޮޅަކުން ތެދުވެފައި ހުސްނުވެ ހުރި ކޮފީތަށި ހިފައިގެން އަނެއްކާ ތިރިއަށް ދިޔައެވެ. އެނބުރި އައީ ރަތް އާފަލެއް ހިފައިގެންނެވެ. ރަޖާ ދަށުގައި އޮވެ އާފަލު ކައި ހުސްކޮށްލާފައި އެއްލައިލި ތަނޑުގަނޑު ގޮސް ޖެހުނީ ކައިލްގެ ގައިގައެވެ. ކައިލް ހުރީ ޒޭބާއަށް ނުފެންނާނެހެން ފާރުގައި ލައްގަނެލައިގެންނެވެ. ރުޅިގަނޑު ފިނިވެފައި ހުރުމުން ކައިލްގެ ހިތުގައި ހަމްދަރްދީ އުފެދުނެވެ. ޒޭބާ މިރޭ އެއުޅެނީ މީގެ ކުރިން ދެކުނު ގޮތަކަށް ނޫނެވެ. އެގޮތަށް ނުނިދިގެން ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން މީގެ ކުރިން އުޅެފައެއް ނެތެވެ. 

ކައިލް ބަލަހައްޓައިގެން ހުއްޓާ އިރުގަނޑެއް ކޮށްލާފައި ޒޭބާ ތެދުވެއްޖެއެވެ. މިފަހަރު އަނެއްކާވެސް މިސްރާބު ހުރީ ތިރިއަށެވެ. ފަސްފަހަތުން ކައިލްވެސް ދިޔައެވެ. ބަދިގެއަށް ވަދެފައި ފްރިޖުން ޒޭބާ ނެގީ އައިސްކްރީމް ތަށްޓެކެވެ. އެއަށްފަހު ގޮނޑިއެއް ކައިރިކޮށްލައިގެން މޭޒުކައިރީ އިށީންދެފައި އައިސް ކްރީމް ކާންފެށިއެވެ. ކައިލް ބަލަހައްޓައިގެން ހުއްޓާ ޒޭބާ ކުއްލިއަކަށް އައިސް ކްރީމް ތަށި ދުރަށް ޖައްސާލާފައި މޫނުގައި ދެއަތް އެޅިއެވެ. އިރުކޮޅަކުން އިވެން ފެށީ އޭނާގެ ރުއިމުގެ އަޑެވެ. ކައިލްގެ ހިތަށް ނޭނގޭ ތަދެއް ވެލިއެވެ. އެހިމަ ހޯލި އިނގިލިތަކު ތެރެއިން ފޭދިގެން ފައިބަން ފެށި ކަރުނަތައް ފެނިފައި ފުން އަސަރުތަކެއް ކުރިއެވެ. ފުރަތަމަ ފަހަރަށް ކައިލް އަމިއްލަ ނަފްސް ކުށްވެރި ކުރިއެވެ. މިޝްއަލް އާއި އޭނާގެ އާއިލާ ހައްޔަރު ވީ ޒޭބާގެ ސަބަބަކުން ނޫނެވެ. ހަގީގަތަކީ އެއީ އެއް ނޫނެވެ. އެންމެ ފުރަތަމަވެސް މިޝްއަލް ޒޭބާގެ ހަޔާތަށް ނައިނަމަ މިއަދު މިގޮތަށް އެއްވެސް ކަމެއް ނުހިނގީހެވެ. އަނެކާގެ ބޮލުގައި އިލްޒާމް އަޅުވަން ކޮންމެ މީހަކަށްވެސް ފަސޭހަ ވާނެއެވެ. އުދަނގޫ ވާނީ ހަގީގަތާއި ކުރިމަތިލާށެވެ. އެއީ ގިނަ ފަހަރަށް އެ ހަގީގަތް ހިތި އެއްޗަކަށް ވެފައި އޮންނާތީއެވެ. 

ރޮއިރޮއި އިން ޒޭބާގެ ކަރުނަތައް ހުއްޓުވަން ކައިލްގެ ހިތުގެ ކޮންމެވެސް ކަނަކުން ގޮވާލިއެވެ. ސިކުނޑިވެސް އެކަމަށް އިޖާބަ ދިނެވެ. އެކަމަކު ކައިލްގެ ދެފައި ހަރަކާތެއް ނުކުރިއެވެ. ބުދެއްހެން ބަލަން ހުއްޓާ ޒޭބާ ތެދުވެގެން އައިސް ކްރީމް ތަށި ދޫކޮށްލާފައި ކޮޓަރިއަށް ހިނގައްޖެއެވެ. ކައިލްއަށް ދެވުނު އިރު އަނެއްކާވެސް އެނދަށް އަރައި ރަޖާ ދަށަށް ވަދެ އޮތެވެ. މުޅި ރޭ ހޭދަވެގެން ދިޔައީ މިފަދަ ގޮތަކަށެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި ވަރުބަލިވެގެން ޒޭބާ ބައެއް ފަހަރު އެނދުން ތެދުވެއެވެ. ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެފައި އެއް ފަހަރަކު ކުޑަ ދޮރުވެސް ހުޅުވައިލިއެވެ. ފަތިސް ނަމާދު ބަންގި ގޮވަން ކައިރިވެފައި ވަނިކޮށް ކައިލް ދާންވެގެން އުޅުނު އިރު ޒޭބާ ހުރީ ފާޚާނާ ތެރޭގައެވެ. ފަތިސް ނަމާދު ކުރަން ތައްޔާރު ވަނީއެވެ. ކުޑަ އިރުކޮޅަކު އިންތިޒާރު ކޮށްލާފައި ޒޭބާ ނިކުތްތަން ފެނުމުން ކައިލް ބޭރަށް ނިކުމެއްޖެއެވެ. 

އިތުރަށް ތިން ރޭ ހޭދަވެގެން ދިޔައީ ޒޭބާ އެންމެ ލޮލުފިޔައެއްވެސް ނުޖަހައެވެ. ނިދަން އުޅުނަސް ނުނިދެނީއެވެ. އެކަމަކު ނިދި ނުލިބިގެން އެއްވެސް ތަފާތެއްވެސް ޒޭބާ އަކަށް ފާހަގައެއް ނުކުރެވުނެވެ. ވަރުބަލިކަމެއް ވަރު ދެރަކަމެއް އެހަށިގަނޑަކު ނުވެއެވެ. ރޭގަނޑު ނުނިދޭ ކިޔާފައި ވަކި ދުވާލުވެސް ނިންޖެއް ނާދެއެވެ. ޒޭބާ އަޖައިބު ވެއްޖެއެވެ. އެވާހަކަ ދައްކަން އެންމެ އެކަށީގެން ވަނީ ކައިލް އޭ ހީވެގެން ކައިލް ހޯދަން އުޅެ އެކަމެއްވެސް ނުވިއެވެ. ތިން ރޭ ކުރިން ހިނގައިދިޔަ ހާދިސާއަށްފަހު ޒޭބާއަށް ކައިލް ގެއްލިއްޖެއެވެ. އެހާދިސާއަށްފަހު ކައިލް އޭނާގެ ކުރިމައްޗަށް އަންނަން ބޭނުން ނުވަނީއެއް ކަމެއް ނޫނީ އަންނަން ނުކެރިގެން ކަމެއް ނިންމަން އުދަނގޫވިއެވެ.

ރޭގަނޑުގެ ވަގުތެވެ. މާވިން ތައްޔާރު ވަމުން ދިޔައީ ލޫސީމެން ގޭގައި އޮތް "ޑިނަރ ޕާޓީ" އަށް ދާންވެގެންނެވެ. ސައިފުﷲގެ ކައިވެންޏަށް ފަންސަވީސް އަހަރު ފުރުނު ރިހި ޔޫބީލްގައި އެއާއިލާގެ ހުރިހާ މެމްބަރުންނާއި އެކުވެރިންނަށް ދައުވަތު ދެވިފައިވެއެވެ. ހުދު ގަމީހާ އެކު ކަރުގައި ކަޅު ސިލްކް ޓައި އެއް ބައްދާލައިފައި ގަމީސް މަތިން ކަޅު ސޫޓެއް ލައިގެން ހުރުމުން ޝާހީ ގޮތެއް ހުރެފައި މާވިން އިތުރަށް ފިރިހެންވަންތައެވެ. ޑްރެސިންޓޭބަލް މަތީ އޮތް ގަޑި ނަގައި އަތުކުރިއަށް ހެއުވަރު ކުރަމުން ކޮޓަރިން ނިކުންނަން ދިޔައިރު އޭނާގެ ސިކުނޑީގައި ވަނީ ލޫސީ އެވެ. ތިން ރޭ ކުރިން ލޫސީ ކުރި ޝަރުތު ހަނދާންވެފައި މާވިންގެ ހިތް ތެޅެނީއެވެ. ޑިނަރ ޕާޓީގައި އެހުރިހާ އެންމެން ތެރޭގައި އެދެމީހުންގެ ސިއްރު ފައުޅު ކުރެވިއްޖެއްޔާ މިހާރު ކުރެވެން އެއުޅޭ ކައިވެނިން މިންޖުވާން ފަސޭހަ ވާނެއެވެ. އެކަމަކު ލޫސީގެ ކައިވެނި އޭނާ އާއި ކުރަން ދެއާއިލާއިން އެއްބަސްވާނެ ހެއްޔެވެ؟ މާވިންގެ ހިތްވަނީ ބިރުގެންފައެވެ. 

"ކޮން ހިޔާލެއްގަ؟" އަފްލާކް ވާހަކަދެއްކި އަޑަށް މާވިން އިސް އުފުލައިލިއެވެ. އަފްލާކްވެސް ހުރީ މާވިން ފަދައިން ކޯޓް ފަޓުލޫނުގައެވެ. މާވިން ހިނިތުންވެލައިފައި ދެފަރާތަށް ބޯ ހޫރުވާލިއެވެ. ޖެހިގެން ހުރި ކޮޓަރިން ޒޭބާ ނިކުތް އަޑަށް ދެޒުވާނުންގެ ނަޒަރު އެދިމާއަށް ދަތުރުކުރިއެވެ. ފައިގެ ތަންބާއި ހަމައަށް އަންނަ ހުދު މެކްސީގައި ޒޭބާ އެއީ ހަވައިން އައިސް ތިރިކޮށްލި ޕަރީއެއް ފަދައެވެ. ހެދުމުގެ ފަސްބައިގައި ހިފާ އެއްފަރާތުން ކުޑަކޮށް ހިއްލާލައިގެން އައިސް ކައިރިއަށް ހުއްޓޭން ދެން އަފްލާކް އާއި މާވިން ތިބީ އެސްފިޔަޖަހާލަން ނޭނގިފައެވެ. "ވާވް." ފުރަތަމަ ތައުރީފް ކޮށްލީ މާވިންއެވެ. "ގޯޖަސް!" އަފްލާކްއަށް ބުނެލެވުނެވެ. ދެމީހުން ކަޅިޖަހާނުލައި ބަލަހައްޓައިގެން ތިބި ގޮތުން ޒޭބާ ލަދުން ރަތްވިއެވެ. "ގަޑިޖެހެނީ. އަވަހަށް ދާން ހިނގާ!" ޒޭބާ އައިސް ދެމީހުންގެ މެދަށް ވަދެފައި މާވިންގެ އަތުގައި ހިފާލިއެވެ. ތިންމީހުން އެކީގައި ހިނގައިގެންފައި ޒޭބާ ބަލައިލިއިރު އަފްލާކް ބަލަހައްޓައިގެން ހުރުމުން މެޔަށް ފިނިވެލިއެވެ. އަފްލާކްވެސް މިރޭ ހާދަ ފުރިހަމައޭ ހިތަށް އަރައި ސިއްރުން ތައުރީފް ކޮށްލެވުނެވެ. ހަފީޒާ ނިކުތީ ތިންމީހުން މަގުމަތީގައި ތިއްބައެވެ. އެއަށްފަހު އެންމެން ބަހުގައި ފެރީ ޓާމިނަލަށް ދާން މިސްރާބު ޖަހައިފިއެވެ. 

ހޯލް ތެރޭގައި ބަހައްޓާފައި ހުރި ދިގު މޭޒުމަތީ ހުދު ފޮތި އަޅާފައި ދެފަރާތުގައި އެތައް ބައިވަރު ގޮނޑިއެއް ހުއްޓެވެ. ރަންކުލައިން އަތްކަން އަޅާފައިވާ އުސްގޮނޑި ތަކެކެވެ. މުއްސަދި ކަމާއި ހައިބަތު އަންގައިދެއެވެ. ހޯލުގެ އެކިހިސާބުގައި މަސްނޫއީ ބޮޑެތި މާގަސްތައް ބަހައްޓާފައި ވެޔޮތަކެއް ހެން ތިރިއަށް އެލިފައިވާ ބޮކިފަތި ދިއްލިފައި ވަނީ ގަދަ ހުދު އައްޔަކުންނެވެ. ނަންހުސްކޮށް އަތުރާފައިވާ ކާ ތަށިތަކުގެ ތެރޭގައި ދެކޮޅުގައި ހުރި ދެ ވާސް ފުރާ ވައިލެޓް އޯކިޑް ހުރުމުން ވަރަށް ހިތްގައިމެވެ. ކުލަކުލައިގެ ހެދުން ތަކާއި އަގުބޮޑު ގަހަނާ އިން ނަލަ ވެގެން އައިސްތިބި ދެފަރާތުގެ އާއިލާ މެމްބަރުންނާއި އެކުވެރިންތައް ހަމަވުމުން އެންމެން މޭޒުދޮށުގައި އިށީންދެ ހަމަޖެހިލިއެވެ. ޒޭބާ އާއި އަފްލާކް އަދި ނައުޝާދާއި ލޫސީ ތިބީ ޖެހިޖެހިގެންނެވެ. މާވިން އިނީ އަނެއް ފަރާތުގައި ލޫސީގެ ކުރިމަތީގައެވެ. ވައިލެޓް ހެދުމުގައި ލޫސީ ފެންނަލެއް ހިތްގައިމުކަމުން މާވިންގެ ނަޒަރު އެހެން ދިމާއަކަށް ނުދެއެވެ. 

ފެށުމުގެ ގޮތުން ފުރަތަމަ ވާހަކަދެއްކީ ސައިފުﷲއެވެ. ކައިވެނީގެ ރިހިޔޫބީލް ފާހަގަ ކުރުމަށްޓަކައި އެތަނަށް އައިސްދިން ހުރިހާ އެންމެންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައި ކެއުމާއިގެން ކުރިއަށް ދިއުމަށް އެންމެންނަށް އިޝާރާތް ކޮށްލައިފިއެވެ. މާވިންގެ ހިތް ތެޅޭލެއް ބާރުކަމުން ވާހަކަ ފަށާނެ ގޮތެއް ނޭނގިފައި އިނެވެ. ޒޭބާ ފުރަތަމަ ސަމުސާ އަނގައަށް ލާފައި ހަފައިލަމުން އިސްއުފުލައިލިތަނާ ބިއްލޫރިގަނޑުން ބޭރު ފެނުނެވެ. ގަސްތަކުގެ ތެރޭގައި ހުރި ކައިލް ބަލަހައްޓައިގެން ހުރީ ޒޭބާ އަށެވެ. ސަމުސާ ތަށި ތެރެއަށް ދޫކޮށްލާފައި ޒޭބާ ކޮޅަށް ތެދުވީ ކުއްލިއަކަށެވެ. "އަހަރެން ވަރަށް އަވަހަށް އެބަ އަންނަން." ޒޭބާ އިތުރު މީހެއްގެ ޖަވާބަކަށް އިންތިޒާރު ކުރުމަކާއި ނުލައި ގޮނޑި ދުރުކޮށްލާފައި ނިކުންނަން ދުއްވައިގަތެވެ. ބޭރަށް ނިކުތް އިރު ކައިލް ހަމަ އެހުރިތަނުގައި ބަލަހައްޓައިގެން ހުއްޓެވެ. 

"ކައިލް!" ޒޭބާ މަޑުމަޑުން ބުނެލިއެވެ. ޒޭބާ ކައިލްގެ ކައިރިއަށް ދިއުމަށްޓަކައި ބާރުބާރަށް ހިނގާފައި ދަނިކޮށް ފައިދަށުގައި އޮތް ގަސްގަނޑަކަށް އެރިފައި ވެއްޓެން ގޮސް މަތަވިއިރު ހުރެވުނީ ކައިލްގެ އަތުތެރެއަށް ވަދެވި އެމޭގައި މޫނު ޖެހިފައެވެ. 

ކޮމެންޓް 0