ސިލްވަރ ބީޗް އޭ ކިޔާ ގެއެކެވެ. ތިންކޮޓަރި އާއި ބަދިގެއެއްގެ އިތުރުން ފުދޭވަރެއްގެ ބޮޑު ސިޓިންރޫމެއް ހިމެނޭ މިގެ ހުންނަނީ ދެބުރިއަށް ނަގައިފައެވެ. އަހަރުތަކެއް ވާންދެން ފަޅަށް ހުރުމުން ގަސް ބޯވެފައި ދިރިއުޅުމުގެ އަސަރު ފެންނަލެއް ކުޑައެވެ. ގޭގެ ވެރިފަރާތް އިމްރާން، އާއިލާ ގޮވައިގެން ރާއްޖޭން ބޭރަށް ބަދަލުވިއިރު ދޮށްޓަށް ހުރި ޒޭބާއަށް ފަސް އަހަރެވެ. ދެވަނަ ކައިވެންޏަށް ލިބިފައިވާ ފިރިހެން ދަރިފުޅަށް އަހަރެއް ވެސް ނުވެއެވެ. އެދުވަހަށް ފަހު އެގޭގައި މީހަކު އުޅެފައެއް ނުވެއެވެ. މިހާދުވަހު އެތަން ބެލެހެއްޓީ އެއްބަނޑު މީހެކެވެ. އަމިއްލަ ދިރިއުޅުމާއިގެން އަވަދިނެތި އުޅެމުން އޭނާއަށް ވެސް ވާވަރަކީ ގޭގައި ރޭގަނޑު ބޮކިތައް ދިއްލާލުމެވެ. އޭގެ އިތުރުން ތިންމަހުން އެއްމަހު ކަހަލަ ގޮތަކަށް ގޯތިތެރެއިން ވިނަ ނޮޅައި ކުނިކަހާ ސާފުކޮށްލައެވެ.

އޮސްޓްރޭލިޔާގައި އެއާއިލާ ދިރިއުޅޭތާ އަށާރަ އަހަރަށްފަހު އިމްރާން ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ. ދެދަރިންނާއި އެކު އެނބުރި އަންނަން ހަފީޒާ ނިންމި ހިސާބަކީ އެއީއެވެ. ދޮންމަންމަގެ އެ ނިންމުމާއި މެދު ޒޭބާ ޝަކުވާއެއް ނުކުރެއެވެ. ދެން ހުރީ މާވިންއެވެ. އޭނާއަކީ ކޮންމެ ގޮތެއް ވަރިހަމަ ކުއްޖެކެވެ. 

ހުޅުލޭ ޖެޓީން ނައްޓާލައިގެން ވިލިމާލެއަށް ދަތުރު ކުރަމުންދިޔަ ހުދު ލޯންޗެއްގައި ހަފީޒާއިނެވެ. ބަލާބެލުމަށް އެއީ މެދު އުމުރުގެ އަންހެނެކެވެ. އެންމެ ފަހަތުގައި ޒޭބާ އިނީ ވާހަކަ ފޮތެއް ހުޅުވައިލައިގެން އެއަށް ގެއްލިފައެވެ. ކަޅިރަވަ ރީތި އެދެލޯ ދެކޮޅަށް ހިންގަމުން ފޮތުގައިވާ ލިއުން ކިޔޭތޯ މަސައްކަތް ކުރަމުން ދިޔައިރު ޖެހިގެން އިން މާވިންގެ ނަޒަރު ހުއްޓިފައި ވަނީ ކަނޑުގެ ލޮނުގަނޑަށެވެ. 

ވިލިމާލެ ޖެޓީއަށް ލޯންޗް މަޑުކޮށްލުމާ އެކު އެންމެ ފުރަތަމަ ތެދުވީ ހަފީޒާއެވެ. އިންޖީނުގެ އަޑު ކަނޑައިގެން ދިއުމާއެކު ޒޭބާވެސް ފޮތް ތިރިކޮށްލާފައި ދުރު ދުރަށް ދާން ދެން ނަޒަރު ހިންގައިލި އެވެ. މާވިންގެ އެހީގައި ދެ އަންހެނުން ރަށަށް ފޭބި އިރު އިމްރާނުގެ ބޭބެ، ބަހުގައި އައިސް ކައިރިކޮށްލަނީ އެވެ. 

ސައިފުﷲގެ ސަމާލުކަން ދަމައިގަތީ ޒޭބާއެވެ. ޒޭބާގެ ސޫރައަކީ މަރުހޫމް މަންމަގެ ކޮޕީއެކެވެ. ހަމަ އެއިސްކޮޅާއި ލޫޅާފަތި ހަށިގަނޑެވެ. ކަޅިރަވަ ރީތި ދެލޮލާއި ތުންފަތެވެ. ތަފާތަކަށް ހަމައެކަނި ފެނުނީ ކަނދުރާއަށް ވުރެ ތިރިއަށް އޮޅެމުން ފައިބައިފައިވާ އިސްތަށިގަނޑެވެ. އެއީ އިމްރާނުގެ ފަރާތުން ވާރުތަ ވެފައިވާ ސިފައެކެވެ. ޒޭބާ އައިސް ކައިރިއަށް ހުއްޓުނު އިރު ވެސް ސައިފުﷲ ހުރީ ވާހަކަ ނުދެއްކިފައެވެ.

"ބޭބެގެ ހާލު ކިހިނެތް؟" ޒޭބާ ވާހަކަދެއްކި އަޑަށް ސައިފުﷲ ސިހިގެން ބަލައިލި އިރު ހުރީ ސަލާމަށް އަތް ދިއްކޮށް ލައިގެންނެވެ. "ވަރަށް ރަނގަޅު." ސައިފުﷲ އަވަސް އަވަހަށް އެއަތުގައި ހިފައިލައިފައި ޖަވާބުދިނެވެ. މާވިން އެމީހުންގެ މުދާތައް ބަހަށް އަރުވާފައި ގޮވާލުމުން ދެން އެންމެން އަވަސްވެގަތީ ގެއަށް ދާން ވެގެންނެވެ. ސިލްވަރ ބީޗް ކުރިމައްޗަށް ބަސް މަޑުކޮށްލި އިރު އެގޭގެ ދޮރު ހުރީ ހުޅުވާފައެވެ. 

ވަށާފާރެއްގެ ގޮތުގައި ބަރިއަކަށް ޖަހާފައިވާ ދުގެތިގަސްތައް ހަފޫޓަށް ވުރެ މައްޗަށް އަރާފައިވާ އިރު ގިނަ ދުވަސް ވާންދެން ނުކޮށާ ހުރުމުން ގޮފިތައް އެގޮތް މިގޮތަށް ފެތުރިފައިވެއެވެ. އެއަށްވުރެ އެތެރޭގައި ހުރި ބިޔަ ފިތުރޯނު ގަސްތަކާއި އަދިވެސް ބޭކާރު އެތައް ގަހަކުން ކުރިމަތީ އޮތް ހުސް ތަންކޮޅު އޮތީ ފުރިފައެވެ. 

ފޫޓުން އެތެރެއަށް ޒޭބާ އެޅި ފުރަތަމަ ފިޔަވަޅާއެކު ކަންފަތުގައި ހަރުލައިގެން ދިޔައީ ދެކުއްޖެއްގެ ހުނުމުގެ އަޑެވެ. ފުސް ހަނދާންތަކެއް ފަދައިން ކުރިކަނޑާލީ ދުވެފައި ދިޔަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ޒޭބާގެ ފިޔަވަޅު ހުއްޓުނީ އަމިއްލަ އިޚުތިޔާރަކު ނޫނެވެ. ހީވީ ނުފެންނަ ބާރަކުން ދެފައިގައި ހިފެހެއްޓި ހެންނެވެ. ބަލަހައްޓައިގެން ހުއްޓާ އެދެކުދީން އަނެއްކާ ވެސް އޭނާ ކުރި ކަނޑައިފިއެވެ. މިފަހަރު ޒޭބާއަށް އެ އަންހެންކުއްޖާ ފާހަގަވި އެވެ. އެއީ ޚުދު އޭނާއެވެ.

"ޒޭބް. އެތެރެއަށް ނުވަންނަން ވެގެންތަ ތިހުންނަނީ؟" ހަފިޒާ ގެއިން ބޭރަށް ބޯދިއްކޮށްލާފައި ގޮވާލިއެވެ. ޒޭބާއަށް ހީވީ ފުން ނިންޖަކުން ހޭލެވުނު ހެންނެވެ. އަވަސް އަވަހަށް ދުވެލާފައި ގޮސް އެތެރެއަށް ވަންއިރު ސައިފުﷲގެ އަންހެނުން ސައި ތަބަކެއް ހިފައިގެން ނިކުމެ އެންމެންނަށް ސައި ދެނީއެވެ. "ހަފީމަންމާ. އަހަރެން މިދަނީ ކޮޓަރިއަށް." ޒޭބާ ޝައުޤުވެރި ކަމާއިއެކު ގޭގެ ދެފަރާތަށް ލޯހިންގާލި އެވެ. ހަފީޒާ ހުއްދަ ދިނުމާ އެކު ހަލުވި ފިޔަވަޅު ތަކެއްގައި ސިޑިން އަރައިގެން ދިޔައިރު އެއީ އަނެއްކާ ވެސް މީގެ އަށާރަ އަހަރު ކުރީގެ ކުޑަ އަންހެން ކުއްޖާ އެވެ. 

ޒޭބާ ވަނީ ކަނާތް ފަރާތަށް ހުރި ކޮޓަރިއަށެވެ. އަދި ނޭވާއަކަށް ވެސް މަޑުޖެހުމެއް ނެތި އެނދު މައްޗަށް ކޮޅަށް އަރާފައި ކުޑަ ދޮރު ހުޅުވާލިއެވެ. ދޮރުން މައްޗަށް ބޯ ހިއްލާލި ކުޑަ ފިރިހެން ކުއްޖާގެ މޫނަށް ވުރެ ކުރިން ޒޭބާ ދުށީ އެކުއްޖާގެ އަތުގައި އޮތް ހުވަނދު މަލެވެ. ޅަގޮތަކަށް ހީލާފައި މާ ޖަހައިގަތުމާ އެކު އެކުއްޖާ ކުރިއަށް ވުރެ މައްޗަށް ބޯ ހިއްލައިލި އެވެ. 

"ޒޭބް!" ކޮޓަރީގެ ދޮރުހުޅުވުނު އަޑަށް ޒޭބާގެ ހިޔާލީ ދުނިޔެއިން އެނބުރި އާދެވިގެން ބަލައިލިއިރު ހަފީޒާ ހުއްޓެވެ. މާލަސް ނުކޮށް ތިރިއަށް ސައިބޯން ދާން އެދުމުން ޒޭބާ ބޯޖަހާލިއެވެ. ދޮރު ލެއްޕުނު އަޑު އަހާފައި ޒޭބާ ޖެހިލީ އަނެއްކާ ވެސް ކުރިއަށެވެ. އެނދު މައްޗަށް އަރައި ދެކަކޫ ޖައްސައިގެން ކުޑަދޮރާއި ގާތަށް ޖެހިލާފައި ހުޅުވައިލި އެވެ. އެތާ ހުންނައިރު އެންމެ ރީއްޗަށް ފެންނަ ހިސާބުގައި ވަށްކޮށް ފެތުރިފައިވާ ބޮޑު ހުވަނދުމާ ގަހެއް ހުއްޓެވެ. 

ރޭގަނޑު ނުވައެއް ޖަހަން ކައިރިވެފައި ހުއްޓާ ސިލްވަރ ބީޗް ކުރިމައްޗަށް އަންހެން ކުއްޖަކު އައިސް މަޑުކޮށްލިއެވެ. ވިލިމާލެ ފެރީ ޓާމިނަލް އިން ނިކުތް ގޮތަށް ކަންފަތުގައި ޖައްސައިގެން އައި ފޯން އަނބުރާ ޖީބަށް ލާފައި އޭނާ ސިލްވަރ ބީޗް ދޮރުން ވަދެއްޖެއެވެ. ކުއްލިއަކަށް އައި ވައިރޯޅިއެއްގެ ގޯނާއިން ވަށައިގެންވާ އެތައް ބައިވަރު ގަސްތައް ހެލިގަތް މަންޒަރު ދެކެފައި އޭނާ ބިރުގަންނަވާލި އެވެ. ވަށައިގެން ހޯދާލާފައި އެ އަންހެންކުއްޖާ ކުރިއަށްވުރެ ބާރަށް ހިނގައިގަތް ތަނާ ގަސްތަކު ތެރެއިން މީހަކު ނިކުމެގެން ފަހަތުން އަންނަހެން ހީވިއެވެ. ދޮރާއި ނުހަނު ގާތަށް ދެވިފައިވާ ހުއްޓާ އެ އަންހެންކުއްޖާ ދުއްވައިގަތެވެ. ގޭ ކައިރިއަށް ގޮސް ހުއްޓުނު ގޮތަށް ދެއަތުން ދޮރުގައި ތަޅައިގެންފައި ފަސްއެނބުރި ބަލައިލިއެވެ. މީހަކު ފެންނަން ނެތަސް ގަސްތައް އެއްވަރަކަށް ނަށަމުން ދިޔައިރު ހީވަނީ ބިރުވެރި އެއްޗެހިތަކެއް ދެފަރާތަށް ހޫރެމުން ދިޔަހެންނެވެ. 

"ލޫސީ!" ދޮރުހުޅުވާލާފައި ޒޭބާ އުފަލުން ހަޅޭތްލަވައިގަތެވެ. އެކުވެރިޔާ ފެނިގެން ޒޭބާ މޮޔަވިއެވެ. ލޫސީގެ އަތުގައި ހިފައި ކުއްލިއެއް ޖަހާފައި ގެނެސް އޮޅުލައިގަތެވެ. އަޑު ގަދަވެގެން އެތަނަށް ނިކުތް ހަފީޒާއަށް ކުދިންގެ އެކުވެރިކަން ފެނިފައި ހިނިއައިސްގެން އަނެއްކާ އެތެރެއަށް ވަދެއްޖެ އެވެ.

"ކޮންކަހަލަ ބޮއްކެއް ބޭރުގައި ދިއްލާފައި އެހުރީ؟" ލޫސީ އަދިވެސް ހަމައަކަށް ނޭޅެއެވެ. "ކިހިނެއްވީ؟" ދުރަށް ޖެހިލުމާ އެކު ލޫސީގެ މޫނުން ނުތަނަވަސްކަން ފެނުމުން ޒޭބާ ހައިރާންވިއެވެ. "އެބޮކީގެ އަލި ފޯރަނީ ހަމައެކަނި ކުޑަ ތަންކޮޅަކަށް. ބޭރުގައި އެހުރި ހުރިހާ ގަސްތަކެއް އެހުންނަނީ އަނދިރީގައި. ދެންމެވެސް ބިރުން ހަލާކުނުވީ ހަމަ ކިރިޔާ. އަހަރެންނަށް ހީވި ފަހަތުން މީހަކު އައިހެން ވެސް." ލޫސީ އަނެއްކާ ވެސް ފަސްއެނބުރިފައި ގަސްތަކު ތެރެއަށް ނަޒަރު ހިންގާލިއެވެ. ޒޭބާގެ ގާތަށް އައީ ހިންޏެވެ. ދޮރުލައްޕައި ބަންދުކޮށްފައި އެކުވެރިޔާ ގޮވައިގެން އޭނާ ދިޔައީ ކޮޓަރިއަށެވެ. 

ދުވަސް ތަކަކަށް ފަހު ބައްދަލުވުމުން ދައްކާނެ އެތައް ވާހަކައެއް ހުއްޓެވެ. ދެބެންގެ ދެދަރިކަމުގެ ގުޅުމަށް ވުރެ ބޮޑަށް އެދެމެދުގައި އޮންނަނީ އެކުވެރިކަމެވެ. ލޫސީ ނިކަން ފަހަކުން އެމީހުންނާއި ބައްދަލުކުރަން އޮސްޓްރޭލިޔާއަށް ވެސް ދިޔައެވެ. އެކަމަކު މިހާރު އަނެއްކާ އޭގެ ފަހުން ހަތް މަސް ދުވަސް ފާއިތުވެ ދިޔައީއެވެ.
"ލޫސީ ހަނދާން އެބަހުރިތަ މިކޮޅުގައި އަހަރެން އުޅުނުއިރު އެއްކޮށް އުޅުނު ފްރެންޑުން؟" ކޮޓަރިއަށް ވަންތަނާ ޒޭބާގެ ނަޒަރު ހުޅުވާފައި ހުރި ކުޑަދޮރަށް ހުއްޓުނެވެ. "ހުރިހާ ކުދިން ހަނދާން ހުންނާނެ ކަމެއް ނޭނގެ. އެކަމަކު ބައެއް ކުދިން އެނގޭ މިހާރުވެސް. ވަރަށް ފަހަކުން ވެސް ދިމާވީ ދެކުއްޖަކާ. ހަނދާން އެބަހުރިތަ ޔަލްވީ؟ އޭނާގެ ކޮއްކޮ އެމީ އާއި ދެމީހުން އުޅުނީ އަހަރުމެންނާއި އެކު އެހެންނު." ލޫސީ ގޮސް ޒޭބާގެ އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. ތަބިކަށްޓާއި ހަމައަށް ހުރި ހަމާއި އެއްކުލައިގެ ވެލްވެޓް ސްކިނީގެ މަތިން ޖިންސްފޮތީގެ މިނީ ސްކާޓެއް ލާފައި މަތިން ހުރީ ކުރު ޓީޝާޓް ކޮޅެކެވެ. ފަންކޮށްލާފައިވާ އިސްތަށިގަނޑުގައި ބްރައުން ކުލަ ޖައްސާފައެވެ. ނިއްކުރިމައްޗަށް ވާގޮތަށް ކޮށާލެވިފައިވާ އިސްތަށިތައް މޫނުމައްޗަށް ފައިބާފައި އޮތުމުން ދެލޯވެސް ނުފެނެއެވެ. ލޫސީގެ އެސޫރަ އާއި މެދު ޒޭބާއަށް ހިޔާލުކޮށްލެވުނީ އެނބުރި އައިސް ކައިރީގައި އިށީން ފަހުންނެވެ. 

"ކިހިނެއް ވެފަ ތިހުރީ؟ ކޮސްޓިއުމް ޕާޓީއަކަށް ދާން ތައްޔާރުވެގެންތަ ތިއޮތީ؟ ތީ އެކަމަކު ލޫސީ ކުރިން ލައިއުޅޭ ކަހަލަ ހެދުމެއް ނޫނެއްނު." ދެފައި ނަގައިގެން އެނދުގައި ހަމަޖެހިލާފައި ޒޭބާ ލޫސީގެ ބުޑުގައި ޖަހާލިއެވެ. "މަވިއްޔާ ނުވޭތަ ފެޝަން ހެދުން ލާކަށް؟" އެހެންނޫނަސް ކާކުތަ އުމުރުދުވަހު އެއްގޮތަށް ދެމިހުރީ؟" ލޫސީގެ އަޑުގައި ވަނީ ފަރުވާކުޑަ ގޮތެކެވެ. "އެނގިއްޖެ މަށަށް. އަދިވެސް ތިއުޅެނީ އެކްސް ބޯއިފްރެންޑްގެ ކަންތައް ދޯ. އޯހ ގާލް. ގްރޯ އަޕް. ދެން އެކަންތައް ހަނދާން ނައްތާލަން ވެއްޖެއެއްނު. ލޫސީ ނުޖެހޭނެ އެހެން މީހަކަށްޓަކައި ޗޭންޖް ވާކަށް." ޒޭބާ މަސައްކަތް ކުރީ ލޫސީއަށް އެއްޗެއް ވިސްނައިދެވޭތޯ އެވެ. "ހުން... ކޮން އެކްސްއެއްތަ؟ އަހަރެން ހަނދާންވެސް ނެތް އޭނަމަތިން." އަނގައަށް ގޮތެއް ހަދާލާފައި ތެދުވެ އިށީންތަނާ ލޫސީގެ ނަޒަރު ދޮރާއި ސީދާވި އެވެ. 

"މާވިން!" ލޫސީގެ އަނގައިން ނިކުތެވެ. މާވިން ފެނުމާ އެކު އޭނާ ހިމޭން ވެއްޖެ އެވެ. އެވަގުތު ޒޭބާ ވެސް ފަސްއެނބުރިފައި ދޮރާއި ދިމާއަށް ބަލައިލިއެވެ. "ހައެ ލޫސީ!" މާވިން ކުޑަކޮށް ހިނިތުންވެލާފައި ގޮވައިލިއެވެ. ލޫސީ ޖަވާބެއް ނުދެއެވެ. އޭނާ އިނީ ބަލަހައްޓައިގެންނެވެ.

"އަހަރެން މިދަނީ މާލެ ގޮސްލަން. މަންމަވެސް ނެތް ގެއަކު. ތަޅުލައިގެން ނިދާތި އިނގޭ!" މާވިންގެ ނަޒަރު ޒޭބާއަށް ބަދަލު ކޮށްލާފައި ވާހަކަދެއްކި އެވެ. ދާންވެގެން އެނބުރުނު ތަނާ ޒޭބާ ގޮވާލުމުން އޭނާ ހުއްޓުނެވެ. "ލޫސީ ގޮވައިގެން ދާންވީނު. އޭނަވެސް އެއިނީ ދާންވެފަ." ޒޭބާގެ ވާހަކައިން ލޫސީ ސިހުނެވެ. އެވަގުތު މާވިން އަށް ވެސް ބަލައިލެވުނީ ލޫސީގެ މޫނަށެވެ. "ނޫނޭ އަހަރެން އެކަނި ހިނގައިދާނަން." ލޫސީ އަވަސް އަވަހަށް ދެކޮޅު ހެދިއެވެ. "ކީއްތަވީ؟ ލޫސީ ނުދަންނަ މީހަކާ އެއްކަކު ނޫނެއްނު ފޮނުވަން މިއުޅެނީ. މާވިން އެއީ ލޫސީގެ ކަޒިންއެއްނު." ފަހު ޖުމްލަ ބުނެފައި ޒޭބާ އަނގައަށް ގޮތެއް ހަދައިލި އެވެ. "އެކްޗުއަލީ، ހީ އިޒް ނޮޓް." ޒޭބާ އެހުރިގޮތަށް އަނގަ ހަޑިކޮށްގެން ހުރެފައި އިނގިލީގައި ދައިގަތެވެ. "އައި ހޭޓް ޔޫ." ލޫސީ ނިކުމެގެން ދަމުން ޒޭބާއަށް ބުނެލިއެވެ.

އެމީހުން ނިކުމެގެން ދިޔަތާ ފަސްމިނިޓް ވެސް ނުހިނގައި އުޅެނިކޮށް ދޮރުފަތުގައި ތަޅައިގަތް އަޑު އިވުނެވެ. ޒޭބާ ހީކުރީ މާވިން ކޮންމެވެސް އެއްޗެއް ނުލައި ދެވިގެން އެނބުރި އައީކަމަށެވެ. އަވަސްއަވަހަށް ދުވެލާފައި ސިޑިން ފައިބައިގެން ގޮސް ދޮރު ހުޅުވައިލުމާ އެކު އޭނާ ހައިރާންވިއެވެ. ދޮރުމަތީގައި އެއްވެސް މީހަކު ނެތެވެ.
"ކާކު؟" ޒޭބާ ގެއިން ބޭރަށް ފިޔަވަޅެއް އަޅައިލި އެވެ. "މާވިން. ލޫސީ." ޒޭބާ ދިޔައީ ހައްތަހާ ކުރިއަށެވެ. ފިތުރޯނު ގަސްތަކާއި ހަމަވެފައި ދެއުކުޅުގައި އަތް ވިދެލައިގެން ހުއްޓި ވަށައިގެން ލޯ ހިންގާލިއެވެ. ޖެހިލި ވައިރޯޅި އަކާއިއެކު ގަސްތައް ހޫރިގެންފައި އެއްގޮފި އަނެއް ގޮއްޕާއި ކޭއްތިގެން ދިޔަ އަޑު މާހައުލުގެ ހިމޭންކަން ނަގާލިއެވެ. އަނދިރީގެ ތެރޭގައި، ދުރުގައި މީހަކު ބަލަން ހުރިހެން ޒޭބާއަށް ހީވިއެވެ.

"މާވިން!" ޒޭބާ ހިނގައިގަތީ އެދިމާއަށެވެ. ހިތުގައި ހާސްކަމެއް ނެތްތާގައި ބިރުވެރި ހިޔާލެއް ވެސް ނާދެއެވެ. ޖެހިލުން ވެގެން ފަސްޖެހެވޭނީ ވެސް އެހެންނަމަ ތާއެވެ. އެމީހަކު ހުރިހެން ހީވި ގަހާއި ނުހަނު ކައިރިވެފައި ހުއްޓާ އިތުރު ވައިރޯޅިއެއް އައިސް މާހައުލުގައި ހަލަބޮލިކަމުގެ ރާޅެއް އުފައްދައިފި އެވެ. ކައިރިއަށް ގޮސް ބަލައިލުމާ އެކު ޒޭބާއަށް ފެނުނީ އެތަން ހުސްކޮށް އޮއްވައެވެ. އޭނާއަށް ނުފެނި އެމީހަކު ވަދެފިލީ ކޮންތާކަށް ހެއްޔެވެ؟

"މާވިން. ނޮޓް ފަނީ އިނގޭ. އަހަރެން ބިރުގަންނާނެ ކަމަށްތަ ތިއުޅެނީ؟ ތީ ހުސް ހީއެއް." ޖެހިލުންވާން ފެށުމުން ޒޭބާ ހީގަތެވެ. ހުއްޓިފައި ވަށައިގެން ހޯދައިލުމާ އެކު މިފަހަރު އޭނާއަށް ފެނުނު މަންޒަރު ތަފާތެވެ. މީގެކުރިން ހަމައެކަނި ގަސްތަކެއް ކަމުގައި ވި އެއްޗެހިތައް ތަފާތު އެކި ސޫރައަށް ސިފަވާހެން ހީވިއެވެ. ގަދަކަމުން ހިންދިރުވާލާފައި ދެކޮޅަށް ކަޅި ހިންގާލިތަނާ ފަހަތުގައި ހުރި މީހަކު އޭނާގެ ކޮނޑު މަތީގައި އަތް ބާއްވާލައިފިއެވެ. ޒޭބާގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. ބޭރަށް ލާން އުޅުނު ނޭވާ ވެސް ކަރުތެރޭގައި ތާށިވިހެން ހީވިއެވެ.

ކޮމެންޓް 0