"ކައިލް. އަހަންނަށް ކޮންމެވެސް ގޮތެއް ވޭ އެބަ. ނޭނގެ ބުނާކަށް އެކަމަކު ކަމެއް ގޯސްވެއްޖެހެން ހީވަނީ." ޒޭބާ ކައިލްގެ މެޔާއި މޫނު ވަކިކޮށްލައިފައި ދުރަށް ޖެހިލައިފިއެވެ. ކައިލް ފުރަތަމަ އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުރީއެވެ. މި ކުރެވުނީ ކިހާ ވަރެއްގެ ކަމެއް ކަން ޒޭބާއަށް ވިސްނައިލެވުނީ ކައިލްގެ މޫނުން ފެންނަން ހުރި ބީރައްޓެހި ކުލަވަރަކުންނެވެ. އެވަގުތު ޒޭބާގެ އަތްފައި ފިނިވެ ހިތުގެ ތެޅުން އަވަސް ވެލިއެވެ. 

"އަހަރެން ހަމަ އަޖައިބު އަންތަރީސްވެއްޖެ. ތީ ކޮންކަހަލަ މަށްޓަކުން ހެދިފައިވާ އިންސާނެއް؟ ދެފަހަރުމަތިން ކަލޭގެ ފުރާނަ ނެރެލަން އުޅުނީމަވެސް އަދިވެސް އިރުއިރުކޮޅާ ކޮންމެވެސް ބަހަނާއެއް ހޯދާފައި ތި އަންނަނީ މަގޭ ކުރިމައްޗަށް. ތިއުޅެނީ އަމިއްލައަށް މަރުވާންތަ؟" ކައިލް ޒޭބާގެ ކޮނޑުގައި އަތްއަޅާ ދުރަށް ކޮށްޕާލި ހާއިރުން ފަހަތަށް ގޮސް ގަހެއްގައި ލައްވެފައި މަތަވިއެވެ. "ބިރުގަނޭ. ވަރަށް ބިރުގަނޭ. އެކަމަކު ނޭނގެ ކީއްވެކަމެއް ހަމަ ހިތަށް އަރަނީ މިޝްއަލް ކައިލްއަށް އިތުބާރު ކުރާނީ ކަމެއްވީމައޭ. މިޝްއަލްގެ އެއްވެސް ނިންމުމަކާއި މެދު އަހަރެން ޝައްކެއް ނުކުރާނަން. ޕްލަސް މިހާރު މިދިމާވެގެން އުޅޭ ކަންތައް މަރަށް ވުރެ ވަކި ދެރައެއް ނޫން." ކައިލް ކައިރިއަށް އަންނަން ފެށުމުން ޒޭބާ ޖެހިލުންވި ނަމަވެސް ވާހަކަދެއްކިއެވެ. 

ކައިލް ހުއްޓިފައި ހަތަރު ކަޅި ހަމަކޮށްލި ގޮތުން ޒޭބާއަށް ވިސްނިގެން ކަންތައް ވީ ގޮތް ކިޔައިދީފިއެވެ. "ކައިލްއަށް ހީވަނީ ކިހިނެއް؟ ކޮބާ އަހަރެންގެ މައްސަލަ އަކީ؟" ޒޭބާ ހިތްވަރު ކޮށްލާފައި ވާހަކަ އިތުރަށް ކުރިއަށް ގެންދިޔައެވެ. ކައިލް ދެން ވެސް އަނގަ އަކުން ނުބުންޏެވެ. އެކަމަކު މޫނުމައްޗަށް ބަލައިލައިފައި ކަމަކާއި ވިސްނާހެން ޒޭބާއަށް ހީވިއެވެ. އަފްލާކް އެތަނަށް ނިކުތީ ޒޭބާ ކައިލްގެ ޖަވާބަކަށް އިންތިޒާރު ކުރަން ހުއްޓައެވެ. ސިހޭގޮތްވެފައި އެނބުރި ބަލައިލި އިރު އަފްލާކް އެދިމާއަށް އަންނަނީއެވެ. "ޒޭބް އެކަނިމާ އެކަނި ބޭރަށް ނިކުމެ ކީއްކުރަނީ؟ އިމްޕޯޓެންޓް ކޯލެއް އައީތަ؟" އަފްލާކް ކައިރިއަށް އަންނަމުން ކުރި ސުވާލުން ޒޭބާ ހައިރާން ވެގެން ބަލައިލި އިރު ދުރުދުރަށް ދާންދެންވެސް ކައިލްގެ އިޝާރާތެއް ފެންނާކަށް ނެތެވެ. ފުން ނޭވައެއް ދޫކޮށްލައިފައި ޒޭބާ އަވަހަށް އަފްލާކްގެ ކައިރިއަށް ދާން ހިނގައިގަތެވެ. 

ޕާޓީ ނިމިގެން ދިޔައީ ލޫސީ އާއި މާވިން އުންމީދު ކުރި ގޮތާއި މުޅިން އިދިކޮޅަށެވެ. އެންމެ ފަހު ވަގުތު މާވިން މާބޮޑަށް ޖެހިލުންވީއެވެ. ކިތަންމެ ހަށިގަނޑު ބިޔަވެފައި ފިރިހެންވަންތަކޮށް ހުއްޓަސް މާވިންގެ އަށާރަ އަހަރުވީ ސިކުނޑިއަށް ބާރު ބޮޑުވެގެން ވާހަކަ ދެއްކޭގޮތެއް ނުވިއެވެ. އެންމެފަހު ވަގުތު ހިޔާލު ތަފާތުވުންތަކެއް ކުރިމަތިވީއެވެ. ކައި ނިންމާލައިފައި ލޫސީ އަވަސް އަވަހަށް އެތެރެއަށް ވަދެގެން ދިޔައީ ހިތްހަމަ ނުޖެހިގެންކަން މާވިންއަށް އެނގުނެވެ. އެކަމަކު ފަހަތުން ދާން އުޅެފައިވެސް ނައުޝާދުމެން ތިބުމުން މާވިން ބޭނުންވިފަދަ ފުރުސަތެއް ނުލިބި އެނބުރި ދާން ޖެހުނީއެވެ. 

ކޮޓަރިއަށް ވަދެ މާވިން ކޯޓް ބާލާފައި އެނދުމައްޗަށް އެއްލާލިއެވެ. ދެއަތުކުރި ގޮށް ނައްޓާފައި ކުޑަކޮށް މައްޗަށް ޖައްސާލިގޮތަށް ދެން އެންމެ ފުރަތަމަވެސް ނެގީ ފޯނެވެ. ލޫސީގެ ނަންބަރަށް ޑައިލްކޮށްލާފައި ފޯން ކަންފަތުގައި ޖަހައިގެން މާވިން ނިކުމެލީ ބެލްކަންޏަށެވެ. ވިއްސާރަ ކުލަވަރު ނެތަސް ނުހަނު ވައިގަދަ ރެއެކެވެ. ހުރަހެއްނެތި އައިސް މޫނާއި ހަށިގަނޑުގައި ބީހެން ފެށި ވައިރޯޅިތަކުގެ ފިންޏަކަށްވެސް މިފަހަރު މާވިންގެ އެތެރެހަށީގައި އުތުރިއަރަމުން ދިޔަ އުދާސްގަނޑު ފިންޏެއް ނުކޮށްލެވުނެވެ. ރިންގް ވޭވޭ ގޮސް ކެނޑުނުއިރުވެސް ލޫސީގެ ޖަވާބެއް ނައެވެ. ހުރިހާ ކަމެއް މިވަނީ މާވިން ބޭނުންވާ ގޮތާއި އިދިކޮޅަށެވެ. ކަންބޮޑުވެގެން ދެފަރާތަށް ބޯ ހޫރުވާލައިފައި މާވިން ފޯނު ޖީބަށްލިއެވެ. ރެއިލިންގައި ބަނޑު އަޅާލައިގެން ތިރި ބަލަން އޮވެފައި އިރުކޮޅަކުން ތެދުވެ ހިންދެމިލައިފައި ބާރުބާރަށް ގޮސް އެނދުމައްޗަށް އުއްޑުން ޖެހިގަތެވެ. ޒޭބާ އެކޮޓަރިއަށް ވަނީ މާވިން އެހެން އޮތްވައެވެ.

"ހޭއި!" ޒޭބާ މާވިންގެ މަގަތުގައި އިށީންދެލައިފައި އެމޫނަށް ބަލައިލިއެވެ. މާވިން ކުޑަކޮށް ހިނިތުންވެލާފައިވެސް އޮތް ގޮތަށް އޮތީއެވެ. "ސަމްތިން ރޯންގް؟" ޒޭބާ ސުވާލު ކުރީ އިރުކޮޅެއް ވާންދެން މާވިންގެ މޫނު ދިރާސާ ކޮށްލާފައެވެ. "ބުނެބަލަ. އަހަރެނަށް ހެލްޕް ވެވިދާނެ." މާވިން އެއްޗެއް ނުބުނެ ބަލަހައްޓައިގެން އޮންނަން ފެށުމުން ޒޭބާ އަނެއްކާވެސް ބުނެލިއެވެ. "ޒޭބް. ލީވް މީ އެލޯން. މީ އަހަރެންގެ އަމިއްލަ ކަމެއް. އަހަރެން ބޭނުން ވަނީވެސް މިކަން އަމިއްލައަށް ސޯލްވް ކުރަން. މިހާރު މީ ބޮޑުމީހެއްނު." މާވިން އެހެން ބުނެލުމުން ޒޭބާ ހިނިތުންވެލިއެވެ. "އޯކޭ ބިގްގައި. ގުޑް ނައިޓް." ޒޭބާ މާވިންގެ ކޮޓަރިން ނިކުމެގެން ދިޔައިރު އަފްލާކްގެ ކޮޓަރި ދޮރު ހުޅުވާފައި ހުރެގެން ކައިރިކޮށްލިއެވެ. ޒޭބާއަށް ލިބުނީ ހައިރާން ކަމެކެވެ. މާވިން ފަދައިން އަފްލާކްވެސް އެއޮތީ އައިގޮތަށް އައިސް އެނދަށް ވެއްޓިގަނެގެންނެވެ. "އަނެއްކާ މަށަށް ނޭނގޭ ކަމެއް ޕާޓީގަ ހިނގީތަ؟" ޒޭބާ ހިތާއިހިތުން ބުނެލާފައި ކޮޓަރިއަށް ވަންނަން ދިޔައެވެ. ސުވާލު އުފެދުނަސް އަފްލާކް ކައިރިއަށް ދާކަށް އޭނާ ބޭނުމެއް ނުވެއެވެ. 

ކޮޓަރިއަށް ވަދެފައި ޒޭބާ ނިދަން ތައްޔާރުވިއެވެ. ކަކުލުން ތިރިއަށް ހުރި ނިދާހެދުމާއި އެކު އައިސް ލޯގަނޑު ކުރިމައްޗަށް ހުއްޓިފައި ބޮލުގައި އިން ވޫލް ނައްޓައިލިއެވެ. ބުރުހުން ފުނާއަޅައިލައިފައި އެއިސްތަށިގަނޑު ފަހަތަށް ދޫކޮށްލަމުން ޒޭބާ ކުޑަ ދޮރާއި ދިމާއަށް އެނބުރިލިއެވެ. އުންމީދު ކުރި ގޮތަށް ނުވުމުން މާޔޫސް ވާގޮތްވިއެވެ. ކައިލް ޖަވާބު ހިފައިގެން އަންނާނެ ކަމަށް އިންތިޒާރު ކުރުމަކީ މޮޔަކަމެކޭ ހިތް ބުނެލިހެން ހީވިއެވެ. އިރުކޮޅެއް ވާންދެން ދެކޮޅަށް ހިނގާލަން ހުރެފައި ޒޭބާ އެންމެފަހުން ނިދަން އެނދަށް އަރައި، ސިކުނޑީގައިވާ ހުރިހާ ހިޔާލެއް ހުސްކޮށްލައިގެން ދެލޯ މަރާލައިފިއެވެ. "ޝިޓް.ޝިޓް.ޝިޓް.... ކިހާ ދެރަ ކަމެއް ދެންމީ؟ ނުނިދެންޏާ ލޯ މަރައިގެން އޮންނަން ހާދަ އުދަނގުލޭ. ނުވާނެ މިކަމެއް." އިރުގަނޑެއްފަހުން ޒޭބާ ފުންމައިގެން ތެދުވެފައި ރަޖާގަނޑު ދުރަށް ހޫރާލިއިރު ކައިލް ހުރީ ބަލަހައްޓައިގެންނެވެ. ރަކިވެގެން އަނގަޔަށް ހަދާލެވުނީ ކިހިނެތް ކަމެއްވެސް ނޭނގުނެވެ. އެހާ ހިނދަކަށް ކައިލް އައިސް ހުންނާނެކަމެއް އެނގޭނީ ކިހިނެތް ހެއްޔެވެ؟ 

"ކައިލް. އަހަންނަށް އެހީވެދީ. ޕްލީޒް. ކައިލް ބުނީމެއްނު މިޝްއަލް އަންނަންދެން އަހަރެން ރައްކާތެރި ކޮށްދޭނަމޭ." ޒޭބާ ތެދުވެގެން ގޮސް ކުޑަ ދޮރުކައިރީ ކައިލް ހުރި ފަރާތް ނޫން އަނެއް ފަރާތުގައި ހުއްޓި ފާރުގައި ލެނގިލައިފިއެވެ. "އަދި އަހަންނަކަށްވެސް ނޭނގެ ޒޭބާއަށް ތިވާގޮތެއް. ބަލަން ޖެހޭނީ." ކައިލް ބުނެލީ ހަމައެކަނި އެހެންނެވެ. އިތުރު ވާހަކައެއް ނުދެކެވި ތަނަށް ހިމޭންކަން ވެރިވުމުން ޒޭބާއަށް އުދަނގޫވިއެވެ. ކައިލް އަނގައިންވެސް ނުބުނެ ހުރެގެން ބަލާވަރުން ލަދުން މަރުވާން ކައިރިވެއްޖެއެވެ. ދެން ހަދާނެގޮތެއް ނޭނގިގެން ޒޭބާ ހުއްޓާ ކައިލް ކުޑަ ދޮރާއި ކައިރިވެލައިފައި ބޭރު ބަލަންފެށިއެވެ. "މީ ހަތަރުވަނަ ރޭ ދޯ." ކައިލް އެހެން ބުނެލާފައި އަނެއްކާވެސް ޒޭބާއަށް ކަޅިއެއް އެއްލިއެވެ. ޒޭބާ ހަމައެކަނި ބޯ ޖަހައިލިއެވެ. "ޒޭބާއަށް ކެރެންޏާ އަހަރެން ތަނަކަށް ގެންގޮސްދީފާނަން." ކައިލް ހިމޭނުން ހުރެލާފައި ބުނި އެއްޗަކުން ޒޭބާ އަޖައިބުވިއެވެ. އެހެން އެބުނީ ހަމަ ކައިލްބާވައޭ ހިތަށް އެރިއެވެ. "ތިބުނީ؟" ޒޭބާ ބޭނުންވީ އިތުރަށް އޮޅުންފިލުވާށެވެ. "މިބުނީ ވަގުތު ދުއްވާލަން ރީތި މަންޒަރެއް ބަލައިލަން ގެންދެވިދާނެއޭ." ކައިލް އިތުރަށް ތަފްޞީލް ކޮށްދިނެވެ. 

ޒޭބާގެ ހިތުގައި އެތަކެއް ހިޔާލު އެނބުރިގަތެވެ. ކައިލް އެއުޅެނީ ހެދުނު ގޯހާއިމެދު މޮޔަހީވެގެން އެކަން ރަނގަޅު ކުރަން ހެއްޔެވެ؟ ނޫނީ އަލުން އޭނާގެ ރުހުން ބޭނުންވީ ބާވައެވެ؟ "ސީރިއަސްލީ؟" ކައިލް ބަލައިލިއިރު ޒޭބާ އަދިވެސް ހުރީ ޝޮކެއްގައެވެ. "ބުނޭ ކޮންމެވެސް އެއްޗެއް! އާއެކޭތަ ނޫނީ..." ކައިލްގެ ޖުމްލަ ފުރިހަމަ ނުވަނީސް ޒޭބާ އެއްބަސްވިއެވެ. "އެކަމަކު ޝަރުތެއް އެބައޮތް." ޒޭބާ އެހެން ބުނެގެން ކައިލްގެ މޫނުގެ ކުލަވަރު ބަދަލުވިތަން ދެކެފައި ޖެހިލުންވެއްޖެއެވެ. "ޝަރުތަކީ؟" ޒޭބާއަށް އައި ބަދަލު އެނގިގެން ކައިލް ކުޑަކޮށް ހިނިތުންވެލައިފިއެވެ. "އަހަންނަށް ގެއްލުމެއް ނުދީ އެނބުރި ގެންނަން ކަމަށް ވަޢުދުވޭ." ޒޭބާ އަތްތިލަ ހުޅުވާލައިފައި ކައިލްއަށް ދިއްކޮށްލިއެވެ. "ވަޢުދުވަން." ކައިލް ކައިރިއަށް ޖެހިލާފައި ޒޭބާގެ އަތްތިލައިގައި ހިފާ ބާރުކޮށްލައިފިއެވެ. ޒޭބާ ލޯމަރައިލުމާއެކު މަޑުމަޑުން ހަތަރެސްފައި ފިނިވެ ހަށިގަނޑު ބިމުން ހިއްލުނުކަން އެނގުނެވެ. ކުޑައިރުކޮޅެއް ވާންދެން ޒޭބާއަށް އެހަށިގަނޑަކީ ލުއިފަތެއްހެން ހީވިއެވެ. އިރުކޮޅަކުން ފަސްގަނޑުގައި ފައިޖެހުނުހެން ހީވެގެން ލޯ ހުޅުވައިލިތަނާ ދެލޯ ބޮޑުވިއެވެ. ކައިލް ހިނިތުންވެލައިފައި ދުރަށް ޖެހިލައިފިއެވެ. ޒޭބާ އަނގަ ހުޅުވިފައި ވަށައިގެން ލޯހިންގަމުން ދިޔައެވެ.

އެއީ ދޮންވެލި ތުނޑިއެކެވެ. ޒޭބާގެ ފައިދަށުގައި އޮތީ ސްނޯފަދަ ހުދު ދޮންފަސްގަނޑެވެ. އެހާމެ ފިނިވެފައި ފަޔަށް އަރާމެވެ. ވިލާ ރޮއްޖެއް ނެތް މެދު އުޑުގައި ދިއްލިފައިވާ ބުރުހަމަ ހަނދާއި ދިމާކުރިމަތީގައި ބިއްލޫރިކޮޅެއްހާ ސާފު މޫދެވެ. ނުހަނު ހިމޭންކަމާއިއެކު ކުދި ރާޅުތައް އައިސް ބީހިލާ ފަސްގަނޑުވެސް ރިހިގަނޑެއް ފަދައެވެ. ޤުދުރަތުގެ ފުރިހަމަކަމެވެ. ﷲގެ ކުޅަދުންވަންތަކަމެވެ. "ހެވެންލީ ބިއުޓިފުލް. ޕަރފެކްޓް." އިޙުތިޔާރެއް ނެތި ޒޭބާގެ އަނގައިން ނިކުތެވެ. ޒޭބާ މަޑުމަޑުން ހިނގާލައިފައި ގޮސް ރާޅުޖަހާ ހިސާބުގައި ހުއްޓި ދެއަތް ދަމާލައިފިއެވެ. ކައިލް ހުރީ އެހުރިހާ މަންޒަރެއް ބަލަން ދުރުގައެވެ. އުޑާއި ދިމާއަށް އުފުލާލެވިފައިވާ ޒޭބާގެ އެ ދޮންމޫނަށް ހަނދުގެ ރިހި އަލި އެޅިފައިވާއިރު ބަލާމީހުން އަޖައިބު ކުރުވާފަދަ ރީއްޗެވެ. 

ކައިލްގެ ހިތުގައި ޒޭބާއަށް ޓަކައި އިހްސާސެއް ނެތްއިރުވެސް ބަލަހައްޓައިގެން ހުރެވުނެވެ. އެމަގާމުގައި މިޝްއަލް ނޫނީ އަފްލާކް ހުރިނަމަ އަދި ކިހާވަރެއް ވާނެ ހެއްޔެވެ؟ އެއީ ޒޭބާއަށް ޓަކައި މަރުދޭން ތައްޔާރަށް ތިބި ދެޒުވާނުންނެވެ. މިޝްއަލް ޒޭބާގެ ލޯއްބަށް އެދިގެން ހުރިހާ އަމުރެއް މުގުރާލިއެވެ. އަމިއްލަ ފުރާނަ ނުރައްކަލުން ވަށައިލިއެވެ. ދެން ހުރީ އަފްލާކްއެވެ. އެއީ ޒޭބާގެ ފުރާނައަށް ޓަކައި ކައިލް ބުނި ކޮންމެފަދަ ކަމެއް ކުރަންވެސް ތައްޔާރުވި ޒުވާނާއެވެ. ދެމީހުންވެސް ލޯބިވަނީ އެކަކު ދެކެއެވެ. އެކަމަކު ޒޭބާގެ ހިތް ގޮތެއް އެކަކަށްވެސް ނޭނގެއެވެ. މިޝްއަލްދެކެ ލޯބިވާ ކަމަށް ސާފުބަހުން ބުނެފައިވިއަސް އަފްލާކް ދެކެ ލޯބިނުވެއެކޭވެސް ޒޭބާ ނުބުނެއެވެ. ހަގީގަތް އޮތީ ޒޭބާގެ ހިތުގައި ފޮރުވާލާފައެވެ. 

ލޫސީ ނިދަން އުޅެއުޅެ ނިންޖެއް ނައެވެ. އެނދުގައި ފުރޮޅި ފުރޮޅި ވަރުބަލިވެގެން އެންމެފަހުން މޯބައިލް ނަގައިފިއެވެ. މާވިންގެ މިސްކޯލްތައް ފެނިގެން ލޮލުން ކަރުނަ ފާއްދާލިއެވެ. ހިތަށް އެރިއެވެ. އޭނާ ކިހާ ގޯސް ހެއްޔެވެ؟ މާވިންއަށް އެންމެ ޝަރުތެއް ފުރިހަމަ ނުކޮށްދެވުނު ކަމަށްޓަކައި އޭނާ އެހުރީ ރުޅި މޫނު ހަދައިގެންނެވެ. ލޫސީ ރަޖާ އެއްފަރާތް ކޮށްލާފައި ތެދުވަން އުޅެނިކޮށް ފޯނަށް މެސެޖެއް އައެވެ. މާވިން ފޮނުވާފައިވާ މެސެޖްގައި އޮތީ ބޭރު ދޮރުކައިރީ ހުރި ވާހަކައެވެ. ލޫސީ އަވަހަށް ފޯން ދޫކޮށްލާފައި ތެދުވެގެން ދުވެފައި ނިކުތެވެ. ދެފަރާތް ހޯދާލައިފައި ވަގެއްހެން ގޮސް ދޮރު ހުޅުވާލިއިރު މާވިން ހުރީ ފުރަގަސްދީގެންނެވެ. ލޫސީ ބަލާކަށް ނުހުރެ ކުރިއަށް ޖެހިލާފައި މާވިންގެ ބަނޑުގައި ދެއަތުން ވަށައިލަމުން ބުރަކަށީގައި މޫނު ޖައްސާ ބާރުކޮށްލިއެވެ. 

"އައިމް ސޯ ސޮރީ މާވިން." ލޫސީ ދެރަވެލާފައި ބުނަން ފެށިއެވެ. މާވިންގެ މިލާފައިވާ މޫނަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. ލޫސީގެ ދެއަތުގައި ހިފާ ދުރުކޮށްލާފައި މަގަތަށް އެނބުރުނު އިރު އެރީތި ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. "ހިނގާ އެތެރެއަށް ދާން. ބައްޕަ ނިކުމެދާނެ." ލޫސީ ކުއްލިއަކަށް ހަނދާންވެގެން ފަސްއެނބުރި ބަލައިލައިފިއެވެ. ފުރަތަމަ އެތެރެއަށް ވަނީ ލޫސީއެވެ. ފަސްފަހަތުން މާވިންވެސް ގޮސް ކޮޓަރިއަށް ވަދެފައި އެތެރެއިން ތަޅުލިއެވެ. މާވިން އެނބުރުނު އިރު ލޫސީ އެނދުގައި ދެފައި ވަށްކޮށްލައިގެން އިން ގޮތުން މަޝްވަރާއަކަށް ތައްޔާރުވެގެން އިން ކަހަލައެވެ. ލޫސީ އެހެން އިންނައިރު ޅަކަމުން މާވިންގެ ހިތުގައި ލޯބި އިތުރުވެގެން ދިޔައެވެ. ކައިރިއަށް ގޮސް އިށީންދެފައި މާވިން ކުއްލިއަކަށް ލޫސީގެ ނޭފަތުގައި ހިފާލިއެވެ. "މީ ސަކަރާތް ޖަހަންވީ ގަޑިއެއް ނޫން. މީ އަދަބު ލިބެންވީ ވަގުތު. ތިއިނީ ޝަރުތު އުވާލައިފަ." ލޫސީ ތުންކޮޅު ހަދާލިގޮތުން މާވިންއަށް ހެވުނެވެ. "ލޯބި ތުންކޮޅެއް. ތިހެން ހަދާލީމަ ހަމަ ހިތަށް އަރަނީ..." މާވިން ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލިއިރު ލޫސީ އިނީ މަލެއްހެން މޯޅިވެފައެވެ. ކިތަންމެ ގަދަކޮށްފައި އުޅުނަސް މާވިން ބަލައިލާ ގޮތަކުންވެސް ލަދުގެންފާނެއެވެ. "މީ ސީރިއަސް ގަޑިއެއް. ބީ ސީރިއަސް. ތިއުޅެނީ އަދަބުން ސަލާމަތް ވާންވެގެން." ލޫސީ އިރުކޮޅަކުން އިސްއުފުލާލައިފިއެވެ. މާވިން އޭރުވެސް އިނީ ބަލަހައްޓައި ގެންނެވެ. "އޯކޭ. އަދަބު ލިބެން ތައްޔާރ. ކޮބާ އަދަބަކީ؟" މާވިންވެސް ކަރުތެރެ ސާފު ކޮށްލާފައި ހަރުދަނާ ގޮތް ދައްކަންވެގެން ބުރަކަށި ތެދުކޮށްލިއެވެ. 

ޒޭބާ މެން އެނބުރި އައިއިރު ތިނެއް ޖަހަން އުޅެއެވެ. ކޮޓަރިއަށް ވަންތަނާ އާވެސް ފުރިއްޖެއެވެ. ހީވާގޮތުން މައްސަލަ ހައްލުވީއެވެ. ޒޭބާ ކައިލް އާއި ރޭގަނޑުގެ ސަލާމް ކޮށްލާފައި އުފަލުން ދުވެލާފައި ގޮސް ފާޚާނާއަށް ވަދެ ފައި ދޮވެލައިގެން އަތުވެއްޖެއެވެ. ކައިލް ފެންނަން ނެތުމުން ބޭރަށް ދިޔައީ ކަމަށް ހީކޮށްގެން ޒޭބާ އެނދަށް އަރައި ނިދަންވެގެން އޮށޯވެލިއެވެ. ހިނގައިދިޔަ ހާދިސާ ހުވަފެނެއް ފަދައިން ލޯމަތީ ސިފަވެގެން ދިއުމުން ހިނިތުން ވެލެވުނެވެ. ކައިލް އެކޮށްދިން އެންމެ ކަމަކުން ހުރިހާ ޝަކުވާއެއް ފުހެވިގެން ދިޔަ ކަހަލައެވެ. އެކަމަކު ބަދަލުގައި ކައިލް ދޭން އުޅެނީ ކިހާވަރެއްގެ އަނިޔާއެއް ކަން ޒޭބާއަށް އެނގޭނީ ކިހިނެތް ހެއްޔެވެ؟ ޒޭބާ މައުސޫމުކަމުން އެހެން މީހުންގެ ހިތް ގޯސްވެދާނެ ކަމާއިމެދު ވިސްނައެއް ނުލައެވެ. 

ނިދާބޮކީގެ އަލި އެހާ ފަނޑުކޮށް ހުއްޓާ މޫނާއެކު ރަޖާ އެޅުމުން އަނދިރި ގުދަނެއްގެ ތެރެއަށް ވަދެވުނުހެން ހީވިއެވެ. ޒޭބާ ނިދޭތޯ ދެލޯ މަރައިގެން އޮންނަތާ ކުޑައިރުކޮޅެއް ފަހުން ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވިއްޖެއެވެ. އަވަސްއަވަހަށް ރަޖާ އެއްފަރާތް ކޮށްލިއިރު ބޮކި ހުރީ ނިވިފައެވެ. ކަރަންޓް ދިޔައީ ކަމަށް ވެދާނެއެވެ. އަނދިރީގެ ތެރޭގައި ހުންނަން ޖެހުމަށްވުރެ ބޮޑަށް ޒޭބާގެ ހިތް ބިރުގަންނަވާލީ ދޮރު ހުޅުވާފައި ހުރުމުންނެވެ. ކޮންމެވެސް މީހަކު އެކޮޓަރި ތެރެއަށް ވަދެއްޖެއެވެ. ބިރުން ހުރެގެން ޒޭބާ އެނދުން ފޭބިތަނާ ހަމަ ކުއްލިއަކަށް ވިދައި ގުގުރާފައި ވާރޭވެހެން ފަށައިފިއެވެ. ހަމައެގަޑީގައި ވާރޭވެސް ވެހެން ވެއްޖެ ހެއްޔެވެ؟ ޒޭބާއަށް ޝަކުވާ ކޮށްލެވުނެވެ. އެތެރޭގައި ވި މީހަކަށް އެލިބުނީ ޔަގީނުންވެސް ރަނުގެ ފުރުސަތެކެވެ. އޭނާ ކިތަންމެ ބާރަށް ހަޅޭއްލެވިއަސް ދެން އެއަޑު އަހާނެ މީހަކު ނުހުންނާނެއެވެ. 

"ކައިލްތަ؟" ޒޭބާ ދޮރާއި ދިމާއަށް ދަމުން ގޮވައިލިއެވެ. ޖަވާބެއް ނައެވެ. އަދި އެތެރޭގައި އިތުރު މީހަކު އުޅޭހެން ހީވާފަދަ އެހެން އިޝާރާތެއްވެސް ނުވިއެވެ. ޒޭބާ ދެފަރާތަށް ލޯހިންގަމުން ގޮސް ދޮރާއި އަރާ ހަމަވިތަނާ އެދޮރު ލެއްޕުނީ އަމިއްލައަށެވެ. ސިހުނުވަރުން މޭގަނޑު އަނގަޔަށް އައި ކަހަލައެވެ. ހަޅޭއްލަވައި ގަތް ނަމަވެސް އަޑެއް ނުނިކުތެވެ. އެއަށްވުރެ އަވަހަށް އޭނާގެ އަނގަމަތީގައި މީހަކު އަތް އަޅައިފިއެވެ. އެމީހަކު ޒޭބާގެ އުނަގަނޑުގައި އެއްއަތުން ވަށާލާފައި ބިމުން ހިއްލާލައިގެން ގޮސް އެނދާއި ދިމާއަށް ކޮށްޕާލިއެވެ. ބާރެއް ނެތް އެހަށިގަނޑު ވިއްސައިގެން ގޮސް އެނދުމައްޗަށް ޖެހިފައި ބޮލަށްވެސް އެނބުރުން އަރާކަހަލަ ގޮތެއްވިއެވެ. ތެދުވާނެ ފުރުސަތެއް ނުލިބުނެވެ. އެމީހަކު އައިސް ޒޭބާގެ ގައިމައްޗަށް ޖެހިގަތީ ބަނޑުހައިގެންފައިވާ ސިންގާއެއް ފަދައިންނެވެ. އަނދިރީގެ ތެރެއިން އެމީހެއްގެ މޫނެއް ނުފެނެއެވެ. އޭނާ ބާރުގަދަކަމުން ޒޭބާއަށް އަތެއް ތަނެއް ގުޑުވައިވެސް ނުލެވުނެވެ. ދެލޮލުން ފައިބަންފެށި ކަރުނައިން ލޯ ފުސްވެގެން ދިޔައެވެ. އެ އަނިޔާވެރިޔާގެ ހިތުގައި ރަހުމްގެ ކަންފުޅެއްވެސް ނުވެއެވެ. ލައިގެން އޮތް ހެދުން ވީދައި ކުދި ކުދި ކޮށްލާފައި އޭނާ ޒޭބާގެ ޖިސްމުގައިވާ ކޮންމެ ގުނަވަނަކަށްމެ ބާރު ފޯރުވަން ފެށިއެވެ. އެންމެ ފަހު ވަގުތާއި ހަމައަށްވެސް ޒޭބާ ހަޅޭއްލެވިއެވެ. ސަލާމަތަށް އެދި އާދޭސް ކުރިއެވެ. ތެޅިފޮޅުނެވެ. އެކަމަކު ތަގްދީރުގެ ނިންމުން ބަދަލު ކުރެވެނީ ކާކަށް ހެއްޔެވެ؟ މަދު ވަގުތުކޮޅެއްގެ ތެރޭގައި ޒޭބާގެ އިއްފަތްތެރިކަން ވެއްޔާއި މޮޑެވި މުޅި ހަޔާތް އަނދިރިވެގެން ހިނގައްޖެއެވެ. 

ކޮމެންޓް 0