އަވިކް ދެވަނަ ފަހަރަށް އައީ ނަޒްލާ އިރު މަޣްރިބް ނަމާދަށް ހުއްޓައެވެ. ސަޢީދާގެ ހުއްދަ ލިބުމުން އޭނާ އައިސް ނަޒްލާގެ ކޮޓަރި ދޮރު ހުޅުވާލައިފައި މުސައްލަމަތީ ހުރި ނަޒްލާއަށް ބަލަން ހުއްޓެވެ. ނަޒްލާ ނަމާދު ކޮށް އަވަދިވެގެން އެނބުރިލި އިރު އަވިކް ފެނުމުން މުޅިކުއްޖާ ފިނިވިއެވެ.
"އަވިކް ކީއްކުރަނީ މިތާ؟" ނަޒްލާ މުސައްލަ ގެންގޮސް އަލަމާރި ތެރެއަށް ލާން ހުރެފައި ވާހަކަ ދެއްކި އެވެ. "ނަޒޫ އަހަރެން ދެކެ ރުޅިއެއް ނަދޭތަ؟" އަވިކް ވެސް ކޮށްލީ ސުވާލެކެވެ. "ކީއްވެ ރުޅި އަންނަންވީ؟ ކޮންކަމަކާ؟" ނަޒްލާ ހައިރާން ކަމާއެކު އެނބުރި ބަލައިލިއެވެ. ހިމޭންކަމާއެކު އަވިކް ބަލަން ހުރި ގޮތުން ކޮންމެވެސް އެއްޗެއް ވިސްނާލި ފަދައެވެ. ނިއްކުރި މައްޗަށް އެލިފައި އޮތް ދެ އިސްތަށިކޮޅެއް އަތުގެ އިނގިލި ތަކުން އެއްކައިރި ކޮށްލި ގޮތް ބަލަން ނަޒްލާއަށް ހުރެވުނެވެ. "އަހަރެން މިއައީ ނަޒޫ ނުދިޔައީމަ ބަލާ." ނަޒްލާގެ ޖަވާބު ލިބުމުން އަވިކް މައުޟޫ ބަދަލު ކޮށްލިއެވެ. ކުރިއަށް ދެފިޔަވަޅެއް އަޅާފައި އޭނާ އައިސް ހުއްޓުނީ ނަޒްލާގެ ކުރިމައްޗަށެވެ. އެމޫނުން ނަޒަރު ވަކި ކޮށްނުލައި ހުރެފައި ނަޒްލާ އަތުގައި އަވިކް ހިފާލީ އެކަމަށް ހުއްދައަށް އެދުނު ފަދަ ގޮތަކަށެވެ. ނަޒްލާގެ ފުށުން ދެކޮޅުވެރިކަމެއް ނުފެނުމުން އަވިކް ހައްތަހާ ބޮޑަށް އެހޯލި އިނގިލިތަކަށް ބާރުކޮށްލިއެވެ.
"މީ ހަމަ ހަޤީޤަތެއްތަ؟... އަހަރެން ކުރިމަތީގައި ނަޒޫ ހުރި ކަމަށް ޤަބޫލު ކުރަން އަދިވެސް ދަތި..." އަވިކް ބޭރު ކުރަމުން ދިޔައީ ނަޒްލާގެ ހިތުގައިވެސް އޮތް ވާހަކަ ތަކެވެ. ހީވަނީ އެހިތް އޮތް ގޮތް އަވިކްއަށް ފެނިގެން އުޅޭހެންނެވެ. "އެނީވޭ... ފަހުންވެސް މިވާހަކަތައް ދެއްކިދާނެ. މިވަގުތު އަހަރެން ބޭނުމީ ނަޒޫ އަހަރެންނާއެކު ގެންދަން." ނަޒްލާ އެއްޗެއް ނުބުނުމުން އަވިކް އަނެއްކާވެސް ވާހަކަ ދެއްކި އެވެ. އަވިކް ކޮޓަރިން ނިކުންނަން ދިޔަ ބާރުމިނުގައި ނަޒްލާވެސް އެކުގައި ދިޔައެވެ. އޭރު އެއަތުގައި އަވިކް ހިފަހައްޓާލައިގެން ހުރި ތަނުން އާދަޔާ ޚިލާފް ކަރަންޓެއް އުފެދިގެން ހަށިގަނޑުގެ އެކި ހިސާބަށް އޭގެ އަސަރު ފޯރުވަމުން ދަނީއެވެ. މަންމަންވެފައި ނަޒްލާ ހުއްޓާ ބަދިގެ ފަރާތުން ނިކުތް ސަޢީދާއަށް ދާތަނެއް އަންގާލައިފައި އަވިކް ނިކުތެވެ.
މިޑޯވިއުއަށް އެމީހުން ވަދެގެން ދިޔައިރު ސޯފާގައި ޚަތިމެއް ހުޅުވާލައިގެން ކިޔަވަން ސުދާ އިނެވެ. އެމީހުންގެ ފިޔަވަޅުގެ އަޑަށް އޭނާ އިސްއުފުލައިލާފައި މީހަކު ދެނެގަންނަން މަސައްކަތް ކުރަމުން ނަޒްލާގެ މޫނަށް ބަލައިލިއެވެ. "މަންމާ އަހަރެން މިއައީ ނަޒޫ ގޮވައިގެން." އަވިކް ސުދާ ފެނުމުންވެސް ނުހުއްޓި ސިޑިއާއި ދިމާއަށް ދާން ފެށުމުން ނަޒްލާ ކަންބޮޑުވެއްޖެއެވެ. "ވިކް އަހަރެން މިތާ ބަހައްޓާފަ ތިބުނާ އެއްޗެއް ގެންނަންވީއެއްނު." ނަޒްލާ ހުއްޓެން މަސައްކަތް ކުރަމުން ތަންކޮޅެއް މަޑުން އިއްވާލިއެވެ. އޭނާ މޫނު އަނބުރާލިއިރު ސުދާވެސް އެއީ އޭނާކަން އެނގިގެން އުފާވެރި ގޮތަކަށް ހިނިތުންވެފައި ބަލަން އިނެވެ. "ނޫނޭ. ނަޒޫ ޖެހޭނީ އަހަރެންނާއެކު ދާން. މަންމައާއި ބައްދަލު ކުރެވިދާނެ އެނބުރި އައިއްސަވެސް." އަވިކް ވަގުތުން ދެކޮޅު ހެދިއެވެ.
ކޮޓަރި އާއި ހަމައަށް ދެވުމުން އެއަތުން ދޫކޮށްލި ވަގުތު ނަޒްލާއަށް އަޖައިބެއްފަދަ ހުސްކަމެއް އިހްސާސްވިއެވެ. ދާއިމީކޮށް އަތުގައި އޮތް ކެވެލިގަނޑެއް އަތާއި ވަކިކޮށްލެވުނު ފަދަ އިހްސާސެކެވެ. ނަޒްލާ އަނެއް އަތުން އަވިކް ހިފެހެއްޓި ތަނުގައި ފިރުމާލަމުން އަވިކްގެ ފަހަތުން ވަނެވެ. ކޮޓަރިތެރެއަށް އެޅި ދެފިޔަވަޅާއެކު ހުއްޓި ހުރެ ވަށައިގެން ލޯހިންގާލިއެވެ. ބެލްކަންޏަށް ނިކުމެވޭ ފުޅާ ދޮރާއި ދިމާލުގައި ލޭސް ދޮރު ފޮތިތައް ވަޔާއެކު ނަށަނީއެވެ. ވައިރޯޅި އެތެރެ ކުރަމުން ދިޔަ މާމެލީގެ ވަހުން ހިތުގެ ނުތަވަސްކަން ކުޑަވިހެން ހީވިއެވެ. އަވިކް އޭނާއަށް ފުރަގަސްދީގެން ހުރެފައި އަލަމާރި ތެރެއިން ނެގި އެއްޗެހި ހިފައިގެން ޖެހިލީ އެނދާއި ގާތަށެވެ.
"އަދިވެސް ހުރީތަ؟ އާދޭބަލަ މިކޮޅަށް." އަވިކް ނަޒްލާއަށް ނަޒަރެއްދީފައި އައިސް އަނެއްކާވެސް އަތުގައި ހިފާލައިގެން ގެންގޮސް ބޭންދީ އެނދުގައެވެ. ނަޒްލާ ދެކޮޅު ހެދުމުގެ ގޮތުން ބުނަން އުޅުނު ވާހަކަ އެހިސާބުން ހިތުތެރޭ ބޭއްވީއެވެ. އަވިކް އިށީންދެލީ އޭނާއަށް ކުރިމަތި ވާގޮތަށެވެ. އެދެމެދުގައި ބަރިއަކަށް އަރުވާފައިވާ ރަތް ކުލައިގެ ތިންފޮށީގައިވާ އެއްޗެއް ބެލުމަށް އަވިކް އިޝާރާތް ކޮށްލުމުން ނަޒްލާ އެންމެ މަތީގައި އިން ކުޑަ ފޮށި ނަގައި މަތި ހިއްލާލިއެވެ. ތަންމާ ބެހެއްޓޭ ގޮތަށް ކުޑަވަރެއްގެ ބުޑުގަނޑެެއްލާފައި އިން ބިއްލޫރި ބޯޅަ އަތަށް ނެގި ވަގުތު ތައުރީފް އޮހުނީ ނަޒްލާގެ ހިތުންނެވެ. އެބޯޅައިގެ އެތެރޭގައި ހުރި ރީތި ޖޯޑަށް ބަލަން ނަޒްލާ އިންދާ އަވިކް ކުއްލިއަކަށް އޭނާ އަތާއެކު ބޯޅައިގައި ހިފާފައި ދެފަރާތަށް ތަޅުވާލުމުން ސްނޯ ފަދައިން ހުދު ކުލައިގެ އެތިކޮޅުތަކެއް އެޖޯޑުގެ ވަށައިގެން ހަރަކާތް ކުރަމުން ބޮލަށް އޮހެން ފެށިއެވެ.
"ވަަރަށް ރީތި." ނަޒްލާ އަދިވެސް ބަލަހައްޓައިގެން އިންދާ އަވިކް އެނާ އަތުން ބޯޅަ އަތުލާފައި ދުރުގައި ބައިންދާލިއެވެ. ނަޒްލާއަށް އަވިކްގެ މަޤްސަދު ވިސްނިގެން ދެވަނަ ފޮށިވެސް މަތި ހިއްލާލިއެވެ. ދެވަނަ ސިކުންތުގައި އޭނާ ހީގަތީ ޅަކުއްޖެއްހާ ލޯބިކޮށެވެ. "ނަޒޫ އަބަދުވެސް މިކަހަލަ އެއެްޗެއް ބޭނުންވެގެން އުޅުނީމެއްނު." ނަޒްލާ އަތުގައި އޮތް އަލިމަސް ޖެހި ކުޑަ ތާޖުކޮޅަށް ބަލަން އިނދެފައި އަވިކް ހަނދާން ކޮށްދިނެވެ. "ނަޒޫގެ އެދުން ފުއްދަދޭން ނުވަ އަހަރު ނެގީތީ ސޮރީ." އަވިކް ބުނެލި ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ ނަޒްލާ ތާޖުކޮޅުވެސް ބާއްވާފައި ތިންވަނައަށް ހުރި ތުނި ފޮށި ހުޅުވާލިއެވެ. "މީ ހާދަ އަނގުބޮޑުވާނެއޭ. މީ އަހަރެންނަށް ޤަބޫލެއް ނުކުރެވޭނެ." ފޮށިތެރޭ އޮތް ހާރު ފެނިފައި ނަޒްލާ އެ ދުރުކޮށްލަން ސިކުންތެއްވެސް ނުނެގިއެވެ. "އަހަރެން ހަމައެކަނި ޤަބޫލު ކުރާނީ މި." ނަޒްލާ ބިއްލޫރި ބޯޅަ ނަގައި ދެއަތްތިލަތެރޭ ހިފަހައްޓާލަމުން ބުނެލިއެވެ. "ނަޒޫ ޤަބޫލު ނުކުރަންޏާ އަހަރެންނަށް ޖެހޭނީ ތިއެއްޗެހި އެއްލާލަން." އަވިކް ހިތްހަމަ ނުޖެހިފައި ތެދުވެގެން ހިނގައިގަތީ ބެލްކަންޏާއި ދިމާއަށެވެ. ކުޑައިރުހެން ނަޒްލާ ލައްވާ އޭނާ ބޭނުން ކަންތައް ކުރުމުގައި އަދިވެސް ކުޅަދާނައެވެ. "އޯކޭ. އަހަރެން މިހުރިހާ އެއްޗެއްވެސް އުފަލާއެކު ޤަބޫލު ކޮށްފިން." އިރުކޮޅެއް ފަހުން ނަޒްލާ ބުނެލިއަޑު އިވުނެވެ. އަވިކްގެ ތުންފަތަށް ވެރިވީ ކާމިޔާބުގެ ހިނިތުންވުމެކެވެ.
އިޝާ ނަމާދަށް ބަންޤި ގޮވަން ފެށުމުން ނަޒްލާ އެނބުރި ކޮޓަރިއަށް ވަންނަން ދަނިކޮށް މަންމަ ގޮވާލިއެވެ. އަތުގައި ހުރި އެއްޗިއްސަށް ނަޒަރު ދީގެން ކުރިއަށް ދިއުމުން އޭނާއަށް ޖޯލިފަތީގައި އޮތް މަންމަ ނުފެނުނީއެވެ. "ކީކޭ މަންމާ؟" ނަޒްލާ އަޑު އައި ދިމާއަށް އެނބުރިފައި ސަޢީދާ ފެނިގެން ސުވާލު ކުރިއެވެ. "އާދެބަލަ މިކޮޅަށް." ސަޢީދާ ވާހަކަދެއްކި ގޮތުން ނަޒްލާގެ ހިތް ތެޅިގަތެވެ. އޭނާ ކަންބޮޑުވެފައި ހުރެގެން ގޮސް މަންމަ ކައިރީ ހުސް ޖޯލީގައި ކުޑަ ގޮތަކަށް އިށީންދެލިއެވެ. "ނަޒްލާ ހަމަ ޒާހިދުއަށް އާ ބަހެއް ނުބުނާނަންތަ؟" ސަޢީދާ މިއަދު އިނީ ނިކަން ހިމޭންވެފައެވެ. މަންމަގެ އެސުވާލުން ނަޒްލާގެ ހިތުގައިވެސް ސުވާލު އުފެދުނެވެ. ޒާހިދުގެ ވާހަކަ މަންމަ ނުދައްކާތާ ދެތިން ދުވަހެއް ފަހުން މިރޭ ހަމަ ކުއްލިއަކަށް އެވާހަކަ އެފެށީ ކީއްވެ ހެއްޔެވެ؟ އަވިކް އާއި އޭނާގެ ގުޅުމާއިމެދު މަންމައަށް ޝައްކު ވީ ނޫންކަމެއްވެސް ނޭނގެއެވެ. "މަންމާ!".... ނަޒްލާ އަކުރު ތަކަށް ދަމާލައިފައި ގޮވާލިއެވެ. ތުންކޮޅު ހަދާލި ގޮތުން އެވާހަކަ އާއި ގަޔާނުވިކަން އަންގައިދިނެވެ. "ޒާހިދު ކަހަލަ ރަނގަޅު މީހަކު ނުވާނެ މިޒަމާނުގަ. މަންމަ ދަރިފުޅަށް ރަނގަޅަކަށް މިވާހަކަ މިދައްކަނީ. އަޅެ ގޮތް ބަލައިލަންވެސް އާއެކޭ ބުނެބަލަ. އެކުގައި އުޅެން ފެށީމަ ގަޔާވެވެވިދާނެ. މަންމައަށް ޔަޤީން ދަރިފުޅަށްވެސް އޭނާގެ ހުރި ހެޔޮކަމާއި ރަނގަޅުކަން އިހްސާސްވެ އެކުގައި އުޅެން ބޭނުން ވާނެކަން. ދެން އެހިސާބުން ކައިވެންޏަކާއި ހަމައަށް ދިޔައީމަ ނިމުނީ." ސަޢީދާ ނުހަނު ލޯއްބާއެކު ދަރިފުޅަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. "ކުޑަމިނުން މަންމަ މިދެއްކި ވާހަކައާއި ދޭތެރޭ އެއްްފަހަރުވެސް ވިސްނާލަބަލަ." ސައީދާގެ އަތް ނަޒްލާގެ ކޮނޑުގައި ބާއްވައިލާފައި ދާންވެގެން ތެދުވިއެވެ. "އަހަރެން ވިސްނާނަން." ނަޒްލާ މަންމަގެ ހިތްހަމަ ޖައްސައި ދިނުމުގެ ގޮތުން ބުނެލިއެވެ. އެއަޑު އަހައިގެން މަންމަގެ ތުންފަތަށް ވެރިވި ހިނިތުން ވުން އޭނާއަށް ފުދުނެވެ.
އާ ދުވަހަކަށް އިރު އަރައިގެން އައީ އަނެއްކާވެސް މުޅިން އާ ކަންތައްތަކާއި އާ ބަދަލު ތަކާއި އެކުގައެވެ. އެއް ކަމަކަށް ނަޒްލާގެ ނުވަ އަހަރުވީ އިންތިޒާރު ނިމި އޭނާއަށް އަވިކް ހާޞިލް ވެއްޖެއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އޭނާއަށް ރޭ ރަނގަޅަށް ނުވެސް ނިދުނެވެ. ކަންނޭލުގެ ބައްދާލައިގެން އޮވެ ޅަކުއްޖެއްހެން އޭނާ ހުނެވެ. ނިދި ޖެހިލާއިރުވެސް އޮވެވެނީ އަވިކްގެ ހަނދާނުގައި ހިނިތުން ވެވިފައެވެ. އެތަކެއް ފަހަރު ދެފަރާތަށް ފުރޮޅިފައި ތެދުވެގެން ކޮޓަރި ތެރޭ ދެކޮޅަށް ހިނގިއެވެ. ނަތީޖާއެއްގެ ގޮތުން ފަތިސް ނަމާދަށް ފަހު އެއުޅެނީ ތެދުވެއެވެ. އެނދުމަތީގައި ބަންޑުން އޮށޯތްގޮތަށް އަދިވެސް އޭނާގެ ނަޒަރު ހުއްޓާލައިގެން އޮތީ އަތުތެރޭ އޮތް ބިއްލޫރި ބޯޅައަށެވެ. އިރުއިރުކޮޅާ އޭތި ދެފަރާތަށް ތަޅުވައިލާފައި ސްނޯތައް ފައިބައި ނިމުމުން އަނެއްކާ ހަމަ އެގޮތަށް ކަންތައް ކުރެއެވެ. އާދައިގެ އެހެން ދުވަސްދުވަހު އޭނާ ކުރާ ހުރިހާ ކަމެއް ހަނދާން ނައްތާލައިފައި ހުރިހާ ސަމާލުކަމެއް މިއަދު އަވިކް ދިން އެހަދިޔާއަށެވެ.
"ނަޒްލާ މިއަދު ނުވެސް ހޭލަނީތަ؟" ސަޢީދާ ދޮރުފަތުގައި ތަޅާލި އަޑަށް ނަޒްލާ ސިއްސައިގެން ގޮއްސައި މިތެދުވީއޭ ގޮވާލެވުނެވެ. އޭނާ އަވަހަށް ލޯގަނޑު ކުރިމައްޗަށް ހުއްޓިފައި އެބޮޑު އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލައިގެން ނިކުތެވެ. ސައި ތައްޔާރު ކުރަން އުޅުނު އިރުވެސް އަބަދު ހުރެވެނީ އަވިކްގެ ހިޔާލުގައެވެ. "ނަޒްލާ މިއަދު ކިހިނެތް ވެފަ ތިހުންނަނީ؟ ރޮށި އެނދީއެއްނު." އެއްޗެއް އަނދާވަސް ދުވައިގެން ސަޢީދާ ބަދިގެ ތެރެއަށް ބޯ ކޮށްޕައިލުމާއެކު ފެނުނު މަންޒަރުން ބާރަށް ބުނެލެވުނެވެ. ނަޒްލާ ސިއްސައިގެން ގޮއްސައި އަވަހަށް ތަވާ މަތީ ކަޅުވެފައި އޮތް ރޮށި ނަގައި އެއްފަރާތަކަށް ލިއެވެ. "ހޫމ ނަޒްލާ އަދި އެއްވާހަކަ. ސުދާ ދައްތަމެން ކައިރީ ބުނޭ އެމީހުން ތިންއިރު ކެއުން މިގެއިން ލިބެޭނެ ވާހަކަ. އެހާލުގައި ސުދާ އިންނައިރު ކޮންމެ ފަހަރަކު މަންމަގެއަށް ގޮސް އައިސް އުޅެން އުދަނގުވާނެއެއްނު. ހިއެއްނުވޭ އެހާ ކުޑަ ދުވަސް ކޮޅަކަށް އެއުޅޭ ގޭގައި ކައްކާ ހަދާނެ ހެނެއް." ސަޢީދާ ދާންވެގެން އެބުރިފައި ކުއްލި އަކަށް ހަނދާންވެގެން ހުއްޓި ވާހަކަ ދެއްކިއެވެ. މަންމަގެ އެވާހަކަ އަހާފައި ނަޒްލާ ހައިރާންވި ވަރުން ހަމަތެދެއް ހޭ އަހައިލެވުނެވެ. "ހޫމ.. އެހާ ދުވަސް ފަހުން އައިސް ކުރިމަތީ ހުންނަ ގޭގައި އުޅޭއިރު އަހަރެންނަކަށް ނުކެރޭނެ ބީރަތްޓެހިން ހެން ހުންނާކަށް. ނަޒްލާއަށް އުދަނގު ނޫނިއްޔާ ކާއެއްޗެހި ހިފައިގެން އެމީހުނަށް ސައިދޭން ދިޔަސް އެންމެ ރަނގަޅު." ސަޢީދާ ދުރު ބަލަން ހުރެ ޖަވާބު ދީފައި ގޮސް ގެއްލުނެވެ. ނަޒްލާ ފޮނިވެގެން ހިނިތުންވެލީ މަންމަ ލޯމަތިން ގެއްލުނު ފަހުންނެވެ. ދެން އަލުން އޭނާ މަސައްކަތް ކުރިއަށް ގެންދަން ފެށީވެސް މުޅިން އާ ޖޯޝަކާއެކުގައެވެ.
ނަޒްލާ ތަށިބަރިއަށް ކާއެއްޗެހި އަޅައިގެން ދުވެލާފައި ގޮސް މިޑޯވިއު ގޭޓުން ވަންއިރު ހެނދުނަށް ފޮޅިފައިވާ މާތައްވެސް ހިނިތުން ވަނީއެވެ. ހުޅުވާފައިވާ ދޮރުން ވަދެފައި އޭނާ ގޮސް ކާމޭޒުމަތީ ތަށިބަރި ބެހެއްޓިއެވެ. ތިރީގައި ހުރި ކޮޓަރީގައި ސުދާ އިނދެފައި ބޭރު ތެރެއިން މީހެއްގެ ހިލަން ވުމުން އިހުސާނާ ކަމަށް ހީކޮށް ނިކުތެވެ. "ނަޒްލާތަ؟" ސުދާއަށް ނަޒްލާ ފެނިފައި ބުނެލިއެވެ. އޭނާ ގޮނޑި ދުއްވަމުން ކައިރިއަށް އައިއިރު ނަޒްލާ ދެތަށިބަރިން އެއްޗެހި ނަގައިގެން މެޒުމަތީ އަތުރާލައިފައި ކުޑަ ތަރުމޯޒުން ސައި އަޅަން ތައްޔާރު ވަނީއެވެ. "ދައްތަ ހިނގާ އަވަހަށް ސައިބޯން. ކޮބާ އީމާ ތެދުވެއްޖެތަ؟" ނަޒްލާގެ ވާހަކަ ހުރިގޮތުން ސުދާއަށް ބަލަން އިނދެވުނީއެވެ. މީގެ ކުރިންވެސް ނަޒްލާ އެގޭގައި އުޅެފައި ހުރީ އަމިއްލަ ގޭގައިވެސް އުޅޭހާ މިނިވަންކަމާއި އެކު އެންމެންނާއި ގާތްކޮށެވެ. ނަޒްލާ ސުދާއަށް ސައިތައްޓެއް އަލައިދީފައި ނާސްތާ ކުރެވޭނެހެން ތައްޔާރު ކޮށްދިނެވެ. އިރުކޮޅެއް ފަހުން އީމާވެސް ނިކުމެއްޖެއެވެ. ބީރަތްޓެހިވެފައި ނަޒްލާއަށް ބަލަން ހުރި އީމާ ކައިރިއަށް އައީ ސުދާ ގޮވާލީމައެވެ. މަސްހުނިކޮޅެއް ރަހަ ބަލާލައިފައި އީމާއަށް މީރުވެގެން ފޮނިވެފައި އަވަސް އަވަހަށް ކާން ފެށިއެވެ. އެދެމައިންގެ ހަރަކާތްތަކަށް ބަލަން ހިނިތުންވެފައި އިނަސް ނަޒްލާގެ ދެލޯ އެވަގުތުވެސް ހޯދަމުން ދިޔައީ އަވިކްއެވެ.
"އައްދެ އެންމެން ސައިބޮއި ނިންމާލީއެއްނު." ދޮރުމަތިން އަންހެނަކު ވާހަކަ ދެއްކި އަޑަށް އެމީހުން ބަލާލިއިރު އިހުސާނާ ހުއްޓެވެ. އިހުސާނާ އައީ އެމީހުން ސައިބޯން ބަލައެވެ. "އަހަރެން މިކިޔަނީ ނަޒްލާ ކައިރީ ކީއްކުރަންހޭ މިބުރަ އުފުލީ އިހުސާނާ ހުއްޓާ." ސުދާ އިހުސާނާ އާއި ދިމާއަށް މޫނު އަނބުރާލަމުން ވާހަކަދެއްކިއެވެ. "ނޫނޭ ނަޒްލާ ހުއްޓާ ދައްތަ އަހަރެންނަށް ބެލީތީ މީގަ ކަމުނުދިޔައީ. މިހާރުވެސް މިގޭގެ ހުރިހާ ކަމެއް ކުރަނީ ނަޒްލާވިއްޔަ." އިހުސާނާ ހިނި އައިސް ހުރެގެން ބުނެލި ވާހަކައަކުން ނަޒްލާ އަވަހަށް މައުޟޫ ބަދަލު ކޮށްލީ އިހުސާނާގެ ކައިރީގައި ހުރި ތުއްތު ކުއްޖާއަށް ގޮވާލަމުންނެވެ. "ރިފާތް މިހާރު ހާދަ ރުޅިއޭ އިހުސާންތާ. ކުރީގަ އަހަރެންނާއި ވަރަށް ރަތްޓެހި. ހަމަ ގޮވާލާއިރަށް އާދޭ. ކީއްވެ މިހާރު މަންމަ ފަސްބައިގަ ހިފަހައްޓައިގެން ތިހުންނަނީ ދޫންޏާ." ނަޒްލާ ރިފާތްއަށް އައިސްފައިވާ ބަދަލުގެ ވާހަކަ ދައްކާފައި އެންމެފަހުން މުޚާތަބު ކުރީ ޚުދު ރިފާތްއާއެވެ. އެކުއްޖާގެ ހަރަކާތް ހުރި ގޮތަކީ ކުރިއަށްވުރެވެސް ބޮޑަށް މަންމަގެ ފުރަގަހަށް ވަދެ ފިލުމެވެ. އެމޫނުން ނަޒްލާއަށް އާދަޔާޚިލާފް ކަމެއް ފެނުނެވެ. އެއީ ރިފާތް ލޮލުގައިވި ސިހުމެވެ. އާންމުކޮށް ބައެއް ކުޑަ ކުދިން ނުފެނި ގިނަ ދުވަސް ވުމުން ރުޅިވެގެންވެސް އެގޮތަށް ކަންތައް ކުރެއެވެ. އަދި ބައެއް ކުދިން ލަދުން ނޫނީ ރަކިވެގެންނެވެ. އެކަމަކު ފަސްއަހަރުގެ ރިފާތްގެ ފުށުން ފެނުނީ އެހެން ކަމެކެވެ.
"ނޭނގެ މިކުއްޖާއަށް މިހާރު ވެފަ ހުންނަ ގޮތެއް. އަހަރެން މަސައްކަތެއް ކުރަންވެގެން ދައްތަ ކައިރީ ކުޅެން ހުންނާށޭ ބުންޏަށް ނުދާނެ. އެހެންޏާ ދެކުދީން އެކަންޏޭ އިންނަނީ އަހަރެން ކުރާ ކަމެއް ކުރާންދެން." އިހުސާނާވެސް ނަޒްލާގެ ވާހަކަ އާއި ގުޅުވައިގެން ބުނެލިއެވެ. ނަޒްލާގެ ސަމާލުކަން ކުރިއަށްވުރެވެސް ބޮޑަށް ރިފާތް ހޯދައިގަތީ އެހިސާބުންނެވެ. އޭނާ އެކަމާއިމެދު ފުންކޮށް ވިސްނާލިއެވެ. ނަޒްލާ ނިންމީ އަދިވެސް ބޮޑަށް ރިފާތްގެ އުޅުން ދިރާސާ ކޮށްލާށެވެ. ކުށްހީއަކަށް ބަަލައިގެން ވާހަކަ ދެއްކުމުގެ ކުރިން ގިނަ ހެކިތަކެއް ހޯދުން ބުއްދިވެރިއެވެ.
"ނަޒްލާ ދޭބަލަ އަވިކްއަށް ގޮވަން. މިހާރު ދިހައެއް ޖަހަނީއޭ. މިތާގައި އެހެން ގިނައިރު ނިދަންއޮވެފަ މާލެ ގޮސް ބައްޕައާއެކު މަސައްކަތް ފަށާއިރު އޮންނާނީ އުދަނގޫ އުފުލަން ޖެހިފަ. މިހާރުއްސުރެ އެކަން ދަނެގެން ތައްޔާރުވިއްޔާ އަވިކްއަށް ރަނގަޅު ވާނީ." ނަޒްލާ އަވިކް ނުނިކުތުމުން ތަށިބަރި ހިފައިގެން ގޮސް ގޭގައި އެތައްއިރަކު އުޅެފައި އެނބުރި އައިސް ވަންތަނާ ސުދާ އެދުނެވެ. ސުދާ އިނީ ސޯފާގައި ފޮތެއް ހުޅުވާލައިގެންނެވެ. އީމާއެކު ކޮންމެވެސް ކުއްޖަކު ކުޅެން ދުވެ ދުވެފައި އުޅެނީ ގޯތިތެރޭ އޮތް ހުސް ތަނުގައެވެ. ނަޒްލާ ފިނިވި ނަމަވެސް ސުދާ ބަލަން އިނުމުން ބޯ ޖަހައިލާފައި ގޮސް ސިޑިން އަރަން ފެށިއެވެ. ތަންކޮޅަކަށް ދެވުނުތަނާ ސުދާ ގޮވާލައިފައި އަވިކް އޮތް ކޮޓަރިބުނެދިނުމުން އިތުރަށް ފަސޭހަ ވެގެން ދިޔައެވެ.
ނަޒްލާ މަޑު މަޑުން ދޮރު ހުޅުވާލައިފައި ބޯ ދިއްކޮށްލި އިރު ކޮޓަރިތެރެ އަނދިރިކަމުން އަދިވެސް މެންދަން ފަދައެވެ. "ޕިސް ޕިސް. މިއޮތް ކަމެއް." ނިއްކުރީގައި އެއްއަތުން ތަޅައިލާފައި އޭނާ ބުނެލިއެވެ. ކޮޓަރި އޮތް ގޮތް ފެނިފައި ނޭގުމުގެ ތެރޭގައި އޭނާގެ ހަރަކާތް ބަދަލުވީ ނުވަ އަހަރު ކުރީގެ ނަޒްލާއަށެވެ. އަނދިރީގެ ތެރެއިން ނުހަނު ފަރިތަކަމާއެކު އޭނާ ގޮސް ބިއްލޫރި ބިތް ފޭރާން ކޮށްފައިވާ ބޯ ފޮތިތައް ކަހާލިއެވެ. ވަގުތުން ބިއްލޫރި ބިތް ފުރާނާލައިފައި ކޮޓަރި ތެރެ ފުރާލީ އިރުގެ އަލީންނެވެ. ނަޒްލާ ކަމީޔާބީގެ މައްޗަށް ހިނިތުންވަމުން އެނބުރި ބަލައިލިއިރު އަވިކް މުޅިގައިގައި ރަޖާ އަޅައިގެން އޮތީ އަދިވެސް ގަދަ ނިދީގައެވެ. ނަޒްލާގެ އެހަރަކާތުން އަވިކްއަށް ކަމެއް ވީހެންވެސް ހީނުވެއެވެ. "ައަހަ! އަދި މިވަރުން ނިންމައިލެވޭކަށް ނެތެއްނު. ހޫމ ހުރެބަލަ މޮޅު އެއްޗެއް ހަދާނަން." ނަޒްލާ ދެއުކުޅުގައި އަތް ވިދެލަމުން އެކަނި ހުރެގެން ވާހަކަ ދެއްކިއެވެ. ވިސްނަން ހުރެފައި ދެފަރާތް ހޯދައިލިތަނާ އޭނާގެ ލޮލުގައި އަޅައިގަތީ ސައިޑް ޓޭބަލް މަތީ ބަހައްޓާފައި ހުރި ބިއްލޫރި ވާސްގެ މެދާކަށް ހަމައަށް ހުރި ސާފު ފެންފޮދެވެ. ލާނެތް ހިނިތުންވުމަކާއެކު އޭނާ ގޮސް މޯޅިވެފައިވާ ސަންފްލާވަރ ތައް ނަގައި ބަހައްޓާފައި އެވާސްގެ ދިގު ތުނބުގައި ހިފާލައިގެން އަވިކްގެ މޫނަށް އަރިކޮށްލައިފިއެވެ. ހޯސްލާފައި އޮހިގަތް ފެންފޮދު މޫނުގައި ޖެހުމާއެކު އަވިކް ތެޅިގަތް ގޮތުން ނަޒްލާ އަތުގައި އަވިކްގެ އަތް ޖެހިފައި ވާސްވެސް މާދުރަށް ބުރުއްސައިގެން ދިޔައެވެ.
އެވަގުތު އަވިކް ފުންމައިގެން ތެދުވީ ހަޅޭތްލައިގެންފައެވެ. އަވިކްއަށް ވީ ގޮތް ފެނިފައި ނަޒްލާއަށް ހިނިގަނޑު ކޮންޓްރޯލެއް ނުކުރެވުނެވެ. އޭނާ ބާރު ބާރަށް ހީގެންފައި ބަނޑުގައި އަތް އަޅާލައިފިއެވެ. "ސުދާ ދައްތަ ބުނެ... ބުނެގެން.. ވިކްއަށް ގޮވަން މިއައީ." ނަޒްލާއަށް ހެވޭވަރުން ވާހަކަ ދެއްކުނީވެސް އުދަނގުލުންނެވެ. "މަންމަ ބުނިތަ އަހަރެން ހޭލައްވަން މޫނަށް ފެން އަޅާށޭ." އަވިކް ރުޅިއައި ކަމަށް ހެދިގެން ދެބުމަ ގޮށް ޖަހާލިއެވެ. "ނޫނޭ ނުބުނޭ ވަކި ގޮތަކަށް ހޭލައްވާށެކޭ. އެހެންވެ އަހަރެން އަމިއްލައަށް ނިންމި ގޮތް މީ." ނަޒްލާއަށް އަވިކްގެ މޫނު ފެނިގެން ކުއްލި އަކަށް ހުނުން މެދުކެނޑިއްޖެއެވެ. އޭނާ ޖަވާބު ދިންއިރު މޫނުމަތިން ކަންބޮޑުވުން ފައުޅުވިއެވެ. ކުށްވެރިއަކު ފަދައިން އަވިކްއަށް ބަލަން އޭނާ ހުއްޓެވެ. ކުރެވުނު ކަންތަކާއި މެދު އެހާ އަވަހަށް ހިތާމަ ކުރަން ޖެހުނީއެވެ.
"ނަޒްލާ!" ތުންކޮޅު ހަދާފައި ދެރަވެގެން ދާން ހިނގައިގަތްތަނާ އަވިކް ގޮވާލި އަޑު އިވުނެވެ. އޭނާ އެހުރި ހިސާބަށް ހުއްޓިފައި އެނބުރި ބަލައިލިއެވެ. އެވަގުތު އަވިކް ހީގަތީ އޭނާއަށްވުރެވެސް ބާރަށެވެ. "ނަޒޫއަށް އެކަނިތަ މީހުންނަށް ލަނޑު ދެވޭނީ." އަވިކް ބުނެލި ވާހަކަ ނަޒްލާއަށް ވިސްނުނެވެ. ރުޅި އައި ކަމަށް ހެދިގެން އަވިކް އޭނާ ބިރުގަންނަވާލީއެވެ. "ބަލާބަ ގޯސްކަން. ދެން ނުވެސް ހުންނާނަން." ނަޒްލާ ޅަކުއްޖެއްހެން ފުއްވައިލާފައި ދާން ހީކޮށްލިއެވެ. "އޮހޮހޯ އަދި އެހާ އަވަހަކަށް ނުދެވޭނެ. މަގޭ މޫނަށް ފެންޖަހާފަ ފިލައިގެން ދެވޭނެ ކަމަށްތަ ހީކުރީ." އަވިކް ތެދުވި ގޮތުން ނަޒްލާ އަވަހަށް ހަޅޭތްލައިގެންފައި ދޮރާއި ދިމާއަށް ދުއްވައިގެންފިއެވެ. އެކަމަކު އޭނާއަށް ތަޅުގައި އަތްލެވުނު އިރު އަވިކް ހުރީ އޭނާގެ އަނެއް އަތުގައި ހިފާލައިގެންނެވެ. "ނޫން ނޫން ވިކް. މީ އިންސާފެއް ނޫން. އަހަރެން ބިރުގަންނަވާލައިގެން ބަދަލު ހިފައިފީމެއްނު. ދެން އިތުރަށް ވިކް ކަމެއް ކުރަން ވެއްޖެއްޔާ ކަމަކުނުދާނެ. އަހަރެން ދޫކޮށްލާ." ނަޒްލާ އާދޭހާއެކު އެދުނެވެ. "ފެންެެއެޅުމާއި އެކަމާއި އެއްވަރުތަ؟ ނޫން ދޯ. އެހެންނޫނަސް މީގަ ފެއަރ ވާނީ އަހަރެންވެސް ނަޒޫ ތެންމާލީމަ." އަވިކް ނަޒްލާ އަތަށް ދަމާލައިފައި ގެންދަން ފެށީ ލިޔާމޭޒުމަތީ ހުރި ފެންޖަގާއި ދިމާއަށެވެ. އެވަގުތު ނަޒްލާ ކުއްލިއަކަށް އެއަތް ފޮޅުވާލައިފައި ދުއްވައިގަނެގެން ގޮސް ވަކި ހިސާބަކުން އަވިކް ހުރަސް އެޅުމުން ވިސްނާލެވުނުއިރު ހުރެވުނީ ފާޚާނާ ކައިރީގައެވެ.
"އަދި މާރަނގަޅަށް މި ދިމާވީ." ލާނެތް ހިނިތުންވުމަކާއެކު އަވިކް ކައިރިވި ވަރަކަށް ނަޒްލާއަށް ޖެހެވުނީ ފިޔަވަޅަކަށް ވުރެ ފިޔަވަޅެއް ފަހަތަށެވެ. ރަޖާ އެއްލާލައިފައި ތެދުވިއިރު އަވިކް ހަމައެކަނި ބޮކްސާކޮޅެއްގައި ހުރުމުން އެކަމާއިވެސް އޭނާ އެހުންނަނީ ނިކަން ކަންބޮޑުވެ ލަދުގަނެފައެވެ. "ގޮވާނަން ސުދާދައްތައަށް!" ނަޒްލާ އަވިކްއަށް އިންޒާރުދޭން މަސައްކަތް ކުރިއެވެ. "ގޮވާ! ބާރަށް ގޮވާ!" ނަޒްލާ ދޮރާއި ހަމައިގައި ހުއްޓާ އަވިކް އަތް އުފުލާލައި ދޮރުކަނީގައި އެއަތް އަޅުވާލުމުން ނަޒްލާ މާބޮޑަށް ފަހަތަށް ޖެހިލެވުނެވެ. އެވަގުތު ދޮރުފަތުގައި އޭނާގެ ބުރަކަށި ޖެހިފައި ހުޅުވިގެންދިޔަލެއް ފަސޭހަކަމުން ފާޚާނާ ތެރެއަށް ވެއްޓެން ދިޔައެވެ. ބިރުން ގޮސް މޭގަނޑު ފިނިވި ވަރުން ނަޒްލާގެ އަނގައިން އަޑުވެސް ބޭރެއް ނުވިއެވެ. އޭނާއަށް ކުރެވުނުހާވެސް ކަމަކީ ބާރަށް ދެލޯ މަރައި ތަގުޅި ކޮށްލުމެވެ. އެކަމަކު އޭނާ ހީކުރި ގޮތާއި ޚިލާފަށް ހަށިގަނޑު ވަކި ވަރަކަށް ތިރިވިފަހުން އަވިކް އޭނާ އަތުގައި ހިފަހައްޓައި ހަށިގަނޑު ތެދުކޮށްލަ ދީފިއެވެ. ލޯ ހުޅުވާލައިފައި ފުން ނޭވައެއް ބޭރު ކޮށްލި ގޮތަށް ނަޒްލާ އަނެއްކާވެސް އަވިކްގެ އަތް ފޮޅުވާލީއެވެ. އަވިކް ހުއްޓުމެއްނެތި ކުރިއަށް އަންނާތީ އޭނާއަށް މަޖުބޫރުވެގެން ފަހަތަށް ގޮސް އެންމެ ފަހުން ހުރެވުނީ ފާޚާނާ ތެރޭގައި މާގަނޑު ދަށުގައެވެ.
"ޗެކް ދިސް އައުޓް!" ބޭނުންވާ ގޮތް ވުމުން ލާނެތް ގޮތަކަށް ހެވިލާފައި އަވިކް ފަހަތަށް އަތް ފޮރުވާލައިގެން މާގަނޑު ދޫކޮށްލުމުން ހޯސްލާފައި އޮހިގަތް އެތައް ހާސް ފެންތިކިތަކުން ނަޒްލާ ތެންމާލިއެވެ. "އައްޗީ....!" ނަޒްލާއަށް ހަޅޭތްލަވައިގަނެވުނެވެ. "މިހާރު އެނގިދާނެ ނިދާފަ އޮތްވާ މޫަނަށް ފެންއެޅީމަ ކުރެވޭ އިހްސާސް." ނަޒްލާ ބަލައިލުމުން އަވިކް ހަމަޖެހިލާފައި އެއްލޯ މަރާލިއެވެ. ދެވަނަ ސިކުންތުގައި އޭނާއަށް ހުރެވުނީ ތެމިފޯވެފައިވާ ނަޒްލާގެ މޫނަށް ކަޅި ހުއްޓާލައިގެން އެސްފިޔަ ޖަހާލަން ހަނދާން ނެތިފައެވެ.