އަފްލާކްގެ އިސްކޮޅު ހަ ފޫޓަށްވުރެ ކުރެއް ނުވާނެއެވެ. ހިސާބަކަށް ދިގުކޮށްފައިވާ ފަންއިސްތަށިގަނޑު ކަޅެވެ. ވަރުގަދަ ދެބުމަ އާއި އެންމެ ރީތި ކަޅުކުލައިގެ ލޮލެކެވެ. އެހާމެ ރީތި ފިރިހެންވަންތަ ތުންފަތެކެވެ. އެހަށިގަނޑު ބިޔަވެފައި ބާމަތި ފުޅާކަމުން ޖިމް ކުލާހުން އެންމެ ދުވަހެއްވެސް ވައްޓައިނުލާހެން ހީވެއެވެ. އަތްދިގު ހުދު ގަމީހުގެ މަތިން ޓަކްސިޑޯ އާއި ޓައީ އަޅާފައި ހުރުމުން ދެންމެވެސް ބިޒްނެސް މީޓިން އެއް ނިންމާފައި އައި ކަހަލައެވެ. އަނދިރީގައި ހުރެ އުއްބައްތިއެއްގެ އަލި އެޅުމުން ރަތްކުލަ ވެރިވެގެންދާ ފަދައިން ޒޭބާގެ މޫނު ރަތް ވެގެން ދިޔައީ ރުޅިގަދަވެގެންނެވެ. އަފްލާކް އާއި ދިމާއަށް ގޮވާލަން ބޭނުންވި އެއްޗެހި ގިނަކަމުން ފުރަތަމަ ބުނަން ވީ ކީކޭ ކަމެއް ނުނިންމިފައި ހުރެވުނެވެ.
"ހައެ!" އަފްލާކް ޖިންސްގެ ޖީބުން ކަނާއަތް އުފުލައިލައިފައި ކުޑަކޮށް ދެފަރާތަށް ހަލުވައިލިއެވެ. އަހަރެއްހާ ދުވަސްކުރިން ޒޭބާގެ ހިތް އަތުލި ރީތި ހިނިތުންވުން ތުންފަތަށް ވެރިކޮށްލުމުން ޒޭބާ ބޭނުންވީ އަފްލާކްގެ މޫނުގައި ޖަހާށެވެ. އެ ނިޔަތުގައި އަތް ހޫރާލި ނަމަވެސް އަފްލާކް މާ ހުޝިޔާރެވެ. "އައި މިސްޑް ޔޫ..." އަފްލާކް ޒޭބާގެ އަތުގައި ހިފާލައިފައި ކައިރިއަށް ދަމައިގަތީނުން މެޔާލައި ބޮނޑިކޮށްލިއެވެ. އެހަށިގަނޑުގެ ހުވަނދުން ޒޭބާގެ ރުޅިގަނޑު ފިންޏެއް ނުވިއެވެ. އަލިފާންގަނޑަކަށް ޕެޓްރޯލް ހަމެއް އޮއްސާލުމުން އަނދައިގަންނަހެން ރުޅިގަނޑު އިތުރަށް ހުޅުފަޅައިގެން ދިޔައެވެ. ޒޭބާ އަފްލާކްގެ މޭގައި ދެއަތުން ތަޅައިގެންފައި ދުރަށް ދާން ތެޅިގަތެވެ. އެކަމަކު އަފްލާކް ވަރުގަދަކަމުން ކާމިޔާބެއް ނުވިއެވެ. ކޮށްޓެއްގައި ހައްޔަރުވެ ހުރެގެން ދެފިޔަތަޅަމުން ދިޔަ ދޫންޏަކަށް ވުރެވެސް ޒޭބާ ބަލިކަށިހެން އަމިއްލަ ނަފްސަށް ހީވިއެވެ. ޒޭބާގެ ލޮލުން ކަރުނަ ފާއްދާލީ އެނަފްސް ދެކެވެސް ރުޅި އައިސްގެންނެވެ. އަމިއްލައަށް ދިފާޢުވުމުގެ ބާރު ނެތްކަމަށް ޓަކައި ޝަކުވާ ކުރެވުނެވެ.
އަފްލާކް ހިތްހަމަޖެހޭވަރު ވުމުން ޒޭބާ ދުރުކޮށްލިއެވެ. ޒޭބާ ހުރީ އެފުރުސަތަށް ތައްޔާރު ވެގެންނެވެ. ހަމަ އެހިނދުން އަތް ދަމާލައިފައި އަފްލާކްގެ ކޯތާފަތުގައި ބާރަކަށް ޖަހައިފިއެވެ. ނަގައިގަތް ދިލައިން އަފްލާކްއަށް ކޯތާފަތުގައި ފިރުމާލެވުނެވެ. "ނިދަން ބޭނުމިއްޔާ އެއޮތީ ސޯފާ. މިވަރުގެ މެހުމާން ދާރީ ވެސް ތިބޭފުޅާއަށް ރަނގަޅު ވާނެ." ޒޭބާ ތުން އަނބުރާލައިފައި އަނެއް ފަރާތަށް އެނބުރި ހިނގައި ގަތުމުން އަފްލާކްވެސް ދުރުގައި ހުރި ސޫޓް ކޭސް ހިފައިގެން ވަދެ ދޮރު ލައްޕާލިއެވެ.
ކޮފީތަށި ބަންޑުންވިތަން ސާފު ކުރަންވެގެން ޒޭބާ އުޅުނުއިރު އަފްލާކް ސޯފާގައި އިނެވެ. ސާފުކޮށް ނިމިގެން ބަދިގެއަށް ވަދެ މުށިތައް ޑަސްބިނަށް އަޅާލައިފައި ނިކުތް އިރު އަފްލާކް ޓަކްސިޑޯ ބާލައިފައި ގަމީހުގެ ގޮށް ނައްޓަނީއެވެ. ޒޭބާ އަފްލާކްއަށް ނުބަލަންވެގެން އަނެއް ފަރާތަށް މޫނު އަނބުރާލައިގެން ހިނގައިގަތްތަނާ އެތާހުރި މަސްނޫއީ މާގަހެއްގައި އަޅައިގަތެވެ. އަނގައިން ތޫލި ހަޅޭކެއްގެ އަޑު ނިކުމެގެން ދިޔަ ނަމަވެސް ޒޭބާއަށް އެހަށިގަނޑު ވެއްޓުނަ ނުދީ ހިފެހެއްޓުނެވެ. އަފްލާކްވެސް ދުއްވައިގަންނަން އުޅެފައި ޒޭބާ ހަށިގަނޑު ތެދުކޮށްލިތަން ފެނިގެން ހުއްޓުނެވެ. އެވަގުތު އަނެއްކާވެސް ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ.
"ކާކަށް ދައްކަންތަ ތި ސްމައިލް ވަނީ؟" ޒޭބާ އަފްލާކް ހިނިތުންވެލުމުން ހައްތަހާ ރުޅިއައެވެ. "އަސަރު ކުރީތަ؟" އަފްލާކްވެސް ހީވަނީ ޒޭބާ ރުޅިއަރުވަން އުޅޭހެންނެވެ. އިތުރަށް އެއްޗެއް ބުނެގެން އަފްލާކް ބޭނުންވާގޮތަށް ދެމީހުންގެ ވާހަކަ ކުރިއަށް ދާނެތީ ޒޭބާ މިފަހަރު އެއްޗެއް ނުބުންޏެވެ. އަވަހަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖަހައިފައި އެނދަށް އަރައި ރަޖާ ދަށަށް ވަދެއްޖެއެވެ.
ޒޭބާ ގޮސް އޮބާލުމާއެކު އަފްލާކްގެ ތުންފަތަށް އަނެއްކާވެސް ވެރިވެގެން ދިޔައީ ލުއި ހިނިތުންވުމެކެވެ. އަދިވެސް އެއީ މީގެ ދުވަސްތަކެއް ކުރިން އޭނާ ދޫކޮށްލާފައި އައި ލޯބި އަންހެން ކުއްޖާއެވެ. އެޅަކަމާއި ގޮތްދޫ ނުކުރުމެވެ. އަފްލާކަށް އެންމެ މަޖަލީ ޒޭބާ އާއި ކުޑަކޮށް ޒުވާބުކޮށް ރުޅި އަރުވާލެވުމުންނެވެ. އެއިރުން ގޮތް ދޫ ނުކުރަން ވެގެން ހުރެފައި އެންމެ ފަހުން ދުރުގައި ހުންނަން ކެތްނުވެގެން ރޮއިލާފައި އައިސް މޭގައި ލައްވެލާގޮތް އަފްލާކް އަދިވެސް ހަނދާން އެބަހުއްޓެވެ. އެރީތި ހަނދާންތައް މާޒީ އާއި އެކު ފަސްދާނު ލެވިފައި ވިއަސް އަފްލާކްގެ ހިތުގައި އަދިވެސް ދިރުވާފައި ވެއެވެ. ޒޭބާ އައީއްސުރެ ފޮނުވި އެތައް ހާސް މެއިލްތަކަށް ޒޭބާ އެންމެ ޖަވާބެއް ނުދިން ނަމަވެސް އަފްލާކްގެ އުންމީދުގެ ހުޅުކޮޅު ނިވުނަނުދީ ހިފެހެއްޓީ އެ ރަން ހަނދާންތަކެވެ. އަފްލާކްގެ ހިތުގެ ކޮންމެވެސް ކަނަކުން އަދިވެސް ހިތްވަރުދެނީ ޒޭބާ ކޮންމެވެސް ދުވަހަކުން މާފު ކުރާނެ ކަމުގައެވެ. އެ އުންމީދުގައި އޮވެ، ހުވަފެނުގައި ނަމަވެސް ޒޭބާގެ ހިނިތުންވެފައި ވާ މޫނު ދެކިލުމަށް ޓަކައި ތެޅިފޮޅެމުން ދިޔަ ހިތާއި ދިމާލުގައި ފިރުމާލަމުން އަފްލާކް ނިދޭތޯ ދެލޯ މަރާލިއެވެ.
ލޯ މަރާލައިގެން އޮތްވާ ރަޖާގަނޑު ތިރިއަށް ދާހެން ޒޭބާއަށް ހީވިއެވެ. ވިސްނަން އޮވެފައި އޭނާ ކުއްލިއަކަށް ފުންމައިގެން ތެދުވިއެވެ. ކައިލް ހުރީ ރަޖާގަނޑުގެ އެއްކޮޅުގައި ހިފަހައްޓައި ގެންނެވެ. އެމޫނުން ޒޭބާއަށް ނުރުހުމުގެ ކުލަވަރު ފާހަގަ ކުރެވުނެވެ. އަފްލާކް އައިކަން އެނގިގެން ކަންނޭނގެއެވެ. މައްސަލައެއް ނެތެވެ. އަފްލާކް އަކީ މާޒީއެވެ. ކައިލްއަށް ވެސް އަފްލާކް އާއި ގުޅުވައިގެން ޖެއްސޭނެ މައްސަލައެއް ނޯންނާނެއެވެ. ކައިލް އޭނައޭ ކިޔައިގެން މިޝްއަލް ކައިރީ ދައްކާ ވާހަކަތައް ގަބޫލެއް ވެސް ނުކުރާނެއެވެ. ޒޭބާ ހިތާއިހިތުން ވާހަކަދައްކާލިއެވެ.
"ކައިލް ކޮންތާކު އުޅުނީ؟" ޒޭބާއަށް އަހައިލެވުނީ އިޙުތިޔާރަކާ ނުލައެވެ. ދެވަނަ ސިކުންތުގައި އޭނާ އަނގަޔަށް ގޮތެއް ހަދާލައިފިއެވެ. ކައިލް ނެތުމުގެ ފަޅުކަން އޭނާ އިހްސާސް ކުރިކަން ކައިލްއަށް އެނގޭކަށް ބޭނުމެއް ނުވިއެވެ. އެކަމަކު މިހާރު ވަގުތު ފާއިތުވެއްޖެއެވެ. ކައިލް އެކައްޗެއްވެސް ނުބުނެ ފާޑަކަށް ބަލައިލާފައި ގޮސް ކުޑަ ދޮރު ކައިރިއަށް ހުއްޓުނެވެ. "ކައިލް ބުނީމެއްނު ރަނގަޅު ވަގުތަކުން މިޝްއަލް ސަލާމަތްކުރަން ދާނަމޭ. ކޮބާތަ ތިބުނާ ރަނގަޅު ވަގުތަކީ؟" ޒޭބާ ކެތްތެރިކަން ކުޑަވެފައިވާ ރާގެއްގައި ސުވާލު ކުރިއެވެ. "ކޮންމެ މަހެއްގެ ވަކި ތާރީޚެއްގައި އޮންނާނެ ސަރުދާރުގެ ބައްދަލުވުން. އެތަނަށް ހުރިހާ ޖިންނިން ޖަމާވާނެ. ހަމައެކަނި އެވަގުތުކޮޅު މިޝްއަލް އޮންނާނީ ގާޑެއްގެ ބެލުމަކާއި ނުލައި. އެވަގުތު އަހަރެންނަށް އެތަނަށް ވަދެވިއްޖެއްޔާ ފަހަރެއްގައި ކާމިޔާބު ވެދާނެ." ކައިލް އެހާ ހިމޭނުން އިނދެގެން ވާހަކަ ދެއްކުމުން ޒޭބާއަށް ކަމަކު ނުދިޔައެވެ. ކުއްލިއަކަށް ކައިލްއަށް އެހާ ބޮޑު ބަދަލެއް އައީ ކީއްވެ ހެއްޔެވެ؟ "ޖަވާބު ލިބިއްޖެއެއްނު. ދޭ ދެން ނިދަން." ކައިލް ކުއްލިއަކަށް ބަލައިލުމުން ޒޭބާ ސިހުނެވެ. އިތުރު އެއްޗެއް ބުނަން އުޅެފައިވެސް ބަސް އަހާ ޅަކުއްޖެއްހެން އަވަހަށް ގޮސް އެނދަށް އަރައި އޮށޯތެވެ.
ފަތިހު ހޭލެވުނު އިރު ބޯކޮށް ވާރޭ ވެހޭ އަޑު އިވެއެވެ. ޒޭބާ އިތުރަށް ކަންނެތް ވެގެން އަނެއް ފަރާތަށް އެނބުރި ކަންނޭލުގައި ރަނގަޅަށް ބައްދައިލިއެވެ. އިރުކޮޅަކުން މޫނަށް ފިނި ފެންއެއްޗެއް އޮހިގެން ފުންމައިގެންފައި ތެދުވެވުނެވެ. ކައިލް ހުރީ ނުލަފާ ހިނިތުންވުމަކާއި އެކު ހަށަން ބަނދެލައިގެން ކުޑަ ދޮރު ކައިރީގައެވެ. "މިޝްއަލް ބުނި ކަމަނާފާނު ފަތިސް ގަޑިއަށް ހޭލައްވައްޗޭ!" ކައިލްގެ ޖުމްލަ ނިމޭއިރަށް ޒޭބާ މޫނު ހަދައިގެން އެނދަށް ޖެހިގެންފައި ރަޖާ އެޅިއެވެ. އެކަމަކު ހީކަރުވައިގަނެގެން އޮވެވޭގޮތެއް ނުވިއެވެ. ވުޟޫކޮށްގެން ނިކުތްއިރު ކައިލްއެއް ނެތެވެ. ޒޭބާ ނަމާދުކޮށްގެން ތިރިއަށް ފައިބަން އުޅެނިކޮށް އަފްލާކް އައިސް އެކޮޓަރިއަށް ވަދެއްޖެއެވެ. ޒޭބާގެ މޫނު ހުދުވެ ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ.
"ނޮޓް އަގެއިން... ތިހާ ވަރަށް ރުޅިއަންނަންޏާ އަވަހަށް މުސްކުޅިވާނެ." އަފްލާކް ހިނިގަނޑެއް ޖަހާލައިފައި ގޮސް ޒޭބާގެ ފާޚާނާއަށް ވަނެވެ. ޒޭބާ ހަށަން ބަނދެލައިގެން ދޮރާއި ހަމައިގައި ހަމަލާދޭން ތައްޔާރުވެގެން ހުއްޓާ އަފްލާކް ނިކުތީ ވުޟޫކޮށްގެންނެވެ. ކުޑަ ހިނދުކޮޅަކަށް ޒޭބާ އެ ރުޅިގަނޑު ފޮރުވާލައިފައި ބޭރަށް ނިކުމެއްޖެއެވެ.
އިރު އަރައިގެން އައިއިރު ގޭ އެންމެންނާއެކު އަފްލާކް މޭޒު ދޮށުގައި ހެނދުނުގެ ނާސްތާ ނަގަން އިނެވެ. ހަފީޒާ އާއި މާވިން އިނުމުން އެހެން ގޮތެއް ނެތިގެން އިން ޒޭބާއަށް ރަނގަޅަށް ނުވެސް ކެވުނެވެ. ޒޭބާ އަވަސް ކުރަންވެގެން އެއް ނޭވައިން ޖޫސްތަށި ދަމާލައިފައި ތެދުވަން ހީކޮށްލިތަނާ މެއަށް ފިނިވެގެން ދިޔައެވެ. ފައިމަތީ ބާއްވާލެވިފައި އޮތް ޒޭބާގެ އަތުގައި އަފްލާކް ހިފެހެއްޓީ ނުހަނު ބާރަށެވެ. ޒޭބާ ކިތަންމެ ބޭނުންވެފައި އިނަސް އަފްލާކް ދޫކޮށްނުލީސް ތެދުވެވޭކަށް ނެތެވެ.
"ހޫމްމްމް... ދެން ކޮންއިރަކުންނޭ ދަނީ؟" މާވިން ޖޫސް ފޮދެއް ރަހަ ބަލާލައިފައި ބަހައްޓަމުން އަފްލާކްއަށް ބުނެލިއެވެ. "ޑިސައިޑެއްނުވޭ. ކަންތައްތައް ވާގޮތަކުން އިނގޭނީ. އަސްލު ބައްޕަ ދިން ހިޔާލެއް މީ މިކޮޅުގައި ވިޔަފާރި ގޮތްޕެއް ހުޅުވަން. ދެން މަސައްކަތަށް އެކަށީގެންވާ ބިމެއް ލިބޭތޯ ބަލާފައި ހަވާލުވެގެން މަސައްކަތް ކުރުވަން މީހަކު އައީމަ ދެވޭނީ." އަފްލާކު ގޮނޑީގެ އަތްގަނޑުގައި ބުރަކަށި ޖައްސާލައިފައި ރަނގަޅަށް ހަމަޖެހިލިއެވެ. ޒޭބާ ދެއްކުމުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެން އިނދެ ގަދަކަމުން އަތް ފޮޅުވާލަން މަސައްކަތް ކުރަމުން ދިޔައެވެ. "ދެން ރަނގަޅެއްނު ޒޭބާވެސް މިކޮޅުގަ ވިއްޔަ. އަފްލާކް ބޭނުންހާދުވަހަކު މިގޭގައި ހުރެވޭނެ އިނގޭ. އެކަން މަނާ ކުރާނެ މީހަކު ނާންނާނެ." ހަފިޒާ އިސްއުފުލާލައިފައި ބުނެލި ޖުމްލައިން ޒޭބާގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ޒޭބާއަށް ބަލައިލެވުނުއިރު އަފްލާކް އިނީ ލާނެތް ގޮތަކަށް ހިނިތުންވެފައެވެ. ޒޭބާއަށް ދައްކަންވެގެން އިން ގޮތެއް ކަހަލައެވެ. ދެން ހަދާނެގޮތެއް ނޭނގިފައި އިން ޒޭބާއަށް މޮޅު ހިޔާލެއް އައިސްގެން ނޭނގޭ ކަމަށް ހަދާފައި ހުސްވެފައި އިން ޖޫސްތަށި ގެނެސް ތިރިއަށް ވައްޓާލައިފިއެވެ. ތަށި ބިންމަތީ ޖެހުނު އަޑަށް އެންމެން ސިހިފައި އަފްލާކްއަށް ޒޭބާގެ އަތަށް ދޫދެވުނެވެ. ޒޭބާ އެފުރުސަތު ގެއްލުނުކަ ނުދެއެވެ. އަވަހަށް އަތް ފޮޅުވާލައިފައި ގޮނޑިން ތެދުވެގެން ދުއްވައިގެންފިއެވެ. ނިކުމެގެން ދަމުން އެނބުރި ބަލައިލި އިރު އަފްލާކް އިނީ ބަލަހައްޓައި ގެންނެވެ. ޒޭބާ ދޫ ނެރެލާފައި އަވަހަށް ލޯމަތިން އޮބާލައިފިއެވެ.
"އަފްލާކް ކީއްކުރަން އެއައީ؟" ޒޭބާ ދެއަތް ދެއަތާއި ގުޅުވާލައިގެން ވާހަކަދަމުން އަހައިލިއެވެ. ދެޒުވާނުން ތިބީ ލޫސީގެ ކޮޓަރި ތެރޭގައެވެ. ޒޭބާ އަފްލާކް އައި ވާހަކަ ފެށީއްސުރެ ލޫސީ އިނީ އަނގައިން ނުބުނަން ހުވާކޮށްގެން ކަހަލައެވެ. "އައި މީން... މިހާ ދުވަސްފަހުން މިއަދު ކުއްލިއަކަށް އަންނަންވީ ކީއްކުރަން؟ މިހާރު އަހަރެންވެސް މޫވް އޮން ކޮށްފިން. އަހަރެން ލޯބި ވަނީ މިޝްއަލް ދެކެ..." ޒޭބާ ގޮސް އެނދުގައި އިށީންދެފައި ލޫސީގެ މޫނަށް ބަލަން ފެށިއެވެ. ލޫސީ އެހާއިރު އަނގައިން ނުބުނެ އިން ސަބަބަކާ މެދު ވިސްނާލެވުނީ އެހިސާބުންނެވެ.
"އަހަންނަށް ހީވާއެއްޗެއް ބުނަންތަ؟ ޒޭބް ރުޅިއައިސްގެން ނުވާނެ." ލޫސީ ވާހަކަ ކުރިއަށް ނުގެންގޮސް މަޑުކޮށްލިއެވެ. ޒޭބާ ހިމޭނުން އިނދެފައި ދެކޮޅަށް އެއްޗެއް ނުބުނުމުން އަނެއްކާ ފެށިއެވެ. "އަހަންނަށް ހީވަނީ ކޮންމެ މީހަކަށްވެސް އެއް ފުރުސަތު ލިބެންޖެހޭނެހެން. ޒޭބް އެންމެ ފަހަރަކުވެސް އަފްލާކްގެ ވާހަކަ އަޑު އަހާލިންތަ؟ ވެދާނެއެއްނު ޒޭބް ދުށް ހުރިހާ މަންޒަރަކީ ހަގީގަތެއް ނޫންކަމަށް." ލޫސީ ޖެހިލުންވެފައި އިނީ ޒޭބާ ރުޅި އަތުވެދާނެ ތީއެވެ. "ނުވާނެ ތިކަމެއް. އަފްލާކް ހަމައެކަނި ޗީޓް ކުރީއެއްނޫނޭ. އޭނަ މަށަށް ސިއްރުން ޝިނީ އާއި ގުޅުން ބާއްވާނީ ކިހާ ވަރެއްވީމަ. ބަލަ ޝިނީ އަކީ އަހަރެން އެންމެ ގާތްކޮށް އުޅުނު އެކުވެރިޔާއޭ." ޒޭބާ އިރުކޮޅެއް ވާންދެން އަނގައިން ނުބުނެ އިނދެފައި އެހެން ބުނެލުމާއެކު ތެދުވެގެން ނިކުންނަން ދިޔައެވެ. "ޒޭބް މަޑުކޮށްބަލަ. ޒޭބް ރުޅިއައީތަ؟" ލޫސީ ދުވެފައި ގޮސް ޒޭބާ ހުއްޓުވަންވެގެން އަތުގައި ހިފައިލިއެވެ.
"އަހަންނަށް އިނގޭ ލޫސީ ވެސް މިޝްއަލް އާއި މެދު ރަނގަޅަށް ނުދެކޭކަން. އެހެންވެއެއްނު ކުރީ ރޭ އޭނަގެ ވާހަކަ ފެށީމަ މޫޑް އޮފްވީ. ކޮބައިތަ އިންސާނުންގެ ހުރި ސްޕެޝަލް ކަމަކީ. އަހަންނަށް އެނގޭ އެއްޗަކީ ޖިންނިން އިންސާނުނަށް ވުރެ ލޯޔަލް ވާނެކަން. އަހަރެން ބޭނުމީ ލޯޔަލް ލޯބިވެރިއެއް. ދެވަނަ ފަހަރަށް ހަލާކުވާން މިހިތް ދޫކޮށެއް ނުލެވޭނެ." އެންމެ ފަހު ޖުމްލަ ނިމުނުއިރު ޒޭބާގެ ލޮލުން ކަރުނަ ފާއްދާލައިފިއެވެ. ލޫސީއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ޒޭބާ ލޫސީގެ އަތް ފޮޅުވާލައިފައި އަވަހަށް ގޮސް އެގެއިން ނިކުތެވެ.
ޒޭބާ ފެރީން ފައިބައިގެން އައިއިރު ކައިލް އެތާ ހުރި ގަހެއްގައި ލައްގަނެލައިގެން އެއް އަތް ޖިންސްގެ ޖީބަށް ޖަހާލައިގެން އިންގޮތް ވަރަށް ހިތްގައިމެވެ. އިރު އޮއްސެމުން އައި ވަގުތަށް ވީތީވެ ކައިލްގެ ފަން އިސްތަށިގަނޑަށް އިރުގެ ރަތްކުލަ ވެރިވެފައި ވާތީ އަޖައިބު ކުރުވާހާ އެމަންޒަރު ރީއްޗެވެ. ޒޭބާ ލޮލުން ފޭދެމުން އައި ކަރުނަ ތިއްކެއް ފުހެލާފައި ހިނގައިގަތުމާއެކު ކައިލް ވެސް ގަހާއި ދުރަށް ޖެހިލައިފައި އެއް ހަމައެއްގައި ހުރެގެން ހިނގައިގަތެވެ. ދެފަރާތުގައި ބިޔަކޮށް ފިތުރޯނު ގަސްތައް ހެދިފައި ހުރީތީވެ މަގަށް ވަދެވުމާއެކު ހިސާބަކަށް އަނދިރިކަން ވެރިވެގެން ދިޔައެވެ. ކުރިއަށް ހިނގަމުން ދިޔައިރު ކައިލްވެސް އަދި ޒޭބާވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ.
މިޝްއަލް އަނދިރީގައި އޮންނަތާ އެތަކެއް ދުވަސްފަހުން މިއަދު ފުރަތަމަ ފަހަރަށް އަލިކަމެއް ފެންނަން ފަށައިފިއެވެ. އަލި އަންނަނީ ހޮހޮޅައިގެ މަތީގައި އެޅިފައިވާ ހަމަ އެންމެ ކުޑަކުޑަ ވިދަކުންނެވެ. ވަރުބަލިވެފައިވާ ދެލޯ ބޮޑުކޮށްގެން އެއަލި ކޮޅަށް ބަލަން އޮތްވައި ކައިރިން ކެއްސާލި އަޑު އިވުނެވެ. އަޑު އައީ ނުހަނު ކައިރިންނެވެ. މިޝްއަލް ވިސްނަން އޮތްވައި އަނެއްކާވެސް ކެއްސާލިއެވެ. "ކާކު؟" މިޝްއަލް އަހާލިއެވެ. އުދަނގޫ ގޮތަކަށް ތެދުވެ އިށީނދެފައި މިޝްއަލް ވަށައިގެން ލޯ ހިންގައިލިއެވެ. އަނދިރިކަމުން އެކައްޗެއްވެސް ނުފެނެއެވެ.
"އަހަންނަށް ކިޔަނީ އަރްޖް." އިރުކޮޅެއް ފަހުން ޖަވާބު އައެވެ. މިޝްއަލް ދެލޯ ބޮޑުކޮށްގެން ގަނޑުވެފައި އިނެވެ. "އަހަރެން މިތާގައި އޮންނަތާ ތޭވީސް އަހަރުވެއްޖެ." އަރްޖް އިތުރަށް ބުނެލިއެވެ. މިޝްއަލް ވާހަކަދައްކަން ވެގެން އަނގަ ހުޅުވާލި ތަނާ ކައިރިން ގާޑެއް އަންނަ އަޑު އިވިގެން އެހިޔާލު ދޫކޮށްލާފައި ހިމޭންވެއްޖެއެވެ. އިރުކޮޅަކުން ގާޑު ދިޔަ އަޑު އަހާފައި މިޝްއަލް ވާހަކަދައްކަން ފެށުމުން އަރްޖް އޭނާއަށް ދިމާވި ހާދިސާ ފެށިގެން ނިމޭންދެން ކިޔައިދިނެވެ.
އިރު އޮއްސުނީއެވެ. ސިޓިންރޫމްގައި އަފްލާކް އެކަންޏެވެ. މާވިން މިސްކިތަށް ދިޔަ ގޮތަށް ގެއަކަށް ނާދެއެވެ. ހަފީޒާ ކޮޓަރީ ގައެވެ. އަފްލާކް ޓީވީ ހުޅުވައިގެން އިނދެލާފައި ތެދުވެގެން ގެސްޓްރޫމަށް ވަންނަން ދިޔައެވެ. އޭނާގެ ފޮށްޓާއި ބޭނުންކުރާ އެހެން ހުރިހާ ސާމާނެއް ވެސް ބަހައްޓާފައި ހުރީ އެކޮޓަރީ ގައެވެ. އަފްލާކް އެތެރެއަށް ވަދެފައި ސޫޓް ކޭސް ނަގައިގެން ގޮސް އެނދުމަތީ ބާއްވާފައި ހުޅުވާލިއެވެ. ފޮށީގައި ހުރި އަންނައުނު ތައް އަލަމާރިއަށް ބަދަލުކޮށްފައި ހުރުމުން އެތެރޭގައި އޮތީ ހަމައެކަނި ބަންދުކޮށްފައި އޮތް ކޮތަޅެކެވެ. އަފްލާކް އެކޮތަޅު ނަގައި ކަތުރެއް ހޯދައިގެން ކަފާލައިފައި އެތެރެއިން ނެގީ ފޮތްތަކެކެވެ. ބާވެ ކުލަ ވެއްޓިފައިވާ ފޮތްތަކެކެވެ.