"އަހަރެން ވާހަކައެއް އަހާލަންތަ؟" އަވިކް ވާހަކަދެއްކި އަޑަށް ނަޒްލާ ބަލައިލިތަނާ ލޯގަނޑުން އެމޫނުގައިވި ތަފާތު ކުލަވަރު ފާހަަގަ ވެގެން ހިތް ތެޅިލިއެވެ. އަވިކް އަހަން އުޅެނީ ކޮން ސުވާލެއް ކަމާމެދު ޖެހިލުންވެ ހުރެވެސް އޭނާ ހުއްދަ ދިނެވެ. "ވިކް ވެއިޓް!" އަވިކް ކުއްލިއަކަށް އެނބުރި ބަލައިލި ވަގުތު ނަޒްލާ އަތް އުފުލާލައިފައި ހުރަސް އެޅިއެވެ."އޭގެ ކުރިން އަހަރެން ވާހަކައެއް ބުނަން ބޭނުން." ނަޒްލާގެ ޖުމްލަ ނިމުނުއިރަށް އަވިކް ހުރެފައި އެއް ބުމަ އަރުވާލިއެވެ. "އޯކޭ... އަހަރެން މިހުރީ އަޑުއަހަން." އަވިކް ނަޒްލާ މޫނުން ނަޒަރު ވަކި ނުކޮށްލައިގެން ހުރެ ހަށަން ބަނދެލިއެވެ. އެތޫނު ނަޒަރުން ނަޒްލާއަށް އުދަނގޫވިއެވެ. ހަމަ ކުއްލިއަކަށް އޭނާ މިއަދު އަވިކް ކުރިމަތީ ފިނިވާގޮތް ވިއެވެ.
"ވިކް އަހަރެން...." ނަޒްލާއަށް ވާހަކަ ކުރިއަށް ނުގެންދެވިގެން އިސްއޮބާލި ގޮތަށް ބަލަން ފެށީ ދެއަތްތިލައަށެވެ. "ބުނެބަލަ..." ނަޒްލާގެ މިއާދަޔާ ޚިލާފް ހަރަކާތްތަކަށް ބަލަމުން އަވިކް ކުރިއަށް ފިޔަވަޅެއް އަޅާލައިފައި އައިސް ކައިރިއަށް ހުއްޓުނެވެ. "ލުކް އެޓް މީ...!" އަވިކް ނަޒްލާގެ ދަތްދޮޅީގައި އެއްއަތުން ހިފާލައިފައި އުފުލާލުމުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. "ނަޒޫ އައި ލަވް ޔޫ..." އަވިކް ނަޒްލާ ދަތްދޮޅިން ދޫނުކޮށް ހުރެގެން ބޮޑުވައި އިނގިލިން އެތުނި ތުންފަތުގައި ފިރުމާލިއެވެ. ނަޒްލާ އަދިވެސް ކަންބޮޑުވެފައިވާ ލޮލަކުން ބަލަން ހުއްޓާ އަވިކް މޫނު ކައިރިކޮށްލާފައި ތުންފަތުގައި ބޮސްދިނެވެ. އަވިކްގެ މި ކުއްލި ހަރަކާތުން ނަޒްލާއަށް ލިބުނީ ސިހުމެކެވެ. އޭނާ ހީކުރީ އަވިކްއަށް ކޮންމެވެސް ޝައްކެއް ވެގެން ހިތްހަމަ ނުޖެހިފައި ހުރީ ކަމަށެވެ.
"ވިކް.... އަހަރެން ބުނަން އުޅުނު ވާހަކަ..." ފުރުސަތު ލިބުމުން ނަޒްލާ އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދެވޭތޯ އުޅުނެވެ. "ނޫން ނަޒޫ. މިހާރަކު ނޫން. ޓުނައިޓް އައި ނީޑް ޔޫ..." އަވިކް ނަޒްލާގެ ތުންފަތުގައި އެއް އަތު ޝަހާދަތް އިނގިލި އަޅައި ހިމޭން ކުރުވާފައި އަނެއް އަތުން ނަޒްލާގެ އުނަގަނޑުގައި ހިފާފައި ކުޑަކޮށް އަރިކޮށްލައިގެން މޫނު ތިރިކޮށްލި ގޮތަށް ބޮސްދޭން ފެށީ ކަނދުރާގައެވެ. "ވިކް. ދޮރު ތަޅުނުލާ ހުރީ." ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ނަޒްލާ ހަނދާން ކޮށްލަދިނެވެ. އެވަގުތު އަވިކް ކުއްލިއަކަށް ނަޒްލާ ތެދުކޮށްލާފައި ދޮރާއި ދިމާއަށް ހިނގައިގެންފިއެވެ. އެއް މޫޑުން އަނެއް މޫޑަށް އަވިކް ބަދަލުވި ގޮތުން ނަޒްލާ އަދިވެސް ހައިރާންވެފައި ހުއްޓާ އަވިކް ދޮރު ތަޅުލާފައި ވިދުވަރެއްހެން އެނބުރި އަތުވެއްޖެއެވެ.
"ސޯ ވޭޔާ ވޭ ވީ؟" އަވިކްގެ ލޮލުން ނަޒްލާއަށް ފެނުނީ މަސްތު ކަމުގެވެސް އިންތިހާއެވެ. ޖަވާބުގައި ނަޒްލާގެ ތުންފަތަށް ވެރިކޮށްލީ ލުއި ހިނިތުންވުމެކެވެ. އޭރު އޭނާގެ ކޯތާފަތަށް ރަތް ކުލަ އަރައިފިއެވެ. އަވިކްއަށް ނަޒްލާގެ މިއަދާ ނުހަނު ކަމުދިޔައެވެ. އެއްމިޔަކަނުން ހެވިލާފައި އޭނާ ނަޒްލާ އަތްދަނޑިމައްޗަށް އުފުލާލައިގެން ހިނގައިގަތީ އެނދާއި ދިމާއަށެވެ.
*****
ސީލިންގަށް ނަޒަރު ހުއްޓާލައިގެން އެއް އަތުން މޭގައި ފިރުމާލަ ފިރުމާލާ އަވިކް އޮތެވެ. އޭނާގެ ސިކުނޑީގައި ވީ މީގެ އިރުގަނޑެއް ކުރިން ނަޒްލާ ކައިރީ ދައްކަން އުޅުނު ވާހަކައެވެ. ޔައީޝްގެ ވާހަކަ އަހަން އޭނާ ޖެހިލުންވީ ނަޒްލާ ދޭނެ ޖަވާބެއް ނޭނގޭތީއެވެ. ނަޒްލާ އާއި ޔައީޝްގެ އޭނާ ހީކުރި ވަރަށް ވުރެ ގާތް ގުޅުމެއް އޮވެދާނެތީ އޭނާ ޖެހިލުން ވަނީއެވެ. އަވިކް ވިސްނަން އޮވެފައި ތެދުވެ ސައިޑު ޓޭބަލް މަތީ އޮތް އަތުކުރީ ގަޑި ހިއްލާލައިގެން ނަޒަރެއް ދިނެވެ. ލޮލުގައި ނިދީގެ އަސަރެއް ނެތުމުން އޭނާ އެނބުރުނީ ނަޒްލާއާ ވީ ފަރާތަށެވެ. ގަދަ ނިދީގައި ނަޒްލާ އޮތްއިރު އެމޫނު މައުސޫމުކަމުން އަވިކްގެ ނަޒަރު ވަކިކޮށްލަން އުދަނގޫ ވިއެވެ. އުޅަބޮށި ވިއްދާލައިގެން އެއްފަރާތަކަށް އޮވެފައި އޭނާ އަނެއް އަތުން ނަޒްލާ އެމޫނުގައި ޝަހާދަތް އިނގިލި ހިންގާލިއެވެ. ލޯމައްޗަށް ނިވާ އަޅައިފައި އޮތް އިސްތަށި ކޮޅެއް ދުރުކޮށްލަން ވެގެން ފުމެލުމާއެކު ނަޒްލާ ނިދީގައި ހިނިތުންވެލައިފިއެވެ.
"ސޯ ބިއުޓިފުލް." އަވިކްގެ އަނގައިން ނިކުތެވެ. ބާލީސް ދަށުން ނިކުމެފައި އޮތް މަހުމާ ފޮށީގައި އޭނާގެ ލޯ އަޅައިގަތީ އެހެން އޮތްވައެވެ. އަވިކް ފޮށި ނަގާފައި އަވަހަށް ތެދުވެ އެނދުން ތިރިއަށް ދެފައި އެލުވާލިއެވެ. މަތި ހިއްލާލުމާއެކު އެއީ ކުރިންވެސް ފެނުނު ފޮށިކަން ޔަޤީންވިއެވެ. އަވިކް އެނބުރި ނަޒްލާއަށް ނަޒަރެއް ދީފައި ޖިންސް ލައިގެން ކޮޓަރިން ނިކުތްއިރު ގޭތެރެ އޮތީ ހިމޭންވެފައެވެ. ކޮރިޑޯގައި ހުރި ފަނޑު އޮރެންޖް އައްޔެއް ފިޔަވާ އެހެން އަލިކަމެއް ނުމެ ނެތްމެއެވެ. އަވިކް ހޭވިފައިވާ އިސްތަށިގަނޑާއެކު މުށުތެރޭ މަހުމާ ފޮށި ބާރުކޮށްލައިގެން އެދިޔަ ގޮތަށް ގޮސް ޓަކި ޖަހައިލީ ޔައީޝް ނިދާ ކޮޓަރި ދޮރުފަތުގައެވެ. އިންތިޒާރުގައި އަވިކް ހުރެލާފައި ޖަވާބެއް ނައުމުން އަނެއްކާ ޖަހަން އަތް އުފުލާލިތަނާ ޔައީޝް ދޮރު ހުޅުވާލިއެވެ.
"ވިކް؟" ކުރިމަތިން އަވިކްގެ ފެނިގެން ޔައީޝް ހައިރާންވެފައި ކިޔާލިއެވެ. "އަހަރެން އެތެރެއަށް ވަންނަންތަ؟" އަވިކް އަތުގައި އޮތް މަހުމާ ފޮށްޓާއެކު އަތް ކޮށްޕާލީ ޖިންސްގެ ޖީބަށެވެ. "....އޯކޭ." ޔައީޝް އިރުކޮޅެއްގެ ހިމޭން ކަމަށްފަހު އަވިކް ވަންނަން ތަން ދައްކާފައި އަނެއްފަރާތަށް އެނބުރި ގޮސް އެނދުގައި ޖައްސާލިއެވެ. އޭނާ މޫނު ފުހެލައިފައި ދެއަތް ތިރިކޮށްލިއިރު އަވިކް ހުރީ ކޮޅަށެވެ. "ކިހިނެތްވީ؟" ޔައީޝް ސުވާލު ކުރިއެވެ. އަވިކް އެއްފަރާތަށް ހުރެފައި މަގަތަށް އެނބުރިލުމުން ޔައީޝް އެމޫނަށް ފުންކޮށް ބަލައިލިއެވެ. އަވިކް އެވަގުތު ހުސްގަޔާ ހުރުމާއި ހޭވިފައިވާ އިސްތަށިގަނޑު ފެނުމުން އޭނާގެ ސިކުނޑިއަށް އެރި ހިޔާލަކުން އަނެއް ފަރާތަށްމޫނު އަނބުރާލެވުނެވެ. "ރޫމްގަ ވައިފް ކައިރީ އޮންނަންވީ ވަގުތު އެތާ ނޯވެވިގެން އައިސް ތިހުރީ ކީއްވެ؟" ޔައީޝް ވާހަކަދެއްކީ ކުޑަކޮށް ދަތްކުނޑި ވިކާލައިފައެވެ. އަވިކްގެ ނަސީބާމެދު އޭނާގެ ހިތުގައި އެވަގުތުވެސް ހަސަދަ ހިނގާލިއެވެ.
"އަހަރެން މިއައީ ޔައީޝް ކައިރީ ކަމަކު އެދެން." އަވިކް ޖަވާބު ދިނެވެ. ޔައީޝް ޖަހައިލީ ހިނިގަނޑެކެވެ. ހީވީ އަވިކްއަށް ޖޯކެއް ކިޔައިދެވުނު ހެންނެވެ. "ޔައީޝް އަހަރެން ސީރިއަސް." އަވިކް ދެފަރާތަށް ބަލާލައިފައި ގޮސް އެނދު ކޮޅުގައި ހުރި ސޯފާގޮނޑިއެއްގައި އިށީންދެލިއެވެ. ޔައީޝް ހިނިގަނޑު މައިތިރިކޮށްފައި ބަލަން ފެށުމުން އޭނާ ޖިންސް ޖީބަށް އަތް ކޮށްޕާލައިފައި މަހުމާ ފޮށި ނަގައި އެނދުގައި ބައިންދާލިއެވެ. "މީ ނަޒޫ އަތުގަ އޮތް ޔައީޝްގެ އެންމެ ފަހު ހަނދާން. އަހަރެން މިއެދެނީ ޔައީޝް މިވަގުތުން ފެށިގެން ނަޒޫއާ ދުރުގަ ހުންނަން." އަވިކް ޖެހިލުންކުޑަ ގޮތަކަށް ހަތަރުކަޅި ހަމަކޮށްލަމުން އިއްވާލިއެވެ. އެހާ ހަމަޖެހިފައި އޭނާ އެހެން ބުނެލި ނަމަވެސް އަޑުގައި ހުރީ އިންޒާރުގެ އަސަރެވެ. ޔައީޝް އެވަގުތު ފޮށި އަތަށް ނަގައި މަތި ހިއްލާލައިފައި ބަލަން އިނެވެ. "ވިކްއަށް ޔަޤީންތަ މީ އެންމެ ފަހު ހަނދާންކަން؟" އަވިކް ދާންވެގެން ތެދުވެފައި ގޮސް ދޮރާއި ހަމަވިތަނާ ޔައީޝް އެއިން ގޮތަށް އިނދެފައި ބުނެލިއެވެ. އަވިކް އެނބުރި ބަލައިލިއިރު ޔައީޝް އިނީ ނުލަފާ ގޮތަކަށް ހިނިތުންވެލައިގެން އަދިވެސް ފޮށީގައި އިން އަނގޮޓިއަށް ބަލާށެވެ.
"ތިބުނި އެއްޗެއް ނުވިސްނުނު." އަވިކް ހުއްޓުނެވެ. ޔައީޝް ފޮށީގެ މަތި ޖަހާފައި އެނދުގައި ބައިންދާލަމުން ކޮޅަށް ތެދުވެގެން އައިސް އަވިކް ކުރިމައްޗަށް ހުއްޓިފައި އަނެއްކާ ހިނި އައިސްގެން އިސްޖަހާލިއެވެ. އަވިކްއަށް ދަތްކުނޑި ވިކާލެވުނެވެ. އޭނާ އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަންވެގެން އަތް މުށްކަވާލަމުން އަނެއްފަރާތަށް މޫނު އަނބުރާލައިފިއެވެ. "ނަޒޫ ކައިރީ އަހާބަލަ އޭނަގެ ފަސްޓް ކިސް މެމޮރީ ކިޔައިދޭށޭ." ޔައީޝްގެ ޖުމްލަ ނިމުމާއެކު އަވިކް ކުއްލިއަކަށް އެމޫނަށް ބަލައިލިއެވެ. އެވަގުތު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. "އަހަރެން ރަނގަޅަށް ހަނދާން އެބަހުރި. އެދުވަހު ނަޒޫ ތުންފަތުގައި ލީ ސްޓޯބެރީ ރަހަ." ޔައީޝް އަތް އުފުލާލައިފައި ބޮޑުވައި އިނގިއްޔާއި ޝަހާދަތް އިނގިލިން ތިރީ ތުންފަތުގައި އަމިއްލައަށް ހިފަހައްޓާލިއެވެ. އަވިކްގެ ކެތްތެރިކަން ކޮޅުންލީ އެހިސާބުންނެވެ. ދަތްކުނޑި ވިކާލައިފައި އޭނާ ކުއްލިއަކަށް ޔައީޝް މޭގައި ދެއަތުން ޖަހައި ފާރާއި ދިމާއަށް ކޮށްޕައިލިއެވެ. ފާރުގައި ބުރަކަށި ޖެހުނު ހިސާބުން އެއްއަތުން ޔައީޝް ކޮނޑުގައި ހިފައިގެން ހުރެ އަނެއް އަތް މުށްކަވާފައި އަނގަމަތީ ބޮނޑިއެއް އަޅައިފިއެވެ. ދެވަނަ ފަހަރު އަދި ތިންވަނަ ފަހަރުވެސް ޖެހިއެވެ. އިސާހިތަކު ޔައީޝްގެ އަނގަމަތި ފަޅައިގެން ލޭ އޮހިގެންފިއެވެ. އެކަމަކު އޭރުވެސް އެމޫނުގައިވި ވިހަ ހިނިތުންވުމަށް ބަދަލެއް ނައެވެ. އަވިކް އައިސް ހުރި ރުޅީން ޔައީޝްއަށް ދެން ދުވަހަކުވެސް ނުހެވޭނެ ގޮތް ހަދައިލަން ބޭނުންވިއެވެ. އޭނާއަށް އެކަން ކާމިޔާބު ނުވީ ދުރުން ނަޒްލާ ހަޅޭތްލަވައިގަތް އަޑު އިވިގެންނެވެ. ނަޒްލާ ހޭލިއިރު އަވިކް ނެތިގެން ހޯދަމުން އެހިސާބަށް އައީއެވެ.
"ވިކް ޕްލީޒް ޔައީޝް ދޫކޮށްލާ." ނަޒްލާ އައިސް އަވިކް އަތުގައި ހިފާފައި ރޮވިފައިވާ އަޑަކުން އާދޭސް ކުރިއެވެ. އަވިކް ބަލާލިއިރު ޔައީޝް އެވަގުތުވެސް ހުރީ ހެވިފައެވެ. އެކަމަކު ނަޒްލާ ކުރިމަތީ ދެން އިތުރަށް ހެދޭނެ ގޮތެއް ނެތްކަން ވިސްނިގެން އޭނާ ދެއަތް ތިރިކޮށްލިއެވެ. އެވަގުތު ނަޒްލާ އެއަތުގައި ހިފާލަން އުޅުމުން ރުޅިވެރި ގޮތަކަށް ކަޅި އަޅާލުމުން ނަޒްލާ ބިރުން އެހިޔާލު ދޫކޮށްލިއެވެ. އަވިކް އަނެއްފަރާތަށް އެނބުރިފައި ބާރު ބާރަށް ގޮސް ކޮޓަރިއަށް ވަނުމުން އޭނާ ކަންބޮޑުވެގެން ޔައީޝްއަށް ބަލައިލެވުނެވެ. ޔައީޝް ކުރިމަތީ އަވިކް އެގޮތަށް ކަންތައް ކުރުމުން އޭނާ ނިކަން ދެރަވެ ލަދުގަތެވެ. "އަވިކްގެ ފަރާތުން އަހަރެން މަޢާފަށް އެދެން."ނަޒްލާ އެހެން ބުނެލާފައި އަވަސް އަވަހަށް ދިޔައީ ސިޑިއާ ދިމާއަށެވެ. އޭނާ އަލަމާރިން އައިސް ބޭގްއެއް ހިފައިގެން ގޮސް ދޮރު ހުޅުވާލިއިރު އަވިކް އިނީ އެނދު ކޮޅުގައި އިށީންދެ ދެއަތުން މޫނު ފޮރުވާލައިގެންނެވެ.
"ވިކް!" ނަޒްލާ ޖެހިލުންެ ހުރެ ގޮސް ކައިރިވެފައި ގޮވާލިއެވެ. އަވިކް ދެއަތް ތިރިކޮށް ނުލީމައި އޭނާ ކައިރީގައި އިށީންދެފައި އަވިކްގެ އަތުގައި ހިފަހައްޓައިފިއެވެ. އަވިކް ދެއަތް ތިރިކޮށްލާފައި ބަލައިލިއެވެ. ނަޒްލާ އެމޫނަށް ނުބަލައި އަވިކްގެ ކަނާއަތްތިލަ ގެނެސް އުނގަށް ލައިގެން އިނގިލިތަކުގެ ހުޅާއި ދިމާގައި އައިސް ޖައްސަން ފެށިއެވެ. ނަޒްލާގެ މިއަމަލުން އަވިކްގެ ހިތަށް އަސަރު ކުރިއެވެ. ކަޅި ޖަހާނުލައި އެމޫނަށް ބަލަން އޭނާއަށް އިނދެވުނެވެ. "މިކަހަލަ ކަމެއް ކުރުމުގެ ކުރީން ދެން ފަހަރަކުން އަހަރެން މިބުނާ އެންމެ ވާހަކައެއް ހަނދާން ކުރާތި. ހަނދާން ކުރާތި ވިކްގެ ހަށިގަނޑުގައި އަޅާ ކޮންމެ ވޭނެއް އަހަރެން ހިތުގަ އަޅާނެކަން." ނަޒްލާ ވާހަކަދައްކަ ދައްކާ އިންދާ ލޮލުން ވެއްޓުނީ ކަރުނަ ތިއްކެކެވެ. އަވިކްއަށް ދަތް އަޅާލެވުނީ ތިރީ ތުންފަތުގައެވެ. އޭނާ ނަޒްލާއަށް ނުބަލަން ވެގެން އިސްޖެހިއެވެ.
"ވިކް އޮޅުން ފިލުވަން ބޭނުން އެއްވެސް ކަމެއް އޮތިއްޔާ ސާފު ބަހުން އަހަރެން ކައިރީ އަހާ! އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން." އަވިކް ހިމޭންވެފައި އިންދާ ނަޒްލާ އިތުރަށް ވާހަކަދެއްކިއެވެ. "އަހަރެން ބޭނުމީ ނިދަން." އިރުކޮޅަކުން އަވިކްގެ ޖަވާބު އައެވެ. ނަޒްލާ ސިހިފައި އަވިކް މޫނަށް ބަލައިލިތަނާ އަވިކްވެސް އެމޫނަށް ބަަލައިލިއެވެ. ދެން އެކައްޗެއްވެސް ނުބުނެ ތެދުވެގެން ގޮސް އަނެއް ފަރާތުން އެނދަށް ވެއްޓި ގަނެގެން އޮވެ ލޯމަރާލައިފިއެވެ. ނަޒްލާއަށް ވީ ގޮތަކީ ބުދެއްހެން ހުއްޓުން އަރައިފައި އިނދެވުނީއެވެ. އަވިކްގެ މޫޑު ރަނގަޅު ވުމުން ރުޅިވެސް ފިނި ވާނެކަމަށް އޭނާ އަމިއްލަ ނަފްސަށް ވިސްނަދީފައި ގޮސް އަނެއްކާވެސް ނިދޭތޯ އޮށޯތް ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ހިތްވަރު ގަދަ ވާން ވެގެން ކުރި ހުރިހާ މަސައްކަތެއް ބޭކާރު ކޮށްލައިފައި ލޮލުން ކަރުނަ އޮހިގަތީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. އަވިކްއަށް އިވިދާނެތީ އޭނާ އޮތީ ބާލީހަށް މޫނު ހަރައިގެން ބަންޑުންނެވެ.
ނަޒްލާއަށް ހެނދުނު ހޭލެވުނުއިރު އަވިކް އޮފީހަށް ހިނގައްޖެއެވެ. ގޭގައި ދުވަސް ދިގު ކަމުން އޭނާ ދިޔައީ ކޮލެޖަށެވެ. މެންދުރު ވާން ކައިރިވެފައި ހުއްޓާ އެނބުރި އައިސް ވަންއިރު ފަރޫޝާ އިނީ އެއުމުރުގެ އެހެން އަންހެނުން ތަކެއް އެއްކޮށްގެން ސިޓިންރޫމްގައި ޓީވީ ބަލާށެވެ. ނަޒްލާ އެމީހުނަށް ހިނިތުންވުމެއް ހަދިޔާކޮށްފައި އުޅުނީ އަވަހަށް އެތަނުން ދުރަށް ދެވޭތޯއެވެ. އެކަމަކު އެކަން ކާމިޔާބެއް ނުވިއެވެ. ފަސްދީފައި ތަންކޮޅަކަށް ދެވުނުތަނާ ފަރޫޝާ ގޮވާލައިފިއެވެ.
"ނަޒޫ ކައިރީ މަންމަ ވަރަށް ބޮޑު ކަމަކު އެދެން ވެގެން މިގޮވީ." ނަޒްލާ ހުއްޓި ހުއްޓާ ފަރޫޝާ ތެދުވެގެން ގޮސް ނަޒްލާ ކައިރިއަށް ހުއްޓިފައި ބުނެލިއެވެ. އެއްފަހަރު ފަރޫޝާއަށް އަނެއްފަހަރު ދުރުގައި ތިބި އަންހެނުންނަށް ބަލައިލާފައި ނަޒްލާ ހިނިތުންވެލަމުން އެއީ ކޮންކަމެއްތޯ ސުވާލު ކުރިއެވެ. "މަންމައަށް ނަޒްލާ ކައިރީ ނާހައި އެއްޗެކޭ ބުނެވިގެން މިއުޅެނީ. އެތާ އެންމެ ޒުވާން ކޮށް އެއިނީ މަންމަގެ އެންމެ ގާތް އެކުވެރިޔާ ހަފްސާ. ހަފްސާ ދަރިފުޅަށް ޓިއުޝަން ނަގައިދޭނެ ކުއްޖަކު ނުލިބިގެން ކިޔަނިކޮށް މަންމައަށް ބުނެވިއްޖެ ނަޒޫ އެކަން ކޮށްދީފާނެއޭ. ނޭނގެ ވީ ގޮތެއް. ހަފްސާ އެވާހަކަ ދެއްކިތަނާ މަންމައަށް ހަމަ ހުރެފަ ބުނެވިއްޖެ ނަޒްލާ އެކަން ކޮށްދީފާނެއޭ އީމާއާ ލިލީއަށްވެސް ޓިއުޝަން ދެނީ ނަޒޫއޭ." ފަރޫޝާ ބުނި ވާހަކައިން ނަޒްލާގެ ބޮލުގައި ރިއްސާލިއެވެ. "ނަޒްލާ މިކަން ކޮށްދޭނަން ދޯ. ދެން އަލުން ނޫނެކޭ ބުނަންވީމަ މަންމަ ވަރަށް ލަދުގަންނާނެ. ހާއްސަކޮށް މިހުރިހާ މީހުންތެރޭ. އެބައޮތް ގޮތެއް. އެއީހަފްތާއެއްވަރު ވަންދެން ޓިއުޝަން ނަގާފަ ފަހުން ބަހަނާއެއް ހޯދައިގެން ދުރަށް ދާނީ." ފަރޫޝާ މޮޅިވެރި މޫނަކާއެކު އެދެން ފެށުމުން ނަޒްލާ އެންމެ ފަހުން ބޯ ޖަހައިލިއެވެ. އޭނާ ކިތަންމެ ބޭނުން ނުވިއަސް އެމީހުން ކުރިމަތީ ފަރޫޝާގެވެސް ޤަދަރު ހިފަހައްޓަން މަޖުބޫރުވީއެވެ. އެއާއިލާގެ ޤަދަރަކީ އެގޭގެ އެންމެންނާ ގުޅިފައިވާ އެއްޗެކެވެ.
ނަޒްލާ އެކަމަށް އެއްބަސްވިކަން އެނގިގެން ހަފްސާ އެދުނީ އެދުވަހުން އެރެއިން އެރެއަށް ފަށްޓާށެވެ. ނަޒްލާ ހިތާއި ދެކޮޅަށްވެސް އެއްބަސްވިއެވެ. ކޮލެޖުންވެސް މިދުވަސްކޮޅު އެސައިމެންޓްތައް ގިނަ ކޮށްލައިގެން އުޅޭތީ އޭނާ ކުރިއްސުރެ އުޅެނީ ބޯ ހާސްވެގެންނެވެ. އަނެއްކޮޅުން އަވިކްއާ ދެމީހުންގެ ގުޅުމުގައި ޖެހުނު ކުނި ފިލުވުން ކުރިއަށް އޮތީއެވެ. ނަޒްލާ އިރު އޮއްސުނު ފަހުން އަވިކް ގެއަށް ނައިސްގެން ގުޅާ ގުޅާ ފޯނެއް ނުނެގިއެވެ. އޭނާ އެރޭ ނުވައެއް ޖެހިއިރު ޓިއުޝަން ދޭން ދާންވެގެން އަނެއްކާ ގުޅިއެވެ. މެސެޖެއް ނުކުރީ އެވާހަކަ ބުނާއިރު އަވިކް ބުނާ އެއްޗެއްވެސް ބަލަން ބޭނުން ވެފަ ހުރިވަރުންނެވެ. އޭނާ ނިންމާފައި ގެއަށް އައިސް ވަންތަނާ އާޝިމާ ލޯބޮޑުކޮށްފައި ބުނީ އަވިކް އޭނަ ނުފެނިގެން އުޅުނު ވާހަކައެވެ. އާޝިމާ އެހާ ހާސްވެފައި ބުނުމުން ނަޒްލާގެ ހިތް ތެޅިގަތެވެ. އޭނާ އުދަނގޫ ގޮތަކަށް ހިންދިރުވާލައިފައި ނިކަން ބާރު ބާރަށް ކޮޓަރިއަށް ވަންނަން ދިޔައެވެ. ފޯން ނިވުނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. އަވިކް އެހާ ހާސްވިނަމަ ކުޑަމިނުން ސުދާ ކައިރީ އަހައިލިނަމައޭ އޭނާ ހިތަށް އެރިއެވެ. ނަޒްލާއަށް ދޮރާއި ހަމައަށް ދެވުނު ފަހުން ކުއްލިއަކަށް ހަނދާންވީ އޭނާ އެވާހަކަ ސުދާގެ ކަންފަތާއި ހަމައަށް ނުގެންދާ ކަމެވެ. އޭނާ ސުދާ ކައިރީ ބުނަން ދަނިކޮށް އެކަން ހުއްޓުވީ ފަރޫޝާއެވެ. ފަރޫޝާ ގަޑި ޖެހެނީއޭ ކިޔައި އާދޭސް ކޮށްގެން އޭނާ ފޮނުވައިލީ ސުދާ ކައިރީ އެވާހަކަ ބުނެދޭނެ ކަމަށް ޔަޤީން ކަން ދީފައެވެ.
"ފަރޫޝާދައްތަ ނޭނގެ މަންމަ ކައިރީ ބުނި ކަމެއްވެސް." ނަޒްލާ ތަޅުގައި ހިފާފައި އަމިއްލައަށް ބުނެލިއެވެ. އޭނާ ދޮރު ހުޅުވާލި ވަގުތު އަވިކް އެދިމާއަށް އެނބުރިލީ ފޯނެއްގައި ހުރެފައެވެ. އެވަގުތު އޭނާ ފެނިގެން ފޯނު ތިރި ކޮށްލައިފައި ބާރު ބާރަށް ކައިރިއަށް އަންނަން ފެށުމުން ނަޒްލާއަށް ބިރުން ހުރި ހިސާބަށް ހުއްޓެވުނީއެވެ. އަވިކްގެ ލޮލުގައި ހުރި ވިދުވަރަށް ބަލާފައި އޭނާ ކުރަން ނިންމާފައިވަނީ ކޮންކަހަލަ ކަމެއްކަން ލަފާކޮށްލަންވެސް ނަޒްލާ ނުކުޅެދުނެވެ.