"އަނބި ޤަބޫލު ކޮށްފިން." އަވިކް އެޖުމްލަ ބުނެލި ވަގުތު ނަޒްލާއަށް ބޭއިޚުތިޔާރުގައި އެމޫނަށް ބަލައިލެވިއްޖެއެވެ. އެވަގުތު އެދެލޮލަށް ޖަމާވެގެން އައީ އުފާވެރިކަމުގެ ކަރުނަ ތިކިތަކެވެ. މިއޮތް ހުރިހާ ދުވަހު ދެކުނު ހުވަފެން ސީދާވީއެވެ.
*****

އަވިކް ބޭނުންވި ގޮތަށް އާއިލާ އާއި ރަހުމަތްތެރިންގެ އިތުރުން ދެން އެޕާޓީގައި ހިމެނުނީ މުވައްޒަފުންނެވެ. ތިން ގަޑިއެއްހާއިރަށް ދެމިގެންދިޔަ ޕާޓީ ނިމުނުއިރު ހަމައެކަނި އާއިލާއަށް ނިސްބަތްވާ މީހުންނާއި ބައެއް އެކުވެރީންނަށް ވެއްޖެއެވެ. ނުހާގެ ފިރިމީހާ ޝާއިން ސޯފާތަކުގައި ތިބި ކަރަމްމެން ދެމަފިރިންނާއި ވާހަކަ ދައްކަން ފެށުމުން ނުހާ ނަޒްލާ ގޮވައިގެން ދިޔައީ ސިޑިން އަރާށެވެ. ކުޑައިރުކޮޅެއް ކުރިން ނިކުތް ގޮތަށް މިކިޔާލް އާއި އަވިކް ވީ އޭރު ގޯތިތެރެއަށް ނިކުމެލައެވެ. ސާފު ވައިލިބޭ ގޮތަށް ޖަހާފައިވާ މޭޒު ތަކުން މޭޒެއްގެ ދޮށުގައި ފަތުހު އާއި އަދިވެސް ދެ އެކުވެރިއަކު ތިއްބެވެ. މިކިޔާލް އާއި އަވިކް ގޮސް އެތާ އިށިން ހިސާބުން އެމީހުން ކަމަކަށް އޮތީ އަވިކްއާ ދިމާ ކުރުމެވެ. 

"ދެން ދަނީ އިނގޭ . މިހާރު އިރުކޮޅެއް ވެއްޖެ އަނާންގެ ޚަބަރެއް ބަލައިނުލާތާ." ނަޒްލާ އެނދުގައި ބައިންދާފައި ނުހާ ދެއްކީ އެގޭގެ ކޮޓަރިއެއްގައި ނިންދަވާފައި އޮތް ދަރިފުޅުގެ ވާހަކައެވެ. ނަޒްލާ އެއްޗެއް ނުބުނެ ހިމޭންވެފައި އިންދާ ނުހާ އެނބުރިލި ވަގުތު އޭނާ އަތުގައި ނަޒްލާ ހިފެހެއްޓުމުން ދިޔައީ ސިއްސައިގެންނެވެ. "ނަޒޫ؟" ނުހާ އެނބުރި ބަލައިލިއިރު ނަޒްލާ އަދިވެސް އިނީ އިސްޖެހި ގޮތަށެވެ. "ކިހިނެތްވީ؟ ބިރުގަންނަނީތަ؟" ނުހާއަށް ނަޒްލާގެ މޫނުގެ ކުލަވަރު ފެނުމުން ހިތަށް އައީ ލާނެތް ހިޔާލެކެވެ. "ދޮންދާ!" ނުހާ ކުޑަކޮށް ހީލިތަނާ ނަޒްލާ އަޑަށް ބާރުލައިފައި ބުނެލިއެވެ."އޯކޭ އޯކޭ. ދިމައެއް ނުކުރާނަން." ނުހާ ހިނގަނޑު ހިންދާލައިފައި ނަޒްލާގެ މަގަތުގައި އިށީނެވެ. ނަޒްލާ އިތުރަށް އެއްޗެއް ނުބުނި ނަމަވެސް އޭނާ ދައްކަން ބޭނުން ވަނީ ކޮން ވާހަކައެއްކަން ނުހާއަށް ވިސްނުނެވެ. 

"ދެން އެހާ ވަރަށް ނުވިސްނާ. މަންމަގެ ރުޅިގަނޑު ފިނިވީމަ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ. އަހަރެން މަންމައަށް ވިސްނަދޭނަން." ނަޒްލާގެ ދެލޯ ފެންކަޅިވެފައި ހުއްޓާ ފެނުމުން ނުހާ އެމޫނުގައި ހިފާލައިފައި ވިސްނައިދިނެވެ. ނަޒްލާ ދޮންދަގެ އަތްތިލައިފައި ހިފާ ވަކިކޮށްލީ ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރާލުމަށްފަހުގައެވެ. "އަހަރެން ހިތަށް އަރަނީ މަންމަ ދެން ދުވަހަކުވެސް އަހަރެންނާއި ވާހަކައެއް ނުދައްކާނެއޭ." ނަޒްލާގެ ދެ ތުންފަތް ތުރުތުރު އަޅާލުމުން ތިރީ ތުންފަތުގައި ދަތް އެޅިއެވެ. "މިރޭ ދެން ތިހުރިހާ ހިޔާލެއް ކުރާނެ ކަމެއް ނެތް. މީ އެއަށްވުރެ ސްޕެޝަލް ރެއެއް. އަވަހަށް ތި ކަރުނަ ފުހެލައިފަ ސްމައިލް ވެގެން އިނދޭ. އަވިކް އަންނައިރު ނަޒޫ ރޯން އިނދެގެން ކަމަކު ނުދާނެ." ނުހާ ތެދުވެފައި ތަންމިނަށް ހިނިތުންވެލިއެވެ. އޭނާ ނިކުމެގެން ދިޔައީ ހެނދުނު ފުރާތީ ވަދާޢީ ސަލާމް ކޮށްފައެވެ.

ނުހާ ކިތަންމެ ވަރަށް ވިސްނަދީފައި ދިޔަސް އެހިސާބުން އަނެއްކާ ލޮލަށް ކަރުނަތައް ވީ އިތުރެެވެ. އެކަނި މަންމަގެ ހިޔާލެއް ނޫނެވެ. އަވިކްގެ ހިޔާލުންވެސް އޭނާގެ ހިތަށް ލިބުނީ ހިތްދަތި ކަމެކެވެ. ކައިވެންޏާއި ޖެހޭންދެން އޭނާ އާއި ދުރުން އަވިކް އުޅެފައި މިރޭ ކަންތައް ކުރާނީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. ކައިވެންޏާއި ހިސާބުން އަވިކްގެ ހުރިހާ ޝަކުވާއެއް ފިލައި ހުރިހާކަމެއް ރަނގަޅުވާނެ ކަމަށް ބަލައިގެން ނުވާނެ ކަމުގައި ހިތް ބުންޏެވެ. ވަގުތު ހިނގަމުން ދިޔަ ވަރަކަށް ހިތަށް އަރަމުން ދިޔަ އެއްޗެހިވެސް ވީ ގިނައެވެ. އަވިކް އޭނާދެކެ ހިތްހަމަ ނުޖެހިފައި ހުރިވަރުން ކައިވެނީގެ ރޭ އޭނާ ފެންނަ ހިސާބަށް ނައީ ކަމުގައި ވިސްނެން ފެށިއެވެ.

އެކުވެރިން ފަރާތުން އަވިކްއަށް ސަލާމަތް ވެވުނުއިރު އެރޭ ބާރަ ޖަހައިފިއެވެ. އޭނާ ސިޑިން އެރިއިރު ނޯކަރުންގެ ދެމީހަކު ފިޔަވައި އިތުރު މީހަކު ފެންނަންވެސް ނެތެވެ. ދޮރު ހުޅުވާލިއިރު އަވިކް ހީކޮށްގެން ހުރީ ނަޒްލާ ވަރުބަލި ވެގެންނާއި އިންތިޒާރު ކޮށް ފޫހިވެގެން މިހާރު އޮންނާނީ ނިދިފައި ކަމަށެވެ. އެކަމަކު އޭނާ ހީކުރި ގޮތާއި ޚިލާފަށް ނަޒްލާ އިނީ އެނދުގެ ކޮޅާއި ދިމާލުގައި ބަހައްޓާފައި ހުރި ސޯފާގައި އިސްޖެހިފައެވެ. އެހާ ލަސްވިއިރުވެސް ނަޒްލާ އިންތިޒާރުގައި އިނުމުން އަވިކް ހިތްހަމަ ޖެހުނެވެ. އެކަމަކު ތުންފަތަށް ވެރިވި ލުއި ހިނިތުންވުން އޭނާ ދާދި އަވަހަށް ފޮރުވާލައިފިއެވެ. ނަޒްލާ އިސްއުފުލާލިތަން ފެނިގެން އޭނާ ނޫންކަމަށް ހެދިފައި ކުޑަކޮށް ކަރުކެހިލަމުން އަނެއްފަރާތަށް އެނބުރި ދޮރު ލެއްޕިއެވެ. ދެން އެނބުރިލިއިރު ނަޒްލާ އިނީ އަނެއްކާވެސް އިސް އޮބާލައިގެންނެވެ.

"ނުނިދަންތަ؟" އަވިކްގޮސް ސޯފާގެ އަނެއްކޮޅުގައި އިށީނެވެ. ނަޒްލާ ހަމައެކަނި ހޫމ އަޅުވާލިއެވެ. "އަހަރެން ހީކުރީ ވަރުބަލި ވެގެން ނިދާފަ ކަމަށް އޮންނާނީ." އަވިކް ކޮޅަށް ތެދުވެ ޓަކްސިޑޯ އާއި ޓައީ ބާލައިފައި އަތާއި ކަރު ގޮށް ނައްޓަމުން ގޮސް އަލަމާރި ހުޅުވާލިތަނާ ނަޒްލާ އިސްއުފުލާލައިފައި ސިއްރުން ބަލައިލިއެވެ. ނިދާ ހަރުވާޅާއި ޓީޝާޓް ނަގައިގެން އަވިކް ގޮސް ވަނީ ފާޚާނާއަށެވެ. ދެން ހަދާނެ ގޮތެއް ނޭނގިފައި ނަޒްލާ ތުންފަތުގައި ދަތް އަޅާލަ އަޅާލާ އިންދާ ފާޚާނާއަށް ދޮރު ހުޅުވާލައިފައި އަވިކް ނިކުމެއްޖެއެވެ. ނަޒްލާ ކުރިކަމަކީ އަނެއްފަހަރުވެސް އިސްޖެހީއެވެ. އަވިކް އަތުގައި އޮތް ފަޓްލޫނު ވަކިން ހުރި ސޯފާއަށް އެއްލާފައި އޭނާ ގޮސް ބޯދަށަށް ދެއަތް ލައިގެން އަރާ ދިގު ދިގަށް އޮށޯތީ އެނދުގައެވެ. "ނަޒޫވެސް ދާންވީއެއްނު ޗޭންޖް ކޮށްގެން އަންނަން. ތިލައިގެން ހިއެއްނުވޭ ނިދޭނެ ހެނެއް." އަވިކް ނަޒްލާއަށް ބަލަން އޮވެގެން އިއްވާލިއެވެ. އިރުކޮޅެއް ނުވެ އަވިކްގެ ކަންފަތުގައި ހަރުލައިގެން ދިޔައީ ނަޒްލާގެ ރުއިމުގެ އަޑެވެ. އޭނާ ކުއްލިއަކަށް ތެދުވެ އިށީންތަން ފެނިގެން ނަޒްލާ އަވަހަށް މޫނުގައި ދެއަތް އަޅާ ފޮރުވިއެވެ. އެކަމަކު ރުއިމުގެ އަޑު ހިންދައެއް ނުލެވުނެވެ. ވީ ގޮތެއް ނޭނގިގެން ހައިރާން ވެގެން އަވިކް އިނީ އެއްޗެއް ނުބުނެވިފައެވެ. އޭނާ އެނދުން ފައިބައިގެން އައިސް ނަޒްލާގެ ކުރިމައްޗަށް ހުއްޓިފައި އެނަމުން ގޮވާލިއެވެ. 

"ސޮރީ ވިކް. ސޮރީ. އައެމް ރިއަލީ ސޮރީ." ނަޒްލާ ރޮމުން ކިޔަން ފެށި އެއްޗަކީ އެޔެވެ. "ކީކޭ ތިކިޔަނީ؟ ކީއްވެ ތި މަޢާފަށް އެދެނީ؟" އަވިކްގެ ސިކުނޑި ސުވާލު މާކުން ފުރުނެވެ. ހަމަ ކުއްލިއަކަށް ނަޒްލާ ރޮއި ރޮއިފައި މަޢާފަށް މިއެދެން ފެށީ ކީއްވެ ހެއްޔެވެ؟ އަވިކް ފާޑަކަށް ބަލަން ހުރެލާފައި ނަޒްލާގެ ކައިރީގައި ކުޑަކަކޫ ޖަހާލައި މޫނުގައި އަޅާފައި އޮތް ދެއަތްތިލަ ވަކިކޮށްލިއެވެ. "ނަޒޫ. ލުކް އެޓް މީ!" އަވިކް އެދުމުން ނަޒްލާ އިސްއުފުލާލިއިރު އަވިކް އިނީ ބަލާށެވެ. ކަރުނުން ފުރިފައިވާ ދެލޮލާއެކު އެރީތި ކޯތާފަތް ތެމިފައި ހުއްޓާ ފެނުމުން އަވިކްގެ ހިތަށް ކުރީ މުޅިން ތަފާތު އަސަރެކެވެ. އެހާ ހިތާމަވެރިކޮށް އިންނައިރުވެސް ނަޒްލާ ރީތިކަމުން ހިތާއި ހިތުން ތައުރީފް ކޮށްލެވުނެވެ. 

"ހުއްޓާލަބަލަ!" އަވިކް ދެން ބުނި ބަހަށްވެސް ނަޒްލާ ކިޔަމަންވިއެވެ. އޭނާ ގަދަ ހިތްވަރުން ހަމަ ކުއްލިއަކަށް ތުންފަތުގައި ބާރަށް ދަތް އަޅާފައި އަޑު ކޮންޓްރޯލް ކޮށްފިއެވެ. "އާހ... ތިހެން އިނީމަ ތިލިޕްސް..." ނަޒްލާ ތުންފަތަށް އަނިޔާ ދޭތަން ފެނުމުން އަވިކް އެއްޗެއް ބުނަން ފަށާފައި ފުރިހަމަ ނުކޮށް ހުއްޓާލިއެވެ. އަވިކް އެބުނި އެއްޗަކުން ނަޒްލާވެސް ކަންބޮޑު ވެއްޖެއެވެ. "ދެން ބުނެބަލަ ކީއްވެ ސޮރީއޭ ތިކިޔަނީ؟" އަވިކް ސާފު ބަހުން އެހިއެވެ. "އަހަރެންނަށް އިނގޭ އަހަރެންނަށް ކަންތައް ކުރެވިފައި ވަނީ ވަރަށް ގޯސްކޮށް ކަން. އެތައް ފަހަރަކު ވިކްގެ ލޯއްބަށް އަހަރެން ދެކޮޅު ހެދީ. އަދި މިފަހަރު އަހަރެންނާ ހެދި ވިކް މަންމައަށްވެސް މިގެއަށް އަންނަން ޖެހުނީ. އެހެންވެ އަހަރެންނަށް އިނގޭ ވިކް އަހަރެން ދެކެ ތިހުރީ ރުޅި އައިއްސަކަން. ވިކް ދޭ ކޮންމެ އަދަބެއް ލިބިގަންނަން އަހަރެން ތައްޔާރު. އެކަމަކު އަހަރެންދެކެ އައިސް ހުރި ރުޅިއަކުން ވިކްގެ.... ވިކްގެ ވެޑިން ނައިޓް.... ރޫން ވާކަށް ބޭނުމެއް ނޫން... އަހަރެންނަށް އިނގޭ ވިކް އެހެންވެކަން ތިއުޅެނީ އަހަރެން ނިންދަވަން." ނަޒްލާ ފަހު ޖުމްލަތައް އުދަނގުލުން ބުނެލާފައި ކުއްލިއަކަށް ތެދުވެ ދުއްވައިގަތުމުން އަވިކް ވެއްޓުނީ ތިރިއަށެވެ. ނަޒްލާ އެދެއްކި ވާހަކައެއް ސިކުނޑިއަށް ނަގައިގަނެވުމުން އޭނާ ލުއި ހުނުމަކާއެކު އެނބުރިލިއިރު ނަޒްލާ ގޮސް ހުރީ އޭނާއަށް ފުރަގަސްދީގެން ކުޑަދޮރު ކައިރިއަށް ހުއްޓިއެވެ. 

ނަޒްލާ ދެއަތް ދެއަތާއި މޮޑެލަ މޮޑެލާ ހުއްޓާ އަވިކް ތެދުވެގެން އައިސް ހުއްޓުނީ ނަޒްލާގެ ފުރަގަހުގައެވެ. "ދެން ނަޒޫ ތިބުނަނީ އަހަރެން ކީއްކުރަންވީއޭތަ؟" އަވިކް ގަސްތުގައި ނަޒްލާ ތަޅުވާލަން ވެގެން ބުނެލިއެވެ. އެއަޑު އިވުމުން ނަޒްލާ ދެލޯ ބޮޑުކޮށްފައި ބޯ ހޫރާލީ ދެފަރާތަށެވެ. "އަމް... އައި މީން... އަހަރެން މިބުނީ...." ނަޒްލާއަށް ވާހަކަ ދައްކަން ފަސޭހައެއް ނުވިއެވެ. އެވަގުތު އަވިކް ކުއްލިއަކަށް ގުދުވެލާފައި އޭނާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލުމުން ނަޒްލާއަށް ނޭވާ ހިފަހައްޓާލެވިއްޖެއެވެ. "ނިދަން ހިނގާށޭ އަހަރެން ބުނީ ހަމައެކަނި ދެފައިދަމާފަ އޮވެގެން ގުގުރި ދަމާ ވާހަކައެއް ނޫނޭ." އަވިކް ނަޒްލާގެ ކަންފަތާއި ބޮޑަށް އަނގައި ކައިރިކޮށްލުމުން ހީލިކަރުވައިގަނެގެން ނަޒްލާއަށް ތެޅިގަނެވުނެވެ. އެކަމަކު އޭނާ ދުރަށް ޖެހިލަން ކުރި މަސައްކަތް އަވިކް ނާކާމިޔާބު ކޮށްލީ އުނަގަނޑުގައި ދެއަތުން ވަށާލައިފައެވެ. "ޗޭންޖް ކުރާށޭ އަސްލު ބުނީ އަންޑްރެސް ކުރަން ފަސޭހަ ވާނެހެން. ނަޒޫ ބޭނުމިއްޔާ ނުކުރިއަސް އޯކޭ." އަވިކް ކުރިއަށްވުރެ ކައިރިވެލަމުން ނަޒްލާގެ ހަށިގަނޑު އެދެއަތުތެރޭ ފިއްތާލީ ވައިރޯޅިއަކަށްވެސް ދަތުރު ކޮށްލާނެ ތަންކޮޅެއް ނުބަހައްޓައެވެ. ނަޒްލާ އަވިކްގެ ދެއަތް ނައްޓުވާލަން ވެގެން ހިފަހައްޓާފައިވެސް ކަނދުރާގައި އެފިނި ތުންފަތުން ބީހިލުމުން ދެއަތް އެލުވާލެވުނީ ތިރިއަށެވެ. "އަސްލު ބުނެފާނަން ވާހަކައެއް. އަހަރެން މިހުންނަނީ ނަޒޫދެކެ ކުޑަކޮށް ރުޅި އައިއްސަ. އެކަމަކު އެކަމާ ހުރެ މިރޭ ބޭކާރު ކޮށްލެވޭކަށް ނެތް. އެކަމާއި ޑީލް ކުރަން މުޅި ލައިފް އޮތީ..." އަވިކްގެ ހަރަކާތްތައް ކުރިއަށް ގެންދަމުން ވާހަކައަށް އިތުރު ކޮށްލިއެވެ. "އަ....ވި...ކް..." ނަޒްލާ ވާހަކަ ދައްކަން މަސައްކަތް ކޮށްގެން އަޑު ނިކުތީ ކެނޑި ކެނޑިގެންނެވެ. އަވިކްގެ ތުންފަތް އެކަނދުރާގެ ކޮންމެ ތަންކޮޅެއްގައި ބީހިލާހިނދު އޭނާގެ ނޭވާ ހީވަނީ އުފުރެން އުޅޭހެންނެވެ. 

"ނަޒޫ ކުރިން ބުނީ ރަނގަޅަށް. ނަޒޫ ކުރި ކަމެއްގެ ސަބަބުން ނަޒޫދެކެ ރުޅި އައިސްގެން އަހަރެންނަށް އެއްވެސް ގެއްލުމެއް ލިބިގެން ނުވާނެއެއްނު ދޯ." އަވިކް އިރުކޮޅަކުން ނަޒްލާގެ ހަށިގަނޑަށް ކުޑަ ދުލެއް ދީފައި މަގަތަށް އަނބުރާލިއެވެ. ހަތަރުކަޅި ހަމަވެފައި އަވިކް މަޑުޖެހިލައިގެން ހުރި ގޮތުން ހީވީ ނަޒްލާ ރައްދު ދޭން ފުރުސަތެއް ދިން ހެންނެވެ. ނަޒްލާއަށްވެސް ވިސްނުނީ އެގޮތަށެވެ. އެކަމަކު އޭނާ ހަމަ ތުންތަޅުވާލިތަނާ އަވިކް އެކުރި ކަމަކުން ބަސް ބުނުމުގެ ފުރުސަތު ގެއްލުނީއެވެ. ދެން އޭނާއަށް ނޭވާއެއް ލެވޭވަރު ވީއިރު ބުނަން އުޅުނު ވާހަކަ ހަނދާން ނެތިއްޖެއެވެ. ވާހަކަ ދެއްކުމަށްވުރެ ބޮޑަށް އޭރު ދެޖިސްމު އެދެމުން ދިޔައީ އެހެން ކަމަކަށެވެ.
*****

ހެނދުނު އެންމެ ފުރަތަމަ ހޭލެވުނީ ނަޒްލާއަށެވެ. އޭނާ ލޯ ހުޅުވާލިއިރު އަވިކް ގަދަ ނިދީގައި އޮތީ ބަންޑުންނެވެ. ބަލަން އޮވެލާފައި ނަޒްލާ ލަސް ލަހުން އަތްތިލަ ގެންގޮސް އަވިކްގެ ބުރަކަށީގައި ހިންގާލިތަނާ އަވިކް ނިދީގައި ހިރުވާލުމުން ތެޅިގަނެވުނެވެ. ހަށިގަނޑާމެދު ކަންބޮޑުވީ ދެނެވެ. އަވިކް ހޭލާއިރު އޭނާ އެހެން އޮންނާކަށް ލާހިކެއް ނޫނޭ ހިތަށް އެރިއެވެ. ހޭލަން ވާއިރަށް ފެންވަރާ ތައްޔާރު ވެގެން ހުންނަން ގަސްތު ކުރިއެވެ. ނަޒްލާ ގައިމަތީ އަޅާ ރަޖާ ގައިގަ އޮޅައިގެން އެނދުން ފައިބަން ބަލައިލިއިރު ރަޖާގެ ބޮޑުބައި އޮތީ އަވިކް ގައިދަށުވެފައެވެ. އެރަޖައަށް ދަމަން އުޅެގެން އަވިކް ހޭަލަފާނެތީ އޭނާ މާ ކަންބޮޑުވިއެވެ. ދެން ހޯދާލިއިރު ލައިގެން އުޅުނު ހެދުން އޮތީ މާ ދުރުގައެވެ. އެބޮޑު ހެދުން ލައިގެން ފާޚާނާއާއި ހަމައަށް ދިއުމަށްވުރެ ހުރި ގޮތަށް ދިޔަސް ހިތަށް ފަސޭހަ ވާނެއެވެ. ނަޒްލާ ކަންބޮޑުވެފައި ނިޔަފަތި ހަފަމުން ވަށައިގެން ހޯދަނިކޮށް އަވިކްގެ ޓީޝާޓް ފެނުނީ ދިމާ ތިރީގައި ޓައިލްސް މަތީ އޮތްވައެވެ. ނަޒްލާ މެޔާއި ހަމައިން ރަޖާގަނޑުގައި ހިފައި ނިވާވެގެން އިނދެ އުދަނގުލުން ތިރީ އޮތް ޓީޝާޓް ނަގައިފިއެވެ. އެވަގުތު އަވިކް އަނެއްކާ ހިރުވާލުމުން ދެލޯ ބޮޑުކޮށްފައި އަވަހަށް ޓީޝާޓް ލައިގެން އެނދުން ފޭބިއިރު އޭގެން ކިރިޔާ ބުޑު ފޮރުވެނީއެވެ. އެކަމަކު އެއްޗެއް ނުލައި ހުރުމަށްވުރެ އެގޮތަށް ހުއްޓާ އަވިކް ފެނުން އޭނާއަށް ރަނގަޅެވެ.

"ލުކިން ބިއުޓިފުލް." ނަޒްލާ ޓީޝާޓުގައި ދެފަރާތުގައި ހިފާ ދަމައިލާފައި ފާޚާނާއަށް ދާން އެނބުރިލިތަނާ އަވިކް ނިދި އަޑަކުން ބުނެލި އަޑު އިވުނެވެ. އެވަގުތު އޭނާގެ ދެފިޔަވަޅު ތަތްވީ ހުރި ހިސާބުން ޓައިލްސްމަތީގައެވެ. "ގުޑްމޯނިން." ނަޒްލާ ފަސްއެނބުރި ނުލައި ހުރި ގޮތަށް ހުރެފައި އިއްވާލިއެވެ. އިރުކޮޅެއް ނުވެ އޭނާއަށް ފެނުނީ އަވިކް ޖަވާބުވެސް ނުދީ އޭނާ ފަސްދީފައި ގޮސް ފާޚާނާއަށް ވަންތަނެވެ. އެންމެފަހުން، ކުރަން އުޅުނު ކަންތައްވެސް ނާކާމިޔާބު ވީއެވެ. ދެން އަވިކް އެތާގައި އުޅޭހާ އިރަކު އޭނާއަށް ފާޚާނާއަށް ވަންނާކަށް ނުކެރޭނެއެވެ. ރޭވެސް ސާފު ބަހުން ބުނެފައި އޮތީ އޭނާދެކެ ރުޅި އައިސް ހުރި ވާހަކައެވެ. އެރުޅިގަނޑު ފިލުވާލަން އަވިކް އޭނާ ލަދު ގަންނަވާލާކަށްވެސް ފަހަކަށް ނުޖެހޭނެއެވެ. 

ނަޒްލާ ދެކޮޅަށް ހިނގަ ހިނގާ ހުއްޓާ ފެނުނީ އަވިކް ފެންވަރާލައިގެން ނިކުތްތަނެވެ. އެވަގުތު އޭނާ ގަސްތުގަ ނުވަނީކަން އަވިކްއަށް އެނގިދާނެތީ އަލަމާރިން އަވިކްގެ ޓީޝާޓެއް ނަގައިގެން އިސްތިރި ކުރަން ފެށިއެވެ. "ދޭއް ޖަހާއިރު ފުރަން ތައްޔާރު ވެގެން ހުންނާތި." އަވިކް ލޯގަނޑު ކުރިމަތީ ހުރެ ރީތިވަމުން ވާހަކަދެއްކިއެވެ. "ދޮންދަ ފުރުވާކަށް ނުދެވޭނެ ދޯ." ނަޒްލާ މޮޅިވެލާފައި ބުނެލިއެވެ. އަވިކް ހޫމ އަޅުވާލައިފައި އައިސް ކައިރިއަށް ހުއްޓުނުތަނާ ނަޒްލާ އަވަހަށް ޓީޝާޓް ދިއްކޮށްލައިފިއެވެ. އޭނާ ފާޚާނާއަށް ވަނީ އަވިކް ޓީޝާޓް ލައިގެން ނިކުތީމައެވެ. ފެންވަރައިގެން ނިކުތްއިރު ނަސީބަކުން ފޮށި ހުރީ ގެނެސް ކޮޓަރިއަށް ލައިފައެވެ.

މިނިވަންކަން ލިބުމުން ކޮޓަރި ތަޅުލައިގެން ނަޒްލާ އުޅުނީ ހަމަޖެހިލާފައެވެ. އެނދުގެ ބެޑްޝީޓް އަޅައި ތަރުތީބު ގެއްލިފައި އޮތް ކޮޓަރިތެރެ އޭނާ ސާފު ކޮށްލީ ލަވައެއް ކިޔަމުންނެވެ. ދޭތެރެއަކުން ރަކިވެގެން ހީގަންނަނީ ރޭގައި ހިނގާދިޔަ ކަންތައްތައް ހަނދާން ވެފައެވެ. އަވިކް އޭރު ކޮފީ ތައްޓެއް ބޯން އޭނާ ފެންނަ ހިސާބުގައި ބެލްކަނީގައި ހުރިކަމެއް ނަޒްލާއަށް ކުޑަކޮށްވެސް ރޭކައެއް ނުލައެވެ. އެކަން އޭނާއަށް އެނގުނީ އަވިކްގެ ފޯނު ރިންގް ވާން ފެށި އަޑަށެވެ. ނަޒްލާ ކުއްލިއަކަށް ބަލައިލާފައި އަވިކް ފެނުމުން ދުވެފައި ގޮސް ވަދެވުނީ އަނެއްކާ ފާޚާނާއަށެވެ. 

"ނަޒޫ ދެން ނިކުމޭ. އަހަރެން މިދަނީ ތިރިއަށް ނާސްތާ ކުރަން." އިރުގަނޑެއް ފަހުން އަވިކް ގޮސް ދޮރުފަތުގައި ޓަކި ދިނެވެ. ލޯގަނޑަށް ބަލަން ހުރެފައި ނަޒްލާ އަނެއްކާވެސް ދެއަތް އެޅީ މޫނުގައެވެ. "ޝިޓް. ޝިޓް ޝިޓް...." އެކަނި ހުރެގެން އޭނާ ކިޔެވެ. 

އަވިކް ނިކުންނަހާ އިރުކޮށްފައި ތިރިއަށް ދިޔައިރު ކާކޮޓަރީގައި އެންމެން ތިބީ ނާސްތާ ކުރަން ޖަމާވެއެވެ. ނަޒްލާ އެތަނަށް ވަންއިރު އާދަޔާ ޚިލާފަށް ވެރިވެފައި އޮތް ހިމޭންކަން ފާހަގަވިއެވެ. ފަރޫޝާ އާއި ސުދާ އެކަކު އަނެކަކަށް ނުބަލަން އުޅޭ ގޮތް ފެނުމުން ނަޒްލާއަށްވެސް އިނދެވުނީ ކަންބޮޑުވެފައެވެ. ހިމޭންކަން ކަނޑުވާލަން ވެގެން ކަރަމް ފުރުމުގެ ވާހަކަ ފެށުމުން އަވިކް ދެ ބަހެއް ބުނެލިއެވެ. 

ނަޒްލާމެން ތިބި ކާރު ޖެޓީ ކައިރިއަށް މަޑުކޮށްލިއިރު ނަޒްލާއަށް އަދި ވާންއުޅޭ ގޮތެއް ނޭނގެއެވެ. އޭނާ ހީކުރީ ހުޅުލެއަށް ދެވެން އުޅެނީ ކަމަށެވެ. އޭނާ ހައިރާންވީ ފޭބިތަނުން ނުހާމެން ފެނުނީމައެވެ. ހެނދުނު ހެނދުނާ ފުރަން އުޅުނު މީހުން އެތަނުން ފެންނަންވީ ސަބަބެއް ނުވިސްނުނެވެ. 

"ދޮންދާ. ކިހިނެތްވީ؟ ކީއްވެ ނުފުރީ؟" ނަޒްލާ އުފަލުން އަނާން އުރާލައިފައި ނުހާ ކުރެން އެހިއެވެ. "އަވިކް ނުބުނޭތަ؟" ނުހާ ހިނި އައިއްސައި ވާހަކަދެއްކިއެވެ. ނަޒްލާ އެނބުރިފައި ބަލައިލއިރު އަވިކް ސޫޓްކޭސް ދަމަމުން ކައިރިއަށް އާދެއެވެ. "ކޮން ވާހަކައެއް؟" ނަޒްލާއަށް އަދިވެސް ރޭކައެއް ނުލިއެވެ. "އަވިކް ރޭގަ ބުނީ ހަނީމޫން ދަތުރު އަހަރުމެން ރަށަށް ބަދަލުކޮށްލި ވާހަކަ." ނުހާ ބުނި ވާހަކަ ނަޒްލާއަށް ޤަބޫލެއް ނުކުރެވުނެވެ. "ނަޒޫ ސަޕްރައިޒް ކޮށްލަން ވެގެން އެނުބުނީ." ނުހާ ބުނެލިއެވެ. ކައިރިއަށް އައިސް ހުއްޓުނު އަވިކްއަށް ނަޒްލާ ބަލައިލިއިރު ދެލޯ ފެންކަޅި ވެއްޖެއެވެ. މަޑު ތުރު ތުރެއް އުފެދުނު ތުންފަތުން އެއްޗެއް ބުނަން އުދަނގޫ ވާނެތީ އޭނާ ބަލަން ފެށީ ކައިރިކޮށްލި ލޯންޗަށެވެ. އެކަމަކު ހިތާއި ހިތުން އޭނާ އަވިކްއަށް ޝުކުރު އަދާ ކުރިއެވެ.

ނުހާމެންގެ ކުޑަ އާއިލާއާއި ނަޒްލާމެން ވަކިވީ މިޑޯވިއު ކުރިމަތިންނެވެ. އެމީހުން ގެއަށް ދާން މިސްރާބު ޖެހުމުން ނަޒްލާ އާއި އަވިކް ގެނައި ސާމާނާއެކު ގޭޓު ހުޅުވާފައި އެތެރެއަށް ވަދެއްޖެއެވެ. އޭރު އިހުސާނާ އުޅެނީ ކުރިއްސުރެ އައިސް އެގޭގައެވެ. ނަޒްލާ ފުރަތަމަވެސް އެހީ އިހުސާނާގެ ކުޑަ ދަރިފުޅުގެ ވާހަކައެވެ. ކުރީގެ ހާދިސާއަށްފަހު ކައުންސެލިން ދޭން ފެށިފަހުން ކުރިއަށްވުރެ ރަނގަޅު ކަމުގައި އިހުސާނާ ކިޔައިދިނެވެ. އިހުސާނާ ވަކިވެގެން ދިއުމުން އޭނާ ބަލައިލިއިރު އަވިކް ފެންނާކަށް ނެތެވެ.

ނަޒްލާ ގޭގެ ވަށައިގެން ހޯދައިލައިފައި އަނދިރިކަން ވެރިވާން ފެށުމުން ބޮކިތައް ދިއްލިއެވެ. ގޯތިތެރެއަށް އޭނާ ނިކުތްއިރު ބަގީޗާ ގަސްތައް ރީތިކަމުން ސަމާލުކަން ހުއްޓުނެވެ. ލަސް ހިނގުމެއްގައި އޭނާ ގޮސް ހުއްޓުނީ ގޭޓު ކައިރިއަށެވެ. ދުރުން ފެންނަން ހުރި އަމިއްލަ ގެއަށް އޭނާ ބެލީ ހިނދު ކޮޅަކަށް ނަމަވެސް މަންމަ ނިކުންނާނެ ނަމައޭ ހިތަށް އަރައިގެންނެވެ. އެހެން ހުއްޓާ ފަހަތުން ފިޔަވަޅުގެ އަޑު އިވިގެން ބަލައިލިއިރު އަވިކްއެވެ.

"ގެއަށް ދާންވީތަ؟" ނަޒްލާގެ ކުލަވަރު ފެނުމުން އަވިކް އަހާލިއެވެ. ނަޒްލާ އަވަހަށް ދެފަރާތަށް ބޯ ހޫރާލިއެވެ. "ތޭންކްސް." ނަޒްލާ އަވިކްއަށް ޝުކުރު އަދާކުރިއެވެ. އެއްޗެއް ނުބުނެ އަވިކް އެތެރެއަށް ވަދެގެން ދިއުމުން އޭނާވެސް އިރުކޮޅަކުން ގޮސް ގެއަށް ވަދެއްޖެއެވެ.

"އަދިވެސް އަހަރެންދެކެ ރުޅި އައިއްސަތަ؟" އަވިކް ސޯފާގައި ފޯނާއި ކުޅެން އިންދާ ނަޒްލާ ގޮސް ކުރިމަތީ ހުރި ސޯފާގައި އިށީންދެފައި ވާހަކަ ދެއްކިއެވެ. އަވިކް ހޫމ އަޅުވާލީ އެމޫނަށް ބަލައިވެސް ނުލައެވެ. "އަހަރެން މިހުރީ އަދަބު ލިބިގަންނަން ތައްޔާރަށް." ނަޒްލާ ވިސްނައިލާފައި އިތުރު ކޮށްލިއެވެ. "ގުޑް." އަވިކް އިއްވާލީ މިފަހަރުވެސް ކުރު ޖަވާބެކެވެ. "ދެން އަހަރެން ކިހިނެތް ހަދަންވީ؟ މިބުނީ އަހަރެން ކިހިނެތް ކަންތައް ކުރީމަ ވިކްގެ ތި ރުޅި ފިލާނީ؟ ކޮން ކަންތައްތަކެއް އަހަރެން ކުރަންވީ؟" ނަޒްލާ ހަށަން ބަނދެލައިގެން އިނދެ ސުވާލު ކުރަން ފެށިއެވެ. "އަހަރެން ބުނާ ކޮންމެ ކަމެއް." އަވިކްގެ ޖަވާބު އިވުމުން ނަޒްލާ ކަންބޮޑުވިތަން އަވިކް ބަލާއިލީ ވަށްކަޅިއަކުންނެވެ. ދެން ނަޒްލާއަށް ނޭނގޭނެހެން ކުޑަކޮށް ހިނިތުންވެލިއެވެ.

ކޮމެންޓް 0