ޒޭބާގެ ރީތި މޫނަށް ހިޔަނި އެޅިގެން ދިޔައެވެ. ވާންވީ އުފަލަށް ވުރެ ބޮޑަށް ހިތަށް ބިރުވެރިކަން ވަނެވެ. އަނގައިން ނުބުނެވިފައި ސިކުންތުކޮޅެއް ދިއުމުން މިޝްއަލް ޒޭބާގެ އަތްތިލައިގައި ހިފާ މަޑުމަޑުން ފިތާލިއެވެ. "ޒޭބް އުފަލެއް ނުވޭތަ؟" މިޝްއަލް ނިކަން ފަރުވާވެ ޒޭބާގެ މޫނަށް އަންނަމުންދިޔަ ބަދަލުތައް ދިރާސާ ކުރިއެވެ. "އުފާވޭ. ވަރަށް އުފާވޭ... އެކަމަކު..." ޒޭބާ ކުއްލިއަކަށް ހިނިތުންވެފައި ދެވަނަ ސިކުންތުގައި އަނެއްކާ ހިމޭންވިއެވެ. "ބިރުގަންނަނީތަ؟ ޒޭބް ކަންބޮޑުނުވޭ.... އަހަރެން އަބަދުވެސް ވާނީ ޒޭބް އާއި އެންމެ ކައިރީގައި." މިޝްއަލް ޒޭބާގެ ހާސްކަން ދުރުކޮށްދޭން މަސައްކަތް ކުރަނީއެވެ. އިންސާނަކަށް ނުވީތީ ޒޭބާގެ ހަގީގީ ނުތަނަވަސް ކަމަކީ ކޮބައިކަން ނުވިސްނުނީ ކަމަށް ވެދާނެއެވެ. ލޮލަށް ނުފެންނަ މީހަކާއި އިނދެގެން ލިބޭ ދަރިއަކަށް ދުނިޔެ ނަން ދޭނީ ކިހާ ހުތުރު އަކުރު ތަކަކުންކަން މިޝްއަލްއަށް ނޭނގެނީއެވެ. 

"މިޝްއަލް އައި ހޭވް އަ ޕްލޭން.... އަރްޖް ބޭނުން ވަނީ އަހަރެން ލޯބިވާ އެންމެންނާއި ވަކިން ދުރުގައި ގެންގުޅެން. އެކަމަކު އަހަރެން މިތަނަށް މިއައީ މުޅިން އެހެން ވިސްނުމަކައިގެން. އަހަންނަށް ދިމާވާ ކޮންމެ އުދަނގުލަކާއި ވޭނެއްގައި އަހަރެން ބޭނުންވަނީ ލޯބިވާ މީހުންގެ ގާތްކަން. ފިތުރަތުގައި ފުރިހަމަ އިންސާނެއްގެ މަގާމު ލިބިފައި ނެތޭ ކިޔާފައި ތޭވީސް އަހަރުވީ ހުރިހާ ގުޅުމެއް ކަނޑައެއް ނުލެވޭނެ.... މިޝްއަލް ބުނެބަލަ އަރްޖްއަށް އަހަރެން ނުފެންނަ ފަދަ މެޖިކެއް ނުހެދޭނެތަ؟ އޭނަ ބުނީ އަހަރެން މީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ބާރުގަދަ މަޚުލޫޤޭ.... އައިމް ޝުއަރ ކޮންމެވެސް ގޮތެއް އޮންނާނެކަން." ޒޭބާ ވާހަކަ ބަދަލުކޮށްލާފައި ވިސްނުން އެހެން ދިމާއަކަށް ބަދަލު ކޮށްލިއެވެ. އެންމެ ފުރަތަމަ ކަމަކަށްވާނީ ރައްކާތެރި ކަމެވެ. އިތުރު ކަމަކާއި ކުރިމަތި ލެވޭނީ ރައްކާތެރިކަން ލިބިގެންނެވެ.

" ޒޭބް.... އަހަރެންނަށް އިނގޭ ތިކަމުގައި އެހީ ވެވިދާނެ ފަދަ މީހެއް." މިޝްއަލް ވިސްނަން ހުރެފައި ބުނެލިއެވެ. "ސީރިއަސްލީ؟ ކާކު؟" ޒޭބާ ފުންމައިގެން ތެދުވެފައި އުންމީދީ އަޑަކުން ސުވާލު ކުރިއެވެ. "އަދި އެހާ އަވަހަށް ޔަގީން ނުކުރޭ. ފުރަތަމަ އަހަރެން ޖެހޭނީ އޭނަ ހޯދަން. ނޭނގެ މިހާރު ދުނިޔޭގައި ހުރި ކަމެއްވެސް. ޒޭބް ކިޔާއަޑުއަހަން ދޯ ފަންޑިތަވެރިންގެ ވާހަކަ. އެމީހުން ޖިންނީންގެ އެހީތެރިކަން ހޯދައިގެން އިންސާނުންނަށް ޖެހޭ ރޫޚާނީ ކަންތައް ރަނގަޅު ކުރާނެ. އެގޮތުން އަހަރެންގެ ބައްޕައަކީ ވަރަށް ގިނަ ޒަމާން ވަންދެން އިންސާނެއްގެ ހިދުމަތުގައި އުޅުނު ޖިންނިއެއް. އަހަރެންމީ ބައްޕަގެ ދަރިއަކަށްވީތީ އޭނަ އަހަރެންނަށް އެހީތެރި ވެދާނެ. މިބުނާ މީހަކީ ހަމައެކަނި ފަންޑިތަ ހަދާ މީހެއްނޫން. ޖިންނީންނާއި ބެހޭ އެތައް އިލްމެއް ހުރި މޮޅު މީހެއް... ތާރީޚުގެ ހާދިސާތައްވެސް ހިތުދަސްވާނެ. އެހެންވީމަ އޭނަ އާއި ހަމައަށް މިމައްސަލަ ގެންގޮއްސިއްޔާ ފަހަރުގައި ރަނގަޅު ޖަވާބެއް ލިބުން އެކަށީގެންވޭ." މިޝްއަލް ވާހަކަދައްކަމުން ތެދުވެފައި ޖިންސްގެ ޖީބަށް އަތް ޖަހައިލިއެވެ. 

މާވިން ގެއަށް އައީ ލޫސީގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމުގެ އުފާވެރި ޚަބަރާއިގެންނެވެ. ދެން އޭނާއަށް އަމިއްލަ ނަފްސާއިމެދު ވިސްނާލެވިދާނެއެވެ. ކޮޓަރިއަށް ވަންއިރު ނުލާހިކު ރީތިކޮށް ސާފުކޮށްފައި ހުރިހާ އެއްޗަކުން އޮފް އަރުވާލާފައި ހުރުމުން ހިތަށް ލިބުނީ އިތުރު ހަމަޖެހުމެކެވެ. ދާދި އަވަހަށް ލޫސީ ރަނގަޅުވެގެން އައިސް އެކޮޓަރީގައި ދިރިއުޅޭނެއޭ ހިތަށް އަރާފައި އަމިއްލައަށްވެސް ހިނިތުންވެވުނެވެ. ތުވާލި ބާއްވާފައި ސޯޓެއް ލައިގެން އައިސް އެނދުގައި ޖައްސާލި ތަނާ ނުހަނު ފަސޭހައިން މާވިންއަށް ނިދުނެވެ. އެދެލޯ ވަނީ ނިންޖަށް ބޭނުންވެފައެވެ. ހުވަފެނުގައި ފެނުނީ ކުރީ ދުވަހުގެ ހާދިސާ ތަކުރާރުވެގެންނެވެ. ހަމައެކަނި ތަފާތުވި ތަންކޮޅަކީ ނަރުސް ޔުނީފޯމްގައި ހުރި އަންހެން ކުއްޖާގެ ސޫރައެވެ.

"ޒޭބާ!" މާވިން ފުންމައިގެން ތެދުވި އިރު ނިއްކުރިން ދާ ތިކިތައް ފައިބައެވެ. އެހާ ރަނގަޅަށް ފެންވަރައިގެން އައިސް ފިނި ކޮޓަރި ތެރޭގައި އޮތްވާވެސް ދާހިލުނީއެވެ. ސުވާލު ތަކުން މާވިންގެ ސިކުނޑި ފުރުނެވެ. ލޫސީއަށް އެހެން ހެދި ކުއްޖާގެ ސޫރަ ޒޭބާ އާއި ވައްތަރުވާންވީ ސަބަބެއް ނުވިސްނުނެވެ. ޔަގީނުންވެސް އެއީ މާވިންގެ ހިތަށް އައި އެއްޗެއް ނޫނެވެ. އާންމުކޮށް ހުވަފެނުން ފެންނާނީ ދިމާވެފައިވާ ހުންނަ ކަންތަކާއި ކުރެވޭ ހިޔާލުތަކާއި ގުޅުން ހުންނަ ހާދިސާތަކެވެ. އެހެންނޫނަސް ޒޭބާ އެއީ ލޫސީއަށް ގެއްލުން ދޭން ދުވަހެއްގާވެސް ވިސްނާނެ ކުއްޖެއް ނޫނެވެ. މާވިން އެހުވަފެނުގެ ހަމަނުޖެހޭ ކަމާއި މެދު ވިސްނަމުން ގޮސް ބެލްކަންޏަށް ނިކުމެލި ތަނާ ޒޭބާގެ ކޮޓަރިން ވާހަކަދައްކާ އަޑު އިވުނުހެން ހީވިއެވެ. މާވިން ކަންފަތް ކޮޅަށް ޖަހައިލިއެވެ. އެއީ ހީވި ހީވުމެއް ނޫނެވެ. ޒޭބާ ކޮންމެވެސް މީހަކާއި ވާހަކަ ދައްކަނީއެވެ. އަދި މިޝްއަލްއޭ ބުނެލި އަޑު ރަނގަޅަށްވެސް ކަންފަތުގައި ހަރުލައިގެން ދިޔައެވެ. މާވިންގެ ހުރިހާ ހިއްސެއް ހޭލައްވާލިއެވެ. 

މިޝްއަލް އެއީ މީގެ ދުވަސްތަކެއް ކުރިން އެގެއަށް އައި ސެކިއުރިޓީގެ ނަމެވެ. އެއްދުވަހަކު ޒޭބާއަށް ލިބުނު އަނިޔާތަކަށްފަހު މިޝްއަލް ވަނީ ވީނުވީއެއް ނޭނގި އެގެއަށް އައުން ހުއްޓާލާފައެވެ. މާވިން އޭނާ އާއި ދެކޮޅަށް ޕޮލިސް ކޭސްއެއްވެސް ފައިލް ކުރިފަހުން ޒޭބާ އެވާހަކަތައް ދޮގުކޮށްގެން މިޝްއަލް ސަލާމަތްވީއެވެ.

އެނބުރި ގޮސް ކޮޓަރިއަށް ވަދެފައި ބޮލަށް ޓީޝާޓެއް މަހާލައިގެން މާވިން ނިކުތެވެ. އެއަށްފަހު ބާރު ބާރަށް ހިނގާފައި ގޮސް ޒޭބާގެ ކޮޓަރި ތަޅުގައި ހިފާ އަނބުރާލި ހާއިރުން އެދޮރު ހުޅުވިއްޖެއެވެ. ތަފާތު ކަމެއް ފާހަގައެއް ނުކުރެވުނެވެ. ޒޭބާ އިނީ އެނދުގައި އިށީންދެލައިގެން ބޭރު ބަލާށެވެ. އަތުގައި އޮތް މޯބައިލްގެ ސްކްރީން ދިއްލިފައި ހުރުމުން ދެންމެ ފޯނެއްކޮށް ނިންމާލި ކަހަލައެވެ. "ޒޭބް. ކިހިނެތް؟" މާވިން ކުރަން ބޭނުންވި ސުވާލު އޮއްބާލާފައި ކުޑަކޮށް ހިނިތުންވެލިއެވެ. "ފައިން. ހަފީ މަންމަ ގުޅާފަ ލޫސީ ރަނގަޅުވަމުން އަންނަ ވާހަކަ ބުނީމަ ވަރަށް ހެޕީ." ޒޭބާވެސް ރައްދުގައި ހިނިތުންވެލިއެވެ. މާވިން އިތުރަށް އެއްޗެއް ބުނަން އުޅެފައިވެސް ނިކުމެގެން ދިޔައެވެ. މިޝްއަލް ދުރުގައި ހުރެފައި ޒޭބާގެ ކައިރިއަށް އައީ ދެނެވެ. ޒޭބާގެ ހުއްދަ ލިބުމުން އެނބުރި ދާންވެގެން އެމޫނުގައި ބޮސްދިނެވެ. "އައި ވިލް ޓޭކް ކެއަރ." ޒޭބާ މިޝްއަލްގެ ހިތުގައި އޮތް އެތި އެނގިގެން ލުއި ހީލުމަކާއެކު ބުނެލިއެވެ. 

މެންދަން ވެގެން އައިއިރު ހުޅުވާފައިވާ ކުޑަދޮރުން ވަންނަމުންދިޔަ ވައިރޯޅިތަކުގައި ތެތް ފިނިކަމެއް އެކުލެވެމުން ދިޔައެވެ. ޒޭބާ އެނދުގެ ފަޑީގައި ބުރަކަށި ޖައްސާލައިގެން އިނދެގެން ބޭރު ބަލަމުން ދިޔައެވެ. ފުރަގަހަށް ދޫކޮށްލާފައި އޮތް ދިގު އިސްތަށިގަނޑުގެ ބައެއް ކޮނޑުމަތިން ކައްސާލައިގެން އައިސް ކުރިމައްޗަށް ވެއްޓިފައި އޮތެވެ. ނިދާ ބޮކީގެ ފަނޑު އަލީގައި އެމޫނާއި ލޮލުގައި އަޖައިބެއްފަދަ ވިދުވަރެއް އެކުލެވިފައި ވެއެވެ. ޒޭބާ ދެއަތްތިލައިން ބަނޑާއި ހިސާބުގައި ހިފަހައްޓާލައިގެން އިންއިރު ސިކުނޑީގައި އެތައް ހިޔާލެއް ބުރުޖަހަމުން ދިޔައެވެ. މިޝްއަލް ނިކުމެގެން ދިޔައީ ދާދި ދެންމެ އަކުއެވެ.

"ކޮބާ އެންމެ ސިއްރުން ކުރި ކަންތައް ފަޅާއެރީނު." ކައިލްގެ އަޑު އައީ ފުރަގަހުންނެވެ. ޒޭބާ އެނބުރި ބަލައިލި އިރު ކައިލް އުނުގައި ހުދު ތުވާއެއްޔެއް އޮޅައިގެން ފާޚާނާއިން ނިކުންނަނީއެވެ. ތެމިފައިވާ އިސްތަށިތައް ނިއްކުރިމައްޗަށް ފައިބާފައި އޮތްއިރު ލަސްލަހުން ނިއްކުރިއަށް ފައިބަމުންދިޔަ ފެންތިކިތައް އެކޯތާފަތުން ފިރުކިލާފައި ގޮސް ކޮނޑަށް ފުންމާލާފައި ދެން އަނެއްކާގޮސް ވިރިގެންދަނީ ތުވާލި ތެރެއަށެވެ. ޒޭބާގެ ހިތުގައި ރުޅިވެރިކަމުގެ އަލިފާންގަނޑު އަނދައިގެންފައިވެސް ކައިލް އެސޫރައިގައި ފެނުމުން ފާޑަކަށް ބަސް ހުސްވިއެވެ. އެބްރައުން ލޮލުގެ ވިދުން ގަދަވެ ތުންފަތުގެ ރަތްކަން އިތުރުވެފައިވާތީ އަޖައިބުވާހާ ފުރިހަމައެވެ. އެގޮތަށް އެއްމިޔަކަނުން ހިނިތުންވެލާއިރު ދުޝްމިނުންގެ ހިތްވެސް ލޯބިން ފުރާލާހައި ހިތްގައިމެވެ. އެއްސިފައެއްގައި ހުއްޓަސް މިޝްއަލްއަށްވުރެ ކައިލް ރީތިހެން ހީވަނީ އުޅޭއުޅުމުގައި ގެންގުޅޭ އަދާތަކުންނާއި ވާހަކަ ދެއްކުމުގައިވެސް އެގެންނަ ބައެއް ހަރަކާތްތަކުންނެވެ. ބައެއް އަންހެންކުދިންނަށް ވާގޮތަކީ ނުސިޔާނުވި ވަރަކަށް އެމީހަކާއިމެދު ގަޔާވާލެއް ބޮޑުވާނެއެވެ. އެކަމަކު މިޝްއަލްގެ ކިބައިގައި އެހުންނަ މަޑުމައިތިރި ކަމާއި އެހެންމީހުންގެ އިހްސާސްތަކަށް ޤަދަރުކުރާ ރީތި ސިފައަކީ ޒޭބާ އެންމެ ލޯބިކުރާ ދެސިފައެވެ.

"ކޮބާ ތީގެ މާނައަކީ؟" ޒޭބާ އެހާ މަޑުމައިތިރިކޮށް ވާހަކަދެއްކި ނަމަވެސް އަޑުގައިވި ރުޅިވެރިކަން ކައިލްއަށް އިހްސާސްވިއެވެ. ކައިލްގެ ހިނިތުންވުން ފުންވެގެން ދިޔައީ އެހެންވެއެވެ. ޒޭބާ ރުޅިއަރުވާލެވުމުން އެލިބޭ ހިތްހަމަޖެހުމަކީވެސް އަޖައިބެއްފަދަ އިހްސާސެކެވެ. "ހެހެ އިތުރަށް ތިލަކޮށްގެން މާނަ ބުނެދޭން އުޅެފިއްޔާ ޒޭބާ ގަންނާނީ ލަދު. އޭރުން ބުނާނެ ކައިލް ހާދަ ހަޔާތް ކުޑައޭ." ކައިލް އައިގޮތަށް އައިސް އަލަމާރި ހުޅުވާލާފައި ޓީޝާޓަކާއި ޖިންސެއް ނެގިއެވެ. "ހަޔާތްކުޑަ ނޫންނަމަ ތިގޮތަށް އަހާވެސް ނުލާ އައިސް އަހަރެންގެ ފާޚާނާއިން ފެނެއްނުވެރީސް. އަދި މަގޭ ތުވާއްޔޭ އަނދެގެންވެސް ތިހުންނަނީ. ގިވް އިޓް ޓުމީ." ޒޭބާ ރުޅިގަދަވެފައި ހަށަން ބަނދެލަމުން އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. "ހަމަ ދޭންވީތަ؟" ކައިލް ލޮލަށް ގޮތެއް ހަދާލާފައި އައިސް ކުރިމައްޗަށް ހުއްޓި ތުވާލި ނައްޓައިލަން ތައްޔާރުވިއެވެ. އެތަން ފެނިގެން ޒޭބާއަށް ހީވީ މެއަށް ފެންއެއްޗެއް އޮއްސާލި ހެންނެވެ. އަވަސްއަވަހަށް މޫނުގައި ދެއަތް އަޅާ ފޮރުވާފައި ދެތިން ފަހަރަށް ބޯހޫރާލެވުނެވެ. "މިޝްއަލްއަށް އެނގިއްޔާ ރުޅިއަންނާނެ ވަރު ކައިލްއަށް އެނގެ އެއްނު." ޒޭބާ ކައިލް ފޮނުވާލަންވެގެން ހަނދާން ކޮށްދިނެވެ. "އަހަރެން ބިރެއްނުގަނޭ." ކައިލް ޖަވާބު ދިނީ ހީގެންފައެވެ. ކައިލް ހިނގާ އަޑު އިވިގެން ޒޭބާ މޫނުން އަތްނެގިއިރު ލައިގެން ހުރީ މާވިންގެ ޖިންސަކާއި ޓީޝާޓެކެވެ.

"މިޝްއަލް ދިޔައީ ޒޭބް ބަލަން ހަވާލުކޮށްފަ. ދެން މިވަރުގެ ކަމެއްކޮށްދޭއިރު އަގެއްވެސް އޮންނަން ވާނެއްނު. ނޫންތަ؟" ކައިލް އަނެއްކާވެސް އެލާނެތް ހިނިތުންވުން ތުންފަތަށް ވެރިކޮށްގެން ގޮސް ކުޑަދޮރުމަތީގައި އިށީންދެއްޖެއެވެ. "ނުވާނެ އެހެނެއް. ކައިލް ދޮގު ހަދަނީ. ވެދިޔަ ހުރިހާ ކަމަކަށްފަހު މިޝްއަލް ފަހަރެއްގާވެސް އަހަރެން ކައިލްގެ ހަވާލުގައެއް ނުބަހައްޓާނެ." ޒޭބާ ފާޅުގައި ދެކޮޅުހެދިއެވެ. "ހަމައެހާ އިތުބާރު ކުރަންތަ؟" ކައިލް ހީވަނީ ޒޭބާއަށް މަލާމާތް ކުރާހެންނެވެ. " ކައިލްއަށް ކިހިނެތް ވިސްނޭނީ ކައިލްގެ ނެތެއްނު ގާރލްއެއްވެސް. އޯހ ޕުއަރ ކައިލް..." ޒޭބާ ހަމަ ފާޅުގައި ކައިލް ރުޅިއަރުވަން ވެގެން އަނގަޔަށް ގޮތެއް ހަދައިލިއެވެ. އެއަޑު އަހާފައި ކައިލް ހީވީ ވައިރޯޅިއެއް ހެންނެވެ. ބަސްބުނާހައި ކުޑަހިނދުކޮޅެއްގެ ތެރޭގައި ކައިލް އިނީ މޫނާއި މޫނު ޖެހޭހައި ކައިރީގައި ޒޭބާއަށް ބަލަހައްޓައިގެންނެވެ. ޒޭބާ ލާން އުޅުނު ނޭވާ ކަރުތެރޭގައި ތާށިވެ ޖެހިލުންވެފައިވާ ނަޒަރަކުން އެލޮލަށް ބަލަހައްޓައިގެން އިނދެވުނެވެ. 

"ތީ ހީވާގޮތް. އަހަރެން ބޭނުންނަމަ ޒޭބާ ވެސް މިޝްއަލްގެ ކިބައިން ޖަހައިގަނެގެން އަހަރެންގެ މިލްކަކަށް ހަދާނަން. އިނގޭ ދޯ މިބުނީ ކީކޭކަން. އަހަރެން އެކަނި މިހުންނަނީ މިގޮތް ބޭނުންވާތީ. ދެން ދުވަހަކުވެސް ތިޔަފަދަ އެއްޗެއް ނުބުނާތި!" ކައިލް އިންޒާރެއް ފަދައިން އެވާހަކަތައް ބުނެލާފައި ތެދުވެގެން ދުރަށް ޖެހިލުމުން ޒޭބާ ބޭރަށް ނޭވާ ދޫކޮށްލިއެވެ. އަދިވެސް ހިތުގެ ތެޅުމެއް ހަމައަކަށް ނޭޅެއެވެ. އެކަމަކު ކައިލްގެ ކުރިމަތީގައި ޖެހިލުންވިކަން އަންގާހިތެއް ނުވިއެވެ. "ކިހިނެތް ގަބޫލު ކުރާނީ؟ ތީ ތިގޮތަށް އުޅޭ އެންމެންވެސް ކިޔާ އެއްޗެއް. އެކަމަކު ލޮލަށް މިފެންނަނީ ތިބުނާ އެއްޗެއްގެ އިދިކޮޅު. ކުޑައިރުގެ ލޯބިވެރިޔާ ގެއްލުނީއޭ ތިކިޔާ ވާހަކަ އާއި މެދުވެސް ޝައްކު. އަނެއްކާ ކައިލްގެ ގޮތް އެނގިގެން އޭނަ އަމިއްލައަކަށް ނޫންތަ މަރުވީ؟" މިޝްއަލް ދިފާޢުކުރަން ހަދައިގެން ކައިލްގެ ހިތަށް އަނިޔާ ކުރެވުނު އިރުވެސް ހުއްޓާލާކަށް ނޭނގުނެވެ. ވިސްނުނު އިރު މާލަސްވެއްޖެއެވެ. 

ޒޭބާ އެންމެ ހައިރާންވީ ކައިލްގެ ފަރާތުން ރައްދު ހަމަލައެއް ނައިތީއެވެ. ޒޭބާ ބަލައިލިއިރު ކައިލް އަދިވެސް ބަލަހައްޓައިގެން ހުރީ ޒޭބާ އަށެވެ. އެވަގުތު އެދެލޮލުން މުޅިން އާދަޔާ ޙިލާފް އަސަރުތަކެއް ޒޭބާ އެދުށީ ފުރަތަމަ ފަހަރަށެވެ. ދުނިޔޭގެ ހުރިހާ ހިތާމައެއް މިވަގުތު ކައިލްގެ ދެލޮލަށް ޖަމާވެފައިވާ ކަހަލައެވެ. ޒޭބާގެ ގައިން ހީބިހި ނަގައި ދެލޮލުން ކަރުނަ ފާއްދާލީ އަމިއްލަ އިޙުތިޔާރަކު ނޫނެވެ. ޖެހިލުންވެފައިވާ ގޮތަކަށް ހިންދިރުވާލާފައި ކައިލް އެއްޗެއް ބުނޭތޯ އިންތިޒާރު ކުރެވުނެވެ. "މެލީސާ މަރެއްނުވޭ." ކައިލް ބުނެލީ ހަމައެކަނި އެހެންނެވެ. ދެން ހަމަ ސިކުންތެއްގެ ތެރޭގައި ޖެހިލި ވައިރޯޅިހެން ލޯމަތިން ގެއްލިއްޖެއެވެ. "މެލީސާ." ޒޭބާ ހިޔާލުތަކުތެރެއަށް ގެނބެމުން އެނަން ތަކުރާރުކޮށްލިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ކައިލް ބުނެލާފައި އެދިޔަ ނަން އެއީ އޭނާ ދަންނަ ނަމެއް ކަމުގައި ހިތުގެ ކަނަކުން ގޮވާލިއެވެ.

މާވިން ދަންވަރުގެ ޑިއުޓީއަށް ދާންވެގެން ތައްޔާރުވެފައި ކޮޓަރިން ނިކުމެގެން ދަނިކޮށް ޒޭބާ ހޮޑުލާ އަޑު އިވުނެވެ. އަވަސް އަވަހަށް އެކޮޓަރީގެ ދޮރު ހުޅުވާލިއިރު ޒޭބާ ފެންނާކަށް ނެތެވެ. އަޑު އަންނަނީ ފާޚާނާ ތެރެއިންނެވެ. "ޒޭބް. ވަޓްސް ގޯއިން އޮން؟" މާވިން ދިގު ފިޔަވަޅުތަކެއްގައި ގޮސް ފާޚާނާގެ ދޮރުމައްޗަށް އެރިއިރު ޒޭބާ ފާޚާނާތަށި ތެރެއަށް ބޯ އެލުވާލައިގެން އޮވެ ހޮޑުލަނީއެވެ. އަވަސް އަވަހަށް ގޮސް ކައިރިވެލާފައި ޒޭބާގެ ނިއްކުރީގައި މާވިންގެ ދެއަތުން ހިފަހައްޓާ ޒޭބާއަށް ފަސޭހަވާނެހެން ކަންތައްކުރިއެވެ. "މިހާރު އޯކޭ." ބަލި އަޑަކުން ޒޭބާ ބުނެލިއެވެ. މާވިން ފާޚާނާ ފްލެޝްކޮށްލާފައި ޒޭބާގެ އަތުގައި ހިފާ ނެގިހާއިރުން ޒޭބާއަށް ކޮޅަށް ނުހުރެވިގެން އައިސް މާވިންގެ ގައިގައި ތަތްވިއެވެ. ހޭވިފައިވާ އެއިސްތަށިގަނޑު ކަޅުކުލަ ގަދަވެފައި ދިގުކަމުން މާވިންވެސް ހައިރާންވާން ޖެހުނެވެ. ޒޭބާ ގެންގޮސް އެނދުގައި ބައިންދާފައި ބުރަކަށި ދަށަށް ބާލީހެއް ލައްވާލަމުން މާވިން ދެން އަވަސްވެގަތީ ފެންފޮދެއް ދޭށެވެ. މޭޒުމަތީ ހުރި ޖަގުން ފެންތައްޓެއް އަޅާ ފުރާލާފައި ޒޭބާގެ ތުނބުގައި ޖެއްސުމާއެކު ލަސްލަހުން ދެ ކޯވަރު ބޯލާފައި އަތުން ޖައްސާ ތަށި ދުރުކޮށްލިއެވެ. 

"ޒޭބް. އަހަރެން މިދަނީ މަންމަ ފޮނުވަން ވެގެން. އެކަމަކު ޒޭބް ތިހާލުގައި އިންދާ...." މާވިންގެ ޖުމްލަ ފުރިހަމަ ނުވަނީސް ޒޭބާ ވާހަކަދެއްކިއެވެ. "އަހަރެން މިއުޅެނީ ނިދާލަން. މާވިން ދިޔަޔަސް ރަނގަޅު ވާނެ. މަންމަ ފޮނުވަން ދޭ!" ޒޭބާ އެނދުމައްޗަށް ހަށިގަނޑު ދޫކޮށްލަމުން ލޯމަރައިލިއެވެ. މާވިން ކަންބޮޑުވެފައި ހުރެވެސް ދާން ނިންމީ ޒޭބާއަށް ބޮޑަށް ރަނގަޅު ވާނީ ހަފީޒާ އައިސްގެން ކަމަށް ވިސްނިފައެވެ. ދޮރާއި ހަމައަށް ނިކުމެފައި ކައިރީގައި އުޅޭ ރަށްޓެއްސަކަށް ގުޅައިގެން އެގެއަށް އައިސްދިނުމަށް އެދުނެވެ. ފެރީ ޓާމިނަލާއި ދިމާއަށް ދާން ހިނގައިގަތީ އެކުވެރިޔާ އައިސް އެގޭ ދޮރުމައްޗަށް އެރިފަހުންނެވެ. ދިޔަ މަގުމަތީގައި ހަފީޒާއަށް ގުޅާފައި ޒޭބާގެ ވާހަކަ ކިޔައިދިނެވެ. މާވިންއަށް ދެވުނުއިރު ހަފީޒާ ހުރީ ދޮރުމައްޗަށް ނިކުމެއެވެ. މާވިން ހަމަ ފެނުނުއިރަށް އުފާވެރިކަމުގެ ޚަބަރުދީފައި ދާންވެގެން ނައްޓާލިއެވެ. 

ލޫސީ ލޯ ހުޅުވައިލި ޚަބަރު ލިބިގެން މާވިންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ދިގު ފިޔަވަޅުތަކެއްގައި ލޫސީ އޮންނަ ރޫމާއި ދިމާއަށް ދިޔައިރު ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ. ލޫސީ ދެކޭ ހިތުން އެދެލޯ ކެތްތެރިކަން ކުޑަވެއްޖެއެވެ. މާވިންއަށް ދޮރާއި ހަމައަށް ދެވުނުފަހުން ނަރުސް ކުއްޖަކު ނިކުމެފައި ލޫސީ މާވިން ހޯދަން ބޭނުންވާ ވާހަކަ ބުނުމުން އިތުރަށް ހިތް އަވަސްވެލިއެވެ. ނަރުސް ބުނެލީ ލޫސީ އަދި އެ ވާހަކަދެއްކީ ކަމަށާއި ފުރަތަމަވެސް އެދުނީ މާވިން ގެނެސްދިނުމަށް ކަމަށެވެ.

"ހޭއި ބޭބް!" މާވިން އެތެރެއަށް ވަދެފައި އަވަސް އަވަހަށް ގޮސް ލޫސީގެ މަގަތުގައި އިށީންދެ އަތުގައި ހިފާލިއެވެ. އެއަޑަށް ލޫސީ ލޯ ހުޅުވައިލި ނަމަވެސް އެމޫނުން އުފާވެރިކަމެއް ނުފެނުނެވެ. ބަދަލުގައި ލޫސީގެ ދެލޯ ހެކިދިނީ ބޮޑު ކަމެއް ވެއްޖެ ކަމުގައެވެ. "މާވިން. އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުން." ލޫސީ އެހެން ބުނެލިއިރު އެދެލޮލުން މާވިންއަށް ބިރުވެރިކަން ފެނުނެވެ. 

ކޮމެންޓް 0