މާހައުލަށް ވެރިވެފައި ވަނީ މަރުފަދަ ހިމޭން ކަމެވެ. މިޝްއަލް ހީވަނީ ޒޭބާގެ ކުރިމަތީ ބަހައްޓާފައި ހުރި ތަސްވީރެއް ހެންނެވެ. އަނެއްކޮޅުން ޒޭބާ އިނީ ނޭވާ ހިފަހައްޓައި ގެންނެވެ. ފަންކާގެ ވަޔާ އެކު ޒޭބާގެ ބުޅި އިސްތަށިތައް ދިރޭ ނަންނުގަތި ތަކެއްފަދައިން އެ ދޮން ކަނދުރައިގައި ބޮސްދެމުން ސަމާސަ ކުރަމުން ދިޔައެވެ. ނިދީގެ އަސަރު އެކުލެވިފައިވާ މޫނަށް ނިދާބޮކީގެ އަލި އެޅިފައި ހުރުމުން އަޖައިބެއްފަދަ ހިތްގައިމު ކަމެއް ހުއްޓެވެ. އެހެން ޒޭބާގެ މޫނަށް ބަލަން ހުރެ މުޅި އުމުރު ދުއްވާލަން ޖެހުނަސް މިޝްއަލް އަށް ކަމެއް ނޫނެވެ. އެކަމަކު މިރޭ އޭނަ އައިސް އެހުރީ ހާއްސަ މަގުސަދެއް ގައެވެ. ޒޭބާ ކުރާ ކޮންމެ ސުވާލަކަށް އޭނާ މިރޭ ޖަވާބު ދޭން ބޭނުންވެއެވެ. މިޝްއަލް އިންތިޒާރު ކުރިއެވެ. އެކަމަކު ޒޭބާ އަނގައަކުން ނުބުންޏެވެ. މިޝްއަލް ފެނިގެން ޒޭބާގެ ދޫ ބަންދު ވީ ހެއްޔެވެ؟ ނޫނީ ދައުވަތު ދެވުނު ކަމަށްޓަކައި މޮޔަ ހިތަށް އެރީ ބާވައެވެ؟ އެނބުރި ދާންވީ ކަމެއް އެތާގައި ހުންނަންވީ ކަމެއް މިޝްއަލް އަކަށް ނޭނގުނެވެ. ޒޭބާގެ ވިސްނުމާއި، ހިތުތެރޭގައިވާ އެއްޗެއް ދެނެގަތުމަށްޓަކައި މިޝްއަލް ނުކުޅެދުނު ފުރަތަމަ ފަހަރަކީ އެއީ އެވެ. އެމޫނު މަތީ ގައި ވަނީ ތަރުޖަމާ ކުރަން ދަތި އަސަރެކެވެ. 

"ފަސްޓް އޮފް އޯލް، އަހަރެން ޒޭބާއަށް ހާޓް އެއް ނުކުރާނަން. އައި ޕްރޮމިސް." މިޝްއަލް ކަޅިވެސް ޖަހައި ނުލާ ޒޭބާއަށް ބަލަން ހުރެފައި އަވަސް އަވަހަށް ބުނެލިއެވެ. ހީވީ ބުނެލާ ބަހަކުންވެސް ޒޭބާއަށް ގޮތެއް ވެދާނެތީ ބިރުން އުޅުނު ހެންނެވެ. ޒޭބާ ގަދަކަމުން ހިންދިރުވައިލައިފައި ފިނިވަމުން ދިޔަ ދެއަތްތިލަ ގުޅުވާލިއެވެ. ކަރުތެރެ ހިކިފައި ވުމުން ވާހަކަ ދައްކަން އުދަނގޫވިއެވެ. ކޮޓަރިތެރޭގައި ފިނި ހިފައިފައި ވަނިކޮށްވެސް ޒޭބާގެ ނިއްކުރިން ދާތިކި ހިލެން ފެށިއެވެ. މިޝްއަލް ހުންނަން ޖެހުނީ ހިތުގައި ހިފަހައްޓައިލައިގެން ދުރުގައެވެ. ޒޭބާގެ އެ ނުތަނަސްކަން ދުރުކޮށް ދިނުމަށްޓަކައި އެހަށިގަނޑު މެޔާލައި ބޮނޑިކޮށްލަން އެދި އެދި ވިއަސް މަޖުބޫރުވެފައެވެ. ބާރު ހުރެވެސް ބާރުގެ ބޭނުން ކުރަން ނުކެރިފައެވެ. މިޝްއަލް ބޭނުންނަމަ އެންމެ ބަލައިލުމަކުން ޒޭބާގެ ސިކުނޑި އާއި ކުޅެލައި އެހިތުގައިވާ ހުރިހާ ބިރެއް ނެތިކޮށްލެވިދާނެއެވެ. އެކަމަކު މިއަދު އޭނާ ވަޢުދު ވެގެން އެ ހުންނަނީ ހަގީގަތާއި ކުރިމަތި ލުމަށެވެ. އަމިއްލަ ނަފްސާއިމެދު ތެދުވެރި ވުމަށެވެ. 

"ތީ ކާކު؟ މިބުނީ... މިބުނީ ތީ އިންސާނަކަށް ނުވަންޏާ ތީ ކޮން ކަހަލަ.....؟" ޒޭބާ އެވަރަށް މަސައްކަތް ކުރީމައިވެސް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އެންމެ ފަހުބަސް ބުނަން ވާއިރަށް އަޑު އޮބިގެން ދިޔައީއެވެ. "ވެލް.. އަހަރެންނަކީވެސް މާތްﷲ ހައްދަވައި މިދުނިޔެ މައްޗަށް ފޮނުވައިފައި ވާ މަހުލޫޤެއް. އިންސާނުންނާއި އަހަރެމެންގެ ތަފާތަކީ އަހަރެމެން ހެއްދެވީ ދުން ނާރާ އަލިފާނުން ކަމަށް ވީކަން. އަދި އަހަރެމެންނަށް އާދަޔާ ޚިލާފް ބާރުތަކެއް ދެއްވައިފައި ވާކަން... މިހާ ވަރަށް ބުނެދިނީމަ އެނގޭނެ ކަންނޭނގެ. އިތުރަށްވެސް ބުނެދީފާނަން. ޒޭބާ އަހަރެންނަކީ ޖިންނި އެއް." މިޝްއަލް ފޮރުވުމެއް ނެތި ފާޅުކޮށްލިއެވެ. ޒޭބާގެ ހަށީގައިވާ ހުރިހާ ލޯއްޔެއް ކޮޅަށް އުފުލުނެވެ. ލޭ ނާރުތަކުގައި ގަނޑު ފެނުގެ ރާޅެއް ދުވެލި ހެން ހީވިއެވެ. އެރީތި ލޮލުން ކަރުނަ ހިލުނީ އެސްފިޔަޖަހައިލަން ހަނދާން ނެތިފައި ގިނައިރު ވުމުންނެވެ. ނޭވާ ލެވުނީ ނޭވާކޮޅަށް ގޮސް ފުރާނަ ނިކުންނަން އުޅޭ ހިސާބަށް ދިޔަފަހުންނެވެ. ޒޭބާގެ މުޅި އުމުރުގައިވެސް އައި އެންމެ ހައިރާން ކުރުވަނިވި ވަގުތު ކޮޅެވެ. ބައެއް ކަހަލަ ހިތް ދެރަ މީހުންގެ ބުއްދިފިލައި ދާ ފަދަ ހިނދުކޮޅެކެވެ. މިރޭ ލޯ ކުރިމަތީގައި މިވަނީ ހުވަފެނެއްގައި ވެސް ދެކެފައި ނުވާ ހަގީގަތެކެވެ. އިތުރަށް ކިތަންމެ ސުވާލެއް ޒޭބާގެ ހިތުގައި ވެއެވެ. އެކަމަކު އޭނާ އިނީ އަނގައިން ނުބުނެވިފައެވެ.

"އަހަރެންނާއި އަހަރެންގެ އާއިލާ ދިރިއުޅުނީ މިގޭގައި އެހެރަ ހުވަނދުމާ ގަހުގައި. އެއީ އަހަރުމެންގެ ގެ. ޒޭބާގެ އާއިލާ މިގެއަށް އައީއްސުރެ އަހަރެން ޒޭބާ ދެކެން. އެކަމަކު އާއިލާގައި އޮންނަ ރޫލްއަކީ އެއްވެސް އިންސިއަކާއި ގޯނާ ނުކުރުން. ގުޅުމެއް ބޭއްވުން އެއްކިބައިގައި އޮތްވާ އިންސިއަކާއި ވައިވެސް ނޭޅުމަށް އޮންނަނީ އަމުރުކޮށްފައި. ދެން ކުއްލިއަކަށް ޒޭބާގެ ފަސްވަނަ އުފަންދުވަހު ޒޭބާ އައިސް ވަނީ އަހަރެންގެ ގެއަށް. އަހަރެންނަށް ޒޭބާ ކަމުދިޔަ ވަގުތު ކޮޅަކީ އެއީ. ނަސީބު ރަނގަޅުކަމުން ގޭގައި އިތުރު މީހަކު ނެތް ވަގުތެއް އެއީ. ބޮޑެތި މީހުން އެންގުން ކިތަންމެ ސާފު ނަމަވެސް އެދުވަހަށްފަހު އަހަރެންނަށް ޒޭބާ އާއި ވައްކެއްނުވެވުނު. އެއަށްފަހު އަހަރެން ޒޭބާ އާއި ބައްދަލު ކުރަމުން އައީ އެހެން މީހުންނަށް ސިއްރުން. ދެން ކަންތައްވީ މާކުރިއްސުރެ އަހަރެން ބިރުން އުޅުނު ގޮތަށް. ޒޭބާގެ ބައްޕައަށް އަހަރުމެންގެ ގުޅުން ފަޅާއަރައިގެން ގެއަށް ގެނަ މީހަކު ލައްވާ އަހަރުމެން ފައްސާލުމުގެ މަސައްކަތް ފަށައިފި. އަހަރެންގެ ސަބަބުން އަނިޔާ ލިބުނީ މަންމައަށް. އަދި އަހަރެމެންގެ ގެ ވެސް ކޮށައި ހަލާކު ކޮށްލައިފި. މިތަން ދޫކޮށް ދާން ބައްޕަ ނިންމީ އެއަށްފަހު. އަހަރެންނާއި ޒޭބާ ވަކިވި ގޮތަކީ އެއީ." މިޝްއަލް އެހުރި ފިޔަވަޅު މަތީ ހުރެގެން ހުރިހާ ވާހަކައެއް ކިޔައި ނިންމައިލިއެވެ. 

"ދެން... ތި އާއިލާގެ މީހުން ބަދަލު ހިފަން މަސައްކަތެއް ނުކުރޭތަ؟" ޒޭބާއަށް ކުޑަ ހިތްވަރެއް ލިބިގެން އަހައިލިއެވެ. އެކަމަކު އަދިވެސް ހަށިގަނޑަށް ގުޑުމެއް އަރުވައެއް ނުލައެވެ. "އެކަން އެގޮތަށް ދިމާވީ އަހަރެންގެ ސަބަބުން. އެކަން އެންމެން ގަބޫލު ކުރި. އަދި އެހެންނޫނަސް އަހަރުމެންގެ އާއިލާ ވަރަށް ތަފާތު. އަހަރެމެންނަކީ މާތްﷲ އަށް އީމާންވާ މުއުމިނުންގެ ތެރޭގައި ހިމެނޭ ބައެއް. ބަދަލު ހިފުމަކީ ގޯސް ކަމެއްގެ ގޮތުގައި ކުޑައިރުއްސުރެ އެންމެންނަށް ބުނެދީފައި އޮންނަނީ." މިޝްއަލް ޖަވާބު ދިނެވެ. މަޑުމަޑުން ޒޭބާގެ ހިތުގެ ނުތަނަވަސްކަން ދުރުވަމުން ދިޔައެވެ. މިޝްއަލް އަކީ އޭނާ ހީކުރި ކަހަލަ މަހުލޫޤެއް ނޫނެވެ. އެއީހަމަ އޭނާ ފަދަ މުސްލިމެކެވެ. މާތްﷲ އަށް އިމާންވާ އެކަލާނގެ އަޅުތަކުން ތެރެއިން އެކަކެވެ. ހަމައެކަނި ތަފާތަކީ އެއީ އިންސިއަކަށް ނުވިކަމެވެ. އިންސީންނަށް ނުދެއްވާ ބާރުތަކެއް މިޝްއަލްގެ ހުރި ކަމެވެ. ކޮންފަދަ އަޖައިބު ކުރުވަނިވި ހަގީގަތެއް ހެއްޔެވެ؟ ޅައިރުއްސުރެ ޒޭބާގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި އުޅެފައި ވަނީ ޖިންނި އެކެވެ. މުޅިން ތަފާތު ދެ މަހުލޫޤެއްގެ މެދުގައި އެފަދަ ގާތް ގުޅުމެއް އުފެދި ދާނެކަމަށް ބުއްދިވެސް ގަބޫލު ނުކުރާނެއެވެ. އެހެނަސް މިޝްއަލް އާއި ޒޭބާ އެކަން ސާބިތު ކޮށްދީފިއެވެ. ގުޅުމާއި އިހްސާސަކީ ވަކި ބަޔަކަށް ވަކި ޖީލަކަށް ހާއްސަވެފައިވާ ކަމެއް ނޫނެވެ.

ފަތިސް ވާންދެން އެދެމެދުގައި އެތައް ވާހަކައެއް ދެކެވުނެވެ. މަޑުމަޑުން ޒޭބާގެ ބިރުފިލައި މިޝްއަލް އާއި މެދު އެ ހިތް ސާފުވަމުން ދިޔައެވެ. ޒޭބާގެ ހަނދާނުގައި ނެތް އެތައް ވާހަކަތަކެއް މިޝްއަލް ކިޔައިދިނެވެ. ޅައިރުގެ އެ ހާދިސާތައް ހަނދާންވެފައި ހިޔާލުތަކުގައި ބަނދެވިގެން ހިނދުކޮޅަކަށް ދެޒުވާނުންމެ ހިމޭންވިއެވެ. މާހައުލުގެ ހިމޭންކަން ނަގާލީ ޒޭބާގެ އަނގައިން ނިކުންނަން ފެށި ލުއި ހުނުމުގެ އަޑެވެ. ދިމާވެފައިވާ މަޖާ ކަމެއްގެ މަތިން ހަނދާންވީއެވެ. މިޝްއަލްގެ ނަޒަރު ޒޭބާއަށް ހުއްޓިފައި އިހުތިޔާރަކާ ނުލައި ހިނިތުން ވެވުނެވެ. ޒޭބާ އެގޮތަށް ހޭއިރު އެއީ މިޝްއަލް އެންމެ ދެކެން ބޭނުން އެއް މަންޒަރެވެ. މިޝްއަލް ބަލާކަން ޒޭބާއަށް އިހްސާސް ވީ ކުޑައިރުކޮޅެއް ފަހުންނެވެ. ރަކިވެގެން އިސްއޮބައިލެވުނު އިރު މުޅިމޫނު ހީވަނީ ރަތްކަމުން ޗެރީ އެއް ހެންނެވެ. މިޝްއަލްގެ ތޫނު ބެލުމަކީ ދެކޭ ކޮންމެ އަންހެން ކުއްޖެއްގެ ހިތް ވިރުވައިލާފަދަ ބެލުމެކެވެ. ދެން އަލުން އިސްނަގާނެ ހިތްވަރެއްވެސް ޒޭބާގެ ނެތެވެ. ކުރާނެ ކަމެއް ނޭނގިގެން ދެދަތްޕިލަ ދޭތެރޭގައި ޝަހާދަތް އިނގިލި ފިއްތަން ފެށިގޮތުން އަނގައިގައި ލޭ ރަހަ ނުލަނީސް ހުއްޓައިނުލާނެހެން ހީވިއެވެ. މިޝްއަލް އެސްފިޔަޖަހައިނުލައި ހުރެގެން ނިކަން ރަނގަޅަށް އެ ފުރުސަތުގެ ބޭނުން ހިފިއެވެ. މޭގެ ތެރޭގައި އޮތް ހިތަށް ކުޅަދާނަ ނުވެގެން ދިޔައިރުވެސް ކެތްކޮށްލައިގެން ހުރެ ދުރުން އެރީތި އަންހެންކުއްޖާއަށް ބަލަމުން ދިޔައެވެ. 

"އޯހް ގާރލް. ކުށެއް ނެތް ތި ރީތި އިނގިއްޔަށް އަނިޔާ ނުކޮށްބަލަ؟" މިޝްއަލް ވާހަކަ ދެއްކި އަޑަށް ޒޭބާ އަވަސްއަވަހަށް އިނގިލި ދަމައިގަތެވެ. އެކަމަކު އިސްއުފުލައި ލާކަށް ނުކެރުނެވެ. " ހޫމްމްމްމް... މިއާދެވުނީ އަހަރެން އެންމެ ނަފްރަތު ކުރާ ޕާޓަށް. ވަކިވުމުގެ ޕާޓް." މިޝްއަލް ފުން ނޭވަ އެއް ލިއެވެ. އެއަޑަށް ޒޭބާ ހައިރާންވެފައި ގަޑި ބަލައިލިއެވެ. މިޝްއަލް ބުނީ ތެދެކެވެ. ނުވެސް އެނގިހުއްޓާ ފަތިސްވީއެވެ. ޒޭބާ ހަމަ ހައިރާންވެއްޖެއެވެ. އެހާ އަވަހަށް ވަގުތު ހިނގައި ހެއްޔެވެ؟ އަދި އެކަމަކު ގަޑިއެއްގެ އިރުވެސް ފާއިތުވިހެނެއް ހިއެއްނުވެއެވެ. ޒޭބާ ހިތާއިހިތުން ވާހަކަދެއްކިއެވެ. "އަދި ބައިވަރު ސުވާލު އެބަހުރި." ޒޭބާ މިޝްއަލް އާއި ހަތަރުކަޅި ހަމަކޮށްލައިފައި އަވަސްއަވަހަށް ބުނެލިއެވެ. ހީވީ މިޝްއަލް ދެން ނައިއްސާނެތީ ކުރީބައިގައި ކުރި އަމުރެއް ހެންނެވެ. ޒޭބާގެ އެ ބޭގަރާރުކަން މިޝްއަލްގެ ހިތަށް އުފާވެރިކަން ގެނައެވެ. ނުހަނު ރީތި ހިނިތުންވުމަކާއިއެކު މިޝްއަލް ޒޭބާއަށް ބަލައިލިއެވެ. "ސީޔޫ..." ޒޭބާ ރައްދުގައި ހިނިތުންވެލައިފައި ކަނާއަތް ހިތްލާލަމުން ހަނާ އަޅައިލިއެވެ. އިތުރަށް އެންމެ ފަހަރަކު އެސްފިޔަޖަހައިލިއިރު މިޝްއަލް ފެންނާކަށް ނެތެވެ. 

ޒޭބާ ތިރީ ތުންފަތުގައި ދަތްއަޅާލަމުން އިންގޮތަށް އިނދެފައި ފަހަތަށް ވެއްޓިގަތެވެ. އުނަގަނޑަށްވުރެ ތިރީގައި އޮތް ބޯ ރަޖާ ދަމައި ގެނެސް މޫނާއިއެކު ފޮރުވައިލައިފައި ޒޭބާ ހޭން ފެށިއެވެ. އުފަލުން އޭނާ މޮޔަވަނީއެވެ. އެންމެ ރެއެއްގެ ތެރޭގައި ހުރިހާ ކަމެއް އިދިކޮޅަށް ޖެހުނީއެވެ. އިންސާނާގެ ހިތަކީ އަޖައިބެއްފަދަ މަސްކޮޅެކެވެ. ސިކުންތެއްގެ ތެރޭގައިވެސް އެތައް ހާސް ގޮތަކަށް އެ ހިތް މަސައްކަތް ކުރެއެވެ. ހީ ނުކުރާފަދަ ނިންމުންތައް ނިންމައި ތިމާގެ ދުނިޔެ ބަދަލުކޮށްލައެވެ. 

ޒޭބާ އިތުރަށް ނިދާކަށް ނުހަދައެވެ. ބަންގި ނިމޭއިރަށް ތެދުވެ ނަމާދު ކޮށްލައިގެން ތިރިއަށް ފައިބައިފިއެވެ. ހޫނު ކޮފީއަކުން ސިކުނޑިއަށް އިތުރު ތާޒާކަމެއް ހޯދައިދެމުން ގޭގެ ދޮރު ހުޅުވާލި ތަނާ މޫނުގައި އައިސް ބީހިލި ފިނި ވައިރޯޅިން މުޅިހަށިގަނޑު ތުރުތުރު ލައިގެން ދިޔައެވެ. ދެދަތްޕިލާ ކުޑަކޮށް ގޭނިގެން ދިއުމުން ޒޭބާއަށް ހެވުނެވެ. ކޮފީގެ މީރުވަހާއި ފަތިހުގެ ތާޒާ ވައިރޯޅިތައް އެކުވެގެން ޒޭބާގެ އުފާވެރި ހިތް ނަށުވާލިއެވެ. އިރު އަރާނީ ކިހާ އަވަހަކަށް ބާވައޭ ހިތަށް އެރިއެވެ. މާބޮޑަށް އުފާވެއްޖެނަމަ އެ އިހްސާސް އެކަނި ހިތުގައި ހިފަހައްޓައިލެވޭ ވަރަށްވުރެ ޒޭބާ ހިތް ބައްޔެވެ. އެފަދަ ކޮންމެ ވަގުތެއްގައި ޒޭބާ ހޯދަނީ ލޫސީއެވެ. އޮސްޓްރޭލިޔާގައި އުޅުނުއިރުވެސް ކަމެއްވާއިރަށް ލޫސީއަށް ގުޅައެވެ. ލޫސީ ދަންވަރު ނިދައިފައި އޮތަސް ޒޭބާއަށް ކެތްނުވެގެން އުދަނގޫ ކުރެއެވެ.

ޒޭބާއަށް އިތުރަށް ކެތްނުވެގެން އަށެއް ޖެހިތަނާ ލޫސީއަށް ގޮވައިގެން ހޭލައްވައިފިއެވެ. ލޫސީ ތެދުވެގެން އައިއިރު ޒޭބާ އިނީ ލެޕްޓޮޕް ހުޅުވައިގެން ޑިޒައިންތަކެއް ބަލާށެވެ. ސެލޫންގައި ފަރނީޗަރ އަތުރައި އެތެރެ ޑިޒައިން ކުރާނެ ގޮތާއިމެދު މިހާރުއްސުރެ ޒޭބާ ވިސްނަން ފަށައިފިއެވެ. އެހެން އިންއިރު ޒޭބާ ލަވައެއް ކިޔަމުން ދިޔައެވެ. ލޫސީ ގޮސް ފަހަތުގައި ހުއްޓިފައި ޒޭބާ ކިޔަމުން ދިޔަ ލަވަ އަޑު އަހައިލިއެވެ. 

"ވީ ވަރ ބޯތް ޔަންގް، ވެން އައި ފަސްޓް ސޯ ޔޫ..... އައި ކްލޯޒް މައި އައިސް އެން ދަ ފްލެޝްބެކް ސްޓާޓްސް، އައި ވޯޒް ސްޓޭންޑިން ދެއަރ...." 

"ހެހެހެ....ރައިޓް އަ ސޯންގ. އޭރުން ލިރިކްސްގެ ހުރިހާ ބައެއްވެސް މެޗްވާނެ. އަބަދު އެއް ތަންކޮޅު ތި ރިޕީޓް ކުރަނީ އަނެއްބައި މެޗްނުވާތީ ދޯ." ލޫސީ ގާތަށް އައީ ނުލަފާ ހިންޏެކެވެ. ޒޭބާ އިނދެގެން ތަކުރާރު ކުރަނީ ލަވައިގެ އެންމެ ހަތަރު ޖުމްލައެވެ. ލޫސީ ހެމުން ދަބަހާއެކު ގޮސް އެނދުމައްޗަށް ޖެހިގަތެވެ. ޒޭބާ ކުރަން އިން ކަންތައް ހުއްޓައިލައިފައި އެކުވެރިޔާގެ ހުނުމުގައި ބައިވެރިވިއެވެ. މިއަދު ކޮންމެ މީހަކު ކޮންމެ އެއްޗެއް ކީ ކަމުގައިވިއަސް ޒޭބާއަށް ރުޅި އާދެވޭނެހެނެއް ހިއެއްނުވެއެވެ. ރޭގެ ހާދިސާ ޒޭބާ ކިޔައިދިނީ ލޫސީގެ ހިނިގަނޑު މައިތިރިވީމައެވެ. ނިމުނުއިރު ލޫސީ އިނީ ކުރީފަހަރުހެން ބަސް ހުސްވެފައެވެ. އެކުވެރިޔާގެ އެ އުފާވެރި ކަމަކީ ވަގުތީ ކަމެއްކަން ބުނެދޭން އުޅެފައި އޭނާ މަޑުޖެހުނީ އެއުފާވެރިކަން ގެއްލިގެން ދާތަން ބަލަން ބޭނުން ނުވާތީއެވެ. 

"އޯހ ނޯ. އަހަރެން ކީކޭ ހިތަށް މިއަރަނީ؟ ޒޭބާ އެއުޅެނީ މިޝްއަލް އާއި މޮޔަވެގެނެއް ނޫނޭ. އޭނަ އެވަރަށް އުފާވީ މިޝްއަލްގެ ފަރާތުން ނުރައްކަލެއް ނެތްކަން އެނގުނީމަ." ލޫސީ އަމިއްލަ ހިތުގެ މޮޔަކަމާއިމެދު އެތިވަރު ގޮވައިގަތެވެ. 

"ސަޅިއޭދޯ. ޒޭބްގެ ޖިންނި ފްރެންޑެއް ހުންނަންޏާ ދެން ދުވަސްކޮޅަކުން އަހަރެން މިގެއަށް އަންނައިރު ސައިކުރާއެއް އުނގަށް ލައިގެން އޭގެ މަތިގަނޑުގައި އަތް އުނގުޅަން އިނދެގެން ކިޔާ އަޑު އިވޭނީ... ޖިންނީ އައި ވޯންޓް އައިސް ކްރީމް... ޖިންނީ އަހަރެން ދެން ބޭނުމީ ކޮފީއެއް. ޖިންނީ އެޕަލް އެއް ޕްލީޒް. ހަމަ ގުޑިނުލައި އިންތާ އިނދެ އޯޑަރކޮށްލާއިރަށް މަތިން ފައިބާނެ." ލޫސީ އަނގަޔަށް ހެއްވާ ވައްތަރު ޖައްސަމުން އަދި އަތުން ހަރަކާތް ދައްކަމުން ވާހަކަދެއްކިއެވެ. ޒޭބާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. "އޭ މިޝްއަލް ކައިރީ ބުނައްޗޭ މަށަށްވެސް ކުރައެއް ދޭށޭ. މަ އޭނަ ގެންނާނީ ފެންވަރަން ވަންނަ ގަޑި ބަލައިފަ. ދެން ހަމަ ކުރައިގަ އަތް އުނގުޅައިލާއިރަށް އެހުރިގޮތަށް ހުރެ ކުރިމައްޗަށް ހާޒިރުވާނެއެއްނު. އޯމް އެމް ޖީ. މަ ފެއިންޓްވާނެ ކަންނޭނގެ. ފުލް ކްލޯތްގަ ފެންނައިރުވެސް އެހާ ލޯބި. އަދި ނޭކެޑްކޮށް ފެނިއްޖެއްޔާ ޒިންދަގީ ދިޔައީ." 

ލޫސީގެ ވާހަކަ އެހިސާބަށް ދިޔަތަނާ ޒޭބާ ޖަހަންވެގެން އަތްމަޅައިލިއެވެ. ލޫސީ އަވަހަށް ފުންމައިގެން ތެދުވެފައި ޒޭބާއަށް ފިލަންވެގެން ދޮރާއި ދިމާއަށް ގޮސް ލައިގަތީ މާވިންގެ ގައިގައެވެ. މާވިން އައީ ޕްރެކްޓިސް ނިންމާފައެވެ. ލައިގެން ހުރި ޓީޝާޓް ގައިގައި ތަތްލައިފައި އޮތްއިރު މޫނުގައި މުތީތަކެއްހެން ދާތިކިތައް ހަރުލައިފައި ހުއްޓެވެ. ނިއްކުރިމައްޗަށް ފައިބައިފައި އޮތް އިސްތަށިތަކުންވެސް ފެން ތިކިތަޅައެވެ. އެވަރަށް ދާހިލިފައި ހުރިއިރުވެސް މާވިންގެ ގައިން ސެންޓްވަހެއް ނުކެނޑެއެވެ. މާވިންގެ މޭގައި މޫނު ޖެހިފައި ހޭދަވި މަދު ސިކުންތުކޮޅު ތެރޭގައިވެސް ލޫސީގެ ހިތް މަސްތުކޮށްލިއެވެ. އެ ހިތްގައިމު ސެންޓްވަހުން މާޒީގެ ތެރެއަށް ހިޔާލުތައް ގެންދިޔައެވެ.

"ސާބަހޭ. ތީ ކުޑަކުޖެއް ނޫނޭ. އަމިއްލަ ފިޔަވަޅު ތަކާއިމެދު ކެއަރފުލް ވާން ވެއްޖެއްނު." މާވިން ނިކަން ބާރަށް ލޫސީގެ ދެއަތުގައި ހިފައިފައި ދުރުކޮށްލިއެވެ. ވާހަކަދެއްކި އިރު މާވިންގެ އަޑުގައިވި ހަރުކަށި ކަމަކުން ލޫސީގެ އިތުރަށް ޒޭބާވެސް ހައިރާންވިއެވެ. ދެއަންހެން ކުދިން އެކަކު އަނެކަކަށް ބަލައިލި ތަނާ މާވިން ލޫސީ ދޫކޮށްލައިފައި އަނެއްކާ ނިކުމެގެން ދިޔައެވެ. ލޫސީއަށް ދެއަތުގައި ފިރުމާލެވުނެވެ. މާވިން ހިފެހެއްޓިލެއް ބާރުކަމުން އެދެލޯ ވަނީ ފެންކަޅިވެފައެވެ.

ކޮމެންޓް 0