ޒޭބާ ރޯޔަލް ބީޗް ކޯނަރގެ ގޭޓުން އެތެރެއަށް ވަން އިރު މަރުފަދަ ހިމޭން ކަމެއް ފެތުރިފައި ވެއެވެ. ބިޔަކޮށް ހެދިފައިވާ ބަގީޗާ ގަސްތައް ހަނދުވަރުގެ އަލީން ފެންވެރިފައި ތިބިއިރު ބަލައިލަން ހިތްގައިމެވެ. އިމާރާތް ތެރޭގައި އެއްވެސް އަލިކަމެއް ނެތުމުން ޒޭބާ ކުޑަކޮށް ޖެހިލުންވިއެވެ. ފިނިވާން ފެށި ދެއަތްތިލަ ގުޅުވާލައިގެން މަޑުމަޑުން ހިނގައިފައި ގޮސް ދޮރުގައި ހިފާލި ތަނާ ދާދި ފަސޭހައިން ހުޅުވިއްޖެއެވެ. ޒޭބާ އެތެރެއަށް ވަނެވެ. އެއްފަރާތެއްގެ ކުޑަދޮރު ކައިރީ ދަމާފައި ހުރި ފޮތިތައް ކަހާލައިފައި ހުރުމުން ހަނދުވަރުގެ އެޅިފައިވާތީ އެތެރެ މުޅިން އަނދިރިއެއް ނޫނެވެ. ޒޭބާ ވަށައިގެން ލޯ ހިންގަމުން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއްގެ އަޑު ކަންފަތުގައި ހަރުލަމުން ދިޔައެވެ.
"އަހަރެން މިއިންނަނީ އިންތިޒާރުގައި." ފަހަތުން އަޑު އައެވެ. ޒޭބާގެ މެޔަށް ފިނި ފެންއެއްޗެއް އޮއްސާލި ކަހަލައެވެ. ފުންމައިގެންފައި ގޮސް ދުރުގައި ހުއްޓި އަޑާއި ކުރިމަތިލީއިރު ޒޭބާއަށް ހުރެވުނީ ހަނދުވަރުގެ އަލި އެޅިފައިވާ ހިސާބުގައެވެ. އެމީހަކަށް ޒޭބާގެ ސިފަ އެންމެ ފުރިހަމައަށް ފެންނާނެއެވެ. ދުރުގައި ހުރި ސޯފާއިން އެމީހަކު ތެދުވިއިރު ކަޅު ހިޔަންޏެއް ފަދައެވެ. ހަމަ އިސްކޮޅަށް ތެދުވުމުން އެއީ މިޝްއަލްއަށް ވުރެވެސް ދިގު މީހެއްކަން ޒޭބާއަށް އެނގުނެވެ. "ތީ ކާކު؟" ޒޭބާ ދެލޯ ބޮޑުކޮށްގެން ހުރެ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. ހިތާއި ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދިއްޖެއެވެ. ނިއްކުރިން ދާތިކި ހިލެމުން ދިޔައެވެ. "މިޝްއަލްގެ ހޮވުން ގޯހެއް ނޫން. ޖިންނި އަކަށް ވެސް ލޯބި ވެވިދާފަދަ ރީތި ކަން ޒޭބާއަށް ލިބިފައި އެބަހުރި. އެކަމަކު އަމުރާއި ހިލާފު ވުމަކީ މާފެއްނެތް ކަމެއް." އޭނާ ދެއްކީ މުޅިން އެހެން ވާހަކައެކެވެ. "ކޮބާ މިޝްއަލް؟ ކަލޭ މިޝްއަލްއަށް ކީއްކުރީ؟" ޒޭބާ ގަދަކަމުން ހިންދިރުވާލައިފައި އެހިއެވެ.
އެމީހާ ބާރަށް ހީގެންފިއެވެ. މިޝްއަލްއަށް ދެރަގޮތެއް ވީ ބާއޭ ހިތަށް އަރާފައި ޒޭބާގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ. ދެއަތްތިލަ ބޮނޑިކޮށްލައިގެން ގެނެސް ހިތާއި ދިމާއިން މޭގައި ޖައްސާލެވުނެވެ.
"މިޝްއަލް އަމުރާއި ހިލާފެއްނުވޭ. އޭނަ އަހަރެން ދޫކޮށްލައިފި. އޭނައަށް ސަޒާ ދިނުން އިންސާފަކަށް ނުވާނެ." ޒޭބާ އިރުކޮޅެއް ފަހުން ބުނެލިއެވެ. "ތިހާ ވަރަށް ޖިންނިންނަށް އިތުބާރު ކުރާކަށް ނުވާނެ. އެމީހުން ދައްކާ ހުރިހާ ވާހަކައަކީ ތެދެއް ނޫން." އޭނާ އެދިނީ ނަސޭހަތެއް ނޫނީ އިންޒާރެއް ކަމެއް ނިންމަން ޒޭބާއަށް އުދަނގޫވިއެވެ. "ހޫމ...ވަގުތު ކުޑަތަންވެއްޖެ. ވާހަކަދައްކަން އޮތް ވަގުތުކޮޅު ހަމަވީ. ދެން އޮތީ އަމަލު ކުރުން." އޭނާ މަޑުމަޑުން ކައިރިއަށް އަންނަން ފެށިއެވެ. "ތީގެ މާނައަކީ ކޮބާ؟ ތިއުޅެނީ އަހަރެން މަރާލަންތަ؟" ޒޭބާގެ ސުވާލު ނިމުނުއިރު އޭނާ ހުރީ ކުރިމަތީގައެވެ. ކަނދުރާ އާއި ހަމައަށް އަންނަ އިސްތަށިގަނޑު ހުދުކުލައިގައި ހުއްޓަސް މޫނާއި ހަށިގަނޑުން އެއީ ދުވަސްވެފައިވާ މީހެކޭ ނުބުނެވޭނެއެވެ. ރީތި ކަމުގެ ސަފުގައި އަދިވެސް އޭނާ މިޝްއަލް އާއި ކައިލް އާއި ވާދަ ކުރެވޭނެއެވެ.
ޒޭބާ ބަލަހައްޓައިގެން ހުއްޓާ އެމީހާ ހަތަރުކަޅި ހަމަކޮށްލުމުން ނޭވާ ހާސްވާން ފެށިއެވެ. ދެއަތްތިލައިން ފެށިގެން މުޅި ހަށިގަނޑު އެކީއެކަށް ފިނިވާން ފެށި ގޮތުން ލޭ ހިނގުން ހުއްޓިދާން މާގިނަ އިރެއް ނެތްކަން އެނގުނެވެ. ޒޭބާގެ ދެލޮލުން ފައިބަން ފެށި ކަރުނައިން މަންޒަރު ފުސްވެ މޫނުމައްޗަށް އަނދިރިވާން ފެށިއެވެ. އިސާހިތަކު ކޮޅަށް ހުރުން ދަތިވެގެން އަރި އަޅައިލައިފިއެވެ. ވެއްޓި ތިރީގައި ޖެހުނު ގޮތަކުން ބޮލަށް އިތުރަށް ބަރުވެ ދެލޯ މެރެމުން ދަނިކޮށް އަނދިރީގެ ތެރެއިން ނިކުތް މިޝްއަލް، ޒޭބާގެ ކުރިމަތީ ހުރި މީހާގެ ހަށިގަނޑުގައި ބައްދައިފައި ދެމީހުން އެއްކޮށް މާދުރަށް ގޮސް ޖެހުނުތަން ފެނުނެވެ. ދެލޯ މެރުނު ފަހުން ޒޭބާއަށް އިވުނު ފަހު އަޑަކީ މިޝްއަލް ކައިލް ކައިރީގައި ޒޭބާ ގެއަށްލާން ދާށޭ ބުނި އަޑެވެ.
ހެނދުނު ހޭލެވިގެން ޒޭބާއަށް އިހްސާސްވީ ކުރިއަށްވުރެ ބޮޑަށް ބޮލަށް ތަދުވާކަމެވެ. ލޫސީ އައިސް އެކޮޓަރިއަށް ވަނީ ޒޭބާ ނުތެދުވެ އޮތްވައެވެ. ލޫސީގެ އަތުގައި ހުރި ކާޑުތައް އެނދުމަތީ އަތުރާލަމުން ޒޭބާއަށް ކަމުދާ އެއްޗެއް ނަގަން ބުނެލީ އިޝާރާތަކުންނެވެ. "މީ ކޮންކަމެއް؟ މިހާ އަވަހަށް ވެޑިން ކާޑް ހެދީތަ؟" ޒޭބާ ތެދުވެ އިށީން އިރު ހައިރާންވެގެން ދެލޯ ބޮޑުވެއްޖެއެވެ. "ހޫމ.. ނައުޝާދު ބޭނުން ވަނީ ވީހާ އަވަހަކަށް ކައިވެނި ކުރަން." ލޫސީގެ އަޑުގައި އުފާވެރިކަމެއް ނެތެވެ. ބޭރުގައި ހުރި މާވިންއަށް އެހުރިހާ އަޑެއް އެންމެ ރީއްޗަށް އިވުނެވެ.
ލޫސީ އެގެއަށް ވަނީއްސުރެ މާވިން އައީ ފަހަތުން ފާރަލަމުންނެވެ. ލޫސީ އަތުގައި ހުރި ކާޑްތައް ފެނިގެން މާވިންއަށް އަޅައިނުލައި ނުހުރެވުނީއެވެ. "ސީރިއަސް ކޮށްތަ؟" މާވިން އެދެމީހުންގެ ވާހަކަ ނިމުނުއިރަށް ދޮރުން ވަދެއްޖެއެވެ. "ތޭންކްސް ޓު ޔޫ." ލޫސީ މާވިންއަށް ލޯ އަޅައިލިއެވެ. މާވިން އައި ގޮތަށް އައިސް ކާޑްތަކުން އެންމެ ކަމުދިޔަ ކާޑް ނަގައި ލޫސީއަތަށް ދިނެވެ. ޒޭބާ ކާޑްތަކަށް ބަލަހައްޓައިގެން އިންއިރުވެސް ހިތުގައި ވަނީ މިޝްއަލްއެވެ. އެހެންވެ ލޫސީ އާއި މާވިންއަކަށް ސަމާލުކަމެއް ނުދެވުނެވެ. "އަންނާނަން ފާޚާނާއަށް ގޮއްސަ." ޒޭބާ އެނދުން ތިރިއަށް ދެފައި އެލުވާލައިފައި މަޑުމަޑުން ފައިބައިގެން ދިޔައެވެ.
"ވަޓް ދަ ހެލް. އަހަރެން ޔަގީނުންވެސް މިކާޑެއް ބޭނުމެއް ނުކުރާނަން." ޒޭބާ އެތެރެއިން ފާޚާނާގެ ދޮރުލެއްޕި އަޑުއަހަން ހުރެފައި ލޫސީ އަތުގައި އޮތް ކާޑް ވީދައި ކުދިކޮށްލާފައި މާވިންގެ މޫނުމައްޗަށް ޖެހިއެވެ. ލޫސީ ދާންވެގެން އެނބުރި ހިނގައިގެންފައި މާވިން ފަސްދިންތަނާ މެޔަށް ފިނިވެގެން ދިޔައެވެ. މާވިން ލޫސީ ދިޔަނުދޭން ވެގެން އަތުގައި ހިފެހެއްޓީއެވެ. ލޫސީ ވާހަކަދައްކަން އުޅެގެން އަޑެއް ނުނިކުތެވެ. އުނަގަނޑާއި ހިސާބުން މާވިންގެ އިނގިލިތައް އިހްސާސްވެފައި ލޫސީއަށް ނޭވާ ހިފަހައްޓާލެވުނެވެ. މާވިން ލޫސީ ގެނެސް ގައިގައި ޖައްސާފިއްތާލަމުން އަތުން ދޫކޮށްލާފައި ލޫސީގެ ކޮނޑުމައްޗަށް ވިހުރިފައިވާ އިސްތަށިތައް އެއްފަރާތް ކޮށްލިއެވެ. ލޫސީގެ އެއޮމާން ކޮނޑުގައި މާވިން ބޮސްދިނެވެ. ލޫސީއަށް ލޯ މަރައި ލެވުނެވެ. ލޫސީގެ އުނަގަނޑާއި ހިސާބުގައި އޮތް މާވިންގެ ދެއަތުގައި ހިފާ ބާރުކޮށްލެވުނެވެ. މާވިންގެ އެންމެ ބީހިލުމަކުން ލޫސީގެ ސިކުނޑި ވިސްނުމުގެ ދާއިރާ ފަހަނައަޅާ ދަނީ އަޖައިބެއްފަދަ ގޮތަކަށެވެ. މިޝްއަލް ފަދައިން ރޫޚާނީ ބާރެއް ލިބިފައި ނެތްކަމުގައި ވިއަސް މާވިންގެ ކިބައިގައި ލޫސީގެ މައްޗަށް ބާރު ފޯރުވުމުގެ ޤާބިލްކަން ވެއެވެ.
"މާ.. މާވިން... މީ ރަނގަޅު.. ރަނގަޅު ގޮތެއް ނޫން..." ލޫސީ ނިކަން އުދަނގުލުން އުޅެގެން އަނގައިން ބޭރުވިއެވެ. "ޝްޝްޝް... މާވިން ހުސްކޮށް އަތް އުފުލައިލައިފައި ލޫސީގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައިގެން ހުރެ އެދޮން ކޮނޑުގައި ބޮސްދެމުން ކަންފަތާއި ހަމައަށް ގޮއްސައި ލޫސީގެ އިސްތަށިގަނޑުގައި މޫނު ޖައްސާފައި ނޭފަތް އެތެރެއަށް ދަމާލިއެވެ. އެ ހިތްގައިމު ކްރީމް ވަހުން މާވިން އިތުރަށް މަސްތުވިއެވެ. ލޫސީއަށް ނޭނގުމުގެ ތެރޭގައި މާވިންގެ ސިކުނޑި އާއި ކުޅެލަނީ ޑްރަގެއް ފަދައިންނެވެ. ކޮންމެ ފެނިލުމަކުން މާވިން ލޫސީއަށް ބޭނުންވާ މިންވަރު އިތުރު ވެގެންދެއެވެ. މާވިންގެ މުޅި އުމުރުގައިވެސް އެހެން އަންހެން ކުއްޖަކާ މެދު ނުވިސްނާ މިންވަރަށް ލޫސީ އާއި މެދު ވިސްނަން އޮވެ ނިދީ ކިތައް ރޭ ކަމެއް ނޭނގެއެވެ.
"ވަޓްސް ގޯއިން އޮން؟" ޒޭބާގެ އަޑުން އެ ނާޒުކް ވަގުތުކޮޅު ނިމުމަކަށް ގެނުވައިފިއެވެ. "ޒޭބް. އިޓްސް ޕްރެކްޓިސް." މާވިން ލޫސީ ދޫކޮށްލާފައި ޒޭބާއަށް ބަލައިލީ ނުހަނު ހަމަޖެހިލައިފައި ހުރެގެންނެވެ. ދޭނެ ޖަވާބެއް މާކުރިއްސުރެ ހިތުގައި ރާވައިގެން ހުރި ކަހަލައެވެ. ޒޭބާ އައިގޮތަށް އައިސް ފުރަގަސްދީގެން ހުރި ލޫސީގެ އަތުގައި ހިފާ މަގަތަށް އަނބުރައިލިއެވެ. ލޫސީ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެފައި މާވިން އާއި ބައިވެރިވި ގޮތް ދައްކާލިއެވެ. "ތީގެ މާނައަކީ ކޮބާ؟" ޒޭބާ އަނެއްކާވެސް މާވިންއަށް ނަޒަރު ހުއްޓާލިއެވެ. "ލޫސީ މެރީ ކުރާތީ ބިރުން އުޅެނީ... އެހެން ވެގެން އަހަރެން އޭނާގެ ބިރުކަނޑުވަން ކުޑަކޮށް ޕްރެކްޓިސް ޖައްސާލީ... ޔޫނޯ ވަޓް؟ ޒޭބް އަހަރެން ވަރަށް މުހިންމު ތަނަކަށް ދާންވެފަ މިހުރީ." މާވިން ދޮރާއި ދިމާއަށް ހިނގައިގަތުމުން ލޫސީވެސް ފޯން ވައިބްރޭޓްވީ އޭ ކިޔާފައި ނަގާ ކަންފަތުގައި ޖަހައިގެން އަވަހަށް ގޮސް ޒޭބާގެ ކުރިމަތިން ގެއްލިއްޖެއެވެ.
ދެމީހުން ނިކުމެގެން ދިޔަ ދޮރާއި ދިމާއަށް ބަލަން ހުރެފައި ޒޭބާ ދޫކޮށްލީ ފުން ނޭވައެކެވެ. އެދެމެދުގައި ކޮންމެވެސް ގުޅުމެއް އެބައޮތެވެ. ޒޭބާއަށް މިހާރު ޔަގީން ވެއްޖެއެވެ.
ހެނދުނުގެ ވަގުތެއްގައި ސެލޫން އިމާރާތް ކުރުމަށްޓަކައި ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފެށިއްޖެއެވެ. ލޭބަރުންތައް ނުހަނު ހީވާގި ކަމާއެކު މަސައްކަތް ކުރަމުން ދިޔަ މަންޒަރު ބަލަން ޒޭބާ ހުރީ ޕޯޓިކޯގައި މަޑުކޮށްލައިގެންނެވެ. މާވިން ގެއިން ނިކުތް ގޮތަށް އޭރު އަދި އެނބުރިއެއް ނާދެއެވެ. ހަފީޒާ މާ ހެނދުނަކާ ރައްޓެއްސަކު ބަލައި އެއަރޕޯޓަށް ގޮހެވެ. އަތުގައި ހުރި ކޮފީތަށިން އިރުއިރު ކޮޅާ އެތިފޮދެއް ބޮމުން ދިޔައިރު އެވަގުތުވެސް ޒޭބާގެ ހިތާއި ސިކުނޑީގައި ވަނީ މިޝްއަލް އެވެ. އެ ހިތްވަނީ ބިރުގެންފައެވެ. ރޭގައި މިޝްއަލް އާއި މެދު ކަންހިނގާފައި ވާގޮތެއް އޮޅުން ފިލުވުމަށްޓަކައި އިރުއޮއްސޭނެ އިރަކަށް އޭނާ އިންތިޒާރު ކުރަނީއެވެ. ނުބައި ހިޔާލު ތަކުން ޒޭބާގެ ހިތް ތޮރުފަމުން ލޮލުން ކަރުނަ ހިލުވާލަން ކުރަމުންދާ މަސައްކަތްތައް ނާކާމިޔާބު ކޮށްލަނީ އުންމީދުގެ ހުޅުކޮޅު ދިއްލައިލަމުންނެވެ. ޒޭބާ އެތައް ފަހަރަކު ހިތާއިހިތުން ބުނެލިއެވެ. ﷲގެ އިރާދަ ފުޅާއެކު މިޝްއަލް ހުންނާނީ ހެޔޮހާލުގައެވެ. މިޝްއަލްއަށް އެއްވެސް ދެރަގޮތެއް ނުވާނެއެވެ.
ހައެއް ޖަހަން ކައިރިވެފައި ހުއްޓާ ތައްޔާރުވި ވިއްސާރަ ވިލާގަނޑު ދުނިޔެ މައްޗަށް އޮހެން ފެށީ އިރު އޮއްސުނު ފަހުންނެވެ. ޒޭބާ މަޣްރިބް ނަމާދު ކޮށްލައިގެން ތެދުވެފައި މުސައްލަ ގެން ގޮސް އަލަމާރިއަށް ލިއެވެ. ކޮޓަރިން ނިކުންނަން ދާންވެގެން އެނބުރިލި ތަނާ ސިއްސައިގެން ދިޔައެވެ. އެއްފައި ނަގައިގެން ކުޑަ ދޮރުމަތީގައި މިޝްއަލް އެބައިނެވެ. ޒޭބާ ހިތާއި ދިމާއިން މޭގައި އަތްއަޅާލައިފައި ހަމަޖެހުމުގެ ނޭވައެއް ލިއެވެ. މިޝްއަލް ބަލަން އިނީ ބޭރަށެވެ. ވެހެމުން ދިޔަ ވާރޭތިކިތައް ވަޔާއެކު އައިސް ކުޑަ ދޮރުން ވަންނަމުން ދިޔަ މަންޒަރަށެވެ. ކުރިޔަށް ފިޔަވަޅެއް އަޅަން އުޅެފައި ޒޭބާ މަޑު ޖެހިލައިފިއެވެ. ފަރުވާތެރި ކަމާއެކު މިޝްއަލްގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގާލިއެވެ. ޒޭބާއަށް ޝައްކުވިއެވެ. އެއީ ކައިލްބާވައެވެ؟
"ކައިލްތަ؟" ޒޭބާ ޖެހިލުންވެ ހުރެފައި ގޮވާލިއެވެ. ކައިލް ތެދުވީ ކުއްލި އަކަށެވެ. ކައިރިއަށް އަންނަން ފެށުމާއެކު ޒޭބާއަށް ފަހަތަށް ޖެހެވުނެވެ. ކައިލް އައިސް ކައިރިއަށް ހުއްޓުމާއެކު ޒޭބާއަށް މިފަހަރު އެދެލޯ ފާހަގަ ކުރެވުނެވެ. އެއީ މިޝްއަލްގެ ދެލޮލެއް ނޫނެވެ. "ކީއްތިކުރަނީ؟ ކޮބާ މިޝްއަލް؟" ޒޭބާ ބިރުން ދާހިއްލާލިއެވެ. އެންމެފަހުން ކައިލް އާއި ބައްދަލުވި ފަހަރުވެސް މަރުނުވީ ކިރިޔާއެވެ. "މިޝްއަލް އެއް ނާންނާނެ." ކައިލްގެ ޖަވާބު އަހައިފައި ޒޭބާ ގަނޑުވިއެވެ. ދެލޮން ފެން އައީ އެސްފިޔަ ނުޖަހައި ގިނައިރުވެގެންނެވެ. ނޭވާ ލާން ހަދާންވީ ނޭވާ ކޮޅަށް ދިޔަފަހުންނެވެ. "ނޫން.ނޫން.ނޫން. ބުނޭ ތީ ދޮގެކޭ...." ޒޭބާ މޫނުގައި ދެއަތް އަޅާ ފޮރުވާލަމުން ބާރަށް ރޮއިގަތެވެ. "އޯހ ގޯޑް. ސްޓޮޕް އިޓް. އަހަރެން ނުބުނަމެއްނު މިޝްއަލް މަރުވި ވާހަކައެއް." ކައިލް އެއް އިގިނލިން ކަންފަތް ހަލުވާލަމުން ނުރުހުންވެފައި ބާރަށް ބުނެލިއެވެ. "ނާންނަމޭ ބުނީމަ ދެން ކޮބާތަ އޭގެ މާނައަކީ؟" ޒޭބާ ރޮމުން ސުވާލު ކުރިއެވެ. "ހުއްޓާލީމަ ކިޔައިދޭނީ." ކައިލް އަނެއް ފަރާތަށް އެނބުރިފައި ގޮސް ދެވަނަ ފަހަރަށް ކުޑަ ދޮރުމަތީގައި އިށީންދެފައި ކަކޫ ނަގައިގެން ހަމަޖެހިލިއެވެ. ޒޭބާ ކައިލްއަށް ބަލަން ހުރެގެން ލޯ ފުހެލާފައި ފުންނޭވައެއް ލައި އަމިއްލަ ނަފްސް ހަމަޖައްސާލައިފައި ގޮސް ކުޑަ ދޮރު ކައިރިއަށް ހުއްޓިއްޖެއެވެ.
"ފަސްޓް އޮފް އޯލް. އަހަރެން ޒޭބާއަށް ކިޔައިދޭނީ ވާހަކައެއް. ޒޭބާ ޖެހޭނެ ރަނގަޅަށް އަޑުއަހަން." ކައިލް އެހެން ބުނުމުން ޒޭބާ ވާހަކަ ދައްކަންވެގެން އަނގަ ހުޅުވާލިތަނާ ކައިލް އަތުން އެކަން މަނާކުރިއެވެ. ޒޭބާ ތުންފަތް ހަފާލަމުން ކައިލްގެ އަމުރަށް ކިޔަމަންވެ ހަނު ހުއްޓެވެ. "އަހަންނާއި މިޝްއަލް އުފަންނުވާއިރު އަހަރެމެންގެ ސަރުދާރަކަށް ހުރީ އަރްޖް ކިޔާ ޖިންނިއެއް. އެއީ ވަރަށް ބާރުގަދަ އެހާމެ ސިފަ ރީތި ޖިންނި އެއް. އަރްޖްއަށް ފިދާވެގެން އެތައް ސަތޭކަ އަންހެން ޖިންނިއެއް ތިބި. އަރްޖްގެ އެންމެ އިޝާރާތަކަށް ބަލަބަލައި ތިބި މިބުނާ ޖިންނީންނަކީ ޚޫރަލީނުންހާ ރީތި ބައެއް ކަމަށްވަނީ. އެކަމަކު އަރްޖްއަށް ލޯބިވެވުނީ އިންސާނެއްދެކެ. އެކަމަކު އެލޯބި އަރްޖްގެ މުޅި ދިރިއުޅުން ނަރަކައަކަށް ހަދައިލީ. ޖިންނީންގެ އެހެން މީހުންނަށް މިގުޅުން ފަޅާއަރައިގެން އަރްޖް އާއި އެއަންހެންކުއްޖާ ވަކިކުރުވީ. އަންހެންކުއްޖާ މަރާލައި އަރްޖް މުޅިއުމުރަށް ޖަލަށްލީ. އިނގޭތަ އަދި އަދަށް ދާންދެންވެސް އަރްޖް ދުނިޔޭގައި އެބައޮތް. އެކަމަކު އަނދިރި ހޮހޮޅައެއްފަދަ ބިރުވެރި ޖަލެއްގައި. އަދި މިހާރު މިޝްއަލްވެސް ވީ އަރްޖް އާއި އެކު އެތަނުގައި." ކައިލްގެ ވާހަކަ ނިންމާލަމުން ބުނެލި ފަހު ޖުމްލައިން ޒޭބާ ސިއްސުވައިލިއެވެ.
"އަހަރެން ޒޭބާ ގެއަށް ލައިފައި އެނބުރި ދިޔައިރު ވަގުތު ފާއިތުވެއްޖެ. އަރިސް މީހާ އައީ އެކަންޏެއްނޫން. އޭނާ ގޮވާލުމުން އަޑު އިވޭ ހިސާބުގައި އެހީއަށް އެދި އެތައް ބަޔަކު ތިބި. އަހަންނަށް ދެވުނުއިރު އެމީހުން މިޝްއަލް ގެންދަނީ. ޒޭބާ އަހަރެންނަށް މިޝްއަލް ސަލާމަތެއް ނުކުރެވުނު." ކައިލްގެ ލޮލުން ފުރަތަމަ ފަހަރަށް ކަރުނަ ފާޅުވާން ފެށިއެވެ. ޒޭބާގެ ހިތް ހިތާމައިން ގެނބެމުން ދިޔައިރު އަޑުވެސް ނުނިކުތެވެ. މެދުކެނޑުމެއްނެތި ލޮލުން ފައިބަމުން ދިޔަ ކަރުނުން މަންޒަރު ފުސްވަމުން ދާން ފެށުމުން ޒޭބާ ލޯ ފުހެލިއެވެ. "ޑޯން ވޮރީ. ރަނގަޅު ވަގުތު އައީމަ އަހަރެން ގޮސް މިޝްއަލް ސަލާމަތް ކުރާނަން. އެކަމަކު އެއީ ޒޭބާއަށް ޓަކައެއް ނޫން. އެއީ އަހަރެންގެ ބޭބެއަށް ވީތީ. ޒޭބާ އައި ބްލޭމް ޔޫ. މިޝްއަލް އެތަނަށް އެދިޔައީ ޒޭބާގެ ސަބަބުން."
ކައިލް ތެދުވެފައި ޒޭބާއަށް ބަލައިލިއިރު އެދެލޮލުން ރުޅިވެރިކަން ފެންނަން ހުއްޓެވެ. "ދެން ކައިލް އަހަރެނަށް ކިހިނެތް ހަދާނީ؟ މަރާލާނީތަ؟" ޒޭބާ ރޮވިފައިވާ އަޑަކުން އަހައިލިއެވެ. "ތީ އަނެއްކަންތައް. މިޝްއަލްދެކެ އަހަރެން ވާ ލޯބި ކަލޭ މަރާކަށް ހުއްދައެއް ނުދޭ. މިޝްއަލް އެދުނު އެންމެފަހު އެދުމަކީ ކަލޭ ރައްކާތެރިކުރުން. ސޯ އޭނަ އަންނަން ދެން އައިމް ގޮނަ ބޭބީ ސިޓް ޔޫ." ކައިލްގެ ޖުމްލަ ނިންމާލައިފައި ވަށައިގެން ހޯދާލިގޮތުން އާދަޔާ ހިލާފް ކަމެއް ހިނގައިފި ކަހަލައެވެ. ހަފީޒާ ގޮވާލި އަޑު އައީ ޒޭބާ ކައިލްއަށް ބަލަހައްޓައިގެން ހުއްޓައެވެ.
ޒޭބާ އަވަސް އަވަހަށް ސިޑިން ތިރިއަށް ފައިބައިގެން ދިޔައިރު ސިޓިންރޫމް ސޯފާގައި ތިބި ބަޔަކާއި ހަފީޒާ ވާހަކަދައްކަނީއެވެ. ޒޭބާ ބަލައިލިއިރު އެއީ މެދުއުމުރަށް ދާ ފިރިހެނަކާއި މުސްކުޅިއެކެވެ. ޒޭބާ ފުރަތަމަވެސް އަޅައިގަތީ ވަށްކަޅިން ގޭގެ ހަތަރު ފަރާތަށް ލޯ ހިންގަމުން ދިޔަ މުސްކުޅިޔާގެ މޫނުގައެވެ.