މާވިންގެ ހަޅޭކުގެ އަޑަށް ދުވަމުން އައިސް އެތެރެއަށް ވަން ދެ ނަރުހުން ހާސްކަމާއެކު އެކަކު އަނެކަކާއި ވާހަކަ ދައްކަމުން މެޝިންތައް ކަރަންޓާއި ގުޅާފައި ލޫސީއަށް ފަރުވާންދޭން އަވަސްވެގަތެވެ. މާވިންއަށް ފެނުނީ ލޫސީގެ މޫނު ހުދުވެ ލަމުންދިޔަ ނޭވާތައް ކުރުވަމުން ދިޔަތަނެވެ. އެމަންޒަރު ބަލަން މާވިންއަށް އިތުރަށް ކެތެއްނުވިއެވެ. ހޯސްކިޔާފައި ދެލޮލުން ފައިބައިގަތް ކަރުނަ ތަކާއެކު ބާރަށް ރޮވުނެވެ. ނަރުސްކުއްޖާ ފޯން ކުރަން ހުރެފައި އައިސް މާވިންގެ އަތުގައި ހިފާ އެތަނުން ބޭރަށް ނެރެން އުޅެން ފެށުމުން މާވިން ނުދާން ވެގެން ދެކޮޅު ހެދިއެވެ. 

އީސީޖީ މެޝިނުގެ ސްކްރީނުން ފެންނަމުން ދިޔަ ވޭވްތައް ތިރިވަމުން ދިޔަގޮތުން ލޫސީ އެވަނީ މަރާއި ނުހަނު ކައިރީގައިކަން އިހްސާސް ކުރެވުނެވެ. "ޑޮކްޓަރ. ހެޔޮނުވާނެ އަހަރެންގެ ލޫސީ ސަލާމަތްކޮށްދީ!" ދާދި މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ދުވަމުން އައިސް ވަން ނަރުހާއި ޑޮކްޓަރ ފެނިފައި މާވިން ދުވެފައި ގޮސް އާދޭސް ކުރަން ފެށިއެވެ. ބޮޑު ފިރިހެނަކު އެގޮތަށް ރޯތަން ފެނުމުން ޑޮކްޓަރގެ ހިތަށްވެސް އަސަރު ކުރިއެވެ. އެވަގުތު ޑޮކްޓަރ ނުހަނު މަޑުމައިތިރި ކަމާއެކު ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ބުނެފައި މާވިން ނެރެން ނަރުހަށް އިޝާރާތް ކޮށްލައިފިއެވެ. މިފަހަރު މާވިންވެސް ކޮންމެހެން ދެކޮޅެއް ނުހަދައެވެ. ހިތާއިހިތުން ﷲއަށް ދުޢާކުރަމުން ނިކުމެގެން ގޮސް ދޮރުކައިރީގައި މަޑުކޮށްލައިފިއެވެ. ތުރު ތުރު އަޅާ އަތަކުން މޯބައިލް ނަގާ ހަފީޒާ އަށާއި ސައިފުﷲއަށް ގުޅިއިރު މާވިންގެ އަޑުވެސް ރަނގަޅަށް ބޭރު ނުވެއެވެ.

ދެކޮޅަށް ހިނގަ ހިނގާފައި ވަރުބަލިވެގެން މާވިން ފާރުގައި ބުރަކަށި ޖައްސާލި ތަނާ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ޑޮކްޓަރ ނިކުތީ ހިނިތުންވެފައި ހުރެގެންނެވެ. "ލޫސީއަކީ ވަރަށް ނަސީބު ރަނގަޅު ކުއްޖެއް. އޭނާ ސަލާމަތްވީ މިރެކަލް އަކުންނޭވެސް ބުނެވިދާނެ." ޑޮކްޓަރ އައިސް މާވިންގެ ކޮނޑުގައި ޖަހާލާފައި ދާން ހިނގައިގަތެވެ. މާވިން އެދޮރުން އެތެރެއަށް ދެމިގެން އިރު ކަރުނުން ދެލޯ ތެމިފައި ހުރެގެންވެސް ހިނިތުންވެވުނެވެ. ލޫސީގެ މަގަތުގައި އިށީންދެފައި އެހިމަހޯލި އިނިގިލިތަކުގައި ހިފާ ގެނެސް ބޮސްދޭން ފެށިއެވެ. ކައިރީގައި ތިބި ނަރުސް ކުދިންތައްވެސް އެމަންޒަރު ފެނިގެން ހިނިތުންވާން ފެށިއެވެ. ލޫސީގެ ނަސީބާމެދު އެކުދިން ހިތާއި ހިތުން ތައުރީފް ކުރިއެވެ. 

ޒޭބާ ހޭއެރުމާއެކު އަރްޖް ދިން ޚަބަރަކުން މުޅި ދުނިޔެވެސް އެނބުރިގަތްހެން ހީވިއެވެ. އަނގައިން ބަހެއް ބޭރު ނުވިއަސް ދެކޮޅު ހަދަމުން ދެފަރާތަށް ބޯ ހޫރުވާލެވުނެވެ. އަރްޖްއަކީ ބައްޕަ ކަމާމެދު ޒޭބާ ފަހަރެއްގައިވެސް ޝައްކެއް ނުކުރެއެވެ. އެހަށީގައި ހިނގާ ނޭވާ ފަދައިން އަރްޖް އެއީ ބައްޕަކަން ޒޭބާއަށް އިހްސާސްވެއެވެ. އެކަމަކު އެންމެ ގުޅުމެއް ބަދަހި ކޮށްގެން ބާކީ އެހެން ހުރިހާ ގުޅުމެއް ކަނޑާލާނެ ގޮތެއް ވިސްނުމަކަށް ނައެވެ. އުމުރުން ވީ ތޭވީސް އަހަރުތެރޭގައި ޒޭބާގެ ހަޔާތާއި ގުޅިފައިވާ ހުރިހާކަމެއް މާޒީގެ ހިރަފުސްގަނޑު ތެރެއަށް ދޫކޮށްލަންވީ ހެއްޔެވެ؟ މިފެންނަނީ ނުބައި ހުވަފެނެއް ހެއްޔެވެ؟ ޒޭބާ އިސްޖަހައިގެން އިނދެ ލޮލުން ކަރުނަ ފުހެލިތަން ފެނިގެން އަރްޖް ކައިރިވެލިއެވެ.

"ޒޭބާއަށް އެނގޭ ދޯ އަހަރެން މިގޮތަށް މިނިންމީ ޒޭބާއަށް ރަނގަޅަކަށް ކަން؟" އަރްޖް ޝައްކުގެ ނަޒަރަކުން ބަލައިލި ނަމަވެސް ޒޭބާ ޖަވާބެއް ނުދިނެވެ. "މިހާރު ތީ ކުރީގެ ޒޭބާއެއް ނޫން. ހުރިހާ ކަމެއް ބަދަލުވެއްޖެ. ދެން އެނބުރި ދިއުމެއް ނެތް. ޒޭބާވެސް ބޭނުމެއް ނުވާނެ ކަންނޭނގެ ލޯބިވާ މީހުންނަށް ގެއްލުމެއް ލިބޭކަށް. އަމިއްލަ ނަފްސްގެ ކިބައިން އެމީހުން ސަލާމަތް ކުރަން އޮތް އެންމެ މޮޅު ގޮތަކީ މީ. ޒޭބާ ޖެހޭނީ އެހުރިހާ އެންމެން ދޫކޮށްލަން." އަރްޖް ވިސްނުންތެރި ކަމާއެކު ޒޭބާއަށް ކިޔައިދިނެވެ. "ދެން މިޝްއަލް އޯ؟ އަހަރެންނަށް މިޝްއަލް އާއި ގުޅެވޭކަށް ނެތްތަ؟" ޒޭބާ ކަރުނުން ފުރިފައިވި ލޮލަކުން އަރްޖްއަށް ބަލައިލިއެވެ. "ތިސުވާލުގެ ޖަވާބު ދޭން އަދި މާ އަވަސް. މިޝްއަލްއަށް ވެސް ރަނގަޅު ވާނީ އިހަށް ދުރުގައި ހުރުން. އަހަރެން ހަމައެކަނި ބުނެލަން އޮތީ ތީ މިވަގުތު ދުނިޔެމަތީ ހުރި އެންމެ ބާރުގަދަ މަހުލޫޤޭ." އަރްޖް އަނެއްފަރާތަށް އެނބުރި ހިނގައިގަތެވެ. 

"އެންމެ ރަނގަޅު. އަހަރެން ތި ނިންމިމުމާއި ހިތުން ރުހުމުން ޤަބޫލުވެދާނަން. އެކަމަކު ޝަރުތަކާއި ލައިގެން." އަރްޖް ހިނގަ ހިނގައި ހުރެފައި ޒޭބާގެ ވާހަކަ އިވިގެން ހުއްޓިއްޖެއެވެ. ފަސްއެނބުރި ޒޭބާގެ މޫނަށް އަރްޖް ބަލައިލީ އެ ޝަރުތު އިއްވާށޭ ބުނާފަދަ ގޮތަކަށެވެ. "އަހަރެން ބޭނުމީ ވަދާޢުގެ ސަލާމް ކުރާނެ ފުރުސަތެއް." ޒޭބާ ހިތުގައި އޮތް ގޮތަށް ހާމަކޮށްލިއެވެ. "ދެން ދުވަހަކުވެސް ބައްދަލު ނުވާނެ ކަން އެނގޭއިރު އަހަރެންވެސް ބޭނުންވާނެއެއްނު ރަނގަޅަށް ވަދާޢުކިޔަން." ޒޭބާގެ ލޮލުގައިވި އަސަރަކުން އަރްޖްއަށް ދެކޮޅެއް ނުހެދުނެވެ. އެއް ހަފްތާފަހުން އަހަރެން ޒޭބާ ބަލައި ދާނަން." އަރްޖްގެ ޖަވާބު އަހާފައި ޒޭބާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

ބަންޤީގެ ހިތްގައިމު އަޑަށްފަހު ގޭގެ ދޮރާށި ހުޅުވާލާފައި ނިކުތް މުސްކުޅި ފިރިހެނަކު ފަތިސް ނަމާދަށް ދާންވެގެން ހިނގައިގަތެވެ. މަގުގެ އެކި ހިސާބުގައި ހޮޅިބުރި ދިއްލާފައި ހުއްޓަސް ގަސްބޯ ސަރަހައްދު ތަކަށް އެއަލި ފޯރަނީ ނުހަނު ކުޑަކޮށެވެ. މުސްކުޅިޔާ ޖީބުން ނެގި ރުމާފަޅި ބޮލުގައި އައްސާލައިގެން މަގު ދިގަށް ހިނގާފައި ދަނިކޮށް ދުރުގައި ހުރި ހޮޅިބުރި ނިވި ދިއްލެން ފެށިއެވެ. އޭނާ ވަކި ހިޔާލެއް ނެތި ހޮޅިބުރި ފަސްދީ ދިޔަފަހުން ޖެހިގެން ހުރި ހޮޅިބުރިވެސް ނިވި ދިއްލެން ފެށިއެވެ. މުސްކުޅިޔާގެ ވިސްނުން އެކަމަށް ހުއްޓުނު ހިސާބަކީ އެއީއެވެ. ހިސާބަކަށް ޖެހިލުންވާ ގޮތްވެ ވަށައިގެން ހޯދާލެވުނެވެ. އޭނާއަށް ފާހަގަ ކުރެވުނީ ހިނގާފައި އައި މަގުގައި ބަރިއަކަށް ޖަހާފައިވާ ހުރިހާ ހޮޅިބުރި އެއްމެ އެއްރާގަކަށް ނިވި ދިއްލެމުން ދާކަމެވެ. ބިންމަތީގައި އެގޮތް މިގޮތަށް އުކާލެވިފައި ތިބި ހިކިފަތްތައް ވައިގެ ތެރެއަށް އަރައިގެން އުދުހެން ފެށީ އެނބުރޭ ވައިރޯޅިއެއް އައިސްގެން އެނބުރޭހެންނެވެ. ދުރުން އެދިމާއަށް އައި އަންހެންކުއްޖާ ފެނުނީ ދުރުދުރަށް ލޯ ހިންގައިލި ތަނާއެވެ. ހުދު ހެދުމެއްގައި ޒޭބާ ކައިރިވަމުން އަންނަތަން ދެކެފައި މުސްކުޅިޔާގެ ގައިން ހީބިހި ނަގައި ލޯލިތައް ކޮޅަށް ޖެހުނެވެ. އެވަގުތު ޒޭބާ ހުރި ހިސާބުގައި ހުރި ހޮޅިބުރި ނުވެސް ދިއްލެނީއެވެ. މުސްކުޅިޔާ ކިތަންމެ ފިނިވެފައި ހުއްޓަސް ދުއްވައިގަންނާކަށް ނުކެރުނެވެ. އެހެން ދިމާއަކަށް ބަލާކަމަށް ހެދިގެން ހަމަ އެހިނގުމުގައި ކުރިއަށް ދިޔައެވެ. 

ޒޭބާ ކައިރިވަމުން ދިޔަހެން އަނދިރިގަނޑުވެސް ޒޭބާ އާއި އެކުގައި އާދެއެވެ. ޒޭބާ ހަމަ އަރާ ހަމަވާއިރަށް ކޮންމެ ހޮޅިބުރިއެއްވެސް އެއްކޮށް ނިވެއެވެ. މުސްކުޅިޔާ ކިތަންމެ ބިރުން ހުރި ނަމަވެސް ޒޭބާ އަރާ ހަމަވުމާއިއެކު ކައިރިން ބަލައިލަން ބޭނުންވިއެވެ. ނޫންކަމަށް ހަދާފައި ވަށްކަޅި އަކުން ބަލައިލީ ނިކަން ވިސްނައިގެން ހުރެއެވެ. އަނދިރީގެ ތެރޭގައިވެސް ޒޭބާގެ ދެލޯ ވިދުންގަދަކަމުން ފާޅުވެއެވެ. ހުދު ހެދުމުގައި އެލޫޅާފަތި ހަށިގަނޑު ފެންނައިރު ބުޑާއި ހަމައަށް ފައިބާފައިވާ ބޯ އިސްތަށިގަނޑު ވައިރޯޅިތަކުގެ ގޯނާތަކާއެކު ވިހުރެމުން ދެފަރާތު ކޮނޑުމަތިން ކުރިމައްޗަށް ފެތުރިގަންނަން އުޅޭތީ ވަކިން ޖެހިލުން ކުރުވާ ގޮތެއް ހުއްޓެވެ. ޒޭބާ ދިމާ ކުރިއަށް ބަލާތީ އެމުސްކުޅިޔާގެ ހަރަކާތްތަކަށް ސަމާލުކަމެއް ނުދެއެވެ. ފަސްދިން އިރު މުސްކުޅިޔާ ރަނގަޅަށްވެސް ތުރު ތުރު އަޅައެވެ. މިސްކިތާއި ކައިރިވެފައި ހުރުމުން ނޭވާ ހިފަހައްޓާލައިގެން ހުރެ ނިކަން ދިގު ފިޔަވަޅުތަކެއްގައި ގޮސް އެތެރެއަށް ދެމިގަތީ ނިކަން އަވަހަށެވެ. ޒޭބާ ވަނީ ކޮންތާކަށްތޯ ބަލަން ބޭނުންވެފައި ހުއްޓަސް ދެން އަލުން ބޭރަށް ނިކުންނާނެ ހިތްވަރެއް މުސްކުޅިޔާގެ ނެތެވެ. 

ހަފީޒާމެން އެތައް އާދޭހެއް ކުރިފަހުންވެސް މާވިން ގޮތް ދޫ ކުރާގޮތެއް ނުވިއެވެ. ހިނދު ކޮޅަކަށްވެސް ލޫސީ ނުފެންނަ ހިސާބަށް ދާން ހިތެއް ނޭދުނެވެ. މަރުގެ ތުންފަތް މަތީގައި ލޫސީ ހޭދަކުރި މަދު ވަގުތުކޮޅު މާވިން މިނިޓަކަށްވެސް ހަނދާނެއް ނުނެތެއެވެ. އެރޭ ހަތަރުދަން ހޭލާ ހުރުމަށްފަހު އަނެއްކާ ޖެހިގެން އައި ދުވަހުގެ ހެނދުނުވެސް މާވިން އިނީ ލޫސީ ކައިރީ ހޭލައެވެ. އެސްފިޔަތަކަށް ބަރުވެ ހަށިގަނޑު އެއީ އެނަފްސްގެ މައްޗަށް ބުރައަކަށް ވެގެން ދިޔައިރުވެސް އަރާމަކަށް ނޭދެވުނެވެ. ޒޭބާ ހެނދުނު ހޭލައިގެން ހޮސްޕިޓަލަށް އައީ ހަފީޒާމެން އެކޮޓަރި ތެރޭގައި ތިއްބައެވެ. އެކަމަކު އެއީ ހަމައެކަނި އެމީހުންގެ ނަޒަރުގައެވެ. ނިދި އެއީ ޒޭބާގެ ދިރިއުޅުމާއި ވަކިވެފައިވާ އެއްޗެއްކަން އެނގެނީ ހަމައެކަނި އޭނާ އަށެވެ.

އެނބުރި ދާން ބޭނުންވެފައި ހުރެވެސް އަފްލާކް އިސްކަން ދިނީ ޒޭބާމެންގެ އުފަލަށެވެ. ގޭތެރޭގެ ހާލަތު އެގޮތަށް ގޯސްވެފައި ވަނިކޮށް ވަކިވެގެން ދާކަށް ހިތެއް ނުރުހުނެވެ. އެކަމަކު ކަންތައްވީ މުޅިން އިދިކޮޅަށެވެ. އަފްލާކްގެ ބައްޕަ ކާރު އެކްސިޑެންޓެއްވި ޚަބަރު ލިބުމުން އެނބުރި ދާން މަޖުބޫރު ވެއްޖެއެވެ. ހަވީރުވެގެން އައިއިރު ޝިނީ ކޮޓަރި ތެރޭގައި ދަތުރު ތައްޔާރު ކުރަން އުޅުނުއިރު އައިކު އިނީ އެނދުމަތީގައި ކުޅޭ އެއްޗެހިތައް އަޅާލައިގެން ކުޅޭށެވެ. އަފްލާކް އައިސް ވަދެފައި އައިކު ފެނިގެން ގޮސް އެނދުގައި ޖައްސާލާފައިއެވެ. އައިކު ފޮނިވެގެން ފިރުކިލާފައި އައިސް އަފްލާކްގެ މޭމައްޗަށް އަރާ އިށީންދެފައި އިރުކޮޅަކުން ދެބަފައިން ސަކަރާތް ޖަހާފައި ހޭއަޑު އިވިގެން ޝިނީ ބަލައިލިއެވެ. ޝިނީ ހިފަހައްޓައިގެން ހުރި ހެދުން ތަކާއެކު އަލަމާރި ލައްޕާލާފައި ދޮރުފަތުގައި ލެނގިލައިގެން ހުރެ އެހަރަކާތްތަކަށް ބެލިއެވެ. ދެބަފައިން ހީގަންނައިރަށް ޝިނީއަށްވެސް ހެވިދެއެވެ. 

އަފްލާކް އެނދުމަތީ އޮވެފައި އެއްލި ކަޅިއަކުން ޝިނީ ފެނިގެން އައިކު އެނދުގައި ބައިންދާފައި ތެދުވެ އިށީންދެއްޖެއެވެ. "ހާދަ ރީތިކޮށް ތިބަލަނީ؟" އަފްލާކްއަށް އެމަންޒަރު ފެނުނީތީ ޝިނީ ރަކިވިއެވެ. "ބަލައިގެން ނުވޭތަ؟" ޝިނީ އެކަން ނާންގަން ވެގެން އަނެއްފަރާތަށް އެނބުރިފައި އަލަމާރި ހުޅުވަން އުޅެނިކޮށް ސިއްސައިގެން ދިޔައެވެ. އަފްލާކް އައިސް ފަހަތަށް ހުއްޓިފައި ޝިނީގެ އުނަގަނޑުގައި ހިފާ ކައިރިކޮށްލުމުން ލައިލައި ހުރި ނޭވާވެސް ނޭފަތުގައި ތާށިވިއެވެ. އަފްލާކްގެ ނޭވާތައް ހުރަހެއްނެތި އައިސް ޝިނީގެ ކަނދުރާއަށް އެޅެން ފެށުމުން ހުރިހާ ހިއްސެއްމެ ފިނިވެގެން ދިޔައެވެ. "ނޫނޭ ބޭނުން ވަރަކަށް ބަލަންވީ. އާފްޓަރ އޯލް ތީ މަގޭ ފިއުޗަރ ވައިފް އެއްނު." އަފްލާކް ޝިނީގެ ކަންފަތްދޮށުގައި ވައިއަޑުން ބުނެލިއެވެ. ޝިނީގެ މޫނު އެއްކޮށް ރަތްވިއެވެ. އަފްލާކް އެގޮތަށް މުޚާތަބު ކުރުމުން ފޮނިވެގެން ބައްދާލަން ހިތް އެދުނެވެ. އެކަމަކު އަދިވެސް އަފްލާކް ދެކެ ގަންނަ ލަދަކުން އެނބުރި ބަލައިލާކަށްވެސް ނުކެރުނެވެ. 

ކިތަންމެ ގާތްކޮށް ދެމީހުން އެކުގައި އައިކުގެ ކަންތަކާއި މަޝްވަރާކޮށްފައި އުޅުނަސް އަފްލާކް ހަމަ ބަލައިލާ ގޮތަކުންވެސް ޝިނީ ލަދުގަނެއެވެ. އެހަށިގަނޑުގެ ލުއި އެންމެ ބީހިލުމަކުންވެސް ޝިނީގެ ހިއްސުތަކުގައި އަލިފާން ރޯވެ އަނދައިގަންނަ ކަހަލައެވެ. އަޖައިބެއްފަދަ ލޯއްބެކެވެ. ޝިނީގެ މިފަދަ އަދާތަކުން އަފްލާކްގެ ހިތްވެސް ފަހަރަކަށްވުރެ ފަހަރެއް ބަދަލުވަމުން ޝިނީ އާއި މެދު ގަޔާވާ މިންވަރު އިތުރުވަމުން އާދެއެވެ. 

ދޮރުމަތިން ފިޔަވަޅުގެ އަޑު އިވިފައި އަފްލާކް އަވަހަށް ދުރަށް ޖެހުނެވެ. ޒޭބާ ނުލަފާ ހިނިތުންވުމަކާއެކު އެތެރެއަށް ވަންނަނީއެވެ. ފަހަތުން ހަފީޒާވެސް ވަނެވެ. އެމީހުން އެއައީ އަފްލާކްމެން ފުރުވާލަން ދާންވެގެންނެވެ. އަފްލާކް ނޫންކަމަށް ހަދާފައި އަވަހަށް ގޮސް އައިކުގެ ކައިރީގައި އިށީންދެ ވާހަކަދައްކަން ފެށިއެވެ. ޝިނީ ފޮށި ބަންދުކޮށް ނިމިގެން ހުރިހާ އެންމެން ގެއިން ނިކުތް އިރު އިރުއޮއްސެން މާގިނަ އިރެއް ނެތެވެ. މާވިން ލޫސީ ދޫކޮށްފައި ނާންނަން ވެގެން އެތާ އިނދެފައިވެސް އަފްލާކްމެން ފުރުމުގެ ކުރިން ފޯނުކޮށްލާފައި ވަދާޢުގެ ސަލާމްކުރިއެވެ. ޝިނީ އާއި އަފްލާކް އައިކު އާއި އެކު އެއް އާއިލާއެއްގެ ގޮތުގައި ބޯޓަށް އަރައިގެންދާ މަންޒަރު ބަލަން ހުރިއިރު ޒޭބާގެ ހިތްވަނީ އުފަލުން ފޮޅިފައެވެ. އެކުވެރިޔާއަށް ޓަކައި ހެޔޮކަމެއް ކޮށްދެވިއްޖެ ކަމުގެ ހިތްހަމަޖެހުން ޒޭބާގެ ހިތުގައި ވިއެވެ.

އެނބުރި އައި މަގުމަތީގައި ލޯންޗްގައި އިންދާ ޒޭބާއަށް އުދަނގޫ ތަކެއް ވާން ފެށިއެވެ. ބަނޑު ތެރޭގައި ދިރޭ އެއްޗެއް ގޮތްގޮތަށް އެނބުރެމުން ދާކަހަލަ އުދަނގޫ އިހްސާސެކެވެ. އިރު އޭގެ ފަހު ދޯދިތަކާއެކު ހުޅަނގު ފަރާތަށް ދިޔައިރު ޒޭބާގެ ލޮލަށް ރަތްކުލަ ވެރިވިއެވެ. ހަފީޒާއަށް އެމަންޒަރު ފެނިގެން ހީކުރީ އެއީ އިރުގެ ދަޅަ ކަމުގައެވެ. "ކަނޑު ވަރަށް ގަދަވާނެ. ލޮނުވިއްސާއިރު ލޮލަށް ގެއްލުންވުން އެކަށީގެންވޭ. މި އައިނު އަޅައިގެން ހިޔާގަނޑު ތެރެއަށް ވަދޭ!" ކެޕްޓަންގެ އަޑު ފާހަގަ ކުރެވިގެން ޒޭބާ ސިހުނެވެ. މިޝްއަލް ހުރީ ހަފީޒާ އަށާއި ޒޭބާ އަށް ދެއައިނު ދިއްކޮށްލައިގެންނެވެ. މިޝްއަލް ލޯންޗަށް އެރީ ކިހިނެތް ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ. 

ޒޭބާ ކަންބޮޑުވީ ހަފީޒާއަށް މިޝްއަލް އެނގިދާނެތީއެވެ. ހަފީޒާ އިސްޖަހައިގެން އިނދެފައި އައިނުގައި ހިފާ ލޮލުގައި އަޅައިގެން ހިޔާގަނޑު ތެރެއަށް ވަންނަން ދިޔައެވެ. ޒޭބާ އައިނުގައި ހިފިތަނާ މިޝްއަލް އެއްޗެއް ބުނަން އުޅޭހެން ހީވެގެން ކުޑަކޮށް ކައިރިއަށް ޖެހިލެވުނެވެ. "ޒޭބްގެ ލޮލަށް އަރަނީ ރަތްކުލަ." މިޝްއަލްގެ ޖުމްލައިން ޒޭބާ ދެލޯބޮޑުވިއެވެ. އުދަނގޫ ގޮތަކަށް ހިންދިރުވައިލާފައި އަވަހަށް އައިނު ޖަހައި ގަނެގެން ލޮލުގައި އަޅައިލިއެވެ. ހިޔާގަނޑުގައި ގޮސް އިށީން ފަހުން އަނެއްކާ ބަނޑަށް އުދަނގޫވާން ފެށިއެވެ. ފުރަތަމަކޮޅު އުދަނގޫ ގޮތެއްވެފައި ދެން ވާންފެށީ ތަދެވެ. ކުއްލި ކުއްލިއަކަށް ހީވަނީ ބަނޑަށް ވަޅިއެއް ހަރައިލާހެންނެވެ. ޒޭބާ ވޭނީ އަޑަކުން ހަޅޭއްލަވައިގަންނަ އިރަށް ހަފީޒާއަށް ހީވަނީ ކަނޑު ގަދަވެ ލޯންޗް ތެޅިގަންނާތީ ބިރުން އުޅެނީ ކަމަށެވެ. މިޝްއަލް އެހާ ކައިރީގައި ހުރެވެސް ޒޭބާއަށް އެހީ ނުވެ ހުންނަން ޖެހޭތީ ލޮލުން ކަރުނަ ފާއްދާލިއެވެ. 

ނުހަނު ރީތިކޮށް އުޑުމަތި އޮވެފައި ކަޅުވިލާ އަރަން ފެށީ ކުއްލި އަކަށެވެ. އިރުކޮޅަކުން ގުގުރާ ވިދާފައި ބޯކޮށް ވާރޭ ވެހެން ފެށިއެވެ. ޒޭބާ ވޭނުން ރޮމުން ހަޅޭއް ލަވަމުން ސީޓުގައި ހިފަހައްޓާލި ތަންތަނުން ނިޔަފަތިތައް އެތެރެއަށް ވަދެގެން ގޮސް ސީޓުގެ ސްޕޮންޖްގަނޑު ހަލާކުވަމުން ދިޔައެވެ. ހަފީޒާ އެހާ ކައިރީގައި އިނދެވެސް ހާސްވެފައިވާވަރުން އެކަންތައްތައް ފާހަގައެއް ނުކުރެވެއެވެ. 

ވާރޭ ހުއްޓައިލީ ވިލިމާލެއަށް ދެވުނު ތަނާއެވެ. އޭރު ޒޭބާގެ ބަނޑަށް ވަމުންދިޔަ އުދަނގޫތައް މެދުކެނޑި ހިސާބެއްގެ ލުއި ފަސޭހަކަމެއް އިހްސާސް ކުރެވެމުން ދިޔައެވެ. ހަފީޒާ އާއި ޒޭބާ ވޭންގައި ގެއަށް ދާން ނައްޓާލި އިރު މިޝްއަލް ހުރީ އޭގެ ފަހަތުގައެވެ. ޒޭބާ ގޮސް ގެއަށް ވަދެފައި ފުރަތަމަވެސް ސިޑިއާއި ދިމާއަށް ދުއްވައިގަތެވެ. ކޮޓަރިއަށް ވަދެވުނު އިރު ޒޭބާގެ ބޮލަށް ބަރުވެ މޭބޮޑު ކުރާގޮތްވާން ފެށިއެވެ. އަވަހަށް ގޮސް ފާޚާނާ ތައްޓަށް ބޯ ލަފައިލެވުނު ކަމެވެ. ހޮނޑުއައީ ބޮލުގައިވާ ހުރިހާ ނާރުތަކަށް ވާންކޮށްލާފައެވެ. ހިފެހެއްޓެމުންނެތި ދެލޮލުން ކަރުނަތައް އޮހިގަތެވެ. ދެތިން ހަތަރު ފަހަރު އޯކާދެމިފައި ހޮނޑު ލެވުނުފަހުން ހިންދެމިލެވުނުތަނާ މޫނުމައްޗަށް އަނދިރިވެގެން ޒޭބާ އަރި އަޅާލައިފިއެވެ. ވެއްޓުމުގެ ކުރިން މިޝްއަލްގެ އަތުތެރޭގައި އެހަށިގަނޑު ހިފަހައްޓާލިކަން އިހްސާސްވިއެވެ. އިރުކޮޅަކުން ޒޭބާ އޮތީ އެނދުގައި ބާއްވާފައެވެ. މިޝްއަލް މަގަތުގައި އިނދެގެން އެމޫނަށް ވެއްޓިފައިވާ އިސްތަށިކޮޅެއް އެއްކައިރިކޮށްލާފައި ކޯތާފަތުގައި ބޮސްދިނެވެ. ލިބެން އުޅެނީ އުފަލެއް ކަމަށްވިއަސް ޒޭބާގެ ހާލު ދެކެފައި މިޝްއަލްގެ ހިތަށް ތަދުވަނީއެވެ. 

"ކިހިނެތް މި ވަނީ އަހަންނަށް؟" ޒޭބާ ގަދަކަމުން އެސްފިޔަތައް ދުރުކޮށްލަން މަސައްކަތް ކުރަމުން ލަސްލަހުން އެހިއެވެ. " ޒޭބް ދިމާވަމުން ތިދަނީ ދެ ކަންތައް އެއްފަހަރާ. އެއްކޮޅުން ޒޭބްއަށް ރޫޚާނީ ބާރުތައް ލިބި ފުރިހަމަ ޖިންނި އަކަށް ބަދަލުވަމުން ދަނީ. އަނެއްކޮޅުން ޒޭބްގެ ހަށިގަނޑަށް އަންނަމުން ތިދަނީ މަންމަ އަކަށް ވާތީ އަންނަ ބަދަލުތަކެއް." މިޝްއަލް ކުރެހިފައިވާ އަޑުން ޖަވާބު ދިނެވެ. އެވަގުތު ޒޭބާގެ ހިއްސުތައް އެލާޓަށް ގެނައީ މިޝްއަލްގެ ފަހު ޖުމްލައެވެ. 

ކޮމެންޓް 0